ސަރުކާރު ބަދަލުވުމުން،

މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ކުރެވޭނީ ކޮންކަމެއް؟

ތަޢާރުފު

މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ، 2018 ވަނަ އަހަރު ނޮވެމްބަރު މަހު ސަރުކާރު ބަދަލުވުމުން، މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ފަހިވާ އައު ފުރުޞަތުގައި — އައު ވިސްނުމަކުން ކަންކަމާ މެދު ފިކުރުކުރަން ލިބޭ ތަންވަޅުގައި — ޢަމަލު ކުރެވިދާނޭ ގޮތެވެ. މި ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން، ބައެއް ކަންތައްތަކަކީ، އެތައް ބައެއްގެ ޚިޔާލުގައި އެނބުރޭނޭ ކަންތައްތައް ކަން ކަށަވަރެވެ. ޓެކްސީ ޑްރައިވަރުންނާއި އެހެން ބައެއް މީހުން، މިއިން ބައެއް ކަންކަމުގެ ވާހަކަ ދައްކަނިކޮށް އަޅުގަނޑަށް އަޑުއިވިފައި ވެއެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުއްވާތަކެތި ގިނަވުމާއި މަގުމަތީގައި ޕާކުކުރުމެވެ. މަގުމައްޗަކީ އެންމެން ބޭނުންކުރަން އޮންނަ ޕަބްލިކް ސްޕޭސް (އެންމެންގެ ޖާގަ) އެއް ކަމުގައި ވިއަސް، މަގުމަތި ބޭނުންކުރެވެނީ ޕްރައިވެޓް ސްޕޭސް (ފަރުދީ އަމިއްލަ ޖާގަ) އެއްގެ ގޮތުގައެވެ.

ބޮޑެތި އެއްގަމު އުޅަނދުތައް ދުއްވާ ވަގުތަށް ބަދަލެއް ގެނައުން


މާލޭގެ މަގުތައް ތޮއްޖެހުން ހައްލުކުރަން ކަމަށް ބަޔާންކޮށް، 22 މާރޗް 2018 ގައި، ދުވާލު ގަޑީގައި މުދާ އުފުލުންމަނާ ކުރިކަމަށް މި ޚަބަރު ބުނެއެވެ. ދެން މުދާ އުފުލޭ ގޮތަށް ހަމަޖެއްސީ އިރު އޮއްސި 6 އިން ފެށިގެން އިރުއަރާ 6 ޖަހާއިރަށެވެ. މިގޮތަށް ހަމަޖެއްސި އިރު، ފިހާރަތައް ރޭގަނޑު 10:00 ގެ ފަހުން ބަންދުކުރަން އަމުރުކޮށްފައިވާތީ، އައު ގަވާއިދުގައި ފުށުއެރުންތަކެއް ހުންނާތީ، ފިހާރަތައް ހުޅުވިފައި ބެހެއްޓޭނޭ ވަގުތަށް ބަދަލެއް ގެނައެވެ. މި ޖުމުލައަށް ފިތާލައްވަނިކޮށް ހާމަވާ ރިޕޯޓުގައި މިކަމުން ނުކުތް މައްސަލަތަކުގެ ޚުލާޞާއެއް ވެއެވެ.  ވިޔަފާރިވެރިންނާއި ޢާއްމުންނަށް އައު ގަވާއިދުގެ ސަބަބުން ވަރަށް ދަތިވެ، ބައެއް ފަރާތްތަކުގެ ޝަކުވާ ބޮޑުވެގެން  26 ޖޫން 2018 ގައި ކުދި ޕިކަޕްގައި މުދާ އުފުލުން ހުއްދަކުރެވުނެވެ.  މި ގަވާއިދަށް ޢަމަލުކުރުންވީ ވިޔަފާރިވެރިންނާއި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ވަރަށް ތަކުލީފާއި ތުރާ ބޮޑުވި ކަމަކަށެވެ. މި ކަންތައްގަނޑު ހިނގީ ރައީސް ޔާމީން ދައުރުގެ ފަހު އަހަރުއެވެ.

ބައެއް މަގުތަކުގެ ދެ ފަރާތުގައި ބޮޑެތި ތަކެތި ޕާކުކުރުމުން މަގުތައް ވަނީ ”ހަނިވެފައެވެ.“ މިހާރު ރޭގަނޑު ދުއްވާ ލޮރީތައް މަގުތަކުގައި ދުވާލު ޕާކުކޮށްފައި ހުންނާތީ މަގުގެ ފުޅާމިނުން ދުއްވަން ބޭނުން ކުރެވެނީ މަގުގެ ކުޑަ ކަސްރެކެވެ.

ތަފާތު ހުށަހެޅުމެއް

ބޮޑެތި އުޅަނދުތައް ރޭގަނޑު ދުއްވާގޮތަށް ގަވާއިދު ބަދަލުކުރުމުން، ތޮއްޖެހޭ ވަގުތު އެހެން ވަގުތަކަށް ބަދަލުވީއެވެ. މައްސަލަ އެހެން ވަގުތަކަށް ޑިސްޕްލޭސް ވީއެވެ. މިއީ މައްސަލައިގެ ޙައްލެއް ކަމަކަށް ބައެއް މީހުންނަކަށް ނުފެނުނެވެ. ބަދަލުގެ ސަބަބުން ޢާއްމުންގެ އެތައް ބައެއް މުދާ ފޮނުވާށާއި ބަލައިގަންނަން ހޭލާ ތިބެން ޖެހެއެވެ. މުވައްޒަފުންގެ އުފެއްދުންތެރިކަން ރޭގަނޑުގެ ވަގުތުގައި ކުޑަކަމުން އަދި މަސައްކަތް ކުރެވޭ ވަގުތު މަދުކަމުން ޕްރޮޑަކްޓިވިޓީ ނުވަތަ ކުރެވޭ މަސައްކަތް މަދުވެއެވެ. ދުވާލުގެ އަލި ނުހުންނާތީ ރޭގަނޑު މުދައު އަރުވައި، ގެންގޮސް ބޭލުމުގައި އެތައް ދައްޗެއް ދިމާވެއެވެ. އިންސާނާގެ ފިޠުރީ ޠަބީޢަތަކީ ގަވާއިދު ބަދަލުކޮށްގެންނެއް ބަދަލުކުރެވޭ އެއްޗެއް ނޫނެވެ. ދުވާލު މަސައްކަތް ކުރެވޭ ގޮތަށް ރޭގަނޑު ބައެއް މަސައްކަތެއް ނުކުރެވެއެވެ.

މުދާއުފުލާ ތަކެތީގެ ސަބަބުން މަގުމަތި ތޮއްޖެހޭ ނަމަ، އަޅުގަނޑު މި މައްސަލައަށް ގުޅިފައިވާ ދެ ޙައްލެއް ހުށަހަޅަމެވެ. އެއް ގޮތަކީ، އުޅަނދެއްގެ ލައިސަންސް ނަންބަރަކީ އޮނަހިރި (1، 3، 5، 7، 9 އަށް ނިމޭ) ޢަދަދެއް ނަމަ، އެ އުޅަނދެއްގައި މުދާ އުފުލޭނީ ހެނދުނު 6 އިން ފެށިގެން މެންދުރު 12 އަށް ކަމަށް ހެދުމެވެ. ހިރި ޢަދަދެއް ނަމަ، ދުވާލު 12 އިން ފެށިގެން މެންދުރު ފަހު 6 އަށް ހެދުމެވެ. މި ގަވާއިދަކީ ދުވާލު ގަޑީގައި ޢަމަލުކުރާ ގަވާއިދެކެވެ.

މިގޮތަށް ހަދައިފިނަމަ، މާލޭގެ މަގުމަތީގައި ދުވާލު ދަތުރުކުރާނީ މިހާރު ޢަމަލުކުރާ ގަވާއިދު ހެދުމުގެ ކުރިން ދަތުރުކުރި މުދާ އުފުލާ އުޅަނދު ފަހަރުގެ ދެބައިކުޅަ އެއްބައެވެ. ކޮންމެ އުޅަނދަކަށް ވެސް ދުވާލު މުދާ އުފުލޭތީ ވިޔަފާރިވެރިންނާއި ޢާއްމުންނަށް މިހާރުވާ ދަތި ޑަބަލް ކުޑަވާނެއެވެ. އަދި ރޭގަނޑު މާލޭގެ މަގުތައް މިތޮއްޖެހޭ ޖެހުން ކުޑަވާނެއެވެ. މި ދެންނެވި ހައްލުން އޮބި ނޯންނަ ނަމަ، ދެން އޮތް ގޮތަކީ ތޮއްޖެހޭ ސަރަޙައްދުތަކުގައި ޕާކުކުރުން ހުއްޓުވުމެވެ. މިހެން ހެދުން ވެސް ބޮޑެތި ލޮރީގެ ދަަތުރު ދުވާލު މުޅިން ހުއްޓުވުމަށް ވުރެ ރަނގަޅުވާނެއެވެ.

ގުޅިފައިވާ ދެ ޙައްލު ކަމަށް އަޅުގަނޑު ކުރިން ދެންނެވީ ސަބަބެއް އޮވެގެންނެވެ. ކޮންމެ ފަދަ ގަވާއިދެއް ހެދިއަސް އެއަށް ޢަމަލު ނުކުރެވޭ ނަމަ، އެއިން ވާނޭ ކަމެއް ނޯންނާނެ އެވެ. ގަވާއިދަކުން ލުއިފަސޭހަކަން ލިބޭނީ އެ ތަންފީޒުކުރެވިގެންނެވެ. ގަވާއިދު ހިންގުމަށް ފުލުހުންގެ ދައުރު އަދާކޮށްގެންނެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި، ތޮއްޖެހެނީ ވަކި ސަރަޙައްދު ތަކެއްގައެވެ. އެހެންކަމުން، އެ ސަރަޙައްދުތަކަށް ސަމާލުކަން ދެނިކޮށް މައްސަލަ ޙައްލުކުރަން ފަސޭހަވާނެއެވެ. މިގޮތުގެ މަތިން އެ ސަރަޙައްދުތަކަކީ ޕާކު ނުކުރެވޭ ސަރަޙައްދުތަކަށް ހެދުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ. ދުއްވާތަކެތީގެ ގަވާއިދު ބުނާގޮތުން، ހަތަރު އަނގޮޅިއެއްގައި ދުއްވާ އެއްޗެއް ޕާކުކުރެވޭނީ، ކަނުން ފެށިގެން ވަކި މިންވަރަކަށް ޖާގަ ދޫކޮށްފައެވެ. ނަމަވެސް މާލޭގެ މަގުތަކަށް ބަލައިލުމުން މިއީ ތަންފީޒުކުރެވޭ ގަވާއިދެއްހެން ހިޔެއް ނުވެއެވެ. ތޮއްޖެހޭ ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި ފުލުހުން ދާއިމަށް ތިބެން ޖެހޭނެއެވެ. ނަމަވެސް، ފާހަގަ ކުރެވެނީ، ފުލުހުންގެ ދައުރު ފަހަކަށް އައިސް، ”ރިއެކްޓިވް“ (ކަމެއް ދިމާވުމުން އެކަން ހަމަޖައްސާ، އެކަމެއް ދިމާވިޔަ ނުދިނުމަށް އިސްކަންނުދޭ) ދައުރަކަށް ބަދަލުވެފައިވާ ކަމެވެ. ދިވެހި ތާރީޚީ ފޮތްތައް ބުނާގޮތުން، މާލޭގައި އިހުގައި ދައުލަތުގެ ފަރާތުން ވަޒީފާދީފައިވާ ”ރޭގަނޑު ހިނގާމީހުން“ ތިބެއެވެ. ބޭރު ޤައުމުތަކުގައި ފުލުހުންގެ ދައުރު ހަރުދަނާ ކުރުމާ ބެހޭ ސިޔާސީ މެނިފެސްޓޯ ލިޔުންތަކުގައި، ކުށް މަދުކުރުމަށް ފުލުހުން ”ބީޓް“ގައި ތިބުން ގިނަ ކުރާނޭ ކަމަށް ލިޔެފައި ހުރެއެވެ. ބީޓް ކިޔަނީ އަވަށެއްގެ ވަކި ސަރަޙައްދެއްގައި، ފޯރިއެއްގައި ފުލުހަކު ހިނގާބިނގާވާ ސަރަޙައްދާއި ވަގުތަށެވެ. މިގޮތަށް ތިބޭނީ ވަކި ސަރަޙައްދަކަށް ޙާއްޞަ ބަޔެކެވެ. މާލޭގައި މިގޮތަށް ސަރަޙައްދުތަކަކަށް ބަހައިގެން ވަކި ފުލުހުން މި ޒަމާނުގައި ހިނގާތީ އަޅުގަނޑަށް ފެނިފައެއް ނުވެއެވެ.

ކުދި ބަހާއި ބައިސްކަލު ޢާއްމުވުމާއި، މަގުތަކަކީ ހިނގާ މީހުންނަށް ރައްކާތެރި ތަނަކަށް ވުމަކީ، ކާރާއި ސައިކަލު ދުއްވުން މަދުވާނޭ ކަމަކެވެ. ބައިސްކަލު ރަޖިސްޓަރީ ކުރަންޖެހޭ ގޮތް  އަލުން ހަދައި، ރާއްޖެތެރޭގައި ދުއްވާ ތަކެތީގެ ރަޖިސްޓަރީ އެ ދުއްވާތަނެއްގައި ކޮށް، ފީގެ ގޮތުގައި ލިބޭ އާމްދަނީއެއް ވެސް އުޅަނދު ދުއްވާ ރަށަކަށް ލިބޭ ގޮތް ވުމަކީ، ބައިސްކަލު ވަގަށް ނެގުމުގެ ކަންކަން ކުޑަވާނޭ ކަމެކެވެ.

އެއްކޮޅަށް ދުއްވާ މަގުތައް މުރާޖަޢާކުރުން


މާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ މަގުތައް ކަމަށް ހަދައިފައިވަނީ މީގެ ވިއްސަކަށް އަހަރު ކުރީންނެވެ. އޭގެ ފަހުން، ބައެއް މަގުތަކުގައި އުސް ގެތައް ބިނާކުރެވި، ބައިބޯވެ، މާލޭގެ ޓްރެފިކް އޮއިވަރަށް ވަނީ ވަރަށް ބޮޑު ބަދަލު އައިސްފައެވެ. މިއާއެކު ބޮޑެތި ވިޔަފާރިކުރާ ތަންތަނާއި ސްކޫލްތަކާއި ޢާއްމުން ދާންޖެހޭ ތަންތަން އެކި ހިސާބުގައި އާބާދުވުމުގެ ސަބަބުން ކުރިން ހަމަ ޖެއްސި އެއްކޮޅަށް ދުއްވާ މަގުތަކަކީ މިހާރަށް ކަމުދާ މަގުތަކެއް ކަމަކަށް ނުފެނެއެވެ. މާލޭގެ އެއް ޕޮއިންޓުން (ނުވަތަ ތަނުން) އަނެއް ޕޮއިންޓަށް (ނުވަތަ ތަނަށް) ދަތުރުކުރަން ޖެހޭ މަގުތަކަށް ވިސްނާލުމުން މިކަން ޔަޤީން ވެއެވެ. ވަރަށް މަދު މީހުން ދަތުރުކުރާ މަގުތައް އެއްކޮޅަށް ދުއްވާ މަގުތައް ކަމުގައި ހަމަޖައްސާފައި ވޭމެއެވެ.

އެހެންކަމުން، މާލޭގެ ޓްރެފިކް އޮއިވަރު އޮމާންކުރުމަށް، އެއްކޮޅަށް ދުއްވާ މަގުތައް އަލުން މުރާޖަޢާ ކުރަންޖެހެއެވެ. ސައިންސް ބޭނުންކޮށްގެން، މަގުތަކުން މީހުން ދަތުރުކުރާ ނިސްބަތަށް ބަލައި، ދިރާސާތަކުގެ އަލީގައި މަގުތަކުގެ މިސްރާބު ކަޑައަޅަން ޖެހެއެވެ.

މެދުޒިޔާރަތްމަގާއި އަމީރު އަޙްމަދު މަގު ޓްރެފިކަށް ހުޅުވާލުން


2013 އިން ފެށިގެން 2018 އަށް ވެރިކަން ކުރި ސަރުކާރުގެ ދުވަސްވަރު،  މާލޭގެ މަލަމައްޗަށާއި މަގުތަކަށް ބޮޑެތި ބަދަލުތަކެއް އައެވެ. މި ބަދަލުތަކުގެ ތެރޭގައި ރަނގަޅު ކަންތަކާއި ޢާއްމުންގެ ގިނަ ބަޔަކު ބަލައި ނުގަންނަ ކަންކަން ހިމެނެއެވެ. ބައެއް މީހުން ފާހަގަކުރާ ގޮތުގައި، މާލޭގެ ދެ ”ލޭނާރު“ ކަމުގައިވާ މެދުޒިޔާރަތް މަގާއި ފަރީދީ މަގު ގުޅިފައިވާ ގުޅުން ކަޑާލުމާއި އަމީރު އަޙްމަދު މަގާއި އޯކިޑް މަގު ގުޅިފައިވާ ގުޅުން ކަނޑާލުމަކީ އެދެވޭ ކަމެއް ނޫނެވެ. މިގޮތަށް ކަންކުރުމުން، މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ވަރަށް ނޭދެވޭ އަސަރެއް ކުރެއެވެ. ޚާއްޞަ ބަޔަކު ފުރާތީ ނުވަތަ އެފަދަ ސަބަބަކާ ހުރެ، އެންމެ އުތުރު ފަރާތު މަގު ބަންދު ކުރުމުން، މަޖީދީ މަގުން އުތުރު ފަރާތުގެ ގާތްގަޑަކަށް ހުރިހާ ޓްރެފިކެއް ހުއްޓުން އަރާގޮތް ދިމާވެއެވެ.

ފަރީދީ މަގުން މެދުޒިޔާރަތް މަގަށް ދުއްވާ އެއްޗެތި ވަނުން މަނާކުރުމުން، އެ މުހިއްމު ލޭނާރު ގެ ބޭނުން ކެނޑުނީއެވެ. ހިނގާމީހުން ބަންދުކުރި ސަރަޙައްދު  ބޭނުން ކުރަނީ މަދުންނެވެ. ހިނގާމީހުން ގިނަވެގެން ދުއްވާ އެއްޗިއްސަށް ބަންދުކުރަންވީ މަގަކީ މިއީއެއް ނޫނެވެ. އެއްގޮތަކީ، މި މަގު ވަކި ބާވަތެއްގެ ދުއްވާ އެއްޗިއްސަށް ހުޅުވާލުމެވެ.

އަމީރު އަޙްމަދު މަގު، އިސްލާމީ މަރުކަޒާ ދިމާއިން ބަންދުކުރުމަށް ފަހު، އެ މަގުގައި ސައިކަލް ޕާކު ކުރުމަށް ބޭނުން ކުރެއެވެ. ރައީސް ޔާމީން ދައުރުގައި އިސްލާމީ މަރުކަޒުގެ ހަރިއްމަ ފާރު ތަޅާލެވުނެވެ. މިއީ ޢާއްމު އެތައް ބައެއްގެ ނުރުހުންތެރިކަން ސަރުކާރަށް ކުރިމަތިވި ކަމެކެވެ.

މި ދެމަގު ހުޅުވާލުމާ މެދު އައު ވިސްނުމަކަށް ދާން ޖެހެއެވެ. ހުރިހާ ޓްރެފިކަށް ހުޅުވާލުމަށް ތާއީދު ނުލިބޭ ނަމަ، އެއްގޮތަކީ، ބައެއް ބާވަތުގެ ޓްރެފިކަށް މަގު ހުޅުވާލުމެވެ. ބައެއް ޤައުމުތަކުގައި މިފަދަ މަގުތައް (moped) މޮއުޕެޑް ޓްރެފިކަށް ހުޅުވާލައެވެ. މި ގިންތީގެ ދުއްވާތަކެއްޗަކީ ބައިސްކަލާއި ތިންފުރޮޅީ ތަކެއްޗާއި 50 ކޮޑި ސެންޓިމީޓަރަށް ވުރެ ކުޑަ އިންޖީނުލީ އުޅަނދެވެ. މާލެއަށް އެކަށީގެންވާ ގޮތަކަށް ގިންތިއެއް ކަޑައެޅިދާނެއެވެ.

ރައީސް ޔާމީން ދައުރުގައި، ސަލްޓަން ޕާކް ގައި ހުރި ޒަމާންވީ ކަޅުވަކަރު މިސްކިތް ރޫޅާލައި، އެތަނުގައި ޓިނު ގެއެއް އަޅައި އައިސް ރިންކެއް ހެދިއެވެ. އައިސް ރިންކް ހަދާ އުޅެނީ މީހުން ގިނައިން ގޮސް އުޅޭ ޝޮޕިންގ ސެންޓަރ ނުވަތަ ވަރަށް ބޮޑެތި ކުޅިވަރު ކުޅޭ ތަންތަނުގައެވެ. އައިސް ރިންކެއް ދާދި އަވަހަށް ހަލާކުވެއެވެ. މިފަދަ ކުޅިވަރު ކަމަކަށް ޤަދީމީ މިސްކިތެއް ރޫޅާލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. މިސްކިތެއް އެއަށް ވުރެ ރަނގަޅަށް ހެދުމަށް ނޫނީ ރޫޅާލުމަކީ ވަރަށް ސުންޕާ ކަމެކެވެ.  ”ފޮތުގައި އޮތް ހުރިހާ ފަންޑިތައެއް ހެދިކަމުގައި ވިއަސް“ 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި، މިސްކިތް ރޫޅުމުގެ ސުންޕާކަން ކުރިމަތިވެ، ސަރުކާރު ބަދަލުވިއެވެ. އަލަށް ފެށޭ ސަރުކާރުން ކަޅުވަކަރު މިސްކިތަށް ހަދާނެ ގޮތެއް ވިސްނަން ޖެހޭނެއެވެ. ބައެއް މީހުންނަށް ފެންނަނީ އެ މިސްކިތް ކުރިން ހުރި ތަނުގައި ބަހައްޓައި، ސަލްޓަން ޕާކްގެ ނަން އިއާދަކުރުމެވެ.

މަގުމަތީގައި ޕާކު ކުރުން ގަވާއިދަށް ފެއްތުން


މަގުމަތީގައި ޕާކު ކުރުމަކީ ދުއްވާ ތަކެއްޗަށް މަގުގެ ފުޅާމިން ގިނަ ފަހަރު ޑަބަލް ކުޑަވާ ކަމެކެވެ. ފުޅާ މަގުތަކުގައި މިހާރަކަށް އައިސް ދެ ފަރާތުގައި ޕާކު ކޮށްފައި ހުރެއެވެ. ހަނިމަގުތައް ހަނިކަމާއެކު ވެސް، ބޮޑެތި އުޅަނދުތައް ޕާކުކޮށްފައި ހުރެއެވެ. ޕާކު ކުރުމުގެ މައްސަލަތަކަށް ވިސްނައި ލިޔެފައިވާ މަޒުމޫނެއް މި ލިންކަށް އޮބާލުމުން ހާމަވާނެއެވެ.

އެ މަޒުމޫނުގައި ހިމެނޭ ދެތިން ނުކުތާ މި ތަނުގައި ޞަރީޙަ ކުރަމެވެ.

މީހުން އެއްވާ ކޮންމެ ތަނެއް ޢިމާރާތް ކުރާއިރު، އެތަނެއްގައި ޕާކު ކުރާނޭ ޖާގަ ހިމެނުމަކީ، މަގުމައްޗަށް ކުރާ ބާރު ކުޑަވާނޭ ކަމެކެވެ.

ޕާކު ކުރުމުގެ މައްސަލަ ޙައްލުވާނީ ދުއްވާ ތަކެތި މަދުވެގެންނެވެ. މިކަން ކުރެވޭނީ، ޚާއްޞަކޮށް އަމިއްލަ ހަތަރު ފުރޮޅުލީ ތަކެތި މަދުކުރެވޭނީ، މިފަދަ އުޅަނދުތައް ދުއްވުމުގެ ޚަރަދު ބޮޑުވުމާ އެކު، ދަތުރު ފަތުރަށް އެހެން ގޮތްތަކެއް ހަމަޖެހިގެންނެވެ. ޑިއުޓީ ދެއްކުމަކީ އެއްފަހަރު ކުރަންޖެހޭ ކަމަކަށް ވާތީ، އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަކީ މައްސަލައިގެ ޙައްލެއް ނޫނެވެ. އަގުބޮޑު ވާންވީ އަމިއްލަ ކާރުގެ އަހަރީ ފީ އާއި މަގުމަތީ އެފަދަ އުޅަނދުތައް ބެހެއްޓުމުގެ ޚަރަދެވެ. ރޭގަނޑު މަގުމަތީގައި ކާރުތައް ބެހެއްޓުމުގެ ޚަރަދު، ގަރާޖެއް ކުއްޔަށް ހިފުމުގެ ޚަރަދާ ދާދި އެއްވަރު ވާން ޖެހޭނެއެވެ. ކުރީ މަޒުމޫނުގައި ފާހަގަކޮށްފައިވާ ފަދައިން، މާލޭގެ މަގުތަކުގެ މުހިއްމު ހިސާބުތަކުގައި ޕާކިން މީޓަރު ބަހައްޓައި، ޓްރެފިކް ވޯޑްން ނުވަތަ ޕާކިން އިންސްޕެކްޓަރުން ޕާކު ކުރާ ހިސާބުތަކުގައި އަބަދު ހިނގާބިނގާވާން ވާނެއެވެ. ކަންމަތީގައި ޕާކުކުރުމަކީ މަނާކަމެއް ކަމުގައި ވިއަސް، ކަންމަތިތަކުގައި ހުންނަނީ ޕާކުކޮށްފައެވެ. މިކަމާ ގުޅިގެން ގޯޅިއެޅުން ދަތިވެ، ޓްރެފިކް މައްސަލަތައް އިތުރު ވެއެވެ. ޕާކިން އިންސްޕެކްޓަރުން މުހިއްމުވަނީ މިހެން ވެގެންނެވެ.

ފަހަކަށް އައިސް މާލޭގެ ކޮންމެ ގެއެއް ހަދާއިރު، ޕާކުކުރާނެ ޖާގަ ގޭތެރޭގައި އޮންނަން ޖެހޭނެ ކަމަށް ގަވާއިދު ހަމަޖެހިފައި ވެއެވެ. މިގޮތަށް ހަމަޖެއްސި ޖާގަ ނިސްބަތުން ކުޑަކަމަށް ކުރިން ލިޔުނު މަޒުމޫނުގައި ބަޔާންކޮށްފައި ވާނެއެވެ. މި ޖާގަ ތަންފީޒުކުރެވޭތޯ ބެލުމަކީ، ވަރަށް މުހިއްމުކަމެކެވެ. އަޅުގަނޑު ދަންނަ ގެއެއްގެ ވެރިޔަކު، ކުރެހުމާ އެއްގޮތަށް ޕާކުކުރާނެ ޖާގަ ހިމަނައި ގެ އެޅުމަށް ފަހު، ކަމާ ބެހޭ ސަރުކާރުގެ ފަރާތުން ބަލައި ނިމުމުން، ޕާކު ކުރާތަން ފިހާރައަކަށް ހެދިއެވެ. އަޅުގަނޑަށް ވިސްނޭގޮތުން އެތައް ބައެއް މިގޮތަށް ކަންތައްތައް ކުރާނެއެވެ.

ޕާކު ކުރާނެ ޖާގައާ ނުލައި، ޢިމާރާތްކޮށްފައިވާ ގެތަކުގެ އުޅަނދުތައް ބެހެއްޓުމަށް، ޚާއްޞަކޮށް ކާރާއި ބަސް ފަދަ އުޅަނދުތައް ބެހެއްޓުމަށް ޖާގަ ބޭނުން ވެއެވެ. މިކަމަށް އެންމެ ރަނގަޅުވާނީ އުސް ޢިމާރާތެއް ބިނާކޮށް މަގުމަތީގައި ކާރު ބޭއްވުމާ އެއްފަދަ ކުއްޔަކަށް ޖާގަތައް ކުއްޔަށް ދިނުމެވެ.

ބޭރު ޤައުމުތަކުގައި، މީހުން އެއްވާ ބޮޑެތި ވިޔަފާރިތަކުގައި، ޕާކުކުރާނެ ތަން ހަމަޖެއްސުމަކީ ޢިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށް ބޭނުންވާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ގޮތަކަށް މިކަމެއް ނުކުރެއެވެ. ދާދި ފަހުން މާލޭގެ ހުޅަނގު ފަރާތު ހޮސްޕިޓަލް ކައިރީގައި ކާތަކެތި ވިއްކާ، ކެވްލަރ ފޮތި ޖެހި ކަޑަތަކެއް ހެދިއިރު، ޕާކުކުރާނޭ ޖާގައެއް ހިމަނާފައެއް ނުވެއެވެ. އެތަން ދެބުރިއަށް ހަދައި، ތިރީބައިގައި ޕާކުކުރެވޭނޭގޮތް ހެދި ނަމައޭ ބުނެ ޚިޔާލު ހުށަހަޅާ މީހުންނާ ދިމާވަނީ މަދެއްކޮށެއް ނޫނެވެ.

ރައީސް ޔާމީން ސަރުކާރުގެ ދައުރުގައި (2013–2018)، މާލޭގެ ޕާކުކުރުމުގެ މައްސަލަ ޙައްލުކުރުމަށް ހިތައި، މަތިމައްޗަށް ކާރު ބަހައްޓާ އަށިތަކެއް ހިމެނޭ ދަގަނޑު ހަރުތަކެއް ބޭރުން އެތެރެ ކުރިއެވެ. މި ހަރުތައް ގެނެސް ހުންނަތާ ދެ އަހަރު ވީ އިރުވެސް ބޭނުމެއް ނުކުރެވެއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ބައިތަކުގައި ދަބަރު ޖަހާފައި ވެއެވެ. ތަކެތި ބެހެއްޓުމުގައި އިހުމާލުވެފައިވާތީ، ހުރިހާ ބައިތަކެއް މިހާރު ހަމައަށް ހުރިކަމެއް ވެސް ނޭނގެއެވެ. މާލޭގެ ހައެއްކަ ތަނުގައި، ހަރުތައް ބެހެއްޓުމަށް މަސައްކަތް ފަށާފައި އެތައް މަހެއް ވޭތިވެފައި ވެއެވެ. މަސައްކަތް ނިމޭގޮތެއް ވެފައެއް ނުވެއެވެ.

މަގުމައްޗާ ބެހޭ އައު ސަރުކާރުގެ ވަޒީރުގެ އެއް ”ބޮލުގެ ރިއްސުމަކަށް“ ވާނީ މި ހަރުތަކަށް ހަދާނޭ ގޮތެވެ. މި ހުތުރު ހަރުތައް މިހާރު މަސައްކަތްފަށާފައިވާ ތަންތާނގައި ހަރުކުރާނީ ހެއްޔެވެ؟ ނުވަތަ ބައު ދަގަނޑަށް ވިއްކާނީ ހެއްޔެވެ؟

އަޅުގަނޑަށް ވިސްނޭގޮތުން މި ހަރުތަކުގައި ކާރު ބެހެއްޓުމަށް ވަޒީފާދީފައި މީހަކު ހުންނަން ޖެހޭނެއެވެ. އެހެންކަމުން ރިކަރަންޓް ޚަރަދު ކުޑަވާނީ ގިނަ ހަރުތަކެއް މަދު ތަނެއްގައި ހަރުކުރުމުންނެވެ. ދެން ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް ހަރުގައިވާ އެކި އުނދޯލިތައް ކުއްޔަށް ދިނުމުންނެވެ.   17 ނޮވެމްބަރުގައި އައު ސަރުކާރެއް ވެރިކަމަށް އައުމާ ގުޅިގެން، 12 ޑިސެމްބަރ 2018 ގައި އެ ޕާރކިން ސިސްޓަމްތައް ރޫޅާލުމަށް ނިންމިކަމަށް މި ޚަބަރު ބުނެއެވެ. މިކަމާ މެދު ފުންކޮށް ވިސްނާ މީހަކަށް މި ނުންގޮތެއް ނެތްކަން ޔަޤީން ވާނެއެވެ. ބުނެވޭގޮތުގައި ޕާރކިން ސިސްޓަމްގެ 28 އެތި ގަނެފައި ވެއެވެ. އާޚިރުގައި އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވި، ރައްޔިތުންގެ އެތައް ފައިސާއެއް ބޭކާރުވީއެވެ.

ރިންގު ރޯޑު ވަށާ ޖެއްސުން

މާލޭގެ ޗާޓަށް ބަލައިލުމުން، އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ، މާލޭގެ އުތުރުން ދެކުނަށް ސީދާ އަތިރިއަށް، ފައްނުހެން ގޮނޑުދޮށާ ހަމައަށް، ކަނޑާފައިވާ ދިގު މަގުތައް ވަރަށް މަދު ކަމެވެ. ގިނަ މަގުތައް ހުންނަނީ އިރުން ހުޅަނގަށް ނުވަތަ ދިގު ގޮތަށެވެ. ކުރީ ޒަމާނެއްގައި ގިނަ މަގުތައް ގޮނޑުދޮށް ފެންނަ ގޮތަށް ހުރި ކަމުގައި ވިއަސް، ނާޞިރު ދައުރުގައި އެ މަގުތަކުގެ މޫނުޖެހޭ ކޮޅުން ގޯތިދީ މަގުތައް ބައްދާފައި ވެއެވެ. ސޯސަން މަގު، ނުވަތަ ކުރިން ކިޔާ ގޮތުން ނަމަ، ކެނބުއަޅާ މަގަކީ އެއް ޒަމާނެއްގައި ދެކުނުން ގޮނޑުދޮށަށް ކެނޑިފައިވާ މަގެކެވެ. އަމީރު އަހުމަދުމަގުގެ ކޮޅުން ގޯތިދީ ބައްދާލީ އަޅުގަނޑުގެ ހަނދާނުގައި ނާޞިރު ދައުރުގައެވެ. ޗާންދަނީ މަގުވެސް މިފަދައެވެ. މައުމޫން ދައުރުގައި މަގުތަކަށް ކަނޑުން އަންނަ ވައިރޯޅި ވެއްޓޭނޭހެން އިޞްލާޙުކުރުމަށް ފުރުޞަތު އޮތަސް އެކަން ކޮށްފައެއް ނުވެއެވެ.

މާލޭގެ ކުރީގެ މަގުތަކަކީ އެއްވެސް ހަމައެއް ނަމައެއް ނެތް މަގުތަކެކެވެ. މާލޭގެ ދިގު މަގުތައް ހުރީ އިރުން ހުޅަނގަށެވެ. ނަމަވެސް މަދު މަގެއް ނޫނީ އެއްކޮޅުން އަނެއް ކޮޅަށް ފޫގޮސްފައެއް ނުވެއެވެ. އުތުރުން ދެކުނަށް މާލޭގެ މެދު ތެރެއިން ފުޅާ އެއްވެސް މަގެއް ގޮނޑުދޮށަށް ފޫގޮސްފައެއް ނުވެއެވެ. މިއީ މާލޭގެ ބިނާވެށި ފަރުމާކުރުމުގައި ވެފައިވާ އިހުމާލެކެވެ. މާލޭގެ ޓްރެފިކް ލުއިކުރުމަށް މެދުތެރޭން ފުޅާ މަގެއް އުތުރުން ދެކުނަށް (ހުރަހަށް) ބޭނުން ވެއެވެ. ނަމަވެސް މިފަދަ މަގެއް ހެދުމުގެ ފުރުޞަތު މިހާރު ވަރަށް ކުޑައެވެ. މާލޭގެ މަގުތައް ހެދިފައިވާ ގޮތުން، އެކަން ނުކުރަންވީ ގޮތުގެ ފިލާވަޅުތައް މާލެއަށް ދިމާވެފައިވާ މައްސަލަތަކުން ރަށުކައުންސިލްތަކަށް ދަސްކުރެވިދާނެއެވެ.

މާލޭގެ މަގުތަކުގެ ހަނިމިނާއި ދިގުކަމާ ގުޅުން ހުންނަ އެއްވެސް ވަޒަންތަކެއް، މިޢުޔާރުތަކެއް، ނުވަތަ ސްޓޭންޑަރޑްތަކެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެންކަމުން، މާލޭގެ ގިނަ ދިގު މަގުތަކަކީ ވަރަށް ހަނި މަގުތަކެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ޖަޕާނުގައި އޮންނަ ފަދައިން މަގުގެ ދިގުމިނުގެ ނިސްބަތުން ފުޅާމިނަށް ބަލައި ވަޒަންތަކެއް ކަނޑައެޅިފައި ވާން ވާނެއެވެ. 30 މީޓަރަށް ވުރެ ކުރު ނަމަ އެންމެ މަދުވެގެން 2 މީޓަރު ހުރުން، 100 މީޓަރަށް ވުރެ ދިގު ނޫންނަމަ، 4 މީޓަރު ހުރުން، 300 މީޓަރަށް ވުރެ ދިގު ނޫންނަމަ، 10 މީޓަރު ހުރުން، 500 މީޓަރަށް ވުރެ ދިގު ނަމަ، 20 މީޓަރު ހުރުން ފަދަ ގޮތަކަށެވެ. ރަށެއްގެ ވަށައިގެން އޮންނަ މަގުގައި މަދުވެގެން 20 މީޓަރުވަރު ހުރުން ފަދަ ވަކި މަގުތަކަށް ޚާއްޞަ ޤަވާޢިދުތަކެއް ހެދިދާނެއެވެ.

2008 އިން 2013 އަށް ހިނގާ ދިޔަ ރިޔާސީ ދައުރުގައި މާލެއަށް ގެނެވުނު އެދެވޭ ބަދަލުތަކުގެ ތެރެއިން އެއްކަމަކީ، މާލޭ ހުޅުލޭ ފާލަމާ ގުޅިގެން އެންމެ އަތިރިމަތީ މަގު ފުޅާކުރުމެވެ. މިއީ ކުރިން ބަޑި މަގު، ފަހުން މެރީންޑްރައިވް، އަދި އެ ފަހުން ބޮޑު ތަކުރުފާނުމަގު ކިޔާ މަގެވެ.  ރައިސް ޔާމީނުގެ ދައުރުގައި ބޮޑުތަކުރުފާނު މަގު ވަނީ، ހުޅުމާލޭ ފެރީ ޓާރމިނަލާ ހިސާބުން ފެށިގެން ހުޅަނގުފަރާތާ ހަމައަށް ތާރު އަޅައި، ދެ ފަރާތުގައި ދުވާރުލައި، ހަތަރު ލޭންގައި ދަތުރުކުރޭވޭނޭހެން ހަދާފައެވެ. އަލަށް އަންނަ ސަރުކާރުން މި މަގު މާލެވަށައި ޖެއްސުމަކީ މާލޭގެ ޓްރެފިކަށް ލުޔެއް ލިބޭނޭކަމެކެވެ.

ސަހަރެއް ނުވަތަ ސިޓީއެއް ވަށައިގެން ބުރެއް ހެން އޮންނަ މަގެއް ހެދުމަކީ އެތަނެއްގެ ދަތުރުފަތުރަށް ވަރަށް ފަސޭހަކަމެކެވެ. ބޮޑެތި ސިޓީތަކުގައި މިގޮތުގެ މަތީން ކުޑަބުރަކާއި ބޭރުން ބޮޑު ބުރެއްއޮންނަހެން މަގުހަދާފައި ހުރެއެވެ. ތިރީގައި އެވަނީ ބިނާވެށީގެ ގޮތުން އެންމެ މަޝްހޫރު ދެ ޝަހަރެއްގެ ޕްލޭންއެވެ.

މަތީގައިވާ ހޫލައިން އެ ފެންނަނީ ބިނާވެށި ފަރުމާކުރުމުގެ ދާއިރާއިން އެންމެ މަޝްހޫރު ދެ ސަހަރެއްގެ މަގުތަކެވެ. ކަނާތްފަރާތުގައި އެވަނީ ޕެރިހެވެ. ޕެރިހަށް ލޯބީގެ ސިޓީ ނުވަތަ އަލީގެ ސިޓީ ގެ ނަމުން ނަން ދެވިފައި ވެއެވެ. ވާތް ފަރާތުގައި އެވަނީ ބްރޭޒިލްގެ ކުރިޓިބާ ސަހަރެވެ. ދެ ސަހަރުގައި ވެސް، ދެ ބުރަކަށް ނުވަތަ އެއަށް ވުރެ ގިނަބުރަށް ވަށްކޮށް މަގުތައް ވެއެވެ. މިފަދަ ބުރު މަގުތައް ހުރުމަކީ، ދަތުރުފަތުރު ވަރަށް ފަސޭހަވާނޭ ގޮތެކެވެ. ހިސާބުޖަހާ ގޮޅިޖެހި ފޮތެއްގައި ރޮނގުދަމާފާ ހުންނަ ގޮތަށް މަގުތައް ހެދުމަކީ މާ ކުރީގެ ގޮތެކެވެ. މަގަށް ގެއްލޭ ޖާގަ ގިނަވެފައި ދަތުރުފަތުރު އުނދަގޫ ގޮތެކެވެ.

ރިންގު ރޯޑު މިހާރު އޮތް ފުޅާމިނުގައި، ހުޅަނގު ފަރާތުން، އަމީނީ މަގުން ވަށާލާ ރަސްފަންނު ކައިރިން އުތުރަށް ލަބާލާ ކުރިއަށް ގެންދެވިދާނެއެވެ. ނަމަވެސް، ކަސްޓަމުން ފެށިގެން މަނިޓަރީ އޮތޯރިޓީއާ ހަމައަށް ގެންގޮސްފި ނަމަ، އެ ހިސާބުގެ ކާރޫބާރޫ ބޮޑުކަމުން ޢާއްމުންނަށް ދަތިވާނެތީ އެންމެ ރަނގަޅު ގޮތަކަށް ފެންނަނީ މިހާރު އޮތް މަގުގެ އެއް ފަރާތުގައި ތަނބުޖަހައި، ކޮންކްރީޓުން މަގެއް ހެދުމެވެ. މިގޮތުން ހަދާ މަގު  25 ވަރަކަށް ފޫޓުގެ ފުޅާމިނުގައި ހަދާނަމަ، މިއީ އެހާ ޚަރަދުބޮޑު ކަމަކަށް ނުވާނެއެވެ. މިގޮތަށް އުސްކޮށްހަދާ މަގަށް އެލިވޭޓިޑް (އުފުއްލާފައިވާ) ރޯޑް ކިޔައެވެ.

ބައެއް ޤައުމުތަކުގައި، ބައިސްކަލު ދުއްވާ މީހުންނަށް މަގުގެ މަތީގައި ބައިސްކަލު ދުއްވާނޭ”ގޯޅިއެއް“ ހަދާފައި ހުރެއެވެ. ކަނާތް ފަރާތުގައި އެވަނީ ކޯޕަންހޭގަން ގައި ބައިސްކަލް ދުއްވާ ގޯޅިއެކެވެ. ވާތް ފަރާތުގައި އެވަނީ ޖަޕާނުގައިވާ ބައިސްކަލު ދުއްވާ ގޯޅިއެކެވެ. ފުޅާ ނޫންނަމަ، އުފުއްލާފައި ހުންނަ މަގު ޚަރަދުކުޑަކޮށް ހެދެއެވެ.