ރާ އްޖޭގައި މި ދުވަސްވަރު ދައްކަމުންދާ އެއް ވާހަކައަކީ، މަދަރުސާތަކުގެ އެޑްވާންސްޑް ލެވެލް ގެ އިމްތިޙާނުތައް އެޑްއެކްސަލް އިން ކޭމްބްރިޖްއަށް ބަދަލުކުރި ވާހަކައެވެ. މި ބަދަލަކީ އެދެވޭ ބަދަލެއްތޯ ނުވަތަ ނޫންތޯ ދެކެވޭ ވާހަކައެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ބޭރުގެ އިމްތިޙާނުތަކުގެ ތާރީޚީ ބަޔާނެއްގެ ތެރެއިން މި މައްސަލައަށެވެ.

ރާއްޖޭގެ މަދަރުސާތަކުގައިި 1940 އާއި 1950 ގެ އަހަރުތަކުގައި ސަރުކާރުގެ ފަރާތުން އިމްތިޙާނުތައް ބާއްވައި، އެއްވަނައަަށް އަންނަ ފަރާތްތައް މާލެ ގެނެސް އިނާމުދޭ ވާހަކަ ”ސަރުކާރުގެ ޚަބަރު“ ކިޔާ ނޫހެއްގައި ވެއެވެ. މިކަން ފެއްޓެވީ މުޙައްމަދު އަމީންގެ ދައުރުގައި އޭނާގެ އެއްގެވުމަކަށް ރަށްރަށުގައި ރައްޔިތުން ހިންގާ މަދަރުސާތައް ޤާއިމްކޮށްގެންނެވެ. އޭގެ ފަހުން 1961 ވަނަ އަހަރު، ސްރީ ލަންކާގެ (އޭރު ނަމަ ސިލޯނުގެ) މަދަރުސާއެއްގެ ފިޒިކްސް ޓީޗަރު މާލެ ގެނެސް، މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި ހަމަޖައްސަވައި، އިނގިރޭސި ބަހުން ކިޔަވައިދޭ ގޮތަށް ނިންމިއެވެ. މީނާގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގެ ބައެއް ދަރިވަރުން ބޭރުގެ އިމްތިޙާނުތަކުގައި ބައިވެރިކުރުމެވެ. އެންމެ ފުރަތަމަ ބައިވެރިކުރީ ލަންޑަން ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެލް.ސީ.ސީ.އައި.) ގެ އިމްތިޙާނުތަކުގައެވެ. އޭގެ ފަހުން ރޯޔަލް ސޮސައެޓީ އޮފް އާޓްސް (އާރު.އެސް.އޭ.) ގެ އިމްތިޙާނުތަކުގައެވެ. މި އިމްތިޙާނުތަކުގައި ބައިވެރިވި ދަރިވަރުންނާއި އެކުދީންގެ ނަތީޖާތައް ”ވިޔަފާރި މިއަދު“ ކިޔާ ނޫހުގެ ފަތްފުތްތަކުގައި ވެއެވެ.

ޔުނިވަރސިޓީ އޮފް ލަންޑަންގެ ބައެއްގެ ގޮތުގައި ހިނގަމުން އައި މަދަރުސާތަކުގެ އިމްތިޙާނުތައް ދޭ ގުނަވަނުގެ (ULEAC = University of London Examinations and Assessment Council) އިމްތިޙާނުތަކުގައި ރާއްޖޭގެ ދަރިވަރުން ފުރަތަމަ ބައިވެރިވީ 1968 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ފުރަތަމަ ބައިވެރިވި ދަރިވަރުންނާއި އެމީހުންގެ ނަތީޖާތައް ވެސް ކުރީން ޙަވާލާ ދެވުނު ނޫހުގައި ވެއެވެ.

ލަންޑަން ޔުނިވަރސިޓީގެ އިމްތިޙާނުތަކުގައި 1968 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަަމައަށް (28 އަަހަރު ވަންދެން) ދިވެހި ދަރިވަރުން ބައިވެރިވަމުން އައެވެ. މިހާ ހިސާބުން، މި އިމްތިޙާނުތަކަށް ވަރަށް ބޮޑު ބަދަލެއް އައެވެ. ULEAC ގެ އިމްތިޙާނުތަކަކީ މަދްރަސީ އިމްތިޙާނުތަކެކެވެ. ވިޔަފާރިއާއި ޓެކްނިކަލް މާއްދާތަކުގެ އިމްތިޙާނުތައް ބާއްވާ އެހެން މަރުކަޒެއް އިނގިރޭސި ވިލާތުގައި މިދުވަސްވަރު ހުރެއެވެ. އެތަނަށް ކިޔަނީ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިޔުކޭޝަން ކައުންސިލް BTEC = Business and Technology Education Council އެވެ. ކުރުކޮށް ބީޓެކް އެވެ.  1996 ވަނަ އަހަރު BTEC އާއި ULEAC އެއްކޮށްލައި، Edexcel އެޑްއެކްސަލް ކިޔާ ކުންފުންޏެއް އުފެއްދިއެވެ. މިހާ ހިސާބުން، އާދެ، 1996 ވަނަ އަހަރުން ފެށިގެން، ޔުނިވަރސިޓީ އޮފް ލަންޑަން އާއި އިމްތިޙާނުތަކާ އޮތް ގުޅުން ކެނޑުނީއެވެ. 2004 ވަނަ އަހަރު، އެޑްއެކްސަލް ޕިއަރސަން ކިޔާބަޔަކާ ގުޅި އަމިއްލަ ކުންފުންޏަކަށް ވިއެވެ. ވިޔަފާރީގެ ގޮތުގައި އިމްތިޙާނުތައް ހިންގާ އެންމެ ބޮޑު އަމިއްލަ ކުންފުންޏަކަށް އެޑްއެކްސަލް ވީ މިދެންނެވި ގޮތުންނެވެ.

މި ބަދަލުތަކާއެކު، އިމްތިޙާނުތަކަށް ވަމުން ދިޔަ ގޮތް، ދިވެހިރާއްޖެއިން ވެސް ދިޔައީ ބަލަމުންނެވެ. އިމްތިޙާނުތަކުގެ ފެންވަރު ދަށްވުމާއި އެޑްއެކްސަލް އާ ކުރަންޖެހޭ މުޢާމަލާތްތައް ދަތިވަމުން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށްވީ، ސިންގަޕޫރުގެ ދަރިވަރުން ފަދައިން، ކޭމްބްރިޖް އިމްތިޙާނުތަކުގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވުމާ މެދު ސަރުކާރުން ވިސްނަމުން ދިޔުމެވެ. މި ކަމުގެ މަޝްވަރާތައް ހިނގަމުން ދިޔައީ ވަޒީރަކަށް ޑރ މުޙައްމަދު ލަޠީފު ހުންނެވި ދުވަސްވަރުގެ ފަހު އަހަރުތަކުގައެވެ. ޑރ ލަޠީފު އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވީ 11 ނޮވެމްބަރު 1993 އިން ފެށިގެން 8 އޮކްޓޯބަރ 2002 އާ ހަމައަށެވެ. ތިރީގައި މިބަޔާންކުރަނީ ޑރ ޢާމާލް ޢަލީ މި ބަަދަލުތައް އައި ސަބަބުތަކާ ބެހޭ ގޮތުން އަޅުގަނޑަށް ފާޅުކުރި ޚިޔާލެވެ. އާމާލް އަކީ އެ ދުވަސްވަރު، ރާއްޖޭގެ އެންމެ ދަރިވަރުން ގިނަ މަދަރުސާކަމުގައިވާ އަމީނިއްޔާ ސްކޫލްގެ ނާޒިރެވެ. އަދި ބާރުގަދަ ވަޒީރެއްގެ އަނބިކަބަލުންނެވެ.  އޭނާގެ މުޅި ދިރިއުޅުން ބިނާވެފައިވަނީ އެ ސްކޫލް ރަނގަޅު ކުރުމުގެ މައްޗަށޭ ދެންނެވުމުން އެއީ އޭނާއަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ.

”އެއް އަހަރަކު،  އަޅުގަނޑު ލަންޑަން އަށް ދިޔަ ފަހަރަކު، އެޑްއެކްސަލްއަށް ގޮސް އެތަނުގެ މެނޭޖަރާ ބައްދަލުކޮށްފީމެވެ. (އެޑްއެކްސަލް އަކީ ވިޔަފާރިއެއް ކަމުގައި ވިއަސް)، އޭނާއަކީ ތަޢުލީމަށް ލޯބިކުރާ މީހެއް ކަމުން އަޅުގަނޑު ހޭލައްވާލި ދެ ވާހަކައެއް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ވާހަކައަކީ އެޑްއެކްސަލްގެ ސަމަރ (ހޫނު މޫސުމުގެ) އިމްތިޙާނުތަކަށް އެންމެ ގިނައިން އިޝްތިރާކު ދައްކާ ބަޔަކީ (އެންމެ ގިނައިން އެ އިމްތިޙާނުތަކުގައި ބައިވެރިވާ ފަރާތަކީ) ދިވެހިރާއްޖެ ކަމެވެ. ދެވަނަ ވާހަކައަކީ އިނގިރޭސިބަހުން ފާސްވަނީ އެންމެ %3 ކަމަށް ވާއިރު، މި އިމްތިޙާނާއި ރާއްޖެއާ ނުގުޅޭ ވާހަކައެވެ. {ދަރިވަރުންގެ ތެރެއިން ގިނަ ބަޔަކު ފޭލިވާ އިމްތިޙާނަކީ ދަށު ސާނަވީއަށް ކަމުނުދާ އިމްތިޙާނެއް ކަމެވެ.}

އަޅުގަނޑު ކޭމްބްރިޖް އަށް ތާއީދުުކުރާ އަނެއް ސަބަބަކީ އިމްތިޙާނުތަކުގެ މާކިން ސްކީމްއާއި މުދައްރިސުންގެ ތަމްރީނަށް ވެސް އެތަނުން އެހީތެރިވާތީއެވެ.“

ޑރ ޢާމާލް ޢަލީ އަކީ އެޑްއެކްސަލް އިން ކޭމްބްރިޖް އަށް ދަށު ސާނަވީ އިމްތިޙާނުތައް ބަދަލުކުރުމަށް ބާރު އެޅި އެއް ފަރާތެވެ. އެެންމެ ފުރަތަމަ ކޭމްބްރިޖް އިމްތިޙާނުތަކުގައި ދިވެހި ދަރިވަރުން ބައިވެރިވީ 2003 ވަނަ އަހަރު އެވެ. މި ދުވަސްވަރު މިނިސްޓަރަކަށް ހުންނެވީ އިސްމާޢީލް ޝަފީޢު އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 9 އޮކްޓޯބަރ 2002 އިން ފެށިގެން 10 ނޮވެމްބަރ 2003 އާ ހަމައަށެވެ. އިމްތިޙާނަށް އައި ބަދަލަށް ބެލެނިވެރީން ހޭލުންތެރިކުރުވަން، ޑރ ޙަސަން ޙަމީދާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އިގްޒަމިނޭޝަންސްގެ ވެރިޔާ، އފއ ޚަދީޖާ އާދަމް، އަމީނިއްޔާ ގައި އޮތް ބެލެވެރީންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަން ގެންދެވި ވާހަކަ އާމާލް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސައިންސް އެޑިޔުކޭޝަން ސެންޓަރގައި (ފަހުން ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައި)  ޚިދުމަތް ކުރެއްވި، އަލްފާޟިލާ ފާޠިމަތު ޢާމިރާ ވިދާޅުވީ، ކޭމްބްރިޖް އަށް ދަށު ސާނަވީ އިމްތިޙާނުތައް ބަދަލުކުރުމަށް ބޭނުންވި އެއް ސަބަބަކީ، ކޭމްބްރިޖް އިމްތިޙާނުތައް ކުޑަކޮށް އަގުހެޔޮވީމައެވެ. އިމްތިޙާނުތަކުން ގިނަ ކުދީން ވަނީ ފެއިލްއެވެ. ވީމާ، އަގުހެޔޮ އިމްތިޙާނެއްގައި ބައިވެރިވުމުން އިޤްތިޞާދީ މަންފާއެއް ކުރެއެވެ. އިމްތިޙާނުކުރާ ތަން ބަދަލުވުމަކުން ވަކި ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ. މިކަން ތިރީގައި އެވާ ތާވަލުން ފާހަގަ ކުރެއްވޭނެއެވެ. 2002 ވަނަ އަހަރު ކޭމްބްރިޖު އިމްތިޙާނުތަކުން ފާސްވެފައިވަނީ އެވަރިޖްކޮޮށް  %30 ދަރިވަރުންނެވެ. މި ހިސާބުތައް ނަގާފައިވާ ރިޕޯޓު ތަޢުލީމާ ބެހޭ އަޅުގަނޑުގެ ވެބްޕޭޖްގައި ވެއެވެ.

މާ ގިނަ އަހަރުތަކެއް ނުވެ، ބެލެނިވެރީންނާއި މުދައްރިސުން މި ބަދަލަށް ހޭނި، ހަމަހިމޭން ވެއްޖެއެވެ. މި ބަދަލަށް އަޅުގަނޑު ތާއީދުކުރީމެވެ. އަޅުގަނޑު ތާއީދުކުރީ ތިން ސަބަބަކާ ހެދިއެވެ. ފުރަތަމަ ސަބަބަކީ، ގިނަ އަހަރުތަކެއް ވަންދެން، އޯލެވެލް ފެންވަރުގެ ފިޒިކްސް ކިޔަވައިދިނުމުގައި އަޅުގަނޑު އުޅުނުއިރު، ސިންގަޕޫރުގެ ދަރިވަރުން ބޭނުންކުރާ ގިނަ ސްޓަޑީ ގައިޑްތައް އަޅުގަނޑު ގެންގުޅުނީމެވެ. އަޅުގަނޑަށް މި ގައިޑްތަކުން ފާހަގަކުރެވުނީ، އެޑްއެކްސަލްގެ އިމްތިޙާނަށް ވުރެ، ކޭމްބްރިޖް އިމްތިޙާނު، ޒަމާނާއި މަކާނާ ގުޅޭ ކަމެވެ. އެޑްއެކްސަލްގައި ނެތް މުހިއްމު މައުޟޫޢުތައް ކޭމްބްރިޖް އިމްތިޙާނުގައި ހިމެނޭ ކަމެވެ. ދެވަނަ ސަބަބަކަށްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ޒަމާންވީ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، ކޭމްބްރިޖް އިމްތިޙާނުތަކުގެ ސްޓަޑީގައިޑްތަކާއި އެހެނިހެން އެހީތައް ދިވެހިރާއްޖެއަށް ފަސޭހައިން ލިބޭނޭ ކަމެވެ. ފަހެ، ސިންގަޕޫރުގައި ޢާއްމުން ވަންނަ ކޮންމެ ފޮތް ފިހާރައެއްގެ ދޮރުމަތީގައި އެންމެ ހާމަކޮށް ބޮޑުކޮށް އަތުރާފައި ހުންނަނީ ފްރައިމަރީ ސްކޫލް ލީވިން ސެޓިފިކެޓާއި ކޭމްބްރިޖް އިމްތިޙާނުތަކުގެ ސްޓަޑީ ގައިޑްތަކެވެ. ތިންވަނައަށް އަޅުގަނޑު ތާއީދުކުރި ސަބަަބަކީ، ޕްރައިވެޓް ކުންފުނިތަކުން ހިންގާ އިމްތިޙާނުތަކުގެ ފެންވަރާއި ހިންގުމުގެ ހަމަތަކަށް އަޅުގަނޑުގެ  އިތުބާރު ކުޑަކަމެވެ. ކޮންމެ ވިޔަފާރި ކުންފުންޏެއްގެ އެންމެ ބޮޑު ދެ މަޤްޞަދަކީ ނަފާ އިތުރުކުރުމާއި ކުންފުނީގެ ނަމުގެ އަގު މަތިކުރުމެވެ. ސިންގަޕޫރު ފަދަ، ތަޢުލީމީ ގޮތުން އެންމެ އިސް ސަފުގައި ހިމެނޭ ގައުމެއްގެ ހޮވުމެއް ދެވަނަ ދަރަޖައިގައި ނުހިމެނޭނޭ ކަމެވެ. ގިނަ ކުދީން ފޭލިވާ ނަމަ، އަގުހެޔޮ އިމްތިޙާނަކުން އިސްރާފުވާ ވަރު ކުޑަވާނެކަމެވެ.

މިހެން މިކަން ވެފައިވަނިކޮށް، އެޑްއެކްސަލް އިން އިމްތިޙާނުތައް ދެކުނު އޭޝިއާގައި ވިލަރެސްކުރުން ފަހިކުރުމުގެ މަޤްޞަދުގައި، އިންޑިޔާގައި އެޑްއެކްސަލްގެ އޮފީހެއް ހުޅުވައި، ރާއްޖޭގެ އިމްތިޙާނުތައް ބެލެހެއްޓުމަކީ އެތަނުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނިންމީ 2002 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގެ ދަރިވަރުން އެންމެ ފަހުން އޯލެވެލް އެޑްއެކްސަލްގައި ބައިވެރިވި އަހަރެވެ. މި އަހަރު، އިންޑިއާގައި ހުންނަ އެޑްއެކްސަލްގެ ރެޕްރެޒެންޓޭޓިވް މާލެއައެވެ. އޭނާ، އަޅުގަނޑާ ބައްދަލުކުރިއެވެ. އޭނާ ބުނީ އެޑްއެކްސަލްގެ މަންދޫބެއްގެ ގޮތުގައި ވަޒީފާލިިބިގެން ފުރަތަމަ މާލެ ފޭބުމުން އެންމެ ކުރިން ލިބިގެން ދިޔަ ޚަބަރަކަށް، ދަށު ސާނަވީ އެޑްއެކްސަލް އިމްތިޙާނުތަކުގައި ދިވެހިރާއްޖެއިން ބައިވެރިނުވާން ނިންމި ވާހަކަ އިވި ސިހިގެން ގޮސް ވަރަށް ދެރަވި ވާހަކައެވެ. އަޅުގަނޑު ދެންނެވީ ބީޓެކް ގެ އިމްތިޙާނުތަކުގައި އާއި އޭލެވެލް ފެންވަރުގެ އިމްތިޙާނުތަކުގައި އަދިވެސް ދިވެހިރާއްޖޭގެ ދަރިވަރުން އެޑްއެކްސަލްގައި ބައިވެރިވާނޭ ކަމެވެ. {ނޭދެވޭ އަސަރެއް ދިވެހިރާއްޖެއަށް ނުކުރާނޭ ގޮތުގެ މަތީން، އިމްތިޙާނު ބަދަލުުކުރި އިރު އެކަން އެޑްއެކްސަލްއަށް އެންގީ 2002 ވަނަ އަހަރުގެ ޖަނަވަރީ މަހު އޮތް އިމްތިޙާނުގެ އޯ ލެވެލް ފެންވަރުގެ ހުރިހާ ނަތީޖާތައް ލިބި ކޭމްބްރިޖްއާ މުޅީން ގުޅުމަށް ފަހުއެވެ.}

އެޑްއެކްސަލް އިން ކޭމްބްރިޖްއަށް ދަށު ސާނަވީ ބަދަލުކޮށްފިއެވެ. އަހަރުތައް މަޑުމަޑުން ފާއިތުވަމުން ދެއެވެ. ނާޒިރުންނާއި މުރައްބީން (ކިޔެވުމާއި ތަރުބިއްޔަތުގެ މާހިރުން) ކުރަމުން ދިޔަ ސުވާލަކީ، ދަށު ސާނަވީ އިމްތިޙާނުތައް ކޭމްބްރިޖުން ގަންނަ ނަމަ، މަތީ ސާނަވީ އިމްތިޙާނުތައް ކޭމްބްރިޖުން ނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ރަނގަޅު ސުވާލެކެވެ. ބުއްދީގެ ހަމަތަކުން ބަލާއިރު، ދެ ފެންވަރުގެ މުޤައްރަރުތަކުގެ ގުޅުން، އެ މުޤައްރަރުތައް އެކުލަވައިލީ އެއް ތަނަކުން ކަމުގައި ވަނީނަމަ، މާ ބޮޑަށް ލާ މެހި ގުޅިފައިވާނެއެވެ. މަތީ ސާނަވީ ކޭމްބްރިޖަށް ބަދަލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކަށްވީ، ޕްރެކްޓިކަލް އިމްތިޙާނެވެ.

މާޒީގައި ތަޢުލީމަށް ކުރެވިފައިވާ ހޭދަކުޑަކަމުން، މަތީ ސާނަވީ ގެ ބައެއް މާއްދާތަކުގެ އިމްތިޙާނުތަކުގައި ހިމެނޭ ޕްރެކްޓިކަލް (ޢަމަލީ) އިމްތިޙާނުތައް ހިންގުމަށް ރާއްޖެ ނުކުޅެދުންތެރި ވެފައި ވިއެވެ. ގިނަ ފަހަރު، ޕްރެކްޓިކަލް އިމްތިޙާނަށް ބޭނުންވާ ކެމިކަލްތަކާއި އެހެން ސާމާނުތައް ގެންނަންޖެހެނީ ވަރަށް ކުއްލިގޮތަކަށް ރާއްޖެއިން ބޭރުންނެވެ. ޕްރެކްޓިކަލް އިމްތިޙާނު ކަރުދާސް، ރާއްޖެއިން އެ އިމްތިޙާނު ވިލަރެސް ކުރާ ”ލޯކަލް  އެސިސްޓަންޓް އިގްޒަމައިނަރ“ އަށް ލިބުމަށް ފަހު އެވެ. މި އިމްތިޙާނަކީ، އުނގެނުމުގެ ފެންވަރު ދެތުމަށް ވަރަށް މުހިއްމު އިމްތިޙާނެކެވެ. މި އިމްތިޙާނުގެ ބަދަލުގައި ލިޔާ އިމްތިޙާނެއް، ބޭނުން ނަމަ، އިޚްތިޔާރު ކުރެވިދާނެއެވެ.

ތަކެތި ހޯދުމަށް ދިމާވާ ދަތިކަން ބޮޑުވިއަސް، ސަރުކާރުން ނިންމައިފައިވީ ޕްރެކްޓިކަލް އިންތިޙާނު ހިންގުމަށެވެ. ތަޢުލީމީ ސަބަބުތަކަށްޓަކައެވެ. މާލޭގައި  މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭ މަދަރުސާ، ސައިންސް އެޑިޔުކޭޝަން ސެންޓަރ/ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން 12 އަހަރު ވަންދެން ހިންގެވި ފާޠިމަތު ޢާމިރާ، އެތަނުން ވަކިވެވަޑައިގެން އަހަރު، 2009  ގެ ފަހުން، ޕްރެކްޓިކަލް އިމްތިޙާނުގެ ބަދަލުގައި ލިޔާ އިމްތިޙާނު ގައި ބައިވެރިވަމުން ގޮސްފައިވާ ކަން ފާހަގަކުރެވެއެވެ. ޕްރެކްޓިކަލް އިމްތިޙާނު ހިންގުމުގެ ”ބޮލުގެ ރިހުން“ ފަސޭހަވީއެވެ. އުނގެނުމުގެ ފެންވަރުގެ ވާހަކައަކީ އަދި އެހެން ވާހަކައެއް ނޫންތޯއެވެ؟ ކޭމްބްރިޖްގައި ޕްރެކްޓިކަލް އިމްތިޙާނަކީ މަޖުބޫރު އެއްޗެކެވެ. ޕްރެކްޓިކަލްގެ ބަދަލުގައި ލިޔެގެން ހެދޭ އިމްތިޙާނެއް ކޭމްބްރިޖަކު ނޯވެއެވެ.

އޭގެ ފަހުން، ކޭމްބްރިޖްއަށް ބަަދަލުވުމުގެ ވާހަކަތައް އެކި ޖަލްސާތަކުގައި، ދެކެމުން ގޮސްފައި ވެއެވެ. އަދި، ފާޠިމަތު ޢާމިރާ ވިދާޅުވިގޮތުގައި، ކޭމްބްރިޖުން ވެސް، އޭ ލެވެލް އިމްތިޙާނުތައް ވިއްކަން ރާއްޖެއައިސްފައި ވެއެވެ. ބަދަލުވުމުގެ ވާހަކަ ދެކެވުނު އެންމެ ފަހުގެ އެންމެ ބޮޑު ޖަލްސާއަކީ،    2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 އިން 29 އަށް ދަރުބާރުގޭގައި މަދްރަސީ މަންހަޖާ ބެހޭ ގޮތުން ބޭއްވި ”ކަރިކިޔުލަމް ސިމްޕޯޒިއަމް“ އެވެ. މި ސިމްޕޯޒިއަމްގައި، ފާޑުވެރި ނަޒަރަކުން ތަޢުލީމީ ނިޒާމާ މެދު އަޅުގަނޑު ދެއްކި ވާހަކަ، މިލިޔުމަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. މިއަށް ފަހު މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި، ނާޒިރުންގެ އެކި ބައްދަލުވުންތަކުގައި ކޭމްބްރިޖް އޭ-ލެވެލްގެ ވާހަކަ ދެކެވިފައި ވިއެވެ. އަދި، ޕްރައިވެޓް ސްކޫލްތަކުން ކޭމްބްރިޖް އިމްތިޙާނުތަކުގައި ބައިވެރިވަމުން ދެއެވެ. މިގޮތުން 2022 ވަނަ އަހަރު، 58 ދަރިވަރަކު ކޭމްބްރިޖް އޭ-ލެވެލްގައި ބައިވެރިވެފައި ވެއެވެ. ބައިވެރިވި ސްކޫލްތަކުގައި ތެރޭގައި  މަދްރަސަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާ އާއި ބިލަބޮން ހައި އާއި ބްރައިޓްވޭ އިންޓަރނޭޝަނަލް ހިމެނެއެވެ.

އިމްތިޙާނުތައް ގަންނަ ތަން ބަދަލުވުމުން ނަތީޖާތައް ބަދަލުވާނެ ހެއްޔެވެ؟

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ހަ ތަނަކުން މަތީ ސާނަވީ ފެންވަރުގެ އިމްތިޙާނުތައް ހިންގައެވެ. މިތަންތަނުގެ އިމްތިޙާނުތަކުގެ ފެންވަރު ކިހާ ތަފާތުވާނެތޯ އެވެ؟ ބޮޑު ތަފާތެއް ވާ ނަމަ، އިނގިރޭސިވިލާތުގައި މި ކިޔެވެއްޔަށް ފަހު، %45 ދަރިވަރުން ކިޔެވުމަށް ކުރިމަތިލާ ޔުނިވަރސިޓީތަކުން އެކަމާ މެދު ފިޔަވަޅެއް އަޅާނެއެވެ. ވަކި ތަނެއް މޮޅުކަމަށް ނުވަތަ ދެރަކަމަށް ބުނާނެއެވެ. މިކަން ދަސްވެނިވާ ދަރިވަރުންގެ ނިސްބަތުން ފާހަގަވާނެއެވެ. މީގެ އިތުރަށް އިމްތިޙާނު ކުރާ ތަނަކުން އިމްތިޙާނަކަށް ގެންނަ ބަދަލަކުން ވަކި ތަނެއްގެ އިމްތިޙާނުތައް ވިކޭ މިންވަރު ގިނަ ނަމަ އެހެން ތަންތަނުން ވެސް އެބަދަލު ގެންނާނެއެވެ. މިއީ އެހެން ވިޔަފާރީގައިވެސް ކަންކަން ވާނޭ ގޮތެވެ.

މި ވާހަކަ މިދަންނަވާލީ، ހަމަ ބުއްދީން މައްސަލަ ދެނެގަތުމަށެވެ. ޙަޤީޤަތުގައި ކަންވާ ގޮތް އަޅުގަނޑު ދެންނެވުމުގެ ކުރީން، ކިޔުން ތެރީންނަށް އަޅުގަނޑުގެ ބައެއް ތަޖުރިބާ ޙިއްޞާކޮށްލާނަމެވެ. އަޅުގަނޑަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުން އުނގެނުން ވަޒަންކުރުމާއި އިމްތިޙާނުކުރުމުގެ ހުނަރުތައް ދަސްކޮށް، އެ މާއްދާ ކިޔަވައިދިނުމުގައި އުޅެފައިވާ މީހަކީމެވެ. ކަމާ ބެހޭ ވާކްޝޮޕްތައް ހިންގައިފައިވާ މީހަކީމެވެ. ޖޫނިއަރ ސްކޫލް ސެޓިފިކެޓް ރާއްޖޭގައި ހިންގި ހުރިހާ އަހަރަކު، އެ އިމްތިޙާނުތަކުގެ ހިސާބު  ނުވަތަ ސައިންސް ޕޭޕަރު އެކުލަވައިލަނީ ނުވަތަ އޭގެ ފެންވަރު ހަމަޖައްސަނީ (މޮޑަރޭޓްކުރަނީ) އަޅުގަނޑެވެ. މީގެ އިތުރަށް، އޯ ލެވެލް އަދި އޭ ލެވެލް އެތައް އިމްތިޙާނު އިންވިޖިލޭޓްކޮށް، މުޅި އިމްތިޙާނުގެ ސްޕަރރިންޓެންޑެންޓް އަކަށް އަޅުގަނޑު އުޅުނީމެވެ. ބައެއް ފަހަރު، އޭ ލެވެލް ފިޒިކްސް އިމްތިޙާނުގެ ލޯކަލް އެސިސްޓަންޓް އިގްޒަމައިނަރއަކަށް ހަމަޖެއްސުމުން، ދަރިވަރުން ހަދާ އިކްސްޕެރިމަންޓްތައް ސެޓަޕްކުރުމަށް އުޅެފައި ވެއެވެ.  އަޅުގަނޑު އެންމެ ފަހުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އިގްޒަމިނޭޝަންސްއަށް ކޮށްދިން ކަމަކީ، އެއް އަަހަރަކު، އެސް.އެސް.ސީ. ދިވެހި އިމްތިޙާނުގެ ކަރުދާސްތައް ފެތުރުނުކަމަށް ބަލައި، އައު އިމްތިހާނު ކަރުދާހެއް ތައްޔާރުކޮށްދިނުމެވެ.  އަޅުގަނޑަކީ ދިވެހިބަސް ކިޔަވައިދިނުމުގައި އުޅޭ މީހަކަށް ނުވިއަސް، ގަވާއިދުތައް ހިފެހެއްޓުމުގައި އެ ޑިޕާޓްމަންޓްގެ އިތުބާރު އަޅުގަނޑަށް ލިބިފައި ވިއެވެ. މީގެ އިތުރަށް ޖޫނިއަރ ސްކޫލް ސެޓިފިކެޓް އިމްތިޙާނު ހިންގި އެންމެ ފަހު އަހަރު، އެ  އިމްތިޙާނުގެ ކޯޑިނޭޓަރަކަށްވީ އަޅުގަނޑެވެ. އިމްތިޙާނުގެ ނަތީޖާތައް ސާފުކޮށް، ސްޓޭންޑަޑައިޒްކުރީ އަޅުގަނޑެވެ.

މި ތަޖުރިބާގެ މައްޗަށް ބުރަވެ، އިމްތިޙާނުގެ ނަތީޖާތައް ހަދާ ގޮތާ މެދު، އަޅުގަނޑު އެއްޗެއް ދަންނަވާލާނަމެވެ. ކިތަންމެ ވަރަކަށް އެއްވަރު ކުރަން އުޅުނަސް، ދެ އަހަރެއްގެ އެއް މާއްދާއެއްގެ އިމްތިޙާނު އެއް ފެންވަރެއްގައެއް ނުހެދެއެވެ. މިކަން ފާހަގަވެގެން ދަނީ އިމްތިޙާނުގެ ނަތީޖާތައް މާކުކުރުމުންނެވެ. އެހެންކަމުން، މި ފެންވަރުގެ ތަފާތަށް ރިއާޔަތް ކުރުމުގެ ގޮތުން، ނަތީޖާތައް ހިސާބުތަކެއް ބޭނުންކޮށްގެން އެހެން އަހަރުތަކާ އެއްގޮތް ކުރެއެވެ. މިހެން ހެދުމަށް ކިޔަނީ ”ސްޓޭންޑަޑައިޒް“ ކުރުމެވެ. މިހެން ހެދުމުން، ގިނަ ކުދީންގެ ނަތީޖާތައް ބަދަލުވެގެން ދާނެއެވެ. އެންމެ މަތީ ނަތީޖާ އާއި އެންމެ ދަށު ނަތީޖާ ބަދަލެއް ނުވާނެއެވެ. މިސާލެއްގެ ގޮތުން ނަމަ، މިއީ ސޯޓަށް ލައްވާ އިލާސްޓިކު ފީތާއެއްގައި ހުރިހާ ނަތީޖާތައް ލިޔެ އެހެން އަހަރުތަކުގެ ނަތީޖާތަކާ އެއްވަރަށް އެ ފީތާ ދަމާލުމެވެ. ނުވަތަ ކުރުގަޅުވާލުމެވެ.

މިކަމުގެ ސަބަބުން، ކޮންމެ އަހަރަކު، A ގްރޭޑް ލިބޭ ދަރިވަރުންގެ ނިސްބަތް އުޅޭނީ އެއްވަރެއްގައެވެ. މިސާލެއްގެ ގޮތުން A ގްރޭޑް ލިބޭނީ އެންމެ މޮޅު 10 އިންސައްތަ ނަތީޖާއަށެވެ. އިމްތިޙާނު ފަސޭހަ ވިއަސް، އަދި އުނދަގޫ ވިއަސް، ގްރޭޑް ލިބޭ މިންވަރު އޮންނާނީ މި ނިސްބަތަށެވެ. މި ނިސްބަތް ބަދަލުކުރާނީ، އާދަޔާ ޚިލާފު ސަބަބުތަކެއް މެދުވެރިވެގެންނެވެ. ތިރީގައި އެވަނީ މިސާލެކެވެ. ޗާޓުން ދައްކައިދެނީ  އިނގިރޭސި ވިލާތުގައި މަދުވެގެން އެއް A* A އޭ-ލެވެލް ލިބުނު ދަރިވަރުންގެ ނިސްބަތެވެ. ފާހަގަ ކުރެއްވޭނޭ ކަމަކީ މި ނިސްބަތް އުޅެނީ ގާތްގަޑަކަށް %25 ގައި ކަަމެވެ. ނަމަވެސް، ކޮވިޑް އާ ގުޅިގެން އޭ ލިބޭ ދަރިވަރުންގެ ނިސްބަތް އާދަޔާ ޚިލާފަށް މަތިކޮށްފައި ވެއެވެ. މިއީ އިމްތިޙާނުގެ ފަސޭހަ ކަމެއް ނޫނެވެ. ދަރިވަރުން މޮޅުވުމެއް ނޫނެވެ. އެކި ސަބަބުތަކާ ހުރެ  ގްރޭޑް ލިބޭ ނިސްބަތް މަތިކުރުމަށް ކިޔަނީ ”ގްރޭޑް އިންފްލޭޝަން“ އެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އިގްޒަމިނޭޝަންސް ހިންގަން މި ބަދަލުތައް އައި ދުވަސްވަރު ހުންނެވި އިސްވެރިޔާ، ބައެއް އަހަރުތަކުގައި އެސް.އެސް.ސީ. ދިވެހި އަދި އިސްލާމްގެ ކަރުދާސް އުނދަގޫވެގެން، ވަޒީރުގެ އަމުރަށް ގްރޭޑްތައް މަތިކުރިކަމަށް އަޅުގަނޑުގެ ކައިރީގައި ވިދާޅުވެފައި ވެއެވެ.

މަތީގައި އަޅުގަނޑު މި ދެންނެވި ވާހަކަތަކުން، ކިޔުންތެރީންނަށް އޮޅުން ފިލާނެ ކަމަކީ، އިމްތިޙާނުތަކުގެ ނަތީޖާތައް އެއް އަހަރުން އަނެއް އަހަރަށް މާ ބޮޑަށް ބަދަލުނުވާކަމެވެ. ކަމަކީ އިމްތިޙާނުގެ ފަސޭހަ ކަމާ ނުވަތަ އުނދަގޫކަމާ ގުޅޭ ކަމެއް ނޫނެވެ. ކަމަކީ އެކި ގްރޭޑް ދޭނޭ ނިސްބަތަށް ބަރޯސާވާ ކަމެކެވެ. މިހެން ދެންނެވިއަސް، އެކި ގްރޭޑް ލިބޭ ނިސްބަތް ވޭތިވެދިޔަ އަހަރުތަކުގައި ވަނީ މައްޗަށް ގޮސްފައެވެ. މިއީ ޤަޞްދުގައި ކޮށްފައިވާ ކަމެކެވެ. މި ވާހަކަތައް މިއަށް ވުރެ އިތުރަށް މި ޖުމުލައަށް ފިތާލުމުން ފެނިވަޑައިގަންނަވާ ޕޭޖްގައި، ތަފްޞީލްކޮށް ބަޔާންކޮށްފައި ވެއެވެ.

އަޅުގަނޑުގެ މިވާހަކަތަކުގެ މަޠްލަބަކީ، އިމްތިޙާނު ނިސްބަތްވާ ކުންފުނި ބަދަލުވެގެން، އިމްތިޙާނުތަކަށް މާބޮޑު އަސަރެއް ނުކުރާނޭ ވާހަކަ ދެންނެވުމެވެ.

.

ފައިސާ އާއި އިމްތިޙާނުތައް

މައިގަނޑު ގޮތެއްގައި، ސެކަންޑަރީ އިމްތިޙާނުތަކަކީ، އެކި ތަންތަނުން ވިޔަފާރިއަށް ވިއްކާ އެއްޗެކެވެ. އަދި ތަކެތީގެ އަގޮބޮޑުވާ ބީދައިން ކޮންމެ އަހަރަކު، އިމްތިޙާނުތަކުގެ އަގު ބޮޑުވަމުން ގޮސްފައި ވެއެވެ. މިސާލެއްގެ ގޮތުން، 2020 ގައި އޭ ލެވެލް އެކައުންޓިން އިމްތިޙާނުގެ ފީއަކީ 121 ޕައުންޑެވެ. 2022 ގައި މި ފީއަކީ 139 ޕައުންޑެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި، 18 ޕައުންޑްގެ ބޮޑުވުމެކެވެ. އެޑްއެކްސަލްގައި، ފީތައް ކަނޑައަޅާފައި ހުންނަނީ އެކި މާއްދާތަކަށް އެކި ވަރަށެވެ. ސައިންސް އާއި ހިސާބުގެ މާއްދާތަކުގެ އަގު ސަފުން ބޮޑުވާނެއެވެ. މިއާ ޚިލާފަށް ކޭމްބްރިޖް އިމްތިޙާނުތަކުގެ ފީތައް ޑަބަލް ކުޑަވާނެއެވެ. އަދި ހުރިހާ މާއްދާއަކަށް ހުންނަނީ އެއް ފީއެކެވެ. މިސާލެއްގެ ގޮތުން، 2022 ވަނަ އަހަރު ހިސާބަށް އެޑްއެކްސަލްއަށް 166 ޕައުންޑް ދައްކަން ޖެހޭއިރު، ކޭމްބްރިޖުން ނަގަނީ 81 ޕައުންޑްގެ ފީއެކެވެ. މި ސަބަބުތަކަށް ޓަކައި، ކޭމްބްރިޖް އިމްތިޙާނަކީ ކުރާ ޚަރަދާ އަޅާ ބަލާއިރު ލިބޭ މަންފާ ބޮޑު އިމްތިޙާނެކެވެ.

އިމްތިޙާނުތަކަށް ވާންވީ ކިހިނެއް؟

ރާއްޖޭގެ މުރައްބީން ދަށު ސާނަވީ އިމްތިޙާނުތައް ރާއްޖޭގައި އުފައްދާ އެއްޗަކަށް ހެދުމުގެ ވާހަކަތައް ދައްކާތާ މިހާރު ތިރީހަކަށް އަހަރު ވެދާނެއެވެ. އެސް.އެސް.ސީ. ދިވެއްސާއި އިސްލާމް އަކީ މިހާރު ވެސް ރާއްޖޭގެ އިމްތިޙާނެވެ. އޭ ލެވެލްއަށް ރާއްޖޭގައި ނުކިޔަވައިދޭ ޒަމާނުގައި، ބޭރުގެ ދަށު ސާނަވީ އިމްތިޙާނުތަކަކީ އޭގެ މަޤްބޫލްކަމަށްޓަކައި މުހިއްމު އެއްްޗަކަށް ވެދާނެއެވެ. ނަމަވެސް، އޭ ލެވެލް އަށް ކިޔަވައިދޭން ފެށުމަށް ފަހު، ހުރިހާ މާއްދާތަކެއް ރާއްޖޭގެ އިމްތިޙާނުތަކަށް ހެދުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އެސް.އެސް.ސީ. ހިސާބާއި އިނގިރޭސި ބަސް އަދި މި ނޫން އެހެން މާއްދާތައް ތަޢާރުފު ކުރެވިދާނެއެވެ. މިކަމުގެ މައިގަނޑު ދެފައިދާ އެއް ވެއެވެ. ފުރަތަމަ ފައިދާއަކީ، މަންހަޖު ކޮންޓްރޯލް ކުރަނީ އިމްތިޙާނުންކަމަށްވާތީ، ރާއްޖޭގެ އިމްތިޙާނުތައް ނަމަ، މަންހަޖު ދިވެހި ވެއްޓާއި ދަރިވަރުންގެ ދިރުއުޅުމާއި މުސްތަޤްބަލާ ބޮޑަށް ގުޅުވޭނެތީއެވެ. ބޭރު އިމްތިޙާނުތަކުގައި ރާއްޖޭގެ ދަރިވަރުން އިށީންނަހާ ހިނދަކު، މަންހަޖު ކޮންޓްރޯލްކުރަނީ ބޭރު ފަރާތްތަކުންނެވެ. ދެވަނަ މަންފާއަކީ، މިކަމުން ބޭރު ފައިސާ ބޭރުވާލެއް ކުޑަވެފައި، ރާއްޖޭގެ ފުދުންތެރިކަމާއި ހުނަރު އިތުރުވެގެންދާނެކަމެވެ.

މުރައްބީންގެ ޚިޔާލާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ފިކުރަކީ، ބައިނަލްއަޤްވާމީ ބަލައިގަތުން ކުޑަވާނެކަމެވެ. މިއީ އެއް އިރެއްގައި ތެދަކަށް ވެދާނެއެވެ. ނަމަވެސް، ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަކީ މި ޒަމާނުގައި ވިޔަފާރި ކުންފުނިތަކަކަށް މިހާރު ވަނީ ވެފައެވެ. ދަރިވަރެއް ކޮެލެޖަކަށް ވަންނަން ބޭނުން ނަމަ، އެފަރާތްތަކުން ރާއްޖޭގެ ސަނަދުތައް ޤަބޫލުކުރާނީ ޖެހިލުމެއް ނެތިއެވެ. ދާޚިލީ ސަނަދުތަކަށް ތާއީދު ނުކުރާ ބެލެނިވެރީން، އެމީހުންގެ އަމިއްލަ ޚަރަދުގައި ބޭރު އިމްތިޙާނުތަކުގައި ދަރިވަރުން ބައިވެރިކުރެވިދާނެއެވެ. ދަށު ސާނަވީގައި މި ތަޖުރިބާތައް ކުރުމަށް ފަހު، ބޭނުންނަމަ، އޭ ލެވެލް އިމްތިޙާނުތައް ވެސް ރާއްޖޭގެ އިމްތިޙާނުތަކަކަށް ހެދިދާނެއެވެ.

ދިމާވާ ހުރަސްތަކަކީ ކޮބައި؟

ވިހި ވަނަ ޤަރުނުގެ ފަހުކޮޅުގައި، 1980 އާއި 1990 ގެ އަހަރުތަކުގައި، ރާއްޖޭގެ ތަޢުލީމު ދިޔައީ ކުރިއަށެވެ. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މަދު ބައެއްގެ މަސައްކަތުން މި ޒަމާނުގައި ބޭރު ފަރާތަކާ ހަވާލުކުރާ ކަންކަން ކުރަމުން ދިޔައީ ދިވެހީންނެވެ. ހިލެއެވެ.

ދެން އައީ 2000 ގެ އަހަރު ތަކެވެ. މި އަހަރުތަކުގައި، ސިޔާސީ ކަންކަން ތަޢުލީމުގެ ތެރައަށް ވަރަށް ބޮޑަށް ވަދެ، ފަންނީ މީހުންގެ މުސާރަ ކުޑަވެ، ސިޔާސީ މީހުންގެ މުސާރަތައް ބޮޑުވެފައި ވިއެވެ. މިކަމުގެ ސަބަބުން ފަންނީ މީހުން ޕަބްލިކް ސާރވިސް އިން ގެއްލިއްޖެއެވެ. އެމީހުންވީ ސިޔާސީ މީހުންނަށެވެ. މި މީހުންވީ އެކި ދުވަސްވަރު، ފެނި ގެއްލިދާ ބަޔަކަށެވެ. މިއާއެކު، ތަޢުލީމީ ނިޒާމުގެ މުސްތަޤްބަލް ކަނޑައެޅެނީ ގިނަވެގެން ފަސް އަހަރަށެވެ. ސަރުކާރު ބަަދަލުވުމުން، އިސްކަންދޭ ކަންކަން ބަދަލުވެ، ތަޢުލީމީ ނިޒާމަަށް ވަރަށް ބޮޑު އުރުއްޓުމެއް އާދެއެވެ. {އުރުއްޓުމަކީ އޮޑިދޯނި ފަހަރު، ފުލުބާރު ކުޑަކަމުން ދެފަރާތަށް ހެލުމެވެ.}  ތަޢުލީމީ ނިޒާމަށް ގެންނަ ބަދަލެއްގެ އަސަރު ފެންނަނީ ގްރޭޑް 1 އަށް ވަންނަ ކުއްޖާ މަސައްކަތު މާހައުލަށް ވަނުމުންނެވެ. ވިއްސަކަށް އަހަރު ފަހުންނެވެ. ގިނަ ދުވަހުން ތަންފީޒުކުރެވޭ ކަންކަން ގިނަ ފަހަރު ވަނީ ނުކުރެވިއެވެ.

މި މައްސަލައިގެ ހައްލަކީ، އަޅުގަނޑުގެ ނަޒަރުގައި، ފެންވަރަށް ބަލައި، އަލުން ތަޢުލީމީ ޕްރޮފެޝަނަލް މުވައްޒަފުންގެ ޖަމާޢަތެއް (ކޭޑަރއެއް) އުފެއްދުމެވެ. މި މީހުންގެ މުސާރަތައް ސިޔާސީ މީހުންނަށް ވުރެ ކުޑަވެގެން ނުވާނެއެވެ. މި މީހުންވާންވީ ފަސް އަހަރަށް ވުރެ ގިނަ ދުވަހަށް ރާއްޖޭގެ ތަޢުލީމީ ކަންކަން ރާވައި ތަންފީޒުކުރާ ބަޔަކަށެވެ.

މި މައްސަލައިގެ ހައްލެއްގެ ގޮތުގައި ގިނަ ދުވަހު ދެމި އޮންނަ، މެންބަރުން މަދުން ބަދަލުވާ ”ނޭޝަނަލް ކޮމިޝަން އޮން އެޑިޔުކޭޝަން“ ކިޔާ މަޖިލިހެއް ބައެއް ޤައުމުތަކުގައި އޮވެއެވެ. މި ކޮމިޝަންގައި ތިބޭނީ އެޑިޔުކެޝަނިސްޓުންނާއި (މުރައްބީންނާއި) އެހެންވެސް ތަޢުލީމީ ފަލްސަފާވެރީންނެވެ. ރައީސް ޔާމީން ދައުރުގައި، މިފަދަ މަޖިލިހެއް އެކުލަވައިލުމަށް ކަރުދާހެއް ތައްޔާރުކޮށް، ޑރ މުޙައްމަދު ޒާހިރު ޙުސައިން ސޮއިކުރައްވައި ރައީސް އޮފީހަށް ފޮނުވިއެވެ. ޖަވާބެއް ނުލިބެއެވެ. މިފަދަ މަޖިިލިހެއް ނެތް ނަމަ، ކޮންމެ ފަސް އަހަރަކު، އައު ބައެއް އައިސް ތަޢުލީމީ ނިޒާމު އުރުއްޓާފައި އެމީހަކަށް ދަސްވި އެއްޗަކާ އެކު ވަކިވެގެން ދާނެއެވެ. ދެން އަންނާނީ އަނެއްކާ އައު ބައެކެވެ. މިބައި މީހުންވެސް ފޮތިގަނޑެއްގެ އެކި ފަރާތުގައި އެކި މީހުން ހިފައިގެން އެކި ދިމާއަށް ދަމާގޮތަށް މި ނިޒާމު ދަމައިދަމައިފައި  ވަކިވާނެއެވެ. ކުރިއަށް އެއް ފިޔަވަޅު އަޅާނެއެވެ. ފަހަތަށް އެއް ފިޔަވަޅު އަޅާނެއެވެ. ނިޒާމުގެ ތަރައްޤީގައި ކޮންޓިނުއިޓީއެއް ނުވަތަ އެއް މިސްރާބަކަށް ދަތުރުކުރުމުގެ ސާބިތުކަމެއް ނުހުންނާނެއެވެ. މި ހައިޖާނުގަނޑުގެ ޝިކާރައަކަށް ވާނީ ދަރިވަރުންނާއި ދިވެހިރާއްޖެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމާ މެދު…

ބައެއް މަދުން ލިބެން ހުންނަ  ތަޢުލީމާ ބެހޭ ރިޕޯޓުތަކާއި އެހެނިހެން ތަޢުލީމީ މަޒުމޫނުތައް