ރަށްފުށުގެ ތަނަވަސްކަމަށް

ރޮކް މެލަން ހައްދާނޭ ގޮތް

މެލަން އަކީ ފަހަކަށް އައިސް ރާއްޖެއިން ފެންނަމުން ދާ ވަރަށް މީރު މޭވާއެކެވެ. ކަރާގެ ބާވަތެކެވެ. ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި ފަސޭހައިން ހެދޭ މޭވާ އެކެވެ. ރަނގަޅު އަގެއް ލިބިދާނޭ މޭވާއެކެވެ.

މި މަޒުމޫނުގައި މިގެނެސްދެނީ މެލަން ހައްދާނޭ ގޮތެވެ. ލ. ގަމުގައި ދިރިއުޅުއްވާ ޢަބްދުﷲ ޝަރީފް އެކަންކުރައްވާ ގޮތެވެ. އޭނާ ކިޔާދެއްވި  ގޮތަށެވެ.

ޢަބްދުﷲ ޝަރީފް މެލަން ހައްދަނީ ވަރަށް ފުޅާކޮށެވެ. އެހެންކަމުން، އާދައިގެ ދަނޑުވެރިއަކަށް އެކަން އެހާ ފުރިހަމައަށް ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. ވީމާ،  އާދައިގެ ދަނޑުވެރިއަކަށް ގޭގައި ވެސް މި މޭވާ ހެއްދިދާނެ ގޮތް މިމަޒުމޫނުގައި ހިމަނާނަމެވެ. މީގެ އިތުރަށް މެލަން އޮށް ފަޅުވައިގެން ހެއްދުމާއި ރުވުމާއި ގަސްތަކަށް ޖެހޭ ބަލިތަކާއި އޭގަ ބޭސްފަރުވާ އާއި ވިއްކަން ކަންކުރާނޭ ގޮތް ވެސް ހިމަނާނަމެވެ. ނަމަވެސް މަޒުމޫނު ފަށާނީ މި ބާވަތުގެ ކަރާއަށް ކިޔާ ތަފާތު ނަންތަކާއި އޭގެ ތާސީރުންނެވެ.

ކަރާގެ ވައްތަރުތައް

ރާއްޖޭގައި އެންމެ ކުރީގައި ހައްދާއުޅުނީ މަޑު ފެހިކުލައެއްގައި ހުންނަ ކުޑަކޮށް ދިގު ކަރައެކެވެ. ރޯދަމަހަށް ކަރާ ޚާއްޞަވެ، ވަށްކޮށް ގަދަފެހި ރޮނގުދެމި ވަށް ކަރާ އެންމެ ފުރަތަމަ ފެންނަން ފެށީ 1980ގެ އަހަރުތަކުގައެވެ. މިއީ ބޭރުން ގެނެސްފައިވާ މުޑުވަކެކެވެ. ރާއްޖޭގައި ހުންނަ ކަރާގެ އެތެރެ ހުންނަނީ ރަތް ނުވަތަ ގަދަ ފިޔާތޮޅި ކުލައިގައެވެ. ނަމަވެސް، އެންމެ ފުރަތަމަ ދުނިޔޭގައި ހައްދަންފެށީ ރީނދޫކުލައިގައި އެތެރެ ހުންނަ ކަރައެކެވެ. މިހާރުވެސް ރީނދޫ ކަރާ ހައްދާ މީހުން އެކަން ކުރެއެވެ. ރަތްކުލައިގެ ކަރައަށް ވުރެ ރީނދޫ ކަރާ ފޮނިވާނެއެވެ. ރާއްޖޭގައި އަދި ރީނދޫ ކަރާ ޢާއްމެއް ނުވެއެވެ.

ކަރައަކީ މޭވާގެ ބާވަތްތަކުގެ ތެރެއިން ބެރީއެކެވެ. ބާވަތެއްގެ ޖޭމެކެވެ. ކަރައާ ދޭތެރޭ ފުންކޮށް ވިސްނައިފިނަމަ، މި ދެ މޭވާގައި ވައްތަރުކަމެއް ހުންނަކަން ފާހަގަ ކުރެއްވޭނެއެވެ. ތޮށި ތުނިވެފައި ކެއުމަށް ބޭނުންކުރާ ބައި ނުވަތަ ވަރި ނިސްބަތުން ބޯކަމެވެ. އޮށްތައް ކުދިކަމެވެ. ރާއްޖޭގައި ހެދޭ އެހެން ބެރީތަކުގެ ތެރޭގައި، ކަންބާ އާއި ދޮންކޭލާއި ޖުމްހޫރީ މޭވާ ހިމެނެއެވެ. ތަންކޮޅެއް ކުރިން ބާޒާރުން ފެންނަ ބޮޑުކެކުރިއަކީ ވެސް ބެރީއެކެވެ.

ކަރާގެ ވައްތަރުތަކުގެ ތެރެއިން ރާއްޖޭގައި ކުރިން ޢާއްމުކޮށް ނުހައްދައި ދެ ބާވަތެއްގެ ކަރައެއް 1990 ގެ ތެރޭގައި ހައްދަން ފަށާފައި ވެއެވެ. މީގެ ތެރެއިން އެއްބާވަތަކަށް ކިޔަނީ ހަނީޑިއުމެލަން އެވެ.  ހަނީޑިއުމެލަން އަކީ ބޮޑު ކާއްޓެއްހެން ވައްކޮށް ހުންނަ ކަރައެކެވެ. މީގެ ބޭރުތޮށި އޮމާންވާނެއެވެ. ހަނީޑިއު އަކީ ބައެއް ހަފައިލީ ސޫފިން ބޭރުކުރާ ފޮނިރަހަ ހުންނަ އޮލަ ދިޔައެކެވެ. މިނަން މިއަށް ކިޔާ ސަބަބަކީ، ފޮނިކަމުންކަމަށް ލަފާކުރެވެއެވެ. ކީރިތި ޤުރްއާންގައި މަންނާ އާއި ސަލްވާ ގެ ވާހަކަ އޮންނަ އިރު، މީގެ ތެރެއިން މަންނާ އަކީ ހަނީޑިއު ކަމަށް ބައެއް މީހުން ބުނެއެވެ. ދިވެހިބަހުން މިއަށް މަންނާ ކަރާ ކިޔުން ކިހިނެއްތޯއެވެ؟

އަނެއް ބާވަތުގެ މެލަންއަކީ ބޭރު ތޮށިގަނޑުގައި ދައުގަނޑެއްގެ ގޮތަށް އުފުލިފައި ހުންނަ ރޮނގުތަކެއް ހުންނަ ކަރައެކެވެ. މިއަށް ކިޔަނީ ރޮކްމެލަން އެވެ. މިއީ އޮސްޓްރޭލިއާގެ މީހުން ކިޔާ ނަމެކެވެ. ލަފާކުރެވޭ ގޮތުން މިއީ ގަލާ ތޮށިގަނޑު ވައްތަރުކަމުން ކިޔާ ނަމެކެވެ. އޮނުހިރީގައި ހުންނަ ރޮނގުތައް ފަދަ ރޮނގުތަކެއް ތޮށީގައި ހުންނާތީ މިބާވަތަށް ހިރި ކަރާ ކިޔުން ރަނގަޅު ވާނެތޯއެވެ؟ ގިނަ މީހުން މި ބާވަތުގެ ކަރައަށް އިނގިރޭސިބަހުން ކިޔަނީ ކެންޓެލޫޕް އެވެ. އެއީ އޭޝިއާއިން ޔޫރަޕަށް މި ވައްތަރުގެ ކަރާގެ އޮށް އެންމެ ފުރަތަމަ ގެންގޮސްގެން ހެއްދީ އިޓަލީގެ މިނަން ކިޔާ ސަހަރެއްގައި ކަމަށް ވާތީއެވެ. ޢަރަބި ބަހުން ރޮކްމެލަން އަށް ކިޔަނީ ޝައްމާމު އެވެ. މި ނަން ކިޔާ ގެއެއް މާލޭގައި ހުރެއެވެ. އަދި އަޅުގަނޑުމެން ކުޑައިރު، ކުޑަކުދީންނަށް ޑޮންޑޮން ދީގެން އޭނާގެ ނަމަކަށް ޝާއްމާމު ސީދީ ކިޔާ މީހަކު މާލޭގައި އުޅުނެވެ. ސީދީންނަކީ ކީރިިތި ރަސޫލާގެ ފާޠިމަތުގެފާނުންގެ ދަރިފަސްކޮޅަށް ނިސްބަތްވާ ބައެއް ކަމުން، އެމީހުންނަށް އެ ދުވަސްވަރު ދިވެހީން ވަރަށް ގަދަރުކުރި އެވެ. އެހެންކަމުން އޭނާއަށް ވަނަމަކަށް ސީދީ ކިޔުއްވީއެވެ. ނަމަވެސް އަޅުގަނޑާ ދިމާވެފައިވަނީ މުޅިން ފޭކު ސީދީންނާއެވެ.  ރާއްޖޭގައި ހަނީޑިއު މެލަން އާއި ރޮކްމެލަން ފަހަކަށް އައިސް ހައްދާ އުޅެއެވެ.

މަދުމަދުން ރާއްޖެއިން ފެންނަ މެލަންގެ އަނެއް ބާވަތަކީ ކެނެރީ މެލަން އެވެ. މިކަރައަށް މިހެން ކިޔަނީ ކެނެރީ ކިޔާ ދޫނީގައި ވަރައިގައި ހުންނަ ރީނދޫ ކުލަ މި ކަރާގެ ތޮށީގައި ހުންނާތީއެވެ. މި ބާވަތުގެ މެލަން ހުންނަނީ ފަޅޯހެން ދިގުކޮށެވެ. ތިރީގައިވާ ފޮޓޯތަކުން އެ ފެންނަނީ ތަފާތު 14 މުޑުވަކުގެ ކަރައެވެ. އިބައަށް ކިތައް ވައްތަރު ފެނިވަޑައިގެންފައި ވޭތޯއެވެ؟

ރާއްޖޭގައި ރޮކް މެލަން އާއި ހަނީޑިއު މެލަން މަދުމަދުން ހައްދާ އުޅެއެވެ. މެލަންގެ ވައްތަރުތަކުގެ ތެރެއިން ގިނަ މީހުންނަށް ފެނިފައިވާނީ މި ދެ ވައްތަރެވެ. މި ދެ ބާވަތުގެ ތާސީރަށް ބަލާއިރު، ދެ ބާވަތުގެ ބަރުދަނުގެ %90 އަކީ ފެނެވެ. ހަކުރުގެ ބާވަތްތައް ގިނައީ ހަނީޑިއު މެލަންގައެވެ. ދެބާވަތުގެ ވިޓަމިން އެއް މެލަންގައި ހުރެއެވެ. އެއީ ވިޓަމިން ސީ އާއި ވިޓަމިން އޭ އެވެ. މި ދެބާވަތް ވެސް ރޮކްމެލަންގައި ދެގުނައަށް ގިނައެވެ. އެއީ ގާތްގަޑަކަށް ދުވާލަކަށް ބޭނުންވާ މިންވަރުގެ %61 އާއި %68 އާ ދެމެދުއެވެ. ދެ ބާވަތްވެސް އެއްގޮތްކަމުން، އެއް ބާވަތް ބޭނުންކުރެވޭ ހުރިހާ ތަނެއްގައި އަނެއް ބާވަތްވެސް ބޭނުން ކުރެވޭނެއެވެ.

އޮށް ފެޅުވުމާއި ރުވުން

ދެން އަޅުގަނޑު މި ދަންނަވާލަނީ ޢަބްދުﷲ ޝަރީފް މެލަން ހައްދަވާކަމަށް އޭނާ ވިދާޅުވެދެއްވި ގޮތެވެ. އޭނާ އެކަން ކުރައްވަނީ ހަތަރު ފެހިގޭގައެވެ. (ގްރީން ހައުސް ގައެވެ). މިއިން ކޮންމެ ގެއެއްގައި 1200 އަކަ ފޫޓު ހުރެއެވެ. ކޮންމެ ގެއަކު 1300 ގަސް ހެއްދެއެވެ. އެހެންކަމުން މިއީ އާދައިގެ ކަމެއް ނޫންކަށް ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުން ޢަބްދުﷲ ޝަރީފް ގެ ފެންވަރަށް އެހާ ފުޅާކޮށް މިކަން ކުރައްވާ އެހެން ފަރާތެއް ރާއްޖޭގައި ނޫޅޭނެއެވެ. އޭނާގެ ތަޖުރިބާތައް އެހެން ދަނޑުވެރިންނަށް މުހިއްމުވާނެއެވެ. ޝަރީފް އޮށް ޕެކެޓް ބައްލަވައި ގަނެ ގަސްފެޅުވުމަށް ފަހު އެ ހައްދަނީ ބޮބިކުނޑި އެޅި ކޮތަޅުތަކެއްގައެވެ. ފެން ޖަހަނީ ގަހުގެ ބުޑަށެވެ. ހިމަ ހޮޅިއެއް ބޭނުންކޮށްގެން އެތައް ގަހަކަށް އެއް ފަހަރާ އެވެ.  މިއީ ހައިޑްރޯޕޮނިކްސްގެ ނިޒާމެކެވެ.

ޢާއްމު ދަނޑުވެރިއަކު ޢަބްދުﷲ ޝަރީފް މެލަން ހައްދާ ފެންވަރަށް މެލަން ހައްދަން  ދަތިތަކެއް ހުރެދާނެތީ، މަދު ގަސްކޮޅެއް ފެހިގެ ނޫން ތަނެއްގައި ހައްދާނޭ ގޮތް އަޅުގަނޑު ފަހުން ދަންނަވާނަމެވެ.

ސ: އޮށް ހޯދާ ފަޅުވަނީ ކިހިނަކުން ތޯއެވެ؟

ޝަރީފް: އަޅުގަނޑު އޮށް ޕެކެޓް ގަންނަނީ ”ކަނާދު“ ކިޔާ މާލޭގައި ހުންނަ ފިހާރައަކުން. ދެން އޮށްތައް ފެނުއަޅައި ދެ ގަޑިއިރު ބެހެއްޓުމަށް ފަހު، އެ ނަގައި ތުވާލިގަނޑެއްގައި ބަހައްޓައި ހިކުމުން، ބަންދުކުރެވޭ އަލިވަންނަ ކޮތަޅަކަށް އޮށްތައް އަޅަނީ. ފެނުގައި ދެގަޑިއިރު ބަހައްޓާއިރު، އަޅުގަނޑު އެއަށް އަޅަން ”އެންތްރޮކޯލް“. {އެންތްރޮކޯލް އަކީ ފަންގަސް މަރާ ބޭހެއް. މިކަމަށް ނޫމަދަރަކަ އާއި ފަހުން ނަންގަނެވޭ އެހެން ބޭސްތައް ވެސް ރަނގަޅުވާނެ. ވަރަށް ގިނަ އޮށް ޕެކެޓް މިޒަމާނުގައި ވިއްކާއިރު ހުންނާނީ މިފަދަ ބޭސް  ޖަހާފައި. އެކަން ފާހަގަކުރެވޭނީ އޮށުގެ ކުލައިން. މިސާލަކަށް ނޫކުލަ ނުވަތަ ފިޔާތޮށިކުލަ އޮށްތަކުގައި ހުރިނަމަ އޭގެ މާނައަކީ ތިރަމް ފަދަ ފަންގަސްމަރާ ބޭހެއް ވަނީ ޖަހާފައެވެ}. ކޮތަޅުގައި ތެތްކަމާއެކު އޮށްތައް ހުންނަތާ ދެ ދުވަސް ތިން ދުވަސް ވާއިރު ފަޅާނޭ އޮށްތަކުން ހުންނާނީ ހިމަ މުލެއް ނުކުންނަށް ފަށާފައި. މި ގޮތަށް ކޯދު ހުންނާނީ ކޮންމެ 10 އޮށަކުން ގާތްގަޑަކަށް 8 އެތީގައި. އެހެން ގޮތަކަށް ބުނާނަމަ، ގަސް ހެދެނީ %80 އޮށުން. 

ދެން ހަދާގޮތަކީ، ޕެކެޓްގައި ކޯދުލާފައި ހުރި އޮށްތައް އޮށްތަބަކެއްގައި (ސީޑް ޓްރޭ އެއްގައި) އިންދަނީ. މިއީ ގާތްގަޑަކަށް ދޮޅު އިންޗި ވަށްމިނުގައި ތަންތަންކޮޅު އަޑިކޮށް، ވިދެއްހުންނަ ވަޅުތަކެއްލާފައި ހުންނަ ތުނި ޕްލާސްޓިކް ޝީޓެއް. ތަބަކުގައިވާ ވަޅުތަކަށް އަޅުގަނޑު އަޅަނީ ބޮބިކުނޑި. ތަބަކުގައި ހުންނަ އިރު ކުދި ގަސްތަކަށް ފެންދެނީ މުޅި ޓްރޭ ފެނަށް ކުޑަކޮށް ގަންބައިގެން. ވަޅުތަކުގައި ހުންނަ ލޯވަޅުން ފެން އަރާނެ. އެއްވެސް ގޮތަކަށް ތަބަކުގައި ހުންނަ އިރު ކާނާއެއް ނުދެން. ދެނީ ފެން. ގަސް ރުވަނީ އިންދާތާ 10 ވަނަ ދުވަހު. ރުވަނީ ޕްލާސްޓިކް ގޯނިބުރިއެއްގައި ނުވަތަ ބޮޑު ކޮތަޅެއްގައި.

{ޝަރީފް ވިދާޅުވި ގޮތުގައި އޭނާ ބޮބި ކުނޑި ގަންނަނީ އަތޮޅުގެ އެހެން ރަށެއްގައި މެޝިނަކުން ބޮބިކުނޑި މުގުރާ ބައެއްގެ އަތުންނެވެ. ބައެއް ބޭފުޅުން ކުރައްވާފާނެ ސުވާލަކީ، އޮށްތަބަކެއްގައި ގަސް އިންދުމުގެ ބަދަލުގައި ގަސް އެންމެ ފަހުން ހައްދާނޭ ތަނުގައި (ގޯނިބުރީގައި) ގަސް ނުއިންދަނީ ކީއްވެގެން ތޯއެވެ؟ މި ސުވާލުކުރުމުން ޝަރީފް ވިދާޅުވީ އެހެން ހަދަނީ ތިން ސަބަބަކާ ހުރެކަމަށެވެ. ފުރަތަމަ ސަބަބަކީ، އިންދާ ތަނުގައި ރަނގަޅަށް ހެދޭ ގަސް ޖެހުމަށެވެ. އެހެން ނޫނީ ގަހެއް ކުޑައިރު މަރުވިއަސް އަލުން އެ ގަސް ޖެހޭނީ ޖަހާށެވެ. ދެވަނަ ސަބަބަކީ، ކުދި ގަސްތައް ގާތްގާތުގައި ހުރީމާ ފެންދީ ބަލަހައްޓަން ފަސޭހަ ކަމެވެ. އެހެން ނޫނީ ޖެހޭނީ މުޅި ތަނުގައި ހިނގާށެވެ. ތިންވަނަ އަދި މައިގަނޑު ސަބަބަކީ، ގަސް ހައްދާ ފެހިގޭގައި ޖެހޭ ގަސް ގިނަކުރާށެވެ. ގަހަކުން މޭވާ ކެނޑެނީ އިންދާތާ 70 ދުވަހުންނެވެ. އެހެންކަމުން 10 ދުވަހު ނާސަރީގައި ގަސް ހެއްދުމުން ފެހިގެއިން ޖާގަ ސަލާމަތް ކުރެވެއެވެ.}

ބައެއް މީހުން ކޮށްފާނެ ސުވާލަކީ، ޝަރީފް އޭނާ ހައްދަވާ މެލަންގެ އޮށް އައު ގަސްތައް ފަޅުވަން ބޭނުން ނުކުރަނީ ކީއްވެގެން ތޯއެވެ؟ މި ސުވާލުގެ ފުރިހަމަ ޖަވާބު ދިގުކަމުން ކުރުކޮށް ދަންނަވަމެވެ. އެއީ ހުރިހާ މެލަނެއް ވަރަށް އެއްގޮތް ކުރުމަށެވެ. ކަޑާ މެލަންގެ އޮށުން ގަސް ފަޅުވާނަމަ، ބައެއް ގަސް، ކުރީގެ ގަސްތަކަށް ވުރެ ރަނގަޅުވާނެއެވެ. ބައެއް ގަސްތައް ދެރަވާނެއެވެ. ދެމަފިރިއެއްގެ ހުރިހާ ކުދިން އެއްވައްތަރެއް ނޫނެވެ. ނަމަވެސް، ގަހުގެ ގޮފިން ހައްދާނަމަ، ހުރިހާ ގަހެއް އެއްގޮތް ކުރެވިދާނެއެވެ. ދިގު ޖަވާބު ފަހުން ލިޔާ މަޒުމޫނެއްގައި ގެނެސްދޭނަމެވެ.

ގޭގައި މެލަން ވެޔޮ ހައްދަވާނަމަ، މެލަން އަކުން އޮށް ނަގައި އެ ފެނުގައި ފަސް ގަޑިއިރު ބަހައްޓައި، ދެން މިއަށް ފަހު، ޓިޝޫކަރުދާހެއްގެ ތެރެއަށް ލާނީއެވެ.  ދެން ޕްލާސްޓިކް ތައްޓަކަށްލައި، މަތިޖަހައި ތިން ދުވަސްވަންދެން ބެހައްޓާނީއެވެ. ޓިޝޫ ތެތްކޮށް ހުންނަ ވަރަށް ކުޑަ ފެންފޮދެއް އަޅަން ވާނެއެވެ. ތިން ދުވަސްވުމުން، ކޯދުލާފައި ހުރި އޮށްތައް ފެންފުޅިއެއް ކަނޑައި  ނުވަތަ ހަން ބުރިއެއްގައި  އިންދި ދާނެއެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ. ކޮންމެހެން އެންޓްރެކޯލް އެއް އޮށްތަބަކެއް، ބޮބިކުނޑިއެއް ބޭނުމެއް ނުވާނެއެވެ.

މިއަށް ވުރެ ފަސޭހަ ކުރަން ބޭނުންނަމަ، ކުދި ފެންފުޅިބުރިތަކެއްގައި އޮށްތައް ސީދާ އިންދި ދާނެއެވެ ނަމަވެސް މިހެން ހަދާނަމަ، ފުޅިބުރިތައް ތެތްކޮށް ހުންނަ ވަރަށް ފެން ލިބެން ޖެހޭނެއެވެ. ފުޅިބުރިތައް ކުދިވި ވަރަކަށް ތެތްކަން އަވަހަށް ކެނޑޭނެއެވެ. އެހެންކަމުން، ގަސްތަކުގެ މި ފުރާވަރުގައި މާބޮޑަށް ފަރުވާތެރިވާން ވާނެއެވެ.

ކުދި ގަސްތައް ރުވައި ހެއްދުން

ދެން މި ބަޔާންކުރަނީ އޮށްތައް ފެޅުމުން ގަސް ހައްދާތަނުގައި ނުވަތަ ގަސް ހައްދާ އެތީގައި ގަސް ރުވާނޭ ގޮތުގެ ވާހަކައެވެ.

ސުވާލު: ގަސްތައް ރުވަން ހައްދަވަނީ ކިހިނެއްތޯއެވެ؟

ޝަރީފް: ގަސްތައް ރުވަން ހަދާގޮތަކީ އިންދިތާ 10 ދުވަސްވުމުން، ގަސްތަކުގެ ތެރެއިން އެންމެ ރަނގަޅު ގަސްތައް ބޯ ޕްލާސްޓިކް ކޮތަޅަކަށް ބޮބިކުނޑި އަޅައި އިންދަނީ އެވެ. މި ކޮތަޅަކީ މިކަމަށް ޚާއްޞަކޮށް ހަދާފައި ހުންނަ ކޮތަޅެކެވެ. އަވިދިނުމުން ހޫނުވުން ކުޑަވާގޮތަށް ކޮތަޅުގެ ބޭރު ހުންނަނީ ހުދުކުލައިގައެވެ. ގަސް އިންދުމަށްފަހު، ފެންދޭން ހަދާގޮތަކީ، ހުރިހާ ކޮތަޅުތަކެއްގެ ތެރެއަށް ފެން ފައިބާގޮތަށް ކުޑަހޮޅިއެއް ލަނީއެވެ. މި ހޮޅިއަކީ މިކަމަށް ޚާއްޞަ އެއްޗެކެވެ.

މިގޮތަށް ފެންދިނުމަށް ކިޔަނީ ޑްރިޕް އިރިގެއިޝަން އެވެ. ޑްރިޕްގެ މާނައަކީ ތިކި ތެޅުމެވެ. މިކަންކުރާ ގޮތަކީ، މައި ހޮޅިއަކުން ދާ ފެން ކޮންމެ ގަހެއްގެ ބުޑެއްގެ ކޮޅަށް ތިކިތަޅާނެހެން ކުޑަ ހޮޅިބުރިއެއް ގުޅަނީއެވެ. މައި ހޮޅި ބޭނުން ނަމަ ތާނގީއަކާ ގުޅިދާނެއެވެ. ކޮންމެ ގަހެއްގެ ބުޑަށް ތިކިތަޅާވަރު ކޮންޓްރޯލްކުރަން ކުޑަ އިސްކުރެއް ހޮޅީކޮޅުގައި ހުރެއެވެ. މި ބާވަތު ހޮޅިއާއި އިސްކުރުތަކާއި ގުޅުންތައް ރާއްޖޭގައި ވިއްކަން ހުރެއެވެ. އަލީއެކްސްޕްރެސް އިން ގެންނަ ނަމަ މީގެ 100 ފޫޓުގެ ނިޒާމެއް (ހުރިހާ ސާމާނުތަކާއެކު) ލިބޭނީ 250 ރުފިޔާއަށެވެ. މީގެ އެތައް ވައްތަރެއް ހުރެއެވެ. އޭގެ ތެރޭގައި އެކި ގަޑިގަޑީގައި އެކި މިންވަރަށް ފެން އަމިއްލައަށް ދެވޭގޮތް ހަދާނޭ ޓައިމަރު ލާފައި ހުންނަ ނިޒާމުވެސް ހުރެއެވެ. ތިރީގައިވާ ފޮޓޯއިން މި ނިޒާމު މަސައްކަތް ކުރާގޮތް ކިޔުންތެރިންނަށް އޮޅުން ފިލާނެއެވެ.

ސުވާލު: ގަސްތަކަށް ކާދާއި ފެން ދިނުން ހަމަޖެހިފައި އޮންނަނީ ކިހިނަކުންތޯއެވެ؟

ޝަރީފް: ގަސްތަކަށް ކޮންމެ ދުވަހަކު ފެންދޭން ޖެހެއެވެ. އަޅުގަނޑު ދެނީ ވަޅުފެނެވެ. ފެން ޕަންޕަކުން ނަގައި، ތާނގީއަކަށް އެޅުމަށް ފަހު، ހޮޅިތަކުގެ ކޮޅު ތާނގީއާ ގުޅަނީއެވެ. ފެންދޭންވީމާ، ތާނގީގެ އިސްކުރު ހުޅުވާލަނީއެވެ. ގަސްތަކަށް ކާނާ ދެނީ ހަފުތާއަކު އެއްދުވަހުއެވެ. ގަސް ކުދި އިރު، ކެލްސިއަމް އާއި މެގްނީސިއަމް ސަލްފޭޓް ގަސްތަކަށް ދެމެވެ. {މެގްނީސިއަމް ސަލްފޭޓް އަކީ އެޕްސަމް ސޯލްޓް ކިޔާ ޖުއްލާބެކެވެ. މިއީ ނިދަންދަތިވުމުން ފަދަ ކަންކަމަށް ބޭސް ފިހާރަތަކުގައި ވިއްކާ ގުޅައެކެވެ. މީގައި މެގްނީސިއަމް ގިނަ ކަމުން ގަސްތަކަށް އެ ދެނީއެވެ. މެގްނީސިއަމް އަކީ ހަށިގަނޑުގައި ހަތަރުވަނައަށް އެންމެ ގިނަ އުންސުރެވެ. ގަސްތަކުގައި މެގްނީސިއަމް މަދުވެއްޖެނަމަ، ފަތުގެ ނާރުތަކުގެ ދެމެދު ރީނދޫވާނެއެވެ. އަދި ގަހުގެ ފަތްތައް އަވަހަށް ފައިބާނެއެވެ. ޚާއްޞަކޮށް ވެޔޮތަކަށް މެގްނީސިއަމް ގިނައިން ބޭނުންވެއެވެ}. ގަސްތަކަށްދޭ އެހެން ކާނާއަކީ ތައްޔާރީ ކާނާއެވެ. ހުރިހާ ކާނާއެއްވެސް ދެނީ ފެންދޭ ތާނގީއަށް އަޅައެވެ. {މިގޮތަށް ފެނާއެކު ގަހަށް ބޭނުންވާ ކާނާ ނުވަތަ ކާދު ދިނުމަށް އައު ލަފުޒެއް ހަދައިފައި ވެއެވެ. އެއީ ފަރޓިގެއިޝަން އެވެ. މި ލަފުޒު ހަދައިފައި އެވަނީ ކާދު ނުވަތަ ފަރޓިލައިޒަރ މި ލަފުޒާއި، ގޮވާމަށް ފެންދިނުމަށް ކިޔާ އިރިގެއިޝަން މި ލަފުޒު އެއްކޮށްލައިގެންނެވެ. އާދެ! ކާދުފެންދިނުމެވެ.} ތައްޔާރީކާނާ ހުންނަނީ ކުނޑީގެ ގޮތުގައެވެ. ގަސްތަކަށް ދެނީ މި ފެނަށް ގިރުވައެވެ. ގަސް ހެދެމުންދާއިރު ދެނީ މައިންގަނޑު ތިން ކަނާދު 18 ގައި ހުންނަ (18:18:18) ކާނާއެވެ. މައު އަޅާ މޭވާގެ ދުވަސްވަރު ދެނީ ގިނައިން ޕޮޓޭސިއަމް ގިނަ ކާނާއެވެ (7:14:40). ކާނާ ދިނުމަށް އަޅުގަނޑު ތާވަލެއް ގެންގުޅެމެވެ. ބޭނުންފުޅު ނަމަ އެ ތާވަލު ޙިއްޞާކުރެވިދާނެއެވެ. {ފަސޭހައިން ލިބެން ހުންނަ އެލްބާރޓް ސޮލިއުޝަން ވެސް މި ކަމަށް ކަމުދާނެއެވެ. އަދި މިރެކްލް ގްރޯ ފަދަ ހުރިހާ ކަނާދެއް ހިމެނޭ އެހެން ކުނޑިތައް ވެސް ރަނގަޅުވާނެއެވެ. އެކި ބާވަތުގެ ތަރުކާރީއަށް ބޭނުންވަނީ އެކި ކަނާދު އެކި މިންވަރަށް ހުންނަ ކާނާއެވެ. ގަސްތަކަށް ޖަހާ ފެނުގެ ސަބަބުން ވެސް ކާނާ ބޭނުންވާ މިންވަރު ތަފާތު ވާނެއެވެ. އެކި ދަނޑަށާއި މާހައުލަށް ބޭނުންކުރާ ކާދުގެ ބާވަތް ތަޖުރިބާގެ މަގުން މީހުން ހޯދާފައި ވެއެވެ.}

ގަސްތަކަށް ބަލި ޖެހިދާނެތީ ހިތިތެޔޮ (ނީމް އޮއިލް) ސްޕްރޭކުރަމެވެ. ބައްޔެއް ޖެހިއްޖެކަން ފާހަގަވާއިރަށް އެމްބެކްޓިން ޖަހަމެވެ. އެއީ 6 މިލިލީޓަރު ކޮންމެ 10 ލީޓަރު ފެނަށް އަޅައެވެ.

ސުވާލު: ގަސްތަކުގައި މޭވާ ޖެހުމުން ޢަމަލުކުރަނީ ކިހިނަކުންތޯ އެވެ؟

ޝަރީފް: މެލަން ވެލަކީ އޭގައި އަންހެން މަލާއި ފިރިހެން މައު ވަކިން ހުންނަ ވެލެކެވެ. ބަރަބޯ ފަދަ ވެލެކެވެ. އަންހެން މައު އަޅަނީ ދިހަވަރަކަށް ފަތް ޖެހުމުންނެވެ. އެހެންކަމުން، ފިރިހެން މަލުގެ ކަރުގަނޑުގައި ހުންނަ ކަރުދާ ނުވަތަ ޕޮލަން އަންހެން މަލުގެ ކަރުގަނޑުގައި ޖައްސައި، ޖޯޑުކޮށް ތަސްމީދުވެގެން ނޫނީ މެލަން އެއް ހަރެއް ނުވާނެއެވެ. އަންހެންމައު ފާހަގަކުރަނީ އޭގެ ބުޑުގައި ހުންނަ ގޮނޑިންނެވެ. އަޅުގަނޑު ދެ ނުވަތަ ތިން އަންހެން މަލުގައި ފިރިހެން މައު ޖައްސައި ޖޯޑުކުރަމެވެ. ދެން ހައެއްކަ ދުވަސްވުމުން، ހަރުވާ މެލަންތަކުގެ ތެރެއިން އެންމެ   ރަނގަޅުކަމަށް ފެންނަ ޅަ މެލަން ބައިންދައި، އެހެން ކުދި މެލަންތައް ބުރިކޮށްލަނީއެވެ. ގަހެއްގައި އެންމެ މެލަންއެއް ހުރުމުން އެ މެލަން މާ އަވަހަށް މާ ރަނގަޅަށް ބޮޑުވެއެވެ. ގަހުން އުފެދޭ ހުރިހާ ކާނާއެއް ދެން ބޭނުން ކުރާނީ އެ ގަހުގައި އިން ހަމައެކަނި މެލަން ބޮޑުކުރުމަށެވެ. މިކަމަށް ބާރުދިނުމުގެ ގޮތުން އަރިމަތިން ފަޅާ ކުރިތަކާއި ނަރުވާތައް ވެސް ބުރިކުރަމެވެ. ފަންސަވީސް ފަތް ޖެހުމަށްފަހު، ކުރިވެސް ބުރިކޮށްލަމެވެ.

ސުވާލު: ގަސްތަކަށް ބަލިޖެހިދާނެތީ އަޅަނީ ކޮންކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ތޯއެވެ؟

ޝަރީފް: އަންހެން މައުތަކުގައި ކަރުދާ ޖެއްސުމަށް ވަންނަނީ އެންމެ ހެނދުނު އެވެ. އެއީ ހެދުމުގައި ތަތްލައިގެން ވެސް ފަންގަސްއެއް ނުވަތަ އެހެންވެސް ފަނިފަކުސައެއް ފެހިގެ ތެރެއަށް ވަދެދާނެތީ އެވެ. ކޮންމެ ފެހިގެއެއްގައި ވަކި ފައިވާނެއް ހުރެއެވެ. ބޭރުގައި ބޭނުންކުރާ ފައިވާން ބަހައްޓައި، އެތެރޭގައި އުޅެނީ ވަކި ފައިވާނެއްގައެވެ. ގަސްތައް ހެދެމުން ދާއިރު ވަރަށް ފަރުވާތެރިކަމާ އެކު ބަލީގެ އަސަރެއް ހުރިތޯ ބަލަމެވެ.

{ބޭރު ޤައުމުތަކުގައި، ރަނގަޅު ފެންވަރުގެ ފެހިގެއަށް ވަންނަނީ ހެދުންވެސް ބަދަލުކޮށްގެންނެވެ. މީހުން ހީވާނީ، ކޮވިޑް ޓެސްޓްކުރާ މީހުން ލާ ކަހަލަ ހަޒްމަޓް ސޫޓު ލައިފައި ތިބޭ ހެންނެވެ. ފައިވާން ވެސް ބަދަލުކުރާނެއެވެ. އަދި ބައެއް ގެއަށް ވަންނަ އިރު، ފައިވާން ސެނިޓައިޒްވެސް ކުރަން ޖެހެއެވެ. މޮޅު ފެހިގެތަކަށް ވަދެވޭނީ ބަންދު ކުޑަ ކޮޓަރިއެއްގެ ތެރެއިންނެވެ. އެތަނަށް ވަދެ ދޮރު ލެއްޕުމުން ވަރަށް ގަދަ ވައިތަކެއް މުޅި ހަށިގަނޑަށް އެއް ފަރާތުން ފޮނުވާނެއެވެ. މިއީ ހެދުމުގައި ހަރުލާފައި ހުރެދާނެ ފަންގަސްއެއް ފިލުވުމަށް ކުރާ ކަމެކެވެ. މިގޮތަށް ވައިން ފެން ވެރުމަށް ކިޔަނީ ”އެއަރ ޝަވަރ“ ކުރުމެވެ.}

ސުވާލު: ބޮބިކުނޑި ކޮތަޅެއްގައި ކިތައް ފަހަރު ގަސް ހެއްދޭތޯއެވެ؟

ޝަރީފް: އަޅުގަނޑު މި ބޭނުންކުރާ ފަރޓިގެއިޝަން ނިޒާމުގައި ކޮތަޅެއްގައި ގަސް ހެއްދެނީ ދެ ފަހަރު އެވެ. ދެ ފަހަރު ގަސް ހެއްދުމުން، ބޮބިކުނޑިތައް ކޮންމެވެސް ވަރަކަށް ފީވެއެވެ. އެހެންކަމުން، އެ ހިމުންކަމުން، މޫތަކަށް ވައި ނުލިބޭގޮތްވެ، ގަސްތަކަށް އޮކްސިޖަން ލިބުން މަދުވެއެވެ. ދެ ވަރިއަށް (ބެޗަށް) މެލަން ހެއްދުމަށް ފަހު، ކޮތަޅުތައް ވިއްކާލާފައި އަލުން މި ނިޒާމު ގާއިމްކުރަނީއެވެ. މި ދޫކޮށްލާ ބޮބިކުނޑިއަކީ އެތައް ފަހަރަކު ރަނގަޅު ކާދުފެން ލިބިފައިވާ އެއްޗެއްކަމުން، މީހުން އެ ގަނެ، ވެއްޔާ އެއްކޮށްގެން މައު ގަހާއި އެހެންތަކެތި ހައްދާ އުޅެއެވެ. ބޮބިކުނޑި ބަސްތާއެއް އަޅުގަނޑު ގަންނަނީ 135 ރުފިޔާ އަށެވެ. މެލަން ހެއްދުމަށް ފަހު ވިއްކަނީ 80 ރުފިޔާއަށެވެ. މިއީ ބަޔަކު ވެއްޔާ އެއްކޮށް ޕޮޓިން މިކްސްގެ ގޮތުގައި ޕެކެޓްކޮށް ވިއްކުމަށް ވަރަށް ރަނގަޅު ވިޔަފާރިއެއް ފެށިދާނޭ ކަމެކެވެ.

ބޮބިކުނޑީގެ މަންފާއަކީ އޭގައި ކޮންމެ ބާވަތެއްގެ ތަރުކާރީވެސް ހެއްދޭ ކަމެވެ. މިހާރުވެސް ކަންބާ އާއި ލެޓިސް (ލެޓިއުސް ނުވަތަ ކިރުކޮޕީ) އަޅުގަނޑު ހައްދާ އުޅެމެވެ. ނަމަވެސް، އަޅުގަނޑުގެ އުއްމީދަކީ ހަތަރެސްކަން ހޮޅީގައި މެލަން ހެއްދުމެވެ. އެއިރުން ބޮބިކުނޑި ބޭނުންކުރުމުގެ ޚަރަދު ކުޑަވީއެވެ. މިއާއެކު މަސައްކަތް މަދުވާނެއެވެ. ބޭނުންކުރަން ޖެހޭ ކާދުވެސް ޑަބަލް މަދުވެފައި ގަސް ހެދޭލެއް އަވަސް ވާނެއެވެ.

ޝަރީފް އެ ބަޔާންކުރެއްވި ހަތަރެސްކަން ހޮޅީގައި ގަސް ހެއްދުމުގެ ނިޒާމަކީ، ރާއްޖޭގައި އެސްލޯން ހޮޅީގައި ލޯވަޅު ތޮރުފައިގެން ކިރުކޮޕީ ހައްދާ ނިޒާމާ ކުޑަކޮށް ތަފާތު ނިޒާމެކެވެ. އެސްލޯން ވަށް ހޮޅީގައި ޢާއްމުކޮށް ހައްދާ އުޅެނީ ތަރުކާރީ ފަތެވެ. އެހެން ބާވަތްތައް ހައްދަން އެ ނިޒާމު އެހާ ރަނގަޅެއް ނޫނެވެ. ވަށް ހޮޅި ހުންނަ މި ބާވަތުގެ ނިޒާމަށް ކިޔަނީ ޑީޕް ވޯޓަރ ޓެކްނިކް އެވެ. އާދެ! ފުން ފެނުގެ ނިޒާމެވެ. އެން.އެފް.ޓީ. ކިޔާ ނިޒާމުގައި ގަސް ހައްދާނީ ކަރަންޓު ކޭސިން ހެން ހުންނަ ހަތަރެސްކަލް ހޮޅީގައެވެ. ފެން ދަތުރުކުރާނީ މިނެއްޓަކު 1 ލީޓަރުހާ މަދުންނެވެ. ފެން ހުންނަނީ ކިރިޔަ ކިރިޔާއެވެ. ފަށަލައެއްގެ ގޮތުގައެވެ. މި ނިޒާމުގެ ނަމުގައި ”ފިލްމު“ މި ލަފުޒު ހިމެނެނީ މި ސަބަބަށްޓަކައެވެ. ފިލްމަކީ ދުއްޔެއް ފަދަ ތުނި ފަށަލައަކަށް ކިޔާނަމެކެވެ. ހޮޅީގައި ފެން ހުންނަ މިންވަރު ދުއްޔެއްހާ ތުނިވާނެއެވެ. މި ނިޒާމުގެ މައްސަލައަކީ، މޫތައް ބޮޑެތި ގަސްތައް، މިސާލަކަށް ވިލާތުބަށި، ކަރާ، މެލަން ފަދަ ތަކެތި ހައްދާނަމަ، ހޮޅި ފަލަވާން ޖެހޭކަމެވެ. އެންމެ މަދުވެގެން 6 އިންޗި ފުޅާމިނުގައި ހުންނަން ވާނެއެވެ. ގިނަ މީހުން ބޭނުންކުރާ ނިޒާމުގައި ބޮޑެތި ގަސް ހައްދާނަމަ، ހޮޅީގެ ފުޅާމިނުގައި 9 އިންޗި ހުރެއެވެ. އުސްމިނުގައި ހަތަރު އިންޗި ހުރެއެވެ. ނޫންނަމަ، މޫތަކުން، ހޮޅިބެދި، އެ ނިޒާމުގެ މަންފާ ކުޑަވާނެއެވެ. ހޮޅި ބޮޑުވި ވަރަކަށް އަގުވެސް ބޮޑުވާނެތާއެވެ. ޝަރީފް ކުރައްވާ ނިޒާމުގައި އެންމެ ގިނައިން ހައްދާ އެއް ތަރުކާރީ އަކީ ވިލާތުބައްޓެވެ. ޓޮމައިޓޯ އެވެ.

ތިރީގައި އެވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ތިލަ ފެނުގެ ނިޒާމެކެވެ. މީގައި ކަނާދުފެން އަބަދު ދައުރުވެއެވެ. އެ ބޭރުވެގެން ނުދެއެވެ. މިއާއެކު މޫތަކަށް ލިބޭ ފެނުގައި ވައި ގިނައިން ހުންނާތީ އޮކްސިޖަން ވެސް ލިބެއެވެ.

ޝަރީފް މެލަން ހައްދާ ގޮތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނީ ކިހިނަކުން ތޯއެވެ؟

ޝަރީފް މެލަން ހައްދަވާ ގޮތަށް އަޅުގަނޑު ދަންނަވަނީ އައްސަރިބަހާއި ސާބަހެވެ. ދިވެހިރާއްޖޭ ކާނާގެ ރައްކާތެރިކަމަކީ ދައުލަތުން އެންމެ މުހިއްމުކަން ދޭން ޖެހޭ ކަމެވެ. މިއާއެކު، މިހާ ފުޅާކޮށް މިކަން ކުރައްވާ ކަމީ، އެކަމުން އެހެން މީހުންނަށް ތަޖުރިބާތަކެއް ލިބި، ރާއްޖޭގައި މިހާރަށް ވުރެ ގިނައިން ކާނާ ހެއްދިދާނެކަން މީހުންނަށް ސާބިތުވާނޭ ކަމެކެވެ. ގިނަ މީހުން ދަނޑުވެރިކަމަށް ވަނުމަށް ހިތްވަރު ލިބޭނޭ ކަމެއް މެއެވެ. އަޅުގަނޑު އެދެނީ، އެހެން ރަށްރަށުގެ މީހުން މި މަސައްކަތުގެ ތެރެއަށް ވަދެ، ރާއްޖޭގެ ތަނަވަސްކަމަށް އައު ދިރުމެއް ގެނައުމެވެ.

އަޅުގަނޑު ވިސްނާލީ، ޝަރީފް ގަސް ހައްދަވާ ނިޒާމަށް ގެނެވޭނޭ އިޞްލާޙްތަކަކީ ކޮބައިތޯއެވެ؟ މެލަން ހެއްދުމުގެ އަގު ކުޑަކުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟ މިގޮތުން ބަލާއިރު އަޅުގަނޑަށް ފާހަގަ ކުރެވޭ ތިން ކަމެއް ދަންނަވާލާނަމެވެ.

އަގުހެޔޮ ކުރުމަށް ކުރެވިދާނެ ފުރަތަމަ ކަމަކީ، ބޮބިކުނޑީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުމެވެ. ބޮބި ކުނޑި ފީވާތީ އަވަހަށް ބަދަލުކުރަން ޖެހެއެވެ. އެ އެއްޗަކީ ކޮންމެވެސް ވަރަކަށް ފެން ހަރުލާ ނަމަވެސް އެއްވެސް ކަނާދުގެ މާއްދާއަކާ މެކުނުވާ އެއްޗަކަށް ވާންޖެހެއެވެ. ކޮތަޅުގައި ގަސް ހައްދާއިރު، ވެލީގެ މައިގަނޑު ބޭނުމަކީ، މޫތަކަށް ވައިން އޮކްސިޖަން ލިބޭ ފަދަ ގޮތަކަށް މޫތައް ފެތުރުނަ ދިނުމެވެ. ބޮޑެތި ހިލަވެއްޔާއި ކަށިވެލި ޚިޔާލަށް އާދެއެވެ. މި ދޭތިވެސް ބަރުކަމުން މޫތައް ފިތޭގޮތް ހުރެދާނެއެވެ. އަދި، ކަށިވެލި އެކި ކަނާދާ މެކުވެ، ވެލިގަނޑުގެ ތާސީރު ގޯސްކޮށްފާނެއެވެ.

ބޭރުގައުމުތަކުގައި މިކަމަށް ބޭނުންކުރާ އެކައްޗަކީ ބަތާވިގަލެވެ. މިއީ އަލިފާން ފަރުބަދަ ގޮވާއިރު، ވަޔާއެކުވެގެން އުފެދޭ ފުފިފައި ހުންނަަ ހިލައެކެވެ. ވަރަށް ލުއި އެއްޗެކެވެ. އަޅުގަނޑު ކުޑައިރު ބަތާވި ގައު އޮޔާ އާދެއެވެ. ވަޅި ތޫނު ކުރަން މީހުން މި ގައު ތިލައިގައި އުނގުޅައި ހަދައެވެ. ރާޅުކޮށް މުގުރި ބަތާވިގަލަކީ ގަސް ހެއްދުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ނަމަވެސް މިއީ ރާއްޖެއިން ލިބޭ އެއްޗެއް ނޫނެވެ. މިފަދަ އަނެއް އެއްްޗަކީ އަލިފާން ފަރުބަދައިން އުފެދޭ ބިއްލޫރި ގަލެކެވެ. މި ގަލުގައި ފެން ކޮންމެވެސް ވަަރަކަށް ހުރެއެވެ. ގަދައަށް ހޫނުކުރުމަށް ވަރަށް ލުއިވެއެވެ. އިނގިރޭސިބަހުން މިއަށް ކިޔަނީ ޕާރލައިޓް އެވެ. މިނަން ކިޔާ ސަބަބަކީ މިއޮށްތަކާއި މުތާ ވައްތަރުކަމުންނެވެ. މުތަށް އިނގިރޭސިބަހުން ކިޔަނީ ޕާރލް އެވެ. ދިވެހި ބަހުން މިއަށް މަރުވާރީދު، ލުއުލުއު، މުތީ ކިޔައެވެ. ޕަރލައިޓް އަކީ މުތީވެލިކަމަށް ކިއިދާނެއެވެ. މިއީ އެތައް ޤައުމެއްގައި ކަނާދުފެނުން ގަސްހެއްދުމަށް ބޭނުންކުރާ ރާޅު ކުދި އޮށްތަކެއްހެން ހުންނަ އެއްޗެކެވެ. ރާއްޖޭގައި މީގެ ކުދި ޕެކެޓް ވިއްކަން ހުރެއެވެ. މީގެ ދެތިން ޓަނު ރާއްޖެއަށް ގެނައުމުން ޖެހެނީ ގާތްގަޑަކަށް  ކިލޯއަކަށް ދިވެހި ތިން ރުފިޔާއެވެ. ބޮބިކުނޑިއަށް ވުރެ އަގުހެވެވެ. އެތައް ފަހަރަކު ބޭނުން ކުރެވޭނެއެވެ. ދޮވެފައި އަވީލުމުން އައުވީއެވެ.

މިދެންނެވި ދެބާވަތަށް ވުރެ ފަސޭހައިން ލިބޭ އެއްޗެއް ރާއްޖޭގައި ވިއްކައެވެ. އެއީ ބިއްލޫރިނަރެވެ. ގްލާސްވޫލް އެވެ. ގިނައިން މި ބޭނުންކުރަނީ ހޫނު މަޑުކުރަން ފަންގިފިލާގައި ޖަހާށެވެ. ބާލިދާއަކަށް މީގެ ބޮޑިވަރެއް ލައި މަތިޖަހައިގެން ބާވަތެއްގެ ދައުރުވާ ހައިޑްރޮޕޮނިކް ނިޒާމެއް ހެދިދާނެއެވެ. އަރިއެއްގައި އެއް ފޫޓު ހުންނަ، ދިގުމިނުގައި ތިން ފޫޓު ހުންނަ މީގެ ޕެކެޓް ގަސް ހެއްދުމަށް ވިއްކަން ހުރެއެވެ. މި ބޭނުންކޮށްގެން ގަސްހައްދާ ވީޑިއޯތައް ފެނިފައި ވެއެވެ. މީގައި ހައްދާ (ޓޮމެއިޓޯ) ގަހެއް އަޅުގަނޑު ދެކިފައި ހައިރާން ވިއެވެ. އޭގެ ދިގުމިނުގައި 50 ފޫޓު ހުރެއެވެ. ގަސްކަނދު (މައިގަސް) އޮންނަނީ ރަހައަށް ދިގުކަމުން އައްސާފައެވެ. ކޮންމެ މޫސުމެއްގައި މިގަހުން މޭވާ ލިބެއެވެ.  ފަންސާސް ފޫޓަށް ވިލާތުބަށި ގަހެއް ހެއްދޭނީ ދެތިން އަހަރުންނެވެ. މާނައަކީ ގްލާސްވޫލް ދެތިން އަހަރު ބޭނުންކުރެވެއެވެ.

ދެވަނައަށް އަޅުގަނޑު ދަންނަވާލާނީ ރާއްޖޭގައި ތަޖުރިބާކޮށްފައިވާ ގޮތެކެވެ. މި ޤަރުނުގެ ކުރީކޮޅު އަޅުގަނޑު ހަނިމާދޫ އަށް ދިޔައީމެވެ. އެތަނުގެ އެގްރިކަލްޗަރ މަރުކަޒުގައި މެލަން ހައްދާފައި ހުރީ ފުޅިމަދު ފޮށީގައި ލޯވަޅެއް ކަނޑައި އެތެރައަށް އެލްބާރޓް ސޮލިއުޝަން އަޅައިގެންނެވެ. ކޮންމެ ފޮއްޓެއްގައި ހަތަރު ފަސް ލޯވަޅު ހުއްޓެވެ. ގަސް ހުންނަނީ އިސްޕަންޖުކޮޅެއްލައި ލޯވަޅަށް މަހާފައެވެ. ފޮށީގައި ފެން ހުންނަނީ ތިން ބައިކުޅަ އެއްބަޔަށެވެ. ފެނުގެ ތެރެއަށް ވައި ބޮކި އަރުވާފައި ހުރެއެވެ. މިއީ ދައުރުނުވާ މެލަން ހެއްދޭ ކާމިޔާބު ނިޒާމެއްކަން އަޅުގަނޑަށް ޔަޤީން ވިއެވެ. ޕާރލައިޓެއް، ބޮބިކުނޑިއެއް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ފުޅިމަދު ފޮށިގަނޑަކާއި ފެންޓޭންކެއްގެ ޕަންޕެކެވެ. ތިރީގައި އެވާ ފޮޓޯގައި ނަގާފައިވަނީ 1 ފެބްރުއަރީ 2003 ގައެވެ. މިފޮޓޯއިން އެ ފެނިވަޑައިގަންނަވަނީ ހަނިމާދޫ އެގްރިކަލްޗަރ ސްޓޭޝަންގެ މެނޭޖަރު ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އަކަށް ފުޅިމަދު ފޮށީގައި މެލަން ހައްދާގޮތް ހައިރާންވާ ވަރަށް ކިޔައިދެއްވާތަނެވެ. އެތަނުގައި ފުޅިމަދު ކޮންމެ ފޮއްޓެއްގައި އެތައް ގަހެއް ހައްދާފައި ހުއްޓެވެ.

ތިންވަނައަށް ދަންނަވާނީ އަޅުގަނޑުގެ ނަޒަރުގައި އެންމެ ކާމިޔާބު ގޮތެވެ. ފަހެ މެލަން ވެލެއްގެ ޠަބީޢަތަކީ އޭގައި އެއް މެލަން އެއް އެޅުމެއް ނޫނެވެ. އެތައް ބައިވަރު މެލަން އެޅުމެވެ. އެހެންކަމުން، އެއް ގަހުގައި އެތައް މޭވާއެއް އަޅާނަމަ، ހެއްދުމުގެ އަގު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. މި ނިޒާމުގައި، ބޭނުންވަނީ ފަރާތެއްގައި ތިން ހަތަރު ފޫޓު ހުންނަ ތިލަ ފޮށިގަނޑެކެވެ. ފޮށިގަނޑު ހުންނަނީ، އުނަގަނޑާ ހަމައަށް އުފުލާފައެވެ. ފޮށިގަނޑަށް ކަނާދުފެން އަޅައި ވައި ޖެހޭ ގޮތް ހަދާފައި އިންދަނީ އެންމެ ގަހެކެވެ. ގަސް ހައްދަނީ ފެތުރޭގޮތަށް މަތީގައި ދަމާފައި އޮންނަ ދައުގަނޑެއްގައެވެ. މިއިން ވެލެއްގައި 40 ވަރަކަށް މެލަން ޖަހައެވެ. ބިންނަން ޖެހޭ ދުވަސް ފާހަގަކުރަން ކޮންމެ މެލަންއެއްގައި ކަރުދާހުން ފިރިހެން މައު ޖެއްސި ތާރީޚް ލިޔުނު ކަރުދާސްކޮޅެއް އެލުވައެވެ. މައި ވެލުގެ ބުޑުގައި ދޮޅު އިންޗިވަރު ހުރެއެވެ. ތިރީގައި އެވަނީ މި ނިޒާމުގެ ފޮޓޯއެކެވެ.

ގޭގައި މެލަން ހައްދާނޭ ގޮތް

ދެން އަޅުގަނޑު ދަންނަވާލާނީ، ގޭގައި އަމިއްލަ މީހަކު މެލަން ހައްދާނޭ ގޮތެވެ. ޝަރީފް ހައްދަވާހާ ފުޅާކޮށް މެލަން ހެއްދުމަކީ ފަށައިގަންނަ ދަނޑުވެރިއަކަށް ފަސޭހަވާނޭ ކަމެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ކުޑަކޮށް ފަށައިގެން ކުރާހިތްވާ ނަމަ، މަސައްކަތް ފުޅާކުރަމުން ގެންދިއުމެވެ. އެއް ހާސް ފިޔަވަޅުގެ ރާސްތާއެއް ވެސް ފެށެނީ އެންމެ ފިޔަވަޅަކުންނެވެ.

އޮށް ފެޅުވުމާ ބެހޭ ގޮތުން ކަންތައްތައް ކުރާނޭ ގޮތް ކުރިން ބަޔާން ކުރެވިއްޖެއެވެ. ގޭގައި ގަސް ހައްދާމީހާއަށް އޮތީ މައިގަނޑު ތިން ގޮތެކެވެ. އެއްގޮތަކީ، ފުޅިމަދު ފޮށީގައި ހައިޑްރޮޕޮނިކްސްގެ އުސޫލުން ގަސް ހެއްދުމެވެ. މިއީ ފަސޭހަ ގޮތެކެވެ. މިގޮތަށް ހައްދަވާނަމަ، ގަސް ރުވާނީ، އޮށް ފަޅާތާ ގާތްގަޑަކަށް 7 ދުވަސް ފަހުންނެވެ. ފޮށިގަނޑަށް އެލްބާރޓް ސޮލިއުޝަން އަޅާނޭ ގޮތް އެ ކުނޑި ވިއްކާ ޕެކެޓްގައި ލިޔެފައި އޮންނާނެއެވެ.

ދެވަނަ ގޮތަކީ، ދަނޑުގައި ހެއްދުމެވެ. މިގޮތަށް ގަސް ހައްދަވާ ނަމަ، ގަސް ރުވަންވީ ތަނުގެ ފަސްގަނޑު އުފުލައިލުން ރަނގަޅުވާނެއެވެ. އެއީ ދެ ފަރާތަށް ފެން ފައިބައިގެން ދާނޭ ގޮތަށެވެ. ދެން އެއަށް ފަހު، އެތަނުގެ މަތީގައި ކަޅު ޕްލާސްޓިކް ގަނޑެއް، ތަރަފާލުގަނޑެއް ފަދަ އެއްޗެއް އެޅިދާނެއެވެ. ތިރީގައި އެވަނީ އަޅުގަނޑުމެން ހައްދާ ފިނިފެންމާ ބަގީޗާއެއްގައި މިގޮތަށް ޕްލާސްޓިކް އަޅާފައިވާ ތަނެވެ. މިކަމުގެ ބޭނުމަކީ، ތޮނަ ފެޅުނަ ނުދިނުމާއި ގަހުގެ ބުޑުތަކުގައި ފިނިކަމާއި ކާދުގެ އަސަރު ހަރުލެއްވުމެވެ. ވެހޭ ވާރެއާއި ޖަހާ ފެނާ އެކީ ކާދުގެ އަސަރުތައް ބިމުގެ އަޑިއަށް ނީރުނަ ނުދިނުމެވެ.  މިކަމަށް ބޭނުންކުރާ އެހެން ތަކެތީގެ ތެރޭގައި ހިއްކި ހުއި، ކީސްކުނޑި، ދާލި، މުށި ބޯޅައާއި މި ނޫންވެސް މިފަދަ އެތައް އެއްޗެއް ހިމެނެއެވެ. އަޅުގަނޑު ބޭނުންކޮށްފައި އެވަނީ، އިސްތިހާރު ޕްރިންޓްކޮށްފައި ހުންނަ ތަރަފާލު ފޮތީގެ ނުފުށެވެ.  މަތީގައި މިގޮތަށް ފަތުރާ ފަށަލައަށް އިނގިރޭސިބަހުން ކިޔަނީ މަލްޗު އެވެ. މަލްޗު އެޅުމުން، ގަހުން ލިބޭ ބޯގަ %50 އިތުރުވާނޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

މިގޮތަށް ގަސް ހައްދާއިރު، ރުވާނީ، އޮށް އިންދިތާ ދެ ހަފުތާވުމުންނެވެ. އެއީ މުޑުވަށްކޮށްފައިވާ ކަންވާރުން ގަސް ނަގައި ޖަހަންޖެހޭ ތަން ބޮޑުކަމުންނެވެ.

ގޭގައި މެލަން ހައްދާނެ ތިންވަނަ އެއްޗަކީ އަތްވަށް ހަލާކުނުވާނޭ ގޯނި ކޮތަޅު ރީނދޫ ހަން ފަދަ ތަކެތީގައެވެ. މިގޮތަށް ގަސް ހައްދާނަމަ، އަށިގަނޑެއްގައި މި ގޯނިތައް ބިމުން މައްޗަށް ހިއްލައިލުން އެދެވިގެން ވެއެވެ. އެއީ ބަލި މަދުކުރުމަށެވެ. ފެހިގޭގައި ގަސް ހައްދަނީ މިސަބަބަށްޓަކައެވެ. މިބަޔާންކުރި ގޮތަކީ ޓެރަސްތަކާއި ބާލްޚާނާ (ބެލްކަނީ) ތަކުގައި ގަސް ހެއްދިދާނޭ ގޮތެކެވެ. މޭވާ އިން ކުރީގެ ކުރިއާއި މައިކުރި ނޫން ކުދި ކުރިއާއި ނަރުވާ ފަދަ ތަކެތި ބުރިކުރަން ވާނެއެވެ. މޭވާއިން ތިރީގެ ފަތްތައްވެސް ބުރިކޮށްލެވިދާނެއެވެ.  ވަގުތުން ކާންނަމަ، މޭވާ ކަނޑާނީ ފެން ނުދީ ދެތިން ދުވަސްވުމުން ގަސްމިލުމުންނެވެ. ފަހުން ކާންނަމަ، ހަރުވުމުން މެލަން ކެނޑިދާނެއެވެ. ނަމަވެސް ރަހަ ރަނގަޅުވާނީ ކަނޑާތާ ފަސްދުވަސް ވުމުންނެވެ. ފޮޓޯއިން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކަރާ އާއިލާގެ ވެޔޮތަކަށް ޖެހޭ ބަލިތައް

ދިރުން ހުރި ކޮންމެ އެއްޗެއް ވެސް ވަނީ އެހެން ދިރުންހުރި އެއްޗެއްގެ ކާނާއަކަށެވެ. ކޮންމެ ގަހަކީވެސް، ކޮންމެވެސް ފަނިފަކުސައެއް ނުވަތަ ޖަރާސީމެއް ނުވަތަ ސުއިއްޕެއްގެ ކާނާއެކެވެ. ޖަރާސީމުތަކާއި ސޫފިތައް ގަސްތަކަށް ވެރިވެ އެ ކެއުމުން އަޅުގަނޑުމެންނަށް އެވަނީ ގަހަށް ބަލިޖެހޭ ކަމަށެވެ. ކަރާގެ ގިނަ ބާވަތްތަކަށް ބަލި ޖެހެނީ ފަންގަސް ކިޔާ ފުލަކުންނެވެ. މީގެ އެތައް ބާވަތެއް ހުރެއެވެ. ދެން އެންމެ ގިނަ ބަލި ޖެހެނީ ވައިރަސްގެ ސަބަބުންނެވެ.   އަޅުގަނޑު ދެން ދަންނަވާލާނީ ކަރާ އާއިލާގެ އެކި ގަސްތަކަށް ޖެހޭ އެންމެ ޢާއްމު ހަތަރު ބަލީގެ ވާހަކައެވެ. ނަމަވެސް އޭގެ ކުރިން، ބަލިން ރައްކާތެރިވުމަށް ކުރެވިދާނޭ ފަސްކަމެއް ދަންނަވާލާނަމެވެ. އެންމެ ފައިދާ ހުރި ގޮތަކީ ގަސްތަކަށް ބަލި ޖެހުނަ ނުދިނުމެވެ. އެއިރުން ބޭސްކުރާކަށް ނުޖެހޭނެއެވެ.

ބަލިތަކުންގެ ރައްކާތެރިވުން


ކަރާގެ އެކި ބާވަތްތަކުގެ ބަލިތަކުން ރައްކާތެރިވުމަކީ، ތަފާތު ބޭސް ބޭނުން ކުރަން ނުޖެހޭ ކަމެކެވެ. މިގޮތުން ކުރެވިދާނޭ ފަސްކަމެއް ތިރީގައި ފާހަގަކޮށްލަމެވެ.

  1. ބަލި ފެތުރޭ އެއްގޮތަކީ، އެއް ފަތުން އަނެއް ފަތަށް، އެއްގަހުން އަނެއް ގަހަށެވެ. މި ދައުރުވުމަށް ބަލިތަކަށް ފަސޭހަވަނީ ފެން ޖަހާއިރު، ގަހުގެ ބުޑަށް ފެން ޖެހުމުގެ ބަދަލުގައި، ފަތްތަކަށް ޖެހުމެވެ. އެހެންކަމުން، ގަސްތަކަށް ފެންދޭ ނަމަ، ހަމައެކަނި ބުޑަށް ފެންދެނިކޮށް ބަލިކޮންޓްރޯލް ވާނެއެވެ. ވާރޭގެ ސަބަބުން ބަލި ފެތުރުން ކުޑަކުރުމަށް، ގަސް ހައްދަން ޖެހޭނީ ފެހިގޭގައެވެ.

  2. ބައެއް ބާވަތުގެ ފަންގަސް ބިމުން ފެތުރެއެވެ. އެހެންކަމުން، ވެއްޓިފައިވާ ފަތެއް ފެނިއްޖެ ނަމަ، ރަނގަޅު ގޮތަކީ ދުރުތަނަކަށް ފަތް އެއްލައިލުމެވެ.

  3. ހުދުކޫޑިއަކީ ބައެއް ބާވަތުގެ ޖަރާސީމު ފަތުރާ އެއްޗެކެވެ. އެހެންކަމުން، ހުދުކޫޑި ކޮންޓްރޯލް ކުރުމަކީ، އެ މެދުވެރިކޮށް އަންނަ ޖަރާސީމުތަކުން ގަސްތައް ރައްކާތެރިވާނޭ ކަމެކެވެ.

  4. އެއް ބާވަތުގެ ގަހެއް އެއް ތަނެއްގައި އެއް ފަހަރު އިންދުމަށް ފަހު، ދެން ރަނގަޅުވާނީ، އެ ތަނުގައި އެހެން ބާވަތެއްގެ ގަހެއް އިންދިއްޔާއެވެ. އެއީ ވަކި ގަހަކާ ދޯޅު ބަލިތަކުން ރައްކާތެރިވުމަށެވެ. ފަހުން އެތަނުގައި ކުރީގެ ބާވަތް އިންދިދާނެއެވެ. މިއީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޢާއްމު އުޞޫލެކެވެ. ނަމަކީ ކްރޮޕް ރޯޓޭޝަން އެވެ. އިހުގައި ކިޔަނީ ބޯގަ މާރުކުރުމެވެ. މިއީ ބަލިން ރައްކާތެރިވުމަށް ޔަޤީން ފިޔަވަޅެކެވެ.

  5. ބަލިން ރައްކާތެރިވުމަށް، ގަސްތައް ދުރުގައި ހެއްދުމާއި އެއްވެސް ގަހެއްގެ ކުރިތައް ގަހުގެ މެދުގައި މާބޮޑަށް ބޮނޑިވެފައިވާ ނަމަ، އޮފި ކަނޑައިގެން ތުނިކުރުމަކީ ވެސް، ދަނޑުވެރިން ތަޖުރިބާއިން ހޯދާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން، ގަހުގައި އަޅާ މޭވާ ބޮޑުވެސް ވާނެއެވެ.

ދެން މިދަންނަވާލަނީ ކަރައަށް ޖެހޭ އެންމެ ޢާއްމު ބަލިތަކެވެ. މިއީ ރޮކްމެލަން އާއި ހަނީޑިއު މެލަން އާއި ކެނެރީ މެލަން އެންމެ ގިނައިން ހައްދާ ފަރާތްތަކުން ފާހަގަކޮށްފައިވާ ބަލިތަކެވެ. މި ލިސްޓްގައި ހިމެނެނީ ހަތަރު ބައްޔެކެވެ.

ހުދު ފޫ ޖެހުން (ޕައުޑަރީ މިލްޑިއު)

ފަތްތަކުގެ މައްޗާއި ތިރީގައި، އަދި ތަނޑުތަކުގައި އެންމެ ފުރަތަމަ ޖަހާނީ، ކުޑިއެއްހެން ހީވާ ފުލެކެވެ. ވައްތަރު ވާނީ، ގޮދަން ފުއް ފަތްތަކަށް ބުރުއްސާލާފައިވާ ހެނެވެ. ގިނަ ދުވަސްވުމުން، ފަތުގެ މައްޗާއި ދަށަށް ފެތުރި، ފަތަށް އަވި ނުލިބި ގަސް ބަލިވާނެއެވެ. މި ފޫޖަހަނީ، މައިގަނޑު ގޮތެއްގައި ހަރުވެފައި ހުންނަ ފަތުގަައެވެ. މިއީ ފަންގަސް ކިޔާ ފުލުގެ ބާވަތެކެވެ.

ޙައްލު

މި ފޫ ނުޖަހާ ބާވަތުގެ ރޮކްމެލަން ގަސް ހުރެއެވެ. ރަނގަޅުވާނީ އެ ވައްތަރުތައް އިންދުމެވެ. ފޫ ޖަހަން ފަށައިފިނަމަ، ތިން ޖޯޑު ފެނަށް އާދައިގެ އެއް ޖޯޑު ކިރު އެއްކޮށް ގަސްތަކަށް ހަފުތާއަކު އެއް ދުވަހު ނުވަތަ ދިހަ ދުވަހުން އެއް ދުވަހު ޖަހާނީއެވެ. ކޮންމެ ބާވަތެއްގެ ބޯން ކަމުދާ ކިރެއްވެސް ރަނގަޅުވާނެއެވެ. މާބޮޑަށް ފަތުގައި ފޫ ޖަހާފައިވާ ނަމަ، ފަތް ކަނޑާނީއެވެ. ގަހުގައި ފޫ ޖެހި ފަތް ގިނައިން ހުރި ނަމަ، ގަސް އުފުރާލައި މާ ދުރުތަނެއްގައި ވަޅު ލާނީއެވެ. ބައެއް މީހުން ނޫމަދަރަކަ ފެނަށް ގިރުވައި ޖަހައެވެ.  އިތުބާރު ހުރި އަނެއް ބޭހަކީ، ހިތިތެޔޮ ޖެހުމެވެ. މި ޖަހާނީ މި ވިއްކާ ފުޅީގައި ލިޔެފައިވާ ގޮތަށެވެ. އެހެން ބޭސްތަކުގެ ތެރޭގައި، 3 ސައިސަމުސާ ރާހުތް  4 ލީޓަރު ފެނަށް އަޅައި ޖެހުން ހިމެނެއެވެ. ރާހުތް ނެތްނަމަ 3 ސައިސަމުސާ ބޭކިން ސޮޑާ ވެސް ރަނގަޅުވާނެއެވެ.  ތައްޔާރީ ބޭސް ބޭނުންކުރާ ނަމަ، މި ފަންގަސް ކޮންޓްރޯލް ކުރަނީ — މަތަކުރަނީ— އަންނަނިވި ދެބާވަތުގެ ބޭހުންނެވެ: .quinoxyfen myclobutanil

ފަތުގައި ކަޅު ލައްޖެހުން (އޯލްޓަރނޭރިއާ)

ހުރިހާ ބާވަތެއްގެ ކަރާގެ ވައްތަރުތަކަށާއި ކޮޕީފަތް އާއިލާގެ ގަސްތަކަށް ޖެހޭ އެންމެ ޢާއްމު ބައްޔަކީ، ފަތުގައި ކަޅު ލައް ޖެހުމެވެ.  މިއީ ފަންގަސް އަކުން ޖެހޭ ބައްޔެކެވެ. ނައްތާލަން އުނދަގޫ ބައްޔެކެވެ. އެހެންކަމުން، ދަނޑުވެރިން މަސައްކަތް ކުރަންވީ އެއްވެސް ގޮތަކަށް ބަލި ޖެހުނަ ނުދިނުމަށެވެ.

ޢަލާމަތްތައް

މި ބަލީގެ މައިގަނޑު ޢަލާމަތަކީ، ފަތުގައި ވަށް ލަކެއް ޖެހުމެވެ. މި ބޮޑުވަމުން ގޮސް ބައި އިންޗި ވަރަށް ބޮޑުވޭމެއެވެ. އަދި ފަތުގެ ކުލަ ބަދަލުވެ، މި ލައް ވަށައިގެން ރީނދޫ ކުލައެއް ޖަހައެވެ. ބަލި ބޮޑުވުމުން، ފަތްތައް ވަޅޯވެ ފައިބައެވެ.

ޙައްލު

ޤުދުރަތީ ބޭސް ބޭނުން ކުރާ މީހުންނަށް އޮތީ ނޫމަދަރަކަ ފެން ޖެހުމެވެ.  ނޫންނަމަ ކައްސަނދުވާނި (ސަލްފަރ) ހުންނަ ބޭހާއި ހިތިތެޔޮ ބޭނުން ކުރުމެވެ. ތައްޔާރީ ބޭސްތަކުގެ ތެރޭގައި އަންނަނިވި މާއްދާތައް ހުންނަ ބޭސް ބޭނުން ކުރެވޭނެއެވެ: chlorothanil, fludioxinil, imazalil, iprodine, maneb, mancozeb, thiram

ކެޕްޓާން އަކީ ވެސް މިކަމަށް ބޭނުން ކުރާ ބޭހެކެވެ. ހިތި ފަތުންނާއި އޮށުން ބޭސް ހަދާނޭ ގޮތް އަޅުގަނޑު ގެ ތިރީގައިވާ މަޒުމޫނުގައި ވެއެވެ.

ތަނޑުގައި ތަތްކަން ހުންނަ ލައް ޖެހުން (ގަމީ ސްޓެމް ބްލައިޓް)

ކަރާގެ ހުރިހާ ބާވަތަކަށް ޖެހޭ ޢާއްމު ބަލިތަކުގެ ތެރޭގައި ހިމެނޭ އެއްބައްޔަކީ ވެލުގެ ތަނޑުތަކުގައި ލަކެއް ޖެހުމެވެ. މި ލަކުން ތަނޑު ފަޅައިގެން ގޮސް، ތަތްކަން ހުންނަ މަޑު ރަތްކަމެއް ހުންނަ ދިޔައެއް ނުކުންނާނެއެވެ. މި ބައްޔަކީ ޅަ ފަތްތަކާއި ތަނޑަށާއި މޭވާއަށް ވެސް ޖެހޭ ބައްޔެކެވެ. ތަނޑުގައި ޖަހާ ލައް، ތަނޑު ވަށައިލައިފިނަމަ، އޭގެ ކުރިއަށް ހުރި ހުރިހާ ފަތެއް މަރުވާނެއެވެ. ފަތަށް ޖެހިއްޖެނަމަ، ފަތުގެ ޖެހުނުބައި މަރުވަމުން ގޮސް މުޅި ފަތަށް ބަލި ފެތުރޭނެއެވެ. މޭވާއަށް ޖެހިއްޖެނަމަ، މޭވާގެ ޖެހުނު ތަނެއް ކުނިވާނެއެވެ. މިއީ ފަންގަސް އަކުން ޖެހޭ ބައްޔެކެވެ. ވަޔާ އެކު ބަލި އެއް ގަހުން އަނެއް ގަހަށް ދެއެވެ.

ޙައްލު

ފަންގަސް ބަލިތަކަށް ޖަހާ އެހެން ބޭސްތައް މި ބައްޔަށް ވެސް ކަމުދާނެއެވެ. ބަލީގެ ޙާއްޞަ ބޭހެއް ކަމަށް ބުނަނީ އަންނަނިވި ބޭހެވެ: Daconil® Fungicide. މި ބޭސް ލިބެން ނެތް ނަމަ މިބޭސްތައް ވެސް ރަނގަޅު ވާނެއެވެ: Chlorothalonil, Mancozeb.

ބޭސް ބޭނުން ކުރަން ބޭނުން ނޫން ނަމަ، ބަލި ނެތް އޮށުން ގަސް ފެޅުވުމާއި، ބަލި ޖެހިފައިވޭތޯ ކުދި ގަސްތައް ބެލުމާއި، ބަލިހުރެދާނެ އެހެން ބާވަތެއްގެ ގަހެއްވެސް ގާތުގައި ހުރިޔަ ނުދިނުން ހިމެނެއެވެ. ބަލި ފެނިއްޖެނަމަ، ގަސް ނަގައި އެއްލައިލުމާއި އެއްބާވަތެއްގެ ގަސް ބިން ގަނޑުގައި ޖެހިޖެހިގެން ދެ ފަހަރު ނުޖެހުން ހިމެނެއެވެ.

ސާކޮސްޕޯރާ ލައްޖެހުން

މިއީ ފަންގަހުގެ ޚާއްޞަ ވައްތަރަކުން މައިގަނޑު ގޮތެއްގައި، ކަރައަށާއި، ރޮކްމެލަން އާއި ހަނީމެލަންގެ ބާވަތްތަކަށާއި ކަންބާއަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހޭނީ ޢާއްމު ގޮތެއްގައި، ގަހުގެ ފަތަށެވެ. ވައިރޯޅިއާއެކު މި ފަންގަހުގެ ”އޮށް“ތައް އެއް ގަހުން އަނެއް ގަހަށް ދެއެވެ. އެހެންކަމުން، މިއީ އަވަހަށް ފެތުރޭނޭ ބައްޔެކެވެ.

އަލާމާތްތައް

ބަލީގެ އަސަރު އެންމެ ފުރަތަމަ ފެންނާނީ ހަރުވެފައިވާ ފަތްތަކުން ކުދި ލައްތަކެއްގެ ގޮތުގައެވެ. މިލައްތަކުގެ މެދު ހުންނާނީ މަޑު މުށިކުލައެއްގައެވެ. ބަލި ބޮޑުވި ވަރަކަށް މި ލައްތައް ބޮޑުވަމުން ގޮސް، ފަތުގެ ބޮޑު ބަޔަކަށް ފެތުރޭނެއެވެ. ލަކުގެ އަރިމަތި ކަޅުކުލައަކަށް ގޮސްފައި ރީނދޫ ކުލަ ޖަހާފާނެއެވެ. ލަކުގެ މެދު މުރަނަވެ، ފަޅައިގެން ގޮސްފައި ހުރެދާނެއެވެ.

ޙައްލު

ބަލި ޖެހިފައިވާ ފަތެއް ފެނިއްޖެ ނަމަ، އެ ފަތް ކެނޑުމަށް ފަހު، ވަރަށް ދުރަށް އެއްލައިލާންވާނެއެވެ. ގަސްތަކަށް ފެން ދޭންވާނީ ފަތުގައި ނުޖެހޭ ގޮތަށެވެ. މި ބަލި ކޮންޓްރޯލް ކުރަން ބޭނުންކުރާ ފަންގަސް މަރާ ބޭސްތަކަކީ އަންނަނިވި ބޭސްތަކެވެ: chlorothalonil, myclobutanil or thiophanate-methyl. ނަމަވެސް މި ބޭސްތަކުން އަސަރެއް ކުރާނީ، ބަލީގެ ކުރީ ކޮޅުގައެވެ. އެހެންކަމުން ބަލި ޖެހިދާނެކަމަށް ދެ ހަފުތާއިން އެއް ހަފުތާގައި ބައެއް ދަނޑުވެރިން މި ބޭސް ޖަހައެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް، މޭވާ ކެނޑުމަށް ފަހު، އަވަހަށް މުސްކުޅި ވެޔޮ ނަގައި، ވަރަށް ދުރުގައި ވަޅުލުން މުހިއްމެވެ.

މެލަން މާރުކޭޓަށް ނެރުން

ޝައުޤުވެރިކަމުން ކަރާގެ ބާވަތްތައް ހެއްދުމާއި، ވިޔަފާރިއަށް ގަސް ހެއްދުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ވިއްކަން ކަރާގެ ވައްތަރުތައް ހައްދާނަމަ، އެކަން ކުރެވޭނީ ހުރިހާ ޚަރަދުތަކެއް ކެނޑުމަށް ފަހު، އެކަން ކުރާ މީހާއަށް މަސައްކަތާ އެކަށޭނެ ފައިދާއެއް އޮންނަ ނަމައެވެ. ފައިދާގެ ގޮތުގައި ރާއްޖޭގެ ކޮންމެ މީހަކަށް މަދުވެގެން ދުވާލަކު 250 ވަރަކަށް ރުފިޔާ މާލޭގައި އުޅޭނަމަ، ލިބެން ޖެހޭނެކަމަށް ކަމާބެހޭ ވުޒާރާއިން ބުނެއެވެ. އަމިއްލަ ގެދޮރު ހުރެފައި، ކާބޯތަކެތި އަގުހެޔޮ ނަމަ، ރާއްޖެތެރޭގައި މިއަށް ވުރެ މަދު މިންވަރަކުން އުޅެވިދާނެއެވެ. އެކަށީގެންވާ އާމްދަނީއެއް، ހުރިހާ ޚަރަދެއް ކަނޑައި، އަމިއްލަ ފަރުދަކަށް ރޮކްމެލަން އާއި ހަނީމެލަން ވިއްކައިގެން ނެރެވޭނީ ކިހިނަކުންތޯއެވެ؟

ބާޒާރުގައި އެއްޗެއްގެ އަގު ކަނޑައެޅެނީ ދެކަމަކުންނެވެ. އެއްކަމަކީ، އެ އެއްޗަކަށް މީހުން އެދޭ މިންވަރާއި ލިބެން ހުރި މިންވަރެވެ. މީހުން އެދޭ މިންވަރު ބޮޑުވެފައި އެ އެއްޗެއް މަދު ނަމަ، އަގު ބޮޑުކުރެވޭނެއެވެ. ކަރާގެ ވައްތަރުތައް މީހުން ބޭނުން ނޫންނަމަ، ކިތަންމެ އަގުހެވަސް މީހުން އެއެއް ނުގަންނާނެއެވެ. އެހެންކަމުން އަގު ކަނޑައެޅުމުގައި އެންމެ މުހިއްމީ މީހުން އެ އެއްޗަކަށް އެދޭ މިންވަރެކެވެ. އެއްޗަކަށް އެދޭ މިންވަރު ބޮޑުވާނީ އޭގެ ބޭނުންތެރިކަން މީހުންނަށް އެނގިގެންނެވެ. އެހެންކަމުން، މެލަންގެ ބާވަތްތަކަށް ރަނގަޅު އަގު ހޯދަން ބޭނުން ނަމަ، ޖެހޭނީ އެ މޭވާގެ ބޭނުންތެރިކަން ކިޔައިދީގެން މީހުން ހޭލުންތެރިކުރުވާށެވެ. އެ މޭވާއަށް މީހުން ދަހިކުރުވާށެވެ. މިކަން ކުރުމަށް ކިޔަނީ ސޯޝަލް މާކެޓިން އެވެ. މިއީ މެލަން ހައްދާ މީހުން ކުރަން އެންމެ މުހިއްމު ކަމެވެ. ތިރީގައި އެވަނީ މީހުން ހިތް ޖެއްސުމަށް މެލަން ހައްދާ ބަޔަކު ހަދާފައިވާ އިސްތިހާރެކެވެ. ކިޔާލުމުން ކުރެވެނީ ކޮންކަހަލަ އިޙްސާސްއެއް ތޯއެވެ؟

ރާއްޖޭގައި ބައެއް އައު ބާވަތްތަކުގެ  ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް ނުވަތަ ގަންނަން ބޭނުންވާ މިންވަރު ކުޑަވަނީ އެތަކެތި ބޭނުންކޮށްގެން ކެއުންތައް ތައްޔާރުކުރާނޭ ގޮތް ނޭނގޭތީއެވެ. އެހެންކަމުން، ތަރުކާރީއާއި މޭވާގެ ކޮންމެ ބާވަތެއް ހެއްދުމުގެ މަޝްރޫޢުއެއް ފެށުމުގެ ކުރިން އެ ތަކެތި ބޭނުންކުރާ ގޮތް ކައްކާ މީހުންނަށް ދަސްކޮށްދީ ފަރިތަކޮށްދޭން ޖެހެއެވެ. މިހެން ހެދުމުން އެ ގަތުމަށް މީހުން ދަހިވެތިވެ އަގުތައް އުފުލޭނެއެވެ. އަޅުގަނޑަށް ފެންނަ ތަންތަނުގައި މެލަންގެ ބާވަތްތައް ގިނަ މީހުން ކަނީ ރޮލާއެވެ. ނޭކަށޭނެހާ ގިނައިންނެވެ. މެލަން ކެއުމަށް ސާރވިން ސައިޒެއް ކަމަށް ބުނަނީ 100 ގްރާމެކެވެ. އެއީ ފަހަރަކު ކެއުމަށް ރަނގަޅު މިންވަރެކެވެ. މިއީ މެލަން އެއްގެ ދިހަބައިކުޅަ އެއްބައެވެ. އެހެން ބުނާ ސަބަބަކީ، މެލަން ކާއިރު އެހެން ވައްތަރުތައް އެއާ އެކު ހުންނާތީއެވެ. ފަޅޮލާއި މެލަން އެވެ. ކާތަކެތީގެ ކުލަތައް ތަފާތުވުމަކީ ކެއުންތައް މީރުވާ ކަމެކެވެ.

ބޭރު ޤައުމުތަކުގައި، މެލަންގެ ބާވަތްތަކުން ޖޫސް ގިރައެވެ. ހަނީޑިއު މެލަން އަކީ ހުރިހާ ބާވަތެއްގެ ކަރާތަކުގެ ތެރެއިން އެންމެ ފޮނި ބާވަތެވެ. މިއިން ފަނި ގިރާއިރުވެސް، އެއަށް އާދައިގެ ކަރާލުމާއި މިކަހަލަ އެތައް ކަމެއް ކުރެވިދާނެއެވެ. މި ކިޔުއްވާ ގިނަ ބޭފުޅުންނަށް ރާއްޖޭގައި ހިއްކާފައި ހުންނަ ދޮންކެޔޮ ފެނިވަޑައިގަންނަވާނެއެވެ. މެލަން އަކީ ވެސް އަވީގައި ހިއްކާ ވިއްކަން ހުންނަ އެއްޗެކެވެ. އަދި، މުގުރައި ޕެކެޓްކޮށްފައި ވެސް ހުރެއެވެ. ކުޑަކުދިންގެ ޕާޓީތަކުގައި އިލޮށިކޮޅަކަށް އެކި ކުލައިގެ މޭވާ ޖަހައިގެން ތައްޔާރުކުރާ މޭވާކަވާބު ހަދަން މެލަން އަކީ ވަރަށް ރަނގަޅު މޭވާއެކެވެ. މިދެންނެވި ކަންތައްތަކުގެ އިތުރަށް މެލަން މުރުއްބާ އާއި ކޭކާއި، ކުޑަކުދިންގެ ފުރަތަމަ ކާނާއެއްގެ ގޮތުގައި، މެލަން ބޭނުންކުރެއެވެ. މި ޖުމުލައަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާ ސްލައިޑްޝޯގައި، މެލަން އިން ތައްޔާރުކުރެވޭ 23 ވައްތަރުގެ ކާނާ ހިމެނެއެވެ.   މަތީގައިވާ އިސްތިހާރުގައި ލިޔެފައި ނުވާ ޞިއްޙަތާ ބެހޭ 23 މަންފާތައް މި ޖުމުލައަށް ފިތާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. ބޮލުގެ އިސްތަށިގަނޑު ރީތުވުމުން ފަށައިގެން ކެންސަރުން ދަފަރާވުމަށް މެލަން އަކީ ރަނގަޅު މޭވާއެކެވެ.

އަޅުގަނޑުގެ ނުކުތާއަކީ، އެއްޗެއްގެ އަގު ބޮޑުވާނީ އޭގެ ބޭނުންތެރިކަން ބޮޑުވެގެންނެވެ. ބޭނުންތެރިކަން ބޮޑުކަމަށް ފެންނަނަމަ މޭވާއަށް ލިބޭ އަގު ބޮޑުވާނެއެވެ. މިކަން ކުރެވޭނީ މޭވާގެ ފައިދާތަކާއި ބޭނުންތަކަށް ކައްކާ ފަރާތްތަކާއި ކާފަރާތްތައް ހޭލައްވައިލައިގެންނެވެ.