މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކާއި ރަސްމީ ބައެއް ތަޤްރީރުތަކުގައި އެކި ފަހަރު އިނގިރޭސި ބަހުން މި ކިޔާ ”ވެލިޔޫ“ އަދި ”ވެލިޔޫޒް“ މި ދެ ލަފުޒަށް އިޝާރާތް ކުރެވެ އެވެ. މި ދެ ލަފުޒު ބޭނުން ކުރާ އިރު، މި ލަފުޒާ ގުޅޭ ދިވެހި ލަފުޒަކަށް ކިޔާތީ އަޑު އިވެނީ ”އަގު“ އަދި ”އަގުތައް“ އެވެ. މިއީ ޢާއްމު ރައްޔިތުންނަށް ވަރަށް ބޮޑަށް މާނަ އޮޅޭނޭ ކަމެކެވެ. އިނގިރޭސި ބަހުން ”ޕްރައިސް“ – price  މި ލަފުޒުން މާނަކުރާ ޚިޔާލާއި އިނގިރޭސި ބަހުން ”ވެލިޔޫ“ – value   އިން މާނަކުރާ ޚިޔާލު ވަރަށް ތަފާތެވެ.  މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ އިނގިރޭސި ލަފުޒުގެ މާނައާއި މިއާ އެންމެ ގުޅޭ ކަމަށް ފެންނަ ދިވެހި ލަފުޒާއި ޢިބާރާތެވެ.

އާދެ! އިނގިރޭސި ބަހުން ޕްރައިސް – price – ކިޔަނީ އެއްޗެއް މިލްކުކުރުމަށް އެ އެއްޗެއް ވިއްކާ ފަރާތަށް ބަދަލުގައި ދޭން ޖެހޭ ފައިސާގެ މިންވަރަށެވެ. މިއާ އެންމެ ގުޅޭ ދިވެހި ލަފުޒަކީ ”އަގު“ އެވެ. މިސާލެއްގެ ގޮތުން، އާފަލެއްގެ އަގަކީ 10 ރުފިޔާ ކަމަށް ބުނުމުން، އެއިން މާނަކުރަނީ، އާފަލެއް މިލްކުކުރުމަށްޓަކައި ބަދަލުގައި ދައްކަން ޖެހޭ ފައިސާގެ މިންވަރެވެ. އެއީ 10 ރުފިޔާއެވެ. ކޮންމެ މީހަކަށް ވެސް މި އަގަށް އާފަލެއް ގަނެވިދާނެއެވެ. އެންމެންނަށް އޭގެ އަގު އެއްވަރެވެ.

ވެލިޔޫ އަކީ މުޅީން ތަފާތު ޚިޔާލެކެވެ. މުޅީން އެހެން މަފްހޫމެކެވެ. އެހެން ކޮންސެޕްޓް އެކެވެ. ވެލިޔޫ އިން މާނަކުރަނީ، އެއްޗަކަށް މީހަކު ކުރާ ގަދަރެވެ. މީހަކަށް އެއްޗެއްގެ މުހިއްމު ކަމެވެ. ބޭނުންތެރި ކަމެވެ. އެކި މީހުންނަށް އެއް އެއްޗެއްގެ ވެލިޔޫ ތަފާތު ވާނެއެވެ. މިސާލެއްގެ ގޮތުން، ފިހާރައެއްގައި ވިއްކަން ހުރި ގޮނޑިއަކާ މެދު ވިސްނަވާށެވެ. އެ ގޮނޑީގެ އަގަކީ 500 ރުފިޔާ ކަމަށް ވެދާނެއެވެ. އެ އަގަށް ކޮންމެ މީހަކަށް ވެސް އެ ގޮނޑި ފިހާރައިން ވިއްކާނެއެވެ. އޭގެ އަގަކީ، އޭގެ ލަކުޑިއާއި އެ ގޮނޑި ޖެހުމަށް ދާނެ ޚަރަދުގެ އަގެވެ. ނަމަވެސް، މީހަކަށް އެ ގޮނޑިއަކީ އުތީމު މުޙައްމަދު ތަކުރުފާނު ބޭނުންފުޅު ކުރެއްވި ގޮނޑިކަން އެނގިއްޖެނަމަ، އޭނާއަށް އޭގެ ވެލިޔޫ ނުވަތަ އޭނާ އެ ގޮނޑިއަށް ކުރާ ޤަދަރު ވަރަށް މަތިވާނެއެވެ. ފައިސާ ހުރިނަމަ، އެ ގޮނޑި އޭނާ އެއް ލައްކަ ރުފިޔާއަށް ވެސް ގަނެފާނެއެވެ. މި ޙާލަތުގައި، ގޮނޑީގެ ޕްރައިސް އަށް ވުރެ ގޮޑީގެ ވެލިޔު މާ މައްޗެވެ. ގޮނޑީގެ އަގަކީ 500 ރުފިޔާ ކަމަށް ވިޔަސް، އެ ގޮނޑީގެ ވެލިޔޫ އޭގެ ތާރީޚް އެނގޭ މީހަކަށް ވަރަށް މައްޗެވެ.

ބައެއް މީހުން ބުނަނީ އަގަކީ އެއްޗެއް މިލްކު ކުރުމަށް މީހަކު ދޭ ފައިސާގެ މިންވަރު ކަމަށެވެ. ވެލިޔޫ އަކީ މީހަކު ފައިސާ ދީފައި ލިބިގަތް އެތި ކަމަށެވެ. އެ އެއްޗެއް އޭނާއަށް މުހިއްމުވެ، ބޭނުންތެރިވާ މިންވަރު ކަމަށެވެ. މުދަލެއްގެ ވެލިޔު ނުވަތަ ޤަދަރު ބިނާވެގެންވަނީ ތަނާއި، ވަގުތާއި، މީހާ އާއި އެ މުދަލެއްގެ ގިނަމަދު ކަމުގެ (ތަދުކަމުގެ) މައްޗަށެވެ.

އެހެންކަމުން، އެއްޗެއްގެ ވެލިޔޫ ނުވަތަ ޤަދަރު އެއް ތަނެއްގައި މަތިވެފައި އަނެއް ތަނެއްގައި ދަށް ވެދާނެއެވެ. މިސާލަކަށް ފެނަކީ އޭގެ ޒާތުގައި އަގު ބޮޑު އެއްޗެއް ކަމުގައި ވިޔަސް، ފެން ގިނަ ބްރެޒިލް ގައި ފެނަކީ މާކަ އަގެއް ހުރި އެއްޗެއް ނޫނެވެ. ނަމަވެސް، ފެނަކީ ދިވެހިރާއްޖޭގައި ވަރަށް އަގުބޮޑު އެއްޗެކެވެ. ހޫނު ސަހަރާއެއްގައި، ކަރުހިއްކުމުގެ ސަބަބުން މަރުވަމުންދާ މީހަކު، ފެން ލީޓަރެއް އެއް މިލިއަން ރުފިޔާ ދީފައި ވެސް ގަނެފާނެއެވެ. އެ ވަގުތު އޭނާއަށް ނޭވާލާން ބޭނުންވާ އޮކްސިޖަން އަށް ފަހު އެންމެ މުހިއްމު ވާނީ  ފެނެވެ.

މިހާ ހިސާބަށް ވިދާޅުވި ބޭފުޅުންނަށް މުދަލެއްގެ ޕްރައިސް އާއި ވެލިޔޫ — އަގާއި ގަދަރު — ފަރަގު  އެނގިވަޑައިގަންނަވާނެ އެވެ. އަދި ވެލިޔު އަށް އަގު ކިޔުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ވެސް ވިސްނިވަޑައިގަންނަވާނެ އެވެ. މިސާލެއްގެ ގޮތުން ތިރީގައިވާ ޖުމުލަ ދިވެހި ބަހަށް ތަރުޖަމާ ކުރަމާތޯ އެވެ؟

Water has a high value but low price

”ވެލިޔޫ“ އަކީ ”އަގު“ ކަމަށް ބަލާ ނަމަ، މި ޖުމުލައިގެ މާނައަކަށް ވާނީ ފެނުގެ އަގު މަތި ނަމަވެސް އަގު ދަށެވެ. އާދެ! ހަމަޖެހޭ ޖުމުލައެއް ނޫނެވެ. އެއަށް ވުރެ ރަނގަޅު ތަރުޖަމާއަކަށް ވާނީ، ފެނުގެ ޤަދަރު މައްޗެވެ. ނަމަވެސް އަގު ދަށެވެ. މި ތަރުޖަމާ މިއަށް ވުރެ ވެސް ރަނގަޅު ކުރެވިދާނެ އެވެ. ރަނގަޅު ކުރަން ބޭނުންވަނީ އިނގިރޭސިބަހުން ވެލިޔޫ މިކިޔާ ޚިޔާލަށް އެހެން ލަފުޒެކެވެ. އަގާ ވައްތަރުގެ އެހެން ލަފުޒެކެވެ. އެ ލަފުޒަކީ ކޮބައިތޯއެވެ؟

އާދެ! ދިވެހި ބަސްފޮތް ބަލާއިރު މިފަދަ ލަފުޒެއް މ ގެ ރަދީފުގައި ވެއެވެ. އެއީ ”މަކަ“ އެވެ. މަކަ ގެ މާނަކަމުގައި ލިޔެފައި ވަނީ އަންނަނިވި ގޮތަށެވެ.

މަކަ: ނ. (ބޯދާ) އަގު.

އަޅުގަނޑުގެ ހުށަހެޅުމަކީ އިނގިރޭސިބަހުން ވަކި ޙާލަތެއްގައި، ވަކި މީހަކަށް މުދަލެއްގެ ބޭނުންތެރިކަމާއި މުހިއްމުކަމާއި ޠަބީޢީ މަތިވެރިކަމަށް މި ކިޔާ ލަފުޒު (value) ގެ  ބަދަލުގައި މަކަ ބޭނުންކުރުން ކިހިނެއް ވާނެތޯ އެވެ؟

މި ލަފުޒުގެ މާނަ، ކަމާ ބެހޭ ފަރާތްތަކުން ޢާއްމު ކުރުމުން މީހުންގެ ވިސްނުމާއި ފިކުރުގައި މާނަ ހަރުލައި މާ ގިނަ އަހަރުތަކެއް ނުވަނީސް ޢާއްމު ވެދާނެއެވެ. ލަފުޒަކީ، ވިސްނުން ފާގަތިކުރަން، ޚިޔާލު ތަނަވަސް ކުރަން ވަރަށް ބޭނުންތެރި ލަފުޒެކެވެ. އިންސާނާ ވިސްނަނީ ލަފުޒު ބޭނުންކޮށްގެން ކަމަށް ވެއެވެ. މަކަ ދިވެހި ބަހުގެ ތެރެއަށް ޢާއްމުވުމުން ދިވެހީންގެ ވިސްނުން ކުރިއަރާނެ ކަމަށް ފެނެއެވެ.

value މި ލަފުޒު އިނގިރޭސި ބަހަށް އައިސްފައިވަނީ ލެޓިން ބަހުގެ އަސްލަކުން ފަރަންސޭސި ބަހުން ކަމަށް ބުނެއެވެ. ލެޓިން ބަހުގެ މުލު ލަފުޒުގެ މާނައަކީ ވަރުހުރުން ކަމަށް ވެއެވެ.

——-

ވެލިޔޫ އާ ވަރަށް ވައްތަރު އެހެން ލަފުޒެއް އޮވެއެވެ. އެ ލަފުޒު ޢާއްމުކޮށް ބޭނުންކުރަނީ ގިނަ ނަމެއްގެ ގޮތުގައެވެ. އާދެ! ވެލިޔޫޒް (values) ގެ ގޮތުގައެވެ. މި ލަފުޒުގެ މާނަކަމަށް އިނގިރޭސި އެކި އެކި ބަސްފޮތްތަކުގައި އޮންނަނީ އަންނަނިވި ގޮތް ގޮތަށެވެ.

  1. ކަމެއް ރަނގަޅު ނުވަތަ ނުބައި ކަމެއްކަމަށް ކަނޑައެޅުމަށް އެކި ޙާލަތްތަކުގައި މީހަކު ބޭނުންކުރާ އުސޫލުތައް.

  2. އޭގެ ޒާތުގައި މަތިވެރި، އެދެވޭ ސިފައެއް ނުވަތަ އުސޫލެއް.

  3. މުހިއްމުކަމަށް، މަތިވެރިކަމަށް، މަޤްބޫލްކަމަށް ފުންކޮށް ޤަބޫލުކުރާ އިޢުތިޤާދެއް.

  4. ދުނިޔޭގައި އުޅޭ އުޅުމުގައި، މުހިއްމުކަމަށް ދެކޭ އުސޫލެއް ނުވަތަ ސިފައެއް.

ވެލިޔޫޒް –  values ގެ މިސާލުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ: ތެދުވެރިކަން، ކެތްތެރިކަން، ނަޒާހަތްތެރިކަން، ޝުކުރުވެރިވުން، މަޢާފުދިނުން، ލޯބި، އިޙްތިރާމް، ދީލަތިކަން، ރަޙުމްކުރުން، ވަފާތެރިކަން، ވިސްނުންތެރިކަން، ޒިންމާނެގުން، ޙިކްމަތްތެރިކަން. ހައިރާންކުރުވަނިވި އެއްކަމަކީ، ބައެއް މީހުންނަށް އަންނަނިވި ކަންކަމަކީ ވެސް ވެލިޔޫޒް ގެ ތެރޭގައި ހިމެނޭ ކަންކަމެވެ: ދަހިކަން، ބަދަލުހިފުން، މަޝްހޫރުކަން، ކިބުރުވެރިކަން، ޖައްބާރުކަން.

މަތީގައިވާ މާނަތަކަށް ވިސްނުމުން، އެ މާނައިން ފަހުމްވާ ޚިޔާލަށް ”އަގުތައް“ އެންމެ ރަނގަޅު ތޯއެވެ؟ އަގުތަކަކީ ވެލިޔޫޒް – (values) އަށް ވަރަށް ކަމުނުދާ ލަފުޒެކެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. މި ލަފުޒުގެ ބަދަލުގައި، ބޭނުންކުރަން ރަނގަޅީ ކޮން ލަފުޒެއް ނުވަތަ ޢިބާރާތެއް ތޯއެވެ؟
އަޅުގަނޑު ހުށަހަޅާ އެއް ޢިބާރާތަކީ ޤަދަރުކުރާ، އިޙްތިރާމް ކުރާ ސިފަތަކެވެ. މިފަދަ، ގިނަ ބަޔަކަށް ފަސޭހައިން ދޭހަވާ ޢިބާރާތްތަކެއް ހުއްޓައި، ”އަގުތައް“ ބޭނުންކުރަނީ ކީއްވެގެން ބާވައެވެ؟ އަޅުގަނޑަށް ވިސްނޭގޮތުން، އެއް ސަބަބަކީ އިނގިރޭސި ބަހުގައި، އަޚްލާޤީ ސިފަތަކަށް ކިޔާނޭ އެހެން އެންމެ ބަހެއް ނެތީމައެވެ. ނަމަވެސް ދިވެހި ބަހުގެ ވެށިން، މި ސިފަތަކަށް ކިޔާނޭ އިތުރު ޢިބާރާތްތައް ވެސް ފާހަގަ ކުރެވިދާނެއެވެ.
އަޅުގަނޑުގެ ހުށަހެޅުމަށް ތިބާ އިންކާރު ކުރައްވާނަމަ، value އަށް އަޅުގަނޑު ހުށަހެޅި ”މަކަ“ ޖަމްޢުކޮށް ”މަކަތައް“ ބޭނުން ކުރުން ކިހިނެއް ތޯއެވެ؟ އަގު އެއްޗެއް ގަތުމަށް ކުރާ ޚަރަދުގެ ގޮތުގައި ބާއްވަމާ ތޯއެވެ؟

”މަކަތަކަށް“  ޢަރަބި ބަހުން ކިޔަނީ ޤިޔަމު (قِيَم) އެވެ. މި ލަފުޒު ބަދަލުކުރުމެއް ނެތި، ދިވެހިބަހުގައި ބޭނުންކުރުމަށް ދިވެހިބަހުގެ އެކެޑެމީއިން ކަނޑައަޅާފައި ވެއެވެ. ނަމަވެސް، އެ ލަފުޒަކީ ދިވެހި ބަހާ އެހާ ފޮނޮޓެކްޓިކްސް ގެ ގޮތުން ގުޅޭ ލަފުޒެއް ހެނެއް ހިޔެއް ނުވެއެވެ. މީގެ އިތުރަށް މި ލަފުޒު ކަމުނުދާ ސަބަބަކީ، ޤީމަތު قِيمَة އަރަބި ބަހުން، ހިންދީ ބަހުން އަދި އުރުދޫ ބަހުން މުދަލުގެ އަގަށް ބޭނުންކުރާ ކަމެވެ. ޤިޔަމު ގެ މާނައަކަށް އޮންނަނީ ސަގާފަތާއި އާދަކާދައާއި އިޖްތިމާޢި ގުޅުންތަކުގެ ތެރެއިން، މުޖުތަމަޢުއެއްގައި ބަލައިގެންފައިވާ އަޚްލާޤީ މިޢުޔާރުތައް (ސްޓޭންޑަޑްސް) ނުވަތަ ޢާއްމު މިންގަނޑުތައް ކަމަށެވެ. ނަމަވެސް މިއީ ވެލިޔޫޒް ގެ މާނައެއް ނޫނެވެ. ވެލިޔޫޒްގެ ތެރޭގައި ބަދަލުހިފުމާއި ފަޤީރުކަން ވެސް ހިމެނިދާނެއެވެ.

”Values – ވެލިޔޫޒް“ އާ ވަރަށް ވައްތަރު އެހެން އިނގިރޭސި ލަފުޒެއް އޮވެއެވެ. އެއީ ވަރޗޫޒް virtues އެވެ. މި ދެ ޚިޔާލުގެ ތަފާތު ދަންނަވާލާނަމެވެ. ވެލިޔޫޒް އަކީ މީހަކަށް މުހިއްމު އެމީހާ ޤަދަރުކުރާ ސިފައެވެ. ވަރޗޫޒް އަކީ ހުރުން އެދެވޭ ރަނގަޅު ސިފައެވެ. ހުރިހާ ވެލިޔޫޒް އެއް އަޚްލާޤީ ގޮތުން ރަނގަޅު ނުވެދާނެއެވެ. ނަމަވެސް އަޚްލާޤީ ގޮތުން ހުރިހާ ވަރޗޫޒް ރަނގަޅުވާނެއެވެ. ވެލިޔޫޒް އަކީ މީހަކަށް، ތަނަކަށް ވަގުތަކަށް ޚާއްޞަ ސިފަތަކެކެވެ. ނަމަވެސް ވަރޗޫޒް އަކީ ދުނިޔޭގެ ގިނަ މީހުން ހުރިހާ ޙާލަތެއްގައި ވެސް ރަނގަޅުކަމަށް ބުނާ ސިފަތަކެވެ. ވަރޗޫޒް ތައް ގިނަ ސަގާފަތްތަކުގައި އުފެދިގެން އަންނަނީ ދީނީ އިރުޝާދުތަކުންނެވެ. ވަރޗޫޒް ޢަރަބި ބަހަށް ގިނަ މީހުން ތަރުޖަމާ ކުރާނީ فضائل މިފަދަ ލަފުޒަކުންނެވެ. މިއީ އަޚްލާޤީ މާތް ސިފަތަކެވެ. ދިވެހިބަހުން މިފަދަ ސިފަތަކަށް ކިޔާނީ މޫރިތި، ބަނިޔާދަން ސިފަތަކެވެ. ވެލިޔޫޒް އަކީ ފައްސި ނުވަތަ ނައްސި ސިފަތަކަކަށް ވެދާނެއެވެ. ނަމަވެސް ހުރިހާ ޙާލަތެއްގައިވެސް ވަރޗޫޒް އަކީ އަޚްލާޤީ ގޮތުން މާތް ސިފައެވެ.

އަޅުގަނޑު މި ބަޔާންކުރި ވާހަކަތައް ޚުލާޞާ ކުރާނަމަ، ދަންނަވާނީ ޕްރައިސް އަކީ އަގެވެ. ވެލިޔޫ އަކީ މަކަ އެވެ. ވެލިޔޫޒް އަކީ މަކަތަކެވެ.