ގުލިސްތާނު އަށް ސަޢުދީ ލިޔެފައިވާ މުޤައްދިމާ

——————————————————————————————

ގުލިސްތާނުގެ މުޤައްދިމާ

ޝޭޚް މުޞްލިޙުއްދީނު ސަޢުދީ ޝީރާޒީ
(ލިޔުނީ މީލާދީން 1258 ގައި)

.

بِسم اللهِ الرَّحمنِ الرَّحیم

ޢައްޒަވަޖައްލަ (އިއްޒަތާއި މަތިވެރިކަމުގެ ކަލާނގެ) އަށް ޙަމްދު ހުއްޓެވެ. އެކަލާނގެ އަށް ތަބާވުމަކީ، އެ ކަލާނގެއާ ކުއްތަންވުމުގެ ސަބަބެކެވެ. އަދި ޝުކުރުވެރިވުމުން މަންފާތައް ގިނަވެއެވެ. ނޭވާ އެތެރައަށްލާ ކޮންމެ ފަހަރަކު، ޢުމުރު ދިގުވެއެވެ. އަދި އެ ނޭވާ ބޭރަށްލާ ކޮންމެ ފަހަރަކު، އަހުރެމެންގެ ނަފުސު އުފާވެއެވެ. އެހެންކަމުން، ކޮންމެ ނޭވާއަކުން ދެ ނިޢުމަތެއް ލިބެއެވެ. އަދި ކޮންމެ ނިޢުމަތަކަށް އަހުރެމެން ޝުކުރުވެރިވުން ހުއްޓެވެ.

.

ޙައްޤުވެގެންވާ ޝުކުރު އެކަލާނގެއަށް ދެންނެވުމަށް
ކުޅަދާނަވެގެންވަނީ ކޮން އަތަކަށް ނުވަތަ ދުލަކަށް ހެއްޔެވެ؟

.

އެ މަތިވެރި ކަލާނގެ ބަސްފުޅެކެވެ:
”އޭ ދާވޫދުގެފާނުންގެ އާލުންނޭވެ! އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން ތިޔަބައިމީހުން ހެޔޮ ޢަމަލުކުރާށެވެ. އަދި ތިމަން ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ.“
.
އަޅުކަންކުރާ މީހަކު އޭނާގެ ފާފަތަކަށް މަޢާފަށް އެދުމަށް އެންމެ ރަނގަޅީ
އެކަލާނގެ ދަރުގާހު ކުރިމަތީގައެވެ.
އެކަމަކު އެކަލާނގެ ޤަދަރުފުޅާ އެކަށީގެންވާ ގޮތަށް
އެކަންކުރުމަށް އެއްވެސް މީހަކަށް ކުޅަދާނައެއް ނުވެއެވެ.
{ދަރުގާހުއަކީ ދޮރޯށި، އޮޅި، ގަނޑުވަރު، ދަރުބާރު މި މާނަތައް ހިމެނޭ ލަފުޒެކެވެ.}
.

އެކަލާނގެ ޙައްދެއްނެތް ރަޙްމަތްފުޅުގެ ވާރޭ ކޮންމެ ތަނަކަށް އޮހެއެވެ. އަދި ހިފެހެއްޓުމެއްނުވާ ދީލަތިވަންތަކަމުގެ ޖާފަތްކޮޅު ހުރިހާ ތަނަކަށް ފެތުރިފައި ވެއެވެ. ކިތަންމެ ބޮޑު ފާފަތަކެއް ކޮށްފައިވިއަސް، އަޅުވެރީންގެ ލަދުވެތިކަމުގެ ފަރުދާ، އެކަލާނގެ އިރުއްވާ ނުލައްވަތެވެ. އަދި ކިތަންމެ ނުބައި ޖަރީމާތަކެއް ހިންގާފައި ވިއަސް، އަޅުތަކުންނަށް ދެއްވާ ދުވަހީ ރިޒުގު ނުހިފަހައްޓަވަތެވެ.

.

އޭ ދީލަތިވަންތަ ކަލާނގެ އެވެ! ތިބާއީ ޣައިބުގައިވާ ޚަޒާނާއިން އަލިފާނަށް އަޅުކަންކުރާ މީހުންނާއި ނަޞާރާއިންނަށް ވެސް ރިޒުގު ދެއްވާ ކަލާނގެއެވެ!
އިބަ ސުވާމީންގެ ދުޝްމަނުންނަށް އޯގާތެރިވެވަޑައިގަންނަވާ ހިނދު،
އިބަ ސުވާމީންގެ ދޯސްތާނުން ނާއުއްމީދު ކުރައްވާނީ ކިހިނަކުންތޯ އެވެ؟
{ދޯސްތާނުންނަކީ އެކުވެރީންނެވެ.}
.

ހެނދުނުގެ ވައިރޯޅީގެ ޚާދިމަށް، ފެހި ދޫލަތައް ފެތުރުމަށް އެންގެވިއެވެ. އަދި ދުވަހީ ވިލާތަކުގެ މަޔަށް، ބިމުގެ ތަންމަތީގައިވާ ގަސްތަކުގެ ދިޔައިންނަށް (ބަނާތު = އަންހެން ދަރީންނަށް) ކޮއްތު ދިނުމަށް އެންގެވިއެވެ. ގަސްތައް އައު އަހަރުގެ ހެދުން ލައިފިއެވެ. އަދި ފެހިފަތްތަކުން އޭގެ މޭމަތިތައް ފޮރުވައިފިއެވެ. ފިނިފެންމަލުގެ މޫސުން ގެނައުމަށް އޭގެ ދިޔަ (އަންހެން ދަރީން) ކަމަށްވާ އޮފިތައް މައުތަކުން ޖަރީކޮށްފިއެވެ. އެކަލާނގެ ކުޅަދުންވަންތަކަމުން، އުއްދަނޑީގެ ދިޔަ މާމުއިއަށް ބަދަލުކުރައްވައިފިއެވެ. އަދި އެކަލާނގެ ބެއްލެވުމުން ކަދުރުއޮށް އުސް ރުކަކަށް ވެއްޖެއެވެ.

.
ވަޔާއި ވިލައާއި އިރާއި ހަނދު ފަލަކުގައި ހިނގަނީ
ތިބާއަށް ރިޒުގު ހޯދައި ދިނުމަށެވެ. އެކަމާ ފިކުރުނުކޮށް އެ ކާކަށް ނޫނެވެ.
ތިބާއަށްޓަކައި ހުރިހާ އެއްޗެއް ދައުރުވެ ތަބާވެއެވެ.
ތިބާ އެކަލާނގެއަށް ތަބާނުވުމަކީ އިންސާފުގެ ޝަރުޠުތަކާ އިދިކޮޅު ކަމެކެވެ.

.

ވުޖޫދު ކުރެއްވި ދިރުންތަކުގެ އަމީރުކަމަށްވާ، ހުރިހާ އެއްޗެއްގެ ލާމަސީލުކަމަށްވާ، ދުނިޔޭގައި އުޅޭ މީހުންތަކަށް ލެއްވި ރަޙްމަތްކަމަށްވާ، އިންސިތަކުންގެ ތެރެއިން އެންމެ ޠާހިރު، ދައުރުވަމުންދާ ޒަމާންތަކުގެ ނިމުންކަމަށްވާ، ކައު ކުރެއްވި މުޙައްމަދުގެފާނު (މާތް ﷲ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ) އަށް ނިސްބަތްވާ ހަދީސެއް ވެއެވެ.

.

شفیعٌ مطاعٌ نبیٌ کریم           قسیمٌ جسیمٌ بسیمٌ وسیم

ޝަފާޢަތްތެރިވެވަޑައިގަންނަވާ، ކިޔަމަންވެވަޑައިގަންނަވާ ނަބިއްޔާ އޯގާތެރިއެވެ.
ރަސޫލުކަން ނިމުމުގެ ސިއްކަޖެހިގެންވާ ނަބިއްޔާ، ދީލަތިވަންތައެވެ. ކީރިތިވަންތައެވެ. އެއްދާރުވަންތައެވެ.
.
އުއްމަތުގެ ފާރުގެ ކައްތިރިއަކަށް އިބަ ރަސޫލާ ވެވަޑައިގަތުމުން، (ފާރު ވެއްޓިދާނެކަމަށް) އޮތީ ކޮން ބިރެއް ހެއްޔެވެ؟
ނަވުގެ މާލިމީއަކަށް  ނޫޙުގެފާނުން ވެވަޑައިގަންނަވާ ނަމަ، ކަނޑުގެ ރާޅުތަކަށް އޮތީ ކޮން ބިރެއް ހެއްޔެވެ؟
.
މަތިވެރިކަން އެކަލޭގެފާނުން ހޯއްދެވީ އެކަލޭގެފާނުންގެ ފުރިހަމަފުޅުކަމުންނެވެ.
އަނދިރިކަން ދާފަރާ ކުރެއްވީ އެކަލޭގެފާނުންގެ މޫރިތިފުޅުކަމުންނެވެ.
އެކަލޭގެފާނުންގެ ހުރިހާ ސިފަފުޅުތަކެއް ކީރިއްޗެވެ.
އެކަލޭގެފާނަށާއި އާލުންނަށް ޞަލަވާތް ލައްވާށިއެވެ.

ކުރިން ހިމަނަން އުޅުނު ހަދީސަކީ، އިޖާބަކުރައްވާނެކަމުގެ އުއްމީދުގައި ފާފަކުރާ ހިތާމައިގައިވާ އަޅުވެރިޔަކު، ތައުބާގެ އަތް އުޑުތަކުގެ ދަރުބާރަށް ދިއްކޮށްފިނަމަ، އެންމެ މަތިވެރި މާތް ކަލާނގެ އޭނާއަށް ނަޒަރުފުޅު ނުދެއްވަތެވެ. މި ދުޢާ ފަށްކުރުމުން ވެސް (އެކަލާނގެ) އޭނާއަށް ރުއްސެވުމުގެ ނަޒަރުފުޅު ނުދެއްވަތެވެ. އޭނާ ރަޙްމަތަށް އެދި އާދޭސްކުރުމާއި ކަރުނައާ އެކު ދެންނެވުމުގައި ޤަރާރުވުމުން، މާތް ކަލާނގެ ވަޙީ ކުރައްވަވާ ކަމަށް ވެއެވެ. ”އޭ މަލާއިކަތުންނޭވެ. ހަމަކަށަވަރުން އެ އަޅާ އާ މެދު ލަދުފުޅުވެވަޑައިގެން ވަމެވެ. އެކަމަކު އޭނާއަށް ތިމަންސުވާމީންގެ ނޫނީ އެހެން ކަލަކު ނުވެއެވެ. އެހެންވީމާ، އެނާގެ ފާފަތައް މުޅީން ފުއްސަވައިފީމެވެ.“

.

ކަލާނގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ދެކޭށެވެ.

އަޅު ފާފަކުރުމުން ލަދުވެތިފުޅުވެވަޑައިގަންނަވަނީ ކަލާނގެއެވެ.

.
ކީރިތި ކައުބާގެ ކުރިމަތީގައި އެކަލާނގެ ކިބަފުޅަށް ދާއިމަށް އަޅުކަންކުރުމުގައި ތިބޭ މީހުން އެމީހުންގެ އަޅުކަމުގެ އުނިކަން ފާހަގަކޮށް ބުނެއެވެ: އިބަ ސުވާމީންގެއާ އެކަށީގެންވާ ގޮތަށް އަޅަމެންނަކަށް އިބަ ސުވާމީންގެއަކަށް އަޅުކަމެއް ނުކުރެވެއެވެ.
އެކަލާނގެ ކީރިތިފުޅުކަން ސިފަކުރާ ފަރާތްތައް އެސިފަފުޅުތަކުގެ ފުރިހަމަކަމުން އާސޯޚްވެ ބުނެއެވެ: ތިބާ މަޢުރިފާކުރަންވީ (ދެނެގަންނަންވީ) ގޮތަށް އަޅަމެންނަކަށް އެކަމެއް ނުކުރެވެއެވެ.
އެކަލާނގެ ސިފަކުރުމަށް އަހުރެން ކައިރީގައި އަހައިފިނަމަ،
ސިފަނުވާ ކަލާނގެ ސިފަކުރަން މާޔޫސްވެގެން އަހުރެން ބުނާނީ ފަހެ ކީކޭހެއްޔެވެ؟
.
ލޯބިވާ ފަރާތް ލޯބިވި ފަރާތްތައް ފަނާކޮށްފިއެވެ.
ފަނާވެފައިވާ ފަރާތަކުން ނުކުންނާނީ ކޮން އަޑެއް ހެއްޔެވެ؟

.

ފިކުރުކުރުމުގެ ޖީބަށް ބޯ ގަންބައިގެން އިން އަޅުވެރީންގެ ތެރެއިން މީހަކު، ފެނުންތަކުގެ ކަނޑަށް ފީނައި އެ ހާލަތުން ނުކުތުމުން ހިތްހަމަ ޖައްސާލަ ދިނުމަށް އޭނާގެ އެކުވެރިއަކު ސުވާލުކުރިއެވެ: ކަލޭ ތިޔަ ވަން ބުސްތާނުން އަހުރެމެންނަށް ގެނެސްދިނީ ކޮން ރީތި ހަދިޔާއެއް ހެއްޔެވެ؟
އޭނާ ޖަވާބުގައި ބުންޏެވެ:
އަހުރެން ގަސްދުކުރީ، ރައްޓެހީންނަށް ގެނެސްދިނުމަށް ލިބާހުގެ ފަސްބައި ފިނިފެންމަލުން ފުރާލުމަށެވެ. ފިނިފެންމާ ގަހާ ގާތްވިތަނާ އޭގެ ވަހުން އަހުރެން ދީވާނާވެ ފަސްބައި އަތުން ދޫވެއްޖެއެވެ.

.

އޭ ހެނދުނުގެ ދޫންޏާއެވެ. ޕަރުވާނާގެ ފަރާތުން ލޯބި ދަސްކުރާށެވެ.
ހުޅުގަނޑުގެ ލޯބިން އެ އަނދައި، ފުރާނަ ގެއްލި އަޑު ގެއްލުނެވެ.
މި ހެދިގެން އުޅޭ މީހުން އެކަލާނގެ ހޯދުމަށް ހިނގަނީ ޖާހިލުކަމާއެކުއެވެ.
ކަމުގެ ޢިލްމު ލިބިގަތް މީހުން އަނބުރާ ނައުދެއެވެ.
.
އިބަ ސުވާމީންގެ ވަނީ ހުރިހާ ޚިޔާލަކާއި ގިޔާސްއަކާއި ފިކުރާއި ވަހުމަށް ވުރެ މަތީގައެވެ.
މީސްތަކުން އަޑުއެހި އަދި ފޮތުން ކިޔާ އުޅުނު ހުރިހާ އެއްޗަކަށް ވުރެ މަތީގައެވެ.
.
މަޖިލިސް ނިމިއްޖެއެވެ. ދިރިހުރުން އޭގެ އަޖަލާ ގާތް ވެއްޖެއެވެ.
އުމުރު ފެށުނު އިރުފަދައިން، އިބަ ސުވާމީންގެ ސިފަކުރުމަށް އަޅަމެން ވަނީ އަދިވެސް ނުކުޅެދިފައެވެ.

މުސްލިމުންގެ ރަދުންނަށް ސަނާކިޔުން

މާތް ﷲ އޭނާގެ ރަސްކަން ދިގުކުރައްވާށިއެވެ.

އޭނާގެ މަޝްހޫރު ބަލާޣަތްތެރިކަން ދުނިޔޭގެ ސަޠަޙައަށް ފެތުރިފައިވާ، އޭނާގެ އެކުވެރި ގަލަމުގެ އުފެއްދުންތައް މެޓާފަދައިން  މީހުން އިސްތިއުމާލުކުރާ،  އޭނާގެ އަދަބީ ލިޔުންތައް، ފައިސާގެ ނޫޓުފަދައިން،  ގެއިން ގެއަށް ތަކެތި ވިއްކާ މީހުން (ޕީލާވަރުން) ގެންދާ، މީސްތަކުންގެ މެދުގައި ނަން ހިނގާފައިވާ ސަޢުދީގެ މަޝްހޫރުކަން ބިނާވަނީ އޭނާގެ ފަޟްލުވަންތަކަމުން ނުވަތަ ފުރިހަމަކަމަކުން ނޫނެވެ. އެކަން ނިސްބަތްވަނީ، ދުނިޔޭގެ ވެރިޔާ، ދައުރުވަމުންދާ ވަގުތުގެ ނާރެސްކަމަށްވާ، ސުލައިމާންގެފާނުންގެ ޤާއިމްމަޤާމް (ޚަލީފާ)، މުއުމިނުންނަށް ނަޞްރުދެއްވާ، اتابک اعظم مظفر الدنیا والدین ابوبکر بن سعد بن زنگی އަށެވެ. އެ ރަސްގެފާނީ ބިމުގައި ލެއްވި الله تعالی ގެ ހިޔަނިފުޅެވެ. {މިއީ މީހަކަށް ޤަދަރު ދިނުމުގެ ގޮތުން  ފާރިސީން ބުނާ ޢިބާރާތެކެވެ.} ޔާ ﷲ އެވެ. އިބަ ސުވާމީންގެ އޭނާއަށާއި އޭނާގެ ރަސްކަން ހިނގާ ހުރިހާ ތަނަކަށް ރުއްސުން ލައްވާދޭވެ. މި މާތް ރަދުން ސަޢުދީގެ މައްޗަށް ޢިނާޔަތުގެ ނަޒަރުފުޅަކުން ބައްލަވައި، ވަރަށް ބޮޑަށް ރުއްސަވައި އަދި ޚާއްޞުންނާއި ޢާންމުގެ ކުރިމަތީގައި އިޚްލާޞްތެރި އެކުވެރިކަން ހާމަކުރެއްވިއެވެ. ފަހެ، މީސްތަކުން ސަޢުދީއަށް ލޯބިކުރާ ސަބަބަކީ، ރަސްކަލަކު އުޅުއްވާ ދީނަށް (ގޮތަށް) ރައްޔިތުން ތަބާވާތީ އެވެ.

މި ނިކަމެތި އަޅާއަށް އިބަ ބައްލަވައި ލެއްވުމުން
މި އަޅާގެ މޮޅުކަން އިރަށް ވުރެ ބޮޑަށް އިޙްތިފާލުކުރެވެއެވެ.
މި އަޅާގެ ކިބައިގައި ހާސް އައިބު ހުރިކަމުގައި ވިއަސް
ރަދުން ހިތްޕުޅާވާ ކޮންމެ އައިބެއް ވަނީ ޒީނަތަކަށެވެ.

.

ވެވުގައި އެއް ދުވަހަކު ވަނިކޮށް މީރުވަސް ދުވާ މަށިގަނޑެއް
ލޯބިވާ މީހެއްގެ އަތުން އަހުރެންގެ އަތަށް ލިބިއްޖެއެވެ.
އަހުރެން ސުވާލުކުރީމެވެ: ”ތިއީ ގޮމަކަސްތޫރި ހެއްޔެވެ؟ ނޫނީ މާވަހަރު ހެއްޔެވެ؟
އެހެނީ ތިބާގެ މީރު ވަސް އަހުރެން މަސްތުކުރެއެވެ.“
ޖަވާބުގައި މަށިގަނޑު ބުންޏެވެ: ”އަހުރެންނީ  ނިކަމެތި މަށިގަނޑަކީމެވެ. އެކަމަކު
ފިނިފެންމައު ތަކެއްގެ ތެރޭގައި އިރުކޮޅަކު ވީމެވެ.
އަހުރެންގެ އެކުވެރީންގެ ފުރިހަމަކަން އަހުރެންނަށް އަސަރުކުރުވީއެވެ.“

.

ޔާ ﷲ އެވެ! އެ ރަދުންގެ އުމުރުފުޅު ދިގުކުރައްވައިގެން މުސްލިމުންނަށް ރަޙްމަތް ލައްވާދޭނވެ. އަދި އެ ރަދުންގެ ކީރިތި ސިފަފުޅުތަކާއި ޢަމަލުފުޅުތަކުގެ ސަބަބުން އޭނާގެ ނިޢުމަތްތައް އިތުރުކުރައްވާ ދޭވެ! ޤުރްއާންގައިވާ އާޔަތްތަކަށްޓަކައި،  އެ ރަދުންގެ ހަތުރުވެރި ފަރާތްތައް ފަނާކުރައްވާދޭވެ! ޔާ ﷲ އެވެ! އެ ރަދުންގެ މަނިއްޕުޅު ރައްކައުތެރިކުރައްވައި ސަލާމަތްތެރިކަމުގައި ލައްވާދޭވެ!.

ހަމަ ކަށަވަރުން އެ ރަދުންގެ ސަބަބުން ދުނިޔެ ވަނީ އުފަލުގައެވެ.
އެރަދުންގެ އުފައުވެރިކަން އަބަދަށް ދަމަހައްޓަވާށިއެވެ! އަދި
ފަތަޙައިގެ ދިދަތަކުން މާތް ރަސްކަލާނގެ އެރަދުން ބާރުވެރި ކުރައްވާށިއެވެ!
އެގޮތުގެ މަތީން އެރަދުންގެ އޮށުން އުފެދުނު އޮފި އާރޯ ކުރައްވާށިއެވެ!
އެހެނީ ބިމުގައިވާ ގަސްތަކުގެ ރީތިކަން ވަނީ އޮށުގެ ފުރިހަމަކަމަށް ބަރޯސާވެގެންނެވެ.
އިންސާފުވެރި ވެރީންގެ ސަބަބުންނާއި ޢަމަލީ ޢިލްމުވެރީންގެ މަސައްކަތުން
މަތިވެރި މާތް ﷲ ޤިޔާމަތުގެ ވަގުތާ ހަމައަށް، ރައްކާތެރިކަމާއި ޞުލްޙައިގައި
މި ޠާހިރު ޝީރާޒު ޝަހަރު ލައްވާށިއެވެ!

.

ބޭރު ޤައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އަހުރެން ދަތުރުކުރީ ކީއްވެގެންކަން
ތިބާ ނުދެނަހުރިން ހެއްޔެވެ؟
އަހުރެން ދިޔައީ ތުރުކީންގެ އުނދަގުލުގެ ސަބަބުންނެވެ.
އަހުރެންނަށް ފެނުނީ ބަބުރެއްގެ އިސްތަށިގަނޑު ފަދައިން ދުނިޔެ އެމުނި ގޮށްޖެހިފައި ވާތީއެވެ.
އެމީހުން އެންމެންނަކީ އިންސާނުންނެވެ. ނަމަވެސް ލޭ އޮހޮރުވުމަށް، ޒިއުބުފަދައިން ވަކި ތޫނެވެ.
އަހުރެން އެނބުރި އައި އިރު، ޤައުމުވަނީ ހަމަހިމޭން ކަމުގައެވެ.
މިނިކާވަގު، މިނިކާވަގުގެ ޠަބީޢަތާ ވަކިވެ
މަލާއިކަތެއް ފަދަ މީހެއްގެ ރަނގަޅު މިޒާޖު ލިބި،
ރުޅިއައިސްފައިވާ ސިންގާގެ ލަޝްކަރެއް ނުވެއެވެ.
އަހުރެންނަށް އެންމެ ފުރަތަމަ ފެނުނީ
ދުނިޔެ، އޮޅުމާއި ނުތަނަވަސްކަމާއި މޮޅިވެރިކަމުވާތީއެވެ.
ދެން އަދުލުވެރި ސުލްޠާނު އަތާބަކް އަބޫ ބަކުރު ބިން ސަޢުދު ޒަންގީގެ
ދުވަސްވަރު ފަދައިން ވިއެވެ.

.

ކަލާނގެ ހިޔަނިކަމަށްވާ އިބަ، އެތަނުގެ ވެރިކަން ކުރައްވާނަމަ، ވަގުތުގެ ދިޔަވަރަށް ފާރިސްކަރަ ބިރެއް ނުގަނެއެވެ.
ތިބާގެ ދޮރުގެ އޮޅިފަދަ ތަނެއް އެއްވެސް މީހަކަށް ދުނިޔޭގެ ސަޠަޙައިން ނުދެއްކޭނެއެވެ.
އެއީ ރައްކާތެރިކަމާއި އަރާމުގެ ގޮވައްޗެކެވެ.
ދުނިޔެއާއި ވައިރޯޅި ޤަރާރުވެގެންވާހާ ހިނދަކު
ހިތާމައާއި ހިތްދަތިވިކަމުގައިވާ މީހުން ރައްކާތެރިކުރުން ތިބާގެ މައްޗަށް ލާޒިމުވެއެވެ.
ދުނިޔެ ހެއްދެވި ކަލާނގެ އަށް ޝުކުރުކުރުން އަހުރެމެންގެ މައްޗަށް ލާޒިމުވެއެވެ.

ގުލިސްތާނު އެކުލަވައިލި ސަބަބު

އެއް ރެއަކު، ފާއިތުވީ ދުވަސްތަކާ މެދު ތަޢައްމުލްކޮށް (ފިކުރު ހިންގުމުގައި) އަހުރެން ވީމެވެ. އަހުރެންގެ ދިރިހުރުމުގެ ދުވަސްތައް އިސްރާފުކުރި ގޮތާ މެދު މޮޅިވެ، ހިތުގެ ގައު ފާރުތައް އަލިމަސްފަދަ ކަރުނައިން ވިދުއެޅުމުގައި ވީމެވެ. ފިކުރުގެ މި ޙާލަތާ މުނާސަބު މި ބައިތުތައް އަހުރެން ކީމެވެ.

ކޮންމެ ހިނދަކު އުމުރުން ނޭވާއެއް ޚަރަދުވެއެވެ.
އެކަމާ އަހުރެން ފިކުރުކޮށްފި ނަމަ، ބުނެވޭނީ ބާކީ މާގިނަ ނޭވާއެއް ނުވާކަމަށެވެ.
އޭ ނިދުމުގައި ފަންސާސް އަހަރު ހޭދަކުރި ކަލޭގެއާ އެވެ!
މި ފަސް ދުވަހުން އެ ފަންސާސް އަހަރާ ހަމައަށް ކުރިއަރައި ފައިހަމަ ކުރެވިދާނެ ހެއްޔެވެ؟
މަސައްކަތެއް ނުކޮށް މަރުވި މީހުންނަށް ލަދުވެތިކަން ހުއްޓެވެ.
ފުރުމުގެ (މަރުގެ) ބެރު ޖަހައިފިއެވެ.
އެކަމަކު ދަތުރަށް ގެންދަންވީ އެއްޗެއް ތައްޔާރެއް ނުކުރެވެއެވެ.
.
ފުރާ ދުވަހުގެ ހެނދުނުގެ ނޯޝީން (ފޮނި، ހިތްގައިމު) ނިދި
ދަތުރުވެރިޔާ އޭނާގެ މަގުން ހިފަހައްޓައެވެ.
.
އައި ކޮންމެ މީހަކު އައު އިމާރާތެއް ކުރަން ފެށިއެވެ.
އޭނާ މަރުވެ ދަމުން އެތަން އެހެން މީހަކަށް ދޫކުރިއެވެ.
އެމީހާ ވެސް ކުރީ މި ބޭކާރު މަސައްކަތެވެ.
މި ގެ އެއްވެސް މީހަކަށް ފުރިހަމައެއް ނުކުރެވުނެވެ.
.
ނާޕާއިދާރު (އަބަދު އެއްގޮތަކަށް ނުހުންނަ) ރައްޓެހީންނަށް ޤަދަރު ނުދޭށެވެ.
އެފަދަ ޣައްދާރު މީހުންނަށް އޯގާތެރިކަން ޙައްޤެއް ނޫނެވެ.
ހުރިހާ ރަނގަޅެއް އަދި ނުބައެއް ޔަޤީނުން ވެސް ނެތެން ޖެހޭތީ
ނެކުވީ ބޯޅަ ހިފައިގެން ދުވާ ކުޅުންތެރިޔާ އަކީ އުފާވެރި މީހެކެވެ.
[ނެކުވީ އަކީ ފާރިސް ބަހުން ރަނގަޅު އުޅުމަށް ކިޔާ ނަމެވެ.]
.
ދަތުރަށް ތިބާ ބޭނުންވާ ކޮއްތު ކައްވަޅަށް ފޮނުވާށެވެ.
ތިބާއަށް ފަހުން އެ ގެންނާނޭ މީހަކު ނޫޅޭނެއެވެ. އެކަން ކުރިން ކުރާށެވެ.
ޙަޔާތަކީ ބަރުފެވެ.  އެ ތަކެތި ދިޔާ ކުރާހާ އަވި ހޫނެވެ.
[ބަރުފަކީ ސްނޯ އެވެ. ވާރޭހެން ވިލާތަކުން އޮހޮރޭ ފެނުން އުފެދިފައިވާ ކަފަ ފަދަ ލުއި ހުދު އެއްޗެކެވެ.  މިއީ ހޫނުވުމުން ވިރޭ އެއްޗެކެވެ.]
ވަގުތު ކުޑަތަން ވެއްޖެއެވެ. އެކަމަކު ޚުވާޖާ (ޢިއްޒަތުގެ ވެރިޔާ) އަދިވެސް ކަންނެތެވެ.
.
ބާޒާރަށް ހުސްއަތާ ދިޔަ ތިބާއެވެ.
ބޮޚުސާއެއް ފުރައިގެން ތިބާ ނާންނާނެތީ އަހުރެން ކަންބޮޑުވެއެވެ.
ފެހިކޮށް ހުއްޓައި އިންދި ގޮވާން ކާންބޭނުން ނަމަ،
ދަނޑުކަނޑާ އިރު ކުރާތައް ހޮވަން ވާނެއެވެ.
މުޅި ހިތާއިގެން ސަޢުދީގެ ނަސޭހަތް އަޑުއަހާށެވެ.
ހިނގަންވީ މަގަކީ މިއެވެ. ފިރިހެނަކަށް ވެގެން ދަތުރުކުރާށެވެ.

.

[މީހެއްގެ ޙަޔާތުގެ މައިގަނޑަކީ އޭނާގެ ބަނޑެވެ.
މަޑުމަޑުން އެ ހުސްކުރާނަމަ، ބިރުވެރިކަމެއް ނެތެވެ.
ނުހުޅުވާގޮތަށް އެ ބަންދުކޮށްފިނަމަ،
ހިތް ދިރިހުރުމުގެ މަތީން މާޔޫސް ކުރުވައެވެ.
ނުލެއްޕޭގޮތަށް އެ ހުޅުވައިފިނަމަ،
މި ދުނިޔޭގެ ދިރިއުޅުމުން ހަލިކޮށް އަތްދޮވެލާށެވެ.
ހަތަރު ދެކޮޅުވެރި ޣައްދާރު މިޒާޖެވެ.
އެކުމުތުވަނީ ފަސް ދުވަހުއެވެ.
މިއިން އެކައްޗަކަށް މާގަދަކަން ލިބިއްޖެނަމަ،
ހިތްގައިމު ފުރާނަ ޖިސްމާ ވަކިވެއެވެ.
ވީމާ، ބުއްދި ފުރިހަމަ މީހެއް،
މި ދުނިޔޭގެ ދިރިއުޅުމަށް ހިތެއް ގަދައެއް ނުކުރެއެވެ.]

.

މި ޝުޢޫރުތަކަށް ފުރިހަމައަށް ފިކުރު ހިންގުމަށް ފަހު، އަހުރެން ރަނގަޅުކަމަށް ދުށީ، އަޒުލަތުގެ ގޮޑީގައި، އިންސާނީ ގުޅުންތަކުގެ (ޞުޙުބަތުގެ) ފަސްބައި މަޅާލައިގެން (ރައްޓެހީންނާ ވަކިވެގެން) ހާސަރު ލިޔުންތައް ލިޔެފައިވާ ދަފުތަރުތައް ދޮވެ، ދެން އިތުރަށް ބޭކާރު ވާހަކަތައް ދެއްކުމުގައި ނުވުމަށެވެ.

{އަޒުލަތަކީ  ކުރާ މަސައްކަތުން ވަކިވެގެން އެކަހެރިވެގެން ހުރުމެވެ. [މުސްކުޅިވުމުގެ ސަބަބުން] މަސައްކަތް ކުރުން ހުއްޓާލައިގެން ހުރުމެވެ. ދަފްތަރު ކިޔަނީ ފޮތް، ޑައިއަރީ، ކަރުދާސްގަނޑު ފަދަ އެއްޗެތި ނޯޓުކުރާ ކޮންމެ އެއްޗަކަށެވެ.}

ދުލަށް އޭނާގެ ހުކުމެއް ނުހިނގާ މީހަކު، ދޫކަނޑާފައިވާ
މަންމަން ބީރެއްހެން ކަނެއްގައި އިނުން މާ ރަނގަޅެވެ.
.

މި އަޒުމުގައި އަހުރެން ވަނިކޮށް، ޖަމަލުގުއީގެ ހިތާމައިގައި އަހުރެންވި ދުވަސްވަރުގެ އަނީސް އަކު (ގާތް އެކުވެރިއަކު)، އަދި ލޯބީގެ ޙުޖުރަތުގެ (ޖަގަހައިގެ) ޔާރެއް އަހުރެންގެއަށް އައިސްފިއެވެ. އަދި ކުރިން އޭނާގެ ކިބައިގައި ހުންނަ ނަޝާޠު އާއި އުފާވެރިކަމާއެކު، މަޖިލިސްކުރުމަށް އެދުނެވެ. އެކަމަކު، އަހުރެން އަޅުކަމުގެ ކަކުލުން ބޯއުފުލާނުލައި، އެނާއަށް ޖަވާބެއް ނުދީ ވުމުން، ހިތާމައާއެކު އަހުރެންނާ ދިމާއަށް ބަލައިލާފައި އޭނާ ބުންޏެވެ:

ވާހަކަ ދެއްކުމުގެ ބާރު ލިބިފައިވާ މިހާރު،
އަޚާއެވެ! އޯގާތެރިކަމާއެކު ބަސް ބުނާށެވެ.
އެހެނީ މާދަމާ މަރުގެ މަލާއިކަތާ އައުމުން
މަޖުބޫރުވެގެން ތިބާގެ ދޫ ހައްޔަރުވާނެއެވެ.
.

އަހުރެންގެ ޚާދިމަކު، އަހުރެންގެ އުމުރުގެ ބާކީބައި، އަބަދު އަޅުކަމާއި ހަމަހިމޭންކަމުގައި (ޚަލްވަތުގައި)  ހޭދަކުރަން ނިންމި ޢަޒުމުގެ ވާހަކަ އޭނާއަށް ކިޔައިދީ، އަހުރެންނާ އެކު ބޭނުންނަމަ ޚަލްވަތުގައި ބައިވެރިވާން ނަސޭހަތް ދީފިއެވެ. އޭނާ ޖަވާބުގައި ބުންޏެވެ: ”މާތް ﷲ ގެ މަތިވެރިކަމާއި އަހުރެމެންގެ ކުރީގެ ރަޙްމަތްތެރިކަން މައްޗަށް ހުވާކޮށް ބުނަމެވެ. ކުރިން އަހުރެންނާ އާދަކޮށް ވާހަކަ ދެއްކިގޮތަށް ވާހަކަ ދައްކަންދެން އަހުރެން ނޭވާއެއް އަދި ފިޔަވަޅެއް ނާޅާނަމެވެ. އެހެނީ، ރަޙުމަތްތެރީންނަށް އިހާނަތްތެރިކޮށް ހިތުމަކީ މޮޔަކަމެކެވެ. އަދި ހުވައެއްގެ ކައްފާރާ ދެއްކުމަކީ ފަސޭހަ ކަމެކެވެ. ފަހެ، ސަޢުދީގެ ދޫ އޭނާގެ ތަލީގައި ބޭއްވުމާއި، ޢަލީގެފާނުންގެ ކަނޑިކޮޅު (ޒުލްފިގާރު) އޭގެ އުރަކޮޅުގައި ބޭއްވުމަކީ، ދިރިއުޅުމުގެ ރީތި ހަމަތަކާއި ބުއްދިވެރީންގެ ޚިޔާލާ އިދިކޮޅުކަމެކެވެ.“

އޭ ބުއްދިވެރިއާއެވެ. އަނގައިގައި ދޫ ބޭއްވުމަކީ ކޮންފަދަ ކަމެއް ހެއްޔެވެ؟
އެއީ ތަޤްވާވެރި މީހާގެ ޚަޒާނާދޮރުގެ ތަޅުދަނޑިއެވެ.
އޭނާއަކީ ޖަވާހިރު ވިއްކާ މީހެއްކަން ނުވަތަ ޕީލާވަރެއްކަން
އެ ދޮރު ބަންދުކުރެވިފައިވާ ނަމަ، މީހަކަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

{ޕީލާވަރުންނަކީ އެއްގެއިން އަނެއް ގެއަށް ތަކެތި ވިއްކަމުން ހިނގާ މީހުންނެވެ.}

.

ބުއްދިވެރީން ހަނުހުރުމަކީ ރީތި އަދަބުކަމުގައި ދުށްޓަސް،
ރަނގަޅު ވަގުތުގައި ތިބާ ވާހަކަ ދެއްކުމަކީ އެއަށް ވުރެ ރަނގަޅު ކަމެކެވެ.
ދެ ކަމެއް ޢަޤްލް (ފިކުރު) ދަށްކަމުގެ ނިޝާނަކަށް ވެއެވެ:
ވާހަކަ ދައްކަން ޖެހޭ ވަގުތުގައި ހަނުހުރުމާއި،
ހަނުހުންނަން ޖެހޭ ވަގުތުގައި ވާހަކަ ދެއްކުމެވެ.
.

ކުރުކުރުމުގެ ގޮތުން ބުނަމެވެ. އޭނާއަކީ އަހުރެންނާ ގާތް އިޚްލާޞްތެރި އަދި ލޮބުވެތި ރައްޓެއްސަކަށްވާތީ، އޭނާއާ ވާހަކަ ނުދައްކާ އިނުމުގެ ހަރުދަނާކަން އަހުރެންގެ ކިބައިގައި ނުވިއެވެ. އަދި، އޭނާގެ މުހާވަރާއިން (ވާހަކައިން) އަނެއް ފަރާތަށް އަހުރެންގެ މޫނު އަނބުރައިލުމަކީ އަދަބާ ޚިލާފު ކަމެއްކަމަށް އަހުރެން ދުށީމެވެ.

ތިބާ މީހަކާ ތަޅާފޮޅާނަމަ،
ފިލަން ދުވަން ޖެހެނީ ތިބާ، އޭނާގެ ކައިރިންތޯ
ނުވަތަ އޭނާ، ތިބާގެ ކައިރިންތޯ ވިސްނާށެވެ.

އަހުރެންވީ ވާހަކަ ދެއްކުމަށް ބޭނުން ވެގެންނެވެ. އަދި ދިގު މުހާވަރާއަކުން {ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަ} ބަހާރު މޫސުމުގެ ގަދަ ފިނީގެ އަސަރުތައް ޣައިބުވެ، ފިނިފެންމާ ރަސްކަންކުރުމުގެ ވަގުތު އަތުވެއްޖެއެވެ.

ގަސްތަކުގައި ވަނީ ފެހި ލިބާހެއް ލެވިގެންނެވެ.
އަރުދިބެހެސްތު ޖިލާލީގެ [ފާރިސީ ކަލަންޑަރުގެ މަހެއް] ފުރަތަމަ ދުވަސްހެން،
ބަންދު ދުވަސްތަކުގައި ހިތްހަމަޖެހިފައިވާ މީހުންލާ ލިބާސް ފަދައިންނެވެ.
ބުލްބުލްތައް އޮފިތަކުގެ މިންބަރުގައި ލަވަކިޔަމުން ދިއައެވެ.
ރުޅިވެރި ލޯބިވެރިއެއްގެ ކޯތާފަތްމައްޗަށް އޮހޮރިފައިވާ ދާ ފަދައިން
ފިނިފެންމައުތަކުގެ މައްޗަށް ޝަބްނަމްގެ މުތްތައް އޮހިފައި ވިއެވެ.
.

އަހުރެންގެ ރައްޓެހީންގެ ތެރެއިން މީހަކާ އެކު ބަގީޗާގައި ރޭގަނޑު ހޭދަކުރީމެވެ. އެތަން ފެނުނީ ހިތްގައިމު އުފާވެރި، ހިތަށް އަސަރުކުރުވާ ގަސްތައް އޮޅިފައިވާ ތަނެއްކަމުގައެވެ. އެތަނުގެ ބިންމަތިވަނީ ކުދި ބިއްލޫރި މިނާތަކުން ތަޅުން އެޅިފައެވެ. އެތަނުގެ މޭވާ ވެޔޮތަކުން، ކެތި ފަދަ މޭވާކޯނިތައް އެލުވިފައި ވިއެވެ.

އެއީ، އެތަނުގެ ކޯރުތަކުގައި މުޅީން ސާފު ފެން ހުރި ބަގީޗާއެކެވެ.
އެތަނުގެ ދޫނިތަކުގެ ލަވަ މުޅީން އެކުމުތުވާ (އެމުނިއެކުލަވާ) ދައުހާ (މޭވާ ބަގީޗާ) އެކެވެ.
ކުރީ ތަނުގައިވަނީ އެކި ކުލަތަކުގެ ލާލަ މަލެވެ.
{ލާލަ އަކީ ފާރިސީ ބަހުން ޓިއުލިޕް (ޚުޒާމާ) އަށް ކިޔާ ނަމެވެ.}
ފަހު ތަންވަނީ އެކި ބާވަތުގެ މޭވާއިން ފުރިފައެވެ.
ގަސްތަކުގެ ހިޔަލުގައި ވައިރޯޅިން އެކި ބާވަތުގެ
މައުތަކުގެ ދޫލައެއް ފަތުރާފައި ވެއެވެ.

.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތު ހާޒިރުވުމުން، ލަސްކުރުމުގެ ޚިޔާލުގެ މައްޗަށް އަލުން ފެށުމުގެ ޤަޞްދު ފަތަޙަ ހޯދުމާ ގުޅިގެން އަހުރެންނަށް ފެނުނީ އަހުރެންގެ ރަޙްމަތްތެރިޔާ، ފިނިފެންމަލާއި ފޮނި ގަދަކޯޅި (ރައެހާން ޝީރީން) އާއި، ގުލްސަންބުލް (ހަޔަސިންތު) އާއި މީރުވަސްދުވާ ފަތްކޯޅިތައް، އޭނާގެ ފަސްބަޔަށް އަޅައިގެން ޝަހަރަށް ދިއުމުގެ އެދުމުގައި ވާތީއެވެ. އެތަން ފެނި އަހުރެން ބުނީމެވެ:

”ތިބާއަށް ގުލިސްތާނަކީ (ބަގީޗާގެ ފިނިފެންމަލަކީ) ވަގުތީ އެއްޗެއްކަން އަދި މޫސުމަކީ ފާއިތުވެދާ އެއްޗެއްކަން އެނގޭ ނޫން ހެއްޔެވެ؟ ޙިކްމަތްތެރީން ބުނެފައި ވެއެވެ: ގިނަ ދުވަހަށް ނުހުންނަ އެއްޗަކަށް ހިތްކިޔާކަށް ނުވާނެއެވެ.“

”ދެން ހަދަންވީ ކޮން ގޮތެއް ހެއްޔެވެ؟“ އޭނާ ސުވާލުކުރިއެވެ.

.

އަހުރެން ޖަވާބު ދިނީމެވެ: ”ބަލާ މީހުންގެ މުނިފޫހިފިލުވުމަކަށް ވާނޭ، އަދި ފެންނަ މީހުންނަށް އިރުޝާދަކަށްވާނޭ ފިނިފެންމަލުގެ ބަގީޗާއެއް ނުވަތަ ގުލިސްތާނެއް ފޮތެއްގެ ގޮތުގައި އަހުރެން އެކުލަވައިލާފާނަމެވެ.  ޚަޒާން (ހޫނު މޫސުން ނިމުމުން އަންނަ މޫސުން) ގެ ގަދަ ވައިން އޭގެ ފަތްތަކަށް މޯޅިކަމެއް ނާންނާނެއެވެ. އަދި ބަހާރު މޫސުމުގައި އެ ބަގީޗާ ގައި އޮންނަ ހިތްގައިމުކަން، ވަގުތުގެ ފާއިތުވުމަކުން، ޚަރީފު މޫސުމުގެ ބޭސާބިތުކަމަކަށް ބަދަލެއް ނުވާނެއެވެ. (ބޭސާބިތުކަމަކީ އަބަދު އެއްގޮތަކަށް ނުހުރުމެވެ).“

ފިނިފެންމަލުގެ ތައްޓަކުން ތިބާ ކުރާނީ ކޮން ބޭނުމެއް ހެއްޔެވެ؟
އަހުރެންގެ ގުލިސްތާނުން ފަތެއް ބިދެލާށެވެ.
މަލެއް އިންނަނީ ފަސް ދުވަހު ނުވަތަ ހަދުވަހު އެވެ.
އެކަމަކު މި ގުލިސްތާނު އަބަދުމެ ހިތްގައިމެވެ.
.

އަހުރެން މި ލަފުޒުތައް ބުނުމުން، އޭނާ އެއްކޮށްފައި ހުރި މައުތައް ފަސްބައިން އުކާލައި، އަހުރެންގެ ފަސްބަޔާ އެ ގާތްކޮށް ބުންޏެވެ: ”ދީލަތި މީހަކު ހުވައެއް ކޮށްފިނަމަ، އެކަން އޭނާ ފުއްދައެވެ.“

ހަމަ އެދުވަހު އަހުރެން ދެ ބާބު ލިޔުނީމެވެ. އެއީ ވާހަކަ ދެއްކުންތެރީންނަށާއި ސިޓީލިޔާ މީހުންނަށް އިރުޝާދަކަށް ވާނޭ ފޭޑިއަކަށް ބަނިޔާދަން މުޢާޝަރާތްތަކާއި އަދަބުވެރި މުޙާވަރާ އާ މެދުއެވެ. {މުޢާޝަރާތަކީ މުނިފޫހިފިލުވުމުގެ ގޮތުން ނުވަތަ އެހެންވެސް ސަބަބަކާ ގުޅިގެން މީހުން މިލި އެކު އުޅޭ އުޅުމެވެ.  މުޙާވަރާ އަކީ ދެމީހެއް ނުވަތަ ގިނަބައެއްގެ ދެމެދުގައި ދެކެވޭ ވާހަކަ އެވެ.} ކުރުކޮށް ބުނާނަމަ، ގުލިސްތާނު ފޮތް ނިމުނުއިރު އަދި ބައެއް ފިނިފެންމައު ބާކީވެފައި ހުއްޓެވެ. ޙަޤީޤަތުގައި، މި މަސައްކަތް ނިމޭނީ ޝާހްގެ ދަރުބާރުން ހުއްދަ ލިބިގެންނެވެ. އެ ޝާހް ޖަހާން (ދުނިޔޭގެ ރަސްގެފާނު) އަކީ ދުނިޔޭގެ ރައްކާތެރިކަމެވެ. ކަލާނގެ ހިޔަންޏެވެ.  އެކަލާނގެ ދީލަތިވަންތަކަމުގެ ދޯންޏެކެވެ. ޒަމާނުގެ ޚަޒާނާއެވެ. އުޖާލާ ދީނުގެ ބައްތިއެވެ. އުޑުން ބާރުލިބި، ހަތުރުންނާ ދެކޮޅަށް މަދަދު ލިބި ފަތަހަ ހޯދި ސަރުކާރުގެ މުލައްދަނޑިއެވެ. އުޖާލާ ދީނުގެ ބައްތިއެވެ. އާދަމްޒާދުންގެ (އިންސާނުންގެ) ފުރިހަމަކަމެވެ. އިސްލާމްދީނުގެ ފަޚުރެވެ. މަތިވެރި އަތާބަކުގެ ދަރިކަލުން ސަޢުދެވެ. އެ އަތާބަކް އަކީ މާތް ޝަހެންޝާހް އެވެ. ޤައުމުގެ ކަރުތަކުގެ ވެރި ފަރާތެވެ. ފާރިސްކަރައާއި ޢަރަބިކަރައިގެ ރަސްކަލުންގެ ވެރިޔާއެވެ. ކަނޑާއި އެއްގަމުގެ ވެރި ސުލްޠާން އެވެ. ސުލެއިމާން ޢަލައިހިއްސަލާމްގެ ރަސްކަމުގެ ވާރިސުންނެވެ. އެއީ مظفرالدین ابی بکر بن سعد بن زنگی ادام الله އެވެ. އެދެބަފައިކަލުންގެ ތަނަވަސްކަން، މަތިވެރި މާތް ﷲ އަބަދަށް ދަމަހައްޓަވައި ރަނގަޅު ކަންތައްތަކަށް އެބޭކަލުންގެ ހިތް ލަންބަވާ ދޭނވެ!

ހެޔޮކަމުގެ ނަޒަރުން މި ފޮތް ބައްލަވައި،
ރަދުންގެ ރުއްސެވުމުން ޒީނަތްތެރިކުރެއްވުމުން،
މި ގުލިސްތާނު ވާނީ ސީނުގެ ކުރެހުންތަކާއި ފަރުމާތައް
މައުރަޒުކުރާ ހިޔާވައްސެކަށެވެ.
އުއްމީދުކުރެވެނީ އެ ރަދުން މީގައި ހިމެނޭ އެއްޗެތީން
ފޫހިފުޅު ނުވާނޭ ކަމަށެވެ.
އެހެނީ، ގުލިސްތާނަކީ، ހިތް ހަމަ ނުޖެހުމުގެ މަހައްލެއް ނޫނެވެ.
(މަހައްލު އަކީ ޖާގަ/ތަނެވެ).
އެއީ ވަކީން ޙާއްޞަކޮށް، މިފޮތުގެ ކީރިތި މުޤައްދިމާ ތަޙްޞީޞް ކުރެވެނީ
سعد ابوبکر سعد بن زنگیست އަށް ވާތީއެވެ.

އަބީނާޞިރުގެ ދަރިކަލުން މަތިވެރި އަމީރު ފަޚުރުއްދީނުގެ ހަނދާން

 

{މިބައިގައިވަނީ ސަޢުދީ މިފޮތް ލިޔުނު އިރު، އިސް ވަޒީރަކަށް ހުރި ބޭކަލަކަށް އޭނާ ކިޔުއްވާފައިވާ ސަނާއެވެ. ފުރަތަމަ ދެތިން ފޮޅުވަތުގެ މާނަ ދެނެގަންނަން ދައްޗެވެ. ލަފާކުރެވޭ ގޮތުން އެއިން މާނަކުރަނީ ސަޢުދީގެ ފޮތް، ޢާއްމުކުރަން ލަދުގަންނަ ވާހަކައެވެ. ލަދު ފިލާނީ، ފޮތާމެދު ވަޒީރުގެ ރުއްސެވުން ލިބިގެން ކަމަށް ބުނާހެން ހީވެއެވެ. }

 

ޚިޔާލުގެ ޢަރޫސް (ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެނާ) ރީތިކަމަށް އެދުންވެރިވެފައިވާތީ، ލަދުވެރިކަމުގެ ފައިން އެހެން މިސްރާބަކަށް ނަޒަރު ނުގެންދެއެވެ. އަދި އިސް އުފުލައެއް ނުލައެވެ. ރީތި މީހުންގެ ތެރެއަށް ނުކުންނަށް އޭނާ ޖެހިލުން ވެއެވެ. އޭނާއަށް އެމީހުންގެ ކުރިމައްޗަށް ނުކުންނަށް ކެރޭނީ މަތިވެރި އަމީރުގެ ރުއްސެވުމުގެ ގަހަނާތަކުން ޒީނަތްތެރިވެވޭނަމަ އެވެ. އެ އަމީރަކީ ޢިލްމު އުނގެނިގެން ހުރި، އަދުލުވެރި، އުޑުން އެހީލިބޭ، ކާމިޔާބު، ރަސްކަމަށް ވާގިވެރިވާ، އަދި ރަސްކަމުގެ ކަންކަމުގައި މަޝްވަރާ ކުރެވޭ، ފަގީރުންގެ ކަހަފު (ރައްކާތެރިކަން ލިބޭތަން، ހޮހޮޅަ)، ބީރައްޓެހީންނަށް މަލާޒެއްކަމުގައިވާ (ސަލާމަތް ތަނެއްކަމުގައިވާ)، ކިޔަވައިގެން ތިބި މީހުންނަށް އެހީތެރިވާ، ދީންވެރީންނަށް ލޯބިކުރާ، ފާރިސްކަރައިގެ ދަރިކޮޅުގެ އުޖާލާކަމަށްވާ، ރަސްކަމުގެ ކަނާއަތްކަމަށްވާ، ބޮޑުންގެ ވެރި، ދީނާއި ވެރިކަމުގެ ފަޚުރު، އިސްލާމްދީނާއި މުސްލިމުންނަށް ޣިޔާޝެއް (ރާޙަތެއް) ކަމުގައިވާ،  ރަސްކަލުންނާއި ޝަހެންޝާހުންގެ ކައްތިރި އަބީނާޞިރުގެ ދަރިކަލުން އަބޫބަކުރެވެ. މާތް ﷲ އޭނާގެ ޢުމުރުފުޅު ދިގުކުރައްވައި، ޤަދަރުފުޅު މަތިކުރައްވައި، މޭފުޅު އަލިކުރައްވައި، އޭނާއަށް ދެއްވާ ހެޔޮ ޖަޒާ ދެގުނަ ކުރައްވާށިއެވެ. އެހެނީ، ހުރިހާ މަތިވެރި ބައެއްގެ ޙަމްދު އޭނާއަށް ލިބިވަޑައިގަންނަވައެވެ. އެއީ ކީރިތި ހުރިހާ ސިފައެއް އޭނާއަށް މިލްކުވެގެން ވާތީއެވެ.

އޭނާގެ ޢިނާޔަތްތެރިކަމުގެ ހިޔަލުގައި ޖެހުނު ކޮންމެ މީހަކު،
އެމީހެއްގެ އައިބުތައް ކިޔަމަންތެރިކަމަށް،
އަދި ދުޝްމަން، ދޯސްތަކަށް ބަދަލުވެއެވެ.

 

ކޮންމެ ޚާދިމަކަށާއި ކޮންމެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ޒިންމާތަކެއް ވެއެވެ. އެ ކަންތައްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް ކަންނެތް ވެއްޖެ ނަމަ، ހަމަ ޔަޤީނުންވެސް އެކަމާ ޒިންމާވާންޖެހި، އެއްޗެތިގޮވުމަށް ހުށަހެޅެއެވެ. މިކަމުން ސަލާމަތްވަނީ ދަރުވޭސީންގެ ޖަމާޢަތެވެ. މަތިވެރި މީހުންގެ ފަރާތުން ލިބޭ ގިނަގުނަ ޢިނާޔަތްތަކަށް އެމީހުން ޝުކުރުވެރިވެއެވެ. އަދި އެމީހުން އެފަރާތްތަކަށް މަދަހަކިޔާ ރަނގަޅު ގޮތްތައް މެދުވެރިކޮށްދެއްވުމަށް އެދި ދުޢާ ކުރެއެވެ. މިފަދަ ޢަމަލުތައް ކުރުން ރަނގަޅީ އެމީހުން ނެތްތަނަކު އެވެ. އެމީހުން ތިބި ތަނެއްގައި އެކަންކަން ކުރުމަކީ ދެއްކުންތެރިކަމަށް ވާނެއެވެ. ނެތް ތަނެއްގައި ކުރުމުގައި ދެއްކުންތެރިކަމެއް ނުވެއެވެ.

ތިބާފަދަ ކުއްޖަކު ޤުދްރަތުން ދުނިޔެއަށް އައުމުން
ދުނިވެފައިވާ އުޑުގެ ބުރަކަށި އުފަލުން ސީދާވެއެވެ.
އަޅަކު ޢާއްމު މަޞްލަޙަތު އޭނާގެ ޚާއްޞަ ޒިންމާއަކަށް ހަދާ  ކަމީ
އެއީ ކަލާނގެ ހިކްމަތްތެރިކަމުގެ ނިޝާނެކެވެ.
.
ހެޔޮލަފާ ދިރިއުޅުމެއް އުޅުނު މީހާ ދާއިމީ އުފާވެރިކަން ހޯދައިފިއެވެ.
އެއީ އޭނާ ނިމުމުން، އޭނާ ކުރި ރަނގަޅު ޢަމަލުތައް، އޭނާގެ ނަން ދަމަހައްޓާނެތީއެވެ.
ލަފާދާރު މީހުން ތިބާއަށް  މަދަހަ ކިޔަސް އަދި ނުކިޔަސް ހެވެވެ.
ރީތި ކަނބަލަކަށް  ހެދުން ލައްވައިދޭނޭ ގަހުރަމާނެއް (އަންހެން ޚާދިމެއް) ބޭނުމެއް ނުވެއެވެ.

ޚިދުމަތްދިނުމަށް ލަސްވި އުޛުރާއި އެކަހެރިކަން އިޚްތިޔާރުކުރި ސަބަބު

 

ޝާހީ ދަރުބާރަށް އަހުރެން ފަރުވާތެރިކަމާއެކު ހާޒިރުވުމުގައި ފަރުވާކުޑަވެ ފަހަތަށް ޖެހުނު އުޛުރު ބުޒުރުޖްމިހުރުގެ ވާހަކަ އާ އެއްގޮތެވެ. (ބުޒުރުޖްމިހުރު، بزرجمهر އަކީ ފާރިސްކަރައިގެ ރަސްކަލެއް ކަމުގައިވާ ނޫޝިރުވާންގެ ބޮޑުވަޒީރެވެ.) ހިންދުސްތާނުގެ ޙިކްމަތްތެރީން އޭނާގެ ކުޅަދާނަކަމުގެ ވާހަކަތަކާ މެދު ވިސްނައި ފިކުރު ހިންގުމަށް ފަހު އޭނާގެ އުނިކަމެއްކަމަށް ފެނުނީ ވާހަކަފުޅުދައްކަވާ ލަސްކަމެވެ. މި ވާހަކަ ދަންނަވަން ބޮޑުވަޒީރުގެ އަރިހަކަށް ދާކަށް ނުކެރުނެވެ. އެހެނީ އޭނާގެ އަރިހުގައި ވާހަކައެއް ދަންނަވައިފި ނަމަ، ދާބަޔަކަށް ޖެހެނީ އޭނާ ވާހަކަދައްކަވައި ނިމެންދެން މަޑުކުރާށެވެ. މި ވާހަކަ ބުޒުރުޖްމިހުރަށް އިވިވަޑައިގަތުމުން، ވިދާޅުވިކަމަށް ވަނީ: ”އަހުރެންނަށް މަންފާހުރިކަމަށް ފެންނަނީ ބުނާނެ އެއްޗަކާ މެދު ބޮޑަށް ފިކުރުހިންގުން، އެއްޗެއް ބުނެ އެކަމާ ހިތާމަކުރުމަށް ވުރެ ރަނގަޅު ކަމަށެވެ.“

.
ތަމްރީނު ލިބިގަނެފައިވާ މުސްކުޅި ދޮށީ ވާއިޒަކު
އެންމެ ފުރަތަމަ ވިސްނާނީއެވެ. ދެން ވާހަކަ ދައްކާނީއެވެ.
ފިކުރުނުކޮށް ވާހަކަ ނުދައްކާށެވެ.
ރަނގަޅަށް ވާހަކަ ދައްކާށެވެ. ލަސްވުމުން ލިބޭ ގެއްލުމަކީ ފަހެ ކޮބައި ހެއްޔެވެ؟
ވިސްނާފައި ވާހަކަ ދައްކަން ފަށާށެވެ.
އެހެން މީހުން ފުދިއްޖެއޭ ބުނުމުގެ ކުރިން ތިބާ ހުއްޓާލާށެވެ.
އިންސާނާ ހައިވާނަކަށް ވުރެ ރަނގަޅުވަނީ ވާހަކައިންނެވެ.
އެކަމަކު ތިބާ ރަނގަޅަށް ވާހަކަ ނުދައްކާ ނަމަ، ދާއްބައެއް މާރަނގަޅެވެ.
.

އެހެންވިއްޔާ، އަހުރެންގެ ވެރި ސާހިބުގެ (މާތް ރަސްކަލާނގެ ރަދުންގެ ކާމިޔާބުތައް އުޖާލާކުރައްވާށިއެވެ!) މަތިވެރި ބޮޑުންގެ ދަރުބާރުގެ ކުރިމައްޗަށް ނުކުންނަށް ކެރޭނީ ކިހިނަކުންތޯއެވެ؟ އެ ދަރުބާރަކީ ތަޤްވާވެރީންގެ ރެސް އެކެވެ. އަދި އެއީ ކުޅަދާނަ ޢާލިމުންގެ މަރުކަޒެވެ. ބަހުސެއްގެ ހޫނުކަމުގައި އަހުރެންނަށް ނޭކަށޭނެގޮތަށް ވާހަކަ ދެކެވިއްޖެ ނަމަ، އަހުރެންނަށް ބުނެވޭނީ ރަދުންގެ މަތިވެރި ހާޒިރުގައި، ބާޒާރުމަތީ އަގެއްނެތް ވާހަކައެވެ. ޖަވާހިރު ވިއްކާ ބާޒާރެއްގައި، ބިއްލޫރި މިނާފުކެއްގައި، ހިމަގޮދަން ފުކެއްގެ އަގެއްވެސް ނުހުރެއެވެ. ބައްތިއެއްގެ އަލިކަމެއް އަތްވަކު ނުފެނެއެވެ. އަލްވަންދު ފަރުބަދައިގެ ބުޑުގައި، މުންނާރު ފެންނަނީ ތިރިކޮށެވެ.

.
ދެއްކުންތެރިކަމާ އެކު ކަރު އުފުލައިލާ މީހަކާ ގާތަށް
ދުޝްމަނުން ހުރިހާ ފަރާތަކުން އެއްވެއެވެ.
ސަޢުދީ ޒާހިދަކަށްވެ ބިންމައްޗަށް ތިރިވެއްޖައީމެވެ.
ވެއްޓިފައިވާ މީހަކަށް ހަމަލާދޭކަށް އެކަކުވެސް ނާދެއެވެ.
އެންމެ ފުރަތަމަ ފިކުރު ހިންގުމެވެ. ދެން ވާހަކަ ދެއްކުމެވެ.
އެންމެ ފުރަތަމަ އަޅަނީ ބިންގަލެވެ. ފާރު ރާނަނީ އޭގެ މައްޗަށެވެ.
.

އަހުރެންނަށް ފޮތީން މައު ހަދަން އެނގެއެވެ. އެކަމަކު އެކަމެއް މައު ބަގީޗާއެއްގައެއް ނުކުރަމެވެ. އަހުރެން  ހިތްގައިމު އަޅުން ވިއްކަމެވެ. އެކަންކުރަނީ ކަންއާނަކު ނޫނެވެ. ލުޤްމާން ޢަލައިހިއްސަލާމްގެ އަރިހުގައި ޙިކްމަތް ދަސްކުރެއްވީ ކާކުގެ އަރިހުންތޯ ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ: ”ކަނު މީހުންގެ ފަރާތުންނެވެ. އެމީހުން އެންމެ ފުރަތަމަ ވަށައިގެން އޮތް ތަން ދެނެގަނެއެވެ. ހިނގައިގަންނަނީ އެއަށް ފަހުއެވެ.“

.

ތިބާގެ ފިރިހެންވަންތަކަން އެންމެ ފުރަތަމަ ސާބިތު ކުރާށެވެ.
އެއަށްފަހު ކައިވެނި ކުރާށެވެ.
ހަނގުރާމައެއްގައި ހައުލެއް ޖެހިލުން ކުޑަވިޔަސް،
ބިރެއްނެތް ޝާހީންއަކަށް އޭގެ ވަކިތަކުން އަސަރެއް ނުކުރާނެވެ.
ބުޅަލަކީ މީދާ ހިފުމުގައި ސިންގާއެކެވެ.
އެކަމަކު މިނިކާވަގަކާ މުޤާބަލާ ކުރުމުގައި މީދަލެކެވެ.
.

{ޝާހީން އަކީ ބާޒު އާއިލާގެ ޝިކާރަކުރާ ދޫންޏެކެވެ}

އެކަމަކު ބޮޑުންގެ ދަރުމަވެރި އަޚްލާޤަށް އިޢުތިމާދުކޮށް، މިފޮތުގައި ކުރުގޮތަކަށް، ބަޔާންކޮށްފައި އެވަނީ ހިނގާފައިވާ ނަވަދިރާއި (ނާދިރު ހާދިސާތަކާއި) ޙިކާޔަތާއި ހަރުބަހާއި ޅެމާއި އިހުގެ ރަސްރަސްކަލުންގެ ކަތައެވެ. އެ ބޮޑުންނީ ނިކަމެތީންގެ އައިބުތަކަށް އެބޭކަލުންގެ ލޯ ލައްޕާލައްވައި، މިސްކީނުންގެ ކުށްތައް ހާމަކުރެއްވުމުން އެއްކިބާވެވަޑައިގަންނަވާ ބައެކެވެ. މި މަސައްކަތުގައި އަހުރެމެންގެ އަގުހުރި ޙަޔާތުން ބައެއް ހޭދަކޮށްފީމެވެ. މިއީ މިފޮތް—ގުލިސްތާނު—އެކުލަވައިލުމުގެ ސަބަބެވެ. ތައުފީޤް (އެހީތެރިކަން) ދެއްވަނީ ﷲ އެވެ.

{އިޢުތިމާދަކީ ފާރިސީ ބަހުން އިތުބާރު، ބަރޯސާކުރުން، ޔަޤީންކަން މިފަދަ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ކަތައަކީ ވާހަކައެވެ. ފާރިސީބަހުން ކުރު ވާހަކަތަކާއި ކަމެއް ހިނގިގޮތް ހިމެނޭ ވާހަކައަށް ކިޔަނީ ޙިކާޔަތެވެ.}

.
އަހުރެމެންގެ މަށީގެ ކޮންމެ ޒައްރެއް ވިއްސިވިހާލިވުމަށް ފަހު ވެސް،
މި ފަހިކޮށް ތަރުތީބުކޮށްފައިވާ ފޮތް އެތައް އަހަރަކަށް ދެމި އޮންނާނެއެވެ.
މުރާދަކީ މި ފޮތް ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮތުމެވެ.
ކޮންމެވެސް ދުވަހަކު ތަޤްވާވެރި މީހަކު ރަޙުމްއާއެކު،
ދަރުވޭސީންގެ މަސައްކަތަށް ދުޢާއެއް ކުރުމުން ފިޔަވައި،
އަހުރެންގެ މި ދިރިހުރުން އެއްގޮތެއްގައި ވާނެކަމަކަށް ނުފެނެއެވެ.
.

އަދީރު [ފޮތް ލިޔުނު މީހާ]، ފޮތުގެ ތަރުތީބާ މެދު ފިކުރު ހިންގައި ވަކި ބާބުތަކުގެ ތަހުޒީބަށް ބަލައި، ނިންމީ ސުވަރުގޭގައިވެސް އަށް ދޮރޯށި ހުންނަ ފަދައިން މި ފޮތް ވެސް އަށް ބަޔަކަށް ކުރުކުރުމަށާއި ހިތްގައިމު ބަގީޗާއަކަށާއި ހިތްއުފާވާ ބުސްތާނަކަށް ހެދުމަށެވެ. ކުރުކުރީ މަލާލަތު ކުޑަކުރުމަށެވެ.

{ފާރިސީ ބަހުން ތަހުޒީބުކުރުމަކީ، ރީތިކުރުމަށާއި ރަނގަޅުކުރުމަށާއި، ކުށްފިލުވުމާއި، އޮފުއެރުވުން ފަދަ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. މަލާލަތަކީ، ފޫހިކަން، ވަރުބަލިކަން، ހިތްހަމަ ނުޖެހުން، ހިތާމަ ފަދަ މާނަ އެކުލެވޭ ލަފުޒެކެވެ.}

ބާބު 1. ރަސްކަލުންގެ އަދަބުތައް
ބާބު 2. ދަރުވޭސީންގެ އަޚުލާޤް
ބާބު 3. ހިތްހަމަ ޖެހުމުގެ މަތިވެރިކަން
ބާބު 4. ހަނުހުރުމުގެ ފައިދާތައް
ބާބު 5. ލޯތްބާއި ޒުވާންކަމާ މެދު
ބާބު 6. ޟަޢީފުކަމާއި މުސްކުޅި ޢުމުރާ މެދު
ބާބު 7. ތަޢުލީމުގެ (ތަރުބިއްޔަތުގެ) އަސަރުތަކާ މެދު
ބާބު 8. ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތަކާ މެދު
.

{ހިތްހަމަޖެހުން ކަމަށް ބުނެފައި އެވަނީ ފާރިސީބަހުން ޤަނާޢަތު މިލަފުޒަށެވެ. މިއީ ފުއްދާލައިގެން އުފަލުގައި ހިތްހަމަޖެހިގެން ވުމަށް، އަދި ހަމަހިމޭންވެގެން ވުމަށް ބޭނުންކުރާ ލަފުޒެކެވެ.}

ދިރިއުޅުން ހިތްފަސޭހަ ވަގުތެއްގައި،
ހިޖްރީން ހަސަތޭކަ ފަންސާސް ހަވަނަ އަހަރުގައި
މުރާދަކަށްވީ ތިބާއަށް ނަޞޭޙަތް ދިނުންކަމުގައިވާތީ އެކަންކޮށް،
މާތް ރަސްކަލާނގެ އާ ތިބާ ޙަވާލުކޮށް އަހުރެމެން ފުރައިފީމެވެ.
.

{މާނައަކީ މިފޮތް ލިޔެފައިވަނީ ހިޖްރީން 656 ވަނަ އަހަރު (މީލާދީން 1258) ގައެވެ}