ދިވެހި ރުފިޔާއަށް ނިޝާނެއް ފަރުމާކުރުން

މީގެ އަހަރެއްހާ ދުވަސް ކުރީން، ދިވެހި ރުފިޔާއަށް ރަމްޒީ އަކުރެއް ނުވަތަ ނިޝާނެއް ފަރުމާކުރުމަށް އެމް.އެމް.އޭ. އިން ޢާއްމުކޮށް އިޢުލާނު ކުރެވުނެވެ. ތިރީގައި އެވަނީ އެ މުބާރާތަށް އަޅުގަނޑު ހުށަހެޅި ހުށަހެޅުމެވެ.

ތަޢާރުފު

ގިނަ އަކުރުތަކެއް ބޭނުންކުރުމުގެ ބަދަލުގައި އެންމެ ނިޝާނަކުން ޤައުމާއި ފައިސާ ދެނެގަތުމަށް ޚާއްޞަ ނިޝާންތައް ބައެއް ޤައުމުތަކުގައި ބޭނުން ކުރެއެވެ. މިގޮތުން އެންމެ ގިނަ ދުވަސްވީ ފައިސާގެ ނިޝާންތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޕައުންޑްގެ ނިޝާނާއި އެމެރިކާގެ ޑޮލަރުގެ ނިޝާން ހިމެނެއެވެ. މި ދެ ނިޝާން އުފެދުނުގޮތް ތާރީޚް ފޮތްތަކުގައި ހިމެނިފައިވާނެއެވެ. މި ދެ ޤައުމުގެ ނިޝާނުން އިލްހާމު ލިބިގަނެގެން އެހެން ޤައުމުތަކުގެ ނިޝާންތައް ހަދައިފައި ވެއެވެ. އެންމެ ފަހުން ޢާއްމުވި ދެ ނިޝާނަކީ ބިޓްކޮއިން އަށް ބޭނުންކުރާ ނިޝާނާއި (₿) އިންޑިޔާގެ ފައިސާއަށް ބޭނުންކުރާ ރުޕީ ގެ ނިޝާނެވެ (₹).

ލެޓިން އަކުރު ބޭނުންކުރާ ޤައުމުތަކުގައި ބޭނުންކުރާ ގިނަ ނިޝާންތައް ފަރުމާކޮށްފައި ހުންނަނީ، ލެޓިން އަކުރުން ފައިސާގެ ނަން ފެށޭ އަކުރަށް ބަދަލެއް ގެނެސްގެންނެވެ. މިގޮތުން ގެންނަ އެންމެ ޢާއްމު ބަދަލަކީ އަކުރުގެ ހުރަހަށް ނުވަތަ މަތިން ތިރިއަށް ދެ ރޮނގުބުރި ދެމުމެވެ. ބައެއް ފަހަރު އަކުރު ސާދާ ކުރުމުގެ ގޮތުން އެންމެ ރޮނގުބުރިއެއް ވެސް ދަމައެވެ. މިސާލީ ޑޮލަރުގެ ނިޝާން $ ބައެއް ފަހަރު މިގޮތަށް ލިޔުމާއި އަނެއްބައި ފަހަރު މަތިން ތިރިއަށް ފަޅިކުރަން ދެ ރޮނގު  ލިޔުމެވެ. ހުރަހަށް ރޮނގުބުރި ހުންނަ ނިޝާން ތަކުގެ ތެރޭގައި ޔޫރޯގެ ނިޝާން € އާއި ޖަޕަނީޒް ޔެން  ¥ ހިމެނެއެވެ. އަމިއްލަ އަކުރެއް ބޭނުންކުރާ ބައެއް ޤައުމުތަކުގައި ފައިސާއަށް އެ އަކުރުން ނިޝާން ހަދާފައި ހުރެއެވެ. މިސާލީ ރިއާލް ﷼ އާއި އިޒްރޭލްގައި ބޭނުންކުރާ ޝެކެލް ₪ އެވެ. ޢަރަބިން ލަފުޒެއްގެ ގޮތުގައި ރިޔާލް ލިޔެފައިވާކަމަށް ފެނުނަސް އެއީ ނިޝާނެކެވެ. ރަމްޒެކެވެ. އިންޑިޔާގެ ރުޕީސް ގެ ނިޝާން ₹ ހަދައިފައިވަނީ (ހިންދީ ބަސް ލިޔާ) ދެވަނަގަރި އަކުރުގެ ރަ र މި އަކުރުގައި ހުރަސް ރޮނގުބުރިއެއް ދަމައެވެ. ރުޕީސް އަށް ކުރީގެ ލިޔުންތަކުގައި ތިރީގައިވާ ނިޝާން ބޭނުންކޮށްފައިވާތީ ފެނިފައި ވެއެވެ.

ލެޓިން އަކުރުން ރުފިޔާއަށް ނިޝާނެއް ފަރުމާކުރާނަމަ، މަތީގައިވާ ނިޝާނުގައި ތެދު ރޮނގުބުރީގެ ބަދަލުގައި f އެއް ޖެހިދާނެއެވެ. އެއިރުން އެއް ނިޝާނެއްގެ ގޮތުގައި Rf ލިޔެވޭނެއެވެ. Rf އަކީ ލެޓިން އަކުރުން ތާނަ ލިޔުމުގެ ގަވާއިދުގައި ދިވެހި ރުފިޔާ ރަމްޒުކުުރަން ކަނޑައަޅައިފައިވާ ދެ އަކުރެވެ. ކުރިން ބަޔާންކުރެވުނު ގޮތަށް ނިޝާން ފަރުމާކުރާނަމަ އެ ނިޝާން އަންނަނިވި ގޮތަށެވެ.

ލެޓިން އަކުރެއް ބޭނުންކުރުމުގެ މަންފާއަކަށް ވާނީ ބޭރު މީހުންނަށް އަކުރު އެނގުމެވެ. ނަމަވެސް، ވަޠަނީ އަދި ޤައުމީ ނަޒަަރަކުން ބަލާއިރު، ޤައުމީ ބަހަށް އިސްކަން ދިނުމުގެ ގޮތުންނާއި ދިވެހި ފައިސާގެ މުޢާމަލާތްތައް ގިނައިން ކުރަނީ ދިވެހިން ކަމަަށްވާތީ، ނިޝާން އޮންނަންވާނީ ތާނަ އަކުރަކުންކަމަށް ގިނަ ބަޔަކަށް އެއްބަސް ވެވޭނެއެވެ.

މަތީގައިވާ ބަޔާނުން އޮޅުންފިލާ އެއްކަމަކީ ގިނަ ފައިސާގެ ނިޝާނުގައި ދިގަށް ނުވަތަ ހުރަހަށް ދޭއް ނުވަތަ އެއް ރޮނގުބުރި ހުންނަންހެން “ހީވާން” ޖެހޭ ކަމެވެ. ނަމަވެސް މި އުޞޫލަށް ނުފެނޭ ނިޝާންތައް މަދުމަދުން ހުރެއެވެ.

ދިވެހި ރުފިޔާއަށް ކުރިން ހެދިފައިވާ ނިޝާންތައް

ތާނަ ފޮންޓުތައް ހަދަމުން ދިޔަ ދުވަސްތަކުގައި އެކި ފޮންޓުގައި ތަފާތު ގޮތްގޮތަށް ދިވެހި ފައިސާގެ ނިޝާނަށް ފަރުމާއެއް ކުރެވި ޢާއްމު ކުރެވިފައި ވެއެވެ. ތިރީގައި އެވަނީ ބައެއް މިސާލެކެވެ. ބައެއް ނިޝާންތަކަށް 23 އަހަރު ވެފައި ވިއަސް ދައުލަތުން ވަކިގޮތެއް ކަނޑައަޅައިފައި ނުވާތީ ޢާއްމުވެފައެއް ނުވެއެވެ. މި ފަަދަ ނިޝާނެއް ޢާއްމު ނުވި ދެވަނަ ސަބަބަކީ ނިޝާންތަކާ ބެހޭ ޖަމްޢިއްޔާއެއް 1991 ގައި (ޔުނިކޯޑް ކޮންސޯޓިއަމް) އުފެދި ކޮންމެ ނިޝާނަކަށް ޔުނީކް ނުވަތަ ނާދިރު ނަންބަރެއް ދޭން ފެށުމެވެ. ތާނަ ފޮންޓުގައި ހުންނަ ރުފިޔާގެ ނިޝާންތައް ހިމަނާފައި ވަނީ ޑޮލަރުގެ ނިޝާނުގެ “ޖާގައި” ކަމަށް ވާތީ އާއި ދިވެހި އަކުރުތައް ޔުނިކޯޑްގައި އެއިރު ހިމެނިފައި ނުވުމެވެ.

މަތީގައިވާ އެއްވެސް ނިޝާނެއް، އެއް ނަޒަރަކުން ބަލާއިރު، ރަނގަޅެއް ނޫނެވެ. ސަބަބަކީ، ކުދިކޮށް ލިޔާނަމަ ނުވަތަ ޕްރިންޓް ކުރާނަމަ، އެ އަކުރުތައް ކިޔަން ނޭނގި ދެލިގުޅައަކަށް ވެގެން ދާނެތީ އެވެ. ފަހެ ރަނގަޅު ނިޝާނެއްގެ އެއް “އެސިޑް ޓެސްޓަކީ” ނުވަތަ ރަނގަޅުކަމުގެ ދަލީލަކީ އަރިއަކު 7 ގޮޑި ހުރި އަކައެއްގައި އެ ނިޝާން ކުރެހުމެވެ. މަތީގައިވާ ނިޝާންތައް ވަރަށް ބޮޑަށް ސާދާ ކުރެވިގެން ނޫނީ މި ޓެސްޓުން ފޭލިވާނެއެވެ.

ހަތް ގޮޅީގެ އަކައަކަށް ޑޮލަރުގެ ނިޝާން ފެއްތުނަސް، ކުރިން ހެދިފައިވާ ދިވެހި ރުފިޔާގެ އެއްވެސް ނިޝާނެއް ނުފެތޭނެއެވެ. މިކަމުގެ ނަތީޖާއަކީ ކުދިކޮށް ލިޔާނަމަ، އަކުރު ކިޔަން ނޭނގުމެވެ. ފަހުމްނުވުމެވެ. ކުދިކޮށް ލިިޔާއިރު ނިޝާން ދެނެގަތުމަށް އެ ސާދާ (ސިމްޕްލް) ވާން ވާނެއެވެ.

އަލަށް ހުށަހަޅާ ނިޝާން

  1. ދިވެހިރާއްޖޭގައި މިހާރު ބަސް ލިޔަން ގެންގުޅޭ ގަބުޅި ތާނަ އަކުރުތައް ގެންގުޅޭތާ މަދުވެގެން 300 އަހަރު ވެފައިވާތީ، ދިވެހި ފައިސާގެ ނިޝާނުގައި ބޭނުން ކުރަންޖެހޭނީ، ތާނައިގެ އަކުރެއްކަމަށް ޤަބޫލުކުރެވެއެވެ. ރުފިޔާ ކަމަށްވާތީ، ބޭނުންކުރަންވާނީ ރ ކަމަށް ވެސް ޤަބޫލްކުރެވެއެވެ. އަދި، ފައިސާގެ ނިޝާނެއް ކަމަށް އިޝާރާތް ކުރުމަށް ދެ ރޮނގުބުރި ހުރަހަށް ނުވަތަ ދިގަށް ބޭނުން ކުރަން ޖެހޭނެއެވެ. މިއާއެކު، ރ ގެ ބައްޓަމުގެ ސަބަބުން ޞަލީބެއްގެ ސިފަ އައިސްގެނެއް ނުވާނެއެވެ.

  2. ދުނިޔޭގެ ނިޝާންތަކާ ބެހޭ ޖަމްޢިއްޔާގައި މިހާރުވެސް 150،000 އާ ގާތްކުރާ ނިޝާން ރަޖިސްޓަރީކޮށްފައި ވެއެވެ. ދިވެހި ފައިސާއަށް ތައާރަފުކުރާ ނިޝާން، އިހު ބުނެވުނު ދޮޅު ލައްކަ ނިޝާންގެ ތެރެއިން އެއްވެސް ނިޝާނަކާ އެއްގޮތްވުމަކީ އެދެވޭ ކަމެއް ނޫނެވެ.

  3. ފައިސާގެ ނިޝާންތަކުގެ ތެރެއިން ޔޫރޯގެ ނިޝާނާއި ޔެންގެ ނިޝާނާއި ޑޮލަރުގެ ނިޝާނުގައި ރީތިކަމެއް ހުރެއެވެ.  މ ިކަމުގެ ސިއްރަކީ، އެ ނިޝާންތަކުގައި ބައިލެޓަރަލް ސިމެޓްރީ ހުންނަ ކަމެވެ. މިސާލެއްގެ ގޮތުން $ އާއި € އާއި ¥ މި ތިން ނިޝާން ހުރަހަށް ނުވަތަ ދިގަށް ފަޅިކޮށްލައިފިނަމަ ދެ އަރި އެއްގޮތްވާ ފަޅިކުރުމެއް ފާހަގަ ކުރެވޭނެއެވެ. މިސާލެއްގެ ގޮތުން ޔޫރޯގެ ނިޝާން ހުރަހަށް ދެފަޅި ކޮށްލައިފި ނަމަ، އެއް އަރިއާއި އަނެއް އަރި އެއްގޮތް ވާނެއެވެ. ސިމެޓްރީ ހުންނަ ތަކެތި ރީތިވުމަކީ އިންސާނުންގެ ކިބައިގައި ޠަބީޢީ ގޮތުން ހުންނަ ސިފައެކެވެ. ބައެއް ނިޝާންތައް ރީތިވަނީ އޭގައި ސިމެޓްރީ ހުންނާތީ އެވެ.

މަތީގައިވާ ކަންތައްތަކަށް ރިއާޔަށްކޮށް ހުށަހަޅާ ނިޝާން ތިރީގައި އެވަނީ އެވެ.

މި ފަރުމާގައި ވިސްނާފައި އެއްކަމަަކީ، މިހާރު ތާނަ އެނގޭ މީހުންނަށް ލިޔެފައިވާ އަކުރަކީ ރ އެއްކަން ފަސޭހައިން ދެނެގަތުމަށް އަޞްލު ރ އަކާ ވީހާ ވެސް ބޮޑަށް އެއް ވައްތަރު ކުރުމާއި ފައިސާގެ ނިޝާންތަކަށް އެންމެ ޢާއްމު ސިފަ ނިޝާނުގައި ހިމެނުމެވެ.

އަތުން ލިޔާގޮތާއި ކޮމްޕިއުޓަރުން ލިޔެވޭގޮތް ކުޑަކޮށް ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އަތުން ލިޔުމަށް ފަސޭހަ ކުރުމަށް ކިތަންމެ ނިޝާނެއް ސާދާ ކުރެއެވެ. މިސާލެއްގެ ގޮތުން ލެޓިން އަކުރުގެ ޑަބަލް ސްޓޯރީ (double storey) ޖީ އަކުރު ސާދާކޮށް ލިޔަނީ ސިންގްލް ސްޓޯރީ ޖީ ލިޔާ ގޮތާ ތަފާތު ގޮތަކަށެވެ.

ހަމަ މި މޭރުމުން، މި ނިޝާން އަތުލިޔުމުން ލިޔާއިރު ލިޔާނީ ލިޔުންތެރިޔާއަށް އެންމެ ފަސޭހަވާ ގޮތަށެވެ. އެއީ، އާދައިގެ ރ އެއް ލިޔުމަށް ފަހު، ރ ގެ ހުރަސް ބައިގެ މަތީގައި ރޮނގުބުރިއެއް ދެމުމެވެ. އެއީ ޕައުންޑްގެ ނިޝާންވެސް އުފެދިފައިވާ ގޮތެވެ. އެންމެ ފުރަތަމަ ބޭނުން ކުރީ ޕައުންޑް އަށް lb އެވެ. އެއީ ލެޓިން އަކުރުން libra pundo ކުރުކޮށެވެ.  ފޮތްތަކުގައިވާ ގޮތުން، ދެން އެ ފަހުން ބަޔަކު މި ދެއަކުރުގެ މަތީގައި ރޮނގުބުރިއަށް ދެމީއެވެ. ދެން ސްޓައިލިސްޓިކް ކޮށް އަތުލިޔުމުން މިހާރުގެ ނިޝާނަށް £ އަށް ބަދަލުވީ އެވެ. މިވާހަކަތައް މިއަށް ވުރެ ތަފްޞީލުކޮށް މި ވެބްޕޭޖްގައި ވެއެވެ.

ދިވެހި ފައިސާގެ ނިޝާނަށް ހުށަހެޅި ފަރުމާ ތެދަށް ލިޔެފައިވާ ސަބަބަކީ، މި ނިޝާން ގިނައިން ބޭނުން ކުރާނީ ތެދަށް ލިޔާ ވިޔަ އަކުރުތަކާ އެކުގައި ކަމަށް ވާތީ އާއި، މީގެ 300 ވަރަކަށް އަހަރު ކުރިން ތާނަ ލިޔަނީ ތެދަށްކަމަށް ވާތީ އާއި ކިޔަން ފަސޭހަ ވާނެތީ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު ދޫ ކޮށްލި ނިޝާނެއް ތިރީގައި އެވަނީއެވެ.

އެ ނިޝާނަކީ ފައިސާގެ ބައެއް ނިޝާންތަކުގައި ހުންނަ = ދެ ރޮނގުބުރި ރ ގެ ސިފަ ގެނައުމަށްޓަކައި، މައްޗާއި ތިރީގައި ވަކި ބައެއް ގުޅުވާފައިވާ ނިޝާނެކެވެ. މި ނިޝާން ހިމަނައިގެން ޖަހާފައިވާ ޢަދަދުތަކެއް ތިރީގައި އެވަނީއެވެ.

މިއީ ވެސް ރ އެކެވެ. މިއީ ޕާރފެކްޓް (ބަރާބަރު) ސިމެޓްރީ ހިފެހެއްޓިފައިވާ ނިޝާނެކެވެ.

މި ނިޝާނުގެ އެއް މައްސަލައަކީ، ރ އާ ވައްތަރުކަން ކުޑަކަމެވެ. ރަނގަޅުކަމަކީ ބަރާބަރު ބައިލެޓަރަލް ސިމެޓްރީ ހުންނަ ކަމެވެ. ނިޝާން ބޮޑު ހެން ހީވިއަސް ޑޮަލަރުގެ ނިޝާނާ އުސްމިން އެއްވަރެވެ.

ނިޝާން ކުރަހާފައިވާ ގޮތް

މަތީގައިވާ ޢިބާރާތުން މާނަކުރަނީ ނިޝާނުގެ އެކި ބައިތަކުގެ މިންތައް ކަމަށް ލަފާ ކުރެވެއެވެ. ފަހެ، ޓައިޕޮގްރާފީގައި، ނިޝާނެއްގެ ބައްޓަން ބަޔާންކުރަނީ ތެދު ރޮނގާއި ވަށްބުރު (ސާރކްލް) ބޭނުންކޮށްގެން ނޫނެވެ. ބޭނުންކުރަނީ ބެޒިއަރ ކާރވް (Bezier curve)  ކިޔާ ޚާއްޞަ ކޮޑްރެޓިކް ކިއްސަރެކެވެ. ވަށް ބުރު ނުވަތަ ސާރކްލް ބޭނުންކޮށްގެން، އަކުރެއްގެ ބައްޓަމެއް ބަރާބަރަށް ކޮންސްޓްރަކްޓް ކުރުމަށް ނުވަތަ ކުރެހުމަށް ވަރަށް ދަތިވާނެއެވެ. ތިރީގައިވާ ނިޝާންގެ ފުޅާމިނަކީ 520 ޔުނިޓެވެ. އުސްމިނަކީ 934 ޔުނިޓެވެ. މައްޗާއި ތިރިއާ ދެމެދުގައިވާ ހުސްބައިގެ އުސްމިނަކީ 93 އެވެ. މި ނިސްބަތްތައް ދެނެގަނެވުމުން ކޮންމެ ސައިޒަކަށް ވެސް ނިޝާން ގާތްކުރާ ގޮތަކަށް ހިސާބު ބޭނުންކޮށްގެ ކުރެހިދާނެއެވެ.

ހުށަހެޅުން ވަޒަންކުރުމާ ބެހޭ

ފަރުމާކޮށްފައިވާ ނިޝާނުން ދިވެހިރާއްޖެ ނުވަަތަ ދިވެހި ރުފިޔާކަން ރަމްޒުކޮށްދޭ މިންވަރު

ބޭނުންކޮށްފައިވާ ނިޝާނަކީ ގަބުޅި ތާނައިގެ ރ އެވެ. ނިޝާނުން އެއީ ރ ކަން ތާނަ ކިޔަން އެނގޭ ނަމަ، އޮޅުން ފިލާނެއެވެ. ނިޝާން ޢާއްމުވުމުން، މާބޮޑަށް އެކަން ފާހަގަ ކުރެވޭނެއެވެ.

ތަފާތު ފޮންޓް ސްޓައިލްތަކުގެ ބޭނުން ކުރެވޭނޭ މިންވަރު

ނިޝާނަކީ ވަރަށް ސާދާ (ސިމްޕްލް) ނިޝާނެކެވެ. ނިޝާނުގެ އެކި ބައިތައް މިހާރު ވެސް ތަފާތު ފޮންޓުތަކުގައި ހުންނާތީ، އެކި ސްޓައިލްތަކަށް ނިޝާން ބަދަލުކުރުމަށް ވަަރަށް ފަސޭހަ ވާނެއެވެ.

ޓައިޕޮގްރާފީގެ ހަމަތަކަށް ފެތޭ މިންވަރު

މި ނިޝާންއާ އެކު ޢާއްމުކޮށް ބޭނުން ކުރާމޭ ވިޔަ އަކުރުތަކާ ބައްޓަންތަކެއް އެއްގޮތެއް ނުވާނެއެވެ. އެހެންކަމުން އޮޅުމުގެ ފުރުޞަތު ކުޑަވާނެއެވެ. ދަންނަ އެއްވެސް ޔުނިކޯޑް ގެ އެހެން ކެރެކްޓަރ އަކާ މުޅިއަކުން އެއްގޮތެއް ނުވާނެއެވެ.

އެހެން ޤައުމުތަކުގެ ފައިސާގެ ނިޝާންތަކުގެ ހަމަތަކާ ގުޅޭ މިންވަރު

ފައިސާގެ ނިޝާންތަކުގެ އެންމެ ޢާއްމު ސިފައަކީ ޕެރަލަލް (ފާޓުހަމަ) ދެ ރޮނގު ނުވަތަ އެއް ރޮނގު، ނިޝާނުގެ އެހެން ރޮނގަކާ ވަޑިފަތިވާ ގޮތަށް ހިމެނުމެވެ. މި ނިޝާނުގައި މި ސިފަ ހިމެނެއެވެ.

އަތުލިޔުމުގައި ބޭނުން ކުރަން އެކަށީގެންވާ މިންވަރު

މިހާރުވެސް ލިޔާ ތާނަ ރ ގައި ހުރަސް ރޮނގު ބުރިއެއް މަތީގައި ދަމައިލުމުން ދިވެހި ފައިސާގެ ނިޝާން ޖެހުނީއެވެ.

ހަވާލާ ލިސްޓް

ދިވެހި ފައިސާގެ ނިޝާން އާ ބެހޭ ކުރު ބަޔާނެއް މި ލިންކުން ވަދެވޭ ވެބް ޕޭޖްގައި ވެއެވެ.

https://www.hassanhameed.com/?page_id=10361