ރާއްޖޭގައި އޭސީބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ މިކަމާ ގުޅިގެން ތަންތަނުން ފެންފައިބާ، އަދި ފަންގިފިލާ ނުވަތަ ސީލިން ފަދަ ތަންތަނުގައި ފޫ ޖަހާތީ އުޅެއެވެ. އެއަރ ކޮންޑިޝަނަރ ގައިވެސް ފޫ ޖަހާތީ ހަދާނެ ގޮތް ނޭނގިގެން އުޅެއެވެ. މިފަދަ މައްސަލަ ޙައްލުނުވެގެން ބައެއް މީހުން އަޅުގަނޑަށް ފޯނުކޮށް މަޝްވަރާކޮށްފައި ވެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާނީ، ކޮންމެ މީހަކަށް ވެސް އޮޅުންފިލާގޮތަށް، މި މައްސަލަ ފެށޭގޮތާއި އެކަމުގެ ޙައްލެވެ. މި މައްސަލަ  ހައްލުކުރާނެ ގޮތަކީ ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތަކަށް ވާނެއެވެ.

މަތީގައި އެވާ ފޮޓޯގައި އެވަނީ އޭސީގެ އެތެރެފަރާތުގައި ފޫ ޖަހާފައެވެ. އޭސީއިން ވައި ފޮނުވާއިރު، ފުލުގެ އޮށްތައް މުޅި ކޮޓަރިތެރެއަށް ފެތުރޭނެއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ ގެއެއްގެ ޝީޓްގެ ދަށެވެ. މަތި ފިނިކޮށްފައި ހުރި ހުރުމުން ޝީޓްގެ ދަށް ފަރާތުގައި އެވަނީ ފެނުން ތެތްވެފައެވެ. ފަންގިފިލާގައި ފޫ ޖަހާތީ ފަންގިފިލާ އެވަނީނަގާފައެވެ.

 ފުލަކީ ތެތްތަންތަނުގައި ޖަހާ ނުވަތަ ހެދޭ ދިރުން ހުންނަ އެއްޗެކެވެ. ގިނަ ދުވަސްވުމުން މި ކަޅުކުލައަށް ބަދަލުވެއެވެ. ތެތް ފޮތިގަނޑެއް ނުހިކި ގިނަ ދުވަހު އޮތުމުން އޭގައި ހުންނަ ތަންމުޑު ވަހަކީ، ފޫ ޖަހަމުންދާތީ ދުވާ ވަހެކެވެ. ފާޚާނާ ފަދަ ތެތް ތަންތަނުގެ ފާރުތަކުގައި ގިނައިން ފޫޖަހާފައި ހުރެއެވެ. އިނގިރޭސިބަހުން ފުލަށް ކިޔަނީ ފަންގަސް އެވެ. ފުލުގެ އާދަޔާ ޚިލާފު އެއް ސިފައަކީ، އެ ގިނަވަނީ އޭގެން ވަޔަށް ދޫކުރާ ކުދިކުދި ހަމަލޮލަށް ކިރިއާ ފެންނަ އޮށްތަކެއްގެ ސަބަބުންކަމަށް ވާކަމެވެ. އެކި އެއްޗެތީގައި ޖަހާފައިވާ ފުލުގެ ސަބަބުން މީގެ އޮށްތައް ވައިގެ ތެރޭގައި ގިނައިން ހުރެއެވެ. ފުލުގެއޮށް ގެތަކާއި މަގުމައްޗާއި އެހެން ވެސް ތަންތަނުގައި ވަޔާއެކު ފެތުރެމުން ދެއެވެ. ތެތް ތަނެއްގައި މިއިން އޮށެއްހަރުލައިފިނަމަ، އެ ފަޅާ، ހެދި އަވަހަށް ގިނަވެއެވެ. އިނގިރޭސިބަހުން ފުލަށް ”މޯލްޑް“ ވެސް ކިޔައެވެ. މޯލްޑް އާއި ފަންގަސް ގެ ތަފާތަކީ، ބައެއް ފަންގަސް އަކީ ހަމަ އެންމެ ސެލްއެއް ހިމެނޭ ދިރުމަކަށް ވާކަމެވެ. ޕާނާއި ކޭކު ފަދަ ތަކެތި ފިހާއިރު އަޅާ ކަމީރަކީ (ޔީސްޓް އަކީ) ފަންގަސްގެ ވައްތަރެކެވެ. އަދި ބިންމާ (މަޝްރޫމް) އަކީ ވެސް ފަންގަސް އެކެވެ. ދިވެހިބަހުން އެކި ބާވަތުގެ ފަންގަސް އަށް ފީމާ، ހަންޑިކުޑަ، ބިންމާ، ބުޅާކަންފަތް ފަދަ ނަން ކިޔައެވެ.

ޕާންފޮއްޗެއް ފަދަ އެއްޗެއްގައި ފޫ ޖަހަނީ ވައިގައި ހުންނަ ފުލުގެ އޮށްތައް ޕާންފޮތީގައި ހަރުލުމުންނެވެ. ދެން އެތެރެއަށް މޫލައިގެން ފޫތައް ފެތުރެން ފަށައެވެ. މައްޗަށް ހެދިފައި ހުންނަ ކުރާގަނޑެއް ފަދަ އެއްޗެއްގައި ފުލުގެ އޮށްތައް އަޅައެވެ. އެ ފަޅައިގެން ދިއުމުން މުޅި ޖައްވަށް ފެތުރިގެން ދެއެވެ. ގިނަ ފަހަރު ފޫ ޖަހަނީ ކޮންމެވެސް ވަރަކަށް ތެތްކަން ހުންނަ ތަކެތީގައެވެ. ފުލާއި ހޫނަކީ ދެ ހަތުރުންނެވެ.

ތަނެއްގައި ކަޅުކުލައިގެ ފޫ ޖަހާފައިވާ ނަމަ، އެއީ އެތަނެއް ގިނަ އިރު ތެތްކޮށް ހުންނަކަމުގެ ޢަލާމާތެކެވެ. އެހެނީ ހޫނު ތަންތަނަކު ފުލެއް ނުޖަހައެވެ. ވީމާ، ފޫ ޖެހުމުން ރައްކައުތެރިވުމަށް އަޅުގަނޑުމެން ބަލަންވީ އޭސީ ކުރުމާ ގުޅިގެން ތަންތަން ތެތްވަނީ ކީއްވެގެން ތޯއެވެ؟

ވައިގައި ފެން ހުރުން


އަޅުގަނޑުމެން ވައި ހަށިތެރެއަށް ފޮނުވައިގެން ނޭވާލަމުއެވެ. މި ވައި އެކުލެވިގެންވަނީ ތަފާތު ގޭސްތަކުންނެވެ. މައިގަނޑު ގޮތެއްގައި، ހުންނަނީ ނައިޓްރަޖަން ކިޔާ ގޭހަކާއި އޮކްސިޖަން ކިޔާ ގޭހެކެވެ. ނައިޓްރަޖަން ހުންނަނީ ޖުމުލަ ވައިގެ %78 އަށެވެ. އޮކްސިޖަން ހުންނަނީ ގާތްގަޑަކަށް %21 އަށެވެ. ދެން ހުންނަ ހުރިހާ ގޭހެއްގެ ނިސްބަތަކީ %1 އެވެ. މި %1 ގެ ތެރޭގައި ގޭހުގެ ގޮތުގައި ފެން ވެސް ހުރެއެވެ. ގޭސްގޮތުގައި ފެން ހުންނަ އިރު އެއަށް ކިޔަނީ ”އާވި“ އެވެ. 10 ފޫޓު 10 ފޫޓު 10 ފޫޓު ހުންނަ ކޮޓަރިއެއްގައި ހުންނަ ވައިގައި ގާތްގަޑަކަށް ބިއްލޫރި ތައްޓެއްގެ ފެން އާވީގެ ގޮތުގައި ހުންނާނެއެވެ.

މި ޒަމާނުގައި، ވައިގައި ހުންނަ އާވި ފެނަށް ބަދަލުކޮށް ބޯފެނަށް ހަދާ މެޝިނު ހުރެއެވެ. މީގެ މެޝިނު މާލޭގައި ވެސް ވިއްކަން ހުއްޓައި އަޅުގަނޑު ދުށީމެވެ. މިފަދަ މެޝިނުން ފެން އުފައްދާ ގޮތަކީ ވަރަށް ފިނިކޮށްފައި އޮންނަ ހޮޅިއެއްގެ މަތިން ވައި ފޮނުވަނީއެވެ. މި ވައި ހޮޅީގައި ޖެހުމުން ވައިގައިވާ ފެންއާވޮ ދިޔާވަނީއެވެ. ދެން ވަރަށް ބޮޑަށް ފުރޭނުމުން ބޯން ކަމުދެއެވެ.

ގިނަ ފެން ހުންނާނީ ހޫނުވައިގައި ހެއްޔެވެ؟ ނުވަތަ ފިނި ވައިގައި ހެއްޔެވެ؟


މަތީގައިވާ ސުވާލުގެ ޖަވާބު ވިސްނައި ގަނެވިއްޖެނަމަ، އަޅުގަނޑުމެންނަށް ފަންގިފިލާތަކުގައި ފޫ ޖެހުމުގެ މައްސަލަ އޮޅުން ފިލާނެއެވެ.  މިކަން ދެނެގަތުމަށް އަޅުގަނޑުމެން ޤަބޫލުކުރަންވީ ދުނިޔޭގައިވާ ހުރިހާ އެއްޗެއް ހުންނަނީ ޒައްރުން އެކުލެވިފާ ކަމެވެ. ހުރިހާ ޒައްރެއްވެސް އަބަދު ހުންނަނީ ތުރުތުރު އަޅަައެވެ. ގަޑުތަކެތީގައި ޒައްރުތައް ވަނީ އެއްތަނުން އަނެއް ތަނަށް ނުދެވޭގޮތަށް ބާވަތެއްގެ ބާރަކުން ހިފެހެއްޓިފައެވެ. ދިޔާ ތަކެތީގެ ޒައްރުތައް އެއް ތަނުން އަނެއް ތަނަށް ދެވެއެވެ. ދިޔައެއްގައި، ޒައްރުތައް ހިފެހެއްޓިފައި ހުންނަ ބާރު ކުޑައެވެ. ގޭހުގެ ޒައްރުތައް ހިފެހެއްޓިފައި ހުންނަނީ ވަރަށް ވެސް ކުޑަކޮށެވެ.

އެއްޗެއްގެ ހޫނު ގަދަވި ވަރަކަށް އޭގެ ޒައްރުތަކުގެ ތުރުތުރުއެޅުން ބޮޑުވާނެއެވެ. ފިނިވިވަރަކަށް އޭގެ ޒައްރުތަކުގެ ތުރުތުރުއެޅުން ކުޑަވާނެއެވެ. ޙަޤީޤަތުގައި ހޫނުމިނަކީ، ޒައްރުތަކުގެ ތުރުތުރުއެޅުން އަންގައިދޭ މިންގަނޑެކެވެ. އެއް ކޮޑި ފޫޓުގެ ބޮޑު ދެ ފޮއްޓާ މެދު ވިސްނަވާށެވެ. އެއް ފޮށީގައިވަނީ  ހޫނު ވައެވެ. އަނެއް ފޮށީގައިވަނީ ފިނިވައެވެ. ފެން އާވި ގިނަވާނީ މިއިން ކޮން ފޮއްޓެއްގައި ތޯއެވެ؟

ހޫނު ވައިގައި، ޒައްރުތައް ހުންނަނީ ދުރުދުރުގައެވެ. އެއީ އެ ބޮޑަށް ތުރުތުރުއަޅާތީއެވެ. އެހެންވެ އާވީގެ ޒައްރުތަކަށް ހޫނު ވައިގައި ޖާގަ އޮންނާތީ  އާވި ގިނަވާނެއެވެ. ފިނިވައިގެ ޒައްރުތައް ގާތްގާތުގައި ހުންނާތީ، އޭގައި  އާވީގެ ޒައްރުތަކަށް ބޮޑު ޖާގައެއް ނުވެއެވެ.

ގިނަ ދިވެހީން ހީކުރާނީ ފިނި ވައިގައި އާވި ނުވަތަ ފެން ގިނަވާނެކަމަށެވެ. މިއީ ކުށް ހީއެކެވެ. މިގޮތަށް ހީކުރެވެނީ ދިވެހިރާއްޖޭގެ މީހުންނަށް ތަޖުރިބާ ކުރެވިފައިވަނީ ޖައްވު ފިނި ދުވަސްވަރަކީ ވާރެވެހޭ ދުވަސްވަރު ކަމަށް ވާތީއެވެ. ވަރަށް ފިނި ޤައުމުތަކުގައި، ޖައްވު ފިނިކަމުން އޭގައި ފެންއާވި ހުންނަނީ ވަރަށް މަދުންނެވެ. އެހެންަކަމުން، ބޭރުގައި އެއްޗެއް ހިއްކަން އަޅައިފިނަމަ ވަރަށް އަވަހަށް ހިކެއެވެ. ފިނި ޤައުމުތަކުގައި އުޅޭ މީހުންގެ ހަންގަނޑުން ވަޔަށް ފެން އަވަހަށް ބޭރުވާތީ، ހަންގަނޑު ކުރަކިވިޔަ ނުދޭން ލޯޝަން ލާން ޖެހެއެވެ. ތުންފަތްފަދަ ތަންތަން ތެތްކަން މަދުވުމުން ކަނޑައިގެން ދެއެވެ. ފިނި ޤައުމުތަކުގެ މާހައުލުގައި ފެން ހުރެއެވެ. ނަމަވެސް އެ ފެން ހުންނަނީ ގަނޑުވެ ވަޔަށް އަރައިގެން ނުދާގޮތަށް ހިފެހެއްޓިފައެވެ. އާދެ! ފިނި ޖައްވުތައް މާ ހިކި ވާނެއެވެ. ހޫނު ޖައްވުތައް މާ ތެތް ވާނެއެވެ.

ހަނަފަސް ސަހަރާއެއްގައި ހޫނުމިން ހުރީ 30 ސެލްސިއަސްގައެވެ. ދިވެހިރާއްޖޭގެ ރަށެއްގައި ފިނިހޫނުމިން ހުރީވެސް 30 ގައެވެ. މި ދެތަނުން ޖައްވުގައި އާވި ގިނަވާނީ ކޮން ތަނެއްގައި ހެއްޔެވެ؟

ޖަވާބަކީ ރާއްޖޭގައެވެ. އެއީ ރަށާ ގާތުގައި ކަނޑުފަޅު އޮތުމުން ފަސޭހައިން ވަޔަށް އަރައިގެންދާނޭ ފެން ކަނޑުން ލިބޭނެތީއެވެ. މައްކާގެ ވައިގައި ތެތްކަން ހުންނަ ނިސްބަތަކީ %25 އެވެ. ރާއްޖޭގައި ގާތްގަޑަކަށް %80 އެވެ. 30 ދަރަޖަ ހޫނުމިން ހުންނަ މައްކާ، ރާއްޖޭގެ ރަށަކަށް ވުރެ އަރާމު ވާނެއެވެ. އެއީ ގައިން ހިއްލާ ދައު އަވަހަށް ވަޔަށް އަރައިގެންދާތީ ރާއްޖޭގެ ރަށަކަށް ވުރެ ފިނިކަމަށް ހީވާނެތީއެވެ.

ވައިގައި ފެން އާވި ހުންނަވަރާ ހޫނުމިނާ ގުޅެނީ ކިހިނެއް؟


މަތީގައިވާ މައުލޫމާތުން ހޫނު ވައިގައި ފެންއާވި ގިނަކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. ނަމަވެސް ކިހާވަރަކަށް ތޯއެވެ؟ ފެން ހުންނަ ވަރު ތަޙްޤީޤުކޮށްގެން ހޯދާފައި ވެއެވެ. ތިރީގައި އެވަނީ ފެން ހުންނަ މިންވަރު އަންގައިދޭ ޗާޓެކެވެ. މި ޗާޓުން ދައްކާގޮތުން، މޫދާ ކައިރި ހިސާބުތަކުގައި ހޫނު ގަދަވި ވަރަކަށް ވައިގައި ފެން ހުންނަ ނިސްބަތް މަތިވެއެވެ. މިސާލެއްގެ ގޮތުން ފިނިހޫނުމިން 0 ގައި ހުންނަ އިރު، ޖައްވުގައި ފެން ހުންނަނީ %0.7 މިންވަރަށެވެ. ނަމަވެސް ޖައްވުގެ ހޫނުމިން 35 ދަރަޖައަށް އެރުމުން ފެން ހުންނަ އިންސައްތަ %3 އަށް މަތިވެއެވެ. މިއީ މުޅި ވައިގައިވާ ހުރިހާ ގޭހުގެ ނިސްބަތުން ހުންނަ މިންވަރެވެ.

މޫސުމާ ބެހޭ އިދާރާތަކުން، ވައިގައި ތެތްކަން ހުންނަ މިންވަރު އިޢުލާނުކުރަނީ ވަކި ހޫނުމިނެއްގައި ފެންއާވި ހުރެވޭނޭ އެންމެ ގިނަ މިންވަރަށް ނިސްބަތްކޮށެވެ. % އިންނެވެ. %0 ތެތްކަން ހުރި ނަމަ، އެއްވެސް ތެތްކަމެއް (ފެންއާތްވެއް) ވައިގައި ނެތީއެވެ. %100 ނަމަ، ވަކި ފިނިހޫނުމިނެއްގައި ވައިގައި ހުރެވޭނެ އެންމެ ގިނަ މިނަށް ފެންއާވި ހުރީއެވެ. ރާއްޖޭގައި ޢާއްމުކޮށް ވައިގެ ތެތްކަން ހުންނަނީ %75 އާއި %85 އާ ދެމެދުއެވެ. މިއީ ވަރަށް މަތީ ވަޒަނެއްގެ ތެތްކަމެކެވެ. މިހެންވަނީ ރާއްޖޭގެ ރަށްތަކާ ވަރަށް ގާތުގައި ކަނޑުއޮންނާތީއެވެ. ފަސޭހައިން ރާއްޖޭގައި ދައު ހިއްލަނީ މި ތެތްކަމުގެ ސަބަބުން ދައު ވަޔަށް އަރައިގެން ނުދާތީއެވެ.

މި މަޒުމޫނުގެ މައިގަނޑު ސުވާލުގެ ޖަވާބު ދެނެގަތުމަށް މި ސުވާލާ މެދު ވިސްނަވާށެވެ. ވައިގެ ފިނި ހޫނުމިނަކީ 30 ދަރަޖައެވެ. ތެތްކަން ހުރި %100 ގައެވެ. ކުއްލިއަކަށް ފިނިހޫނުމިން ދަށްވެއްޖެނަމަ، ވައިގައި ހުރި ތެތްކަމަށް ނުވަތަ ފެން އާތްވައް ވާނީ ކިހިނެއް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ، ތަނެއްގައި ހުރި ވައިގައި، ހުރެވޭނޭ އެންމެ ގިނައިން ފެންއާވި ހުއްޓައި، ވައިގެ ހޫނުކަށް ދަށަށް ގޮސްފިނަމަ، ފެން އާވި، ފެނަށް ބަދަލުވާނެއެވެ. މިގޮތަށް ފެނަށް ބަދަލުވާއިރު، އެ ފެތް ހަރުލާނޭ ސަތަހައެއް ނުވަތަ ބިތެއް ފަދަ އެއްޗެއް ނެތްނަމަ، އެ ފެން ތިކިތިއްކަށްވެ ވިލާގަނޑެއްގެ ގޮތުގައި ފެންނާނެއެވެ. ސަތަހައެއް ނުވަތަ ތަތްލާނޭ އެއްޗެއް ހުރިނަމަ، ތަތްލާނީ އޭގައެވެ.

ވައިގައި ހުންނަ ފެން އާތްވަކީ ގޭހެކެވެ. އޭގައި ކުލައެއް ނުހުންނާތީ ނުފެނެއެވެ. ނަމަވެސް ފެންއާވި ފެންތިކިތަކަކަށް ބަދަލުވުމުން ދުންފިނީގެ ގޮތުގައި  ފެންނާނެއެވެ. ވިލާތަކަކީ ޙަޤީޤަތުގައި ދުންފިންޏެވެ — ފެންއާވި ފެންތިކިތަކަކަށް ބަދަލުވެފައިވާ ޖައްވުގައިވާ ތަނެކެވެ. ނަމަވެސް މިތިކިތައް ކުޑަކަމާއެކު ލުއިކަމުން ޖައްވުގައި ހަރުލައި ހުންނަނީ އެވެ. ދުނިޔޭގެ ޖައްވުގެ މައްޗަށް އެރިވަރަކަށް ފިނިވެއެވެ. ކޮންމެ ކިލޯމީޓަރަކުން 6 ދަރަޖަ ފިނިވާނެއެވެ. އެހެންވީމާ، ތި ރަށުން އެއް ކިލޯމީޓަރު އުސްމިނުގައި، އެންމެ ހޫނުގަދައިރު،  ހޫނުކަން ހުންނާނީ ގާތް ގަޑަކަށް 24 ދަރަޖައިގައެވެ.

ދުރުން ފެންނަ ވިލާތަކުގެ ތިރި ހުންނަނީ އެއްވަރަކަށެވެ. މަތި ހުންނަނީ އެއްވަރަކަށް ނޫނެވެ. ތިރި އެއްވަރަށް ހުންނަ ސަބަބަކީ، ކަނޑައެޅިފައިވާ ފިނިހޫނުމިނެއްގައި ފެންއާވި، ފެނަށް ބަދަލުވާތީއެވެ. މި ފިނިހޫނުމިން ހުންނާނީ ވަކި އުސްމިނެއްގައެވެ. މި ފިނިހޫނުމިނަށް ކިޔަނީ ޑިއުޕޮއިންޓް (dew point) އެވެ. އާދެ، ދުންފިނި، ފެންނަ ސައިޒުގެ ޝަބްނަމް ތިކިތަކަކަށް ބަަދަލުވާ ފިނިހޫނުމިނެވެ.

ވާރޭގެ ގޮތުގައި ފެންތިކިތައް ފައިބަނީ އެ ތިކިތައް ބޮޑުވެ ބަރުވުމުންނެވެ.

ޝަބްނަމް ތިކި ޖަހާ ހޫނުމިން (ޑިއުޕޮއިންޓް)


އައިސް އަލަމާރިއަކުން ފިނި ފެންފުޅިއެއް ނަގައި މޭޒު މަތީ ބަހައްޓައިފި ނަމަ، ފުޅީގެ ބޭރުގައި ފެންތިކިތަކެއް  ޖަހައެވެ. މި ފެން ތިކިތައް އުފެދެނީ ވައިގައި ހުންނަ ފެން އާވި، ފުޅީގެ ބޭރު ފިނިކަމުން ފެންތިކިތަކަކަށް ބަދަލުވާތީއެވެ. މިގޮތަށް ފެންތިކި ޖަހާނީ، ފުޅީގެ ބޭރު ވަކި ވަރަކަށް ފިނި ނަމައެވެ. މިއާއެކު ޖައްވުގެ ތެތްކަން ހުންނަ ނިސްބަތާއި ޖައްވުގެ ހޫނުމިން ވެސް ވަކި ވަރެއްގައި ހުންނަ ނަމައެވެ.  ޝަބްނަމް ތިކިޖަހަން ޖައްވު ހުންނަންޖެހޭ ހޫނުމިނާއި ވައިގައި ތެތްކަން ހުންނަ ނިސްބަތް ތަޖުރިބާއިން ހޯދައި ތާވަލު ހަދާފައި ހުރެއެވެ.  ތިރީގައި އެވަނީ އެފަދަ ތާވަލެކެވެ.

ރާއްޖޭގެ ޖައްވުގައި ޢާއްމުކޮށް ފިނިހޫނުމިން ހުންނަނީ 30 ސެލްސިއަސްގައި ކަމަށް ބަލާށެވެ. ރާއްޖޭގެ ވައިގެ ތެތްކަމުގެ ނިސްބަތް ހުންނަނީ ގިނަ ދުވަސް ދުވަހު %80 ގައެވެ. ތާވަލުގައި ވާތުން ކަނާތަށް އެވަނީ ދަނބު ކުލައިން ވައިގެ ތެތްކަމުގެ ނިސްބަތެވެ. ތިރިން މައްޗަށް އެވަނީ ޖައްވުގެ ހޫނުމިން ފެހިކުލައިން ފާހަގަކޮށްފަ އެވެ. 30 ސެލްސިއަސްގެ ހޫނުމިނުގައި ޖައްވުގައި %80 ތެތްކަން ހުންނަ ނަމަ، ޝަބްނަމް ތިކި އުފެދެން (ވައިގައި ހުންނަ ފެން އާވި ފެނަށް ބަދަލުވާން) ބޭނުންވާ ހޫނުމިނަކީ 26.2 ސެލްސިއަސް އެވެ. މި ވަރަށް ފިނިކަން ހުރި ފުޅިއެއްގެ ބޭރުގައި ފެންތިކިތައް ޖަހާނެއެވެ. އައިސްއަލަމާރިއެއްގެ ފިނިކަން ގިނަ ފަހަރު ހުންނަނީ 4 ދަރަޖައިގަ އެވެ. އެހެންކަމުން، 26.2 އަށް ވުރެ މާ ދަށެވެ. ވީމާ، ފަސޭހައިން ފުޅީގެ ބޭރުގައި ފެންތިކިތައް ޖަހާނެއެވެ. ފެން ނުޖަހާގޮތް ހަދަން ބޭނުންނަމަ، އެކަން ކުރެވިދާނެ އެއްގޮތަކީ ފުޅިވަށައިގެން ބޯ ތުވާއްޔެއް އޮޅައި ފުޅިއަށް ޖައްވުގެ ވައި ގާތްވިޔަ ނުދިނުމެވެ.

މިހާ ހިސާބަށް ތިޔަބޭފުޅުންނަށް ފެންތިކިޖަހާ ގޮތް އެނގިވަޑައިގެންފި ނަމަ، އޭސީކުރުމުން މޯލްޑް ނުވަތަ ފޫ ޖަހާ ސަބަބާއި އެކަން ހައްލުކުރާނޭ ގޮތް އެނގިވަޑައިގަންނަވާނެ އެވެ.

ޝަބްނަމް އުފެދެނީ ކީއްވެތޯ އެވެ؟

ޝަބްނަމް އަކީ ބައެއް ފަތިހުގައި ގަސްތަކުގެ ފަތްތަކުގައި ނުވަތަ އެހެން ވެސް ސަތަހައެއްގައި ހުންނަ ކުދި ފެންތިކިތަކެވެ. ދިވެހިބަހުން މިއަށް ކިޔަނީ ”ފިނި“ އެވެ. މި ލަފުޒު ދިވެހި ބަހުގެ ތެރެއަށް އައިސްފައިވަނީ ސިންގަޅަ ބަހުންނެވެ. ސިންގަޅަބަހުން ޝަބްނަމް އަށް ކިޔަނީ ”ޕިނި“ އެވެ. ޅެންވެރީން ފާރިސީ ލަފުޒެއް ކަމުގައިވާ ޝަބްނަމް ބޭނުންކުރަނީ ފިނި މި ލަފުޒުގެ އެތައް މާނައެއް ވާތީއެވެ. ޝަބްނަމްއަށް ޚާއްޞަ ދިވެހި ބަހެއް އޮވެއެވެ. އެއީ މޮޅޮއް އެވެ. މި ލަފުޒަކީ މުލަކަށް ޚާއްޞަ ލަފުޒެކެވެ. ބަސްފޮތުގައި މި ލަފުޒު ވެއެވެ. އިނގިރޭސިބަހުން ޝަބްނަމްއަށް ކިޔަނީ ޑިއު އެވެ. ބައެއް އަންހެން ކުދީންނަށް ނަދާ ކިޔައެވެ. މިއީ ޢަރަބި ބަހުން ޝަބްނަމް އަށް ކިޔާ ނަމެވެ.  އެނަމުން ރަމްޒުކޮށްދެނީ ތާޒާކަމާއި ސާފުކަމެވެ.

ޝަބްނަމް ނުވަތަ މޮޅޮއް އުފެދޭ ގޮތް ދަންނައެވެ. ދުވާލު އިރުން އަންނަ ހޫނުން ބިމާއި ގަސްތައް ހޫނުވެއެވެ. އިރު އޮއްސުމުން މި ހޫނުކަން ޖައްވަށް އަރައިގެން ދެއެވެ. ހޫނުކަން ބިމުން ގެއްލޭ މިންވަރު ބޮޑުވާނީ ޖައްވަށް އަރައިގެންދާ ހޫނު ރިވެލިކުރާނޭ ވިލާ އުޑުގައި ނެތް ރޭރެއެވެ. ފަތިސްވާއިރު، ބިންގަނޑާއި ޖައްވުން ހޫނުކަން މަދުވެ ވަރަށް ބޮޑަށް ފިނިވެއެވެ. ޖައްވުގައިވާ ވައިގައި ނުހިފެހެއްޓޭނޭ ފެންއާވި ދެން ފަތްތަކާއި އެހެން ސަތަހަތަކުގައި ފެންތިކީގެ ގޮތުގައި އުފެދެއެވެ. ފަތިހު އުފެދޭ ސަބަބަކީ އިރު އޮއްސުނުތާ އެންމެ ގިނައިރު ވާނީ ފަތިހުކަމަށްވާތީ އެންމެ ބޮޑަށް ޖައްވު ފިނިވާނީ ވެސް އެ އިރުކަމަށް ވާތީއެވެ. ކަން ދިމާވާ ގޮތުން އެއް ދުވަހަކު އިރު ނާރައިފިނަމަ، ފަތްތަކާއި ސަތަހަތަކުގައި ގަނޑުފެން އުފެދޭނެއެވެ. އެއީ ޖައްވު ފިނިވާލެއް ބޮޑުކަމުން ޖައްވުގައިވާ ފެންއާވީގެ ބަރު ބޮޑުވެގެންނެވެ.

އޭސީ ކުރުމާ ގުޅިގެން ފެން ފޭބުމާއި ފޫ ޖެހުން ހައްލުކުރުން


އަޅުގަނޑު ދެން ދަންނަވައިލާނީ އެކި މައްސަލަތައް ހައްލުކުރުމުގެ ތެރެއިން، ފޫ ޖެހުމާއި ފެން ފޭބުން ހައްލުކުރި ގޮތެވެ. އެ ތަޖުރިބާއިން ތިޔަބޭފުޅުންނަށް ކަންކުރަންވީ ގޮތް އެނގިވަޑައިގަންނަވާނެ އެވެ.

ފުރަތަމަ މައްސަލައަކަށް ދިމާވީ، ސެންޓަރ ފޯރ އޯޕަން ލާރނިން ބައު ޖަމާލުއްދީން ސްކޫލް ހުރި ޢިމާރާތުގައި ހިންގި ދުވަސްވަރު އެތަނުގެ ޖަލްސާކުރާ ކޮޓަރިއަށް ފެން ފޭބުމެވެ. ފެން ފައިބަނީ ކީއްވެގެންތޯ ބެލިއިރު ފަންގިފިލާގައި ފެންތިކިތައް އުފެދެނީ ފަންގިފިލާ މާ ބޮޑަށް ފިނިވެގެންނެވެ. މިހެން ހަދަނީ ކީއްވެގެންތޯ ބެލިއިރު، ވާގޮތަކީ މަތީބުރީގައި ހުރި އެންވަޔަރަމަންޓް ރިސާޗް ސެންޓަރު ގެ މައިކްރޮސްކޯޕްތައް ލާފައި ހުރި ކޮޓަރި ހުންނަނީ 16 ސެލްސިއަސްއަށް ފިނިކޮށްފައެވެ. މައްސަލަ ހައްލުވީ އެތަނުގެ ހޫނުމިން 24 ދަރަޖައަށް މަތިކޮށްގެންނެވެ.

ތިރީގައި އެވަނީ ރައްޓެއްސަކު އަޅުގަނޑަށް ފޮނުވި ފޮޓޯއެކެވެ.

ފޮޓޯއިން އެ ފެންނަނީ ފަންގިފިލައެއްގައި ފޫ ޖަހަން ފެށީމާ ވާގޮތް ބަލަން ފަންގިފިލާ ރޫޅައިލުމުން ފެންނަ ގޮތެވެ. ޝީޓްގެ ދަށްފަރާތުގައި އެވަނީ ޖައްވުގައި ހުރި ފެންއާވި ފެނަށް ބަދަލުވެފައެވެ. މިހެން ދިމާވަނީ، ޝީޓް މާ ބޮޑަށް ފިނިވެގެންނެވެ. ވެފައިވާ ގޮތަކީ މަތީބުރީގައި ދިރިއުޅޭ މީހުންގެ ކޮޓަރި އެވަނީ ވަރަށް ބޮޑަށް ފިނިކޮށްފައެވެ. ގާތްގަޑަކަށް 20 ދަރަޖައަށް ފިނިކޮށްފައެވެ. ތިރީބުރި ވަނީ އެވަރަށް ފިނިކޮށްފައެއް ނޫނެވެ. ތިރީގެ ހޫނުވައިގައި ގިނައިން ފެން އާވި ހުންނާނެއެވެ. މި ފެން އާވި ފިނި ޝީޓްގައި ޖެހުމުން، ފެން އާވި ޝަބްނަމްއަށް ބަދަލުވަނީ އެވެ. މިގޮތަށް ތިކި ޖެހުމަށް އިނގިރޭސިބަހުން ”ދައުހިއްލުން — sweating“ ކިޔަ އެވެ.  މި މައްސަލަ ހައްލުކުރުމަށް ހަދަން ޖެހޭނޭ ގޮތަކީ ކޮބައިތޯއެވެ؟

މަތީ ކޮޓަރިއަކީ އެހެން ބައެއް ދިރިއުޅޭ ކޮޓަރިއެކެވެ. އެ މީހުން ފިނިހޫނުމިން ދަށްކުރާކަން ބޭނުމެއް ނުވެއެވެ. އެހެންކަމުން ކަން ކުރަން ޖެހޭނެ ގޮތަކީ، ތިރީ ކޮޓަރީގެ ހޫނުވައި، ފިނި ޝީޓްގައި ނުޖެހޭ ގޮތް ހެދުމެވެ. މިކަން ކުރުމަށް އެންމެ އަގުހެޔޮ ގޮތަކަށް ވާނީ މުޅި ޝީޓް ގެ ދަށުގައި ރޮކްވޫލް ނުވަތަ ފުޅިމަދު ފަދަ އިންސިއުލޭޝަން (ހޫނު ދަތުރުނުކުރާ އެއްޗެއް) ޖެހުމެވެ. މިކަމަކީ އަގުބޮޑު ކަމަކަށް ވާނެއެވެ. ނަމަވެސް މި ނޫން ފަސޭހަ ހައްލެއް މިކަމަކަށް ނުވެއެވެ.

މައްސަލަ ހައްލުކުރަންހަދަންޖެހޭ ގޮތް މަތީގައިވާ ކުރެހުމުގައި އެވަނީއެވެ. ޝީޓްއާއި ތަޅުން ހުންނަނީ 20 ސެލްސިއަސްގައި ކަމަށް ބަލާށެވެ. އޭސީ ޖެއްސުމުން ތަޅުމާއި މުޅި ޝީޓް މި މިނަށް ފިނިވާނެއެވެ. ތިރީގައި ރޮކްވޫލް ފަދަ ހޫނު ދަތުރުނުކުރާ އެއްޗެއް ޖެހުމުން މި ރޮކްވޫލް ފިންޏެއް ނުވާނެއެވެ. އެއީ އޭގެތެރެއިން ހޫނު ދަތުރުނުކުރާ އެއްޗެކެވެ. ދެން ޖިޕްސަމްބޯޑުން ފަންގިފިލާ އަޅާނީއެވެ. މިހެން ހެދުމުން ތިރީކޮޓަރީގައި ހުރި 30 ދަރަޖައިގެ ވައި ޝީޓްގައި ޖެހޭ ގޮތެއް ނުވާނެއެވެ. މި ކުރެހުމުގައި ޝީޓް ހަރުކުރަން ބޭނުންކުރާ ފަތިތަކެއް ދައްކާފައެއް ނުވެއެވެ. [ކޮންކްރީޓް އަކީ އޭގަައި ހޫނާއި ފިނިކަން ހަރުލާ އެއްޗެކެވެ. އެހެެންކަމުން މަތީ ކޮޓަރީގެ މީހުން އެ ފިނިކުރަނީ އެކޮޓަރީގެ އިތުރަށް ކޮޓަރީގެ ޝީޓެވެ. ޚަރަދު ބޮޑު ކަމެކެވެ. އެ މީހުން ޚަރަދުކުޑަކުރަން ބޭނުންނަމަ، ޖެހޭނި ޝީޓް ފިނިނުވާ ގޮތަށް މަތީގައި ދޫލައަޅައި ނުވަތަ ބައެއް މިސްކިތްތަކުގައި ހުންނަ ފަދައިން ފޯމްބޯޑުގެ މަތީގައި ތަރަފާލު އަޅައި ނުވަތަ ޕާކޭ ޖަހާށެވެ.]

ގދ ތިނަދޫގައި އުޅޭ ރައްޓެއްސެއް، އަޅުގަނޑުގެ ކައިރީގައި އެގޭގެ ކޮޓަރިއެއްގެ ސީލިންގައި ފޫ ޖަހާތީ ހަދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އެގޭގެ މަތީބުރީގައި ކުއްޔަށްދޭ ދެތިން ކޮޓަރި ހުރެއެވެ. އޭނާއަށް ފާހަގަ ކުރެވެނީ ބޮޑަށް ފޫ ޖަހަނީ މަތީބުރީގައި މީހުން އުޅޭ އިރު ކަމަށެވެ. މި މައްސަލައިގެ ޙައްލު މި މަޒުމޫނު މިހާތަނަށް ކިޔުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އެއީ ހަމަ މަތީގައި ދެންނެވުނު މައްސަލައެވެ. އަޅުގަނޑު ދެންނެވީ ވެސް މަތީގައިވާ ދެ ޙައްލެވެ.

ހޮޓެލް ސްކޫލްގައި ހުންނަ ތަމްރީނުދޭ ރެސްޓަރޯންޓްގެ ފަންގިފިލައިގައި ފޫ ޖަހާތީ އެ ތަނުގެ ޑީން އަޅުގަނޑާ މަޝްވަރާކުރިއެވެ. އޭނާ މީހެއްގެ ގާތުގައި ހަދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރުމުން ބުނީ ރެސްޓަރޯންޓްގެ އޭސީ ޖައްސާފައި އަބަދު ބެހެއްޓުމަށެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ޚަރަދުބޮޑު ކަމަކަށް ވާނެއެވެ. އެ ޖާގައަކީ 25 ފޫޓު 50 ފޫޓު ހުންނަ ޖާގައެކެވެ. ރެސްޓަރޯންޓްގެ މަތީގައި އޮންނަނީ ތަނބެއް ނެތް ބޮޑު ޝީޓެކެވެ. ޝީޓްގައި ފޫ ޖަހަނީ ޝީޓް މަތީގެ ކޮޓަރިތައް ފިނިކޮށް ހުރެފައި، ރެސްޓޯރަންޓަކީ ވަކި ދުވަސްވަރަކު ހިންގާ ތަނަކަށް ވާތީއެވެ. މި މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭނީ ދެކަމެކެވެ. އެއް ކަމަކީ ތަޅުން ފިނިނުވާނޭ ގޮތަށް މަތީ ކޮޓަރިތަކުގައި ބޯ ދޫލައެއް އެޅުމެވެ. އަނެއް ގޮތަކީ ރެސްޓަރޯންޓްގެ ޝީޓް ދަށުގައި އިންސިއުލޭޝަން ޖެހުމެވެ. އެންމެ އެދެވިގެން ވަނީ މި ދެކަން ކުރުމެވެ.

ތިނަދޫ ކެމްޕަސް ގެ ވަގުތީ ލައިބްރަރީގެ ފަންގިފިލާގައި ފޫ ޖަހާތީ ހަދާނެގޮތަކާ ބެހޭ ގޮތުން އެއް ފަހަރަކު މަޝްވަރާ ކުރެވުނެވެ. ފަންގިފިލާގެ ބައެއް ނައްޓާލައިގެން ބެލިއިރު، އެތަނުގެ މަތިން ގޮސްފައިވަނީ އޭސީ ހޮޅިތަކެވެ. އެއް ހޮޅި ވަނީ ސީލިންގައި ޖެހިފައެވެ. މި މައްސަލަ ހައްލުކުރީ އެ ހޮޅީގެ އިންސިއުލޭޝަން ބަދަލުކޮށްގެންނެވެ. މިހާރަކަށް އައިސް ވަރަށް ތުނި އިންސިއުލޭޝަން ހުންނަ ހޮޅި އޭސީކުރުމަށް ބޭނުންކުރެއެވެ. ރަނގަޅު ގޮތަކީ ބޯ އިންސިއުލޭޝަން ހޮޅި ބޭނުންކުރުމެވެ. އެއީ ހޫނުވައި ފިނިހޮޅީގައި ޖެހުމުގެ ފުރުޞަތު ކުޑަކުރެވޭތޯ އެވެ. އެއް ފަލަމިނެއްގެ ހޮޅި ލުމަށް އެކި ބޯމިނުގެ އިންސިއުލޭން ހަދާފައި ހުރެއެވެ. އެއީ ތިރީގައިވާ ފޮޓޯގައިވާ ފަދައިންނެވެ.

ގެއެއްގެ ފާޚާނާގެ ސީލިންގައި ފޫ ޖަހާތީ، ވަނީ ކީއްތޯ ބެލިއިރު، ސީލިންގެ މަތިން އޭސީ ހޮޅި ގެންގޮސްފައި ވެއެވެ. އެ ހޮޅީގެ އިންސިއުލޭޝަން ތުނިކަމުންނާއި ހޮޅި ފިނިކަމުން ހޮޅީގެ ބޭރުވަނީ ދާހިއްލާފައެވެ. ކުދި ފެންތިކިތައް ޖަހާފައެވެ. މިތިކިތައް ސީލިން މައްޗަށް އޮހި ސީލިންގައި ފޫ ޖަހަނީއެވެ. މި މައްސަލަ ހައްލުކުރެވޭނީ ދެގޮތަކުންނެވެ. އެއްކަމަކީ އޭސީ މާބޮޑަށް ފިނިވާ ވަރަށް ނުޖެއްސުމެވެ. ދެވަނަ ގޮތަކީ އިންސިއުލޭޝަން ބޯ ކުރުމެވެ.

އިންޑޯ ޔުނިޓުން ފެން އޮހޮރުން


ކޮޓަރިތެރޭގައިވާ އިންޑޯޔުނިޓްގައި ހޮޅިތަކެއް ހުރެއެވެ. މި ހޮޅިތަކުން ހުންނަނީ ވަރަށް ފިނި ގޭސް ފޮނުވާފައެވެ. ކޮޓަރީގެ ވައި ފިނިވަނީ މި ފިނި ހޮޅިތަކުގައި ޖެހިގެން ވައި ފިނިވެގެންނެވެ.  ވައިގައިވާ ފެން އާވި ހޮޅީގައި ޖެހުމުން ފެނަށް ބަދަލުވާނެއެވެ. މި ފެން އޮހޮރެނީ ހޮޅިތަކުގެ ދަށުގައި ހުންނަ ދިޔަދޯތްވަކަށެވެ. ދިޔަދޮވިން ފެން ދުރަށް ގެންދަނީ ޕްލާސްޓިކު ހޮޅިއަކުންނެވެ. ތިރީގައި އެވަނީ މިކަން ހިނގާގޮތް ފެންނަ ކުރެހުމެކެވެ. ނަމަވެސް މިކުރެހުމަކީ ބޮޑެތި އޭސީތަކުގެ ކުރެހުމެކެވެ.

އިންޑޯ ޔުނިޓުން ފެންފައިބާ ޢާއްމު ސަބަބަކީ، ފެންބާލާ ހޮޅި ބެނދުމެވެ. މިހެން ވެއްޖެނަމަ، އޭސީގެ ތެރޭގައިވާ ދިޔަދޯވީގެ ކޮޅު ބެނދިފައި ވެދާނެއެވެ. ބައެއް ފަހަރު، ދިޔަދޯތްވާއި ގުޅާފައިވާ ފެން ހޮޅީގައި އެކި ސޫފިތާށިވެ ނުވަތަ ފަންގަސް ޖަހައިގެން ވެސް ބެނދިފައި ހުރެއެވެ. މިކަން ރަނގަޅު ކުރެވޭނީ މަތިގަނޑު ނަގައި، ބަލައިގެންނެވެ. ފުޅިއަކުން ދިޔަދޯތްވަށް ފެން އަޅައިގެން ނުވަތަ ނަރެއް ފަދަ އެއްޗެއް ކޮށްޕައިގެން ނުވަތަ ވައި ޖަހައިގެން ހޮޅި ބެނދިފައި ވޭތޯ ބެލިދާނެއެވެ. ދެވަނައަށް ފެންފައިބާ ސަބަބަކީ، އިންޑޯ ޔުނިޓްގައިވާ ގޭސް ހޮޅިތަކުގެ ބޭރުގައި ފޫ ޖަހައި ފެން ދާންވީ ދިމާއަށް ނުދިއުމެވެ. މިހެން ވެފައިވާނަމަ، ހޮޅިތައް ސާފުކުރަނިކޮށް ރަނގަޅުވާނެއެވެ. ގޭސް ހޮޅިތަކުގައި ފަންގަސް ގިނައިން ޖަހަނީ ފިލްޓަރުތައް ގަވާއިދުން ސާފުނުކުރާތީއެވެ. ތިންވަނަ މައިގަނޑު ސަބަބަކީ އިންޑޯޔުނިޓްގައިވާ ދިޔަދޮވި ފަޅައިގެން ދިއުމެވެ. މިހެން ވެފައިވާނަމަ، މި ބަދަލުކުރެވޭނީ ނުވަތަ ދިޔަދޮވި ބެއްދޭނީ މި ބާވަތުގެ މަސައްކަތް ކޮށް އުޅޭ މީހަކަށެވެ. ހަތަރުވަނަ ސަބަބަކީ، ހޮޅިތަކުގައިވާ ގޭސް މަދުވުމެވެ. މިހެން ވެއްޖެނަމަ، އިންޑޯ ޔުނިޓްގެ އެތެރޭގައިވާ ހޮޅިތަކުގައި ގަނޑުފެން ޖަހާނެއެވެ. އަދި ފިނިވުން ހުއްޓޭނެއެވެ. މި ގަނޑުފެން ވިރޭއިރު ދިޔަދޮތްވަށް ނުކަތައިގެން ފެންފައިބާނެއެވެ. މި މައްސަލަ ހައްލުކުރެވޭނީ މިކަމުގެ ހުނަރުވެރިއަކަށެވެ.

ނިންމައިލުން


މި މަޒުމޫނުގައި އަޅުގަނޑު މި ބަޔާންކުރީ އޭސީ ކުރުމާ ގުޅިގެން ފޫޖެހުމާއި ފެންފޭބުން ހައްލުކުރާނޭ ގޮތެވެ. ޚުލާޞާކޮށްލަމާ ތޯއެވެ. ވައިގައި ފެންއާވި ހުރެއެވެ. ހޫނުވައިގައި ފެންއާވި ހުންނަނީ ފިނި ވަޔަށް ވުރެ ގިނައިންނެވެ. ވަކި ހޫނުމިނެއްގައި ފެންއާވި ހުރި ވައި އެއްވެސް ސަބަބަކާ ހުރެ ފިނިވެއްޖެ ނަމަ، އެވަޔަށް ނުހިފެހެއްޓޭ ފެން އާވި ވައިން ބޭރުވާން ޖެހެއެވެ. މި ފެން ބޭރުވާނީ ޢާއްމުކޮށް ކޮންމެވެސް ފިނިތަނެއްގައި ޖެހި ފެންތިކިތަކެއްގެ ގޮތުގެއެވެ. އޭސީކުރުމުން، ބައެއް ފަހަރު އެކި ތަންތަނުގައި ފޫޖަހާގޮތް ވަނީ އެތަން ފިނިވީމާ، ފެން އުފެދޭތީއެވެ. މި މައްސަލަ ޙައްލުކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ފިނި ވަޔާއި ހޫނުވައި ނުޖެހޭ ގޮތަށް ހުރަހެއް ބޭނުން ކުރުމެވެ. މި ހުރަހަކީ އިންސިއުލޭޝަން އެވެ. އޭގެ ތެރެއިން ހޫނު ދަތުރު ކުރުން މަދު ތަކެއްޗެވެ.

އެހެން މަޒުމޫނުތައް