.

ތާނަ ލިޔާގޮތް މިހާރަށް ވުރެ ރަނގަޅު ކުރުން

In Search of God

ދެކުނު އޭޝިއާގެ އެންމެ ސައިންޓިފިިކް އަކުރުތަކަކީ ތާނަ ކަމުގައި ވިއަސް، މިއަކުރުތައް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޖާގައެބައޮތެވެ. ތާނަ ތަރައްޤީ ކުރަންވީ، ވަކި ނިޒާމަކަށް ނުފެތޭ ހަމަތައް، ހަމައަށް އެޅުވުމަށާއި، މަދު މަސައްކަތަކުން ތާނަ ލިޔުމަށެވެ. އަދި ކިޔަން ފަސޭހަ ގޮތަށާއި ލިޔަން ފަސޭހަ ގޮތަށް އަކުރުތަކުގެ ބައްޓަންތައް ބަދަލުކުރުމަށާއި، މިޒަމާނުގައި ގިނަ ބަޔަކު ތާނަ ލިޔެ ކިޔަނީ ފޯނު ނުވަތަ ކޮމްޕިއުޓަރު ސްކްރީން މެދުވެރިކޮށް ކަމަށްވާތީ މިތަކެއްޗާ ”ރައްޓެހި“ ގޮތަކަށް ތާނައަކުރުތައް އިޞްލާޙު ކުރުމަށެވެ.

ތާނަ ކުރިއެރުވުމަށް އެތަކެއް މަސައްކަތެއް ކުރީގައި ކުރެވިފައި ވާނެކަން ކަށަވަރެވެ. ނަމަވެސް، ލިޔެ ކިޔުމުން އެފަދަ ހުށަހެޅުންތައް ފެންނަން ނެތުމުން، އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ މީގެ ތެރެއިން ވަރަށް މަދު މަސައްކަތެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ ތާނަ ލިޔާގޮތަށް ބޮޑެތި ބަދަލުތައް ގެނައުމަށް ކުރިން ހުށަހެޅިފައިވާ ދެތިން ހުށަހެޅުމަކާއި، ހަމަ އެ މަޤްޞަދު ޙާޞިލްކުރަން އަޅުގަނޑު ހުށަހަޅާ ދެތިން ހުށަހެޅުމެކެވެ.


މި މަޒުމޫނުގައި ހިމެނެނީމައިގަނޑު ދެބައެކެވެ. އެއީ ތާނަ ލިޔާގޮތަށް ތަފާތު ހުށަހެޅުން ހުށަހެޅި ކުރީގެ ފަރާތްތަކުގެ ހުށަހެޅުންތަކާއި އަޅުގަނޑުގެ ބައެއް ޚިޔާލެވެ.  އެއްކޮށް ކިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުރިއަށް ގެންދަވާށެވެ. ދެވަނަ ބާބަށް ކްލިކްކުރެއްވުމުން އެ ބާބު ފެނިވަޑައިގަންނަވާނެ އެވެ.

ބާބު 1: ކުރީގެ މީހުންގެ މަސައްކަތް

ބާބު 2: އަޅުގަނޑުގެ ބައެއް ހުށަހެޅުން

ކުރިން ކުރެވިފައިވާ ބައެއް މަސައްކަތް

ތާނަ ލިޔާގޮތް ތަރައްޤީ ކުރުމަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ހިމިތީ ޢަބްދުﷲ އިސްމާޢީލް (ތުއްތު ސާހިބު) ފުރިހަމަ ކުރެއްވި ވަޑާންކަށި (އަތިރީގެ) ތާނަ އެވެ. {މި ޢަބްދުﷲ އިސްމާޢީލް އަކީ ރާއްޖޭގައި ކިޔަވައިގެން ތިބި މީހުން މަދުއިރު، މީހުންނަށް ހިސާބާއި ނެވިކަން ކިޔަވައި ދެއްވުމަށް ވަރަށް ބޮޑަށް ޙަރަކާތްތެރިވި ބޭފުޅެކެވެ. އޭނާ ދިވެހި ބަހުން ޗާޕުކުރެއްވި ”ފަސޭހަ ހިސާބު“ އާއި ”ތަނަވަސް ހިސާބު“ އާއި ”ނަވަތަ“ އަކީ މިގޮތުން، އެތައް ޒަމާނަކަށް ދެމިގެންދާނޭ މަސައްކަތެކެވެ. މިފޮތްތަކަކީ އޭގެ އަޞްލު އެހެން ބަހަކުން ލިޔެފައިވާ ފޮތްތަކެއް ކަމުގައި ވިއަސް، ދިވެހިބަހަށް އެފޮތްތައް ތަރުޖަމާ ކުރެއްވުމުގައި، އެތައް ލަފުޒުތަކެއް އަމިއްލަފުޅަށް އުފައްދަވައިފައި ވެއެވެ. އޭނާ އެންމެ ބޮޑަށް ޙަރަކާތްތެރިވެ ވަޑައިގަތީ ވިހިވަނަ ޤަރުނުގެ މެދު ދަސް އަހަރުތަކުގަ އެވެ.}

ވަޑާންކަށި ތާނައިގެ ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު އެވެ. އޭނާގެ ތަޢާރުފެއް ފަހުން ދަންނަވާނަމެވެ. ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، އަތިރީގެ އަކީ ވިހި ވަނަ ޤަރުނުގެ ކުރީކޮޅާއި މެދުތެރޭގައި މަސްދޯނި ދުއްވި ގެއެކެވެ. އެއް ފަހަރަކު ރާއްޖެތެރޭގެ ކޮންމެވެސް މީހަކު އެގެއަށް ދިޔަ ހިއްކާ ފައެއް ގެނައި އިރު، އޭގައި ވަޑާން ކަށިން ”އތރގ“ ލިޔެފައިވަނީ އާދަޔާ ޚިލާފު އަކުރު ތަކަކުން ފިލި ނުޖަހައެވެ. މި ފައި ކޮންމެވެސް ގޮތަކުން ތުއްތު ސާހިބަށް ފެނިވަޑައިގެން، އެއިގެ ބޭނުންތެރިކަން އިޙްސާސް ކުރެއްވިގެން، އެ އަކުރުތަކުގެ ބައްޓަމަށް ތާނައިގެ ހުރިހާ އަކުރެއް ފަރުމާ ކުރެއްވިއެވެ. މާލޭގައި އެ އަކުރުތައް ފެތުރެއްވެވުމުގެ މަޤްޞަދުގައި، އިންޑިޔާއިން އަކުރުތައް ގަނޑެއްގައި ޗާޕުކުރައްވައިގެން ގެންނަވައި އެ ބައްސަވާ އުޅުއްވިއެވެ. އެއިން ގަނޑެއް ޢަބްދުއްރަޙީމްއަށް ދެއްވުމުން އޭނާ އަޅުގަނޑަށް އެ ގަނޑުގެ ކޮޕީއެއް ދެއްވައިފައި ވެއެވެ. އޭގެ ތަސްވީރެއް ތިރީގައި އެވަނީ އެވެ. (ޗާޕުކުރަން ކަމުދާ މި ގަނޑުގެ ސާފު ތަޞްވީރެއް (ހައި ރިޒޮލިއުޝަން އިމޭޖެއް) މި ޖުމުލައަށް ފިއްތަވައިލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މި ލިންކް ހިމެނީ މީގެ ގަނޑެއް އެހެން ފަރާތަކުން އަޅުގަނޑަށް ފެނިފައި ނުވާތީ ތާރީޚަށްޓަކައެވެ.)

ފިލިޖެހުމާ ބެހޭ ގޮތުން، ޢަބްދުއްރަޙީމް ތުއްތު ސާހިބާ ސުވާލުކުރެއްވި ކަމަށް ވިދާޅުވިއެވެ. ފިލިޖަހަން ތުއްތު ސާހިބު ޚިޔާލުކުރައްވައިފައި ވަނީ އަކުރުތައް ލިޔުމަށް ފަހު ފަހަތުގައެވެ. މައްޗާއި ތިރިއަކު ނޫނެވެ. ކަންދިމާވިގޮތުން، ޢަބްދުއްރަޙީމަށް ގަނޑު ދެއްވިތާ ހަފުތާއެއްގެ ތެރޭގައި ތުއްތު ސާހިބު ނިޔައު ވެއްޖެއެވެ. (މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ.)

އަތިރީގޭ ތާނަ ނުވަތަ ވަޑާންކަށި ތާނަ ކޮންމެވެސް ވަރަކަށް ރާއްޖޭގައި ބޭނުން ކުރިއެވެ. އެންމެ ފާޅުކޮށް ބޭނުން ކޮށްފައިވަނީ މާލޭގައި ހުރި އެންމެ ބޮޑު ސިނަމާ، އާދެ! އޮލިމްޕަސް ގެ ނަންބޯޑުގައެވެ. އެއީ ނިއޯން ދިއްލޭ ކުލަ ނަންބޯޑެކެވެ. މަޖީދީ މަގުގެ ދެކޮޅުގެ ކޮޅުން ރޭގަނޑު އެ ފެންނާނެއެވެ. މި ބޯޑު ހުންނަތާ 40 އަހަރުވީ ފަހުން، މައުމޫން ދައުރުގައި، އޭނާގެ ފަހަރިއެއްގެ ފިރިކަލުންގެ މިނިސްޓަރުކަމުގައި ބޯޑު ނަގައި އެއްލައިލައިފައި ހުތުރު ބޯޑަކުން ސިނަމާގައި ނަން ޖަހައިފިއެވެ. ތާރީޚީ ފަންނުވެރި އެއްޗިއްސަށް ޤަދަރުދޭން އެނގެނީ އެކި މީހުންނަށް އެކިވަރަށެވެ. ވަޑާންކަށި ތާނަ ދެން އެންމެ ޢާއްމުކޮށް ބޭނުންކުރީ ނާޞިރު ދައުރުގައި ޕިއޯނުންގެ ބައިސްކަލުގެ ފަހަތުގައި ސަރުކާރުގެ އެއްޗެއްކަން އެންގުމަށް ސރކރ މިއަކުރުތަކުން ލިޔުމަށެވެ. މި ނޫނަސް މަދު ތަކެތީގައި، މިސާލަކަށް މަދަރުސާތަކުގެ ބެޖުގައި، އެ އަކުރުތައް ބޭނުން ކުރިއެވެ. އަބަދުވެސް ކުރުކޮށް ލިޔަންޖެހޭ ތަކެތީގައެވެ.

އަޅުގަނޑަށް ވިސްނޭގޮތުގައި، އަތިރީގޭ ތާނަ ވައިގައި ނުހިފި ސަބަބަކީ ބައެއް އަކުރު ތާނަ އަލިފުބާ އާ މާ ބޮޑަށް ތަފާތު ކަމުންނެވެ. މިސާލެއްގެ ގޮތުން ރ ލިޔެފައިވާ އިރު ކަނާއަތަށް ވާ ކޮޅު ބޭނުމެއް ނުވެއެވެ. ފ އެއްވެސް ގޮތަކަށް އަކުރު ނުދަންނަ މީހަކަށް ނޭނގޭނެއެވެ. ލ ފަރުމާކޮށްފައިވާ ގޮތަށް ވުރެ ސާދާ ކޮށް ލިޔެވޭނެއެވެ. ދ ވެސް މިފަދައެވެ. އަޅުގަނޑަށް ވިސްނޭގޮތުން، ތާނައަކުރަށް ގެންނަ ކޮންމެ ބަދަލަކުން ވެސް އެ އަކުރުތައް ކުރިން ކިޔަން އެނގޭ މީހަކަށް، އިތުރު ދަސްކުރުމެއް ނެތި، ފަހުންވެސް ކިޔަން އެނގެންވާނެއެވެ. މިއާ އެކު، އަކުރުތަކުގައި ފިލިޖައްސަވަން އެ ޚިޔާލުފުޅު ކުރެއްވި ގޮތަކީ ކުރިން ކަންތައްތައް ކުރަމުން އައި ގޮތާ ވަރަށް ތަފާތު ބޮޑު ގޮތެކެވެ. ގިނަ ބަދަލުތައް ގެންނަން ފަސޭހަވާނީ މަޑުމަޑުން ލަސްލަހުންނެވެ.

މަތީގައި ދެންނެވެނު ކަންތައްތަކަށް ރިޢާޔަތް ކުރުމާ އެކު، ތުއްތު ސާހިބުގެ އެ ފަރުމާ އަކީ ޤައުމީ އަތްނުލެވޭ ތަރިކައަކަށް ވެފައި، ތާނަ މުއްސަނދިކުރާ ކަމަކަށް ވާތީ އަޅުގަނޑު އެ ވައްތަރަށް ހައެއްކަ ތާނަ ފޮންޓު ހަދައިފައި ވާނެއެވެ. އަޞްލެއްކަމަށް ބެލީ އެންމެ ފުރަތަމަ ލިޔުންތަކުގައިވާ ތާނަ ބައްޓަންތަކާއި އަތިރީގޭ ތާނަ އަކުރުތަކެވެ. އަޅުގަނޑު ހަދައިފައިވާ ފޮންޓުތަކުން ބައެއް ތިރީގައި އެވަނީ އެވެ. މި ލިންކުން ފޮންޓްތައް ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

އަވަހަށް ލިޔުމަށް ތާނައިގެ ބައެއް އަކުރުތައް ސާދާ ކުރައްވައި ސައިކުރާ އިބްރާހީމް ނަޢީމް އަކުރުތަކެއް ހައްދަވައިފައިވާ ކަމަށް އޭނާ ލިޔުއްވި “ރަތްވިލާ” (1998، ޞަފުޙާ 51) ގައި ބަޔާން ކުރައްވައިފައި ވެއެވެ. މިއަކުރުތަކަކީ ނުރަސްމީ ލިޔުންތަކުގައި ކޮންމެވެސް ވަރަކަށް ބޭނުން ކުރެވޭ އަކުރުތަކެކެވެ. ފޯނަކުން މި ލިޔުއްވުން ކިޔުއްވާނަމަ، މަތީގައި އަދި ކޮމްޕިއުޓަރުން ކިޔުއްވާނަމަ، ވާތް ފަރާތުގައި އެވަނީ އެވައްތަރުގެ އަކުރުތައް ބޭނުންކޮށްގެން އޭނާ ލިޔުއްވައިފައިވާ ލަފުޒުތަކެކެވެ. ފޮތުގައިވާ ގޮތުން އެ އަކުރުތައް އެންމެ ފުރަތަމަ އޭނާ ލިޔުއްވީ 1960 ގެ އަހަރުތަކުގައެވެ. ސައިކުރާ އިބްރާހީމް ނަޢީމަކީ 1960 ގެ އަހަރުތަކުން ފެށިގެން 50 އަކަށް އަހަރު ނޫސް މަޖައްލާގައި ލިޔުއްވުމާއި އެކު އަދަބީ އުދަރެހުގައި ވިދި ބޭފުޅެކެވެ. މަޤްބޫލު ގިނަ ވާހަކަތަކަކާއި ޅެމާއި ލަވައާއި އަދަބީ އެހެނިހެން ތަކެތި އޭނާ ލިޔުއްވައިފައި ވެއެވެ.

މަތީގައި ދެންނެވުނު މަސައްކަތްތަކުގެ އިތުރަށް ކޮޕީ މުޙައްމަދު ރަޝީދު، ތާނަ 100 ވައްތަރަށް ލިޔުއްވައި ފޮތެއް ނެރުއްވައިފައި ވެއެވެ. (ތާނަ ބޮޑު އަކުރު، 1995). މިފޮތުގައި 100 އަކުރުން ބޮޑު ބަޔަކީ ޓައިޕޮގްރާފީ (އަކުރުތަކުގެ ބައްޓަމާ ބެހޭ ޢިލްމުގެ) އުޞޫލުތަކުން ބަލާއިރު އެއް އާއިލާއެއްގެ އަކުރުތަކެއް ކަމަށް ވާނެއެވެ. އެއީ އަކުރުގެ ބާވަތް އަންގައިދޭ މައިގަނޑު ބައްޓަމަށް އިތުރު ބަދަލެއް ނެތި އުފައްދައިފައިވާ އުފެއްދުމެވެ (ފޯނުން ކިޔުއްވާނަމަ މަތީގައި ނޫންނަމަ ވާތް ފަރާތުގައި އެވަނީ ފޮތުން ޞަފުޙާއެކެވެ). ކޮޕީ މުޙައްމަދު ރަޝީދަކީ، ސްޓެންސިލް ލިޔުއްވުމުން ފައްޓަވައި، އަދަބީ އުފެއްދުންތަކަށް ދަސްވެނިވި ލިޔުންތެރިއެކެވެ. ބޮޑު އަކުރު ލިޔުން ރީތި ބޭފުޅެކެވެ. އޭނާގެ އުފެއްދުންތެރި ދުވަސްވަރަކީ 20 ވަނަ ޤަރުނުގެ ފަހު ތިން ދަސްއަހަރުން ފެށިގެން 21 ވަނަ ޤަރުނުގެ ފުރަތަމަ ދެ ދަސްއަހަރެވެ.

ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު، ހަފަރާތް ހިމެނޭ ބައްޓަމަކަށް އަކުރުތަކެއް ހައްދަވައި ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިހަށް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެ އަކުރު ސެޓްގައި ހުރިހާ އަކުރުތަކެއް ހިމެނޭނީ ހަފަރާތްލީ ބައްޓަމެއްގައެވެ. ⎔  މިއަކުރުތައް، އަތިރީގޭ ތާނައަށް ވުރެ، އާދައިގެ ތާނައާ ވައްތަރުކަން ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ އުފެއްދުމުގެ ކޮޕީއެއް އަޅުގަނޑަށް ދެއްވަންވެގެން ހޯއްދަވައި ފެނިވަޑައެއް ނުގަތެވެ. {ޢަބްދުއްރަޙީމް އަކީ އަމީން ދީދީ ރާއްޖެތެރެއިން ”ކިޔެވޭ ޒާތުގެ“ ކުދިން މަދްރަސަތުއްސަނިއްޔާގެ ދަނާލަށް ގެންނެވިއިރު، ތާއަތޮޅު ގާދިއްފުށިން ގެންނެވި ކުއްޖެކެވެ. އަޅުގަނޑަށް ޕްރައިމަރީ ގްރޭޑެއްގައި ޢަރަބި ތާނަ ލިޔަން އަހަރެއް ދެއަހަރެއް ވަންދެން ކިޔަވައިދެއްވި މުދައްރިސެކެވެ. އެ ދުވަސްވަރު، ޕްރައިމަރީ ގްރޭޑްގައި ހަފުތާއަކު ދެ ޕީރިއަޑު ގައި ޢަރަބިތާނަލިޔުން އޮވެއެވެ. އޭނާ އަކީ ލިޔުން ރީތި ބޭފުޅެކެވެ. ދިވެހި ތާރީޚް އޭނާ ހަނދާން ކުރާނީ، އޭނާ ލިޔުއްވައިފައިވާ ފޮތްތަކުންނެވެ. އަދި މުޙައްމަދު އަމީންގެ ސަރުކާރު ވައްޓާލުމުގައި ބަޣާޥާތްކުރި މީހުން، ޚާއްޞަކޮށް އިބްރާހީމް ނާޞިރު އާއި މުޙައްމަދު ޒަކީ ގެ މުގުލު ދައުރު، އޭނާގެ ވާހަކަފުޅުން ދިވެހިޑައިޖެސްޓްގައިވާ މި ލިޔުމުން  އެނގިވަޑައިގަންނަވާތީ އެވެ (ޞަފުޙާ 16). ސަރުކާރު ވައްޓާލިއިރު، ޢަބްދުއްރަޙީމް ހުންނެވީ އަމީން އަރިހުގައި ވަޑައިގެން ސިލޯނުގައެވެ. އޭނާ ނިޔައުވުމުން އަޅުގަނޑާއި އެހެން މީހަކު ލިޔެފައިވާ ތަޢުޒިޔާ އެއް މި ލިންކުން ކިޔުއްވާށެވެ.}

ތާނަ ޓައިޕްރައިޓަރު އުފެއްދެވުމުގައި ޙަރަކާތްތެރިވި އެއް ބޭފުޅެއްކަމުގައިވާ އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފު ތާނަ އަކުރުތައް ކުރިއެރުވޭތޯ މަސައްކަތް ކުރައްވައިފައި ވެއެވެ. މިގޮތުން އޭނާގެ މައިގަނޑު ހުށަހެޅުއްވުމަކަށް ވެފައިވަނީ ސީނުގެ ބަދަލުގައި އެހެން އަކުރެއް އުފެއްދެވުމެވެ. ސީނަކީ (ފާރިސީ ސީނާ އެއްގޮތް) އެހެން އަކުރުތަކަށް ވުރެ ދިގު އަކުރެއްކަމުން ފިލިތައް އެހެން އަކުރުތަކަށް އެއްވަރު ކުރުމުން ސީނަށް ކަމުނުދާތީ ސ އަކަށް ށ ގެ ފައިކޮޅު ޏ ފަދައިން ފަހަތަށް އަނބުރާލައި، ސީނު ކުރުކޮށްލުމަށް ހުށަހެޅުއްވިއެވެ. ނަމަވެސް، މި ބަދަލެއް ތަންފީޒުކޮށްފައެއް ނުވެއެވެ.

ކުރިން މި ދަންނަވާލެވުނު މަސައްކަތް ތަކުގެ އިތުރަށް އެހެން އެތައް މަސައްކަތަކާއި އުފެއްދުންތެރި ޚިޔާލު އެހެން ބޭފުޅުން ހުށަހަޅުއްވައިފައި ވާނެއެވެ. ކޮންމެ ޚިޔާލަކީ ވެސް، އެއިގެ ޙަޤީޤީ އަގު ވަޒަންކުރުމަށްޓަކައި، ބަލައިގަންނަންޖެހޭ ޚިޔާލެކެވެ.

ތާނަ ތަރައްޤީ ކުރުމަށްޓަކައި، އަޅުގަނޑުގެ ބައެއް ހުށަހެޅުން

ދެން ދަންނަވާލާނީ ތާނަ ލިޔުން އަވަސްކުރުމަށާއި ފަސޭހަ ކުރުމަށް ފިލިތަކާއި އަކުރުތަކާއި ލިޔުމުގައި ބޭނުން ކުރާ ނިޝާންތަކަށް ގެނެވިދާނޭ ބައެއް ބަދަލެވެ. މި ޚިޔާލުތައް ފިލިޖެހުމާއި، އަކުރުތައް ލިޔުމާއި ނިޝާންތަކަށް ގިންތި ކުރެވިދާނެއެވެ.

ތާނަ ލިޔުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެހެން ބަސްބަހާ އަޅާ ބަލާއިރު، ލިޔަން ނަގާ ޖާގަ ބޮޑުކަމެވެ. އެއީ އަކުރުތަކުގެ މަތީގައާއި ތިރީގައި ފިލިޖަހަން ޖެހޭތީ އެވެ. ނަތީޖާއެއްގެ ގޮތުން އަކުރުލިޔަން ފޮޅުވަތުން ލިބޭ ޖާގަ ކުޑަކަމުން، އަކުރުތައް ކުދިވެއެވެ. ޞަފުޙާއެއްގައި ލިޔެވޭ ފޮޅުވަތް މަދުވެއެވެ. އިނގިރޭސި އަކުރުތައް ސައިޒު 12 އިން ލިޔުމުން ސާފުކޮށް ކިޔަން އެނގުނަސް ސައިޒު 12 އިން ތާނަ ލިޔުމުން އަކުރުތައް ނިސްބަތުން ކުދިވާނެއެވެ. މިހެން ދިމާވާ ސަބަބު ތިރީގައިވާ ކުރެހުމުން އެނގިވަޑައިގަންނަވާނެއެވެ.

މަތީގައި އެވަނީ އެއް ސައިޒަކުން އިނގިރޭސި އާއި ތާނަ ދެތިން އަކުރަކާއި ފިލި ޖަހާފައެވެ. އިނގިރޭސި ހުރިހާ އަކުރެއްގެ މައިގަނޑު ބައްޓަންތައް ހިމެނެނީ x ގެ ފުޅާމިނުގައެވެ. މިއީ ހުރިހާ އަކުރެއް ލިޔުމަށް ދާ ޖާގައިގެ %56 އެވެ. ތާނައިގެ އަކުރުތައް ފާހަގަކުރާ މައިގަނޑު ބައްޓަންތައް ހިމެނެނީ ބ ކ އ ފަދަ އަކުރުތަކުގެ އުސްމިނުގައެވެ. ތާނަ ލިޔާއިރު، ބައެއް ފިލި އުސްކަމުންނާއި، އަކުރުމަތީ ތިކިޖަހަން ޖާގަ ދޫކުރަން ޖެހޭތީ އާއި ތިރީ ފިއްޔަށް ޖާގަ ދޫކުރަން ޖެހޭތީ، ކުރިން މި ބަޔާން ކުރި އުސްމިނަކީ ލިޔާ ޖާގައިގެ %25 އެވެ. އިނގިރޭސި އާ އަޅާބަލާއިރު ދެބައިކުޅަ އެއްބައި ކުޑަ ޢަދަދެކެވެ. މިއީ ތާނަ ލިޔުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައެވެ. ތާނައިގެ މައިގަނޑު ބައްޓަންތައް ހިމެނޭ އުސްމިން ބޮޑުކުރެވިއްޖެ ނަމަ، އަކުރުތައް ފަސޭހައިން ލޮލަށް ފާހަގަ ވާނެއެވެ. ފޮޅުވަތުގެ ފުޅާމިން އެއްވަރެއްގައި ބަހައްޓައިގެން މިކަން ކުރެވޭނީ ފިލިތައް ޖަހާ ޖާގަ ކުޑަކޮށްގެންނެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ ތާނައިގެ x އުސްމިން ބޮޑުކޮށްގެންނެވެ.

ފިލިޖަހާގޮތް ބަދަލުކުރުން

1.  އޯބޯފިލި ދޭސީކުރުން


ދޭސީކުރުމުން އަޅުގަނޑު މި މާނަކުރަނީ ފިލިތައް އެއިގެ ބޭނުން ފުދޭ މިންވަރަށް މަދުކޮށް، ކުޑަކޮށް، ސާދާ ކުރުމަށެވެ.

 ސުކުން ފިޔަވައި އެހެން ފިލިތަކަށް ވިސްނާއިރު، އަޅުގަނޑަށް ފާހަގަ ކުރެވެނީ ފިލިތައް ހަދައިފައި ވަނީ ކުރުކޮށް ކިޔާ ފިލި، ދިގުކޮށް ކިޔުމަށް ދެ ފަހަރަށް ޖަހައިގެންނެވެ. މިސާލެއްގެ ގޮތުން  އަބަފިލި ދިގުކޮށް ކިޔަން އަބަފިލި ދެފަހަރަށް ޖަހަނީ އެވެ. އުބުފިލި ދެފަހަރަށް ޖަހަން ދެ އުބުފުލި ގާތްގާތުގައި ޖަހަނީ އެވެ. ތަފާތުވަނީ އޯބޯ ފިއްޔެވެ. ވާނީ ވެސް އެހެންނެވެ. ދެފަހަރަށް އޮބޮފިއްޔެއް އަކުރެއްގެ މަތީގައި ޖަހައިފިނަމަ ފޮޅުވަތުން ބޮޑު ބައެއް މިކަމަށް ދާނެއެވެ.

މިހާރު ފިލި ޖަހާގޮތުން، އެހެން ހުރިހާ މަތީ ފިއްޔަށް ވުރެ އޯބޯފިލި އުސްވުމުން، ލިޔާފޮޅުވަތް ފުޅާކުރަން ޖެހެއެވެ. ނޫނީ ޞަފުޙާއެއްގައި ލިޔެވޭ ފޮޅުވަތުގެ ޢަދަދު މަދުކުރަން ޖެހެއެވެ. ފުޅާކުރެވެނީ ހުރިހާ އަކުރެއް ކުޑަކޮށް ލިޔެގެންނެވެ. ވީމާ، އަކުރުތައް ކުދިވެ، ކިޔަން އުނދަގޫ ވެއެވެ. އަޅުގަނޑުގެ ހުށަހެޅުމަކީ، އޯބޯފިލި ދޭސީކޮށްލުމެވެ. ދެން ކުރެވޭ ސުވާލަކީ ދޭސީ ކުރާނީ ކިހިނަކުންތޯ އެވެ؟

މިފިލި ކުރިން ދެ ގޮތަކަށް ޖަހައިފައިވާތީ އަޅުގަނޑަށް ފެނިފައި ވެއެވެ. އޮބޮފިލި މަތީގައި އެބެފިއްޔެއް ޖަހައިގެން މިފިލި ލިޔެފައި ހުރެއެވެ. އަނެއްގޮތަކީ އޮބޮފިލި ޖެހުމަށް ބޭނުންކޮށްފައިވާ އުބުފިލީގެ ފައިކޮޅު މައްޗަށް ނަގައި އުބުފިއްޔެއްގެ ގޮތަށް ކުރިއަށް ލަބައިލުމެވެ. ފަހުން މިގޮތަށް ލިޔާއިރު ބޭނުން ކުރި އެބެފިލި އުވި އައު ނިޝާނަކަށް މިފިލި ބަދަލުވިއެވެ. އެހެން ފިލި ޖަހަން ނަގާ ޖާގައިގައި އޯބޯފިލި ޖެހުމަށް މިފިލި ދޭސީކުރަން ޖެހެއެވެ.

އާދެ! ގިނަ މަތީ ފިލިތައް ހަދައިފައިވަނީ ސުކުނެއް ނުވަތަ ކުކުޅުބިސް ބުރަށްވާ ވަށްބުރެއް މަތިން ތިރިއަށް ފަޅައިގެން އުފެދޭ ދެފަޅިންނެވެ. ސުކުނެއް މަތިން ތިރިއަށް ފެޅުމުގެ ބަދަލުގައި، ކަނާތުން ވާތަށް ދަމާ ރޮނގަކުން އުފެދޭ ދެފަޅިން އިތުރު ފިލިތައް ހެދިދާނެއެވެ.  މިގޮތަށް ހަދާ ދެފިލިން ކޮންމެ ފިއްޔެއްވެސް އޯބޯފިލީގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ފިލި ވައްތަރުވާން އުޅޭނީ އަޞްލު އޯބޯފިލީގެ ބަޔަކާ އެވެ.

ތިރީގައިވާ ދެ ފޮޅުވަތް ލިޔެފައިވަނީ މަތީގައި ބަޔާން ކުރެވުނު ގޮތަށް އުފެއްދި އޯބޯފިލިންނެވެ. ބޭނުންކުރާނޭ ވަކި ފިއްޔެއް ކަނޑައަޅަން ޖެހޭނެއެވެ. އަޅުގަނޑަށް ރަނގަޅީ ތިރީ ފޮޅުވަތުގައިވާ ފިއްޔެވެ. ކިޔަން ފަސޭހަތޯ އެވެ؟ ބައެއް ތަކެތި ރީތިވަނީ ގިނަ ފަހަރު ފެނުމުންނެވެ.

2.  އިބިފިލި/އީބީފިލި ޖަހަން ބޭނުންވާ ޖާގަ ކުޑަކުރުން


ތާނަ ލިޔަން ބޭނުންވާ ފޮޅުވަތުގެ އުސްމިން ކުޑަކޮށްފިނަމަ، ތާނައިގެ ނިޝާންތައް ބޮޑުކުރެވޭނެ ވާހަކަ އާއި ގަނޑެއްގައި ލިޔެވޭ ފޮޅުވަތުގެ ޢަދަދު ގިނަކުރެވޭނޭ ވާހަކަ ކުރިން ވާނީ ދެންނެވިފައެވެ. ތާނައިގެ އިބިފިއްޔާއި އީބީފިއްޔަކީ އަކުރުގެ ތިރީގައި ޖަހާ ދެފިއްޔެވެ. މިދެ ފިލި ޖަހަން ޖެހެނީ ވެސް މަދުންނެވެ. ނަމަވެސް މި ދެފިލި ޖެހުމަށްޓަކައި ހުރިހާ އަކުރެއްގެ ތިރީގައި ހުސްތަން ބާއްވަން ޖެހެއެވެ. އެހެންކަމުން، ފޮޅުވަތުގެ އުސްމިން ބޮޑުވެ އަކުރުތައް ކުޑަ ވެއެވެ. މިކަން ހައްލު ކުރެވޭނޭ އެއްގޮތަކީ މި ދެފިލި އަކުރުގެ މަތީގައި ޖެހުމެވެ. އިބިފިއްޔާއި އީބީފިލި އަކުރުގެ މަތީގައި ޖަހަންޏާ އަބަފިއްޔާއި އާބާފިއްޔާ އޮޅިދާނެތީ ތިރީފިލިކަން ފާހަގަކުރަން ޚާއްޞަ ނިޝާނެއް ގެންގުޅެން ޖެހޭނެއެވެ. މި ބަދަލަކީ ފުދޭވަރެއްގެ ބޮޑު ބަދަލެއް ކަމުން، ކިޔުންތެރިންގެ ކުރިމަތީގައި މި ބަދަލު މަޤުބޫލުވާނީ ދުވަސްކޮޅެއްގެ ފަހުންނެވެ. އަކުރުތައް ބޮޑުކުރުމަށްޓަކައި ދެން އޮތީ ހުރިހާ ފިއްޔެއް އަކުރުގެ ތިރީގައި ޖެހުމެވެ. އެންމެ އެދެވޭ ގޮތަކީ ވެސް ހުރިހާ ފިއްޔެއް އަކުރުތަކުގެ ތިރީގައި ޖެހުމެވެ. އެއީ އަކުރުތައް ވަކިކުރެވޭ ތަފާތުތައް ހުންނަނީ އަކުރުގެ މަތީ ބައްޓަމުގައިކަމުން، މަތީގައި ފިލިޖެހުމުން އެ ބައްޓަންތައް ފާހަގަކުރަން ދަތިވާތީއެވެ. މިކަން ހށނރ މި އަކުރުތަކަށް ވިސްނުން ހިންގަވާލެއްވުމުން ފާހަގަ ކުރެއްވޭނެއެވެ.

އަނެއް ގޮތަކީ ތިރީ ފިލި ކުޑަކުރުމެވެ. ފިއްޔެއް އެންމެ ކުޑަކުރީމާ ވާނީ ތިއްކަކަށް އެހެންނޫންތޯ އެވެ؟ ތިރީގައި އެވަނީ އަޅުގަނޑު ދެންނެވި ދެގޮތަށް ލިޔެފައިވާ ދެ ފޮޅުވަތެވެ. ފުރަތަމަ ގޮތުގައި ތިރީ ފިލިކަން އަންގައިދޭން މަތީގައި ޖަހާނަމަ، އެވަނީ ތިއްކެއް ޖަހާފައެވެ.  ތިކީގެ ބަދަލުގައި އެހެން ނިޝާނެއް ވެސް ބޭނުން ކުރެވިދާނެއެވެ.

3.  ދަމާފިލިތައް ފާހަގަކުރަން ޚާއްޞަ ނިޝާނެއް ޖެހުން


ތާނައިގެ ހުރިހާ ކުރުފިއްޔެއް (ސުކުން ފިޔަވައި) ލިޔުމުން ކުރިއާއި ފަހަތުގައިވާ ދެ ފިއްޔަށް އަރާގޮތް ވެއެވެ. މިކަމުގެ އެންމެ ރަނގަޅު މިސާލަކީ ހ ގެ މަތީގައި އޫބޫ ފިއްޔާއި އޭބޭފިއްޔާއި އޮބޮފިލި ޖެހުމުން ވާގޮތަށް ވިސްނުން ހިންގާލުމެވެ. މިސާލަކަށް ހޮހޭހޫ ކައިރީގައި ލިޔުނީމާ ފިލިތައް އޮޅޭވަރު ވެއެވެ. އެހެންކަމުން، ބައެއް އަކުރުތައް ލިޔަން ޖެހެނީ އެހެން އަކުރުތަކަށް ވުރެ ދުރުގައެވެ. ކުރިން ދެންނެވިހެން، ތާނައިގެ ދެމޭފިލިތައް އުފައްދާފައިވަނީ ކުރުފިލިތައް ދެފަށްކޮށްގެންނެވެ. ކުރުފިލި ދެފަށްކޮށްލިޔުމުގެ ބަދަލުގައި ކުރުފިއްޔަކާއި ޖެހިގެން ދަމަންޖެހޭކަން އަންގަން ނިޝާނެއް ޖެހުން ކިހިނެތް ވާނެތޯއެވެ؟ އެންމެ ކުޑަ ނިޝާނަކަށް ބޭނުން ކުރެވޭނީ ތިއްކެކެވެ. ނަމަވެސް އެހެން ނިޝާންތައް ވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތަށް ފިލިތައް ބަދަލުކުރާ ނަމަ، އޮބޮފިއްޔަށް އެހެން ނިޝާނެއް ހެދުން ރަނގަޅުވާނެއެވެ. އޯބޯފިލި އެއީ އޮބޮފިލި ފަށްފަށްކޮށްގެން ލިޔާފިއްޔަކަށް ނުވާތީ އެވެ. މި ޚިޔާލުގެ އެންމެ ރަނގަޅުކަމަކީ، ލިޔަން ފަސޭހަވުމާ އެކު، ހަމަތަކެއްގެ މައްޗަށް ފިލިތައް ހަމަޖެހިފައިވާ ކަމެވެ.

4.  ބައެއް ފިލި ނުޖެހުން


އެވޭލާ ދިވެހި އަކުރާއި ފަހުގެ ދިވެހި އަކުރު ލިޔާއިރު، ދެކުނު އޭޝިޔާގެ އެހެން ބަސްތައް ފަދައިން، އަބަފިލި ޖަހައެއް ނޫޅެއެވެ. އަކުރުގައި ފިއްޔެއް ނެތްނަމަ، ބަލަނީ އަބަފިލި ޖެހިފައިވާ ކަމަށެވެ. އަބަފިއްޔަކީ ތާނައިގައި އެންމެ ގިނައިން ލިޔެވޭ ފިއްޔެވެ. އެހެންކަމުން، މި ފިލި ނުޖަހާ ލިޔާނަމަ، ލިޔަން ފަސޭހަވާނެ އެވެ. ނަމަވެސް ފިއްޔެއް ނެތްކަން ހާމަކުރަން އަބަފިލި ނުވާ އަކުރުތަކުގައި، އެވޭލާ ދިވެއްސާއި މިހާރުގެ ސިންގަޅަ ލިޔާ ފަދައިން ޚާއްޞަ ނިޝާނެއް ބޭނުން ވާނެއެވެ. މި ޚިޔާލަށް އަޅުގަނޑަށް އެއްބަސް ނުވެވެނީ، ތާނަ ސައިންޓިފިކް ވެގެން މިއުޅެނީ އަދި ދިވެހިރާއްޖޭގައި ލިޔެކިޔުން އެހާމަތީ އެއް ސަބަބަކީ އަބަފިލި ޖަހާތީ ކަމަށް ބެލެވޭތީ އެވެ. ތިރީގައި އެވަނީ އަބަފިލި ނުޖަހައި ލިޔެފައިވާ ޖުމުލައެކެވެ.

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ވެދުން ސލާމށް ފހު ދންނވމެވެ.

ޢަރަބީންނާއި ޔަހޫދީން އެމީހުންގެ ބަސް ލިޔާއިރު ފިއްޔެއް ޢާއްމުކޮށް ނުޖަހައެވެ. އެމީހުންނަށް އެގޮތަށް ލިޔެކިޔެނީ، ބައެއް އަކުރު ފިލީގެ ގޮތުގައި އުފައްދައިފައިވާތީ އެވެ. މިސާލެއްގެ ގޮތުން ޢަރަބި ބަހުގައި ا و ي މި ތިން އަކުރު ފިލީގެ ގޮތުގައި ބޭނުން ކުރެއެވެ. ލިޔަންކިޔަން ނުދަންނަ މީހުން ޢަރަބީންގެ ތެރޭގައި ނުހަނު ގިނައެވެ. މިފަދަ ސަބަބުތަކާ ހެދި ފިލި އަކުރުތަކެއް ތައާރުފުކުރަން އަޅުގަނޑު ތާއީދެއް ނުކުރަމެވެ. ނަމަވެސް ފިލި ޖަހަން ނުޖެހުމަކީ ތާނަލިޔާ ފޮޅުވަތުގެ އުސްމިން ވަރަށް ކުޑަކޮށް، އަކުރުތައް ބޮޑު ކުރެވޭނޭ ކަމެކެވެ.

ޔޫރަޕުގެ ބައެއް ބަސްތައް ލިޔާއިރު ފިލިޖަހަނީ، ބައެއް އަކުރުތަކުގެ މަތީގައި ކުދި ނިޝާންތަކެއް ބޭނުން ކޮށްގެންނެވެ. މިގޮތުން ޖަހާ ނިޝާންތައް ވަރަށް ކުދިކަމުން، އަކުރުގެ ފާޅުކަން ބޮޑެވެ. ތާނަ ލިޔާއިރު ވެސް ޖަހާ ފިލިތައް، އޯބޯފިލީގެ އިތުރަށް، މިހާރަށް ވުރެ މާ ދޭސީ ކުރެވިދާނެއެވެ. ތިރީގައި އެވަނީ ބައެއް ފިލިތައް ދޭސީކޮށްފައެވެ. ކިޔުމުގައި އުނދަގުލެއް ވޭތޯ އެވެ؟  ފިލިތައް ދޭސީކޮށްލުމުން، އަކުރުތައް ފާޅުކަން ބޮޑުކުރަން، ބޮޑުކޮށް ލިޔަން ޖާގަ ލިބޭނެއެވެ. އެއިރުން ކިޔަން ފަސޭހަވާނެއެވެ. ތިރީގައިވާ ލިޔުމުގައި، ފިލިތައް ކުޑަކުރުމުން އަކުރުތައް ބޮޑުކުރަން ލިބުނު ފުރުޞަތުގެ ބޭނުން ކޮށްފައެއް ނުވެއެވެ. ނަމަވެސް، ކިޔުންތެރިންނަށް އަޅުގަނޑު މިދެންެނެވި އެއްޗެއް ވިސްނިވަޑައިގަންނަވާނެއެވެ.

5.  ބައެއް ސުކުނުގެ ބަދަލުގައި ފިލި ޖެހުން


ބަހުގެ ޢިލްމުގެ ގޮތުން ބަލާއިރު ތާނައިގައި ދެތިން ބޭނުމަކަށް ސުކުން ކުރެއެވެ. މަންމަ ކިޔާއިރު ސުކުން ބޭނުން ކޮށްފައިވާ ގޮތާއި ވެރިން ކިޔާއިރު ސުކުން ބޭނުންކޮށްފައިވާ ގޮތް ތަފާތެވެ. ކުރިން ދިވެހި ލިޔުނު ދިވެސް ނުވަތަ ދިވެހި އަކުރާއި ސިންގަޅަ އާއި ހިންދީ އާއި ޢަރަބި ލިޔާ ގޮތުގައި ބައެއް ސުކުން ކުރަނީ މިހާރު ތާނައިގައި ސުކުން ކުރާ  ގޮތަށް ވަކި އަކުރެއް ޖަހައިގެންނެއް ނޫނެވެ. މިސާލެއްގެ ގޮތުން އަލިފު ސުކުންކުރަން، ކުރިއަށް އޮންނަ އަކުރުގެ ފިއްޔަށް އިތުރު ކުރާ ނިޝާނަކުން މި ސުކުން ޖެހުމުން ނުކުންނަ އަޑު ނެރެއެވެ. ޢަރަބި ބަހުގައި ތަޝްދީދު ބޭނުންކުރަނީ މި އުޞޫލުންނެވެ. މި އުޞޫލު ތާނައަށް ގެނެވިއްޖެ ނަމަ، ތާނަ ލިޔުން ވަރަށް އަވަސްވާނެއެވެ. އެއީ ދެ އަކުރު ލިޔުމުގެ ބަދަލުގައި އެއް އަކުރު ލިޔަން ޖެހޭތީ އެވެ. އަކުރެއް ޖަހަން ނުޖެހޭތީ ލިއަން ނަގާ ޖާގަވެސް ކުޑަވާނެއެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި ކިޔަން ވެސް ފަސޭހަ ވާނެއެވެ. މިއީ ވެސް އައު ހުށަހެޅުމެއް ނޫނެވެ. އެހެނީ، ބެލްގެ ފޮތުގައިވާ ތާނަ ރާދަވަޅީގެ ދެވަނަ ޞަފުހާގައި، އަލިފު ސުކުނުގެ ބަދަލުގައި ތަޝްދީދު ބޭނުންކޮށްފައިވާތީ ތިބާއަށް ފެނިވަޑައިގަންނަވާނެ އެވެ.

ދެން ކުރެވޭނެ ސުވާލަކީ ބޭނުންކުރާނީ ކޮން ނިޝާނެއް ހެއްޔެވެ؟ މިހާރުވެސް ފިލިތައް މާ ފާޅުކަން ބޮޑުކޮށް ލިޔާތީ، އަޅުގަނޑަށް ފެންނަނީ ވީހާވެސް ސާދާ އާދައިގެ ނިޝާނެއް ޖެހުމެވެ. ޚިޔާލެއް ހުށަހެޅުމުގެ ގޮތުން، އަޅުގަނޑު އެވަނީ ފަހަތު ފިލިމަތީގައި ރޮނގުބުރިއެއް ދަމާލާފައެވެ. ބައެއް ކަހަލަ ނޫނު ސުކުން ވެސް ތަފާތު ނިޝާނެއްގެ ގޮތުގައި ލިޔެވިދާނެ އެވެ.

އަޅުގަނޑަށް މިދަންނަވާލެވުނީ ތާނައިގެ ފިލިތައް މިހާރަށް ވުރެ ރަނގަޅު ގޮތަކަށް ލިޔުމަށް ކުރެވިދާނޭ ބައެއް ކަންކަމެވެ. މިނޫން އެހެން ޚިޔާލުތައް ކިޔުންތެރިންނަށް ވިސްނިވަޑައިގަންނަވާނެއެވެ. ގެންނަ އެއްވެސް ބަދަލަކުން، މާބޮޑު ދަސްކުރުމެއް ނެތި، މިހާރުވެސް ތާނަ ލިޔަންކިޔަން އެނގޭ މީހުންނަށް އެކަން ކުރެވެން ޖެހޭނެއެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، އެންމެ އަވަހަށް ގެންނަންވީ ބަދަލަކީ، އޮބޮފިލި ލިޔާގޮތް ބަދަލުކުރުމާ އެކު، ދަމާފިލި ލިޔަން މިހާރުހެން ދެފަށް ކުރުމުގެ ބަދަލުގައި ނިޝާނެއް ބޭނުން ކުރުމެވެ. އެ ނިޝާނަކީ ތިއްކަކަށް ވުމީ ވެސް ފައިދާހުރި ކަމެކެވެ. ކޮންމެ ބަދަލެއް ގެނައުމުގައި ވެސް، ދެތިން ހަތަރުބަހެއް ލިޔަން ކިޔަން ދަންނަ މީހުންނާއި، ތާނައިގެ ފަންނުވެރިންގެ މަޝްވަރާ ބޭނުން ވާނެއެވެ.

ތާނައަށް އިތުރު ފިއްޔެއް ތަޢާރުފުކުރުމަކީ ވެސް މިހާރު ކުރަންޖެހިފައިވާ ކަމެއްކަމަށް ފެނެއެވެ. އެއީ އިނގިރޭސި ބަސް ދުނިޔޭގައި ޢާއްމު ވަމުން އަންނާތީ، އިނގިރޭސިބަހުގައި ބޭނުން ކުރާ ޢާއްމު ފިއްޔެއް ލިޔާނޭގޮތް ތާނައިގައި ނެތުމުންނެވެ. މި ފިއްޔަކީ، apple ކިޔަންޖެހޭ ގޮތަށް ލިޔާއިރު އަލިފުގައި ޖަހާ ފިއްޔެވެ. އެ ލަފުޒު ކިޔަނީ ”އެޕްލް“ ނުވަތަ ”އެޕަލް“ ނުވަތަ ”އޭޕްލް“ ނުވަތަ ”އޭޕަލް“ މިގޮތަކަށް ނޫނެވެ.

އަކުރުލިޔާގޮތް ބަދަލުކުރުން

1. އަކުރުތަކުގެ ފައިކޮޅުތައް ކުރުކުރުން


ކޮންމެ އަކުރަކީ ވަކި އަކުރެއްކަން ދެނެގަތުމަށް މާދިގުކޮށް ފައިކޮޅުތައް ލިޔާކަށް ނުޖެހެއެވެ. ކުރިން ބަޔާންކުރެވުނު ފަދައިން، މިކަމުގެ ސަބަބުން ކިޔަން ދަތިވެ، އަކުރުތައް ފުށުއަރާގޮތް ވެ، ފޮޅުވަތް އުސްވެ، ލިޔުމަށް އިތުރު ދެލި ދެއެވެ. ޚަރަދު ބޮޑުވެއެވެ.   އަކުރުތަކުގެ ފައިކޮޅުތައް ކުރުކުރުމަކީ އައު ގޮތެއް ހެދުމެއް ނޫނެވެ. އެއީ އެންމެ ކުރީގައި ތާނަ ލިޔުނު ގޮތަށް އިއާދަވުމެވެ. ފައިކޮޅުތައް ކުޑަކުރުމުން އަކުރުގެ ބައްޓަން ބޮޑުކުރަން ފަސޭހަ ވާނެއެވެ.

ތިރީގައިވާ ދެ ފޮޅުވަތަށް ވިސްނަވާށެވެ. މަތީ ފޮޅުވަތް ލިޔެފައި އެވަނީ ފަރުމާ ކިޔާ ފޮންޓަކުންނެވެ. ތިރީގައިވާ ދެ ފޮޅުވަތް ލިޔެފައިވަނީ، ދިވެހި ބަސްފޮތް ޗާޕުކުރުމަށް އަޅުގަނޑު ހެދި ފައިކޮޅުތައް ކުރު ފޮންޓަކުން ހަމަ  ކުރީގެ ސައިޒުންނެވެ. ފައިކޮޅުތައް ކުރުވުމުން، ބައްޓަންތައް ބޮޑުކޮށްލަން ޖާގަ ލިބެއެވެ.

Old Thaana writing

އަކުރުތައް ތެދުކުރުން


އިންސާނާގެ ލޯ އެކި ބައްޓަންތައް ދެނެ ގަންނަގޮތުން، ކަތި ރޮނގުތަކަށް ވުރެ ތެދާއި ހުރަސް ރޮނގު ފަސޭހައިން ލޮލުގައި އަޅައިގަންނަކަން ފާހަގަ ކުރެވެއެވެ. މިކަމާ ބެހޭ ގޮތުން ކުރިން ވާހަކަ ދެކެވިއްޖެއެވެ.  އަދި ދުނިޔޭގެ އެއްވެސް އަލިފުބާއެއް ތާނަހާ ކަތިކޮށް ނުލިޔާކަން ފާޙަގަ ކުރެވެއެވެ. އެއީ ކުރިން މިދެންނެވި ސަބަބާހެދިކަމަށް ވެސް ވެދާނެއެވެ. ތާނަ ވެސް ތެދުކޮށް ލިޔެވޭގޮތް ވުމަކީ ތާނައަށް ލިބޭ މުއްސަނދިކަމެއް ކަން ކަށަވަރެވެ. ކޮމްޕިއުޓަރުން ތާނަލިޔެ ކިޔާނަމަ، މިއީ ލިޔެކިޔުން ވަރަށް ފަސޭހަވާނޭ ކަމެކެވެ.

ބޭނުން ކުރަން ފަށާ އިރު ތެދަށް ހުންނަ އަކުރުތައް މިހާރުގެ ކިޔުންތެރިންގެ ޛައުޤާ ނުގުޅޭތީ ހުތުރު ކަމަށް ފެނުނަސް ވަރަށް އަވަހަށް ލޯތައް ބައްޓަންތަކަށް ފަރިތަވެ، މީހުންގެ ކުރިމަތީގައި މަޤްބޫލު ވާނެއެވެ. ތެދު އަކުރުތަކާ އެކު ކަތި އަކުރުތައް ވެސް ބޭނުން ކުރެވިދާނެއެވެ. އިނގިރޭސި ލިޔަން ކަތިއަކުރު ބޭނުން ކުރާ ފަދައިންނެވެ. މިބަދަލަކީ ކުރިން ދެންނެވިހެން އައު ބަދަލެއް ނޫނެވެ. ތާނައިގެ އަޞްލަށް ރުޖޫޢަވުމެވެ. އެންމެ ކުރިން ތާނަ ލިޔުނުގޮތަށް އަނެއްކާ ލިޔަން ފެށުމެވެ.

ބައްޓަންތައް ބޮޑުކުރުން


އެކި އަކުރުތައް ވަކި ކުރަން އެނގެނީ އަކުރުތަކުގެ ބައްޓަންތަކުން ކަމަށް ވާތީ އޮޅޭނެހެން ހީވާ އަކުރުތަކުގެ ތަފާތުކަން އަންގައިދޭ ބައްޓަންތައް ބޮޑުކުރުމަކީ ކިޔަން ފަސޭހަވާނޭ ކަމެކެވެ. މިސާލަކަށް ށ އާއި ނ މިއީ ވަރަށް އެއް ވައްތަރުގެ ދެ އަކުރެވެ. މި ދެއަކުރުގެ ތަފާތު ބޮޑުކުރުމަށްޓަކައި ދެގޮތެއް ބޭނުން ކުރެވިދާނެއެވެ. އެއްގޮތަކީ ނޫނުގެ މެދު ތުނޑު އުސްކޮށްލުމެވެ. އަނެއްގޮތަކީ ނޫނުގެ ކުރީ ”ބަނޑު“ ފުން ކޮށްލުމެވެ. މި ދެ ގޮތް ވެސް ލިޔުންތެރިން ބޭނުން ކުރެއެވެ. މިފަދަ ހުރިހާ އަކުރެއްގައި ވެސް ބައްޓަންތަކުގެ ފާޅުކަން ބޮޑުކުރުމަކީ ކިޔަން ފަސޭހަވާނޭ ކަމެކެވެ. ތިރީގައި އެވަނީ ބައްޓަންތައް ކުދި ލިޔުމަކުންނާއި ބައްޓަންތައް ބޮޑު ލިޔުމަކުން އެއް ލަފުޒެއް ލިޔެފައި އެވެ. ކިޔަން ފަސޭހައީ ކޮން ލިޔުމެއްތޯ އެވެ؟

ބައެއް އަކުރުތައް ދޭސީކުރުން


ތާނަ ލިޔުން މިހާރަށް ވުރެ މޮޅުކުރުމަށް، ބައެއް އަކުރުތަކަށް ބަދަލު ގެންނަން ޖެހެއެވެ. މިއީ ފަންނުވެރިކަމުގެ ގޮތުން ލޮލަށް ރީތިކުރުމަށް ނުވަތަ ވީހާ ވެސް ކުޑަ މަސައްކަތަކުން ލިޔުމަށް (އެފިޝަންޓް ކުރުމަށް) ކުރަންޖެހޭ ކަމެކެވެ. މިގޮތުގެ މަތިން ބަދަލު ގެންނަން ޖެހޭ އަކުރުތަކުގެ ތެރޭގައި ޗަވިޔަނި ހިމެނެއެވެ. މިހާރު ތާނަ ލިޔާ އަކުރުތަކުގެ ތެރެއިން ޗ އަކީ ހަމައެކަނި ފޮޅުވަތު މައްޗަށް ފައިކޮޅު ލިޔާ އަކުރެވެ. މިކަމުގެ ސަބަބުން އަކުރުތައް އެކުލެވުމުގައި ހިތްގައިމު ގޮތެއް ނުހުރެއެވެ. އެކުމުތުވާ ގޮތަށް ޗ ލިޔުމަށް އަޅުގަނޑު ހުށަހަޅާގޮތް ތިރީގައިވާ ކުރެހުމެއްގައި އެވަނީއެވެ. ޒަވިޔަންޏާ  އެއްފަދަ ގޮތަކަށް ތ ގެ ތިރީ ފައިކޮޅު ފުށަތުކޮޅަށް އަނބުރާލާނީ އެވެ. މިކަމުގެ ސަބަބުން ޗ އެހެން ގިނަ ވިޔަނިތަކާ އެއްގޮތްވުމުން ތާނައަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެއެވެ.

ޗ އަށް ބަދަލެއް ގެންނަ ނަމަ، ތ އަށް ވެސް ކުޑަ ބަދަލެއް ގެންނަން ޖެހެއެވެ. އެއީ ޗ އުފައްދައިފައިވަނީ ތ އިން ކަމަށް ވާތީ އެވެ. ތ ލިޔަން ފަށަނީ ވ ފަދައިން ބޮޅެއް އަޅާފައެވެ. ވ ފުށަތުން ޖަހައެވެ. މި ގޮތަށް ލިޔާ އެހެން އަކުރެއް ނެތުމާ އެކު، ވ ފުށަތުން ޖެހުމުން ތ އަކަށް ފުދޭނެއެވެ. ފައިކޮޅު ފަހަތަށް އަނބުރައި އަނެއްކާ ކުރިއަށް އަނބުރާކަށް ނުޖެހެއެވެ.

ތާނަ އަކުރުތަކަށް ގެންނަން ޖެހޭ އެހެން ބަދަލުތައް ފާހަގަ ކުރުމަށް، ކުދިކޮށް ލިޔާއިރު ތުނޑުތައް ކުދިކަމުން ނުވަތަ ބޮޅުތައް ކުދިކަމުން ދެލިގުޅަ އުފެދޭ އަކުރުތަކަށް ސަމާލުކަން ދޭން ޖެހެއެވެ. މިގޮތުން އަޅުގަނޑަށް ފާހަގަ ކުރެވެނީ ބ އާއި ފ އާއި ދ އެވެ. ލިޔަންކިޔަން ދަންނަ މީހުންނަށް ނުއޮޅޭގޮތަކަށް ބ އަށް ބަދަލު ގެނެވޭނީ ދެގޮތަކަށެވެ. އެއީ ބ ގައި މިހާރު ހިމެނޭ ދެ ބޮޅު އެއް ބޮޅަކަށް ހެދުމެވެ. މިހެން ހެދޭނީ ފުރަތަމަ ބޮޅު ނުވަތަ ފަހު ބޮޅު މުޅީން ނުބެއްދުމުންނެވެ. ދެވަނަ ގޮތަކީ ބ ދެބައިކުރާ ރޮނގު ތުނޑަކަށް ކުޑަކޮށް، އެތެރޭ ދެ ބޮޅު އެއް ބޮޑު ބޮޅަކަށް ހެދުމެވެ. ބ އަށް ބަދަލުގެނައުމުން ޓ އުފައްދައިފައި ވަނީ ބ އިންކަމަށްވާތީ އެ އަކުރަށް ވެސް ބަދަލު އަންނާނެ އެވެ.

ފ އާއި ދ ދޭސީ ކުރުމަށް އިހު ލިޔުނުގޮތަށް ރުޖޫޢަ ވެވިދާނެއެވެ. މި ދެއަކުރު ފެށޭއިރު މައްޗަށް އެހުންނަ ކޮޅަކީ ކުރީ ލިޔުންތަކުގައި ހުންނަ ކޮޅުތަކެއް ނޫނެވެ. މިއީ ފަހުން އަކުރަށް ގެނެސްފައިވާ ބަދަލެކެވެ. މި ބަދަލު ނެތުމުން ފ އަދި ދ ލިޔުމަށާއި ކިޔުމަށް ފަސޭހަވާނެ އެވެ.

އަކުރުތައް ކުރިއެރުވުމަށް ވިސްނާއިރު ކޮންމެހެން ބޭނުން ނުވާ ތުނޑުތަކާއި ކޮޅުތައް އުވާލުމަށް ވިސްނަންޖެހެއެވެ. މިގޮތުގެ މަތިން ޑ ފަށާއިރު ކުރިއަށް އެވާ ބައި ނެތުމަކުން، އެހެން ގޮތަކަށް ދަންނަވާނަމަ، އަވަސް ތާނައިން ޑ ލިޔާއިރު އިނގިރޭސި  ޒެޑް ހެން (z) ލިޔުމަކުން، ކިޔުމަކަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ.

އަޅުގަނޑު މިދަންނަވާލީ ތާނަ އަކުރުތަކަށް ގެނެވިދާނޭ ކުދިކުދި ބަދަލުތަކެވެ. މި ބަދަލުތަކުގެ ސަބަބުން އައު އަކުރެއް ދަސްކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ލިޔުމަށާއި ކިޔުމަށް ވަރަށް ފަސޭހަ ވާނެއެވެ. އައު ގޮތަކަށް ލިޔާ އަކުރުތަކެއް ރީތިވާނީ ގިނަ ފަހަރު އެ ފެނުމުންނެވެ. ތިރީގައި އެވަނީ މި ދެންނެވި ބަދަލުތައް ހިމެނޭ ކުރެހުމެކެވެ. މިކުރެހުމުގައި ބަދަލު ގެނެސްފައިވާ ކުރެހުންތައް މިއަށް ވުރެ ރީތި ކުރެވޭނެއެވެ. އަޅުގަނޑުގެ މަޤްޞަދަކަށްވީ ބަދަލުގެންނަ ގޮތް އޮޅުންފިލުވާ ދިނުމެވެ.

ތާނަ ލިޔުމުގައި ބޭނުން ކުރާ އެހެން ނިޝާންތައް

ތާނަ ލިޔުމުގައި މިހާރަކަށް އައިސް ކޮންމެހެން ބޭނުންވެގެން އައު ނިޝާންތައް ތަޢާރުފު ކުރަން ޖެހިފައި ވެއެވެ. އަދި ބައެއް ނިޝާންތައް ބޭނުން ކުރާގޮތް ބަދަލުކުރަން ޖެހިފައި ވެއެވެ.  މި މަޒުމޫނަކީ ތާނަ ލިޔުމާ ބެހޭ މަޒުމޫނެއް ކަމުން، ނިޝާންތަކާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާލާނީ މަދު ބައެއް ވާހަކައެވެ.

ބަދަލުކުރަން ޖެހޭ ނިޝާންތަކުގެ ތެރެއިން، އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮމާކޯޅި (” “) އެވެ. ދެ ބާވަތެއްގެ ކޮމާކޯޅި ބޭނުން ކުރެއެވެ. އެއްބާވަތުގައި އެއީ މަތީ ފިއްޔާ އެއް ހަމައެއްގައި ޖަހާ ކޮމާ އެވެ. އަނެއް ބާވަތުގައި ދެ ކޮމާ ފިއްޔާ ހަމައިގައި ޖަހައެވެ. ދިވެހިބަހުން މި ނިޝާނަށް ކޮމާކޯޅި ކިޔުމަކީ ރަނގަޅު ގޮތެއްނޫނެވެ. އެއީ ކޯޅިއަކުން އެ ނިޝާނުގައިވަނީ ދެ ކޮމާ ކަމެއް އަދި ބޭނުމެއް ދޭހައެއް ނުކޮށްދެ އެވެ.  ކޮމާގެ ޙަޤީޤީ މާނައަކީ ޖުމުލައެއްގެ ބައެކެވެ. ނިޝާނެއްގޮތުގައި ބޭނުންކުރާ ރަމްޒު ލިޔަނީ ފޮޅުވަތުގެ މެދުގައެވެ.  ކޮމާކޯޅިއަށް އިނގިރޭސި ބަހުގައި ކިޔަނީ ކްވޯޓޭޝަން މާކް އެވެ. އެއް (ސިންގަލް) ކޯޓޭޝަން މާކް އާއި ދެ (ޑަބަލް) ކްވޯޓޭޝަން މާކް އެވެ. ކްވޯޓޭޝަން އަކީ މީހަކު ދެއްކި ވާހަކަ އަކުން ނުވަތަ ލިޔުމަކުން ނަޤުލްކޮށްފައިވާ ޢިބާރާތެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި މި މާނަ ދޭހަކުރުމަށް މި ނިޝާނަށް ކިޔަންވާނީ ”ހަވާލާ“ ނިޝާނެވެ. އެކި ޤައުމުގައި މި ނިޝާން ބޭނުން ކުރާގޮތް ތަފާތެވެ. އެމެރިކާގެ ލިޔުންތަކުގައި ބޭނުންކުރަނީ ދެ ”ކޮމާ“ ހިމެނޭ ޙަވާލާ ނިޝާނެވެ. އިނގިރޭސި ވިލާތުގައި އެއް ޙަވާލާ ނިޝާނެވެ. އެމެރިކާގައި އެއް ޙަވާލާ ނިޝާން ބޭނުން ކުރަނީ ޙަވާލާދެވޭ ޢިބާރާތުގެ ތެރޭގައި ޙަވާލާދެވޭ އެހެން ޢިބާރާތެއް ނުވަތަ ލަފުޒެއް ވާނަމަ އެެވެ. މި ބޭނުމަށް އިނގިރޭސި ވިލާތުގައި ބޭނުން ކުރަނީ ދެޙަވާލާ ނިޝާނެވެ.

ކޮންމެ އަކަސް، ތާނަ ލިޔުމުގައި މި ނިޝާނުގެ މައްސަލައަކީ ތާނައިގެ ފިލިތަކާ އެއް ހަމައެއްގައި ޖަހާ ކަމާއި  އަދި ތާނަ ބައެއްފިއްޔާ މި ނިޝާން ވަރަށް ވައްތަރު ކަމެވެ. މި ސަބަބުތަކަށްޓަކައި ޙަވާލާ ނިޝާން ބަދަލު ކުރުމަކީ ތާނައަށް ލިބޭ ކުރިއެރުމަކަށް ވާނެއެވެ.

އެކި ބަސްބަހުގައި ޙަވާލާ ނިޝާން ތަފާތެވެ. ތިރީގައި އެވަނީ ބައެއް ބަސްބަހުގައި ބޭނުން ކުރާ ޙަވާލާ ނިޝާނެވެ.

ދިވެހިބަހާ އެންމެ ގުޅޭ، ފިލިތަކާ އެކުވެ ގެއްލިގެން ނުދާނީ، ކޮން ނިޝާނެއްތޯ އެވެ؟   މަތީގައިވާ ނިޝާންތަކުގެ ތެރެއިން އެމެރިކާ އާއި އިނގިރޭސި ވިލާތުގައި އިނގިރޭސި  ލިޔުމަށް ބޭނުން ކުރާ ނިޝާނާއި ރޯމޭނިއަން އާއި ސްވެޑިޝް ލިޔުމަށް ބޭނުން ކުރާ ނިޝާން ފިޔަވައި އެހެން ނިޝާންތަކުން ކޮންމެ ބާވަތެއް ވެސް، މިހާރު ޢާއްމުކޮށް ބޭނުން ކުރާ ނިޝާނަށް ވުރެ ރަނގަޅުވާނެ އެވެ.

ތާނަ ކޮމްޕިއުޓަރުން ލިޔުމުގައި % މި ނިޝާން ޖެހެނީ ޢަދަދު ޖެހުމަށް ފަހުއެވެ. މިސާލަކަށް 86% އެވެ. މިޢީ ޢަރަބި ލިޔުުމުގައި ބޭނުން ކުރާ ގޮތެވެ. ނަމަވެސް، ކަނާއަތުން ވާތަށް ލިޔާ ހިއުބުރޫގައި ލިޔަނީ %86 އެވެ. ތާނަ ލިޔަނީ ކިޔާ ގޮތަށް ކަމަށް ވާތީ އާއި ހިސާބު އަކުރުތައް ކިޔަނީ ވާތުން ކަނާއަތަށް ކަމަށްވާތީ ރަނގަޅުވާނީ ފަހުން މި ދެންނެވުނު ގޮތެވެ.

ތާނަ ލިޔުމުގައި އަލަށް ތައާރަފު ކުރަންޖެހޭ ނިޝާންތަކުގެ ތެރެއިން އެންމެ މުހިއްމު ނިޝާނެއް ކަމަށް އަޅުގަނޑު ފާހަގަ ކުރަނީ ރުފިޔާ އަށް ނިސްބަތް ކުރާ ނިޝާނެކެވެ. ގިނަ ބަސްލިޔާ އަލިފުބާ ނިޒާމުގައި މިފަދަ ނިޝާންތައް ހިމެނެއެވެ. ތިރީގައި އެވަނީ ފައިސާއަށް ނިސްބަތްކުރާ ނިޝާނެވެ.

      ₹    ؋  $    ₲    ₦    ₱   ₩   ₮     ₪   ฿   ₴  ¥ £

އެންމެ ކަނާތް ފަރާތުގައި އެވަނީ އިންޑިޔާގެ ރުޕީސްގެ ނިޝާނެވެ. މިއީ ދާދި ފަހުން ތައާރަފު ކުރެވުނު ނިޝާނެކެވެ. އެންމެ ވާތް ފަރާތުގައި އެވަނީ އިނގިރޭސި ޕައުންޑްގެ ނިޝާނެވެ. މިފަދަ ނިޝާންތައް ބޭނުން ކުރުމުގެ މަޤްޞަދަކީ ފައިސާގެ ނަން ދެތިން އަކުރުން ލިޔުމުގެ ބަދަލުގައި ބައެއް ކަންކަމުގައި އެއް އަކުރުގެ ނިޝާނަކުން ފުއްދާލުމެވެ. މި ނިޝާން ބޭނުންވަނީ MVR ޖެހުމުގެ ބަދަލުގައި ދިވެހި ރުފިޔާކަން އަންގަން ކުރުކޮށް ލިޔުމަށެވެ. ނިޝާނެއްގެ ގޮތުގައި އަޅުގަނޑަށް އެންމެ ރަނގަޅުކަމަށް ފެންނަނީ ތާނަ ރ އެއްގައި މެދުގައި، މަތީގައިވާ ގިނަ ނިޝާންތަކެއްގައިވާ ހެން ދެ ހުރަސް ރޮނގުބުރި ދެމުމެވެ. މިފަދަ ނިޝާނެއްގެ އެންމެ މުހިއްމު ޝަރުޠަކީ ހިސާބު ނުވަތަ އިނގިރޭސި ނިޝާނަކާ އެއްގޮތް ނުވުމެވެ.  ތިރީގައިވާ ފަދައިންނެވެ.

އިހުގެ ތާނަ ލިޔުންތަކުގައި އެތައް އެހެން ނިޝާންތަކެއް ބޭނުންކޮށްފައި ވެއެވެ. ދިވެހި ބާވަތެއްގެ ކޮމާ އަކާއި ފުލްސްޓޮޕް ނުވަތަ ޖުމުލަ ނިމުމުން ޖަހާ ނިޝާނެއް ހިމެނެެއެވެ. މުޙައްމަދު އަމީންގެ ލިޔުއްވުން ތަކުގައި، ތިކިތައް ބޭނުން ކުރައްވާފައި ވެއެވެ. މި ތިކިތަކަށް ކިޔާ ނަމާ ބެހޭ މަޒުމޫނެއް މި ލިންކުން ކިޔުއްވާށެވެ. ތާނަ އަށް ކަނޑައަޅާފައިވާ ޔުނިކޯޑް ބްލޮކްގައި މިހާރު ހިމެނޭ 64 ޖާގައިގެ އިތުރަށް، އެއާ ޖެހިގެން އަދި ހުހަށްވާ 64 ޖާގައިގެ ޔުނިކޯޑް ބްލޮކް، ތާނައަށް ރިޒާވް ކުރުމަކީ، ތާނަ ލިޔުން ކުރިއެރުވުމަށް މުހިއްމު ކަމެކެވެ. ހުރިހާ ޒަމާނެއްގައި ތާނަ ލިޔުމުގައި ބޭނުންކޮށް ފައިވާ ނިޝާންތަކާއި އަކުރުގެ ޚާއްޞަ ބާވަތްތަކާއި، އެއްކޮށް ލިޔާ އަކުރުތަކާއި ފިލިތައް ތާނަ ޔުނިކޯޑް ބްލޮކްގައި ހިމަނަން ވާނެއެވެ.

އާދެ! އަޅުގަނޑު މި މަޒުމޫނުގައި ބަޔާންކުރީ ތާނަ ލިޔުމަށް ގެެނެވިދާނެ ބައެއް ކުރިއެރުންތަކެވެ. މިގޮތުން އެންމެ ފުރަތަމަ ފާހަގަ ކުރީ، އެހެން ބައެއް ފަރާތްތަކުން ކޮށްފައިވާ މަސައްކަތެވެ. ދެން، އަޅުގަނޑުގެ ބައެއް ޚިޔާލެވެ. މި ޚިޔާލުތައް މައިގަނޑު ތިން ބަޔަކަށް ޚުލާޞާކޮށްލީމެވެ. އެއީ ފިލިޖެހުމަށް ގެނެވިދާނެ ކުރިއެރުންތަކާއި އަކުރުތަކަށް ގެނެވިދާނެ ކުރިއެރުންތަކެވެ. ތިންވަނަ ބަޔަކީ ތާނަ ލިޔުމުގައި ބޭނުންކުރާ ޚާއްޞަ ނިޝާން ތަކެވެ. ކޮންމެ ބަދަލަކުން ވެސް ތާނަ ލިޔެކިޔަން ކުރިއަށް ވުރެ ފަސޭހަ ވާން ވާނެއެވެ. އަދި އިތުރު ދަސްކުރުމަކާ ނުލާ، ކިޔަން އެނގެން ޖެހޭނެއެވެ.

ތާނަލިޔާ އަކުރުތައް، އަޅުގަނޑުމެން މިހާރު ގަޞްދުގައި ބަދަލު ނުކުރިއަސް، އަކުރުތައް ދާނީ ބަދަލުވަމުންނެވެ. އެދެވޭ ގޮތަށް ބަދަލުވާނީ އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްގެންނެވެ.