ކިޔުންތެރީންގެ ގިނަ ބޭފުޅުންނަށް، ލެޓިން އަކުރުން ކުދިކުދި އެލްއީޑީ ބޮކިތަކެއް ދިއްލިގެން އެއް ފަރާތަކުން ފެށިގެން ހާމަވަމުން ލިޔެވޭ މެސެޖު ބޯޑު ފިހާރަތަކުންނާއި ސޯޝަލް މީޑިއާއިން ފެނިވަޑައިގެންފައިވާނެއެވެ. މިފަދަ މެސެޖުބޯޑު އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރަފުވި އިރު އުސްމިނުގައި ހުންނަނީ އެންމެ 8 އެލްއީޑީ އެވެ. ޖެހިޖެހިގެން ދެ ފޮޅުވަތް ލިޔަން ޖެހޭ ނަމަ، ދެ ފޮޅުވަތުގެ ދެމެދު ހުސްކުރަން އެއް އެލްއީޑީ ދޫކޮށްލައެވެ. އެހެންކަމުން، ލިޔުމަށް ބޭނުންކުރެވެނީ އެންމެ 7 އެލްއީޑީ އެވެ. ހުރިހާ އަކުރަކާއި ނިޝާނެއް ފައްތަން މި ޖެހެނީ މި 7 އެލްއީޑީ ގެ އުސްމިނުގައެވެ. ލޭޒަރ ޕްރިންޓަރ ތަޢާރުފުވުމުގެ ކުރިން، އެންމެ ޢާއްމު އެއް ބާވަތުގެ ޕްރިންޓަރ މަސައްކަތް ކުރަނީވެސް މިގޮތަށެވެ.

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މިފަދަ އެލްއީޑީ މެސެޖު ބޯޑު މަސައްކަތް ކުރާ ގޮތާއި، މި ފަދަ ބޯޑުން ފެންނަ ފަދަ އަކުރުތަކުގެ ފޮންޓެއް ހެދުމަށް އަޅުގަނޑު ކުރި މަސައްކަތުގެ ނަތީޖާއެވެ. މިވާހަކަ ތަކުގެ ތެރެއަށް އަމުނަމުން އަޅުގަނޑު ދާނީ ތިޔަ ބޭފުޅުންގެ ވިސްނުމާއި ފިކުރު ތަނަވަސް ވާނޭ މުހިއްމު މަޢުލޫމާތު ތަކެވެ.

ފެންނަ އެއްޗެތި އިރުކޮޅަކު ލޮލުގައި ފެނިފެނި ދެމިހުރުން


ވަރަށް ގިނަ މީހުންނަށް ޅަދުވަހު ކުރެވިފައިވާ ތަޖުރިބާއެއް އޮންނާނެއެވެ. އެއީ އަލި ނުކުންނަ އެއްޗެއް، މިސާލަކަށް ޓޯޗެއް ފަދަ އެއްޗެއް އަވަހަށް އަތުންހިފާ އަނބުރައިލުމުން ލޮލަށް އަލި ފެންނަނީ އަލި ބުރެއް ހެންނެވެ. މިކަން އަޅުގަނޑަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ކުޑައިރު، ޞަލަވާތްފުޅު ކިޔަވާއިރު މާހައުލުގައި މީރުވަސް ދުއްވަން ޖަހާ ދުންދަނޑިންނެވެ. މީގެ ދުންދަނޑިއެއް ރޯކޮށްފައި ބާރަށް ދެކޮޅަށް ހިންގުމުން ރޭގަނޑު ނަމަ ހީވާނީ އޭގެ ކޮޅުން ނުކުންނަ އަލިން ރޮނގެއް އެޅޭހެންނެވެ. މައުމޫން ދައުރުގައި، ފަޓާހުގެ ވައްތަރުތަކާއި އަލިނަރު ރާއްޖެ ގެނައުން މަނާކުރުމުގެ ކުރިން، ރޭނގަޑު އަލިނަރެއް ރޯކޮށްފައި އަތުން ބާރަށް އެނބުރުމުން އެ އަލިން ވަށްބުރެއް އެޅޭހެން ހީވާނެއެވެ. މިޒަމާނުގައި އެތެރޭގައި އެލްއީޑީއެއްވާ ބުމަރެއް ވިއްކައެވެ. އެ އަނބުރައިލުމުން އެލްއީޑީ ދިއްލެއެވެ. މިއިންވެސް ވަށް ބުރެއް އެޅޭތީ ފެނެއެވެ.

އެ ދުވަސްވަރު ވެސް އަޅުގަނޑުގެ ހިތަށް އަރާ އެއްޗެއް އޮވެއެވެ. ކޮންމެ ހިނދެއްގެ އަލިނަރު ނުވަތަ ދުންދަނޑި ނުވަތަ އެލްއީޑީ ވާނީ ކޮންމެވެސް އެއް ތަނެއްގައެވެ. އެހެންވީމާ އަލިން އެ ބުރެއް އެޅޭކަމަށް ފެންނަނީ ކީއްވެގެން ހެއްޔެވެ؟

މިކަމުގައިވާ ވާގޮތް އަޅުގަނޑަށް އެނގުނީ ތަންކޮޅެއް ދޮށިވީ ފަހުންނެވެ. އަލިނަރެއް ވަށައިގެން އެނބުރުމުން އެއިން ޙަޤީޤަތުގައި އަލީގެ ބުރެއް ނޭޅެއެވެ. އެހެން ފެންނަނީ ލޮލަށެވެ. އެއީ ހީވާ ގޮތެކެވެ. މިކަން ވާގޮތް ކަމަށް ސައިންސުވެރީން ބުނަނީ، އިންސާނާގެ ލޮލަށް އެއްޗެއް ފެނުމަށް ފަހު އިރުކޮޅެއް ވަންދެން އެ ތަޞްވީރު ސިކުނޑީގައި އަދި ލޮލުގައި ހަރުލާ ހުންނަކަމެވެ. އެ ތަޞްވީރު އުފެއްދި އެތި ލޮލުން ގެއްލުމަށް ފަހު ވެސް މެއެވެ. މިހެންވާ ސަބަބެއް ކަމަށް ބުނަނީ އަލިއެޅުމުން ހަށިގަނޑުގެ ސެލްތަކަށް އައި ބަދަލު، އަލި ނެތުމުން އެހާ އަވަހަށް ކުރިން ހުރިގޮތަށް އިޢާދަނުވާތީއެވެ.

ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ލޮލަށް އޮމާންކަމާއެކު ދެމިގެންދާހެން ފެންނަނީ ލޮލުގެ މިދެންނެވި ސިފައާ ހެދިއެވެ. ނިކަން އަވަހަށް އެލްއީޑީ ބޮތްކެއް ނިވައި ދިއްލާނަމަ، ނިވިފައި ދިއްލޭހެން ހިޔެއް ނުވާނެއެވެ. ހީވާނީ އަބަދު ދިއްލިފައި ހުންނަ ހެންނެއެވެ. ތަންކޮޅެއް ކުރިން ރާއްޖޭގައި ބޭނުންކުރި އަލިނުކުންނަ ބިއްލޫރި ހޮޅިބުރި އިރުއިރުކޮޅާ ނިވިފައި ދިއްލެއެވެ. ވަރަށް އަވަހަށެވެ. ސިކުންތަކު 120 ފަހަރުއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ހީވަނީ އަބަދު ދިއްލިފައި ހުންނަ ހެންނެވެ. ތިބާ މި މަޒުމޫނު ކިޔުއްވަނީ މޮބައިލް ފޯނަކުން ނުވަތަ ކޮމްޕިއުޓަރ މޮނިޓަރަކުން ނަމަ، އޭގެ އިސްކިރީންވެސް ނިވިފައި އެބަ ދިއްލެއެވެ. ނަމަވެސް، ނިވިދިއްލޭހެން ހިޔެއް ނުވޭނޫންތޯއެވެ؟

 

ސައިންސްވެރިން ބުނާގޮތުން ގިނަ މީހުންނަށް ސިކުންތަކު 90 ފަހަރަށް ވުރެ އަވަހަށް އައްޔެއް ނިވިފައި ދިއްލޭނަމަ، އެ ހުންނަނީ އަބަދު ދިއްލިފައިހެން ހީވާނެއެވެ.

ބައިސްކޯފު ފިލްމެއްގައި މީހުން ޙަރަކާތްކުރާ ކަމަށް ފެނުނަސް ޙަޤީޤަތުގައި އެއީ އިސްކިރީނަށް އަރުވާ ވަކިވަކި ފޮޓޯތަކެކެވެ. ވީޑިއޯ ދައްކާއިރު، އެއް މަންޒަރުގައި މީހަކު ނުވަތަ އެއްޗެއް ހުރި މަޤާމުން އެހެން މަޤާމަކަށް ބަދަލުވާހެން ހީވާނީ އޮމާންކޮށެވެ. ނަމަވެސް ކުރިން ދެންނެވި ލޮލުގެ ސިފައާހެދި ލޮލުގައި ކުރީގެ މަންޒަރު ހުއްޓައި އަނެއް މަންޒަރު ފެނުމުން ހީވާނީ އޮމާންކޮށް ބަދަލުވާހެންނެވެ. ޙަރަކާތް ކުރާ ހެންނެވެ. ކުއްލިކުއްލިއަށް ބަދަލުވާހެން ހިޔެއް ނުވެއެވެ. ނޯޓު ފޮތެއްގެ ގަނޑުތަކުގައި ކޮންމެ ގަނޑެއްގައި ކުޑަ ބަދަލަކާއެކު އެއްޗެއް ކުރަހައި ގަނޑުތައް އަވަހަށް އުކުމުން މިކަން ފެންނާނެއެވެ. ތިރީގައިވާ ތަޞްވީރުގައިވާ ފަދައިންނެވެ.  މި ތަޞްވީރު ޙަރަކާތްކުރަން ފަށަން އިރުކޮޅެއް ވެދާނެއެވެ.

އެލްއީޑީ މެސެޖު ބޯޑު


އެލްއީޑީ މެސެޖު ބޯޑުވެސް މަސައްކަތް ކުރަނީ ލޮލުގައި ހުންނަ ކުރިން ދެންނެވި ސިފައިގެ ސަބަބުންނެވެ.  ތިރީގައިވާ މެސެޖުބޯޑަށް ވިސްނަވާށެވެ.

އަޅުގަނޑުމެންނަށް ފެންނަނީ އޭގައި، އެލްއީޑީ ތަކަކުން އިނގިރޭސި ލަފުޒެއް ދިއްލިފައިވާ ތަނެވެ. ގިނަ މީހުން ހީކުރާނީ މި އަކުރުތަކާ ގުޅޭ އެލްއީޑީތައް އަބަދު ދިއްލިފައި ހުންނަނީ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެއެއް ނޫނެވެ. އެންމެ ފުރަތަމަ ދިއްލެނީ އަކުރުތަކުގެ އެންމެ މަތީ ބަރިއެވެ. އެއީ ތިރީގައިވާ އެލްއީޑީ ތަކެވެ. މި ދިއްލިފައި ދެން ނިވެނީއެވެ.

އެއަށް ފަހު ދިއްލެނީ ޖެހިގެން އޮތް ބަރީގެ އެލްއީޑީ ތަކެވެ. މި ވެސް ދިއްލިފައި ނިވެނީއެވެ. ދެން މިގޮތަށް ހަތް ބަރި ދިއްލިލާފައި ނިވެއެވެ. ނަމަވެސް ލޮލަށް މި އަލިތައް ފެނުމަށް ފަހު، ލޮލުން ”ފުހެވެން“ އިރުކޮޅެއް ނަގާތީ، ދެވަނަ ބަރި ކީއްތޯ، ހުރިހާ ބަރިއެއް ދިއްލި ނިމެންދެން ލޮލުގައި، ސިކުނޑީގައި، ކުރީގެ އަލިތައް ދިއްލިފައިވާ ގޮތަށް ހުރެއެވެ. އެހެންކަމުން ލަފުޒާ ގުޅޭ ހުރިހާ އެލްއީޑީތައް ދިއްލިފައި ހުންނަހެން ހީވަނީއެވެ. މިކަންވާނީ ވަރަށް އަވަހަށެވެ. ގާތްގަޑަކަށް ސިކުންތަކު ހާހެއްހާ ގިނަ ފަހަރުއެވެ. މިގޮތަށް ނިވިފައި ދިއްލުމުން ދެ ފައިދާއެއް ކުރެއެވެ. އެއްކަމަކީ ހުރިހާ އިރަކު ދިއްލިފައި ނުހުންނާތީ އިލެކްޓްރިކް ޚަރަދާއި އެލްއީޑީގެ އުމުރު ދިގުވުމެވެ. ދެވަނަ މަންފާއަކީ އަދި އެންމެ މުހިއްމު ކަމަކީ، ހުރިހާ އެލްއީޑީއަކަށް ވަކިން ނަރުގުޅަން ނުޖެހޭކަމެވެ. ކޮންމެ ބަރިއަކަށް ގުޅަންޖެހޭނީ އެންމެ ނަރެކެވެ. ނަމަވެސް ކޮންމެ ފައްޗަކަށް ނަރެއް ގުޅަންޖެހޭނެއެވެ. ތިރީގައި އެވަނީ މި ބާވަތުގެ 64 އެލްއީޑީ ހިމެނޭ 8×8 ގެ ބައެކެވެ. ފާހަގަކުރެއްވޭނީ 64 އެލްއީޑީ ވަކިވަކިން ދިއްލަން އެއިން ނުކުމެފައިވަނީ އެންމެ 16 ފައިކަށިކަމެވެ.

ތިރީގައި އެވަނީ އަކުރުތައް ދުވާ މެސެޖުބޯޑެކެވެ. މި ބޯޑުގެ އަކުރުތައް އަބަދަކު ދިއްލިފައެއް ނުހުރެއެވެ. ކުރިއެކޭ އެއްގޮތަށް މަތިން ފަށައިގެން ތިރިއަށް ފަހަރަކު ބަރިއެއް ދިއްލި ނިވެއެވެ. ނިމުމަށް ފަހު ދެން ފުރަތަމަ ބަރި ދިއްލޭއިރު، ދިއްލޭ ބޮކިތައް ހުންނަނީ ވާތް ފަރާތަށް އެއް ބޮކީގެ މިންވަރަށް ޖެހިފައެވެ. ދެން މިގޮތަށް ހުރިހާ ބަރިއެއް ދިއްލި ނިމުމުން އަނެއްކާ ވާތް ފަރާތަށް އެއް ބޮކީގެ މިންވަރަށް ޖެހިފައި އަލުން ބަރިތައް ދިއްލިނިވެއެވެ. މިކަން ވާލެއް އަވަސްކަމުން ބަލާމީހާއަށް ހީވާނީ ލިޔުންގަނޑު ދުވާހެންނެވެ.

އަށެއް ކީއްވެ؟


ކުރިން ދެންނެވިހެން، އެލްއީޑީ މެސެޖު ބޯޑު ހުންނަނީ 8 އެލްއީޑީގެ އުސްމިނުގައެވެ. އެއަށް ވުރެ އުސްކުރާނަމަ، 16 ގައި ނުވަތަ 32 ގައި ހުރެއެވެ. ނަމަވެސް 10 އެލްއީޑީ އުސްމިނުގެ ނުވަތަ 14 އެލްއީޑީ އުސްމިނުގެ ބޯޑެއް ނުހުރެއެވެ. އެއީ ކީއްވެ ހެއްޔެވެ؟

8، 16، 32، 64 … ފަދަ ޢަދަދުތަކަކީ 2 ގެ އެކި ބާރުގެ ޢަދަދުތަކެވެ. އަށެއް އެއީ  2³ އެވެ. ދޭއްގެ ތިން ބާރެވެ.  16 އަކީ  2 ގެ ހަތަރު ބާރެވެ. ހުރިހާ މެސެޖުބޯޑެއް މަސައްކަތް ކުރަނީ ކުޑަވަރެއްގެ ކޮމްޕިއުޓަރެއް ބޭނުންކޮށްގެންނެވެ. ކޮމްޕިއުޓަރަކީ އެންމެ ދެ އަދަދަކުން، ބައިނަރީއިން، މަސައްކަތްކުރާ އެއްްޗެކެވެ. އެހެންކަމުން، އެއިން އެލްއީޑީތައް ހިންގަނީ މުޅިންހެން 2 ގެ އެކި ބާރުގެ ޢަދަދުންނެވެ. މެސެޖުބޯޑު ހަދަނީ ވެސް މި ދެންނެވި ޢަދަދުގެ ބަރިތައް ހުންނަ ގޮތަށެވެ. މިކަން ބޮޑަށް ދެނެގަތުމަށް ކޮންމެވެސް މިންވަރަކަށް ކޮމްޕިއުޓަރ ހިނގާގޮތް ދެނެގަންނަން ޖެހޭތީ އާއި މައުޟޫޢުއާ ނުގުޅޭތީ ކުރުކުރަމެވެ.

8 އެލްއީޑީގެ އުސްމިނުގެ ތާނަ ފޮންޓެއް ހެދުން


އަޅުގަނޑު ކުރިން ދެންނެވިހެން، ޢާއްމުކޮށް މެސެޖުބޯޑު އެންމެ ހަނިކޮށް ހަދަނީ 8 އެލްއީޑީގެ އުސްމިނުގައެވެ. 8 އެލްއީޑީ ހުއްޓަސް  ބޭނުންކުރަނީ ދެ ފޮޅުވަތް ދެމެދަށް ލުމަށް އެއް އެލްއީޑީ ބާއްވައި،  7 އެލްއީޑީ އިންނެވެ. 7 އެލްއީޑީގެ އުސްމިނުގައި އިނގިރޭސި (ލެޓިން) ހުރިހާ އަކުރެއް ލިޔެވެއެވެ. އަދި ގިނަ އަކުރުތަކެއްގެ މެދުގައި މިސާލަކަށް E, B ގައި ހުރަހަށް މެދުން ރޮނގުދެމޭތީ އޮނަހިރި ޢަދަދެއް ބޭނުންކުރުމުން ސީދާ މެދުން އަކުރު ބައިކުރެވެއެވެ.

ޙަޤީޤަތުގައި އިނގިރޭސި ކެޕިޓަލް އަކުރުތައް ކިޔަން އެނގޭވަރަށް 5 އެލްއީޑީ ގެ އުސްމިނުގައި ވެސް ލިޔެވެއެވެ. ތިރީގައިވާ ތަޞްވީރަށް ބައްލަވާށެވެ.

މަތީގައިވާ ތަސްވީރުން ފާހަގަ ކުރެއްވޭނީ ކެޕިޓަލް އަކުރުތައް ފަސް އެލްއީޑީގެ އުސްމިނުގައި ލިޔެވުނަސް ސިމްޕްލް އަކުރުތައް ލިޔުމުގައި ދަތިތަކެއް ދިމާވާކަމެވެ. ސިމްޕްލް އަކުރު ފަސް އެލްއީޑީގެ އުސްމިނުގައި ލިޔާއިރު އެހެން ބައެއް އަކުރަށް ވުރެ އުސްކުރަން ޖެހެއެވެ. މިސާލަކަށް A, E, S ބައްލަވާށެވެ. ބައެއް އަކުރުގެ އެއްބައި މަދުކަންވެސް ފާހަގަ ކުރެވެއެވެ. މިސާލަކަށް j, y އަށް ބައްލަވާށެވެ.

ލެޓިން އަކުރުން ލިޔާއިރު، ފިލި އަކުރުތައް ހުންނަނީ އެހެން އަކުރުތަކާ އެއް ސައިޒަކަށް ކުރިއަށެވެ. ނަމަވެސް ތާނައިގައި ފިލި މިޖަހަން ޖެހެނީ އަކުރުގެ މަތީގައި ނުވަތަ ތިރީގައެވެ. އެހެންކަމުން، ތާނައިން 7 އެލްއީޑީގެ އުސްމިނުގައި އަކުރާއި ފިއްޔެއް ނުލިޔެވެއެވެ. ތާނައިން 7 އެލްއީޑިގެ އުސްމިނުގައި ލިޔާނަމަ، ފިލި ޖަހަންޖެހޭނީ އަކުރު ލިޔުމަށް ފަހު އޭގެ ފަހަތުގައެވެ. މި ފޮންޓު އަޅުގަނޑު ހެދީ އެގޮތަށެވެ. ތިރީގައި އެވަނީ ނަމޫނާ ޕެރެގުރާފެކެވެ.

ކިޔުމުގައި ދަތިތަކެއް ހުރިކަމަށް އެންމެ ފުރަތަމަ އެއްބަސްވާނީ އަޅުގަނޑެވެ. އަބަފިއްޔާއި އިބިފިލި ވަނީ އެންމެ އެލްއީޑީއަކަށް، ތިއްކަކަށް ކުޑަކޮށްފައެވެ. އޭބޭފިއްޔާއި އޫބޫފިލި ވަނީ ޢާއްމުކޮށް ހުންނަ ގޮތާ ތަފާތުކޮށް ތަކުރާރުވާ ފިލި ތިރީގައި ޖަހާފައެވެ. އެހެންކަމުން، މިހާބޮޑު ބަދަލުތަކަކާއެކު މިފަދަ ފޮންޓަކުން ލިޔެގެން ކިޔަން ދަތިތަކެއް ދިމާވާނެއެވެ. މި މައްސަލަ މެދުވެރިވަނީ ހަމައެކަނި ތާނައަކަށް ނޫނެވެ. ޗައިނާ ބަހާއި ފާރިސީ ބަހާއި ޢަރަބި ބަހާއި ތައީ ބަހާއި ހިންދީ ބަހުން ވެސް 7 އެލްއީޑީގެ އުސްމިނަކު ނުލިޔެވެއެވެ.

16 އެލްއީޑީގެ އުސްމިނުގައި ލިޔެވޭ ތާނަ ފޮންޓެއް ހެދުން


ޢާއްމުކޮށް ތާނަލިޔާގޮތަށް ފިލިތައް އަކުރުތަކުގެ މައްޗާއި ތިރީގައި ލިޔާކަމުގައި ވަނީ ނަމަ، ކިތައް އެލްއީޑީގެ އުސްމިން ބޭނުންވާނެ ހެއްޔެވެ؟ މި ފަދަ ސުވާލު އެހެން ބަސްބަހުގެ އަހުލުވެރީން ކުރެއެވެ. ފާރިސީބަސް ލިޔުމަށް 12 އެލްއީޑީގެ އުސްމިން ބޭނުންވާކަމަށް މިކަމާ ބެހޭ ދިރާސާއަކުން ހާމަވެފައި ވެއެވެ. އެހެން ގިނަ ބަސްތައް ވެސް މި އުސްމިނުގައި ލިޔެވޭނެއެވެ.

އެކި ބަސްބަހުން ލިޔުމަށް އެލްއީޑީ ބޯޑު ހަދަނީ 16 އެލްއީޑީގެ އުސްމިނުގައެވެ. އޭރުން އަކުރުތައް ފަވާފައި ލިޔެވެއެވެ. ތާނަލިޔުމަށް އެންމެ މަދު މިންވަރަކަށް ބޭނުންވަނީ 10 އެލްއީޑީގެ އުސްމިނެވެ. 16 އެލްއީޑީގެ އުސްމިނުގައި ފަވާފައި ތާނަ ލިޔެވޭނެއެވެ. ނަމަވެސް އެއީ ބައެއް އަކުރުތަކަށާއި ފިއްޔަށް ބަދަލުގެނެސް ގެންނެވެ. ތިރީގައިވާ ތަޞްވީރަށް ވިސްނަވާށެވެ.

މި ތަޞްވީރު ވެސް ކިޔުއްވަން އުޅުއްވުމުން ކުޑަ ދަތިތަކެއް ދިމާވާނެއެވެ. އެއީ އަބަފިއްޔާއި އިބިފިލި ލިޔެފައިވަނީ އެންމެ ތިއްކަކުން ނުވަތަ އެލްއީޑީ އަކުން ކަމަށް ވާތީއެވެ. އާބާފިއްޔާއި އީބީ ފިއްޔަށް ބޭނުންކޮށްފައިވަނީ ދެ ތިއްކެވެ. އުބުފިއްޔާއި އޭބެފިލި ފަސޭހަކަމާއެކު ދެނެގަނެވެއެވެ. އޮބޮފިއްޔާއި އޯބޯ ފިއްޔަށް ބޭނުންކޮށްފައިވާނީ އެންމެ ދެ އެލްއީޑިގެ އުސްމިނުގައި ޖެހޭ ތިކިތަކެކެވެ. ޢާއްމުކޮށް ބޭނުންކުރާ ފިއްޔާ ތަފާތުކަމުން، ފުރަތަމަ ކިޔަން ދަތިވިއަސް ފަހުން ފަރިތަވާނެއެވެ. އޮބޮފިއްޔަކީ  .·.  މިއެވެ. އޯބޯފިއްޔަކީ ·.· އެވެ. މިއަށްވުރެ ޢާއްމުކޮށް ތާނަލިޔާ އަކުރާ އެއްގޮތް ކުރާނަމަ، އެލްއީޑީގެ ގިނަ ބަރިތަކެއް ބޭނުންވާނެއެވެ.

އެލްއީޑީ މެސެޖު ބޯޑުގައި ބޭނުންކުރާ އަކުރުތަކާ މެދު


މިހާ ހިސާބަށް މި މަޒުމޫނު ކިޔުއްވި ބައެއް ބޭފުޅުންނަށް،  މެސެޖު ބޯޑުގައި ބޭނުންކުރާ އަކުރުތަކަކީ ކޮމްޕިއުޓަރުގައި ބޭނުންކުރާ ފޮންޓުތަކާ އެއްގޮތް އެއްޗެއް ކަމަށް ހީފުޅުވެދާނެއެވެ. ނަމަވެސް، މިކަންވަނީ މިގޮތަކަށް ނޫނެވެ. މެސެޖުބޯޑުގެ އަކުރުތައް ހުންނަނީ އޭގެ މެމަރީގައި (މޭދާގައި) ދިއްލަންވީ އެލްއީޑީތައް އެނގޭ ގޮތަށް ރައްކާކޮށްފައެވެ. އެހެން މަޢުލޫމާތެއް ފޮރުވާފައެއް ނުހުރެއެވެ. ދެން، އަކުރެއް ލިޔަންވީމާ، އަކުރުތަކުގެ ފައްޗެއް އެލްއީޑީތަކަށް ފޮނުވަނީއެވެ. މެސެޖުބޯޑަކުން އަކުރުތައް ބޮޑުކޮށެއް ކުޑަކޮށެއް ނުހެދޭނެއެވެ. ފެވި ފަލަ އަކުރުތަކެއް ބޭނުން ނަމަ، ޖެހޭނީ ފެވިއަކުރުތައް ދިއްލިފައި ހުންނައިރު ދިއްލަން ޖެހޭ އެލްއީޑީތައް އެނގޭގޮތަށް މެމަރީގައި ރައްކާކުރާށެވެ. މިގޮތަށް އަކުރުނޫން އެހެން ނިޝާންތަކާއި ރަމުޒުތައް ވެސް ރައްކާކުރެވިދާނެއެވެ.

ކަން މިހެން އޮތް އިރު، ކޮމްޕިއުޓަރުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފޮންޓެއް ހެދުމުގެ ބޭނުމަކީ ފަހެ ކޮބައިތޯއެވެ؟

އަޅުގަނޑު މިކަން މިކުރީ މެސެޖު ބޯޑު މަސައްކަތްކުރާގޮތް ތިޔަ ބޭފުޅުންނަށް ގެނެސްދިނުމަށާއި ތިޔަ ބޭފުޅުންގެ ބުއްދީގެ ކަސްރަތެއްގެ ގޮތުގައެވެ.

16 އެލްއީޑިގެ އަކުރުތައް ހިމެނޭ ފޮންޓު ޑައުންލޯޑު ކުރެއްވުމަށް މި ޖުމުލައަށް ފިތާލައްވާށެވެ. މިއާ އެކު 8 އެލްއީޑީގެ ފޮންޓުވެސް ޑައުންލޯޑު ވާނެއެވެ.

ތާނަ ފޮންޓުތަކާ ބެހޭ އެހެން މަޒުމޫނުތައް

ދިވެހި ބަހާ ބެހޭ އެހެން މަޒުމޫނުތައް