ތިރީގައި މި ގެނެސްދެނީ، ރަސްމީ ލިޔުންތައް އެންމެ ގިނައިން ލިޔާ ފޮންޓް ކަމުގައިވާ ”ފަރުމާ“ ފޮންޓް ފަރުމާ ކުރެއްވި ގޮތާ ބެހޭ ގޮތުން، އެ ފަރުމާ ކުރެއްވި މުޞްޠަފާ މުޙައްމަދު، އޭނާގެ އަމިއްލަފުޅު ގަލަމުން ލިޔުއްވާފައިވާ މަޒުމޫނެކެވެ. މިއީ ތާރީޚަށްޓަކައި މުހިއްމު ލިޔުމަކަށް ވާތީ، ހިމެނީމެވެ. މި ވެބްސައިޓްގައި ހިމެނޭ ގިނަ މަޒުމޫނަކީ އަޅުގަނޑުގެ ލިޔުން ކަމުގައިވާ ވިޔަސް، ”ފަރުމާ“ ފޮންޓުގެ އަސަރުތައް ކުރިއަށް އޮތް 100 ވަރަކަށް އަހަރު ވެސް ދިވެހި އަދަބީ ވެށީގައި ހުންނާނެތީ، މި އިސްތިސްނާ ހެދުމަށް ނިންމީއެވެ.

އެރީތި ފަރުމާ

މުޞްޠަފާ މުޙައްމަދު

އެއީ، 2002 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަލަށް ޢިމާރާތް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެ ދުވަސްވަރު ހިންގަމުން ގެންދިޔައީ، މުލީއާގޭގައެވެ. އަޅުގަނޑު މަސައްކަތްކުރަމުން ގެންދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސްގެ ޕްރޮޓޮކޯލްއާ ބެހޭބައިގައެވެ. ހަނދާންވާގޮތުގައި، އެއް ދުވަހެއްގެ 11ޖަހާކަށް ހާއިރެވެ. އަޅުގަނޑު މަސައްކަތްކުރާ ތަނަށް ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައި.ޓީ. އާބެހޭބައިގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ (އައި.ޓީ. ހެޑް) އަޙްމަދު ޢާޞިފެވެ. އަތްޕުޅުގައި އޮތް ފޯލްޑަރެއްގައި، އޭ-4  ސައިޒްގެ ހުދުކުލައިގެ ގަނޑެއް އޮތެވެ. އަޅުގަނޑު މަސައްކަތްކުރާ ބަޔަށް ވަޑައިގަތުމުން، އިޙްތިރާމާއެކު ތެދުވެ، އިސްވެ އަޅުގަނޑު ވާހަކަދައްކަން ފެށީމެވެ.

     ޢާޞިފާ ވާހަކަދައްކާލުމުން، އެ ވަޑައިގެންނެވި ބޭނުންފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުންތައް ކޮމްޕިއުޓަރުން ލިޔުމަށް އެ ދުވަސްވަރު ބޭނުންކުރާ ފޮންޓް ކަމުގައިވާ، މަލްޓި ލިންގުއަލް ސްކޮލަރ (އެމް.އެލް.އެސް.) ފޮންޓްގެ ބަދަލުގައި، ފޮންޓެއް ހެއްދެވުމާ ގުޅޭގޮތުން، އެމް.އެލް.އެސް. އިން އަކުރުތައް ލިޔެފައިވާ ސަފުހާއެއް ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅަށް ފޮނުވުމަށްޓަކައި ވަޑައިގެންނެވީކަން އެނގުނެވެ. އިތުރަށް ވާހަކަ ދައްކާލުމުން، ޢާޞިފް ވިދާޅުވީ، ވިންޑޯސް އެކްސް.ޕީ. މިހާރު ރާއްޖޭގައި ބޭނުންކުރަން ފަށައިފައިވުމާއެކު، އެމް.އެލް.އެސް. ޕުރޮގުރާމުގައި ބޭނުންކުރާ އަކުރުތަކުން ލިޔުމުގައި މައްސަލަތަކެއް ދިމާވާތީ، ފޮންޓެއް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ. މިގޮތަށް ޢާޞިފް ވިދާޅުވުމުން، [ފޮންޓް ހެދުމުގެ މަސައްކަތް އަޅުގަނޑާ ހަވާލުކުރައްވައިފާނަންތޯއޭ] ދަންނަވާލީމެވެ. ޢާޞިފް ދެއްވީ، ވަރަށް ކުރު ޖަވާބެކެވެ. [އަވަހަށް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވީ] ކަމަށެވެ. އެކަމާބެހޭ ޓެކްނިކަލް މަސައްކަތްކުރުމަށް، އައި.ޓީ.އާ ބެހޭބައިން މުވައްޒަފަކު ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

     އެ ދުވަސްވަރަކީ، ވިންޑޯސް އެކްސް.ޕީ. ތަޢާރުފުކުރި ދުވަސްވަރެވެ. ޑޮކްޓަރ ޙަސަން ޙަމީދު އެކުލަވައިލައްވައިފައިވާ، [ތާނަ: މަޢުލޫމާތު ޓެކްނޮލޮޖީއަށް އޮތް ގޮންޖެހުމެއް] މި ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިންޑޯސް އެކްސް.ޕީ. ނެރުމުގެ ކުރީގައި، ޔުނިކޯޑު ނިޒާމަކުން ފެންނަގޮތަށް، ތާނަ އަކުރުން ލިޔަމުން ގެންގޮސްފައި ވެއެވެ. ޔުނިކޯޑުގައި ތާނަ ހިމެނީ 2000ވަނަ އަހަރުއެވެ. ވިންޑޯސް އެކްސް.ޕީ. ނެރުނީ 2001 ގައި، ތާނަ ހިމަނައިގެންނެވެ. އަދި، މަލްޓި ލިންގުއަލް ސްކޮލަރ (އެމް.އެލް.އެސް.) އަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައްލަވައިގެން ގެންނަވައި، އެ ތަނުގެ ބައެއް މުވައްޒަފުންގެ އަތުލިޔުމާއި އިރުޝާދުން އުފައްދާފައިވާ އަކުރުތަކެއް ހިމެނޭ ޕުރޮގުރާމެއް ކަމުގައި، ޑޮކްޓަރ ޙަސަން ޙަމީދުގެ ކަރުދާހުގައި ވެއެވެ. މި ޕުރޮގްރާމު ކުރިން ވިއްކާފައިވަނީ، ސޭގާ ކިޔާ ގުރޫޕަކުން ކަމަށްވެސް އެ ލިޔުމުގައި ވެއެވެ.

ފޮންޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޢާޞިފް ވިދާޅުވުމުން، އަޅުގަނޑަށް ލިބުނީ ވަރަށްބޮޑު ހިތްވަރެކެވެ. އަޅުގަނޑަކީ، 1979 ވަނަ އަހަރުން ފެށިގެން ސަރުކާން ހިންގެވި، ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުގައި ބައިވެރިވެ، އާދައިގެ ވަނައެއްގައި ފާސްވެފައިވާ މީހެކެވެ.

     ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުން ފާސްވެފައިވާ މުވައްޒަފުންނަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ މަހަކު އުޖޫރައެއް ދެއްވާގޮތަށް ހަމަޖެއްސެވުމުން އަޅުގަނޑަށް އެ އުޖޫރަ ލިބެމުން ދިޔައެވެ. ފުރަތަމަ ދެއްވާގޮތަށް ހަމަޖެއްސެވީ މަހަކު -/15 ރުފިޔާއެވެ. އަދި،      1 ފެބުރުވަރީ 1990 އިން ފެށިގެން އެ އުޖޫރައަކީ، މަހަކު -/25 ރުފިޔާ ކަމަށް ހަމަޖައްސަވައި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކުން ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.

     ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުން ފާސްވެފައި ވުމާއެކު، ތާނައިގެ އަކުރުތައް ލިޔުމުގައި އަކުރުތަކުގެ ބައްޓަން ހުންނަންވީގޮތުގެ މަޢުލޫމާތާއި، އަކުރުތައް ލޮލަށް ރީތިވާގޮތް، ކޮންމެވެސް ވަރަކަށް ދަސްވެފައި ވެއެވެ. ރީތިކޮށް ތާނަ ލިޔުމުގެ ހުނަރު އަޅުގަނޑަށް ދަސްވީ، ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުގައި ކިޔަވައިދެއްވި މުދައްރިސެއް ކަމަށްވާ، އަލްމަރުޙޫމް މުޙައްމަދު ޞާދިޤުގެ ފަރާތުންނެވެ. އަދި، އެންމެކުޑައިރު، ތާނަ ލިޔުމުގެ ހުނަރު ދަސްކޮށްދެއްވީ، އަޅުގަނޑުގެ ބައްޕަ، (ކ.ކާށިދޫ) އަލްމަރުޙޫމް މުޙައްމަދު އާދަމެވެ. އެ ދެ މަރުޙޫމުންނަށް، ސުވަރުގޭގެ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަމެވެ.

     އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ، އަލްމަރުޙޫމް މުޙައްމަދު ޞާދިޤެވެ. އަޅުގަނޑު ހަނދާންވާގޮތުގައި، ޞާދިޤަކީ އޭރު، ރައީސުލްޖުމްހޫރިއްޔާގެ އެސިސްޓެންޓް ޓު ދި އެގްޒެކެޓިވް ސެކްރެޓެރީއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނީ، އުމުރުން 18 އަހަރުގައި، 1980 ވަނަ އަހަރުއެވެ. އަތުލިޔުން ރީތި މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭކަން އަޅުގަނޑަށް ފަހުން އެނގުނެވެ. އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީ، ޙަމްދާއި ޝުކުރު ކުރަމެވެ.

     ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކޮށްދޭ ކުލާހުގައި ބައިވެރިވެ ފާސްވެފައިވަތީ، ތާނައިން ރީތިކޮށް ލިޔުމުގެ ހުނަރު އަޅުގަނޑަށް ދަސްވެފައި ވެއެވެ. އެހެންނަމަވެސް، އަޅުގަނޑަކަށް އަޅުގަނޑުގެ ލިޔުން އެހާ ރީއްޗެއް ނޫނެވެ. އަޅުގަނޑަށް އެންމެ ރީތި ތާނަ ލިޔުމަކީ، އަޅުގަނޑާއެކު އެއް ކުލާހުގައި އުޅުއްވި،  މިހާރުވެސް އެއް އޮފީހުގައި މަސައްކަތް ކުރައްވާ، އަދި ތާނައިގެ ރީތި ފޮންޓްތަކެއް ހަދައްވައިފައިވާ، ބ. އޭދަފުށީ ޢަބްދުﷲ ވަޙީދުގެ އަތުލިޔުން ކަމަށްވާތީ، އޭނާގެ ލިޔުމާ އެއްގޮތަށް ލިޔެވޭތޯ އަބަދުވަސް މަސައްކަތް ކުރަމެވެ.

ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާ ރަސްމީ ލިޔުންތައް އެ ދުވަސްވަރު އަތުން ލިޔުއްވަނީ، ޢަބްދުﷲ ވަޙީދެވެ. އަޅުގަނޑުވެސް ހުންނަނީ، އެފަދަ ލިޔުމެއް ލިޔުމުގެ ފުރުޞަތު ލިބޭނެކަމުގެ އުންމީދުގައެވެ. އެހެންހުއްޓައި، އެއްދުވަހަކު އޮފީހުން އަޅުގަނޑާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚިޠާބެއް ލިޔުމަށެވެ. އެއީ، ރައްޔިތުންގެ މަޖިލީހަށް 50 އަހަރު ފުރުމުގު މުނާސަބަތާ ގުޅިގެން 26 ޖޫން 1981 ގައި ޝާއިޢުކުރި [ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް] މި ފޮތަށް ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ދެއްވި ޚިޠާބެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާގޮތަށް އަޅުގަނޑު ފުރަތަމަ ލިޔުނު ލިޔުމަކީ އެއީއެވެ. އޭގެއިތުރުން،  ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އެތައް އަހަރަކު، އަތުން ލިޔުނީމެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުއްވާ ރިޔާސީ ބަޔާނުގެ އަސްލާ އެއްގޮތަށް، ރިޔާސީ ބަޔާނުގެ ކޮޕީވެސް ލިޔަނީ އަތުންނެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރެއްވި ދެތިން މުވައްޒަފަކަށް އަޅުގަނޑު ތާނައަކުރުން ރީތިކޮށް ލިޔަން ދަސްކޮށްދިނީމެވެ. އޭގެތެރެއިން އެއްބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ގެ މަގާމު އަދާކުރެއްވި، މ. ކޮތަންމާގޭ މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އެވެ.

     އަޙްމަދު ޢާޞިފް ދެއްވި ފުރުޞަތުގެ ބޭނުންކޮށް، ފޮންޓް ހެދުމުގެ މަސައްކަތް ފެށީމެވެ. ޢާޞިފް ވިދާޅުވީ، ވަގުތު ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. އެ މަސައްކަތަށް އިބްރާހީމް ޔާސިރު  ހަމަޖައްސަވައިފައިވާ ކަމަށެވެ. މަސައްކަތް ފެށުމުން، އަޅުގަނޑަށް ފާހަގަވީ، އިބްރާހީމް ޔާސިރަކީ ވަރަށް ހުނަރުވެރި މޮޅު ކުއްޖެއް ކަމެވެ. އައި.ޓީ. ރޮނގުން ތަޢުލީމު ހާސިލުކޮށްފައިވާ ކުއްޖެއް ކަމުން، އަޅުގަނޑު ބޭނުންވާގޮތަށް އަކުރުތައް ވަރަށް ފަސޭހަކަމާއެކު ހަދައިދެއެވެ. އަދި ގެންނަން ބޭނުންވާ ބަދަލުތައްވެސް، ވަރަށް ހުނަރުވެރިކަމާއެކު، ގެނެސްދެއެވެ. މި މަސައްކަތް ކުރަމުން ގެންދިޔައީ، އައި.ޓީ. ޔުނިޓަށް އަޅުގަނޑުގޮސް، އިބްރާހީމް ޔާސިރު  މަސައްކަތްކުރާއިރު، އޭނާ މަސައްކަތްކުރާ ވަރކްސްޓޭޝަންގައި އޭނާގެ ގާތުގައި އިނދެގެންނެވެ.

     މަސައްކަތް ފަށައިގެން 3 މަހެއްހާ ދުވަސް ފާއިތުވީއިރު، އަކުރުތައް ހަދައި، ފޮންޓް ބޭނުންކުރަން ފެށޭވަރު ވެއްޖެއެވެ. ކޮންމެ މަރުޙަލާއެއްވެސް ނިމި، އިތުރަށް ކުރިއަށް ގެންދަނީ، އަޙްމަދު ޢާޞިފްގެ ލަފާގެ މަތިންނެވެ. އަޙްމަދު ޢާޞިފަކީ، އައި.ޓީ. ރޮނގުން ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. އަޙްމަދު ޢާޞިފްވަނީ، 31 އޮކްޓޫބަރު 1987ގައި، ކޮމްޕިއުޓަރ ބޭނުންކޮށްގެން، ލެޓިން އަކުރުން ޓައިޕްކޮށްފައިވާ އެއްޗެއް ތާނައަކުރުން ލިޔުމަށް، [ކޮމް-ތާނަ] ގެ ނަމުގައި ސޮފްޓްވެއަރއެއް ތައްޔާރުކުރައްވައިފައެވެ. އަޙްމަދު ޢާޞިފްގެ ތަޖްރިބާ ވެގެން ދިޔައީ، މިކަން ކާމިޔާބުވުމުގެ އެއް ސިއްރުކަމުގައެވެ.

     ފޮންޓްގެ ފުރަތަމަ މަރުޙަލާ ނިމިއްޖެއެވެ. ފޮންޓުގެ ނަމެއް ކަމުގައި ޢާޞިފު ދެއްވި ނަމަކީ، [އޭރީތި] މި ނަމެވެ. މަސައްކަތުގެ ފުރަތަމަ މަރުޙަލާގައި، [އޭރީތި] ފޮންޓް ބޭނުންކުރަން ފެށިއްޖެއެވެ. އެހެންނަމަވެސް، އާންމުކޮށް ބޭނުންކުރުމަށް ދޫކޮށެއް ނުލައެވެ.    

     ދެން އޮތީ، ދެވަނަ މަރުޙަލާއެވެ. ފޮންޓް، ލޮލަށް ރީތި ކުރުމަށްޓަކައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. ފުރަތަމަ މަރުޙަލާއިން ފާހަގަކުރެވުނު އެއްކަމަކީ، އަކުރުތަކުގެ ނިމުން، ނުވަތަ ފައިކޮޅު މާބޮޑަށް ވައްކޮށް ހުރުމެވެ. އެހެންކަމާއެކު، ދެވަނަ މަރުޙަލާގައި ބަދަލުތަކެއް ގެނެވުނެވެ. އަޅުގަނޑުގެ ވިސްނުންހުރީ، އަތުލިޔުމާ ވީހާ އެއްގޮތަކަށް އަކުރުތަކުގެ ބައްޓަން ބެހެއްޓުމަށެވެ. އަދި، ފޮންޓް ސައިޒް 12 ގައި ލިޔާއިރު، އާންމުކޮށް ހުންނާނީ އަތުލިޔުމާ އެއްވަރުގެ ސައިޒަކަށް ކަމަށް ބަލައިގެންނެވެ. ތިޔަ ބޭފުޅުންވެސް ތާނަ ލިޔުއްވާއިރު، ބައްލަވައިލައްވައިފިނަމަ، ފާހަގަކުރެއްވޭނެ ކަމަކީ، އަކުރު ލިޔެ ނިމޭއިރު، އަކުރުގެ ފައިކޮޅުގައި އެ ލިޔާ ގަލަމެއްގެ ގޮތުން ކޮންމެވެސްވަރެއްގެ ތުނޑެއް ލެވިފައި ވާކަމެވެ. އެހެންކަމުން، މި ފޮންޓްގެ އަކުރުތަކުގެ ނިމުން ބައްޓަންކޮށްފައިވާނީ، އެގޮތަށެވެ. ފޮންޓް ސައިޒް 12 ނުވަތަ 14 އަށްވުރެ ބޮޑުވުމުން، މި ފޮންޓް އެހާ ރީތި ކަމަކަށް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވެއެވެ.

     އަތުލިޔުމަކީ، އެފަދަ އެއްޗެކެވެ. ސައިކުރާ އިބްރާހީމް ނަޢީމް (1998) [ރަތްވިލާ] މި ފޮތުގެ 53 ވަނަ ސަފުހާގައި، ތާނަ ލިޔުމުގެ ސްޓައިލާބެހޭގޮތުން ލިޔުއްވައިފައި ވެއެވެ. ތާނަ އަކުރުން ލިޔުމުގައި، ތާނައަކީ، ޓެކްނިކަލް ގަވާއިދެއް އޮތް އަކުރެއް ކަމަކަށް ނުފެނުނެވެ. ހަމައެކަނި އޮތްހާވެސް ގަވާއިދަކީ، އަކުރުގެ ސިފައަށް އޮތް ގަވާއިދެވެ. ތާނަ އަކުރު ލިޔުމުގައި އޮންނަނީ، އެކި މީހުން ލިޔާ ލިޔުމުގެ ރީތި ހުތުރެވެ. އެވެސް އެކި ލޮލަށް އެކި ރީއްޗެވެ. އެކަކަށް ރީތިވާ ލިޔުން އަނެކަކަށް ހުތުރުވެދާނެއެވެ.

ފަރުމާގެ ދެ އިސްދާރެއް ވެއެވެ. ފުރަތަމަ ފޮންޓަށް ކިޔަނީ A_Faruma އެވެ. މި ފޮންޓުގައި އެ ފައުޅުކޮށްފައިވަނީ 2002 ގައި ކަމަށް އޭގައިވާ ތާރީޚެއްގައި ވެއެވެ. ދެވަނަ ފޮންޓުގެ ނަމަކީ Faruma އެވެ. މި ފޮންޓުގައިވާ ތާރީޚަކީ 18 ޑިސެމްބަރ 2014 އެވެ. މި ފޮންޓުގެ މައިގަނޑު ތަފާތެއް ކަމަށް ފެންނަނީ އޭގެ މިންތައް ތަފާތުކަމެވެ. ފަހު ފޮންޓުން ލިޔެވޭނީ (ފުލްސްޓޮޕް ފަދަ ނިޝާންތައް ފިޔަވައި) ތަންކޮޅެއް ފަލަކޮށެވެ. އެހެންވަނީ ދެ ފޮންޓުގެ މިންތައް ތަފާތުކަމުންނެވެ.

ފޮންޓް ހެދުމުގެ ދެވަނަ މަރުޙަލާ ނިމިއްޖެއެވެ. ލޮލަށް ރީތިކޮށް އަކުރުތަކުގެ ބައްޓަންތައް އެއްގޮތްކޮށް ނިމިއްޖެއެވެ. މިފަހަރުގެ ބަދަލުތައް ބައްލަވައިފައި ފޮންޓުގެ ނަމާބެހޭގޮތުން ޢާޞިފް ވިދާޅުވީ، މުޞްޠަފާއަށް ފެންނަ ނަމެއް ދިނުމަށެވެ. އަޅުގަނޑު ހުރީ އެކަމަށް ވިސްނައިގެންނެވެ. ފުރުޞަތު ދެއްވައިފިނަމަ، ނަމެއް ދިނުމަށެވެ. އަޅުގަނޑު ދިން ނަމަކީ، [ފަރުމާ] އެވެ. ފަރުމާގެ ކުރިއަށް އޭ އަކުރު ލައިފައި، [އޭފަރުމާ] ގެ ގޮތުގައި، ބޭނުންކުރަން ފެށިއްޖެއެވެ. ފޮންޓްގެ ނަމުގެ ކުރިއަށް އޭ އަކުރު މި ލައްވަނީ، ކީއްވެތޯ އަޅުގަނޑު ޢާޞިފް އަރިހުގައި ދަންނަވައިލީމެވެ. ޢާޞިފް ވިދާޅުވީ، އިނގިރޭސި އަކުރުތަކުގެ ތަރުތީބުން ތަރުތީބު ކޮށްލާއިރު، އޭ އަކުރު އޮތުމުން، އިނގިރޭސި އަކުރުތަކުގެ ތަރުތީބުން އެންމެ މައްޗަށް އޭ އަކުރުން ފެށޭ ނަންތައް އަންނާނެތީ، އެގޮތަށް [އޭ]  އަކުރު ހިމަނައިގެން ނަން ދެއްވީ ކަމަށެވެ.

     ތިންވަނަ މަރުޙަލާ ފެށިއްޖެއެވެ. އަކުރުތަކަށް އަނެއްކާވެސް އިތުރު ބަދަލުތައް ގެނެވިއްޖެއެވެ. ފިލިތައް އެތުރިފައި ހުންނަންވީގޮތާއި، ކޮންމެ ފިއްޔެއްވެސް އަކުރު މެދަށްވާގޮތަށް ބެހެއްޓުމާއި، އެއްއަކުރު އަނެއްއަކުރާ ބަހައްޓަންޖެހޭ ދުރުމިނާއި، އަކުރުތަކުގެ ފައިކޮޅުތައް އެއްގޮތްކުރުމާއި، ލެނބުންތަކާއި ބައްޓަންތައް އެއްގޮތްކުރުމާއި، ފޮޅުވަތުގައި އަކުރުތައް އެތުރިފައި ހުންނައިރު، އަކުރުތަކާއި މަތީ ފިލިތަކާ ދެމެދު ހުސްޖާގަ ބަހައްޓާ މިންވަރު ކަނޑައެޅުންފަދަ، ގެންނަންޖެހޭ މިނޫންވެސް ބަދަލުތަކެވެ. ފޮޅުވަތުގެ އެއްކޮޅުން އަނެއްކޮޅަށް ފިލިތަކުގެ ދޭތެރެއަށް ބައްލަވައިލައްވައިފިނަމަ، އަކުރުތަކާއި މަތީ ފިލިތަކާ ދެމެދު، ރޮނގެއް އޮންނަ ފަދައިން ހުސް ޖާގައެއް އޮންނަކަން ފާހަގަކުރެއްވޭނެއެވެ. މި މަރުޙަލާ ނިމުމުން ދެން ވިސްނީ ފޮންޓް އަވަހަށް ބޭނުންކުރަން ފެށުމަށެވެ. ފޮންޓް މުޅިން ނިމިގެނެއް ނޫނެވެ. އިޞްލާޙުކުރުމާއި، ބަދަލު ގެނައުމަކީ، އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ދެކިގެންނެވެ.

     ފޮންޓް ބޭނުންކުރަން ފެށިފަހުން، އިތުރު ބައެއް ބަދަލު ގެނެވުނެވެ. އެ ބަދަލުގެނެސް ދެން އާންމުކޮށް ބޭނުންކުރަން ފެށީ [ފަރުމާ] ގެ ނަމުގައެވެ. މިހާހިސާބުން، މި ނަން ދިނީ ކީއްވެތޯ ޢާޞިފް އައްސަވައިލެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ. މިއީ، އަޅުގަނޑުގެ އަތުލިޔުމުގެ އަކުރުތަކެއް ނޫނެވެ. އަކުރުތަކުގެ ބައްޓަން މިވަނީ، އަޅުގަނޑު ބޭނުންވިގޮތަށް، އަދި ލޮލަށް ރީތިވާގޮތަށް، [ފަރުމާ] ކޮށްފައެވެ. ޢާޞިފަށްވެސް މި ނަން ކަމުގޮސް، މި ފޮންޓަށް [ފަރުމާ] ފޮންޓްގެ ނަމުން ނަން ދިނީއެވެ.

     ފޮންޓް ހެދުމުގެ ފުރުޞަތު ލިބި މަސައްކަތް މި ކުރެވުނީ، ޢަރަބި ތާނަ ލިޔަން ދަސްކޮށްދޭ ކުލާސް ނިންމިތާ، 22 އަހަރު ފަހުންނެވެ. މިކަމުން އަދި އެހެން ޢިބްރަތެއްވެސް އަޅުގަނޑަށް ހާސިލު ކުރެވުނެވެ. ކިތަންމެ ދުވަހެއްގެ ފަހުން ނަމަވެސް، އެމީހަކު ހާސިލުކޮށްފައިވާ ޢިލްމަކާ ގުޅިގެން އެ ހުނަރުގެ ބޭނުންހިފަންޖެހިދާނެ ކަމެވެ.

     ފޮންޓް ހެދުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޓައިޕިންގ ޕޫލުގައި އެ ފޮންޓް ބޭނުންކުރަން ފެށުނެވެ. ފޮންޓް ބޭނުންކުރަން ފެށިއިރު، ލޮލަކަށް އެހާ ރީތި ކަމަކަށް ނުވެއެވެ. އެއީ، އަލަށް ބޭނުންކުރަން ފެށީމާކަން އަޅުގަނޑަށް އެނގެއެވެ. ފާޑުކިޔުންތައް ބަލައިގަނެ، ރީތިކުރުމުގެ މަސައްކަތް ގެންދިޔައީ ކުރިއަށެވެ. [ރީތިކޮށް ލިޔުމަކީ، ލޮލުގެ މިޔުޒިކެވެ.] މި ޖުމުލަ، ހަނދާނުގައި ބަހައްޓައިގެންނެވެ.

     މިހާހިސާބުން އަޅުގަނޑު މި ނަކަލުކޮށްލަނީ، ތާނަ ޢަރަބި ރީތިކޮށް ލިޔަން ދަސްކޮށްދޭ ކްލާހުގެ ފުރަތަމަ ބުރުގެ ނަތީޖާފާޅުކުރުމުގެ ޖަލްސާގައި، 5 މާރިޗު 1980 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ދެތިން ޖުމުލައެކެވެ.

          [އާދެ، އަޅުގަނޑު ދުށް އެއް ލިޔުމެއްގައި، އެ ލިޔުމެއް ލިޔުއްވި ބޭކަލަކު ލިޔުއްވާފައިވަނީ، [ރީތިކޮށް ލިޔުމަކީ ލޮލުގެ މިޔުޒިކެވެ.] އާދެ، އެ ލިޔާއިރު އެ އަކުރުތައް ލިޔެފައި ހުންނަ ރީތިކަމާއި، އެއް އަކުރު އަނެއް އަކުރާ ގުޅުވާފައި ހުންނަ ފުރިހަމަކަމާއި، ޖުމްލަ އެކުލެވިފައިވާ ރީތިގޮތާ، މިކަންތައްތަކަށް ވިސްނާއިރު، ….. [އެއީ މޫސީޤީ ނޯޓްތަކެއްފަދައެވެ.] ރީތި ރާގެއް އަޅުގަނޑުމެންނަށް އިވުމުން، އަޅުގަނޑުމެންގެ ކަންފަތަށް އެލިބޭ ހިތްގައިމުކަމާއި، އެލިބޭ އަރާމު، ރީތި ލިޔުމެއް ފެނުމުން އަޅުގަނޑުމެންގެ ލޮލަށްވެސް ލިބޭ. އެހެންވީމާ، ރީތިކޮށް ލިޔުމަކީ ލޮލުގެ މޫސީޤާރު. ލޮލުގެ މިޔުޒިކް.]

     މި ބަސްކޮޅާ އެއްގޮތަށް، ލޮލުގެ މިޔުޒިކެއް ކަމުގައި ބަލައިގަންނާނެ ފެންވަރަށް މި ފޮންޓް ހެދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ވަރަށްބޮޑަށް އޮތެވެ.

     ފޮންޓް ބޭނުންކުރަން ފެށިތާ 20 އަހަރު ފަހެވެ. 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެއް ރެއެއްގެ ޢިޝާ ނަމާދަށް އަޅުގަނޑު ދިޔައީ، ރައްޓެއްސެއްގެ ޖަނާޒާގައި ބައިވެރިވުމަށް، އާ ސަހަރާ މިސްކިތަށެވެ. މިސްކިތުން ނިމިގެން ނުކުތްވަގުތު، ޑޮކްޓަރ ޙަސަން ޙަމީދާ ބައްދަލުވިއެވެ. ސަލާމްކޮށްލެއްވުމަށްފަހު ވިދާޅުވީ، ވަގުތު އެބައޮތްތޯއެވެ؟ އަޅުގަނޑު އާދޭހޭ ދެންނެވީމެވެ. ވިދާޅުވީ، ތިމަންނާއާއެކު، ތިމަންނާގެ އޮފީހަށް ގޮސްލަދިނުމަށެވެ. ތިމަންނާގެ ފަހަތުން އައުމަށެވެ. ދެން ޙަސަން ޙަމީދު ސައިކަލުގައި ވަޑައިގަތްއިރު، އޭނާގެ ފަހަތުން އަޅުގަނޑުވެސް ސައިކަލުގައި ދިޔައީމެވެ. ޙަސަން ޙަމީދު ވަޑައިގަތްގޮތަށް ވެދެވަޑައިގަތީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށެވެ. ޔުނިވަރސިޓީގެ ދެކުނުފަރާތުންނެވެ. އަޅުގަނޑު ސައިކަލު ބޭރުގައި ބަހައްޓަން އުޅެނިކޮށް، ވިދާޅުވީ އެތެރެއަށް ސައިކަލު ވެއްދުމަށެވެ. އެއަށްފަހު، އަޅުގަނޑު ގޮވައިގެން ލިފްޓުން މައްޗަށް ވަޑައިގެން ވެދެވަޑައިގަތީ، ޔުނިވަރސިޓީގައި ހުރި، ޙަސަން ޙަމީދުގެ އޮފީސް ކޮޓަރިކޮޅަށެވެ. ގޮނޑީގައި އިށީނުމަށް އަޅުގަނޑަށް އިޝާރާތް ކޮށްލެއްވުމަށްފަހު، ޙަސަން ޙަމީދު އިށީނދެވަޑައިގެން ބައެއް ވާހަކަތައް ދައްކަވައިލައްވައި، ޙަސަން ޙަމީދު ލިޔުއްވައިފައިވާ 3 ފޮތެއް އަޅުގަނޑަށް ހަދިޔާ ކުރެއްވިއެވެ.

     އެއަށްފަހު ދެއްކެވީ، [ފަރުމާ] ފޮންޓުގެ ވާހަކައެވެ. އަޅުގަނޑުގެ ފޮންޓެއްތޯ އައްސަވައި، އެކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، ފޮންޓް ވަރަށް ރީތި ކަމަށް ވިދާޅުވިއެވެ. މަޒްމޫނެއްވެސް ލިޔެލުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. މިއީ، އަޅުގަނޑުގެ އެ މަސައްކަތަށް ލިބުނު ވަރަށް އަގުބޮޑު އިނާމެއް ކަމަށް އަޅުގަނޑު ދުށީމެވެ. މި އިނާމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ މަސައްކަތްކުރި މުވައްޒަފުންގެ ހިއްސާ ވަރަށްބޮޑު ކަމަށް އަޅުގަނޑު ދެންނެވީމެވެ. ޚާއްޞަކޮށް، އަޙްމަދު ޢާޞިފްގެ ނަން އަޅުގަނޑު ފާހަގަކުރީމެވެ.

ޑޮކްޓަރ ޙަސަން ޙަމީދަކީ، ކުރިއްސުރެވެސް ފޮންޓް ހައްދަވާ ބޭފުޅެކެވެ. ޙަސަން ޙަމީދު ހަދިޔާ ކުރެއްވި   3 ފޮތުގެ ތެރެއިން، އެއް ފޮތުގެ ނަމަކީ، [ފިނިފެންމަލުގެ ބަގީޗާ، ގުލިސްތާނު] އެވެ. ޙަސަން ޙަމީދު ވިދާޅުވީ، އެ ފޮތް ކިޔާލުމަށްފަހު، ވަގުތު ހޯދައިގެން، އެ ފޮތް ލިޔެފައިވާ ފޮންޓަށް ފާޑުކިޔައި، ގެންނަން ފެންނަ ބަދަލުތައް ފާހަގަކޮށްލަ ދިނުމަށެވެ. ޙަސަން ޙަމީދު އެދިވަޑައިގެންނެވި ގޮތަށް، އެ ފޮންޓަށް ގެންނަން އަޅުގަނޑަށް ފެންނަ ބަދަލުތައް، 1 ޖަނަވަރީ 2023 ގައި ޙަސަން ޙަމީދަށް ފޮނުވުމަކީ، އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު އުފަލެކެވެ.

ނިންމާލަމުން ފާހަގަކޮށްލަމެވެ. [ފަރުމާ] ފޮންޓަކީ، ވަރަށް ގިނަ މީހުން ބަލައިގެންފި ފޮންޓެއް ކަމަށް، އެކި މީހުންގެ ބުނުންތަކުން ޤަބޫލު ކުރެވެއެވެ. ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ލިޔުންތަކާއި، އާންމު ފަރާތްތަކުންނާއި، ޗާޕުޚާނާތަކުން އެ ފޮންޓުގެ ބޭނުން ކުރަމުން ގެންދެއެވެ. [ރީތިކޮށް ލިޔުމަކީ ލޮލުގެ މިޔުޒިކެވެ] ބުނާ ފަދައިން، ފަރުމާ ފޮންޓަކީވެސް އެފަދަ މިޔުޒިކެއް ކަމަށް ބަލައިގެންފި ކަމަށް ޤަބޫލުކުރެވެއެވެ.

ޖަލާލަތުގެ ލަފުޒު ކަމުގައިވާ ”ﷲ“ މިކަލިމަ، މި ފޮންޓުގައި ބޭނުންކޮށްފައި ވާނީ، އަތުލިޔުމުގައި ފަސޭހަކަމާއެކު ލިޔާއިރު އޮންނަ ގޮތަށް ފަރުމާކުރުމަށް، ސައިކުރާ އިބްރާހީމް ނަޢީމް، އަޙްމަދު ޢާޞިފަށް ދެއްވި ލަފާފުޅާ އެއްގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ، ތާނައަކުރުން ރީތިކޮށް ލިޔާ ހުނަރުވެރި ގިނަ މުވައްޒަފުންތަކެއް ތިބި އޮފީހެކެވެ. ފޮންޓުގެ އަކުރުތަކަށް ފުރިހަމަކަން ގެނައުމަށްޓަކައި، ނަމޫނާއަކަށް ބެލި މުވައްޒަފުންގެ އަތުލިޔުމުގެ ރީތިކަން، ހަމަ އެގޮތަށް އަކުރުތަކަށް ގެނެވޭތޯ މަސައްކަތްކޮށްފައި ވާނެއެވެ. އަކުރު ލިޔަން ފެށުމާއި، އަކުރުގެ ލެނބުންތަކާއި އަކުރު ލިޔެ ނިންމާލާއިރު އޮންނަ ގޮތާއި، އަކުރުގެ ބައްޓަމަށް އެ ފުރިހަމަކަން ގެނެވޭތޯވެސް ބަލައިފައި ވާނެއެވެ.

މިފަދަ މަސައްކަތެއް ކޮށް ނިންމާލުމުގެ ވިސްނުން އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މާތް ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި ފޮންޓު ފަރުމާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައި، އެކަން ފަހިކޮށްދެއްވި ކަމަށްޓަކައި، އަޙްމަދު ޢާޞިފަށް ޝުކުރު އަދާކުރަމެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އައި.ޓީ. ޓީމަށާއި، ޚާއްޞަކޮށް އިބްރާހީމް ޔާސިރަށް ޝުކުރު އަދާކުރަމެވެ. މި ފޮންޓް ފަރުމާ ކުރިއިރު، އަޅުގަނޑާއެކު އެ ދުވަސްވަރު މަސައްކަތްކުރެއްވި، ޢަބްދުއްސައްތާރު މުޙައްމަދު (މުލަކަތޮޅު މުލީ) އަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ ދުވަސްވަރު މަސައްކަތްކުރެއްވި، ސައިކުރާ އިބްރާހީމް ނަޢީމަށާއި، ޝަރަފުއްދީން އަބޫބަކުރުގެ، ބިނާކުރަނިވި ފާޑުކިޔުއްވުންތަކަށް ޝުކުރު އަދާކުރަމެވެ.

17 މޭ 2023

                                                                            މ.މ.

އޭ ރިވެތި އަދި ފަރުމާގެ އެކި އިސްދާރުތައް ޑައުންލޯޑު ކުރައްވާ

(ފަރުމާ އާއި އޭ-ފަރުމާގެ މައިގަނޑު ތަފާތަކީ އޭ-ފަރުމާ ހިމަކަމެވެ)

Click to download A_Rivethi and A_Faruma and Faruma
The main difference between the latter two is that the first has a light weight