ކަރިކިޔުލަމް ސިމްޕޯޒިއަމްގައި އަޅުގަނޑު ދެއްކި ވާހަކަ

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 އިން 29 އަށް ދަރުބާރުގޭގައި، ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަން އިން އިންތިޒާމްކޮށްގެން، 200 ވަރަކަށް ބައިވެރީންނަށް ދަޢުވަތު ދީގެން ސިމްޕޯސިއަމް އެއް ބޭއްވިއެވެ. މިއީ ޤައުމީ ދިރާސީ މަންހަޖު މުރާޖަޢާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، އަޅުގަނޑު ދެއްކި ވާހަކަ މި ގެނެސްދެނީ އެ ވާހަކައިގައި ހުރިހާ ދިވެހީން ވިސްނާލަންޖެހޭ ނުކުތާތަކެއް ވާތީއެވެ. ކަންދިމާވިގޮތުން، ފެށުމުގެ އައިޓަމް ދިގުވެގެންނާއި ޕޯޑިއަމް މަތި އަނދިރިކަމުންނާއި ދައްކަން ހުރި ވާހަކަ ގިނަކަމުން، ދީފައިވާ 20 މިނެއްޓަށް ލިޔެފައިވާ ނޯޓުތަކުގައި ހުރި ވާހަކަތަކަށް ވަގުތު ނެތިގެން އިސްޓޭޖުމަތިން ފޭބީ ބައެއް ވާހަކަ ނުދައްކައެވެ. އަޅުގަނޑުގެ ނޯޓުތަކުގައި، ހިތުން ބައެއް ވާހަކަތައް ކިޔާފައިވާތީ ހަމައެކަނި ނަން ނޫނީ ލިޔެފައެއް ނުވެއެވެ.

ތިޔަ ބޭފުޅުންނަށް ދީފައިވާ ލިޔުންތަކުގައި އަޅުގަނޑު ވާހަކަ ދައްކާނެ ކަމަށް ލިޔެފައިވާ މައުޟޫޢު އަކީ މަޢުލޫމާތު ފަސޭހައިން ލިބެން އޮންނަ އިރު މަދަރުސާއަށް ދިއުމުގެ ބޭނުމަކީ ކޮބައިހޭ؟ [ވާހަކަ ދައްކަން ދީފައިވާ މައުޟޫޢުއަކީ

“Why School? How Education Must Change When Learning and Information Are Everywhere”]

އަޅުގަނޑުގެ ވާހަކަ ފެށެން އަންނަނީ މަޢާފު އެދެމުން.

ޢާއްމު ތަންތަނުގައި ވާހަކަ ނުދައްކައި އުޅެނިކޮށް – ޕަބްލިކް ލައިފް އާ ދުރުގައި އުޅެނިކޮށް – އަޅުގަނޑު މިތަނަށް އައުމަށް މެދުވެރިވީ އެން.އައި.އީ ގެ މުވައްޒަފެއް ކަމުގައިވާ ޝަކީލް. އޭނާ އުޅެބޮޑުވީ އަޅުގަނޑުގެ ގެއާ އެއްގެ ދޫކޮށްފައި ހުންނަ ގެއެއްގައި.

އަޅުގަނޑަށް ސުރުޚީ ލިބުމުން ޝަކީލަށް ދަންނަވައިފިން، ތި ސުރުޚީ އަކީ ޓެޑް ޓޯކެއްގެ ނަމެއް ނޫންހޭ؟ ތި ސުރުޚީއަށް ފޮތެއްވެސް ލިޔެފައިވޭ ނޫންހޭ؟ ތިޔައަށް ވުރެ، ދިވެހިރާއްޖޭގެ މަންހަޖާ ބެހޭގޮތުން ވާހަކަ ދައްކަން މުހިއްމު ކަންތައްތައް ފަހެ ނެތީހޭ؟

ޝަކީލް ވިދާޅުވީ ޕޯޑިއަމް އަށް އަރައި އަޅުގަނޑަށް ފެންނަ އެއްޗެއް ބުނެފައި ފައިބާށޭ. އެކަމަކު ޙަސަން މި ތަނުގައި ވާހަކަ ދައްކަން ޖެހޭނޭ. މިގޮތަށް ޝަކީލް އާ އެއްބަސްވެގެން އަޅުގަނޑު އައީ.

— — —

ކުރިން އަޅުގަނޑު ވާހަކަ ދައްކަން އޮތް ސުރުޚީގައި މީގެ ދެއަހަރެއްގެ ކުރިން ފެނި އަޅައިގަނެފައިވޭ. އަޅުގަނޑަށް ފާހަގަ ކުރެވުނީ އެ ވާހަކަ ބިނާކޮށްފައިވާ ބިންގާ، ނުވަތަ ޕްރެމިސް އަކީ ވަރަށް ބޮޑު ކުށެއްކަން. ލިޔުންތެރިޔާގެ ވާހަކަ ބިނާކޮށްފައިވަނީ ދަރިވަރުން މަދަރުސާއަށް ދަނީ މަޢުލޫމާތު ހޯދުމަށްކަމަށް. އޮށްޓަރަށް ކަމަށް. ކޮންޓެންޓް އަށް ކަމަށް.

ލާރނިންގ އަކީ އުނގެނުމަކީ، މަޢުލޫމާތު ހުރުމެއް ނުވަތަ ލިބުމެއް ނޫން. ލާރނިންގ ޑިފައިން ކުރާ ގޮތަކީ، ނުވަތަ އުނގެނިފައިވާ ކަން ކަނޑައަޅާ ގޮތަކީ އުޅުން ބަދަލުވުން. ލާރނިންގެ އޮޕަރޭޝަނަލް ޑެފިނިޝަން އަކީ ޗޭންޖް އިން ބިހޭވިއަރ… ކުރިން ޢަމަލު ކުރާ ގޮތާ ތަފާތު ގޮތަކަށް ޢަމަލުކުރުން. ޓެސްޓެއްގައި ކަމުގައި ވިއަސް ނުވަތަ އުޅުމުގައި ކަމަށް ވިއަސް ކުރީގެ ބިހޭވިއަރ އާ ފަހުގެ ބިހޭވިއަރ ތަފާތު ވާންޖެހޭނެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޓެސްޓެއްގައި ކުއްޖަކު ވަކި އެއްޗެއް ލިޔުނީމާ، އެގޮތަށް ދިރިއުޅުމުގައި ވެސް ޢަމަލުކުރާނެ ކަމަށް. ދެކަމަކީ ގުޅުން ހުރި ނަމަވެސް ތަފާތު ދެކަމެއް.

ލާރނިން އަކީ ސައިކޮލޮޖިކަލް ކޮންސްޓްރަކްޓެއް. އެއީ މީހުންނަށް ފެންނަ އެއްޗެއް ނޫން. ފެންނާނީ ޢަމަލު.

— — —

އަޅުގަނޑުގެ ރައްޓެއްސެއް އުޅޭނެ ރިފްޢަތު ކިޔާ ބޭފުޅެއް. އޭނާއަކީ ވެލްޑިންގ ދަސްކޮށްދޭ މީހެއް. ވެލްޑިން ދަސްކޮށްދޭ ކުރު ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެއް. އަޅުގަނޑު ދަންނަވައިފިން ވެލްޑިން ދަސްކޮށްދޭން ހާދަ ދުވަހެކޭ ތިދަނީ. ތިކަން އެންމެ 24 ގަޑިއިރުން ވާނެ ނޫންހޭ؟

ރިފްޢަތު ވިދާޅުވީ. ތެދެކޭ ވެލްޑިން ކުރާ ގޮތް ކިޔާ ދެވިދާނެއޭ 24 ގަޑިއިރުން. އެކަމަކު ކިޔާ ދިނުމާއި ކިޔަވާ ދިނުމަކީ ތަފާތުކަމެކޭ. މަސައްކަތަށް ފަހު ވާރކްޝޮޕް ސާފުކޮށް ބާއްވަން ދަސްކޮށްދޭން ވެސް ހައެއްކަ މަސްދާނޭ. ހުނަރު ހުރި މީހަކު ތަމްރީނުކުރަން މަދުވެގެން އަހަރެއް ދެއޭ. އެއީ ކުއްޖާގެ ކިބައިގައި އަށަގަންނުވަން ޖެހޭ އާދަތަކެއް ހުރެއޭ. އެ އާދަތައް ހަރުލަނީ، އެތައް ފަހަރަކު ތަކުރާރުކޮށް އެއް ކަމެއް ކޮށް، ތިމާގެ މިޒާޖުގެ ބައެއްގެ ގޮތުގައި އެކަންތައް ވެގެންނޭ.

މިހެން މިކަންތައް ވެފައިވަނިކޮށް އަންނިގެ ދައުރު ފެށި، ދެ ހަފުތާގެ ވެލްޑިންގ ކޯސްތަކަށް އިޢުލާނު ކޮށްފި. އަޅުގަނޑު ދަންނަވައިފިން ކޮބާ މިހާރު ކިހިނެތްތޯއޭ ހީފުޅުވަނީ.

ރިފްޢަތު ވިދާޅުވީ ބައްލަވައްޗޭ ވާގޮތް. ތިކަމުން ބަޔަކު ވާނީ މުއްސަންޖޭ. ވެލްޑަރުންނެއް ނުއުފުދޭނެއޭ. އަޅުގަނޑަށް ހީވާގޮތުން އެކަން ވީވެސް އެހެން.

— — —

އަޅުގަނޑު އިން ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް ޖަލްސާއެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވިދާޅުވި، ރާއްޖޭގެ ސްކޫލްތަކުގައި ކުޑަކުދިންނާ ބެހޭ މައްސަލަތަކުގައި، އެންމެ ބޮޑަށް އުޅޭ ބަޔަކީ އިސްލާމް  ޤުރްއާން ކިޔަވައިދޭ މުދައްރިސުންނޭ! ދެން ވިދާޅުވެ ބައްލަވާ ޙަރާމް އާއި ޙަލާލު… ހެވާއި ނުބައި … ޙައްޤާއި ބާޠިލް އެންމެ ބޮޑަށް އެނގޭނީ ކޮން މާއްދާއެއް ކިޔަވައިދޭ މުދައްރިސުންނަށް ކަން.  އެއީ އިކޮނޮމިކްސް ކިޔަވައިދޭ ޓީޗަރުންތޯ ނުވަތަ ފިޒިކްސް ކިޔަވައިދޭ ޓީޗަރުންތޯ ނުވަތަ  އިސްލާމް ކިޔައިދޭ ޓީޗަރުންތޯ؟

ކޮންޓެންޓް/އޮށްޓަރު އެނގުމަކީ ޢަމަލުތަކަށް މަގުދައްކާ ކަމެއް ނޫން.

— — —

ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން އަޑުއައްސަވާފައި އޮންނާނެ ގޯލްމަން ގެ އީކިޔޫ [EQ]؟ ޑޭނިއަލް ގޯލްމަން ބުނާ އެއްޗަކީ، ފިޠުރީ ގޮތުން، މީހެއްގެ ވިސްނުން ތޫނަސް، އޭނާ ދިރިއުޅުމުގައި މޮޅެއް ނުވާނޭ. މޮޅުވާމީހުންނަކީ އާދައިގެ ފިކުރެއްހުއްޓަސް، އޭނާގެ ކިބައިގައި އަދި އެހެން ކަންތައްތަކެއް ހުންނަން ޖެހެއޭ. އެކަންކަމަކީ އިޖްތިމާޢީ ގުޅުންތަކާއި އެނގޭ އެއްޗެއް ބޭނުންކުރުމާއި މިފަދަ އިމޯޝަނަލް ކަންތައްތަކެއްގެ ފިކުރު ހުރުމޭ. މި އިމޯޝަނަލް އިންޓެލިޖެންސް (EQ) ނުވަތަ ޖަޒުބާތާއި ޢާޠިފީ ހުނަރުތަކުން، މީހާގެ އިޙްސާސްތައް ދެނެގަނެ، މަތަކޮށް، މިސްރާބުކުރަން އެނގޭމީހުންނޭ ކުރިއަރާ މީހުންނަކީ. ތަނެއްގައި މަޢުލޫމާތު ލިބެން ހުއްޓަސް، މަޢުލޫމާތު ހޯދަން އެނގުނަސް، މީހާގެ ޠަބީޢަތެއް ބައްޓަމެއް ނުކުރެވޭނެ.

— — —

ދަރިވަރުން ސްކޫލަށް ފޮނުވަނީ ބުއްދި ގަދަކުރަން ނުވަތަ ފިކުރު ފައްކާކުރަން ކަމަށް ވާނަމަ، ފިކުރާ ދޭތެރޭ މުފައްކިރުން ދެކޭގޮތަށް ބަލާލަމާތޯ؟ ފަހުގެ އެއް ނަޒަރިއްޔާ އަކީ، ބުއްދިއަކީ އެތައް ހުނަރުތަކެއްގެ މައްޗަށް އެކުލެވިގެންވާ އެކުވި އެއްޗެއް. މަދުވެގެން އަށް ބާވަތެއްގެ ފިކުރު ވާކަމަށް ގާރޑްނަރ ބުނޭ. މިއީ ތިއަރީ އޮފް މަލްޓިޕްލް އިންޓެލިޖަންސަސް. މީގެ ތެރޭގައި ކުރިން ބުނި އިމޯޝަލަން އިންޓެލިޖެންސް ގެ އިތުރަށް، ހިސާބާއި ލޮޖިކާ ބެހޭ ބުއްދިއާއި ބަހަވީ ކަންކަމާ ގުޅޭ ބުއްދި ހިމެނޭ. ޢިލްމަކީ މަޢުލޫމާތު ކަމަށް ދެކޭ މީހުން، މަޢުލޫމާތުގެ ތެރޭގައި ނުހިމެނޭ ބުއްދި ތަމްރީނުކޮށް ފާގަތިކުރާނީ ކިހިނަކުންތޯ؟

— — —

ހާރވާޑް ޔުނިވަރސިޓީގެ ގްރޭޖުއޭޓް ސްކޫލް އޮފް އެޑިޔުކޭޝަންގެ ޕްރޮފެސަރ ޑޭވިޑް ޕާރކިންސް އަކީ ކްރިޓިކަލް ތިންކިން އާ ބެހޭގޮތުން ނަޒަރިއްޔާއެއް ހުށަހެޅި މީހެއް. އޭނާ ބުނަނީ ފުންކޮށް ވިސްނުމުގައި 7 ކަމެއް ހިމެނޭ ކަމަށް. މި ހަތްކަމުގެ ތެރޭގައި، ފުޅާކޮށް ވިސްނުމާއި އަމިއްލަ ފިކުރާ ދޭތެރޭ ފާރަވެރިވުން މިއީ އެއިން ދެކަމެއް. މިއިން ކޮންމެ ކަމެއްގައި ތިން ބައެއް ހިމެނޭ. ފުރަތަމަ ބަޔަކީ ޤާބިލްކަން ނުވަތަ އެބިލިޓީ. ދެވަނަބަޔަކީ ކަމެއް ބޭނުންކުރަން ޠަބީޢަތް އެދޭ އެދުން ނުވަތަ އިންކްލިނޭޝަން އަދި ތިންވަނަ ބަޔަކީ ވަކި ކަމަކަށް ސަމާލުކަން ދޭންޖެހޭ ޙާލަތު އެނގުން ނުވަަތަ ސެންސިޓިވިޓީ.

މިއިން އެއްވެސް ކަމަކީ މަށް މަޢުލޫމާތުގެ މައްޗަށް ބިނާވާ އެއްޗެއް ނޫން. ގިނަކަންކަން އަމިއްލަ އާދައަަކަށްވަނީ އެތައް ފަހަރަކު އެކަމެއް ކޮށް ތަކުރާރުކޮށް، އެކަމެއް އެތައް ބައެއްގެ މެދުގައި ކޮށްގެން. މަޝްހޫރު ވިގޮޓްސްކީ ގެ ނަޒަރިއްޔާ އަކީ ވެސް، އުނގެނުމަކީ ސޯޝަލް ކަމެއްކަން. ތިއިން ގިނަ ބޭފުޅުން ވިގޮޓްސްކީގެ ސޯޝަލް ކޮންސްޓްރަކްޓިޒަމް ގެ ވާހަކަ އައްސަވާފައި އޮންނާނެ.

— — —

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އޮށްޓަރު އެނގުމުން، ނޮލެޖް ލިބިމުން ފުދުނީއޭ. ބައްލަވާ މި ސްލައިޑް

މި ސްލައިޑް ގައި ވަނީ ޖަމާލުއްދީނު ސްކޫލްގެ މޮޓޯ އާ ބެހޭ ގޮތުން ބިދޭސީއަކު ލިޔެފައިވާ އެކެޑެމިކް އާރޓިލް އެއް. ފިޓެލް ސުރުޚީއެއްގެ ގޮތުގައި ޚިޔާރުކޮށްފައި އެވަނީ ސްކޫލްގެ މޮޓޯ. ތިޔަ ބޭފުޅުންނަށް އެ މޮޓޯގައި ކުށެއްވާކަން ފާހަގަ ކުރެއްވޭތޯ؟ އޭނާ އެ އާރޓިކަލްގައި ބުނަނީ މި މޮޓޯއިން އިޢުލާނުކުރާ އޮޅުންބޮޅުން، ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލް ކްލާސްރޫމްތައް އޭނާ އޮބްޒާރވްކުރުމުން ފާހަގަކުރެވުނު ކަންތައްތައް ރަމްޒުކޮށްދެއޭ.

މީގެ ވިއްސަކަށް އަހަރު ކުރިން، ސްކޫލްގެ ވެރިޔަކަށް ހުރި ފަރާތުން އަޅުގަނޑުގެ ކައިރީގައި އެދުމުން އެ ސްކޫލްގެ ރަނގަބީލު ކޮމްޕިއުޓަރުން ޖެހޭގޮތް ހަދަން ދިޔައިން. އެއީ އެންމެ ފުރަތަމަ މަޖީދިއްޔާގެ ރަނގަބީލު ކޮމްޕިއުޓަރުންޖަހާގޮތް އަޅުގަނޑު ހެދީމާ އެކަން ފާހަގަކޮށްގެން. ސްކޫލްގެ ވެރިފަރާތުގައި އަޅުގަނޑު ދެންނެވިން ތިމޮޓޯގައި ހާދަބޮޑު ކުށެއްވެޔޭ ރަނގަޅު ކުރަންވީ ނޫންހޭ. އެހެން ބުނެ ރަނގަޅު ކުރާނެ ދެތިންގޮތް ކިޔާދިނިން. އެއީ މިގޮތްގޮތަށް.

އަޅުގަނޑު މި ދެންނެވީ މީގެ ވިއްސަކަށް އަހަރު ކުރީގެ ވާހަކައެއް. ނަމަވެސް މިހާރުވެސް މޮޓޯ އަކީ ހަމަ އޭރުގެ މޮޓޯ. ބޭރުމީހުންނަށް އެތަން ފެނިގެން އާރޓިކަލް އެ ލިޔަނީ. އެ މޮޓޯވެސް ޖަހާނީ މިނިސްޓްރީގައި ތިބި ކޮންމެވެސް ބަޔަކު ތާއީދުކޮށްގެން، ދޮގެއްތޯ؟ ތަޢުލީމާއި ޢިލްމުގެ ތަފާތު، ޢިލްމާއި ޙިކްމަތްތެރިކަމުގެ ފަރަގު ނޭނގޭ ބަޔަކަށް ހިލަގަނޑެކޭ ރަންގަޑެކޭ ވާނީ އެއްވަރު.

— — —

މި ސިމްޕޯޒިއަމް އަކީ ކަރިކިޔުލަމް އާ ބެހޭ ސިމްޕޯޒިއަމްއެއް. އެހެންވީމާ، ދިރާސީ މަންހަޖު ސްކޫލް ކަރިކިޔުލަމްގެ މައުޟޫޢުއަށް އިއާދަވަމާތޯ.

ކަރިކިޔުލަމް އަކީ ބެލެނިވެރިންނާއި މުދައްރިސުނނާއި މުޖުތަމަޢުގެ ބައިވެރީންނާއި ދައުލަތުގެ ބޮޑުން އަންނަން އޮތް ޖީލަށް ރައްދުކުރަން ބޭނުންވާ ޢިލްމާއި އުޅުމާއި އާދަކާދަތައް ބަޔާންކުރާ ލިޔުމެއް. ކަރިކިޔުލަމްއެއް އެކުލަވާލާ ގޮތަކީ އެންމެ ފުރަތަމަ، ކުރިން ދެންނެވުނު މީހުންގެ ރަޢުޔު ހޯދައި ތަޢުލީމުގެ މަޤްޞަދު ކަނޑައަޅަނީ. ދެން މި މަޤްޞަދު މައިގަނޑު ދާއިރާތަކަކަށް ބަހައި، މާއްދާތަކަށް ބަހާލަނީ. ރިވިޔޫކުރާނަމަ ނުވަތަ އަލުން މުރާޖަޢާ ކުރާނަމަ ބަލަނީ ކޮބައިތޯ މިހާރު ހުރި މައްސަލަތަކަކީ. ބޭނުންކުރާ ކަރިކިޔުލަމް، ކުރިން ބަޔާންކުރި މީހުންގެ އެދުންތަކުން ތަފާތުވަނީ ކިހިނަކުންތޯ. މިކަންކަން ހޯދަނީ މުދައްރިސުންނާއި ބެލެނިވެރިންނާއި މިފަދަ މީހުން ކުރެން އަހައިގެން.

ދިވެހިރާއްޖޭގެ މަންހަޖުގައި ތަޢުލީމު ދިނުމުގެ ބޭނުމެއް، މަޤްޞަދެއް ލިޔެފައެއް ނުވޭ. ލިޔެފައިވަނީ ތަޞައްވުރެއް…. ތަޞައްވުރަކީ، މަޤްޞަދު ލިޔާ ވަރަށް ވުރެ ނުސާފުކޮށް، ޙާޞިލު ކޮންމެހެން ވާން ނުޖެހޭ ކަންކަން ހިމެނޭ ޢިބާރާތެއް.

ދެން އަޅުގަނޑަށް ފާހަގަ ކުރެވެނީ، ކަރިކިޔުލަމް ބަޔާނުން، ސްކޫލް ކޮމިޔުނިޓީ އާ މަޝްވަރާކޮށް، ހުރި މައްސަލަތައް ދިރާސާކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެން ފެންނަން ނެތްކަން. ކަރިކިޔުލަމް އެކުލަވާލެވުނު ގޮތް ނެތްކަން. ބައްލަވާ ބޭރުގެ ކަރިކިޔުލަމެއް.

— — —

މަޤްޞަދެއް ނެތި ކުރާ ކަމަކުން، މަންޒިލެއް ނެތި ކުރާ ދަތުރަކުން، ނުކުންނާނެ ނަތީޖާއަށްގޮތް ވިސްނަވާ! އަޅުގަނޑު ހަނދާނަށް އަންނަނީ އެލިސް އިން ވަންޑަރލަންޑް ކިޔާ ވާހަކައެއްގައި ވާގޮތް. މިވާހަކައިގައި، އެލިސް ކިޔާ ކުއްޖަކު މަގުއޮޅި، ޖަންގައްޔެއްގައި ގެއްލިގެން ނުކުމެވެނީ ދެކަފި މަގަކަށް. ކައިރީގައިވާ ގަހެއްގައި އިން ބުޅަލެއްގެ ކައިރީގައި އޭނާ އަހަނީ ދާންވީ ކޮންމަގަކުންހޭ؟ ބުޅާބުނަކީ ތިކަން ބިނާވަނީ ކަލޭ ދާން ބޭނުންވާ ތަނަކަށޭ. ކުއްޖާ ބުނަނީ ތިމަންނަގެ މައްސަލައެއް ނެތޭ ކޮންމެވެސް ތަނަކަށް ދެވެނިކޮށް. ބުޅާ ދެން ޖަވާބުގައި ބުނަނީ ތިޔަހެން ވިއްޔާ ކޮންމެ މަގެއް އެޅިޔަސް ރަނގަޅުވާނޭ… ގިނައިރު ހިނގައިފިނަމަ ކޮންމެވެސް ތަނަކަށް ދެވޭނެއޭ.

ފާހަގަކުރެވޭ އަނެއް ކަމަކީ، އިނގިރޭސި ވިލާތާއި ނިޔު ޒީލެންޑް އާއި ސްކޮޓްލަންޑްގެ ކަރިކިޔުލަމް އާ އެން.އައި.އީގެ ކަރިކިޔުލަމް ވަރަށް ވައްތަރުކަން. ހަމަ އެކަނި ވައްތަރަކީ ނޫން.

މިތިން ޤައުމުން، އެއް ޤައުމުގެ ކަރިކިޔުލަމްގެ ޢިބާރާތްތަކާ އަޅުގަނޑުމެންގެ ކަރިކިޔުލަމް ޢިބާރާތްތައް ވަރަށް އެއްގޮތް.

ކުރިން ބުނި ޤައުމުތަކާ ރާއްޖޭގެ ކަރިކިޔުލަމް ފްރޭމްވާކް އާވާ މައިގަނޑު ތަފާތަކީ، އިސްލާމް އަދި ދިވެހި، އެހެން ބައިތަކާ އެހާ ބޮޑަށް ނުގުޅޭ ގޮތަކަށް — އެކަމުތުނުވާގޮތަކަށް، ހާމަނައިޒް ނުވާގޮތަކަށް — އެޑް-އޮން ކޮށްފައިވާކަން.

ދުނިޔޭގެ ހުރިހާ ތައުލީމީ ނިޒާމުތަކެއް އަޅާކިޔާ ޕިސާ ޓެސްޓް އާއި ޓިމްސް ޓެސްޓުން މޮޅު ޤައުމުތަކާ، ދިވެހިރާއްޖޭގެ ދިރާސީ ކަރިކިޔުލަމް އާ ހުރި މައިގަނޑު އަނެއް ތަފާތަކީ،  ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ފަރިތަ ގްރޭޑްތައް، އިތުުރު ނަމެއްކިޔާ ސްޓޭޖް ތަކަކަށް ނުވަތަ މަރުޙަލާތަކަކަށް  ބަހާފައިވުން. މި ބައިތަކަށް ކިޔަނީ ކީސްޓޭޖް. އަނެއްކާ ކުދީން ތަރުތީބުކުރާ ގޮތެއް ނުވަތަ ލޭޔަރ އެއް އިތުރުކުރުމުން، ކޮންމްޕްލެކްސިޓީ އާއި ކޮންފިޔުޝަން އިތުރުވުން ފިޔަވައި، ކަރިކިޔުލަމް ތަންފީޒުކުރުމަށް ލިބުނު ފަސޭހައެއް ނެތްކަމަށް އަޅުގަނޑަށް ފެންނަނީ. މިކަމުން މުދައްރިސުންނަށް ޖެހޭނީ އިދާރީ އިތުރު ބުރައެއް.

ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ސިންގަޕޫރު، ޖަޕާނު، ހޮންކޮންގ ފިންލަންޑް ފަދަ ޤައުމުތަކުގައި ކީސްޓޭޖްތަކެއް ނުގެންގުޅޭ. މި ޤައުމުތަކުގެ ކަރިކިޔުލަމްގައި، އިނގިރޭސި ވިލާތުން ކީސްޓޭޖް ތަކެއް ހިމެނިއަސް އެމީހުންގެ ކަރިކިޔުލަމަކު ނުހިމަނާ. ބަޔަކު ގުދެއް ލައްވާތީ ގުދެއް ނުލައްވާ. އެމީހުން ކުރި އަރަނީ ވަޠަނީ ގޮތް އިސްކޮށްގެން. ޤައުމެއް ކުރިއަރާނީ ޤައުމުގެ ނަފްސަށް ތެދުވެރިވެގެން.

އައު ކަރިކިޔުލަމެއް ތައާރަފު ކުރި އިރު، ކުރިން ދެންނެވި ތަޢުލީމީ ގޮތުން މޮޅު ޤައުމުތަކުގެ ކަރިކިޔުލަމްތަކުގައިވާ ރަނގަޅު ސިފަތައް ރާއްޖޭގެ ކަރިކިޔުލަމްއަށް ގެނައުމަށް އޮތް ފުރުޞަތުވަނީ ނަގާލާފައި.

— — —

އެންެމެ ފުރަތަމަ ކަރިކިޔުލަމް އާއި ސްޓްރީމްތަކާ މެދު ވިސްނާލަމާތޯ. މިއޮތީ ކުރިން ސާނަވީ ތަޢުލީމު ދިނުމުގެ މަޤްޞަދުތައް ބަޔާންކޮށްފައިވާ ކުރެހުމެއް. އެކި ކަންކަމަށް ދީފައިވާ ސަމާލުކަމަށް ބައްލަވާލައްވާ! [މިއާއި ފަހުން ހިމަނާފައިވާ ސްލައިޑް ތަކަކީ 2009 ވަނަ އަހަރު ތަޢުލީމާ ބެހޭ ވަޒީރު އުފެއްދެވި ތަޢުލީމާ ބެހޭ ކަންކަމާ މެދު ވިސްނާ މަޝްވަރާ ކުރާ ތިންކްޓޭންކަކުން 2009 ގެ އޮތް ސިމްޕޯޒިއަމްއަށް ހުށަހެޅި 4 ޕްރެސެންޓޭޝަނުން ބައެކެވެ. މި ތިންކް ޓޭންކް ގައި ހިމެނެނީ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް އާއި ޑރ. ޢިޞާމް މުޙަންމަދު އާއި ޑރ. ޢަބްދުﷲ ވަޙީދު އާއި އަލްފާޟިލާ މައުޞޫމާ ޖަލީލް އާއި އަލްފާޟިލާ ޝަފީޢާ ޒުބޭރު އާއި އަލްފާޟިލް އާދަމް އިބްރާހީމް އާއި ޑރ. ޙަސަން ޙަމީދު އާއި އަލްފާޟިލް ޞަބާޙް ރަޝީދު އާއި އަލްފާޟިލާ އަމީނާ މުޙައްމަދު ދީދީ  އެވެ.]

ދެން މި ސްލައިޑްގައިވަނީ އެކި ސްޓްރީމްތަކުން ކުރީ ސްލައިޑްގައިވާ މަޤްޞަދުތައް ޙާޞިލްވާ މިންވަރު. އަނދިރިކޮށް އެހެރީ ކުޑަކޮށް ނުވަތަ އެއްވެސް ގޮތަކަށް މަޤްޞަދުތައް ޙާޞިލް ނުވާބައިތައް. ތިޔަބޭފުޅުންނަށް މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވޭނީ އެއްވެސް ސްޓްރީމަކުން ސާނަވީ ތަޢުލީމުގެ މަޤްޞަދުތައް ޙާޞިލްނުވާކަން. މާއްދާތައް ރުކުރުވާލާފައިވަނީ ހުރިހާ މާއްދާއަކުން ފުރިހަމަ މާކުސް ލިބުނަސް، މަޤްޞަދުތައް ޙާޞިލް ނުވާގޮތަށް. މަޤްޞަދުގެ ހުރިހާ ބައިތަކެއް ހިމެނޭ، އަޑިގުޑަންނެތް ވަށާޖެހޭ،  ހުރިހާކަމެއް ހަމަވާ ތަޢުލީމެއް ނުލިބޭގޮތަށް. މަޤްޞަދު ޙާޞިލް ނުވާގޮތަށް. ޚާއްޞަކޮށް، ބިޒްނަސް ސްޓްރީމްގައި، އަނދިރިކަމާއި މަޤްޞަދު ޙާޞިލްނުވުން ވަކީން ބޮޑު.

ކަންކަން މިހެން އޮތް އިރު، މިހާރުވެސް ރާއްޖޭގެ ގިނަކުދިން ކިޔަވަމުންދަނީ ބިޒްނަސް ސްޓްރީމް. ސާނަވީ ތަޢުލީމުގެ މަޤްޞަދުތައް އެންމެ މަދުން ޙާޞިލްވާ ސްޓްރީމް. މިއޮތީ 2008 ވަނަ އަހަރު ކުދިން އެކި ސްޓްރީމްތަކުން އިމްތިޙާނު ހެދި ނިސްބަތް. ބުނާނީ، ބުނެވޭނީ ކީކޭތޯ؟

ސްކޫލްތަކުގައި ކިޔަވާ ކިޔެވުމާ ރާއްޖޭގެ ވަޒީފާތަކަށް މީހުން ބޭނުންވާ ދާއިރާތަކާ ކޮންމެވެސް ވަރަކަށް ގުޅުމެއް ހުންނަން ޖެހޭނެ. އަޅުގަނޑަށް އެނގޭ ކިޔެވުމުގެ ބޭނުމަކީ ވަޒީފާ ހޯދުމެއް ނޫންކަން. ނަމަވެސް، ވަޒީފާގެ ފުރުޞަތުއޮތް ދިމާތަކާ  މަންހަޖާ ނުގުޅޭނަމަ، އެއީ މަންހަޖުގެ ބޭނުންތެރިކަން އުނިކުރާނެކަމެއް. މިއޮތީ ރާއްޖޭގެ ވަޒީފާ ބޭނުންވާ ދާއިރާތަކާއި ބޭނުންވާ މިންވަރު. އެންެމެ ގިނައިން ބޭނުންވަނީ މަސައްކަތްތެރިންނާއި ހުނަރުވެރި މަސައްކަތްތެރިން. އެންމެ މަދުން ބޭނުންވަނީ ތަންތަނުގެ ވެރިން – އެގްޒެކެޓިވުން.

ދެން ބަލާލަމާ ރާއްޖޭގެ ސްކޫލްތަކުން މީހުން ތަމްރީނުވަމުންދާ ގޮތް. ފާހަގަކުރެއްވޭނޭ ފަދައިން، ސްކޫލްތަކުން އިސްކަމެއް ދެވެނީ، ވެރިކަމާ ބެހޭ ތަޢުލީމަށް. ޤައުމުގެ ބޭނުންތަކާ ސްކޫލްއިން ނުކުންނަ ކުދިންގެ ހުނަރުވެރިކަން ދިމާ އިދިކޮޅު. އަޅުގަނޑަށް ހީވާގޮތުން، މިއީ ރާއްޖޭގެ ތަޢުލީމުގެ ކުރީކޮޅުގައި އިލީޓް ތަޢުލީމީ ނިޒާމެއް އޮތުމުން – އިނގިރޭސި ވިލާތުގެ ގްރެމަރ ސްކޫލްތަކާ އެއްގޮތަށް މަޖީދިއްޔާ އާއި އަމީނިއްޔާ ހިންގުމުން – އަދި ބަދަލުނުވެ އޮތް ކަމެއްހެން. ފާހަގަކުރެވެނީ، މިކަން މިހާރު ދަނީ ކުރިއަށް ކަމަށް. އެއީ، ވޭތިވެދިޔަ ދިހަވަރަކަށް އަހަރު ސްކޫލްތަކަށް އައި އެންމެ ބޮޑު ކުރިއެރުމަކީ ސްކޫލް ކުދިންގެ ޔުނިފޯމަށް އައި ބަދަލު. ވެރިންގެ ސިފަ ޖެއްސުމަށް މިހާރު ވަރަށް ޅައިރުގައި ވެސް ދަރިވަރުން ދަނީ ސްކޫލަށް، އޮފީސް ހެދުންހެން، ޓައީ އަޅާފައި. ރާއްޖޭގެ މާހައުލުގެ ހޫނުކަމާއި ވައިގެ ތެތްކަން މަތިކަމުން، އޭސީ ނުކުރާ ކިލާސްރޫމްތަކުގައި މިކުދިން ތިބޭއިރު ހިއްލާނޭ ދަލާއި ވާނޭ ހޫނަށް ވުރެ، ވެރިންގެ ގޮތުގައި، ޅަފަތުން ފެށިގެން ދަރިވަރުން ހޭނުން މުހިއްމުކަމަށް ފެނިގެން ކުރާ ކަމެއް މިއީ.

ކުރީގެ ކަރިކިޔުލަމް ސިމްޕޯޒިއަމްއަށް ތިންކްޓޭންކް އިން ހުށަހެޅި ގޮތަކީ، ސްޓްރީމްތައް އުވާލުން. ސަބަބުތައް ވަރަށް ގިނަ. މައިގަނޑު މައްސަލައަކީ ތަޢުލީމު ދިނުމުގެ މަޤްޞަދު ސްޓްރީމްކޮށްގެން ޙާޞިލްނުވާކަން. ދެވަނަ ހުށަހެޅުމަކީ ފިޝަރީޒް ސައިންސް އުވާލުން. ބައެއް ބޭފުޅުން ހިތްޕުޅަށް އަރާފާނެ ކީއްވެބާވައޭ. މައްސަލައަކީ މާއްދާގެ މަޤްޞަދު ޙާޞިލްނުވާކަން. އަނެއްކަމަކީ، ޖައްގައްޔެއްގެ ތެރެއަށް ދަތުރަކު ދާމީހަކަށް ތިޔަ ބޭފުޅުން ދޭނީ ދަތުރަށް ވަޅިއެއްތޯ ނުވަތަ ނިޔަފަތި ކަނޑާ ދައްޗެއްތޯ ވިސްނަވާލައްވާ! އެއްޗެއް ގިނައިން ބޭނުން ކުރެވޭނީ އެ އެއްޗެއް ސްޕެޝަލައިޒް ނުވަތަ ޚާއްޞަ ނުވިވަރަކަށް. މިފެންވަރުގެ ތަޢުލީމުވާންވާނީ ޖެނެރަލް ތަޢުލީމަށް. ޖީ.ސީ.އީ ގެ ފުރަތަމަ ލަފުޒުގެ މާނައަށް ވިސްނަވާ!

— — —

އަޅުގަނޑު ދެން ހުށަހަޅާލާނީ ކުރިން ދެންނެވި ތަޢުލީމާ ބެހޭ ތިންކްޓޭންކް އިން އަމީނާ މުޙައްމަދު ދީދީ ހުށަހެޅުއްވި ޕްރެސެންޓޭޝަނަކުން މާދަރީބަހާ ބެހޭ ދެތިން ސްލައިޑް. ވަގުުތު ކުޑަކަމުން ހުރިހާ ސްލައިޑްތަކާއި އޭނާގެ ޕްރެސެންޓޭޝަންގައި ހިމެނޭ ވީޑިއޯ ތަކެއް ނުހިމަނާނަން.  އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ކުޑަކުދީންނަށް ކިޔަވައިދޭން އެންމެ ރަނގަޅީ މާދަރީ ބަސް.

ބޭރު ބަހަކުން ކިޔަވާދިނުމުން ދިމާވާ މައްސަލަތައް ގިނަ.

މި ސްލައިޑްގައި އެވަނީ މިހާރު އޮތްގޮތް. ފާހަގަކުރެއްވޭނޭ ފަދައިން ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް، ކިޔަވައިދެނީ އިނގިރޭސިބަހުން. އަމީނާ ހުށަހެޅުއްވިގޮތް ތިރީގައި އެވަނީ. ގްރޭޑް 1 އިން 3 އަށް ދިވެހިބަހުން ކިޔަވައިދިނުމަށް. ރާއްޖޭގައި އެއްވެސް ރަސްމީ ހައިސިއްޔަތެއް ނުވާ އިނގިރޭސިބަހުން ކިޔަވައިދޭ ސްކޫލްތަކާއި ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލްތައް ހުރޭ. ނެތީ ޤައުމީ އަދި ރަސްމީ ބަހުން ކިޔަވައިދޭ މަދަރުސާ. މިކަމުގެ ދުރު މުސްތަޤްބަލްގެ ނަތީޖާއަަކީ ކޮބައިތޯ؟

— — —

އަޅުގަނޑަށް ފެންނަ ގޮތުގައި، މާދަރީބަހުން ކިޔަވައިދިނުމުގެ މުހިއްމުކަމުގެ އަޑެއް ނުކެނޑޭނެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތެއް ކަމަށް ފެންނަނީ ބެލެނިވެރިން އެދޭ އެއް ސްކޫލެއްގައި، އަމީނާ ވިދާޅުވިފަދައިން، މާދަރީބަހުން ކިޔަވައިދިނުން.

— — —

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާ ދޭތެރޭ ވިސްނަވާ ލައްވާ! ރާއްޖޭގެ ކަރިކިޔުލަމް އަކީ ބޭރު ކަރިކިޔުލަމެއް. ޔަޤީނުންވެސް ސެކަންޑަރީ ކަރިކިޔުލަމްއަށް ރާއްޖޭގެ ބާރު ފޯރަނީ ވަރަށް ކުޑަކޮށް. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެނީ ރަސްމީ ބަހަށް ނުވާ ބޭރު ބަހަކުން. ރާއްޖޭގެ ކުދިން ކިޔަވަން ގެންގުޅެނީ ބޭރުން ތައްޔާރުކޮށްފައި ހުންނަ ފޮތްތައް. ރާއްޖޭގެ ދަރިވަރުން އިށީންނަނީ ބޭރު އިމްތިޙާނުތަކުގައި…

މިކަންކަން މިގޮތަށް ހުންނަނީ އިންޓަރނޭޝަނަލް ސްކޫލްތަކުގައި. އެއް ނަޒަރަކުން ބަލާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީ އިންޓަރނޭޝަނަލް ސްކޫލްތަކެއް. ސްކޫލްތަކުގެ ނަންތައް ވީ ނަމުން ތަނުގެ ޙަޤީޤީ ސިފަވާ ގޮތަަށް ބަަދަލުކުރަން. މަޖީދިއްޔާ އިންޓަރނޭޝަނަލް ސްކޫލް… އަމީނިއްޔާ އިންޓަރނޭޝަނަލް ސްކޫލް… ވާވު އަތޮޅު ފެރިދޫ އިންޓަރނޭޝަނަލް ސްކޫލް!

އިންޓަރނެޓުން ނެގި އަޅުގަނޑުގެ ފޮޓޯއަކާ އެކު، އިންޑިޔާގެ ޤައުމީ މަންހަޖުގައިވާ ޕެރެގްރާފެއްގެ ތަރުޖަމާ ކޮންމެވެސް ފަރާތަކުން އަޅުގަނޑަށް ނިސްބަތްވާ ގޮތަށް ފަތުރަމުން ގެންގޮސްފައި ވެއެވެ. ދާދި އިހަކަށް ދުވަހުވެސް މިކަމެއް ހިނގައިފިއެވެ.

ކިޔާ މީހުންނަށް ހީވާނީ ފޮޓޯ އަކާއެކު ލިޔުންކޮޅުވުމުން، އެއީ އަޅުގަނޑު ބުނެފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ، އެ ލިޔުންކޮޅަކީ ތަރުޖަމާއެއް ކަމެވެ. އެއީ ނޭޝަނަލް ކައުންސިލް ފޯރ އެޑިޔުކޭޝަނަލް ރިސާރޗް އެންޑް ޓްރޭނިންގ (އެން.ސީ.އީ.އާރު.ޓީ) އިން 2000 ވަނަ އަހަރު މުޅި އިންޑިއާއަށް ނެރުނު ނޭަޝަނަލް ކަރިކިޔުލަމް ފްރޭމްވާރކްގައިވާ ޕެރެގްރާފެކެވެ. ތިރީގައި އެވަނީ އަޞްލެވެ. މުޅި ލިޔުން މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަޅުގަނޑު ލިޔެފައިވާ މަޒުމޫނެއްގައި، އަޞްލަށް ޙަވާލާދެމުން އެ ޕެރެގްރާފް ހިމެނީމެވެ. ކައުންސިލުން ބުނި އެއްޗެއް މަޒުމޫނެއްގައި ތަރުޖަމާ ކުރުމުން، އަޅުގަނޑު ބުނި އެއްޗަކަށް ނުވާނެއެވެ. އެފަދަ މަތިވެރި ވާހަކައެއް ބުނުމަށް ވުރެ އަޅުގަނޑު ގެ ޤާބިލްކަން ކުޑައެވެ.

ކިޔަވައިދޭ ބަހުގެ ވާހަކަ އަޅުގަނޑު އުޅެނީ ނުދައްކާ ވޭތޯއެވެ. ސަބަބަކީ، އެކަމަށް ބޭނުންވާ ފިކުރަކީ ކައުންޓަރއިންޓިއުޓިވް އެއްޗަކަށް ވާކަމެވެ. މީހުން ވިސްނާގޮތާ ތަފާތުގޮތަކަށް ނަތީޖާ ނުކުންނަ ކަމަކަށް ވާކަމެވެ. މިފަދަ އެހެން ތިންކަމެއް ދަންނަވާލާނަމެވެ. އިރު އަރާ އޮއްސޭ ވަގުތު، އިރު ފެންނަނީ މެދު އުޑުގައި އިރު ހުންނަ ވަރަށް ވުރެ ބޮޑުކޮށެވެ. ނަމަވެސް ފޯނުން ނުވަތަ ކެމެރާއަކުން ފޮޓޯއެއް ނެގުމުން، މެދު އުޑުގައި އިރު ހުންނަ އިރެކޭ އަރާއިރެކޭ ސައިޒުގެ ތަފާތެއް ނުފެނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ހޫނު ފެންތައްޓަކާއި ހޫނުނޫން ފެންތައްޓެއް އައިސްއަލަމާރިއަކަށް ލުމުން އަވަހަށް ގަނޑުވަނީ ހޫނު ފެންތައްޓެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ދިޔަވަރަކީ ހަނދަށް ލޮނުގަނޑު ދަމާތީ ވާގޮތެއް ނަމަ، ހަނދު މެދުއުޑުގައި ހުރެގެން ދިޔަވަރު ބޮޑުވާ އިރު، ދިވެހިރާއްޖޭގެ ސީދާ ދަށުގައި (އަނެއް ފަރާތު) ގައިވާ ޤައުމުތަކަށް އޮންނަން ޖެހޭނީ ތިލަ ދިޔަވަރެވެ. ނަމަވެސް ކަން ވަނީ އެހެންނަކުން ނޫނެވެ.

މަތީގައިވާ ބައެެއް ކަންކަމުން ހަމަ ބުއްދިން ބައެއް ޙަޤީޤަތްތަކަށް ވާޞިލް ނުވެވޭނެކަން  އެނގެއެވެ. ކަންތައްތައް ދެތުމަށް އިތުރު މަޢުލޫމާތުތަކެއް ބޭނުންވެއެވެ. މީޑިއަމް އޮފް އިންސްޓްރަކްޝަނަކީ ވެސް މިފަދަ ކަމެކެވެ.

އިނގިރޭސި މީޑިއަމުން ކިޔަވައިދޭ ނަމަ، ދަރިވަރުން އިށީންނަން ޖެހޭނީ އިނގިރޭސިބަހުގެ ފަސްޓް ލޭންގްވިޖް ޕޭޕަރުގައި. އެއީ ދަރިވަރުން އުނގެނެނީ އެ ބަހުން ކަމަށް ވާތީ. ދެ ފެންވަރެއްގައި އިނގިރޭސި ބަސް އޯ ލެވެލްގައި އޮވޭ. އެއް ފެންވަރަކީ ”ފަސްޓް ލޭންގްވިޖް“ ދެވަނަ ފެންވަރަކީ ”އިންގްލިޝް އެޒް އަ ސެކަންޑް ލޭންގްވިޖް“.

ސިސްޓަމް މަސައްކަތް ކުރާގޮތް ވިސްނަވާ! މައުމޫން ދައުރުގައި، ޒާހިޔާގެ މިނިސްޓަރުކަމުގައި، ހުރިހާ ދަރިވަރުން ހަދަނީ ފަސްޓް ލޭންގްވިޖް ޕޭޕަރު.  އޭރު ފާސްވާނީ %6… ޒާހިޔާ ހެއްދެވިގޮތަކީ ނަތީޖާ ރަނގަޅުކުރުމަށް އިންގްލިޝް އެޒް އަ ސެކަންޑް ލޭންގްވިޖް ޕޭޕަރުގައި ދަރިވަރުން ބައިވެރިކުރަން ފެއްޓެވީ. ޖެހިގެން އައި އަހަރު ނަތީޖާ %20 އަށް އެރި… މީގެ މާނަައަކީ ކޮބައިތޯ؟ އާދެ! މާނައަކީ ފަސްޓް ލޭންގްވިޖް ޕޭޕަރުގެ ފެންވަރަށް ވުރެ ސެކަންޑް ލޭންގްވިޖް ޕޭޕަރު ތިން ގުނަ ދަށޭ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ގްރޭޑް 7 ނުވަތަ 8 ގެ ފެންވަރުގެ ކަރުދާހެއް. މިކަރުދާހުން ފާސްވުމަކީ މަތީ ތަޢުލީމަށް އެކަށީގެންވާ ފެންވަރުގެ އިނގިރޭސި އެނގޭކަމުގެ ހެއްކެއް ނޫން. އިމްތިޙާނު ކުރާ ފަރާތުން ވެސް މިހެން ބުނޭ.

މީޑިއޮކްރިޓީ އަކީ (ގެލެރި ފެންވަރަކީ)، ޤައުމީ ރަން ވަޒަނަށް – ނޭޝަނަލް ސްޓޭންޑަރޑް އަށް – ވީމާ ދެން ތަޢުލީމަށް ވާނީ ކިހިނެތް؟

އަޅުގަނޑުގެ ނަޒަރުގައި، އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ފާހަގަކުރަން އިނގިރޭސިބަހުން ބަލަން ޖެހޭނީ ފަސްޓް ލޭންގްވިޖް ޕޭޕަރުގެ ނަތީޖާއަށް.

— — —

ސްކޫލްތަކުގެ އޯލެވެލް ނަތީޖާއާ ބެހޭ ކަންކަން ހުށަހެޅުއްވީ ތިންކްޓޭންކްގެ މެންބަރު ޑރ ޢަބްދުﷲ ވަޙީދު. އޭނާއަކީ ސާރޖަން އެއް. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ރާއްޖޭގެ ދަރިވަރުން އިށީންނަ އޯލެވެލްގެ ގިނަ މާއްދާތަކުން ގިނަ ކުދިން ވަނީ ފޭލި. ކުރިން ތަޢުލީމީ ތަފާސް ހިސާބުތަކަކީ އޮޅުވާލުމެއް ނެތި ޗާޕުކޮށް ޢާއްމުކުރާ އެއްޗެއް. މިހާރު އިމްތިޙާނުތަކުގެ ނަތީޖާތަކުގެ ތެދު މަޢުލޫމާތު ހޯދަން ދަތި.

މައްސަލަތައް ފެށުނީ ސްކޫލްތައް އަޅާކިޔަން ފެށުމުން. މިކަން ފެށުނު ކުރީކޮޅުގައި، 1980 ގެ ފަހު އަހަރުތަކުގައި، ފާހަގަކުރަން ފެށީ އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުން. އެއީ މުޙައްމަދު އަމީން ދައުރުގައި އޭނާ ފެއްޓެވިކަމެއް. ފަހުން މިކަން ތަޢާރުފުކުރެއްވީ ޢަބްދުﷲ ޙަމީދު، ތަޢުލީމީ ވަޒީރަކަށް ހުންނެވި ދުވަސްވަރު. އެ ދުވަސްވަރު، އެންމެ ރަނގަޅު 10 ނަތީޖާ ހޯދުމަށް ހިސާބުތައް ހަދާނޭ ގޮތް ކަނޑައެޅީ އަޅުގަނޑު.

މާގިނަ ދުވަހެއް ނުވެ، ދެން ވާންފެށި ގޮތަކީ، ބައެއް ސްކޫލްތަކުގެ ދަރިވަރުން މި ލިސްޓްގައި ހިމެނުމަށް މޮޅު ކުދީންކޮޅަކަށް ގިނަ މާއްދާތަކެއް ގަދަޔަށް ކިޔަވައިދޭން ފެށުން. މާ ގިނަ ދުވަހެއް ނުވެ، ސްކޫލްތައް ވެސް ވަނަވަނައަށް ހޮވާ މިންގަނޑަކަށް މިކަން ވެއްޖެ. ދެން ހަދަން ފެށިގޮތަކީ ދަށްކުދީން ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އިމްތިޙާނުގައި ބައިވެރިކުރަން ފެށުން. ސްކޫލްގެ ނަމުގައި ބައިވެރިކުރަނީ ޔަޤީނުންވެސް ފާސްވާނޭ ކުދިން. އެންމެ ފުރަތަމަ، މިކަން ފެށުނީ މާލޭގެ ޕްރައިވެޓް ސްކޫލްއަކުން. މާގިނަ ދުވަހެއް ނުވެ ރާއްޖެތެރެއަށް ވެސް މިކަން ފެތުރުނު.

[ތާޖުއްދީނު ސްކޫލް އާއި އަޙްމަދިއްޔާގެ ސްޓެޓިސްޓިކްސް | އޯލެވެލް އިމްތިޙާނުގައި ކޮޕީކޮށް ދިނުން.]

ސްކޫލްގެ ނަން ”ހަނޑިވެދާނެތީ“ ނުވަތަ ތަޢުލީމީ ނިޒާމުގެ ”މޮޅުކަން“ ދަށް ވެދާނެތީ، ދަރިވަރުން ސްކޫލްގެ ނަމުގައި ބައިވެރިނުކުރާ ގޮތް މިހާރު ވަނީ ލެޖިޓިމައިޒް ކޮށްފައި. ލެޖިޓިމައިޒް ކުރުމަކީ، ކަމެއް ގަވާއިދަކުން ނުވަތަ ޤާނޫނަކުން ބަލައިގަންނަ، ހުއްދަ، ޤަބޫލުކުރެވޭ ކަމަކަށް ހެދުން. އެޑިޔުކޭޝަން ސިސްޓަމުން ހެދިގޮތަކީ، ދަސްވާރު ކިޔާ އައު ގޮތްޕެއް ތަޢާރުފުކޮށް، ދަށް ކުދިން އެ ގޮތްޕަށް ފޮނުވަން ފެށީ. ދަސްވާރު ޕްރޮގްރާމް ”ރަނގަޅަށް ހިންގައިގެން“ އެއް އަހަރު ދުވަހުގެ ތެރޭގައި ސްކޫލެއްގެ ނަތީޖާ %100އަށް ޖެއްސޭނެ.

ފަހަކަށް އައިސް ވަނަ ކަނޑައެޅުމުގައި އެންމެ ރަނގަޅު 8 މާއްދާއަށް ބަލަން ފެށުމުން، އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ޢަދަދު 400 އަށް ވުރެ މަތިވި. ސްކޫލްތަކުގެ އޯލެވެލް ނަތީޖާތައް ފާހަގަކުރާ ބައްދަލުވުން، ވަރަށް އަވަހަށް ކުޑަ ޖަލްސާއަކުން ވަރަށް ބޮޑު ޤައުމީ ޖަލްސާއަކަށް ވެއްޖެ. އަދި މިޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހުނު. މިއީ މިކަމުގައި ސަރުކާރު ހިންގާ ފަރާތްތަކުގެ މަޞްލަޙަތު ވަރަށް ބޮޑަށް އޮންނަ ކަމެއް. މި ޖަލްސާ ވެގެންދަނީ ކުރީ އަހަރަށް ވުރެ، އަބަދުވެސް ފަހު އަހަރުގެ ނަތީޖާ މޮޮޅުކަމަށް ދައްކާ، އަދި އެހެންކަމުން ސަރުކާރުގެ ހިންގުން ހަރުދަނާ ވަމުން އަންނަ ކަމުގެ ހެއްކަކަށް. މިނިިސްޓްރީގައި ތިއްބަވާ ކަމާބެހޭ ބޭފުޅުން ސްޓެޓިސްޓިކްސް އެކިގޮތްގޮތަށް މޮޑެގެން އަބަދުވެސް ކުރީ އަހަރަށް ވުރެ ފަހު ނަތީޖާތައް ރަނގަޅުކަމަށް ދައްކަމުން ގެންދޭ ސްޓެޓިސްޓިކްސް އަކީ ތިޔަ ބޭފުޅުންނަށް ކިހާ ތެދު އެއްޗެއްކަން އެނގިވަޑައިގަންނަވާނެ.

ކަންކަން ޙަޤީޤަތުގައި ވާގޮތް، ސިސްޓަމުގެ ގިނަ ބަޔަކަށް އެނގޭ. އަޅުގަނޑުގެ ރައްޓެއްސަކު އުޅޭނެ ސަޢީދު އަޙްމަދު ކިޔާ ބޭފުޅެއް. އޭނާއަކީ ކުޅުދުއްފުށީ ޖަލާލުއްދީނު ސްކޫލްގެ ޕްރިންސިޕަލްކަން ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެއް. ކަން ކުރާގޮތުން، ވަނަތަކަށް ސްކޫލްތައް ގެންނަ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން، އޭނާ މި ޖަލްސާތަކަށް ހާޒިރުވެ ވަޑައިނުގަންނަވާ. އެއީ އޭނާގެ ޒަމީރަށް ނަޒާހަތްތެރިކަމުގެ ކަށިތައް ހެރޭތީ ކަންނޭނގެ.

ޖަލްސާތަކުގައި”މުޅި ދުނިޔޭން އެއްވަނަ“ އަށް އަންނަކަމަށް ހީވާގޮތަށް އިނާމުތައް ދޭއިރު، ޢާއްމުންނަށް ކުރެވޭނޭ އިޙްސާސްއަކީ ހަމަ ޙަޤީޤަތުގައި ވެސް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ނިޒާމެއްކަމަށް. މިއޮތީ އިނގިރޭސިވިލާތުގައި 2016 ވަނަ އަހަރު، އޯލެވެލް ފެންވަރުގެ ކޭމްބްރިޖް އިމްތިޙާނު ހެދި ދަރިވަރުންގެ ޢަދަދާއި އެކި ކުދިން ބައިވެރިވާ މާއްދާތަކުގެ ޢަދަދު.

މި ތާވަލުން ދައްކާގޮތުގައި، އިނގިރޭސިވިލާތުގެ ދަރިވަަރުން އެވްރެޖްކޮށް ހަދަނީ، 8.6 މާއްދާ. އެންމެ ގިނަ ކުދިން ހަދަނީ، 9 މާއްދާ. އެއީ ގާތްގަޑަކަށް ހަތަރުބައިކުޅަ އެއްބައި ކުދިން. މި މިންވަރާ ގާތްގަޑަކަށް އެއްވަރު ކުދިން، އާދެ، %22.7 ކުދިން ހަދަނީ 10 މާއްދާ. ތާވަލަށް ބަލާއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ހަދަނީ 9 މާއްދާ ނުވަތަ އެއަށް ވުރެ ގިނަ މާއްދާ. ރާއްޖެއާ އަޅާބަލާއިރު، ތިޔަ ބޭފުޅުންނަށް ޤަބޫލުކުރެއްވޭނީ، ރާއްޖޭގެ ދަރިވަރުންގެ ކިޔެވުން ހާދަ ހަންޏޭ… ހާދަ މަދު މާއްދާއޭ ހަދަނީ. ހާދަ މަޢުލޫމާތު، ހާދަ ވިސްނުން ހަނިވާނޭ. މަދު މާއްދާތަކެއް ހަދައިގެން މޮޅުވުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިއާއެކު، އަޅުގަނޑު އަޅައިގަންނަ އަނެއް ކަމަކީ، A އާއި A* އެއް ފެންވަރެއްގައި ވަޒަންކުރާކަން. އިނގިރޭސި ވިލާތުގައި މޮޅުކުދިން ބޮޑަށް ފާހަގަކުރަން ވެގެން، މިހާރު A ލިބޭ ކުދިން ތިން ބަޔަކަށް ބަހައިފި.  އަޅުގަނޑަށް ހީވާގޮތުންް، ގިނަ ކުދިންތަކެއް ކޮންމެވެސް ނިޒާމަކުން ވަނަވަނަ އަށް ގެނައުމުގައި ގިނަ ފަރާތްތަކެއްގެ މަޞްލަަޙަތު ހިމެނޭ. ދެރަކަމަކީ އެއީ ޙަޤީޤީ މޮޅުވުމަށް ނުވާކަން. ގެެލެރި ފެންވަރަކީ ދަރިވަރުން މިން ކުރާ ޤައުމީ ވަޒަނަށް ވުމުން ތަޢުލީމަށް ވާނީ ކިހިނެތް؟

ޑރ ޢަބްދުﷲ ވަޙީދުގެ މައިގަނޑު ހުށަހެޅުމަކީ، އެސް.އެސް.ސީ އިމްތިޙާނުތަކަށް އިތުރު މާއްދާތައް ލަސްލަހުން އެއްކުރަމުން ގޮސް ދަށު ސާނަވީ މުޅީން ރާއްޖޭގެ އިމްތިޙާނުތަކަކަށް ހެދުން. ބޭރު އިމްތިޙާނުތަކުގައި ބޭނުން ކުދީންނަށް އަދިވެސް ބައިވެރިވެވޭނެ. އޭލެވެލް މިހާރު އޮތްގޮތަށް ބާއްވާނީ. އޭނާ މިހެން ހުށަހެޅި ސަބަބުތައް ވެސް ބަޔާންކުރި. އަޅުގަނޑުގެ ނަޒަރުގައި، އިންގްލިޝް އެޒް އަ ސެކަންޑް ލޭންގްވިޖް ރާއްޖެއިން ޓެސްޓްކުރަންވީތާ ކިތަންމެ ދުވަހެއް ވެއްޖެ.

ކޭމްބްރިޖް ފަދަ އިމްތިޙާނު ތަކާ މެދު އަޅުގަނޑުމެން ދެކެންވީ އެއީ ބަޔަކު ކުރާ ވިޔަފާރިއެއްކަމަށް. އެކަން މިހާރުވަނީ ވަރަށް ފުޅާވެ، ފެންވަރު ވެއްޓިފައި. މި ސްލައިޑްގައި އެވަނީ އިނގިރޭސި ވިލާތުގެ ސްކޫލްތަކެއްގެ ހެޑްމާސްޓަރުން އެކުލަވާލި ރިޕޯޓެއް. ބައްލަވާ އެމީހުން އިމްތިޙާނުތަކާ މެދު ދެކޭގޮތް. އެ ސިފަކުރަނީ އެއީ އިންޑަސްޓްރީއެއްކަމަށް.

ތަކުރާރުކޮށް އިނގިރޭސި ވިލާތުގެ ނޫސްތަކުގައި، އިމްތިޙާނުތައް މާކުކުުރުމުގެ އިތުބާރު ނެތްކަމުގެ ވާހަކަ ލިޔޭ. ތިރީގައި އެވަނީ އެފަދަ އެއް ރިޕޯޓް. އިމްތިޙާނުތަކުގެ ނަތީޖާ އާ މެދު އިތުބާރު ނެތް ނަމަ، ދެން ކުރަންވީ ކޮން ކަމެއް؟ ވިސްނަވާ ލައްވާ!

— — —

ދެން އަޅުގަނޑު ވާހަކަ ދައްކާނީ، ދަރިވަރެއްގެ ކިޔެވުމަށް އެންމެ ބޮޑު އަސަރު ކުރާ ކަމާ މެދު. އާދެ! މުދައްރިސުންނާ މެދު.

އެމް.އެން.ޔޫ އުފައްދަން އުޅުނު ދުވަސްވަރުގައި، އަޅުގަނޑަށް އެއް ފަހަރަކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނަންޓް ސެކްރެޓަރީ އާމާލް ޢަލީ ފޮނުއްވި ސިޓީއެއް ލިބިއްޖެ. ހުޅުވާފައި ބެލިއިރު، އޭގައިވަނީ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަޙީދު ފޮނުއްވާފައިވާ ނޯޓެއް. އެއީ އަމީނިއްޔާގެ ވަޒީފާއަކަށް ކުރިމަތިލި އެމް.އެން.ޔޫ އިން ބެޗްލަރ އޮފް ޓީޗިން އިންގްލިޝް އެޒް އަ ފޮރިން ލޭންގްވިޖް ކިޔާ ޑިގްރީ ހަދައިފައިވާ ދަސްވެންޏަކަށް އަމީނިއްޔާ އިން ދީފައިވާ ޓެސްޓެއްގައި ލިޔެފައިވާ އާންސަރ ސްކްރިޕްޓް. އަމީނިއްޔާއިން އޭނާއަށް ދީފައިވަނީ ކުރު މަޒުމޫނެއް އިނގިރޭސިބަހުން ލިޔަން.

ދަންނަވަންތޯ!  އެކުއްޖާ ލިޔެފައިވާ މަޒުމޫނުގައި ހަމަޖެހޭ – ބަހުގެ ގަވާއިދަށް ފެތޭ – އެންމެ ޖުމުލައެއް ވެސް ނެތް. މި ދެންނެވީ ތިން އަހަރުގެ ޑިގްރީއެއް އިނގިރޭސިބަހުން، އިނގިރޭސި ބަސް ކިޔަވައިދޭން ނިންމާފައިވާ މީހެއްގެ ފެންވަރު. ޑިގްރީ އަށް ވަދެވޭނީ ވެސް، އޯ ލެވެލް އަށް ފަހު މަދުވެގެން އިތުރު އެއް އަހަރު ކިޔަވައިގެން.

އެތައް ދިރާސާއަކަށް ފަހު، އިލްމުވެރިން ބުނަނީ އެއްވެސް މަދްރަސީ ނިޒާމެއްެގެ ފެންވަރު، އެ ނިޒާމުގެ މުދައްރިސުންގެ ފެންވަރަށް ވުރެ މޮޅެއް ނުވާނޭ.

އެ ދުވަސްވަރު ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން އަކަށް ހުންނެވީ ޢާޞިމް ޢަބްދުއްސައްތާރު. އަޅުގަނޑު އެ ސިޓީ ފޮނުވީ އޭނާއަށް. މިހެން މިކަން މެދުވެރިވީ ކީއްވެގެންތޯ؟ އެމް.އެން.ޔޫ ގައި އޭރު އޮންނަ ގަވާއިދަކީ ކޮންމެ މާއްދާއަކުން ވެސް ދަރިވަރުން ފާސްވާން، މަދުވެގެން %50 ވަޒަން ކުރެވެން ޖެހޭނީ، އެއީ އެކުއްޖާ އަމިއްލައަަށް ކުރި މަސައްކަތެއްކަން ޔަޤީންވާ ޙާލަތެއްގައި.

މިފެންވަރުގެ މުދައްރިސުން ސިސްޓަމުގައި އުޅޭނަމަ، ދަރިވަރުންނަށް ވާނީ ކިހިނެއްތޯ؟

ވަޒީފާއަށް އެދޭ ފަރާތްތަކަށް ޓެސްޓް ދިނުމަކީ އަޅުގަނޑުވެސް ކުރާކަމެއް. އިންޑިޔާގެ ޓީޗަރުން ބައެއް ފަހަރު މަޖީދިއްޔާގެ ޓީޗަރު ކަމާކުރިމަތިލުމުން، އަޅުގަނޑު އެމީހުންނަށް ދެނީ ޓެކްސްޓް ފޮތާއި ކުރީގެ ޕޭޕަރެއް. ހަފުތާއެއްގެ ފަހުން ޓެސްޓް ދިނުމުން، ގިނަ ޓީޗަރުންނަށް ލިބެނީ 30 ވަރަކަށް މާކުސް.

ޓީޗަރުންގެ ތަމްރީނުގެ ފެންވަރު އަންގައިދޭ ކަންތައްތަކުގެ ތެރެއިން މިކަމަށް ތިޔަ ބޭފުޅުން ޝައުޤުވެރިވާނެ. މި ވާހަކަ ކިޔައިދިނީ އަޅުގަނޑަށް ރާއްޖެތެރޭ ރަށެއްގެ މުވައްޒަފެއް. އޭނާ ބުނީ، އަމިއްލަ ކޮލެޖަކުން ހިންގާ ޓީޗަރުކަމުގެ ޑިޕްލޮމާ ކޯހެއްގައި އޭނާގެ ކޮއްކޮ ބައިވެރިވެގެން ވަކި ހިސާބަކަށް ގެންގޮސްފައި ހުއްޓާލިކަމަށް. ދޮޅު އަހަރެއް ހާ ފަހުން، އެކުއްޖާ އާ އެ ކޮލެޖުން ގުޅާފައި ބުނީ މިހާރު ތިމަންމެން މިއުޅެނީ ޑިގްރީ ފަށަން ކަމަށް. ބައިވެރިވާންވީ ނޫންހޭ؟ އެކުއްޖާ ބުނީ ތިމަންނަ ތިޔަ ކޯހަކަށް ޝަރުޠެއް ހަމައެއް ނުވާނޭ، ޑިޕްލޮމާއެއް ނުނިންމަމޭ. އެތަނުން ބުނީ ތިކަން ހަމަޖައްސައިދީ ފާނަމޭ. ދެން އައި ދަތުރު، ކޮލެޖުން ވާހަކަ ދެއްކި މީހާ އައީ ޑިޕްލޮމާގެ ސެޓިފިކެޓް އެކުއްޖާގެ ނަން ޖަހައި ހިފައިގެން. އަޅުގަނޑުގެ ކައިރީގައި ޝަކީލްވެސް ބުނި، ތިމަންނައަށް ވެސް ތި ވާހަކަ އެމީހާ، ހަމަ ތިގޮަތަށް ކިޔައިދިން ކަމަށް. އަޅުގަނޑު މިކަމާ ކަންބޮޑުވެގެން އެމް.ކިޔު.އޭގެ އާސްރާއަށް ފޯނުކޮށްފައި ދެންނެވިން. އާސްރާ ވިދާޅުވީ އިންސިިޑަންޓް ރިިޕޯޓެއް ފައިލްކުރާނެކަމަށް.

އަޅުގަނޑުގެ ސުވާލަކީ، ފޭކު ސެޓިފިކެޓް ގެންގުޅޭ ކިތައް ޓީޗަރުން ސްކޫލް ނިޒާމުގައި އުޅޭނެހޭ؟ ކިތަން އިނގިރޭސި ޓީޗަރުންނަށް އެންމެ ޖުމުލައެއް، ކުށެއް ނުލާ، އިނގިރޭސި ބަހުން ލިޔަން އެނގޭހޭ؟

ސެންޓަރ ފޯރ އޯޕަން ލާރނިންގ އިން އެއް ފަހަރަކު، ހަމަސް ދުވަހުން ޕޯސްޓްގްރޭޖުއޭޓް ސެޓިފިކެޓް އިން އެޑިޔުކޭޝަން ކޯހެއް ފަށަން ނިންމައިފި. މިއީ  އެމް.ކިޔު.އޭގެ ގަވާއިދަށް ފެތޭ ކޯހެއް.  މައްސަލައަކީ ހުރިހާ ޤައުމެއްގައި ވެސް، މި ސެޓިފިކެޓަކީ އެއް އަހަރު ދުވަހުގެ އުނދަގޫ ކޯހަކަށް ވާކަން. ބްލޮކް މޯޑުން މިކޯސް ފެށުމުން، އަޅުގަނޑު ޑރ. އާމާލް އަށް އީމެއިލްކުރިން، މިފަދަ ކޯސްތަކުން ދުރު މުސްތަޤްބަލްގެ ތަޢުލީމީ ނިޒާމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެއޭ، މިނިސްޓްރީިއިން ކަނޑައަޅަންވީ ނޫންތޯއޭ ތިޔަބޭފުޅުން ޤަބޫލުކުރައްވާ ސަނަދުތަކުގެ ސިފަތައް. މިކަމަށް އިޖާބައެއް ނުލިބުމުން އެ މަޤާމާ ފަހުން ޙަވާލުވި ޑރ. މުޙުސިނަށް ވެސް ހަމަ މިވާހަކަ ދެންނެވިން. މި އީމެއިލްތައް އަޅުގަނޑުގެ އަތުގައި މިހާރުވެސް ހުންނާނެ. ފަހުން މި ކޯސް، ސެންޓަރ ފޯރ އޯޕަން ލާރނިންގ ގެ ރާމިޒް ޢަލީ ފެށުމުން އޭނާއަށް ދެންނެވިން ކިޔަވައިދިނުމަށް ވަނުމަށް މި ފެންވަރުގެ ކޯހެއް ހިންގާ އެހެން ތަނެއް ބުނެބަލާށޭ. އޭނާ ޖަވާބުގައި ފޮނުވީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއް. އެތަނަކީ އެފްރިކާގެ ޤައުމުތަކަށް ކުރު ކޯސް ހިންގާތަނެއް. ކޯސް ބަޔާނުގެ ތިރީގައި ސަނަދު ޤަބޫލުކުރުމަކީ އެ ޤައުމަކުން ކަނޑައަޅާ ކަމެކޭ އިންޒާރެއްގެ ގޮތުގައި ލިޔެފައި އޮތް.

އަޅުގަނޑަށް ހީވާގޮތުން، މަދްރަސީ ތަޢުލީމުގެ ފެންވަރު ހިފަހައްޓަން ޖެހޭ ބަޔަކީ މިނިސްޓްރީ. މުދައްރިސުންނަށް ވަޒީފާދެނީ އެމީހުން. ވީމާ، މިނިސްޓްރީއިން މުދައްރިސުން ތަމްރީނުކުރަންޖެހޭ މުޤައްރަރު ކަނޑައަޅަން އެބަޖެހޭ. ބޭރު ޤައުމުތަކުގައި ވެސް މިކަން މިގޮތަށް ކުރަން ފަށައިފި. އިނގިރޭސި ވިލާތުގައި ހުރިހާ ލޯޑިގްރީ އެއްގައި ހުންނަންޖެހޭ ސިފަތައް، ކިޔަވައިދޭންޖެހޭ މައުޟޫޢުތަކާއި ދިގުމިނާ އެހެން ތަފްޞީލުތަކާ އެކު ބަޔާންކޮށްފައިވޭ. މި ބަޔާނަށް ކިޔަނީ ”ޑިގްރީ ސްޕެސިފިކޭޝަން.“ ގިނަ ޕްރޮފެޝަނަލް ދާއިރާތަކުން ޑިގްރީ ސްޕެސިފިކޭޝަން ކަނޑައަޅާފައިވޭ.

ބައެއް ޤައުމުތަކުގައި، މުދައްރިސްކަން ކުރެވޭނީ ޓީޗަރ ރެޖިސްޓްރޭޝަން ބޯޑެއްގައި ރަޖިސްޓަރީކޮށްގެން. މިކަން ކުރާ ސަބަބަކީ، ދަރިވަރުންނާ ކުރިމަތިކުރާ ޓީޗަރުންގެ ފެންވަރު އެކުދީންނަށް ކަނޑަނޭޅޭނެތީ އެކުދީންގެ ބަދަލުގައި، އެކުދީންގެ ރައްކާތެރިކަމާއި މަންފާއަށް. އެކި ބާވަތުގެ ސަނަދުތައް ހިފައިގެން މުދައްރިސްކަމާ ކުރިމަތިލާތީ، ފެންވަރު ރަނގަޅު ޓީޗަރުންނާއި ފެންވަރު ނެތް ޓީޗަރުން ވަކިވާގޮތަށް ފުރާނަން. ރާއްޖޭގައި މިފަދަ ކަމެއް ކުރަން 2009 ވަނަ އަހަރު މަސައްކަތް ކުރި. އެކަމުގައި އިސްކޮށް އުޅުނު މީހާ، އަޅުގަނޑުގެ ކައިރީގައި ބުނީ، ބޯޑު އުފައްދަން ރައީސް އޮފީހުން ހުއްދަ ދެއްވި ސިޓީ ތިމަންނަ ދުށީމޭ، ނަމަވެސް ބޯޑު އުފެއްދޭގޮތެއް ނުވިއޭ. މިކަމަށް އެންމެ ބޮޑަށް ހުރަސް އަޅަނީ މިނިސްޓްރީގެ ބައެއް ވެރިންނޭ. އޭނާ ދެން ސިއްރުން ބުނީ އެމީހުން ދެކޮޅު ހަދާނެ ނޫންހޭ އިންޑިޔާއިން ގެންނަ ކޮންމެ ޓީޗަރެއްގެ ފަރާތުން އެމީހުން ނަގައޭ 2000 ޑޮލަރު. މިއީ ތެދެއްތޯ ނުވަތަ ނޫންތޯ ތިޔަ ބޭފުޅުންނަށް ވަރަށް ފަސޭހައިން ޔަޤީން ކުރެވިދާނެ. ބިދޭސީ ޓީޗަރުންގެ ކައިރީގައި އައްސަވާ އެމީހުން އެއްވެސް ފައިސާއެއް ދައްކަން ޖެހުނުތޯ ވަޒީފާއަށް އައުމަށް. އަޅުގަނޑު މިދެންނެވީ 9 ވަރަކަށް އަހަރު ކުރީގެ ވާހަކައެއް. ލަފާކުރެވޭ ގޮތުން މިހާރު ފައިސާގެ ޢަދަދު އިންފްލޭޝަންގެ ސަބަބުން އުޅޭނީ މަތީގައި.

ތިމާގެ ކިބައިގައި ތަޢުލީމީ ފެންވަރު ހުރެގެންނަށް ވުރެ، ބަޔަކަށް ރިޝްވަތު ދިނުމުގެ ޤާބިލްކަން ހުރެގެން ހޮވޭ ޓީޗަރުންނާ މެދު ތިޔަ ބޭފުުޅުން ވިދާޅުވާނީ ކީކޭތޯ؟ ރަނގަޅު ޓީޗަރުން އެންމެ ފަހު ވަގުތުގައި، ވަކި ބަޔަކަށް ފައިސާ ދޭން ބުނުމުން އެމީހުން އަންނާނެތޯ؟

ކުރިން ދެންނެވިހެން، ތައުލީމީ ނިޒާމެއްގެ ފެންވަރު، އެ ނިޒާމުގެ މުދައްރިސުންގެ ފެންވަރަށް ވުރެ މައްޗަކަށް ނުދާނެ. ގިނަ ޤައުމުތަކުގައި، މުދައްރިސަކަށް ވެވެނީ އޭ ލެވެލް އަށް ފަހު މަދުވެގެން ހަތަރު އަހަރުގެ ތަމްރީނު ހަދައިގެން. މިހާރު ގިނަ ބަޔަކު ދެކެނީ ކޮންޓެންޓް ޑިގްރީއަކަށް ފަހު މަދުވެގެން އެއް އަހަރު ފުލްޓައިމްކޮށް، ބައެއް ތަންތާނގައި ދެ އަހަރު، ކިޔަވައިގެން ނޫނީ ޓީޗަރަކަށް ނުވެވޭނެކަމަށް.

ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރެވޭނެ ހަމައެކަނި ގޮތަކީ އެކުދީންނަށް ދެވޭ އިރުޝާދު ރަނގަޅުކުރުން.  ދަށް ކުދިން، ނިޒާމުން ގެއްލުވާނުލާ ހުރިހާ ކުދިންނާ ދޭތެރޭ އިކްއިޓަބްލް ގޮތަކަށް، އިންސާފުވެރި ހަމަހަމަ ގޮތަކަށް ޢަމަލުކޮށްގެން.

BIBLIOGRAPHY



Anonymous. (20th Aug 2015). Take from an examiner, your students’ exam results could easily be wrong. The Guardian. Downloaded from https://www.theguardian.com/teacher-network/2015/aug/13/a-levels-gcses-examiner-exam-results-wrong

Fittell, D. (2014). Knowledge is wisdom? Observations from primary classrooms in the Maldives. The Maldives National Journal of Research, 2(1), 62-72.  Downloaded from saruna.mnu.edu.mv/jspui/handle/123456789/224

Gardner, H. (2006). Multiple intelligences: New horizons (Completely rev. and updated.). New York: BasicBooks.

Goleman, D. (1995). Emotional intelligence: Why it can matter more than IQ. New York: Bantam Books.

HMC. (2012). England’s ‘examinations industry’: Deterioration and decay. Published by HMC, 12 The Point, Rockingham Road, Market Harborough, Leicestershire, LE16 7QU

McKinsey. (2007). How the world’s best-performing schools come out on top. McKinsey & Company. Downloaded from https://www.mckinsey.com/~/media/McKinsey/Industries/Social%20Sector/Our%20Insights/How%20the%20worlds%20best%20performing%20school%20systems%20come%20out%20on%20top/How_the_world_s_best-performing_school_systems_come_out_on_top.ashx

NCERT. (2000). National curriculum framework. New Delhi: NCERT.  Downloaded from https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&uact=8&ved=2ahUKEwjk24bHvfzgAhUPfysKHdh2CTUQFjAAegQIChAC&url=http%3A%2F%2Fctegujarat.org%2FDownloads%2FNCF%2520Secondary%2520Education-2000.pdf&usg=AOvVaw28-WTj2CgFMN5UL0iyQcbA

The Scottish Government. (2008). Curriculum for excellence: Building the curriculum 3. Edinburgh: The Scottish Government. Downloaded from https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=2&ved=2ahUKEwirxuzev_zgAhVCSX0KHa-KC0QQFjABegQIBxAE&url=https%3A%2F%2Fwww2.gov.scot%2Fresource%2Fdoc%2F226155%2F0061245.pdf&usg=AOvVaw0AxrLn3Wvh9zs2ClGoopRs

އެންމެ ފަހުގެ މަޒުމޫނުތައް