ލޯތްބާއި ޒުވާންކަމާ މެދު

ފިނިފެންމަލުގެ ބަގީޗާ — ފަސްވަނަ ބާބު  (ފުރަތަމަ ބައި)

—1—

ޙަސަން މައިމުންދީ ކައިރީގައި ސުވާލުކުރެވުނެވެ: ”ސުލްޠާނު މަޙްމޫދުގެ އަރިހުގައި އެއިން ކޮންމެ މީހަކީ ދުނިޔޭގެ ޢަޖާއިބަކަށް ވާނޭ ފަދަ ރީތި އަޅުން ތިބި އިރު، އެއިން އެއްވެސް މީހަކަށް ނުބަހައްޓަވާ ލޯތްބާއި ކުލުނު އިޔާޒަށް އެ މަނިކުފާނު ބަހައްޓަވަނީ ކީއްވެގެންތޯއެވެ؟ އޭނާ ސަފުން އެހެން މީހުންނަށް ވުރެ ރީތީކީ ނޫނެވެ.“

ޖަވާބު ދެވުނެވެ: ”ހިތުގެ ތެރެއަށް ވަދެފި އެއްޗެއް ލޮލަށް ރީތި ވެދެއެވެ.“

ރަސްކަލެއްގެ މުރީދަކަށް ވެއްޖެ މީހާ

ހުރިހާ ނުބައިކަމެއް ކުރިއަސް ވާނީ ރަނގަޅު ކަންތައްތަކަށެވެ.

އެކަމަކު ރަސްކަލެއްގެ ނަފްރަތު ކުރިމަތިވި މީހާއަށް

އަޅާލާނޭ އެއްވެސް މީހަކު ނުވާނެއެވެ.

ނުރުހުމުގެ ލޮލަކުން ޔޫސުފުގެފާނުގެ ސޫރައަށް ބެލިއަސް،

ރުހެވޭނެ އެއްވެސް ސިފައެއް އެއަކުން ނުފެންނާނެއެވެ.

ރުހުމުގެ ލޮލަކުން ދެޔޯއަކަށް ބެލުމުން،
އޭނާއަށް އެފެންނާނީ ކަރޫދީ މަލާއިކަތެއް ފަދައިންނެވެ.

—2—

މަދުން ނޫނީ މީހުންނަށް ލިބިފައި ނުވާފަދަ ނާދިރު ރީތި އަޅެއް މަތިވެރި މީހަކަށް ލިބިގެން ވިއެވެ. އޭނާއަށް ސާހިބު މީހާ ނުހަނު ލޯބިކުރަތެވެ. މިހެން މިކަން އޮތަސް، ރައްޓެއްސެއްގެ ކައިރީގައި އޭނާ ބުންޏެވެ: ”އަޅަށް ލިބިފައިވާ ރީތިކަމާއި ރަނގަޅު ސިފަތަކާ އެކު، އޭނާއަށް ދިގުނޫން، ހުތުރުނޫން ދުލެއް ލިބިގެންވީ ނަމައެވެ!“

ޖަވާބުގައި ބުންޏެވެ: ”ބޭބެއެވެ. ރަޙްމަތްތެރިއެކޭ ބުނެފައި، ޚިދުމަތަށް އުއްމީދު ނުކުރާށެވެ. އެއީ ލޯބިވާ މީހާއާއި ލޯބިވީ މީހާއާ ދެމެދުގެ ގުޅުން ޤާއިމްވުމުން، ޚާދިމަކާއި ސާހިބާ އާ ދެމެދު އޮންނަ ގުޅުން ކެނޑޭނެއެވެ.“

ސާހިބަކާއި ބުރުސޫރަ ރީތި އަޅެއް ހެމުން ކުޅެން ފެށުމުން،
ސާހިބާއާ އެއްގޮތަށް އަޅު މައްލަވަކުރަން ފެށުމުން ހައިރާންވާން ޖެހޭ ހެއްޔެވެ؟
ސާހިބު މީހާ ދެން، އަޅެއްހެން އެ ކަންކަމަށް ކެތްކުރަތެވެ.
އަޅެއްގެ ވަޒީފާއަކީ  ފެން ގެނެސް އާޖަރު (އެޅިގައު) އެޅުމެވެ.
މާ އޯގާތެރިކޮށް އަޅަކާ މެދު ކަންތައްތައް ކުރުމުން،
ގޮންމުށުން ނޫނީ އޭނާ ނުޖަހާނެއެވެ.

Image

—3—

ދީންވެރިއަކު، މީހަކާ މަންޖޯޅިޖެހި، މީހުން އޭނާއަށް ކިޔާ އެއްޗިއްސަށް ކެތްތެރިކަން ނެތި، ހަނުހުރުމަށް ހިތްވަރު ގެއްލިފައި ވިއެވެ. ނަމަވެސް، މީހުން ކިޔާ އެއްޗިއްސަކުން، ކުރަންޖެހޭ ހިތާމައަކުން، އޭނާ އެކަމެއް ދޫކޮށެއް ނުލިއެވެ. އޭނާ ބުނެއެވެ:

ތޫނު ކަނޑިއަކުން ޖެހިކަމުގައި ވިއަސް،
ތިބާގެ ފަސްބައި އަހުރެން ދުލެއް ނުކުރާނަމެވެ.
ތިބާ ފިޔަވައި، އަހުރެންނަށް ސަލާމަތްތެރިކަމެއް ރައްކާތެރިކަމެއް ނުވެއެވެ.

ފިލަން ދާނަމަ، ފިލަން ދުވެ ދާނީ ތިބާގެ ކައިރިއަށެވެ.

އަހުރެން އޭނާގެ ފާގަތި ފިކުރު ދިޔަ ތަނަކާއި ނަފްސުގެ ދަށް އެދުންތަކަށް ހެސްގަނެފައިވާ ގޮތާ މެދު އެއްޗެތި ގޮވާ ސުވާލުކުރީމެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި އޭނާ ޖަވާބު ދިނެވެ.

”ލޯބި ރަސްކަން ކުރަން ފެށުމުން، ތަޤްވާގެ މުލައްދަނޑިން ބާރު ކެނޑެއެވެ.

އެދުންވެރިކަމުގެ ތެރެއަށް ކަރާ ހަމައަށް ގެނބިފައިވާ ބިކަ މީހަކަށް ޠާހިރުކޮށް އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟“

—4—

ޒުވާނަކު އޭނާގެ އުއްމީދުތައް ގެއްލިގެން މި ދުނިޔެއަށް އަލަވަދާޢު ކިޔާ ހިސާބަށް މާޔޫސްވެއްޖެއެވެ. އެއީ އޭނާގެ ލޯބީގެ އަމާޒު ވަނީ ހޯދަން ވަދެވޭނޭ ތަނެއްގައެއް ނޫނެވެ. މަޅިފަތީގައި ދޫނި ޖެހުމާއި، ކާ އެއްޗެއްގެ ޒައްރެއް ދުލުގައި ޖެހުމުގެ އުއްމީދެއް ނެތް ނުރައްކާތެރި ތަނަކަށް އެތަން ވެގެން ވިއެވެ.

ތިމާގެ ލޯބިވެރިޔާގެ ލޮލުގައި ރަނަށް އެދުމެއް ނެތުމުން،

ރަނާއި ކިސަޑު ވާނީ ތިބާއަށް އެއް އަގެއްގެ ދެ އެއްޗަށެވެ.

ޙާޞީލްވާނޭ ކަމުގެ އުއްމީދެއް ނެތް އެދުމުގެ މަތިން ހިތް ދޫކޮށްލުމަށް އަހުރެން އޭނާއަށް ނަސޭހަތްތެރިވީމެވެ. ސަބަބަކީ، އޭނާ ފަދައިން އެދުންވެރިކަމުގައި އަޅުވެތިވީ ކިތަންމެ ބަޔަކު، ފައިގެ ކުޑަ ހުޅުތަކުގައި ކަސްތޮޅުއެޅުނެވެ.  ހިތާމަކޮށް އޭނާ ބުންޏެވެ:

”ރައްޓެހިން ކައިރީގައި ލަފާދިނުމަށް ނުބުނާށެވެ.
އެއީ އަހުރެންގެ ލޯވަނީ، އޭނާއަށް އެދުމުގައި ހައްޔަރުވެގެންނެވެ.
މުށާއި މުލައްދަނޑިއާއި ކޮނޑުގެ ބާރުން، ހަނގުރާމަވެރިން،
ޢަދަވާތްތެރިން މަރާލައެވެ

އެކަމަކު ރައްޓެހިންނެއް ޔާރުންނަށް ހަމަލައެއް ނުދެއެވެ.“

މަރަށް ބިރުން، ލޯބިވެރިޔާއަށް އޮންނަ ލޯތްބާ ފޭވުމަކީ ލޯބީގެ ޝަރުޠުތަކާ އިދިކޮޅު ކަމެކެވެ.

ތިބާގެ އަމިއްލަ އެދުންތަކަށް އަޅުވެތިވެފައިވާ މީހާ
ޢިޝްޤުގެ ކުޅިގަނޑުގައި މަކަރު ހަދައިފިއެވެ.
ރަޙްމަތްތެރިޔާ އާ ބައްދަލުވާނޭ ގޮތެއް ނަމަ،

އެ އެދުމުގައި މަރުވުމަށް ރަޙްމަތްތެރިކަން ބުނެއެވެ.

ކުރާނޭ އެހެން ކަމެއް ނެތުމުން އަހުރެން ކޮޅަށް ތެދުވަނީ
ޢަދާވަތްތެރިޔާ ތީރުން ނުވަތަ ކަނޑިން ޖަހާފާނޭ ކަން އެނގިހުރެ އެވެ.
ނަމަވެސް، ފުރުޞަތެއް ލިބިއްޖެނަމަ، އެކަނބުލޭގެ އަތްކުރީގައި ހިފާނަމެވެ.

ނޫންނަމަ، މަރުވާނީ އެކަނބުލޭގެ ގޭގެ އޮޅިމަތީގައެވެ.

އޭނާގެ ރައްޓެހިން އޭނާގެ ޙާލަތު ވިސްނައި، ސަހަރޯވެރިވެ، ނަޞޭޙަތްދީ ބަދަލެއް ނައުމުން އޭނާއާ އަޅާލުމުން ނަތީޖާއެއް ނުނުކުންނާނޭ ކަމަށް ދޫކޮށްލައިފިއެވެ.

މި ދަހިވެތި އެދުންވެރިކަން ހަކުރަށް އެދޭއިރު،

ބޭސްވެރިޔާ ބުނަނީ ކެތްތެރިވުމަށެވެ.

ހިތް ހަލާކުވެފައިވާ މީހާގެ ކައިރީގައި އޭނާގެ ޢާޝިޤާ ސިއްރުން ބުނި ވާހަކަ އަޑު އެހިން ހެއްޔެވެ؟

”ތިބާގެ ނަފްސަށް ޤަދަރު އޮތްހާ ހިނދު، އަހަރެންގެ ނަފްސުގެ އަގަކީ ތިބާއަށް ކިހާވަރެއް ހެއްޔެވެ؟“

ބުނެވެއެވެ. މި ޒުވާނާގެ ލޯބީގެ މަޤްޞަދަކަށްވާ އެތެރެކޮއިލުގައި އުޅުއްވާ އަމީރަށް މިވާހަކަ ދެންނެވުނެވެ. ރީތިކޮށް ވާހަކަ ދައްކާ ބަނިޔާދަން ޒުވާނަކު އަމީރުގެ ޢަމަލުގައި އާދަޔާ ޚިލާފު ލޯބީގެ ވާހަކަ ދައްކާ ހަދަތެވެ. ހީވަނީ އޭނާގެ ހިތް ދުޅަވެ، ބޮލަށް މޮޔަކަމުގެ ބަލި އެރީހެނެވެ. އަމީރަށް މި އަޑު އިވިވަޑައިގަތުމުން ޒުވާނާއަށް އެ ހާލު ޖެހުމުގައި އޭނާގެ އަސަރެއް ވާކަމަށް ޤަބޫލުފުޅު ކުރެވި، އަހުގައި ބާރަށް ޒުވާނާ އާ ދިމާއަށް ދަތުރުކުރައްވައިފިއެވެ. ޒުވާނާ އަށް އަމީރު ވަޑައިގަންނަވާތަން ފެނުމުން ބުންޏެވެ:

”އަހުރެން ޤަތުލުކުރި ޤާތިލް އަނެއްކާ އަތުވެއްޖެ އެވެ.

ހީވަނީ އޭނާ ޤަތުލުކުރި ފަރާތަށް ދިއުމަށް އޭނާގެ ހިތް އަނދަނީ ހެނެވެ.“

އަމީރު އޭނޭގެ ހާލުއަހުވާލުން އޯގާތެރި ކަމާއެކު ސުވާލުކޮށް ހެއްދެވުމުން ވެސް، ޒުވާނާ ލޯބީގެ ކަނޑުގެ އަޑީގައި ވުމުން ނޭވާ ކުރުވެގެން ދެންނެވިއެވެ:

ހިތުން ފިލާވަޅުގެ ހަތްބައި ކިޔެވި ކަމުގައި ވިއަސް،

ލޯބީގައި އާވާރާވުމުން ތިބާއަށް އަލިފުބާ ވެސް ނޭނގޭނެއެވެ.

އަމީރު ސުވާލު ކުރެއްވިއެވެ: ”މަށާ ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ އަހުރެންނަކީ ވެސް ދަރުވޭސީންގެ ޚަލްޤާއެއްގެ މީހަކީމެވެ. އަދި އިތުރަށް ބުނަން ހެއްޔެވެ؟ އަހުރެން ވަނީ އެބައިމީހުންގެ ޚިދުމަތުގައެވެ. އޭނާގެ ލޯބިވެރިޔާގެ އެކުވެރި ވާހަކަތަކުގެ ހިތްވަރުން، ބާރަށް ޖަހަމުންދާ ލޯބީގެ ރާޅުތަކުން ބޯ އުފުލާލާފައި ބުންޏެވެ:

عجبست با وجودت که وجود من بماند

تو بگفتن اندر آئي و مرا سخن بماند!

ތިބާ ދިރިދުނިޔޭގައި ވުމުން އަހުރެންނަށް ދިރިއުޅެވޭކަމީ ޢަޖާއިބެކެވެ.
ތިބާ އަހުރެންނާ ވާހަކަ ދެއްކުމުން އެ ވާހަކަތައް ހަރުލާ ހުރެއެވެ.

(ތަރުޖަމާ ގައި މައްސަލައެއް އެބަ އުޅެއެވެ.)

މި ލަފުޒުތައް އިއްވާފައި އޭނާ ދިރިހުރުމަށް އަލްވަދާޢު ކިޔައިފިއެވެ.

އޭނާގެ ފޭލިގޭ ދޮރުމަތިން ޤަތުލުވުން ޢަޖާއިބުކަން ބޮޑެއް ނުވާނެއެވެ.

ދިރިހުއްޓާ ސަލާމަތުން އޭނާ ފިލުން ޢަޖާއިބުކަން މާ ބޮޑުވާނެއެވެ.

—5—

މަދަރުސާ ކުއްޖެއްގެ ފުރިހަމަ ރީތިކަމާއި ބަނިޔާދަން ކަމުން، އެކުއްޖާގެ އެދުރުމީހާ، އިންސާނުންގެ ޠަބީޢަތާ އެއްފަދައިން، އެކުއްޖާގެ މައްޗަށް ހިތް ލެބުނު މިންވަރުން މި ޅެން ކިޔާ ފަހަރު އައުދެއެވެ.

ސުވަރުގެފަދަ މޫނާއެވެ. ތިބާގެ މަތިން އަހުރެން ހިތް ނުފުހެވޭ ވަރުން
އަހުރެންގެ މަތިން އަހުރެންނަށް ހަނދާންވަނީ ބައެއް ފަހަރު އެވެ.
ތިބާގެ ފަރާތުން އަހުރެންނަށް ނަޒަރު އެއްފަރާތްކުރަން ދައްޗެވެ.
ނަޒަރު އަނބުރާލައިފިނަމަ، އަހުރެންނަށް ތީރެއް އަންނަތަން ފެނިދާނެއެވެ.

އެ ކުއްޖާ އެދުރަށް ބުންޏެވެ:

”އަހުރެންގެ ކިޔެވުން މިޞްރާބު ކުރާ ފަދައިން، އަހުރެންގެ އުޅުން ވެސް ވަކިގޮތަކަށް ހާނާދޭށެވެ.

ނުރުހެވިގެންވާ ގޮތެއް އަހުރެންގެ އުޅުމުން ފެނިއްޖެ ނަމަ، އަހުރެންނަށް އެކަމެއް ރުހެވިގެން ވިއަސް، އެކަމެއްގެ މަތިން އަހުރެންނަށް ޚަބަރު ކޮށްދޭށެވެ. އެއިރުން އެކަމެއް ރަނގަޅުކުރެވޭތޯ އަހުރެންނަށް ގަދަޔަށް މަސައްކަތް ކުރެވޭނެއެވެ.“

އެދުރު ޖަވާބު ދިނެވެ:

ތި އެދުން އެހެން މީހެއްގެ ކައިރީގައި ބުނާށެވެ.  އަހުރެން ތިބާއަށް ބެލުމުން، ރަނގަޅު ނޫން ސިފައެއް ނުފެނެއެވެ.

އުނދަގުލަށް އެދޭ ލޯ، އޭގެ ވަޅުން އުފުރާލިއަސް، ރަނގަޅު ޚުލްޤުން ނުބައި ނޫނީ ނުފެންނާނެއެވެ. 
ތިބާގެ ކިބައިގައި އެއް ރަނގަޅު ސިފަ އާއި ހަތްދިހަ ނުރަނގަޅު ސިފަ ހުރިކަމުގައި ވިއަސް،
ރަޙްމަތްތެރިޔާއަށް ފެންނާނީ ރަނގަޅު ސިފަ އެކަންޏެވެ.

—6—

އެއް ރެޔަކު، އަހުރެންގެ ވަރަށް ގާތް ޔާރަކު އައުމުން، ދިއްލާފައި ހުރި ބައްތިއަށް ފަރުވާ ނުބަހައްޓާ ކުއްލިއަކަށް ތެދުވުމުން އަތުކުރިން ޖެހި ބައްތި ނިވިއްޖެއެވެ. ރޭގަނޑުގައި ކަޝްފުވި ރޫޙެއްގެ ސަބަބުން އަނދިރިކަން ފިލައްޖެއެވެ. އަހުރެންގެ ނަޞީބާ މެދު އާސޯޚުވެގެން މި އުފާވެރިކަން އައީ ކޮންތަނަކުންތޯ ގޮވާލީމެވެ.

އިށީންނަމުން، ވަންނަތަން ފެނުމުން އަހުރެންގެ އަތުކުރިން ޖަހާ ބައްތި ނިވާލީކަމަށް ނުރުހިފައި އޭނާ ބުންޏެވެ. އަހުރެން ބުނީމެވެ: ”އަހުރެން ހީކުރީ ފަތިހުގެ އިރު ވިލުނީކަމަށެވެ. އެއީ ޙިކްމަތްތެރިން މިހެން ބުނެފައިވާ ފަދައިންނެވެ.“

ހުތުރު މީހަކު ބައްތި ކުރިމައްޗަށް އެރުމުން ތެދުވެ ޖަމާޢަތަށް އޭނާ ވައްދާށެވެ.
އެކަމަކު ފޮނި ހިނިތުންވެފައިވާ އުފާވެރި ވާހަކަ ދައްކާ މީހަކު އައުމުން،
އޭނާގެ އަތުކުރީގައި ހިފާ ބައްތި ނިވާލާށެވެ.

—7—

ނުފެނި ގިނަ ޒަމާންތަކެއްވެފައިވާ ރަޙްމަތްތެރިއަކު ފެނުމުން، އޭނާ އުޅުނީ ކޮންތާކުތޯ އާއި ނުފެނި ގިނަ ދުވަސްވުމުން ހިތާމަކުރާކަމަށް ބުނުމުން ޖަވާބުގައި ބުންޏެވެ:

ހިތް ހަމަ ޖެހުމަށް ވުރެ ކަމަކަށް އެދުމުގައި ވުން މާ ރަނގަޅެވެ.

ތިބާ ތިޔައީ މާ ލަހުންނެވެ. އޭ ދީވާނާ ވެފައިވާ ޔާރެވެ!
ތިބާގެ ފަސްބައިން އަހުރެން އަތެއް ދުލެއް ނުކުރާނަމެވެ.
މައުޝޫޤާ ގިނައިން ފެނުމަށްވުރެ، މަދުމަދުން ފެނުން މާ ރަނގަޅެވެ.
ރައްޓެހިންނާ އެކު ތިބާ އަހުރެންނަށް ޒިޔާރަތް ކުރުމުން،
ޞުލްޙައިގައި އައި ކަމުގައި ވިއަސް، ތިޔައީ ޢަދާވާތްތެރި ކަމެކެވެ.
ބީރައްޓެހީންނާއެކު އެންމެ ހިނދުކޮޅެއް މަގޭ ރަޙްމަތްތެރިޔާ ކުޑަ ކަމަކު ހޭދަކުރިއަސް
ޙަސަދަވެރިކަމުން އަހުރެން ފަނާ ވެއެވެ.

އެކަބުލޭގެ ހިނިތުންވަމުން ބުންޏެވެ:

ސަޢުދީއެވެ. އަހުރެންނަކީ ޖަމާޢަތުގެ ބައްތިއެވެ.

ޕަރުވާނާއެއް އަމިއްލަ އަށް މަރުވިއަސް މަށަށް ކީއްހެއްޔެވެ؟

—8—

އެއް އޮށެއްގައިވާ ދެ މާކަނަމަދު ހާ ގާތްކޮށް މީހަކާ އެކުގައި، މާ ކުރީ ޒަމާނެއްގައި، އަހަރެން އުޅުނު ހަނދާން ވެއެވެ. ދެން ކުއްލި ގޮތަކަށް އަހުރެމެން ދުރުވެއްޖެއެވެ. އެކަމަކު ދުވަސް ގަނޑެއްގެ ފަހުން ރަޙްމަތްތެރިޔާ އަހުރެންގެ ކައިރިއަށް އަނބުރާ އަތުވެއްޖެއެވެ. ނުފެނި އެހާ ދުވަސްވީ އިރު، އޭނާގެ ހާލު ބަލަން އަހުރެން މީހަކު ނުފޮނުވީ ކީއްވެގެންތޯ އަހައި އޭނާ، އަހުރެން އިލްޒާމްކޮށްފިއެވެ. ޖަވާބުގައި އަހުރެން ބުނީމެވެ:

”ކަލާ ފެނުމުން ފޮނުވާ މީހާގެ ލޯ އުފަލުން ފޮޅި، އެ އުފާ އަހުރެންނަށް ނުލިބުމަކީ އަހުރެން އެދޭ ގޮތަކަށް ނުވާތީއެވެ.“

އަހުރެންގެ ދުވަސްވީ ރަޙްމަތްތެރިޔާ ކައިރީގައި ބުނާށެވެ.
ދުލުން އަހުރެންނަށް ނަސޭހަތް ނުދޭށެވެ.
ކަނޑިއަކުން މަޖުބޫރުކޮށްގެން ވެސް ވީ ކަންތަކަށް އަހުރެން ދެރައެއް ނުވާނެއެވެ.
އަހުރެން ހަސަދަވެރިވަނީ ހިތް ފުރެންދެން އެހެން މީހަކު ކަލާ ދެކެފާނެތީއެވެ.
އަނެއްކާ އަހުރެން ބުނަމެވެ. އެއްވެސް މީހެއްގެ ހިތެއް ނުފުރޭނެއެވެ.

—9—

ޢިލްމުވެރި މީހަކު އެހެން މީހަކާ މަންޖޯޅިޖެހި، އެ ސިއްރު، ފަރުދާކުރާ ބުރުގާއިން ޢާއްމުންނަށް ހާމަވެ، އެތައް ބައެއްގެ އެއްޗެތި ގޮވުމާއި މަލާމާތްކުރުމަށް ވަރަށް ބޮޑު ކެތްތެރިކަން އޭނާ ސާބިތުކޮށްދީފިއެވެ. އޭނާގެ ހިތްހަމަ ޖައްސާލުމުގެ ގޮތުން އެއް ފަހަރަކު އަހުރެން ބުނީމެވެ:

”ތިބާ ދުނިޔޭގެ މަޖަލަށް ޝައުޤެއް ނެތްކަމާއި އެދުންވެރިކަމަށް ހިތެއް ނެތްކަން އަހުރެންނަށް އެނގެއެވެ. އެކަމަކު ތިބާ ފަދަ ޢިލްމުވެރި މީހަކު، މީހުންގެ ޝައްކުތަކަށް ހުށަހެޅި ގޮތެއް ނެތް މީހުންގެ ގޯނާކުރުމަށް ކެތްކުރަން ޖެހުމަކީ ރީތިކަމެއް ނޫނެވެ.“

އޭނާ ޖަވާބުގައި ބުންޏެވެ: ”ރަޙްމަތްތެރިޔާ އެވެ. އަހުރެންގެ ފަސްބައިން އެއްޗެތި ގޮވުމުގެ އަތް ދޫކޮށްލާށެވެ. ތިބާ ތި ބުނި ޚިޔާލާ މެދު އަހުރެން އެތައް ފަހަރަކު ވިސްނައިފީމެވެ. އެކަމަކު ލޯބިވެރިޔާ ދުށުމަށް ވުރެ، އޭނާއަށްޓަކައި އެމީހުންގެ އެއްޗެތިގޮވުމަށް ކެތްކުރުން މާ ލުޔެވެ. އަދި ފަލްސަފާވެރިން ބުނެފައި ވެއެވެ: ލޯބިވެރިޔާ ދުށުމަށް ވުރެ، ހިތް ޒަޚަމްތަކުގެ ތެރެއަށް ލުމަކީ ފަސޭހަ ކަމެކެވެ.“

ހިތްހަލާކުކުރާ މީހެއްގެ އަތުގައި މީހެއްގެ ހިތްވާ މީހާގެ،
ތުބުނޅިވަނީ އެހެން މީހެއްގެ މުށުގެ ތެރޭގައެވެ.
ކަރުގައި ވަލެއް ޖަހާފައިވާ ފުއްލާއަކަށް
އޭތި ދާން ބޭނުން ދިމާއަކަށް ނުދެވެއެވެ.
އޭނާ އާ އެކު ނޫނީ ދިރިނޫޅެވޭ މީހާގެ ކިބައިން ބަނިޔާދަންކަން ގެއްލެއެވެ.
އޭނާގެ ގޮތެއް ނެތް ދިރިއުޅުމަށް ޖެހޭނީ ކެތްކުރާށެވެ.
އޭނާގެ ރަޙްމަތްތެރިޔާ އާ މެދު ފާރަވެރިވުމަށް އަހުރެން އެއްދުވަހަކު ބުނީމެވެ.
ނަމަވެސް އެހެން ބުނެވުނު ދުވަހަށް މަޢާފަށް އެތައް ފަހަރަކު އެދެންޖެހުނެވެ.
ރަޙްމަތްތެރިއަކު، އެހެން ރަޙްމަތްތެރިއެއް ދުލެއް ނުކޮށްލައެވެ.
އޭނާ އެދޭގޮތަކަށް ކަންކުރުމަށް އަހުރެންގެ ހިތް ދޫކޮށްލައިފީމެވެ.
އޯގާތެރިކަމާއެކު އަހުރެންނަށް އައުމަށް ގޮވާލިއަސް
ނުވަތަ ރުޅިންދުރަށް ފޮނުވާލިއަސް، އެކަން އެންމެ ރަނގަޅަށް ދަންނާނީ އޭނާއެވެ.

—10—

ތިބާއަށް އެނގޭނޭ ފަދައިން އެ ދުވަސްވަރު ކަންތައްތައް ވާގޮތަށް، ޒުވާންކަމުގެ މަޖާ ދުވަސްވަރު، އަހުރެންގެ ވަރަށް ގާތް ޔާރަކު ވިއެވެ. އޭނާއަށް ޖާދުވީ އަޑަކާއި ހަނދު ރޭގަނޑަށް ވިލޭއިރު ހުންނަ ރީތި ސިފަ ލިބިގެން ވިއެވެ.

އޭނާގެ ހިތްގައިމު ތުންފަތަށް ބަލާލުމުން އެންމެ ފޮނި ހަލުވާ ކެވެއެވެ.
އޭނާގެ ކޯތާފަތްމަތިން آب حیات ގެ ފެން ބޮއެވޭނެއެވެ. (އާބިޙަޔާތަކީ އެ ފެން ބުއިމުން ދުވަހަކުވެސް މުސްކުޅިނުވާ ފެނެކެވެ.)

އޭނާގެ ފަރާތުން އިންސާނީ ޠަބީޢަތާ ޚިލާފު އަހުރެން ނުރުހޭ ކަމެއް ފެނުމުން، އަހުރެންގެ މުންޑުގެ ފަސްބައި އޭނާގެ ފަރާތުން އެއްކައިރިކޮށް، ރަޙްމަތްތެރިކަމުގެ ރާޒުވާގެ ކުޅިތައް ނަގައި، ބުނީމެވެ:

”ތިބާއަށް ފެންނަ ގޮތަކަށް ތިބާ އުޅޭށެވެ.
ތިބާއަށް އަހުރެންގެ ބޯ ލިބިގެން ނުވެއެވެ.
ތިބާއަށް ބޮލެއް ލިބިގެން ވެއެވެ.“

އޭނާ ދަމުން މިހެން ބުނި އަޑުއެހީމެވެ:

”ވައު އިރާ ގުޅުމެއް ބާއްވަން ބޭނުންނުވުމުން އިރުގެ ފުރިހަމަކަން އުންޏެއް ނުވާނެއެވެ.“

މިހެން ބުނެފައި އޭނާ ހިނގައްޖެއެވެ. އޭނާގެ ވަކިވުމުން އަހުރެންނަށް ނުބައި އަސަރުތަކެއް ކުރިއެވެ.

” އަހުރެންނަށް ގުޅުމުގެ ފުރުސަތު ގެއްލުނީއެވެ.
މުސީބާތެއްގެ ކުރިން ފާގަތިކަމާމެދު
އިންސާނާ ވަނީ ހެއްލުމެއްގައެވެ.
އަންނާށެވެ. އަހުރެން ޤަތުލުކުރާށެވެ.
ތިބާ އާ ވަކިން އުޅުމަށް ވުރެ ތިބާގެ ހާޒިރުގައި މަރުވުން މާ ފޮންޏެވެ.“

ﷲ އަށް ޙަމްދު ހުއްޓެވެ. އޭނާ ދުވަސްގަޑަކަށް ފަހު އެނބުރި އައެވެ. ނަމަވެސް، އޭނާގެ ހިތްގައިމު އަޑުވަނީ ބަދަލުވެފައެވެ. ޔޫސުފީ ރީތިކަށް ފަނޑުވެފައެވެ. ސަފަރުޖިލެއްގެ ތޮށިގަނޑަށް ކިލާ ބުރާފައި ހުންނަހެން، އާފަލުގެ ފަދަ ހަންގަނޑު ރޫޖެހިފައި ވިއެވެ. އެހެންކަމުން އޭނާގެ ރީތިކަން އޭނާ ދޫކޮށް ގޮސްފައި ވިއެވެ. އޭނާ އާ ބަޣަލްކީރު ކުރުމަށް ބުނުމުން އަހުރެން އެކަން އަދާކޮށްފައި ބުނީމެވެ.

(ދިހަ ބައިތު ތަރުޖަމާނުކޮށް ދޫކޮށްލާފައި ވެއެވެ.)

ތިބާގެ ރީތި މޫނަށް ވެފައިވަނީ ކީއްހެއްޔެވެ؟
ހަނދު ވަށައިގެން ކަޅު ހިނިތައް ހިނގަނީ ހެއްޔެވެ؟
އޭނާ ޖަވާބު ދިނެވެ: ”އަހުރެންގެ މޫނަށް ވެފައިވާގޮތް އަހުރެންނަށް އެނގެއެވެ.
އެމޫނު ކަޅުވެފައި އެވަނީ ގެއްލުނު ރީތިކަމަށް ހިތާމަކުރުމުގައެވެ.“

—11—

ބަޣްދާދުގެ މީހެއްގެ ކައިރީގައި ތުބުޅި ނުފަޅާ ޒުވާން ފުރައިގެ ކުދިންނާ ބެހޭ ގޮތުން ސުވާލުކުރީމެވެ. އޭނާ ޖަވާބު ދިނެވެ: ”އެމީހުންގެ ކިބައިގައި ރަނގަޅެއް ނުވެއެވެ. އޭގެ ތެރެއިން ކުއްޖަކު ރީތިވެފައި ހިތްގައިމު ދުވަސްވަރު، ބަނިޔާދަންކަމެއް ނުހުރެއެވެ. އޭނާ ނޭއްދާރުވެ މީހުން ބޭނުން ނުވާއިރު، ރުހުން ހޯދަން މީހުން ގުޅި އުޅެއެވެ.“

ތުނބުޅިނުފަޅާ ޒުވާނާ ރީތިވެފައި ހިތްގައިމެވެ.
އޭނާގެ ބަހުރުވަ ހުތުރުވެފައި ރުޅި އަވަހެވެ.
ތުނބުޅި ފަޅައި ފުރާވަރަށް އެރުމުން،
އެކުދިން މީހުންގެ ޖަމާޢަތްތަކާ ގުޅި ރުހުންނާ ހޯދަން އުޅެއެވެ.

އެންމެ ފަހުގެ ހަތަރު މަޒުމޫނު