rosegarden2

ރަސްކަލުންނަށް ދެވޭ ނަޞޭހަތުގެ ބާބު

ފުރަތަމަ ބައި ކިޔުއްވަން އޮބާލައްވާ!

ވާހަކަ 6

ބުނެވެއެވެ. ފާރިސްކަރައިގެ ރަސްކަލެއް، އޭނާގެ އަނިޔާވެރިކަމުގެ މުލައްދަނޑިފުޅު ރައްޔިތުންގެ މުދަލާދިމާއަށް ދިއްކުރައްވަން ފައްޓަވައިފިއެވެ. މަކަރުން ރައްޔިތުންގެ މުދާ ފޭރެން ފެށުމުން، ރައްޔިތުން އެޤައުމުން އެކި ހިސާބުތަކަށް އަމިއްލައަށް ”އަރުވާލެވެން“ ފަށައިފިއެވެ. ރައްޔިތުން މަދުވުމުން، ޤައުމުގެ މުއްސަނދިކަން ދަށަން ގޮސް، ބައިތުލްމާލު ހުސްވެއްޖެއެވެ. އަދި އަދާވާތްތެރިން ވަށައިގެން ޙަމަލާދޭން ފަށައިފިއެވެ.

މުސީބާތުގެ ވަގުތުގައި އެހީއަށް ދަހިވެތިވާ މީހާ އަށް ބުނާށެވެ.
”ތަނަވަސްކަމުގެ ވަގުތުގައި ދީލަތިވާށެވެ.“
ކަންފަތުގައި ބޮޅުއެޅި އަޅުވެސް، އަޅާނުލާނަމަ އޭނާ ތިބާއާ ވަކިވާނެއެވެ.
އޯގާތެރިވާށެވެ. އޭރުން ނުދަންނަ މީހާވެސް ތިބާގެ އަޅަކަށް ވެދާނެއެވެ.

އެއްދުވަހަކު ޝާހްނާމާ ދަރުބާރުގައި އިއްވައިފިއެވެ. [ޝާހްނާމާ ކިޔަނީ މީގެ 1000 އަހަރު ކުރިން ލިއެފައިވާ ވާހަކައަކަށެވެ. ފިރުދައުސްގެ މިވާހަކަ އަކީ ދުނިޔޭގެ ފެންވަރުގެ އަދަބީ އުފެއްދުމެކެވެ. ވާހަކައިގައި ހިމެނެނީ އީރާނުގެ ރަސްރަސްކަލުންގެ ވާހަކައެވެ. އެއީ ރާއްޖޭގެ ރާދަވަޅި ފަދަ ލިޔުމެކެވެ.] ވާހަކައިގެ މައުޟޫޢުއަކީ، ޒޮހަކުގެ ވެރިކަން ބަރުބާދުވެގެން ދިއުމާއި  ފަރީދޫންގެ ރަސްކަމެވެ. ވަޒީރު ރަސްގެފާނަށް ސުވާލު ދަންނަވައިފިއެވެ. ”ހަޒާނާއެއް، ބިމެއް، ޚައްދާމުންނެއް ނެތް ފަރީދޫން އަށް ރަސްކަމުގެ ޢިއްޒަތްލިބިވަޑައިގަތީ ކިހިނަކުން ތޯއެވެ؟“
ރަސްގެފާނު ޖަވާބު ދެއްވިއެވެ. ”ތިބާއަށް އަޑު އިވިވަޑައިގެންފައި އޮންނާނޭ ފަދައިން، ޤައުމުގެ މީހުން އޭނާ ވަށައިގެން ފޯރިއާއެކު އެއްވެ އެހީތެރިވުމުން އޭނާއަށް ރަސްކަން ލިބިވަޑައިގަތީއެވެ.“
ވަޒީރު ވިދާޅުވިއެވެ. ”މީހެއްގެ ވަށައިގެން ހަވަރު އެއްވުމަކީ ރަސްކަން ލިބުމުގެ ސަބަބުކަމުގައިވާ ނަމަ، ތިބާ ރައްޔިތުންނަށް ނުރުއްސަވަނީ ކީއްވެތޯއެވެ؟ ރަސްކަމުގެ ޢިއްޒަތް ތިބާ ބޭނުންފުޅު ނުވަނީ ތޯއެވެ؟“

ތިބާގެ ފުރާނަ ފަދައިން ސިފައިންނާ އަޅާލާށެވެ.
އެއީ ސުލްޠާންއެއް ވެރިކަން ކުރަނީ އޭނާގެ ސިފައިން މެދުވެރިކޮށެވެ.

ރަސްގެފާނު އިތުރަށް ސުވާލު ކުރެއްވިއެވެ. ”ސިފައިންނާއި ރައްޔިތުން މީހެއްގެ ވަށައިގެން އެއްވެ ތާއީދު ކުރުމުގެ ސަބަބަކީ ކޮބައިތޯއެވެ؟

ވަޒީރު ޖަވާބު ދެއްވިއެވެ. ”މީހުން އެމީހަކު ވަށައިގެން އެއްވުމަށް ޓަކައި ޕާދުޝާހެއް [ޕާދުޝާހް ކިޔަނީ ފާރިސްކަރައިގެ މަޝްހޫރު ރަސްރަސްކަލުންނަށެވެ] އަދުލުވެރިވާން ވާނެއެވެ. އަދި އޭނާގެ ސަރުކާރުގެ ހިޔަލުގައި ރައްކާތެރިކަމާއެކު އުޅުމަށްޓަކައި އޯގާވެރިވާން ވާނެއެވެ. އެކަމަކު ތިބާގެ ކިބައިގައި މިދެސިފައިން އެއް ސިފަ ވެސް ނެތެވެ“

”އަނިޔާވެރިއަކަށް ސުލްޠާނަކަށް ނުވެވޭނެއެވެ.
ޒިއުބަކަށް[ވުލްފު ކިޔާ މިނިކާވަގު އާއިލާގެ ޖަނަވާރެއް] ބަކަރި ގޮއްވަކަށް ނުވެވޭނެއެވެ.
އަނިޔާވެރިކަން ޤާއިމްކުރާ ޕާދްޝާހެއް އެ ތަޅާލަނީ
އޭނާގެ ރަސްކަމުގެ ފާރުގެ  ބިންގަލެވެ.“

ކުށްދައްކާ މި ވަޒީރުގެ ވާހަކަފުޅާ ރަސްގެފާނު ހިތްޕުޅާ ނުކުރައްވާ، އޭނާ ހުރަގެއަށް ލައްވައިފިއެވެ. ދުވަސްކޮޅެއްގެ ފަހުން، ރަސްގެފާނުންގެ ބޮޑުބޭބޭފުޅުގެ ބޭފުޅުން، އެބޭފުޅުންގެ ބައްޕާގެ ރަސްކަން އަނބުރާގެންނަވަން ހިތްޕުޅުލައްވައި ބަޣާވަތެއްގައި ތެދުވެ ވަޑައިގެންފިއެވެ. މިހާރު ވިއްސިވިހާލިވެފައިވާ އާބާދީގެ ތެރެއިން ރަށުގައި ތިބިބަޔަކު މިބައިމީހުންނާ އެކުވެ، ސަރުކާރު، އެމީހުންގެ މައްޗަށް ފިރާލައިފިއެވެ [އަނބުރާލައިފިއެވެ].

ރައްޔިތުންނަށް އަނިޔާވެރިވުމަށް ތަންދޭ ޕާދްޝާހެއް
އޭނާގެ މުޞީބާތުގެ ވަގުތުގައި
ރައްޔިތުންވާނީ އޭނާއަށް ޖައްބާރު އަދާވާތްތެރިންނަށެވެ.
ރައްޔިތުންނާ ސުލްހަ ވާށެވެ. އަދި އަދާވާތްތެރިންގެ ދެކޮޅުވެރިކަމުން ދުރުގައި އިންނަވާށެވެ.
އެހެނީ، އަދުލުވެރި ރަސްކަލެއްގެ ލަޝްކަރަކީ އޭނާގެ ރައްޔިތުންނެވެ.

ވާހަކަ 7

ފާރިސްކަރައިގެ އަޅަކާއެކު، ޕާދުޝާހެއް ދޯންޏަކަށް އަރައިފިއެވެ. އަޅުމީހާ ދުވަހަކުވެސް ދޯންޏަކަށް ނާރާތީ އޭނާއަށް އުޅަނދެއްގެ ދަތިތަކެއް އިޙްސާސް ކުރެވިފައެއް ނުވެއެވެ. ދޯނި ދުއްވާލިތަނާ އޭނާ ބިރުން ރޯން ފަށައިފިއެވެ. ފަޅުވެރިންނާއި ދަތުރުވެރިންނަށް އޭނާ މަސަލަސްކޮށް ރުއްސޭގޮތެއް ނުވިއެވެ. އެންމެ ފަހުން ރަސްގެފާނު މިކަމާ ހިތްހަމަޖެހި ވަޑައި ނުގެން ފިއެވެ. ދޯނީގައި ފަލްސަފާ ވެރިއެއް އިނެވެ. އޭނާ ދެންނެވިއެވެ. ”މަނިކުފާނު އިޒުނަ ދެއްވައިފިނަމަ، އަޅުގަނޑު އޭނާގެ ރުއިން ހުއްޓުވަފާނަމެވެ.“ އެވާނީ ކޮށްދެވޭ ވަރަށް ބޮޑު ކަމެއްކަމަށް ރަސްގެފާނު ޖަވާބު ދެއްވުމުން، އޭނާ ކަނޑަށް އެއްލާލުމަށް ފަޅުވެރިންނަށް އަންގައިފިއެވެ. ކޮންމެވެސް ވަރަކަށް ލޮނު ބޮވުމުން އިސްތަށިގަނޑުގައި ހިފާ އޭނާ ދޯނީގެ ވަތުމައްޗަށް ނަގައިފިއެވެ. ދެން މަޑުމަޑުން އިންތަނުގައި އޭނާ އިނދެއްޖެއެވެ. މިވީ ގޮތް ރަސްގެފާނަށް އެނގިވަޑައިނުގެން މިކަމުގެ ޙިކްމަތް އޮޅުން ފިލުއްވާ ދެއްވުމަށް ރަސްގެފާނު އެދިވަޑައިގެންފިއެވެ. ފަލްސަފާވެރިޔާ ވިދާޅުވިއެވެ.
”ގެނބުމުގެ މުޞީބާތުގެ ރަހަ ނުދަންނަ މީހަކަށް، ދޯންޏެއްގެ ސަލާމަތްތެރިކަމެއް ނުވިސްނޭނެއެވެ. މުޞީބާތަކުން ސަލާމަތްވެ ހުރުމުގެ އަގެއް، އެ މުޞީބާތެއް ކުރިމަތިވަންދެން އިޙްޞާސެއް ނުކުރެވޭނެއެވެ.“

އޭ ފުރިހަމަ މީހާއެވެ. ބާރުލީ ފުށުން ފިހާ ރޮށްޓެއް ތިބާއަށް ކަމަކު ނުދެއެވެ.
ތިބާއަށް ހުތުރު މީހެއްގެ ގޮތުގައި އެ ފެންނަނީ އަހުރެންގެ ލޯބިވެރިޔާ އެވެ.
ސުވަރުގޭގެ ހޫރުންނަށް ވަގުތީ އަޒާބެއްލިބޭތަނެއް ވާނީ ނަރަކަ އަށެވެ.
ނަރަކައިގެ އަހުލުވެރިންނަށް ވަގުތީ އަޒާބެއްގެ މާހައުލުވާނީ ސުވަރުގެ އަށެވެ.

ރަޙުމަތްތެރިޔާގެ އަތް ނޑިމަތީގައި ވާ މީހާއާއި، އުއްމީދުގެ ލޯ، ދޮރާއި ދިމާއަށް ދިއްކޮށްފައިވާ މީހާ އާ ދެމެދު ފަރަގެއް ވެއެވެ.

ވާހަކަ 8

އޭނާގެ ބައްޕާގެ ވަޒީރުން ޤައިދު ކުރެއްވީ ކީއްވެގެންތޯ ސުވާލުކުރެއްވުމުން، ރަސްގެފާނު ހޮރުމޫޒު ވިދާޅުވިއެވެ. ”އެމީހުންގެ ކުށެއް އަހުރެން ނުދެކެމެވެ. ނަމަވެސް، އަހުރެންގެ ހައްދެންނެތް ބާރުވެރިކަން، އެމީހުންގެ ހިތުގައި ބިރުވެރިކަމުގެ މޫތައްލައްވައިފިއެވެ. އަހުރެންގެ ވަޢުދުތަކަށް އެމީހުންގެ ފުރިހަމަ އިތުބާރު ނެތިއްޖެއެވެ. އެހެންވެ، އެމީހުންގެ މައްޗަށް ނިކަމެތިކަމެއް އަތުވެދާނެކަމަށް ބިރުން، އަހުރެން މަރާލާފާނެތީ ހަރުބަހުގައި ބުނާފަދައިން ކަން ކުރީއެވެ.“

”އޭ ހިކުމަތްތެރިޔާއެވެ. ތިބާދެކެ ބިރު ގަންނަ މީހުންދެކެ ބިރުވެތިވާށެވެ.
އެފަދަ ސަތޭކަ މީހުންނާ ކުރިމަތިލުމުގެ ޤާބިލްކަން ތިބާގެ ކިބައިގައި ހުއްޓަސް،
ބުޅަލަށް ހަނދާނެ ގޮތް ހުސްވުމުން،
މިނިކާވަގުގެ ލޯ އޭތީގެ ވަކިތަކުން އުފުރާލާތަން ތިބާ ނުދެކެން ހެއްޔެވެ؟
ކަންބަޅިގޮވީގެ ފަޔަށް ހަރުފަ ވިހަލައެވެ.
އޭތީގެ ބޮލުގައި ގަލަކުން ޖަހާފާނެ ކަމަށް ބިރަށެވެ.“

ވާހަކަ 9

ޢަރަބި ރަސްކަލެއް، މުސްކުޅިބަލީގައި ޖެހި، ދިރިހުރެވޭނޭ ކަމުގެ ހުރިހާ އުއްމީދުތައް ގެއްލިއްޖެއެވެ. މިފަދަ ވަގުތެއްގައި ލަސްކަރުގެ މީހަކު އައިސް، ރަސްގެފާނުގެ ހެޔޮ ނަޞީބުން، ކޯއްޓޭއެއް ފަޠަޙަކޮށްފި ވާހަކައާއި، އަދާވާތްތެރިން ޤައިދުކުރެވުނު ވާހަކައާއި ހިސާބުގަނޑުގެ އެންމެން ބަލިވެ ރަސްގެފާނަށް ބައެއަތު ހިފި ވާހަކަ ދަންނަވައިފިއެވެ. މާނޭވާއަކަށް ފަހު ރަސްގެފާނު ވިދާޅުވިއެވެ. ”ތި ޚަބަރު ދޭންވީ އަހަރެންނަކަށް ނޫނެވެ. އަހުރެންގެ އަދާވާތްތެރިންނަށެވެ. މި ރަސްކަމުގެ ވާރިސުންނަށެވެ.“

”އާހް . . . އެވެ. އަހުރެންގެ އަގުހުރި ޙަޔާތް ހޭދަކުރީ އުއްމީދާއެކުއެވެ.
އަހަރެންގެ ހިތުގެ ކޮންމެ އެދުމެއް ފުދޭނޭ ކަމަށެވެ.
އަހަރެންގެ އެދުންތައް ޙާޞިލް ކުރެވުނެވެ. ނަމަވެސް ކޮން ނަތީޖާއަކަށް ހެއްޔެވެ؟
އެއީ އަހަރެންގެ ފާއިތުވީ ހަޔާތް އިއާދަވާނޭކަމުގެ އުއްމީދެއް ނެތީމައެވެ.
ފުރަންވީކަމުގެ ބެރު، ތަޤްދީރުގެ އަތުން ޖަހައިފިއެވެ.
އޭ އަހަރެންގެ ދެލޮލެވެ. ބޮލަށް އަލްވަދާޢު ކިޔާށެވެ.
އޭ އަތްތިލައާއި އަތާއި މުލައްދަޑިއެވެ.
އެކަކު އަނެކަކާ ވަކިވުމުގެ ސަލާމް ކުރާށެވެ.
އަހަރެންގެ އެދުންތަކުގެ އަދާވާތްތެރިޔާ – މަރު – އަހަރެންނާ ކުރިމަތިލައިފިއެވެ.
ރައްޓެހިންނޭވެ! އެންމެ ފަހު ފަހަރަށް އަހަރެންނާ ގާތުން ދާށެވެ.
ނޭނގުމުގެ ތެރޭގައި އަހުރެންގެ ޙަޔާތް ހުސްވެއްޖެއެވެ.
އަހަރެންނަށް ކުރެވުނު [ހެޔޮ] ކަމެއް ނެތެވެ.
ތިބާ ވާ ހުޝިޔާރުވެ އުޅޭށެވެ.“

ވާހަކަ 10

ދިމިޝްޤްގެ ބޮޑުމިސްކިތުގައި ހުންނަ ޔަހްޔާގެފާނުންގެ ޒިޔާރަތް ދޮށުގައި އަހުރެން އަޅުކަމާއިގެން ޤާއިމްވެ އިންދާ އަނިޔާވެރިކަމަށް ނަން އުފުލިފައިވާ ޢަރަބީންގެ ރަސްކަލެއް އެތަނަށް ޒިޔާރަތް ކުރައްވައިފިއެވެ. އޭނާ ޞަލަވާތް ކިޔަވައި ދުޢާކުރައްވައި އޭނާގެ މުހުތާދުތައް ފަހިކޮށްދެއްވުމަށް ދަންނަވައިފިއެވެ.

މަހުޖަނުންނާއި ދަރުވޭސީން މި އޮޅިގަނޑުގައި އެއްވަރުވެ އަޅުންނަށް ވެއެވެ.
ކަންތައްތަކަށް އެންމެބޮޑަށް ބޭނުންވެފައިވަނީ އެންމެ މުއްސަނދީންނެވެ.

ދެން ރަސްގެފާނު އަހުރެންނާ ދިމާލަށް ވިދާޅުވިއެވެ. ”ދަރުވޭސީންނަކީ އެމީހުންގެ މުޢާމަލާތްތަކުގައި ތެދުވެރި އިޚްލާޞްތެރި ބައެކެވެ. ތިބާގެ ދުޢާތައް އަހުރެންގެ ދުޢާތަކާ ގުޅާލަ ދޭށެވެ. އެއީ ބާރުގަދަ ޢަދާވާތްތެރިއެއްގެ އުނދަގުލަށް އަހުރެން ބިރުގަނެފިއެވެ.“

އަހުރެން ޖަވާބުގައި ދެންނެވީމެވެ. ”ވަރުގަދަ ޢަދާވާތްތެރިއެއްގެ ސަބަބުން އަނިޔާ ނުލިބުމަށްޓަކައި، ތިބާގެ ބަލިކަށި ރައްޔިތުންނަށް ރަޙުމް ބަހައްޓާށެވެ.“

ވަރުގަދަ މުލައްދަނޑިއަކާއި ބާރުގެ ބޭނުންކޮށްގެން
ފަޤީރެއްގެ ފަސް އިނގިލި މުގުރާލުމަކީ ފާފައެކެވެ.
ވެއްޓިފައިވާ މީހުން ދޫނުކޮށްލާ މީހާ ބިރުވެތިވާށެވެ.
އޭނާ ވެއްޓިއްޖެނަމަ އެއްވެސްމީހަކު އޭނާގެ އަތަކު ނުހިފާނެއެވެ.
ނުބައި އޮށްތަކެއް އިންދައިގެން ރަނގަޅު މޭވާ އަށް އެދޭމީހާ
ބުއްދިއަށް ފޭރާ ހަރައި މޮޔަ ޚިޔާލުތަކެއް ފިކުރަށް ގެނެސްފިއެވެ.
ކަންފަތުން ކަފަ ނަގާފައި ރައްޔިތުންނަށް ޢަދާލަތު ދޭށެވެ.
މިކަން ނުކުރެވިއްޖެ ނަމަ، ޤިޔާމަތް ދުވަސް އެބައޮތްކަން ހަނދާންކުރާށެވެ.

އާދަމުގެ ދަރިންގެ އެކަކީ އަނެކަކުގެ އަތްފައެވެ.
އެމީހުންގެ އަޞްލަކީ އެއް އަރަގެކެވެ.
ވަގުތުގެ މުޞީބާތެއް އެއް ގުނަވަނަށް ޖެހިއްޖެނަމަ،
އަނެއް ގުނަވަނަށް އަރާމަކު ނޯވެވޭނެ އެވެ.
އެހެން މީހުންގެ ހިތާމަތަކަށް ތިބާގެ ކިބައިގައި ރަޙްމެއް ނެތްނަމަ
އިންސާނެކޭ ބުނާ ވަޒަނަށް ތިބާގެ އަގެއް ނާރައެވެ.

ވާހަކަ 11

ދުޢާތައް ތެދު ވާ ދަރުވޭސީއަކު ހާޒިރުވުމުން ޙައްޖާޖު ޔޫސުފު އޭނާއަށް ގޮވާލައްވައި ވިދާޅުވިއެވެ. ”އަހުރެންނަށް ހެޔޮ ދުޢާއެއް ކޮށްދޭށެވެ.“  ދަރުވޭސީ ބުންޏެވެ. ”ޔާ ﷲ އެވެ. އޭނާގެ ފުރާނަ ހިތްޕަވާދޭނވެ!“ ވިދާޅުވިއެވެ. ”ތިއީ ކޮންފަދަ ދުޢާއެއް ހެއްޔެވެ؟“ ދަރުވޭސީ ދެންނެވިއެވެ. ”އެއީ ތިބާއަށާއި ހުރިހާ މުސްލިމުންނަށް ހެޔޮ ދުޢާއެކެވެ.“

އޭ ރައްޔިތުންނަށް އަނިޔާވެރިވާ ޖައްބާރެވެ.
މިކަމުގައި ތިބާ ދެމިހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ބާރަކީ ތިބާއަށް ކޮންފައިދާއެއް ކުރާ އެއްޗެއް ހެއްޔެވެ؟
މީހުންނަށް އަނިޔާވެރިވުމަށް ވުރެ ތިބާ މަރުވުން ފައިދާ ބޮޑެވެ.

ވާހަކަ 12

އިންސާފުވެރިކަން ނެތް ރަސްކަލެއް އަޅުވެރިއަކަށް ދެންނެވިއެވެ. ”އެންމެ ރަނގަޅީ ކޮންފަދަ އަޅުކަމެއް ހެއްޔެވެ؟“ އޭނާ ޖަވާބުގައި ދެންނެވިއެވެ. ”ތިބާއަށް އެންމެ ރަނގަޅު އަޅުކަމަކީ ދުވާލުގެ ދެބައިކުޅަ އެއްބައިގައި ނިދުމެވެ. އޭރުން ރައްޔިތުންނަށް ލިބޭ އަނިޔާ ކުޑަ އިރުކޮޅަކަށް މަދުވާނެއެވެ.“

އަނިޔާވެރިޔަކު މެންދުރު ވަންދެން ނިދަނިކޮށް އަހުރެން ދުށީމެވެ.
އަހުރެން ބުނީމެވެ. ”ތި އަނިޔާވެރިކަން، ނިދިން އެކަން އެކަހެރިކުރާނަމަ، ނިދުން މާ ރަނގަޅެވެ.
އެކަމަކު، ހޭލާ ހުރުމަށްވުރެ ނިދީގައިވުން ރަނގަޅުވާ މީހާ،
ދިރިހުރުމަށް ވުރެ މަރުވުން މާ ރަނގަޅެވެ.“