rosegarden8


ވާހަކަ 13

މަޖަލުގައި ރޭގަނޑު ދުވާލަށް ހައްދަވައިގެން އުޅުއްވާ ރަސްކަލަކު، އޭނާގެ މަސްތުގައި ވިދާޅުވިއެވެ. ”މިދުނިޔޭގައި މި ވަގުތަށް ވުރެ މަޖާ ވަގުތެއް ނުވެއެވެ. އެއީ ރަނގަޅަކަށް – ނުބަޔަކަށް – އެއްވެސްމީހަކަށް – އަހުރެން އަޅައެއް ނުލަމެވެ.“

ދަރުބާރުގެ ކުޑަދޮރާ ދިމާއިން ބޭރު ފިނީގައި ނިދަން ގަމީހެއްނުލާ އޮތް  ދަރުވޭސީއަކަށް މިއަޑު އިވުމުން ބުންޏެވެ.

”އުފަލުގައި، ތިބާ ފަދަ އެހެންމީހަކު ނުވާ ރަސްގެފާނެވެ.
ބުނެވޭނީ ތިބާ އަޅާނުލާނަމަ، އަހުރެމެންވެސް އަޅައެއް ނުލަމެވެ.“

އަޅާނުލުމުގެ މި ބަސްތައް ރަސްގެފާނަށް އިވިވަޑައިގެން ހިތްޕުޅާ ހަމަކުރައްވައި، ކުޑަދޮރުން އެއް ހާސް ދީނާރުގެ ކީސާއެއް ދިއްކުރައްވައި ވިދާޅުވިއެވެ. ”އޭ ދަރުވޭސީއެވެ. ތިބާގެ ފަސްބައި ދިއްކުރާށެވެ.“ އޭނާ ޖަވާބުގައި ދެންނެވިއެވެ. ”ގަމީހެއް ނެތްމީހާގައި އޮންނާނީ ކޮން ފަސްބައެއް ހެއްޔެވެ؟“

ދަރުވޭސީގެ ނިކަމެތި ޙާލަތަށް ޕާދްޝާހު ރަޙުމް ކުރައްވާ ހަދިޔާގެ ތެރެއަށް ހެދުމެއް ލައްވައި ދަރުވޭސީއަށް ދެއްވައިފިއެވެ.  ފައިސާ ޚަރަދުކޮށް ހުސްކޮށްލާފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އިން ތަނަށް ދަރުވޭސީ ރުޖޫޢަ ވެއްޖެއެވެ.

މިނިވަނުންގެ އަތަކު މުދަލެއް ހަރެއް ނުލާނެއެވެ.
ލޯބިވެރިންގެ ހިތްތަކުގައި ކެތްތެރިކަމެއް، އަދި ފުރޭންޏަކު ފެނެއް ހަރެއް ނުލާނެއެވެ.

ރަސްގެފާނު ކޯފާވެފައި ހުންނެވި ވަގުތެއްގައި ދަރުވޭސީ ކަންތައްތައް ކުރެއްވި ގޮތް މީހަކު ދެންނެވުމުން ކޯފާވެވަޑައިގެން މޫނުފުޅު އަނެއްފަރާތަށް އަނބުރާލައްވައިފިއެވެ. އެހެންވެގެން ތަޖުރިބާވެރި ފިކުރުވެރިން، ރަސްކަލުންނަށް ވާހަކަ ދަންނަވާއިރު ވަގުތާއި މުނާސަބަތަށް ސަމާލުވުމަށް ބުނެއެވެ. ރަސްކަލުން އެމީހުންގެ ޤައުމުގެ މުހިންމު ކަންތައްތަކާ ފިކުރު ގިނަވާނެތީ އާދައިގެ ބައިގަނޑުގެ ކަންތައްތަކަށް އެބޭފުޅުންގެ ކެތްޕުޅެއް ނުހުންނާނެއެވެ. ވީމާ  ރަސްރަސްކަލުންގެ ވަގުތާއި އަނިޔާއަށް ހުޝިޔާރުވާށެވެ.

ޕާދްޝާހުންގެ އެހީތަކުން އެއްކިބާވާނެއެވެ.
ރަނގަޅު ފުރުޞަތަށް ނުބާލާމީހާ ދަންނާށެވެ.
ވާހަކަތައް ދެންނެވުމުގެ މުނާސަބުކަމަށް ނުބަލާ
ތިބާގެ ބާރު ބޭނުންނެތް ވާހަކައިން ބަލިނުކުރާށެވެ.

”ކުޑަ ވަގުތުކޮޅެއްގައި އެހާ ގިނަ ފައިސާ އުކާލި، މި ގޮތްކުޑަ އިސްރާފުކުރާ ފަކީރު ފައްސާލާށެވެ. ބައިތުލްމާލު ހުންނަނީ ފަކީރުންނަށް ކޯވަރެއް ދޭށެވެ. ސައިތާނުންގެ ތިމާގެ މީހުންނަށް ކާންދޭކަށް ނޫނެވެ.“

ކާފޫރު އަލިން ދުވާލު އަލި ކުރާ ސޭކެއްގެ އަތުގައި
ރޭގަނޑު ދިއްލާނޭ ވޮށްގަނޑެއްވަރު ވެސް
ދުވަސްކޮޅަކުން ނުހުންނާނެއެވެ.

ރަސްގެފާނަށް ނަޞޭހަތްދެއްވާ ވަޒީރަކު ދެންނެވިއެވެ: ”މާތް މަނިކުފާނެވެ. އެފަދަ މީހުންގެ އަތްމަތި އަވަހަށް ހުސްކޮށްލާތީ، ރަނގަޅުވާނީ ކުޑަ އެލަވަންސެއް ދުވަސް ދުވަސްކޮޅުން ދެއްވުމެވެ. އެކަމަކު މަނިކުފާނު ތިޔަ ހާމަކުރެއްވި ކޯފާއާއި ނަފުރަތަކީ މާތް އަޚުލާޤާ ނުގުޅޭ ކަމެކެވެ.  އެއްފަހަރު މީހަކަށް ހިތްވަރުދިނުމަށް އޯގާތެރިވެވަޑައިގެންފައި، އެއަށް ފަހު އޭނާގެ އުއްމީދުތައް މާޔޫސްކުރެއްވުމަކީ މާތް އަޚުލާޤެއް ނޫނެވެ.“

މުޅިން ހުޅުވާލުމަށްފަހު މުޅިން ލެއްޕުމަށް
ދޮރު ހުޅުވުމަކީ އެދެވޭ ގޮތެއް ނޫނެވެ.
ލޮނު ފެން ދެމޭ ކޯރެއްގެ ކިނާރާގައި
ކަރުހިކިފައިވާ ހިޖާޒަށްދާ ޙައްޖުވެރިން
އެއްވެފައިވާތީ އެއް ނުފެނެއެވެ.
މީރުފެން އަރާ ފެންއާރަކަށް
ދޫންޏާއި މެހިމާބުރުތައް ޖަމާވެއެވެ.

ވާހަކަ 14

އިހުޒަމާނުގެ ރަސްކަލަކު އޭނާގެ ސަރުކާރު ހިންގުމަށް ފަރުވާ ކުޑަކުރައްވައި،  އޭނާގެ ލަޝްކަރަށް އިހާނަތްތެރިކޮށް ހިތްތަވައިފި އެވެ. އެހެންވެ، ބާރުގަދަ އަދާވާތްތެރިއެއް ދިމާކުރުމުން އެއެންމެން ފިލައިފިއެވެ.

ހަޒާނާ ބެހުމުގައި އޭނާ ފަސްޖެހޭނަމަ،
ކަނޑީގެ މުށްގަނޑުގައި ހިފުމަށް އެމީހުން ފަސްޖެހޭނެއެވެ.
ހަނގުރާމައިގައި އެމީހުން ދައްކާނީ ކޮން ހިތްވަރެއް ހެއްޔެވެ؟
އަތްމަތި ހުސްވެފައި ޙާލަތު ހިތްދަތި ނަމަ . . .

ދުވެ ރައްކާވި މީހުންގެ ތެރެއިން އެކަކާ އަހުރެން ރައްޓެއްސެވެ. އަދި އޭނާއަށް ބުނީމެވެ.

”ވެރިމީހާއަށް ފުރަގަސްދިނުމަކީ ހަނގުރާމައެއް ނުޖެހިދިޔަ ގިނަ އަހަރުތަކުގައި ލިބިފައިވާ އިނާޔަތްތަކަށް ޝުކުރު ނުކުރުމާއި ޒިންމާ ނުނެގުމެވެ.“

އޭނާ ބުންޏެވެ: ”އަހުރެން ބުނަމެވެ. އަހުރެންގެ އަސް ކާނޭ ބާރަލީއެއް ނެތީމާ ކަލޭ މަޢާފު ކުރާނެ ކަންނޭނގެއެވެ. އަހުރެންގެ އަސްގޮނޑީގެ ރަޖާގަނޑު ވަނީ އަނބުރާ ދޭގޮތަށް ގެނެސްފައެވެ. ލަޝްކަރަށް ޚަރަދުނުކުރާ ސުލްޠާނަކަށްޓަކައި ލަޝްކަރީންނެއް އެމީހުންގެ ފުރާނަ ނުރައްކަލަކަށް ނުލާނެއެވެ.“

ފަހުލަވާނުންނަށް ފައިސާ ދޭށެވެ. އެމީހުންގެ ޚިދުމަތް ލިބޭނީ އޭރުންނެވެ.
ތިބާ ރަން ނުބަހާނަމަ، އެމީހުން ދާނީ ބަހާ މީހެއްގެ ކައިރިއަށެވެ.
ބަނޑު ފުރިފައިވާ ނަމަ، ހަނގުރާމަކުރުމަށް ޖެހިލުން ކުޑަވާނެ އެވެ.
ބަނޑު ހުސް ނަމަ، ފިލުމަށް ޖެހިލުން ކުޑަވާނެ އެވެ.

ވާހަކަ 15

އޭނާގެ މަޤާމުން ދުރުކުރުމުން، ވަޒީރަކު ދަރުވޭސީންގެ ތެރެއަށް ވަދެއްޖެއެވެ. ދަރުވޭސީންގެ ގުޅުންތަކުގެ ނިޢުމަތުން އޭނާއަށް ގެއްލުނު މަޤާމުން ހިތްކެނޑި ސިކުނޑިއަށް ލުއިކަން ލިބިއްޖެއެވެ. ދުވަސްކޮޅެއްގެ ފަހުން ރަސްގެފާނުގެ ހިތްޕުޅު އޭނާއާ ދޭތެރޭ ހަމަޖެހިވަޑައިގެން ވަޒީފާ އަލުން ފެށުމަށް އަންގަވައިފިއެވެ. އޭނާ އިންކާރުކުރިއެވެ: ”ވަޒީފާއިން ވަކިވެހުރުން ވަޒީފާ އަދާކުރުމަށްވުރެ ރަނގަޅެވެ.“

ރައްކާތެރިކަމުގެ ކަނުގައި އިށީދެއްޖެ މީހާ
ކުއްތާތަކުގެ ދަތްތަކާއި މީހުންގެ ދޫތައް އައްސައިފިއެވެ.
ކަރުދާސްގަނޑު ވީދާލާ ގަލަން ބިންދާލައިފިއެވެ.
ޣީބަ ބުނާމީހުންގެ އަތާއި ދުލުން ރައްކާތެރިކަން ހޯދައިފިއެވެ.

ރަސްގެފާނު ވިދާޅުވިއެވެ: ”ސަރުކާރުގެ އިދާރީ ހިންގުމަށް ތިފަދަ ވިސްނުންތެރިއެއްގެ ބޭނުމަށް އަހުރެމެންވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.“  އޭނާ ޖަވާބުގައި ދެންނެވިއެވެ: ”ތިފަދަ ކަންތަކާ ނޫޅުމަކީ ވިސްނުންތެރިންގެ ކަމެކެވެ.“

އެހެން ދޫނިތަކަށް ވުރެ ހޯމާގެ މާތްކަން ބޮޑުވެގެން ވެއެވެ.
އެއީ އެ ކަނީ މަރުވެފައިވާ ތަކެތީ ގެ ކަށްޓެވެ. ދިރިހުރި އެއްޗަކަށް އަނިޔާއެއް ނުދެއެވެ.

ސިންގާއެއްގެ ޚާދިމަކަށްވީ ކިހާވަރެއްގެ މުސާރައަކަށްތޯ ހިމާރެއްކައިރީގައި ސުވާލުކުރެވުނެވެ. ޖަވާބު ދިނެވެ. ”އެއީ ސިންގާ ކައިފައި ބާކީވާ ތަކެއްޗަށާއި ސިންގާގެ ކެރުމުން އަހުރެންގެ ޢަދާވާތްތެރިންގެ ކިބައިން ލިބޭ ރައްކާތެރިކަމަށެވެ.“

ދެން ހިމާރާ ސުވާލު ކުރެވުނީ ސިންގާގެ އެންމެ ގާތް ޚާދިމަށް ނުވެ، ސިންގާގެ ރައްކާތެރިކަމުގެ ހިޔަނީގައި އޭތީގެ މޮޅުކަމަށް ޝުކުރުވެރިވެގެން ދުރުގައި ހުންނަނީ ކީއްވެތޯއެވެ. ޖަވާބުދިނެވެ: “އޭތީގެ ކެރުމުންނާއި ޖެހިލުން ކުޑަކަމުން އަހުރެންގެ އަދާވާތްތެރިން ފަދައިން އަހުރެންވެސް ސަލާމަތް ވެގެން ނުވެއެވެ.“

ޖަބަރީއެއް 100 އަހަރުވަންދެން އަންދާ އަލިފާންގަޑަށް[ޖަބަރީންނަކީ އަޅުކަންކުރަން އަލިފާންގަނޑު އަނދާ މީހުންނެވެ] ކުޑަހިދުކޮޅަކަށް ނަމަވެސް އޭނާ ވެއްޓިއްޖެނަމަ، އޭނާ އަނދާނެއެވެ.
ރަސްގެފާނެއްގެ ގާތްމީހަކަށް ވުމުން، އޭނާއަށް ރަން ލިބިދާނެއެވެ.
ކަންދިމާވާ ގޮތަކުން އޭނާ ބޯ ހަށިގަނޑުން ވަކިވެސް ވެދާނެއެވެ.

ޕާދުޝާހުންގެ ބަދަލުވަމުންދާ މިޒާޖަށް ސަމާލުވުމަށް ފަލްސަފާވެރިން ބުނެއެވެ. ބައެއްފަހަރު ރަސްކަލުން އިޙްތިރާމްއަށް ނުރުއްސަވައި ބޭއިޙްތިރާމްއަށް އިޙްތިރާމްގެ ހެދުން ދެއްވައެވެ. އަދި ބުނެވެއެވެ. ކަންކަމާ ހީ ސަމާސާކޮށް ހެދުމަކީ ދަރުބާރުގައި އުޅޭ ވަކިބައެއްގެ ކިބައިގައިނަމަ ރަނގަޅު ސިފައެކެވެ. ވިސްނުންތެރިންގެ ކިބައިގައި މިސިފަ ހުރުމަކީ އުނިކަމަކަށް ވެއެވެ.

ތިބާގެ ގަދަރާއި ބާރުގެ މަސައްކަތުން އުޅޭށެވެ.
ދަރުބާރު މަޖާކުރަންތިބޭ މީހުންނަށް ކުޅިވަރާއި ސަމާސާ ދޫކޮށްލާށެވެ.

ވާހަކަ 16

އަހުރެންގެ ރަޙްމަތްތެރިއެއްގެ ތެރެއިން އެކަކު އަހުރެންނާ ބައްދަލުކޮށް، އޭނާއަށް ބަދުނަޞީބުގެ ދުވަސްތަކެއް ކުރިމަތި ވެއްޖެކަމާއި އާމްދަނީ މަދުކަމާއި ދަރިން ގިނަކަމުން ފަޤީރުކަމުގެ ބުރަ އުފުލަންދަތި ވާތީ، އެހެން ސަހަރަކަށް ހިޖުރަކުރަންބޭނުން ވާހަކަ ބުނެފިއެވެ. މިގޮތުން، އޭނާ ކޮންމެ ފަދަ މަސައްކަތެއް އެހެން ރަށެއްގައި ކުރިއަސް، އޭނާއަށް ކުރިމަތިވެފައިވާ ޙާލަތަކީ އުފާވެރި ނުވަތަ ހިތާމަވެރި ޙާލަތެއްކަން އެހެން މީހުންނަކަށް ނޭނގޭނެއެވެ.

”ކިތަންމެ ބަޔަކު ހައިހޫނު ކަމުގައި ނިދައެވެ. އެއީ ކޮން ބައެއް ކަމެއް އެހެން މީހުންނަކަށް ނޭނގެއެވެ.
ކިތަންމެ ބަޔަކު މަރުގެ ތުންފަތްމަތީގައި ވިއެވެ. އެހެނެއްކަމަކު، އެމީހުންގެ މައްޗަށް ރޯ ބަޔަކު ނޫޅެއެވެ.“

އޭނާ ކަންބޮޑުވެގެން އުޅެނީ އޭނާގެ އަދާވަތްތެރިން ބުނާނެ އެއްޗަކަށެވެ.  އޭނާގެ ފުރަގަހުން އޭނާއަށް މަލާމާތްކޮށް ހީ ހަދާ، އޭނާގެ އާއިލާއަށްޓަކައި ކުރާ ބުރަ މަސައްކަތަކީ، އޭނާގެ ފިރިހެންވަންތަކަން ނެތްކަމަށް ދެކި ބުނާނެއެވެ.

”ޤަދަރެއްނެތް އެ ސޮރާ ދިމާލަށް ބަލާލަ ބަލާށެވެ.
ތަނަވަސްކަމުގެ މޫނެއް އޭނާއަށް ދުވަހަކު ނުފެންނާނެއެވެ.
އޭނާގެ އަރާމަށްޓަކައި އަނބިދަރިން ފަޤީރުކަމަށް ދޫކޮށްފިއެވެ.“

އޭނާއަކީ ހިސާބު ޢިލްމު ކޮންމެވެސް ވަރަކަށް އެނގޭ މީހަކަށް ވާތީ، އޭނާގެ ސިކުޑިއަށް ލިބިފައިވާ ބުރަ ލުއިކުރުމަށްޓަކައި އަހުރެންގެ ނުފޫޒުން ވަޒީފާއެއް ހަމަޖައްސައިދީފި ނަމަ، ޢުމުރުގެ ބާކީގައި ޝުކުރުވެރިވިޔަސް ނުފުދޭނެ މިންވަރަށް ޝުކުރުވެރިވާނެކަމަށް ބުންޏެވެ. އަހުރެން ޖަވާބުގައ ބުނީމެވެ: ”ރަޙްމަތްތެރިޔާ އެވެ. ރަސްކަލެއްގެ ކައިރީގައި ވަޒީފާއަދާ ކުރުންވަނީ ދެ ކަމެއްގެ މައްޗަށް ބަރޯސާ ވެގެންނެވެ. އެއީ ރޮށި ލިބުމުގެ އުއްމީދާއި ފުރާނައަށް ގަންނަ ބިރެވެ. ބުއްދިވެރިންގެ ޚިޔާލުގައި، އެ އުއްމީދަށްޓަކައި މި ބިރުވެރިކަމާ ކުރިމަތިލުމަކީ ރަނގަޅު ކަމެއް ނޫނެވެ.“

ދަރުވޭސީއެއްގެ ގެޔަކަށް ވާރުވެރިއެއް ނާދެއެވެ.
ބިމާއި ބަގީޗާގެ ވަރުވާ ބަލައެއް ނާދެއެވެ.
އަންނަނީ ހިތާމައެއް ނުވަތަ މޮޅިއެއް ފިލުވުމަށެވެ.
ނުވަތަ ދަރިންގެ ސަންދޯކެއްގެ އެއްކޮޅުގައި ހިފަން ބުނުމަށެވެ.

ޖަވާބުގައި އޭނާ ބުންޏެވެ: ”ކަލޭ ތި ދައްކާ ވާހަކައަކީ އަހުރެންގެ އެދުމާ ގުޅޭ ވާހަކައެއް ނޫނެވެ. އަދި އަހުރެންގެ ސުވާލަށްޖަވާބެއް ވެސް ނުދެމުއެއް ނޫން ހެއްޔެވެ؟ ބުނާތީ ނާހަން ހެއްޔެވެ؟ ހަރާންކޯރުވާ މީހާގެ އަތް ތުރުތުރުއަޅާނެއެވެ.

ތެދަށް ވާހަކަ ދެއްކުމަކީ ދުޢާ އިޖާބަވާ ކަމެކެވެ.
ތެދު މަގަކު، މަގު ގެއްލިގެން އުޅޭ އެކަކުވެސް އަހުރެން ނުދެކެމެވެ.

ފަލްސަފާވެރިން ބުނެއެވެ. ހަތަރު މީހަކު، ހަތަރު މީހަކުދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

ވާރުން ވައްކަން ކުރާ މީހާ ރަދުން ދެކެއެވެ.
ވަގު، ފާރަވެރިޔާ ދެކެއެވެ.
ޒިނޭ ކުރާ މީހާ، ބުނެފާނެ މީހަކު ދެކެއެވެ.
ނާސި، މުހުތަސިބު ދެކެއެވެ.

އެކަމަކު، އަމިއްލަ ޒަމީރު ސާފު، ހިސާބު ރަނގަޅަށް ބަލަހައްޓާ މީހާ، ބިރު ގަންނަންވީ ކާކު ދެކެ ހެއްޔެވެ؟

އިސްރާފާއި ފަސާދަ ނެތިފައި،
ހިސާބު ބެލެހެއްޓުމުގައި ތެދުވެރި ނަމަ،
އަދާވާތްތެރިންގެ ތުހުމަތުން ތަހުޤީޤުކޮށް
ވަޒީފާ ގެއްލިއްޖެނަމަ، ލަދުގަންނަންޖެހޭނީ
ދޮގު ތުހުމަތް ކުރި މީހުންނެވެ.
އަޚާއެވެ. ތެދުވެރިވާށެވެ. އެއްވެސް މީހަކު ދެކެ ބިރު ނުގަންނާށެވެ.
ދޮވިން، ގަލުގައި ތަޅަނީ ކިލާވެފައިވާ ލިބާހެވެ.

. . . . . . . . . . .

އަހުރެން ޖަވާބުގައި ބުނީމެވެ:

ތިބާގެ ވާހަކަ އާއި ހިޔަޅުގެ ވާހަކަ ހާދަ ގުޅެއެވެ.

ހިޔަޅު ކަޑަބޮއް ޖަހާފައި، ފިލަން ދުވަނިކޮށް ފެނިގެން އޭނާ އެހާ ބިރުން ބާރަށް ދުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ: ”އަހުރެންނަށް އަޑު އިވޭ ގޮތުގައި، ޖަމަލުތައް ހިފާ ހައްޔަރުކުރަން ފަށައިފިއެވެ.“ އެމީހާ ބުންޏެވެ: ”މޮޔަޔާއެވެ. އެކަމާ ކަލެއާ ކޮން ކަމެއް ހެއްޔެވެ؟ ޖަމަލަކާ ކަލެއާ ހުރީ ކޮން ވައްތަރު ކަމެއް ހެއްޔެވެ؟“

ހިޔަޅު ޖަވާބުގައި ބުންޏެވެ: ”މަޑުން ވާހަކަ ދައްކާށެވެ. ޢަދާވާތްތެރިން އަހުރެންނަކީ ޖަމަލެކޭ ބުނެ، އަހުރެން ހައްޔަރުކޮށްފި ނަމަ، އަހުރެންގެ މައްސަލަ ބަލާ އަހުރެން ދޫކޮށްލާނީ ކާކު ހެއްޔެވެ؟ އިރާޤުން މައިތިރި ގެންނަންދެން، ހަރުފަ ވިހަލީ މީހާ ދާނީ މަރުވަމުންނެވެ.“

ކަލެއަކީ ވަރަށް ތެދުވެރި ރަނގަޅު މީހެކެވެ. އެކަމަކު ޢަދާވާތްތެރިން އެކިތަންތާ ފިލާ ވެއެވެ. އަދި މަޤާމް ބޭނުން އެހެން މީހުން ކޮންމެ ކަނެއްގައި ވެއެވެ. ކަލެއާ ބެހޭ ގޮތުން ތަފާތު ގޮތަކަށް ވާހަކަދައްކައި ރަދުންގެ ކައިރިއަށް މައްސަލަ ހުށަހަޅައިފި ނަމަ، ކަލޭގެ ދިފާޢުގައި ވާހަކަދައްކަން ތެދުވާނީ އެ ދުވަހު ކާކު ހެއްޔެވެ؟ އެހެންވެ އަހުރެންނަށް ފެންނަ ގޮތަކީ، ފުދިގެން އުޅެ، މަޤާމްތަކަށް އޮތް އުއްމީދު ދޫކޮށްލުމެވެ. ފުދުންތެރިކަމުގެ ރަސްކަން ޚިޔާރުކޮށް، އެދުންވެރިކަމުގެ އުއްމީދުތައް ދޫކޮށްލުމެވެ. ބުއްދިވެރިން ބުނެއެވެ:

”ކަނޑުގައި އެތައް ޚަޒާނާއެއް ވެއެވެ.
ނަމަވެސް ރައްކާތެރިކަން އެދޭމީހާއަށް، އެކަން ލިބޭނީ ގޮނޑުދޮށުންނެވެ.“

. . . . . . . . . . .

މިވާހަކަތައް އިވުމުން އަހުރެންގެ ރަޙްމަތްތެރިޔާ ނުރުހުންވެ، މޫނުހަދާ ބުނެފިއެވެ: ”މިއީ ކޮން ފަދަ ބުއްދިއެއް ނެތް ވާހަކައެއް ހެއްޔެވެ؟ ފަލްސަފާވެރިންގެ ބަސް ތެދުވެއްޖެއެވެ. އެމީހުން ބުނެއެވެ. ރައްޓެހިންނަކީ ހަރުގޭގައި ހުންނަންޖެހުމުން ކާންގެނެސްދޭ މީހުންނެވެ. ކާމޭޒުމަތީގައި، ޢަދާވާތްތެރިން ވެސް ފެންނާނީ ރައްޓެހީން ކަމަށެވެ.“

ތަނަވަސްކަމުގެ ވަގުތުގައި ދޮރުގައި ޓަކިޖަހާ މީހާ އަކީ ރަޙްމަތްތެރިއެއްގެ ގޮތުގައި ނުގުނާށެވެ.
ރަޙްމަތްތެރިކަމުގެ ގުޅުމާ މެދު ސަޅިކަނޑާ، ތިބާއީ އޭނާގެ ނުއުފަން ބޭބެކަމަށް ބުނާނެއެވެ.
އަހުރެން ދެކެނީ، ފަޤީރުކަމާއި ހިތާމައިގައި ހާލަތުގައި
އަހުރެންގެ އަތުގައި ހިފާ މީހުންނަކީ ރަޙްމަތްތެރިން ކަމަށެވެ.

. . . . . . . . . . .

ރަޙްމަތްތެރިޔާގެ ބަސްމަގު ހުރިގޮތުން، އަހުރެން ހިތާހިތާ ބުނީމެވެ: ”މީނާ މިހިރީ ވިސްނޭވަރަށް ވުރެ ބުއްދި ގޯސްވެފައެވެ. އަހުރެންގެ ނަޞީޙަތް އަޑުއަހަނީ ކެތާ ނުލައެވެ.“ ދެން އަހުރެން، ކުރީގެ ރައްޓެހިކަމެއް އަދިވެސްއޮތް، ދީވާން ސާހިބުއާ ބައްދަލުކޮށް، ރަޙްމަތްތެރިޔާގެ ޤާބިލްކަމާއި ހުނަރުވެރިކަން ކިޔާދިންލެއް ފުރިހަމަ ކަމުން، ދަށް ފެންވަރުގެ މަޤާމެއް ރަޙްމަތްތެރިޔާއަށް އޭނާ ހަމަޖައްސައިދީފި އެވެ. ދުވަސްކޮޅެއް ވީ ތަނާ އެނާގެ ހިންގުންތެރިކަމާއި ޤާބިލްކަމުން، ވަޒީފާގައި ކުރިއެރުން ލިބެމުން ގޮސް، މަތީ ފެންވަރުގެ ވަޒީފާއެއް ލިބިއްޖެއެވެ. އަދި ނަޞީބުގެ ތަރި އަރަމުން ގޮސް، އޭނާގެ އުއްމީދުގެ މެދުއުޑަށް އަރައިފިއެވެ. ރަދުންގެ އެންމެ ގާތް ހިސާބު ބަލަހައްޓާ މީހާއަށް ވެ، އެންމެން އިރުޝާދު ހޯދާ، އެންމެންގެ އުއްމީދުގެ ލޯ އެދިމާއަކަށް އެނބުރޭ ފަރާތަށް ވެއްޖެއެވެ. އޭނާގެ ނަޞީބަށް އައި ބަދަލަށާއި ރައްކާތެރި މަޤާމަށް އުފައުކޮށް އަހުރެން ބުނީމެވެ:

ކަންކަމުގައި ޖެހިފައިވާ ގޮށްތަކާ މެދު ބިރުނުގަންނާށެވެ. އަދި

ހަލާކުވެފައިވާ ހިތެއް ނުގެންގުޅޭށެވެ. އެއީ ދިރުމުގެ އާރުވަނީ އަނދިރީގައެވެ.

ވިސްނާ ހުންނާށެވެ. ހާސްކަމުގައިވާ އަޚާއެވެ. މާޔޫސްނުވާށެވެ.
ފޮރުވިފައިވާ ރަޙްމަތްތައް ކަލާނގެ ތިބާއަށްޓަކައި ވެއެވެ.
ވަގުތުގެ ދައުރުވުން ކުރިމަތިކުރާ ހިތާމައިގައި އިށީދެ ނީންނާށެވެ.
ކެތްތެރިކަމަކީ ހިތި އެއްޗެއްކަމުގައި ވިޔަސް އޭގެ މޭވާ ފޮނިވާނެއެވެ.

. . . . . . . . . . .

އެ ދުވަސްވަރު އަހުރެން ރައްޓެހިންތަކަކާއެކު މައްކާއަށް ގޮސްފައި އައި މަގުމަތިން ދެ ދުވަހެއްގެ ރާސްތާއިން އޭނާ އަހުރެންނާ ބައްދަލުކުރިއެވެ. އޭނާގެ ބޭރުފުށުގެ ހެދުމުން އޭނާވަނީ ދަތި ޙާލަތެއްގައި އެނގުނެވެ. އެއީ އޭނާ ހުރީ ދަރުވޭސީންގެ ހެނދުމުގައެވެ. އަހުރެން ބުނީމެވެ: ”މައްސަލައަކީ ކޮބައި ހެއްޔެވެ؟“ އޭނާ ޖަވާބުގައި ބުންޏެވެ:

ތިބާ އިހު ލަފާކުރި ފަދައިން، އަހުރެންނާ ދޭތެރޭ ބަޔަކު ހަސަދަވެރިވެ، ރަދުންނަށް ހަރާންކޯރުވިކަމުގެ ތުހުމަތު އަހުރެންގެބޮލުގައި އަޅުވައިފިއެވެ. ރަދުންނެއް މައްސަލައިގެ ތެދުދޮގު ބައްލަވާކަށް އަމުރެއް ނުކުރައްވައެވެ. އަދި އަހުރެންނަށް ކުރިން ހެޔޮ އެދުނު ފަރާތްތަކާއި އޯގާތެރި ރައްޓެހިން ތެދު ބަހެއް ނުބުނެ އަހުރެމެންގެ ކުރީގެ ރަޙްމަތްތެރިކަން ހަނދާން ނައްތާލައިފިއެވެ.

ތަޤްދީރު ތިބާ އިޙްތިރާމްގެ މަޤާމަކަށް ގެންގޮސްފިނަމަ،
އެބައިމީހުން ތިބާގެ ބޮލުގައި އަތް އަޅައި ސަނާ ކިޔާނެއެވެ.
އެކަމަކު ތަޤްދީރުގެ ބަދަލަކުން ތިބާ މަޤާމުން ވަކިވެއްޖެނަމަ،
އެންމެން ތިބާގެ ބޮލުގައި ފައިއަޅަން އެދޭނެއެވެ.

ކުރު ގޮތަކަށް ބުނާނަމަ، މި ހަފުތާއާ ހަމައަށް އަހުރެންނާ މެދު ކުރެވުނީ އެކި ޝަރީޢަތެވެ. މައްކާއިން ހެޔޮ ހާލުގައި ޙައްޖުވެރިން އަންނަ ޚަބަރު ލިބުމުން އަހުރެން ގައިދުން ދޫކޮށްލާފައި މައިންބަފައިންގެ ފަރާތުން ވާރުތަވި ބިން ފޭރިގަނެފިއެވެ.

އަހުރެން ޖަވާބުގައި ބުނީމެވެ:

”ކަލޭ ކައިރީގައި ރަސްކަލަކަށް ވަޒީފާ އަދާކުރުމަކީ ކަނޑު ދަތުރެކޭ ބުނެ ދިން ނަސޭހަތަށް ސަމާލުކަމެއް ނުދިނީމުއެވެ. އެ ދަތުރަކީ ފައިދާހުރި އަދި ނުރައްކާތެރި ދަތުރެކެވެ. ތިބާއަށް ބޮޑު ހަޒާނާއެއް ލިބިދާނެއެވެ. ނުވަތަ ރާޅުތަކުގައި ޣަރަޤުވެދާނެއެވެ.“

ވިޔަފާރި ވެރިޔާ އެއްގަން ކުރާނީ ދެއަތުން ރަނެވެ.
ނޫނީ ރާޅުތައް އެއްގަން ކުރާނީ އޭނާގެ މަރުވެފައިވާ ހަށިގަނޑެވެ.

ދެން އެ އައު ދަރުވޭސީގެ ފާރުގަނޑު މިއަށް ވުރެ ބޮޑަށް ކޮއްޓާ ލޮނު ނާޅަންވެގެން ތިރީގައިވާ ދެ ބައިތު ކިޔާލާ އަހުރެން ހިތްހަމަ ޖައްސާލީއެވެ.

ބުއްދިވެރިންގެ ހެޔޮ އިރުޝާދު ކަންފަތަށް ނުވަންނަ ނަމަ،
ތިބާގެ ދެފައި ކަސްތަޅުގައިވާތީ ތިބާއަށް ފެންނާނެއެވެ.

ކަށީގެ ތަދަށް ކެތް ނުކުރެވޭނަމަ،
ނަގުލަންދާއްޓެއްގެ ހޮރަށް އިނގިލި ނުބާނާށެވެ.

ވާހަކަ 17

އަހުރެންގެ ޖަމާޢަތުގައި، ބޭރުފުށުން ވަރަށް ތަޤްވާވެރިހެން ހީވާ ބަޔަކު އުޅުނެވެ. މި މީހުންގެ އުޅުމާ ދޭތެރޭ ހިތްހަމަޖެހި ރަނގަޅު ގަވަރުނަރަކު މިއިން ކޮންމެ މީހަކަށް ފައިސާގެ އެލަވަންސެއް ދޭ ގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް، ޖަމާޢަތުގެ ތެރެއިން އެކަކު، ދަރުވޭސީންގެ އުޅުމާ ނުގުޅޭ ކަމެއް ކުރުމުގެ ސަބަބުން ގަވަރުނަރުގެ ޚިޔާލު ބަދަލުވެ އޭނާގެ ނަފުރަތު ޖަމާޢަތާ ކުރިމަތި ވެއްޖެއެވެ. އަހުރެންގެ ރައްޓެހީންގެ އެލަވަންސް އަލުން އިޢާދަކޮށްދިނުމަށް ކޮންމެ ވެސް ކަމެއް ކުރުމަށް އެދި، ގަވަރުނަރާ ބައްދަލު ކުރުމަށް އެދުމުން ދޮރުވާނު އަހުރެންނާ ދޭތެރޭ ނުރުހުންތެރިކަމާއެކު ވާހަކަ ދައްކާ ގޭތެރެއަކަށް ނުވެއްދިއެވެ. އަހުރެން ދޮރުވާނަށް މަޢާފު ދިނީމެވެ. އެއީ ޙިކުމަތްތެރިން މިހެން ބުނާތީއެވެ:

އަމީރުންނާއި ވަޒީރުންނާއި ރަސްގެފާނުންގެ ދޮރާއްޓާ،
ތަޢާރުފެއް ނެތި ގާތްނުވާށެވެ.
ކުއްތާއަށް ނުވަތަ ދޮރުވާނަށް ނުދަންނަ މީހަކު ފެނުމުން
ކުރިންބުނި ސޮރު މުންޑުގައި ދަތްއަޅާނެއެވެ.
ފަހުން  ނަންގަން ސޮރު ގިރުވާނުގައި ހިފާނެއެވެ.

ގަވަރުނަރާ ކޮންމެ އިރަކު ބައްދަލު ކުރެވޭ ކަހަލަ ބަޔަކަށް އަހުރެންގެ ހާޖަތް އެނގުމުން، މަރުޙަބާއާ އެކު އަހުރެން އެތެރެއަށް ވައްދާ އިށީނުމަށް އުސް ގޮޑިއެއް ދައްކައިފިއެވެ. ނަމަވެސް ނިކަމެތިކަމާއެކު އަހުރެން އިށީނީ ތިރި ގޮޑީގައެވެ. އަދި ބުނީމެވެ.

”އަޅުންގެ ތެރެއިން އެންމެ ނިކަމެތި މީހާ،
އަޅުންގެ ސަފުގައި އިށީނަ ދޭށެވެ.“

ގަވަރުނަރު ބުންޏެވެ: ”ﷲ އެވެ! ﷲ އެވެ! ތިފަދަ ބަސްތަކަށް ބޭނުން ޖެހުނީ ކީއްވެހެއްޔެވެ؟  އަހުރެންގެ ބޮލުގައި އިށީންނަމަވެސް، އަހުރެން ތިބާއާ ދޭތެރޭ ނިޔަނެތި ވީމު ހެއްޔެވެ. އެއީ ތިބާ ނިޔަނެތި ވީމައެވެ.“

ވާހަކަ ކުރުކުރަމެވެ. އަހުރެން ގޮޑީގައި އިށީދެ ތަފާތު މައުޟޫޢުތަކާ މެދު ވާހަކަ ދެއްކުމަށްފަހު އަހުރެންގެ ޖަމާޢަތުގެ މީހެއްގެ ކުށުގެ ވާހަކަ ނަންގަނެ ބުނީމެވެ:

”އެ އަޅުންނަށް ނަފުރަތު ކުރެއްވުމަށް
މަގޭ ދީލަތި ސާހިބާއަށް އެމީހުންގެ ފަރާތުން ފެނިވަޑައިގަތީ ކޮންފަދަ ޖަރީމާއެއް ތޯއެވެ؟

ހުރިހާ ދީލަތި ކަމާއި މާތްކަން ﷲ އަށް ލިބިވޮޑިގެންވެއެވެ.
އަޅުން ކުރާ ހުރިހާ ފާފައެއް ދެކެދެނެވޮޑިގެންވާ އިރުވެސް،
އެކަލާނގެ އަޅުންނަށް ރޮށި ރިޒުގު ކުރައްވައެވެ.“

މި ބަސްތަކާ ގަވަރުނަރު އުފާ ކޮށް އަހުރެންގެ ޖަމާއަތަށް ދެމުން ގެންދިޔަ އެލަވަންސް އިޢާދަ ކޮށް، ނުދޭ މަސްމަހުގެ ދަރަނި ފުއްދަން އަމުރު ކޮށްފިއެވެ. ދެން ގަވަރުނަރަށް ޝުކުރު އަދާކޮށް، ޠާޢަތުގެ ބިމުގައި ބޮސްދީ، އަހުރެންގެ ކެރުމަށް މަޢާފަށް އެދި ދެންނެވީމެވެ:

ދުރު އެތައް ޤައުމެއްގެ ބޭނުންތަކުގެ ގިބުލައަށް ކައުބާ ވުމުން،
ދިގު އެތައް ފަރުސާންގެއްގެ ދުރުން މީހުން އެތަނަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.
އަހުރެމެންފަދަ ގޮތެއް ނެތް ބައެއްގެ ބޭއަދަބަށް ތިބާ ކެތްކުރަންޖެހެނީ،
މޭވާނެތް ގަހަކަށް މީހުން ގަޅި ނޫކާތީއެވެ.

ވާހަކަ 18

ބައްޕަގެ ފަރާތުން ޢަދަދު ނުކުރެވޭ ފަދަ ބޮޑު ޚަޒާނާއާއި މުއްސަނދިކަން ވާރުތަވި ރަސްކަލެއްގެ އަމީރަކު (މަނިއްޕުޅަކު)، ދީލަތިކަމުގައި އަތް ހުޅުވާލައްވާ، އޯގާތެރިވުމުގެ އެދުންފުޅު ފުއްދުމަށް ލަޝްކަރާއި ރައްޔިތުންނަށް މުދާ ބައްސަވަން ފައްޓަވައިފިއެވެ.

ތަބަކެއްގެ ކުމުންޒާނިން ވަހެއް ނުދުވާނެ އެވެ.
ނަމަވެސް އަލިފާނަށް އެލުމުން އެއިން މާވަހަރުގެ ވަސް ދުވަން ފަށައެވެ.
ތިބާ މޮޅުމީހަކަށް ވުމަށް އެދޭނަމަ، ދީލަތި ވާށެވެ.
އެއީ ބިންބި ހެދޭނީ ދަނޑަށް އެ އުކީމައެވެ.

ދަރުބާރުގެ ބޮޑެއް، ފިކުރެއްނެތި ރަސްގެފާނާ ދިމާއަށް ނަޞޭހަތުގެ ބަސްތައް އިއްވަން ފެށިއެވެ: ”ކުރީގެ ރަސްކަލުން މުދާ އެއްކޮށްފައިވަނީ އެތައް މަސައްކަތްޕުޅެއް ކުރައްވައިގެން ބޭނުންތެރި ގޮތަކަށް ހޭދަ ކުރެއްވުމަށެވެ. ތިކަން ހުއްޓަވާ ލައްވާށެވެ. އެއީ ކުރިމަތިން މުޞީބާތްތައް މެދުވެރިވެ، ފަހަތުން ޢަދުއްވުން ނިކުމެދާނެއެވެ. ކަމެއް ޖެހޭއިރު އަތްމަތި ހުސްވާ ގޮތަށް ކަންތައްތައް ކުރައްވާކަށް ނުވާނެއެވެ.“

އެތައް ބަޔަކަށް ޙަޒާނާ ބެއްސެވުމުން،
ކޮންމެ ގެއަކަށް ލިބޭނީ ހަނޑޫ ފުކެކެވެ.
ކޮންމެ ގެއަކުން ބާރުލީ ފުކެއްގެ ރިހި ހޯއްދަވަނިކޮށް
ކޮންމެ ދުވަހަކު ޚަޒާނާއެއް އެއް ކުރެވިދާނެއެވެ.

މިވާހަކަ ދެންނެވުމުން ކުރީގެ އަމީރު ނަމަވެސް މިހާރުގެ ރަސްގެފާނު، މޫނުފުޅު އަނެއް ފަރާތަށް އަނބުރާލައްވާ ވިދާޅުވިއެވެ. ”ހުރިހާ މޮޅުކަމެއް ލިބިވޮޑިގެންވާ މާތް ﷲ މިޤައުމު އަހުރެންނަށް ދެއްވީ އެކަމުން އުފާ ހޯދުމަށާއި އުފާތައް ބެހުމަށެވެ. ރައްކާތެރިކޮށް ފޮރުވާކަށް ނޫނެވެ.“

ސާޅީސް ގުދަނުގެ ޚަޒާނާ ލިބުނު ޤާރޫނު ޣައިބު ވެއްޖެއެވެ.
ނޫޝިރުވާން މަރެއް ނުވެއެވެ. އެއީ އޭނާ ރަނގަޅު ޝަހުރަތެއް ހޯދީތީއެވެ.

[ނޯޓް: ނޫޝިރުވާން އަކީ ޢަދުލުވެރިކަމާއި ދީލަތި ކަމަށް ވަރަށް މަޝްހޫރު ފާރިސީ ރަސްކަލެކެވެ. ރަސްގެފާނުގެ ބަސްފުޅުގެ މުރާދަކީ ރަނގަޅު މަޝްހޫރުކަމަކީ، ހަށިގަނޑު ނުވަތަ ޤަބުރު ހަލާކުވެ ފަނާވާގޮތަށް، މަރުވެ ނެތިދާ އެއްޗެއް ނޫންކަމެވެ.]

ވާހަކަ 19

އަދުލުވެރިކަމަށް މަޝްހޫރު ނޫޝިރުވާން، އެއްގަމު ކެޔޮޅުކަމަށް ނުކުމެވަޑައިގެން އުޅުއްވަމުން  ފުއްލާފަދަ ޖަނަވާރެއް ފިހަން ވެގެން ބެއްލެވިއިރު ލޮނެއް ނުގެންނެވެއެވެ. ދެން ކައްކާމީހުން، ކައިރި ޝަހަރަކަށް ކުއްޖަކު ފޮނުވާ ލޮނުކޮޅެއް ގެނައުމަށް އެންގިއްޖެއެވެ. ނޫޝިރުވާން ވިދާޅުވިއެވެ. ”ލޮނު ހޯދުމަކީ އާދައަކަށް ވެގެން ޝަހަރު ފަޤީރުވެ ނިކަމެތިވެދާނެތީ، ގެންނަ ލޮނަށް އަގު ދޭށެވެ.“ އަސްވާރުންގެ ތެރެއިން މީހަކު، އެފަދަ ކުޑަ ލޮނުކޮޅެއް ހޯދުން އެހާ ގެއްލުންދެނިވި ކަމަކަށް ވާންވީ ކީއްވެގެންތޯ ސުވާލު ކުރުމުން، ނޫޝިރުވާން ޖަވާބުގައި ވިދާޅުވިއެވެ.

”ފަސާދައާ ފިއްތުމުގެ ބިންގަލަކީ ދުނިޔޭގައި ކުޑަކޮށް އެޅޭ އެއްޗެކެވެ. މިހާރު މިއޮތްވަރަށް މިކަން ބޮޑުވީ، ފަހުން އައި ކޮންމެ މީހަކު އެކަން ކުރިއަށް ވުރެ ތަންކޮޅެއް ބޮޑުކޮށްލާތީ އެވެ.“

ބަގީޗާއަކުން ރަސްގެފާނަކު އެންމެ އާފަލެއް ފަރިއްކުޅުއްވައިފި ނަމަ، އޭނާގެ އަޅުން ގަސް މުލުން ލުހެލާނެއެވެ.
ސުލްޠާނަކު ފަސް ކުކުޅުބިސް ގަދަކަމުން ބައެއްގެ އަތުން ހޯދައިފި ނަމަ،
އޭނާގެ ލަޝްކަރު އެއްހާސް ކުކުޅު އުނދުނުގެ މައްޗަށް ފިހަންލާނެއެވެ.
އަނިޔާވެރިއެއް ދުނިޔެއަކު ތާއަބަދަކަށް ނުހުރެވެއެވެ.
ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ބަދު ދުޢާ ތާއަބަދަށް ދެމިގެން ވެއެވެ.

ވާހަކަ 20

ތިރީގައި މިބުނާ ފަލްސަފާވެރިންގެ ހަރުބަހަށް ސަމާލުކަން ނުދެވި،  ރަސްގެފާނުންގެ ޚަޒާނާ މުއްސަނދިކުރުމަށް، އަނިޔާވެރިއެއް ސަހަރެއްގެ ބިސްތީ ހަލާކު ކޮށްލައިފިއެވެ. [ބިސްތީއަކީ ރަށެއްގެ މީހުން ވަޒަންވެރިވެގެން އުޅޭ ސަރަޙައްދެވެ]

ﷲ ހެއްދެވި އަޅެއްގެ ރުހުން ހޯދުމަށް ﷲ މަނާކުރެއްވި ފާފަ ކުރާމީހާ،
އެމީހާ މެދުވެރިކޮށް ފާފަވެރިޔާ ދުނިޔެމަތީގައި ނިކަމެތި ކުރައްވައެވެ.

ހިކިހޯލި ވަލެއްގައި ހިފާ އަލިފާނަށްވުރެ،
ހިތާމަ ލިބިފައިވާ ހިތްތަކުން ނުކުންނަ ދުން ބޯ ވާނެއެވެ.

ހުރިހާ ޖަނަވާރުތަކެއްގެ އަމީރަކީ ސިންގާއެވެ. އަދި އެންމެ ނިކަމެތި ޖަނަވާރަކީ ހިމާރެވެ.
ނަމަވެސް ބުއްދިވެރިން އެއްބަސްވަނީ، މުދާ އުފުލާދޭ ހިމާރެއް، އިންސާނުން މަރާ ސިންގާއަކަށް ވުރެ ރަނގަޅު ކަމަށެވެ.

ވިސްނުމެއް ލިބިފައިނުވާ ނިކަމެތި ހިމާރު، މުދާ އުފުލާދޭތީ އޭތި ޤަދަރުވެރި ވެއެވެ.
އިންސާނުންނަށް ދުއްތުރާދޭ މީހުންނަށް ވުރެ، މުދާއުފުލާ ނީލަގެރިއާއި ހިމާރު އިތުރެވެ.

މި މީހާގެ ނުލަފާ ޢަމަލުތަކުގެ ވާހަކަ ރަސްގެފާނަށް އެނގިވަޑައިގަތުމުން، ހަތަރެސް ފަޔަށް ދަމާ އައްސައި ކުދި އަނިޔާއިން އޭނާ މެރުމަށް އަންގަވައިފިއެވެ.

ރަސްކަލެއްގެ ރައްޔިތުންގެ ރުހުން ނުހޯދޭ މީހަކަށް
ރަސްކަލެއްގެ ރުހުމެއް ނުހޯދޭނެއެވެ.
ތިބާގެ ފާފަތައް ﷲ ޢަފޫކުރެއްވުމަށް އެދޭނަމަ،
އެކަލާނގެ ހެއްދެވި އަޅުތަކުންނަށް ހެޔޮވާށެވެ.

މިމީހާ ދަމާ އައްސާފައި އޮއްވައި އެތަނު ގާތުން ދިޔަ އަނިޔާ ލިބުނު މީހަކު ބުނެލިއެވެ.

”މަޤާމާއި މުލައްދަނޑީގެ ބާރު  ލިބިފައިވާ ކޮންމެ މީހެއް،
ސަލާމަތްވާނެ ކަމަށް ރައްޔިތުންގެ ކިބައިން ފޭރިގެން ނުވާނެއެވެ.
ކަށްޓެއް ކަރުގެ ތެރެއިން ދިރުވާލެވުނަސް،
ބަނޑުގައި ޖެހުމުން އެއިން އެތެރެހަށި ވީދޭނެއެވެ.“

DividerTransparent-1-

މި ސިލްސިލާގެ ފުރަތަމަ ބައި ނުކިޔުއްވާނަމަ، މިއޮތީ އެބައެވެ.

ދެވަނަ ބައި މިއޮތީއެވެ!