ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް (ބާބު 8، ހަތް ވަނަ ބައި)

މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلح‌الدین بن عبدالله شیرازی‎) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 71 ވަނަ ވާހަކައިންފެށިގެން ފޮތް ނިމެންދެނެވެ.

މިފޮތުގެ ކުރީގެ ބައިތައް މި ލިންކުން ފެނެއެވެ.

71

މީހަކު ކުރާ ކުށް މަތިވެރި ކަލާނގެ ދެކެދެނެވޮޑިގަންނަވާ ހިނދުވެސް،
އެކަން އެކަލާނގެ ފަރުދާ ކުރައްވައެވެ.
ނަމަވެސް، އެކަން ނުފެނި އަވަށްޓެރިއާ އެ ވާހަކަތައް ގޮވައެވެ.
ﷲ ގެ ކިބަފުޅުން އަހުރެމެން ރައްކާތެރިކަން ހޯދަމާ ހެއްޔެވެ؟
މީހުންނަށް އަހުރެމެންގެ އައިބުތައް އެނގޭނަމަ،
އެހެން މީހުންގެ ނެތިމޮށުމުން އެއްވެސް މީހަކަށް ލުޔެއް ލިބިގެންނެއް ނުވާނެއެވެ.

72

ރަން ހޯދަނީ މަޢުދިން ކޮނެގެންނެވެ. ދަހިމީހެއްގެ އަތުން އޭނާގެ ރޫޙް ކޮނެގެންނެވެ.
(މަޢުދިން އަކީ، ބިމުގެ އަޑިން ތަފާތު މަޢުދަންތައް ނެގުމަށް ކޮންނަ ވަޅުގަނޑެކެވެ. ބިންގަރާސްގޮތަށާއި ހާމަކޮށް މިތަންތަން ހުރެއެވެ.)

ނުބައި މީހުން ޚަރަދުނުކޮށް ބައްކުރެއެވެ.
އެމީހުން ބުނަނީ ފަހުން ޚަރަދުކުރުމުގެ އުއްމީދުގައިވުން
ޚަރަދު ކުރުމަށް ވުރެ ރަނގަޅުކަމުގައެވެ.
ޢަދާވާތްތެރިޔާގެ އެދުން ފުދޭތަން ތިބާއަށް ކޮންމެވެސް ދުވަހަކު ފެންނާނެއެވެ.
ރަން، އޭނާ ބެހެއްޓިތާކު ހުރިގޮތަށް ހުންނާނެއެވެ.
ނަމަވެސް ނުބައި މީހާ ވާނީ މަރުވެފައެވެ.

73

ނުމީހުންނަށް ހަމްދަރުދީއެއް ނެތް މީހާއަށް  ޚާއްޞުންގެ އަނިޔާގެ ވޭން ލިބޭނެއެވެ.

ބާރު ހުރި ކޮންމެ މުލައްދަނޑިއެއް
ބާރު ދައްކަން ބަލި މީހުންގެ އަތެއް ބިންދައެއް ނުލައެވެ.
ޟަޢީފު މީހުންގެ ހިތް ޒަހަމު ނުކުރާށެވެ.
އެހެނީ ތިބާއަށް ވުރެ ބާރުގަދަ މީހެއްގެ އަތްދަށުގައި ތިބާ ބަލިވާނެއެވެ.

74

ޙިކްމަތްތެރިއަކަށް ހުރަސްތަކާ ދިމާވުމުން، އޭނާ  ފުންމައިގެން އެއްކާރިއަށް ޖެހެއެވެ. އަދި ރަނގަޅު ފުރުޞަތު ލިބުމުން ނަގިލި ލައެވެ.

އެހެންކަމުން، ފުރަތަމަ ޢަމަލުން އޭނާ ގޮނޑުދޮށުން ރައްކާތެރިކަން ހޯދައެވެ. އަދި ފަހު ޢަމަލުން އޭނާ އުފާ ލިބިގަނެއެވެ.

75

ހަރާދުކިޔާ މީހާ ބޭނުންވަނީ ބާޖީ ކާމިޔާބުކުރަން ހަމައެކަނި ތިން ހަޔަކާއި ތިން މަންނަ ގަނޑު ފުށުން ޖަހަންށެވެ.

އަސްރޭސް ޖަހާ މަގަށް ވުރެ ހާމަ ދަނޑު އެއްހާސް ގުނަ ފެހިވެފައި ހިތްގައިމެވެ.
ނަމަވެސް، އަހުގެ ލަޤަން އޮތީ އަހުގެ އަތަކު ނޫނެވެ.

ހިކާޔަތު (ވާހަކަ)

ދަރުވޭސީއަކު މިގޮތަށް ދުޢާ ކުރިއެވެ:

”ޔާ ﷲ އެވެ. ނުބައި ނުލަފާ މީހުންނަށް އިބަރަސްކަލާނގެ ރަޙްމަތް ލައްވާދޭވެ. އެހެނީ ރަނގަޅު މީހުން ރަނގަޅު ގޮތުގައި ވުޖޫދުކުރެއްވުމުން އިބަ ރަސްކަލާނގެ އެބައިމީހުންނަށް ރަޙްމަތް ވަނީ ލައްވަވާފައެވެ.“

76

ރަސްރަސްކަލުންގެ ތެރެއިން ތުރުކުރައްވާ ލިބާސްކޮޅުތަކަށް އެންމެ ފުރަތަމަ އިސްކަން ދެއްވައި، ވައަތުގައި އަނގޮޓިފުޅު އެޅުއްވީ ޖަމްޝީދު ރަސްގެފާނެވެ. ރަނގަޅުކަން ވަނީ ކަނާތްޕުޅުކަމުގައި ވާއިރު، ވައަތްޕުޅު އިނގިލިފުޅުތައް ޒީނަތްތެރިކުރެއްވީ ކީއްވެގެންތޯ އެ ރަސްގެފާނާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ:
”އޭގެ ރަނގަޅު ކަމުން ކަނާއަތް ވަނީ ޒީނަތްތެރި ކުރެވިގެންނެވެ.“

ސީނުގެ ތިނޯހު މަސައްކަތުގެ ފަންނުވެރިން ލައްވައި ފަރީދޫން އަންގަވައިގެން އެރަސްގެފާނުގެ ފޭލިގެކޮޅު ވަށައިގެން މިހެން ލިއުއްވިއެވެ.

”ބުއްދިވެރިޔާއެވެ. ނުލަފާ މީހުންނާ މެދު ރަނގަޅަށް ކަންތައްތައް ކުރާށެވެ.
އެހެނީ ރަނގަޅު މީހުން އެމީހުންގެ ނަފުސުގެ ސަބަބުން ރަނގަޅުވެފައި ނަސީބުވެރިވެރިއެވެ.“

ވާހަކަ

މޮޅު މީހެއްގެ ކައިރީގައި، ކަނާ އަތް މަތިވެރިވެގެންވާ އިރު ވައަތުގައި އަނގޮޓި އަޅަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ:

”މަތިވެރިކަން ޙައްޤުމީހުން އަބަދުވެސް އެކަމުން އިޙްމާލުކުރެވިފައިވާތީ ތިބާ ނުދެކެން ހެއްޔެވެ؟“

ނަސީބާއި މަތިވެރިކަން ދެއްވަނީ
ހިތާމައާއި އުފައު އުފެއްދެވި ފަރާތުންނެވެ.

77

މަރުވެދާނެތީ ބިރު ނުގަންނަ މީހާ އާއި ރަނަށް އުއްމީދު ނުކުރާ މީހާއަށް، ޖެހިލުމެއް ނެތި މިނިވަންކަމާއެކު ނަޞޭޙަތާއި އިންޒާރު ދެވިދާނެއެވެ.

ތައުޙީދަށް ލޯބިކުރާ މީހެއްގެ ފައިބުޑަށް ރަންއަޅާށެވެ.
ނޫނީ އޭނާގެ ބޮލުގައި، ހިންދުސްތާނުގެ ކަނޑިއެއް ބާއްވާށެވެ.
ބިރެއް އަދި އުއްމީދެއް އެއްވެސް އިންސިއެއްގެ ފަރާތުން ލިބޭނޭކަމަކަށް އޭނާ ނުދެކެއެވެ.
ތައުޙީދަށް އެކަށޭނެ މިއީ ތަރަހައެކެވެ.

78

ރަސްކަލުންނަށް އޮތީ އަނިޔާވެރީން ދުރުކުރުމެވެ: ފުލުހުންނާއި ޤާތިލުންނެވެ. ގާޒީންނަށް އޮތީ ވަގުންނާ ބެހޭ ޝަކުވާ އަޑުއެހުމެވެ. ނަމަވެސް ދެ ހަތުރަކު ރަނގަޅުކަމަށް އެއްބަސްވާކަމަކަށް ގާޒީންނެއް ނުވަންނާނެއެވެ.

ޙައްޤު އެތި ލިބިދޭންޖެހޭ ކަމަށް ތިބާއަށް ފެންނަނަމަ،
ދެކޮޅުވެރިވުމާއި ހިތާމައިގައި ވުމަށް ވުރެ، އެކުވެރިކަމާއެކު  އެ ދޭށެވެ.
އޭނާގެ އަމިއްލަ ރުހުމުގައި ވާރު ނުދޭ މީހެއްގެ އަތުން
ވާރުވެރިންގެ ފަހުލަވާނުން ގަދަކަމުން އެ ނަގާނެއެވެ.

79

ހުރިހާ މީހުންގެ ދަތްތައް ހުތްކަމުން ކޮށިވެއެވެ. އެކަމަކު ގާޒީންގެ ދަތްތައް ކޮށިވަނީ ފޮނިތަކެތީންނެވެ.

ފަސް ކަންބާގެ ރިޝްވަތު ޤަބޫލުކުރި ގާޒީ
ދިހަ ކަރާދަނޑު ކަލެއަށް ދޭން ޖެހޭނެކަމަށް ޤަރީނާ ދައްކާނެއެވެ.

80

މުސްކުޅި ނާސިއަކަށް ޢިއްފަތްތެރިވުމަށް ހުވާކުރުން ފިޔަވައި ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟
އަދި މުސްކުޅި ފުލުހަކަށް މީހުންނަށް އަނިޔާކުރުމުން އެއްކިބާވުން ފިޔަވައި ކުރެވޭނީ ކޮން ހުވައެއް ހެއްޔެވެ؟
ކަލާނގެ ޒާވިޔާގައި އިށީދެގެން އިންނަ ޒުވާނާ އަކީ ކަލާނގެ މަގުގައިވާ މީހެކެވެ.
އެހެނީ މުސްކުޅިއަކަށް އެ ކަނުން ތެދުވުމަށް ނުކުޅެދިގެން ވެއެވެ.
ޝަހުވާނީ ކަންތައްތަކުން އެއްކިބާވުމަށް ޒުވާނާގެ ދީނީ ފިކުރު ގަދަވާން ޖެހެއެވެ.
އެހެނީ މުސްކުޅިއެއްގެ ޖިންސީ އާލަތް، ފުރަހަ ނެތުމުން ނުތެދުވެއެވެ.

81

ބުއްދިވެރިއެއްގެ ކައިރީގައި ސުވާލުކުރެވުނެވެ.

މަޝްހޫރު އުހަށް ހެދޭ އަދި އެތައް ބާވަތެއްގެ މޭވާ އަޅާ ގަހެއް މަތިވެރި ﷲ ހެއްދެވި އިރު، ސިޕްރަސް (ސަރުވި) ގަސް ފިޔަވައި އެހެން ގަހެއް މިނިވަން ކަމަކަށް ނުވެއެވެ. އެކަމަކު މިގަހަކު މޭވާއެއް ނާޅައެވެ. މިކަމުގެ ސަބަބަކީ ކޮބައިތޯއެވެ؟

އޭނާ ޖަވާބު ދިނެވެ:

ކޮންމެ ގަހަކަށް ވެސް މޭވާއެޅުމުގައި މޫސުމެއް ވެއެވެ. މޭވާ އަޅާދުވަސްވަރު އެ ގަސް މަތިވެރިއެވެ. އެހެން ދުވަސްވަރު މޭވާ ނެތުމުން އެ ނިކަމެތިވެއެވެ. އެކަމަކު ސަރުވި ގަހަށް މި މޫސުންތަކެއް ނާދެއެވެ. ހުރިހާ އިރަކުވެސް އެ ތާޒާކޮށް ހެދެއެވެ. މިއީ މިނިވަންކަމުގެ އެއް ސިފައެވެ.   {ސަރުވިގަހަކީ، ބޭނުންތެރި ތެލަކާއި ލަކުޑިއެއް ހުންނަ މެދުއިރުމަތީގައި ހެދޭ ގަހެކެވެ.}

ނެތި ދާނޭ އެއްޗަކަށް ތިބާގެ ހިތް ނުދޭށެވެ.
ބަޣްދާދުގެ ޚަލީފާއިން ނިޔާވުމުން ވެސް، ދިޖުލަތު ކޯރު ހިނގާނެއެވެ.
ތިބާއަށް ވެވޭނަމަ، ދީލަތިވުމުގައި  ކަދުރު ރުކެއް ފަދައިން ވާށެވެ.
އެކަމަށް ތިއަތް ނުކެޅުންތެރި ނަމަ، ސަރުވި ގަހެއް ފަދައިން ވާށެވެ.

82

ދެމީހަކު ހިތާމަ ބަރުދާސްތުކުރަމުން މަރުވެގެން ދިޔައެވެ. އެކަކު މުދައު ލިބި އެއިން އުފަލެއް ނުލިބިއެވެ. އަނެކަކު ޢިލްމު ލިބި، އޭގެ ބޭނުން ނުހިފިއެވެ.

އޭނާގެ އައިބުތަކުގެ ވާހަކަތައް ފަޟީޙަތްނުކުރާ މޮޅު މީހެއް،
ދަކުނަމަ، އެއްވެސް މީހަކަށް ނުފެންނާނެއެވެ.
އެކަމަކު ދީލަތި މީހެއްގެ ކިބައިގައި ސަތޭހަ އައިބު ހުއްޓަސް
އޭނާގެ ދީލަތިކަން އޭނާގެ އައިބުތައް ހިޖާބުކުރެއެވެ.

ފޮތް ނިންމައިލުން


ގުލިސްތާނު ފޮތް ލިޔެ އަވަދިވެއްޖެ އެވެ. އަދި އެހީތެރިވެވަޑައިގަންނަވާ ﷲ ގެ ނަންފުޅު ތައުފީޤަށް އެދެވި ނަންގަނެވިއްޖެއެވެ. އެކަލާނގެ ރަޙްމަތްފުޅުން، އާދަކާދަމަތިން އެހެން ލިޔުންތެރީން ފަދައިން، ކުރީ މީހުންގެ ބައިތުތައް ފޮތްތަކުގައި ހިމަނާ އުޞޫލުން އަހުރެން ކަންތަކެއް ނުކުރަމެވެ.

މީހެއްގެ ހެދުމެއް އާރިޔާއެއްގެ ގޮތުގައި ހޯދަން އުޅުމަށްވުރެ،
ޒީނަތްތެރިވުމަށް ތިމާގެ ބައު ލިބާސް މާ ރަނގަޅެވެ.
(އާރިޔާއަކީ އަނބުރާ ދައްކަން ހޯދާ އެއްޗިއްސެވެ.)

ސައުދީގެ ގިނަ ބުނުންތައް ހުންނަނީ ވިސްނުންތޫނުކުރާ ޙިކްމަތްތަކާއި ސަމާސާ ވާހަކަތަކާ މެކުވެފައިވާތީ، ދުރުނުފެންނަ މީހުން ތުހުމަތުގެ ދޫ ދިގުކޮށް ބުނެއެވެ. ވިސްނުންތެރީންނެއް މަންފާއެއް ނުކުރާ ބައްތީގެ ދުމެއް ނުކައެވެ. އަދި ބުއްދީގެ ޖައުހަރު ބޭކާރު ކަންތަކަށް ހޭދައެއް ނުކުރެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ކިޔުންތެރީންގެ ސިކުނޑި ވަރުބަލިނުކުރުމަށާއި ރަނގަޅު އިރުޝާދު ބަލައިގަތުމުގެ ފައިދާއިން އެއްކިބާވިޔަ ނުދިނުމަށް، ނަސޭހަތުގެ ހިތި ބޭސް ހުންނަނީ ބުއްދިވެރިކަމުގެ މާމުއިއާ އެއްކޮށްފައެވެ. އަދި މަންފާކުރާ ނަސޭހަތްތަކުގެ މުތީތައް ހުންނަނީ އޮޅުންފިލުވަން ފަސޭހަ ރޮއްޖަށް އަމުނާފައެވެ. މިކަންކަން ދުރުވިސްނޭ މީހުންނަށް ފަރުދާވެގެންނެއް ނުވެއެވެ. އާލަމްތަކުގެ ވެރި ﷲ އަށް  ޙަމްދު ހުއްޓެވެ.

ނަޞޭޙަތް ދިނުމުގެ މަޤާމުގައި އަހުރެމެން ނަސޭހަތް ދިނީމެވެ.
މިކަމުގައި ޢުމުރެއް ހޭދަކުރީމެވެ.
އެއްވެސް މީހެއްގެ އެދުމުގެ ކަންފަތުގައި މިވާހަކަތައް ނުޖެހުނު ނަމަ ވެސް ވަރިހަމައެވެ.
ރަސޫލު، އޭނާގެ މެސެޖު ރައްދުކޮށްފިއެވެ.
މިފޮތަށް ބަލާ މީހުންނޭވެ.  ﷲ ގެ ރަޙްމަތަށް އެދި ދަންނަވާށެވެ.
ފޮތް ލިޔުނު ފަރާތާއި ފޮތުގެ ވެރިފަރާތަށް ޢަފޫ ކުރެއްވުމަށެވެ.
ތިބާ ބޭނުން ކަމަކަށް ތިބާ އެކަލާނގެއަށް ދަންނަވާށެވެ.
އެއަށް ފަހު ފޮތް ލިޔުނު ފަރާތް ދިންނެވުމަށް ދަންނަވާށެވެ.
ދިރުއްވާނޭ ދުވަހު، ރަޙްމަތްވަންތަ ކަލާނގެ ހަޒުރަތުން ފުރުސަތެއް ލިބިއްޖެ ނަމަ،
އަހުރެން ދަންނަވާނީ، ޔާ ﷲ އެވެ.
އަޅާއީ ފާފަވެރިޔާއީމެވެ. ތިބާއީ ރަޙްމަތްވަންތަ ސާޙިބެވެ.
އަޅާއަށް ކުރެވުނު ހުރިހާ ފާފައަކަށް އަޅާ  އެދެނީ ތިބާގެ ދީލަތިވަންތަކަމަށެވެ.
އަހުރެންގެ ދިރިހުރުން ނިމުމުގެ ކުރިން މިފޮތް ނިމުނުކަމަށްޓަކައި
އަހުރެންގެ ފަރާތުން އެކަލާނގެއަށް ޝުކުރު ހުއްޓެވެ.