މި މަޒުމޫނުގައި ތިޔަބޭފުޅުންނަށް މި ހުށަހަޅަނީ، ސަރަހައްދަކުން ގޯތިދޭން އިންޖަހާއިރު ވިސްނަންޖެހޭ ކަންކަމާއި މަގުތަކުން ގޯތިތައް ބައިވާ ކޮށިތަކުގެ ވާހަކައެވެ. ވަކީން ޚާއްޞަކޮށް މި ފަދަ ކޮށިތައް ހުންނަން ޖެހޭ ބޮޑުމިނާއި ގޯތިދޭން ކޮށިތައްް ބައިކުރާއިރު ވިސްނަން ޖެހޭ ކަންކަމެވެ. މި ވާހަކަތަކުގެ ތެރެއަށް އަޅުގަނޑު އަމުނަމުން ގަތަމުންދާނީ، ކިޔުއްވާ ބޭފުޅުންނަށް ބޭނުންތެރި ތާރީޚީ މަޢުލޫމާތުތަކާއި ބޭނުންތެރި އުސޫލުތަކެވެ. މަޒުމޫނު ކިޔުއްވުމުން ތިޔަ ބޭފުޅުންގެ ފިކުރު ފުޅާވެގެންދާނެ ކަމާ މެދު ޝައްކެއް ނެތެވެ.

ރަށްތަކާއި ޝަހަރުތައް ބިނާކުރާ މީހުން، ސަރަޙައްދަކުން ގޯތިކަނޑަންވީ ގޮތަކީ، މަގުތަކުގެ ފުޅާމިނާއި ގޭބިސީގެ އޮލަކަމަކީ އެކަމާ މެދު ބިނާވެށީގެ ފަންނުވެރީން އެތައް ދިރާސާތަކެއް ކުރާ ކަމެކެވެ. މީގެ އަސާސީ ކަންކަން، ކޮންމެ މީހަކަށް ވެސް އެނގުމަކީ، ކަންކަމާ މެދު ފިކުރުކުރަން ފަހިވެ، ބުއްދި ފާގަތިވާނޭ ކަމަކެވެ. މިކަމުގެ ބައެއް މަޢުލޫމާތު ޢާއްމު ރައްޔިތުންނަށާއި ޚާއްޞަކޮށް  ރަށު ކައުންސިލްތަކުގެ މެންބަރުންނަށާއި  ކަމާގުޅޭ އެހެން މީހުންނަށް އެނގުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ބަސްތީ އުފެދުން


ރަށެއްގެ މީހުން އުޅޭ ހިސާބަށް ދިވެހިބަހުން ކިޔަނީ ބަސްތީ އެވެ. ބަސްތީނޫން ތަންތަނުގައި، ދިވެހިރާއްޖޭގެ ރަށްތަކުގައި ބޮޑަށް އޮންނަނީ ވަލެވެ. ބޯކޮށް ބޮޑެތި ގަސްހެދިފައިވާނަމަ މިފަދަ ތަންތަނަށް ޖަންގަލި ވެސް ކިޔައެވެ. މޫދާ ގާތް ހިސާބުތަކުގައި ގަސް މަދުވެފައި ވިނަ ހެދިފައި އޮވެދާނެއެވެ. އެއީ ވިނަ (ތޮނަ) ބިމެވެ. މިފަދައިން  ގަސް ހުރި ފަޅު ރަށެއް އާބާދުވާން ފަށަނީ އެއް އާއިލާ ނުވަތަ ދެތިން އާއިލާ އެ ރަށަށް އަރައި ގެދޮރު އަޅައި ރަށުގައި އުޅެން ފެށުމުންނެވެ. ގެދޮރު އެޅުމުގައި، މީހުންކޮޅު މަދުކަމާއެކު، މަގުތައް މުސްތަޤްބަލްގައި އޮންނާނޭގޮތަކަށް ނުވިސްނައެވެ. އެއް ގެއިން އަނެއް ގެއަށް ދާން ފަސޭހަވާ ގޮތަށް ގެތައް ހުންނަނީ ވަރަށް ގާތް ގާތުގައެވެ. ގިނަ މީހުން ވަޒަންވެރިވުމުން، މަގުތައް ހަދަން ވިސްނާއިރު، ގެތައް ހުންނަނީ އެއްވެސް ތަރުތީބެއް ނެތި ބިމަށް ”އުކާލެވި“ ފައެވެ. ދެން ހެދެން އޮތް އެންމެ ފަސޭހަ ގޮތަކަށް މަގު ހަދައެވެ.

މިއީ ދިވެހިރާއްޖޭގައި އެންމެ ގިނަ ރަށްރަށުގެ ބަސްތީ އޮންނަ ގޮތެވެ. މަގުތައް ތެދެއް ނުވާނެއެވެ. މަގުތައް އެހާމެ ހަނިވާނެއެވެ. މިސާލެއްގެ ގޮތުން ނައިފަރާއި ހިންނަވަރުގެ އެވޭލާ ބަސްތީއަށް ނަޒަރު ހިންގަވާލައްވާށެވެ. ބައެއް މަގުތަކުގައި ތިން ފޫޓު ހުރެއެވެ. އެއްގެއެއްގެ ބަދިގެއާއި ގެއާ ދެމެދުން މަގެއް އޮވެދާނެއެވެ. މި އޮތީ ސަން ނޫހުގައި މިކަމާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ.

ގޯތިތައް ގިނަވެ، މަގުތައް ހަދަން ޖެހުން.


ރަށެއްގެ ތަނަވަސްކަމުން ނުވަތަ ވަސީލަތްތަކުގެ ސަބަބުން އެ ރަށަކަށް ނުވަތަ ސަރަޙައްދަކަށް މީހުން ހިޖުރަކޮށް، ވަޒަންވެރިވެ މަގުތަކާއި ގޯތިތައް ގިނަވެއެވެ. ރަށެއްގެ ބަސްތީ ކޮންމެވެސް ހަމައަކުން ތަރުތީބުކުރަން ޖެހެއެވެ. އެއީ ދަތުރުފަތުރަށް ފަސޭހަވާ ގޮތަށާއި، ހިނގާބިނގާވުމަށް ފަސޭހައަކަށެވެ. މިގޮތަށް ގޯތިދޭ ތަންތަނާއި މަގުތައް ތަރުތީބުކުރާއިރު ވިސްނާ މައިގަނޑު ކަންކަމަކީ: (1) ހިނގާފައި ތަންތަނަށް ދެވޭގޮތަށް ވިސްނުމާއި، (2) އެކި ފެންވަރާއި އުމުރާއި ފަންތީގެ މީހުންނަށް ބައްދަލުވާގޮތަށް ގޯތިދިނުމަށާއި (3) ބައިސްކަލުގައި ތަންތަނަށް ދެވޭތް ހެދުމަށާއި (4) އެއްތަނަކަށް އެތައް މަގަކުން ދެވޭ ގޮތް ހެދުމަށާއި (5) ބޭކާރުވާގޮތަށް ބިން ދޫ ނުކުރުމަށާއި މިފަދަ ކަންކަމެވެ. ބިނާވެށި ތަރުތީބުކޮށް ރޭވުމުގެ ފަންނުވެރިއަކު، މިކަންކަމާ ބެހޭގޮތުން، ދެ މިލއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ވީޑިއޯ މިއޮތީއެވެ.

މާލޭގެ މަގުތައް، ފުރަތަމަ ޖުމްހޫރިއްޔާ އާ ދިމާކޮށް ރަނގަޅު ފެންވަރަކަށް ހެދިއެވެ. އެއީ ޢަބްދުލްމަޖީދު ފެއްޓެވި މަސައްކަތެކެވެ.  ނަމަވެސް، އެ ދައުރު ނިމި ނާޞިރު ދައުރުގައި، މާލޭގައި މަގުތައް ކުރިއަށް ވުރެ ގޯސްކޮށް ކެނޑިއެވެ. މި ދައުރުގައި ކުރިން މޫދަށް ފޫއަޅުވާފައި ހުންނަ މަގުތައް ބެދޭގޮތަށް ގޯތި ދިނުމާއި ފުޅާކޮށް ހުރި މަގުތައް ހަނިކުރުމާއި ހުސްކޮށް ހުރިތަންތަނުންނާއި ބޯޅަދަނޑުންނާއި މިސްކިތުން ގޯތިދިނެވެ. މައުމޫން ދައުރުގައި، އަލަށް ހިއްކިތަންތަނުން މަގުތަކާއި ގޯތި ދިންއިރު، ބިނާވެށި ފަރުމާކުރުމުގެ އެއްވެސްކަމަކަށް އަޅައިލުމެއް ހުރިހެން ހީނުވެގެން، މި ފަންނުގެ މީހަކު ރައީސް މައުމޫނަށް އަމީނީ މަގު ފުޅައުކުރުމަށް ސިޓީއެއް ލިޔުނު ވާހަކަ އަޅުގަނޑު އެހީމެވެ. ކޮންމެއަކަސް، މައުމޫން ދައުރުގައި، ގޯތީގެ %14 ހުހަށް ބޭއްވުމަށާއި ފަސްބުރިއަށްވުރެ މައްޗަށް ނުނެގުމަށާއި މިފަދަ ގަވާއިދުތަކެއް ހެދިއެވެ. މި ގަވާއިދުތައް އެ ދައުރުގައި ބަދަލުވަމުން ގޮސް މިހާރު އެއްވެސް މިންވަރެއް ހުސްކޮށް ބާއްވާކަށް ނުޖެހެއެވެ. އެންމެ ފަހުން ނިންމި ނިންމުމަކީ، ގޯޅިއެއްގެ ކަންމަތީގައި ހުންނަ ގެއެއްގެ މަތީބުރި، ވަޑިފަތިވާ ގޮތަށް މަތީބުރި ތަކުން މަގަށް ނެރެވޭނެކަމަށެވެ. ތިރީބައި ހުންނަންވާނީ އެކަމަކު ވަށްކޮށެވެ. މިފަދަ ފިކުރެއް ނެތި ބަދަލުކުރަމުންދާ ގަވާއިދުތަކުގެ ދަށުން ކުރާ ޢިމާރާތްތަކާހެދި މާލޭގެ ބައެއް މަގުތައް މެންދުރުގަޑީގައި ވެސް އޮންނަނީ އަނދިރިކޮށެވެ. ސީދާ އަތްވެއް ނުދެއެވެ. މަގުމަތިން ހިނގާފައިދާއިރު، އެކި ބާވަތުގެ ދިޔަތައް މަތީ ބާލްޚާނާތަކުން ބޮލަށް ފައިބަމުން ދެއެވެ. މާލެއަށް ވުރެ ބިނާވެށި ދެރަވަރު ވެރިކަން ކުރާ އެހެން ރަށެއް/ސިޓީއެއް އޮންނާނެބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

1960 އަހަރުތަކުގައި މާލެއަކީ ވަރަށް ފެހި ރަށެކެވެ. އަވީގައި ނުޖެހި އެއް ބިތުން އަނެއް ބިތަށް ދެވޭހާ ވަރަށް ގަސްތައް ހެދިފައި އޮވެއެވެ. މިހެން އޮއްވާ، 1970 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޒަކީގެ ޕްރައިމް މިނިސްޓަރު ކަމުގައި މާލޭގެ މަގަށް ގަސްތައް އޮތުން މަނާކުރެވި އޮފިތައް ކަނޑަށް ޖެހުނެވެ. މިގޮތަށް ކަނޑާލަން ޖެހުނު ގަސްތަކުގެ ތެރޭގައި ރައީސް ނާޞިރުގެ ގެކޮޅުގައި ހުރި އަނބުގަސްތަކެއްގެ އޮފިތައް ވެސް ހިމެނިގެން ދިޔައެވެ. މާލޭގެ މިސްކިތްތަކުންނާއި ބޯޅަދަނޑުންނާއި ހުސްކޮށް އޮތިއްޔާ އޮތް ތަނަކުން ގޯތި ދިނީ ޒަކީ ކަމަށް ބުނެވެއެވެ. ޕްރައިމް މިނިސްޓަރުގެ ޢަމަލުފުޅުތައް ހުރިގޮތުން ނާޞިރު އޭނާ މަޤާމުން ވަކިކުރައްވައި ފުވައްމުލަކަށް އަރުވާލެއްވިއެވެ. ޝަރީޢަތެއް ނުބާއްވައެވެ. އެއް އުރައެއްގައި ދެކަނޑިއަކަަށް ނޯވެވޭނެއެވެ.

ގޯތިކެނޑުމުގައި މާލޭގައި ކަންތައްތައް ވެފައިވާ ގޮތް


ރާއްޖޭގެ ގޮނޑުދޮށަށް ތަމައްދުން އާއި ތަހުޒީބުގެ ރާޅުތައް ފޯރާފައިވަނީ ވަރަށް ފަހުންނެވެ. އެހެންކަމުން، ގޯތި ދިނުމުގައި އެއްވެސް ހަމައެއް ލަމައެއް ނޯވެއެވެ. ދުއްވާ އެއްޗެތި ގިނަވެދާނެކަމަކަށް ފިކުރު ހިންގިފައެއް ނުވެއެވެ. ތިރީގައި އެވަނީ މާލޭގެ މަގުތަކުގެ ފޮޓޯއެކެވެ. ފާހަގަ ކުރެއްވޭނޭ ކަމަކީ ނޫކުލައިގެ ރޮނގުން ބޭރުގައިވާ ފަހުން ހިއްކި ހިސާބުނޫނީ ވަޑިފަތި ކަނެއް ހުރި އެއްވެސް ބުލޮކެއް ނުވަތަ ކޮއްޓެއް ނެތް ކަމެވެ. މިއާއެކު، މާލޭގެ ދިގަށް މަޖީދީ މަގާއި އަދި އިތުރު އެއް މަގު ނޫނީ މޫދުން މޫދަށް އޮތް މަގެއް ނެތް ކަމެވެ. އެއްވެސް ބޮޑު ހުރަސް މަގެއް ނެތެވެ. މާލޭގެ ރޭވުމަކީ ބިނާވެށި ފަރުމާކުރާ މީހުންނަށް ބިރުވެރި ހުވަފެނެކެވެ.

އަޅުގަނޑު ހައިރާންވާ އެއްކަމަކީ، ރާއްޖޭގައި ހިސާބު ޢިލްމުވެރީންނާއި މާލިމީން ތިބިއިރު، އެއްވެސް މީހަކު، މާލޭގެ މަގުތައް ތެދުކުރުމަށާއި ވަޑިފަތިކުރުމަށް ނުވިސްނި ކަމެވެ. މިއަކީ ޖައްވަށް ރޮކެޓު ފޮނުވަން ބޭނުންވާ ސައިންސް އެނގެން ޖެހޭ ކަމެއް ނޫނެވެ. ރޫމީން މީގެ 2000 އަހަރު ކުރިން ވެސް މަގުތައް ތެދަށް، ކަންތައް ވަޑިފަތިވާ ގޮތް ހެދިއެވެ. ނަމަވެސް، އަތޮޅުތެރޭގެ އެއްވެސް ރަށެއްގެ އެ ދުވަސްވަރުގެ ގޯއްޗެއް ވަޑިފައްޗެއް ނުވާނެއެވެ. މަގެއް ސީދަލެއް ނުވާނެއެވެ.

ރޫމީން މަގުތައް ތެދުކުރުމަށާއި ވަޑިފަތިކުރުމަށް ގެންގުޅުނީ ގުރޯމާ ކިޔާ އާލަތެކެވެ. މިއީ ވަޑިފަތި ކާލިގަނޑެކެވެ. ނުވަތަ ބުރަފައްޗެކެވެ. ކޮންމެ ކޮޅެއްގައި އޮލަނބެއް ހުރެއެވެ. ބުރަފަތި ހުންނަނީ ދަނޑިއެއްގެ ކުރީގައި އަތްގަނޑެއް ލައި ކޮޅުގައި ހަރުކޮށްފައެވެ. ކާލިގަނޑުގެ މެދުގައި ވެސް އޮލަނބެއް ހުރެއެވެ. މި އޮލަބު ކަނާ ދިމާކޮށް، އޮލަނބުގެ ދިގުފިޔައިގެ ދެ ރޮނދި ދިމާކޮށް ބެލުމުން ފެންނާނީ ތެދަށެވެ. މިއިން ބަލައި ކަޑަޖަހަންވީ ތަން ބުނެއެވެ. ދެން އަނެއް ބުރަފަތީގެ ދެ އޮލަނބު ދިމާކޮށް ބެލުމުން ޖަހާ ކަނޑަ ކުރިން ޖެހި ކަނޑައާ ވަޑިފަތި ފާނެއެވެ. ގުރޯމާ ބޭނުންކޮށްގެން މަގެއްގެ ސީދާ ކޮށްފިނަމަ، ކޮންމެ 1000 މީޓަރުން އޮލަނބުން ނައްޓާނީ ގިނަ ވެގެން މީޓަރެކެވެ. ކަންތައް ހުންނާނީ ވަޑިފަތިކޮށެވެ.

މިދެވެނީ މަޒުމޫނުގެ މައިގަނޑު ސުރުޚީ އާ ދުރަށެވެ. އާދެ! އަޅުގަނޑު މި ދަންނަވަން އުޅޭ އެއްޗަކީ، ސަރަޙައްދަކުން ގޯތި ކަނޑާއިރު އެކަން ކުރަންވީ ހަމަތަކެވެ. މިއީ ކަންކަމާ މެދު ފިކުރުކުރާ މީހުން، ފިކުރުމަދު ވަގުތު ވިސްނާލަން ރަނގަޅު މުހިއްމު ކަމެކެވެ.  

ރާއްޖޭގެ ރަށްތަކުގައި ކުރިން ގޯތި ކަނޑާގޮތަށް ހަމައެއް ލަމައެއް ނެތި ގޯތި ދިނުމުން މައްސަލައަކީ ކޮބައިތޯއެވެ؟ މައްސަލަ ގޮތުގައި ފާހަގަކުރާ ކަންކަމުގެ ތެރޭގައި ހިމެނެނީ ބަލައިލާންށާއި ދިރިއުޅޭން ހިތްގައިމު ނުވުމާއި، ގަސްފަނގާއި ޗަމަންތަކާއި ސާފުތާހިރުކަން ނެތުމާއި، ރައްކައުތެރިކަން ނެތުމާއި، ކުށްކުރުން ގިނަވުމާއި ހިނގުމަށް ދަތިވުމާއި، ތަޢުލީމާއި ޞިއްޙީ ފަރުވާދޭ ތަންތަނާއި މުނިފޫހީގެ މާލަންތަކާއި ފިހާރަތައް ދުރުގައި ހުރުން ފަދަ ކަންކަމެވެ. އެއް އިރެއްގައި، ފިހާރަތައް ދުރުގައި ބެހެއްޓުމަށް އެކަންކަމަށް ސަރަޙައްދު ނުވަތަ ޒޯން ކަނޑައެޅުނެވެ. ނަމަވެސް މިހާރުގެ ވިސްނުމަކީ، ވިޔަފާރި ސައިހޮޓާތަކާއި ފިހާރަތައް ގާތުގައި ހުރުމެވެ. މިކަންކަން ކުރެވޭނީ އެކަންކަން ކުރިއާލައި ރާވައިގެންނެވެ.

މަތީގައިވާ ފޮޓޯގައި އެވަނީ އަލުން އާބާދުވިއިރު ތިނަދޫ ފަރުމާކޮށްފައިވާ ގޮތެވެ. ރަށް ބައިކޮށްފައިވަނީ ގޮޅިތަކަކަށެވެ. ކޮށިތަކަކަށެވެ. އަކައަކަށެވެ. މިއިން ކޮންމެ ކޮއްޓެއްގެ ބިތެއްގައި ހުންނަނީ 200 ފޫޓެވެ. ކުރީ ޒަމާނުގައި ގޮޅިއެއް ހުންނަނީ 8 ބަޔަށް ބައިކޮށްފައެވެ. އެހެންކަމުން ގޯއްޗެއްގައި ހުންނާނީ 5000 އަކަ ފޫޓެވެ. މިހެން ހަދަނީ 200 ފޫޓުގެ ކޮށި މެދުން ދެބައިކޮށް، ކޮންމެ ބަޔަކުން މަގުމައްޗަށް 50 ފޫޓު ހުންނަގޮތަށް ގޯތި ހުރަހަށް ކަނޑައިގެންނެވެ. ތިނަދޫގެ މައްސަލައަކީ ކޮންމެ ގޮޅިއެއް ވަށައިގެން އޮންނަ މަގު ހަނިކަމުންނާއި ދިރިއުޅުމުގެ ޚިދުމަތްތަކަށް ބޭނުންވާ ޖާގަތަކަށް ތަން ކަނޑައެޅިފައި ނުވާތީއެވެ. ތިރީގައި އެވަނީ ތިމަރަފުއްޓެވެ. ގޯތިތައް ކަނޑައެޅުމުގައި އެއްވެސް ހަމައެއް ގެންގުޅެފައެއް ނުވެއެވެ. މަގުތަކެއް ސީދަލެއް، ކަންތަކެއް ވަޑިފައްޗެއް ނޫނެވެ.

ގޭބިސީގެ ބައިބޯކަން


އަޅުގަނޑު ދެން ދަންނަވާލަން މިއުޅެނީ ބޮޑުމިން ކަނޑައެޅިފައިވާ ކޮއްޓެއްގައި ނުވަތަ ސަރަޙައްދެއްގައި، ޖަމާޢަތެއް ނުވަތަ ވަކި އާއިލާއެއް ދިރިއުޅޭ ހިޔާވަހި ނުވަތަ ވާސަ ހުންނަ ޢަދަދުން އެ ކޮށި ނުވަތަ ސަރަޙައްދު ސިފަކުރުމަށް ފަންނުވެރީން ގެންގުޅޭ މިންގަނޑެއްގެ ވާހަކައެވެ. ވާސަ ދިވެހިބަހުން ކިޔަނީ ބަޔަކު ދިރިއުޅޭ ތަނަކަށެވެ. ހިޔާވައްސަކަށެވެ. މީގެ މާނައިގައި ފުލެޓާއި ވަކިން ހުންނަ ގެއާއި އެޕާޓްމަންޓް ފަދަ ޢިމާރާތެއްގައި ވަކި ބަޔަކު އުޅޭ ތަންތަން ހިމެނެއެވެ.

ސަރަޙައްދެއް ގޯތިދޭން ބައިކުރާއިރު، ހަތަރެސްކަން ކޮށިކޮއްޓަށް ނުވަތަ ގޮޅިގޮޅިއަށް ކޮންމެހެން ބައިކުރާކަށް ނުޖެހެއެވެ. ކުކުޅުބިސް ބުރަށް، ވަށްކޮށް ނުވަތަ އެހެންވެސް ސިފައަކަށް މި ދެންނެވި “އަކަ” ނުވަތަ ކޮށި ނުވަތަ ގޮޅި ހެދިދާނެއެވެ. ތިރީގައިވާ ކުރެހުމަށް ބައްލަވާށެވެ.

މި ކުރެހުމުން ފާހަގަކުރެއްވޭނީ، ސަރަޙައްދަކުން ގޯތިކެނޑުމަށް ކޮންމެހެން ހަތަރެސްކަން ކޮށިތަކެއް ބޭނުން ނުވާކަމެވެ. ހަތަރެސްކަން ނޫން ބައިބައިން ހަތަރެސްކަން ނޫން ގޯތިތައް ކެނޑިދާނެއެވެ. މަގުތައް ވެސް ކޮންމެހެން ސީދާވާކަށް ނުޖެހެއެވެ. މިއީ ރާއްޖޭގައި ކުރިން ގޯތިދިނުމާއި މަގުހެދިގޮތެވެ. ހަމައެކަނި ތަފާތަކީ، ރާއްޖޭގެ މަގުތައް އާދަޔާ ޚިލާފަށް ހަނިކަމެވެ. މި ބާވަތަށް ތަންތަން ހެދުމުން، ކޮންމެ ގެއަކަށް ނުވަތަ ތަނަކަށް ދިއުމަށް ސަވާރީއެއް ބޭނުންވާނެއެވެ. ނޫނީ ސަރަޙައްދު ވަރަށް ކުޑަވާން ޖެހޭނެއެވެ. ސަރަޙައްދެއްގެ ނިސްބަތުން އެ ސަރަޙައްދެއްގައި މީހުން އުޅޭލެއް މަދު ނަމަ، އެ ތަންތަން ސިފަކުރަނީ ބައިބޯކަން ކުޑަ ސަރަޙައްދެއްގެ ގޮތުގައެވެ. އިނގިރޭސި ބަހުން ކިޔަނީ ލޯ-ޑެންސިޓީ ހައުސިން އެވެ. low-density housing އެވެ. މި ކަލިމައިގެ ލަފުޒީ މާނައަކީ ސަރަޙައްދެއްގެ ނިސްބަތުން މަދު އެވެ. ޑެންސިޓީއަކީ، ސަރަޙައްދެއްގައި ނުވަތަ ކޮޑިއެއްގައި އެއްޗެއް ހުރި ނިސްބަތެވެ. އެއްޗެއްގެ ބައިބޯ ކަމެވެ. އިނގިރޭސި ބަހުން މިފަދަ ގެތައް ހުންނަ ސަރަޙައްދުތަކަށް suburb (ސަބާބު) ކިޔައެވެ. މި ލަފުޒު އުފައްދާފައިވަނީ ޝަހަރު ވަށައިގެން ބޮޑު ފާރު ހުރި ދުވަސްވަރު، ބޮޑު ފާރުން ބޭރުގައި ހުންނަ ގެތައް ސިފަކުރުމަށެވެ. މީގެ ލަފުޒީ މާނައަކީ ”ބޮޑުފާރުން ބޭރު“ އެވެ.

ސަރަޙައްދެއްގެ ޖާގައިގެ ނިސްބަތުން ގެދޮރު ނުވަތަ ގޭބިސީ ހުންނަ ބޯކަމަށް (ގިނަކަމަށް) ބަލައި ގެދޮރުތައް ތިން ބަޔަކަށް ފަންނުވެރީން ބައިކުރެއެވެ. އެއީ ދަށް ނުވަތަ މަދު ބޯމިނާއި، މެދު މިނާއި ގިނަ މިނެވެ. ކުރެހުމުގައި އެވަނީ އެ ބައިތަކެވެ.

ސަރަޙައްދެއްގައި ގެ ނުވަތަ ވާސަ ނުވަތަ ހިޔާވަހި ނުވަތަ ފުލެޓު ހުންނަ މިންވަރު ތިން ބަޔަށް ބެހުމުގައި ފަންނުވެރީންގެ މެދުގައި ޚިލާފު ހުރެއެވެ. ރާއްޖޭގައި ކުރިން ގޯތި ކަނޑައި އުޅުނީ ބިތެއްގައި 200 ފޫޓު ހުންނަ ކޮށީކަމުގައި ވިއަސް، 210 ކަމަށް ބުނެފައިވަނީ ބިތެއްގައި މި މިންވަރު ހުރުމުން އެއް އޭކަރު ހަމަވާނެތީއެވެ. އޭކަރަކީ މިފަދަ ހިސާބުތައް ހެދުމުގައި ބޭރު ޤައުމުތަކުގައި ބޭނުންކުރާ މިންވަރެކެވެ. އޭކަރު މި ލަފުޒު އައިސްފައިވަނީ، ކަރުކަސްތަޅު އަޅުވާފައިވާ ދެ ގެރިއަށް އެއްދުވަހުން ފަސްގަނޑު ޖެހޭ ދަނޑެއްގެ ބޮޑުމިނުންނެވެ. ބޭރު ޤައުމުތަކުގައި ގޭބިސީގެ ނިސްބަތުން ކޮއްޓެއްގައި ދިރިއުޅޭ ގޭބިސީގެ ބޯމިން ބަލަނީ ކޮށީގެ ބޮޑުމިނަކީ އޭކަރެއް ކަމަށް ބަލައެވެ.

ރާއްޖޭގައި 1960 އާ ހަމައަށް ގޯތި ދެމުން ގެންދިޔައީ ގާތްގަޑަކަށް ގޯއްޗެއްގައި 5000 އަކަފޫޓުގެ އޭރިއާ (ބޮޑުމިން) ހުންނަ ވަރަށެވެ. މި މިންވަރަކީ ގޯތީގައި ބައެއް ބާވަތުގެ ކާބޯތަކެތި ހައްދައި، ކުކުޅު، ބަކަރި ވެސް ގެންގުޅެވޭނޭ މިންވަރެކެވެ. އަދި، އަމިއްލަ މަސައްކަތް ކުރާ މީހުން، މިސާލަކަށް ވަޑިން، އެމީހުންގެ ގޯތީގައި އެފަދަ މަސައްކަތް ކުރެވޭނެހާވެސް ބޮޑު ޖާގައެކެވެ. މީހުން ބައިބޯވުމުގެ ސަބަބުން، ގޯތި ދެވޭނެ އެންމެ ބޮޑުމިނަކީ 4000 އަކަފޫޓުކަމަށް 2002 ވަނަ އަހަރު ފާސްކުރި ޤާނޫނަކުން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތައް އެއް މިންވަރަކަށް ތަރައްޤީ ނުކުރެވުމުގެ ސަބަބުން މާލެ ފަދަ ރަށްރަށަށް ގިނަ ބަޔަކު ހިޖުރަކުރުމުން ގޯތި ބަހާގޮތަށް ނާޞިރުގެ ދައުރުގައި ހަމަޖެއްސިއެވެ. ކުރިން ޙަވާލާދެވުނު ޤާނޫނުގައި މިގޮތަށް ބެހޭނީ ބަހައިގެން މީހަކަށް ދެވޭ ބައިގައި މަދުވެގެން 600 އަކަފޫޓު ހުންނަ ނަމަ ކަމަށް ބަޔާންކޮށްފައި ވެއެވެ. ގޯތީގެ ދަތިކަން ދިމާވި އަނެއް ސަބަބަކީ، ޞިއްޙީ ގޮތުން އައި ކުރިއެރުމާ ގުޅިގެން އާބާދީ ބޮޑުވުމެވެ. މާލެއަކީ މިހާރު ގޭބިސީގެ ބައި ބޯމިން ބޮޑު (ހައި ޑެންސިޓީ ހައުސިން ހިމެނޭ) ބަސްތީ އެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ބައިބޯކަން ދާނީ އިތުރުވަމުން ކަމަށް ލަފާކުރެވެއެވެ.

އެންެމެ މަތީގައިވާ ފޮޓޯގައި އެވަނީ މާލޭގެ އަމީނީ މަގުގައި ހުރި ޢިމާރާތެކެވެ. މާލޭގެ ގެދޮރު އެޅުމުގެ ގަވާއިދު ޚަރާބުވަމުން ދާ ގޮތުގެ އެއް މިސާލީ ފަހަކަށް އައިސް ގޯޅިކަނެއްގައި ހުންނަ ޢިމާރާތެއްގެ ކަން ވައްކުރުމުގެ ބަދަލުގައި މަތިން މަގުމައްޗަށް ވަޑިފަތިވާގޮތަށް ނެރެވޭނޭ ގޮތަށް ނިންމިނިންމުމެވެ.   މިގޮތަށް ނިންމުމުން، ފުޅާމަގެއް ނަމަ، އިމުން ފެށިގެން މަދުވެގެން އަށް ފޫޓަށް އެ ޢިމާރާތުގެ ކަން މަގަށް ނުކުންނާނެއެވެ. މިކަމުގެ ސަބަބުން މަގަށް އަވިނުދޭތީ މަގު އޮންނާނީ އަނދިރިކޮށެވެ. ތިރީގައި އެވާ ފޮޓޯގައިވާ އެއް ތަނެއް އެހެން ނަހަދާ އެހުރީ އެ ހުއްދަ ދިނީ ޢިމާރާތް ނިމުނު ފަހުން ކަމަށް ވާތީއެވެ.  އެންމެންގެ ބޭނުމަށް އޮންނަ ޕަބްލިކް ޕްރޮޕަރޓީއަކުން އަމިއްލަ ފަރުދެއް ޕްރައިވެޓް މަންފާއެއް ނަގަނީ އެވެ. ދައުލަތުގެ (ހުރިހާ ރައްޔިތުންގެ) މުދަލުން އަމިއްލަ މީހުން ޕްރައިވެޓް (ފަރުދީ) ފައިދާނެގުން އެހެން ކަންކަމުގައި ވެސް މިހާރުވަނީ ޢާއްމު ވެފައެވެ. ބޭރު ގައުމުތަކުގައި ޢިމާރާތެއް މައްޗަށް ދިޔަ ވަރަކަށް ޖެއްސެނީ މަގުމައްޗަކަށް ނޫނެވެ. ޢިމާރާތް ޖައްސަން ޖެހެނީ ގޯތި ތެރެއަށެވެ. ރާއްޖޭގައި ކަންކުރާ ގޮތާ ސީދާ އިދިކޮޅަށެވެ. މި “ސެޓްބެކް” ނުވަތަ އެތެރެއަށް ޖައްސާ ޖެއްސުން ނުވާނަމަ، މަގަށް އައްވާއި ވަޔާއި އަލިލިބުން ދަތިވާނެއެވެ. މިކަމާ ބެހޭ ޚާއްޞަ ގަވާއިދުތައް ހަދާފައި ހުރެއެވެ. އެ ޤައުމުތަކާ ރާއްޖެއާ ހުރި ތަފާތަކީ އެކަންކަން ވޯޓު ހޯދުމަށް ސިޔާސީއަކަށް ބަދަލުކުރަން ފަސޭހަނުވާ ގޮތަށް ޤާނޫނުތަކުން ހުންނާތީއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ގޯތި ގެދޮރު ދެނީ ބަންޑާރަ ގޯތިނަމަ، 1000 އަކަ ފޫޓާއި 4000 އަކަ ފޫޓާ ދެމެދުންނެވެ. މި މިންވަރަށް ގޯތިދޭނަމަ، އެކިއެކި މަސައްކަތްތަކަށް، މިސާލަކަށް، ވާކްޝޮޕްތަކާއި ތަރުކާރީ ހެއްދުމަށް، އެހެން ޖާގަތަކެއް ކަނޑައަޅައި ސަރުކާރުން ދޫކުރަން ޖެހެއެވެ. އެހެން ނޫންނަމަ، ރަށުގެ އުފެއްދުންތެރިކަން ކުރިއެއް ނާރާނެއެވެ. ރާއްޖޭގެ ރަށްތަކާ މެދު ވިސްނަން އެންމެ ރަނގަޅު އެއް ގޮތަކީ ދިވެހީންނަކީ އޮޑިއެއްގައި ތިބި ބައެއް ކަމެވެ. ލިބެން އޮތް އެއްޗަކީ އޮޑީގައި ހައްދާ ނުވަތަ ކަނޑުން ބާނާ އެއްޗެކެވެ. ކާބޯތަކެއްޗާއި ފެނަށް ބޭރަށް ބަރޯސާ ވުމަކީ، ބަނޑަށްޖެހުމުގެ ބިރު ވަރަށް ގާތުގައި އޮންނާނޭ ކަމެކެވެ.

ހުޅުމާލެ


ހުޅުމާލެއަކީ މާލޭގެ ކައިރީގައިވާ ހުޅުލޭގެ ފަޅު ހިއްކައިގެން 1997 އިން ފެށިގެން އާބާދުކުރަމުން ދިޔަ ބަސްތީއެކެވެ. މި ދުވަސްވަރު އައިރު ރާއްޖޭގައި އެކަށީގެންވާ މިންވަރަށް ބިނާވެށީގެ ޢިލްމު ހޯދައިގެން ތިބި މީހުން ތިބުމާއެކު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ފަރުމާކޮށްފައިވަނީ، ތަހުޒީބު ޝަހަރުތަކުގައި ކަންކުރާ އުސޫލުތަކާ އެއްގޮތަށް، ބިދޭސީ މުރުޝިދުންގެ އިރުޝާދާ ވެސް އެކުއެވެ. މި ބަސްތީގެ ބައެއް ހިސާބުތަކުންވަނީ ގޯތިދީފައެވެ. އަނެއް ބައި ހިސާބުތަކުގައި ފަތިފައްޗަށް، ބުރިބުރިއަށް ހުންނަ ފުލެޓުތައް ހަދާފައި ހުރެއެވެ. މާލެއާ އަޅާބަލާއިރު، މަގުތައް ފުޅަލެވެ. ދެފަރާތުގައި ގަސް އިންދައި ފުޅާ ދުވާރުތައް ހުރެއެވެ. ބައެއް ހިސާބުތަކުގައި ހިނގާމީހުން ރައްކާތެރިވާގޮތަށް މަގާއި ދުވާރާ ދޭތެރޭ ފަރުދާވާ ބަގީޗާތައް ވެއެވެ. އިމަށް ވުރެ ބޭރަށް ބެލްކަނީތަކާއި ބަރަފޯސްތައް ނެރުން މަނާކޮށްފައި ވެއެވެ. އުސްމިން ކަނޑައަޅާފައި ވެއެވެ. ރޭވުނު ގޮތަށް މިތަނުގެ މަސައްކަތް ކުރިއަށް ދިޔަނަމަ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ވީހީ ނަމޫނާ ޝަހަރަކެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަކީ މީޑިއަމް ޑެންސިޓީ ނުވަތަ ވާސައިގެ ބައިބޯމިން މެދުމިންވަރަށް ފަރުމާކުރި ރަށެކެވެ.

ނަމަވެސް، ހުޅުމާލޭގެ މަސައްކަތް ފެށިތާ ދިހަ އަހަރުވީތަނާ، ސަރުކާރު ބަދަލުވެ، ހުޅުމާލޭގެ ކަންކަން ބަލަހައްޓާ އިދާރާ ހިންގަން، ފަންނީ މީހުންގެ ބަދަލުގައި، ސިޔާސީ މީހުން ޢައްޔަނު ކުރެވުނެވެ. ނުފޫޒުގަދަ ބައެއް މީހުން ރުއްސަން ކުރިން ވަކި އުސްމިނަކަށް ހުންނަންޖެހޭ ޢިމާރާތްތައް ދިހަ ބުރިއަށް އުސްކުރުމުގެ ހުއްދަ ދެވިއްޖެއެވެ. އަދި އުސްމިން ނޫން އެތައް ގަވާއިދެއް ފެންވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކީ ރައީސް ޔާމީނުގެ ދުވަސްވަރުއެވެ. ދެވަނަ ފިޔަވަހީގައި ޖެހެމުންދަނީ މާލޭގެ މަގުތަކުގެ ފާސިދު ސިފަތަކެވެ. ދެވަނަ ފިޔަވަހިންވެސް އަމިއްލަ މީހުންނަށް ގޯތި ދީފައި ވެއެވެ. ބިނާވެށި ފަރުމާކުރުމުގެ ހަމަތަކާ ތަފާތުކޮށް ބިނާކުރަމުންދާ މި ބައިން އެންމެ ބޮޑަށް ފާހަގަކުރެވެނީ 25 ބުރިއަށް ނަގާފައިވާ ދެ ކޮޓަރި ހުންނަ ފުލެޓް ޢިމާރާތްތަކެވެ. ބިނާވެއްޓާ މެދު ފާޑުވިދާޅުވާ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް މިފަދަ ޢިމާރާތްތައް ސިފަކުރައްވަނީ ފަޤީރުންނާއި މުސްކުޅީން ގުދަންކުރާ ކޮށިތަކެއްގެ ގޮތުގައެވެ.

ބިނާވެށީގެ ހަމަތައް


ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ބިން ކުޑަ ޤައުމެއް ކަމުން، ރާއްޖޭގައި ގޯތިދޭއިރު ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. މާރަށްތަކުގައި ނޫނީ، އިހުގެ ގޮތަށް ގޯތީގައި ދިރިއުޅުމުގެ މަސައްކަތް ކުރެވޭނޭ ޖާގަ އެއް ނެތެވެ. އެހެން ރަށްރަށުގައި ގޯތި ދޭއިރު ވިސްނަންވީ ގޮތެއް ކަމަށް ފެންނަނީ، މީޑީއަމް ޑެންސިޓީ ހައުސިން ނުވަތަ ގެދޮރުގެ ބައިބޯމިން މެދުމިންވަރަށް ހުންނަ ވަރަށް އަވަށްތައް ތަރައްޤީ ކުރުމެވެ. މިގޮތަށް ތަރައްޤީ ކުރާއިރު ވިސްނަންޖެހޭ ކަންކަމަކީ ކޮބައިތޯއެވެ؟

ވިސްނަންޖެހޭ ކަންކަމާ މެދު، މުފައްކިރުން ޢާއްމު އުސޫލުތައް ވިސްނައި ފުރޭފުކޮށްފައި ވެއެވެ. މިގޮތުން އަޅުގަނޑު ތިރީގައި މި ޚުލާޞާކޮށްލަނީ، ބިނާވެއްޓާ މެދު ފާޑުވިދާޅުވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ހުށަހަޅުއްވާ ދިހަ ކަމެވެ.

  1. ޢިމާރާތްތައް ހުންނަ ސަރަޙައްދުގެ ވެއްޓަށް އިޙްތިރާމްކުރަންވާނެއެވެ. މާބޮޑަށް އަޅައިގަންނަ ވެއްޓާ ނުގުޅޭ ޢިމާރާތްތައް ކޮށްގެން ނުވާނެއެވެ.

  2. ޢިމާރާތްތައް ކުރުމަކީ ބަސްބަހުގެ ގަވާއިދު ހުންނަ ފަދައިން ހަމަތަކެއް ހުންނަންޖެހޭ ކަމެކެވެ.

  3. ޢިމާރާތްތަކާއި އިންސާނުންގެ ސައިޒުގެ ނިސްބަތާ ގުޅެންވާނެއެވެ. އެއް ހިސާބެއްގައި ހުންނަ ޢިމާރާތްތަކުގައި ސައިޒު އެއްވަރުވާން ވާނެއެވެ.

  4. އެއް ހިސާބެއްގެ ޢިމާރާތްތަކުގައި ގުޅުމެއް، އެމުނި އެކުލެވޭ ގޮތެއް ހުންނަން ވާނެއެވެ.

  5. ބިނާތަކުން ތަނެއް ވަށާލެވޭނަމަ، ހިނގުމާއި ރައްކާތެރިކަން ފަހިވެއެވެ. ގެތައް ވަކިވަކީން ހުރުމަށް ވުރެ ގުޅިފައި ހުރުމުން މާ ރީތިވެއެވެ.

މަތީގައިވާ ފަސްކަން ޚުލާޞާކުރާނަމަ، ޗާލްސްގެ މައިގަނޑު ހުށަހެޅުމަކީ ވަކި ހިސާބެއްގައި ހުންނަ ގެތައް ހުންނަންވާނީ ދާދި އެއްގޮތަކަށް އެމުނި އެކުލެވޭ ގޮތަކަށެވެ. ވަކިވަކީން ގެތައް ހުރުމަކީ އެހާ ރީތިކަމެއް ނޫނެވެ. އެމުނިއެކުލެވޭގޮތަށް ހުރުމުން ހިނގާބިނގާވާ މީހުންނަށް ރައްކާތެރިކަން އިޙްސާސްވެ، ހިނގާއުޅުމަށް ވާގިވެރިވެއެވެ.

  1. ޢިމާރާތްކުރަން ބޭނުންކުރާ ތަކެތި ވެސް މުހިއްމެވެ. ގިނަ ޢިމާރާތްތައް މިހާރު ހުންނަނީ އެއް ބާވަތްތަކެއްގެ ތަކެތިން ބިނާކޮށްފައެވެ. މީގެ ބަދަލުގައި ޢިމާރާތްތައް ކުރަންވާނީ އެ ވެއްޓަކުން ލިބެން ހުރި، ތަކެތީން، އެ ސަރަޙައްދެއްގެ ފޭޑިއަކާ ގުޅޭ ގޮތަށެވެ.

  2. މަގުމަތިން ފެންނަ ނަންބޯޑުތަކާއި އިސްތިހާރުތައް މަދުކުރަން ޖެހޭނެއެވެ. މަގުމަތިން ތަފާތު ކަންކަން އަންގަން ހުންނަ ފިލާގަނޑުތައް މަދުކުރެވޭނެކަން ޕައުންބެރީ މަގުން އަހުރެމެންނަށް އަންގައިދީފިއެވެ.

  3. ސަރަހައްދެއް ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ހިނގާބިނގާވާ މީހުންނަށެވެ. އަހުރެމެންގެ މަގުތައް ކާރުން އަހުރެމެން އެއްކިބާކުރަން ވެއްޖެއެވެ.

  4. ބައިބޯކަން. ޖާގަ މަދުކަން އަހުރެންނަށް ވެސް އެނގެއެވެ. އެކަމަކު އުސް ބިނާތަކަކީ މީހުން އެކަހެރިކޮށް ގުޅުންތައް ބީރައްޓެހިކުރާ ތަންތަނެވެ. މީގެ ބަދަލުގައި ޓެރަސް އަދި މޭންޝަން ވާސަތައް އަހުރެމެންނަށް ބޭނުންކުރެވިދާނެއެވެ. ޗެލްސީ އާއި ކެންސިންޓަންގެ ރީތިކަން ބަލައިބަލާށެވެ. މިއީ އެންމެ ބައިބޯ ދެ އަވަށްކަން ފާހަގަވެ ހަނދާނެއް ނުހުރެއެވެ. [ޗާލްސް ވިދާޅުވާ ޓެރަސް އާއި މޭންޝަން ވާސަތަކުގެ ވާހަކަ ފަހުން ތަފްޞީލްކުރާނަމެވެ.]

  5. ހަރުކަށި ގަވާއިދަކާ އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި އަހުރެމެންނަށް ފަހެލި ގޮތްތަކެއް އިޚްތިޔާރު ކުރެވިދާނެއެވެ. މިސާލެއްގެ ގޮތުން މަގުތައް ފަރުމާކުރުމާ ބެހޭ ފޮތުގައި ކަމާ ބެހޭ އެތައް ތަޖުރިބާތަކެއް ބަޔާންވެގެން ވެއެވެ. [ޗާލްސް އެ ވިދާޅުވާ ފޮތަކީ އިނގިރޭސިވިލާތުގެ ސަރުކާރުން ޗާޕުކޮށްފައިވާ މަގުތައް ފަރުމާކުރުމާ ބެހޭ ފޮތެކެވެ. މި ފޮތް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.]

ޗާލްސް ރަސްގެފާނު އެ ވިދާޅުވާ މޭންޝަން ބްލޮކް އަކީ ބޮޑު އެއް ގެހެން ހަދާފައި ހުންނަ ވަކިވަކި ހިޔާވަހިތަކެވެ. ޓެރަސް ގެތަކަކީ އެއްގޭގެ އިން ފާރާއި އަނެއް ގޭގެ އިންފާރު ޖެހިގެން ހަދާފައި ހުންނަ ގޭގެއެވެ. މޭންޝަން ބްލޮކް އާއި ޓެރަސްގެ މައިގަނޑު ތަފާތަކީ ޓެރަސްގެތައް ފައްޗެއްގެ ގޮތުގައި ގިނަވެފައި ތިރިވާނެއެވެ. މެންޝަން ބްލޮކް ފެންނާނީ އެއްގެ ގޮތުގައެވެ. ރާއްޖޭގައި ޓެރަސް ގެތަކަށް ރޯހައުސް ވެސް ކިޔައެވެ. މި ދެ ބާވަތުގެ ގޭގައި ވެސް އެތެރޭގައި ހުންނަ ވަކި ސިޑިއަކުން ކޮންމެ ބައެއްގެ މަތީބުރީގެ ކޮޓަރިތަކަށް އެރޭނެއެވެ. މި ދެބާވަތުން ޓެރަސް ހައުސްގައި، ކުޑަދޮރުތައް ހުންނާނީ ކުރިމައްޗާއި ފަހަތުގައެވެ. [މިޒަމާނުގައި ފުލެޓު ކިޔަނީ އެއް ތަޅުމެއް ގައި ވަކިން އުޅޭވޭ ގޮތަށް ހުންނަ ވާސައަށެވެ. އެޕާޓްމަންޓަކީ ފުލެޓަށް ވުރެ ފެންވަރު ރަނގަޅަށް ހަދާފައި ހުންނަ، އަދި ބައެއް ފަހަރު ދެ ނުވަތަ ގިނަ ފަންގިފިލައެއްގައި އެތެރެއިން ވަކި ސިޑި ހުންނަ ވާސައެވެ.] ތިރީގައި އެވަނީ އިނގިރޭސި ވިލާތުގެ އެންމެ އަގުބޮޑު ސަރަހައްދުގައި ހުރި  އެފަދަ ބިނާއެވެ.  ފާހަގަ ކުރެއްވޭ ކަންކަމަކީ ކޮބައިތޯއެވެ؟

ދެން އަޅުގަނޑު ބަލައިލާނީ، ޝަހަރުތައް އާބާދުކުރުމުގެ ދާއިރާގެ ފަންނުވެރީން، ނަމޫނާއެއްގެ ގޮތުގައި ބަލާ ޕެރިހަށެވެ. މި ޝަހަރަކީ ސިޓީ ފަރުމާކުރުމުގައި އެންމެންހެން އެތަނަށް ޒިޔާރަތްކޮށް ފިލާވަޅު ލިބިގަންނަ ތަނެކެވެ. ޕެރިހުގައި އިމާރާތްތައް ކޮށްފައިވާ ކޮށިތައް ފެންނަ މީހަކަށް އެންމެ ބޮޑަށް ފާހަގަކުރެވޭނީ އެއްވެސް ކޮއްޓެއް ހަތަރެސްކަން ނޫންކަމެވެ. ހުރިހާ ކޮށްޓެއްހެން ހުންނާނީ ތިނެސްކަނަށެވެ. މިކަން މިހެންވީ ގޮތެއް ކަމަށް ބުނަނީ، ކުރިން ހަމައެއް ނެތި ހުރި ކޮށިތައް ހުއްޓައި އަތްވާއި ވައި ލިބޭނޭ މައިމަގުތަކެއް ހެދީމާކަމަށް ބުނެވެއެވެ.

ތިރީގައިވާ ފޮޓޯތަކުގައި އެވަނީ ޢިމާރާތްކޮށްފައި ހުންނަ ގޮތެވެ. ފާހަގަކުރެއްވޭ ކަންތައްތަކަކީ ކޮބައިތޯ އެވެ؟

ފާހަގަކުރެއްވޭ ބައެއް ކަންކަމީ، ހުރިހާ ގެ ނުވަތަ ޢިމާރާތެއް ހުންނަނީ ގާތްގަޑަކަށް އެއް އުސްމިނަކަށް އެއްގޮތަށް ކަމެވެ. އެންމެ އުސްކޮށް ޢިމާރާތް ކުރެވެނީ އެތާނގެ ފައްޅިއެއްގައި ހުންނަ މުންނާރަކަށް ވުރެ އުސްނުވާ ގޮތަށެވެ.  މާލޭގައި ހެން މަގުމައްޗަށް ގޭގެ ބައެއް ނެރެފައެއް ނުވެއެވެ. މަތީ ބުރިތަކުން ބެލްކަނީ ނެރެފައިވަނީ ވަރަށް ކުޑަކޮށެވެ. ހުރިހާ ޢިމާރާތެއް ކޮށްފައިވަނީ އެއް ބާވަތެއްގެ ގަލަކުންނެވެ. އާދެ! ހިލަވެލީގެ ގަލެވެ. ކުލައެއް ލާފައެއް ނުވެއެވެ. ތިރީ ބުރިތަކުގައި މުޅިންހެން ހުންނަނީ ފިހާރައެވެ. ކާރު ގަރާޖެއް ނުހުރެއެވެ. ޕެރިހުގައި މަގުމަތީ ޕާކު ކުރެވޭނީ ފައިސާ ދައްކައިގެންނެވެ. ނޫނީ ޖެހޭނީ ބިންގަރާހުގެ ގޮތުގައި ހަދާފައި ހުންނަ ގަރާޖުތަކުގައި އަގަށް ޕާކުކުރާށެވެ.

އަޅުގަނޑަށް މިދަންނަވާލެވުނީ ދުނިޔޭގެ އެންމެ މަޝްހޫރު ދެ ސިޓީގެ ރީތިކަމުގެ ސިފަތަކެވެ.  ފާހަގަކުރެވޭނޭ ޢާއްމު ކަންތައްތަކަކީ ހުރިހާ ގެއެއްގެ އުސްމިން އެއްގޮތް ވުމާއި މަގުމައްޗަށް އެއްގޮތަކަށް ފެންނަ ގޮތަށް ހުރުމާއި ގަރާޖެއް ކުރިމަތީ ނުވާކަމާއި މޫނުމަތި އެއްގޮތަކަށް ހުރުމެވެ. މިކަންކަމުން ދިވެހީން ފިލާވަޅު ނަގަން ވެއްޖެބާވައެވެ.

ގޯޅިތަކާއި މަގުތަކުގެ ފުޅާމިން


އަޅުގަނޑު ދެން ދަންނާވަލާނީ ގޯތި ދިނުމުގައި ކޮށިތައް ބައިކުރަން ފެންނަ ގޮތާމެދު އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން މަގުތަކުގެ ފުޅާމިނާމެދު ތަޖުރިބާތަކެއް ހުށަހެޅުން މުހިއްމެވެ. ފަހެ، ކޮންމެ ބަސްތީއެއްގައި، ކޮންމެ ސިޓީއެއްގައި ވެސް އެކި ކަންކަމާ ގުޅިގެން ތަފާތު ފުޅާމިނުގެ މަގުތައް ހުރެއެވެ. އެންމެ ހަނި މަގުތަކަށް އިނގިރޭސިބަހުން ކިޔަނީ ”އެލީ“ އެވެ. ސަރަޙައްދުތައް އާބާދުކުރާ މީހުން ދެކޭގޮތުގައި، ކޮންމެ ސަހަރެއްގައިވެސް އެލީ ނުވަތަ ގޯޅި ހުންނަން ޖެހޭނެއެވެ. މިއީ އާބާދުވާ ތަނެއްގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޖާގައެވެ. އޭގެ ތެރޭގައި ތަންތަނަށް ކުރުމަގަކުން ދިޔުމާއި، ޓްރާންސްފޯމަރުތަކާއި ގަރާޖުތަކާއި ކުނިނެގުން ފަދަ ކަންކަން މައިމަގުން ވަންހަނާކުރުމާއި އެއް މުޖުތަމަޢުއެއްގެ ރޫޙް އުފެއްދުން ހިމެނެއެވެ. ހަނިގޯޅިތަކުގެ މުހިއްމު ކަމާ ބެހޭ ގޮތުން އިނގިރޭސިބަހުން ލިޔެފައިވާ ދެ ފޮތެއް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ: 1، 2. ދުނިޔޭގެ ތަޖުރިބާތަކުން އަޅުގަނޑުމެން ލިބިގަންނަންވީ 5 ފިލާވަޅު ތިރީގައި އެވަނީއެވެ.

  1. ގޯޅިއަކީ 400 ފޫޓަށް ވުރެ ކުރު ހަނި މަގެވެ.
  2. އެއްވެސް ގޯޅިއެއް 100 ފޫޓަށް ވުރެ ކުރުނަމަ، އެ ގޯޅީގެ ފުޅާމިނުގައި 6 ފޫޓު ބެހެއްޓިދާނެއެވެ. މިފަދަ ގޯޅިއަކުން ޢާއްމުކޮށް ވަދެވެން ޖެހޭނީ އެއް ވާސައަކަށެވެ. ނާދިރު ޙާލަތެއްގައި މެނުވީ އެއަށް ވުރެ ގިނަ ހިޔާވައްސަށް ވަދެވިގެން ނުވާނެއެވެ.
  3. 100 ފޫޓަށް ވުރެ ދިގު ގޯޅިތަކުގެ ފުޅާމިނުގައި މަދުވެގެން 13 ފޫޓު ހުންނަންވާނެއެވެ. [މިއީ ބައިބޯ ޖަޕާނުގެ ގަވާއިދެކެވެ.]
  4. އެއްވެސް ގޯޅިއެއް 400 ފޫޓަށް ވުރެ ދިގުވެގެން ނުވާނެއެވެ.
  5. އެއްވެސް ގޯޅިއަކާ އިންވެގެން ހުރި ޢިމާރާތަކުން ގޯޅިތެރެއަށް ދާއިމީ ބެލްކަނީއެއް ނުވަތަ ގޭގެ ބައެއް ނުވަތަ ބަރަފޯހެއް ނެރެގެން ނުވާނެއެވެ. އެއްވެސް ގޯޅިއެއްގައި ދުވާރެއް (ޕޭވްމަންޓެއް) ހަދައިގެން ނުވާނެއެވެ.

މާލެއާއި ރާއްޖެ ތެރޭގެ ބަސްތީތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތައް މާ ހަނިވުމެވެ. އުޞޫލެއް ކަނޑައަޅާއިރު، ރާއްޖޭގެ ބިމުގެ ތަދުކަމަށް ވިސްނަން ޖެހެއެވެ. ބައެއް ސަރަޙައްދުތަކުގައި މަގުތަކަށް އެ ސަރަޙައްދެއްގެ އޭރިއާގެ ތިންބައިކުޅަ އެއްބައި ދެއެވެ. އަނެއް ބައި ސަރަހައްދުތަކުގައި ދަނީ ދިހަބައިކުޅަ އެއްބައެވެ. މަގުތަކުގެ ފުޅާމިނާ ބެހޭ ގޮތުން ބައިބޯ ޕެރިހުގެ މަގުތަކުގެ ފުޅާމިނާ މެދު ވިސްނަމާތޯއެވެ؟

1990 ގެ ކުރީގެ ޕެރިހުގެ މަގުތަކުގެ އެވަރިޖް ފުޅާމިނަކީ 9.21 މީޓަރު (30) ކަމަށާއި މަގަށް ސަރަހައްދުގެ %21 ދާކަމަށް ވެއެވެ. ނަމަވެސް 1990 ފަހުން ހެދި މަގުތަކުގެ އެވަރިޖް ފުޅާމިނަކީ 6.16 މީޓަރު (20 ފޫޓު) ކަމަށާއި މަގަށް ދަނީ ސަރަޙައްދުގެ ޖާގައިގެ %15 ކަމަށް މިލިޔުމުގައި ވެއެވެ: http://atlasofurbanexpansion.org/cities/view/Paris. މި ލިޔުމުން ފާހަގަކުރެވޭ ގޮތުގައި، ފަހުން ބިނާ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މަގަށް ހޭދަކުރަނީ %20 އަށް ވުރެ މަދު މިންވަރެއްކަން އެނގެއެވެ. މި މިންވަރަށް ކޮއްޓެއްގައި ކައިރީގައިވާ މަގުތައް ހުރިކަމުގައި ވިޔަސް، ހުރިހާ ޤައުމެއްގައި ހެން ފުޅާ ބޮޑެތި މަގުތައް ހުންނާނެއެވެ. މިއީ ހަށިގަނޑުގައި ހިމަ ލޭނަރާއި ފަލަ ލޭނާރު ހުންނަ ފަދައިންނެވެ. ހަނި މަގަކުން ފުޅާމަގަކަށް މަދުވެގެން 10 ވަރަކަށް މިނެއްޓުން ހިނގާފައި ދެވެން ވާނެއެވެ.

ފުޅާމަގުތަކުގެ ފުޅާމިނުގައި މަދުވެގެން 60 ފޫޓު ހުރެއެވެ. ދެ ފަރާތުގައި ގަސް އިންދުމަށާއި ހިނގުމަށް 10 ފޫޓު އޮވެއެވެ. ޕެރިހުގެ އެންމެ މަޝްހޫރު މަގު، ހައުސްމަން އެވެނިޔު، ގެ ފުޅާމިނަކީ 100 ފޫޓެވެ. މި މަގުގެ ދެ ފަރާތާއި މެދުގައި އޮންނަނީ ގަސް އިންދާފައެވެ. މަގުގެ ދިގުމިނަކީ 2.5 ކިލޯމީޓަރެވެ. އެމެރިކާގެ އެންމެ މަޝްހޫރު މިފަދަ މަގަކީ ބޮސްޓަން ޝަހަރުގެ ކޮމަންވެލްތު އެވެނިޔު އެވެ. ފުޅާމިނަކީ 200 ފޫޓެވެ. މިއީ އެމެރިކާގެ ބޮޑުމިނާ އަޅާބަލާއިރު ނިސްބަތުން ކުރުމަގެކެވެ. ބޮޑުބަޔަކީ ގަސް އިންދާފައި އޮންނަ ތަނެވެ. މާލޭގައި ހިތްގައިމު މަގެއްކަމަށް ބުނާނޭ އެންމެ މަގެއްވެސް، ފައިވަރުބަލިވަންދެން ހިނގާހިނގާ ނުފެނުނެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި، ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން އޮންނަ ބުރުމަގުގެ ފުޅާމިނުގައި މަދުވެގެން 50 ފޫޓު ހުންނަން ވާނެއެވެ. އަދި މަގުގެ މެދުގައާއި ދެފަރާތުގައި ގަސް އިންދައި ހިނގާބިނގާވާނޭ ފުޅާ ދުވާރެއް އޮންނަންވާނެއެވެ. މަގުގެ މެދުގައި ގަސް އިންދުން މުހިއްމުވަނީ އެއްވެސް ދުވަހަކުން ތާރުއަޅައިފިނަމަ، ރަށުގެ ފިނިހޫނުމިން ޢާއްމުކޮށް މި މަތިވާ 5 ޑިގްރީއަށް ވުރެ ދަށްކުރުމަށެވެ.

ސަރަޙައްދަކުން ގޯތިދިނުމަށް އެ ސަރަޙައްދެއް ބައިކުރަން އެންމެ ރަނގަޅީ ކޮން ސައިޒަކަށް ހެއްޔެވެ؟


އާދެ! މިއީ އަޅުގަނޑު މަޒުމޫނު ފަށައިގެން ސުވާލެވެ. ސުވާލުގެ ޖަވާބު ހޯދުމަށް އެތައް ބައެއް އެތައް ދިރާސާތަކެއް ކޮށްފައި ވެއެވެ. މިއޮތީ މިކަމާ ބެހޭ ވީޑިއޯ އެކެވެ. https://www.youtube.com/watch?v=lisZBL3_aW8. ކޮށިތައް ކުދިވި ވަރަކަށް މަގުތައް ގިނަވެއެވެ. އަދި ހިނގަން ދަތިވެއެވެ. އެހެންކަމުން، ކަމުގެ ފަންނުވެރީން އެތައް ކަމަކަށް ވިސްނުމަށްފަހު، އެންމެ ރަނގަޅު ސައިޒެއް ކަމަށް ބުނާ ސައިޒަކީ، 240 ފޫޓު 360 ފޫޓުކަމަށް ބުނެއެވެ. ހަތަރު ބިތް ހަމަ ކޮށިތަކަށް ވުރެ ދެ ބިތް ދިގުވުމުން ފަސޭހަތަކެއް ހުރެއެވެ. ބައެއް ކޮށިތަކުގެ ދެމެދުގައި ގޯޅި ހުންނަން ޖެހޭނެއެވެ. ސަރަޙައްދެއް ކޮށިތަކަށް ބައިކުރާއިރު، ކުރިން ދެންނެވުނު 20 ފޫޓާއި 30 ފޫޓުގެ މަގަށް ވުރެ ފުޅާ ގިނަވެގެން ހައެއްކަ މިނެއްޓުން ދެވޭ ހިސާބުގައި އެއް ނުވަތަ ދެ މައިމަގު ކޮންމެ ސަރަޙައްދެއްގައި އޮންނަން ޖެހެއެވެ. އިލެކްޓްރިކާއި ބޯފެނާއާއި ފާޚާނާގެ މަސައްކަތަށް ޖާގަތައް ނަގަން ޖެހެއެވެ. ޕާކުތަކާއި ބަގީޗާ ތަކާއި ޗަމަންތަކަށް ދެތިން ގޯތީގެ ޖާގަ ނަގަން ޖެހެއެވެ. ޢާއްމު ފާޚާނާތަކަށާއި އެހެން މިފަދަ ޝަހަރުތަކަށް ބޭނުންވާ ކަންކަމަށް ޖާގަތައް ފަހަށް ބަހައްޓަން ޖެހެއެވެ. ތިރީގައި އެވަނީ ނަން އުފުލިގެންވާ ބައެއް ސިޓީތަކުގެ ކޮށިތައް ތަރުތީބުކުރެވިފައިވާ ގޮތެވެ.

ޕެރިސް

ބާސިލޯނާ

އެމްސްޓަރޑޭމް

ބަރލިން

ބިނާވެށި ފަރުމާކުރުމުގައި ވިސްނަންޖެހޭ ކަންކަން


ރާއްޖޭގައި މިހާ ހިސާބަށް ކުރެވިފައިވާ ތަޖުރިބާތަކާއި، ބޭރުޤައުމުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ރަށްތަކުގެ ލޭންޑްޔޫޒް ޕްލޭން (ބިން ބޭނުންކުރާނެ ގޮތުގެ ރޭވުން) އެކުލަވައިލުމުގައި ވިސްނަންޖެހޭ 10 ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ.

  1.  ބައެއް މަޤުތައް ގިބުލައަށް ހުރެފައި، އަނެއްބައި އަދި ގިނަ މަގުތައް ގިބުލައާ ވަޑިފަތިކޮށް ހުންނަ ނަމަ، ރަށް ފިނިވާނެއެވެ. މިހެން ދިމާވަނީ ރާއްޖެ އޮންނަ ހިސާބުންނެވެ.
  2.  މަގުތަކުގައި ދުވާރު ހަދާނަމަ، އެންމެ ހަނިވެގެން ފަސް ފޫޓު ހުންނަން ވާނެއެވެ. ބޮޑެތި މަގުތަކުގެ ދުވާރު މިއަށް ވުރެ ފުޅާވާން ވާނެއެވެ. މަގުތަކަށް ހިޔާވާނެ ގަސްތައް ހެއްދުމަކީ ރަށް ފިނިވާނޭ ކަމެކެވެ.
  3.  ޢިމާރާތްކުރާއިރު އެއްވެސް ގެއަކުން އެންމެ އިންޗިއެއް ވެސް، މަގުމައްޗަށް ދާއިމަށް ހުންނަގޮތަށް ހަދައިގެން ނުވާނެއެވެ.
  4. ހުރިހާ ރަށެއްގައި ޢިމާރާތްކުރެވޭނޭ އެންމެ އުސްމިން އޮންނަންޖެހެނީ ކަނޑައެޅިފައެވެ. މިސާލަކަށް، އެ މިނަކީ މަގުގެ ފުޅާމިނުގެ އުސްވެގެން ހަތަރު ގުނައެވެ. އިމާޖެހިގެން އެންމެ މައްޗަށް ހެދޭނީ 40 ފޫޓަށް ވުރެ އުސްނުވާ ޢިމާރާތެވެ. މިއަށް ވުރެ އުސްވާނަމަ، މަތީ ބައިތައް މަދުވެގެން 4 ފޫޓު އެތެރެއަށް ޖައްސަން ވާނެއެވެ.
  5. ރަށެއްގެ މަގުތަކުގެ ފުޅާމިން ހުންނަންވާނީ ކުރިން ކަނޑައެޅިފައެވެ. އެއްވެސް މަގެއް 13 ފޫޓަށް ވުރެ ހަނިވެގެން ނުވާނެއެވެ.
  6. ކޮންމެ ރަށެއްގައި ވަށައިގެން އޮންނަ ބުރު މަގުގެ ބޭރުން އެއްވެސް ދާއިމީ ޢިމާރާތެއް ކޮށްގެން ނުވާނެއެވެ. ވަށައިގެން އޮންނަ މަގުގެ ފުޅާމިނުގައި މަދުވެގެން 50 ފޫޓު ހުންނަން ވާނެއެވެ.
  7. ފުޅާމަގުތަކުގެ މެދުގައި، ބޮޑެތި ގަސް ޖެހުމަކީ، ރަށް ފިނިވެފައި ހިތްފަސޭހާވާނޭ ކަމެކެވެ.
  8. ސިޓީގެ ގޮތަށް ބައިބޯކޮށް ބިނާކުރާ ހިސާބުތަކުގެ އެއްކޮށްޓެއްގައި ހެދޭ ގެތަކެއްގެ މޫނުމަތި އެއްގޮތް ކުރެވިއްޖެނަމަ، ބަލައިލާން ރީތިވާނެއެވެ.
  9. ހުރިހާ ގެއެއް ފަރުމާކުރަންވާނީ، އެ ގެއެއްގައި ބޭނުންކުރާ ސައިކަލާއި ކާރު ފަދަ ސަވާރީތައް އެ ގެއެއްގެ އިމުގެ އެތެރޭގައި ޕާކުކުރެވޭ ގޮތަށެވެ.
  10. ސަރަޙައްދެއް އާބާދުކުރާއިރު، އަސާސީ ޚިދުމަތްތަކަށް ޖާގަ ކަޑައެޅިފައިވާން ވާނެއެވެ.

2016 ވަނަ އަހަރު ޗައިނާގެ ކުޑަކުޑަ ރަށެއް ފަރުމާކުރުމާ ބެހޭ މުބާރާތެއް މުޅި ދުނިޔެއަށް ހުޅުވާލިއެވެ. އެންމެ މަޝްހޫރު ބިނާވެއްޓާ ބެހޭ ކުންފުނިތަކުން މިކަމާ ކުރިމަތިލިއެވެ. ދެވަނައަށް އައި ފަރުމާގެ ކުރެހުމެއް ތިރީގައި އެވަނީއެވެ. މި ލިންކުން ފުރަތަމަ ދިހަ ހުށަހެޅުން ފެނިވަޑައިގަންނަވާނެއެވެ. މިއިން ކޮންމެ ހުށަހެޅުމެއްގައި ރާއްޖޭގެ ރަށްތަކާ ގުޅޭ،  ރާއްޖެއަށް ވަރަށް ކަމުދާ ފައިދާހުރި ތަނަވަސް ޚިޔާލުތައް ވެސް ހިމެނެއެވެ.

މި މަޒުމޫނުގައި އަޅުގަނޑަށް މި ދަންނަވާލެވުނީ، ގޯތިދިނުމަށް ސަރަޙައްދެއް ކޮށި ކޮއްޓަށް ބައިކުރާއިރު ވިސްނަންޖެހޭ ބައެއް ކަންކަމާއި ކޮށިކޮށީގައި ގެދޮރު އަޅާއިރު ބައެއް ފަރާތްތަކުން ވިސްނާ ކަންކަމެވެ. އަޅުގަނޑު އުއްމީދުކުރަނީ ރާއްޖޭގެ މަދުވެގެން އެއް ރަށް، މުޅިދުނިޔެއަށް ނަމޫނާއަކަށް ވާފަދަ ހިތްގައިމުކޮށް ފަރުމާކުރެވޭނޭ ކަމަށެވެ. ފަރުމާކޮށްފައިވާ ގޮތް ބަލަން ތުރާކުނުން ފެށިގެން ގަމުން މީހުން ދަތުރު ހަދައިގެން އަންނާނޭ ފަދަ ރަށަކަށް އެ ރަށް ވާނޭ ކަމަށެވެ.

ބިނާވެށި ފަރުމާކުރުމާ ބެހޭ އެހެން މަޒުމޫނުތައް