އެމްވީ ތުއްތު

އަތިރީގޭ ތާނަ ފޮންޓެއް

Version 1.0

1960 ގެ އަހަރު ތަކުގައި، މަޝްހޫރު ހިސާބު ޢިލްވެރިޔާ، ހިމިތީ އިސްމާލުކަލޭފާނުގެ ތުއްތު (ތުއްތު ސާހިބު) ތާނަ ލިޔާ އައު އަކުރުތަކެއް ހައްދަވައި، އެ އަކުރުތައް ހިމެނޭ ގަނޑެއް ބޭރުން ޗާޕުކުރައްވައި ބެއްސެވި ވާހަކަ، ތާނަ ލިޔުމަށް ގެނެވިދާނެ އިސްލާޙްތަކާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެއްގައި ގެނެސްދެވިފައި ވެއެވެ. އެ މަޒުމޫނު މިއޮތީއެވެ.

ތުއްތު ސާހިބު، އޭގެ ގަނޑެއް އަޅުގަނޑުގެ މުދައްރިސެއް އަދި ރައްޓެއްސެއް ކަމުގައިވި ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް 1970 ވަނަ އަހަރުގެ މާރޗް މަހު ދެއްވިއެވެ. ޢަބްދުއްރަޙީމްގެ ފަރާތުން އަޅުގަނޑަށް އޭގެ ގަނޑެއް ލިބިފައި ވެއެވެ. އެ ގަނޑުގެ ކޮޕީއެއް އެއް މި ލިންކަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެ އެވެ. މި އަކުރުތަކަށް ކިޔަނީ ”އަތިރީގޭ ތާނަ“ ނުވަތަ ”ވަޑިފަތި ތާނަ“ އެވެ.

”އެމްވީ ތުއްތު“ އަކީ، މި ގަނޑުގައިވާ އަކުރުތައް ބަލައިގެން ކުދި ބަދަލުތަކަކާ އެކު ހަދައިފައިވާ ފޮންޓެކެވެ. އަޅުގަނޑު ގެނެސްފައިވާ ބަދަލުތައް ތިރީގައިވާ ކުރެހުމުން ފާހަގަ ކުރެއްވޭނެ އެވެ. ކަޅުކުލައިގައި އެވަނީ ތުއްތުގެ އަކުރުތަކެވެ. ނޫކުލައިގައި އެވަނީ އަޅުގަނޑުގެ ފަރުމާއެވެ.

Athireege Thaana Vadaankashi thaana

ފާހަގަ ކުރެއްވޭނޭ ފަދައިން  ގެނެސްފައިވާ މައިގަނޑު ބަދަލަކީ، އަތިރީގޭ ތާނަ، މިހާރުގެ ތާނައާ ކުޑަކޮށް ވައްތަރު ކޮށްލުމުގެ ގޮތުން ބައެއް އަކުރުތަކުގެ ކަން ވަށްކޮއްލުމެވެ. އަދި، ޕަވިޔަނީގެ ތިކި ކުޑަކޮށް ވަށްކޮށްލުމެވެ. އެއީ ޘ ލިޔާއިރު ހަތަރެސްކަން ބޮޑު ތިކިތަކެއް ޖަހައިފި ނަމަ، އައިބު ވެދާނެތީ އެވެ. އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، ތުއްތު ސާހިބު ދުނިޔޭގައި ހުންނެވި ނަމަ، އަޅުގަނޑު ގެނެސްފައިވާ ބަދަލުތަކަށް އޭނާ ތާއީދު ކުރައްވާނެ އެވެ.

ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި، ތުއްތު ސާހިބު ޤަޞްދުކުރައްވައިފައި ވަނީ ފިލިތައް އަކުރުގެ ފަހަތުގައި ޖެހުމަށެވެ. ނަމަވެސް އަތިރީގޭ ތާނަ ބޭނުންކޮށްފައި ހުންނަ އިރު، ފިލި ޖަހާފައި ހުއްޓާ ފެނިފައެއް ނުވެއެވެ. ޢަރަބި އާއި އުރުދޫ ފަދަ ބަސްބަސް ލިޔެފައި ހުންނަ އިރު ފިލި ނެތަސް ކިޔަން އެނގެނީ ބައެއް އަކުރުތައް ފިލީގެ ގޮތުގައި ބޭނުން ކުރާތީ އެވެ. ނަމަވެސް މިފަދަ ފިލި އަކުރުތައް ތާނައިގެ ފިލީގެ ގޮތުގައި ބޭނުން ނުކުރާތީ، ފިލި ނުޖަހާ ތާނަ ކިޔާކަށް ނޭނގޭނެއެވެ. އެހެންކަމުން، މި އަކުރުތައް ބޭނުން ކުރެވޭނީ ދަންނަ އެއްޗެއް ދެނެގަތުމަށް ރަމްޒެއްގެ ގޮތުގައެވެ. ތިރީގައި އެވަނީ ތުއްތު ސާހިބު ބެއްސެވި ގަނޑުގައިވާ އޭނާގެ ސިއްކަ ނުވަތަ ތައްގަނޑެވެ. މެދުގައި އެވަނީ ”ތުއްތު“ އެވެ. މަތީގައި އެވަނީ  ”އިސްމާލުކަލޭގެފާނުގެ“ އެވެ. އިސްމާޢީލް ލިޔުއްވުމުގައި ބަދަލުގައި އެ ދުވަސްވަރު ދިވެހީން ކިޔާގޮތަށް ލިޔުއްވާފައިވަނީ އިސްމާލު އެވެ. ތިރީގައި އެވަނީ ”ހިމިތީ“ އެވެ. މިއަކުރުތައް މިފަދަ ގޮތަކަށް ރާއްޖޭގެ ބައެއް މަދަރުސާތަކުގެ ބެޖުގައި ބޭނުން ކުރިއެވެ.

ފޮންޓަށް އަޅުގަނޑު ނަން ކިޔާފައިވަނީ ”އެމްވީ ތުއްތު“ އެވެ. އެއީ އޭނާގެ އުފެއްދުންތެރި ދުވަސްވީ މި މަސައްކަތް އިޙްތިފާލު ކުރުމުގެ ގޮތުންނެވެ. މިއީ ފެވި (ބޯލްޑް) ފޮންޓެކެވެ. އަޅުގަނޑުގެ އުއްމީދަކީ، މާ ގިނަ ދުވަހެއް ނުވަނީސް މި ބައްޓަމަށް ޢާއްމުކޮށް ލިޔާ ހިމަ އަކުރުތަކުގެ ފޮންޓެއް ފަރުމާ ކުރުމެވެ.

ލަފާ ކުރެވޭ ގޮތުން، ބައެއް އަކުރުތައް މިހާރު ލިޔާގޮތާ މާ ތަފާތުކަމުން، މި ފޮންޓަކީ ޢާއްމު ލިޔުންތަކަށް މާ މަޤްބޫލު ފޮންޓަކަށް ނުވާނެއެވެ. މިގޮތުން ކިޔުންތެރިން އެންމެ އަޅައިގަންނާނީ، ރ، ފ، ލ،ދ، ސ އެވެ. މިއަކުރުތައް ތުއްތު އެގޮތަށް ބައްޓަން ކުރައްވައިފަނީ، ވަރަށް ކުރީގެ ލިޔުންތަކުގައި، ތާނަ ލިޔާގޮތާ ވައްތަރު ކުރެއްވުމުގެ ގޮތުންކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިހާރުގެ ކިޔުންތެރިންނަކަށް މި އަކުރުތައް، އިތުރު އުނގެނުމެއް ނެތި ކިޔަން ދަތިވާނެއެވެ.

އަޅުގަނޑު ނޫނަސް، އެހެން ދެތިން ބޭފުޅަކު މި އަކުރުތަކަށް ފޮންޓު ފަރުމާކޮށްފައި ވެއެވެ. މިއިން ކޮންމެ މަސައްކަތަކީ ވެސް ގަދަރުދޭން ޖެހޭ ފަންނީ ގޮތުން އަގުހުރި މަސައްކަތެވެ.

ޢަބްދުﷲ އިސްމާޢީލަކީ ވަރަށް ގިނަ ދަރިވަރުން ތަކެއްގެ އުސްތާޛެކެވެ. އަދި، ހިސާބު ޢިލްމު ފެތުރުއްވުމަށް ބޭނުންތެރި ފޮތްތަކެއް ލިޔުއްވި ބޭފުޅެކެވެ. މާތް ﷲ އޭނާއަށް ފުއްސެވުމާއި ރުއްސެވުން ލައްވާށިއެވެ. އާމީން!

މި ފޮންޓު ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ލިންކަށް ފިއްތަވާ ލައްވާށެވެ!

އެހެން ފޮންޓް ތަކާ ބެހޭ ޞަފުޙާއަށް ވަޑައިގަތުމަށް އޮބާލައްވާ!

ވެބްސައިޓްގެ ފިހުރިސްތަށް ވަޑައިގަތުމަށް އޮބާލައްވާ!