ފަޅުން މަސްހިފަން އޮއިވާލި ފަން ބޭނުން ކުރާނޭގޮތް

ދިވެހިރާއްޖެއަކީ މަސްވެރި ޤައުމެކެވެ. މަސްހިފަން ރާއްޖޭގައި އެކި ބާވަތްބާވަތުގެ ތަކެތި، މީގެ އެތައް ޒަމާނެއްގެ ކުރިން ފަށައިގެން މިއަދާހަމައަށް ބޭނުންކުރެއެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ބޭނުން ނުކުރާ، އެކަމަކު ރާއްޖެ  ފަދަ އެހެން ޤައުމުތަކުގައި ބޭނުން ކުރާ އެއްޗެއް ވެއެވެ. އަޅުގަނޑު މި އިސާރާތްކުރާ ޤައުމުތަކަކީ ފިލިޕީންސް އާއި އިންޑޮނީސިއާ އާއި މެލޭޝިއާ ފަދަ ޤައުމުތަކެވެ. އެ ޤައުމުތަކުގައި ބޭނުން ކުރާ، ނަމަވެސް ދިވެހީން ބޭނުން ނުކުރާ އެއްޗެއްގެ ގޮތުގައި މިފާހަގަކުރާނީ ރުކުފަނުން މަސް ޖަމާކުރަން ހަދާ ”ކަނދުފައްޗެވެ.“ މަޢާފު ކުރައްވާށެވެ. 1980 ގެ އަހަރުތަކުން ފެށިގެން، ދިވެހީން ވެސް، ކަނޑުމަސް ބޭނުމަށް ކަނދުފަތި ބޭނުން ކުރެއެވެ. ނަމަވެސް، މި ކަނދުފައްޗަކީ އެކަކަށް އަމިއްލައަށް ހެދޭވަރަށް ވުރެ އަގުބޮޑު، ސަރުކާރުން ހަދައި، ކަނޑުގައި ހަރުކުރާ ކަނދުފައްޗެވެ. ފިލިޕީންސް ފަދަ ޤައުމުތަކުގައި ބޭނުންކުރަނީ ރުކުފަނުން، ގޮނޑުދޮށާ ގިނަވެގެން އެއްހާސް މީޓަރު ދުރުގައި، ތިރީހަކަށް މީޓަރު އަޑީގައި ހަރުކުރާ ކަނދުފައްޗެވެ. މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ ފަރުތަކުންނާއި އެއްގަމާ ކައިރިން މަސްހިފަން ރުކުފަނުން ކަނދުފަތި ހަދާނޭ ގޮތެވެ.

ނިވަލެއްގައި މަސް އުޅެން ބޭނުންވުން


މަސްމަހާއި ދިރުން ހުންނަ ވަރަށް ގިނަތަކެތީގައި ޠަބީޢީގޮތުން އެހެން އެއްޗަކާ ގާތުގައި އުޅުމަށް ބޭނުންވާ ޠަބީޢީ ބާރެއް ލައްވާފައި ވެއެވެ. ހާމަ ސަހަރާއަކަށް ވުރެ، ކޮންމެވެސް އެއްޗަކާ ކައިރީގައި، މިސާލީ ބޮޑު ގަލެއްގެ ކައިރީގައި، ދިރުން ގިނައެވެ. އިންސާނެއް ވެސް، އެއްވެސް ގަހެއް ގަލެއް ނެތް ހާމަ ސަހަރާއަކަށް ދޫކޮށްލައިފިނަމަ، އޭނާ ބަލާނީ، ކޮންމެވެސް އެހެން އެއްޗަކާ ގާތަށް ދެވޭތޯއެވެ.

ދިރުން ހުންނަ ކަނޑުގައިވާ މަހާއި ކަކުންޏާއި އެހެން ތަކެތި ވެސް، ކޮންމެވެސް އެހެން އެއްޗަކާ ގާތުގައި އުޅުމަށް ބޭނުން ވެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވޭނީ މޫދަށްއެރި އުޅޭ މީހުންނަށެވެ. މޫދު މަތިން އޮޔާދާ އެންމެ ފަތެއްގެ ދަށުގައި ވެސް، ކުދި މަސް އުޅެއެވެ. އެ ފަތާ ގާތާއި ދުރުގައިވެސް، ފަތް ދަށުގައިވާ ބާވަތުގެ މަސް އުޅޭތަން ނުފެނިދާނެއެވެ. މިފަދަ މަންޒަރެއް ފެނިފައިވާ މީހުން، އެކަމާ ވިސްނާލައިފިނަމަ، ހައިރާން ވާނެއެވެ. މިކަމަށް ދެ ސަބަބެއް ވެއެވެ. އެއް ސަބަބަކީ، ފަތަކީ ނިވާފަތް ގަނޑަކަށް، ބޮޑު މަހަކުން ރައްކާވާން ފިލާނެތަނަކަށް ވާކަމެވެ. ދެވަނަ ސަބަބަކީ، އަދި އެންމެ މުހިއްމު ސަބަބަކީ، ފަތުގެ ކައިރީގައި، މަހުގެ ކާނާކަމުގައިވާ ތަކެތި ވާ ކަމެވެ. މިތަކެތި އެއްވަނީ އޭގެ ކާނާއަށްވާ ތަކެތި ފަތާ ގާތުގައި ވާތީ އެވެ.

ދިވެހީން މަސްމަހާމެހި ހިފަން ރުކުފަން ބޭނުން ކުރުން


އަޅުގަނޑަށް އެނގޭގޮތުގައި، ދިވެހީން މަސް ފަދަ ތަކެތި ހިފަން ރުކުފަން ދެ ގޮތަކަށް ބޭނުން ކުރެއެވެ. އެއީ ރޮދުލުމަށާއި ބޮލި ހިލުމަށެވެ. ރޮދުލުމަކީ، ފަން ނުވަތަ ވައު ބޭނުންކޮށްގެން ވަށް ބުރެއް ގޮތަށް އެތައް ބަޔަކު ވެގެން ފަޅުތެރޭގައިވާ މަސްތައް ދަލެއްގެ ތެރެއަށް ލެވުމެވެ. މިގޮތަށް ހެދުމުން މުޅި ފަޅުތެރޭގައިވާ ވަރަށް ގިނަ މަސް ހިފޭނެއެވެ. ރޮދުދެމުން އަދި ރޮދުއެޅުން ވެސް މިކަން ކުރުމަށް ކިޔައެވެ. ރޮދުލުމަކީ ރާއްޖޭގައި މިހާރު މަނާކޮށްފައިވާ ކަމެކެވެ.

ފަން ބޭނުންކޮށްގެން ބޮލިހިލާގޮތް، ބިދޭސީން ލިޔެފައިވާ ތާރީޚީ ފޮތްތަކުގައި ވެއެވެ. ބޮލިހިލަން ފަން ބޭނުން ކުރާ ގޮތަކީ، ފަނެއް ނުވަތަ ފަނެއްގެ ބައެއް ތިލަ ވިނަފަޅާފައިވާ ފަރުގެ އަޑީގައި ބާއްވަނީ އެވެ. ދެން، ޖެހިގެން އަންނަ ދުވަހު ދިޔަވަރު ހިކުމުން ފަންނަގާއިރު، ދިވެހިބޮލި ފަނަށް އަރާ ވާނެއެވެ. ގުދުވެގެން ވިނަތަކުން ބޮލި ހިލުމަށް ވުރެ، މަސައްކަތް ތަންކޮޅެއް ފަސޭހަވާނެއެވެ.

”ފަންދެމުން“ މި ލަފުޒަކީ ދިވެހިބަހުގައި ހިމެނޭ ލަފުޒެކެވެ. މާނައެއް ކަމަށް ވަނީ ސުރާ މަސްވެރިކަމު ދިއުމަށްޓަކައި ހިކަދަމާން ތިލަ ފަޅުގައި ފަން ރޮދުލުމެވެ. ސުރާމަސްވެރިކަމަކީ ބޮޑު ކަންނެލި ބާނަށް ކުރާ މަސްވެރިކަމެވެ. މި ލަފުޒަކީ އައްޑޫއަށް ޚާއްޞަ ލަފުޒެކެވެ.

މަތީގައިވާ ލަފުޒުތަކަށް ވިސްނާލުމުން، ފަން އޮތްގޮތަށް ފަޅުގައި ނުވަތަ ކަނޑުގައި އެލުވައިގެން، މަސް ޖަމާކުރަން —މަސް އެއާ ގާތަށް ގެނައުމަށް— ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ފަން ބޭނުންކުރާކަން އެނގިފައެއް ނެތެވެ.

އޮއިވާލި މަސްވެރިކަން


އޮއިވާއްޔަކީ ކަނޑުން ބެހެމުން އޮޔާދާ އެތިގަނޑެވެ. މިފަދަ އެތިގަނޑަކީ ގިނަ ފަހަރު، ގަހުގެ ބޮޑެތި އޮފި ނުވަތަ ގަސްކަނދެވެ. ތަޖުރިބާގެ މަގުން މަސްވެރިންނަށް ފާހަގަކުރެވިފައިވަނީ މިފަދަ އެތިގަނޑުތަކުގެ އަޑީގައި އެކި ބާވަތުގެ މަސް އުޅޭ ކަމެވެ. މަހަށް ގޮސް އުޅެނިކޮށް އޮއިވާއްޔަކާ ދިމާވެއްޖެނަމަ، އެއީ ނަޞީބުވެރިކަމެކެވެ. ޔަޤީނުންވެސް މަސްއުޅޭ ތަނަކާ ދިމާވީ އެވެ. އޮއިވާއްޔެއްގެ އަޑީގައި އުޅޭނީ ހަމައެކަނި އެއް ބާވަތުގެ މަހެއް ނޫނެވެ. އެތައް ބާވަތެއްގެ މަސް ހިމެނެއެވެ. އެއާ އެންމެ ކައިރީގައި އުޅޭނީ ކުދި މަހެވެ. ދުރުގައި ބޮޑެތި މަހެވެ. ބޮޑެތި މަހުގެ ކާނާއަކަށް ވަނީ ކުދި މަހެވެ.

ތިރީގައިވާ ކުރެހުމުން ފާހަގަ ކުރެވޭނޭ ފަދައިން، އޮއިވާއްޔާ 200 ވަރަކަށް މީޓަރު ދުރާ ހަމައަށް، ތަފާތު ބާވަތުގެ މަސް އުޅެއެވެ. އޮއިވާއްޔަކުން ކަނޑުމަސް ބާނަނީ މިއަށްވުރެ ކައިރިންނެވެ. އެންމެ ކުދި މަހާއި މިޔަރު ފަދަ ބޮޑެތި މަސް އުޅޭ ހިސާބާ ދެމެދުންނެވެ.

ދިވެހީން ފަޅާއި ކަނޑުގައި އޮއިވާލި ހަރުނުކުރީ ކީއްވެ؟


އޮއިވާލިން މަސް ބޭނޭކަން އިހުޒަމާނުގައި އުޅުނު ދިވެހީންނަށް އެނގޭއިރު އެބައިމީހުން ފަޅުތަކާއި ތަންކޮޅެއް ތިލަ ތަންތަނުގައި އޮއިވާލި ފަދަ އެއްޗެއް ހަރުނުކުރީ ކީއްވެބާވައެވެ؟ މި ސުވާލާ މެދު އަޅުގަނޑު ވިސްނާލުމުން ދެކަމެއް ހިތަށް އަރައެވެ. އެންމެ ފުރަތަމަ، ފުން ކަނޑުގައި އޮއިވާލި ކަނދުފަތި ހަރުނުކުރާ ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ކަޅުބިލަ މަސް ބާނާ ހިސާބުގައި، ގޮނޑުދޮށާ 12 ވަރަކަށް މޭލު ދުރުގައި، ޢާއްމުކޮށް ކަޅުބިލަ މަސް އުޅޭ ފުންމިނުގައި،  2000 މީޓަރު އަޑިއަށް ބަރެއްލައި، ކަނދުފައްޗެއް ހަރުކުރުމަށް ބޭނުންވާ ސާމާނު އިހު ޒަމާނުގައި ލިބެން ނެތުމެވެ. ރާއްޖޭގައި އަނބުރާ ކެނބު ނުވަތަ ފަލަ ވަލުން މިކަން ކުރެވޭނެއެވެ. ނަމަވެސް، މިކަން އަމިއްލަ ފަރާތަކުން ކުރަން ދަތިވާނެއެވެ. ރާއްޖޭގެ އާދަކާދަ ހުންނަ ގޮތުން، ވަކި މީހެއްގެ އޮއިވާލި ކަނދުފައްޗަކުން އެހެން މީހުން މަސް ނުބާނައެއް ނުތިބޭނެއެވެ. އެހެންކަމުން ވަކި މީހަކު މިކަމަށް ޚަރަދު ކުރުމަށް ވުރެ ނުކުރުން މާ ގާތެވެ.

މަތީގައި އެވަނީ ކަޅުބިލަ މަސް ބޭނުމަށް، އޮއިވާލި ކަނދުފަތި ހަރުކުރާ ހިސާބުގެ ވާހަކައެއް ނޫން ހެއްޔެވެ؟ އެއަށް ވުރެ ތިލަ ހިސާބުގައި، ގާތްގަޑަކަށް 30 މީޓަރު އަޑީގައި، ކަނދުފަތި ހަރުނުކުރަނީ ކީއްވެ ހެއްޔެވެ؟ ދިވެހީންނަށް، ތިލަ ހިސާބުތަކުގައި، ފަރުމަސް ވެރިކަން ކުރަން ވެސް، މި ބާވަތުގެ ކަނދުފަތި ރަނގަޅުވާނެކަން ނޭނގެނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އަޅުގަނޑަކަށް ނޭނގެއެވެ. އޮއިވާލިން މަސްވެރިކަން ކުރެވޭ ނަމަ، ވިލުގައި ހަރުކުރާ ކަނދުފައްޗަކުން ފަރުމަސްވެރިކަން ކުރެވޭނެކަން ދެނެގަތުމަށް ވިސްނުމަށް ލާންޖެހެނީ ކުޑަ ބާރެކެވެ. ޙަޤީޤަތަކީ، މިކަން ދިވެހީންކޮށްފައި ނުވާކަމެވެ. ވިލުގައި ނުވަތަ ތަންކޮޅެއް ތިލަ ހިސާބުގައި އޮއިވާލި ކަނދުފަތި ހަރުކޮށްގެން ފަރުމަސް ބޭނުމަށް ދިވެހިބަހުގައި ލަފުޒެއް ނެތީ، ދިވެހީން މިކަން ނުކުރާތީ ކަމަށް އަޅުގަނޑަށް ހީވެއެވެ. މިފަދަ ކަނދުފަތިން މަސްބާނާ ހުރިހާ ޤައުމެއްގައި، އޮއިވާލި ކަނދުފައްޗަށް ވަކި ލަފުޒެއް ވެއެވެ.

ކަޅުބިލަމަސް ބާނަން ރާއްޖޭގައި ހަރުކުރާ ކަނދުފަތި


ކަޅުބިލަ މަސް ބާނަން ރާއްޖޭގައި ހަރުކުރާ ކަނދުފަތި ހަރުކުރަނީ 2000 މީޓަރާއި 3000 މީޓަރު ފުންމިން ހުންނަ ހިސާބުގެ އަޑީގައި، ގޮނޑުދޮށުން ފެށިގެން 12 ވަރަކަށް ނޯޓިކަލް މޭލު (ގާތްގަޑަކަށް 20 ކިލޯމީޓަރު) ދުރުމިނުގައެވެ. މި ޖުމުލައަށް ފިތާލުމުން ފެންނަ ލިޔުމުގައި، ރާއްޖޭގައި ވަލުގެ ގޮތުގައި ބޭނުން ކުރަނީ 20 އެމްއެމް އާއި 30 އެމްއެމް ޑައެމީޓަރުގައި ހުންނަ ޕްލާސްޓިކް ވައުކަމަށް ވެއެވެ. ބަރެއްގެ ގޮތުގައި ލަނީ 5 ޓަނު ހުންނަ ބަރެވެ. ކުރިން 3 ޓަނެވެ. އެ ދުވަސްވަރު ލާ ބޮއެ މިހާރު ބޭނުންކުރާ ބޮއެައަށް ވުރެ ކުޑައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އޮއިވާލި ކަނދުފަތި ހަރުކުރީ 27 އޮކްޓޯބަރ 1980 ގައެވެ. ރާއްޖެ ފަދަ އެހެން ޤައުމުތަކުގައި، އޮއިވާލި ކަނދުފަތި ބޭނުންކޮށްގެން މަސްބާނާތާ އެތައް ޤަރުނެއް ވެއްޖެއެވެ. މަތީގައި އެވަނީ މިކަން ފެށުނު ދުވަސްވަރު ރާއްޖޭގައި ބޭނުންކުރި ބައެއް އޮއިވާލި ކަނދުފައްޗެވެ. މީގެ އެއްވެސް އެއްޗެއް ކަނދުފައްޗަކާ ވައްތަރެއް ނޫނެވެ.

ކަނދުފަތި ބޭނުންކުރާތާ ވޭތިވެދިޔަ 38 އަހަރުގެ ތަޖުރިބާއަށް ބަލައި، ރާއްޖޭގައި ބޭނުންކުރާ އޮއިވާލި ކަނދުފަތިތަކަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

އޮއިވާލި ކަނޑުފައްޗަކީ، ދިވެހި މަސްވެރިކަމަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައި ކަމެކެވެ. މަސް ބޭނުމަކީ، ގުދަނަކުން މުދާނެގުން ފަދަ ކަމަކަށް ވިއެވެ. އައިނު ހޯދާކަށް ތަންތަނަކަށް ދުއްވާކަށް ނުޖެހެއެވެ. ބޭރު ޤައުމުތަކުގައި ބޭނުން ކުރާ އޮއިވާލި ކަނދުފަތީގައި ހަރުކޮށްފައި ހުންނަ ސާމާނުން، މަސް އުޅޭ ނަމަ، އެކަން ސެޓެލައިޓް މެދުވެރިކޮށް އެނގޭގޮތް ވެސް ހަދާފައި ހުރެއެވެ.

ތިލަ ހިސާބުގައި ހަރުކުރާނޭ އޮއިވާލި ކަނދުފަތި ހެދުން


ފަޅު ވިލު ފަދަ ތަންކޮޅެއް ތިލަ ހިސާބުގައި އޮއިވާލި ކަނދުފަތި ހަރުކޮށްގެން ފަރު މަސްވެރިކަމަށާއި އެހެން ބައެއް މަސްވެރިކަމަށް އިންޤިލާބީ ބަދަލެއް ގެނެވިދާނެއެވެ. ތިރީގައި މިބަޔާން ކުރަނީ، ބައެއް ޤައުމުތަކުގައި މަސްބޭނުމަށް ކުދި އޮއިވާލި ކަނދުފަތި ހަދާގޮތެވެ.

ފަހެ، އޮއިވާއްޔަކީ ކަނޑުގައި އޮޔާދާ އެތިގަނޑެވެ. ހަރުކޮށްފައި ހުންނަ އެއްޗެއް ނޫނެވެ. ކަނދުފައްޗަކާ މިހާރު އޮއިވާލި ކަނދުފަތި ކިޔާ އެއްޗަކާ އެއްވެސް ވައްތަރު ކަމެއް ނުވެއެވެ. އެހެންކަމުން މަސް އެއާ ކައިރިއަށް ޖަމާކުރުމަށް ބޭނުންކުރާ އެއްޗަށް ނަމެއް ކިޔަން އެބަ ޖެހެއެވެ. ފިލިޕީންސްގެ މީހުން މިއަށް ކިޔަނީ ޕަޔައޯ އަދި އަރޮންގ އެވެ. ޖަޕާނު މީހުންގެ ނަމަކީ ސުކެގި (އޮޅުވާލި) އެވެ. އިންޑޮނީސިއާ މީހުން ރަމްޕޮން ނުވަތަ ބޮންބޮން ވެސް ކިޔައެވެ. މަޒުމޫނާއިގެން ކުރިއަށް ދިއުމަށް އަޅުގަނޑު މިއަށް ކިޔާނީ މަޖަވާލި އެވެ. މަސް ޖަމާކުރާ އޮޅުވާލި އެވެ.

ކުރިން ނަން ގަނެވުނު ޤައުމުތަކުގެ މީހުން މަޖަވާލި ބޭނުންކުރާ ގޮތް ދަސްކުރީ އެމީހުންގެ ކާބަފައިންގެ ކައިރިން ކަމަށް ވެއެވެ. ކުދި މަޖަވާލީގައިވަނީ ހަތަރު ބައެކެވެ. ފުރަތަމަ ބަޔަކީ، ކަނދުފަތި ނުވަތަ ބޮއެ ވަކި ތަނެއްގައި ބޭއްވުމަށް އަޑީގައިލާ ނަގިލި، ލޮތާރި ނުވަތަ ގަލެވެ. ދެވަނަ ބަޔަކީ ކަނޑުމަތީގައި އޮންނަ ބޮއެ ނުވަތަ ކަނދުފައްޗާ ގުޅާފައި އޮންނަ ވަލެވެ. ތިން ވަނަ ބަޔަކީ ބޮއެ ނުވަތަ ކަނދުފައްޗެވެ. ހަތަރުވަނަ ބަޔަކީ މަސް ޖަމާކުރުމަށް ވަލުގައި އެލުވާ ފަނެވެ.

ދެން އަޅުގަނޑު ބަޔާންކުރާނީ އިންޑޮނީސިއާ އާއި ފިލިޕީންސް މީހުން ކުދި މަޖަވާލި ހަދާގޮތެވެ. މަތިން ތިރިއަށެވެ.

ބޮއެ/ކަނދުފަތި

ކަނދުފަތީގެ ގޮތުގައި އިހުގެ މީހުން ބޭނުންކުރަނީ ފަލަ އޮނެވެ. ދެތިން ހަތަރު ނުވަތަ އެއަށްވުރެ ގިނަ އޮނު އެއްކޮށް ބަންނަނީ އެވެ. ފަހަކަށް އައިސް ޕްލާސްޓިކް ތާނގީބޭނުން ކުރެއެވެ. އަޅުގަނޑަށް ހީވާގޮތުން، ގަސްކަނދާއި ރީނދޫ ތެޔޮ ހަމާއި އެސްލޯން ހޮޅިއާއި ކުދި ބޮއެ އެމުނި ވަލެއްވެސް މިކަމަށް ބޭނުން ކުރެވޭނެއެވެ. މިއުޅެނީ މާ ގިނަދުވަހު ދެމި އޮންނަ އެތައް ބައެއް ކަނޑުމަސް ހިފަން ހަދާކަހަލަ ކަނދުފައްޗެއް ހަދާކަށް ނޫނެވެ.

ނަނު ނުވަތަ ވައު

ވައުގެ ގޮތުގައި ބޭނުންކުރަނީ، ޕްލާސްޓިކް ވަލެވެ. މިއީ ބޭރުން އެތެރެކުރާ ވަލެކެވެ. އިހުގައި ބޭނުންކުރަނީ ވަކައިން ހަދާފައި ހުންނަ ވަލެވެ. ރޯނު ވައު ވެސް މިކަމަށް ރަނގަޅުވާނެއެވެ. ޕްލާސްޓިކް ވައު ބޭނުން ކުރާނަމަ، ވަލުގެ ފަލަމިނުގައި ހުންނަން ޖެހޭނީ ދިހަ އެމްއެމް ނުވަތަ 12 އެމްއެމްއެވެ. ވަލުގެ ދިގުމިނަކީ ފުންމިނުގައި ދިގުމިނަށް ފަސްބައިކުޅަ އެއްބައި އިތުރުކުރުމުން ވާ ދިގުމިނެވެ. މިސާލީ ފުންމިނުގައި 100 ފޫޓު ހުންނަ ނަމަ، ވަލުގެ ދިގުމިނުގައި ހުންނަން ޖެހޭނީ 120 ފޫޓެވެ. ނަގިލި އައްސާކޮޅުގައި ބައެއް މީހުން ދަގަނޑު ނަރު ލައެވެ. އެއީ އަޑީގައި ކޭއްތިގެން ހަލާކުވެދާނެތީ އެވެ. ވަލުގެ ދެކޮޅުގައި ދެ ފޫކު (ސްވައިވަލް) ލައެވެ. މިއީ ވައު އެނބުރޭއިރު އޭގެ އުޅިތައް ރޫޅިދާނެތީ އެނބުރޭގޮތަށް ހުންނަ ދެ ބޮޅެކެވެ. ވަލުގެ މެދުގައި ދެތިން ކިލޯ ހުންނަ ބަރެއް އައްސައެވެ. އެއީ މަސް ތައް ޖަމާކުރުމަށް ބޭނުންކުރާ ފަން، ކަނދުގެ ސީދާ ތިރީގައި ބެހެއްޓުމަށެވެ.

މި ކުރެހުމުގައި ފޫކު ބޭނުންކޮށްފައެއް ނުވެއެވެ. އަދި ވަލުގެ މެދުގައި ބަރެއް އައްސާފައެއް ނުވެއެވެ. މިކަމުން ދޭހަވަނީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތަށް މަޖަވާލި މަސްވެރިކަން ކުރާތަކެތި އުފެއްދޭނެ ކަމެވެ.

އަޑިއަށްލާ ބަރު

ކަނދުފަތި ނުވަތަ ބޮއެ އޮޔާ ގޮސްފާނެތީ، އެ އޮންނަނީ ވަލަކުން ލޮތާރިއެއް ނުވަތަ ނަގިއްޔެއް ނުވަތަ ފަނާގަލެއް ނުވަތަ އެހެން ވެސް ބަރެއްގައި އައްސާފައެވެ. ޢާއްމުކޮށް ބޭނުންކުރަނީ ހިރި ގަލެވެ. ބޮޑެތި މަޖަވާލީގައި، ބައެއް މީހުން ވަރަށް ބަރު ތަކެތި އައްސައެވެ. މިގޮތުން، ފީފާއެއްގެ ތެރެއަށް ކާރެއްގެ ބޭރުހަމެއްލައި ކޮންކްރީޓް އަޅައިގެން ބޭނުން ކުރެއެވެ. އަޖުމަ ބެލުމުގެ ގޮތުން ހަދާ އެއްޗަކަށް އެންމެ ރަނގަޅުވާނީ ގަލެވެ. ނުވަތަ ދަގަނޑު ކޮންމެވެސް އެއްޗެކެވެ.

އަޑިއަށްލާ ބަރު

ކަނދުފަތި ނުވަތަ ބޮއެ އޮޔާ ގޮސްފާނެތީ، އެ އޮންނަނީ ވަލަކުން ލޮތާރިއެއް ނުވަތަ ނަގިއްޔެއް ނުވަތަ ފަނާގަލެއް ނުވަތަ އެހެން ވެސް ބަރެއްގައި އައްސާފައެވެ. ޢާއްމުކޮށް ބޭނުންކުރަނީ ހިރި ގަލެވެ. ބޮޑެތި މަޖަވާލީގައި، ބައެއް މީހުން ވަރަށް ބަރު ތަކެތި އައްސައެވެ. މިގޮތުން، ފީފާއެއްގެ ތެރެއަށް ސައިކަލުގެ ބޭރުހަން ލައި ކޮންކްރީޓް އަޅައިގެން ބޭނުން ކުރެއެވެ. އަޖުމަ ބެލުމުގެ ގޮތުން ހަދާ އެއްޗަކަށް އެންމެ ރަނގަޅުވާނީ ގަލެވެ. ނުވަތަ ދަގަނޑު އެއްޗެކެވެ.

މަޖަވާލިގަނޑަށް މަސް އަންނަ ގޮތް ހެދުން

މަތީގައި ބަޔާން ކުރި ގޮތަށް މަޖަވާލި ހެދިކަމުގައި ވިއަސް މަހެއް ނާދެއެވެ. މަސް އަންނަނީ ފުންމިނުގެ ތިންބައިކުޅަ އެއްބައި ހުންނަ ދިގުމިނުގެ ވަލެއް ޖަހައި ފަން އެއްސުމުންނެވެ. އެންމެ ރަނގަޅީ ކޮން ބާވަތެއްގެ ފަނެއްތޯ ދިރާސާކުރި އިރު ރަނގަޅުކަމަށްވީ ދިވެހިރާއްޖޭގައިވެސް ހުންނަ ބާވަތުގެ ރުކުފަނެވެ. މިފަން ހަރުކުރަނީ ބަރެއްލައި، ތިރިއަށް ބާލައިފައިވާ ވަލެއްގެ ތަންތަން ކޮޅުންނެވެ. ބައެއް މީހުން ކަނދުފަތި އެއްސި ވައު މިކަމަށް ބޭނުން ކުރެއެވެ.

ފަނުގެ ބަދަލުގައި ގޯނި ދިގުކޮށް މޮހާލައިގެން ހަރުކުރެއެވެ. ނުވަތަ ބާ އެންދައު ވެސް މިކަމަށް ރަނގަޅުވާނެއެވެ. ޕްލާސްޓީކް ނޫން ތަކެތި ތިމާވެއްޓާ ބޮޑަށް ގުޅޭނެއެވެ.

ނިންމާލުން


ވޭތިވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި، ބޮޑެތި މަޖަވާލިތައް އެކި ހިސާބުގައި ހަރުކޮށްގެން ވަރަށް ބޮޑު ކުރިއެރުމެއް މަސްވެރިކަމަށް އައިސްފައި ވެއެވެ. މި މަޒުމޫނުގައި ބަޔާންކޮށްފައިވަނީ، ފުން ފަޅާއި ވިލު ފަދަ ތަންތަނުގައި މަސްވެރިކަން ކުރަން، މަޖަވާލި ހަދާނޭ ގޮތެވެ. ގޮނޑުދޮށުން 1000 މީޓަރު ހުންނަ ހިސާބުގައި، 30 ވަރަކަށް މީޓަރު އަޑިގައި ހަރުކުރާނޭ، މަޖަވާލި ހަދާނޭ ގޮތެވެ. މި ޖުމުލައަށް ފިތާލަނިކޮށް ޑައުންލޯޑުވާ ލިޔުމުގައި، މަޖަވާލި ހަދާނޭގޮތް، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ އިން ވަރަށް ތަފްޞީލުކޮށް ކިޔައިދީފައި ވެއެވެ.

އަޖުމަބެލުމަށް މިކަންކޮށްލުން ކީއްތޯއެވެ؟

ކޮންމެ އަހަރަކު ކަނޑައިގެން ގޮސްގެން ދުނިޔޭގެ އެތައް މިތަނުން އެއް ލައްކަ އަށް ވުރެ ގިނަ މަޖަވާލި މާ ކަނޑަށް ގިނަވެއެވެ. ޕްލާސްޓިކް ހިމެނޭ ބައިތަކުން މަޖަވާލި ހެދުމަކީ ތިމާވެއްޓަށް ރަނގަޅު ކަމެއް ނޫނެެވެ. އެންމެ ރަނގަޅީ ޤުދްރަތީ ތަކެތީން މިކަން ކުރުމެވެ.

އެންމެ ފަހުގެ ހަތަރު މަޒުމޫނު