ގަސްގަހުން ފިނިވަނީ ހިޔާވާތީ ހެއްޔެވެ؟ މިއީ ޙަޤީޤަތެއް ކަމުގައި ވާނަމަ، ރިޔަލެއް ނުވަތަ ފަންގަނޑެއްގެ ދަށުގައި ހުންނަ ފިނިހޫނުމިން، ހިޔާބޯ ގަހެއްގެ ދަށުގައި ހުންނަ ފިނިހޫނުމިނާ އެއްވަރު ވާން ޖެހޭނެއެވެ. ރިޔާ، ސަތަރި ފަދަ ތަކެތި ދަމައިގެން ފިނިހޫނުމިން ބެލި ބެލުމުން އެނގެނީ ގަސްގަހުން ފިނިވަނީ ހަމައެކަނި ހިޔާވާތީކީ ނޫންކަމެވެ. އެހެނީ ކޮންމެ ފަދަ މަޢުދަނަކުން، މާއްދާއަކުން ހަދައިފައިވާ ކިތަންމެ ބޯ އެއްޗެއް ދެމިއަސް، ގަސްގަހުންވާ ފިންޏެއް އެ އެއްޗަކުން ނުވާކަން ފާހަގަކުރެވެއެވެ. މިކަން ބޮޑަށް ދިރާސާކުރުމުން އޮޅުން ފިލަނީ މުށި ބަނޑިޔަލުގެ ފެން ފިނިވުމާއި ސެންޓު، ކޯލާވޯޓަރު ފަދަ ތަކެތި ހަމުގައި ޖެހުމުން ވާ ފިނިކަމާއި ގަސްގަހުންވާ ފިނިކަމާ ގުޅުންތަކެއް ހުރިކަމެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލެވޭތޯ މަސައްކަތް ކުރާނީ ގަސްގަހުން ބޮޑަށް ފިނިވާ ސަބަބެވެ. އަދި މިގޮތް ބޭނުންކޮށްގެން ފިނިކަން އުފައްދަން މީހުންކޮށްފައިވާ އީޖާދެވެ. 

ގަނޑުފެނާއި ފެނާއި އާތްވަކީ މާއްދީގޮތުން އެކައްޗެއްކަން އެންމެނަށް ވެސް އެނގެއެވެ. އެހެނީ ގަނޑުފެން އައިސް އަލަމާރިއަކުން ނަގާ ތައްޓަކަށް ލުމުން އެ ފެނަށް ބަދަލުވެއެވެ. ފެން އަނެއްކާ ގަނޑުކުރާ ބަޔަަށް ލުމުން ގަނޑުފެނަށް ބަދަލުވެއެވެ. ފެން ކެއްކުމުން އާތްވަށް ބަދަލުވެއެވެ. ސައިކުރައެއް ކެކޭއިރު، ވައްގަނޑުން ނުކުންނަ އާވީގައި ފިނި ވަތުތައްޓެއް ޖެއްސުމުން އާވި ފެނަށް ބަދަލުވެއެވެ. މި ކަން ކަމުން އެނގެނީ ގަނޑުފެނާއި ފެނާއި އާތްވަކީ އޭގެ އަސްލަށް ބަލާއިރު އެކައްޗެއް ކަމެވެ. އެ ހުންނަ ސިފަ ބަދަލުވަނީ ކަމެވެ. އަދި މިގޮތަށް ސިފަ ބަދަލުކުރުމަށް ހޫނުކުރަން ނުވަތަ ފިނިކުރަން ޖެހޭކަމެވެ. އަދި ޚާއްޞަކޮށް ފެން އާތްވަށް ބަދަލުކުރަން ބޭނުން ނަމަ، ގަދައަށް ހޫނުކުރަން ޖެހޭކަމެވެ. އާތްވަކީ ގޭހުގެ ބާވަތެކެވެ. ގޭސް ކިޔަނީ ގަނޑުކޮށް ނުވަތަ ދިޔާކޮށް ނޫން ގޮތަކަށް ހުންނަ ތަކެއްޗަށެވެ. ވަޔަކީ ވެސް ގޭހެވެ. ކޮންމެ އެއްޗެއް ވެސް ގޭހަށް ބަދަލުކުރެވޭނެއެވެ. ދަގަނޑުވެސް ވަރަށް ގަދައަށް ހޫނުކޮށްފި ނަމަ، ގޭހަށް ވާނެއެވެ. ދަގަނޑު ހޫނުކުރުމުން އެންމެ ފުރަތަމަ ވާނީ ދިޔަލެވެ. ދެން އިތުރަށް ހޫނުކުރުމުން ދަގަނޑުވެސް ގޭހަށް ބަދަލުވާނެއެވެ.

ބައެއް ދިޔާ އެއްޗިއްސަކީ– ބައެއް ދިޔައަކީ – ވަރަށް މަދު، ހޫނަކުން ގޭހަށް ބަދަލުވާ އެއްޗިއްސެވެ. މިފަދަ ދިޔަތަކުގެ ތެރޭގައި، ކޯލާވޯޓަރު، އިސްޕިރޭޓު، ޕެޓްރޯލް، ތިނަރު، ތާރަފިނި ފަދަ ދިޔަތައް ހިމެނެއެވެ. މިތަކެތި ގޭހަށް ބަދަލުވުމަށް ބޭނުންވާ ހޫނު ޖައްވުން ނުވަތަ ހުރި އެއްޗަކުން ލިބެއެވެ. ކޯލާވޯޓަރު ފޮދެއް ވަތުތައްޓަކަށް އަޅާފައި އިރުކޮޅަކު ބެހެއްޓުމުން އެ ގޭހަށް ބަދަލުވެ، ވަޔަަށް އަރައިގެން ގޮސް ހުސްވެއެވެ. ކޯލާވޯޓަރު ގޭހަށް ބަދަލުވާން ބޭނުންވާ ހޫނު ހޯދަނީ ވަތުތައްޓާއި ޖައްވުންނެވެ. އެހެންކަމުން، ކޯލާވޯޓަރު ގޭހަށް ބަދަލުވާން ބޭނުންވާ ހޫނު، ޖައްވާއި ވަތުތަށިން ނަގާތީ، ޖައްވާއި ވަތުތަށި ފިނިވާނެއެވެ. ވިސްނާލުމުން ޔަގީންވާ ފަދައިން ތަނަކުން އެއްޗެއް ނަގައިފިނަމަ އޭގައި ހުރި އެއްޗެތި މަދުވާނެއެވެ.  ޖަސްތު މަތިގަނޑަކަށް ކޯލާވޯޓަރު ނުވަތަ ތާރަފިނި ފޮދެއް އަޅާފައި ބެހެއްޓުމުން، މަތިގަނޑުވެސް ފިނިވެއެވެ. އެއީ ކޯލާވޯޓަރު އާތްވަށް ބަދަލުވުމަށް ބޭނުންވާ ހޫނުކަން މަތިގަނޑުން ނަގާތީ، މަތިގަނޑުގެ ހޫނު މަދުވާތީއެވެ. އަޅުގަނޑަަށް މިފަދަ އެންމެ އާދަޔާ ޚިލާފު އެއްޗަކަށް ފެނުނީ އީތަރު ކިޔާ ދިޔައެކެވެ. ބިއްލޫރި ތައްޓަކަށް އަޅާފައިފައި ތަށިތެޅުވުމުން އެ ގޭހަށް ބަދަލުވެއެވެ. މިހެންވާއިރު، ތަށިފިނިވާ ވަރުން، ތަށީގެ ބޭރުގައި، ޖައްވުގައި ހުންނަ އާވި ޖެހި ގަނޑުފެން ޖަހައެވެ. މަތީގައި ދެންނެވުނު ހުރިހާ މިސާލެއްގައި ވެސް ފިނިކަން އުފެދެން ދިމާވާ ސަބަބަކީ، ދިޔާ އެއްޗެއް އާތްވަށް (ގޭހަށް) ވެގެން ޖައްވަށް އަރައިގެން ދާއިރު، އެއަށް އެ ބޭނުންވާ ހޫނު އެ ހުރި އެއްޗަކުން ނަގާތީއެވެ. މިކަން ތިބާއަށް އެންމެ ފަސޭހައިން އިހުސާސް ކުރެވޭނީ ކޯލާވޯޓަރު ފަދަ ދިޔާ އެއްޗެއް ހަންގަނޑަށް ޖެހުމުންނެވެ. އޭރުން، ހަންގަނޑަށް ފިނިކަން އިހުސާސް ވާނެއެވެ. ސަބަބަކީ، އެ އެއްޗެއް ޖައްވަށް އަރައިގެން ދިޔުމަށް ނުވަތަ ގޭހަށް ބަދަލުވާން ބޭނުންވާ ހޫނު ހަންގަނޑުން ނަގާތީއެވެ. ހޫނު ހަންގަނޑުން މަދުވުމުން، ފިނިކަން އިޙްސާސްވެއެވެ. އާދެ! ފިނިކަމަކީ ހޫނު މަދުވުމެވެ. ހޫނުކަށް ދަށްވުމެވެ. 

އީތަރު އަކީ ވަރަށް ދަށް ހޫނުގައި ގޭހަށް ބަދަލުވާ އެއްޗެކެވެ. އެހެންކަމުން އެ ފުޅިއަކަށް އަޅައި ތެޅުވުމުން، ގޭހަށް ބަދަލުވާން ބޭނުންވާ ހޫނު ފުޅިން ނަގާތީ ފުޅި ފިނިވެ، ވައިގައި ހުންނަ އާވި ފުޅިވަށައިގެން ގަނޑުވެއެވެ. އިހުގައި މީހުން ހޭނެއްތުމަށް ބޭނުންކުރީ އީތަރެވެ. ނަމަވެސް ފަސޭހައިން ހުޅުހިފާތީ މި ޒަމާނުގެ ހޮސްޕިޓަލްތަކުގައި މިކަމަކަށް އީތަރެއް ބޭނުމެއް ނުކުރެއެވެ. 

މުށި ބަނޑިޔަލުގައި ހުންނަ ފެން ފިނިވާ ސަބަބަކީ ވެސް މިއެވެ. މުށި ބަނޑިޔަލުގައި ލޮލަށް ނުފެންނަހާ ކުދި ލޯވަޅު (ވިދު) ތަކެއް ހުރެއެވެ. މި ވިދުތައް ކުޑަކަމުން ފެން ކޮންމެވެސް ވަރަކަށް ހަރުލިޔަސް، ފެނުގެ ޒައްރުތައް ހުންނަނީ މި ވިދުތަކުން ނުކުމެ ނުކުމެއެވެ. މިފެން ވަޔަށް އަރައިގެން ދާއިރު، މުށިބަނޑިޔަލުން ހޫނު މަދުވާތީ، ބަނޑިޔާ ފިނިވެއެވެ. އެހެންކަމުން ބަނޑިޔަލުގައި ހުންނަ ފެން ވެސް ފިނިވަނީ އެވެ.

ތެތް ގަންޖިފަރާހެއް ނުވަތަ ޓީޝާޓެއް ލައިގެން ވައިޖެހޭ ތަނެއްގައި ހުރުމުން ވަރަށް ބޮޑަށް ހަށިގަނޑު ފިނިވެއެވެ. ސަބަަބަކީ ވައި ޖެހުމުން ގަންޖިފަރާހުގައި ހންނަ ފެން އަވަހަށް ވަޔަށް އަރައިގެންދާތީ އެވެ. މިކަމަށް ބޭނުންވާ ހޫނު، ހަށިގަނޑުން ނަގާތީ ހަށިގަނޑު ފިނިވެއެވެ. ބައެއް މީހުންނަށް މިހެން މެދުވެރިވުމުން ރޯގާވެސް ޖެހެއެވެ. ނަމަވެސް ރޯގާ ޖެހެނީ ފިނިވާތީކީ ނޫނެވެ. ހަށިގަނޑު ފިނިވީމާ އިންސާނާގެ ގައިގައި ހުންނަ ޖަރާސީމުގެ ބާރު، އޭނާގެ ދިފާޢީ ބާރަށް ވުރެ ގަދަވަނީއެވެ.

އިންސާނާގެ ހަށިގަނޑު، ހޫނު ވެއްޖެނަމަ، ފިނިކުރަން ވެސް، ފިޠުރަތުން މި އުސޫލު ބޭނުންކުރެއެވެ. ހަށިގަނޑު މާބޮޑަށް ހޫނުވުމުން، ހަމުގައި ހުންނަ ލޯވަޅުތަކަކުން ފެން (ދައު) ނުކުމެއެވެ.  މި ދައު ގޭހަށް ބަދަލުވެ ޖައްވަށް ދިއުމުން ހަންގަނޑު ފިނިވެ، ހަށިގަނޑު ވެސް ފިނިވެއެވެ.

އާދެ! ދެން ގަސްތަކުގެ ވާހަކަ އެހެން ނޫންތޯއެވެ؟ އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ ދިޔަ ބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އާދެ! ގަސްގަހުގެ ފަތްތަކުގައި ވަރަށް ހިމަ ލޯވަޅުތަކެއް ހުރެއެވެ. މި ލޯވަޅުތަކުން ދުވާލުގެ ގަޑީގައި ފެން ހުންނަނީ އަބަދު ވެސް ނުކުމެ  ނުކުމެއެވެ. މި ފެން ޖައްވުގައި ޖެހުމުން އާތްވަށް ބަދަލުވެގެން ވަޔަށް އަރައިގެން ދެއެވެ. ފެން އާތްވަށް ބަދަލުވާން ބޭނުންވާ ހޫނު ހޯދަނީ ފަތުންނެވެ. އެހެންކަމުން ފަތް ފިނިވެއެވެ. ޖައްވުގައިވާ ވައި ހުންނަނީ ފަތުގައި ޖެހިފައެވެ. ދެން ވާގޮތަކީ ޖައްވުވެސް މި ފަތުން ފިނިވަނީއެވެ. މި ސަބަބާ ހުރެ، ގަހެއްގެ ފަތް ގިނަވިވަރަކަށް، އަދި ފަތުގެ އޭރިއާ ބޮޑުވި ވަރަކަށް ގަހުން އުފައްދާ ފިނިކަން ބޮޑުވާނެއެވެ.

ގަހެއްގެ ގަސްކަނދު ގަޑު (ޓްރަންކް) އަށް ބޮޑުވާ ބިއްލޫރިން ބެލުމުން ފާހަގަ ކުރެވެނީ ގަހުގެ ފަތްތަކަށް ފެން ބިމުން ނެގުމަށް އޭގައި ގިނަ ހޮޅިތަކެއް ހުންނަކަމެވެ. މި ފޮޓޯގައި ހުދު ލޯވަޅުތަކެއްހެން އެ ފެންނަނީ ފަތްތަކަށް މުލުން ފެން ގެންދާ ހޮޅިތަކެވެ. ބިމުން ފެން މައްްޗަށް ގަސްކަނދުން އަރަނީ ބައްތީގެ ފީތާއިން ތެޔޮ ހުޅުގަނޑާ ދިމާއަށް ގެންދާ ފަދަ ގޮތަކަށެވެ.

ގަހެއްގެ ފަތްތަކުން ކިހާ ފެނެއް މިގޮތަށް ބޭރުވާނެކަމަށް ލަފާ ކުރައްވަންތޯއެވެ؟ ހިޔާ ބޮޑު ބަބުކެޔޮގަސް ފާޑުގެ ގަހަކުން ދުވާލަކު ތެޔޮ އަޅާ ފީފާގެ ތިން ފީފާ ފެން ބޭރުވާ ކަމަށް ފޮތްތަކުގައި ލިޔެފައި ހުރެއެވެ. އަދި ކީއްތޯއެވެ؟ ފެން ނެތް ރަށަކަށް ބެހިގެން ދެވިއްޖެނަމަ، ސަލާމަތުން ހުންނާނެ ގޮތްތައް ލިޔެފައި ހުންނަ ފޮތްތަކުގައި، ގޮފިގަނޑެއްގައި ޕްލާސްޓިކް ބޮޑު ކޮތަޅެއް އައްސައިގެން ދިރިހުރުމަށް ބޭނުންވާ ފެން ފަތްތަކުން ހޯދޭނެކަމަށް ލިޔެފައި ހުރެއެވެ.

ގަހެއްގެ ފަތަކަށް ބޮޑުވާ ބިއްލޫރިން ބެލުމުން ގަހުން ފެން ނުކުންނަ ލޯވަޅުތައް ފެނެއެވެ. ހޫނު ވަގުތުގައި މިއިން ފެން ނުކުމެ ގޭހަށް ބަދަލުވާތީ، ފަތް ފިނިވެއެވެ. ފަތުގައި ވައި ޖެހުމުން ވައި ވެސް ފިނިވެއެވެ. ރާއްޖޭގައި ހުންނަ ގަސްތަކުން އެންމެ ބޮޑަށް ފިނިވަނީ މަގޫ ގަހުން ކަމަށް ބުނެއެވެ. ފަތްތައް ބޯވެފައި ގިނަ ނަމަ، ފިނިވާ މިންވަރު ބޮޑުވާނެއެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާއިން ނެރެފައިވާ ލިޔުމެއްގައި، ބޮޑު ގަހަކުން 10 ކިލޯވޮޓްގެ ވައި ފިނިކުރާ އެއަރ ކޮންޑިޝަނަރ (އޭސީ) ގެ އަކުން އުފައްދާ ފިނި އުފައްދައިދޭނެކަމަށް ލިޔެފައިވަނިކޮށް އަޅުގަނޑު ދުށީމެވެ. މާލޭގައި ޢާއްމުކޮށް ގެންގުޅެނީ އެއް ކިލޯވޮޓް ނުވަތަ ދެކިލޯވޮޓް ގެ އޭސީއެވެ. މައުޟޫޢުުން ބޭރު ވެވުނަސް، ކުރިން ދެންނެވި ލިޔުމުގައިވާ އެއް ވާހަކައެއް ދަންނަވާލާނަމެވެ. އެއީ ގަސް ހުންނަ ހިސާބުގައި ޖައްވުގައި ހިރަފުސް މަދު ވާހަކައެވެ. ސައިންސްވެރީން ޖައްވުގައި ހުންނަ ހިރަފުސް މިނާ ގޮތެއް އޮވެއެވެ. ގަސްތައް ހުންނަ ހިސާބުގައި، ގަސް ނެތް ހިސާބާ އަޅާބަލާއިރު ފަސްގުނައަށް ހިރަފުސް ޖައްވުގައި މަދެވެ. މިކަން މިހެން ދިމާވާ ސަބަބަކީ، ފަތުގެ ދެ ފަރާތުގައި ހިރަފުސް ތަތްލާީ ޖައްވުން ހިރަފުސް މަދުވަނިއެވެ. ކުރިން ދެންނެވިހެން، ގަހެއްގެ ފަތްތައް ގިނަވި ވަރަކަށް އަދި ފަތުގެ ސަޠަޙަ ނުވަތަ އޭރިއާ ބޮޑުވި ވަރަކަށް ޖައްވުން ހިރަފުސް ސާފުކޮށްދޭ މިންވަރު ބޮޑުވާނެއެވެ. ގަސް މަދު ހިސާބުގައި ދިރިއުޅޭ ކުޑަކުދީންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދީންނަކީ ނޭވާލުމުގެ ނިޒާމަށް ކޮންމެވެސް ކަހަލަ ދައްޗެއް ދިމާވެފައިވާ ކުދީންކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

އާދެ! ދެން މައުޟޫޢުއަށް އިޢާދަވަމާ ތޯއެވެ. ގަސްތަކުން ފިވާގޮތް އޮޅުން ފިލުމުން، އެގޮތަށް ޖައްވު ފިނިކުރަން ފަށާފައި ވެއެވެ. ދިވެހީންގެ ތެރެއިން ބައެއް މީހުންނަށް ފެނިފައިވާނޭ ތަނެކެވެ. އަރަފާތުގެ ބިމުގައި ޖަހާފައި ހުންނަ ހޮޅިތަކަކުން މިހާރަކަށް އައިސް ހައްޖުދުވަހު އަރަފާތު ބިން އޮންނަނީ ކުރިއަށް ވުރެ ފިނިކޮށްފައެވެ. މިކަން ކުރާ ގޮތަކީ، މި ހޮޅިތަކުން ފެން ހުންަނނީ ވަރަށް ބޮޑު ފިއްތުމަކާ އެކު ފޮނުވާފައެވެ. ހޮޅިތަކުގެ ކޮޅުގައިވާ ހިމަ ލޯވަޅުތަކަކުން މިފެން ނުކުތުމުން އަވަހަށް އާތްވަށް ބަދަލުވައެވެ. އާވި ޒައްރާތަކުގެ ސަބަބުން ހީވާނީ، ދުންފިނި ގަނޑެއް ހެންނެވެ. ބޯ ޖަންގަލިތަކުގެ މަތީގައިވެސް މެންދުރު ވަގުތު މިގޮތަށް ދުންފިނި އޮންނަތަން ފެނެއެވެ. އެއީ ގަހުން ނުކުންނަ އާވިން އުފެދޭ އާވީގެ ވިލާގަނޑެވެ.

އޮސްޓްރޭލިއާ އާއި ޕާކިސްތާނާއި ސަޢުދީ އެރެބިއާގައި ދިވެހިރާއްޖޭގައި ނުގެންގުޅޭ ފަދަ އޭސީގެ ބާވަތެއް ގެންގުޅެއެވެ. އެއީ ގަހުން ފިނިވާ އުސޫލު ބޭނުންކޮށްގެން އީޖާދުކޮށްފައިވާ މެޝިނެކެވެ. ހައްޖު މޫސުމުގައި މިނާގައި ހުންނަ ފޭލިގެތައް ވެސް ފިނިކޮށްފައި ހުންނަނީ މި ޒާތުގެ މެޝިނުންނެވެ. މިނާގެ މިދެންނެވި ފޭލިގެތަކާ މެދު ވިސްނުންތެރިކަމާ އެކު އޭސީއަށް ބަލައިލި މީހަކަށް ފެންނާނީ ވައި ފިނިކުމަށް ފޭލިގެއިން އެ މެޝިނަށް ވައި އެތެރެ ނުކުރާ ކަމެވެ. ރާއްޖޭގައި ހުންނަ އޭސީ ތަކުން ދައުރުކުރުވަނީ ކޮޓަރީގައި ހުންނަ ވައެވެ. މި ދެންނެވި ބާވަތުގެ އޭސީ މަސައްކަތްކުރާ ގޮތަކީ، ބޮޑު ފަންކާއަކުން ބޭރުގައި ހުންނަ ވައި ދަމާފައި، ކޮޓަރިތެރެއަށް ފޮނުވަނީ ފޯކޮށްފައި އޮންނަ އިސްޕަންޖު ގަނޑެއް މެދުވެރިކޮށެވެ. މިހެން ހެދުމުން، އިސްޕަންޖުގަނޑުގައި ހުންނަ ފެން، ދައުރުކުރާ ވަޔާއެކު އާތްވަށް ފަސޭހައިން ބަދަލުވެ، އިސްޕަންޖުގަނޑުވެސް، އަދި ޖައްވު ވެސް ފިނިވެއެވެ. މި ސަބަބާ ހެދި އޭސީއިން ފޮނުވާ ވައި ހުންނަނީ ފިނިކޮށެވެ. މިފަދަ އޭސީގެ އާދަޔާ ޚިލާފު ދެކަމެއް ވެއެވެ. އެއްކަމަކީ ރާއްޖޭގައި ހުންނަ ބާވަތުގެ އޭސީއަށް ވުރެ، މި ބާވަތުގެ އޭސީގެ އިލެކްޓްރިކް ޚަރަދު ހައެއްކަ ގުނައަށް ކުޑަކަމެވެ. އަނެއްކަމަކީ، މިފަދަ އޭސީއިން ކޮޓަރީގެ އެތެރޭގައި ހުންނަ ވައި ދައުރުނުކޮށް، ޖައްވުން ވައި އެތެރެެކުރާތީ އަބަދުވެސް ސާފު ވައި ލިބޭކަމެވެ.  މި ސަބަބުތަކާ ހެދި، ކުޑަދޮރު ހުޅުވައިގެން ވެސް މި ބާވަތުގެ އޭސީ ބޭނުން ކުރެވެއެވެ. 

މައްކާ ފަދަ ވައިގައި ތެތްކަން ނުހުންނަ ހިސާބުގައި، އަގުހެޔޮ ވައްތަރެއްގެ އޭސީއެއް ގެންގުޅެއެވެ. މީގައިވަނީ ފެންތިކި ޖައްސައިގެން ފޯކޮށްފައި އޮންނަ އިސްޕަންޖު ގަނޑެކެވެ. އިސްޕަންޖުގެ ތެރެއިން ފަންކާއަކުން ފެން ދެމުމުން، އިސްޕަންޖުގައި ހުންނަ ފެން އާތްވަށް ބަދަލުވެ، އިސްޕަންޖު ގަނޑު ފިނިވެއެވެ. މިހެންވެގެން އޭގެ ތެރެއިން ދާ ވައި ވެސް ފިނިވެއެވެ. މި ބާވަތުގެ އޭސީއެއް ޕާކިސްތާނު އެމްބަސީގައި ހަރުކޮށްފައި ހުއްޓައި އަޅުގަނޑު ދުށީމެވެ. ނަމަވެސް، އެއަކުން ފިންޏެއް ނުވާނެއެވެ. އެއީ ރާއްޖޭގެ ޖައްވުގައި އާވީގެ ގޮތުގައި ހުންނަ ފެން ގިނަކަމުންނެވެ.

ވައިގައި ތެތްކަން މަދު ހިސާބުތަކުގެ ޖައްވު ފިނިކުރަން ޕްރެޝަރުގައި ފެން ފޮނުވައިގެން ކުދި ފެންތިކި ޖައްވަށް ފޮނުވައެވެ. މިގޮތުން ވައިގެން ފިނިހޫނުމިން ފަސް ޑިގްރީ ދަށަށް ޖެއްސޭނެއެވެ. ތަނަކީ ބަންދު ތަނަކަށް ވާކަށް ނުޖެހޭނެއެވެ. ސ. ހިތަދޫގައި މި ގޮތަށް މީދުމަ އުފައްދާ އެއްޗެއް ހަރުކޮށްފައި ހުރި ތަނަކަށް އަޅުގަނޑު ދިޔައީމެވެ. ރާއްޖޭގެ ޖައްވުގައި ފެން ގިނަކަމުން، މިގޮތަށް ޖައްވެއް ފިންޏެއް ނުކުރެވޭނެއެވެ. 

ބައެއް ބޭފުޅުން މިހާ ހިސާބަށް ވިދާޅުވެފައި މިފަދަ އޭސީއެއް ބައްލަވައިގަންނަން ޚިޔާލު ކުރައްވައިފާނެއެވެ. އެހެންވެ، އެ ބާވަތުގެ އޭސީ ރާއްޖޭގައި މަސައްކަތް ނުކުރާނެ ވާހަކަ ދަންނަވާލަން ޖެހެއެވެ. ސަބަބަކީ، މި ބާވަތުގެ އޭސީ ބޭނުން ކުރާ ޤައުމުތަކުގެ ޖައްވުގައި ވައިގައި ހުންނަ އާވި ނުވަތަ ތެތްކަން ވަރަށް ދަށްވާނެއެވެ. މިސާލެއްގެ ގޮތުން މައްކާގެ ޖައްވުގައި ތެތްކަން ހުންނަނީ ގާތްގަޑަކަށް %10 ގައެވެ. ރާއްޖޭގައި ވައިގެ ތެތްކަން ހުންނަނީ %75 ގައެވެ. އެހެންކަމުން، މައްކާއަށް ވުރެ ހަތް ގުނަ އަށް ރާއްޖޭގެ ވައިގައި ތެތްކަން ނުވަތަ އާވި ގިނައެވެ. މިކަމުގެ ނަތީޖާއަކީ، ވަޔަށް ފަސޭހައިން އިތުރަށް އާވި އަރައިގެން ދިއުމުގެ ބާރު ކުޑަވުމެވެ. ފޯވެފައިވާ ރުމާލަކަށް އިތުރަށް ފެން ނަގައިނުގަންނަ ފަދައިން، ޖައްވުގެ ތެތްކަން ކުޑަ ނަމަ، ޖައްވު ހިކި ނަމަ، ގިނަ ފެން ޖައްވަށް ނަގައިގަތުމުގެ ބާރު ބޮޑުވާނެއެވެ. ތެތް ތުވާއްޔަކުން ގައި ހިއްކަން އުނދަގޫވާނެއެވެ. ހިކި ދުވާއްޔަކުން ގައިން ގިނަ ފެން އެއަށް ދަމައިގަނެވޭނެއެވެ. މި ސަބަބުތަކާ ހެދި، މައްކާ ފަދަ ވައިގައި ފެން މަދު މާހައުލެއްގައި އެއްޗެތި ހިއްކަން އަޅައިފިނަމަ ވަރަށް އަވަހަށް ހިކޭނެއެވެ. އަދި ވަރަށް އޮށްދާ ނުހިއްލާނެއެވެ. އެއީ ދާ ހިއްލާ ވަރަށް ދާތައް ވަޔަށް އަރައިގެން ދާނެތީއެވެ. ޖައްވު ހިކި (ނުވަތަ ތެތްކަން މަދު) މާހައުލުތަކުގައި، ލޮލާއި ހަމުގައި ހުންނަ ތެތްކަން ވެސް އާތްވަށް ވާލެއް އަވަސްކަމުން، ލޯ ހިރުވައި، ހަންގަނޑު ކުރަކިވެ ބައެއް ފަހަރު ތުންފަތް ތަންތަން ކަޑައިގެން ވެސް ދެއެވެ.

ފިނިކަމުން ސްނޯ ފައިބާ ހިސާބުގައި ވެސް އެއްޗެތި ބޭރުގައި އަޅައިގެން ހިއްކޭނެއެވެ. ސަބަބަކީ ވައިގައި ފެން މަދުކަމުންނެވެ. އަވިދީފައި ވައި ޖެހޭނަމަ، ބިމަށް ސްނޯ އޮހުނަސް އަންނައުނު ހިކޭނެއެވެ. މީހުން ހީކޮށްފާނެ ގޮތާ ޚިލާފަށް، ފިނި ޤައުމުތަކުގައި ވައިގެ ތެތްކަން ކުޑަވާނެއެވެ. އެހެންކަމުން، ތަކެތި ހިއްކަން ވަރަށް ފަސޭހަވާނެއެވެ.

ޖައްވަކީ ބޮޑު އިސްޕަންޖު ގަނޑެއް ފަަދަ ފެން އެއަށް ދަމައިގަންނަ އެއްޗެއްގެ ގޮތުގައި ވިސްނަވާށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ކަނޑު އޮންނަލެއް ކައިރިކަމުން، ޖައްވު އޮންނަނީ ކަނޑުގައި ޖެހިފައެވެ. އެހެންކަމުން އެ އިސްޕަންޖުގަނޑަށް ފެން ދެމޭހާ ގިނަައެއްކޮށް ފެން ހުންނަނީ ދެމި ޖައްވު ފެނުން ފޯވެފައެވެ. އެހެންކަމުން އެފަދަ ޖައްވަކަށް ފެން އިތުރަށް ދެމޭނީ ކުޑަކޮށެވެ. މިއާ ޚިލާފަށް ހޫނު ސަހަރާ ބިންތަކުގައި، ޖައްވުގައި ވަރަށް މަދު މިންވަރަކަށް ނޫނީ ފެނެއް ނުވަތަ އާތްވެއް ނުހުރެއެވެ. ވީމާ، އެފަދަ ޖައްވަކަށް ފެނާއި އާވި ބޮޑަށް ދެމޭނެއެވެ. ހަނދާން ކުރެއްވުން ހުއްޓެވެ. ޖައްވު ފިނިވުމާއި ތެތްވުމަކީ ތަފާތު ދެކަމެކެވެ. ފިނިވި ވަރަކަށް ޖައްވުމުގައި ތެތްކަން ކުޑަވާނެއެވެ. ވީމާ، ފިނި ޤައުމުތަކުގައި އެއްޗެތި އަވަހަށް ހިކުމާއި، ދާ ނުހިއްލުމާ ހަންގަނޑު ކުރަކިވުން އަވަސް ވާނެއެވެ.

ގަސްގަހުން ޖައްވު ފިނިކޮށްދޭ އުސޫލުން ފެން ފެންގަނޑާއި ފެންއަރުވާވަޑާމުން ޖައްވު ފިނިކޮށްދޭނެއެވެ. ޚާއްޞަކޮށް ވައިގެ ތެތްކަން ދަށް ނަމައެވެ. އަވީގެ ހޫނުމިނާއި ހިޔަލުގެ ހޫނުމިނުގައި ގިނަވެގެން 15 ދަރަޖަަައިގެ ތަފާތެއް ހުންނާނެއެވެ. ނަމަވެސް،  އެންމެ އަގުހެޔޮކޮށް އަދި ލޮލަށް އަރާމު ލިބޭ ގޮތަކަށް ޖައްވު ފިނިކޮށްދޭ އެއްޗަކީ އަދިވެސް ގަހެވެ.