މި މަޒުމޫނުގައި ހިމެނެނީ އަލަށް ފައުޅުކުރެވުނު ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމެނޭ ފޮންޓަކާއި އެއާ ގުޅޭ މުހިއްމު ވާހަކަތަކެވެ. މި ފޮންޓުން ދިވެހި ފައިސާގެ ނިޝާން ލިޔެވޭނެއެވެ.

ދިވެހި ފައިސާއަށް ދައުލަތުގެ ފަރާތުން ނިޝާނެއް ކަނޑައެޅުމާ ގުޅިގެން، އަޅުގަނޑު މި ފަހަރު މި ހުށަހަޅަނީ އެ ނިޝާން ހިމެނޭ ފޮންޓެކެވެ. މި ފޮންޓުގެ އަޞްލަކީ، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފޮންޓު ކަމުގައިވާ ހެލްވެޓިކާ އެވެ. ހެލްވެޓިކާ އަކީ ގިނަ މީހުންނަށް ފެނިފައިވާނޭ ލެޓިން އަކުރުތައް ހިމެނޭ އިނގިރޭސި ފޮންޓެކެވެ. ފޮންޓުގެ އަކުރުތައް ހުންނަ ގޮތް ތިރީގައިވާ ތަސްވީރުން ފާހަގަ ކުރެއްވޭނެއެވެ. އިތުރަށް ދެތުމަށް ބޭނުންވާ ފަރާތްތަކުން މި ޖުމުލައަށް އޮބާލެއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވިންޑޯޒް އިން ގިނަ މީހުންނަށް ފަރިތަ  Arial އޭރިއަލް ފޮންޓަކީ ހެލްވެޓިކާގެ ހުތުރު ކޮޕީއެކެވެ. އެމެރިކާގެ ޤާނޫނުތަކުން ފޮންޓަކީ ކޮޕީރައިޓް ކުރެވޭ އެއްޗެކެވެ. ނަމަވެސް، އަކުރުތަކުގެ ބައްޓަންތަކެއް ނުވަތަ ޓައިޕްފޭސް އެއް (typeface) ކޮޕީރައިޓް އެއް ނުކުރެވެއެވެ. އެހެންކަމުން، އެކި މީހުން އެކި ފޮންޓުގެ އަކުރުތަކުގެ ބައްޓަންތަކާ އެއްގޮތަށް އެހެން ފޮންޓުތައް ހަދައި، ފާޅުކޮށް ފަތުރައި ހަދަތެވެ.

ޢާއްމު ގޮތެއްގައި ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރާނީ ހިސާބު ނަންބަރުތަކާ ޖެހިގެންނެވެ. އެއީ އެހެން ފައިސާގެ ނިޝާންތައް ވެސް އެންމެ ގިނައިން ބޭނުންކުރާ ގޮތް މެއެވެ. އެހެންކަމުން، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ފޮންޓްގައި ތާނަ އަކުރުތަކެއް ނުހިމަނަމެވެ. ދިވެހި ބަހާއި އިނގިރޭސި ބަސް ލިޔެވޭގޮތަށް ހުންނަ ކޮމްޕިއުޓަރުތަކުން، މި ފޮންޓުން ދިވެހި ފައިސާގެ ނިޝާން ޖެހުމަށް ބޭނުންކުރަންވާނީ އިނގިރޭސި ކީބޯޑެވެ. 

މި ފޮންޓު ފައުޅުކުރުމުގެ ބޭނުމަކީ އައު ނިޝާނާ އެކު އެއްޗެއް ލިޔަން ބޭނުންވާ  މީހުންނަށް އެ ފުރުސަތު ދިނުމެވެ. މިސާލެއްގެ ގޮތުން ވިއްކާ މުދަލުގައި އަގުޖެހުން ފަދަ ކަންކަން ކުރުމެވެ. ފޮންޓަށް ކިޔާފައިވާ ނަމަކީ MV Currency Symbol އެވެ. ދެން ތިކުރައްވާ ސުވާލަކީ، ފިތާނީ ކީބޯޑުގެ ކޮން ފިތަކަށް އެހެން ނޫންތޯއެވެ؟ އާދެ! ދިވެހި ރުފިޔާގެ ނިޝާން އަޅުގަނޑު ހިމެނީ ވަރަށް މަދުން ބޭނުންކުރާ ފިތެއް ކަމުގައިވާ ` މި ނިޝާން ހިމެނޭ ފިތުގައެވެ. މި ފިތަކީ ކީބޯޑުގެ 1 ގެ ވާތް ފަރާތުގައިވާ ފިތެވެ. މި ފިތަށް ފިތާލުމުން ފައިސާގެ ރަސްމީ ނިޝާން ޖެހޭނެއެވެ. ދެން އެއަށް ފަހު، ފައިސާގެ މިންވަރު (ވިޔަ ޢަދަދުތައް) ޖަހާނީއެވެ. 

ޝިފްޓް އޮބައި ހިފަހައްޓައި ފައިސާގެ ނިޝާންޖެހޭ ފިތަށް އޮބުމުން، ޖެހޭނީ ރުފިޔާގެ ރަސްމީ ނިޝާން ސްޓައިލައިޒް ކޮށްފައިވާ ނިޝާނެކެވެ.  ސްޓައިލައިޒް ކުރުމަކީ އެއްޗެއްގެ އަޞްލު އޮންނަ ގޮތަށް ކުޑަ ބަދަލެއް ގެނެސް، އެހެން ފޭޑިއެއް އޭގައި ޖެއްސުމެވެ. މިސާލެއްގެ ގޮތުން، ފައިސާގެ ނިޝާން އަޞްލު އޮންނަގޮތަށް ކުޑަ ބަދަލެއް ގެނެސް، ވިޔަ އަކުރުތަކާ ލާމެހި ގުޅޭ ގޮތް ހެދުމެވެ. ހާމަނައިޒް ކުރުމެވެ. މިހެން ހަދައިފިނަމަ މި ނިޝާން އޮންނާނީ ≠ މި ފަދަ ގޮތަކަށެވެ.

ހިސާބު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް މިއީ ކޮން ރަމްޒެއްކަން އެނގިވަޑައި ގަންނަވާނެއެވެ. އާދެ! އެއީ ޢަދަދެއް އެއްވަރު ނޫންކަމަށް ބޭނުންކުރާ ނިޝާނެވެ. ( ”≠“ not equal to) ގެ ނިޝާނެވެ. ފައިސާގެ ޢަދަދުތަކެއްގެ ކުރީގައި ޖަހަން ވަރަށް ބިރުބޮޑު ނިޝާނެކެވެ.  މި ނިޝާން ތެދުކޮށްފިނަމަ، ދެން ޖެހޭނީ ޑަބްލް ބާރ ކްރޮސް އެވެ. މިއީ އިރުމަތީ ޔޫރަޕުގެ ނަޞާރާއިންގެ ނިޝާނެކެވެ. މި ދެ ނިޝާނަކީ ނާދިރު (ޔުނީކް) ނިޝާނެއް ނޫނެވެ. ޔުނިކޯޑްގައި މި ދެ ނިޝާން ވެސް ހިމެނެއެވެ. ތާނަ ފޮންޓްތައް ފަރުމާކުރާއިރު، ވަރަށް ފަސޭހައިން ރ ގައި ޞަލީބެއްގެ ސިފަ ޖެހެން އުޅެއެވެ. އެހެންކަމުން، ރ ގެ ބައްޓަން ކާލިގަނޑަކާ ވައްތަރު ވިޔަ ނުދޭން އަޅުގަނޑުގެ ވިސްނުން މި ޖުމުލައަށް ފިތާލުމުން ފެނިވަޑައިގަންނަވާ ފޮންޓުތަކުން ފާހަގަ ކުރެއްވޭނެއެވެ.

އެމް.އެމް.އޭ. އިން ދިވެހި ފައިސާގެ ނިޝާން ފައުޅުކުރުމާ އެކު އެއާ ބެހޭ ގައިޑްލައިން އެއްވެސް ޝާޢިކުރިއެވެ. އެ ގައިޑްލައިން މި ޖުމުލައަށް އޮބާލައްވަނިކޮށް ޑައުންލޯޑްވާނެއެވެ. މި ގައިޑްލައިންގައި ވަރަށް އާދަޔާޚިލާފު ކަމެއް ވެއެވެ. އޮޅުން ފިލުވައިދިނުމުގެ ގޮތުން، އެ ގައިޑްލައިން އިން ނަގާފައިވާ ތިރީގައިވާ ސޫރައަށް ވިސްނަވާށެވެ.

ގައިޑްލައިންގައިވަނީ ފައިސާގެ ނިޝާން، އިނގިރޭސި ކެޕިޓަލް އަކުރުތަކާއެކު ލިޔާ ނަމަ، އެ ނިޝާން ލިޔަން ޖެހޭނީ، ސިމްޕްލްކޮށް ލިޔާއިރު ލިޔަންޖެހޭ އުސްމިނަށް ވުރެ މަތީގައި ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، ނިޝާން ލިޔަން ޖެހޭ އުސްމިން އެ ލިޔާ ވެށީގެ (ކޮންޓެކްސްޓްގެ) ގޮތުން މަތިވެ ތިރިވާން ޖެހޭނޭ ކަމެވެ. މިއަކީ އަޅުގަނޑަށް އެނގޭ އެއްވެސް ފައިސާގެ ނިޝާނެއްގައި ހުންނަ ސިފައެއް ނޫނެވެ. ދަންނައެވެ. ކޮންމެ އަކުރެއް ފަރުމާކުރަނީ ބޭސްލައިންއަކަށް (ބިންގާ ރޮނގަކަށް) ނިސްބަތް ކޮށެވެ. ތިރީގައި އެވާ ޔެން ގެ ނިޝާނުގައި އަޅުގަނޑު އެވަނީ ރަތްކުލައިން ބޭސްލައިން ފާހަގަކޮށްފައެވެ. އެކި އުސްމިނުގައި ހުންނަ ތަފާތު ރޮނގުތަކަށް ޓައިޕޮގްރާފީ ޢިލްމުގައި ޚާއްޞަ ނަންތައް ކިޔައެވެ.

މައްސަލައަކީ، ރުފިޔާގެ ނިޝާނާ މާދުރުގައި އެވާ ކެޕިޓަލް ނުވަތަ ސިމްޕްލް އަކުރަށް ނިސްބަތްކޮށް ރުފިޔާގެ ނިޝާން މަތިކޮށް ތިރިކުރާނޭ ގޮތެކެވެ. އަޅުގަނޑަށް ވިސްނޭ ގޮތުން މިކަމެއް ފޮންޓަކުން ނުކުރެވޭނެއެވެ. މިހެން މިދެންނެވީ 30 ވަރަކަށް އަހަރު ވަންދެން ފޮންޓް ހެދުމުގައި އަޅުގަނޑު އުޅެފައިވާތީއެވެ. ރުފިޔާގެ ނިޝާނާ ސީދާ ޖެހިގެން ވަކި އަކުރެއްވާ ނަމަ، އެ އަކުރަކަށް ނިސްބަތްކޮށް ނިޝާން މަތިކޮށް ތިރިކުރެވިދާނެއެވެ. ނަމަވެސް، ޖެހިގެން ނުވާނަމަ، މިކަމެއް ނުކުރެވޭނެއެވެ. ފޮންޓްތައް ހެދުމުގައި ކޮންޓެކްސްޓްކަމަށް (ވެށިކަމަށް) ބަލަނީ ހަމައެކަނި ކުރިއަށް ނުވަތަ ފަހަތަށް ޖެހިގެން އޮތް އަކުރެވެ. މި މަޒުމޫނު މި ލިޔަމުން މިދަނީ އަޅުގަނޑު ހެދި ތާނަ ޓައިޕްރައިޓަރ ފޮންޓުންނެވެ. މި ފޮންޓުގައި އިނގިރޭސި ލިޔާއިރު ފުލްސްޓޮޕް ޖެހޭ އުސްމިން، ތާނަ ލިޔާއިރު ފުލްސްޓޮޕް ޖެހޭ އުސްމިނާ ތަފާތުވާނެއެވެ. ނަމަވެސް ފުލްސްޓޮޕްއަކީ އެއް ފުލްސްޓޮޕް އެކެވެ. މިކަން ކުރަނީ، ލިޔާ ބަސް ބަދަލުވާކަން ފޮންޓުން ދެނެގަނެ ތާނަ ލިޔާނަމަ، މައްޗަށް ޖައްސަން ބުނެގެންނެވެ. ނަމަވެސް ފައިސާގެ ނިޝާނާ ޖެހިގެން ނުވާ ކެޕިޓަލް އަކުރުތައް ފޮންޓުން ދެނެގަންނާނޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

މި ފޮންޓުގައި ދިވެހި ރުފިޔާއަށް އަޅުގަނޑު ފަރުމާކޮށްފައިވާ ދެ ނިޝާނެއް ވެސް ހިމެނެއެވެ. އެ ނިޝާންތައް ވަނީ [އެންޓަރ – Enter] އާ ގާތުގައިވާ | \ މި ދެ ނިޝާން ހިމެނޭ ފިތުގައެވެ. އަޅުގަނޑު ބޮޑަށް ތާއީދުކުރާ ނިޝާންވަނީ \ ގައެވެ. | ގެ ބަދަލުގައިވަނީ އެހެން ނިޝާނެކެވެ. މި ނިޝާނުގެ މައްސަލައަކީ، އެ ނިޝާން ކެމިސްޓްރީގައި ބޭނުންކުރާ ⇌ ރިވާސިބްލް reversible (އިކްވިލިބްރިއަމް) ނިޝާން އާ ވައްތަރު ގޮތެއް ހުރުމާއި، ރ އާ އެހާ ވައްތަރު ނުވުމެވެ.

ތިރީގައި އެވަނީ އެކި ސައިޒުގެ އަކުރުން މި ދެންނެވުނު ހަތަރު ނިޝާނާ އެކު ވިޔަ ޢަދަދު ތަކެއް ލިޔެފައެވެ. ތިބާއަށް ރީތީ ކޮށް ނިޝާނެއް ތޯއެވެ؟

ރީތި ހުތުރަކީ އެކި މީހުންނަށް ތަފާތުވާ ސިފައެކެވެ. ދައުލަތުގެ ފަރާތުން ވަކި ނިޝާނެއް ރުފިޔާއަށް ކަނޑައެޅުމުން، ގްރެފިކް ނިޒައިނަރުން އެއަށް ކުދިކުދި ބަދަލުތައް ގެނެސް ޒަމާންތަކުގެ ދައުރުވުމުން އެއަށް ތަފާތު ބަދަލުތައް ގެނުވައެވެ. މިސާލެއްގެ ގޮތުން، އިހުގައި ތާނަ އަކުރުތަކާއި މިހާރު ތާނަ ލިޔާ އަކުރުތައް ވަރަށް ތަފާތެވެ. ބައެއް ތަކެތި ލޮލަށް ގިނައިން ފެންނަން ފެށުމުން އެއްގޯސްވެ ރީތިވާގޮތް ވެސް ވެއެވެ. ދިވެހި ފައިސާގެ ނިޝާނަށްވެސް ވާނީ މިހެންނެވެ. އެއްވެސް ކަމެއް، އެއްވެސް އެއްޗެއް އަބަދަކު އެއްގޮތަކަށް ނުހުރެއެވެ.

ފޮންޓް ޑައުންލޯޑު ކުރުން

ތިރީގައިވާ ނިޝާނަށް ފިއްތަވާލެއްވުމުން ފޮންޓް ޑައުންލޯޑް ކުރެއްވޭނެއެވެ. ދެން އެހެން ފޮންޓްތައް ވެސް އިންސްޓޯލް ކުރާ ގޮތަށް މިފޮންޓް ވެސް އިންސްޓޯލް ކުރައްވާނީއެވެ. މި ފޮންޓްގައި ފައިސާގެ ނިޝާންވަނީ އެހެން އަކުރަކަށް ކަނޑައެޅިފައިވާ ޖާގައިގައި ކަމަށް ވާތީ، ފޮންޓު ބަދަލުކުރައްވައިފިނަމަ، ނިޝާން ބަދަލުވާނެއެވެ.

ތާނަ ފޮންޓްތަކާ ބެހޭ އިތުރު މަޢުލޫމާތު ތިރިގައިވާ ލިންކްގައި ވެއެވެ. މީގެ ތެރޭގައި ފޮންޓް ހަދާގޮތް ވެސް ހިމެނެއެވެ.