މާލޭގެ ޕާކިން މައްސަލައިގެ ޙައްލަކީ ކޮބައިތޯއެވެ؟

މާލޭގެ މަގުމައްޗަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށް ފެންނާނީ މަގުމަތީގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބާއްވާނެ ނުވަތަ ބަހައްޓާނެ ޖާގަ ނެތިގެން، މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް މަގުމަތިކުރެވިފައިވާ ތަނެވެ. ވޭތިވެދިޔަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އުޅަނދުތައް ބާއްވާނެ ތަނެއްގެ މައްސަލަ ނުވަތަ ޕާކިން މައްސަލަވަނީ ޚުޠޫރަތްތެރި ބޮޑު މައްސަލައަކަށް ވެފައެވެ. ޕާކިން މައްސަލައިގެ ސަބަބުން، މަގު ބޭނުންކުރާ އެންމެންނަށް، ހިނގާ މީހުންނަށާއި ދުއްވާމީހުންނަށް ވަނީ ނުތަނަވަސް ކަމާއި ހާސްކަން މެދުވެރިވެފައެވެ. މަގުމައްޗަށް ނުކުތުން ވަނީ ސްޓްރެސް އުފެދޭ ޖެހިލުންވާންޖެހޭ ކަމަކަށް ވެފައެވެ. ބައެއް ވަގުތުތަކުގައި، ފަސް މިނެއްޓުން ދެވޭ ތަންތަނަށް، ކާރެއްގައި ދިއުމަށް  ފަސްގުނަ އިތުރު ވަގުތު ހޭދަކުރަން ޖެހެއެވެ. އުޅަނދުތައް ގިނަ ކަމުން ބައެއް ވަގުތުތަކުގައި މަގުތައް ”ޖޭމް“ ވެއެވެ.  ކުރިއަށް ނުދުއްވިގެން އުޅަނދުތައް ހުއްޓައިގެން އޮންނަންޖެހެއެވެ.

20161031_121928ދުއްވާ އެއްޗެތި ގިނަކަމުން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ގެއްލުން ލިބެނީ މަދެއްކޮށްނޫނެވެ. އަދި ދުއްވާތަކެތި އަޑުފައްގަނޑުން ބަސްތީގެ ހަމަހިމޭންކަން ގެއްލި، ސްޓްރެސް މަތިވެއެވެ. އުޅަނދުތަކުގެ ދުމުން ޞިއްޙަތަށް ކުރާ އަސަރުތަކަކީ އަވަހަށް ކުރާ އަސަރުތަކެއް ނޫނެވެ. ނަތީޖާ ފެންނާނީ، ކެންސަރު ގިނަވުމުންނާއި، ނޭފަތުން ފެންފޭބުން ގިނަވުމުންނާއި ކުޑަކުދިން ތަފާތު ތަކެއްޗަށް އެލާރޖިކް ވުމުންނެވެ. މިއާއެކު، ދުއްވާތަކެތި ޕާކުކޮށްފައި ހުންނަގޮތުން މަގުތައް ގޮނޑުވެއެވެ. މައުމޫން ދައުރުގައި، މާލޭގެ ގިނަ މަގުތައް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުމުން ބައެއް ތަންތަނަށް ދެވެނީ ކުރިއަށްވުރެ ދެގުނަ ތެޔޮ އަންދައި، ދެގުނަ ދުން އުފައްދައިގެންނެވެ. އާދެ! ރާސްތާ ދިގުކަމުންނެވެ. އެއްކޮޅަށް ދުއްވާގޮތަށް ބައެއް މަގުތައް ބަދަލުކުރިއިރު، ތަޙުލީލުތަކެއްކޮށްފައި ނުވާތީ، ބައެއް ހިސާބުގަނޑަށް ވަދެވެނީ ވަރަށް ދުރުންނެވެ. މިކަމުގެ ސަބަބުން ވެސް ދުއްވާތަކެތި ފުނިޖެހި ތޮއްޖެހިފައި ހުރެއެވެ. މީގެ އިތުރުން، އެއްކޮޅަށް ދުއްވާގޮތަށް މަގު ހެދުމުން، ހަތަރުފުރޮޅުލީ އެއްޗަކަށް ދެވޭހާ ޖާގަ ބާއްވައި ދެން އޮތްބައި އެކި އެޗިހި ޕާކުކޮށް ފުރާލައެވެ. ތަންކޮޅެއް މަގު  ހަނިނަމަ، ސައިކަލަކަކަށް އެކަނި ދެވޭހާ ޖާގަ ބާއްވާ މަގު ފުރާލައެވެ.

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މާލޭގެ ޕާކިން މައްސަލަ ޙައްލުކުރެވިދާނެ ގޮތްތަކެވެ.

މާލޭގައި ގެންގުޅޭ ދުއްވާތަކެތީގެ ޢަދަދު

ޕާކިން މައްސަލަތަކުގެ ޙައްލަށް ވިސްނަން އެންމެ މުހިއްމުކަމަކަށްވާނީ ދުއްވާތަކެތީގެ ޢަދަދުތަކަށް ނަޒަރު ހިންގާލުމެވެ. ތިރީގައިވާ ތާވަލުން ދައްކާދެނީ، އެއްގަމުގައި ދުއްވާ ތަކެތީގެ  ޢަދަދެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، މާލޭގައި 43000 މޮޓޯ ސައިކަލް ރަޖިސްޓަރީ ކޮށްފައި ވެއެވެ. އަދި ހަތަރު ފުރޮޅުލީ 5690 ކާރާއި ލޮރީ އާއި ޕިކަޕް ފަދަ ތަކެތި ގެންގުޅެއެވެ.

vehicledata20142014 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން، މާލޭގައި، 129381 ދިވެހީން އުޅެއެވެ. އެހެންކަމުން، މާލޭގައި ދިރިއުޅޭ ނުހިނގޭވަރު ކުދިންނާއި މުސްކުޅީން ހިމަނައިގެން ކޮންމެ 2.5 މީހަކަށް އިންޖީނުލީ ދުއްވާ އެއްޗެއް ވެއެވެ. މިކަމުން ދޭހަވަނީ، މާލެއަށް ނުކަތާވަރަށް ދުއްވާ އެއްޗެތި ރަޖިސްޓަރީ ކޮށްފައިވާ ކަމެވެ. އިންޖީނުލީ އެއްޗެތީގެ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމަކުން އެއްވެސް ނަތީޖާއެއް ނުކުމެފައި ނުވާ ކަމެވެ.

މަތީގައި ދެންނެވުނު އުޅަނދުގެ ޢަދަދުތަކުން ތިބާ ހައިރާންވާ ނަމަ، އެ ހައިރާންކަން، އަންތަރީހަށް ބަދަލުވާނީ، އެއް އަހަރުން އަނެއް އަހަރަށް އިންޖީނުލީ ތަކެތި އަލަށް ރަޖިސްޓަރީވާ ޢަދަދަށް ނަޒަރު ހިންގާލުމުންނެވެ. އާދެ! ތިރީގައިވާ ޗާޓުން ފެންނަ ފަދައިން، 2013 ވަނަ އަހަރަށް ވުރެ 2014 ވަނަ އަހަރު 10000 އަށް ވުރެ ގިނަ މޮޓޯސައިކަލް ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައި ވެއެވެ. މިކަމުން ވެސް ދޭހަވަނީ އިމްޕޯޓް ޑިއުޓީގެ ސަބަބުން އެތެރެކުރާ މިންވަރު ކޮންޓްރޯލް ނުކުރެވޭ ކަމެވެ. މިރޭޓްގައި ސައިކަލް އެތެރެކުރާވަރު އިތުރުވަމުންދާ ނަމަ، ކޮންމެ ހަ އަހަރަކުން މިހާރު ހުރި ހުރިހާ ސައިކަލެއް ”އައު“ ވާނެއެވެ. ނުވަތަ ސައިކަލްތައް އިތުރުވަމުންދާނީ ވަރަށް މަތީ ރޭޓެއްގައެވެ.

increase

ޕާކިން މައްސަލައިގެ ޙައްލު

ޕާކު ކުރާ ޖާގައިގެ މައްސަލައަކީ މާލެއަށް ނާދިރު މައްސަލައެއް ނޫނެވެ. އާބާދީ ބޮޑުވަމުންދާ ހުރިހާ ސިޓީތަކަށް މިމައްސަލަ ޢާއްމުވެގެން ވެއެވެ. ހުރިހާ ތަނަކުންވެސް މައްސަލަ ހައްލުކުރަނީ އެއް ކަހަލަ ގޮތްތަކަކުންނެވެ. ޕާކިން މައްސަލައާ މެދު ކުޑަކޮށް ފިކުރު ހިންގާލި ފަރާތަކަށް ވެސް، ވަރަށް ފަސޭހައިން ވިސްނޭނީ، މި މައްސަލަ ޙައްލުކުރަން ވަނީ ދެގޮތެއް ކަމެވެ. އެއްގޮތަކީ ޕާކުކުރެވޭ ޖާގަތައް އިތުރުކުރުމެވެ. ދެވަނަ ގޮތަކީ އުޅަނދުތައް މަދުކުރުމެވެ. މި ދެގޮތް ނޫން އިތުރު އެހެން ގޮތެއް ނޯންނާނެއެވެ.

optionsforsolvingparkingissuesއަޅުގަނޑު ދެން ތަފްޞީލުކޮށްލާނީ މި ދެގޮތް ޙާޞިލްކުރެވޭނޭ ގޮތްތަކާއި މިކަމުގައި ހުރި މައްސަލަތަކެވެ.

ޕާކުކުރާ ޖާގަ އިތުރުކުރުން

ވަކިތަނެއްގައި ޕާކް ކުރުމުގެ މައްސަލަ އުޅޭ ނަމަ، އެތަނެއްގައި ޕާކުކުރާ ޖާގައިތުރު ކުރެވޭ ގޮތްގޮތް ހުރެއެވެ. ނަމަވެސް، މައްސަލައަކީ މުޅި މާލެއަށް ޢާއްމު ކަމެއް ނަމަ، ޕާކިން މައްސަލަ ޙައްލުކުރަން ބޭނުންވާނީ ތަފާތު ވިސްނުމެކެވެ.

ވަކި ސަރަހައްދެން ތޮއްޖެހުން

ވަކި ހިސާބެއްގައި، ހޮސްޕިޓަލް ނުވަތަ ފިހާރަތައް ގިނަ ހިސާބެއްގައި، ޕާކުކުރާ ޖާގަ އިތުރުކުރަން ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ޖާގަ ކުރިއަށް ވުރެ އިތުރުކުރުމެވެ. އަނެއްގޮތަކީ ކުރާ ކަންތައްތަކެއްގެ ސަބަބުން ޕާކުރުކުރުން މަދުކުރުމެވެ. އެންމެ ފުރަތަމަ ޖާގަ ކުރިއަށް ވުރެ އިތުރު ކުރުމާ މެދު ވިސްނަމާތޯއެވެ؟

ޕާކުކުރާ ޖާގައިތުރުކުރަން ހަތަރު ކަމެއް ކުރެވިދާނެއެވެ. މި ހަތަރުގޮތް ޚުލާޞާކޮށްލަނިކޮށް ތިބާއަށް މާލެއަށް އެންމެ ރަނގަޅީ ކޮންގޮތެއްކަން ޚިޔާރު ކުރަން ވަރަށް ފަސޭހަވާނެއެވެ. ތިރީގައިވާ ހަތަރު ފޮޓޯގައި އެވަނީ މިގޮތްތައް ޚުލާޞާ ކޮށްލާފައެވެ.

carparktype1

automaticparking2

carparktype3

carpark4މަތީގައިވާ ހަތަރު ގޮތަށް ނަޒަރު ހިންގާލުމުން، ތިބާއަށާއި އަޅުގަނޑަށް އާދެވޭނީ އެންމެ ނިންމުމަކަށެވެ. މާލޭގައި ހުސްތަން ނެތުމާއެކު ޕާކުކުރަން މާބޮޑު ޢިމާރާތެއް ހަދާނޭ ޖާގައެއް ނެތެވެ. އެހެން ނޫނަސް ޕާކު ކުރާ މިފަދަތަންތަން ހަދަނީ އެތައްބަޔަކު އެއްވާ ހިސާބެއްގައި ޕާކުކުރުމަށެވެ. މިސާލެއްގެ ގޮތުން ވިޔަފާރިކުރާ މަންޒިލެއް ނުވަތަ އޮފީސްތަކެއް ހުންނަ ތަނެއްގައެވެ. މިގޮތްގޮތަށް ވިސްނާއިރު މާލެއާ އެންމެ އެކަށީގެންވަނީ ހަތަރުވަނައަށް ފާހަގަކޮށްފައިވާ ”ސްމާޓް ޕާކިން“ ގެ ބާވަތެވެ. އެނބުރޭ ދެ ބެލްޓުގައި ހަރުކޮށްފައި ހުންނަ އުނދޯލިތަކެއްގައި ކާރު ޕާކުކުރާ ބާވަތެވެ. މިފަދަ ސިސްޓަމެއް ބެހެއްޓޭނެ، މީހުން ގިނައިން އެއްވާ ހުސްތަންތަން ހުރި ހިސާބުތަކަކީ ވިލިގިލީ ފެރީ ކައިރި އާއި، ވެލާނާ ބިލްޑިންގެ ދެކުނު ފަރާތާއި، ހުޅުމާލޭ ފެރީ ސަރަޙައްދު ކައިރިއާއި، އެމްއެމްއޭ އުތުރުފަރާތާއި މިފަދަ މަދު ތަންތަނެވެ.

covered_smart_parkingސްމާޓް ޕާކިންގެ ސައިކަލް ޕާކުރާ ނިޒާމުވެސް ހުރެއެވެ. ތިރީގައި އެވަނީ އެފަދަ ނިޒާމެއްގެ ވީޑިއޯއެކެވެ. މާލޭގައި ކޮންމެ ހަތަރުފުރޮޅުލީ އުދަނދަކަށް 6 ސައިކަލު ހުރެއެވެ. ހަމަމިއާއެކު ދަންނަވަން ޖެހެނީ ކާރެއް ޕާކުކުރާ ޖާގައިގައި 6 ސައިކަލް ޕާކުކުރެވޭނޭ ވާހަކައެވެ.

meteredparkingއަޅުގަނޑަށް ވިސްނޭގޮތުގައި، ޕާކުކުރާ ހަރުތަކާއި ޕާކިން މީޓަރު ހަރުކޮށްގެން، މާލޭގައި ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލައަށް ފާހަގަވާ ފަދަ އެއްވެސް ލުޔެއް ނުލިބޭނެއެވެ. އެއީ، ޕާކިން ގެ މައްސަލަ އުޅެނީ ވަކި ސަރަޙައްދެއްގައި ކަމަށް ނުވާތީއެވެ.  މުޅި މާލެއަށް މި މައްސަލަ ޢާއްމު ވެފައި ވާތީއެވެ.

ހުރިހާ ސަރަޙައްދެއްގައި ޕާކުރަން ދަތިވާ މައްސަލަ

ވަކި ސަރަޙައްދެއް އުޅަނދުން ތޮއްޖެހޭނަމަ، އެކަން ބޭރު ޤައުމުތަކުގައި ޙައްލުކުރާ އެއްގޮތަކީ، ޕާކިން އަށް ފީއެއް ނެގުމެވެ. މި ކަން ކުރަނީ ޕާކީން މީޓަރު އެ ސަރަހައްދެއްގައި ހަރުކޮށް، ޕާކިން އަށް ފީނަގައިގެންނެވެ. ޕާކުކުރުމަށް މިގޮތުން ނަގާ ފައިސާއިން ބައެއް ޤައުމުތަކުގައި ވަރަށް ބޮޑު އާމްދަނީ އެއްވެސް ލިބެއެވެ. އެއީ މީޓަރުތައް ގަތުމަށާއި މުވައްޒަފުންގެ މުސާރަ ކެނޑުމަށްފަހު އެވެ. މިޒަމާނުގައި ހުންނަ ޕާކިން މީޓަރުތަކުގައި ބޭންކު ކާޑުވެސް ބޭނުން ކުރެވެއެވެ. އަދި މެޝިނަކުން ޓިކެޓެއް ގަނެގެން ގެންގޮސް ކާރުގައި ފެންނަގޮތަށް ބަހައްޓާ ހަދައެވެ. އެންމެ ފަހުގެ މެޝިނުތަކުން މޯބައިލް ފޯނުން ހުރިހާ ކަމެއް ހަމަޖެއްސެއެވެ.

މުޅި މާލެއަށް މެދުވެރިވެފައިވާ ޕާކު ކުރުމުގެ މައްސަލަ ހައްލުކުރަން ޖާގަ އިތުރުކުރާއިރު، ދެން އޮތީ ވަކި ސަރަޙައްދެއްގެ ބަދަލުގައި، ހުރިހާ ހިސާބެއްގެ ޖާގަ އިތުރު ކުރުމެވެ. މަގުތަކުން ޖާގަ އިތުރުކުރެވޭނީ ޕޭވްމަންޓް ނަގައިގެންނެވެ. ބައެއް މަގުތަކުގައި ޕޭވްމަންޓެއް ނުވެސް އޮވެއެވެ. ޕޭވްމަންޓް އޮންނަ ތަންތަނުގައިވެސް ބޭނުން ކުރެވޭ ވަރަށް ވުރެ ޕޭވްމަންޓް ހަންޏެވެ. އެހެންކަމުން… ދެން އޮތީ މިކަމުގެ އެންމެ އެދެވޭ ހައްލެވެ. އާދެ! މަގުތައް ފިޔަވައި، އެހެންތަންތަނުން ޖާގަ އިތުރުކުރުމެވެ. މީހުންގެ ގެދޮރުގައި ޕާކުކުރުމަށް ޖާގަ ދިނުމެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ އެންމެ އެދެވޭ ގޮތެވެ.

ދާދި ފަހަކާ ޖެހެންދެން ގެދޮރުއަޅާއިރު، އެންމެންހެން ވިސްނަމުން އައީ އެންމެން ހިނގަން އޮންނަ މަގުމައްޗަކީ، އޭނާގެ އަމިއްލަ މުދާ ބެހެއްޓޭނޭ ”ޕްރައިވެޓް“ ޖާގައެއްގެ ގޮތުގައެވެ. ނަމަވެސް މަގުމައްޗަކީ ”ޕަބްލިކް“ ނުވަތަ އެންމެންގެ ތަނެކެވެ. އެހެންކަމުން، އެތަނުން ސަރަޙައްދެއް ވަކި މީހަކަށް 24 ގަޑިއިރު ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ދާއިމީ ޕާކިން އަށް މަގުމަތި ބޭނުން ކުރާނަމަ، އެކަމަށް ހުއްދައެއް ހޯދުމަށް ފީއެއް ދައްކަން ޖެހޭނެއެވެ. މިއީ ހުޅަނގު ޤައުމުތަކުގެ ބައިބޯ ހިސާބުތަކުގައި މިކަން ކުރާ ގޮތެވެ. މި ދަންނަވަނީ ވަގުތީ ގޮތުން ޕާކުކުރާ ކުރުމަކަށް ނޫނެވެ.

ކޮންމެ ގެއެއްގައިވެސް، އެގެއެއްގެ އުޅަނދުތައް ބެހެއްޓުމަށް ޕާކުކުރާ ޖާގައެއް ނުބާއްވާ، މާލޭގެ ޕާކިން މައްސަލައަކަށް ޙައްލެއް ނޯންނާނެއެވެ. މިކަން އަމިއްލަފުޅަށް ވިސްނެވުމަށް 9 ބުރީގެ ގެއަކާ މެދު ވިސްނަވާށެވެ. ގޯތީގެ ބޮޑުމިނަކީ 1000 އަކަފޫޓުނަމަ، ގިނަ މިފަދަ ގޯތީގައި މަގުމައްޗަށް އޮންނަ ފުޅާމިނުގައި (ރޯޑު ފުރޮންޓޭޖުގައި)  ހުންނާނީ 20 ފޫޓުވަރެވެ. 20 ފުޓޫގައި ބެހެއްޓޭނީ ގިނަވެގެން 9 ސައިކަލެވެ. ނަމަވެސް 9 ބުރިއަށް ހުރި ގެއެއްގައި، ޢާއްމުކޮށް 50 ވަރަކަށް މީހުން އުޅޭނެއެވެ. އެމީހުން 25 ވަރަކަށް ސައިކަލު ގެންގުޅޭނޭ ކަމަށް މިހާރުގެ ތަފާސް ހިސާބުތައް ދައްކައެވެ. އެހެންކަމުން، ގޯތީގެ ކުރިމަތިން މަގުމަތީގައި ބެހެއްޓޭ 9 ސައިކަލުގެ ޖާގަައިގައި ނުބެހެއްޓޭ އަނެއް 16 ސައިކަލު ބަހައްޓާނީ ކޮންތަނަކުތޯއެވެ؟ ދެ ފަރާތަށް ހުރި ދެ ގޯއްޗާއި ކުރިމަތީގައި ހުރި ގޯތީގައިވެސް މީހުން ދިރިއުޅޭނޭކަމާ މެދު ވިސްނަވާށެވެ.

މިކަން ސަރުކާރުގެ ބައެއް ފަރާތްތަކަށް ވިސްނި، ދާދިފަހުން ވަނީ ކަމާބެހޭ އިދާރާއިން ގަވާއިދެއް ހަމަޖައްސާފައެވެ. އޭގައި ބުނަނީ އާއްމު އުސްމިނަށް އަޅާ ގެއެއްގެ %20 ނުވަތަ ފަސްބައިކުޅަ އެއްބައި ޕާކިންއަށް ބާއްވަން ޖެހޭނެކަމަށެވެ. މިއޮތީ އެ ގަވާއިދެވެ. ކެޓެގަރީ A ގެ ޢިމާރާތްތަކަކީ ދިރިއުޅުމަށް ހަދާ ޢާއްމު  ގެއެވެ.

ޢިމާރާތް ކުރުމުގައި ޕާކިންއަށް ޖާގަ ދޫކުރުމާ ބެހޭ ގަވާއިދުގެ ތެރެއިން . . . parkingrules

މި ގަވާއިދަކީ ޕާކިން މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅެކެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މަތީގައިވާ ގަވާއިދުގެ މައްސަލައަކީ ޕާކުކުރަން ބާއްވަންޖެހޭ ހުސްތަން، އިމާރާތް ކުރެވޭ ޖާގައިގެ އޭރިއާ ނުވަތަ ”ފުޓްޕްރިންޓް“ އިން އާދެ! އިމާރާތުގެ ”ފިޔަވަޅު“ އިން ކަޑައަޅާފައިވާ ކަމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، 10 ބުރީގެ އިމާރާތަކާއި އެއް ބުރީގެ އިމާރާތެއްގައި އުޅޭ މީހުންނަށް ޕާކުކުރަން ޖާގަ ދޫކުރާ މިންވަރު އެއްވަރު ވާކަމެވެ! އިމާރާތެއްގައި ދިރިއުޅޭނޭ މީހުންގެ ޢަދަދާއި ޕާކިންއަށް ދޫކުރަން ޖެހޭ ޖާގައާ ގުޅުމެއްނެތް ކަމެވެ. މިކަން ކުރިން ދެންނެވި 9 ބުރީގެ ގޭގެ މިސާލުން ޔަޤީންވެވަޑައިގަންނަވާނެއެވެ.

އެ ގެއެއްގެ މީހުން ޕާކު ކުރާނެ ޖާގަ ކޮންމެ ގޯއްޗެއްގެ އެތެރެއިން  ހަމަ ޖެއްސޭނަމަ، ޕާކިން ވަރަށް ފަސޭހަވާނެއެވެ. ޕާކިންއަށް ގޭގެ  އެތެރެއިން ބޭނުންވަނީ ކިހާ ޖާގައެއްތޯ އެވެ؟ މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ދުއްވާތަކެތީގެ އަދަދަށް ބަލާއިރު، އެއީ ކޮންމެ ދެ މީހަކަށް ގާތްގަޑަކަށް ސައިކަލެކެވެ.  އެންމެ ޢާއްމުކޮށް ދުއްވާ ހޮންޑާ ވޭވް ސައިކަލެއްގެ ދިގުމިނުގައި 1880 މިލިމީޓަރު އަދި ހުރަހަށް 706 މިލިމީޓަރު ހުރެއެވެ. މިފަދަ ސައިކަލެއް ޕާކުކުރަން ބޭނުންވާ ޖާގައިގެ ބޮޑުމިނަކީ، 1880×706 އަކަ މިލިމީޓަރެވެ. އާދެ! 1.3 އަކަމީޓަރެވެ. ނުވަތަ 14 އަކަ ފޫޓެވެ. ގެއެއް އަލަށް ހަދާނަމަ، އެގެއެއްގައިވާ ކޮންމެ ނިދާ ކޮޓަރިއަކަށް 1.3 އަކަ މީޓަރުގެ ހުސްތަން ޕާކުކުރަން ބާއްވަން ޖެހޭގޮތަށް ޤަވާޢިދު ހަމަޖައްސަނިކޮށް މާލޭގެ މަގުތައް ބޭނުން ކުރެވޭ ވަރަށް ލުއިކުރެވޭނެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ޕާކުކުރަންދޫކުރަން ޖެހޭ ޖާގަ ގުޅުވަންޖެހޭނީ ގޭގައި ދިރިއުޅޭ މީހުންގެ ޢަދަދާ އެވެ. އެހެންކަމުން، ޕާކިން ޖާގަ ގުޅޭނީ ނިދާކޮޓަރީގެ ޢަދަދާއެވެ. ޢިމާރާތުގެ ފިޔަވަޅަކާ ނޫނެވެ. އަޅުގަނޑު ދެންނެވިގޮތަށް ގެދޮރުއެޅުމުގެ ގަވާއިދު ހަމަޖައްސައިފިނަމަ، 1000 އަކަފޫޓުގެ ގޯއްޗެއްގައި 9 ބުރިއަށް ޢިމާރާތެއްކުރާނަމަ، އަދި ކޮންމެ ބުރިއެއްގައި ތިން ނިދާކޮޓަރި ހުންނަނަމަ، 350 އަކަފޫޓު ޕާކުކުރަން ހުސްކޮން ބާއްވަން ޖެހޭނެެވެ. މިހާރު މިއޮތް ގަވާއިދުން ދޫކުރަންޖެހޭ %20 ގައި ނުވަތަ 200 އަކަފޫޓުގައި އެގޭގައި ދިރިއުޅޭނޭ ކަމަށް ލަފާ ކުރާމީހުންގެ ސައިކަލެއް ނުބެހެއްޓޭނެއެވެ.  އޭގެ ތެރެއިން މީހަކު ކާރެއް ގެންގުޅޭނަމަ، މައްސަލަ ސަފުން ބޮޑުވާނެއެވެ.

20161031_121710މީހުން ގެންގުޅޭ ސައިކަލާއި ކާރު ފަދަ ތަކެއްޗަކީ އެމީހުންގެ އަމިއްލަ ތަކެއްޗެވެ. ޕްރައިވެޓް ގުޑް އެވެ. އެންމެން ހިގަން އޮންނަ މަގުގެ މިލްކުވެރިފަރާތަކީ، މުޅި ޤައުމުގެ އެންމެންނެވެ. އެއީ ޕަބްލިކް ގުޑް އެކެވެ. އެހެންކަމުން، މި މަގުމަތިން މީހަކަށް ދާއިމީކޮށް ޕާކުކުރަން ޖާގަ ދިގުމިނަކީ، އިންސާފުވެރިގޮތެއްނޫނެވެ. ގޯތިތެރޭގައި ޕާކު ކުރުމަށް ޖާގަ ދޫކުރަންޖެހޭ ގޮތަށް ގަވާއިދެއް މީގެ ވިއްސަކަށް އަހަރު ކުރިން ތަންފީޒުކުރެވިފައިވާނަމަ، މާލޭގައި މިހާރު  މީހުން އުޅޭ ދަތިގޮތަށް އުޅޭކަން ނުޖެހުނީހެވެ. ނަމަވެސް، މިފަދަ ގަވާއިދުތަކަކީ، ފަސޭހައިން ބަދަލުވާ އެއްޗެކެވެ.  މީގެ ކުރީގެ ގަވާއިދެއްގައި، ކޮންމެ ގޯއްޗެއްގެ ދިހަބައިކުޅަ އެއްބައި ހުހަށް އޮންނަންޖެހޭ ގޮތަށް އިޢުލާނު ކުރިއެވެ.  ހިތާމައަކީ މި ގަވާއިދުވެސް ހަމަ އެގޮތަށް ބަދަލުވެދާނެކަމެވެ. އަޅުގަނޑުގެ ރައްޓެއްސަކު ހުޅުމާލެއިން ގޯއްޗެއް ލިބުމުން ގެއަޅަން ބިންގާ އެޅީ ހަ ބުރިއަށެވެ.  އޭރު ހުޅުމާލޭގައި އެންމެ އުސްކޮށް ގެ އެޅެނީ ހަތަރު ބުރިއަށެވެ. މީހަކު އޭނާ އާ ސުވާލުކުރުމުން ބުންޏެވެ: ”މިއީ ދިވެހިރާއްޖެއެވެ. ވާގޮތް ބަލަން ހުންނައްޗެވެ. އެއްވެސް ގަވާއިދެއް މާ ގިނަ ދުވަހު އެއްގޮތަކަށް ނޯންނާނެއެވެ.“ ދާދި އިހަކަށް ދުވަހު، ހަތަރުބުރިއަށް ހެދޭ ގަވާއިދު ބަދަލުކޮށް ހަބުރިއަށް ހުޅުމާލޭގައި ގެދޮރު ހެދޭ ގޮތަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތުން އިޢުލާނުކޮށްފިއެވެ. މިހާރު އޭނާ ހުންނަނީ ހިނިއައިސްފައެވެ.  އޭނާ ބުނާހެން މިއީ ދިވެހިރާއްޖެ އެވެ.

ގަވާއިދުތައް އަވަހަށްބަދަލު ނުވާނީ ފުޅާކޮށް މަޝްވަރާ ކުރެވި އެކުލަވާލެވޭ ގަވާއިދުތައް ޤާނޫނަކަށް ބަދަލުކުުރުމުންނެވެ. އެހެނީ، ގަވާއިދު ހެދުމާ ބެހޭ ވަޒީރަކާއި ކަންކުރަން ބޭނުންވާ މީހާގެ ބާވަތުން މިފަދަ ގަވާއިދުތަކަކީ އަވަސް އަވަހަށް ބަދަލުވާ އެއްޗެކެެވެ.

ދުއްވާތަކެތި މާލެއިން މަދުކުރުން

މާލޭގައި ދުއްވާ 50000 އިންޖީނުލީ އުޅަނދު މަދުކުރުމުން ޕާކިން މައްސަލަތައް ހައްލުކުރެވޭނެ ކަން ޔަޤީން އެވެ. އެއްވެސް އުޅަނދެއް ނެތްނަމަ، ޕާކިން މައްސަލަ ނުވެސް އޮންނާނެއެވެ.  އުޅަނދު މަދުކުރުމަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ އުޅަނދު ބޭނުންނުވާގޮތް  ހެދުމެވެ. ދެވަނަ ގޮތަކީ، އަގުބޮޑުކަމުން، އެ ދުއްވޭ ގޮތް ނުވުމެވެ. އެންމެ ފުރަތަމަ، ފަހުން މި ބަޔާން ކުރިގޮތާމެދު ވިސްނަމާތޯއެވެ؟

ސައިކަލާއި ކާރު ގެންގުޅުން އަގުބޮޑު ކުރުން

ދުވާލަކު އެއްފަހަރު ޢާއްމުކޮށް ބޭނުން ކުރާ ސައިކަލެއް ނުވަތަ ކާރެއްފަދަ އެއްޗެއް ބޭނުންކުރުން މަދުވާނީ، އެއެއްޗެއް ބޭނުން ކުރުމުގެ ދުވަހީ ޚަރަދު ބޮޑުވުމުންނެވެ. އެ އެއްޗެއް ގަތުމުގެ ޚަރަދު ބޮޑުވުމަކުން ނޫނެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު، ޚަރަދު ބޮޑުކުރުމަށް އަޅާފައިވަނީ ނަތީޖާ ނުނުކުންނާނޭ ފިޔަވަޅެކެވެ. އާދެ! އުޅަނދެއް ގަތުމުގެ ޚަރަދުވަނީ ބޮޑު ކޮށްފައެވެ. އިމްޕޯޓް ޑިއުޓީ އެތިގަނޑުގެ އަގާ އެއްވަރުކޮށްގެންނެެވެ. ނަަމަވެސް މިކަމުގެ ސަބަބުން ސައިކަލާއި ކާރުފަދަ ތަކެތި ބޭނުން ކުރުން މަދުވެފައެއް ނުވެއެވެ. ތަފާސްް ހިސާބުތަކުން ދައްކާފަދައިން އުޅަނދުތައްވަނީ ގިނައެވެ. އެހެންކަމުން މިއީ ނަތީޖާ ނުނެރެވޭނޭ ފިޔަވަޅެއްކަން އެންމެންނަށް ކަށަވަރުވާނެއެވެ. މި ޙަޤީޤަތް އެހެން ހުރިހާ މިފަދަ އެއްޗަކަށް ތެދުވެއެވެ. އެއްޗެއް މިލްކު ކުރުމުގެ އަގު (އިނގިރޭސިބަހުން ނަމަ ”އެކްވިޒިޝަން ކޯސްޓް“) ބޮޑުވުމަކުން އެއެއްޗެއް މަދެއް ނުވާނެއެވެ. މަދުކުރެވޭނީ އޭގެ ރިކަރަންޓް ކޯސްޓް ނުވަތަ ތަކުރާރުކޮށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންނެވެ. އެކްވިޒިޝަން ކޯސްޓް ބޮޑުކޮށްގެން ޢާއްމުކޮށް ބޭނުންކުރާ އެއްޗެއް މަދުކުރެވޭނީ ވަރަށް ވަރަށް އޭގެ އަގު ބޮޑުވެގެންނެވެ.

ރާއްޖެއަށް އެތެރެކުރާ އެއްގަމުގައި ދުއްވާ  އުޅަނދުތައް މަދުކުރަން ކުރަންޖެހޭކަމަކީ އޭގެ ދުވަހީ ޚަރަދުތައް ބޮޑުކުރުމެވެ. އެއީ ޕެޓްރޯލް އަގުބޮޑުވުމާއި އަހަރީފީތައް ބޮޑުވުމެވެ. ޕެޓްރޯލް އަގުބޮޑުވުމުން ކަނޑުދަތުރުތަކަށްވެސް އަސަރު ކުރާނެއެވެ. އަދި، ކޮންމެހެން ކާރާއި ސައިކަލް ބޭނުންވާ އަތޮޅުތަކަށްވެސް އަސަރުކުރާނެއެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އަހަރީ ފީ އާ ދޭތެރޭ ވިސްނުމެވެ. ތިރީގައި އެވަނީ ފީ އާ ބެހޭ އިދާރާގެ ވެބްސައިޓުގައިވާގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ މިހާރު ފީ ނަގާ މިންވަރެކެވެ.

vehiclefees

މި ފީތަކާ މެދު ވިސްނާއިރު، ފީއަކީ ސައިކަލެއް ނުވަތަ ކާރެއް ގެންގުޅުމަށް ނުރުހުންވާނޭ ފީތަކެއް ކަމަކަށްނުފެނެއެވެ. އާދެ! އާދައިގެ ސައިކަލެއްގެ ފީއަކީ ދުވާލަކަށް 1.77ރު އެވެ. ކާރެއްނަމަ، ދުވާލަކު 10 ރުފިޔާއެވެ. ނަމަވެސް މި މިންވަރުގެ ކާރެއް ޕާކުކުރަން ބާއްވާ ޖާގައިގައި 6 ސައިކަލް ބެހެއްޓޭނެއެވެ. ސައިކަލް ޕާކު ކުރާ ޖާގައިގެ ”އަގުން“ ބަލާނަމަ، ކާރު ޕާކުކުުރަން މާ ”އަގު“ ކުޑައެވެ. ސައިކަލް ނުވަތަ ކާރު މަދުކުރުމަށް އަހަރީ ފީ ހަމަޖައްސަން ޖެހޭ މިންވަރު ކަޑައެޅުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. އެހެން ޤައުމުތަކުގައި ދުވާލަކު މީހަކު ކުރާ ޚަރަދުގެ %10 އާއި %14 އަކީ ދަތުރުފަތުރުގެ ޚަރަދެވެ.

އަހަރީ ފީ އިން އިންޖީނުލީ ދުއްވާ އެއްޗެތި މަދުުކުރެވޭނެއެވެ. ނަމަވެސް މިއަށް ވުރެ ރަނގަޅު ގޮތަކީ މިކަމުގެ ބަދަލުގައި ނުވަތަ ފީއަށް ބަދަލު ގެނައުމާއެކު އަމިއްލަ މީހުން ސައިކަލާއި ކާރު ބޭނުންނުވާ ގޮތް ހެދުމެވެ.

ސައިކަލާއި ކާރު ބޭނުން ނުވާ ގޮތް ހެދުން

ސަައިކަލާއި ކާރު ބޭނުން ނުވާގޮތް ހެދުމަކީ، އެއްތަނުން އަނެއް ތަނަށް ދިއުމަށް ނުވަތަ ނަޤުލުވުމަށް ފަސޭހަ އެހެން ގޮތްތަކެއް ހަމަ ޖެއްސުމެވެ. މިގޮތްތައް ހުރެއްޖެނަމަ، ސައިކަލާއި ކާރުފަދަ ތަކެތި ގެންގުޅޭނީ މަދު ބައެކެވެ. މި ކަމުގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ.

ފުރަތަމަ ކަމަކީ، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ހިގޭނޭ ގޮތަށް މާލޭގެ މަގުތައް ހެދުމެވެ. މާލޭގެ މަގުތަކަށް ފުންކޮށް ވިސްނައިފި މީހަކަށް އެނގޭނީ، އެ މަގުތައް ހެދިފައިވަނީ ދުއްވާ ތަކެއްޗަށް ފަސޭހަވާ  ގޮތަށް ކަމެވެ. އިސްކަންދީފައިވަނީ ހިނގާ މީހުންނަކަށް ނޫނެވެ. ބިނާވެށި ފަރުމާކުރުމުގެ ފަލްސަފާގައި ނުވަތަ އާރބަން ޕްލޭނިންގ ފިލޯސަފީގައި މަގުމަތި ހަމަޖައްސަން ޖެހޭ ގޮތަށްކިޔަނީ  މަގުމައްޗަށް ޑިމޮކްރެސީ ގެނައުމެވެ. މަގެއް ގިނައިން ބޭނުން ކުރަނީ ހިނގާމީހުން ހެއްޔެވެ؟ ނުވަތަ ދުއްވާ މީހުން ހެއްޔެވެ؟ ކޮންމެ މީހަކަށް ވޯޓެއް އޮންނަ ފަދައިން  ދުއްވާ މީހުންނާއި ހިނގާމީހުންގެ ނިސްބަތް ބަލައި މަގެއްގެ ޕޭވްމަންޓް އާއި ކާރުދުއްވާ ބައި  އޮންނަންވާނީ ބޭނުންކުރާ ގިނަ މީހުންނަށް ފަސޭހަވާގޮތަށެވެ. މާލޭގައި ބައެއް މަގުތަކުގައި ހިނގާމީހުންނަކަށް ޖާގައެއް ނެތެވެ. ކާރެއް ދާން ހިނގާމީހާ ޖެހެނީ ފާރުގައި ”ތަތްވާށެވެ.“ މާލޭގެ ބައެއް ހިސާބުތަކުގައި މިގޮތަށް ކުޑަކުދިންނާއި މުސްކުޅީން ފާރުގައި ”ތަތްވެގެން“ ތިބޭތަން ފެނުމުން، ޤައުމީ ލޯތްބެއް ހުރި ކޮންމެ ހިތަކަށް ފުން އަސަރުތަކެއް ކުރާނެކަން ޔަޤީންއެވެ. މި މައްސަލައާ ބެހޭ ގޮތުން ވަކި މަޒުމޫނެއް ލިޔަން ޤަޞްދުކޮށްފައިވާތީ، މި ވާހަކަ މި ހިސާބަށް ކުރުކުރަމެވެ. މާލޭގެ މަގުތައް މިހާރު ރައްކާތެރީ ދުއްވާ އެއްޗިއްސަށެވެ. ހިނގާ މީހުންނަކަށް ނޫނެވެ. އެހެންކަމުން، ތަންތަނަށް ދާން ސައިކަލާއި ކާރު ހޯދުންވަނީ ”މަޖުބޫރު“ ކަމަކަށް ވެފައެވެ.

މާލޭގެ މަގުތަކުން ސައިކަލާއި ކާރު މަދުކުރަން ދެން ހަދަންޖެހޭ ގޮތަކީ، ބައިސްކަލް ދުއްވުން ޢާއްމުކުރުމެވެ. ސައިކަލަކަށް ވުރެ ބައިސްކަލެއް ޕާކުކުރަންދާ ޖާގަ ކުޑަވާނެއެވެ. އަދި ދުއްވާ އެއްޗެތިން ނުުކުންނަ ދުމުން ޖެހޭ ކެންސަރާއި އެހެން ބަލިތައް ބައިސްކަލް ގިނަވުމުން މަދުވާނެއެވެ. ބައެއް ޤައުމުތައް ތަރައްޤީވި ވަރަކަށް ބައިސްކަލް ދުއްވުން އިތުރުވެ  ސައިކަލާއި ކާރު ދުއްވުން މަދުވެއެވެ.  މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އެންމެ ތަރައްޤީ ވެފައިވާ ޤައުމުތަކުގައެވެ. ދަލީލު މިއޮތީއެވެ.

ބައިސްކަލް ދުއްވުން ޢާއްމުވާ ވަރަށް ރާއްޖެ ތަރައްޤީކުރަން، ސަރުކާރުން މިކަމަށް ދޭންޖެހޭ އިސްކަމެއް ނުދެއެވެ. އިސްކަންދޭން ސަރުކާރުން ކަންތައްތައް ކުރަންޖެހޭ ގޮތް މި ރިޕޯޓްގައި ވެއެވެ. މާޒީގެ އަހަރުތަކުގައި ބައިސްކަލަކީ މާލޭގައި ޢާއްމުކޮށް އެއްތަނުން އަނެއްތަނަށް ދިއުމަށް އެންމެ ގިނަމީހުން ބޭނުންކުރި ވަސީލަތެވެ. މިކަން ކުޑަވާން ފެށިސަބަބު އަޅުގަނޑުގެ ނަޒަރުން ދަންނަވާލާނަމެވެ. 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަދުވަހު، ދެތިން ދިވެހީންނާއެކު ތަމަޅަ ޖަމާޢަތަކުން ރާއްޖެހިފަން މާލެއަށް އެރިއެވެ. އޭގެ ތެރެއިން އެއް ދިވެއްސަކު، މަޖީދީމަގުގައި ހުންނަ މައްޗަންގޮޅީ އާ މިސްކިތަށް (މިހާރުގެ ނަމުންނަމަ މަސްޖިދުއްޒިކުރާއަށް) އަރައި މިސްކިތުގެ ތާޅަފިލިން އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ ކުރާނެ ކަންތައްތައް ބަޔާން ކުރަމުން ބައިސްކަލް ރަޖިސްޓަރީކުރުން ހުއްޓާލާނެ ވާހަކަ ގޮވިއެވެ. ރާއްޖެއެރި މީހުންގެ ކަންތައްތައް ނާކާމިޔާބު ވިޔަސް، ސަރުކާރުން ދެތިން ހަފުތާއެއްގެ ތެރޭގައި ބައިސްކަލް ރަޖިސްޓަރީކުރުން އުވާލިއެވެ. އޭގެ ކުރިން، ރާއްޖޭގައި ބޭނުންކުރާ ހުރިހާ ބައިސްކަލެއް ހޯމް އެފެއާރޒް ގައި ރަޖިސްޓަރީ ކުރެއެވެ. އަދި ވެރިމީހާގެ އަތުގައި، ބައިސްކަލްގެ ސުމާރު ނަންބަރު ޖަހާފައި އޮންނަ ރަޖިސްޓަރީއެއް އޮވެއެވެ. ރަޖިސްޓަރީގެ މައިގަނޑު ބޭނުމަކީ އެއަށްފީއެއް ނެގުމެވެ. ނަމަވެސް މި ރަޖިސްޓަރީ ވަނީ، ބައިސްކަލްގެ މިލްކުވެރިކަން އަންގައިދޭ ލިޔުމަކަށެވެ. ގެއްލިފައިވާ ބައިސްކަލެއް ތަނަކުން ފެނުނަސް، އެ ބައިސްކަލްގެ މިލްކުވެރިކަން، ރަޖިސްޓަރީ މެދުވެރިކޮށް ސާބިތު ކުރެވެއެވެ.

އެ ދުވަސްވަރު، މާލޭގައި ގިނަ ބަޔަކު ބައިސްކަލް ދުއްވިއެވެ. ޚާއްޞަކޮށް އަގުބޮޑު ބައިސްކަލެވެ. ޑާހޯން އާއި ރެލީ މަރުކާގެ ޝޮޕަރ ބައިސްކަލެވެ.  ޑާހޯން އަކީ މިހާރުވެސް ދުނިޔޭގައި އެންމެ ގިނައިން މެދުން ލަބާލެވޭ ބައިސްކަލް އުފައްދާ ފަރާތެވެ. ރެލީއަކީ  އިނގިރޭސި ވިލާތުގައި ބައިސްކަލް އުފައްދާ ބައެކެވެ. މިއިން ކޮންމެ ވައްތަރެއްގެ ބައިސްކަލެއް ވެސް، ޢާއްމު މީހެއްގެ ތިން މަހުގެ މުސާރައަށް ނޫނީ ނުގަނެވޭނެއެވެ. ދެން ދުވަސް ކޮޅަކުން ވާން ފެށިގޮތަކީ، ބައިސްކަލްތައް ވަގަށް ނަގަން ފެށުމެވެ. ރާއްޖެތެރޭގެ އެކި ރަށްރަށަށް ގިނަ ބައިސްކަލްތަކެއް ވަގަށް ނަގައިގެން ގެންދިޔައެވެ. ވަގަށް ނެގުން އޮބިނޯވެގެން އެންމެ ފަހުން، މީހުން ބައިސްކަލް ގަތުން ހުއްޓި، ސައިކަލަށް ބަދަލުވީއެވެ. ދެ ނުވަތަ ތިން ބައިސްކަލްގެ އަގަށް ހޮންޑާ ސައިކަލެއް ލިބެއެވެ. މިއީ މިހާރުވެސް ޑާހޯން ބައިސްކަލާއި ސައިކަލުގެ އަގު ހުންނަވަރެވެ.

dahonandshopperބައިސްކަލް އެންމެ ގިނައިން ބޭނުން ކުރާ ޔޫރަޕުގެ ޤައުމަކީ ނެދަރލޭންޑްސް އެވެ. މި ޤަައުމުގައި މިކަން ފެށިގެން އައީ ބާވަތެއްގެ ސަބްކަލްޗަރ އެއް އުފެދިގެންނެވެ. ސަބްކަލްޗަރ އަކީ ޢާއްމު ޘަޤާފަތާއި ޚިލާފު ފިކުރަކާއި ޝައުޤުތަކެއް ގެންގުޅޭ ޖަމާޢަތަކަށް ކިޔާނަމެކެވެ. މާލޭގައިވެސް މީގެ ދެތިން އަހަރު ކުރިން މި ސަބްކަލްޗަރ އުފެދި އާލާވަމުން ގޮސްފައި ވެއެވެ. އެ ޖަމާޢަތުން ބައިސްކަލް ދުއްވުން އާއްމުކުރަން މަސައްކަތް ކުރެއެވެ. މިދުވަސްކޮޅު މިކަން ވަޅުޖަހަމުން ދާހެންވެސް ހީވެއެވެ. މިފަދަ ޖަމާޢަތްތަކުން ސަރުކާރަށް ޕްރެޝަރ ކޮށްގެން ނޫނީ އެމީހުންގެ މަޤްޞަދެއް ޙާޞިލެއް ނުވާނެއެވެ. މިއީ ނެދަރލޭންޑްސްގައި ވެސް މިކަން ހިނގިގޮތެވެ. ރާއްޖޭގައި ބައިސްކަލް ދުއްވުން އިތުރު ކުރަން ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެއްކަމަކީ އަމިއްލަވަންތަކަން ސާބިތު ކުރެވޭނޭ ގޮތަށް ބައިސްކަލް ރަޖިސްޓަރީ ކުރެވޭގޮތް ހަމަޖެއްސުމެވެ. ޓެކްނޯލޮޖީއަށް އައިސްފައިވާ ކުރިއެރުމުގެ ސަބަބުން، ބައިސްކަލެއް ވަގަށް ނެގުމުން އެ ހުރިތަން މިހާރު ބެލެއެވެ.  ފަހަކަށް އައިސް ބައެއް ބައިސްކަލްގެ އަގު މިހާރު ސައިކަލަކަށް ވުރެ ބޮޑުވެފައި ވެއެވެ. ރަޖިސްޓަރީ ކުރުމުން ސަރުކާރަށް ވަންނަ އާމްދަނީ އިތުރުވެފައި ވަގުންގެ ފަރާތުން ރައްޔިތުންނަށް ރައްކާތެރިކަމެއް ލިބޭނެއެވެ.

މާލޭގައި ދުއްވާ ޢާއްމު މީހުންގެ އުޅަނދުތައް މަދުކުރަން ދެން ކުރަންވީ ކަމަކީ ރައްޔިތުން އެއް ތަނުން އަނެއްތަނަށް ދަތުރުކުރެވޭނޭ ޢާއްމު ލުއި ނިޒާމެއް (ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް)  ޤާއިމްކުރުމެވެ. ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކީ ޢާއްމުންނަށް ދަތުރުކުރެވޭ، ކަނޑައެޅިފައިވާ މަގުތަކަކުން ދަތުރުކުރާ، އެއަށް އަގެއް ނަގާ ބަހާއި ކާރާއި މިފަދަ އުޅަނދެވެ. 2009 ވަނަ އަހަރު މާލޭގައި ބަސްތަކެއް ތަޢާރުފުކުރިިއެވެ. މިހާރު އެއިން އެއްވެސް ބަހެއް ނުދުވެއެވެ. މި ބަސްދަތުރުތައް ނާކާމިޔާބުވި ސަބަބު ދިރާސާކޮށް ދެނެގަތުމަކީ، މިކަން ކުރިއަށް ވުރެ ރަނގަޅަށް ކުރަން ބޭނުން ކަމެކެވެ.

އަޅުގަނޑުގެ ނަޒަރުގައި، މިކަން ނާކާމިޔާބުވި މައިގަނޑު ސަބަބަކީ، ބަސްތައް މާލޭގެ މަގުތަކާ އެކަށީގެން ނުވާ ވަރަށް ބޮޑުވުމެވެ. އަދި އެކަކުގެ ބަދަލުގައި ދެމީހުން ބަހަކަށް ބޭނުންވުމާއި، ދަތުރުގަޑިތަކުގެ ތަރުތީބު ނުހިފެހެއްޓުމާއި ދަތުރުކުރާ މަގުތައް ނުވަތަ ރޫޓުތައް ކަމު ނުދިޔުމެވެ. އަޅުގަނޑަށް ހީވަނީ މާލެއާ ބޮޑަށް ގުޅެނީ ތަންކޮޅެއް ކުޑަ، 11 މީހުންނަށް ނުވަތަ 14 މީހުންނަށް ދަތުރުކުރެވޭ، ޑްރައިވަރަށް ޓިކެޓް ވިއްކޭ ކަރަންޓުން ދުވާ ބަސްތަކެވެ. ދަތުރުކުރާ މަގުތަކާއި ގަޑިތައް ހަމަޖައްސަން ޖެހޭނީ ދިރާސާއަކަށް ފަހުއެވެ. ރާއްޖޭގެ ހާލަތުން ހަމައެކަނި އަންހެނުންނާއި ކުޑަކުދިންނަށް އެރޭ ބަސްތަކެއް ވެސް ހުންނަ ޖެހިދާނެއެވެ. ތިރީގައި އެވަނީ އަޅުގަނޑު މިދަންނަވާ ކަހަލަ ބަސްތަކެއްގެ ފޮޓޯއެވެ.

electricbusesމާލޭގައި ތިން ފުރޮޅުލީ ދުއްވާ ތަކެތި ނުހުންނަ ކަމަކީ ރައްޔިތުންނަށް ޓްރާންސްޕޯޓް ޚަރަދު ބޮޑުވާ ކަމެކެވެ. ތިންފުރޮޅުލީ އުޅަނދަކީ ނާތަހުޒީބު ތަކެތި ކަމަށް ބުނާމީހުންނަށް ދޭން އޮތް ޖަވާބަކީ، މާލޭގެ ބައެއް ޓެކްސީތަކަކީ، ވަރަށްބައު އެހެން ޤައުމުތަކުން ނުފެންނަހާ ހުތުރު ތަކެއްޗެވެ. އަދި، އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް ތިން ފުރޮޅުލީ އުޅަނދު ގެންގުޅެއެވެ. މިސާލެއްގެ ގޮތުން ލަންޑަން ނަގަމާތޯއެވެ؟ ތިންފުރޮޅުލީ އުަޅަނދު ޕާކުރަން ފަސޭހަވުމާއެކު، މާލޭގެ ހަނިގޯޅިތަކުން ދަތުރުކުރަން ފަސޭހަވާނެއެވެ. ބައެއް ޓެކްސީތައް މިހާރު ބައެއް މަގުތަކަށް ވަނުމަށް އިންކާރުކުރެއެވެ. މަގުތައް ބެދިފައިވާލެއް ބޮޑުކަމުންނެވެ. ތިރީގައި އެވަނީ ކަރަންޓުން ދުއްވާ ރިކްޝޯއެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ މާލެއާ ވަރަށް ގުޅޭ އެއްޗިއްސެވެ. މިއީ (ކަނާއަތުން ވާތަށް) ސައުތު އެފްރިކާ އާއި މެކްސިކޯ އާއި ދިއްލީގައި ގެންގުޅޭ ރިކްޝޯ އެވެ. އެންމެ ތިރީގައި އެމެރިކާއާއި ޗައިނާގައި ގެންގުޅޭ ޓެކްސީ ބައިކެވެ. މި ބައިކްގެ ފުޅާމިނުގައި ހަތަރު ފޫޓު ހަމަ ނުވެއެވެ.

2012090716162366

biketaxiނިންމާލުން

މާލޭގައި ޕާކިން މައްސަލަ މިހާރު ވަނީ ވަރަށް ބޮޑު ކަމަކަށް ވެފައެވެ. މަގުމަތީގައި ޕާކުކުރުމުގެ ސަބަބުން، މަގުގެ ބޮޑުބައެއް އޮންނަނީ ދާއިމަށް ބަންދުވެފައެވެ. ބައެއް މަގުތައް ދެބައިކުޅަ އެއްބަޔަށް ހަނިވެފައެވެ. މި މައްސަލަ ހައްލުކުރެވޭނީ، ދުއްވާ ތަކެތި ގޭތެރޭގައި ޕާކުކުރެވޭ ގޮތަށް ހަމަޖައްސައިގެންނާއި ދުއްވާތަކެތި މަދުކޮށްގެންނެވެ. އެހެން ހުރިހާ ޙައްލަކީ މައްސަލައަށް ފާހަގަ ކުރެވޭފަދަ ލުއިކަމެއް އަންނާނެ ޙައްލެއް ނޫނެވެ. ކިޔުންތެރިންނަށް މިދެންނެވިގޮތް ނޫން އެހެން ގޮތެއް ފާހަގަކުރެއްވޭ ނަމަ ވިދާޅުވާށެވެ.

comment_opinion_line

ތިބާގެ މަޢުލޫމާތު މި މަޒުމޫނުގެ ސަބަބުން ފާގަތިވި ނަަމަ، ބިނާވެށި ފަރުމާ ކުރުމާ ބެހޭ ތިރީގައިވާ އެހެން މަޒުމޫނުތަކަށް ތިބާ ޝައުޤުވެރިވެ ވަޑައިގަންނަވާނެއެވެ.