ކޮންމެ މީހަކަަށް ވެސް އޮޅުން ފިލާގޮތަށް

ދަގަނޑާއި ލަކުޑި ޓްރަސް

މި މަޒުމޫނު ނިމެންދެން ކިޔުއްވައިފިނަމަ، ތިބާއަށް ޓްރަސް އަކީ ކޮން އެއްޗެއް ކަމާއި އޭގެ ތާރީޚާއި ތަފާތު ވައްތަރު ތަކާއި ފަރުމާ ކުރާނޭ މައިގަނޑު ހަމަތައް އޮޅުންފިލާވަޑައިގަންނަވާނެ އެވެ. އަދި ބޭނުންތެރި އެތައް މަޢުލޫމާތެއް އޮޅުން ފިލާނެއެވެ.

  1. ޓްރަސްގެ ތާރީޚް
  2. ރާއްޖޭގައި ޓްރަސް ބޭނުން ކުރަން ފެށުން
  3. ޓްރަސްގެ ބާވަތްތައް
  4. ޓްރަސްގެ ފަތިތައް ގުޅުވުން
  5. ޓްރަސްގެ ދިގުމިނާއި ފުންމިން
  6. އެންމެ މަޝްހޫރު ދެ ޓްރަސް
  7. ޓްރަސް ފަރުމާކުރުން
  8. ސްޕޭސް ފްރޭމް

މަތީގައިވާ ފޮޓޯގައި އެވަނީ ހއ. އަތޮޅު ފިހާރައިގެ ދެކުނުގައި ހަދަމުންދިޔަ ފިހާރައެއްގެ ފަންގިފިލާއަޅަން ބާއްވާފައިވާ ޓްރަހެކެވެ. ފާހަގަކުރެވޭނޭ ފަދައިން އެ ޓްރަސް ވަނީ ލެނބިފައެވެ. އެއީ މަތީ ތަޅުމަށް އެއްވެސް އެއްޗެއް ނާރުވަނީހެވެ. ލެނބުމުން، ޓްރަސްގައި ކައްތިރިއެއް ދެކޮޅުން ވިއްދާފައި ވެއެވެ. ނަމަވެސް، ފޮޓޯއިން ފެންނަ ފަދައިން ޓްރަސް ވަނީ ލެނބިފައެވެ. މިހެން ދިމާވީ ކީއްވެގެންތޯ އެވެ؟

އިނގިރޭސިބަހުން ޓްރަސް ގެ ޙަޤީޤީ މާނައަކީ ބަނުމެވެ. އެއީ ދަރު މާރެއް ބަނދެފައި އޮންނަ ފަދައިންނެވެ. ދަރު މާރެއް ބަންނަ ބަނުމަށް، ކުކުޅު ފަދަ ތަކެތި އޮތްގޮތަށް ފިހާ އިރު، ފަޔާއި ފިޔަ ދުރުވެގެން ގޮސްފާނެތީ ރޮނދިން ބަންނަ ބަނުމަށް، އަދި މީހެއްގެ ގޮހޮރު ތިރިއަށް ފައިބާން ފެށުމުން (ހާނިއާ ޖެހުމުން) އެ ހިފެހެއްޓުމަށް، ފޮތިން ބަންނަ ބަނުމަށް ވެސް ކިޔަނީ (އިނގިރޭސި ބަހުން) ޓްރަސް ކުރުމެވެ. ނަމަވެސް މި މަޒުމޫނުގައި ޓްރަސް އިން މާނަކުރަނީ، ދަގަނޑު ނުވަތަ ލަކުޑި ބެރިއަށެވެ. މި ބެރީގެ ޚާއްޞަ ސިފައަކީ، އެ ހަދާފައިވާ ގޮތެވެ. ޢާއްމުގޮތެއްގައި، މަތީގައި އަދި ތިރީގައި ލަކުނޑި ފަތިގަނޑެއް ނުވަތަ ދަގަނޑު ހޮޅިއެއް ފަދަ ތެދު ދަނޑިއެއް އޮންނާނެއެވެ. ދެމެދު ފުރާފައި ހުންނާނީ އެކި ގޮތްގޮތަށް  ހަރުކޮށްފައި ހުންނަ ބުރިވަރުތަކަކުންނެވެ. ތިރީގައި އެވާ ފޮޓޯގައި އެވަނީ ލަކުޑި އަދި ދަގަނޑު ޓްރަހެވެ. ޓްރަސް އަކީ ވަރަށް ލުއިކޮށް އޮންނަ އިރުވެސް އެއަށް ވުރެ މާ ބޮޑު ބެރިއަކުން ހިފަހައްޓާ ބަރު ހިފަހައްޓާ ގަދަ އެއްޗެކެވެ. މީހުން ޓްރަސް ބޭނުން ކުރަނީ އެހެން ވެގެންނެވެ. އަގު ހެޔޮކޮށް ހެދޭ އެއްޗަކުން މާ ބޮޑު ބެރިއަކުން ކުރާ ބޭނުން ކުރެވޭތީ އެވެ.

ޓްރަސްގެ އާދަޔާ ޚިލާފު ގަދަކަން ބިނާވެފައިވަނީ އޭގައި ތިނެސްކަން ނުވަތަ ޓްރައިއެންގްލް ހިމެނޭތީއެވެ. ތިނެސް ކަނަކީ ވަރަށް ގަދަ އެއްޗެކެވެ. ހަތަރެސްކަން ނުވަތަ އެއަށް ވުރެ ގިނަ ކަން ލީ ބައްޓަމަކާއި އަޅާބަލާއިރު އަދި ވަށްބުރަކާ އަޅާ ބަލާއިރު ވެސް، ތިނެސްކަން އެތައް ގުނައެއް ގަދަ ވާނެއެވެ. އެކަން ވިސްނޭނީ އަންނަނިވި ގޮތަށް ވިސްނާލައިފިނަމަ އެވެ.

ހަތަރު ފަތިގަނޑުން ހަދާފައިވާ އަކައެއް ޚިޔާލަށް ގެންނާށެވެ. ކޮޅުތައް ގުޅުވާފައިވަނީ ހަމައެކަނި ތަޅުއިއްޔަކުން ނުވަތަ ބާރުނުކޮށް ހުރި އިސްކުރަކުން ކަމަށް ވިސްނާށެވެ. މިފަދަ އަކައެއްގެ އެއް ކަން ކޮއްޕާލުމުން ފަސޭހަކަމާއެކު އެ ކޮށްޕާލި ކަން ދުރަށް ދާނެއެވެ. އަކައިގެ ބައްޓަން ގެއްލޭނެއެވެ. ކަންތައް ކުތިވާނެއެވެ. ނަމަވެސް، ތިން ފަތިގަނޑުން ހަދާފައިވާ  ތިނެސްކަނެއްގެ ކޮންމެ ކަނަކަށް ކޮށްޕާލިއަސް އޭގެ ސިފައެއް ނުގެއްލޭނެއެވެ. ކޮށްޕާ ކަނުގެ އެއް ފަތިގަނޑު އުޅޭނީ ދިގުވާށެވެ. އަނެއް ފަތިގަނޑު ކުރުވާށެވެ. ފަތިގަނޑު ގަދަނަމަ ގަދަކަން ހުންނާނެއެވެ. މި ސަބަބާހެދި، ހުރިހާ ޓްރަސް އެއް ހަދާފައި ހުންނަނީ ތިނެސްކަންތަކަކުންނެވެ. ތިރީގައިވާ ފޮޓޯއަށް ވިސްނާށެވެ.

ޓްރަސްގައިވާ ފަތިތަކަށް ދެބާވަތެއްގެ ބާރެއް ކުރެއެވެ. އެއީ ފިއްތުމާއި ދެމުމެވެ. އެއް ބާރުން ފަތިގަނޑު ކުރުކުރަން ހިފައެވެ. އަނެއް ބާރުން ފަތިގަނޑު ދެމެން ހިފައެވެ.  ކުރުކުރަން ހިފާ ބާރަށް އިނގިރޭސި ބަހުން ކިޔަނީ ”ކޮމްޕްރެޝަން“ އެވެ. ދެމެން ހިފާ ބާރަށް ކިޔަނީ ”ޓެންޝަން“ އެވެ. ކޮންމެ ޓްރަސްއެއްގައި ވެސް މި ދެބާރު އުޅޭނެއެވެ. ބައެއް ފަތިތައް ހުންނާނީ ޓެންޝަން ގައެވެ. ދެމެން ހިފާ ބާރުގައެވެ. އަނެއް ބައި ފަތިތައް ހުންނާނީ ފިތެން ހިފާފައެވެ.

ކޮންމެ ޓްރެސްއެއް ވެސް އެކުލެވިގެން ވާންޖެހޭނީ ތިނެސްކަން ތަކަކުންނެވެ. މި ތިނެސްކަންތަކުގެ (ޓްރައިއެންގަލްގެ) ފަތިތައް އެއްވަރު ވުމަކީ މުހިއްމު ކަމެއް ނޫނެވެ. ޓްރަސް އެއްގައިވާ ހުރިހާ ބާރުތަކެއް ހުންނަން ޖެހޭނީ ގުޅާފައިވާ ތަންތަނާ ދިމާލުގައެވެ. ނޫނީ އެތަންތަނަށް ބާރު ދާގޮތަށް ފަތިއަޅާފައެވެ. ކުރިން ބުނިހެން، ފިތޭ ބާރައި ދެމޭ ބާރު ފިޔަވައި އެހެން ބާރެއް އެއްވެސް ފަތިގަނޑަކަށް އަރައިގެން ނުވާނެއެވެ. މާނައަކީ ފެލިގެން ނުވަތަ ފަތިތައް އެނބުރޭ ބާރެއް ނުވަތަ ފަތިގަނޑެއް ގުދުވާފަދަ ބާރެއް ހުރެގެން ނުވާނެއެވެ. ފަތިތައް ގުޅޭ ތަންތަން ތަޅުއިލި ޖަހައި ނުވަތަ އިސްކުރުޖަހައި ގުޅުވިދާނެއެވެ. މި ބަޔާން ކުރި ސިފަތައް ހުންނަ ބެރިތަކަކީ ޙަޤީޤީ ޓްރަސް އެވެ.

ޓްރަސް އެއްގެ މަތީ ގައި އޮންނަ ތެދު ދަގަނޑަށް ނުވަތަ ފަތިގަނޑަށް ކިޔަނީ މަތީ ކޯޑެވެ. ތިރީގައި އޮންނަ ފަތިގަނޑަށް ކިޔަނީ ތިރީ ކޯޑެވެ. މި ދެމެދު ކައްޗަށް ”ފުރާފައި“ ހުންނަ ބަޔަށް ކިޔަނީ ”ވެބް“ އެވެ. ވެބްގައި ހުންނަ ފަތިބުރިތަކަށް ކިޔަނީ ”މެންބަރު“ އެވެ.

ޓްރަސްގެ ތާރީޚް

އެންމެ ކުރިން ޓްރަސް ބޭނުންކޮށްފައިވަނީ އޮޑިދޯނި ފަހަރުގައެވެ. ބޭނުން ކުރި އިރު، މީހުންނަށް އެއިން ބަރު ހިފާނޭ ވަރު ހިސާބުކޮށް އެނގޭކަމަކަށް ނުވެއެވެ. ތަޖުރިބާގެ މަގުން، ގަދަވާނެ ގޮތަށް ލަކުޑިއާއި ވަލުން އައްސާ އުޅެނީއެވެ. ތިރީގައި އެވަނީ ދޯންޏެއް ބިއްދައިގެން ގޮސްފާނެތީ ގަދަކުރަން ވަލަކުން އައްސާފައިވާ ގޮތެވެ. މިއީ 3250 އަހަރު ވެފައިވާ ކުރެހުމެކެވެ.

މީގެ 900 އަހަރު ކުރިން ވެސް މި ޒަމާނުގައި ޓްރަސް އޭ މިކިޔާ ބާވަތުގެ ބެރި، އޮޑިފަހަރުގައި އެހެން ގޮތްގޮތަށް ވެސް ބޭނުން ކޮށްފައި ވެއެވެ. މިގޮތުން، ދިވެހި ދޯނި ފަހަރުގައި، ކުނބު ހިފެހެއްޓިފައިވަނީ ވެސް އެކި ބާރުތައް ހުންނަ ގޮތުން ޓްރަސް އަކުންނޭ ބުނެވިދާނެއެވެ. ޓްރަސް އެއްގެ މަތީ ކޯޑާއި ތިރީ ކޯޑު ނުވަތަ މަތީ ފަތިގަނޑާއި ތިރީ ފަތިގަނޑު ފާޓު ހަމަކޮށް އޮތުމަކީ އޭގެ ނަން ބަދަލުވާ ސަބަބެއް ނޫނެވެ.

އިހުގެ ނައުފަހަރުގައި އަދި އޮޑިފަހަރުގައި ދެތިން ރިޔާ ނަގާއިރު، ދިރުނބާކޮޅުން ނަގާ ރިޔާ ވީހާވެސް ބޭރަށް ނެރުމަށް ދަނޑިއެއް އޮޑިމަތިން ނެރެއެވެ. މިދަނޑި ވަރަގަދަ ކުރުމަށް ބޭނުން ކުރަނީ ވެސް ޓްރަސް އެކޭ ބުނެވިދާނެއެވެ.

ފުރާޅު ހިޔާ ކުރުމަށް ލަކުޑި ޓްރަސް ބޭނުން ކުރަން ފެށީ 1200 އަހަރުން ފެށިގެންނެވެ. އޭގެ ކުރިން ފުރާޅުގެ މަތިވަޑާންގަނޑު ހަދާފައި ހުންނަ ގޮތުން އެއީ ޙަޤީޤީ ޓްރަސް އެއް ކަމަށް ނުބެލެވެއެވެ.  ޓްރަސްގެ ޝަރުޠުތަކަކަށް ނުފެތެއެވެ. މިޒަމާނުގައި އެންމެ ގިނަ ޓްރަސް ހަދަނީ ލަކުޑިން ގޭގޭގެ މަތިވަޑާންގަނޑު ހެދުމަށެވެ. ހަމައެކަނި ޓްރަސް ހަދާ ކުންފުނިތައް ހުރެއެވެ. ތިރީގައި އެވަނީ ލަކުޑި ޓްރަސް އެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން ޓްރަސްގެ މައްޗާއި ތިރި ހަމަހަމަ ވާކަށް ނުޖެހެެއެވެ. ތިރީގައި އެވާ ޓްރަސްތައް ވަނީ ޓިނު ނުވަތަ އީޓު ޖެހޭ ގޮތަށް ކަތިކޮށްފައެވެ.  (ދިވެހިރާއްޖޭގެ ގެތަކުގެ މަތިވަޑާންގަނޑު ކުރިން ހަދާފައި ހުންނަނީ ޓްރަސް ގެ ޝަރުޠުތަކަށް ފެތޭ ގޮތަކަށް ނޫނެވެ. މިވާހަކަ އަދި ބަޔާން ކުރާނަމެވެ.)

ރާއްޖޭގައި ޓްރަސް ބޭނުން ކުރަން ފެށުން

ރާއްޖޭގެ ގެދޮރު މީހުން ބިނާކުރާއިރު، 1950 ގެ އަހަރުތަކާ ހަމައަށް ޓްރަސް އެއް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ދަނޑިފަނުން ގެ އަޅާއިރު، ޓްރަސް އާ ވަރަށް ވައްތަރު ގޮތަކަށް ފައިދޮށްތައް އަޅައެވެ. އެހެން ނަމަވެސް ޓްރަސްގެ އަސާސީ ޝަރުޠުތަކެއް މި ގޮތަށް ހަދާފައި ހުންނަ މަތިވަޑާންގަނޑުން އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. އެއީ ޓްރަސް އެއް ނަމަ، މަތިން ކުރާ ބާރުން ދެ ފައިދޮށް ފޭވާނެތީ، ފޭވިޔަ ނުދިނުމަށް ތިރީގައި އަޅާ ރަހަ ދަނޑި  ނުވަތަ ބެރި އޮންނަން ޖެހޭނީ ދެފައިދޮށާ ގުޅުވާފައެވެ. އަދި މި ފަތިގަނޑު ހިފެހެއްޓެން ޖެހޭނީ، ދެ ފައިދޮށް ދުރުނުވާގޮތަށެވެ. ރާއްޖޭގައި އަޅާފައި ހުއްޓައި ފެނިފައިވަނީ ދެފައިދޮށް ދެ ފަރާތު ބިތު މަތީގައި އޮންނަ ވަކަރު ނުވަތަ ބެރި މަތީ ބާއްވާފައިވާ ތަނެވެ. ދެބިތް ދުރުވެދާނެތީ އަޅާ ވަކަރު ނުވަތަ ބެރި ތަޅުއިއްޔަކުން ފަދަ ގޮތަކަށް ދުރުވުން ހިފަހައްޓާގޮތަށް ކަނޑާ ފައްތާފައި ހުއްޓާ ފެނިފައެއް ނުވެއެވެ. ތިރީގައި އެވަނީ މީގެ 200 ވަރަކަށް އަހަރު ކުރިން، ޓްރަސް މަސައްކަތް ކުރާ ގޮތް ދެތުމުން، ދެ ފައިދޮށަށް މިވަކަރު ގުޅުވާ ގޮތެވެ.

ރާއްޖޭގައި މަތިވަޑާންގަޑު ޓްރަސް އިން ހަދާފައިވާ އެންމެ ފުރަތަމަ ބިނާ އަކީ މާލޭގައި ހުންނަ ބަންޑާރަ މިސްކިތުގެ މަތިވަޑާންގަޑެވެ. މި މިިސްކިތަކީ ބުންބާ މީހުން ނަމާދުކުރަން އެމީހުން 1927 ގައި އެޅި މިސްކިތެކެވެ. މިސްކިތުގެ ނަމާދުކުރާ ބައިގައި ފުޅާމިނުގައި 60 ފޫޓު އަދި ފުންމިނުގައި 36 ފޫޓު ހުރެއެވެ. ނާޞިރުގެ ދައުރުގައި އެކި ބިނާތައް ކުރެވެމުން ދިޔައިރު، މިހާ ބޮޑު ޖާގައެއް ތަނބު ނުޖަހާ ހިޔާކޮށްފައިވާ ގޮތް ބެލުމަށް، މީހަކު ޝައުޤުވެރިވެގެން ފުރާޅު މައްޗަށް އަރާ އެތަން ހަދާފައި ހުރިގޮތް ބެލިއިރު، ފުރާޅު ހަދާފައިވަނީ ޓްރަސް އިން ކަމަށް ވެއެވެ. 36 ފޫޓު ދިގު ޓްރަހެވެ. މި މިސްކިތަކީ ބުންބާ މީހުން، އިންޑިޔާގެ ފަންނާނުން ލައްވައި ކުރަހައިގެން ގެނެސް ބިނާ ކުރި ތަނެކެވެ. އެ ދުވަސްވަރު އިންޑިއާއަކީ އިނގިރޭސީން ވެރިކަންކުރާ ތަނެކެވެ. ރާއްޖޭގެ މަސައްކަތްތެރިކަމެއް އެ މިސްކިތަކު ނެތެވެ. ދާދިފަހުން، ދިވެހި ވިޔަފާރިވެރިން އެތަނަށް ވަރަށް  ބޮޑު ބަދަލެއް ގެނެސްފައި ވެއެވެ.

މާލޭގެ ހެންވޭރުގައި ހުންނަ ސޯސަންގެއަކީ، 1940 ގެ އަހަރުތަކުގައި މަސައްކަތް ފެށި ތަނެކެވެ. މިތަނުގެ ޕްލޭން ފެނިފައިވާ މީހުންނަށް މިގެއަކީ މެހެމާނުން ތިބެން ހަދާފައިވާ ގެއެއްކަން ޔަޤީން ވާނެއެވެ. މިގޭގައި ކާރު ވައްދަން ހަދާފައިވާ ޕޯޓިކޯ އެއް އޮވެއެވެ. އެ ޕޯޓިކޯގެ މަތީގައިވާ ލަކުޑި ބެރިއެއް އަޅުގަނޑު ދުށީމެވެ. މިއީ ލަކުޑި ބެރިއެއްގެ އެއްފަރާތުގައި ދަގަނޑު ރޮޑު ހަރުކޮށްގެން ތިރިއަށް ލެނބުން ކުޑަކުރާ ގޮތަށް ހަދާފައިވާ ބެރިއެކެވެ. މި ދަގަނޑު ރޮޑު ހަރުކުރަން ބޭނުން ކޮށްފައިވާ ތިން ބުރެކެޓް ހަދާފައިވާ ގޮތުން އެ ތަކެއްޗަކީ އެކަމަށް ތައްޔާރުކޮށްފައިވާ، ބޭރުން ގެނެސްފައިވާ ތަކެތި ކަން އެނގެއެވެ. ތިރީގައި އެވަނީ އެ ބެރީގެ ކުރެހުމެކެވެ. ދެކޮޅު ނަޓުޖަހައިގެން ބާރުކޮށްފައި ވެއެވެ. މިއީ ވެސް ބާވަތެއްގެ ޓްރަސް އެކެވެ.

1950 ގެ އަހަރުތަކުގައި، ކަރަންޓު މާލެއަށް ޢާއްމުވުމާ ގުޅިގެން ވެލްޑިން ކުރާ ސާމާނު ލިބި، ދަގަނޑު ޓްރަސް ހަދަން ފެށުނެވެ. މިއީ ތަޖުރިބާގެ މަގުން ދަސްކޮށް ކުރި ކަންތަކެވެ. ފަހެ، އޭރު ރާއްޖޭގައި ހިސާބުން ޓްރަސްގެ އެކި ބައިތަކަށް ކުރާ ބާރު އެނގިގެން ޓްރަސް ހަދަން އެނގޭނޭ މީހަކު ހުންނާނޭ ކަމަށް އަޅުގަނޑަށް ލަފައެއް ނުކުރެވެއެވެ.  މިފަދަ ފަންނީ މީހުން ރާއްޖޭގައި އުފެދުނީ 1980 ގެ އަހަރު ތަކުގައެވެ.

ރާއްޖޭގެ އެންމެ ގިނަމީހުންނަށް އެންމެ ޢާއްމުކޮށް ފެނިފައިވާ ޓްރަސް އަކަށް ވާނީ ބައިސްކަލުގެ މައިގަނޑެވެ. މިއީ ވަރަށް ކުރު ނަމަވެސް ޓްރަސް އެކެވެ. ޓްރަސްގެ އެއްކޮޅު ހުންގާނު ހަރުކުރަން ބުރިކޮށްލާފައިވާތީ، މައިގަނޑު އެންމެ ފަސޭހައިން ބިނދޭނީ މިދިމާލުންނެވެ.

ޓްރަސް ގެ ބާވަތްތައް

ތަފާތު ބާވަތްތަކުގެ ޓްރަސް ހުރެއެވެ. މިއިން ކޮންމެ ބާވަތަކަށް ކިޔާ ނަމެއް ވެސް އޮވެއެވެ. ގިނަ ނަންނަން ކިޔާފައިވަނީ އެބާވަތެއްގެ މޮޅުކަން ބަޔާން ކުރި މީހާއަށް ނިސްބަތްކޮށް ނުވަތަ ސިފައަށް ބަލާފައެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ ”ވޮރަން ޓްރަސް“ އޭ ކިޔާ ބާވަތެވެ. އެއީ އެ ހަދަން އަގުހެޔޮ ކަމުންނެވެ. ނަމަވެސް އަގުހެޔޮ ކަމާއި އެކު އެއިން ހިފޭ ބަރު ވެސް ކުޑައެވެ. ތިރީގައި އެވަނީ އެކި ބާވަތުގެ ޓްރަސް އާއި އޭގެ ނަންތަކެވެ. އަދި އެއާ ޖެހިގެން ވަނީ، ލަކުޑި ޓްރަސް ގެ ބާވަތްތަކެވެ.

wooden trusses

ޓްރަސްގެ ފަތިތައް ގުޅުވުން

ޓްރަސްގެ މަތީ ފަތިގަނޑާއި ތިރީފަތިގަނޑާއި ދެމެދުގައިވާ ޖާގައަށް ކިޔަނީ ”ވެބް“ ކަން ކުރިން ބަޔާން ކުރެވިއްޖެއެވެ. ވެބްގައިވާ ޖާގަ، އެކި ޓްރަސްގައި އެކި ގޮތަށް ބުރިވަރުތަކަކުން ފުރާފައި ވެއެވެ. މިގޮތަށް ފުރާއިރު، ބައެއް ފަހަރު ޖޮއިންޓަކާ ދެތިން ހަތަރު ބުރިވަރު ގުޅަން ޖެހެއެވެ. ހުރިހާ ބުރިވަރުތަކެއް މެދު ދިމާވާ ގޮތަށް ވަރުގަދަކޮށް ގުޅާނީ ކިހިނަކުން ހެއްޔެވެ؟

މިފަދަ މައްސަލައެއް ހެދުން ފަހާއިރު ދިމާވެއެވެ. ޚާއްޞަކޮށް ދެތިން ހަތަރު ފަތި ދިމާވާނަމަ އެވެ. ދިވެހި ލިބާހުގައި މިގޮތް މެދުވެރިވަނީ ކިހިލިފަތްދޮށް ފަހާއިރުއެވެ. ނުވަތަ ހަރުވާޅުފަހާއިރުއެވެ. ދެތިން ފަތި ބައްދަލުވާތަން ވަރަށް ބަލިވާނެެއެވެ. މި ޙާލަތުގައި، ހަދާގޮތަކީ ހަތަރެސްކަން ފޮތިކޮޅެއް ހުރިހާ ފަތިތަކެއް ދިމާވާތަނަށް ލަނީއެވެ. މިފޮތިކޮޅަށް ކިޔަނީ ”ކައް“ އެވެ. ކައް މި ލަފުޒުގެ މާނައަކީ ދިވެހިލިބާހާއި ޕިޖާމާ ފަހާއިރު ކިހިލިފަތްދަށަށްވާ ދިމާގައި އަރިޔާއި އަތާ ގުޅުވައިފައި އޮންނަ ހަތަރެސްކަން ފޮތިކޮޅެކެވެ. އިނގިރޭސި ބަހުން މި ފޮތިކޮޅަށް ކިޔަނީ ”ގަސެޓް“ އެވެ. މާނަ އެކައްޗެކެވެ.

ޓްރަސް އެއްގެ ކޮންމެ މެންބަރެއްގެ ސީދާ މެދު ކޯޑުގެ މެދާ ދިމާވާ ގޮތަށް މެންބަރުތައް ގުޅުވުމަށް ލަކުޑި ނުވަތަ ދަގަނޑު ތިނެސްކަން ނުވަތަ އެއަށް ވުރެ ގިނަ ކަންލީ ފިލާކޮޅެއް ޓްރަސް ހަދާއިރު ބޭނުން ކުރެއެވެ. މި ފިލާކޮޅަށް ކިޔަނީ ގަސެޓް ޕްލޭޓް އެވެ.  ލަކުޑި ނުވަތަ ވަރުގަދަ ޓްރަސް ހަދާއިރު ގުޅުވުން ރަނގަޅު ކުރުމަށް، ގަސެޓް ކޮންމެހެން ބޭނުން ވާނެެއެވެ.

ޓްރަސްގެ ދިގުމިނާއި ފުންމިން

ޓްރަހެއްގެ ދިގުމިނާއި ފުންމިނާ ގުޅުމެއް ހުރެއެވެ. ފުންމިނަކީ، ޓްރަހެއްގެ މަތިން ތިރިއަށް ހުންނަ ދިގުމިނެވެ. ފާޓުހަމަ ނުވަތަ ޕެރެލަލް ޓްރަހެއް ހަދާނަމަ، ޚަރަދު ކުޑަކޮށް އެ ހެދެނީ ފުންމިނުގެ 10 ނުވަތަ 15 ގުނައާ ހަމައަށް ދިގުކޮށެވެ. އެހެން ލަފުޒުތަކަކުން ބުނާނަމަ، އެއް ފޫޓު ފުންމިން ހުރި ޓްރަހެއް 10 ފޫޓާއި 15 ފޫޓާ ދެމެދުގެ ޢަދަދަކަށް ވުރެ ދިގެއް ނުކުރެވޭނެއެވެ. މިއަށް ވުރެ ދިގުކުރާނަމަ، ޓްރަސްތައް ޖެހޭނީ ކައިރިކައިރީގައި އަތުރާށެވެ. ޓްރަސްގެ ވަރުގަދަކަން އޭގެ ބާވަތުންނާއި ހަދާފައިވާ ދަގަނޑުގެ ބާވަތުން ތަފާތު ވާނެއެވެ.

ވިސްނާލުމުން އެނގޭނޭ ފަދައިން، ޓްރަހަކުން ހިފަންޖެހޭ ބަރު ކުޑަވި ވަރަކަށް މަތީގައި ބުނެވުނު މިންވަރަށް ވުރެ ދިގުކުރެވޭނެއެވެ. ޓްރަސްތައް ކައިރިވުމުން، ކޮންމެ ޓްރަހަކުން އުފުލަން ޖެހޭ ބަރު ކުޑަވާނެއެވެ. މީގެ މިސާލަކީ ދެމީހަކު ހަނޑޫ ބަސްތާއެއް އުފުއްލުމާއި 4 މީހުން އެ ހަނޑޫ ބަސްތާ އުފުއްލުމުން، ކޮންމެ މީހަކު އުފުލާ ބަރު ކުޑަވާ ކުޑަވުމެވެ. ބައެއް ކަންކަމާ ގުޅިގެން ފުންމިނުގެ 20 ގުނައާއި 30 ގުނައަށް ޓްރަސް ދިގުކުރެއެވެ. ނަމަވެސް މިފަދަ ޚާލަތުގައި ޓްރަސްތައް ކައިރިވުމާއި ގަދަކުރަންޖެހޭ ވަރުން، ޚަރަދު ކުޑައެއް ނުވެއެވެ.

މަތީގައި ބަޔާން ކުރެވުނު ހަމަތައް ކޮންކްރީޓް ބެރިއަށް ވެސް ސީދާ ވެގެން ވެއެވެ. ނަމަވެސް، އާދައިގެ ކޮންކްރީޓަކުން ބެރިއެއްގެ ފުންމިނުގެ 30 ގުނައަކަށް ބެރި ދިގެއް ނުކުރެވޭނެއެވެ. ކޮންކްރީޓް ބެރިތައް ހަދަނީ ޢާއްމުކޮށް ފުންމިނުގެ 10 ގުނައާއި 15 ގުނައިގެ ދިގުމިނަށެވެ.

ދުނިޔޭގައި ގެންގުޅޭ އެންމެ ލުއި އެންމެ ތުނި އަދި އެންމެ ވަރުގަދަ ޓްރަސް ހުންނަނީ މަތިންދާބޯޓުގެ ފިޔައިގެ އެތެރޭގައެވެ. މުޅި މަތިންދާބޯޓަށް އަރާ އެންމެންނާއި ތަކެތީގެ ބަރު ހިފަހައްޓަނީ މި ޓްރަހުންނެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ދެ ޓްރަސް

މުޅި ދުނިޔެއަށް މަޝްހޫރު ދެ ޓްރަހެއް ވެއެވެ. އެއް ޓްރަހަކީ ފަރަންސޭސި ވިލާތުގެ ޕެރިހުގައި ހުންނަ ”އައިފްލް ޓަވަރ“ ކިޔާ އުސްމިނުގައި 984 ފޫޓު ހުންނަ ދަގަނޑު ބުރުޖެކެވެ. މި އުސް މުންނާރު ފަދަ ތަން ހަދާފައިވަނީ ޓްރަހުންނެވެ. މިތަނުގެ އެތެރޭގައިވާ ވައިގެ ބަރުދަން، އެތަން ހަދާފައިވާ ދަގަނޑަށް ވުރެ ބަރެވެ. އަޅުގަނޑު އެތަނުގެ މައްޗަށް އެރީމެވެ. މުޅި ޓްރަސް ހަދާފައިވަނީ ފަތާ ދަގަނޑު ފަތިންނެވެ.

ދެވަނައަށް އެންމެ މަޝްހޫރު ޓްރަހަކީ، އެމެރިކާގައި ހުންނަ ވާރލްޑް ޓްރޭޑް ސެންޓަރ ކިޔާ އުސް ދެ ޢިމާރާތެއްގެ ތަޅުންއެޅުމަށްބޭނުން ކޮށްފައިވާ ޓްރަހެވެ. މިއީ އެއް އިރެއްގައި ދުނިޔޭގައި ހުރި އެންމެ އުސް ދެ ޢިމާރާތެވެ. މި ޢިމާރާތްވަނީ މިހާރު ގޮއްވާލާފައެވެ. ޓްރަސް މަޝްހޫރުވާ ސަބަބަކީ، ޢިމާރާތް ގޮއްވާލީ އެމެރިކާގެ ސަރުކާރުގެ ފޮރުވިފައިވާ ފަރާތަކުންކަމަށް ނުވަތަ ޢަލްޤަޢިދާ ކިޔާ ޖަމާޢަތަކުން ކަމަށް ކުރެވޭ ތުހުމަތުތަކުގައި އެއްބަޔަކު ނެރޭ ހެއްކަކަށް ޓްރަސް ވާކަމެވެ. ކޮންމެއަކަސް ތިރީގައި އެވަނީ އެ ޓްރަސްގެ ކުރެހުމެކެވެ. ދިގުމިނުގައި ގާތްގަޑަކަށް 60 ފޫޓު ހުރެއެވެ. ޓްރަސްތައް އަތުރާފައިވާނީ ދެމެދު 6 ފޫޓު 8 އިންޗި ހުންނަ ދުރުމިނުގައެވެ. ކުރެހުމުން ފާހަގަ ކުރެވޭނޭ ފަދައިން، ޓްރަސްގެ މަތީކޯޑުގެ މަތީ ކައިރިން ތިރީކޯޑުގެ ތިރިއަށް 29 އިންޗި ހުރެއެވެ. އެހެންކަމުން ފުންމިނުގެ 24،  ދިގުމިނުގައި ހުރެއެވެ. މިއީ ވޮރަން ޓްރަހެކެވެ. ތިރިއާއި މަތި ހަދާފައިވަނީ  ″3×″2 އިންޗީގެ އެންގަލް ދަގަނޑުންނެވެ.  މެދު ފުރާފައިވަނީ އެއް އިންޗީގެ ކޮންކްރީޓް ދަގަނޑުންނެވެ. މި ދަގަނޑު ލާފައިވަނީ ދެ އެންގަލް ދެފަރާތުން ޖައްސައެވެ. ޓްރަސްގެ މަތީގައި ވަނީ ބޯޓިނެއް އަޅައި، އޭގެ މައްޗަށް ހަތަރު އިންޗީގެ ލުއި ކޮންކްރީޓެއް އަޅާފައެވެ. ތިރީގައިވާ ކުރެހުމުން މި ޓްރަސް ހަދާފައިވާ ގޮތް ފާހަގަ ކުރެވޭނެއެވެ. މިފަދަ ޓްރަސްތައް ބޭނުންކޮށްގެން  200 ފޫޓު ދިގު 60 ފޫޓު ފުޅާ ތަނެއްގައި ތަޅުން އަޅާފައި ވެއެވެ. މި ޢިމާރާތަކީ އޮފީސް ހިންގާ ޢިމާރާތެކެވެ.

ސްޕޭސް ފްރޭމް

ކުރިން ބަޔާން ކުރެވުނު ފަދައިން، ދެ ތަނބު ދޭތެރެ ދިގު ނަމަ، ޓްރަސް ފުންވާން ޖެހޭނެއެވެ. ތިލަކޮށް ޓްރަސް ހަދާނަމަ، ކޮންމެ ޓްރަސް އަކުން ހިފަންޖެހޭ ބަރު ކުޑަކުރުމަށްޓަކައި، ގާތްގާތުގައި ޓްރަސްތައް އަޅަން ޖެހޭނެއެވެ. މިގޮތަށް ޓްރަސް އަޅާއިރު، ޓްރަސް އެނބުރިދާނެތީ، ދޭތެރެ ދޭތެރެއިން ހުރަހަށް ވެސް ޓްރަސްއަޅައެވެ. ދެ ތަނބު ދެމެދު ދުރުވިވަރަކަށް ޓްރަސްތައް ގާތްވަމުންގޮސް، އަހުރެމެންގެ ޚިޔާލަށް ގެނެވޭނީ ގޮޅިތަކެއް ފަދައިން ޓްރަސްތައް ވާތަނެވެ. މިގޮތަށް ދިގު ޓްރަސްތަކާއި ހުރަސް ޓްރަސްތައް ގާތްވުމުން އުފެދޭ ބޮޑު ޓްރަސް އަށް ކިޔަނީ ”ސްޕޭސް ފްރޭމް“ އެވެ. ތިރީގައި އެވަނީ ސްޕޭސް ފްރޭމް އެކެވެ.

ކުރެހުމުން ފާހަގަކުރެވޭނޭ ފަދައިން، މައިގަނޑު ގޮތެއްގައި މިއީ ހަތަރެސްކަން ގޮޅިޖެހި ދެ ބޮޑު ދައު ގަނޑެވެ. އެއް ދައުގަނޑުގެ ޖޮއިންޓް އަނެއް ދައުގަނޑުގެ ގޮޅީގެ މެދާ ދިމާވާ ގޮތަށް މަތީގައި ބާއްވައި، ޖޮއިންޓުން އެންމެ ގާތު ކަންތަކަށް ހަތަރު ކަތި އަޅާފައި ވެއެވެ. މާލޭގައި ޓްރަސް ފްރޭމް އެންމެ ފަސޭހައިން ފެންނާނީ ”ދިވެހިރާއްޖޭގެ އަޑު“ގައި އޮންނަ އެޓްރިއަމްގެ މަތިންނާއި، މޯލްޑިވްސް ޕޮލީޓެކްނިކްގެ އެޓްރިއަމްގެ މަތިންނެވެ. އެޓްރިއަމް ކިޔަނީ ޢިމާރާތަކާއި ގުޅިފައިވާ އަލިވަންނަ ހުސްޖާގައަކަށެވެ. ސްޕޭސް ފްރޭމް އަކީ ވަރަށް ބޮޑެތި ޖާގަތައް ތަނބެއް ނެތި ހިޔާ ކުރެވޭ ނިޒާމެކެވެ. މިގޮތުން 200 ފޫޓު ދިގު 200 ފޫޓު ފުޅާތަނެއްވެސް، އަރިމަތީގައި ތަނބުޖަހައިގެން ހިޔާކޮށްފައި ހުންނަ އިރު، ޓްރަސްގެ ފުންމިނުގައި ދެ މީޓަރުވެސް ނުހުންނާނެއެވެ. ސްޕޭސް ފްރޭމް ހަދަނީ ހޮޅި ފިއްތައިގެން ބޯލްޓުން ނުވަތަ ބޯޅައަކުން ގުޅުވައިގެންނެވެ. ކަތިކޮށް، ގުދުކޮށް، ވަށްކޮށް ނުވަތަ އެހެންވެސް ގޮތްގޮތަށް އޮރިކޮށް ސްޕޭސް ފްރޭމް ހަދައެވެ.

ޓްރަސް ފަރުމާ ކުރުން

އެކި ކަންކަމަށް ބޭނުން ކުރަނީ އެކި ބާވަތުގެ ޓްރަސް އެވެ. ކުރިން ބަޔާން ކުރިހެން ވޮރަން ޓްރަހަކީ އެންމެ ބަލި ޓްރަހެވެ. ނަމަވެސް އެންމެ އަގުހެޔޮވާނީ މިވައްތަރެވެ. ޓްރަސް ގަދަކުރުމަށް މަތިން ތިރިއަށް ތެދު ބުރިވަރުތައް ހުންނަން ޖެހޭނެއެވެ. ޓްރަހެއް ފަރުމާކުރަން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ، ޓްރަހުން އުފުލަންޖެހޭ ހުރިހާ ބަރެއް އަންދާޒާ ކުރުމެވެ. މިގޮތުން ޓްރަސްގެ އަމިއްލަބަރާއި ޓްރަސްގެ މައްޗަށް ތަކެތި އެރުވުމުން ކުރާނޭ ބަރާއި ވަޔާއި ވާރެއިން ކުރާ ބަރު ހިމެނެއެވެ.

ޓްރަސް ހެދުމަށް ކޮންކްރީޓް ކުރާ ދަގަނޑާއި، ހޮޅިއާއި އޭންގަލް ފައްޗާއި ހަތަރެސްކަން ހޮޅި ބޭނުން ކުރެއެވެ. ކޮންކްރީޓް ދަގަނޑު ފަސޭހައިން ލެނބޭތީ މިބާވަތް ބޭނުން ކުރުން މަދެވެ. ތުތިޔާޖެހި ހޮޅީގައި ދަބަރު ނުޖަހާނެތީ ރާއްޖޭގެ ގިނަ ޓްރަސް ހަދަނީ މިބާވަތުންނެވެ. ނަމަވެސް، މިބާވަތުން ޓްރަސް ހަދާއިރު، ހޮޅިތައް ގުޅުވުމަށާއި ހޮޅީގެ ބޯމިނަށް ވަރަށް ސަމާލުކަން ދޭން ޖެހެއެވެ. އެއް ސައިޒެއްގެ ތިން ބޯމިނެއްގެ ހޮޅި ވިއްކަން ހުރެއެވެ.

އެންގަލް ފަތިން ޓްރަސް ހަދާއިރު އޭގެ ބާރު އެންމެ ގަދަ ތަނަކީ ސީދާ މެދުކަމަށް ނުވާތީ، ބަރު ހިފުމުން  ޓްރަސް ފެލޭ ބާރެއް އަރާނެއެވެ. އެހެންކަމުން، މިބާވަތުން ބޮޑެތި ޓްރަސް ހަދަނީ މެދަށް ގަސެޓްލައި، ދެފަރާތަށް ފަތިލައިގެންނެވެ. މިއީ ވަރަށް ވަރުގަދަ ގޮތެކެވެ. ތިނަދޫ ކެމްޕަސްގައިވާ 40 ފޫޓު ފުޅާމިނުގެ ހޯލެއްގެ ފުރާޅު ހަދާފައިވަނީ މިބާވަތުގެ ޓްރަސް އިންނެވެ. އަދި، ކަލާފާނު ސްކޫލްގެ ހޯލްވެސް ހަދާފައިވަނީ ހަމަ މިބާވަތުގެ ޓްރަސް އިންނެވެ. އަހުރެން މި ބުނި ގޮތް ތިރީގައިވާ ކުރެހުމުން ސާފުވާނެއެވެ. މިއީ ވާރލްޑް ޓްރޭޑް ސެންޓަރާއި ތިނަދޫ ކެމްޕަހުގެ ޓްރަސް ވެސް ހަދާފައިވާ ގޮތެވެ.   މިދެހޯލުގައި ވެސް ޓްރަސްތައްވަނީ ބާރަވަރަކަށް ފޫޓުން އަތުރާފައެވެ.

ހޮޅި ގުޅުވާއިރު، އެގުޅޭތަން ރަނގަޅަށް ގުޅުވުމަކީ ފަސޭހަކަމެއް ނޫނެވެ. މިއާއިއެކު އެކަން ކުރެވިފައިވާ ކަން ޔަޤީންކަމާއި އެކު ބަލަން ދައްޗެވެ. މި ސަބަބާ ހެދި، އެންގަލް ފަތިން ޓްރަސް ހެދުމުގެ ފަސޭހަތަކެއް ވެއެވެ. ދަބަރު ޖަހާފާނެތީ، ދަވާދުލާން ޖެހޭނެއެވެ. ބޮޑެތި ބަރު ހިފާ ޓްރަސް ހަދަނީ ހަތަރެސްކަން ހޮޅިންނެވެ. މިސާލެއްގެ ގޮތުން، ގަމު އެއާޕޯޓު ޢިމާރާތް ހެދުމަށް ހަތަރެސްކަން ހޮޅި ބޭނުން ކޮށްފައި ވެއެވެ. ބޭރުގެ ބޮޑެތި ފާލަންތައް ހަދާފައި ހުންނަނީވެސް ހަތަރެސްކަށް ހޮޅިންނެވެ. ގުޅުވަން ފަސޭހަ ވެފައި ވަރުގަދަ ވާނެއެވެ.

ޓްރަސްއެއް ހެދުމަށް، ދެ ތަނބު ދެމެދުގައިވާ ދިގުމިނާއި، ޓްރަސް އިން ހިފަންޖެހޭ ބަރުދަނަށް ބަލައި، ވަކި ބާވަތެއްގެ ޓްރަސްއެއް ޚިޔާރުކޮށް، ލިބެންހުރި ދަގަނޑު ނުވަތަ ލަކުޑީގެ ބާވަތަށް ބަލައި، ޓްރަސް ކުރަހައި، އޭގެ އެކި ބައިތަކަށް ކުރާ ބާރު ބަލައެވެ. ދެން މިގޮތުން، ބާރުގެ ބޮޑުކުޑަމިން އެނގެނިކޮށް ބޭނުން ކުރަންވީ ދަގަނޑުގެ ނުވަތަ ލަކުޑީގެ ފަލަމިން އޮޅުން ފިލައެވެ. މި ހިސާބުކުރުމަށް ތިން ގޮތެއް ބޭނުން ކުރެއެވެ. އެއްގޮތަކީ، ކޮންމެ  ޖޮއިންޓަކަށް ކުރާ ބާރުތައް ބަލައިގެން، ސާނަވީ ސްކޫލްގައި ކިޔަވައިދޭ ފަދަ ”ސިމަލްޓޭނިއަސް އީކްއޭޝަން“ ތަކެއް ލިޔެ ބާރުތައް ބެލުމެވެ. މިއީ ކިޔައިދޭން އެންމެ ފަސޭހަ ގޮތެވެ. ދެވަނަ ގޮތަކީ ޓްރަސް އެކި  ސެކްޝަންތަކަށް ބަހައިގެން އެކި ތަންތަނަށް ކުރާ ބާރު ބެލުމެވެ. ތިންވަނަ ގޮތަކީ ”ފައިނައިޓް އެލިމަންޓް އެނެލީސިސް“ ކިޔާ ތަންކޮޅެއް އުނދަގޫ ގޮތެކެވެ. މި މަޒުމޫނު ލިޔެފައިވަނީ ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް ކަމަށްވާތީ، ތަފްޞީލުތައް ކުޑަކުރަމެވެ. މި ޒަމާނުގައި، އަތުން މި ކަވި ހިސާބުތައް ހަދާނޭ ހެނެއް ހިއެއް ނުވެއެވެ. ހިސާބުތައް ވަގުތުން ފަސޭހަ ކަމާއި އެކު ކުރެވޭ ކޮމްޕިއުޓަރ ޕްރޮގްރާމް ހުރެއެވެ. އެންމެ މަޝްހޫރީ STAAD.Pro ކިޔާ ޕްރޮގްރާމެކެވެ. ޓްރަސް ހިސާބުކުރުމަށް ހިލޭ ލިބޭ އަދި އޮންލައިން ޕްރޮގްރާމްތައް ވެސް ހުރެއެވެ. މީގެ އިތުރަށް، ކުރިން މިހިސާބުތައް ކޮށް، އެކި ފުޅާމިނަށް އެކި ބާވަތުގެ ދަގަނޑުން ހަދާފައި ހުންނަ ޓްރަސް، ކުރެހުންތަކާއި އެކު ލިބެން ހުރެއެވެ. މިއީ ހިލޭ ލިބޭނޭ އެފަދަ ކުރެހުން ސެޓެކެވެ. ޓްރަސް ހެދުމުގައި ވިސްނަންޖެހޭ ކަންތައްތައް ފަސޭހައިން އޮޅުން ފިލާގޮތަށް ލިޔެ، ފުރާޅު ލުމަށް ޔަޤީން ޓްރަސްތައް މި ކުރެހުންތަކުގައި ހިމަނާފައި ވެއެވެ.

ނިންމާލުން

ތިރީގައި އެވަނީ 2017 ވަނަ އަހަރު މާލޭގެ ހެންވޭރު އިރުމަތީ ފަރާތުގައިވާ ހަރުފަތް ބަރިއެއްގެ މަތި ހިޔާ ކުރުމަށް ހަދާފައިވާ އޮނިގަނޑެކެވެ. ފުރާޅުގައި ޖަހާފައިވަނީ ޕްލާސްޓިކެވެ. ދެފަށް ނުވަތަ ތިންފަށްލީ ”މަލްޓިވޯލް“ ޕޮލީކާބަނޭޓް ޝީޓެވެ. އެއީ އެތެރެ ހުސްކޮށް ތުނި ފަށަލަތަކެއް ހުންނަ އަވިން ފުސްނުވާ ލުއި ފިލައެކެވެ. ތެދަށް ޖަހާފައިވާ ދެ ދަނޑި (މުޑި) ދެމެދުގައި ގާތްގަޑަކަށް 40 ފުޓޫ ހުރެއެވެ. ޓްރަސްގެ ފުންމިން އެއް ފޫޓެވެ. ދިގުމިން ފުންމިނުން ގެއްލީމާ ވާނީ 40 އެވެ. މި މިންވަރަށް ސްޕޭން : ޑެޕްތު ރޭޝިއޯ ހުންނަ ގޮތަށް ޓްރަސް ހަދާނަމަ، ޓްރަސް ތައް ގިނަ ކުރަން ޖެހޭނެއެވެ. ކުރިން ބަޔާންކުރި ފަދައިން، މި ރޭޝިއޯ 15 އަށް ވުރެ މައްޗަށް ގެންދެވޭނީ ވަރަށް ގާތްގާތުގައި ބަރު ހިފާ  ޓްރަސް އަޅައިގެންނެވެ. ނޫނީ ފޮޓޯއިން ފެންނަހެން ޓްރަސް ލަބާނެއެވެ. މިކަން ބޮޑަށް ފާހަގަ ކުރެވެނީ އެންމެ ހޫނު ގަދަވާއިރު މިތަން ހަދަން ބޭނުންކޮށްފައިވާ  އެލްމިނިއަމް ޓްރަސްތައް ވަރަށް ކުޑަކޮށް ދިގުވެ ވަރަށް ކުޑަކޮށް މަޑުވާން ފެށުމުންނެވެ.  ފުރާޅު ކިތަންމެ ލުއި ކަމުގައި ވިއަސް، މި ފުރާޅާ ދޭތެރޭ ބައެއް އިންޖިނޭރުން ނުތަނަވަސް ވާނެއެވެ. އެއީ ހޫރުވުުން ހިފެހެއްޓުމަށް ލަނބުރާނާއި ބުރަފަތި ކައްތިރި ޖަހާފައި (ކްރޮސް ބްރޭސިން ކޮށްފައި) ނެތުމުންނެވެ. ހާމަ ތަންތާނގައި މި ބާވަތުގެ ކަންތައްތައް ކުރާއިރު، ގަދަ ވައިގެ ސަބަބުންނާއި ވާރޭގެ ސަބަބުން ކުރާނޭ އަސަރުތަކަށް (އެންވައިރަމެންޓަލް ލޯޑު ނުވަތަ ތިމާވެށިން ކުރާ ބަރަށް) ވިސްނަން ވާނެއެވެ. އަދި ހަފުތާއެއް ވަންދެން ބަހައްޓާފައި ރޫޅާލާ އެއްޗަކާއި ދެތިން އަހަރު ބަހައްޓަން ހަދާ އެއްޗަކާއި ވެސް ފަރުމާކުރުމުގައި ތަފާތު ކުރަން ޖެހެއެވެ. ތެދަށް ހުންނަ ތަނބުތައް ބަޅުވުން (ބަކްލްވުން) ބިނާވެފައި އޮންނަނީ އޭގެ ދިގުމިން ބޮޑުވާ ނިސްބަތަކުން ނޫނެވެ. މިކަން ހިސާބުކުރަން ބޭނުން ކުރާ ”އޮއިލަރ“ ފޯމިއުލާގައި، ތަނބެއްގެ ދިގުމިން ދެގުނައަށް ދިގުކޮށްފިނަމަ، ތަނބެއް ބަޅުވާ ބަރުދަން، ހަތަރުގުނައަށް ކުޑަވާނެއެވެ.

މިހިސާބަށް މި މަޒުމޫނު ކިޔާލި ފަރާތްތަކަށް، ހއ.އަތޮޅު ފިހާރައިގެ ދެކުނުގައި ހަދަމުން ދިޔަތަނުގައިވާ ޓްރަސް ލެނބުނު ސަބަބު އޮޅުން ފިލާނެއެވެ. މި ޓްރަސްގެ މަތީގައި އެއް އިންޗީގެ ބޯ ޕްލައިވުޑް އާއި ދެ އިންޗި ބޯ ތަޅުމެއް ވެއެވެ. ވާތްފަރާތުގައިވާ އެޅިގަލުގެ ދިގުމިނުން ޓްރަސްގެ ދިގުމިން އަންދާޒާކުރާއިރު، ވިއްސަކަށް ފޫޓު ދެ ތަނބު ދެމެދުގައި ވެއެވެ. ބަރާ އެކަށީގެންވާ ވަރަށް ވުރެ ޓްރަސް މާ ތިލައެވެ. ޓްރަސްގެ ފުންމިނުގައި މަދުވެގެން ދޮޅު ފުޓޫ ހުންނަންވާނެއެވެ. ފުންމިނޭ މިބުނަނީ މަތީ ހޮޅީގެ މެދުން ތިރީ ހޮޅީގެ މެދަށެވެ. މިއާއި އެކު ޓްރަސްގެ ވެބް ފުރާފައިވާ ކަތިތައް މާ ދިގުކޮށެވެ. އެންމެ ރަނގަޅުވާނީ މަތީ އޭންގަލް ތޫނުވި ވަރަކަށެވެ. ތިނެސްކަނުގެ ފަތާކަން ކުޑަވީ ވަރަކަށެވެ. ދެން ފާހަގަކޮށްލާކަމަކީ ތިރީ ހޮޅީގެ ހިމަ ކަމެވެ. ލަފާ ކުރެވޭ ގޮތުން ޓްރަސްއިން ހިފަންޖެހޭ ބަރު ހިފުމަށް ތިން އިންޗީގެ ބޯ ހޮޅި ބޭނުން ކުރަން ވާނެއެވެ. ދެފަރާތުގައި ޖަހާފައިވާ މުޑިވެސް، މާ ހިމައެވެ. ފުރާޅު އެޅުމަށްފަހު، ޓްރަސް ހަރުކުރިނަމަ، މުޑި އެވަރަށް ކަތި ނުވީހެވެ. މިފަދަ ތަންތަނަށް ކޮންކްރީޓް މުޑި މާ ރަނގަޅުވާނެއެވެ. އަގުހެޔޮވެފައި ވަރުގަދަ ވާނެއެވެ. ކޮންމެ އަކަސް، އެ ޓްރަސް ފަހުން ވަނީ ވަށައިގެން ފިލާޖެހުމުން ފޮރުވިފައެވެ.

މި ޓްރަސް ވެސް ކުރަހާފައިވާނީ ކޮންމެވެސް އިންޖިނޭރެކެވެ. އެތައް މިލިއަން ރުފިޔާގެ ޢިމާރާތްތައް ކުރުމުގައި އަހުރެން އެތައް އަހަަރެއް ވަންދެން އުޅެފީމެވެ. އޮނިގަނޑުގެ ކުރެހުންތަކުން ބޮޑެތި ކުށްތައް ފާހަގަކުރެވިގެން ކުރެހި މީހުންނާ ސުވާލުކުރަމެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނަނީ ކުރެހުމަށް ކޮންޓްރެކްޓް ހޯދަނީ ދަށް އަގެއް ހުށަހަޅައިގެންކަމާއި، ގިނަ ވަގުތު ހިސާބުތައް ހެދުމަށް ދާނެތީ، ގައިމުވެސް ނުވެއްޓޭނޭ  ވަރަށް ތަޖުރިބާއިން ތަންތަން ފަރުމާ ކުރަނީ ކަމަށެވެ. މިގޮތަށް ކަންތައްތައް ކުރުމުން ޢިމާރާތުގެ ވެރިފަރާތަށް ބޮޑެތި ގެއްލުންތައް ވެއެވެ. އެއީ ބޭނުންނުވާ ވަރަށް ވުރެ ގަދަކޮށް ތަންތަން ހެދުމުން އިތުރަށްދާ ޚަރަދެވެ. އަނެއްކޮޅުން ވަރު ނުހިފަހައްޓާ މިންވަރަށް ތަނބުތަކާއި ބެރިތަކާއި ޓްރަސްތައް ބަލިވެގެން މައްސަލަ ޖެއްސުމުން ބައެއް މީހުން ރަނގަޅު ކުރެއެވެ. ބައެއް ފަހަރު، ތަނބުގެ ވަށައިގެން އަނެއްކާ ތަނބު އަޅައި، އަޅައިފައިވާ ބެރިން ބަރު ނުހިފަހައްޓާނޭ ކަން އެނގުމުން ތަޅާލައި  އަލުން އަޅައި މިފަދަ އެތައް ސަކަރާތެއް ގަންނަން ޖެހެއެވެ. އެއްވެސް ކަމެއް ފަރުވާތެރިކަމާއި އެކު ނުކުރާނަމަ، އެތައް ފަހަރަކު އެކަން ކުރަން ޖެހެއެވެ. މިއާއެކު އަހުރެންނަށް ފާހަގަ ކުރެވެނީ މިހާރު ބައެއް ސިވިލް އަދި ސްޓްރަކްޗަރަލް އެންޖިނިއަރިންގ ކޯސްތަކުގެ ފެންވަރު ވެއްޓި، އެ ކޯސްތަކަށް ވަންނަ ކުދިންނާއި ނުކުންނަ ކުދިންގެ ފެންވަރު ދަށްވެފައިވާ ކަމެވެ. މިއީ މުޅި ދުނިޔެއަށް އަންނަމުންދާ ބަދަލެކެވެ. އިނގިރޭސިބަހުން ކިޔަވައި ބެޗްލަރ، މާސްޓަރޒް އާއި ޕީ.އެޗް.ޑީ ހަދާފައިވާ އިނގިރޭސިބަހުން ކުށްނެތް ޕެރެގްރާފެއް ލިޔަން ނޭނގޭ އިންޖިނޭރުންނާ އެކު އަހުރެން މަސައްކަތް ކޮށްފީމެވެ. މިއީ ޢިލްމުވެރިކަން ދަށްވެ، ސަނަދުވެރިކަން އިތުރުވުމުންވާ ކަންކަމެވެ. ޢިލްމު ހޯދުމުގެ ބަދަލުގައި، ސަނަދު ހޯދުމަށް ކިޔެވުމުން ވާ ކަންކަމެވެ.