މި މަޒުމޫނުގައި މިގެނެސްދެނީ އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އޮކްސްފޯރޑް ޑިކްޝަނަރީގެ F އަކުރުން ފެށޭ ލަފުޒުތަކެވެ. ލަފުޒުތަކާ ބެހޭ ގޮތުން ތިރީގައިވާ ނުކުތާތަކަށް ސަމާލުކަން ދެއްވުންއެދެމެވެ.

  1. ތާނަ އަކުރުތަކުގައި، އިނގިރޭސި އަޑުތަކުގައި ހުންނަ ބައެއް އަޑުތަކެއް ނުހުރެއެވެ. ޚާއްޞަކޮށް، އެބެފިއްޔާއި އިބިފިއްޔާ ދެމެދުން ކިޔާ، ބޭންކް ފަދަ ލަފުޒުތައް ކިޔާ އިރު ޖަހާ ފިއްޔެއް ނުވެއެވެ. އެހެންކަމުން އަކުރުތައް ކިޔާގޮތް ލިޔެފައިވަނީ ކިޔާ ގޮތާ އެންމެ ގާތްކޮށް ތާނައިން ލިޔެވޭ ގޮތަށެވެ.

  2. ތާނަ ލިޔުމުގައި ތ ގައި ސުކުންކޮށްފައިވާ އަޑުތައް ކިޔުއްވަން ވާނީ ޢަރަބި ت ގައި ސުކުން ކުރީމާ ކިޔާ ގޮތަށެވެ.

  3. ގިނަ ދިވެހީން އިނގިރޭސި ލަފުޒުތައް ކިޔަނީ ނުބައިކޮށެވެ.  ކިޔާ ގޮތް ލިޔެފައިވަނީ އެތައް ފަހަރަކު، ލަފުޒުތައް ކިޔާ ގޮތް އަޑުއެހުމަށް ފަހު، އަދި ފޮނެޓިކް އަލިފުބާއިން ކިޔަންޖެހޭ ގޮތްކަމަށް ލިޔެފައިވާ ގޮތަށް ރިއާޔަތް ކުރުމާ އެކުއެވެ.

  4. ކުށެއް ފާހަގަ ކުރެއްވޭނަމަ ކޮމަންޓެއްގެ ގޮތުގައި ލިޔުއްވުން އެދެމެވެ.

  5. މި ބައި ތަރުޖަމާކޮށް ގެނެސްދިނުމަށް ފުލްޓައިމްކޮށް މަސައްކަތްކޮށްގެން ދޮޅު މަސް ދިޔައެވެ. ދެން ގެނެސްދޭ އަކުރު ޝާއިޢުކުރާނީ F އަކުރުގެ މި ހުރިހާ ލަފުޒެއް ކިޔާގޮތާއި މާނައާ އެކު ކިޔުންތެރިއަކު އަޅުގަނޑަށް ކިޔާދިނުމުންނެވެ. 🙂

  6. އެހެން ބައެއް އަކުރުގެ ރަދީފާއި ދިވެހިބަހާ ބެހޭ މަޒުމޫނުތައް މިޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

F – FE

FI – FL

FOA – FOY

FR – FU

F.

އެފް. ކުރުކޮށް ފަރަނައިޓް. ހޫނުމިން ވަޒަންކުރާ ޖިންސެއް.

fable

ފެއިބްލް. ނ. 1. ކޮންމެވެސް ޢިބްރަތެއް ހިމެނޭ (ގިނައިން ޖާދުވީ ކަންކަމާ ގުޅޭ) ޙަޤީޤަތެއް ނެތް ވާހަކަ. މިފަދަ ގިނަ ވާހަކަތަކުގައި ޖަނަވާރު އުޅެއެވެ. ކަތަ. ހިކާޔަތު. އަފްސާނާ. 2. ޖުމުލަގޮތެއްގައި މިފަދަ ވާހަކަތައް. 3. ޙަޤީޤަތެއް ނެތް ވާހަކަތައް. sort out fact from fable ޙަޤީޤަތާއި ތެދުނޫން ކަންކަން މެކުވެފައިވުމުން ޙަޤީޤަތްތައް ވަކިކުރުން.

fabled

ފެއިބްލްޑް. ނއ. މަޝްހޫރުކަން ލިބިގެންވާ. ޙަޤީޤަތަށް ވުރެ ޚިޔާލީ.

fabric

ފެބްރިކް. ނ. 1. ވިޔެފައި ނުވަތަ ގަތައިގެން ހަދައިފައި ހުންނަ ނުވަތަ ކެހެރިން ހަދާފައި ހުންނަ ފޮތި. 2. މި ސިފަ ހުންނަ ޕްލާސްޓިކް. 3. އެއްޗެއްގެ އޮނިގަނޑު. މ. އިމާރާތެއްގެ ފާރާއި ފުރާޅާއި ތަޅުންތައް.

fabricate

ފެބްރިކެއިޓް. ކ. 1. އުފެއްދުން. ހެދުން. ތައްޔާރުކުރުން. 2. ވާހަކައެއް އުފެއްދުން. ލިޔުމެއް ފަތެއް ފަދަ އެއްޗަކަށް އޮޅުވާލުމުގެ ބޭނުމުގައި ބަދަލުގެނައުން. ނ. fabrication. ނ. fabricator.

fabulous

ފެބިއުލަސް. ނއ. 1. ފެއިބްލް ފަދަ ވާހަކަތަކުގައި ހިމެނޭ. 2. އާދަޔާ ޚިލާފަށް، ޤަބޫލުކުރަން ދަތިވާވަރަށް ގިނަ ނުވަތަ ބޮޑު. މ. މުއްސަނދިކަން. 3. ނުރަސްމީ ބަހުރުވައިން ވަރަށް މޮޅު. fabulously ނއ.

façade

ފަސާދް. ނ. 1. ޢިމާރާތެއްގެ މޫނުމަތި. 2. ބޭރު ފަރާތުން ފެންނަ ގޮތް (ޚާއްޞަކޮށް ޙަޤީޤަތް ފޮރުވާފައިވާ).

face

ފެއިސް. ނ. 1. ބޮލުގެ ނިތްކުރިން ފެށިގެން ދަތްދޮޅިއާ ދެމެދުގެ ކުރިމަތި ފަރާތް. މޫނު. 2. މޫނުން ފެންނަ ޝުޢޫރު. މ. cheerful face އުފާވެރިކަން ހާމަވާ މޫނެއް (ވަގުތެއް). make a face މޫނު ކުނިކުރުން. 3. އެއްޗެއްގެ ބޭރު ފަރާތް. 4. އެއްޗެއްގެ ރަނގަޅު ނުވަތަ ކުރިމަތި ފަރާތް. ގަޑިއެއްގެ މޫނުމަތި. ތާސްބައިގެ ގަނޑެއްގެ ތަފާތުވާ ފަރާތް. 5. ކޯލާ ދެލީގެ ފާރު ނުވަތަ ބިންގަނޑުގެ އަރިމަތި. ގުންޑޮޅި. 6. ކުރިކެޓު ބެޓެއް ފަދަ އެއްޗެއްގެ ބޯޅަ ޖަހާ ފަރާތް. —ކ. 1. ވަކި ދިމާއަކަށް މޫނު ކުރިމަތިކުރުން. 2. އެއްޗަކާ ސީދާ އިދިކޮޅަށް ކުރިމަތިލައިގެން ވުން. 3. ޖެހިލުންކުޑަކަމާ އެކު އަދި ޔަޤީންކަމާ އެކު ކަމަކާ ކުރިމަތިލުން. ހިތްގައިމު ނޫން ޙަޤީޤަތްތަކާ ކުރިމަތިލުން ނުވަތަ ކުރިމަތިލުމަށް ތައްޔާރުވުން. 4. މުބާރާތެއްގައި އިދިކޮޅު ފަރާތަކާ ކުރިމަތިލުން. 5. ކަމެއް ކުރިމަތިވުން. 6. ތާސްބައިގެ ގަނޑެއް މޫނު ފެންނަ ގޮތަށް ފުށުންޖެހުން. 7. ތަފާތު އެއްޗެއް އެހެން އެއްޗެއްގެ މަތީގައި ޖެހުން. މ. ޕްލައިވުޑް ދޮރުފަތުގެ މަތީގައި ޖެހުން. ހެދުމެއް ފަދަ އެއްޗެއްގެ މަތީގައި އެހެން ފޮތިފަށަލައެއް ލުން. face the music ކަމެއްގެ ހިތްގައިމުނޫން އަސަރުތަކާ ޖެހިލުމެއް ނެތި ކުރިމަތިލުން. face to face ކުރިމަތިން؛ މީހަކާ ނުވަތަ ނުރައްކާތެރިކަމަކާ ކުރިމަތިލުން. face up to ދައްޗެއް ފަދަ ކަމަކާ ސާބިތުކަމާއެކު ކުރިމަތިލުން. face value ފައިސާއެއް ޙިއްޞާއެއް ފަދަ އެއްޗެއްގައި ޗާޕުކޮށް ލިޔެފައިވާ އަގު. take a thing at its face value ކަމެއް، އެއްޗެއް ފެންނަ ގޮތަކީ ޙަޤީޤަތްކަމަށް ދުށުން. have the face ކަމެއް ކުރުމަށް ޖެހިލުން ނުވާ ވަރަށް ގޮތެއްފޮތެއް ނެތުން. in the face of ކަމެއް ވަކިގޮތަކަށް އޮތަސް. lose face ކަމެއްގެ ސަބަބުން ޤަދަރު ކުޑަވުން. on the face of it ފެންނަ ފެނުމަށް ބަލާއިރު. put a good face on it ކަމެއް ނުވަތަ އެއްޗެއް ހިތްހަމަޖެހުމާއެކު ބަލައިގަތްކަމަށް ދެއްކުން. save a person’s face މީހެއްގެ ޤަދަރުކުޑަވިޔަ ނުދިނުން. to a person’s face މީހެއްގެ ކުރިމަތީގައި، އޭނާގެ ހާޒިރުގައި ހާމަކޮށް.

face-cloth

ފެއިސް-ކްލޯތް (-ކްލޮއުތް) . ނ. (ތ ސުކުން ކިޔާނީ ފިއްތި އަޑުން) 1. މޫނުފުހި. މޫނު ސާފުކުރަން ބޭނުންކުރާ ކުޑަ ތުވާއްޔެއް. 2. ކެހެރިން އޮމާންކޮށް ވިޔެފައި ހުންނަ ފޮތި.

face-flannel

ފެއިސް ފްލެނަލް. ނ. މޫނު ސާފުކުރަން ބޭނުންކުރާ ތުވާލިފޮތި.

faceless

ފެއިސްލަސް. ނއ. 1. މޫނު ނުވާ. 2. ވަކި މީހެއްކަން ނޭނގޭ. 3. ވަކި އެއްޗެއް ނުވަތަ މީހެއްކަން ގަސްދުގައި ނޭނގޭ ގޮތް ހަދައިފައިވާ.

face-lift

ފެއިސްލިފްޓް. ނ. 1. މޫނުގެ ރޫތަކާއި ބައްޓަންތައް ރީތިކުރުމަށް ކުރާ އޮޕަރޭޝަން. 2. އިމާރާތެއް ފަދަ ތަނެއް ފެންނަގޮތް ރީތިކުރުމަށް ކުރާ ކަންކަން. ނ. face-lifting.

facer

ފެއިސަރ. ނ. ކުރިމަތިވާ ބޮޑު ކުއްލި އުނދަގުލެއް.

facet

ފެސިޓް. ނ. 1. ޖަވާހިރު އަނގޮޓި ފަދަ އެއްޗެތީގައި ޖެހުމަށް އަރިއަރިއަށް ކީހާ އޮމާންކޮށްފައި ހުންނަ އިރު އެއިން އަރިއެއް ނުވަތަ ފަރާތެއް. 2. މައްސަލައެއްގެ ނުވަތަ ޙާލަތެއްގެ އެއް ފަރާތް.

facetious

ފެސީޝަސް. ނއ. މަޖާކުރުން ނުވަތަ ހެއްވުން ގަސްދަކަށްވާ. މ. ފެސީޝަސް ބުނުމެއް. މި ލަފުޒު ބޭނުންކުރަނީ ސީރިއަސް ކަންކަން މަޖަލެއްގޮތަށް ދެއްކުމަށް ބުނާ ބުނުންތަކަށެވެ. ކއ. facetiously. ނ. facetiousness.

facia

ފެއިޝާ. ފޭޝާ. ނ. 1. ކާރެއްގެ މީޓަރުތައް ހަރުކޮށްފައި ހުންނަ ފިލާ. ޑޭޝްބޯޑު. 2. ގުނަވަނެއް ނުވަތަ އެހެންވެސް އެއްޗެއްގެ މަތީހުންނަ ދުލި. 3. ފިހާރައެއްގެ ކުރިމަތިފަރާތުގައި ވެރިމީހާގެ ނަން ލިޔެފައި ހުންނަ ބޯޑު.

facial

ޟޭޝަލް. ނއ. މޫނާ ގުޅޭ. މޫނުގެ. —ނ. ރީތިވުމަށް މޫނަށްދޭ ފަރުވާއެއް.

facile

ފެސަލް. ނއ. 1. ފަސޭހަކަމާއެކު މ. ކާމިޔާބެއް ހޯދުން. 2. (މީހަކާ މެދު) ފަސޭހަކަމާއެކު ކުރުން. މ. ފެސަލް ވާހަކަދެއްކުންތެރިއެއް. 3. (ފެންވަރު ރަނގަޅު ނޫނަސް) ފަސޭހަކަމާއެކު ޙާޞިލްކުރެވޭ (މ. ފެސަލް ޙައްލެއް).

facilitate

ފެސިލިޓޭޓް. ކ. ފަސޭހަކުރުން. ފަހިކުރުން. ކަމެއްގެ ދަތިކަން ކުޑަކުރުން. ނ. facilitation.

facility

ފެސިލިޓީ ނ. 1. ފަސޭހަވާ ވުން. ދަތިކަން ނެތުން. 2. ކަމެއް ކުރުމަށް ހުރި ފަސޭހަކަން. މ. އޭނާ ފެސިލިޓީ އާއެކު މިޔުޒިކް ކިޔައެވެ. 3. އެއްޗެއް ނުވަތަ ކަމެއް ކުރަން ފަސޭހަ ކުރުމަށް ބޭނުންކުރާ އާލަތެއް. މ. ކުޅިވަރު ފެސިލިޓީތައް. ކަން ކުރުމަށް ކަލެއަށް ހުރިހާ ފެސިލިޓީއެއް ލިބޭނެއެވެ.

facing

ފެއިސިން. ނ. 1. އެއްޗެއްގެ ބޭރު ފަރާތުގެ ދުލި ނުވަތަ މަތީގައި ލާ ތުނި ފަށަލަ. 2. ގަދަކުރުމަށް ނުވަތަ ރީއްޗަށް ހެދުމެއްގެ މަތީގައި އަޅާ ފޮތި

facsimile

ފެކްސިމިލި. ނ. ފޮތެއް ފަތެއް ކުރެހުމެއް ފަދަ އެއްޗެއްގެ ނަކަލެއް. މިފަދަ ތަކެތި އުފައްދާފައި ހުންނަނީ އަޞްލާ ވަރަށް އެއްގޮތް ކޮށެވެ.

fact

ފެކްޓް. ނ. 1. ޙަޤީޤަތުގައި ވެސް ހިނގާދިޔާ ކަމެއް، ތެދު ކަމެއް. ޙަޤީޤަތުގައިވެސް ވާ އެއްޗެއް. ތެދެއް، ޙަޤީޤަތެއް. 2. ވަކި ކަމެއް ފިކުރުކުރުމަށް ތެދުކަމަށް ބަލާ ކަމެއް. މ. އޭނާގެ ފެކްޓްތައް ރަނގަޅުކަމާ މެދު ޝައްކެވެ. facts of life ނުރަސްމީ ބަހުރުވައިން އަނބިފިރިކަމުގެ ޖިންސީ ގުޅުމުގެ މަޢުލޫމާތު. in fact ކުރުކޮށް، ޚުލާޞާކޮށް، ޙަޤީޤަތުގައި.

faction

ފެކްޝަން. ނ. ބޮޑު ގުރޫޕެއްގެ ތެރޭގައި ހިމެނޭ ބަދަހި ކުޑަ ޖަމާޢަތެއް. މިފަދަ ޖަމާޢަތްތައް ގިނައިން ހުންނަނީ ސިޔާސީ ޕާޓީތަކުގެ ތެރޭގައެވެ.

factor

ފެކްޓަރ. ނ. 1. ވަކި ނަތީޖާއެއް ނުކުތުމަށް މެދުވެރިވި ޙާލަތެއް ނުވަތަ ނުފޫޒެއް. ބަހާ. safety factor ކަމެއް ކުރާއިރު، ރައްކާތެރިކަމަށް ބަލައި އިތުރުކުރާ ކަންކަން ނުވަތަ މިންވަރު. 2. ޢަދަދެއް ނުވަތަ ހިސާބުގެ އިކްސްޕްރެޝަން އެއް ބާކީ ނެތި ގެއްލޭ ޢަދަދެއް ނުވަތަ ޓާމެއް. މ. 3 އަކީ 12 ގެ ފެކްޓަރެއް. ބަހާއެއް. ޢާމިލް. އުންސުރު. 3. ސްކޮޓްލަންޑްގައި ބިންވިއްކުމަށް މެދުވެރިވާ އޭޖެންޓެއް.

factory

ފެކްޓަރީ. ނ. ތަކެތި އުފައްދާ ޢިމާރާތެއް. ކާރުޚާނާ. factory farm ގިނައިން އަވަހަށް ދިރުން ހުރި ކާތަކެތި އުފެއްދުމަށް ތައްޔާރުކުރެވިފައިވާ ކާރުޚާނާ. factory ship މަސް ބޭނުމުން ކަނޑުމަތީގައި އޮވެ ފިނިކޮށް ކޮންމެވެސް ވަރަކަށް ބަންދުކުރެވޭ ބޯޓެއް.

factotum

ފެކްޓޯޓަމް. ނ. ހުރިހާ ބާވަތެއްގެ މަސައްކަތް ކޮށްދޭ ޚާދިމެއް.

factual

ފެކްޗުއަލް. ނއ. ޙަޤީޤަތްތަކެއް ހިމެނޭ، ޙަޤީޤަތްތަކަށް ބިނާވެފައިވާ. ކއ. factually.

faculty

ފެކަލްޓީ. ނ. 1. ހަށިގަނޑުގެ ނުވަތަ ސިކުނޑީގެ ބާރު. މ. faculty of sight ފެނުމުގެ ބާރު. 2. ވަކި ބާވަތެއްގެ ހުނަރެއް ނުވަތަ ޤާބިލްކަމެއް. މ. a faculty for learning languages ބަސް ދަސްކުރުމުގެ ހުނަރުވެރިކަމެއް. 3. ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއްގެ ވަކި ބާވަތެއް މާއްދާތަކެއް ކިޔަވައިދޭ ގޮތްޕެއް ނުވަތަ ކުއްލިއްޔާއެއް. 4. ފައްޅިއެއްގައިވާ މަހާނަގައުތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ހުއްދަ.

fad

ފޭޑް. ނ. މީހަކު ރުހޭ ނުވަތަ ނުރެހޭ ޚާއްޞަ ކަންކަން. ވަކި ދުވަސްވަރަކު ބޮޑަށް ފެތުރިގެންދާ އުޅުމުގެ ގޮތެއް.

faddy

ފެޑީ. ނއ. ކާނާ ފަދަ ކަންތައްތަކާ މެދު ސަބަބެއް ނެތި ރުހޭ އަދި ނުރެހޭ ކަންތައްތައް ހުންނަ. faddiness.

fade

ފެއިޑް. ކ. 1. އެއްޗެއްގެ ތާޒާކަން، ކުލަގަދަކަން ނުވަތަ ބާރު ގެއްލުން. ފަނޑުވުން. 2. މަޑުމަޑުން ގޮސް ޣައިބުވުން. 3. އަޑު މަޑުމަޑުން ގޮސް ގަދަވުން ނުވަތަ ކުޑަވުން. fade-out އެއްޗެއް ޚާއްޞަކޮށް ފިލްމެއްގެ މަންޒަރެއް ނުވަތަ އަޑެއް ފަނޑުވެގެން ދިއުން.

faeces

ފީސީޒް. ނ. ބޮޑު ގޮހޮރުން ބޭރުކުރާ ތަކެތި. ބޮޑުކަމުދާ ތަކެތި. ނއ. faecal ފީކަލް، ބޮޑުކަމުދާ ތަކެތީގެ.

fag

ފެގް. ކ. (fagged, fagging) 1. ގަދައަށް މަސައްކަތް ކުރުން. 2. (މަސައްކަތާ މެދު) ވަރުބަލިކުރުވުން. 3. (ސްކޫލްތަކުގައި) ދޮށީ ކުއްޖަކަށް އެކިއެކި ކަންކަން ކޮށްދިނުން. —ނ. fag 1. ފަސޭހައިން ވަރުބަލިކުރުވާ މަސައްކަތް. 2. މުޅިންވާ ލޮޑުކަން. brain-fog. 3. ދޮށީ ކުއްޖަކަށް އެކިކަންކަން ކޮށްދޭ ދަށް ކިލާހެއްގެ ކުއްޖެއް. 4. ނުރަސްމީ ބަހުރުވައިން ސިގިރެޓް. fag-end އެއްޗެއްގެ އަގެއް ނެތް ކޯލު ނުވަތަ ބައި. ސިނގިރެޓެއްގެ އެއްލާލައި ބައި. fagged, fagged out ބޮޑަށް ވަރުބަލިވެފައި.

faggot

ފެގޮޓް. 1. ދަރު މާރެއް. ކުދި ދަރު ފޯލިތަކެއް އެއްކޮށް ބަނދެފައިވާ ބަންޑެއްޔެއް. 2. ކާތަކެތީގެ މޭ މީރުކޮށް ފިހެގެން ހަދާފައި ހުންނަ ގުޅަ. 3. ނުރަސްމީބަހުރުވައިން ހިތްގައިމުނޫން އަންހެނެއް. 4. ނުރަސްމީ ބަހުރުވައިން ފިރިހެންކުޅީގެ މީހެއް.

fagotting

ފެގޮޓިން. ނ. ތިނޯހުގެ މަސައްކަތެއް. މި މަސައްކަތުގައި ރޮދި ހުންނާނީ ފޯލިގޮތަށް ގަތާފައެވެ.

Fahrenheit

ފަރެންހައިޓް. ނ. ފިނިހޫނުމިން ބަލާ ވަޒަނެއް. މި ވަޒަނުގައި ފެން ކެކޭނީ 212 ދަރަޖައިގައެވެ. އަދި ގަނޑުވާނީ 32 ދަރަޖައިގައެވެ.

faience

ފަޔާންސް. ނ. އެތެރެ ނުފެންނަ ބިއްލޫރި ފަށަލައެއް ހުންނަ ތަށިމުށީގެ މަސައްކަތް.

fail

ފެއިލް. ކ. 1. ކުރި މަސައްކަތެއްގައި ނާކާމިޔާބުވުން. ފޭލިވުން. 2. އެކަށީގެން ނުވުން. (ގޮވާމާ މެދު) ދަނޑުން އެކަށީގެންވާ މިންވަރެއް ނުލިބުން. 3. މަސައްކަތްކުރުން، ހަރަކާތް ކުރުން ހުއްޓުމަކަށް އައުން. ބަލިވުން ނުވަތަ އަސަރުނެތުން. 4. ހަނދާންނެތިގެން، ފަރުވާކުޑަކަމުން ނުވަތަ އެފަދަ އެހެންވެސް ސަބަބަކާ ހުރެ ކަމެއް ނުކުރުން. މ. he failed to appear. 5. މީހެއްގެ އުއްމީދުތައް ނާއުއްމީދުވުން. 6. ބަގުރޫޓުވުން. 7. އިމްތިޙާނުން ފާސްނުވާކަމަށް ގްރޭޑެއް ނުވަތަ މާކުހެއް ދިނުން. —ނ. އިމްތިހާނެއްގައި ފޭލިވާ ފޭލިވުން. failed ނއ. ނާކާމިޔާބު. މ. a failed author ނާކާމިޔާބު ފޮތްލިޔުންތެރިއެއް. fail-safe (މެޝިނު ފަދަ އެއްޗިއްސާ މެދު) ހަލާކުވުމުން ރައްކާތެރި ޙާލަތަކަށް ބަދަލުވާ. without fail ކޮންމެ ކަމެއް ދިމާވިއަސް. ޔަޤީނުންވެސް.

failing

ފެއިލިން. ނ. އެއްޗެއްގެ ބަލި ބައެއް ނުވަތަ ކުށެއް. —ޕރޕ. ކަމެއް ނުވާނަމަ. މީހަކު ނޫޅޭނަމަ.

failure

ފެއިލިއަރ. ނ. 1. ފޭލިވާ. ކަމެއް ނުކުރުން. ކާމިޔާބު ނުވުމުގެ ޙާލަތް. 2. ހަށިގަނޑުގެ ނުވަތަ މެޝިނެއްގެ ބައެއް މަސައްކަތް ނުކުރާ ނުކުރުން. މ. heart failure ހިތަށް ގެއްލުންވެގެން އެ ހުއްޓުން. 3. ބަގުރޫޓުވުން. 4. ނާކާމިޔާބު މީހެއް ނުވަތަ އެއްޗެއް ނުވަތަ ޢަމަލެއް.

fain

ފެއިން. ނއ. ކއ. ބޯދާ ލަފުޒެއް. ރުހުމާއެކު. ވަކި ޙާލަތެއްގައި ރުހުމާއެކު.

faint

ފެއިންޓް. ނއ. 1. ޙިއްސުތަކަށް ސާފުކޮށް ނޭނގޭ. ސާފުނޫން. ކުލަ، ވަސް، އަޑު ގަދަ ނޫން. 2. ބަލިކަށި. ސާފުނޫން. މ. faint hope ޔަޤީންކަން ކުޑަ އުއްމީދެއް. 3. ޖެހިލުންވާ. ބިކަ. 4. ހޭ ގެއްލެން ކައިރިވެފައިވާ. —ކ. ބޮލަށް ލޭ ދިއުން މަދުވެގެން ޚަބަރު ހުސްވުން. ހޭނެތުން. —ނ. ހޭނެތުމުގެ ޙާލަތް. ކއ. faintly. ނ. faintness. faint-hearted ނއ. ޖެހިލުންވާ. ނުކުރޭ.

fair

ފެއަރ. ނ. 1. ތަކެތި ވިއްކުމަށް ވަކި ދުވަސްވަރެއްގައި ބާއްވާ، ކުޅިވަރާއި މުނިފޫހިފިލުވުން ހިމެނޭ އެއްވުމެއް. 2. ވިޔަފާރީގެ ތަކެތި ދައްކައިލާ މައުރަޒެއް. 3. މަޖާ ކަންކަން ހިމެނޭ ކާނިވަލެއް ފަދަ ކަމެއް. fair-ground މިފަދަ ކަންކަން ކުރަން އޮންނަ ހާމަ ބޮޑު ސަރަހައްދެއް.

fair

ފެއަރ. ނއ. 1. (ހަންގަޑު ނުވަތަ އިސްތައްޓާ މެދު) ކުލަ އަލި، މީހަކާ މެދު ނަމަ، އިސްތަށިގަނޑު ކަޅުނޫން. ދޮން. 2. އިހުގެ މާނައަކީ ރީތި. 3. މޫސުމާ މެދު ނަމަ، އުޑުމަތި ސާފު. ފައްސި ވައިޖެހޭ. 4. ވަކި ފަރާތަކަށް ނުޖެހޭ. އިންސާފުވެރި. ގަވާއިދާ އެއްގޮތަށް. 5. މާ މަދެއްކޮށް ނުވަތަ ގިނައެއްކޮށް ނޫން. އެކަށީގެންވާ މިންވަރަކަށް ނުވަތަ ފެންވަރަކަށް. —ކއ. އިންސާފުވެރި ހަމަ ގޮތަކަށް. fair and square ސީދަލަށް. ބަރާބަރަށް. fair copy ކުށްތައް ރަނގަޅުކޮށްފައިވާ ލިޔުމެއްގެ ކޮޕީ. a fair crack of the whip ކަމެއްގައި ބައިވެރިވުމުގެ އެކަށީގެންވާ ފުރުޞަތެއް. fair enough ނުރަސްމީ ބަހުރުވައިން އެކަށީގެންވާ. އިންސާފުވެރި (ހުށަހެޅުމެއް). fair play އެންމެންނަށް ހަމަ ފުރުސަތުދީ، އަދި ކަންކަން ގޯސްކުރުމުން ހަމަ ފިޔަވަޅު އަޅާ. the fair sex އަންހެނުން. in a fair way to ކަމެއް ވުމުގެ ހިސާބުގައި. މ. he is in a fair way to succeed.

fairing

ފެއަރިން. ނ. އުޅަނދެއްގެ ހަލްގެ ބޭރުގައި ލޮނު ނުވަތަ ވައި ޖެހިގެން ދަތުރުކުރާއިރު ހިފެހެއްޓުމެއް ނެތި އޮމާންކޮށް ލޮނު ނުވަތަ ވައި ދަތުރުކުރުން ފަހިވާގޮތަށް އުޅަނދުގައި ހަރުކުރާ ބައެއް.

Fair Isle

ފެއަރ އައިލް. ނ. ފޭރާންކުރުމުގައި ވަކި ފަރުމާއެއް ގެންގުޅޭތީ މަޝްހޫރު ޝެޓްލަންޑްގެ ރަށްތަކުގެ ތެރެއިން ރަށެއް.

fairlead

ފެއަރލީޑް. ނ. ކަނޑު އުޅަނދެއްގައި ވައު ތަނެއްގައި ކޭއްތި ހަލާކުވެދާނެތީ ނުވަތަ ވަކި މިސްރާބަކަށް ވައު ގެންދިއުމަށް ވަލަށް އަމުނާފައި ހުންނަ ބުޅިގަނޑެއް ފަދަ އެއްޗެއް.

fairly

ފެއަރލި. ކއ. 1. އިންސާފުވެރި ގޮތަކަށް. 2. މާބޮޑަކަށް ނޫން. މ. fairly difficult ކުޑަކޮށް އުނދަގޫ. 3. ޙަޤީޤަތުގައި. މ. fairly jumped for joy fairly and squarely = fair and square.

fairway

ފެއަރވޭ. ނ. 1. ނުބީހި ދަތުރުކުރެވޭ ރާސްތާއެއް. 2. ގޮލްފު ކޯހެއްގައި ވިނަ ތުނިކޮށް ނުކޮށައި ހައްދައިފައި އޮންނަ، ޓީ އާއި ގްރީން އާ ދެމެދު ގެސަރަޙައްދު.

fairy

ފެއަރި. 1. ޖާދުވީ ބާރުތަކެއް ލިބިގެންވާ ޚިޔާލީ ކުޑަ މީހެއް. ޕަރީ. 2. ނުރަސްމީ ބަހުރުވައިން ފިރިހެންކުޅީގެ މީހެއް. fairy godmother ވަރަށް ބޮޑު އެހީއެއް/ހަދިޔާއެއް ކުރިން އެނގުމަކާ ނުލާ މީހަކަށް ދޭ އަންހެނެއް. fairy lights ޒީނަތްތެރިކުރުމަށް ބޭނުންކުރާ ކުދި ކުލަ ބޮކިތަކެއް. fairy ring ޕަރީން ނެށުމުން އުފެދޭ ކަމަށް ބުނާ ވިނަގަނޑުގައި ހުންނަ ކަޅުކަން ގަދަ ވިނަ ބުރެއް. ޙަޤީޤަތުގައި މި އުފެދެނީ ހަންޑިކުޑައިގެ ސަބަބުންނެވެ. fairy story, fairy-tale ޕަރީން އުޅޭ ނުވަތަ ޖާދުވީ ކަންކަން ވާ ވާހަކައެއް. ޤަބޫލުކުރަން ދަތި ވާހަކައެއް. ދޮގެއް.

fairyland

ފެއަރިލޭންޑް. ނ. 1. ޕަރީންގެ ދުނިޔެ. 2. ވަރަށް ހިތްގައިމު ތަނެއް.

fait accompli

ފޭޓަ ކޮމްޕްލި. ކޮށް ނިމި ދެން އިހުގޮތަށް އިޢާދަ ނުކުރެވޭނޭ ކަމެއް.

faith

ފެއިތް. [ތ ސުކުން ކިޔާނީ ފިއްތިއަޑަށް] ނ. 1. ދީނީ ކަންކަމަށް އޮންނަ އީމާން. 2. ދީނީ ކަންކަމަށް ކުރާ އިތުބާރު. 3. ދީނީ އަގީދާތައް. މ. ނަޞާރާދީން = Christian faith. 4. އިޚްލާޞްތެރިކަން، ވަފާތެރިކަން. ވަޢުދު. break faith ވަޢުދަކާ ޚިލާފުވުން ނުވަތަ ވަފާތެރިކަން ނަގައިލުން. faith-cure އެކަން ވާނެކަމަށް ގަބޫލުކުރާތީ ޝިފާލިބޭ ކަމެއް. faith-healer ދީނީ ގޮތުން ދުޢާއިން ޝިފާ ހޯދައިދޭ މީހެއް. faith-healing ބޭސްކުރުމުގެ ބަދަލުގައި ދުޢާއިން ބަލިން ޝިފާލިބޭ ލިބުން. in good faith ހެޔޮ މަޤްޞަދުތަކާ އެކު.

faithful

ފެއިތްފުލް. ނއ. 1. ވަފާތެރި. ތެދުވެރި. އިތުބާރުކުރެވޭ. ވަފާދާރު. އިޚްލާޞްތެރި. 2. ޙަޤީޤަތްތަކާ އެއްގޮތް. ތެދު. 3. the faithful އީމާންތެރި މުސްލިމުން. އީމާންތެރި މީހުން. ތެދުވެރި ސަޕޯޓަރުން. ކައްތިރީން. ކއ. faithfully. ނ. faithfulness. Yours faithfully ބަލާ yours.

faithless

ފެއިތްލަސް. ނއ. 1. އެއްވެސް ދީނަކަށް ތަބާނުވާ. ބޭއީމާން. 2. ވަޢުދުތައް ތެދުވެރިނޫން. ވަފާތެރިނޫން.

fake

ފޭކް. ނ. 1. އަޞްލު އެއްޗާ އެއްގޮތް ނަމަވެސް އެފަދަ އެއްޗަކަށް ނުވާ. އޮޅުވާލުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ އެހެން އެއްޗަކާ ވައްތަރު ދެރަވަރު އެއްޗެއް. 2. އެހެން މީހުންނަށް ހީލަތް ހެދުމުގެ ބޭނުމުގައި ޙަޤީޤީ ނޫން ސިފައެއް ހާމަކޮށްގެން އުޅޭ މީހެއް. މ. ފޭކް ޑޮކްޓަރުން. —ނއ. faked. ޙަޤީޤީ ނޫން. ނަކަލީ. ނަޤްލީ. އަޞްލުނޫން. —ކ. fake 1. އޮޅުވާލުމަށް އަޞްލު އެއްޗާ ވައްތަރަށް އެއްޗެއް ހެދުން. 2. ކަމެއް ވީކަމަށް ހެދިގެން އުޅުން. މ. he faked illness އޭނާ ބަލިކަމަށް ހެދިގެން އުޅުނެވެ. ނ. faker.

fakir

ފޭކީރް. ނ. ދީނީ މީހުންނަށް ވެގެން އުޅޭ ހިންދީންގެ ނުވަތަ މުސްލިމުންގެ ސަލާންޖަހާ މީހެއް.

falcon

ފެލްކަން. ނ. ފިޔަ ދިގު ކުޑަ ބާޒެއް. ޝާހީން. falconry މިބާވަތުގެ ބާޒު ވިއްސައި އޮޅުކޮށް ހެދުން.

fall

ފޯލް. ކ. (fell, fallen, falling) 1. އެއްވެސް ހިފެހެއްޓުމެއް ނެތި ތިރިއަށް އައުން، ވެއްޓުން. ތިރިވުން. ތިރާވުން. 2. ވެއްޓޭފަދައިން ޙާލަތެއް އައުން. މ. silence fell (ހަމަހިމޭންކަން ވެރިވުން). 3. މީހެއްގެ މަޤާމު ގެއްލުން. މ. fell from power. 4. ތިރިއަށް އެލުން. 5. ދަށްވުން. މ. އެއްޗެއްގެ އަގު، ބާރުގަދަކަން. މ. her spirits fell ރޫޙުގެއްލި ހިތާމަވެރިވުން. the barometer is falling ވައިގެ ފިއްތުން ތިރިވުން. 6. ތިރިއަށް ކަޗޯރުވުން. 7. (މޫނުގެ ކުލަވަރާމެދު) ނާއުއްމީދުވުން. 8. ކުރިކެޓްގައި ނުބައިވުން. މ. ތިން ވިކެޓް ވެއްޓިއްޖެ = ތިން މީހުން ނުބައިވުން. 9. ހަނގުރާމައެއްގައި މަރުވުން. 10. ސަހަރެއް، ކިއްލާއެއް ފަދަ އެއްޗެއް ފަތަޙަވެގެން ދިއުން. 11. އަންހެނުން ބަލިވެއިނުން. 12. ވަކި ދިމާއަކަށް ނަޒަރުދިއުން. މ. his glance fell on me. 13. އިއްތިފާޤުން ފުރުޞަތު ލިބުން ނުވަތަ ފުރުޞަތަކަށް ޢައްޔަނުވުން. މ. the honour fall to you 14. ވަކި ކަމެއް ދިމާވުން. މ. he fell into bad company އޭނާ ނުބައި ޖަމާޢަތެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ނުބައި ބަޔަކާ އެކުލަވައިފިއެވެ. 15. ވަކި ޙާލަތަކަށް ނަގުލުވުން. މ. fall in love, fall asleep. 16. ކަމެއް ވުން. ތާރީޚެއް އައުން. މ. birthday falls on a Monday. —ނ. 1. ވެއްޓުމުގެ ޢަމަލު. 2. ހިތްކިޔާ ކަންތައްތަކަށް ހެއްލުން. މ. the Fall of man (އާދަމްގެފާނު ސުވަރުގެއިން ދުނިޔެއަށް ފޮނުއްވުން). 3. އެއްޗެއް ވެއްޓޭ މިންވަރު. 4. އެމެރިކާގައި، ފިނިމޫސުމުގެ ކުރިން އަންނަ މޫސުން. އޯޓަމް. ޚަޒާން، ޙަރީފް މޫސުން. 5. ހިފުމުގައި އިދިކޮޅު މީހާ ބިންމަތީގައި ވަކި އިރެއްވަންދެން އޮންނަންޖެހޭފަދަ ޖެހުން. fall back on އެއްޗެއް ފޭލިވުމުން އެހީ ހޯދުމަށް އައުން. ފަހަތަށް ޖެހުން. fall down on ވަކި އެއްޗަކުން ފޭލިވުން. fall flat ނަތީޖާއެއް ނުނެރެވޭ ގޮތަށް ފޭލިވުން. fall for ނުރަސްމީ ބަހުރުވައިން މީހަކަށް ހިތް ކިޔުން. ކެހިވެރިކަމެއްގައި ޖެހުން. fall foul of އެއްޗެއްގައި ޖެހުން. މީހަކާ މައްސަލައެއް ޖެހުން. fall guy ކަމެއް ގޯސްވުމުން އެންމެން ކުށްވެރިކުރާ މީހާ. fall in ސިފައިންގެ ހަރަކާތެއްގައި ވަކި ތަނެއްގައި ޤާއިމްވުން. ޢިމާރާތެއް އެތެރެއަށް ވެއްޓުން. ކުލީގެ މުއްދަތު ހަމަވުން. fall in with އިންތިފާޤުން ދިމާވުން. ކަމަކާ އެއްބަސްވުން. fall off އަދަދުން، ފެންވަރުން، ސައިޒުން ފަދަ ސިފައަކުން ދަށްވުން. falling star ގިނިހިލަ. fall on one’s feet ދައްޗަކުން ސަލާމަތްވެގަތުން. fall out އަރައިރުންވުން. ވަކިކަމެއް ހިނގުން. ސިފައިންގެ ގޮތުގައި ވަކި ހަމައަކުން ތަނަކުން ދިއުން. މިކަން ސިފައިން ލައްވާކުރުވުން. fall-out ނިޔުކްލިއަރ ބޮމެއްގެ ސަބަބުން އުފެދޭ ވިހަ ރޭޑިއޯއެކްޓިވް ކުޑި ފަދަ ތަކެތި. to fall over oneself ވަރަށް އަވަސް އަރައިގެން އުޅުން. ވަރަށް ކުރާހިތުން އުޅުން. ވަރަށް ލަދުގަނެ ފަސްޖެހިގެން އުޅުން. fall-pipe ދިޔަދޮއްވާ ގުޅާ ތެދު އޮލަނބު ހޮޅި. fall short ހަމަ ނުވުން. މަދުވުން. ވަކި ހިސާބަކަށް ނުދެވުން. fall through (ރޭވުމެއް) ނާކާމިޔާބުވުން. fall to މަސައްކަތްކުރަން، ތަޅާފޮޅަން، ކާން ފަދަ ކަމެއްކުރަން ފެށުން.

fallacious

ފެލޭޝިއަސް. ނއ. ފެލަސީއެއް ހިމެނޭ. އޮޅުމެއް ކުށެއް ހިމެނޭ.

fallacy

ފެލަސީ. ނ. 1. ކުށް ނުވަތަ ތެދުނޫން ޤަބޫލުކުރުމެއް. 2. އޮޅިފައިވާ ވިސްނުން.

fallible

ފެލިބްލް. ނއ. ކުށް ކުރެވޭ، ކުށްޖެހޭ. ނ. fallibility.

Fallopian tubes

ފެލޯޕިއަން ޓިއުބްސް. ނ. ރަހިމުގެ ތެރެއަށް އޯވަރީން ދަރިމައިވުމުގެ ބިސް ދަތުރުކުރާ ދެ ހޮޅި.

fallow

ފެލޯ. ނއ. ބިމެއް ފަސްގަނޑު ޖެހުމަށް ފަހު، ގޮވާން ނީންދައި، ބިމުގައި ކާދު ގިނަކުރަން ބާއްވާފައި އޮންނަ އޮތުން.

fallow deer

ފެލޯ ޑިއަރ. ނ. ކުޑަ ފުއްލާގެ ބާވަތެއް. ހޫނު މޫސުމުގައި މީގައި ހުދު ލައްތަކެއް ހުރެއެވެ.

falls

ފޯލްސް. ނ. ފެން އޮހޭ ތަނެއް. ވޯޓަރފޯލް. އާބްޝާރު. ޝަލާލް.

false

ފޯލްސް. ނއ. 1. ނުރަނގަޅު. ދޮގު. ތެދުނޫން. 2. ޚިޔާނާތްތެރި. މަކަރުވެރި. ދޮގުހަދާ. ބޭވަފާތެރި. 3. ޙަޤީޤީ ނޫން. ނަޤްލީ. އަޞްލުނޫން. މ. false teeth ޖަހާފައި ހުންނަ ދަތް. false economy ޚަރަދު ކުޑަނުވާ ޚަރަދުކުޑަކުރަން ކުރާކަމެއް، އިޤްތިޞާދެއް. 4. ތެދު ނޫނަސް އެހެން ކިޔާ. މ. false acacia ގިޔުޅިދާށި ގަސް ނޫނަސް އެހެން ކިޔާ. ކއ. falsely. ނ. falseness. false alarm ޙަޤީޤީ ކަމެއް ދިމާނުވިއަސް ހޭއަރުވަން ކުރާ އެލާރމް. false pretences އޮޅުވާޅުމުގެ މަޤްޞަދުގައި ކުރާ ޢަމަލުތައް.

falsehood

ފޯލްސްހުޑް. ނ. 1. ތެދުނޫން ބަޔާނެއް. ދޮގު. 2. ބުނާ ދޮގު. ބާޠިލް.

falsetto

ފޮލްސެޓޯ. ނ. ޢާއްމުކޮށް ފިރިހެނުން ލަވަކިޔާއިރު އޭނާގެ ޙަޤީޤީ އަޑަށް ވުރެ ތޫލިކޮށް ލަވަކިޔާ އަޑު. —ކއ. މިފަދަ އަޑަކުން.

falsify

ފޮލްސިފައި. (falsify, falsifying) 1. ފަތެއް ފަދަ އެއްޗެއް މަކަރެއް ހެދުމުގެ ބޭނުމުގައި ބަދަލުކުރުން. 2. ޙަޤީޤަތާ ޚިލާފަށް ބަޔާންދިނުން. ނ. falsification.

falsity

ފޮލްސިޓީ. ނ. 1. ބާޠިލް. ތެދުނޫން ޙާލަތް. 2. ދޮގެއް. ކުށެއް.

falter

ފޯލްޓަރ. ކ. 1. ކުރިއަށް ބޭސާބިތުކަމާއެކު ދިއުން. މެޝިނެއް ފަދަ އެއްޗެއް މިފަދަ ގޮތަކަށް ހިނގުން. 2. ބަލިކަށިވުން. ނިކަމެތިވެގެން ދިއުން. މ. his courage faltered އޭނާގެ ކެރުން ނިކަމެތިވެއްޖެއެވެ. 3. އާގަންނަ ފަދަ ގޮތަކަށް ވާހަކަދެއްކުން. އާގަތުން.

fame

ފެއިމް. ނ. 1. އެތައް ބަޔަކަށް އެނގިގެންވުމުގެ ޙާލަތު. ޝަހުރަތު. 2. ރަނގަޅުކަމަށް މަޝްހޫރުވެގެންވުން.

famed

ފެއިމްޑް. ނއ. މަޝްހޫރު. ގިނަބަޔަކަށް އެނގޭ.

familiar

ފެމިލިއަރ. ނއ. 1. ބޮޑަށް އެނގޭ، ގިނަ ފަހަރު ފެނިދެނިވެފައިވާ. ތަޖުރިބާކުރެވިފައިވާ. މ. familiar sight ފެނިދެނިވެފައިވާ މަންޒަރެއް. 2. ރަސްމީގޮތް ނެތް. ރައްޓެހިގޮތަކަށް. ނުރަސްމީ ސިފައިގައި. މ. އޭނާއާ މުޚާޠަބުކުރީ ފެމިލިއަރ ގޮތަކަށެވެ. 3. މާނުރަސްމީ. ކަމާ އެކަށީގެންނުވާ ނުރަސްމީ ރައްޓެހި ގޮތެއްގައި. ކއ. .

familiarize

ފެމިލިއަރައިޒް. ކ. 1. އެއްޗަކާ ނުވަތަ މީހަކާ ފަރިތަވުން. 2. ގިނަ ބަޔަކަށް އެނގޭގޮތް ހެދުން. ނ. familiarization.

family

ފެމިލީ. ނ. 1. ބެލެނިވެރިންނާއި އެމީހުންގެ ދަރީން. ޚާންދާން. އުސްރަތު. 2. މީހެއްގެ ދަރީން. 3. ތިމާގެ މީހުން. އާއިލާ. 4. ވަކި މީހެއްގެ ދަރިފަސްކޮޅު. 5. ކޮންމެވެސް ސިފައަކުން ވައްތަރު ތަކެތީގެ ގުރޫޕެއް ނުވަތަ ބައެއް. 6. އެއް ބާވަތެއްގެ ޖަނަވާރު ނުވަތަ ގަސް. މ. ސިންގާއަކީ ބުޅާ ފެމިލީގެ ޖަނަވާރެކެވެ. family circle ގާތް ތިމާގެ ބައެއްގެ ޖަމާޢަތެއް. family man އާއިލާއާއިގެން އުޅޭ އެމީހުންނާ އެކީ ގިނަ ވަގުތު ހޭދަކުރާ މީހެއް. family planning ދޭތެރެދުރުކޮށް ވިހެއުން. family tree އާއިލާއެއްގެ އެކި މީހުންގެ ތިމާގެކަން އަންގައިދޭ ޗާޓެއް ނުވަތަ ހޫލައެއް. in the family way ނުރަސްމީ ބަހުރުވައިން ބަލިވެއިން. ބަނޑުބޮޑު. ހައްޔަރުގައި އިން.

famine

ފެމިން. ނ. ސަރަޙައްދެއްގައި އެއްޗެތި (ޚާއްޞަކޮށް ކާނާ) ނެތި ވުން. ތަދު.

famished, famishing

ފެމިޝްޑް، ފެމިޝިން. ނއ. ވަރަން ބޮޑަށް ބަނޑުފާގަނެފައި. ހާންތިވުން.

famous

ފެއިމަސް. ނއ. ގިނަބަޔަކަށް އެނގޭ. މަޝްހޫރު.

famously

ފެއިމަސްލީ. ކއ. ވަރަށް ރަނގަޅަށް. މ. getting on famously ބަދަހިކޮށް ގުޅިގެން އުޅުން.

fan

ފޭން. ނ. އަތުން ހަރަކާތްކޮށްގެން ވައި ޖައްސަން ގެންގުޅޭ އާލަތެއް. ފަންކާ. —ކ. (fanned, fanning) 1. ވައި ޖެއްސުން މ. އެއްޗަކަށް ހިހޫކުރަން ނުވަތަ ފިނިކުރަން. 2. މިގޮތުގެ މަތިން އަލިފާންގަނޑު ގަދަކުރުމަށް ވައި ޖެއްސުން. 3. މެދުން އަރިމައްޗަށް ބެހިގެން ދިއުން. މ. ކުޅުންތެރިން ފޭން އައުޓްވުން. fan belt ކާރެއްގެ ރޭޑިއޭޓަރު ފިނިކުރުމަށް ހުންނަ ފަންކާގެ ދިޔުޅި.

fan

ފޭން. ނ. މީހަކަށް މާބޮޑަށް ރުހެވޭ، ތައުރީފުކުރާ، ޤަދަރުދޭ، ވާގިދޭ މީހެއް. މި ލަފުޒަކީ fanatic އިން ހަދާފައިވާ ލަފުޒެއް. fan club ވަކި މީހަކަށް މާބޮޑަށް ތައުރީފުކުރާ މީހުންގެ ޖަމާޢަތެއް. fan mail ތަޢުރީފުކުރާ މީހުން، އެމީހުން ރުހޭ މީހާއަށް ފޮނުވާ ސިޓީބިޓީ.

fanatic

ފެނެޓިކް. ނ. ހައްދުފަހަނައަޅައިފައިވާ މިންވަރަށް ކަމަކަށް، މީހަކަށް ނުވަތަ އެއްޗަކަށް ލޯބިޖެހިފައިވާ މީހާ. ނއ. fanatical. ކއ. fanatically.

fanaticism

ފެނެޓިސިޒަމް. ނ. ކަމަކަށް ނުވަތަ އެއްޗަކަށް ހުންނަ ހައްދުފަހަނައަޅައިފައިވާ ޝައުޤު، ޖޯޝް، ފޯރި.

fancier

ފެންސިއަރ. ނ. 1. އެއްޗަކަށް ނުވަތަ ކަމަކަށް އާދަޔާ ޚިލާފު ލޯތްބެތް ހުންނަ މީހެއް. މި މީހާ މިކަމުގެ މަޢުލޫމާތު ވަރަށް އެނގޭނެއެވެ. 2. ގަސް ހެއްދުމަށް ނުވަތަ ޖަނަވާރު ގެންގުޅުމަށް ޚާއްޞަ ޝައުޤެއް ހުންނަ މީހެއް.

fanciful

ފެންސިފުލް. ނއ. 1. މިނިވަން ކަމާ އެކު ޚިޔާލުކުރާ. ކަންކަން އެކި ގޮތްގޮތަށް ވިސްނައިގަންނަ. ޚިޔާލީ. 2. ހަމައެކަނި ޚިޔާލުގައިވާ. 3. (ތަކެއްޗާ މެދު) އާދަޔާ ޚިލާފު އީޖާދީ ގޮތަކަށް ފަރުމާކޮށްފައިވާ. ކއ. fancifully.

fancy

ފެންސީ. ނ. 1. އާދަޔާ ޚިލާފު، ނުވާނެ ފާޑުގެ ކަންތައްތައް ޚިޔާލަށް ގެނައުމުގެ ބާރު. 2. ޚިޔާލަށް ގެންނަ ކަމެއް. ހަމަ ނުޖެހޭ ޚިޔާލެއް. 3. ސަބަބެއް ނެތި އެއްޗަކަށް އެދޭ އެދުން. 4. ކަމަކަށް ރުހޭރުހުން. —ނއ. 1. ސާދާ ނޫން. ޒީނަތްތެރިކޮށްފައިވާ. ގޮތްގަޑު ބޮޑު. 2. ޙަޤީޤަތަށް ވުރެ ޚިޔާލުގެ މައްޗަށް ބަރޯސާކުރެވިފައިވާ. —ކ. fancy. (fancied, fancying) 1. ޚިޔާލުކުރުން. 2. އެއްޗެއް ޤަބޫލުކުރުމަށް ހިތް ޖެހުން. 3. ނުރަސްމީ ބަހުރުވައިން މީހަކަށް ހިތްކިޔުން. އެއްޗަކަށް ހިތްކިޔުން. fancy-free ލޯބިޖެހި ދީވާނާވެގެން ނުވާ. fancy dress ތާރީޚީ، މަޖާ، ނުވަތަ ޖަނަވާރު ފަދަ ސިފަ ޖައްސަން އަޅާ ހެދުން. fancy goods (ފިހާރަތަކުގައި ހުންނަ) ބޭނުން ނުހިފޭ، ރީއްޗަކަށް ބޭނުންކުރާ މުދައު. fancy man އަންހެނެއްގެ ލޯބިވެރިޔާ. ނާސި އަންހެނުންނާ ގުޅުން އޮންނަ އެމީހުންގެ ވިޔަފާރީގެ ބައިވެރިޔާ. fancy oneself ނުރަސްމީ ބަހުރުވައިން، ތިމާއަށް ތިމާ މާރީތިވުން/ހިތްގައިމުވުން. fancy prices މުދަލާ ނުގުޅޭ ބޮޑު އަގުތައް. fancy woman ނުރަސްމީ ބަހުރުވައިން ފިރިހެނެއްގެ ލޯބިވެރިޔާ. take a fancy to ކަމަކަށް ހިތް ކިޔުން. take a person’s fancy މީހަކު ރުހޭ މީހުންގެ ތެރޭގައި ހިމެނިގެންވުން.

fandango

ފެންޑެންގޯ. ނ. 1. ސްޕެއިންގެ މީހުން ޖޯޑުޖޯޑަށް ޙަރަކާތްތެރިކަމާއެކު ނަށާ ނެށުމެއް. މި ނެށުމުގެ ލަވަ. 2. ތާކުންތާކު ނުޖެހޭ ވާހަކަ. ގަންނަ ސަކަރާތް.

fanfare

ފޭންފެއަރ. ނ. ކުރުކޮށް، ދެއްކުންތެރިކަމާއެކު އިހްތިފާލުތަކުގައި ދުންމާރި ކުޅުން.

fang

ފޭން. ނ. 1. ކުއްތާއާއި ޒިއުބު ފަދަ ތަކެތީގައި ހުންނަ ތޫނު ދިގު ދަތް. 2. ހަރުފަ އެއިގެ ތެރެއިން ވިހަލާ ދަތް.

fanlight

ފޭންލައިޓް. ނ. ދޮރެއްގެ ނުވަތަ ކުޑަދޮރެއްގެ މަތިގައި ބައިބުރެއްގެ ގޮތުގައި ހުންނަ ކުޑަދޮރު.

fanny

ފެނީ. ނ. 1. އެމެރިކާގެ ނުރަސް ބަހުރުވައިން ފޫކޮޅު މަސްގަނޑު. 2. ނުރަސްމީ ބަހުރުވައިން އަންހެނެއްގެ ފަރުޖު.

fantail

ފޭންޓެއިލް. ނ. ބައިބުރެއްގެ ގޮތުގައި (އަތުފަންކާއެއް ހެން) ފިދުފަތްތައް ހުންނަ ކޮތަރުގެ ބާވަތެއް.

fantasia

ފެންޓެއިޒިއާ. ނ. މީހުން ދަންނަ އެތައް މިޔުޒިކެއް އަމުނައިގެން ކުޅޭ މިޔުޒިކް

fantasize

ފެންޓެސައިޒް. ކ. 1. ހޭލާހުރެގެން ހުވަފެނެއްފަދަ ޚިޔާލުތަކުގައި ވުން. 2. ނުވާނެ ނަމަވެސް ހިތް ހަމަޖެހޭ ޚިޔާލުތަކެއްގައިވުން.

fantastic

ފެންޓޭސްޓިކް. ނއ. 1. ވަރަށް ޚިޔާލީ. 2. ވަރަށް އީޖާދީ ގޮތަކަށް ފަރުމާކޮށްފައިވާ. 3. ނުރަސްމީ ބަހުރުވައިން އާދަޔާ ޚިލާފަށް މޮޅު. ކއ. fantastically.

fantasy

ފެންޓަސީ. ނ. 1. ނުވާނޭ ނަމަވެސް މޮޅު ހިތްގައިމު ޚިޔާލު. 2. ޚިޔާލުގެ ވަރަށް ތަފާތު އުފެއްދުމެއް ނުވަތަ ފަރުމާއެއް. 3. ހިތްހަމަޖެހޭ ނަމަވެސް ޙަޤީޤަތަކަށް ނުވާނޭ ޙާލަތެއް. މިފަދަ ޙިޔާލުތަކެއްގައިވުން. 4. ޙަޤީޤަތާ ދުރު، ޚިޔާލުތަކުގެ މައްޗަށް ބިނާވެފައިވާ އަދަބީ ލިޔުންތައް ނުވަތަ ވާހަކަ.

far

ފާރ. ކއ. (farther, further, farthest, furthest) ދިގު ރާސްތާއެއްގެ ކޮޅުގައި. ނުވަތަ އެފަދަ ތަނަކުން ނުވަތަ އެފަދަ ތާކަށް. ނއ. ވަރަށް ދުރުގައި. a far cry from ވަރަށް ބޮޑަށް ތަފާތު. by far ފަރަގު ބޮޑުކޮށް. far and away ވަރަށް ދުރުގައި. far and wide ވަރަށް ބޮޑު ސަރަޙައްދެއްގައި. ފެތުރިފައި. far-away ނއ. ދުރުގައި. ހުވަފެނެއްގައިވާ ހެން (ފެންނަ ފެނުމުގައި)، ވަރަށް ދުރުންހެން (އަޑާ މެދު). far be it from me އަހުރެން ޔަޤީނުންވެސް ނޫނެކޭ. Far East ޗައިނާ އާއި ޖަޕާނާއި އިރާއި އިރުދެކުނުގެ ޤައުމުތައް. far-fetched ނއ. (އޮޅުން ފިލުވާދިނުމަކާ ބެހޭ ގޮތުން) މާ ދުރުން ފަށައިފައިވާތީ، ވަރަށް ވައްތަރު ނޫން. far-reaching ނއ. ވަރަށް ފުޅާކޮށް (އަސަރު، ނަތީޖާ، ނުފޫޒު) ފެތުރިގެންވާ. far-seeing ނއ. ވަރަށް ދުރު މުސްތަޤްބަލް ފެންނަ.

farce

ފާސް. ނ. 1. މަޖާ ހެއްވާ ޙަރަކާތްތަކެއް. 2. މި ބާވަތުގެ ޑްރާމާ. 3. ބޭނުމެއްނެތް ތާކުންތާކު ނުޖެހޭ ހަމަތައް. އޮޅުވާލުމުގެ ގޮތުން ކުރާ ކަންކަން. ނއ. farcical.

fare

ފެއަރ. ނ. 1. ދަތުރެއް ކުރުމަށް ދައްކަންޖެހޭ ފީ. 2. މިފަދަ ފީ ދައްކާ މީހާ. 3. ރެސްޓޯރަންޓަކުން ދޭ ކޮއްތު. —ކ. ރަނގަޅު ނުވަތަ ނުރަނގަޅު ހާލަތެއްގައިވުން. މ. he fared well in the new government އާ ސަރުކާރުގައި އޭނާއާ މެދު ކަންތައްތައް ދިޔައީ ރަނގަޅަށެވެ. fare-stage ފީގެ މިންވަރު ކަނޑައެޅުމަށް ބަސްދަތުރުގެ ރާސްތާގައި ހުއްޓާ މަންޒިލެއް.

farewell

ފެއަރވެލް. ކުއްލިއަކަށް ބުނާ ލަފުޒެއް. މި ލަފުޒުގެ މާނައަކީ، ހެޔޮއެދެމުން ވަކިވުން. —ނ. ދިއުމަށް އިޒުނަދިނުން.

farm

ފާމް. ނ. 1. ކެއުމަށް ބޭނުންކުރާ ތަކެތި (އެކި ބާވަތުގެ ގަސް، ގޮވާން، ގެރިބަކަރި، ކުކުޅުހާ) ހެއްދުމަށް ބޭނުންކުރާ، އެކަކުގެ ނުވަތަ އެއް ބައެއްގެ ބިމާއި އެ ބިމުގައިވާ ވަޅު އިމާރާތް ފަދަ ތަން. ދަނޑު. 2. މި ފަދަ ދަނޑެއްގައި ހުންނަ ގެ. 3. މަސް ގެންގުޅެ ގިނަ ކުރުމަށް ހަދާފައި ހުންނަ ފެންގަނޑު ނުވަތަ ވެޔޮ. —ކ. 1. ކެއުމަށް ބޭނުންކުރާ ތަކެތި ގޮވާންކުރުން. 1. މިކަމަށް ބިން ބޭނުންކުރުން. farm out ކުރަން ޖެހޭ މަސައްކަތްތައް އެހެން ބަޔަކަށް ހަވާލުކުރުން.

farmer

ފާމަރ. ނ. ދަނޑެއް ބަލަހައްޓައި ހިންގާ މީހާ. ގޮވި.

farmhouse

ފާމްހައުސް. ނ. ދަނޑެއްގައި ގޮވި ދިރިއުޅޭން ހުންނަ ގެ. farmhouse butter ދަނޑެއްގައި މީހަކު (ކާރުޚާނާއަކުން ތައްޔާރުކުރުމުގެ ބަދަލުގައި) ހަދާ ބަޓަރު.

farmstead

ފާމްސްޓެޑް. ނ. ދަނޑާއި ދަނޑުގައިވާ އިމާރާތްތައް.

farmyard

ފާމްޔާޑް. ނ. ދަނޑުގައިވާ އިމާރާތްތައް ހިމެނޭ ސަރަހައްދު. މި ސަރަޙައްދު ހުންނަނީ ފުޅަފަކުން ވަކިކޮށްފައެވެ.

Faroes

ފެއަރޯޒް. ނ. އުތުރު އެޓްލާންޓިކްގައިވާ ފެއަރޯޒް ރަށޗތައް. މި ރަށްތައް ނިސްބަތްވަނީ ޑެންމާކް އަށެވެ. ނ، ނއ. Faroese.

farrago

ފަރާގޯ. ނ. ގުޅުމެއް އެއްޗެތި މަސްހުނިވެފައިވާ ކަމެއް ނުވަތަ އެއްޗެއް.

farrier

ފެރިއަރ. ނ. އަހުގެ ފައިގައި ދަގަނޑު “ފައިވާން” ހަރުކުރާ މީހާ.

farrow

ފެރޯ. ކ. އޫރު ދަރިވިހެއުން. —ނ. 1. މި ޢަމަލު. 2. މިގޮތަށް ވިހާ ކުދި އޫރުތައް.

Farsi

ފާރސީ. ނ. ފާރިސީ ބަސް.

fart

ފާޓް. ކ. ހުތުރުބަހުރުވައިން، ފޫކޮޅުން ވައި ބޭރުކުރުން. ފޮޑިޖެހުން. —ނ. މިގޮތަށް ޖަހާ ފޮޑި.

farther

ފާދަރ. ނއ. ކއ. ވަރަށް ދުރަށް، ދުރު ހިސާބެއްގައި. އެހެން އެއްޗަކާ އަޅާ ބަލާއިރު މާ ދުރުގައި. farthest ނއ. ކއ. އެންމެ ދުރުގައި. މި ލަފުޒު ޢާއްމުކޮށް ބޭނުމެއް ނުކުރެއެވެ. މި ޙާލަތުގައި ބޭނުންކުރަނީ further, furthest އެވެ.

farthing

ފާދިން. ނ. އިހުގެ އިނގިރޭސި ވިލާތުގެ ސިއްކަ އެއް. ޕެނީއެއްގެ ހަތަރު ބައިކުޅަ އެއްބައި.

fascia

ފޭޝިއާ. ނ. 1. ދިގު އޮމާން ލަކުޑި ނުވަތަ ހިލަ ފިލާގަނޑެއް. މިހަރު ކުރަނީ ފާރުމަތީގައި ފައިދޮށްތައް ނުފެންނަ ގޮތަށެވެ. ނަލަފިލާ. 2. = facia. ހަށިގަނޑުގެ މަސްތައް ފަދަ ބައިތައް ވަށައިގެން އޮންނަ ދުލި.

farthingale

ފާދިންގޭލް. ނ. އިނގިރޭސި ވިލާތުގެ ކުރީގެ އަންހެނުން ލީ ހެދުމުގެ ބާވަތެއް. މިއީ ހެދުމުގެ އެތެރެއިންލާ، ވަށް ބުރެއް ހިމެނޭ ގަޔާ ދުރަށް ވާގޮތަށް ފަސްބައި ގެންދިއުމުގެ ބޭނުމުގައި ބަންދެއް ލާފައި ހުންނަ ޕެޓިކޯޓެއް ފަދަ ހެދުމެކެވެ.

fascicle

ފެސިކަލް. ނ. އެތައް ކުދި ފޮތްތަކެއްގެ ގޮތުގައި ފޮތެއް ފައުޅުކުރާއިރު، ޗާޕުކޮށްގެން ނެރޭ ފޮތުގެ ބައެއް.

fascinate

ފެސިނެއިޓް. ކ. 1. ޝައުޤުވެރިކަން ހޯދައި އެ ހިފަހެއްޓުން. ބޮޑަށް ޝައުޤުވެރިކުރުވުން. 2. ލޮލާ ދިމާއަށް ސީދާ ބަލައިގެން، ހަރުފައެއް ހެން، ހިފަން ބޭނުންވާ ޝިކާރީ ނުވަތަ ޤުރްބާނީ ރައްކާވުމުގެ ބާރު ކަނޑުވާލުން. ނ. fascination. fascinator ޖާދުވީ ނުވަތަ ޝައުޤުވެރިކަން ހިފަހައްޓާ.

fascism

ފޭސިޒަމް. ނ. ސަރުކާރުގެ ބާރުގަދަކޮށް، ޚުދުމުޚްތާރު ވެރިއެއް ހިންގާ ސަރުކާރުގެ ނިޒާމެއް. މިފަދަ ސަރުކާރުގައި އިދިކޮޅު ހަރަކާތްތަކަށް ފުރުޞަތެއް ނުދޭނެއެވެ. އަދި ސަރުކާރުގެ އިޤްތިޞާދު އޮންނާ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. ނ. fascist.

fash

ފޭޝް. ކ. ސްކޮޓްލަންޑްގެ ބަހުރުވައިން، އުނދަގޫކުރުން، ދަތިކުރުން. މ. don’t fash yourself.

fashion

ފެޝަން. ނ. 1. ކަމެއް ކުރާ ގޮތުގެ ފޭޑި. މ. continue in this fashion = މިގޮތަށް ކަންކުރަމުންދޭ. 2. ވަކި ދުވަސްވަރަކު ގިނަ މީހުން ހެދުންއަޅާ ނުވަތަ އާދަތައް ބަހައްޓާ ފޭޑި. މ. fashion shoes އެއިން ކުރާ ބޭނުމަށް ވުރެ ފޭޑިއަށް ފަރުމާކޮށްފައިވާ ފައިވާން. —ކ. ވަކި ގޮތަކަށް، ބައްޓަމަކަށް ކަމެއް ކުރުން. after (in) fashion ވަކި މިންވަރަކަށް ނަމަވެސް މުޅިއަކުން ފުދޭ ކަމުދާވަރަކަށް ނޫން. in fashion ވަކި ދުވަސްވަރަކު ޢާއްމުވެ މަޤްބޫލްކަން ލިބިފައިވާ ފޭޑިއަކަށް. out of fashion ފެޝަން އަށް ނުފެތޭ.

fashionable

ފެޝަނަބްލް. ނއ. 1. ވަކި ދުވަސްވަރަކު ގިނަ ބަޔަކަށް ކަމުދާ ފޭޑިއެއް ބޭނުންކުރާ. 2. މިފަދަ މީހުން ގިނައިން ދާ ނުވަތަ ބޭނުންކުރާ. މ. ފެޝަނަބްލް ހޮޓަލެއް. ކއ. fashionably.

fast

ފާސްޓް. ނއ. 1. ވަރަށް އަވަހަށް ހަރަކާތްކުރާ. އަވަހަށް ކަމެއް ކުރާ. 2. އަވަހަށް ކަންކަން ކުރުމަށް ފަހި. މ. a fast road. 3. (ގަޑިއާ މެދު) ވަގުތު ދައްކާއިރު، ގަޑި އަވަސް. 4. (މީހަކާ މެދު) އަޚްލާޤް ދަށް، މަޖަލުގައި ގިނަ ވަގުތާއި ހަކަތަ ހޭދަކުރާ. 5. (ފޮޓޯ ނަގާ ފިލްމާ މެދު) އަލިން ފަސޭހައިން އަސަރުކުރާ. (ކެމެރާ ލެންސް އާ މެދު) އެޕާޗަރ (ހުޅުވޭ ވަށަމިން ބޮޑުކަމުން) ކުޑަ ވަގުތުކޮޅަކުން ފޮޓޯ ނެގޭ. 6. ބާރަށް އައްސާފައި ނުވަތަ ހަރުދަނާ ކަމާއެކު ގުޅިފައި. 7. (ފޭރާމުގައި ޖައްސާ ކުލައާ މެދު) އަވިން ކުލަ ފަނޑުނުވާ އަދި ކުލަ ނުވެއްޓޭ. —fast ކއ. 1. އަވަހަށް. ހަލިކޮށް. 2. ހަރުދަނާކޮށް، ބާރަށް (ދޫކޮށެއް ނޫން)، ނުނެއްޓޭގޮތަށް. މ. stuck fast, fast asleep. fast food އަވަހަށް ތައްޔާރުކުރާ ކާނާ (ޚާއްޞަކޮށް ރެސްޓޯރަންޓެއްގައި) އަވަހަށް ކައްކާފައި ދޭ ކާނާ. fast-talk މީހެއްގެ ޚިޔާލުބަދަލުކުރުމަށް ނުވަތަ މީހަކަށް އޮޅުވާލުމަށް ބަލާޣަތްތެރިކަމާއެކު ދައްކާ ވާހަކަ. fast worker އޭނާގެ މަޤްޞަދުތައް ޙާޞިލްކުރުމަށް މަސައްކަތުގައި އަވަހަށް ކުރިއަރާ މީހާ. play fast and loose މީހަކު ކަމަކާ ދޭތެރޭ ދެކޭ ގޮތް އަވަހަށް ބަދަލުކުރުން. މީހެއްގެ ވާޖިބުތަކަށް އަޅާނުލުން.

fast

ފާސްޓް. ކ. ކެއުމާ ނުލައި ނުވަތަ ވަކި ބާވަތެއްގެ ކެއުމާ ނުލައި ވަކި މުއްދަތަކު އުޅުން. މިކަން ކުރަނީ ޢާއްމުކޮށް ދީނީ ސަބަބުތަކާ ހުރެއެވެ. ރޯދަހިފުން. —ނ. ރޯދަ. މިކަން ކުރަން ކަނޑައެޅިފައިވާ ދުވަހެއް ނުވަތަ މުއްދަތެއް.

fastback

ފާސްޓްބެކް. ނ. ފަހަތްކޮޅު ދިގުކޮށް ކަތިކޮށް އޮންނަ ކާރު. މި ބައި.

fastidious

ފަސްޓިޑިއަސް. ނއ. ތަކެތި ޚިޔާރުކުރުމުގައި ފިކުރު ބޭނުންކުރާ. ހަމައެކަނި ރަނގަޅު އެއްޗެތި ޚިޔާރުކުރާ. ކައްކަން ބަރާބަރަށް ހުންނަން އެދޭ. ކުދިކުދި ކަންކަމަށް ސަމާލުކަންދޭ. މ. he is fastidious about how to pack a suit case. ކއ. fastidiously. ނ. fastidiousness.

fastness

ފާސްޓްނަސް. ނ. 1. އެއްޗެއް ހަރުދަނާކޮށް ގުޅިފައި ހުރި ގުޅުން. ކުލަ ނުވެއްޓޭ ނުވެއްޓުން. މ. colour fastness. 2. ކިއްލާއެއް. ދިފާޢުކުރެވޭ ގޮތަށް ހުރި ވަރުގަދަ ތަނެއް.

fat

ފެޓް. ނ. ހައިވާނާއި ބައެއް އޮށުގައި ހުންނަ ފެނަށް ނުގިރޭ ހުދު ނުވަތަ ރީނދޫ އެއްޗެއް. ސަރުބީ. 2. ކެއްކުމަށް ބޭނުންކުރާ މި އެތި. —ކއ. (fatter, fattest) 1. ސަރުބީ ގިނަ. ސަރުބީން ނިވާވެފައި. 2. މާބޮޑަށް ފަލަ. 3. (ޖަނަވާރާ މެދު) ކަތިލުމަށް ފަލަކޮށްފައިވާ. 4. ބޯ (މ. ފޮތެއް). 5. ކާދުގިނަ (ބިމެއް). މ. fat lands. 6. ބޮޑަށް ނަފާވާ. މ. fat job. —ނ. fatness. fat cat އެމެރިކާގެ ބަހުރުވައިން މުއްސަނދި މީހެއް. a fat lot/chance ނުރަސްމީ ބަހުރުވައިން އެއްވެސް ޗާންސެއްނެތް. the fat will be in the fire ރުޅި ފަޅައިގެން ގޮސްފާނެ. live off the fat of the land ކާނެ ހުރިހާ އެއްޗެއް ކެއުމުގެ ފުރުޞަތު އޮތުން.

fatal

ފެއިޓްލް. ފެއިޓަލް. ނއ. 1. މަރު ގެނުވާ. މަރާ ކަމެއް ނުވަތަ އެއްޗެއް. 2. ވަރަށް ބޮޑު ގެއްލުންދޭ އެއްޗެއް ނުވަތަ ކާރިސާއެއް. މ. fatal mistake = ވަރަށް ބޮޑު ކުށެއް. 3. އެކަމުގެ ސަބަބުން މުސްތަޤްބަލަށް ވަރަށް އަސަރުކުރުވާ. މ. fatal day. ކއ. fatally.

fatalist

ފެޓެލިސްޓް. ނ. ވާގޮތެއް އެއީ މިންވަރު ކުރެއްވި ގޮތް ކަމަށް ބަލައި، ބަދަލެއް ނުކުރެވޭނެކަމަށް ބަލައި، އެކަން ޤަބޫލުކުރާ މީހާ. ޤަޟާޤަދަރަށް އީމާންވާ މީހާ. ނ. fatalism. ނއ. fatalistic.

fatality

ފޭޓަލިޓީ. ނ. އެކްސިޑެންޓެއް ހަނގުރާމައެއް ފަދަ ކަމަކުން ވާ މަރު.

fate

ފެއިޓް. ނ. 1. ހުރިހާ ހާދިސާތަކެއް ހިނގާ ކޮންޓްރޯލް ކުރާ، އެއާ ދެކޮޅު ނުހެދޭ ކަމަށް ބުނާ ބާރެއް. ގިސްމަތު. 2. މީހެއްގެ ނަޞީބު ނުވަތަ ގިސްމަތު.

fated

ފެއިޓިޑް. ނއ. ނަޞީބު މިންވަރު ކުރެއްވި. ތަޤްދީރުގައިވާ.

fateful

ފެއިޓްފުލް. ނ. ބޮޑު (ގިނަ ފަހަރު ހިތްގައިމު ނޫން) ހާދިސާއެއް ގެނުވާ ނުވަތަ އުފައްދާ.

fat-head

ފެޓް-ހެޑް. ނ. ނުރަސްމީބަހުރުވައިން މޮޔަ މީހެއް. ސޭކެއް.

father

ފާދަރ. ނ. 1. ބެލެނިވެރިންގެ ތެރެއިން ފިރިހެން މީހާ. ބައްޕަ. 2. ކާބަފައިންގެ ތެރެއިން ފިރިހެނުން. މ. land of fathers = ބައްޕައިންގެ ބިން. 3. އެއްޗެއް އުފެއްދި ނުވަތަ ޤާއިމްކުރި މީހާ. 4. ބަދަލުކޮށްފައިވާ ނަޞާރާ ދީނުގެ މިހާރުގެ ބައެއް މީހުން ބުނާގޮތުން ﷲ. 5. ނަޞާރާ ދީނުގެ ބައެއް ޢިލްމުވެރީންގެ ލަޤަބެއް. —ކ. 1. ދަރިއެއް އުފެއްދުން. އެއްޗެއްގެ ނުވަތަ މީހެއްގެ ބައްޕައަކަށް ވުން. 2. ޚިޔާލެއް ނުވަތަ ކަމެއް ފަށައިގަތުން ނުވަތަ ޤާއިމްކުރުން. 3. ވަކި މީހެއްގެ ބައްޕަކަމުގައި ކަނޑައެޅުން. ނ. fatherhood. Father Christmas ރަތް ލިބާހެއް ލައިގެން ކްރިސމަސް ދުވަސްވަރު އުޅޭ މުސްކުޅި ފިރިހެނެއް. މިމީހާ އަކީ ސެންޓާ ކްލޯސް މީހެއްގެ ސިފަޖެހިގެން އުޅޭ މީހެކެވެ. father-figure ބައްޕައެއް ފަދައިން ޤަދަރު ކުރާ އަދި އިތުބާރު ކުރާ މުސްކުޅި ފިރިހެނެއް. father-in-law އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބައްޕަ. ބަފާކަލޭގެ. Father of the House of Commons އިނގިރޭސި ވިލާތުގެ ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ މެންބަރު. Father’s Day ބައްޕައިންނަށް އިޙްތިރާމްދިނުމުގެ ގޮތުން ފާހަގަކުރާ ޖޫންމަހުގެ 3 ވަނަ އާދީއްތަ ދުވަސް. Father Time ވަގުތުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރާ މުސްކުޅި ފިރިހެނެއް. މ

fatherland

ފާދަރލަންޑް. ނ. މީހަކު ވިހޭ ޤައުމު ނުވަތަ ރަށް.

fatherless

ފާދަރލަސް. ނއ. ބައްޕަ އެނގިފައި ނުވާ. ބައްޕަ މަރުވެފައިވާ.

fathom

ފެދަމް. މ. ފުންމިން ބެލުމުގައި ބޭނުންކުރާ މިނެއް. 1 ފެދަމް އަކީ 6 ފޫޓެވެ. —ކ. 1. ފެން ނުވަތަ ދިޔަ ހުރިވަރު ބެލުން. 2. އޮޅުން ފިލުވުން. ކަމެއްގެ އަޑި ހޯދުން. fathomless އަޑިއެނގޭ ވަރަށް ވުރެ ފުން.

fatigue

ފެޓީގް. ނ. 1. ގަދައަށް މަސައްކަތްކުރުމުން ބޮޑަށްވާ ވަރުބަލި. 2. ގުދުކޮށް ހެދުމުން މަޢުދަންއަށް އަންނަ ބަލިކަން. 3. އަސްކަރީން ހަނގުރާމައިގެ ކަންތައްތައް ފިޔަވައި ކުރަންޖެހޭ އެހެން ކަންކަން. މ. ކެއްކުން، ސާފުކުރުން. —ކ. ވަރުބަލިކުރުވުން.

fatstock

ފެޓްސްޓޮކް. ނ. ކެއުމަށް ފަލަކޮށްފައިވާ ނަޢަމް ސޫފި.

fatted

ފެޓިޑް. ނއ. (ޖަނަވާރާ މެދު) ކެއުމަށްޓަކައި ފަލަކޮށްފައިވާ. މ. ބަކަރި.

fatten

ފެޓްން. (fatten, fattening) ފަލަކުރުން (ކެއުމަށް ކުކުޅުހާ ފަދަ ތަކެތި) ނުވަތަ ފަލަވުން.

fattish

ފެޓިޝް. ނއ. ކުޑަކޮށް ފަލަ.

fatty

ފެޓީ. ނއ. ސަރުބީ އާ ވައްތަރު. ސަރުބީ ހިމެނޭ. —ނ. ނުރަސްމީ ބަހުރުވައިން ފަލަ މީހެއް.

fatuous

ފެޓްޔުއަސް. ނއ. މޮޔަ، ސޭކު. ރަނގަޅަށް ފިކުރުކޮށްފައިނުވާ. މ. ޚިޔާލެއް. ނ. fatuousness. ނ. fatuity. ފެޓިއުޓީ.

faucet

ފޯސިޓް. ނ. 1. ތާނގީއެއްގައި ހަރުކުރާ ފެންއިސްކުރު. 2. އެމެރިކާގެ ބަހުރުވައިގައި ކޮންމެ ބާވަތެއްގެ ވެސް ފެން އިސްކުރު.

fault

ފޯލްޓް. ނ. 1. އުނިކަމެއް ނުވަތަ ބަރާބަރު ނޫންކަމެއް. ކުށް. އައިބެއް. ވަރަދަ. ލަކުނު. 2. ކުށެއް. ކުރަންނުވާ ކަމެއް ކުރާކުރުން. 3. ނުބައިވިކަމަކަށް ނަގާ ޒިންމާ. ކުށްވެރިވުން. 4. ބިންގަނޑުގެ ފަށަލަތައް ވަކިވެފައި ހުންނަތަން. މިހެންވަނީ ބިންގަނޑު އުފެދިގެން އައި އިރު އެއްބައި އަނެއްބަޔާ ތަފާތުކޮށް ޙަރަކާތް ކުރުމުންނެވެ. 5. ޓެނިސް ފަދަ ކުޅިވަރުގައި ނުބައިކޮށް ކުރާ ސާވް. —ކ. fault އެއްޗަކުން ނުވަތަ ކަމަކުން ކުށް ދެއްކުން. ކުށް ހުރިކަމަށް، ކުށްވެރިވާކަމަށް އިޢުލާނުކުރުން. 2. ބަރާބަރު ނުކުރުން. ފުރިހަމަ ނުކުރުން. at fault އުނިކަމަކަށް ކުށަކަށް ޒިންމާވުން. fault-finding ނ. ނއ. ކުށް ހޯދުން. find fault with ޝަކުވާ ކުރުމުގެ ބޭނުމުގައި ކުށް ހޯދުން. ކުށް ހޯދުން. to a fault ހައްދުން ބޭރަށް. މ. generous to a fault ނޭކަށޭނެވަރަށް ދީލަތިވުން.

faultless

ފޯލްޓްލަސް. ނއ. ފޯލްޓް އެއް ނުހިމެނޭ. އުނިކަމެއް ނުވާ. ކއ. faultlessly.

faulty

ފޯލްޓީ. ނއ. (faultier, faultiest). ބަރާބަރު ނޫން. މައްސަލައެއް ހުރި ނުވަތަ ބައެއް ރަނގަޅަށް މަސައްކަތް ނުކުރާ. ކއ. faultily. ނ. faultiness.

faun

ފޯން. ފައުން. ނ. މީހެއްގެ މޫނު ހުންނަ، ނަމަވެސް ހަށިގަނޑުގެ ތިރީކޮޅު ބަކަރިއެއް ފަދައިން ހުންނަ ދަޅު ލީ ޚިޔާލީ ޖަނަވާރެއް.

fauna

ފޯނާ. ނ. ވަކި ތަނެއްގައި ނުވަތަ އިރެއްގައި އުޅޭ މަޚްލޫޤުންގެ (ހައިވާނުގެ) ހުރިހާ ބާވަތެއް.

faux pas

ފޮއު ޕާ. ނ. އަދަބާ ޚިލާފު މީހުންނާ މެދު ބަހައްޓަންޖެހޭ އުޅުމަށް ނޭދެވޭ އަސަރެއްކުރާނޭ ގޯހެއް. [ފަރަންސޭސި ބަހުން ހަރުފަތުން ފައި ކައްސާލުން]

favour

ފެއިވަރ. ނ. 1. ރުހުން. މީހުންނާ ދޭތެރޭ އޮންނަ ހިތްހަމަޖެހުމުގެ ޝުޢޫރު. 2. ކޮންމެހެން ކުރަން ނުޖެހޭ ނަމަވެސް ރުހުމާއެކު ބަލައިގަނެވޭ ޢަމަލެއް. 3. އެހެން ބަޔަކަށް (މީހަކަށް) ނުދޭ މަދަދުވެރިކަން ވަކި ބަޔަކަށް (މީހަކަށް) ދޭ ދިނުން. 4. ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ކަމަކަށް ތާއީދުކުރާކަން ހާމަކުރަން ހެދުމުގައި ޖަހާ ބެޖެއް ފަދަ އެއްޗެއް. —ކ. 1. އެއްޗަކާ ނުވަތަ ކަމަކާ މެދު ރުހުމާއެކު ދުށުން ނުވަތަ ޢަމަލުކުރުން. 2. އެއްޗެއް ނުވަތަ މީހެއް ރުހުމުގެ ނަޒަރުގެ ތެރޭގައި ވާގޮތް ހެދުން. 3. އެހީތެރިވެދިނުން. މ. favour us with a song = އަހުރެމެންނަށް ލަވައެއް ކިޔައިދީގެން ރުހުންތެރިކަން އަހުރެމެންނާ ދޭތެރޭ އޮންނަކަން ހާމަކޮށްދޭށެވެ. 4. (ހާދިސާތަކާއި ހާލަތްތަކާ މެދު) ފަހިކޮށްދިނުން، ފަސޭހަކޮށްދިނުން، މަންފާހުންނަގޮތް ހަދައިދިނުން. 5. އެއްޗަކާ ވައްތަރުވުން. މ. the boy favours his father = އެ ކުއްޖާ ވައްތަރީ އޭނާގެ ބައްޕައާ އެވެ. be in/out of favour މީހެއްގެ ހެޔޮހިތުގެ ނުވަތަ ނިޔަތުގެ ތެރޭގައި ވުން/ނުވުން. in favour of. in favour of ވާގިވެރިވާ، މަންފާވާ. މ. the exchange rate is in our favour = ފައިސާ މާރުކުރާ އަގު ވަނީ އަހުރެމެންނަށް މަންފާ ކުރާ ގޮތަށެވެ. ޗެކް އާ މެދު ނަމަ، ވަކި މީހަކަށް ލިބޭގޮތަށް ލިޔެފައިވުން.

favourable

ފެއިވަރަބްލް. ނއ. 1. ރުހުން ހާމަކުރާ ނުވަތަ ރުހުން ލިބޭ. 2. ހިތްހަމަޖެހުން ގެނުވާ. ކަމަކަށް އެކަށީގެންވާ. މ. އޭނާ އިންޓަވިޔޫގައި އަހުރެމެންނަށް ފައުޅުކުރީ ފެއިވަރަބްލް ޝުޢޫރުތަކެކެވެ. 3. އެހީތެރިވާ. މަންފާކުރާ. މ. ދަތުރު އަވަސްވީ ފެއިވަރަބްލް މޫސުމުގެ ސަބަބުންނެވެ.

favourite

ފެއިވަރިޓް. ނއ. އެންމެ ބޮޑަށް ގަޔާވާ ނުވަތަ ހިތްހަމަ ޖެހޭ ނުވަތަ ރުހޭ (މ. ރިހަ). ފުރިޔަތަމަ. —ނ. 1. އެހެން މީހުންނަށް ވުރެ ނުވަތަ އެއްޗިއްސަށް ވުރެ މީހަކަށް ހިތްގައިމު އެތި. މ. މުދައްރިސްގެ ފެއިވަރިޓް. ނ. 2. މުބާރާތެއްގައި އެންމެ މޮޅުވާނެކަމަށް ބަލާ ވާދަވެރިޔާ/ކުޅުންތެރިޔާ.

favouritism

ފެއިވަރިޓިޒަމް. ނ. (ޚާއްޞަކޮށް ވެރިކަމެއްގައި ހުރި މީހަކު) ވަކި މީހަކަށް ނުވަތަ ޖަމާޢަތަކަށް އެހެން މީހުންނަށް ވުރެ ނުވަތަ އެހެން ޖަމާޢަތްތަކަށް ވުރެ ބޮޑަށް (އެ ފަރާތްތައް އިހާނަތްތެރިވާނެހެން) ބަހައްޓާ ގާތްކަން ނުވަތަ ކަންކުރާއިރު ބޭއިންސާފުން ދޭ އިސްކަން.

fawn

ފޯން. ނ. 1. އަހަރެއް ނުވާ ޅަ ފުއްލާއެއް. 2. މަޑު މުށިކުލަ. —ނއ. މި ކުލަ ހުރި.

fawn

ފޯން. ކ. 1. (ކުއްތާ ފަދަ އެއްޗިއްސާ މެދު) ލޯތްބާއި ރުހުން ލިބުމަށް މީހަކާ ގާތްވެ އިށީދެގެން އޭނާގައިގައި ދޫލުން. 2. މީހެއްގެ ރުހުން ހޯދުމަށް އޭނާ އުފާވާ ކަހަލަ ބަސްތައް ބުނެ، ސަމާލުކަމާއި އަޅާލުންތެރިކަން ދީގެން އުޅުން.

FBI

އެފްބީއައި. އެމެރިކާގެ ޤައުމީ މުއައްސަސާއެއް. Federal Bureau of Investigation

fealty

ފީލްޓީ. ނ. ވަފާދާރުކަން. ވަފާތެރިކަން. މ. oath of fealty = ވަފާތެރިކަމުގެ ހުވާ.

fear

ފިއަރ. ނ. 1. ތަދުވާނެކަން އެނގޭތީ ނުވަތަ ނުރައްކާ އާ ގާތްކަމުން އުފެދޭ ހިތްހަމަ ނުޖެހޭ ޝުޢޫރެއް. ބިރު. ނިރުބަ. 2. ކަލާނގެއާ މެދު ހުންނަ ޤަދަރު ނުވަތަ އެކަލާނގެ މަތިވެރިކަމުން އުފެދޭ ހައިރާންކަން. —ކ. 1. ބިރުގަތުން. 2. ކަލާނގެ މަތިވެރިކަމުގެ އިޙްސާސްވުން. 3. ނުތަނަވަސްކަމުގެ އިޙްސާސެއް ވުން. 4. ރީތި އަދަބުގެ ގޮތުން ހިތާމަކުރުން. I fear there is none left އެއްވެސް ބާކީއެއް ނެތުމުން ހިތާމަކުރަމެވެ. for fear of ކަމެއްގެ ނުރައްކާތެރިކަން އޮތުމުން. put the fear of God into ވަރަށް ބޮޑަށް ބިރުގަންނަވާލުން. without fear or favour ވަކި ފަރާތަކަށް ނުޖެހި، އިންސާފުވެރިކޮށް.

fearful

ފިއަރފުލް. ނއ. 1. ބިރުވެރި. ބިރުވެރިކަން އުފައްދާ. ނިރުބަވެރި. 2. ބިރު އިޙްސާސް ކުރެވޭ. 3. ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑު، ވަރަށް ގޯސް. ކއ. fearfully.

fearless

ފިއަރލަސް. ނއ. ބިރެއް އިޙްސާސް ނުވާ. ކއ. fearlessly. ނ. fearlessness.

fearsome

ފިއަރސަމް. ނއ. ފެންނަ ގޮތުގައި ބިރުވެރި، ނުރައްކާތެރި. ވަރަށް ބޮޑު. މ. a fearsome task = ބޮޑު މަސައްކަތެއް.

feasible

ފީޒިބްލް. ނއ. 1. ކުރެވޭނޭ. ވެދާނެ. 2. ވުން ގާތް، ވައްތަރު. ވިސްނުމުން ވެދާނެކަމަށް ޤަބޫލުކުރެވޭ. މ. a feasible explanation ކަމެއް ވެދާނެގޮތްކަމަށް ބެލެވޭ އޮޅުންފިލުވައިދިނުމެއް. ކއ. feasibly. ނ. feasibility. ފީޒިބިލިޓީ.

feast

ފީސްޓް. ނ. 1. އެކި ކާތަކެތި ހިމެނޭ ބޮޑު ކެއުމެއް. ޖާފަތެއް. ވަލީމާއެއް. ދަޢުވަތެއް. 2. އުފާވެރިކަން ހިމެނޭ ދީނީ އިޙްތިފާލެއް. —ކ. 1. ގަދައަށް ހިތް އެދޭވަރަށް ކެއުން. 2. ބަޔަކަށް ޖާފަތެއް ދިނުން. feast one’s eyes on ވަރަށް ބޮޑަށް ރުހިގެން މީހަކަށް ނުވަތަ އެއްޗަކަށް ބެލުން.

feat

ފީޓް. ނ. އާދަޔާ ޚިލާފަށް މޮޅު ކާމިޔާބީއެއް ނުވަތަ ޢަމަލެއް.

feather

ފެދަރ. ނ. 1. ދޫނިގެ ހަންގަނޑުން ނުކުމެ، މެދުގައިވާ ނާރަކުން ދެފަރާތަށް ނަރުލާފައި ހުންނަ ފަތެއް. ދޫނީގެ ފަތް. ޕަރު. 2. ކުއްތާގެ ނުވަތަ އަހުގެ ފައިން ނުކުމެފައި ހުންނަ އިސްތަށި. —ކ. 1. ދޫނިފިޔަލުން ނުވަތަ ފިޔަ އެއްޗެއްގެ މަތީގައި ހަރުކުރުން. 2. ފަލި ޖަހާއިރު، ވައިގެތެރެއަށް ފަލި ނަގާ ވަޔަށް ހުރަސް ނުވާގޮތަށް ފަލި އަނބުރައިލުން. 3. ބުރަފަތީގެ ފިޔަތައް ފެނަށް ނުވަތަ ޖެހޭ ވަޔަށް ހުރަސް ނުވާގޮތަށް މަޅައިލުން. a feather in one’s cap މީހަކަށް ފަޚުރުވެރިވެވިދާނޭ ކާމިޔާބީއެއް. feather-bed ދޫނިފަތުން ފުރާފައިވާ ގޮދަޑިއެއް އޮތް އެނދެއް. ކ. feather-bed (feather-bedded, feather-bedding) ފައިސާގެ ކަންތައްތައް މީހަކަށް ފަސޭހަކޮށްދިނުން. މީހަކަށް ކަންކަން ވަރަށް ލުއިކޮށްދިނުން. feather-brained ސިކުނޑީގައި އެއްވެސް ތެތްކަމެއް ނެތް، ސޭކު. feather one’s nest ފުރުޞަތެއް ލިބުމުން މީހާގެ އަމިއްލަ މުއްސަނދިކަން ބޮޑުކުރާ. feather-stitch ތިނޯހު މަސައްކަތުގައި، މަޅިޖަހާ ގޮތެއް. މި ގޮތުގައި ރޮދިތައް ހުންނާނީ ދޫނިފަތް ފަދައިން މެދުން ދެ ފަރާތަށް ނުކުމެފައެވެ. 0

featherlight

ފެދަރލައިޓް. ނ. 1. ބޮކްސިންގައި މީހުން ގިންތިކުރުމަށް ބޭނުންކުރާ ބަރުދަނެއް (57 ކިލޯ). 2. ވަރަށް ލުއި މީހެއް ނުވަތަ އެއްޗެއް. 3. އެއްވެސް ނުފޫޒެއް ނެތް މީހެއް.

feathery

ފެދަރީ. ނއ. 1. ފިޔަ (ވަރަ) ފަދައިން ލުއިވެފައި މަޑު. 2. ފިޔައިން ފޮރުވިފައިވާ.

feature

ފީޗަރ. ނ. 1. ކާކުކަން ދެނެގަތުމަށް މީހެއްގެ ސިފަ އެނގޭ ނޭފަތް، ލޯ، އަނގަ ފަދަ މޫނުގައި ނަން ކިޔާފައި ހުންނަ ތަންތަން. 2. އެއްޗެއްގައި ހުންނަ ޚާއްޞަ، ސީދާ އެއަށް ނިސްބަތްވާ ސިފަ. 3. މަޖައްލާއެއް ނޫހެއް ފަދަ އެއްޗެއްގައި ޝާއިޢުކުރާ މުހިއްމު ލިޔުމެއް. 4. ސިނަމާއެއްގައި ދައްކާ ދިގު ފިލްމެއް. 5. ވަކި ޚާއްޞަ މައުޟޫޢުއަކަށް ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމެއް. —ކ. 1. ޚާއްޞަ މައުޟޫޢުއަކަށް ޕްރޮގްރާމެއް ބްރޯޑްކާސްޓް ކުރުން. 2. އެއްޗެއްގެ ސިފައަކަށް ވުން.

featureless

ފީޗަރލަސް. ނއ. މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ވަކިކޮށް ދެނެގަންނާނޭ ސިފަނެތް.

febrile

ފީބްރައިލް. ނއ. ހުން ހުންނަ. ހުމާ ބެހޭ. ހުންވައްތަރު ވެފައިވާ.

February

ފެބްރުއަރި. ނ. މީލާދީ އަހަރުގެ ދެވަނަ މަސް.

feckless

ފެކްލަސް. ނއ. ޢަޒުމް ނިކަމެތި، ސުލޫކު ދަށް. ޒިންމާދާރުނޫން. ނާޤާބިލް. ނ. fecklessness.

fecund

ފެކަންޑް. ނއ. ގިނައިން ގޮވާން، ކުދީން، ޖަނަވާރު ފަދަ ތަކެތި އުފެއްދުމުގެ ބާރުހުރި. ބިންގަނޑުގައި ކާދު ގިނަ، ދަރިމައިވުމުގެ ބާރު ހުރި. ބާރުވަރު. ނ. fecundity.

fed

ބަލާ feed! fed up ހިތްހަމަ ނުޖެހިފައި. ރުޅިއައިސްފައި، ނާއުއްމީދުވެފައި (މާގިނައިން ކަމެއް ތަޖުރިބާކުރެވުމުން).

federal

ފެޑަރަލް. ނއ. 1. މައި ސަރުކާރަކާއި އެކި ސަރަޙައްދުތަކުގެ ދާޚިލީ ކަންކަމަށް ވަކި ސަރުކާރުތަކެއް އޮންނަ ނިޒާމުގެ މައި ސަރުކާރަށް ނިސްބަތްވާ. 2. މުޅި ދައުލަތަށް ނިސްބަތްވާ. 3. އެތައް މިނިވަން މުއައްސަސާތަކެއް ބައިވެރިވާ ޖަމްޢިއްޔާއެއް. ކއ. federally. Federal Bureau of Investigation އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުގައި ހިމެނޭ ގުނަވަނެއް. މިތަނުން ކުރާ ކަމަކީ ބޮޑެތި ކުށްތައް ތަޙްޤީޤްކުރުމާއި މައި ސަރުކާރުގެ ޤާނޫނުތައް ނެގެހެއްޓުމާއި ޤައުމީ ސަލާމަތްތެރިކަން ބެލުމެވެ.

federate

ފެޑަރެއިޓް. ކ. 1. ފެޑެރެއިޝަން އެއް އުފެއްދުމަށް ބައިވެރިވުން. މިފަދަ ގޮތަކަށް ޖަމާޢަތެއް ހެދުން. 2. ވަކި މަޤްޞަދެއް ޙާޞިލްކުރުމަށް ތަފާތު ބައިތަކެއް އެކުވުން.

federation

ފެޑަރެއިޝަން. ނ. 1. ބޮޑު ގުޅުމެއް ޖަމްޢިއްޔާއެއް ސަރުކާރެއް އުފެއްދުމަށް މިނިވަން ބައިތަކެއް އެކުވާ އެކުވުން. 2. މިނިވަން ސަރަހައްދުތަކެއް ނުވަތަ ޖަމްޢިއްޔާތަކެއް އެކުވެގެން އުފައްދާފައިވާ މައި ބޮޑު ޤައުމު، ސަރުކާރު ނުވަތަ ޖަމްޢިއްޔާ.

fee

ފީ. ނ. 1. ކަމެއްގެ ޤާބިލްކަން ލިބިފައިވާ މީހަކަށް އެމީހާގެ ފަރާތުން ޚިދުމަތް ލިބިގަތުމަށް ދައްކަންޖެހޭ ފައިސާ. 2. ޖަމްޢިއްޔާއަކަށް ވަނުމަށް ދައްކަން ޖެހޭ ފައިސާ. އިމްތިޙާނެއްގައި ބައިވެރިވުމަށް ދައްކަން ޖެހޭ ފައިސާ. ފުޓުބޯޅަ ކުޅުންތެރިޔަކު އެހެން ކްލަބް އަކަށް ބަދަލުވުމަށް ދައްކަން ޖެހޭ ފައިސާ. fees ޔުނިވަރސިޓީއަކަށް ނުވަތަ ސްކޫލްއަކަށް އިރުޝާދު ލިބިގަތުމަށް ދައްކަން ޖެހޭ ފައިސާ.

feeble

ފީބްލް. ނއ. ބަލިކަށި. ބާރެއް، ގަދަކަމެއް ނެތުން. ނަތީޖާ ނުނެރެވޭ ގޮތް ވެފައިވާ. ޟަޢީފު. ކއ. feebly. ނ. feebleness. feeble-minded ސޭކު، ސިކުނޑީގެ ބާރުދަށް (ޚާއްޞަކޮށް 8 ނުވަތަ 9 އަހަރުގެ ކުއްޖެއްގެ ބުއްދިހުރި)

feed

ފީޑް. ކ. (fed, feeding) 1. ކާނާ ދިނުން. ކާ އެއްޗެއްތި އަނގައަށް އެޅުން. 2. ކާނާގެ ގޮތުގެ ތަކެތި ޖަނަވާރަށް ދިނުން. 3. (ޖަނަވާރާ މެދު) ކާތަކެތި ކެއުން. 4. ކާތަކެތީގެ ގޮތުގައި ދިނުން. ކާންދިނުން. ދިރިހުރުމަށް ބޭނުންވާ ކާތަކެތި ދިނުން. 5. އެކި ބާވަތުގެ ތަކެތި ފޯރުކޮށްދިނުން. 6. ފުޓުބޯޅައިގައި ބޯޅަ ކުޅުންތެރިއަކަށް ފޮނުވުން. —ނ. 1. ކުޑަކުދީންނަށް ނުވަތަ ޖަނަވާރަށް ދޭ ކާތަކެތި. 2. މެޝިނެއް ފަދަ އެއްޗަކަށް ފޮނުވާ، ފޯރުކޮށްދޭ އެއްޗެއް ދާ ހޮޅި ނުވަތަ މަގު. މި މަގުން ދާ އެއްޗެތި. feeding-bottle ކުޑަކުދީންނަށް ކާތަކެތި ދޭ ވައްގަނޑެއްލީ ފުޅި. ބުއްފުޅި. feed on ކާނާގެ ގޮތުގައި އިސްތިޢުމާލުކުރުން. އެއްޗަކުން ދިރިހުރުމަށް ބޭނުންވާ ހަކަތަ ލިބިގަތުން.

feedback

ފީޑްބެކް. ނ. 1. ނިޒާމަކުން އުފައްދާ ތަކެތީން ބައެއް، އެ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި، އަނބުރާ ނިޒާމަށް ރައްދުކުރާ ރައްދުކުރުން. 2. އެއްޗަކާ ނުވަތަ ކަމަކާ މެދު އެ ބޭނުންކުރާ ނުވަތަ އެއިން އަސަރުކުރާ މީހުންގެ ޚިޔާލު ފަދަ މަޢުލޫމާތު އުފައްދާ ބަޔަކަށް ނުވަތަ ކަންކުރާ ބަޔަކަށް ރައްދުކުރުން. ރައްދުހަބަރު.

feeder

ފީޑަރ. ނ. 1. (ޖަނަވާރާއި ގަސްގަހާ މެދު) ވަކި ގޮތަކަށް ކައިއުޅޭ. 2. ބުއްފުޅި. 3. ކުޑަކުދީންނަށް ކާންދޭއިރު މޭމަތީ އަޅާ ފޮތިގަނޑު. 4. މެޝިނަކުން އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އަޅާފައި ހުންނަ ވަށިގަނޑު ފަދަ އެތި. 5. ރޭލު، މަތިންދާބޯޓު ފަދަ ދަތުރުތަކުގައި މީހުން މަދު ހިސާބުތަކުން މައި ސަރަހައްދަށް މީހުން ގެނައުމަށް ދުއްވާ ކުދި ރޭލު، މަތިންދާބޯޓު ފަދަ އެއްޗެތި.

feel

ފީލް. ކ. (felt, feeling) 1. ދެނެގަތުން، އިޙްސާސްވުން. ފަހުމްވުން. 2. ވާކަން އެނގުން. މ. feel a pain = ތަދެއް އިޙްސާސްވުން. feel happy = އުފާ ތަޖުރިބާކުރެވުން. 3. ކަމަކުން އަސަރުކުރުން. މ. she feels the cold ފިނިކަން އެކަނބުލޭގެއަށް އިޙްސާސްކުރެވެއެވެ. 4. ވަކި ޝުޢޫރެއް އިޙްސާސެއް ކުރުވުން. މ. the water feels hot ފެނުން ހޫނުކަން އިޙްސާސް ކުރެވެއެވެ. 5. ކަށަވަރުނުވާ ފަދަ ގޮތަކަށް ކަމެއްވާކަމަށް ބެލެވުން. 6. ވަކި ޚިޔާލެއް ހުރުން. ވަކި ގޮތަކަށް ފިކުރު ކުރުން. މ. it was necessary to do this we felt= މިކަން ކުރަންޖެހޭ ކަމަށް އަހުރެމެންނަށް ފެނުނެވެ. —ނ. feel 1. ބީހުމުން ބީހެވޭ ކަން އެނގޭ ޙިއްސު. 2. އިޙްސާސްވުމުގެ ޢަމަލު. 3. ބީހުމުން ކުރާ އަސަރު. މ. silk has a soft feel ފަށުވީގައި ފަހެއްލި (މަޑު) އިޙްސާސެއް ހުރެއެވެ. (އަތްލުމުން ފަހެއްލިކަމަށް ފާހަގަ ވެއެވެ.)، feel for a person މީހަކަށް ހަމްދަރުދީ ވުން. feel free ނުރަސްމީ ބަހުރުވައިން ކަމެއް ކުރުމަށް ހުއްދަ އޮތްކަމަށް ބުނާ އިބާރާތެއް. feel like ކަމެއް ކުރާހިތްވުމުގެ އިޙްސާސްވުން. feel one’s way ބީހުމުގެ ޙިއްސު ބޭނުންކޮށްގެން މަގު ހޯދުން (މ. އަނދިރީގައި). ފަރުވާތެރިކަން ބަހައްޓައިގެން ކުރިއަށް ދިއުން.

feeler

ފީލަރ. ނ. 1. ބައެއް ޖަނަވާރުގައި، އެއްޗެތީގައި އެ ޖައްސައިގެން އެ ދެނެގަތުމަށް ބޭނުންކުރާ ދިގު ގުނަވަނެއް. މ. ކޮކާގެ ބޮލުން ނުކުމެފައި ހުންނަ ދެ ނަރު. 2. މީހުން ކަމާދޭތެރޭ ދެކޭގޮތް ދެނެގަތުމަށް ނުރައްކަލަށް ފަރުވާތެރިވެ ހުށަހަޅާ ނުވަތަ ބުނާ ހުށަހެޅުމެއް. feeler gauge ދެ އެއްޗެއްގެ ދޭތެރޭގައިވާ ދުރުމިން (ހިންމި) ބަލަން އެތަނަށް ވައްދާ ތިލަތަކެއް ހުންނަ އާލަތެއް. މިބޭނުންކުރަނީ އިންޖީނުގެ ގާތްގާތުގައި ހުންނަން ޖެހޭ ދެއެއްޗެއްގެ ދުރުމިން ހުންނަ ވަރު ބެލުމަށެވެ.

feeling

ފީލިން. ނ. 1. އިޙްސާސްވުމުގެ ބާރު. މ. he lost all feeling in his leg އޭނާގެ ފައިގައި، އެއްޗެއް ޖެހުމުން އެ ޖެހުނުކަން އެނގުމުގެ ހުރިހާ ބާރެއް ގެއްލިއްޖެއެވެ. ފައި އައްސިވެއްޖެއެވެ. 2. ބުއްދީގެ ނުވަތަ އިޙްސާސްތަކުގެ ހޭލުންތެރިކަން. އިޙްސާސް. ޝުޢޫރު. 3. ސަބަބުތަކަށް ބިނާވެފައި ނުވާ ހަމައެކަނި އިޙްސާސްތަކުގެ (ޖަޒުބާތުގެ) މައްޗަށް ބިނާކޮށް ޤަބޫލުކުރާކަމެއް ނުވަތަ ޚިޔާލެއް. މ. a feeling of safety. 4. އިޙްސާސްތައް ވުމަށް ހުންނަ ތައްޔާރު، އަނެކާގެ ޙާލަތަށް އިޙްސާސްވާ މޮޅިވެރިކަން. މ. showed no feeling for the suffering of others އެހެން މީހުން ބަރުދާސްކުރާ ތަކްލީފަށް އެއްވެސް ޝުޢޫރެއް ފާޅެއް ނުކުރެއެވެ. 5. ކަމަކާ ދޭތެރޭ ނުވަތަ މީހަކާ ދޭތެރޭ ދެކޭގޮތް. the feeling of the meeting was against it = ބައްދަލުވުމުގެ މައިގަނޑު ޝުޢޫރު އެކަމާ އިދިކޮޅެވެ. feelings މީހެއްގެ ޝުޢޫރުތަކާ ބެހޭ ކަންކަން (ޢަޤްލް ނުވަތަ ފިކުރާ އިދިކޮޅު). މ. ކަންކަމާ ދޭތެރޭ ދެކޭގޮތް، އެމީހަކު ރުހޭ/ނުރެހޭ ކަންކަން. ޚިޔާލު. މ. we have strong feelings on this matter މި މައްސަލައާ މެދު އަހުރެމެންގެ ފުންކޮށް ދެކޭ ގޮތްތަކެއް ވެއެވެ. good feeling މީހުންނާ ގުޅި މިލި އުޅޭ އުޅުން.

feet

ފީޓް. ބަލާ foot.

feign

ފެއިން. ކ. ވަކި ޝުޢޫރެއް، މައްސަލައެއް ފަދަ ކަމެއް ހުންނަކަމަށް ދައްކައިގެން (ހެދިގެން) އުޅުން.

feint

ފެއިންޓް. ކ. ކުޅިވަރު ފަދަ ކަންކަމުގައި، އޮޅުވާލުމަށް، ވަކި ދިމާއަކަށް ދާކަމަށް ހެދުން. ހަނގުރާމައިގައި މިކަން ކުރަނީ މައިގަނޑު ހަމަލާ އަންނަ މިސްރާބަށް ސަމާލުކަން ނުދޭގޮތް ހެދުމަށެވެ. —ކ. އޮޅުވާލުމަށް މިފަދަ ޙަރަކާތެއް ކުރުން. —ނއ. (ފޮތްތަކުގައި ލިޔުމަށް ރޮނގުދަމާއިރު) ފަނޑު.

felicitate

ފެލިސިޓެއިޓް. ފިލިސިޓެއިޓް ކ. މީހަކު ހޯދިކަމަކާ ގުޅިގެން ނުވަތަ ލިބުނު މޮޅުކަމަކާ ގުޅިގެން، ތިމާ އުފާވާކަން އެމީހަކަށް އެންގުން. ނ. felicitation.

felicitous

ފެލިސިޓަސް. ފިލިސިޓަސް. ނއ. (ބަހާއި ޢަމަލާ މެދު) ރަނގަޅަށް ޚިޔާރުކޮށްފައިވާ. ކަމަށް އެކަށީގެންވާ. މ. އަޙްމަދުގެ ކާމިޔާބީތައް މުޙައްމަދު ފެލިސިޓަސް ދެތިން ޖުމުލައަކުން ޚުލާޞާ ކުރިއެވެ. ކއ. felicitously.

felicity

ފެލިސިޓި. ނ. 1. އުފައުވެރިކަން. ބާއްޖަވެރިކަން. ހެޔޮ ނަޞީބު. 2. ލަފުޒުތަކާއި ޢިބާރާތްތައް ކަމަކާ ވަރަށް ރަނގަޅަށް ގުޅުން. ހިތްގައިމު ފޭޑި. މ. I congratulate him on his verbal felicities and on the tone with which he ended his speech.

feline

ފީލައިން. ނއ. ބުޅަލާ ވައްތަރު. ބުޅަލަށް ނިސްބަތްވާ. —ނ. ބުޅާ އާއިލާގެ ޖަނަވާރެއް.

fell

ފެލް. ނ. އިނގިރޭސި ވިލާތުގެ އުތުރުގައިވާ ހަމަނޫން (އަޑިގުޑަން) ބިން.

fell

ފެލް. ނއ. (ޅެންވެރިކަމުގައި) އަނިޔާވެރި، ރަޙްމެއް ނެތް. ހަލާކުކުރުވަނިވި. at one fell swoop އެއް މަރުގެ އެތިފަހަރުން.

fell

ފެލް. ކ. 1. ޖެހިޖެހީނުން ވައްޓާލުން. 2. ގަހެއް ކަނޑައި ވައްޓައިލުން. 3. ހެދުމުގެ ފައްޗެއްގެ ދެ ފަރާތް ހަމައަށް ހުންނާނެހެން ފަތި ޖެހުން.

fell

ފެލް. ބަލާ fall.

fellow

ފެލޯ. ނ. 1. ގުޅިގެން އުޅޭ މީހެއް. ތިމާ ކުރާ މަސައްކަތް ނުވަތަ ކުރާހިތްވާ ކަންތައްތައް ކުރާ މީހެއް. ތިމާއާ އެއް ޙާލަތެއްގައިވާ މީހެއް. ރައްޓެއްސެއް. 2. ވައްތަރު ދެ އެއްޗެއްގެ އަނެއް އެތި. 3. ޢިލްމީ ޖަމާޢަތެއްގެ މެންބަރެއް. 4. ބައެއް ކޮލެޖްތައް ހިންގާ މަޖިލިހުގެ މެންބަރެއް. 5. ނުރަސްމީ ބަހުރުވައިން ފިރިހެނެއް ނުވަތަ ފިރިހެން ކުއްޖެއް. fellow-feeling މީހަކަށްވާ ހަމްދަރުދީ. fellow traveller ކޮމިޔުނިސްޓް ޕާޓީގެ މަޤްޞަދުތަކަށް ތާއީދުކުރާ ޕާޓީއަށް ނިސްބަތް ނުވާ މީހެއް.

fellowship

ފެލޯޝިޕް. ނ. 1. ވަކި މަޤްޞަދަކަށް ހިންގާ ޖަމާޢަތެއް ނުވަތަ މުއައްސަސާއެއް. 2. އެއްބާވަތެއްގެ ކަމެއް ކުރާ ނުވަތަ އެއް މަޞްލަޙަތެއް އޮންނަ މީހުން ތަކެއްގެ މެދުގައި އޮންނަ އެކުވެރިކަމުގެ ޝުޢޫރު. 3. ކޮލެޖެއްގެ ފެލޯ އެއްގެ މަޤާމު. މި މަޤާމަށްދޭ އެލަވަންސް 4. މަތީ ޑިގްރީއަކަށް ކިޔެވުމަށް/ކިޔަވައިދިނުމަށް ދޭ ފައިސާ.

felon

ފެލަން. ނ. ވަރަށް ބޮޑު ކުށެއްގައި ކުށްވެރިވާ މީހާ. މުޖުރިމު.

felony

ފެލަނި. ނ. (އިހުގައި، ތަޅާފޮޅުން ހިމެނޭ) ޤާނޫނީ ގޮތުން ބޮޑު ކުށެއް. ޖިނާޔަތު.

felt

ފެލްޓް. ނ. 1. ނަރު، ކެހެރި ފަދަ ތަކެތި ފިއްތައިގެން ހަދާ ފޮތި (ފޭރާން). —ކ. 1. ކެހެރި، ނަރު ފަދަ ތަކެތި ފިތިގެން ފޮތިހެން ހަރުވުން ނުވަތަ މިކަން ކުރުން. 2. މިފަދަ ފޮތި ތަނަކު ޖެހުން.

felt

ފެލްޓް. ބަލާ feel.

female

ފީމެއިލް. ނއ. 1. ބިސް އެޅުމުގެ ނުވަތަ ދަރިމައިވުމުގެ ބާރު ހުންނަ ޖިންސަށް ނިސްބަތްވާ. 2. މޭވާ އަޅާ (ގަހަށް ނިސްބަތްކޮށް). 3. އަންހެން. އަންހެނުންނަށް ނިސްބަތްވާ. —ނ. އަންހެން ޖަނަވާރެއް ނުވަތަ ގަހެއް.

feminine

ފެމިނިން. ނއ. 1. އަންހެނުންނަށް ޚާއްޞަވެގެންވާ ސިފަތައް ލިބި ހުރި. އަންހެނުންނަށް ކަމުދާ. އަންހެނުންގެ. 2. (ލަފުޒާ މެދު) ފިރިހެން އަދި ޖިންސް ކަނޑަނާޅާ ނަންތައް ނޫން އެހެން ނަންތަކަށް ނިސްބަތްވާ. —ނ. feminity.

feminist

ފެމިނިސްޓް. ނ. ފިރިހެނުންނާ އެއް މިންވަރަކަށް އަންހެނުންނަށް ވެސް ޙައްޤުތައް ހޯދުމަށް މަދަދުވެރިވާ މީހެއް. ނ. feminism.

femur

ފީމަރ. ނ. ކަކުލާއި އުނަގަނޑާ ދެމެދުވާ ކަށިގަނޑު.

fen

ފެން. ނ. ފެން ހެދިފައި އޮންނަ ގަނބާ ބިން. the Fens ކޭމްބްރިޖްޝަޔަރ ގައި އޮންނަ މިފަދަ ބިން.

fence

ފެންސް. ނ. އިން ފާހަގަކުރުމުގެ ގޮތުން ނުވަތަ ޖަނަވާރު ވަދެނުކުތަ ނުދޭން ދަނޑެއް ނުވަތަ އެހެން ބިމެއް ފަށައިގެން ޖަހާ ތެދު ދަނޑިއާއި ހުރަސް ނަރު/ދަނޑި ފަދަ އެއްޗެތި ބޭނުންކޮށްގެން ހަދާ އޮނިގަނޑެއް. ފުޅައް. 2. އަސް ފުންމުމަށް ބޭނުންކުރާ ކުރު ފުޅަފެއް. 3. ވަގަށް ނަގާފައި ހުންނަ މުދާ، އެކަން އެނގިގެއް ވިއްކާ މީހާ. —ކ. 1. ވަށައިގެން ފުޅައް ޖެހުން. 2. ވަގުމުދާ ވިއްކުމަށް އުޅުން. 3. ފެންސިން ކިޔާ ބާވަތުގެ ކުޅިވަރު ކުޅުން. ނ. —fencer. sit on the fence ބަލާ sit.

fencing

ފެންސިން. ނ. 1. ފުޅަފުން ބައެއް. ފުޅަށްތައް. 2. ކުޅިވަރެއްގެ ގޮތުގައި ކަނޑިއެއް ފަދަ އެއްޗެއް ބޭނުންކޮށްގެން މުޤާބަލާކުރުން.

fend

ފެންޑް. ކ. fend for އަމިއްލައަށް ކައިބޮއެ އުޅެވޭނޭ ގޮތެއް ހޯދުން/ހޯދައިދިނުން. ބެލެހެއްޓުން. fend off އުނދަގޫ ނުވަތަ ނުރުހުންވާ ކަމަކުން ނުވަތަ އެއްޗަކުން ރެކުން.

fender

ފެންޑަރ. ނ. 1. ފިނި ޤައުމުތަކުގެ ގެތަކުގައި ދަރު އަންދާއިރު، އަލިފާން އެކި ދިމާއަށް ދުވެފާނެތީ، އުނދުން ވަށައިގެން ޖަހާ ތިރި ފުޅަފެއް. 2. އުޅަނދެއްގެ އަރިމަތީގައި އެލުވާ ހޮޅި ނުވަތަ ވައު ފަދަ އެއްޗެއް. މީގެ ބޭނުމަކީ އެ އުޅަނދު އެހެން އުޅަނދެއްގައި ނުވަތަ ތޮށިގަނޑު، ބަދަރު ފާރު ފަދަ އެއްޗެއްގައި ޖެހުމުން ގެއްލުމެއް ލިބުނަ ނުދިނުމެވެ.

fennel

ފެނެލް. ނ. ރަހަ ލެއްވުމަށް ބޭނުންކުރާ ގަހެއް. ދަވިއްގަނދު.

Fermanagh

ފާމަނާ. ނ. އުތުރު އަޔަރލަންޑްގެ ކައުންޓީއެއް.

ferment

ފާމެންޓް. ކ. 1. ކަމީރުކުރުން. 2. ކަމީރުވުން. 3. ރުޅިއައިސްގެން ނުވަތަ ފޯރިއަރައިގެން ކެކިކެކިހުރުން.

ferment

ފާމަންޓް. ނ. 1. ބަލާ ފާމަންޓެއިޝަން. [ކަމީރު]. 2. ކަމީރު ވާ އެއްޗެއް. 3. ވަރަށް ރުޅިއައިސް ނުވަތަ ފޯރިއައިސްފައިވާ ވަގުތެއް.

fermentation

ފާމަންޓެއިޝަން. ނ. ޔީސްޓް ފަދަ އެއްޗެއްގެ ސަބަބުން، ހަކުރު ފެނުން ބޮކިއަރައި، ހޫނުވެ، އެ ފެން އެލްކޮހޯލްއަށް ބަދަލުވާ ބަދަލުވުން. މި ބާވަތުގެ މެކުވުން.

fern

ފާން. ނ. ފެހި ފަތްތަކެއް ހުންނަ މައުނާޅާ، ފަތްތައް ދޫނިފަތާ ވައްތަރު ގަހެއް. ކީސްފިލާ.

ferocious

ފެރޯޝަސް. ނއ. ވަޙްޝީ. ބިރުވެރި އަދި ގަދަކަން ބޮޑު. މ. ފެރޯޝަން ޠޫފާނެއް، ކުއްތާއެއް، ރުޅި، ކުށްދެއްކުން. ކއ. ferociously. ނ. ferocity.

ferret

ފެރެޓް. ފެރިޓް. ނ. މުސަޅާއި މީދާ ފަދަ ތަކެތި ފައްސަން ނުވަތަ ހިފަން ގެންގުޅޭ ކުޑަވަރެއްގެ ޖަނަވާރެއް. —ކ. (ferreted, ferreting) ބޮޑަށް ހޯދުން. އެއްފުށް އަނެއް ފުށަށް ޖަހައިގެން އެއްޗެއް ހޯދުން. ferreting ފެރެޓް ބޭނުންކޮށްގެން ޝިކާރަކުރުން. މ. go ferreting. ferret out ވަރަށް ބޮޑަށް ބަލައިގެން އެއްޗެއް ފުރަތަމަ ފަހަރަށް ހޯދުން. ferrety ނއ. (މޫނާ މެދު) ހަނިވެފައި ދަތްދޮޅިކޮޅަށް ހިމަ.

ferroconcrete

ފެރޯކޮންކްރީޓް. ނ. އެތެރެއަށް ދަގަނޑު ލައިގެން ހަދާ ކޮންކްރީޓް.

ferrous

ފެރަސް. ނއ. ދަގަނޑު ހިމެނޭ. މ. ފެރަސް މަޢުދަން.

ferrule

ފެރޫލް. ނ. ދަނޑިއެއް ނުވަތަ ހޮޅިއެއް ނުވަތަ ނަރެއް ގެ ކޮޅު ގަދަކުރުމަށް ޖަހާ މަޢުދަނުން ހަދައިފައިވާ ބަންދެއް ނުވަތަ ހޮޅިކޮޅެއް.

ferry

ފެރީ. ކ. (ferried, ferrying) 1. ފެންގަނޑެއް ހުރަސްކޮށް މީހުން ނުވަތަ މުދައު އެއް ފަރާތުން އަނެއް ފަރާތަށް ނަގުލުކުރުން. 2. ވަކި އާދައަކުން އެއްތަނުން އަނެއް ތަނަށް މުދައު ނުވަތަ މީހުން ނަގުލުކުރުން. —ނ. 1. ފެރީ ކުރުމަށް ބޭނުންކުރާ އުޅަނދު. 2. މި އުޅަނދު ދުއްވާ ތަން. 3. މިގޮތަށް ތަކެތި ނަގުލުކުރުމުގެ ޚިދުމަތް. ނ. ferryman.

fertile

ފާރޓައިލް. ނއ. 1. (ބިންގަނޑާއި ވެއްޔާ މެދު) ގަސް ރަނގަޅަށް ހެއްދުމަށް ބޭނުންވާ ކަނާދު ހިމެނިގެންވާ. ޚަޞީބު، ބާރުވަރު. 2. (ގަހާ މެދު) މޭވާ ޖަހައި ހަރުލާ. (ޖަނަވާރާ މެދު) ދަރިމައިވާ. 3. (ބިހާއި އޮށާ މެދު) އިންދުމުން ނުވަތަ ފީކުރުމުން ހެދި ބޮޑުވާ. (ތަސްމީދުވެފައިވާ). 4. (ފިކުރާ މެދު) ތަފާތު ޚިޔާލުތައް ނެރެވޭ، އީޖާދީ. ނ. fertility.

fertilize

ފާޓިލައިޒް. ކ. 1. ވެއްޔަށް ނުވަތަ އެހެންވެސް ތަނަކަށް ގަސްކާނާ އެޅުން. 2. ޖަނަވާރެއްގެ އަންހެން ބިހަށް ނުވަތަ ގަހެއްގެ ދަރިމައިވުމުގެ ބައި ހުންނަ އެއްޗަކަށް ފިރިހެން ބައި ވައްދައިގެން އެ ތަސްމީދުކުރުން. ޖޯޑުކުރުވުން. މިހެން ހެދުމުން ނޫނީ ގަހެއްގައި ނަމަ، އޮށެއް ޖަނަވާރެއްގައި ނަމަ ޅަ އެއްޗެއް ގަރުބައެއް ނުގަންނާނެއެވެ. ނ. fertilization.

fertilizer

ފާޓިލައިޒަރ. ނ. ބިންގަނޑަށް ގަސްކާނާގެ ގޮތުގައި އަޅާ ޤުދްރަތީ ނުވަތަ މަޞްނޫޢީ އެއްޗެތި. ޕޯރާ. ކާދު. ސަމާދު.

fervent

ފާރވަންޓް. ނއ. އިޚްލާޞްތެރި ޝުޢޫރު ހަރުދަނާ ކަމާއެކު ހާމަކުރާ. މ. ފާރވަންޓް އީމާން. ފާރވަންޓް އުއްމީދު. ފާވަރންޓް ސަޕޯޓަރުން. ކއ. fervently.

fervid

ފާރވިޑް. ނއ. ގަދައަށް ޝުޢޫރުތައް ފާޅުކުރާ. މ. ފާރވިޑް ޕާޓީ ސަޕޯޓަރުން. ސަހަރާގެ ފާރވިޑް ވެލިގަނޑު [އަޞްލުމާނައަކީ ހުޅުހިފައިވާ، ހޫނު]

fervour

ފާރވަރ. ނ. ޖޯޝް. ފޯރި. ކަމަކަށް ހުންނަ ޝުޢޫރުގެ ގަދަކަން. މ. ޤައުމީ ލޯބީގެ ފާރވަރ.

fescue

ފެސްކިޔު. ނ. ގެރިބަކަރި ކައިއުޅޭ ބާވަތެއްގެ ވިނައެވެ.

festal

ފެސްޓަލް. ނއ. ފެސްޓިވަލް އަކަށް ނިސްބަތްވާ.

fester

ފެސްޓަރ. ކ. 1. ދޮސްގަތުން. 2. ރުޅިވެރިކަން އުފައްދައި ދަމަހައްޓާ. މ. އޭނާގެ ހަސަދަވެރިކަން ޒަމާންތަކަކަށް ފެސްޓަރ ކުރިއެވެ.

festival

ފެސްޓިވަލް. ނ. 1. ދީނީ ނުވަތަ އެހެންވެސް ކަމެއްގެ އިޙްތިފާލެއް. ތަހުވާރު، މަޙްރަޖާން. ޢީދެއް. 2. ޑްރާމާ އާއި ފިލްމާއި މިޔުޒިކް ގެ ކަންކަން އޮންނަ އާދައެއް ހިމެނޭ ޢީދެއް.

festive

ފެސްޓިވް. ނއ. ފެސްޓިވަލަކަށް ނިސްބަތްވާ. ފެސްޓިވަލެއްގައި ދައްކާލުމަށް އެކަށީގެންވާ.

festivity

ފެސްޓިވިޓީ. ނ. ޢީދެއް ފަދަ އިޙްތިފާލެއް. މިފަދަ ކަމެއްގައި އޮންނަ އުފައުވެރިކަން. މިފަދަ ކަމެއްގައި ހިނގާ ހަރަކާތެއް.

festoon

ފެސްޓޫން. ނ. އެލިފައި އޮންނަ ގޮތަށް ދަމާ މައު، ފޮތިގަނޑު، ފަތް، ރިބަން ފަދަ އެއްޗެއް. އިކްލީލް.

fetch

ފެޗް. ކ. 1. ގޮސް ގެނައުން. މ. ފޫޅުމައެއް ފެޗް ކުރުން. 2. ބޭރަށް ނުކުންނަ ގޮތް ހެދުން. މ. fetch tears to the eyes ލޮލަށް ކަރުނަ ގެނައުން. 3. (މުދައު) އަގަކަށް ވިއްކުން. މ. ތި ފޮތްތަކުން މާ ބޮޑު އަގެއް ފެޗް އެއް ނުވާނެއެވެ. 4. ނުރަސްމީ ބަހުން ޖެހުން. މ. fetched him a slap. —ނ. ދެ ތަނެއްގެ ދެމެދުގައިވާ ކަނޑު ނުވަތަ ފެންގަނޑު. fetch up ނުރަސްމީ ބަހުރުވައިން ނުދަންނަ ތަނަކަށް އާދެވުން، ވަދެވުން.

fetching

ފެޗިން. ނއ. ބަލައިލާން ހިންގައިމު. އަޅައިގަންނަ. މ. a fetching smile.

fête

ފޭޓް. ނ. 1. އިޙްތިފާލެއް. 2. ރަނގަޅުކަމެއްކުރުމަށް ފައިސާ އެއްކުރުމަށް ބާއްވާ މުނިފޫހިފިލުވުމުގެ ނުވަތަ ތަކެތި ވިއްކުމުގެ ހަރަކާތެއް. —ކ. (fêted, fêting) މީހަކު ހޯދި ކާމިޔާބީއަކާ ގުޅިގެން އޭނާ މުނިފޫހިފިލުވުމުގެ ކަމެއްގައި ބައިވެރިކުރުވުން.

fetid

ފެޓިޑް. ނއ. ނުބައި ވަސް ދުވާ.

fetish

ފެޓިޝް. ނ. 1. އިހުގައި މަގުފުރެދިފައިވާ މީހުން އޭގައި ރޫޙެއް ނުވަތަ ޖާދުވީ ބާރެއް ވާކަމަށް ދެކި އަޅުކަންކުރާ އެއްޗެއް. 2. ބޮޑު ސަމާލުކަން ނުވަތަ އިޙްތިރާމްދޭ ތާކުން ތާކު ނުޖެހޭ ކަމެއް ނުވަތަ އެއްޗެއް.

fetlock

ފެޓްލޮކް. ނ. އަހެއްގެ މޮއްގަނޑުގެ ފަހަތުން މަތީގައިވާ ބައި.

fetter

ފެޓަރ. ނ. ގައިދީ އެއްގެ ތަނބީގައި އަޅާ ކަސްތަޅު. 1. މިފަދަ އެއްޗެއްގައި މީހަރު ހައްޔަރުކުރުން. 2. ކުރިއަށް ދިއުން ހިފެހެއްޓުން. ހައްޔަރުކުރުން.

fettle

ފެޓްލް. ނ. ހާލަތް. މ. the company is in fine fettle = ކުންފުނި ވަނީ އިޤްތިޞާދީ ގޮތުން ރަނގަޅު ޙާލަތެއްގައެވެ.

feu

ފިއު. ނ. (ސްކޮޓްލަންޑް ލަފުޒެއް) 1. ދާއިމަށް ކުއްޔަށް ދިނުން. 2. މިގޮތުން ކުއްޔަށް ހިފާފައިވާ ބިން. —ކ. މިގޮތަށް ކުއްޔަށް ދިނުން.

feud

ފިއުޑް. ނ. ބައެއްގެ ނުވަތަ ޖަމާޢަތެއްގައި އޮންނަ ޒަމާންތަކަށް ދެމިގެންދާ ދެކޮޅުވެރިކަން. ދުޝްމަނީ. ޢަދާއު. —ކ. މިފަދަ ޢަދާވަތްތެރިކަމެއް ޒަމާންތަކަކަށް ކުރިއަށް ގެންދިއުން.

feudal

ފިއުޑަލް. ނއ. feudal system އަށް ނިސްބަތްވާ. މި ނިޒާމުގައި ދަނޑުވެރިކަން ބިމެއްގައި ކުރެވެނީ އެ ބިމުގެ ވެރި ފަރާތަށް (މ. ހަނގުރާމައިގައި ބައިވެރިވުން ފަދަ) އެކި ޚިދުމަތްތައް ކޮށްދީގެންނެވެ. މިއީ ކުރީ ޒަމާނެއްގައި ޔޫރަޕުގައި އޮތް ނިޒާމެކެވެ. ނ. feudalism. ނއ. feudalistic.

fever

ފީވަރ. ނ. 1. ހަށިގަނޑުގެ ހޫނުމިން މާ ބޮޑަށް މަތިވުން. ހުން. 2. މި ކަން ހުންނަ ބައްޔެއް. 3. ނުތަނަވަސްކަމާއި ހާސްކަމާއި ކެތް މަދުވުން ގެނެސްދޭ ޙާލަތެއް. fever pitch ވަރަށް މަތީފެންވަރަކަށް މަޖާކަން ނުވަތަ ހައިޖާން ވެރިވެފައިވުން.

fevered

ފީވަރޑް. ނއ. ހުން އައިސްފައިވާ.

feverish

ފީވަރިޝް. ނއ. 1. ހުން އައިސްފައިވާ. 2. ހުމުން ޖެހޭ [ބައްޔެއް] ނުވަތަ ހުން އަންނަ. 2. ކަމަކާ މެދު އަންނަ ފޯރިއެއްގެ ސަބަބުން މަޑުން ނުހުރެވޭ. ކއ. feverishly. ނ. feverishness.

few

ފިއު. ނއ. ނ. ގިނައެއް ނޫން. ވަރަށް މަދު މިންވަރެއް. ޤަލީލް. —ނ. fewness. a few ކުޑަ މިންވަރެއް ނުވަތަ ޢަދަދެއް. a good few, quite a few މަޖާޒީ ގޮތެއްގައި ގިނަ މިންވަރަކަށް.

fey

ފެއި. ނއ. ސްކޮޓްލަންޑް ބަހުރުވައިގައި، ފަސޭހައިން އަސަރުކުރާ، އަދި އަޖާއިބުކަމެއް ހިމެނޭ. މ. މީހެއް. ނ. feyness.

fez

ފެޒް. ނ. ބައެއް މުސްލިމް ޤައުމުތަކުގައި މަތިހަމަ، އަދި ވައުކޮޅެއް ހިމެނޭ ރަތް ތާކިހަލެއް. ތުރުކީ ތާކިހާ.

fiancé, fiancee

ފިއަންސޭ. ނ. އިންނާނެކަމަށް ވަޢުދުވެފައިވާ ފިރިހެނެއް. އަންހެނެއް ނަމަ. ފިއަންސީ.

fiasco

ފިއެސްކޯ. ނ. ކުރަން އުޅުނުކަމެއް މުޅިން ފޭލިވުން. ވަރަށް ބޮޑު ނާކާމިޔާބީ.

fiat

ފީއެޓް. ފިއަޓް. ނ. ޤަރާރެއް ނުވަތަ އޯޑަރެއް. ފަތްތޫރަ. ފަރުމާން.

fib

ފިބް. ނ. މުހިއްމު ނޫން ދޮގެއް. —ކ. (fibbed, fibbing) ކުދި ދޮގު ހެދުން. —ނ. fibber.

fibre

ފައިބަރ. 1. ބޮބީގައި ނުވަތަ ކަފަމަލުގައި ނުވަތަ މޭވާގައި ނުވަތަ އުޅީގައި ހުންނަ ނަރު. ފައިބަރގްލާސް އަށް ބޭނުންކުރާ ބިއްލޫރި ނަރު. 2. ނަރުން އުފައްދައިފައިވާ އެއްޗެއް. 3. މީހެއް ޝަޚްޞިއްޔަތުގެ ހަރުދަނާ ކަން. މ. moral fibre.

fibreboard

ފައިބަރބޯޑް. ނއ. ފައިބަރ ނުވަތަ ނަރުތަކެއް ފިއްތައި އެއްޗަކުން ތަތްކޮށްގެން ހަދައިފައި ހުންނަ ފިލާ.

fiberglass

ފައިބަރގްލާސް. ނ. 1. ބިއްލޫރި ނަރުން ތައްޔާރުކޮށްފައި ހުންނަ ފޮއްޗެއް. 2. ބިއްލޫރި ނަރު ހިމެނޭ ޕްލާސްޓިކް.

fibroid

ފައިބްރޮއިޑް. ނއ. ހިމަ ނަރުތަކަކުން އެކުލެވިފައިވާ. —ނ. ރަޙިމްގެތެރޭގައި އުފެދޭ ފައިބްރޮއިޑް ޓިއުމަރ.

fibrosis

ފައިބްރޯސިސް. ނ. ބައްޔެއްގެ ގޮތުގައި ހަށިގަނޑުގައި އެކަށީގެންނުވާ ގިނައިން ފައިބަރ ހުންނަ މަސްތައް އުފެދުން.

fibrositis

ފައިބްރޯސިޓިސް. ނ. ހުޅުތަކާއި ކަށި ފިޔަވައި އެހެންތަންތަނަށްވާ ރާއްޖެބަލީގެ ތަދު.

fibrous

ފައިބްރަސް. ނއ. ފައިބަރ އިން އުފެދިފައިވާ. ފައިބަރ އާ ވައްތަރު.

fibula

ފިބްޔުލާ. ނ. ކަށިމަތީގެ ބޭރު ފަރާތުގައި ހުންނަ ހިމަ ކަށިގަނޑު.

fiche

ފީޝް. ބަލާ microfiche. [ބާވަތެއްގެ ނެގަޓިވް އެވެ].

fickle

ފިކްލް. ނއ. ބޭސާބިތު. ކުއްލިއަކަށް ބަދަލުވާ. ފެންނަގޮތް ނުވަތަ އެދޭގޮތް އަވަހަށް ބަދަލުކުރާ. މ. މިރަށުގެ މޫސުމް ފިކްލް އެވެ.

fiction

ފިކްޝަން. ނ. 1. ފިކުރުގެ އުފެއްދުމެއް. 2. ޚިޔާލީ ވާހަކައެއް. އަފްސާނާ. ދާސްތާން. 3. އަދަބީ އުފެއްދުންތަކުގެ ތެރެއިން މިފަދަ ވާހަކަތައް ހިމެނޭ ފޮތްތަކުގެ ގިންތި. ނއ .fictional.

fictionalize

ފިކްޝަނަލައިޒް. ކ. ވާހަކައެއް ނުވަތަ ހާދިސާއެއް ޚިޔާލީ ވާހަކައެއްގެ ގޮތަށް ލިޔުން.

fictitious

ފިކްޓިޝަސް. ނއ. ޚިޔާލީ. ޙަޤީޤަތެއް ނޫން. އަޞްލެއް ނޫން. މ. އޭނާ ދެއްކީ އުޅުނު ގޮތުގެ ފިކްޓިޝަސް ވާހަކަތަކެކެވެ. (ހަދައިގެން ދެއްކި ވާހަކަތަކެކެވެ.)

fiddle

ފިޑްލް. ނ. 1. (ނުރަސްމީ ބަހުރުވައިން) ބޭލާއެއް. 2. ނުރަސްމީ ބަހުރުވައިން އޮޅުވާލުމުގެ، މަކަރުގެ ޢަމަލެއް. ކ.— 1. ބޭލާ ކުޅުން. 2. ވަކި މަޤްޞަދެއް ނެތި އެއްޗަކާ ކުޅުން. އަތްމުނިނުކަވައިގެން އެއްޗަކާ ބީހުން. 3. ނުރަސްމީ ބަހުރުވައިން މަކަރުހެދުން. ލިޔުންތަކެއް ހިސާބުތަކެއް އޮޅުވައިލުން. މަކަރުން އުޅުން. ނ. fiddler.

fiddlesticks

ފިޑްލްސްޓިކްސް. ކުއްލިއަކަށް ބުނާ ލަފުޒެއް. ތާކުންތާކު ނުޖެހޭ ވާހަކަ.

fiddling

ފިޑްލިން. ނއ. ކުދި. ކުޑަ. ކަމުގެ ސަބަބުން ބޮޑު ނަތީޖާއެއް ނުނުކުންނާނޭ.

fiddly

ފިޑްލީ. ނއ. ނުރަސްމީ ބަހުރުވައިން ކުޑަ އަދި ބޭނުންކުރަން ނުވަތަ ކުރަން އުނދަގޫ.

fidelity

ފިޑެލިޓީ. ނ. 1. ވަފާތެރިކަން. ވަފާދާރުކަން. އިޚްލާޞްތެރިކަން. 2. ތެދުކަން. އެއްޗަކާ އެއްގޮތްކަން. 3. އަޑު ނުވަތަ މަންޒަރު ރެކޯޑުކޮށް އަލުން ޖެހުމުން އަޞްލާ އެއްގޮތްކަން.

fidget

ފިޖިޓް. ކ. (fidgeted, fidgeting) 1. ކަމަކާ ނުތަނަވަސްވެގެން އަތުން ނުވަތަ ފައިން ނުވަތަ އެހެން ގުނަވަނަކުން ކުދިކުދި ޙަރަކާތްތައް ގެނައުން. 2. ކެތްތެރިކަން ކުޑަވެ، ނުތަނަވަސްވުން. މީހަކަށް މިހެންވާ ގޮތް ހެދުން. ފިކުރުބޮޑުވުން. ނ. ފިޖިޓްކުރާ މީހެއް. fidgets ނ. މިފަދަ ކުދިކުދި ހަރަކާތްތައް.

fidgety

ފިޖިޓި. ނއ. ފިޖިޓްކުރާގޮތް ހުންނަ.

fie

ފައި. ކުއްލިއަކަށް ބުނާ ލަފުޒެއް. މާނައަކީ ލަދުހުއްޓެވެ!

field

ފީލްޑް. ނ. 1. ހާމަ ބިމެއް، ޚާއްޞަކޮށް ގެރިބަކަރި ފަދަ ތަކެތި ގެންގުޅުމަށާއި ގޮވާންކުރުމަށް ބޭނުންކުރާ ބިން. މައިދާން. ދަނޑު. 2. ޤުދްރަތީ ކޮންމެވެސް ވިކޭ އެއްޗެއް ހުރި ބިމެއް. މ. ތެޔޮބިން، ގޭސްބިން، ކޯލާބިން. 3. ހަނގުރާމަ މައިދާން. 4. ކުޅިވަރުކުޅޭ ބިން. 5. އިލެކްޓްރިކް ނުވަތަ ދަގަތްފާނު ނުވަތަ ގްރެވިޓީގެ އަސަރު ހުންނަ ސަރަޙައްދު. މިފަދަ ސަރަޙައްދެއްގައި ހުންނަ އެކަންކަމުގެ ބާރު. 6. ފެންނަ ނުވަތަ ބެލޭ ސަރަޙައްދު. މ. field of vision ލޮލަށް ފެންނަހާ ހިސާބު. 7. މީހަކު ޝައުޤުވެރިވާ ދާއިރާ، އޭނާ ޚާއްޞަވާ ޢިލްމީ މާއްދާ ނުވަތަ ޙަރަކާތް. މ. އޭނާއަކީ މިޔުޒިކް ފީލްޑްގެ މާހިރެކެވެ. 8. (ކޮމްޕިއުޓިންގައި) ރެކޯޑެއްގެ ވަކި ބައެއް. މުވައްޒަފުންގެ ރެކޮޑްގެ އޭނާގެ އުމުރު ލިޔެފައި އޮންނަ ފީލްޑް އެއް އޮވެއެވެ. 9. ފީލްޑްވާކްގެ މަސައްކަތް ކުރާ ސަރަހައްދު ނުވަތަ ތަން. މ. field archeology. 10. ބޭރުގައި ބާއްވާ ކުޅިވަރެއްގައި، ހުރިހާ ކުޅުންތެރިން ހިމެނޭ ބައެއް. މ. ކްރިކެޓްގައި ފީލްޑިން ބަޔަކީ ބޯޅަ އުކާ އަދި ހޮވާ ބައެވެ. —ކ. field 1. ކުރިކެޓް ފަދަ ކުޅިވަރެއްގައި ފީލްޑްސްމަން އެއްގެ ގޮތުން ހަރަކާތްތެރިވުން. 2. ކުރިކެޓްގައި ބޯޅަ ހުއްޓުވައި އުކާ ފަރާތަށް އެއްލުން. 3. އަނެއް ޓީމު ނުވަތަ ބޯޅަ ދަނޑަށް އެރުވުން. 4. ސުވާލުތަކަކަށް ރަނގަޅަށް ޖަވާބު ދިނުން. field-day މަޖާ ގިނަ ޙަރަކާތްތަކެއް ހިނގާ ދުވަހެއް. field events އެތުލެޓިކް ކުޅިވަރުތަކުގެ ތެރެއިން ރާސް ޖެހުން ފިޔަވައި، ފުމުން، ބަރު އުފުލުން ފަދަ ހަރަކާތްތައް. field-glasses ގެއިން ބޭރުގައި ބޭނުންކުރާ ދުރުމި. Field Marshal އެއްގަމު ހަނގުރާމަ ލަޝްކަރުގެ އެންމެ މަތީ މީހާ. field-mouse ދަނޑުތަކުގައި އުޅޭ ކުޑަ މީދަލެއް. field sports ކުޅިވަރުގެ ގޮތުގައި ހިޔާނުކޮށް އޮންނަ ބޮޑު ސަރަޙައްދެއްގައި ކުޅޭ ކުޅިވަރު. މ. މަސްބޭނުން، ޝިކާރަކުރުން.

fielder

ފީލްޑަރ. ނ. ކުރިކެޓް ފަދަ ކުޅިވަރެއްގައި ކުޅޭ މީހުންގެ ޓީމު ނޫން އަނެއް ޓީމުގެ މީހެއް.

fieldfare

ފީލްޑްފެއެރ. ނ. ފިނި މޫސުމުގައި އިނގިރޭސި ވިލާތަށް އަންނަ ދޫންޏެއް.

fieldsman

ފީލްޑްސްމަން. ނ. ކުރިކެޓް ފަދަ ކުޅިވަރެއްގައި ކުޅޭ މީހުންގެ ޓީމު ނޫން އަނެއް ޓީމުގެ މީހެއް.

fieldwork

ފީލްޑްވާރކް. ނ. ލެބޯރަޓަރީތަކާއި ލައިބްރަރީތަކުން ބޭރުގައި، ޢަމަލީ މައިދާނުގައި ސައިންޓިސްޓުންނާއި އިޖްތިމާޢީ މަސައްކަތުމީޙުން ކުރާ މަސައްކަތް. ނ. fieldworker.

fiend

ފީންޑް. ނ. 1. ނުބައި ކަންކަން ކުރާ ރޫޙެއް. 2. ވަރަށް ނުބައި އަނިޔާވެރިއެއް. މީހުން ރުޅިއަރުވައި ގޯސްކަކަން ކުރާ މީހެއް. 3. ވަކި ކަމަކަށް ދެވިހިފައިފާވާ މީހެއް. މ. މޫދަށް އެރޭ ފީންޑްއެއް. ނއ. .fiendishކއ. fiendishly.

fierce

ފިއަރސް. ނއ. 1. ވާހަކަދެއްކުމާއި މުޢާމަލާތްކުރުމުގައި ގަދަކަމާއި އަނިޔާވެރިކަން ދައްކާ. ޖައްބާރު. ނުބައި ނުލަފާ. ޝަދީދު. 2. ވަރަށް ފުންކޮށް. މ. ފިއަރސް ވަފާތެރިކަން. 3. ހިތްހަމަ ނުޖެހޭ ވަރަށް ވަރުގަދަވެފައި ހައްދުން މަތީގައި. މ. fierce heat. ކއ. fiercely. ނ. fierceness.

fiery

ފަޔަރީ. ނއ. 1. އަލިފާން ހިފައިފައިވާ. ހުޅުހިފައިފައިވާ. 2. އަލިފާން ފަދައިން ފެންނަ. ގަދަ ރަތް. 3. ފިހުމުން ކުރާ އަސަރުކުރާ. ވަރަށް ހޫނު. 4. ވަރަށް ފުން އަސަރުތަކެއް ކުރާ. ވަރަށް ޖޯޝް ހުރި. މ. ތަޤްރީރެއް. 5. ފަސޭހައިން ރުޅި އަންނަ.

fiesta

ފިއެސްޓާ. ނ. ސްޕެނިޝް އިން ވާހަކަ ދައްކާ ޤައުމުތައި އޮންނަ ދީނީ ޢީދެއް.

fife

ފައިފް. ނ. މިލިޓަރީ މިޔުޒިކްގައި ތޫލި އަޑެއް ނުކުންނަ ފުމޭ އޮނެއް.

Fife

ފައިފް. ނ. ސްކޮޓްލަންޑްގެ ސަރަޙައްދެއް.

fifteen

ފިފްޓީން. ނއ. ނ. 1. ސާދައަށް ވުރެ އެކެއް ގިނަ. ފަނަރަ. 2. ރަގްބީ ޔުނިއަންގެ 15 މީހުންގެ ފުޓްބޯޅާ ޓީމެއް. ނއ. ނ. fifteenth.

fifth

ފިފްތް [ތ ކިޔާނީ ފިއްތި އަޑަށް]. ނ. ނއ. 1. ފޯތުއަށް ވުރެ 1 ގިނަ. ފަސްވަނަ. 2. އެއްޗެއް ފައިކުޅަ ކުރުމަށް ފަހު އެއިން އެއްބައި. ކއ. fifthly. fifth column ހަނގުރާމައެއްގައި ދެކޮޅުވެރި ޤައުމެއްގެ ތެރޭގައި ޖާސޫސްކޮށް ހަނގުރާމަކުރާ ބައެއް. fifth columnist މިފަދަ ބައެއްގެ ތެރެއިން އެކަކު.

fifty

ފިފްޓި. ނ. ނއ. ދިހައެއް ފަސް ފަހަރު. ފަންސާސް. fiftieth ނ. ނއ. ފަންސާސްވަނަ. fiftees ޚާއްޞަކޮށް އަހަރު ގުނާއިރާއި ފިނިހޫނުމިނުގެ ދަރަޖަ ގުނާއިރު 50 އިން ފެށިގެން 59 ވަނަ ޢަދަދާހަމައަށް ވާ ޢަދަދުތައް. fifty-fifty ނއ. ކއ. ދެބައެއްގެ ދެމެދުގައި އެއްވަރަށް ބެހުމަށް ނުރަސްމީ ބަހުރުވައިން ބުނާގޮތެއް. a fifty-fifty chance ކަމެއް ވުމުގެ ފުރުޞަތު އޮތީ ކޮންމެ ކޮޅަކަށް އެއްވަރަކަށް ކަމަށް ބުނާ ޢިބާރާތެއް.

fig

ފިގް. ނ. 1. މަޑު މޭވާއެއް އަޅާ ފަތްފުޅާ ގަހެއް. [ވައް]ތީނި، އަންޖީރު. 2. މިގަހުގެ މޭވާ. ނ. fig-leaf.

fight

ފައިޓް. ކ. (fought, fighting) 1. އެހެން މީހަކާ ނުވަތަ ޤައުމަކާ އިދިކޮޅަށް، ހަނގުރާމައެއްގައި ނުވަތަ އެހެންވެސް މުޤާބަލާއެއްގައި ޖިސްމާނީގޮތުން ދެކޮޅުހެދުން. ތަޅާފޮޅުން. އޮޅުލުން. ހަނގުރާމަކުރުން. 2. ހަނގުރާމަކުރުން. 3. ކަމެއް ކުރުމަށް ނުވަތަ މަޤްޞަދެއް ޙާޞިލްކުރުމަށް ހިފެހެއްޓުމެއް ނެތި ހިތްމަތް ކުރުން. 4. ކާމިޔާބު ހޯދުމަށް ނުވަތަ ބަލިކުރުމަށް މަސައްކަތް ކުރުން. މ. fight fire އަލިފާން ނިއްވަން ގަދައަށް މަސައްކަތްކުރުން. 5. ކުރިއަށް ދިއުމަށް ހިއްމަތާއި ތަޅާފޮޅުން. —ނ. fight. 1. ހަނގުރާމަ. 2. ކޮންމެ ބާވަތެއްގެ ނަމަވެސް ދެކޮޅުވެރިކަމެއް، މުބާރާތެއް. 3. ބޮކްސިން މެޗެއް. fight back ދިފާޢުކުރުން. ދެރަދޭން އުޅޭ ފަރާތާ އިދިކޮޅަށް މަސައްކަތްކުރުން (ތެޅުން). fighting chance ވަރަށް ގަދައަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވެދާނެ ފުރުޞާތެއް. fight fit ވަރަށް ޞިއްޙަތު ރަނގަޅު. fight it out ގޮތެއް ނިންމުމުގައި ޒުވާބުކުރުން ނުވަތަ ތަޅާފޮޅުން. fight off ތަޅާފޮޅައިގެން ދުރަށްލުން. fight shy of ކަމެއް ކުރުމަށް ފަސްޖެހުން ނުވަތަ ކުރާހިތް ނުވުން. show fight ތަޅާފޮޅުމަށް ތައްޔާރުކަން ހާމަކުރުން.

fighter

ފައިޓަރ. ނ. 1. ތަޅާފޮޅާ މީހެއް. ފަހުލަވާނެއް. 2. ކަމަކާ ގަދައަށް ނޫޅެ އެ ކަމެއް ދޫނުކޮށްލާ މީހެއް. 3. އެހެން މަތިންދާބޯޓަށް ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ ހަލުވި މަތިންދާބޯޓެއް.

figment

ފިގްމަންޓް. ނ. ޚިޔާލުގައި ނޫނީ ނޫޅޭ އެއްޗެއް. ޚިޔާލީފޮލާ.

figurative

ފިގަރަޓެވް. ނއ. 1. ލަފުޒުތަކުގެ އަޞްލު މާނަނޫން އެހެން މާނައެއް ހިމެނޭ. މަޖާޒީ. ޢަލާމަތީ، ރަމްޒީ. 2. ފަރުމާ އާއި ކުރެހުންތަކުގައި ޤުދްރަތީ އެއްޗަކުން އިލްހާމުލިބިގެން އުފައްދާފައިވާ.

figure

ފިގަރ. ނ. 1. ހިސާބުގެ ލިޔެފައިވާ ޢަދަދެއް. 2. ކުރެހުމެއް، ހޫލައެއް. 3. ބަލައިލާން ރީތި ތަކުރާރުވާ ބައްޓަންތަކެއްގެ (ދުޅަތަކެއްގެ) ފަރުމާއެއް. ނެށުމާއި ސްކޭޓްކުރުމުގައި މީހާ ދަތުރުކުރާ ގޮތް. 4. ކުރެހުމެއް ނުވަތަ ހިލައިން ކޮށާފައިވާ ފަރުމާއަކުން ދައްކައިދޭ މީހެއް ނުވަތަ ހައިވާނެއް. 5. ދިރާސާކުރުމަށް ބޭނުންކުރާ މީހެއް ނުވަތަ އެއްޗެއް. މ. a figure leaning on the door ދޮރުގައި ލެގިގެން ހުރި މީހެއް. the most terrible figure in our history އަހުރެމެންގެ ތާރީޚްގައި އެންމެ ނުލަފާ މީހާ. 6. ބޭރުފުށުން ބައްޓަންތައް ހުންނަ ގޮތް. މ. she has a good figure އޭނާގެ ހަށިގަނޑުގެ ބައްޓަންތައް (ހެދިހުރިގޮތް) ރީއްޗެވެ. 7. ތެދު ނުވަތަ ކިއްސަރު ރޮނގުތަކެއް ދަމައިގެން ކުރަހާފައިވާ ފަރުމާއެއް. —ކ. figure. 1. ކުރެހުމަކުން ދެއްކުން. 2. ޚިޔާލުކުރުން. ބުއްދިއަށް ސިފަ ގެނެސްގަތުން. 3. ރޭވުމެއްގެ ބަޔަކަށް ވުން ނުވަތަ (ފިލްމެއްގައި ނުވަތަ ވާހަކައެއްގައި) އުޅުން ނުވަތަ ނަންގަތުން. މ. he figures in all books on growing roses އޭނާގެ ވާހަކަ ފިނިފެންމާ ހެއްދުމާ ބެހޭ ހުރިހާ ފޮތެއްގައި ނަންގަނެވެއެވެ. figure-head ދޯންޏެއްގެ ނުވަތަ އޮޑިއެއްގެ މައްޔަލުކުރީގައި ލަކުޑިން ކޮށާމަށައިގެން ހަދާފައި ހުންނަ ބައްޓަމެއް. މާބޮޑު ބާރެއް ނެތް ގޮތެއްގައި މުއައްސަސާއެއްގެ އެންމެ މަތީގައި ހުންނަ މީހާ. figure of fun ހެދުން އެޅުމުގެ ގޮތުން ނުވަތަ އެހެންވެސް ގޮތަކުން މީހުން މަލާމާތްކުރާ ގޮތަކަށް ހުންނަ މީހާ. figure of speech ވާހަކަ ދެއްކުމުގައި ނުވަތަ ލިޔުމުގައި އަސަރުގަދަކުރުމުގެ ގޮތުން ބޭނުން ކުރާ ޢިބާރާތް ނުވަތަ ލަފުޒު. މި ލަފުޒުތައް ބޭނުންކުރަނީ ލަފުޒީ މާނައެއްގައެއް ނޫނެވެ. މަޖާޒީ ޢިބާރާތް. ބަލާޣަތުގެ ޢިބާރާތް. figure on އެމެރިކާގެ ބަހުރުވައިގައި އިތުބާރުކުރުން ނުވަތަ ކަމެއް މީހަކު ކޮށްފާނެކަމަށް އުއްމީދުކުރުން. figure out ހިސާބުން އެއްޗެއް ސާފުކުރުން. އެމެރިކާގެ ބަހުރުވައިގައި ވާހަކައެއް އޮޅުން ފިލުވުން، ދޭހަކުރުން. figures ހިސާބު. މ. she is no good at figures އޭނާ ހިސާބަކަށް އެއްވެސް ގޮތަކަށް މޮޅެއް ނޫނެވެ.

figured

ފިގަރޑް. ނއ. ޒީނަތްތެރިކޮށްފައިވާ. ރީތިކޮށްފައިވާ. މ. figured cloth ފަރުމާތަކެއް ހިމަނައިގެން ރީތިކޮށްފައިވާ ފޭރާން.

figurine

ފިގަރިން. ނ. ކުޑަ ބުދެއް.

Fiji

ފީޖީ. ނ. ދެކުނު ޕެސިފިކްގައިވާ ޤައުމެއް. Fijian (ފީޖީއަން) ނއ. ނ.

filament

ފިލަމަންޓް. ނ. 1. ރޮދި، ނަރު، ފަދަ ހިމަ ވަލެއްގެ ގޮތުގައި ޖަނަވާރާއި ގަސްގަހާގެހީގައި ހުންނަ އެއްޗެތި. 2. އިހުގެ ބޮކީގައި ހޫނުވެގެން އަލިނުކުންނަ ނަރުކޮޅު.

filbert

ފިލްބަރޓް. ނ. ހޭޒްލް ގަހުގެ މަދު. ހޭޒްލް މަދު.

filch

ފިލްޗް. ކ. ކުޑަ އެއްޗެއް ވަގަން ނެގުން.

file

ފައިލް. ނ. އޮމާން ކުރަން ނުވަތަ ބައްޓަން ގެންނަން ރާޅުކޮށް ރޮނގުދަމާފައި ހުންނަ ދަގަނޑު. ފީރު. —ކ. ފީރެއް ބޭނުންކޮށްގެން އޮމާންކުރުން ނުވަތަ ބައްޓަމެއް ގެނައުން.

file

ފައިލް. ނ. 1. ވަކި ތަރުތީބަކުން ކަރުދާސް ބެހެއްޓުމަށް ގެންގުޅޭ ފޮށި، ނުވަތަ މެދުން ފަތްޖަހާފައިވާ ބޯ ކަރުދާސް. ފައިލު. 2. ފައިލުގައި ހުންނަ ކަރުދާސް. 3. ކޮމްޕިއުޓަރެއްގައި ވަކި ތަރުތީބަކުން ރައްކާކޮށްފައިވާ މަޢުލޫމާތު. 4. އެކަކު ފަހު އަނެކަކު ތިބޭ ބަރި. މިތަރުތީބުން ހުންނަ އެހެންތަކެތި. —ކ. 1. ފައިލަކަށް ލުން. 2. ރެކޯޑުކުރުން. މ. file an application. 3. ސަފަކަށް މާޗުކުރުން.

filial

ފިލިއަލް. ނއ. ދަރިއަކާ ގުޅޭ. ދަރިއެއްވީމާ. މ. filial duty ދަރިއަކަށް ވީމާ ކުރަންޖެހޭ ޒިންމާތައް.

filibuster

ފިލިބަސްޓަރ. ނ. އެމެރިކާގެ ބަހުރުވައިގައި 1. ޤާނޫނު ހަދާ މަޖިލިހުގައި ބިލެއް ލަސްކުރުމުގެ ބޭނުމުގައި ދިގުކޮށް ވާހަކަ ދައްކާ މީހާ. 2. މި ޢަމަލު. —ކ. މިކަން ކުރުން.

filigree

ފިލިގްރީ. ނ. ޒީނަތްތެރިކުރުމުގެ ގޮތުން ރޭނދާ ފަދައިން މަޢުދަންގައި ހަދާފައި ހުންނަ ފަރުމާ/މަސައްކަތް.

filing-cabinet

ފައިލިން ކެބިނެޓް. ނ. ފައިލްތައް ބެހެއްޓުމަށް ހަދައިފައި ހުންނަ ވަތްގަނޑުލީ ފޮށިގަނޑެއް/އަލަމާރިއެއް.

filings

ފައިލިންގްސް. ނ. ފީރުލުމުން އުފެދޭ ކުނޑި.

Filipino

ފިލިޕީނޯ. ނ. ފިލިޕީންސް ގެ އަހުލުވެރިއެއް.

fill

ފިލް. ކ. 1. އެއްޗެއް ފުރުން ނުވަތަ ފުރާލުން. އެއްޗެއްގެ ޖާގަ މުޅިން ފުރުން. 2. ޖާގައެއް ނުވަތަ ލޯވަޅެއް ފަދަ އެއްޗެއް ފުރާލުން. 3. ފެތުރި ފުރިގެން ދިއުން. މ. fill a room with smoke ދުމުން ކޮޓަރިއެއް ފުރުން. 4. މަޤާމެއް ފުރުން. މަޤާމަކަށް މީހަކު ޢައްޔަރުކޮށް ފުރާލުން. 5. ވަގުތު ފުރާލުން. —ނ. 1. އެއްޗެއް ފުރާލުމަށް ބޭނުންވާ މިންވަރު. 2. މީހެއްގެ ބަނޑު ނުވަތަ އެދުމެއް ފުރާލުން. fill in ގޮޅިއެއް ނުވަތ ރޮނގެއްގައި ލިޔެގެން ނުވަތަ ކުލަޖައްސައިގެން އެ ފުރާލުން. ނުނިންމާ އޮތް ފަތެއް ފުރިހަމަ ކުރުން. ނުރަސްމީ ބަހުރުވައިން މީހަކަށް މަޢުލޫމާތު ދީގެން އޭނާއަށް ކަމެއް އެނގޭގޮތް ހެދުން. މީހެއްގެ ބަދަލުގައި ވަޒީފާއެއް ނުވަތަ ކަމެއް ކުރުން. fill out ބޮޑުކުރުން. ބޮޑުވެގެން އައުން. fill the bill ކަމަކަށް އެކަށީގެންވުން. fill up މުޅިން ފުރާލުން. ފޯމެއް ފުރުން. ކާރެއްގެ ޕެޓްރޯލް ޓޭންކް ފުރާލުން.

filler

ފިލަރ. ނ. ދެ އެއްޗެއްގެ ދެމެދަށް އަޅާ އެއްޗެތި. އެއްޗެއް ބޮޑުކުރުމަށް އަޅާ ތަކެތި. ޖާގައެއް ފުރަން އަޅާ ތަކެތި.

fillet

ފިލިޓް. ނ. 1. ކަށިނެތް މަސްފޮއްޗެއް. 2. ބޮލުގެ ވަށައިގެން އައްސާ ރިބަން ފަށެއް. 3. ފަރުމާއެއްގައިވާ ފީތާފަށެއް ފަދަ ހަނިދިގު ބައްޓަމެއް. —ކ. (filleted, filleting) މަހަކުން ކަށި ފިލުވުން. މަސްކެނޑުން.

filling

ފިލިން. ނ. 1. ދަތްފަނިކޭމާ އެތަން ބައްދަން އަޅާ އެއްޗެތި. މިކަންކުރާ ކުރުން. 2. ސޭންޑްވިޗް ފަދަ އެއްޗެތީގެ ދެ ފޮތި ދެމެދަށް އަޅާ އެއްޗެތި. filling station ކާރަށް ޕެޓްރޯލު ވިއްކައި އަޅައިދޭ ތަންތަން.

fillip

ފިލިޕް. ނ. 1. އިނގިލިކޮޅުން ޖަހާ ޖެހުމެއް. 2. (ވިޔަފާރި ފަދަ) ކަމެއް ކުރިއެރުވުމަށް އެހީވެދޭ ކަމެއް ނުވަތަ އެއްޗެއް. —ކ. (filliped, filliping އިނގިލިކޮޅުން ކޮއްޕުން. ފުއްޓަކި ޖެހުން.

filly

ފިލީ. ނ. އަންހެން ޅަ އަހެއް.

film

ފިލްމް. ނ. 1. އެއްޗެއްގެ ބޭރުގައިވާ ވަރަށް ތުނި ފަށަލައެއް. ދުލި. 2. އިހުގައި ފޮޓޯ ނެގުމަށް ނުވަތަ ފިލްމު ނެގުމަށް ބޭނުންކުރާ ތުނި ޕްލާސްޓިކެއްގައި އަލިން އަސަރުކުރާ ބޭހެއް ހާކައިގެން ހަދާފައި ހުންނަ ފީތާ. 3. ބައިސްކޯފު ފިލްމު. —ކ. 1. ދުލިލުން ނުވަތަ ދުލިފަދަ ތުނި ފަށަލައެއް އެއްޗެއްގެ ބޭރުގައި އުނގުޅުން. 2. ބައިސްކޯފު ފިލްމެއް އުފެއްދުން. films ވިޔަފާރިއެއްގެ ގޮތުގައި ފިލްމުގެ އިންޑަސްޓްރީ. film star ފިލްމުގައި އުޅޭ، ފިލްމުކުޅޭ މީހެއް. film-strip ކިޔަވައިދިނުމުގައި ބޭނުންކުރާ ފޮޓޯތަކެއް ހިމެނޭ ފިލްމުގެ ކުރި ބުރިވަރެއް.

filmy

ފިލްމީ. ނއ. (filmier, filmiest) ވަރަށް ތުނި ވެފައި އެއް ފަރާތުން އަނެއް ފަރާތް ފެންނަ. ދުލި ފަދަ.

filter

ފިލްޓަރ. ނ. 1. އޭގެ ތެރެއިން ވަޔާއި ދިޔަ ފޮނުވުމުން، މިތަކެތީގައިވާ ކުޑިތައް ނުވަތަ ބޭނުންނުވާ ބައި ފުރާނައި ހިފަހައްޓާ އެއްޗެއް. ފުރޭނި. 2. އަލީގެ ވަކި ކުލަތަކެއް ނުވަތަ ފްރީކުއެންސީއެއް ފުރާނާ އެއްޗެއް. 3. އަޑު ނުވަތަ އިލެކްޓްރިކް ރާޅުތަކުގެ ބާރުމިން ކުޑަކުރާ އެއްޗެއް. 4. މަގުމަތީގައި ދުއްވާތަކެތި ވަކި ގޮތަކަށް ތަރުތީބުކުރާ ގޮތެއް. —ކ. filter. 1. ފުރޭނުން. ފުރާނާ އެއްޗެއްގެ ތެރެއިން ފޮނުވުން. 2. މަޑުމަޑުން ފެތުރުން. މ. ޚަބަރު. people filtered into the hall. 3. ޓްރެފިކް ގެ ވަކިކޮޅަށް ދާ އެއްޗެއް ހިފަހައްޓައި އަނެއް ބައި ކުރިއަށް ފޮނުވުން. filter-bed ގިނަ ދިޔަ ފުރާނަން ވެލި އަޅާފައި ހުންނަ ތާނގީއެއް. filter-tip ކޮޅުގައި ފިލްޓަރުލީ ސިނގިރެޓް.

filth

ފިލްތް. (ތ ސުކުން ކިޔާނީ ފިއްތިއަޑުން). 1. މުޑުދާރު ހަޑި. 2. ކިޔުމުން ނުވަތަ ފެނުމުން މީހާއަށް ނަފުރަތުގެ އިޙްސާސްތައް ކުރުވާ ލިޔުން ނުވަތަ ފޮޓޯ ފަދަ ތަކެތި.

filtrate

ފިލްޓްރެއިޓް. ކ. ފުރާނައިފައިވާ ދިޔަ. —ކ. ފިލްޓަރ ކުރުން. ފުރޭނުން. ނ. filtration.

fin

ފިން. ނ. 1. މަސް އެކި ދިމާއަށް ދުވުމަށް ބޭނުން ކުރާ އެއިން ފަޅާފައި ހުންނަ ހަނި ފަށް. ކޮތަރި. 2. ފީނާ މީހުން ފަޔަށްލާ ކޮތަރި. 3. މަތިންދާ ބޯޓާއި ރޮކެޓްގައި މިސްރާބުކުރުމަށް ހަރުކޮށްފައި ހުންނަ ކޮތަރި ފަދަ ބައި.

finagle

ފިނެއިގްލް. ކ. އެމެރިކާގެ ނުރަސްމީ ބަހުރުވައިން ހީލަތްހެދުން ނުވަތަ ހީލަތަކުން އެއްޗެއް ހޯދުން.

final

ފައިނަލް. ނއ. 1. އެންމެ ކޮޅުގައި، އެންމެ ފަހަތުގައި. ނިމުމުގައި. 2. ޒުވާބަކަށް، މަޝްވަރާއަކަށް، ޝައްކަކަށް ނިމުމެއް ގެންނަ. ނިހާޔީ. —ނ. 1. މުބާރާތްތަކެއްގެ އެންމެ ފަހު ކުޅުން. 2. ދުވާލެއްގައި އެތައް ފަހަރަކު ޗާޕުކުރާ ނޫހެއްގެ އެންމެ ފަހު ޗާޕުކޮށް ނެރޭ އިސްދާރު. ކއ. finally. ނ. finals. ސިލްސިލާ އިމްތިޙާނުތަކެއްގެ އެންމެ ފަހު އިމްތިޙާނުތައް.

finale

ފިނާލި. ނ. މުނިފޫހިފިލުވުމުގެ ކަމެއްގައި އެހެން ފަހުން އޮންނަ އެންމެ ފޯރިގަދަ ބައި.

finalist

ފައިނަލިސްޓް. ނ. މުބާރާތެއްގައި އެންމެ ފަހުން ކުޅޭ ކުޅުންތެރިން ނުވަތަ ޓީމު. އެންމެ ފަހު އިމްތިޙާނުތައް ހަދާ މީހާ.

finality

ފައިނަލިޓި. ދެން ބަދަލުނުކުރެވޭ ގޮތަށް އެންމެ ފަހުން ނިންމާ ނިންމުން. މި ޚިޔާލު ނުވަތަ ޢަމަލު ނުވަތަ ޝުޢޫރު.

finalize

ފައިނަލައިޒް. ކ. 1. ކަމެއް ނިމުމަކާ ހަމައަށް ގެނައުން. ނިންމުން. 2. ނިމުނީމާ އޮންނަން ޖެހޭ ގޮތަށް ކަމެއް ކުރުން. ނ. finalization.

finance

ފައިނޭންސް. ފިނޭންސް. ނ. 1. ފައިސާ ބެލެހެއްޓުން. މާލިޔާ، މާލިއްޔަތު. ބޮޑުބަޑޭރިކަން. 2. ކަމަކަށް ބޭނުންވާ ފައިސާ . —ކ. ކަމަކަށް ފައިސާ ދިނުން. finance company/house އެކި ކަންކަމަށް ދަރަންޏަށް ފައިސާ ދޫކުރާ ކުންފުންޏެއް. finances ކުންފުންޏެއް/މީހެއް/ޤައުމެއް ގެ ފައިސާ، މާލީ ވަސީލަތްތައް.

financial

ފައިނޭޝަލް. ފިނޭންޝަލް. ނއ. ފައިސާ ނުވަތަ މާލިއްޔަތާ ބެހޭ. މާލީ.

financier

ފިނޭންސިއަރ. ފައިނޭސިއަރ. ނ. އެކި ވިޔަފާރިތަކަށް ބޮޑެތި ޢަދަދުތަކުގެ ފައިސާ (ދަރަންޏަށް) ހޯދުމާއި ދޫކުރުމުގެ ކަންކަމުގެ އުޅޭ މީހެއް.

finch

ފިންޗް. ނ. ކުރު ތުބެއް ހުންނަ ދޫންޏެއް. ޗިޅިޔާ.

find

ފައިންޑް. ކ. (found, finding) 1. މަސައްކަތުން ބަލައިގެން ސުވާލުކޮށްގެން އިއްތިފާޤުން ފަދަ ގޮތަކަށް ހޯދުން. 2. ކަމަކަށް، ޙަޤީޤަތަކަށް ހޭލުންތެރިވުން. 3. ޤުދްރަތީ ގޮތުން އެއްޗެއް ތަނަކަށް އައުން. މ. water finds its own level ފެން އޭގެ ހަމަކަން އަމިއްލައަށް ހޯދައެވެ. 4. އެއްޗެއް ހޯދުމުގައި ކާމިޔާބުވުން. މ. can’t find time to do it އެކަން ކުރާކަށް ވަގުތެއް ނުހޯދުނެވެ. 5. ފޯރުކޮށްދިނުން، ދިނުން. މ. who will find the money for the picnic? ޕިކްނިކަށް ބޭނުންވާ ފައިސާ ހޯދާނީ ކާކު ހެއްޔެވެ؟ 6. (ޖޫރީންނާ މެދު) ވަކި ގޮތަކަށް ނިންމައި އެގޮތް އިޢުލާނުކުރުން. —ނ. 1. އެއްޗެއް ހޯދައިގެން ފެންނަ ފެނުން. 2. ފެންނަ ހިތްގައިމު ނުވަތަ ބޭނުންތެރި އެއްޗެއް. find favour މަޤްބޫލްވުން. find one’s feet ފައިގެ މައްޗަށް ކޮޅަށް ތެދުވެވޭ ވަރު ވުން. މިނިވަންކަމާ އެކު އުޅެވޭ ވަރުވުން. find oneself ޠަބީޢީ ގޮތުން މީހަކު މޮޅުވާ ކަން އަމިއްލައަށް ހޯދުން. find out މަޢުލޫމާތު ކަމަކާ ބެހޭ ގޮތުން ހޯދުން. ގޯސްކޮށް ކަމެއް ކުރި މީހަކު ދެނެގަތުން. މަކަރެއް ޙީލަތެއް އެނގި އޮޅުންފިލުން.

finder

ފައިންޑަރ. ނ. 1. އެއްޗެއް ހޯދި ފަރާތެއް. 2. ފޮޓޯނަގާ ތަން ކެމެރާއިން ފެންނަ ލެންސް. 3. އަމާޒުކުރަންވީ ދިމާ ދެނެގަތުމަށް ބޮޑެތި ޓެލިސްކޯޕުގައި (ދުރުމީގައި) ހަރުކޮށްފައި ހުންނަ ދުރުމީއެއް.

findings

ފައިންޑިންގްސް. ނ. ތަޙްޤީޤަކުން ހޯދުނު ހޯދުންތައް.

fine

ފައިން. ނ. ކުރެވުނު ކުށަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާ. ޖޫރިމަނާ.

fine

ފައިން. ނއ. 1. މަތީ ފެންވަރުގެ. ފެންވަރު ރަނގަޅު. 2. ވަރަށް މޮޅު. 3. (މޫސުމާ މެދު) ރަނގަޅު. ސާފުވެފައި ވާރޭނުވެހޭ. 4. ހިމަ ރޮދިން އެކުލެވިފައިވާ. ކުދިކުދި ފުއްތަކަކުން އެކުލެވިފައިވާ. 5. ވަރަށް ހުނަރުވެރިކަމާއެކު ކޮށްފައިވާ (މ. ލާޖަހާފައިވާ). 6. ފާހަގަ ކުރަން ދަތި. މ. making fine distinctions ފަރަޤުތައް ދެނެގަންނަން ދަތި. 7. އިޚްލާޞްތެރިކަމެއް ނެތި ޚުޝާމިދު ހިމެނޭ. މ. said fine things about them. 8. ރަނގަޅު ޞިއްޙަތުގައި. އަރާމާއި އުފަލުގައި. —ކއ. fine. 1. ވަރަށް ކުދިކޮށް. 2. ވަރަށް ރަނގަޅަށް. މ. that will suit me fine ތިގޮތް މަށަށް ވަރަށް ރަނގަޅެވެ. —ކ. ކުދި، އޮމާން، ހިމުންވާ ފަދަ ގޮތް ހެދުން. ކއ. —finely. ނ. fineness. fine arts ޢިލްމީ ކަންތައްތަކުގެ ތެރެއިން ރީތިކަމާ ބެހޭ ޢިލްމުތައް މ. ކުރެހުން، އާކިޓެކްޗަރ، ބުދުހެދުން. fine-drawn ވަރަށް ކުޑަކޮށް ފާހަގަވާ. ވަރަށް ހިމަ. fine-tooth comb ދަތްކުދި ފުނާ. ދެ ދަތް ދޭތެރެ ކައިރިކޮށް ހުންނަ ފުނާ. go through something with a fine-tooth comb (ލިޔުމެއް ފަދަ) އެއްޗެއް ވަރަށް ބޮޑަށް ކުށް ހޯދުމަށް ބެލުން. not to put too fine a point on it ވާހަކައެއް ސީދަލަށް ބުނުން.

finery

ފައިނަރީ. ނ. ރީތި ހިތްގައިމު ހެދުމާއި ޒީނަތްތެރިވުމުގެ ކަންކަން.

fines herbes

ފީންޒް އާބް. ނ. ކާތަކެތީގައި ރަހަ ލެއްވުމަށް އެއްކޮށްފައި ހުންނަ ތަފާތު ވައްތަރުގެ ފަތްތައް.

finesse

ފިނެސް. ނ. 1. ކަމެއް ކުރުމުގައި ވަރަށް ނާޒުކުކޮށް އުޅޭ އުޅުން. 2. ހާދިސާއެއްގައި އުޅުން ބަހައްޓާ ފިކުރުވެރިކަމާއި އުޅުންތެރިކަން. ޒަރާފަތު.

finger

ފިންގަރ. ނ. 1. އަތުގެ އިނގިލިތައް. ބޮޑުވާއިނގިލި ފިޔަވައި އެހެން އިނގިލިތައް. 2. އަންގިއެއްގައި އިނގިލި ވަންނަ ބައި. 3. އިނގިލިފަދަ ސިފަ ހުންނަ އެއްޗެއް. 4. ނުރަސްމީ ބަހުރުވައިން އިނގިއްޔެއްގެ ފުޅާމިން. ގާތްގަޑަކަށް 18 އެމްއެމް. މި ބޭނުންކުރަނީ ބާރުގަދަ ރާ ތައްޓެއްގައި މިނުމަށެވެ. —ކ. 1. އިނގިލިން ބީހުން. 2. އިނގިލިން މިޔުޒިކީ އެއްޗެއް ކުޅުން. finger-bowl ކާމޭޒުމަތީގައި ހުންނަ އިނގިލި ދޮންނަން ހުންނަ ތަށި. finger-mark އިނގިލި ޖެހުމުން އެއްޗެއްގައި ލާފައި ހުންނަ ލައް. finger-nail އިނގިލީގެ ކުރީގައިވާ ނިޔަފަތި. finger-plate ދޮރެއްގައި އިނގިލި ޖެހުމުން ހަޑިވާނެތީ އިނގިލި ޖައްސަން ހުންނަ މަޢުދަނުން ހަދާފައިވާ ޖަސްތުކޮޅު. finger-post ވަކި މިސްރާބެއް ދެއްކުމަށް މަގުމަތީގައި އިނގިލިން އިޝާރާތްކުރާ ގޮތަށް ހުންނަ ނަންބޯޑު. finger-stall ގެއްލުން ލިބިފައިވާ އިނގިއްޔެއް ލުމަށް ހަދާފައި އޮންނަ އުރައެއް. having a finger in the pie މަޝްރޫޢު އެއްގައި ހަރަކާތްތެރިކޮށް ބައިވެރިވެގެން އުޅުން.

fingering

ފިންގަރރިން. ނ. 1. ޓައިޕްކުރުމުގައި ނުވަތަ މިޔުޒިކީ އާލަތްތައް ބޭނުންކުރުމުގައި އިނގިލި ބޭނުންކުރާގޮތެއް. 2. މިޔުޒިކް ލިޔެފައި ހުންނަ އިރު އިނގިލި ބަހައްޓާނޭ ގޮތް (ޢަދަދުން) ފާހަގަކުރާކުރުން.

fingerprint

ފިންގަރޕްރިންޓް. ނ. (ވަކި މީހަކު ދެނެގަތުމަށް) އިނގިލި ކުރީގެ ހުދުހަމުގައިވާ ހިމަ ރޫތަކުގެ ކުރެހުން/ތައްގަނޑު. އިނގިލީގެ ނިޝާން.

fingertip

ފިންގަރޓިޕް. ނ. އިނގިލީގެ ކުރި. have at one’s fingertips ކަމަކަށް ނުވަތަ އެއްޗަކަށް ވަރަށް ބޮޑަށް ފަރިތަވުން.

finicking

ފިނިކިން. ނއ. ނ. 1. ކެއުމުގައި ނުވަތަ އެހެން ކަންކަމުގައި ސަބަބެއް ނެތި އާދަޔާ ޚިލާފު ގޮތްތަކެއް ގެންގުޅޭ، ގޮތްބޮޑުކަން. 2. ކުދި ތަފްޞީލުތަކަށް ވަރަށް ބޮޑު ސަމާލުކަންދޭ. ކއ. finicky. finical.

finish

ފިނިޝް. ކ. 1. ނިންމުން. ކަމެއް ނިމުމަކަށް ގެނައުން. ފުރިހަމަކުރުން. 2. ރޭހެއް ނުވަތަ މަސައްކަތެއް ފުރިހަމަވުން. ނިމުން. 3. ކައި ނުވަތަ ބޭނުންކޮށް ހުސްވުން ނުވަތަ ހުސްކުރުން. މ. finish the rice ބަތް (ތަށި) ހުސްކުރާށޭ. 4. ކަމެއް ނިމި ފުރިހަމަކުރުމުން ކުރާ ކަންކަންކުރުން. މ. ވަޑާންކުރުން ނަމަ، ފާލިސްލައި ނިންމުން. ފޭރާންކުރި ނަމަ، ތާންޖަހައި އޮމާންކުރުން. —ނ. noun. 1. ކަމެއްގެ ނުވަތަ އެއްޗެއްގެ އެންމެ ފަހުކަން ނުވަތަ މަރުހަލާ. 2. ރޭހެއް ފަދަ އެއްޗެއް ނިމޭތަން. 3. އެއްޗެއް ނިމި ފުރިހަމަ ވުމުގެ ޢަމަލު. 4. ފޭރާން ނުވަތަ ލަކުޑި މަސައްކަތް ނިމުމުން ކޮށްފައިވާ އެންމެ ފަހުގެ މަސައްކަތް. finishing school ސްކޫލް ނިމުމުން އަންހެން ކުދީންނަށް މުޖުތަމަޢުގައި މުޢާމަލާތްތައް ބަހައްޓާނޭ ގޮތް ދަސްކޮށްދޭ އަމިއްލަ މަދަރުސާއެއް. finish with އެއްޗެއްގެ ބޭނުންކޮށް ނިމުން. އެއްޗަކާ ނުވަތަ މީހަކާ އޮންނަ ގުޅުން ނިންމުން.

finite

ފައިނައިޓް. ނއ. ހައްދެއް ހިމެނޭ. ނުގުނޭހާ ގިނައެއް ނޫން. މަޙްދޫދު.

Finland

ފިންލަންޑް. ނ. އިރުއުތުރު ޔޫރަޕުގެ ޤައުމެއް.

Finn

ފިން. ނ. ފިންލަންޑްގެ އަހުލުވެރިއެއް.

finnan haddock

ފިނަން ހެޑޮކް. ރޯކޮށް ހުރި ގޮފި ފަދަ ތަކެތީން ދުންޖައްސާފައިވާ ހެޑޮކް ކިޔާ ބާވަތުގެ މަސް.

Finnish

ފިނިޝް. ނއ. ފިންލަންޑް އަށް ނުވަތަ އެމީހުންގެ ބަހުރުވައަށް ނިސްބަތްވާ. —ނ. Finnish ފިންލަންޑް މީހުންގެ ބަސް.

fiord

ފިއޯޑް. ނ. ނޯވޭ ފަދަ ޤައުމުތަކުގައި ގުންޑޮޅި އުސް ގޮނޑުދޮށާ ކައިރިއަށް ކަނޑު ވަދެފައި ހުންނަ ތަންތަން.

fir

ފާރ. ނ. 1. ފިތުރޯނާ އެއްގޮތަކަށް ހުންނަ ގަހެއް. 2. މި ގަހުގައި ލަކުޑި.

fire

ފަޔަރ. ނ. 1. ހޫނާއި އަލި ނުކުންނަ ރޯވާރޯވުން. އެނދުން. ހުޅު. އަލިފާން. އަގުރު. ގިނި. 2. ގެއްލުން ދެނިވި އެނދުން. 3. ތަކެއްގައި ނުވަތަ އެއްޗެއްގައި އަންދާ އަލިފާން. އިލެކްޓްރިކް ނުވަތަ ގޭސް އިން ހޫނުކުރާ އެއްޗެއް. 4. ރުޅި، ޝައަޤު. ޖޯޝް. 5. ބަޑިއެއް ޖަހާ ޖެހުން. —ކ. 1. ރޯކުރުން. އަލިފާންޖެހުން. 2. ރޯވުން. 3. އުނދުނެއް ފަދަ އެއްޗަކަށް އަލިފާންލުން. އެ ރޯކުރުން. 4. ތަށިމުށި ހަރުކުރުމަށް އެ އަލިފާނަށްލުން. ސައި ނުވަތަ ދުންފަތް ބޮވޭވަރު ކުރުމަށް ހޫނުކުރުން. 5. ކަމެއް ކުރުވުމަށް އެއްޗަކަށް ނުވަތަ މީހަކަށް ފޯރިދިނުން. 6. ބަޑިޖެހުން. 7. ގޮއްވާލުން. 8. މީހަކު ވަޒީފާއިން ވަކިކުރުން. ނ. firer. ނ. fire-alarm އަލިފާން ރޯވެއްޖެކަމުގެ އިންޒާރުދޭ ރަނގަބީލު ނުވަތަ އެފަދަ އެހެން އެއްޗެއް. fire away ކަމެއް ފެށުން. (ނުރަސްމީ ބަހުރުވައިން). fire-brick ހޫނުވުމުން ހަލާކުނުވާ ރަތްކުލައިގެ މަށީގެ ބްރިކް ނުވަތަ އީޓުގައު. fire brigade އަލިފާން ނިވާލުމަށް ތަމްރީނުދީ އެ ކަންކުރަން ވަޒީފާގައި ގެންގުޅޭ ޖަމާޢަތެއް. fire-drill ރޯވެއްޖެނަމަ ކަންކުރާނެ ގޮތުގެ ތަމްރީނު. fire-eater އަލިފާން ކާކަމަށް ދައްކާ ޖާދޫގަރެއް. ޒުވާބުކޮށް ތަޅާފޮޅާހިތްވާ މީހެއް. fire-engine ބޮޑަށް އަލިފާން ހިފުމުން އެ ނިއްވާލުމަށް ބޭނުންކުރާ ލޮރީއެއްގައި ހަރުކުރި މެޝިނެއް. fire-escape ބޮޑަށް އަލިފާން ހިފައިފިނަމަ، ސަލާމަތްވާނޭ މަގެއް، ސިޑިއެއް ނުވަތަ އެހެންވެސް ރާސްތާއެއް. fire in the belly ކަމެއް ކުރުމުގެ ފޯރި ގަދައަށް ހުރުން. fire-irons ގެތައް ހޫނުކުރަން ރޯކުރާ އަލިފާނާ ކުޅެއް ގެންގުޅޭ ދަގަނޑު/ގިނިފަތި. fire-lighter ގެ ހޫނުކުރަން އަލިފާން ރޯކުރަން ބޭނުންކުރާ ހިކިހޯލި ފަދަ ތަކެތި. fire station އަލިފާން ނިވާ މީހުން ތިބޭ ޖަގަހަ ނުވަތަ އިދާރާ. fire-storm ބޮން އެޅުމުން އުފެދޭ ގަދަ ވަޔާއި އަލިފާންގަނޑު. fire-trap ރޯވެއްޖެނަމަ ސަލާމަތްވާނޭ މަގު މަދު ޢިމާރާތެއް.

firearm

ފަޔަރއާމް. ނ. އުންޑަ ނުކުންނަ ހިފާގެންގުލެވޭ ބަޑި.

firebrand

ފަޔަރބްރޭންޑް. ނ. މައްސަލަ އުފައްދާ (ހިލުވާލާ) މީހެއް.

firedamp

ފަޔަރޑޭމްޕް. ނ. މީތޭން ކިޔާ ގޭސް. މި ގޭހަކީ ވަޔާ ވަކި މިންވަރަކަށް އެކުވުމުން ގޮވާ އެއްޗެކެވެ. މި ނަމަކީ ކޯލްމައިންތަކުގައި މަސައްކަތްކުރާ މީހުން އެ ގޭހަށް ކިޔާ ނަމެވެ.

firefly

ފަޔަރފްލައި. ނ. މެހި، މަޑި ފާޑުގެ ހައިވާނެއް. މިއިން ރޭގަނޑު ފެހިކުލައެއްގެ އައްޔެއް ނުކުމެއެވެ. ގިނިމެހި.

firelight

ފަޔަރލައިޓް. ނ. ގޭގެ ހޫނުކުރަން އަލިފާން އަންދާއިރު އެއިން ނުކުންނަ އަލި.

fireman

ފަޔަރމަން. ނ. 1. އަލިފާން ނިވާ ގުރޫޕެއްގެ މީހެއް. 2. ތަކެތި ވިރުވަން އަލިފާން ރޯކުރާއިރު އުނދުނާ ހަވާލުވެ ހުންނަ މީހާ.

firemaster

ފަޔަރމާސްޓަރ. ނ. އަލިފާން ނިވާ ޖަމާޢަތެއްގެ އިސްމީހާ.

fireplace

ފަޔަރޕްލެއިސް. ނ. 1. ގެއެއްގެ އެތެރޭ ފާރެއްގެ ކައިރީގައި، ގެ ހޫނުކުރުމަށް ދަރު ނުވަތަ ދެލި އަންދަން ތައްޔާރުކޮށްފައި ހުންނަ އުނދުނެއް ފަދަ ތަނެއް. މިތަނާ ދުންހޮޅިއެއް ގުޅާފައި ހުރެއެވެ. 2. މިތަނުގެ ވަށައިގެން ހުންނަ އޮނިގަނޑު.

fireproof

ފަޔަރޕްރޫފް. ނއ. 1. އަލިފާން ޖެހުމުން ވެސް ނުހިފާ. 2. ހޫނުކުރުމުން ހަލާކުނުވާ. މ. fireproof dishes.

fireside

ފަޔަރސައިޑް. ނ. ފިނި ޤައުމުތަކުގައި، ގޭގެ މައި ނާރެސްކަމަށް ދެކޭ، ގެ ހޫނުކުރަން އަލިފާންރޯކުރާ އުނދުނާ ގާތުގެ ހިސާބު.

firewood

ފަޔަރވުޑް. ނ. ގެ ހޫނުކުރަން ނުވަތަ ކައްކަން ބޭނުންކުރާ ދަރު.

firework

ފަޔަރވާރކް. ނ. ބަޑިބޭސް އަޅައިގެން އެކި ކަންކަން ފާހަގަކުރަން ގޮއްވާ ނުވަތަ އަރުވާ ހަވާ، ފަޓާސް، އަލިނަރު، އަލިގަސް، ފައިދަށުފުރޭތަ ފަދަ ތަކެތި. fireworks ބަޑިބޭހުގެ ކުޅިވަރު. ގަދައަށް ރުޅިއައިސްގެން މީހާ ހަމައިން ނެއްޓުން.

firing-line

ފަޔަރިންލައިން. ނ. 1. ހަނގުރާމަކުރާއިރު، އިދިކޮޅު ލަޝްކަރާ އެންމެ ގާތުގައި އޮންނަ ސަފު. 2. ކޮންމެވެސް ޙަރަކާތެއްގެ އެންމެ ކުރީގެ މަޤާމުތައް.

firing-squad

ފަޔަރިންސްކްވޮޑް. ނ. ސިފައިންގެ މީހެއްގެ ޖަނާޒާގައި، ވަޔަށް ބަޑިޖަހާން ތިބޭ މީހުންގެ ޖަމާޢަތެއް. ބަޑިޖަހައިގެން މެރުމަށް ޙުކުމްކުރީމާ އެމީހާ މަރާލާނީވެސް މިފަދަ ޖަމާޢަތަކުން އެއްފަހަރާ ބަޑިޖަހައެވެ.

firm

ފާރމް. ނ. ވިޔަފާރިއެއް ހިންގުމަށް އުފައްދާފައިވާ ކުންފުންޏެއް. ވިޔަފާރިއެއް ކުރަން އެކުވާ ޖަމާޢަތެއް.

firm

ފާރމް. ނއ. 1. އޮބާލުމުން، ފިއްތާލުމުން، އަޑިއަށް ނުދާ. ހަރު. 2. ނުގުޑާ. ނުތެޅޭ. 3. ގަދައަށް އައްސާފައި ނުވަތަ ހަރުކޮށްފައި. 4. ކަޑައެޅިފައި. ފަސޭހައިން ބަދަލުނުކުރެވޭ، ނުފޫޒު ނުފޯރުވޭ. ހަރުދަނާ. ހަރޮށި. މ. a firm belief، a firm offer = ފަސާހައިން ބަދަލުނުގެންނާނެ ކެންސަލް ނުކުރާނެ ހުށަހެޅުމެއް. މ. stand firm ކއ. firmly. —ކ. ހަރުވުން، ކުޑަވުން، ބާރަށް އެއްސުން ނުވަތަ ހަރުކުރުން.

firmament

ފާމަމަންޓް. ނ. އުޑު. ތަރިތަކާއި ވިލާތަކާއި އެކު ޖައްވު. އާސްމާން، ފަލަކު، ސަމާޢު.

first

ފަސްޓް. ނއ. ވަގުތުގެ ގޮތުން، ތަރުތީބުން ނުވަތަ މުހިއްމުކަމުން އެހެން އެއްޗިއްސަށްވުރެ ކުރި. ފުރަތަމަ. އެއްވަނަ. —ނ. 1. އެއްވަނަ އެއްޗެއް. މ. މަހެއްގެ އެއްވަނަ ދުވަސް. ކަމެއްގެ، މުބާރާތެއްގެ ފުރަތަމަ ފެނުން ނުވަތަ ކާމިޔާބީ. 2. ޔުނިވަރސިޓީ ޑިގްރީ އެއްގެ ފުރަތަމަ ކިލާސް ގެ އޮނާޒް. 3. ދުއްވާ އުޅަނދެއްގެ ފުރަތަމަ ގިއަރު. —ކއ. first. 1. އެހެން މީހުންނަށް ވުރެ ކުރީން. އެހެން އެއްޗިއްސަށްވުރެ ކުރީން. 2. އެހެން ހާދިސާއެއް ނުވަތަ ކަމެއްގެ ކުރީން. މ. finish this work first [އެހެން ކަމެއް ކުރުމުގެ ކުރީން] މިކަން ފުރަތަމަ ނިންމާ. 3. ފުރަތަމަ ފަހަރަށް. މ. when did you see him first?. 4. އެހެންކަމެއް ވުމުގެ ކުރީން. 5. ފުރަތަމަ ކިލާސް. މ. I travel first.. at first ފެށޭއިރު. ފަށަން. at first hand ސީދާ އަޞްލު ފަރާތުން ހޯދާފައި (މ. މަޢުލޫމާތު). first aid އަނިޔާވެފައިވާ މީހަކަށް ޑޮކްޓަރު އައުމުގެ ކުރީން ދޭ ފަރުވާ. ފުރަތަމަ ފަރުވާ. first base ތިން މުގޯލި ފަދަ ކުޅިވަރެއްގައި ފުރަތަމަ ގެއަށް ދެވުން. ކަމެއް ކުރުމުގެ ފުރަތަމަ ބައި ޙާޞިލްކުރުން. first blood މުބާރާތެއްގެ ފުރަތަމަ ކާމިޔާބީ. first-born ނ. ނއ. އެންމެ ދޮށީ ދަރިފުޅު. first class އެއްޗެތި ތަކެއް ގިންތި ކުރާއިރު އެންމެ ރަނގަޅު ކަމަށް ބަލާ ގިންތި. މ. އުޅަނދެއްގެ ކޮޓަރިތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކޮޓަރިތައް. މ. we travelled first class އަވަހަށް ރައްދުކުރަން ޖެހޭ ޕޯސްޓުން ފޮނުވާ ތަކެތި. first-class އެންމެ ފެންވަރު/ފޭރާން ރަނގަޅު. ވަރަށް ރަނގަޅު. ފަސްޓް ކްލާސް އަށް ނިސްބަތްވާ. first cousin ބަލާ cousin. first-footing ސްކޮޓްލަންޑްގެ އާދަކާދައެއްގައި އަހަރެއް ފެށޭއިރު ފުރަތަމަ އޮޅި ގިރާކުރާ މީހާ. first-fruits ދަނޑުގޮވާމާއި މޭވާ ހެއްދުމުގައި އެންމެ ފުރަތަމަ ކަނޑާ ބައިން ކަލާނގެއަށް ނިސްބަތްކޮށް އަޅާބައި. މަސައްކަތެއްގެ އެންމެ ފުރަތަމަ އެދެވޭ ނަތީޖާ. first gear އުޅަނދެއް ދުއްވާލާއިރު ބޭނުންކުރާ އެންމެ ބާރުގަދަ ގިޔަރު. First Lady އެމެރިކާގެ ރައީސެއްގެ އަނބިކަބަލުން. first name މީހެއްގެ ފުރަތަމަ ނަން. first night ތަމްސީލެއް ފަދަ ކަމެއްގެ ފުރަތަމަ ރޭ. first offender އަލަށް، ފުރަތަމަ ފަހަރަށް ކުށެއް ކުރާ މީހާ. first officer މުދާ އުފުލާ ބޯޓެއްގެ ފުރަތަމަ އޮފިސަރު. first past the post (އިންތިޚާބުތަކުގައި) ދެބައިކުޅަ އެއްބައި ވޯޓު ނުލިބުނަސް، އެހެން މީހުންނަށް ވުރެ ގިނައިން ވޯޓު ލިބިގެން ކާމިޔާބު ހޯދި ކެންޑިޑޭޓު. first person ބަލާ person! first-rate ނ. ނއ. އެންމެ މަތީ ފެންވަރު. މުމްތާޒު. އެންމެ ރަނގަޅު.

firsthand

ފަސްޓްހޭންޑް. ނއ. ކއ. ތަޖުރިބާކުރި އަޞްލު ފަރާތުން (މަޢުލޫމާތު ފަދަ އެއްޗެއް) ހޯދާފައިވާ.

firstly

ފަސްޓްލި. ކއ. ފުރަތަމަ. އެންމެ ފުރަތަމަ ކަމަކާ މެދު ވިސްނާއިރު.

firth

ފާރތް. (ތ ސުކުން ފިއްތިއަޑުން) ނ. ރަށުގެ ތެރެއަށް ހަނިކޮށް ކަނޑު ވަދެފައިވާ ތަނެއް.

fiscal

ފިސްކަލް. ނއ. ދައުލަތުގެ މާލިއްޔަތަށް ނިސްބަތްވާ.

fish

ފިޝް. ނ. (އެއްވައްތަރުން ގިނަވިޔަސް ބޭނުންކުރާނީ fish) 1. ފެނުގައި ނުވަތަ ލޮނުގައި މުޅިން އުޅޭ ދިރޭ ޖަނަވާރެއް. މަސް. 2. އޭގެ މަސް، ކާނާއެއްގެ ގޮތުގައި. 3. ނުރަސްމީ ބަހުރުވައިން މީހެއް. މ. an odd fish. 4. the Fishes, the Fish ދެ މަހެއް ނިޝާނެއްގެގޮތުގައި ބޭނުންކުރާ ރާއްސެއް. —ކ. 1. މަސް ހިފުމަށް، ބޭނުމަށް އުޅުން. 2. ފެނުގެ ތެރެއިން ނުވަތަ އަޑިން ނުވަތަ އެހެންވެސް އެއްޗެއްގެ އެތެރެއިން އަތްބާނައިގެން ފަދަ ގޮތަކަށް އެއްޗެއް ހޯދަން އުޅުން. 4. ނުސީދާކޮށް ސުވާލުކޮށްގެން ނުވަތަ ވަށްބަހުން ބުނެގެން އިޝާރާތް ކޮށްގެން އެއްޗެއް މ. މަޢުލޫމާތު ހޯދަން އުޅުން. fish cake މަހާއި ފުޑުވި އަލުވި އެއްކޮށްގެން ހަދާ ކުޑަ ކޭކެއް. fish-eye lens ވަރަށް ފުޅާކޮށް މަންޒަރު ފެންނަ ލެންސް އެއް. fish finger ފޯލިކޮށް މަސް ކޮށައި ފާރޮށިކުނޑި އުގުޅައިގެން ހަދާ ކާއެއްޗެއް. fish-hook މަސްބާނާ ބުޅި. fish-kettle ދިގުކޮށް ހުންނަ މަސް ފެނުކައްކާ ތެއްޔެއް. fish-meal ހިއްކި މަސް މުގުރައިގެން ހަދާ ކާދު. fish-net ވަރަށް ލޯވަޅުތައް ބޮޑުކޮށް ވިޔެފައި ހުންނަ ފޭރާމެއް. fish out of water އެމީހާ ނުދަންނަ ނުފަރިތަ ކަންތައްތަކުގެ ތެރެއަށް ވަދެވިފައިވާ މީހެއް. have other fish to fry ކުރަން ހުރި އެހެން މުހިއްމު ކަންތައްތަކެއް ހުރުން.

fisherman

ފިޝަރމަން. ނ. 1. ދިރިއުޅުމުގެ ޚަރަދުތައް މަސްވެރިކަމުން ހަމަޖައްސާ މީހެއް. 2. މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ މީހެއް. fishermen-knit ކެހެރި ފޭރާންވިޔާއިރު، ރޫޖައްސާފައި ވިޔާ ގޮތެއް.

fishery

ފިޝަރީ. ނ. 1. މަސްވެރިކަން ކަނޑުގައި ކުރާ ސަރަޙައްދު. 2. މަވެރިކަމުގެ ވިޔަފާރި.

fishing

ފިޝިން. ނ. މަސްވެރިކަން. fishing ground މަސް ބާނާ ނުވަތަ ހިފާ ސަރަޙައްދެއް. fishing-rod މަސްވެރިކަން ކުރަން ގެންގުޅޭ ދޮށި. fishing-tackle މަސްވެރިކަން ކުރަން ގެންގުޅޭ ވަދު، ބުޅި، ކަންވާރު ފަދަ ސާމާނު.

fishmonger

ފިޝްމޮންގަރ. ނ. މަސް ވިއްކާ މީހެއް.

fish-plate

ފިޝްޕް-ލެއިޓް. ނ. ދެ ރޭލު ދަގަނޑު އެއްކޮށް ގުޅުވާ ފަތި ބޯ ދަގަނޑު ފޮއްޗެއް. މިގޮތަށް ގުޅުވާ މި ބައްޓަމުގެ އެއްޗެއް.

fishy

ފިޝި. ނއ. (fishier, fishiest) 1. މަސްފަދަ. މަސްވަސް ދުވާ ނުވަތަ މަސްރަހަލާ އެއްޗެއް. 2. ނުރަސްމީ ބަހުރުވައިން ޝައްކާއި ވަހުމު އުފެދޭ ކަމެއް. މ. ފިޝީ ވާހަކައެއް. ނ. fishiness.

fissile

ފިސައިލް. ނއ. 1. ބައިބައިވާ. ކީލި ހުންނަގޮތަކުން ފަޅިކޮށްލެވޭ. 2. އެޓަމް ފަޅިކުރެވޭ ނުވަތަ ބައިބައިވާ.

fission

ފިޝަން. ފިޜަން. ނ. 1. ހަކަތަ އުފައްދަމުން އެޓަމްއެއް ފަޅިކުރެވުން ނުވަތަ ބައިބައިވުން. 2. ބައެއް ސެލް ގިނަވުމަށް، އެއް ސެލް ދެބަޔަށް ބެހި ދެ ސެލް އުފެދޭ އުފެދުން.

fissionable

ފިޝަނަބްލް. ނއ. (އެޓަމް) ފަޅާލެވޭ. ބައިބައިވާ ކުރެވޭ (އެޓަމް).

fissure

ފިޝަރ. ނ. އެއްޗެއް ދިގުކޮށް ފަޅިވެފައިވާ ތަން ނުވަތަ މިހެންވާ ވުން. މ. ބިމުގެ، ސިޔާސީ ޕާޓީއެއްގެ، ގުނަވަނެއްގެ.

fist

ފިސްޓް. ނ. 1. މުއްކަވާފައިވާ އަތްތިލަ. ގޮއްމުށް. އިނގިލަތައް އަތުގެ ބަނޑުފުށަށް ހަރުކޮށް މަޅާލައިފައިވާ އަތް. 2. ނުރަސްމީ ބަހުރުވައިން އަތުލިޔުން.

fisticuffs

ފިސްޓިކަފްސް. ނ. ގޮއްމުށުން ކުރާ ތަޅާފޮޅުން.

fistula

ފިސްޓިއުލާ. ނ. 1. އެތެރެއަށް ދިގުކޮށް ލޯވަޅު އެޅިފައި ހުންނަ މުލިހި. އުމަގު. 2. ހަށިގަނޑުގައި ޠަބީޢީ ގޮތުން އުފެދިފައިވާ ނުވަތަ ބަކި ބޭނުމަކު ހަދާ މިފަދަ މަގެއް. 3. ބޮޑު މަހާއި ހަޝާރާއި މިފަދަ ތަކެތީގައި ހުންނަ ހޮޅި ފާޑުގެ ބައެއް.

fit

ފިޓް. ނއ. 1. ކުރު މުއްދަތަކަށް ވާ ބަލި ނުވަތަ އޭގެ އުނދަގޫތައް. މ. a fit of coughing. 2. ކުއްލިގޮތަކަށް ސިކުނޑިއަށްވާ ކަމެއްގެ ސަބަބުން މީހާ ހޭނެތި ނުވަތަ އެކި ދިމަދިމާއަށް މަސްތައް ކުރުވެ ބައެއް ފަހަރު ވެއްޓޭގޮތަށް ޖެހޭ ބައްޔެއްގެ ޢަލާމަތެއް. މަރުކީ. 3. ކުއްލިގޮތަކަށް އަންނަ ރުޅިއެއް ފަދަ ގަދަ ޝުޢޫރެއް. ނ. fit of rage. 4. ކުރު މުއްދަތަކަށް އަންނަ ގަދަ ބާރެއް ނުވަތަ ހިތްވަރެއް. މ. a fit of energy. in fits and starts ވަކި ތަރުތީބެއް ނެތި ކުއްލި ކުއްލިއަށް ނުވަތަ ދުވަސްދުވަސް ކޮޅުން.

fit

ފިޓް. ނއ. (fitter, fittest). 1. ކަމަކަށް އެކަށީގެންވާ، ހެޔޮވަރު، މުނާސަބު. 2. ގަޔަށް ނުވަތަ ކަމަކަށް ހެޔޮވަރު. 3. ކަމެއް ކުރުމަށް ހަށިހެޔޮވެ އެކަށީގެންވުން. މ. fit as a fiddle ފުރިހަމަ ޞިއްޙަތުގައި. 4. ކަމެއް ކުރުމަށް ފުދިގެން އެކަށީގެންވާ. —ކ. fit (fitted, fitting) 1. ކަމަކަށް ރަނގަޅު ބައްޓަމާއި ސައިޒުގައިވުން. 2. ހެދުމެއް ފަދަ އެއްޗެއް މީހެއްގެ ގަޔަށް ހެޔޮވަރުކުރުން. 3. އެއްޗެއް ތަނެއްގައި ހަރުކުރުން. މ. fit a lock on the door. 4. ކަމަކަށް ލާއިޤުވުން/ޤާބިލްވުން ނުވަތަ ލާއިޤުކުރުން/ޤާބިލްވުން. —ނ. އެއްޗެއް ތަނަކަށް އެކަށީގެންވާ/ހެޔޮވަރުވާ ގޮތް. ކއ. fitly. ނ. fitness. fit in ކަމަކަށް ނުވަތަ މީހަކަށް ޖާގަ ނުވަތަ ވަގުތު ހަމަޖައްސައިދިނުން. މުޢާމަލާތްތަކެއްގައި އަނެކުންނާ ގުޅޭ ގޮތަކަށް އުޅުން ބެހެއްޓުން. fit out/up ތަނަކަށް/ބަޔަކަށް ތަކެތި ދީ ނުވަތަ އަތުރައި ފުރިހަމަކޮށްދިނުން. fitted carpet ތަޅުމާ ބަރާބަރަށް ކަފައި ހެޔޮވަރުކޮށްފައިވާ ދޫލަ. see/think fit އެންމެ ބުއްދިވެރި ރަނގަޅު ގޮތް ކަމަށް ނުވިއަސް ކަމެއް ކުރުމަށް ވިސްނުން/ ނިންމުން.

fitful

ފިޓްފުލް. ނއ. ވަކި ތަރުތީބެއް ނެތްގޮތެއްގައި، އެކި ދުވަސްދުވަސް ކޮޅުން ނުވަތަ އިރުއިރުކޮޅުންވާ. ކއ. fitfully.

fitment

ފިޓްމަންޓް. ނ. ހަރުކޮށްފައި ހުރި ފަރުނީޗަރު.

fitter

ފިޓަރ. ނ. 1. ހެދުން ފަދަ އެއްޗެއް ހެޔޮވަރު ކުރާ މީހެއް. 2. މެޝިނެއްގެ އެކި ބައިތައް ހަރުކޮށް އެޖަސްޓް ކުރާ މީހެއް.

fitting

ފިޓިން. ނއ. 1. އެކަށީގެންވާ. ކަމަކަށް ފުދޭ. —ނ. ހެދުމެއް މީހެއްގެ ގަޔަށް ހެޔޮވަރުކުރުން. fittings ޢިމާރާތެއްގައި ހަރުކޮށްފައި ހުންނަ ފަންކާ ފަދަ އެއްތަނުން އަނެއްތަނަށް ނުގެންދެވޭ ތަކެތި.

five

ފައިވް. ނ. ހަތަރަކަށް ވުރެ އެކެއް ގިނަ. ފަހެއް. ފަސް. ނއ. five-star އެންމެ މަތީ ފެންވަރުގެ.

fivefold

ފައިވްފޯލްޑް. ނއ. ކއ. 1. އެއްޗެއްގެ ފަސް ގުނަ. 2. ފަސް ބައި ހިމެނޭ.

fiver

ފައިވަރ. ނ. ނުރަސްމީ ބަހުރުވައިން އިނގިރޭސި ނަޤްދު ފައިސާގެ ފަސް ޕައުންޑް.

fives

ފައިވްސް. ނ. ކޯޓެއްގެ ފާރުގައި ފިލާގަނޑަކުން ނުވަތަ އަންގިލީ އަތަކުން ބޯޅައެއް ޖަހައިގެން ކުޅޭ ކުޅިވަރެއް.

fix

ފިކްސް. ކ. 1. ބާރަށް ހަރުކުރުން، އެއްސުން. 2. ހަނދާނުގައި ނުވަތަ ފިކުރުގައި ޚިޔާލެއް ނުވަތަ މަޢުލޫމާތެއް ގަދައަށް ހަރުލެއްވުން. 3. ޤާއިމްކުރުން، ކަނޑައެޅުން. މ. fix a time for a meeting. how are you fixed for cash? 5. ފޮޓޯއެއްގެ މަންޒަރު ނުގެއްލޭގޮތަށް އެ ހިމެނޭ ކަރުދާހުގައި ކެމިކަލްއެއް ހޭކުން. 6. މަރާމާތުކުރުން. މަސައްކަތްކުރާ ގޮތް ހެދުން. މ. fix the motorcycle. 7. މީހަކަށް ދިން ކެއްސެއް، އަނިޔާއެއްގެ ބަދަލުގައި ކަމެއް ކުރުން. 8. ރިޝްވަތު ދީގެން ނުވަތަ އެހެންވެސް ހުއްދަނޫން ގޮތަކަށް ކަމެއް ކޮށްގެން ރޭހެއް ފަދަ ކަމެއްގެ ވަކި ނަތީޖާއެއް ނުކުންނަގޮތް ހެދުން. 9. ގަޔަށް ދެވި ހިފާ ޑްރަގް އިންޖެކްޝަންއެއްގެ ގޮތުގައި ޖެހުން. —ނ. 1. އިޖްތިމާޢީ ގޮތުން ސަލާމަތްވާން ދަތި ޙާލަތެއް. ހަދާނެގޮތް ހުސްވެފައިވާ ޙާލަތެއް. މ. be in a fix. 2. ބޯޓެއް ފަދަ އުޅަނދެއް ހުރި ތަނެއް ފިލާއަޅައިގެން ނުވަތަ އެފަދަ ގޮތަކުން ކަނޑައެޅުން. މިތަން. 3. ނުރަސްމީ ބަހުރުވައިން ޑްރަގަށް ދެވި ހިފައިފާވާ މީހާ ބޭނުންކުރާ ޑޯޒް. fixed star ފަލަކުގައި ދަތުރު ނުކޮށް ހުރިތަނުގައި ހުންނަކަމަށް ފެންނަ ތަރި. fix up ތަރުތީބުކުރުން. ވަކި ގޮތެއް ހަމަޖެއްސުން. ވަކި ކަމަކަށް ވަސީލަތްތައް ފޯރުކޮށްދިނުން. މ. fixed him for the night ރޭގަނޑު ނިދާނޭގޮތެއް އޭނާއަށް ހަމަޖައްސައި ދީފީމެވެ. [މިކަމުގެ ތެރޭގައި ކެއުން ވެސް ހިމެނިދާނެއެވެ.]

fixation

ފިކްސޭޝަން. ނ. 1. އެއްޗެއް ފިކްސް ކުރާ ކުރުން. މިކަމުގެ ޢަމަލު. 2. އެއްޗަކަށް (ނުވަތަ މީހަކަށް) ހިތްމާބޮޑަށް ކިޔައި، އެކަމަކަށް ޚިޔާލާއި ފިކުރު ހުސްވާގޮތުގެ ނަފްސާނީ ބަލި. 3. ވަކި ޚިޔާލަކަށް މީހާ ހެސްގަންނަ ގަތުން. މި ޚިޔާލު. ނއ. fixated ނއ. ކަމަކަށް ފިކުރާއި ޚިޔާލު ހުސްވެފައިވާ.

fixative

ފިކްސެޓިވް. ނ. 1. އެއްޗެއް ތަނެއްގައި ހަރުކުރާ، ތަތްކުރާ ދިޔައެއް ފަދަ އެއްޗެއް. 2. ކުލަތައް ފޭދުނަ ނުދޭ ނުވަތަ އަތަރުން ވަސް ގިނައިރު ހިފަހައްޓާ ދިޔައެއް ފަދަ އެއްޗެއް.

fixedly

ފިކްސިޑްލީ. ކއ. ހަރުދަނާ ބަދަލުނުވާ ގޮތަކަށް.

fixer

ފިކްސަރ. ނ. 1. އެއްޗެއް ‘ފިކްސް’ ކުރާ މީހެއް. 2. ފޮޓޯ ކަރުދާހުގައި ކުލަތައް ހަރުލާގޮތް ހަދާ ކެމިކަލް.

fixity

ފިކްސިޓީ. ނ. ހަރުކޮށްފައިވާ، ސާބިތުވެފައިވާ ނުވަތަ ދާއިމީ ވެފައިވާ ހާލަތް.

fixture

ފިކްސްޗަރ. ނ. 1. އެއްޗެއްގައި ނުވަތަ ތަނެއްގައި ހަރުކޮށްފައި ހުރި އެއްޗެއް. 2. ތަނެއްގައި ރަނގަޅަށް ޤާއިމްވެ ހަރުލާފައިވާ ކަމެއް ނުވަތަ މީހެއް. 3. ރޭހެއް ފަދަ މުބާރާތަކަށް ކަނޑައެޅިފައިވާ ތާރީޚް. މި ފަދަ މުބާރާތް.

fizz

ފިޒް. ކ. ވައިބޮކިތަކެއް ފެނުން އަރައި ފަޅައިގެންދާއިރު ކިޔާ ފަދަ އަޑެއް ކިޔުން ނުވަތަ މިއަޑު ނެރުން. —ނ. 1. މިއަޑު. 2. ކާބަން ޑައިއޮކްސައިޑް ގޭސް އަޅާފައި ހުންނަ ލުއި ބުއިން. —ނއ. fizzy. ނ. fizziness.

fizzle

ފިޒްލް. ކ. ބޮކިތަކެއް އަރާފަދަ މަޑު އަޑެއް އިއްވުން. fizzle out ނާކާމިޔާބާ އެކީ ބަލިކަށިކޮށް ނިމުން.

fjord

ނ. ބަލާ fiord.

Fla.

ކުރުކޮށް ފްލޮރިޑާ. Florida.

flab

ފްލެބް. ނ. ނުރަސްމީ ބަހުރުވައިން ސަރުބީ. ފަލަކަން.

flabbergast

ފްލެބަރގާސްޓް. ކ. އާސޯޚްވުން. ވަރަށް ބޮޑަށް ހައިރާންވުން.

flabby

ފްލެބީ. ނއ. (flabbier, flabbiest) ފަލަވެ ދޫ ޖެހިފައި. ހަރު ނޫން. ހަރުދަނާ ނޫން. މ. ބަނޑު. ކއ. flabbily. ނ. flabbiness.

flaccid

ފްލެކްސިޑް. ނއ. ރޫޖެހި، ހަރުކަން ނެތި އެލިގެންވުން. ހަރު ނޫން. މ. ގައިގެ ހަންގަނޑު. ލީޑަރޝިޕް. ކއ. flaccidly. ނ. flaccidity.

flag

ފްލޭގް. ނ. 1. ރަމްޒެއްގެ ގޮތުގައި ފޮތިކޮޅެއްގެ އެއް އަރި ދަނޑިއެއް ނުވަތަ ވަލެއް ގައި އައްސައިގެން ހަދާ ދިދަ. 2. ޓެކްސިއެއް ހުސްކަން އެންގުމަށް ބޭނުންކުރާ ފަތި ދިގު އެއްޗެއް. 3. ކަރުދާހުން ހަދާފައިވާ ދިދައެއް ފާޑުގެ އެއްޗެއް. —ކ. (flagged, flagging) 1. ދިދަ ޖަހައިގެން ފާހަގަކުރުން. 2. ދިދައެއް ފަދަ އެއްޗެއް ނުވަތަ އަތް ބޭނުންކޮށްގެން އިޝާރާތްކުރުން. flagged the vehicle down ހުއްޓަން އިޝާރާތްކޮށްފިއެވެ. flag-day ކުދި ދިދަ ވިއްކައިގެން ކަމަކަށް ފައިސާ ހޯދުން. flag of convenience ޓެކްސް ދެއްކުމަށާއި ބައެއް ގަވާއިދުން ރެކެން ވެގެން ޤައުމެއްގެ ބޯޓު ފަހަރު އެހެން ޤައުމެއްގައި ރަޖިސްޓަރީ ކުރުން.

flag

ފްލޭގް. ކ. (flagged, flagging) 1. ތިރިއަށް ވައުކޮށް އެލިގެންވުން. 2. ބާރު ގެއްލުން. ޖޯރު ދިއުން. ބަލިކަށިވުން. މ. interest flagged.

flag

ފްލޭގް. ނ. ފަތް ވަޅިއެއްގެ ތިލަހެން ހުންނަ މައު އަޅާގަހެއް.

flag

ފްލޭގް. ނ. ބަލާ flagstone. —ކ. މިބާވަތުގެ ގައު ފަތުރާފައިވާ ހިނގާ ސަރަޙައްދެއް. ނއ. flagged މި ބާވަތުގެ ގައު ފަތުރާފައިވާ.

flagellate

ފްލެޖަލޭޓް. ކ. ޗާބޫކަކުން ތެޅުން. ނ. flagellation.

flageolet

ފްލޭޖަލެޓް. ނ. ރާގު ކުޅެން ބޭނުންކުރާ ކުޑަ ފުމޭ އޮނެއް.

flagon

ފްލެގަން. ނ. 1. ރާ އަޅާފައި ހުންނަ ކުރު ފަލަ ބޮޑު ފުޅިއެއް. 2. މޭޒުމަތީ ތަށިތައްޓަށް ރާ އެޅުމަށް ގެންގުޅޭ މަތިޖެހި ވައްގަނޑުލީ ކުރައެއް.

flagrant

ފްލޭގްރަންޓް. ނއ. 1. ވަރަށް ހާމަ ވެފައި ނުބައި (މ. ކުށެއް، ކުށްވެރިއެއް). ކއ. flagrantly. ނ. flagrancy.

flagship

ފްލެގްޝިޕް. ނ. 1. އެޑްމިރަލް އެއް ފަދަ ކަނޑުގެ ސިފައިންގެ އިސް މީހަކު ދަތުރުކުރާ ބޯޓެއް. 2. ނާލުބޯޓު ގެންގުޅޭ ކުންފުންޏެއްގެ އެންމެ މުހިއްމު ބޯޓު. 3. ކުންފުންޏެއް ނުވަތަ ކާރުޚާނާއެއްގެ އެންމެ މުހިއްމު އުފެއްދުން.

flagstone

ފްލެގްސްޓޯން. ނ. ހިނގާ ތަންތަނުގައި އަތުރަން ގެންގުޅޭ ޤުދްރަތީ ގައު.

flail

ފްލެއިލް. ނ. އިހުގައި ގޮވާން ކަނޑަން ގެންގުޅޭ މުގުރެއްގެ އެއްކޮޅުގައި ވައުކޮޅަކުން އެހެން މުގުރުބުރިއެއް އެލުވައިގެން ހަދާފައި ހުންނަ އާލަތެއް. މި އެތި، ހަތިޔާރެއްގެ ގޮތުގައި ވެސް ބޭނުންކުރެއެވެ. —ކ. 1. ފްލެއިލް އަކުން ތެޅުން. 2. ގަދައަށް އަތް ހޫރުވުން.

flair

ފްލެއަރ. ނ. މީހެއްގެ ކިބައި ޠަބީޢީ ގޮތުން ކަމެއް ކުރުމަށް ހުންނަ މޮޅުކަން ނުވަތަ ރަނގަޅު ނުވަތަ ބޭނުންތެރި ގޮތެއް އިޚްތިޔާރުކުރުމުގެ ޤާބިލްކަން.

flak

ފްލެކް. ނ. މަތިންދާބޯޓު ވައްޓާލުމަށް ޖަހާ ބަޑީގެ އުންނަ. flak jacket މަޢުދަނުން ބޭރު ހަދާފައި ހުންނަ ރައްކާތެރިކަމުގެ އުރައެއް.

flake

ފްލެއިކް. ނ. 1. ސްނޯ (ބަރުފު) ގެ ލުއި ފަތާ އެތިކޮޅެއް. 2. ތުނި ފަތާ ކޮންމެ ބާވަތެއްގެ ނަމަވެސް އެއްޗެއް. މ. އަވެލި. 3. ފަތާކޮށް ފޮތިކޮށްފައި ހުންނަ (މިޔަރު) މަސް. ފަތިކޮށް މުގުރާފައި ހުންނަ ކާތަކެތި ނުވަތަ މަޢުދަންގެ އެތިކޮޅުކޮޅު. —ކ. flake 1. ފޮތިފޮއްޗަށް ކުދިކޮށް ވަކިވެގެން އައުން. 2. ފޮތި ފޮއްޗަށް ކުދިކޮށް ކޮށުން. —ނއ. flaky ނއ. flake out ނުރަސްމީ ބަހުރުވައިން ވާޅުވެގެން ޚަބަރުހުސްވުން ނުވަތަ ނިދުން.

flambé

ފްލާމްބޭ. ނއ. ކާތަކެއްޗާ މެދު. ރަލުގެ ބާވަތެއް އަޅައި ކާން ގެންނައިރު ހުޅުޖަހާފައި ގެންނަ (މ. ކާތަކެތި).

flamboyant

ފްލެމްބޮޔަންޓް. ނއ. 1. ވަރަށް ދެއްކުންތެރިގޮތެއްގައި ކުލަޖައްސައި ނުވަތަ ޒީނަތްތެރިކޮށްފައި. 2. (މީހުންނާ މެދު) ދެއްކުންތެރި. ފެންނަ ފެނުމުގައި އަޅައިގަންނަ. ކއ. flamboyantly. ނ. flamboyance.

flame

ފްލެއިމް. ނ. 1. އެއްޗެއް އަނދާއިރު އެއިން ނުކުންނަ ދުލެއްގެ ސިފައިގައި ހުންނަ އަނދަމުންދާ ގޭހުގެ ހުޅުކޮޅު. 2. ގަދަ ރަތް. 3. ޖޯޝް. ޚާއްޞަކޮށް ލޯބީގެ ޖޯޝް/ޖަޒުބާތު. ޝައުރު. —ކ. 1. ހުޅާއެކު އެނދުން. ހުޅުނުކުތުން. 2. ގަދަރަތްކުލަ އެރުން. މ. މީހަކު ރުޅިއައިސްގެން އޭނާގެ މޫނަށް. his face flamed with anger. flame gun ތަކެތި އަންދަން ހުޅު ނުކުންނަގޮތަށް ހަދާފައި ހުންނަ އާލަތެއް. flame-tree ގަދަރަތް ނުވަތަ ރީނދޫ މައު އަޅާގަހެއް. ރީތިގަސް. old flame ނުރަސްމީ ބަހުރުވައިން ކުރީގެ ލޯބިވެރިއެއް.

flamenco

ފްލެމެންކޯ. ނ. ސްޕެއިންގެ ޚާއްޞަ ނެށުމަކާއި ލަވައިގެ ފޭޑިއެއް.

flaming

ފްލެއިމިން. ނއ. 1. ވަރަށް އުޖާލާ ނުވަތަ ހޫނު. 2. ނުރަސްމީ ބަހުރުވައިން ލަޢުނަތް ލިބިގެންވާ. މ. that flaming cat.

flamingo

ފްލެމިންގޯ. ނ. ފައި ދިގު ފިޔާތޮށި ވަރައެއް ހުންނަ ދޫންޏެއް. ގުޑުގުޑާ ދޫނި.

flammable

ފްލެމަބްލް. ނއ. އަލިފާން ހިފައި ރޯވާނެ (މ. ތަކެތި). އަލިފާން ހިފާ ތަކެތި. ނ. flammability.

flan

ފްލޭން. ނ. ރޮށިފުއް ނުވަތަ ކޭކު ފުށުން ތަބަކެއްހެން ހަދައި، އެތެރެއަށް މޭވާ ކޮށައި އަޅައި ފިހެފައި ހުންނަ ކާ އެއްޗެއް. ދިޔާ ހަކުރު މައްޗަށް އަޅާފައި ހުންނަ ކަސްޓަޑް އަށް ވެސް މިހެން ކިޔައެވެ.

flange

ފްލޭންޖް. ނ. މަޢުދަން އެއްޗެއްގެ ބޭރަށް ހުންނަ ތުން ނުވަތަ ހޮޅިފަދަ ތަކެތި ގުޅުވުމަށް ފަތާކޮށް ހުންނަ ތުން.

flank

ފްލޭންކް. ނ. 1. ހަށިގަނޑުގެ އަރިމަތީގެ އެންމެ ތިރީ މޭ ކައްޓާއި އުނަގަނޑާ ދެމެދު. 2. ފަރުބަދައެއް ނުވަތަ ޢިމާރާތެއް ގެ އަރިމަތި. 3. އަސްކަރީންގެ ފައުޖެއްގެ ވާތް ފަރާތު ނުވަތަ ކަނާތް ފަރާތު އަރިމަތި. —ކ. އަރިމަތީގައި ބެހެއްޓުން ނުވަތަ އަރިމަތީގައި ވުން.

flannel

ފްލެނަލް. ނ. 1. ކެހެރިން ދޫކޮށް ވިޔެފައި ހުންނަ ފޭރާމެއް. ފުލާލީން. ފޮލާލީން. 2. މޫނު ފަދަ ތަންތަން ދޮންނަން ގެންގުޅޭ މަޑު ފޮތި. 3. ނުރަސްމީ ބަހުރުވައިން ޚުޝާމިދު، ތާކުންތާކު ނުޖެހޭ ވާހަކަ. ފޮނިކެނޑުން. flannels ފުލާލީން ފޮތިން ފަހާފައި ހުންނަ ފަޓުލޫނު.

flannelette

ފްލެނެލެޓް. ނ. ކަފަ އުއިން ވިޔެފައި ހުންނަ ފުލާލީން ފޮތި.

flap

ފްލެޕް. ކ. (flapped, flapping) 1. މަތިން ތިރިއަށް ނުވަތަ އަރިއަރިއަށް ވިހުރުވުން. 2. ފަތާ އެއްޗަކުން މަޑުމަޑުން ޖެހުން. މ. flapped at a fly. 3. ނުރަސްމީ ބަހުރުވައިން ހާސްކަމެއްގެ ތެރެއަށް ވަނުން. —ނ. 1. މަޑުމަޑުން ފަތާ އެއްޗަކުން ޖެހީމާ ކިޔާ އަޑު. 2. ފަތާ އެއްޗަކުން ޖަހާ ޖެހުން. 3. މަތިންދާބޯޓުގެ ފިޔަފަތުގައި ނުވަތަ އެހެންވެސް އެއްޗެއްގައި ހުޅެއްބޭނުންކޮށްގެން ހަރުކޮށްފައި ހުންނަ ބައެއް. 4. ނުރަސްމީ ބަހުރުވައިން ހާސްކަމެއް. ނުތަނަވަސްކަމެއް. with ears flapping ކަނުލައި އަޑުއެހުން.

flapjack

ފްލެޕްޖެކް. ނ. ބާވަތެއްގެ ކައިއުޅޭ ފޮޅިއެއް.

flare

ފްލެއަރ. ކ. 1. ކުއްލި ގޮތަކަށް ބޭސާބިތު ހުޅުއެކު ރޯވުން. 2. ކުއްލިއަކަށް ޙަރަކާތެއް ފެށުން. ރުޅިއައިސް ކުއްލިއަކަށް ނެއްޓުން. މ. tempers flared. 3. ބޭރަށް ފުޅާކުރުން ނުވަތަ ފުޅާވުން. —ނ. flare. 1. ކުއްލިއަކަށް ހުޅުފަޅައިގެން ދާ ދިޔުން. 2. އަލިކުރުމަށް ނުވަތަ މެސެޖެއް ފޮނުވުމަށް ކުއްލިއަކަށް އަލި އުފައްދާ އާލަތެއް. 3. ކުރިއަށް ފުޅާކޮށް އޮތް އޮތް އެއްޗެއް (މ. އިހުގެ ފަޓުލޫނު ފައިކުރި). މަޑުމަޑުން ފުޅާވާ ފުޅާވުމެއް. flared up ކުއްލިއަކަށް ރުޅި އައުން.

flash

ފްލޭޝް. ކ. 1. ގަދަ އައްޔެއް ކުރު ވަގުތަކަށް ނުވަތަ ކުއްލިކުއްލިއަށް ފޮނުވުން. 2. ޚިޔާލަށް ނުވަތަ ނަޒަރަށް ފިކުރެއް، މަންޒަރެއް ފެނުން. މ. the idea flashed upon me. 3. ވަރަށް ބާރަށް އެއްތަނުން އަނެއް ތަނަށް އެއްޗެއް ދަތުރުކުރުން. މ. the train flashed past. 5. މަދު ވަގުތުކޮޅަކަށް ގަދަ އައްޔެއް ނުކުންނަ ގޮތް ހެދުން. 6. ސިގްނަލެއް އަލިން ފޮނުވުން. 7. ޚަބަރު ފަދަ މަޢުލޫމާތު ރޭޑިއޯއިން ފޮނުވުން. 8. މީހެއްގެ އޮރިޔާން ބޭއިޙްތިރާމް ލިބޭގޮތަކަށް ކުއްލިއަކަށް މީހަކަށް ދެއްކުން. —ނ. flash. 1. ކުއްލިއަކަށް ނުކުންނަ އަލި ނުވަތަ ހުޅު. 2. ކުއްލިއަކަށް ހާމަކުރާ ފިކުރުވެރިކަން ނުވަތަ ޝުޢޫރު. 3. ވަރަށް ކުޑަ ހިދުކޮޅެއް. މ. in a flash. 4. ފެން ކުއްލިއަކަށް ފެތުރިގެންދާ ދިއުން ނުވަތަ އަންނަ އައުން. 5. ރޭޑިއޯ ފަދަ ވަސީލަތަކުން ފޮނުވާ ކުއްލި ކުރު ޚަބަރު. 6. ފޮޓޯނެގުމަށް ފޮނުވާ ކުއްލި ގަދަ އައްޔެއް. 7. ނިޝާނެއްގެ ގޮތުގައި ސިފައިންގެ ހެދުމުގައި ޖަހާ ކުލަފޮތިކޮޅެއް. 8. ނުރަސްމީ ބަހުރުވައިން ބޭއިޙްތިރާމްލިބޭގޮތަށް އޮރިޔާ ދައްކާ ދެއްކުން. —ނއ. ނުރަސްމީ ބަހުރުވައިން flashy. —ނ. flasher. flash bulb ފޮޓޯ ނެގުމަށް ބޭނުންކުރާ ގަދަ އައްޔެއް ނުކުން ބޮތްކެއް. flash flood ކުއްލިއަކަށް ފެންކޯރެއްގެ ފެން ބޮޑުވެ ފެތުރިގެން ދިޔުން. flash in the pan އުއްމީދީ ގޮތަކަށް ފެށޭކަމެއް ނަތީޖާއެއް ނެތި ނިމުން.

flashback

ފްލޭޝްބެކް. ނ. ވާހަކައެއްގައި ނުވަތަ ފިލްމެއްގައި، މާކުރީގެ ދުވަސްވަރެއްގެ ވާހަކަ ފަހުގެ ވާހަކައަށް ފަހު ގެންނަ ގެނައުން.

flashing

ފްލޭޝިން. ނ. ފުރާޅު ހިޔާކުރުމުގައި ފައްތަރަކަށް ފެން ނުވަންނަ ގޮތް ހެދުމަށް ޖަހާ ޖަސްތު ފަތި. ފާރާއި ފުރާޅާ ދެމެދު ނުވަތަ ފުރާޅުން ކަނޑާ މައްޗައް ނުކުންނަ ތަންތަނުގައި ބޭނުންކުރާ ޖަސްތައް ވެސް ކިޔަނީ ފްލޭޝިން އެވެ.

flashlight

ފްލޭޝްލައިޓް. ނ. އިލެކްޓްރިކް (ބެޓެރީ) ޓޯޗު.

flashpoint

ފްލޭޝްޕޮއިންޓް. ނ. 1. ތެޔޮ، ޕެޓްރޯލް ފަދަ އަލިފާން ހިފާ ތެލަކުން ނުކުންނަ ގޭހުގައި ރޯވާ ހޫނުމިން. 2. (މ. ރުޅި) ފަޅައިގެން ދާނެކަމަށް ބެލެވޭ މިންވަރު.

flashy

ފްލޭޝީ. ނއ. ހުތުރުގޮތަކަށް ދެއްކުންތެރިކަން ބޮޑު. ކއ. flashily. ނ. flashiness.

flask

ފްލާސްކް. ނ. 1. ކަރު ހިމަ ފުޅިއެއް. 2. ތަރުމޯޒު.

flat

ފްލެޓް. ނއ. (flatter, flattest) 1. ރަހަ. ހަމަ. ތާން. އޮމާން. އެއްވެސް ތަނެއް އުފުލި ނުވަތަ އަޑިއަށް ގޮސްފައި ނުވާ. 2. ފެތުރިފައި. މުޅި ދިގަށް ފެތުރިފައި. 3 އޮމާން. އެއްވަރު. އެއްވެސް އަޑިގުޑަން ކަމެއް ނެތް. މ. flat cap މަތި ހަމަ ތާކިހަލެއް/ތޮތްޕެއް. 4. (ކާރުފަދަ ތަކެތީގެ ހަމާ މެދު) ފަޅައިގެން ދިޔުމުން ނުވަތަ އެއްޗެއް ހެރި ވައި ގޮސްފައި. 5. ޞަރީޙަކޮށް، ސަބަބެއް ބަޔާން ނުކޮށް މ. a flat refusal ސަބަބެއް ނެތި އިންކާރުކުރުން. 6. އޮފެއް ނެތް. ފެންނަ ފެނުމުގައި ހިތްގައިމުކަމެއް ނެތް. 7. (ކޮކާކޯލާ ފަދަ ގޭސް އެޅި ބުޔުންތަކާ މެދު) ގޭސް ހުސްވެ މީރުގޮތް ކެނޑިފައި. 8. (ބެޓެރީ އާ މެދު) ބާރު ގޮސްފައި. 9. (މިޔުޒިކުގައި) ރަނގަޅު ފްރީކްއެންސީ އަށް ވުރެ ދަށުގައި. D flat ޑީ ގެ ފްރީކްއެންސީ އަށް ވުރެ ދަށުގައި. —ކއ. 1. ޞަރީޙަ ގޮތެއްގައި. 2. ނުރަސްމީ ބަހުރުވައިން މުޅީން. މ. am flat broke. 3. ނުރަސްމީ ބަހުރުވައިން ބަރާބަރު. މ. in ten seconds flat. 4. ރަނގަޅު ފްރީކްއެންސީއަށް ވުރެ ދަށުން. މ. was singing flat. —ނ. flat. 1. މަތި އެއްވަރު ނުވަތަ ހަމަ އެއްޗެއް ނުވަތަ ތަނެއް. 2. އެއް ތަޅުމުގައި ހުރި ގެއެއް ނުވަތަ އެޕާޓްމަންޓް އެއް. 3. އަސް ރޭސް ޖެހުމުގައި އޮމާން ތަނެއްގައި ފުންމަން ނުޖެހި ޖަހާ flat races ތައް. 4. މިޔުޒިކްގައި ސެމިޓޯން އަކަށް ވުރެ ދަށް ފްރީކްއެންސީ. މި ކަން އަންގާ ނިޝާން. —ކއ. flatly. ނ. flatness. fall flat (ޝޯއެއް ފަދަ ކަމެއްގައި ނުވަތަ މުޢާމަލާތެއްގައި) މަޤްބޫލްކަން ނުލިބި ވާ ނާކާމިޔާބީ. flat-fish ތުނިކޮށް ފަތާކޮށް ތިބޭ މަސް. flat feet ދަށްފުށް ހަމަކޮށް ހުންނަ ފައިތިލަ. flat-footed ނއ. މިބާވަތުގެ ފައިތިލަ ހުރި. ވަކި ޢަޒުމްއެއްގައި ހުރި. ތައްޔާރުނުވެ ހުއްޓައި. މ. was caught flat-footed. flat-iron ނ. ވަކިން ހޫނުކުރާ ބަރު އިސްތިރިއެއް. flat out އެންމެ ބާރު ސްޕީޑްގައި. މީހެއްގެ ހުރިހާ ވަސީލަތަކާއި ހިތްވަރެއް ބޭނުންކޮށްގެން. flat race ހަމަ ބިމެއްގައި ފުންމުމެއް ނެތި ޖަހާ ރޭސް. flat rate އެއްޗެއް ވިއްކުމުގައި ހުރިހާ މިންވަރަކަށް އެއް އަގެއް ކަނޑައެޅިފައިވާ.

flatlet

ފްލެޓްލެޓް. ނ. ވަރަށް ކުޑަ (ބައެއް ފަހަރު ކުއްޔަށް ދޭ) ދިރިއުޅޭނޭ ހިޔާވައްސެއް.

flatten

ފްލެޓްން. ކ. އޮމާންކުރުން. އަޑިކުޑަންކަން ފިލުވުން. މިހެންވުން.

flatter

ފްލެޓަރ. ކ. 1. މީހެއްގެ ފަރާތުން މަންފާއެއް ލިބިގަތުމަށް އިޚްލާޞްތެރިކަމެއް ނެތި މީހަކަށް މާބޮޑަށް ރުހޭކަމަށް ބަސްބުނުން. ހެއްދުން. 2. އިޙްތިރާމް ކުރާ ގޮތަކުން ހިތްހަމަ ޖެހުން. މ. we were flattered to receive an invitation. 3. ފޮޓޯއެއް ކުރެހުމެއް ފަދަ އެއްޗެއްގައި މީހާގެ އަޞްލު މިންވަރަށް ވުރެ އެމީހެއްގެ ރަނގަޅު ރީތި ސިފަތައް ބޮޑުކޮށް ދެއްކުން. ނ. flatterer. flatter oneself އަމިއްލައަށް ތިމާއާ ދޭތެރޭ ދެކޭގޮތް ރަނގަޅުކޮށްގެން ފޮނިވުން ނުވަތަ ހިތްހަމަ ޖެއްސުން.

flattery

ނ. ފްލެޓަރީ. ނ. 1. މީހަކު ހެއްދުމުގެ ޢަމަލު. 2. ހައްދުން ބޭރު، އިޚްލާޞްތެރިކަމެއް ނެތް ބުނުންތައް.

flattish

ފްލެޓިޝް. ނއ. ކުޑަކޮށް flat.

flatulent

ފްލެޓިއުލަންޓް. ނއ. ބަނޑުގައި ނުވަތަ ގޮހޮރުގައި ވައި އުފައްދާ. މ. ކާތަކެތި. ނ. flatulence.

flatworm

ފްލެޓްވާމް. ނ. ބާވަތެއްގެ ފަތާ ފަންޏެއް.

flaunt

ފްލޯންޓް. ކ. 1. ޖެހިލުންކުޑަކަން ދައްކަން، ރީތިކަން ހާމަކުރަން، ހަސަދަވެރިކަން އުފައްދަން ފަދަ ބޭނުމަކު އެއްޗެއް ހާމަކުރުން ނުވަތަ ދެއްކުން. 2. ފަޚުރުވެރިކަމާ އެކު ދިދަ ހޫރުވުން.

flautist

ފްލޯޓިސްޓް. ނ. ފްލޫޓް (flute) ކިޔާ ބާވަތުގެ ފުމޭ އޮނު ކުޅޭ މީހާ.

flavour

ފްލެވަރ. ނ. 1. އެއްޗެއްގައި ހުންނަ ވަކި ރަހަ. ޛާއިޤާ. 2. އެއްޗެއްގައި ހުންނަ ޚާއްޞަ ސިފައެއް ނުވަތަ ކަމެއް. މ. the story has a romantic flavour —ކ. އެއްޗެއްގައި ރަހައެއް ލެއްވުން.

favouring

ފްލެވަރިން. ނ. ކާނާއަށް ރަހައެއް ލެއްވުމަށް އެއަށް އެއްކުރާ އެއްޗެއް.

flaw

ފްލޯ. ނ. އެއްޗެއްގައިވާ އައިބެއް. އުނިކަމެއް، ހަޑިތަންކޮޅެއް، ލަކެއް. —ކ. ލަކެއް ލައްވައިގެން ފުރިހަމަކަން ގެއްލުވައިލުން.

flawless

ފްލާލަސް. ނއ. އައިބެއް އުނިކަމެއް ނުވާ. ކއ. flawlessly. ނ. flawlessness.

flax

ފްލެކްސް. ނ. 1. ނޫކުލައިގެ މަލެއް އަޅާ ގަހެއް. މި ގަސްހައްދަނީ ގަހުގެ އޮފިން ކީއްތާނި ހެދުމަށާއި އޮށުން ތެޔޮ

flaxen

ފްލެކްސަން. ނއ. 1. ކީއްތާނިން ވިޔެފައިވާ. 2. މަޑު ރީނދޫ މުށި ކުލަ. ކީއްތާނި ކުލަ.

flay

ފްލޭ. ކ. 1. އެއްޗަކުން ހަންދެމުން. މ. ޖަނަވާރަކުން. 2. ވަރަށް ބޮޑަށް މީހެއްގެ/އެއްޗެއްގެ އުނކަންކަން/ކުށްތައް ހާމަކުރުން.

flea

ފްލީ. ނ. 1. ހަފައިލީ ކުޑަ ފިޔަނެތް ފުއްމާ ލޭބޯ ސުއިއްޕެއް. flea-bag ނުރަސްމީ ބަހުރުވައިން ފިނި ޤައުމުތަކުގައި ނިދަންބޭނުންކުރާ ބޮޑު ގޯންޏެއް. flea-bite ކުރިން ބަޔާންކުރި ބާވަތުގެ މަކުނެއް ގައިގައި ހެފިތަން. ކުޑަ އުނދަގުލެއް ނުވަތަ ދައްޗެއް. flea market މަގުމަތީގައި ތަކެތި ވިއްކުމަށް ބާއްވާ ބާޒާރެއް. with a flea in his ear ނުރަސްމީ ބަހުރުވައިން އެއްޗެތި ގޮވުމެއް.

fleck

ފްލެކް. ނ. 1. ކުލައެއް ހުރި ވަރަށް ކުޑތަ ތަންކޮޅެއް. 2. ވަރަށް ކުޑަ ފުކެއް. —ނއ. flecked ކުދި ތިކިތަކެއް ހުރި.

fled

ފްލެޑް. ބަލާ flee.

fledged

ފްލެޖްޑް. ނއ. 1. (ޅަ ދޫންޏާ މެދު) ފިޔަ ފަޅާފައި. އުދުހެވޭ. 2. ބޮޑުވެ، ތަޖުރިބާ ލިބިފައިވާ. ތަމްރީނު ލިބިފައިވާ. މ. full-fledged engineer.

fledgeling

ފްލެޖްލިން. ނ. ދާދި ފަހުން ފިޔަ ފަޅާފައިވާ ޅަ ދޫންޏެއް.

flee

ފްލީ. ކ. (fled, fleeing) 1. އަވަށް ދުރަށް ދިއުން. ދުވެފައި ދުރަށް ދިއުން. 2. ފިލައިގެން އަވަހަށް ދިއުން. މ. fled the country. 2. އަވހަށް ނެތި ދިއުން. ޣައިބުވުން. މ. all hope had fled.

fleece

ފްލީސް. ނ. 1. ކަންބަންޅި ފަދަ ޖަނަވާރެއްގެ ކެހެރިގަނޑު. 2. އެއްޗެއްގެ ބަތާނައެއްގެ ގޮތުގައި ބޭނުންކުރާ އޮމާން މަޑު ފޮތި. —ކ. މަކަރުން އެއްޗެއް ހޯދުން. މަކަރުން މުދައުތަކެއް ފޭރުން. ނއ. fleecy.

fleet

ފްލީޓް. ނ. 1. ޤައުމެއްގެ ކަނޑުމަތީ ސިފައިންގެ ލަޝްކަރު. އެކަކެއްގެ އަމުރު ހިނގާ މަނަވަރުތަކެއް. 2. އެއް ފަރާތެއްގެ މިލްކުވެރިކަމުގެ/އަމުރުވެރިކަމުގެ ދަށުގައި އޮންނަ މަތިންދާބޯޓު/އުޅަނދު/ބަސް ފަދަ ތަކެތި.

fleet

ފްލީޓް. ނއ. ހަލުވި. ފަސޭހައިން ތަންތަނަށް އަރައި، ފައިބާ ހެދޭ. ކއ. fleetly. ނ. fleetness.

fleeting

ފްލީޓިން. ނއ. ފެނިގެއްލިދިއުން އަވަސް. ހަލުވި. ކުރު. ހަލި. މ. a fleeting glimpse ކުރު ނަޒަރެއް.

Fleet Street

ފްލީޓް ސްޓްރީޓް. ލަންޑަންގެ ނޫސްތައް. ގިނަ ނޫސްތަކުގެ އޮފީސް ހުންނަނީ މި މަގުގައެވެ.

Flemish

ފްލެމިޝް. ނއ. ފެލެންޑަރސް (ބެލްޖިއަމް ހިސާބުގަޑު) ގެ ބަހަށް، ނުވަތަ މީހުންނަށް ނުވަތަ އެ ސަރަޙައްދަށް ނިސްބަތްވާ. —ނ. އެތަނުގެ ބަސް.

flesh

ފްލެޝް. ނ. 1. ޖަނަވާރުގެ ސަރުބީ އާއި މަސް. ޖަނަވާރެއްގެ ހަށިގަނޑުގެ މަޑުބައިތައް. 2. ކާނާގެ ގޮތުގައި ބޭނުންކުރާ (ކުކުޅުހާލާއި ކަނޑުމަސް ފިޔަވައި) ޖަނަވާރުގެ މަސް. 3. ރޫޙް އާއި ފިކުރު ނުހިމަނައި އިންސާނާގެ ޖިސްމު (ހަށިގަނޑު). 4. ތަރުކާރިއާއި މޭވާގެ ވަރަ (ކައި އުޅޭ ބައި). flesh and blood އިންސާނުންގެ ޠަބީޢަތް. ޝުޢޫރަތަކާއި ޖަޒުބާތްތައް ހިމެނޭ ގޮތަށް މީހުން. one’s own flesh and blood މީހެއްގެ އާއިލާގެ މީހުން. flesh-coloured ހަމުގެ ކުލަ ހުރި. flesh-wound ކައްޓާއި މުހިއްމު އެތެރޭ ގުނަވަނަކާ ހަމައަށް ފުންނޫން ޒަޚަމް. in the flesh ޖިސްމާ އެކު. އޮންލައިންކޮށް ނޫން. ސީދާ މީހާ.

fleshy

ފްލެޝީ. ނއ. 1. މަޑު މަސް ފަދަ. 2. މޭވާތަކާއި ތަރުކާރިއާ މެދު، ވަރިބޯ. ނ. fleshiness.

fleur-de-lis

ފްލާޑިލީ. ނ. ސްކައުޓް ބެޖުގައި ހުންނަ ފަދަ ތިންފަތްލީ މަލުގެ ފަރުމާ.

flew

ފްލޫ ބަލާ fly.

flex

ފްލެކްސް. ކ. ލެނބުން، ޚާއްޞަކޮށް ހުޅުން. ކަށިގަނޑެއް ލެންބުމަށް މަސްގަނޑު ގުޑުވުން.

flex

ފްލެކްސް. ނ. އިސްތިރި ފަދަ އެއްޗަކަށް ކަރަންޓު ދޭ ވައުގަނޑު.

flexible

ފްލެކްސިބްލް. ނއ. 1. ހަލާކުނުވެ ފަސޭހައިން ލެނބޭ. ފަހެލި. 2. އެކި ކަންކަމަށް ބޭނުންކުރެވޭ. ޙާލަތާ އެއްގޮތަށް ބަދަލުކުރެވޭ. ނުވަތަ ބަދަލުވާ. ކއ. flexibly. ނ. flexibility.

flexion

ފްލެކްޝަން. ނ. ލެނބޭ ލެބުމެއް. ޚާއްޞަކޮށް ހުޅަކުން ލެނބުން. ލެނބިފައިވާ ޙާލަތް.

flexitime

ފްލެކްސިޓައިމް. ނ. ބައެއް ވަޒީފާތަކުގައި ދުވަހީ ގަޑިހަމަކުރަން ވަޒީފާ ފެށޭ އަދި ނިމޭ ގަޑި ތަފާތުކުރެވޭ ނިޒާމެއް.

flick

ފްލިކް. ނ. ކުއްލި ގޮތަކަށް މަޑުން ޖަހާ ޖެހުން، މ. ޗާބޫކަކުން. —ކ. ކުރު މަޑު ގޮތަކަށް ޖެހުން ނުވަތަ ދަމައިގަތުން. މިފަދަ ޙަރަކާތެއް ގެނައުން. flick-knife ގޮބަކަށް އޮބާލީމާ ތިލަ ނުކުންނަ ފިޔޮއްސެއް. flick through ފޮތެއްގެ ނުވަތަ ތާސްބައެއްގެ ގަޑު އަވަހަށް އުކުން.

flicker

ފްލިކަރ. ކ. 1. ސާބިތުކަމެއް ނެތި ބެބުޅުން ނުވަތަ އެނދުން. ކަނިލުން. 2. (އުއްމީދު ފަދަ ކަމަކާ މެދު) ކުޑަ ވަގުތުކޮޅަކަށް ކަމެއްވުން، ހާދިސާއެއް މެދުވެރިވުން. 3. ތުރުތުރު އެޅުން. ކުރިއަށާއި ފަހަތަށް އަވަސް އަވަހަށް ދިއުން. —ނ. ކަނިލާ އައްޔެއް ނުވަތަ ތުރުތުރުއަޅާ ހަރަކާތެއް. ކުޑަ ވަގުތު ކޮޅަކަށް އުފެދޭ އުއްމީދެއް.

flicks

ފްލިކްސް. ނ. ނުރަސްމީ ބަހުރުވައިން ސިނަމާއެއްގައި ފިލްމުދައްކާ ދެއްކުން.

flier

ފްލަޔަރ. ނ. = flyer.

flies

ފްލައިސް. ނ. ނުރަސްމީ ބަހުރުވައިން ފަޓުލޫނުގެ ޒިބު ލާފައިވާ/ގޮށް އަޅުވާ ބައި.

flight

ފްލައިޓް. ނ. 1. އުދުހުގެ ޢަމަލު. އެއްޗެއް ވައިގައި ދަތުރުކުރާ މަގު ނުވަތަ ރާސްތާ. 2. ވައިގެ މަގުން ކުރާ ދަތުރު. ވަކި ތަނަކަށް ވައިގެ މަގުން ކުރާ ދަތުރު. މ. there are three flights a day to Sri Lanka. 3. ދޫނި ނުވަތަ ހަޝަރާގެ އައިނެއް. 4. އެއް އެއްޗެއްގެ ގޮތުގައި އެތައް މަތިންދާބޯޓެއް. މ. ރަސްގެފާނުގެ ފްލައިޓުން އެއް އެތި. 5. ހަރުފަތް ބަރިއެއް. 6. (ވަގުތު ފަދަ އެއްޗެއް) އަވަހަށް ދާ ދިއުން ނުވަތަ ފާއިތުވާ ފާއިތުވުން. 7. އާދަޔާ ޚިލާފު ހިތްވަރެއް ނުވަތަ ކަމެއް. މ. a flight of the imagination. 8. ތީރެއް ފަދަ އެއްޗެއްގެ ފަތްތައް. —ކ. 1. ދޫންޏެއް ފަދަ އެއްޗަކަށް އުދުހެނިކޮށް ބަޑިޖެހުން. 2. ވަކި މަގަކުން ބޯޅައެއް ދާ ގޮތަށް އެއްލުން. flight-deck ބޮޑު މަތިންދާ ބޯޓެއް ކޮންޓްރޯލް ކުރާ އޭގެ ކުރީގައި ހުންނަ ކޮޓަރި. in the first / top flight އިސް މަޤާމެއް ނުވަތަ ޖާގައެއްގައި. ފެންވަރުގެ ގޮތުން ވަރަށް މޮޅު.

flight

ފްލައިޓް. ނ. ދުރަށް ދާ ދިއުން. ފިލުން. put to flight ދުރަށް ފޮނުވާލުން. take flight / take to flight ފިލުން.

flightless

ފްލައިޓްލަސް. ނއ. (ބައެއް ބާވަތުގެ ދޫންޏާ މެދު) ނުއުދުހެވޭ.

flighty

ފްލައިޓީ. ނއ. (flightier, flightiest) (އަންހެނުންނާ މެދު) ސާބިތު މަޤްޞަދެއް ޝައުޤެއް ނެތި. އިތުބާރު ނުކުރެވޭ، ޒިންމާދާރުކަން ކުޑަ. އެއްކަމަކުން އަނެއް ކަމަކަށް އަވަހަށް ނަޤުލުވާ. ނ. flightiness.

flimsy

ފްލިމްސީ. ނއ. (flimsier, flimsiest) 1. ލުއި އަދި ތުނި މ. ފޮއްޗެއް. ދޫގޮތަކަށް ގުޅިފައިވާ. ފަސޭހައިން ރޫޅޭ، ހަލާކުވާ. 2. ޤަބޫލުކުރަން ދަތި. މ. ފްލިމްސީ ބަހަނާއެއް. ކއ. flimsily. ނ. flimsiness.

flinch

ފްލިންޗް. ކ. ބިރުން ފަހަތަށް ޖެހުން. 2. މީހެއްގެ މަސްއޫލިއްޔަތުން ފަހަތަށް ޖެހުން.

fling

ފްލިން. ކ. (flung, flinging) 1. ރުޅިއައިސްގެން، އަވަހަށް، ބާރަށް ފަދަ ގޮތަކަށް އެއްލައިލުން. 2. ބާރަށް ނުވަތަ ކުއްލިއަކަށް ފޮނުވުން، ކޮއްޕައިލުން. މ. މީހަކު ޖަލަށް ފްލިން ކުރުން. 3. އަވަހަށް ރުޅިއައިސްގެން ނުވަތަ ގަދަބަދަވިކަމާއެކު ނުކުތުން. މ. އެކަނބުލޭގެ ކޮޓަރިން ފްލިން އައުޓް ކުރުން. —ނ. 1. މިގޮތަށް އަވަހަށް ރުޅިން ހަރަކާތްކުރުމުގެ ޢަމަލު. 2. ޙަރަކާތްތައް އަވަސް ނެށުމެއް. 3. މީހަކު އުފާލިބިގަންނަ ކަމެއްގައި ވާ ޤަރާރު. މ. have one’s fling.

flint

ފްލިންޓް. ނ. 1. ދަގަނޑުގައި ޖެއްސުމުން އަލިފާންކަނި އުފެދޭ ވަރަށް ހަރު ބާވަތެއްގެ ގަލެއް. 2. މީގެ ގައު ކޮޅެއް. 3. އަލިފާންކަނި އުފައްދަން ބޭނުންކުރާ ހަރު މަޢުދަންކޮޅެއް.

flintlock

ފްލިންޓްސްޓޮކް. ނ. އަލިފާންކަނި ގައުކޮޅަކުން އުފައްދައިގެން ޖަހާ މާކުރީގައި ބޭނުންކުރި ބަޑިއެއް.

flinty

ފްލިންޓީ. ނއ. (flintier, flintiest). ފްލިންޓް ފަދަ. ވަރަށް ހަރު.

flip

ފްލިޕް. ކ. (flipped, flipping). 1. އަނެއް ފުށަށް ޖެހުން. 2. އެއްޗެއް މައްޗަށް އެއްލައި އަނެއް ފުށަށް ޖެހުން. މ. ބައެއް މީހުން ރޮށި ފިހާއިރު ކުރާގޮތަށް. 3. ނުރަސްމީ ބަހުރުވައިން ވަރަށް ބޮޑަށް ރުޅިއައުން. —ނ. 1. އެއްޗެއް މި ބުނިގޮތަށް ފުށުން ޖެހުމުގެ ޙަރަކާތް. 2. ނުރަސްމީ ބަހުރުވައިން މަތިންދާބޯޓުން ކުރާ ކުރު ދަތުރު. 3. އަވަސް ކުރު ދަތުރެއް. flip one’s lid ގަދަ ރުޅި ދެއްކުން. flip side ލަވަޖަހާ ފަތާ “ހޮޅީ”ގެ އަނެއް ފަރާތް.

flippant

ފްލިޕަންޓް. ނއ. ކަމަކާ މެދު ސީރިއަސްކަން، ސާބިތުކަން ހާމާނުކުރާ. ކއ. flippantly. ނ. flippancy.

flipper

ފްލިޕަރ. ނ. 1. ބައެއް ބާވަތުގެ ކަނޑުގެ ޖަނަވާރުތަކުގައި ފެތުމަށް ބޭނުންކުރާ ގުނަވަން. މ. ކަހަނބުގެ ހަތަރު ފައި. 2. ފީނާއިރު، ފަޔަށް މަހާ ދިގު ފައިވާން.

flipping

ފްލިޕިން. ނއ. ނުރަސްމީ ބަހުރުވައިން ލައުނަތް ލިބިގެންވާ.

flirt

ފްލާޓް. ކ. 1. މީހަކާ ހިތާވެގެން އުޅޭކަމަށް ހެދިގެން އުޅުން. 2. ކުޅިވަރެއްގެ ގޮތުގައި ކަމަކާބެހުން. މ. flirted with the idea. flirting with death. ވަރަށް ނުރައްކާތެރި ކަމަކާ ސީރިއަސްކަމެއް ނެތި މެކުވުން. 3. ކުއްލިކުއްލިއަށް އެއްޗެއް ކުރިއަށް ޖައްސާ ފަހަތަށް ޖެއްސުން. —ނ. ފްލާޓްކުރާ މީހެއް. ނ. flirtation.

flirtatious

ފްލާޓޭޝަސް. ނއ. ފްލާޓް ކުރާހިތްވާ. ފްލާޓް ކުރާ. ކއ. flirtatiously.

flit

ފްލިޓް. ކ. (flitted, flitting) 1. އުދުހުން. އަވަހަށް އަދި ހަލުވިގޮތަކަށް ޙަރަކާތްތެރިވުން. 2. ތަނަކުން ހިލަމެއް ނުވެ ފިލުން ނުވަތަ ދިޔުން. —ނ. މިފަދަ ހީލަތްތެރި ހަރަކާތެއް.

flitch

ފްލިޗް. ނ. އޫރުގެ ވަކި ތަނެއްގެ މަސް.

float

ފްލޯޓް. ކ. 1. ފެނުގެ މަތީގައި އަޑިއަށް ނުގޮސް އޮތުން ނުވަތަ އެއްތަނުން އަނެއް ތަނަށް ދިއުން. ވައިގައި ނުވަތަ ގޭހުގައި، އެއްޗެއް ބިމަށް ނުވެއްޓި އޮތުން ނުވަތަ އެއްތަނުން އަނެއް ތަނަށް ދިއުން. ފެންބަރު ހިފުން. 2. މިގޮތްވާ ގޮތް ހެދުން. 3. ލުއި ނުރަސްމީ ގޮތަކަށް ތަންތަނަށް ދިއުން. 4. ބޭރު ފައިސާ ގަނެވިއްކާ އަގު ކޮންޓްރޯލް ނުކުރުން. 5. ކުންފުންޏެއް ފަދަ ވިޔަފާރީގެ ކަމެއް (ޙިއްޞާ ވިއްކައިގެން ފަދަގޮތަކަށް) ފެށުން. ނ. float. 1. ފެންމަތީ އޮންނާނޭ ގޮތަށް ހަދައިފައިވާ އެއްޗެއް. އެން ކައިފިތޯ ބެލުމަށް ނަނުގައި އައްސާ ފެންމަތީ އޮންނަ ފަދަ އެތިކޮޅެއް. މަސް ދަލެއްގެ އަރިމަތީގައި ހަރުކުރާ ބޮއެ ފަދަ ފެންމަތީ އޮންނަ އެއްޗެއް. 2. ފެން ނުވަތަ ދިޔައެއް ދަތުރުކުރާ މިންވަރު ކޮންޓްރޯލް ކުރާ ބޮއެ އެއް. މިފަދަ އެއްޗެއް އިންޖީނުގެ ކާބިއުރޭޓަރުގައި ހުރެއެވެ. 3. މަތިންދާ ބޯޓު ކަނޑުގައި ޖެއްސުމުން ގެނބުނަ ނުދޭން ހަރުކުރާ ބޮއެ. 4. ވަރަށް ތިރި ވޭނެއް ކާރެއް ފަދަ އުޅަނދެއް. މ. milk float އަކީ ކިރު އެކި ތަންތަނަށް ގެންދާ އުޅަނދެއް. ދައްކާލުމަކަށް އުޅަނދެއްގެ މަތީގައި ބޮޑު އަށްޓެއް އަޅައިގެން ތަންތަނަށް ދަތުރުކުރެވޭ ގޮތަށް ހަދާ ފުޅަނދު. 5. ކުދި އަގުހެޔޮ ތަކެތި ގަތުމަށް ދޭ ފައިސާ. ވަކިލާރި ދިނުމަށް މީހަކާ ޙަވާލުކުރާ ފައިސާ. floating rib އަރިކަށީ ކަށިތަކުން މޭގެ މައިކައްޓާ ނުގުޅޭ ކަށި. floating voter އެއްވެސް ސިޔާސީ ޕާޓީ އަކާ ނުގުޅޭ ވޯޓުލާ މީހެއް.

floater

ފްލޯޓަރ. ނ. 1. ގޭސް، ވައި، ފެން، ދިޔަ ފަދަ އެއްޗެއްގައި ދަތުރުކުރާ އެއްޗެއް. އޮޔާދާ އެއްޗެއް. 2. ނުރަސްމީ ބަހުރުވައިން ހެދުނު ގޯހެއް.

flock

ފްލޮކް. ނ. 1. އެއްކޮށް ދަތުރުކުރާ، އެއްކޮށް ގެންގުޅޭ، އެއްކޮށް ކާންދީ ބަލަހައްޓާ ގެރި، ބަކަރި، ކަންބަޅި، ދޫނި ފަދަ އެއްޗެތި. އައިނު. ތުރުކީ ބަހުން ސުރު. 2. ރެސް. ގިނަ ބައެއްގެ ޖަމާޢަތެއް. 3. އެކަކު ބަލަހައްޓާ ބައެއް. ނަޞާރާ ދީނުގެ ވަކި ފައްޅިއަކަށް ގޮސް އުޅޭ މީހުން. —ކ. އައިނެއްގެ ގޮތުގައި އެއްކުރުން ނުވަތަ ދަތުރުކުރުން.

flock

ފްލޮކް. ނ. 1. ކަފަ ކެހެރި ފަދަ ނަރުގެ ގުޅަވަރެއް، ބޮނޑިއެއް. ކޮޅެއް. 2. ގޮދަޑި ފަދަ ތަކެތި ހަދާއިރު އޭގެ ތެރެއަށް އަޅާ އެހެން ބޭނުންތަކަށް ކަމުނުދާ ކަފަ، ކެހެރި ފޮތި ފަދަ ތަކެތި. flock ނއ. ފްލޮކް ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ.

floe

ފްލޯ. ނ. ފެން ނުވަތަ ލޮނުގެ މަތީގައި އޮންނަ އޮޔާދާ ގަނޑުފެން ފަށަލަ.

flog

ފްލޮގް. ކ. (flogged, flogging). 1. އަދަބެއްގެ ގޮތުގައި، އެއްތެޔޮ ނުވަތަ ދަނޑިއަކުން ތެޅުން. މ. ތަޢުޒީރުކުރުން. 2. ނުރަސްމީ ބަހުރުވައިން ވިއްކުން. ނ. flogging.

flood

ފްލަޑް. ނ. 1. ކުރިން ހިކިކޮށް އޮންނަ ތަނަކަށް ގިނައިން ކުއްލިއަކަށް ފެން އައިސް، އެޅި، އޮހި ވާ ފެންބޮޑުވުން. ސީލް. މެލޭބަހުން ބަންޖީރު. the Flood ނޫޙުގެފާނުންގެ ދުވަސްވަރު އައި ފެންބޮޑުވުން. 2. ބޭރަށް ބޮޑަށް އޮހޭ އޮހުން. ފަޅައިގެންގޮސް ނުކުންނަ ބައިވަރު. މ. a flood of abuse. 3. ކޯރެއް ފަދަ ތަނަކަށް ކަނޑުން ދިޔަވަރު ވަންނަ ވަނުން. —ކ. 1. ތަނެއް ސީލަކުން ފޮރުވުން ނުވަތަ ކޯރެއް އުތުރިއެރުން. 2. ކޯރެއް ފަދަ ތަނެއްގެ ފެން ގިނަވެ ކިނާރާއިން ބޭރަށް ފެތުރި ފެންބޮޑުވުން. 3. ގިނައިން އެއްޗެއް އައުން. މ. ސިޓީތަކެއް. 4. ރަހިމުން ލޭ އައުން. be flooded out ސީލެއްގެ ސަބަބުން ތަނަކުން ބޭރަށް ދާންޖެހޭ ޖެހުން. flood-tide ދިޔަވަރު ބޮޑުވާ ބޮޑުވުން.

floodgate

ފްލަޑްގެއިޓް. ނ. ފެން ބަންދުވާ ގޮތަށް ހުންނަ ދޮރުފަތެއް. މި ހުންނަނީ ކޯރު ފަދަ ތަންތަނުން ފެން ބޮޑުވުން ކޮންޓްރޯލްކުރުމަށް ނުވަތަ ބޯޓު ފަހަރު ކެނަލްއެއް ހުރަސްކުރާއިރު، ފެން ބޮޑުކޮށް ބޯޓު އޮތް ހިސާބު ފުންކުރުމަށެވެ.

floodlight

ފްލަޑްލައިޓް. ނ. ޢިމާރާތެއް ނުވަތަ އިސްޓޭޖެއް އަލިކުރުމަށް ބޭނުންކުރާ ފުޅާކޮށް ފެތުރޭ ވަރުގަދަ އައްޔެއް ހުންނަ އިލެކްޓްރިކް ބައްތިއެއް. —ކ. (floodlit, floodlighting) މިފަދަ ބައްތިއަކުން އަލިކުރުން.

floor

ފްލޯ. ނ. 1. ކޮޓަރިއެއް ފަދަ ތަނެއްގެ ތިރީ ސަޠަޙަ. ތަޅުން. 2. ކަނޑުގެ ނުވަތަ ހޮހޮޅައެއްގެ ތިރި. 3. ޖަލްސާ ކުރާ މާލަމެއްގައި މީހުންތިބޭ ސަރަޙައްދު. 4. މުސާރަ ދިނުމަށް ކަނޑައެޅިފައިވާ އެންމެ ދަށް މިންވަރު. 5. އިމާރާތެއްގައި ހުރިހާ ކޮޓަރިތަކަކާއި ޖާގަތަކެއް ހުންނަ ހަމަ ތަޅުން. —ކ. 1. ތަޅުން އެޅުން. 2. ޖެހިޖެހީނުން މީހަކު “ބިމާ ހަމަކޮށްލުން.” 3. ކުރާ ޖަދަލެއްގައި އަނެކާއަށް ކަންކަން ގިނައިން ހުށަހަޅައިގެން އޭނާ ހާސްކޮށްލުން. floor manager ޓީވީ ޝޯއެއް ފަދަ ކަމެއްގައި، އިސްޓޭޖްގެ ކަންކަން ބަލަހައްޓާ މީހާ. floor show ނައިޓްކްލަބް އެއްގެ ތަޅުމުގައި ދައްކާ ޝޯއެއް. have the floor ބަހުސެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުން.

floorboard

ފްލޯބޯޑް. ނ. ތަޅުންގޮތުގައި އަޅާފައި ހުންނަ މަޅު. މަޅުފިލާ.

floorcloth

ފްލޯކްލޮއުތް. (ތ ކިޔާނީ ސުކުން އަޑަށް). ތަޅުން ފުހޭ ފޮތިގަނޑު.

flop

ފްލޮޕް. ކ. (flopped, flopping) ދޫކޮށް ބުރަކޮށް އެލުން. 2. ފަރިތަނޫން ހުތުރު ގޮތަކަށް ހަރަކާތްކުރުން ނުވަތަ އިށީނުން ނުވަތަ ވެއްޓުން. 3. ނުރަސްމީ ބަހުރުވައިން ފޭލިވުން. ފޭލިވެފައިވާ މީހަކަށް ވުން. —ނ. ފަރިތަނޫން ހުތުރު ގޮތަކަށް ކުރާ ހަރަކާތް. 2. ނުރަސްމީ ބަހުރުވައިން ފޭލިވުމުގެ ޢަމަލު. —ކއ. ފްލޮޕް އަކާ އެކު.

floppy

ފްލޮޕީ. ނއ. (floppier, floppiest) ދޫކޮށް ބަރުކޮށް އެލިފައިވާ. ހަރުކޮށް އެއްސި ހަރުވެފައި ނުވާ. ހަރު ނޫން. މ. ފިހުނު ރޮށީގައި ހުންނަ މަޑުކަންފަދަ މަޑުކަމާ އެކު. ނ. floppiness. floppy disc ކޮމްޕިއުޓަރުގައި ތަކެތި ރައްކާކުރުމަށް ބޭނުންކުރި މަޑު ތުނި ވަށް އެއްޗެއް.

flora

ފްލޯރާ. ނ. ވަކި ސަރަހައްދެއްގައި ނުވަތަ ދުވަސްވަރެއްގައި ހެދޭ ގަހުގެ ހުރިހާ ބާވަތެއް.

floral

ފްލޯރަލް. ނއ. މަލަށް ނިސްބަތްވާ. މަލުގެ. ޒަހުރީ.

Florentine

ފްލޮރެންޓީން. ނ. އުތުރު އިޓަލީގެ ޝަހަރަކަށް ނިސްބަތްވާ.

floribunda

ފްލޮރިބަންޑާ. ނ. ވަރަށް ގިނަ މައުތަކެއް އަޅާ ފިނިފެންމާ ގަސް ނުވަތަ މިފަދަ އެހެން ގަސް.

florid

ފްލޮރިޑް. ނއ. 1. ތަފްޞީލުގިނަ ކުރެހުންތައް އަޅައި ޒީނަތްތެރިކޮށްފައިވާ. މ. ގެއެއް. 2. މަޑު ރަތް ކުލައެއްގެ. މ. ރުޅިއައުމުން ބައެއް މީހުންގެ މޫނުގައި ނުވަތަ ހަމުގައި ހުންނަ ރަތް ކުލަ.

Florida

ފްލޮރިޑާ. ނ. ޔޫ.އެސް. ގެ ސްޓޭޓެއް.

florin

ފްލޮރިން. ނ. 1. ހޮލަންޑްގެ ކުރީގެ ފައިސާ. 2. އިހުގައި އިނގިރޭސި ވިލާތުގައި ބޭނުންކުރި ފައިސާގެ މިންވަރެއް.

florist

ފްލޮރިސްޓް. ނ. މައު ހައްދާ ނުވަތަ ވިއްކާ މީހެއް.

floss

ފްލޮސް. ނ. 1. އޮފުއަރާ ހިމަ ފަށުވި ލީލި ނުވަތަ ނަރު. 2. މިފަދަ ރޮދި. ދެ ދަތް ދޭތެރެ ސާފުކުރުމަށް ބޭނުން ކުރާ މިބާވަތުގެ ރޮދި. ތިނޯހުގެ މަސައްކަތުގައި ބޭނުންކުރާ މިބާވަތުގެ ރޮދި. —ކ. ދެ ދަތްދޭތެރެ ފަށުވި ފަދަ ރޮއްޖަކުން ސާފުކުރުން. ނއ. flossy.

flotation

ފްލޮޓޭޝަން. ނ. އެއްޗެއް ފެންބަރު ހިފައިގެން މަތީގައި އޮންނަ އޮތުން. ކުންފުންޏެއް އުފެއްދުމަށް ޙިއްޞާ ވިއްކާ ވިއްކުން.

flotilla

ފްލޮޓިލާ. ނ. 1. މާ ގިނަ ނޫނަސް ގިނަ އަދަދެއްގެ ކަނޑުގައި ދުއްވާ ކުދި އުޅަނދުތަކެއް.

flotsam

ފްލޮޓްސޭމް. ނ. ކަނޑުމަތީގައި އޮޔާދާ ހަލާކުވެފައި ހުންނަ އެއްޗެތީގެ ބައިބަޔާއި ތަންތަންކޮޅު. އޮއިކުނި. flotsam and jetsam އެކިއެކި ކުދި އެއްޗެތި ނުވަތަ ސާމާނު. މަގުމަތީގައި އުޅޭ އެކި އެކި ވިޔާނުދާ މީހުން. އޮޔާދާ ކުނިބުނި.

flounce

ފްލައުންސް. ކ. ކެތްތެރިކަމެއް ނެތް ރުޅިވެރި ގޮތަކަށް ދިއުން. މ. flounced out of the room. —ނ. މިފަދަ ގޮތަކަށް ދާ ދިއުމެއް.

flounce

ފްލައުންސް. ނ. ފަސްބައިގައި ރޫޖައްސާ އެއް އަރިން ހަރުކުރާ ފޮތި. ނއ. flounced. ޒީނަތަކަށް ރޫޖެއްސި ފޮތި ހަރުކޮށްފައިވާ.

flounder

ފްލައުންޑަރ. ނ. ފަތި ކުޑަ މަހެއް.

flounder

ފްލައުންޑަރ. ކ. 1. ޗަސްބިމެއްގައި ހިނގާ ފަދައިން، ދަތިކަމާއެކު ހިނގުން. 2. ކަމެއް ކުރުމުގައި ކުށްޖެހި، ގޯސްކޮށް ކުރެވި، އޮޅޭގޮތްވުން.

flour

ފްލާ. ފްލާއަރ. ނ. ކެއްމަށް ބޭނުންކުރަން، ގޮވާމުގެ ބާވައްތައް ތޮށިނޮޅައި މުގުރައިގެން އުފެދޭ ހިމުން ކުނޑި. ފުއް. ގޮދަން ފުއް. އާޓާ. އަރުދު. —ކ. ފުއް ފެތުރުން، ފުއް އެޅުން، ފުއް ބުރުއްސާލުން. ނއ. floury.

flourish

ފްލަރިޝް. ކ. 1. ގަސް ވަރަށް ރީއްޗަށް ހެދި ބޮޑުވުން. ފަހިކޮށް ތަރައްޤީވަމުން ގިނަވަމުން އައުން. 2. ތަނަވަސްވަމުން އައުން. ފަހިވަމުން އައުން. 3. (މަޝްހޫރު މީހުންނާ މެދު) ވަކި މުއްދަތެއްގައި ޙަރަކާތްތެރިވެ އުފެއްދުންތެރިކަން މަތިވުން. މ. ޅެން ހެދުން ފްލަރިޝްވީ އަމީން ދައުރުގައެވެ. 4. ގަދައަށް އެއްޗެއް ހޫރުވުން ނުވަތަ ވިހުރުވުން. —flourish. ނ. 1. ފާހަގަކުރެވޭ ގޮތަށް ހޫރުވާ ހަނާއަޅާފަދަ ހަރަކާތް. 2. އަތުލިޔުމުގައި އޮމާންކޮށް އެކި ކިއްސަރަށް ދަމާ ރޮނގު/ކުރެހުން. 3. ފޭންފެއަރ އެއް. ބަލާ fanfare.

flout

ފްލޮއުޓް. ކ. ނުރުހުންތެރިކަމާއި ޤަޞްދުގައި ގަވާއިދަކަށް ތަބާ ނުވުން.

flow

ފްލޯ. ކ. 1. އޮހިގެން ފޭބުން. ހޮޅިއަކުން ނުވަތަ އެހެންވެސް އެއްޗަކުން ހިފެހެއްޓުމެއް ނެތި ފެން/ގޭސް ދަތުރުކުރުން. ސިންގަޅަބަހުން ގަލަނެވުން. 2. ކުރިއަށް މަޑުކުރުމެއް ނެތި ދިއުން. މ. keep traffic flowing. 3. (އަދަބީ އުފެއްދުމާއި ވާހަކަ ދެއްކުމުގެ ގޮތާ މެދު) ހިފެހެއްޓުމެއް ނެތި އެއްވަރަކަށް ކުރިއަށް ދިއުން. 4. ދޫކޮށް އެއްޗެއް މ. ވަލެއް އެލުވުން. އޮމާންކޮށް ގުޅިގެން އެކުލަވައިގެން ދިއުން. 5. މައްޗަށް އަވަހަށް އެރުން. މ. ދިޔަވަރު. 6. އެއްޗަކުން ނުކުތުން. ނަތީޖާއަށް ވުން. —ނ. 1. އެއްޗެއް އޮހުމުގެ ނުވަތަ ހޮޅިއަކުން ފަދަ އެއްޗަކުން ދަތުރުކުރުމުގެ ޙަރަކާތް. 2. އެއްޗަކުން މިގޮތަށް ދަތުރުކުރާ މިންވަރު. 3. އެއްޗެއް އޮހޭ އޮހުން. ގިނަ ޢަދަދެއްގެ އެއްޗެތި. 4. ދިޔަވަރު ގޮނޑުދޮށަށް އަރާ އެރުން. މ. ebb and flow ދިޔަވަރު ހިކި ބޮޑުވުން. flowchart އެއްޗެތި ކާރުޚާނާއެއްގައި އުފައްދާއިރު ތަކެތި ނުވަތަ ކަންކަން ތަރުތީބުން ދާ ގޮތް އަންގައިދޭ ޗާޓެއް.

flower

ފްލާވަރ. ނ. 1. ގަހަކުން އޮށް ނުވަތަ މޭވާ ނުކުންނަ ބައި. މައު. ޒަހުރާ. 2. ޒީނަތަކަށް ބޭނުންކުރާ މަލާއި އޭގެ ތަނޑު. ގިނައިން މި ބޭނުންކުރަނީ ކޯޅީގެ ގޮތުގައެވެ. 3. މަލަށްޓަކައި ހައްދާ ގަސް. މަލުގެ ސަބަބުން ފާހަގަކުރެވޭ ގަސް. 4. އެއްޗެއްގެ އެންމެ ރަނގަޅު ބައި. —ކ. 1. މައު އެޅުން (ގަހެއްގައި). 2. މައު އަޅާގޮތް ހެދުން ނުވަތަ މިހެންވުން. flowered މަލުން ޒީނަތްތެރިކޮށްފައި. flowers of sulphur ކައްސަނދުވާނި ހޫނުކޮށް އޭގެ އާވި ފިނިކުރުމުން އުފެދޭ ކުނޑި. in flower މައު އަޅާފައި.

flowerless

ފްލާވަރލަސް. ނއ. (ގަހާ މެދު) މައު ނާޅާ.

flowerpot

ފްލާވަރޕޮޓް. ނ. މައު ގަސް ހެއްދިދާނޭ ތެލިބުރި. ގުލްދާން.

flowery

ފްލާވަރީ. ނއ. 1. މަލުން ފުރިފައިވާ. 2. (ލިޔެކިޔުމާ މެދު) ފަށުވިކުރަން ހިމަނާ އެތައް އިބާރާތެއް ހިމެނޭ.

flown

ފްލޯން. ބަލާ fly.

flu

ފްލޫ. ނ. އިންފްލުއެންޒާ (influenza) ކުރުކޮށް.

fluctuate

ފްލަކްޗުއޭޓް. މ. (އެކި ވަރުވަރާއި އަގާ މެދު) ތަރުތީބެއް ނެތް ގޮތެއްގައި ކުޑަވެ ބޮޑުވުން. ނ. fluctuation.

flue

ފްލޫ. ނ. 1. ދުން ނުކުންނަ ހޮޅިއެއް. 2. ހޫނު އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ ހޮޅިއެއް.

fluent

ފްލޫއަންޓް. ނއ. 1. ވާހަކަ ދައްކަން ފަރިތަ. ދޫފަރިތަ. ފަޞާޙަތްތެރި. 2. (ދައްކާ ވާހަކަ އާ މެދު) އޮމާންކޮށް ހިފެހެއްޓުމެއް ނެތި ކުރިއަށް ގެންދާ. ކއ. fluently. ނ. fluency.

fluff

ފްލަފް. ނ. ލުއި، މަޑު، ދޫނީގެ ވަރަށް ކުދި ފަތް، ކަފަ އެތިކޮޅު ފަދަ ތަކެތި. ކިފުޅި. ބޮނބިކީ ފަދަތަކެތި. 2. ނުރަސްމީ ބަހުރުވައިން ވާހަކަ ދެއްކުމުގައި ހެދުނު ގޯހެއް، ނާކާމިޔާބުކޮށް ކުރެވުނު ކަމެއް. —ކ. 1. ތަޅުވައިގެން މަޑުކުރުން މ. ހަރުވެފައިވާ ބާލީހެއް. ފިނދުވުން. 2. ނުރަސްމީ ބަހުރުވައިން ގޯހެއް ހެދުން.

fluffy

ފްލަފި. ނއ. (fluffier, fluffiest) ކެހެރި ކިފުޅި ފަދަ މަޑު އެއްޗެއް ބޭރުގައިވާ ނުވަތަ ހިމެނޭ. ނ. fluffiness.

fluid

ފްލޫއިޑް. ނ. ގޭހާއި ދިޔަ ފަދައިން އެއްތަނުން އަނެއްތަށް ފަސޭހައި ފައިބާ ނުވަތަ އޮހޮރޭ އެއްޗެއް. —ނއ. 1. ހަރު. ވަކި ބައްޓަމެއްގައި ނުހުންނަ. އޮހޮރޭ. 2. (ޙާލަތަކާ މެދު) ބޭސާބިތު. އެއްގޮތަކަށް ކަންކަން ނުހުންނަ. —fluidity ނ. fluid ounce ޕައިންޓް ކިޔާ ދިޔާތަކެތި މިނާ ޖިންސެއްގެ ވަކި ބައިކުޅަބައެއް. އިނގިރޭސި ވިލާތުގައި ނަމަ ޕައިންޓެއްގެ ވިހިބައިކުޅަ އެއްބައި. އެމެރިކާގައި ނަމަ، ސޯޅަބައިކުޅަ އެއްބައި.

fluke

ފްލޫކް. ނ. އިއްތިފާޤުން ދިމާވި ހެޔޮ ނަޞީބުވެރި ކަމެއް.

fluke

ފްލޫކް. ނ. ބޭރު ނަގިލީގެ ދެ ދަތުގައިވާ ތިނެސްކަނަށް ހުންނަ ބައި. 2. ބޮޑު މަހުގެ ނިގުލުގެ އެއް ކޮޅު. 3. މަހަށް ޖަހާ އުލެއްގައި ކަނިލާފައި ހުންނަތަން.

fluke

ފްލޫކް. ނ. 1. ފްލައުންޑަރ ބާވަތުގެ ފަތި މަހެއް. 2. ކަންބަޅީގެ ޗިސްމޭގައި އުޅޭ ފަތި ފަންޏެއް.

flummox

ފްލަމަކްސް. ކ. ނުރަސްމީ ބަހުރުވައިން ވިސްނުމަށް، ފިކުރަށް އޮޅުން.

flung

ފްލަން. ބަލާ fling.

flunk

ފްލަންކް. ކ. އެމެރިކާގެ ނުރަސްމީ ބަހުރުވައިން ފޭލިވުން (ޚާއްޞަކޮށް އިމްތިޙާނަކުން).

flunkey

ފްލަންކީ. ނ. ނުރަސްމީ ބަހުރުވައިން ރަސްމީ ޔުނިފޯމެއްގައި ހުންނަ ޚާދިމެއް.

fluorescent

ފްލުރެސަންޓް. ފްލޫރެސަންޓް. ނއ. ތަފާތު ބާވަތުގެ ރޭޑިއޭޝަން ލިބުމުން (ޚާއްޞަކޮށް އަވީގައި ހުންނަ އަލްޓްރާވައިލަޓް ގައި ޖެހުމުން) ފެންނަ އަލި އުފައްދާ. މިއީ ބައެއް ތަކެތީގައި ހުންނަ ޠަބީޢީ ސިފައެކެވެ. މ. އަކިރި ފަދަ ތަކެތި ދިރުން ހުންނަ އިރު، އެއިން އަވީގެ ރޭޑިއޭޝަންއެއް ލިބުމުން ފެންނަ އަލި ފޮނުވައެވެ. އެހެންކަމުން އެ ތަކެތި ވަރަށް އުޖާލާކަމަށް ފެނެއެވެ. ޒައިތޫނި ތެލާއި އިހުގެ ހޮޅިބުރި އެއީ ފްލޫރެސަންޓް އެއްޗިއްސެވެ. ނ. fluorescence.

fluoridation

ފްލޯރިޑޭޝަން. ފްލޫރިޑޭޝަން. ނ. ދަތް ފަނިކެއުން ކުޑަކުރަން ބޯފެނަށް ވަރަށް މަދުން ފްލޮރައިޑް އަޅާ އެޅުން.

fluoride

ފްލޮރައިޑް. ނ. އެހެން އުންސުރަކާ މެކުވެފައިވާ ފްލޯރީން ކަމްޕައުންޑް އެއް.

fluorine

ފްލޯރީން. ފްލޫރީން. ނ. މަޑު ރީނދޫކުލައެއްގައި ހުންނަ އެހެން ގިނަ އުންސުރާ މެކުވާ ގޭހެއް.

flurry

ފްލަރި. ނ. 1. ކުއްލިއަކަށް ކުރު ވަގުތުކޮޅަކަށް އަންނަ ވާރޭ، ސްނޯ، ވައި ފަދަ ކަމެއް. 2. ހާސްގަޑެއް. އެތައް ކަމެއް އެއްފަހަރާ ހިނގާ ހާދިސާއެއް. 3. ނުތަނަވަސްކަމުގެ ޙާލަތެއް. —ކ. (flurried, flurrying) ހާސްވެ ނުތަނަވަސްވުން.

flush

ފްލަޝް. ކ. 1. މޫނަށް ކުއްލިއަކަށް ލޭ ފޮނުވުން ގިނަވެގެން ރަތްވުން. 2. މިގޮތަށް މޫނު ރަތްވާ ގޮތް ހެދުން. 3. ފަޚުރުން ފުރުން. މ. flushed with pride. 4. ހޮޅިއެއް ނުވަތަ ފާޚާނާތައްޓެއް ނުވަތަ އެހެންވެސް އެއްޗެއް ފެން ގިނައިން ފޮނުވައިގެން ސާފުކުރުން. 5. ގިނައިން ފެން ކުއްލިއަކަށް އައުން. —ނ. 1. މޫނު ކުއްލިއަކަށް ރަތްވާ ރަތްވުން. 2. ޝުޢޫރެއްގެ ސަބަބުންވާ މަޖާ. މ. the first flush of victory. 3. ގިނައިން ފެން އަންނަ އައުން. 4. ގަސްތައް ހިނދޫކުރިތައްލައި ހެދެން ފަށާ ފެށުން. —ނއ. 1. އެއްވަރަކަށް. ބޭރަށް ނުނުކުމެ. މ. ސްވިޗެއް ފްލަޝްކޮށް ފާރުގައި ހަރުކޮށްފިނަމަ، ސްވިޗް ހުންނާނީ އެ ފާރާ އެއްވަރަށް ބޭރަށް ނުނިކުމެއެވެ. 2. ނުރަސްމީ ބަހުރުވައިން ގިނަ ފައިސާ ދީގެން.

flush

ފްލަޝް. ނ. (ޕޯކަރ ކިޔާ ކުޅިވަރުގައި) އެއް ރަނގައެއްގެ ތާސްބައިގެ ގަނޑު އަތްބައިގައި މުޅިން ހުރުން. straight flush ޖެހިޖެހިގެން ހުރި ނަންބަރުތަކެއްގެ އެއް ރަނގައިގެ ގަނޑުތައް. royal flush މަންނަ އާއެކު ޖެހިޖެހިގެން ހުރި އެއް ރަނގައިގެ ގަނޑުތައް.

flush

ފްލަޝް. ކ. ދޫންޏެއް ފަދަ އެއްޗެއް ފައްސާލުން. އުދުހިގެން ދާގޮތް ހެދުން، ބޭރުކޮށްލުން.

fluster

ފްލަސްޓަރ. ކ. މީހަކު ކަމެއް ކުރަން އުޅުމުން އެމީހާ ނުތަނަވަސްކޮށްލައި، ހާސްކޮށްލުން. —ނ. މިކަމުގެ ޢަމަލު.

flute

ފްލޫޓް. ނ. 1. އަރިމަތީގައި ފުމޭ ލޯވަޅު ހުންނަ ރާރާނެތް ފުމޭ އޮނު. ބާންސަރީ. 2. ލަކުޑި ފަދަ އެއްޗެތީގައި ކޮނެނެގުމުގައި ރީއްޗަކަށް ކަނޑާފައިވާ މަގެއް. —ކ. 1. ފްލޫޓް ކުޅުން. 2. މީގެން ނުކުންނަ އަޑު ފާޑުގެ އަޑުން ވާހަކަ ދެއްކުން ނުވަތަ އެއަޑު ނެރުން. 3. ލަކުޑި، ގައު ފަދަ އެއްޗެއްގައި ކޮނެ ނަގާ މަގު.

fluting

ފްލޫޓިން. ނ. ލަކުޑި ނުވަތަ ސިމެންތި މަސައްކަތުގައި އަޑިއަށް ކޮނެފައި ހުންނަ މަގު ނުވަތަ ރޮނގު.

flutter

ފްލަޓަރ. ކ. 1. އުދުހުމަށް ވަރަ ހެލުވުން. 2. ފަތި ވައު އެއްޗެއް ތަރުތީބެއް ނެތި ތެޅުވުން. ވިހުރުން. ވިހުރުވުން. (ހިތާމެދު) ތަރުތީބެއް ނެތި ވިންދު މަޑުމަޑުން ޖެހުން. —flutter ނ. 1. މިފަދަ ޙަރާކާތެއް. 2. ވާނެގޮތް ނޭނގޭތީ ހާސްވެފައި ނުވަތަ ފޯރިގަދަވެފައިވާ ޙާލަތެއް. 3. އިޙްސާސްއެއް. 4. ނުރަސްމީ ބަހުރުވައިން އަސް ރޭހެއް ފަދަ ކަމެއްގައި ކުޅޭ ޖުވާ. 5. ރެކޯޑުކޮށްފައިވާ އަޑެއް އަންނައިރު، އަޑުގެ ތޫލިކަން ނުވަތަ ގަދަކަން ކުއްލިކުއްލިއަށް ބަދަލުވުން.

flux

ފްލަކްސް. ނ. 1. ބަދަލުތައް އަބަދުވެސް އަންނަމުންދާ ހާލަތެއް. މ. a state of flux. 2. ބޭރަށް ނުކުތުން، ބޭރަށް ދާ ދިއުން. 3. ދެ އެއްޗެއް ވިރުވައިގެން ގުޅުވަން ފަސޭހައަކަށް އަޅާ ރުގުން ފަދަ މާއްދާ.

fly

ފްލައި. ނ. 1. ދެ ފިޔަލީ ސުއިއްޕެއް. މެހި. 2. މެއްސަކުން ޖެހޭ ބައްޔެއް. 3. ވަދު. މަސްބޭނުމުގައި ބޭނުންކުރާ ޤުދްރަތީ ނުވަތަ ހަދައިފައިވާ ވަދު. fly-blown މެހި ޖައްސައި ބިސްއަޅާފައިވާ (މ. މަސް). fly-fishing ވަދާދިއުން. ވަދު ބޭނުންކޮށްގެން މަސްބޭނުން. fly in the ointment ކަމެއްގެ މަޖާކަން ކަނޑުވާލާ ކުޑަ ހާދިސާއެއް. fly-paper މެހި ހިފަން ނުވަތަ މަރަން ގެންގުޅޭ ތެރަސް ނުވަތަ ވިހަ ލީ ކަރުދާސް. fly-spray މެހި މަރާ ސްޕްރޭ. like flies ގިނަ ޢަދަދަކަށް. މ. dying like flies. there are no flies on him ނުރަސްމީ ބަހުރުވައިން އޭނާ ވަރަށް ހުސިޔާރުވެފައި މަކަރެއްގައި ނުޖެހެއެވެ.

fly

ފްލައި. ކ. (flew, flown, flying) 1. ދޫންޏެއް ފަދައިން ވައިގައި ވަރައިގެ ބާރުން ދަތުރުކުރުން. އުދުހުން. 2. ޖައްވުގައި ނުވަތަ ވައިގައި ދަތުރުކުރުން. 3. މަތިންދާ ބޯޓެއްގައި ދަތުރުކުރުން. 4. މަތިންދާ ބޯޓުން އެއްޗެއް ތަނަކަށް ނަގުލުކުރުން. މަތިންދާބޯޓެއް ފަދަ އުޅަނދެއް މިސްރާބުކުރުން ނުވަތަ ކޮންޓްރޯލްކުރުން. 5 ވައިގައި ވިހުރުވޭނޭ ގޮތަށް ދިދައެއް ނެގުން. 6. ގުޑިއެއް ނުވަތަ މަޑިއެއް ވަޔަށް އަރުވައި އެ ވައިގައި ބެހެއްޓުން. 7. ވަރަށް އަވަހަށް ހަރަކާތް ކުރުން ނުވަތަ ދަތުރުކުރުން. މ. ވަގުތު ވަރަށް އަވަހަށް ދަތުރުކުރުން. 8. ވަރަށް ބާރަށް އެއްޗެތިތަކެއް ފެތުރުން. މ. އަލިފާން ކަނިތަކެއް. 9. ކުއްލިއަކަށް ބޮޑަށް ރުޅިއައުން. މ. flew into a rage 10. ޤައުމަކުން ނުވަތަ ތަނަކުން ފިލުން. —ނ. 1. އުދުހޭ އުދުހުން. 2. ފަޓުލޫނުގެ ދަށްބަނޑުގައި ހުންނަހެން ގޮށްފަތި ފޮރުވުމަށް އޭގެ މަތީގައި އަޅާ ފޮތިކޮޅު. ކުދި ފޭލިގޭގައި ވަންނަ ދިމާ ނިވާކުރަން ހުންނަ ވައްޓާލާ ދޮރުފޮތި. 3. ގަޑީގައި ނުވަތަ މެޝިންތަކުގައި އެ ހިނގާވަރު ކޮންޓްރޯލްކުރުމަށް ހުންނަ އާލަތެއް. fly a kite ނުރަސްމީ ބަހުރުވައިން ޢާއްމުން ކަމަކާ ދޭތެރޭ ދެކޭގޮތް އަންދާޒާކުރަން ކުރާ ކަން. fly at ބަހުން ނުވަތަ އަތްފައިން މީހަކަށް ގަދައަށް ހަމަލާދިނުން. fly-by-night ރޭގަނޑު ދަތުރުކުރާ މީހެއް ނުވަތަ ރޭގަނޑު ތަނަކުން ފުރައިގެންދާ މީހެއް. fly-half ރަގްބީ ކުޅޭއިރު ކުޅުންތެރިއެއްގެ މަޤާމް. fly high ވަރަށް އެދުންވެރިކޮށް މަތީ ފެންވަރުގެ އުޅުމެއް އުޅުން. fly in the face of ކަމަކާ ދޭތެރޭ ޤަޞްދުގައި އަޅައިނުލުން ނުވަތަ ގަވާއިދަކަށް ޤަޞްދުގައި އަމަލުނުކުރުން. fly off the handle ނުރަސްމީ ބަހުރުވައިން ރުޅި އައިސްގެން ހައްދުން ނެއްޓުން. fly-past މީހެއް ނުވަތަ ތަނެއް ހުރަސްކޮށް މަތިންދާބޯޓުތަކެއް ކަމެއް ފާހަގަކުރުމުގެ ގޮތުން އުދުހުން. send flying ވަރަށް ގަދައަށް ޖަހައި އެއްޗެއް ނުވަތަ މީހެއް އެއްފަރާތްކުރުން.

fly

ފްލައި. ނއ. ނުރަސްމީ ބަހުރުވައިން. ކަންކަން އެނގޭ. ހުޝިޔާރު.

flycatcher

ފްލައިކެޗަރ. ނ. އުދުހެމުން މެހި ފަދަ ހަފައިލީ ސޫފި ކައިއުޅޭ ދޫންޏެއް.

flyer

ފްލަޔަރ. ނ. 1. އުދުހޭ ދޫންޏެއް ފަދަ އެއްޗެއް. 2. އަވަހަށް އެއްތަނުން އަނެއްތަނަށް ދާ ޖަނަވާރެއް ނުވަތަ އުޅަނދެއް. 3. ހަނގުރާމައިގައި މަތިންދާބޯޓު ދުއްވާ މީހެއް. ޕައިލަޓެއް. 4. ވިޔަފާރީގައި ނުވަތަ ކިޔެވުމުގައި ވަރަށް ކުރިއަރައިފާނޭ މީހެއް.

flying

ފްލައިން. ނއ. އުދުހެވޭ. flying buttress އުސްފާރެއް ވެއްޓިދާނެތީ ކުރު ފާރަކުން އެ ފާރަށް ޖަހާފައި (ހަރުކޮށްފައި) ހުންނަ ކައްތިރިއެއް. flying colours އިމްތިޙާނެއް ފަދަ ކަމަކުން ވަރަށް ރަނގަޅަށް ފާސްވުން، މޮޅުވުން. މ. passed with flying colours. flying fish ހޫނު ސަރަޙައްދުތަކުގެ ކަނޑުގައި ކޮންމެވެސް ވަރަކަށް އުދުހެވޭ މަހެއް. ފުޅަނގި. flying fox މޭވާ ކައިއުޅޭ ވާލެއް. flying leap ބާރަށް ކުރިއަށް ދަމުން ފުމުން. flying picket އެއް ތަނުން އަނެއް ތަނަށް އަވަހަށް ދެވޭގޮތަށް އިންތިޒާމުކޮށްފައިވާ ހަޅުތާލެއް. flying saucer ޖައްވުގައި އުޅޭކަމަށް ބުނާ ވަތުތައްޓެއްގައި ސިފައިގައި ހުންނަ ދަތުރުކުރާ ޚިޔާލީ އެއްޗެއް. flying squad އަވަހަށް ތަނަކަށް ދެވޭގޮތަށް އިންތިޒާމުކޮށްފައިވާ ފުލުހުންގެ ނުވަތަ އެފަދަ ބައެއްގެ ޖަމާޢަތެއް ނުވަތަ ފައުޖެއް. flying start ވަރަށް ގަދަ ހިތްވަރަކާ އެކު ކަމެއް ފަށާފެށުން. މިކަމުގެ ސަބަބުން މިގޮތަށް ފަށާ ބަޔަކަށް އުފަކާރައެއް ލިބެއެވެ. flying tackle ފުޓުބޯޅަ ފަދަ ކުޅިވަރެއްގައި ދުވަމުން އިދިކޮޅު ކުޅިންތެރިޔާގެ އަތުން ބޯޅަ އަތުލުން. flying visit ވަރަށް ކުރު މުއްދަތަކަށް ތަނަކަށް ޒިޔާރަތް ކުރުން.

flyleaf

ފްލައި ލީފް. ނ. ފޮތެއްގެ ކުރީކޮޅާއި ފަހަތުގައި ވާ އެއްވެސް އެއްޗެއް ޗާޕުކޮށްފައި ނުވާ ގަޑު.

flyover

ފްލައިއޯވަރ. ނ. މަގެއްގެ މަތިން ހުރަސްކުރެވޭ ނުވަތަ އުޅަނދު ދަތުރުކުރެވޭ އެހެން މަގެއް.

flysheet

ފްލައިޝީޓް. ނ. މަޢުލޫމާތެއް އަންގަން ޗާޕުކުރި ދެ ނުވަތަ ހަތަރު ޞަފުޙާގެ ނޫހެއް ނުވަތަ ސާކިޔުލާރއެއް. ފޮޅި.

flyweight

ފްލައިވެއިޓް. ނ. ބޮކްސިންގައި ބޭނުންކުރާ ބަރުދަނުގެ ގިންތިއެއް. 51 ކިލޯއަށް ވުރެ ލުއި. (ބެންޓަމްވެއިޓް އަށް ވުރެ ދަށް).

flywheel

ފްލައިވީލް. ނ. އިންޖީނުގެ ހިނގުން އޮމާންކުރުމަށް ނާރެސްއެއްގެ ހަރުކޮށްފައި ހުންނަ ބަރު ބުރެއް.