ދަނޑުވެރިކަން ފުޅާކުރުމަށް

ފެހިގެއާއި ފެހިގޭގެ އަސަރު

ރަށްރަށުގައި ކާބޯތަކެތި ހެއްދުމަށް، އެއީ މިރުހާއި ބަށިކަމުގައި ވިއަސް، އެންމެ މުހިއްމު އެއް ކަމަކީ، ގަސްތައް ޕްލާސްޓިކުން ހިޔާކޮށްފައި އޮންނަ ތަނެއްގައި ހެއްދުމެވެ. މިފަދަ ތަންތާނގައި ގަސް ހެއްދުމަށް ބޭނުންވާ ކާނާ ދެގުނައަށް މަދު ކުރެވެއެވެ. ނަމަވެސް، ލިބޭ ގޮވާން ދެގުނައަށް އިތުރުވެއެވެ. ޕްލާސްޓިކު ނުވަތަ ބިއްލޫރި ވަށައިގެން ޖަހައި ގަސް ހެއްދުމަށް ހަދައިފައިހުންނަ މިފަދަ ތަންތަނަށް ކިޔަނީ ފެހިގެ އެވެ. ގްރީންހައުސް ނުވަތަ ގްލާސްހައުސް އެވެ.

މި މަޒުމޫނަކީ ރާއްޖޭގެ ވެއްޓާ ރައްޓެހިގޮތަކަށް ފެހިގެ ހަދާނޭގޮތާއި އެކަމުގެ މަންފާ ހުށަހެޅުމުގެ ކުރިން ފެހިގެއާ ބެހޭ ކުރު ތައާރަފެއް ގެނެސްދޭ މަޒުމޫނެކެވެ. މި ދާއިރާއިން ދެން ލިޔާ މަޒުމޫނެއްގައި އަގުހެޔޮކޮށް ފެހިގެއެއް ހަދާނޭ ގޮތާއި އެ ފަދަ ގެއަކުން ދަނޑުން ލިބޭ އެއްޗެއް ދެގުނައަށް އިތުރުވާ ސަބަބު ބަޔާން ކުރާނަމެވެ. ނަމަވެސް، ފެހިގެއިން ދަނޑުހެއްދުމަށް ކުރާ މަންފާ ދެނެގަތުމަށް މި މަޒުމޫނަކީ މުހިއްމު މަޒުމޫނެކެވެ.

ދުނިޔެއަކީ ނާރިނގެއް ފަދައިން ވަށް އެއްޗެކެވެ. ގާތްގަޑަކަށް 24 ގަނޑިއިރު، ދުނިޔެ ވަށައިގެން ބުރެއް ޖަހައެވެ. މި އެނބުރުމުގެ އިތުރަށް އިރު ވަށައިގެން ދުނިޔެ އަހަރަކު އެއްފަހަރު ދައުރާނާ ވެއެވެ. މި ދައުރާނާވުމުގެ ސަބަބުންނާއި ނާރެސް ކުޑަކޮށް ކަތިކޮށް ހުންނާތީ، ދުނިޔޭގެ އެކި ހިސާބަށް އެކި ދުވަސްވަރު މޫސުން ތަފާތުވެއެވެ.

ރާއްޖެއާ އިރާ ދެމެދު އޮންނަ ދުރުމިން ގާތްގަޑަކަށް އެއްވަރަށް އޮންނާތީ ރާއްޖެ އޮންނަނީ އަބަދު ހޫނުކޮށެވެ. ނަމަވެސް، ދުނިޔޭގެ އެންމެ އުތުރު ކޮޅާއި އެންމެ ދެކުނު ކޮޅު، އިރާ ދެމެދު އޮންނަ ދުރުމިން އެކި މޫސުމުގައި ވަރަށް ބޮޑަށް ތަފާތު ވެއެވެ. އުތުރުކޮޅު އިރާ އެންމެ ގާތްވަނީ ޖޫންމަހުއެވެ. މި ދުވަސްވަރު އުތުރުގެ ބައްރުތަކަށް ހޫނު ގަދަވެއެވެ. ހަމަ މި ދުވަސްވަރު ދެކުނު ކޮޅުގެ ބައްރުތަކަށް ފިނިވެއެވެ. ޑިސެމްބަރު މަހު، އިރު ދެކުނު ކޮޅާ ގާތްވުމުން އުތުރުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފިނިވެ، ދެކުނުގެ ގައުމުތަކަށް ހޫނު މޫސުން އާދެއެވެ.

އެންމެ އުތުރުގެ ގައުމުތަކަށް ފިނި މޫސުން އަންނަ އިރު، ވާރޭގެ ގޮތުގައި ސްނޯ އަދި ގަނޑުފެން ފައިބައެވެ. ވިލާތަކުން ވާރޭ ވެހެން ފެށުމުން، ޖައްވު ފިނިކަމުން، ވެއްޓެން އަންނަ ފެން ތިކިތައް ކުދި ކުދި ގަނޑުފެން ތިކިތަކަކަށް ބަދަލުވެގެން ފައިބައެވެ. މި ކުދި ގަނޑުފެން ކޮޅުތައް އެކަތި މައްޗަށް އަނެކަތި އޮހޭއިރު ބާރަށް ނުފިތޭތީ މަޑުވާނެއެވެ. ސްނޯ މަޑުވަނީ އެހެން ވެގެންނެވެ. ނަމަވެސް ސްނޯ ދެއަތުން ފިއްތާލުމުން، ހަރުވެ ގަނޑުފެނަށް ބަދަލުވާނެއެވެ. ސްނޯ ފައިބާއިރު، ބިންމަތި އޮންނަނީ ހުދުވެފައެވެ.

އެންމެ އުތުރު ނުވަތަ ދެކުނު ހިސާބުތަކަށް ފިނި މޫސުން އައުމުން ހުރިހާ ދިރުމަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބައެއް ދޫނިތައް ހޫނު ހިސާބުތަކަށް އެތައް ހާސް މޭލެއް ދުރަށް އުދުހިދެއެވެ. ބައެއް ޖަނަވާރުތައް ހޮރުތަކަށް ވަދެ ދެތިން މަސްވަންދެން ”ނިދައެވެ.“ ގިނަ ގަސްތަކުން ފަތްތައް ފައިބައެވެ. އަވިދޭލެއް މަދުކަމުން ގަސްތަކުގައި ފަތް ހުއްޓަސް ހެދޭ ގޮތެއް ނުވާނެއެވެ. ގަނޑުފެން ފަތްތަކުގައި ހަރުލުމުން ފަތްތައް މަރުވެ އޮފިތައް އިރޭގޮތް ވާނެއެވެ. ފިނި މޫސުމުގައި ހެދެނީ ވަރަށް މަދު ބާވަތެއްގެ ގަހެވެ. ޢާއްމުގޮތެއްގައި، ފަތްތައް، ފިތުރޯނުހެން، ތިނޯސްގޮތަށް ހުންނަ ގަސްގަހެވެ. މި ފިނި ދުވަސްވަރު ކެއުމަށް ބޭނުންވާ ތަރުކާރީ ހައްދާނީ ކިހިނަކުން ހެއްޔެވެ؟

ފިނި މޫސުމުގައި ގަސް ހައްދަން ދެތިން ގޮތެއް ކުރީގެ މީހުން ތަޖުރިބާއިން ހޯދައިފައި ވެއެވެ. އެއްގޮތަކީ، ގަސްތައް ގާޑިޔާ ގަނޑެއްގައި ހެއްދުމެވެ. ފިނިވާން ފެށުމުން ގޭގެ އެތެރެއަށް ގަސްތައް ވައްދަނީއެވެ. ފިނި ގައުމުތަކުގައި ގޭގެ އެތެރެ ހުންނަނީ ދަރު އަންދައިގެން ހޫނުކޮށްފައެވެ.  ދެން ފިނިކަން ކުޑަވުމުން ބޭރަށް ނެރެނީއެވެ. އެންމެ ކާމިޔާބު ގޮތަކީ، ގަސްތަކުގެ މަތީ ގައި ބިއްލޫރި އުނބުގަނޑެއް ޖެހުމެވެ. ބިއްލޫރި އުނބުގަޑެއް ގަސްތަކުގެ މަތީގައި ޖެހުމުން އެތެރެ ހުންނަނީ ކުޑަކޮށް ހޫނުކޮށެވެ. އެހެންކަމުން، ސްނޯ ފޭބިއަސް ނުވަތަ ވަރަށް ފިނިވިއަސް، ގަހުގެ ފަތްތަކުގައި ގަނޑުފެން އުފެދިގެން މަރުވާ ގޮތެއް ނުވެއެވެ. ތިރީގައިވާ ފޮޓޯއަށް ވިސްނާށެވެ.

ޕްލާސްޓިކް އުފައްދަން ފެށުމުން، ޕްލާސްޓިކް ފުޅިއާއި ދިވެހީން މި ކިޔާ ސެލޯފޭން ފަދަ އެއްޗެތިން ގަސްތައް ނިވާކުރުމުން ވެސް، އެންމެ ފިނި ދުވަސްވަރު ވެސް ގަސްތައް ހެދެއެވެ. ދުވާލުވުމުން މިފަދަ ފުޅިއާއި ނިވާކުރި ކޮށިތަކުގެ އެތެރެ ހުންނަނީ ޖައްވަށް ވުރެ ހޫނު ކޮށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

ބިއްލޫރި ކޮށިތެރޭގައި، ފިނި މޫސުމުގައި، ކާމިޔާބު ކަމާ އެކު ގަސް ހެއްދޭތީ، ބޮޑެތި ގެ ބާވަތަށް ބިއްލޫރި ޖަހާފައި ހަދާފައި ހުންނަ ގެތައް ފިނި ޤައުމުތަކުގައި ހުރެއެވެ. ދުވާލުވުމުން، އަވި ކިތަންމެ މަޑުވިއަސް މިގެތަކުގެ އެތެރެ ހޫނެވެ. ފަހަކަށް އައިސް، ޕްލާސްޓިކް ޝީޓް ދަމައިގެން މީގެ ގެތައް ހަދައިފައި ހުރެއެވެ. މިގެތަކުގައި ގަސް ހައްދާތީ ގެތަކަށް ކިޔަނީ ގްރީންހައުސް އެވެ. ފެހިގެ އެވެ. ކުރީ ޒަމާނުގައި ހުސް ބިއްލޫރިން ފެހިގެ ހަދާފައި ހުންނާތީ ގްލާސްހައުސް (ބިއްލޫރިގެ) މިހެންވެސް ކިޔައެވެ.

ފެހިގޭގެ އަސަރު

ވަށައިގެން ބިއްލޫރި ހުރި ފުޅިއެއް ނުވަތަ ފޮށިގަނޑެއް އަވީގައި ބެހެއްޓުމުން އެތެރެ ބޭރަށް ވުރެ ހޫނުވާ ސަބަބު ދަންނައެވެ. އިރުން އަންނަ އަވި، ބިއްލޫރި ފުޅިއެއް ފަދަ އެއްޗެއްގެ ތެރެއަށް ވަނުމުން އެތެރެ ހޫނު ވެއެވެ. ނަމަވެސް މިހޫނުކަން ފުޅިން ބޭރަކަށް ނުނިކުމެ ވެއެވެ. އެހެންކަމުން، ހޫނު އެތެރެއަށް ވަންނަ ވަރަށް ބޭރަށް ނުނިކުންނާތީ، އެތެރެ ބޭރަށް ވުރެ ހޫނުވަނީ އެވެ. މިއީ ވަރަށް ގިނަ މީހުންނަށް ތަޖުރިބާ ކުރެވިފައިވާނޭ ކަމެކެވެ. އަވީގައި ކާރެއް އޮތުމުން، ކާރުގެ އެތެރެ ބޭރަށް ވުރެ މާބޮޑަށް ހޫނުވެއެވެ. ކުޑަދޮރަކުން ކޮޓަރިއެއްގެ ތެރެއަށް އަވި ދިނުމުން ބޭރަށް ވުރެ ކޮޓަރި ތެރެ ހޫނު ވެއެވެ.

އަވިދިނުމުން ފުޅީގެ އެތެރެ ހޫނުވާ ސަބަބާ ފުޅިއެއް ފެނުން ފުރޭ ގޮތާ އެއްގޮތްކަމެއް ހުރެއެވެ. ފުޅިއެއްގެ ތެރެއަށް ފެން އެޅުމުން ފެނުން ފުޅި ފުރޭނީ، ފުޅީގައި ފެން ފައިބާނެ، ބޭރަށް ދާނޭ ޖާގައެއް ނެތްނަމަ އެވެ. ދެން ކުރެވޭ ސުވާލަކީ، އަވިން އަންނަ ހޫނު، ފުޅީގެ ތެރޭގައި ހަރުލަނީ ކީއްވެ ހެއްޔެވެ؟ ފުޅީގެ ތެރެއިން ލާފައި ބޭރަށް ނުދަނީ ކީއްވެ ހެއްޔެވެ؟

އަވީގައި ހުރުމުން އަހުރެމެންގެ ހަންގަނޑަށް ހޫނުކަން އިޙްސާސް ވެއެވެ. ނަމަވެސް، ހޮޅިބުރީގެ އަލީގައި ހުރުމުން ނުވަތަ އެލްއީޑީ އައްޔެއްގެ ކުރިމަތީގައި ހުރުމުން ހޫނެއް ނުވެއެވެ. އިސްތިރި ފަދަ ތަކެތި ދޮންވުމުން ހޫނުވެއެވެ. ނަމަވެސް އެއަކުން އައްޔެއް ނުނިކުމެއެވެ. މިކަމުން އެނގެނީ ހޫނުވުމާއި އަލިވުމާ އެއީ ދެކަމެއް ކަމެވެ. ޙަޤީޤަތުގައި އިރުން އަންނަ ހޫނު އަންނަނީ ލޮލަށް ނުފެންނަ ”އިންފްރާރެޑް“ ރާޅުތަކެއްގެ ގޮތުގައެވެ. ހޫނު ކޮންމެ އެއްޗަކުން މި ރާޅުތައް ހުންނަނީ ނުކުމެނުކުމެ އެވެ. އިސްތިރިއާ ގާތްވުމުން ހަންގަނޑަށް ހޫނު ކަން އިޙްސާސް ކުރެވެއެވެ. ނަމަވެސް ލޮލަކަން ހޫނުކަމެއް ނުފެންނާނެއެވެ.

ހޫނު އެއްޗަކުން ނުކުންނަ އިންފްރާރެޑް ރާޅުތައް، އެ އެއްޗެއްގެ ހޫނުކަން ގަދަވާ ވަރަކަށް ތަފާތު ވެއެވެ. ހޫނު ގަދަ ނަމަ، ޖެހިޖެހިގެންވާ ދެ ރާޅުގެ ހުޅީގެ ދެމެދުގެ ދުރުމިން ކާރި ވާނެއެވެ. މިފަދަ އިންފްރާރެޑް ރާޅުތަކަށް ކިޔަނީ ކުރު އިންފްރާރެޑް ރާޅެވެ. އިރަކީ ވަރަށް ހޫނުކަން ގަދަ އެއްޗެއްކަމުން އެއިން އަންނަ ރާޅުތައް ވަރަށް ކުރެވެ. އިންސާނެއް އިރުހާ ހޫނެއް ނޫނެވެ. އެހެންކަމުން އިންސާނެއްގެ ގައިން ނުކުންނަ އިންފްރާރެޑް ރާޅުތައް އިރުން އަންނަ ރާޅުތައްހާ ކުރެއް ނޫނެވެ.

ދެން އަވީގައި ހުރި ބިއްލޫރިޖެހި ފޮއްޓެއް ޚިޔާލަށް ގެންނާށެވެ. ބިއްލޫރިއަކީ ވަރަށް އާދަޔާ ޚިލާފު އެއްޗެކެވެ. ބިއްލޫރި ހުރަސްކޮށް ދަތުުރު ކުރެވެނީ ހަމައެކަނި ކުރު އިންފްރާރެޑް ރާޅަށެވެ. އެހެންކަމުން އިރުން އަންނަ އިންފްރާރެޑް ރާޅުތައް ފޮށީގެ އެތެރެއަށް ވަދެވެއެވެ. މި ރާޅުތަކުން ފޮށީގެ އެތެރެ ހޫނުވެއެވެ. ނަމަވެސް ފޮށީގެ އެތެރެ އިރުވަރަކަށް ހޫނެއް ނުވެއެވެ. އެހެންކަމުން ފޮށިން އުފައްދަނީ ދިގު އިންފްރާރެޑް ރާޅުތަކެވެ. މި ދިގު އިންފްރާރެޑް ރާޅުތަކަށް ބިއްލޫރި ހުރަސްކޮށް ނުނިކުމެވެއެވެ. ހޫނު ވަންނަ ވަރަށް ނުނިކުންނާތީ، ފޮށީގެ އެތެރެ ހޫނުވަނީ އެވެ.

ޓީވީ ރިމޯޓްތަކުން ނުކުންނަނީ އިންފްރާރެޑް ރާޅެވެ. މޮބައިލް ފޯނެއްގެ ކެމެރާ ރިމޯޓަށް ދިއްކޮށްފައި ރިމޯޓަށް ފިތާލަނިކޮށް ކެމެރާއަށް މި ރާޅުތައް ފެންނާނެއެވެ. ދިރޭ ތަކެއްޗާއި އިންސާނުންގެ ގައިން ވެސް އިންފްރާރެޑް ރާޅު ހުންނަނީ ނުކުމެ ނުކުމެ އެވެ. ބައެއް ބާވަތުގެ ސެންސަރުން މީހަކު ތަނަކާ ގާތްވުމުން ދެނެގަންނަނީ މިކަން މެދުވެރިކޮށެވެ. އިންސާނާގެ ލޮލަށް ނުފެނުނަސް، އިންފްރާރެޑް ފެންނަ ކެމެރާ ހުރެއެވެ. ތިރީގައިވާ ފޮޓޯގައި އެވަނީ އާދައިގެ ކެމެރާއަކުންނާއި އިންފްރާރެޑް ކެމެރާއަކުން ނަގާފައިވާ ފޮޓޯއެވެ. ކަރުދާސް ފޫއަޅުވާލާފައި އިންފްރާރެޑް ރާޅުތަކެއް ދަތުރު ނުކުރާކަން މި ފޮޓޯއިން ފާހަގަ ކުރެވެއެވެ. މި ވީޑިއޯގައި އިތުރު މަޢުލޫމާތު ހިމެނެއެވެ.

ހޫނު ސަރަޙައްދުތަކަށް ފެހިގެ ޢާއްމުވުން

ފިނި މޫސުމުގައި ގަސް ހެއްދުމަށް ފެހިގެ ބޭނުން ކުރަން ފެށުމުން، ތަޖުރިބާގެ މަގުން ގިނަ ބަޔަކަށް ޔަޤީންވީ، ހޫނު މޫސުމުގައި ވެސް ގަސް ހެއްދުމަށް ފެހިގެ ރަނގަޅު ކަމެވެ. ގަހަށް ބަލި ޖެހުން މަދުވެފައި، ކާނާ ބޭނުންވާލެއް މަދުކަމެވެ. އަދި މިއާއެކު ގަސްތައް ހެދޭގޮތް މާ ރީތިކަމެވެ. ނަމަވެސް، ހޫނު މޫސުމުގައި ފެހިގެތެރެ ހޫނު ކަމުން، ފެހިގޭގައި ގަސް ހައްދަނީ ވައި ދައުރުވާގޮތަށް މަތި ހުޅުވައިގެން ނުވަތަ ފަންކާއަކުން ހޫނުވައި ބޭރުކޮށްގެންނެވެ.

ރާއްޖެ ފަދަ ހޫނު ތަންތަނުގައި ފެހިގޭގައި ގަސްހެއްދުމުގެ މަންފާތައް ތިރީގައި ޚުލާޞާކޮށްލަމެވެ.

 1. ގަސްތައް ވާރެއިން ރައްކާތެރިވުން

  ހާމަ ދަނޑެއްގައި ގަސް ހައްދާނަމަ، ގަސްތަކަށް ވާރޭ ވެހުމުގެ ސަބަބުން ހަތަރު ކަމަކުން ގެއްލުން ލިބެއެވެ. އެއްކަމަކީ، ވާރޭ ބޯކޮށް ވެހުމުން، ފަތްތަކާއި މޭވާތަކަށް އަނިޔާ ވުމެވެ. ދަނޑުވެރިންނަށް ޔަޤީންކަމާއެކު އެނގެނީ ބޯކޮށް ވާރޭވެހުމުން، ދަނޑުތައް ހަލާކުވާކަމެވެ. ދެވަނަ ކަމަކީ، ވާރެއާއެކު، ޖައްވުގައި ހުންނަ ބަލިޖައްސާ ޖަރާސީމުތައް ގަސްތަކަށް ފެތުރި އާލާވާކަމެވެ. މަތީ ގޮފިތަކުގައި ނުވަތަ  ކައިރި އެހެން ގަހެއްގައި ހުންނަ ޖަރާސީމުތައް ވާރެއާ އެކު ގަސްތަކަށް ފެތުރޭނެއެވެ. ގަސްތަކަށް ފެންޖަހާއިރު، ހަމައެކަނި ބުޑަށް ޖެހުމަށް ބައެއް ދަނޑުވެރިން ބުނަނީ އެހެންވެގެންނެވެ. ތިންވަނަ މައްސަލައަކީ، ބޯވާރޭގެ ސަބަބުން، ގަހުގެ މޫތައް ގެނބޭކަމެވެ. ފަހެ، ގިނަ ގަސް ނޭވާލަނީ މުލުންނެވެ. މޫތައް ފެނުން ފޯވެފައި ގިނައިރު ވެއްޖެނަމަ، ބައެއް ބާވަތުގެ ގަސް މަރުވާނެއެވެ. ހަތަރުވަނަ މައްސަލައަކީ، ގަހުގެ ބުޑަށް އަޅައިފައި ހުންނަ ކާނާ، ބޯކޮށް ވާރޭ ވެހުމުން، ވާރެއާ އެކު، ބިމުގެ އަޑިއަށް ފޭދިގެން ދާކަމެވެ. އެހެންކަމުން، ކާނާ ބޭނުންވާލެއް ގިނަވާނެއެވެ.

 2. ގަސްތައް ވައިން ރައްކާތެރިވުން

  ވައި ޖެހުމުގެ ސަބަބުން ގަސްތަކުގެ އޮފިތަކަށާއި މޭވާތަކަށް ލިބޭ އަނިޔާގެ އިތުރަށް، ވަޔާއެކު، ވަރަށް ދުރުގައި ހުންނަ ގަސްގަހުގެ ޖަރާސީމުވެސް ފެތުރި، މުޅި ދަނޑުގައި ބަލިތައް ޢާއްމުވެއެވެ.

 3. ބަލި ޖެހުން މަދުވުން

  ވާރެއާއި ވަޔަކީ ބަލި ފަތުރާ އެއްޗަކަށް ވާތީ، ފެހިގޭގައި ހައްދާ ގަސްގަސް ބަލި ޖެހުން ދުރުވާނެއެވެ. މީގެ އިތުރަށް، އުދުހޭ ބައެއް މަދިރި، މަކުރު ފަދަ ތަކެތީން ބަލިޖެހެއެވެ. ފެހިގޭގެ ސަބަބުން މި ގޮތަށް ޖެހޭ ބަލިވެސް މަދުވާނެއެވެ. ގިނަ ފެހިގެތަކުގައި ގަސް ހައްދަނީ އެކި ފާޑުގެ ބާލިދީއާއި އުނބާއި ގޯނިފަދަ ތަކެތީގައެވެ. ބިންމަތީގައި އޮންނަނީ ތަރަފާލު ނުވަތަ ތަޅުން އަޅާފައެވެ. ނޫންނަމަ، ގަސް ހައްދަނީ ދެ ފޫޓުވަރު އުސް އައްޓެއްގައެވެ. މިކަންކަމުގެ ނަތީޖާއަކަށް ވަނީ ގަސްތަކަށް ޖެހޭ ބަލި %90 ދަށްވުމެވެ. ލިބޭ ކުރާތަކާއި މޭވާތައް ގިނަވުމެވެ.

 4. އަތްވަކީ އެކި ބާވަތުގެ ގަހަށް އެކި މިންވަރަށް ބޭނުންވާ އެއްޗެކެވެ. ފެހިގޭގައި ގަސް ހައްދާއިރު، ދައު ދަމައިގެންނާއި އެހެން ގޮތްގޮތުން، އެކި ގަހަށް އެކި މިންވަރަށް އަވިލިބޭ ގޮތް ހެދެއެވެ.
 5. ފެހިގޭގައި ގަސް ހައްދާއިރު، ވަކި މޫސުމަކު ގަސް ހައްދާކަށް ނުޖެހެއެވެ. މުޅި އަހަރުގެ ހުރިހާ ދުވަހަކު ދަނޑުވެރިކަން ކުރެވެއެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމުގެ ނަތީޖާއަކަށް ވަނީ ގަސްތަކަށް ޖެހޭ ބަލި %90 ދަށްވުމެވެ. ލިބޭ ކުރާތަކާއި މޭވާތައް ގިނަވުމެވެ. ބޭނުން ކޮންމެ މޫސުމެއްގައި ގަސް ހެއްދޭގޮތް ވުމެވެ. މިކަމާ ގުޅިގެން، ރާއްޖެ ފަދަ ހޫނު ހުރިހާ ޤައުމެއްގައި ހެން، މިހާރަކަށް އައިސް ތަރުކާރީގެ ގޮތުގައި ބޭނުންކުރާ ހުރިހާ ގަހެއް ހައްދަނީ ފެހިގޭގައެވެ.

ހޫނު ސަރަޙައްދުތަކުގައި ވެސް މިހާރު ދަނޑުވެރިކަން ކުރަނީ މުޅިންހެން ފެހިގޭގައެވެ. ހާމަ ދަނޑުތަކުގައި ހައްދަނީ ގޮދަން ފަދަ ކުރާ އަންނަ ތަކެއްޗާއި އަލުވި އާއި މިފަދަ އަގުހެޔޮކޮށް ބޮޑު ތަނެއްގައި ގިނައިން ހައްދަން ޖެހޭ ގަހެވެ. ރާއްޖޭގައި ވެސް، ދަނޑުވެރިކަން ކުރާ އެތައް ބައެއް ބޭނުން ކުރަނީ ފެހިގެއެވެ. މިސާލެއްގެ ގޮތުން ފެނުގައި ހައްދާ ހުރިހާ ގަހެއް ހައްދަނީ ފެހިގޭގައެވެ. ތިރީގައި އެވަނީ ދ.ކުޑަހުވަދޫގައި ކިރުކޮޕީ ނުވަތަ ލެޓިސް ހައްދާ ތަނެވެ. މަތިވަނީ ޕްލާސްޓިކުން ހިޔާކޮށްފައެވެ. ރަނގަޅުވީހީ ވަށައިގެން ނިވާކުރި ނަމައެވެ.

ބައެއް ރިސޯޓްތަކުގައި، އެ ރިސޯޓްތަކަށް ބޭނުންވާ ތަރުކާރީ ހައްދައެވެ. ތިރީގައި އެވަނީ ކުރެދޫ ރިސޯޓްގައި ތަރުކާރީ ހައްދާތަނެވެ. ހުރިހާ ތަރުކާރީ ގަހެއް ހައްދަނީ ފެހިގޭގައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 2000 ގެ ފުރަތަމަ އަހަރުތަކުގައި، ފެހިގޭގައި ތަފާތު ގޮތްގޮތަށް ގަސް ހެއްދުމުގެ ދިރާސާއެއް ކުރިއެވެ. މިކަން ކުރީ ހދ.ހަނިމާދޫގައެވެ. ފާހަގަ ކުރެވޭ ފަދައިން، މި ދިރާސާކުރުމަށް ވަނީ ވަރަށް ބޮޑު ފެހިގެއެއް އެ ރަށުގައި އަޅާފައެވެ. އޭގެ އަހަރުތަކެއްގެ ފަހުން އެ ތަން ދުށް އިރު އެތަނުގެ ދިރުން ގެއްލި ވަރަށް ބޮޑަށް ވީރާނާ ވެފައިވަނިކޮށް ދުށީމެވެ. ތިރީގައިވާ ފޮޓޯ ނަގާފައިވަނީ 2003 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

ފެހިގޭގައި ދަނޑުވެރިކަން ކުރުމަކީ ތަފާތު އެތައް މަންފާތަކެއް ހުރި ކަމެކެވެ. މިހާރުވެސް އެތައް ބަޔަކު ދަނޑުވެރިކަން ކުރަނީ ފެހިގޭގައެވެ. ރާއްޖޭގައި ތަރުކާރީ ހެއްދުމަށް އެންމެ ރަނގަޅު ގޮތަކީ ވެސް މިއީ އެވެ. ނަމަވެސް، ފެހިގެ އަޅައިގެން ދަނޑުވެރިކަން ކުރަން ބޭނުންވާ މީހާ ކުރިމަތިލާން ޖެހޭނީ ވަރަށް ބޮޑު ހުރަސްތަކަކާ އެވެ. އެއީ ފެހިގޭ މަތީގައި ޖަހާ ޕްލާސްޓިކްގެ އަގުބޮޑުކަމެވެ. ޙަޤީޤަތުގައި އަގުބޮޑީކީ ނޫނެވެ. ނަމަވެސް ކަސްޓަމުން ނަގާ ޑިއުޓީ ބޮޑުކަމުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕްލާސްޓިކް އިންތިހާއަށް އަގުބޮޑެވެ. އިންޑިއާގެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ފެހިގެ ހަދަން ސަރުކާރުން ސަބްސިޑީވެސް ދެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި . . . . . .!! ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ މިއީއެވެ.

އަޅުގަނޑު ދެން ލިޔާ މަޒުމޫނެއްގައި ގެނެސްދޭނީ ރަށްފުށުގައި ކުޑަވަރެއްގެ ފެހިގެއެއް ހަދާނޭ ގޮތެވެ.

ދުނިޔެ ހޫނުވުން

ފަހަކަށް އައިސް ގްރީންހައުސް ގޭހުގެ ސަބަބުން ދުނިޔެ މާބޮޑަށް ހޫނުވާ ވާހަކަ މީހުން ދައްކައެވެ. މިކަން ވާގޮތާއި ފެހިގެތައް އަވިން ހޫނުވާ ގޮތާ ދާދި އެއްގޮތެވެ. ދުނިޔެއަށް ލިބޭ ހޫނުކަމަކީ، މައިގަނޑު ގޮތެއްގައި އަވިން ލިބޭ ހޫނުކަމެވެ. ދުނިޔޭގެ ހޫނުކަން ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަނީ، ދުވާލު އަވިން ލިބޭ ހޫނުކަން، ރޭގަނޑު ވުމުން އަދި އެހެން އިރު އިރު ދުނިޔެއިން ބޭރުވާތީއެވެ. ހޫނުކަން ލިބެނީވެސް އަދި ބޭރުވަނީ ވެސް އިންފްރާރެޑް ރާޅުތަކެއްގެ ގޮތުގައެވެ.

ފަހަކަށް އައިސް އެކި ކަންކަމު އިންސާނުން އަންދާ ތެލުންނާއި އެހެން ގޮތްގޮތުން، ކާބަން ޑިއޮކްސައިޑް އަދި އެހެން ބާވަތްބާވަތުގެ ގޭސްތަކުން ދުނިޔެ ވަށައިގެން ޖައްވުގައި ބޯ ފަށަލައެއް ލެވެމުން ދެއެވެ. މި ފަށަލަ ވަނީ ދުނިޔެ ވަށައިގެން ލެވޭ ބިއްލޫރި ފަށަލައެއް ފަދަ އެއްޗަކަށެވެ. އިރުން އަންނަ ހޫނު މި ފަށަލަ ފޫދުއްވާލާފައި ބިމާ ހަމައަށް އާދެއެވެ. ނަމަވެސް، ބިމުން އުފައްދާ ދިގު އިންފްރާރެޑް ރާޅުތައް މި ގޭސް ފަށަލައިގައި ޖެހިފައި އެނބުރި ބިމަށް ރިވެލިވެއެވެ. ހޫނު ބޭރުވާލެއް މަދުވެއެވެ. އެހެންކަމުން، ދުނިޔެއަށް އަންނަ ހޫނަށް ވުރެ ބޭރުވާ ހޫނު މަދުކަމުން ދުނިޔޭގެ ހޫނުމިން މައްޗަށް ދަމުން ދެއެވެ. 2018 ވަނަ އަހަރުގެ އޭޕްރިލް މަހު، ވޭތިވެދިޔަ 70 ވަރަކަށް އަހަރު ހޫނު ނުވާ ވަރަށް އިނގިރޭސިވިލާތް ހޫނުވެގެން އެވާހަކަތައް ނޫހުގައި ޖަހާފައި ވެއެވެ.  ކާބަން ޑިއޮކްސައިޑް ފަދަ ގޭސްތަކަށް ގްރީންހައުސް ގޭސް ކިިޔަނީ ބިއްލޫރި ފަށަލައެއް ފަދައިން މި ފަދަ ގޭހުގެ ފަށަލަ ޙަރަކާތް ކުރާތީއެވެ.