އިންވެގެން ހުރި ގެ ބުރިބުރިއަށް ބިނާކުރުމުން، ގޭގެ ވައިގޮޅި ބަންދުވުން. ދެން ހަދާނީ ކިހިނެއް؟

20160525_174435މިއީ މާލޭގައި މިހާރު ދިމާވަމުންދާ މައްސަލައެކެވެ. ކުރިން ތަނަވަސްކަން ލިބުނު މީހުން އެމީހުންގެ ގެތައް ދެތިން ހަތަރުބުރިއަށް ބިނާކޮށްފައި ވެއެވެ.  ބައެއް މީހުން ދިހަ ވަރަކަށް ބުރިއަށެވެ. ބޮޑު ހުސްޖާގައެއް ދޫނުކުރަން ވެގެން ގެ ޢިމާރާތްކުރަނީ ގޯތީގެ އިމުގައެވެ. ބިއްދޮށުފަރާތާއި އަރިމަތީގައި ހުންނަ ކޮޓަރިތަކަށް ވައި ވެއްދުމަށް ކުޑަދޮރު ކަނޑަނީ ވައިގޮޅިއެއްގެ ތެރެއަށެވެ. އައްޔާއި ވައި ވަންނަނީ މި ވައިގޮޅިންނެވެ. ވައިގޮޅިތަކުގެ އެތެރޭ ފާރު ހުންނަނީ ބައެއް ގޭގެ އިމުން  ދެ ފޫޓު ބައި އެތެރެއަށް ޖައްސާފައެވެ. ފުޅާމިން އެކި މިންވަރަށް ބަހައްޓައެވެ. ޖެހިގެން ހުރި ގެ މައްޗަށް ނުރާނާހާ ހިނދު ވައިގޮޅިން ކޮޓަރިތަކަށް ވަޔާއި އަލި ލިބެއެވެ. ކޮޓަރިތަކުގެ އެއަރކޯންތައް ވެސް މިގޮޅީގައި ބައެއް މީހުން ބަހައްޓާފައި ހުރެއެވެ.

މިހެން ކަންތައްތައް ވެފައިވަނިކޮށް، ޖެހިގެން ހުރި ގޭގެ މީހުން ޢިމާރާތްކުރަން ފަށައިފިއެވެ. ބައެއް މީހުން ދިހަ ބުރިއަށެވެ. އެހެންކަމުން، ކުރިން ގެ އެޅިމީހާގެ ވައިގޮޅި ހަތަރުފަރާތުން ބެދިއްޖެއެވެ. ބައެއް ވައިހޮޅި ހީވަނީ 100 ފޫޓު ފުން ވަޅެއް ހެންނެވެ. މިވައިގޮޅިއަށް ދެން ވައި އަދި އަލި ވަންނާނީ ކިހިނަކުންތޯއެވެ؟ އެއަރކޯންގެ އައުޓްޑޯ ޔުނިޓްގެ ހޫނުވައި ޖައްވަށް ދާނީ ކިހިނަކުންތޯއެވެ؟

އާދެ! ވައިގޮޅިއަށް ކުޑަދޮރު ކަނޑާފައިވާ ކޮޓަރިތަކަށް އެކަށީގެންވާ އަލިވާނީ (ވައިގޮޅީގެ ބޮޑުމިނުގެ ނިސްބަތުން) މަތިން ފެށިގެން ދެވަނަ ބުރިއާ ހަމައަށެވެ.  އެއަރކޮންޑިޝަންތަކުން ފިނިވާނީ ވަރަށް ކުޑަކޮށެވެ. އެ ގޮޅިއަށް ކުޑަދޮރެއް ހުޅުވިއަސް، ކޮޓަރިތަކެއް ވެންޓިލޭޓެއް ނުވާނެއެވެ. ވެންޓިލޭޓް ވުމަކީ ތާޒާވައި އަބަދުވެސް ދައުރުވެ ދައުރުވެ ހުރުމެވެ.  ތިރީ ބުރިތަކަށް އައްޔެއްވެސް ނުވާނެއެވެ. މި މައްސަލައިގެ ޙައްލަކީ ކޮބައިތޯއެވެ؟

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، މި މުހިއްމު މައްސަލަ ހައްލުކުރަން އަޅުގަނޑަށް ފެންނަގޮތާއި މިކަން މެދުވެރިވިޔަ ނުދޭން ޕްލޭނިން ގަވާއިދުތަކަށް ގެންނަންވީ ބަދަލުތަކެވެ. ބައެއް މީހުން ވައިގޮޅިއަކީ ވައިހޮޅިކަމަށް ސިފަކުރެއެވެ. އެއީ ވެސް ރަނގަޅު ގޮތެކެވެ. އެހެނީ ގޮޅިއެއްގައި އުސްމިނެއް ނުހުންނާނެ ނޫން ހެއްޔެވެ؟ ނަމަވެސް، ގިނަ މީހުންނަށް މިޖާގަ ވިސްނިފައިވާނީ ވައިގޮޅީގެ ނަމުންނެވެ. އިނގިރޭސިބަހުން މިފަދަ ހޮޅިއަށް ކިޔަނީ އެއަރ ޝާފްޓެވެ.

20160525_174754

އައްޔާއި ވައިގެ މުހިއްމުކަން

އިންސާނާ ފުރިހަމަ ޞިއްޙަތާއި ހިތްހަމަ ޖެހުމުގައި އުޅުމަށްޓަކައި، ވަޔާއި އައްޔަކީ ވަރަށް މުހިއްމު ދެ އެއްޗެވެ. ވައި ދައުރު ނުވާނަމަ، ބަލި ޖެހުން ފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އެއަރކޯން ކޮށްފައި ހުންނަ ކޮޓަރިތަކުގެ ވައިވެސް ބަދަލުވާން ޖެހެއެވެ. ބަދަލުނުވާ ނަމަ، ބޮލުގައި ރިއްސުމާއި ވަރުބަލިވުން ފަދަ ކަންތައްތައް ދިމާވެއެވެ. މިކަމުގެ މުހިއްމުކަން އެނގެނީ އެއަރކޯންގެ އިންޑޯޔުނިޓްގެ ހޮޅިތަކުން ގޭސް ލީކްވާ ސަބަބާ ބެހޭ ގޮތުން ކޮށްފައިވާ މި ދިރާސާއިންނެވެ. އެއަރކޯން ހޮޅިތަކަކީ ލޮއިން ހަދާފައި ހުންނަ ހޮޅިތަކެކެވެ. ހޮޅިތައް ފޫދަނީ ކޮޓަރިތެރޭގައި ބޭނުންކުރާ ސެންޓާއި ކުޑަދޮރު ސާފުކުރާ ފެނާއި މިފަދަ ތަފާތު ތަކެތިން އުފެދޭ ގޭސް، ލޯ ހޮޅީގައި ޖެހުމުން ވިދުއަޅައިގެންނެވެ.

 މިހެން ލޮޔަށްވާނަމަ، ތިބާގެ ފުއްޕާމެޔަށް ވާނޭ ގޮތް އަމިއްލަ ފިކުރުން ވިސްނަވާށެވެ.

އަތްވަކީ އިންސާނާއަށް ބޭނުންވާ އެއްޗެކެވެ. އަވި ހަމުގައި ޖެހުމުން ވިޓަމިން ޑީ3 އުފެދެއެވެ. މި ވިޓަމިން މަދުވުމުން ބަލިތައް މެދުވެރިވެއެވެ. ޚާއްޞަކޮށް ހުޅުތަކާއި ކަށިތަކުގައި ރިހުމާއި ބޮލުން ދާހިއްލުމާއި ހިތުގެ ބަލިތަކެވެ. އަދި އަލިން ކެންސަރު ޖެހުން ވެސް މަދުކޮށްދެއެވެ. ދާދި މިދާކަށް ދުވަހު، އަޅުގަނޑުގެ ރައްޓެއްސެއް ދުވަންފެށުމުން ކަކުލުގައި ރިއްސާތީ އޭނާ އިންޑިޔާއަށް ގޮސް ތަހުލީލުތަކެއް ކުރުމުން އެނގުނީ ވިޓަމިން ޑީ މަދުވީ ކަމުގައެވެ. މި ވިޓަމިން ކާން ފެށުމުން ތަދުތައް ލުއިވިކަމަށް އޭނާ ބުންޏެވެ. މި ދިރާސާއިން ދުވާލުގެ އަލި ލިބޭ ތަންތަނުގައި ކިޔެވުމުން ދަރިވަރުންގެ ހިސާބާއި އިނގިރޭސި ފެންވަރު 20 އިންސައްތަ މަތިވާކަމަށްވެއެވެ.

 މީގެ އިތުރަށް މީހާ ދެރަވުމުން، އަވީގައި ހިނގާލުމުން، ހިތްހަމަޖެހުން ލިބެއެވެ. އޮޕަރޭޝަންކޮށްފައިވާ މީހުން އަވީގައި ޖެހުމުން ފާރުތައް އަވަހަށް ފަސޭހަވެއެވެ. އަތްވަކީ ރާއްޖެބަލި ފަދަ ހުޅުހުޅުގައި ރިއްސާ ބައްޔަށް ފަރުވާއެކެވެ. އަވިނުލިބޭ، ބޭރު ނުފެންނަ ކޮޓަރިތަކުގައި ގިނަވަގުތު ހޭދަކުރުމަކީ މީހާ ހިތްދަތިވެ ހިތާމައިގެ ބަލި ޖެހޭކަމެކެވެ.

ބޭނުންވަނީ ކިހާ ވަޔަކާއި އަތްވެއް؟

އެކިއެކި ޤައުމުތަކުގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކުގައި (ކޯޑުތަކުގައި)، ވަޔާއި އަލި ލިބެންވީ މިންވަރު ބަޔާންކޮށްފައި ހުރެއެވެ. ރާއްޖޭގެ ކޯޑުގައި ކުޑަދޮރުގެ ސައިޒު ކަޑައަޅާފައި ވިޔަސް، ހުޅުވެންޖެހޭ ކުޑަދޮރުގެ އޭރިޔާ، ދިވެހިރާއްޖޭގެ މިކަމާ ބެހޭ  ފަރާތުން ބޭރު ކޯޑުތަކުގެ ބައެއް ތަންތަން ރާއްޖޭގެ ކޯޑުގައި ހިމެނިއިރު މިބައި ހިމަނާފައެއް ނުވެއެވެ. ރާއްޖޭގެ ކޯޑު މިއޮތީއެވެ. ކުޑަދޮރުގެ އޭރިޔާ ވާންވާނީ ކޮޓަރީގެ ތަޅުމުގެ އޭރިޔާގެ %10 ކަމަށް ލިޔެފައި ވެއެވެ. ބޭރު ކޯޑުތަކުގައި ހުޅުވެންޖެހޭ އޭރިޔާގެ ސައިޒަކީ ތަޅުމުގެ ގާތްގަޑަކަށް %5 އެވެ. ކޮޑަދޮރު ހުންނަނީނަމަ، ކޮޓަރީގައި އުޅޭއިރު ހުންނަންޖެހޭނީ ވައި ދައުރުވާގޮތަށް ހުޅުވާފައެވެ. އެހެންނޫނީ، އެގްޒޯސްޓް ފަންކާއެއް ހަރުކޮށްގެން ކޮޓަރީގެ ވައި ބަދަލުވާންޖެހޭނެއެވެ. ކޮޓަރީގެ ވައި ބަދަލުވާންޖެހޭ މިންވަރު ބޭރުގެ ކޯޑުތަކުގައި ކަޑައަޅާފައި ހުރެއެވެ. ނިދާކޮޓަރިއެއްނަމަ، ކޮޓަރިތެރެއިން 14 ލީޓަރު ވައި ކޮންމެ ސިކުންތަކު ބޭރުވާން ޖެހޭނެއެވެ. ނުވަތަ މުޅިކޮޓަރީގެ ވައި ކޮންމެ ގަޑިއަކު މަދުވެގެން ދެ ފަހަރު ބަދަލުވާންޖެހޭނެއެވެ.

އައްޔާ ބެހޭ ގޮތުން ވިސްނާއިރު، ކުޑަދޮރުގެ ސައިޒު ކަޑައަޅާފައި އެވަނީ އެ ކުޑަދޮރު ހުޅުވެނީ ހާމަ ޖާގައެއް ކަމަށް ބަލައެވެ. އަލިވަންނަ ވަރުން މީހުންގެ ހިތްހަމަޖެހުން ކުޑަވެ ބޮޑުވެއެވެ. ދަށްވެގެން އަލި ހުންނަންޖެހޭ މިންވަރު މިލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.

ގިނަ މީހުން ހިތްހަމަޖެހެނީ ކޮޓަރީގައިވާ މޭޒެއްގެ މައްޗަށް ބޭރުގައި ހުންނަ އަލީގެ މިންވަރުގެ %5 ހުންނަ ނަމައެވެ. އަލިހުންނަ ވަރު ބަލަނީ މީޓަރަކުންނެވެ. މި ޒަމާނުގެ ކޮންމެ ފޯނެއްގައި މި ބެލޭނޭ ނިޒާމު ވެއެވެ. ޕްލޭ ސްޓޯރ ފަދަ ތަނަކުން ލައިޓްމީޓަރު ޕްރޮގްރާމެއް ޑައުންލޯޑު ކޮށްލުމުން ފޯނު ލައިޓްމީޓަރެއްގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. ބޭރުއަލީގައި ގާތްގަޑަކަށް 10،000 ލަކްސް ހުންނަ ނަމަ، ކޮޓަރީގައި 200 ހުންނަނިކޮށް ހިތްހަމަޖެހޭނެއެވެ. ލަކްސް އަކީ، ދިގުމިން ފޫޓުން މިންކުރާ ފަދައިން، އަލިހުންނަ ވަރު ބަލާ ޖިންސެވެ. ބޭރުގައި ހުންނަ އަލީގެ  %4 ހުރި ކަމުގައި ވިޔަސް ރަނގަޅުވާނެއެވެ.

މައްސަލައިގެ ހައްލު

ބުރި ބުރިއަށް ހަދާފައި ހުރި ޢިމާރާތެއްގެ ވައިގޮޅިއާ އިންވެގެން އުސް ޢިމާރާތެއް ކުރުމުން ވައިގޮޅި ބެދޭ ބެދުމަށް ރަނގަޅު ހައްލެއް ނެތެވެ. ދިހަބުރީގެ ޢިމާރާތެއް ނަމަ، އެފަދަ ވައިގޮޅިއަކީ ސަތޭކަވަރަކަށް ފޫޓުގެ ފުން ވަޅެކެވެ. ތިރީކޮޅުވަނީ ބެދިފައެވެ. ވައި ދަތުރުކުރަން ހެދޭނެ އެއްގޮތަކީ ބިންމައްޗާ ހިސާބުން ވައި ގޮޅިއަށް ވައި ވަންނާނޭ، އެ ގޮޅިހާ ބޮޑު ޖާގައެއް ހެދުމެވެ. މިކަން ކުރުމަށް ކޮޓަރިއެއް ނުވަތަ އެހެން ވެސް ތަނެއް ބިންމަތީ ބުރިން ހުސްކުރަން ޖެހިދާނެއެވެ.

ދެވަނަ ގޮތަކަށް ފެންނަނީ، ވައި ހޮޅިއަށް ކޮޓަރިތަކުގެ ތެރެއިން ވައި ފޮނުވުމެވެ. މިކަން  ކުރެވޭނީ ތިރީބުރިތައް އެއަރކޯން ނުކޮށް ހުންނަ ނަމައެވެ. ކުޑަދޮރުތަކުގެ މަތީ ”ފެންލައިޓު“ ބައިގައި ވައިބޭރުކުރާ ބާވަތުގެ ފަންކާ ބަހައްޓާނީއެވެ. މި ފަންކާ ތަކަކީ އަބަދު ހިންގަން ކަރަންޓު ދީފައިވާ ފަންކާތަކަކަށް ވާން ވާނެއެވެ. މަތީބުރިތަކުގައި އެއަރކޯން ހަރުކޮށްފައިވާނަމަ، އެކަށީގެންވާ ބާރުމިނެއްގައި ތިރިން ވައިފޮނުވަން ޖެހޭނެއެވެ. މިފަދަ ތަންތަނުގައި ހަރުކުރާ އެއަރކޯންގެ އައުޓުޑޯ ޔުނިޓްގައިވާ ފަންކާއިން މައްޗަށް ވައި ފޮނުވާނަމަ، ވަރަށް ރަނގަޅުވާނެއެވެ. ނަމަވެސް މިބާވަތުގެ ފަންކާ ހުންނަނީ ބޮޑެތި އެއަރކޮންޑިޝަން ތަކުގައެވެ. އެހެންކަމުން ގިނަ ފަރާތްތަކަށް މިގޮތެއް ކަމަކު ނުދާނެއެވެ. އެއަރކޮންޑިޝަން ހަރުކޮށްފައި ހުރިނަމަ، ހަދަންޖެހޭނެގޮތަކީ، އެންމެ ތިރީބުރީގެ ކޮޓަރިއަކަށް މަގުމަތިން ވައްދާ ވައި، އެކްޒޯސްޓް ފަންކާއަކުން ވައިގޮޅިތެރެއަށް ފޮނުވުމެވެ. އެއަރކޯންގެ ހޮޅިތަކުގެ ތެރެއިން ފޮނުވާ ވައި، އޭގެ ތެރެއިން ދެވަނަ ފަހަރަށް ނުވަންނަ ހާ ބާރަށް ތިރިން ވައި ފޮނުވަން ވާނެއެވެ.

verticalfan

ތިންވަނަ އަދި އެންމެ ފަހު ގޮތަކީ، ވައިގޮޅީގެ އެންމެ ތިރިއަށް މަތިން ހޮޅިއެއް ބާލައިގެން ތާޒާ ވައި ވެއްދުމެވެ. އެއީ ތިރީގައިވާ ކުރެހުމުގައިވާ  ފަދައިންނެވެ. މިފަދަ ހޮޅިއެއްގެ ކޮޅުގައި ހަރުކުރާ، އެކަމަށް ޚާއްޞަ، ވައި ވައްދާ ފަންކާ ރާއްޖެއިން ބޭރުން ލިބެން ހުރެއެވެ. ގޭގެ ބޮޑުކުޑަމިނުން މި ހޮޅީގެ ފަލަމިނުގައި މަދުވެގެން އެއް ފޫޓުވަރު ހުންނަން ޖެހޭނެއެވެ. އެހެން ޤައުމުތަކުގައި ގެދޮރު ހަދާ ވަނުމުގެ ކުރިން ވައިވަންނަ މިންވަރު އަވަށުފަރާތުން ރަނގަޅުތޯ ބަލައި ހަދައެވެ.

4-acustico-en

ދެން ދުވާލުގެ އަލީގެ މައްސަލަ އެހެން ނޫންތޯއެވެ؟ މި މައްސަލައަށް ވެސް އެދެވޭ ހައްލެއް ނެތެވެ. ވައިގޮޅީގެ މަތިން ދެވަނަ ބުރިއާ ހަމައަށް ނޫނީ އެކަށީގެންވާ އައްޔެއް ނުވަންނާނެއެވެ. އެހެންކަމުން، ކަރަންޓު އަލިން ނޫނީ މިކޮޓަރިތަކަށް އަލިލިބޭނޭ އެހެން ފަސޭހަގޮތެއް ނޯންނާނެއެވެ. އެންމެ ރަނގަޅު ގޮތަކީ، މިކަން މެދުވެރި ނުވާނެގޮތަކަށް ގަވާއިދުތައް ބަދަލުކުރުމެވެ.

މުސްތަޤްބަލްގައި މައްސަލަ ހައްލުކުރަން، އިމާރާތްކުރުމުގެ ގަވާއިދަށް ގެންނަންވީ އިޞްލާޙުތައް

ކޮންކްރީޓް ޢިމާރާތްތަކަކީ ދާއިމީ ޢިމާރާތްތަކެއް ނޫނެވެ. މިފަދަ ޢިމާރާތްތަކުގެ ޢުމުރެއް ކަމަށް ބަލަނީ 50 އަހަރެވެ. އެހެންކަމުން، މިހާރު މިހުރި  ޢިމާރާތްތައް އޭގެ ޢުމުރު ހަމަވުމުން ތަޅާލާ އައު ޢިމާރާތްތަކެއް ކުރާނެއެވެ. މާލޭގެ ފަސްގަނޑު 50 އަހަރު ވިޔަސް އޮންނާނެއެވެ. އެހެންކަމުން، ވިސްނަންވީ މިފަދަ މައްސަލަތައް ނުނުކުންނާނެ ގޮތަށް ގަވާއިދުތައް އަވަހަށް ބަދަލުކުރެވޭތޯއެވެ.

މި މައްސަލަ މެދުވެރިވާނީ 100 ފޫޓަށް ވުރެ ތިރި ޢިމާރާތްތަކުގައެވެ. އެއީ 100 ފޫޓު ހަމަވާކަމުގައި ވަނީނަމަ، އިމުން ވަށައިގެން އެއް މީޓަރު (ގާތްގަޑަކަށް ދެ ފޫޓުބައި) ދޫކުރަން ޖެހޭނޭ ކަމަށް ދިވެހިރާއްޖޭގެ ކޯޑުގައި ވެސް ހިމެނެއެވެ. 100 ފޫޓަށް ވުރެ އުސްވާނީ، 10 ބުރިއަށް ވުރެ އުސް ޢިމާރާތްތަކެވެ.

ވައިގޮޅީގެ ހަތަރުފަރާތް ބެދުމުން، އިމާރާތްކުރުމުގެ ގަވާއިދު ނުވަތަ ކޯޑުގެ ރޫޚާ ޚިލާފުވެއެވެ. ތަޅުމުގެ އޭރިޔާގެ %10 ކުޑަދޮރުގެ އޭރިޔާ ގައި ހުންނަން ޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވަނީ އެ ކުޑަދޮރު ހުޅުވެނީ ހަތަރު ފަރާތުން ތިރީހަކަށް އިންޗި ދުރުން ބެދިފައިވާ ޖާގައަކަށް ބަލައިގެންނެއް ނޫނެވެ. ސާފުވަޔާއި އަލި ނުލިބޭނަމަ ރައްޔިތުންގެ މެދުގައި ބަލިމަޑުކަން ފެތުރި އުފެއްދުންތެރިކަން ދަށަށް ދާނެއެވެ. ސާފުވަޔާއި އަލި ނުލިބޭ ޢިމާރާތްތަކުގައި އުޅޭ މީހުން ފަސޭހައިން ބަލިވާތީ، މިފަދަ ޢިމާރާތްތަކަށް “ސިކް” (ބަލިޖެހޭ) ޢިމާރާތްތަކޭ ކިޔައެވެ.

ތިރީގައި މިދަންނަވަނީ މި މައްސަލަ ހައްލުކުރުމަށް ގަވާއިދަށް ގެނެވިދާނެ ބަދަލުތަކެވެ.

1

ފުރަތަމަ ގޮތަކީ އެއްފަރާތުގައި މަގު އޮންނަ ގޯއްޗެއްނަމަ، 12 މީޓަރަށްވުރެ (ހަތަރު ބުރިއަށް ވުރެ) އުސް ޢިމާރާތެއް ކުރާނަމަ، މަގުގެ ބިއްދޮށު އިމުން އެއް މީޓަރު އެތެރެއަށް ޖައްސާފައި ނޫނީ ޢިމާރާތް ނުކުރެވޭނެގޮތަށް ގަވާއިދު ބަދަލުކުރުމެވެ. ގަވާއިދުގައި މިހާރުވާގޮތުން، 30.48 މީޓަރު ނުވަތަ 100 ފޫޓަށް ވުރެ އުސް ޢިމާރާތެއް ނަމަ، މައިމަގު ފިޔަވާ އެހެން ފަރާތްތަކުން މިގޮތަށް އެތެރެއަށް ޖައްސަން ޖެހެއެވެ. އެހެންކަމުން، މިހުށަހަޅާ ބަދަލަކީ ފަސްބުރިއާއި ފަސްބުރިން ފެށިގެން އުސްކޮށް ޢިމާރާތް ކުރާނަމަ، އެންމެ ބިއްދޮށުން އެތެރެއަށް ޖައްސަން ޖެހުމެވެ.  މިހާރު އޮތްގޮތް ތިރީގައި އެވަނީއެވެ.

..setbackrule

2

ދެން އޮތް ގޮތަކީ، ވައިގޮޅީގެ ސައިޒު ބޮޑު ކުރުމެވެ. ވައިގޮޅި ބޮޑުކުރަންޖެހޭ ނިސްބަތް، ޢިމާރާތް އުސްވިވަރަކަށް ބޮޑުވާނެއެވެ. ވައިގޮޅި އެއް ސައިޒެއްގައި، މަތިން ފެށިގެން ތިރިއަށް ހުންނާކަށް ނުޖެހެއެވެ. މަތީބުރިތަކާ ދިމާލަށް ވައިގޮޅި ބޮޑުކުރެވިދާނެއެވެ. މިކަމާ ބެހޭ ހިސާބުތައް ހެދުމަށްފަހު، އެކި އުސްމިނުގެ ޢިމާރާތްތަކަށް ވައިގޮޅި ހުންނަންވީ ވަރު ކަނޑައެޅިދާނެއެވެ. އެއީ އެ ވައިގޮޅިން އައްޔާއި ވައި ލިބެންވީ ކޮޓަރިތަކުގެ އަދަދާއި ބާވަތަށް ބިނާވާ މިންވަރެކެވެ.

ބޭރު ބައެއް ޤައުމުތަކުގައި ވައިގޮޅީގެ އޭރިޔާ ކަނޑައެޅިފައި ވެއެވެ. އެއް ޤައުމެއްގައި، ވައިގޮޅިއެއްގެ އޭރިއާގައި އެންމެ ކުޑަވެގެން ހަތަރު އަކަމީޓަރު ހުންނަން ޖެހޭނެކަމަށާއި ދެ ކުޑަދޮރު ދޭތެރޭ މަދުވެގެން ދެ މީޓަރު ހުންނަން ޖެހޭނެ ކަމަށް ބަޔާން ވެގެން ވެއެވެ. މިއީ 6 ބުރިއާ ހަމައަށް ހުންނަން ޖެހޭ ގޮތެވެ. މަތީބުރިތަކުގެ ވައިގޮޅިތަކުގެ މިންތައް މިއަށް ވުރެ ބޮޑެވެ.

3

ތިންވަނަ ގޮތަކަށް ފެންނަނީ ވައިގޮޅި އުވާލުމަށް ފަހު، މެކެނިކަލްކޮށް (ކަރަންޓު ފަންކާއިން) ވެންޓިލޭޓް ކުރެވޭނޭ ނިޒާމެއް ހަރުކުރުމެވެ. މިފަދަ ނިޒާމެއްގެ މައްސަލައަކީ، ކަރަންޓު ގޮސްފިނަމަ، ކޮޓަރިތައް މުޅިންބެދޭ މައްސަލައެވެ. މިއީ ކޮންމެ ކޮޓަރިއަކަށް އެއް ފޫޓު ޑައެމީޓަރު ހުންނަ ހޮޅިއެއް އަޅައި ފެންވައިރުކުރާ ފަދައިން ކުރާ ކަމެކެވެ. މިކަމާ ބެހޭ މެޝިނުގަނޑު ބަހައްޓަން ކުޑަވަރެއްގެ ކޮޓަރިއެއް ބޭނުންވާނެއެވެ. އެންޖިނިއަރިންގ ގައި ރަނގަޅު ނިޒާމަކީ އެ ނިޒާމެއް ހަލާކުވުމުން ސަލާމަތްތެރިކަން ލިބޭނިޒާމެކެވެ. ފެއިލް-ސޭފް ނިޒާމެކެވެ. މިކަމަށްޓަކައި، މިގޮތަކީ ރަނގަޅު ގޮތެއް ކަމަކަށްނުފެނެއެވެ. އެއީ ކަރަންޓުން ކުރަންޖެހޭ ކަމެއް، ޚަރަދު ކުޑަކުރުމުގެ ގޮތުން ނުކުރުން ގާތްކަމުންނެވެ.

4

ހަތަރުވަނަ ގޮތެއް ކަމަށް ފެންނަނީ، ވައިގޮޅިއަށް ތިރިން ވައި ވަދެވޭނޭ، ވައިގޮޅިއަށް ވުރެ އޭރިއާ ކުޑަނޫން ޖާގައެއް ބިމާ ހަމައިން، ހުންނަން ޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކުރުމެވެ. ދާދި ފަހުން، ހަބުރި ގެއެއް ފަރުމާކުރަން ޖެހުމުން، އަޅުގަނޑު ހުށަހެޅި ގޮތަކީ ވެސް މިއީ އެވެ. މިގޮތުގައި ހިމެނެނީ، ގޭގެ ފުރަތަމަ ތަޅުން ބިމުން ދެ ފޫޓެއް ހައި ތަނަށް އުސްކޮށްލުމެވެ. މަގުމައްޗަށް ހުޅުވިފައި ހުންނަ މިބައިގައި ވައިވަންނާނޭ ގޮތަށް ކަތިފިލާ ޖަހާނީއެވެ. ވައިގޮޅިތަކަށް ވައި ވަންނާނީ މި ޖާގައިންނެވެ. ވައި ބޭރުވާނީ ޢިމާރާތުގެ މަތިންނެވެ. ”ސްޓެކް އިފެކްޓް“ގެ އަސަރު ގަދަކުރުމަށްޓަކައި، ވައިހޮޅި ހުންނަން ޖެހޭނީ ފުރާޅު ނުވަތަ އެންމެ މަތީ ބިނާކުރިބަޔަށްވުރެ ދެ މީޓަރު އުސްކޮށްފައެވެ. އެއަރކޯން ވައިގޮޅިއަށްލާނަމަ، ފަންކާއިން ވައި މަގުމަތިން ވައްދަން ޖެހޭނެއެވެ. ތިރީގައިވާ ކުރެހުމުގައިވާ ފަދައިންނެވެ. މިފަދަ ބަދަލެއް ގަވާއިދަށް ގެންނައިރު މި ޖާގަ އުސްކޮށް، ޕާކުކުރެވޭނޭ ޖާގައެއް ކަޑައަޅައިފިނިމަ، މިހާރު މާލޭގެ މަގުތައް ތޮއްޖެހޭ ޖެހުމަށް ހައްލެއް އަތުވެދާނެއެވެ.

Chimney effect study copy

އުސްކޮށް މާލޭގެ ގެދޮރުތައް ބިނާވަމުންދާ ރޭޓަށް ބަލާއިރު، ހީވަނީ މާ ގިނަ ދުވަހެއް ނުވަނީސް، ހުރިހާ ޢާއްމު ގެއެއް އެތައް ބުރިއަކަށް ނަގާނޭ ހެންނެއެވެ. ހަނި ޖާގަތަކަށް ހުޅުވޭ  ކުޑަދޮރުތަކަށް ކިޔާ ނަމެއް އެމެރިކާގައި އޮވެއެވެ. އާދެ! ޓީބީ ކުޑަދޮރެވެ. އެއީ ކީއްވެގެން ކިޔާ ނަމެއްކަން އެނގިވަޑައިގަންނަވާ އެހެން ނޫންތޯއެވެ؟ މި ބާވަތުގެ ކުޑަދޮރު އެމެރިކާގައި މަނާކުރިތާ މިހާރު 115 އަހަރު ވެއްޖެއެވެ.

އެހެންކަމުން، މިހާރުގެ ޕްލޭނިންގ ގަވާއިދުތަކުގެ ސަބަބުން ނުކުންނަ މައްސަލަތައް އަވަހަށް ހައްލުކުރުމަކީ، އަދި، މައްސަލަތައް ނުނުކުންނާނެ ގޮތަކަށް ގަވާއިދުތައް އިސްލާހު ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ގަވާއިދުތައް ޓީބީ ކުޑަދޮރު ބަހައްޓަން ހުއްދަ ދިނަސް، ގެދޮރުތައް ފަރުމާކުރާއިރު މި މައްސަލަ ނުނުކުންނާގޮތަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ސަލާމަތްތެރިކަމެވެ.

 އެހެންނޫނީ މާލޭގެ ގިނަމީހުން ވާނީ ”ސިކު“ ބިލްޑިންގތަކުގައި ދިރިއުޅޭ ”ސިކު“ ބަޔަކަށެވެ.

 

whoreportcancer

ނޯޓު:

ވައިގޮޅި ތަންކޮޅެއް ބޮޑު ވެފައި، ގޭގެ ފުރާޅަށް ވުރެ ތަންކޮޅެއް އުސްކޮށް ހުންނަނަމަ، އެ ޖާގައިން ގޭތެރެއަށް ވައި ވަދެ ނުކުމެވޭ ގޮތް ފާރިސްކަރައިގެ މީހުން މީގެ އެއްހާހެއްހާ އަހަރު ކުރިން ހޯދާފައި ވެއެވެ. ނަމަވެސް، 10 ބުރީ ޢިމާރާތެއްގައި ކުޑަކުޑަ ވައިގޮޅިއެއްގައި މިގޮތް މަސައްކަތެއް ނުކުރާނެއެވެ. ހިތަދޫ ކެމްޕަހުގައި ބިނާކުރުމަށް ކުރަހާފައިވާ ދަނާލެއްގައި މިފަދަ ތަނެއް ހެދުމަށް ޚިޔާލު ކުރެވި، އާކިޓެކްޓުންނަށް މިގޮތް ތަޢާރުފުކުރަން ތައްޔާރުކުރި ޕްރެސެންޓޭޝަން މިއޮތީއެވެ.