ރަށްފުށުގެ ތަނަވަސްކަމަށް

ކޮޕީގަހުގެ ފަތްތައް ބޮޑުކޮށް ހައްދާނޭ ގޮތް

އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ ޢަބްދުއްރަޙީމް ކިޔައިދިން ވާހަކައެކެވެ. ކޮޕީގަސް އިންދައިގެން އޭނާ ހައްދާއިރު، އެ ގަހުގެ ފަތްތައް ބާޒާރުގައި ވިއްކަން ހުންނަ ފަތްތަކަށް ވުރެ މާ ކުއްޖެވެ. މިކަމާ ކަންބޮޑުވެގެން، ކޮޅުފުށީގައި ދިރިއުޅޭ އޭނާގެ އެކުވެރިއަކު ބުނި ގޮތެއް ހެދުމުން ގަހުގެ ފަތްތައް ވަރަށް ބޮޑުވާން ފަށައިފިއެވެ. އަޅުގަނޑު މި މަޒުމޫނުގައި ދަންނަވާލާނީ ޢަބްދުއްރަޙީމް ކޮޕީގަހުގެ ފަތްތައް ބޮޑު ކުރަން ކަންތައް ކުރި ގޮތެވެ. އަދި މިވާހަކައިގެ ތެރެއިން, ގަސްތައް ނިކަމެތި ނަމަ، ކަން ކުރާނޭ ގޮތެވެ.

ނަމަވެސް ކޮޕީފަތުގެ ވާހަކަ ދައްކާނަމަ، އެ ގަސް ހައްދާނޭ ގޮތް ކިޔައިދޭންވާނެތާއެވެ.

ޢަބްދުއްރަޙީމްތޯ އެވެ. އޭނާއަކީ ކުޑަ ޖާގައެއްގައި ގަސް ހެއްދުމުގެ ގޮތުން މަޝްހޫރުކަން ހޯދާފައިވާ ފަރާތެކެވެ. ގަސްތައް ހެއްދުމަށް ހުންނަ ޝައުޤެއްގެ ސަބަބުން، އެކި ނޫސްތަކުގައި ވެސް އޭނާގެ ވާހަކަ ލިޔެފައި ވެއެވެ. އަޅުގަނޑުވެސް ޢަބްދުއްރަޙީމް ސްޓްރޯބެރީ ހެއްދިގޮތާ ބެހޭ ގޮތުން މަޒުމޫނެއް ލިޔެފައިވާނެއެވެ. ތިރީގައިވާ ފޮޓޯއަށް އޮބާލުމުން އެ މަޒުމޫނު ފެންނާނެއެވެ.

ޢަބްދުއްރަޙީމަށް ކޮޅުފުށީ ރަޙްމަތްތެރިޔާ ދިން ނަސޭޙަތަކީ ކޮޕީގަސްތަކަށް ގިރުވާފައި އަޖިނަމޮޓޯ ޖެހުމެވެ. އަޖިނަމޮޓޯ އަކީ، ތަކެތީގެ ރަހަ ގަދަކުރަން، ކައްކާ ތަކެއްޗަށް އަޅާ ކުނޑިއެކެވެ. މިއީ ވަރަށް ޢާއްމުކޮށް ރާއްޖޭގައި ލިބެން ހުންނަ އެއްޗެކެވެ. ބައެއް ގަސްކާނާއަށް ވުރެ އަގުވެސް ހެވެވެ. ޢަބްދުއްރަހީމް ކިޔައިދިން ގޮތުގައި، އަޖިނަމޮޓޯ ޖެހުމަކީ ކޮޕީގަހުގެ ފަތްތައް ބޮޑުވާ ކަމެކެވެ. މުޖައްރިބު ކަމެކެވެ.

 

މިވާހަކަ ކިޔައިދިނުމުން ރާއްޖޭގައި ގަސް ހައްދާ މީހުންނަށް މިކަމުން ފައިދާއެއް ކޮށްފާނެތީ، އަޖިނަމޮޓޯ ގަސްތަކަށް ޖެހުމާ ބެހޭ ސައިންސްގެ ތަޙްޤީޤުތައް ފެނޭތޯ އަޅުގަނޑު ބެލީމެވެ. މި ބެލުމުން ޔޫޓިއުބުން މިކަމާ ބެހޭ އެތައް ވީޑިއޯ އަކާއި އެކި ފަރާތްތަކުން ކޮށްފައިވާ ސައިންސްގެ ތަޙްޤީޤުތައް ފެނިއްޖެއެވެ. މިކަންކަމުން އަޅުގަނޑަށް އަޖިނަމޮޓޯ އަކީ ގަސްކާނާގެ ގޮތުގައި، ފަތްތަކަށް ބުރުއްސުމަށް ރަނގަޅު އެއްޗެއްކަން ޔަޤީން ވިއެވެ.

ދެން އޮތީ އަޖިނަމޮޓޯ ގެ އަސްލާއި ޖަހާނޭގޮތް ކިޔައިދިނުމެވެ.

 

އަޖިނަމޮޓޯ ގެ ވާހަކަ ފެށެނީ، ޖަޕާނުގެ ސައިންސްވެރިއެއްގެ އަނތްބަކު އޭނާގެ ފިރިމީހާއަށް ހަދައިދޭ ސުރުވާ ތަށްޓަކުންނެވެ. ޖަޕާނު މީހުންނަކީ، ހިކި ކަނޑުމަސް ލިޔެފައި، ފެނަށް އަޅައި ހޫނުކޮށްގެން އުފެދޭ ދިޔައަށް ތަފާތު ތަކެތި އަޅައިގެން މޭހެޔޮކުރާ ސުރުވާއެއް ހަދާ ބައެކެވެ. ލިޔެފައި ހުންނަ ހިކި ކަޑުމަސް، ފެނަށް އަޅައި ހޫނުކުރުމުން އުފެދޭ ގަރުދިޔަ އަށް ކިޔަނީ ދަޝި އެވެ. ފިރިމީހާއަށް ފާހަގަ ކުރެވުނީ، އަނބިމީހާ ހަދައިދޭ ސުރުވާގައި އާދަޔާ ޚިލާފަށް މަސްރަހަ ގަދަކަމެވެ. މިކަން ފާހަގަ ކުރެވިގެން އޭނާގެ އަންހެނުންގެ ކައިރީގައި ސުރުވާއަށް އަޅަނީ ކޮންކޮން ތަކެއްޗެއްތޯ ސުވާލުކުރުމުން އަޅައި ތަކެތި ކިޔައިދީފިއެވެ. މިތަކެތީގެ ތެރޭގައި ޖަޕާނު މީހުން ކައި އުޅޭ މޫދުވިނައެއް ވެއެވެ. މި ވިނައަށް އެމީހުން ކިޔަނީ ކޮންބުއެވެ. ސައިންސްވެރިޔާއަށް ވިސްނުނީ ސުރުވާގައި ހުންނަ މީރު ރަހަ ނުކުންނަނީ މި މޫދުވިނައިން ކަމެވެ. ދެން އެ ވިނަ ބޮޑަށް ދިރާސާ ކުރުމުން، ވިނައިގެ ރަހަ ނުކުންނަ މާއްދާ ދެނެގަނެވިއްޖެއެވެ. އޭގެ ސައިންޓިފިކް ނަމަކީ މޮނޯސޯޑިއަމް ގްލޫޓަމޭޓް އެވެ. ކުރުކޮށް ކިޔަނީ އެމް.އެސް.ޖީ. އެވެ. މިކަމެއް ހިނގީ މީލާދީން 1908 ވަނަ އަހަރުއެވެ. އޭގެ އެއް އަހަރު ފަހުން އޭނާ އެ މާއްދާ ލޮނު ފަދަ އެއްޗަކަށް ހަދައި ވިއްކަން ފަށައިފިއެވެ. ނަމަކަށް ކީ އަޖިނަމޮޓޯ އެވެ. މި ޢިބާރާތުގެ މާނައަކީ ”ރަހައިގެ އަރަގު“ އެވެ. މިކަމުގެ ތެރެއިން އައު ރަހައެއް ފާހަގަ ކުރެވިފައި ވެއެވެ. ލޮނުރަހައާއި ފޮނި ރަހައާއި ހުތް ރަހަ އާއި ހިތި ރަހަ ގިނަ މީހުންނަށް މިހާރުވެސް އެނގޭނެއެވެ. ފަހުން ފާހަގަކުރެވުނު ފަސްވަނަ ރަހައަކީ މަސްރަހަ އެވެ. މި ރަހައަށް ޖަޕާނު ސައިންސްވެރިޔާ ކީ ނަމަކީ އުމާމި އެވެ. އުމާމީގެ މާނައަކީ ޖަޕާނު ބަހުން މީރު ރަހަ އެވެ. ތިރީގައި އެވަނީ ސައިންސްވެރިޔާގެ ފޮޓޯއަކާއި އަޖިނަމޮޓޯ ނެގި މޫދުވިނައެވެ. މި ޒަމާނުގައި އަޖިނަމޮޓޯ ހަދަނީ ޒުވާރިއާއި ވިލާތުއަލުވި ފަދަ ތަކެތި ކަމީރުކޮށްގެންނެވެ.

 

އަޖިނަމޮޓޯ ގަސްތަކަށް ޖާހާނޭ ގޮތް


އަޖިނަމޮޓޯ ޖެހުމަށް އެންމެ ރަނގަޅު ގޮތަކީ ފެނަށް ގިރުވާފައި އިސްޕްރޭ ކުރެވޭ ފުޅިއަކަށް އަޅައި ޖެހުމެވެ. މިންވަރަކީ ކޮބައިތޯއެވެ؟ ކޮންމެ އެއްޗަކީ ވެސް، ބޭނުންކުރުމުގައި ވަކި މިންވަރެއް އޮންނަ އެއްޗެކެވެ. މާ މަދުނަމަ އަސަރެއް ނުކުރެއެވެ. މާ ގިނަ ނަމަ ކުރަނީ ނޭދެވޭ އަސަރެކެވެ. ތިރީގައިވާ ދިރާސާއިން އެނގޭ ގޮތުގައި، އެންމެ ރަނގަޅު މިންވަރަކީ، ދޮޅު ލީޓަރު ފެނަށް 150 މިލިގްރާމް އެޅުމެވެ. ދޮޅު ލީޓަރު ފުޅިއެއްގެ ގޮތުގައި ބޭނުންކުރުމަށް ފެން އަޅާފައި ހުންނަ މެދު ސައިޒުގެ ފުޅިއެއް ރަނގަޅު ވާނެއެވެ. 150 މިލިގްރާމް އަކީ، ސައިސަމުސަލެއް ތުނބާ ހަމައަށް އަޖިނަމޮޓޯ އަޅައި އެއްވަރު ކުރުމަށްފަހު (މަތިކެނޑުމަށް ފަހު)، އޭގެ ހަތަރު ބައިކުޅަ އެއްބައެވެ.

ޢަބްދުއްރަޙީމް ބުނެފައިވަނީ އޭނާ ބޭނުންކުރަނީ ފަސް ލީޓަރު ބޮޑު ފެންފުޅީގެ ފެނަށް އެއް ސައިސަމުސާ ކަމަށެވެ. ގަހުގެ ބާވަތުން ބޭނުންކުރާ ވަރު ތަފާތުވެދެއެވެ. ޢަބްދުއްރަޙީމް އަޖިނަމޮޓޯ ފެން އަޅަނީ ގަހުގެ ބުޑަށެވެ. އިސްޕްރޭ ކުރަނީކީ ނޫނެވެ.

ބައެއް މީހުން އަޖިނަމޮޓޯ ކުނޑި ގަހުގެ ބުޑަށް އަޅައެވެ. މި ވީޑިއޯ އިން ފެންނަ ފަދައިންނެވެ.

މި ވީޑިއޯއިން ފެންނައިރު އަޖިނަމޮޓޯ ޖަހަނީ ވަރަށް ގިނައިންނެވެ. އެކި ގަސްގަހަށް އެކި މިންވަރަށް ބޭނުންވާނެތީ، ގަހުގެ ބާވަތުން އަމިއްލަ ތަޖުރިބާތަކެއް ކުރަންޖެހޭނެކަމަށް ލަފާކުރެވެއެވެ.

އަޖިނަމޮޓޯ ގަސްތަކަށް ޖަހާނީ ހަފުތާއަކު އެއް ފަހަރު އެވެ. ނުވަތަ ފޮއިދުވަހުން އެއް ދުވަހުއެވެ.

ކޮޕީ އާ މެދު


ކޮޕީ އަކީ ބޮޑިކޮޕީގެ އާއިލާގެ ގެއްސެކެވެ. ދިވެހި ބަހުގެ ތެރެއަށް ”ކޮޕީ“ މި ލަފުޒު ވަދެފައިވަނީ ބަންގާޅުބަހުންކަމަށް ލަފާކުރެވެއެވެ. ކޮޕީއަކީ ރާއްޖޭގައި ހެދޭ ތަރުކާރީ ގަސްތަކުގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ބޮޑު އެއް ގެއްސެވެ. ކޮޕީގެހީގެ ގިނަ ބާވަތްތަކެއް ހުރެއެވެ. ނަމަވެސް ރާއްޖޭގައި ހައްދަނީ، އެންމެ ދެ ވައްތަރެކެވެ. އެއް ވައްތަރުގައި ނާރުތައް ހުންނަނީ ދަނބު ކުލައެއްގައެވެ. އަނެއް ބާވަތުގައި ނާރުތައް ހުންނަނީ ހުދުކުލައެއްގައެވެ. ބޭރު ގައުމުތަކުގައި ކޮޕީގެ ވިއްސަކަށް ބާވަތް ހައްދާ އުޅެއެވެ. ދިވެހިބަހުން ގެހި ކިޔަނީ ކުދި ތިރިކޮށް ހެދޭ ގަހަށެވެ.

ކޮޕީގެ އާދަޔާ ޚިލާފު އެއް ކަމަކީ އެއީ 2 އަހަރު ދުވަހުގެ ތެރޭގައި ހެދި މަރުވާ ގަހަކަށް ވާކަމެވެ. ފަހެ، ގަސްތަކުގެ ޢުމުރަށް ބަލައި، ތިން ބާވަތެއްގެ ގަސް ހުރެއެވެ. އެއީ އެތައް އަހަރެއް ވަންދެން ހެދޭ ގަހާއި، ދެ އަހަރު ދުވަހުގެ ގަހާއި އެއް އަހަރު ދުވަހުގެ ގަހެވެ. ދިވެހި ރުކަކީ އެތައް އަހަރެއް ވަންދެން ހެދޭ ގަހެކެވެ. ހަނޑޫ ގަހަކީ އެއް އަހަރު ދުވަހުގެ ގަހެކެވެ. މި ގިންތީގެ ތެރޭގައި އެއް އަހަރު ނުވަނީސް މަރުވާ ގަސްތައް ހިމަނައެވެ. ކޮޕީ ގަހަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ހެދި ބޮޑުވެ މަރުވާނޭ ގަހެކެވެ. މިހެން ދެންނެވިއަސް ދެ އަހަރަށް ވުރެ ގިނަ ދުވަހު ހެދޭ ކޮޕީ ހުރެއެވެ.

ރާއްޖޭގެ މީހުން ކޮޕީފަތް ޢާއްމުކޮށް ބޭނުންކުރަނީ ސަޓަނި ހެދުމަށެވެ. ބޭރު ގައުމުތަކުގައި ސަޓަނީގެ އިތުރަށް ފަތުގެ ތެރެއަށް ތަކެތި އަޅައިގެން ކީމިޔާގޮތަށް ތެލުލައި ނުވަތަ ފެނުކައްކައި ނުވަތަ އާވިން ކައްކައި ކެއުން ތައްޔާރު ކުރެއެވެ. ދިވެހީން މުރަނގަފަތް ތެލުލާގޮތަށް ތެލުލައި ހަދައެވެ. އަދި މި ނޫނަސް އެހެން ތަފާތު ކާނާތައް ތައްޔާރު ކުރެއެވެ. މި ފައިދާ ހުރި ފަތް ބޭނުންކުރާނޭ ގޮތްތައް ފެތުރުމަކީ، ފަތަށް އޮންނަ އެދުން ބޮޑުވެ، ދުޅަހެޔޮކަން އިތުރުވާނޭ ކަމެކެވެ. ދަނޑު ހައްދާ މީހުންނަށް ނަފާ ބޮޑުވާނޭ ކަމެކެވެ.

އޮށް ފެޅުވުމާއި ގޮފިން ގަސް އާލާކުރުން


ކޮޕީ ގަހަކީ އޮށް އަޅާ ގަހެކެވެ. ނަމަވެސް އޮށް އަޅާނީ ދެ އަހަރު ދުވަސްވުމުންނެވެ. އޮށް އެޅުމުން ހަރުވަންދެން ގަހުގައި ބަހައްޓައި ފަޅުވަން ފޮރުވިދާނެއެވެ. އޮފިން ހައްދާނަމަ، ގަހުގެ ކަނދުންފަޅާފައި ހުންނަ ކުރިތަކުން ދޮޅަހި ކުރި ކަނޑައި ކުޑަ ކަންވާރެއްގައި އިންދިދާނެއެވެ.

ކުރިން ކުރިފަޅުވައިގެން ހައްދާނަމަ، ދެތިން ގޮތެއް ބޭނުން ކުރެވިދާނެއެވެ. އެއްގޮތަކީ ގަހުގެ ކުރިއަކުން ފަތްތައް ވަކިކޮށް ހަތަރުވަރަކަށް ފަތްވަޅު ހުންނަވަރުގެ އޮފިކޮޅެއް ފެނަށް ލައި މޫ ފޭބުމުން އިންދާތަނުގައި ރުވުމެވެ. ދެވަނަ ގޮތަކީ، ހަތަރު ފަސް ބަދަ ހުންނަ ވަރުގެ އޮފިކޮޅަކުން ފަތްތައް ވަކިކޮށް، ހައްދަން ބޭނުންވާ ތަނުގައި އިންދައި ފެންދެމުން ގެންދިއުމެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.

 

ފެނާއި އަވި


ކޮޕީގަހަކީ ގިނައިން އަތްވާއި ފެން ބޭނުންވާ ގަހެކެވެ. އެހެންކަމުން ގަސް ހައްދާތަނަށް އަވި ދޭންޖެހޭނެއެވެ. ކޮންމެ ދުވަހަކު ފެންދޭން ވާނެއެވެ.

ރުވުން


ހައެއްކަ ފަތް ލުމުން ވަކި ތަނަކު އިންދިދާނެއެވެ. ބިންމަތީގައި އިންދާނަމަ، ދެ ގަސް ދޭތެރޭގައި ތިން ފޫޓުވަރު ހުންނަންވާނެއެވެ. ރީނދޫ ހަމުގައި ހައްދާނަމަވެސް މި ދުރުމިން ބަހައްޓަންވާނެއެވެ. ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާގައި ކާދު އަޅަންވާނެއެވެ. ބައެއް މީހުން މަހަކު އެއް ފަހަރުވެސް ކާދު އަޅައެވެ.

ބަލިތައް


ތަފާތު ބަލިތައް ކޮޕީގަހަށް ޖެހެއެވެ. ހަފުތާއެކު އެއްފަހަރު ގަސްތަކުގެ ނުފުށްބަލައި ގަހަށް ބަލިޖެހިފައިވޭތޯ ބަލަންވާނެއެވެ. އެންމެ ރަނގަޅު ބޭހެއްކަމަށް ބުނަނީ، ޗިސްކޮށް ފެނަށް އަޅާފައި ހުންނަ މިރުހާއި ލޮނުމެދު ފެން ގަހަށް ޖެހުމެވެ. އެހެން ބަލިތަކަށް ސައިބޯނިފެން ޖެހިދާނެއެވެ. ސައިބޯނި ފެން ހަދާނޭ ގޮތް ކުރީ މަޒުމޫނެއްގައި ލިޔެވި ހިނގާއްޖެއެވެ. ޢަބްދުއްރަޙީމް ބޭސް ހަދާއިރު، ބޭކިން ސޮޑާގެ ބަދަލުގައި ބޭނުންކުރަނީ ރާހުތްކަމަށް ބުނެފައި ވެއެވެ.

ފަތް ކެނޑުން


ކޮޕީގަހުގެ ފަތް ކެވޭ ވަރަށް ހެދެނީ އިންދާތާ 75 ދުވަހާއި 80 ދުވަހުގެ ތެރޭގައެވެ. ރަނގަޅަށް ހައްދާނަމަ، 40 ދުވަހުން ވެސް ފަތް ކެނޑެއެވެ. ފަތް ކަނޑާއިރު، ދެ އަހަރު ވަންދެން ހެއްދޭގޮތަށް ގަހަށް ގެއްލުން ނުވާނޭހެން ފަތް ކެނޑުން ހެޔޮވެގެން ވެއެވެ. ގަހުގެ ކަނދުން ފަޅާ ކުދިކުދި ގޮފިތައް ބުރިނުކުރާނަމަ، ގަހުގެ ފަތްތައް ކުޑަވާނެއެވެ. އަލުން އައު ގަހެއް ހެއްދުމަށް ބޭނުންކުރާނީ ބުޑުން ފަޅާ ކުރިއެވެ.