ރަށްފުށުގެ ތަނަވަސް ކަމަށް

މަހުގައި ދިލަ ޖައްސާނޭ ގޮތް 2

މަހުގައި ދިލަ ޖެއްސުމާ ބެހޭ ގޮތުން ކުރިން ހުށަހެޅުނު މަޒުމޫނުގައި ވަނީ ޖަޕާނުގައި އެކަން ކުރާގޮތުގެ ކުރު ތައާރަފެއް ގެނެސްދީފައެވެ. މި ފަހަރު މި ބަޔާން ކުރަނީ 5 ވަރަކަށް ކިލޯއިން ފެށިގެން 100 ވަރަކަށް ކިލޯއަށް މަހުގައި ދިލަޖެއްސާ އެއްޗެއް ހަދާނޭ ގޮތެވެ. މަޒުމޫނުގައި ބަޔާންކުރާ އުނދުނާއި ދުމަށިތައް ބޭނުންކޮށްގެން މަހުގައި ދިލަ ޖެއްސުމުން ޚަރަދުވާ ދަރު ވަރަށް ބޮޑުތަން މަދުވާނެއެވެ. އަދި މަސައްކަތް ލުއި ވެފައި އަވަސްވާނެއެވެ. މިއީ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއަކުން ތަޢާރަފުކުރަމުން ގެންދާ ދުންޖައްސާ އެއްޗެކެވެ.

ކުރި މަޒުމޫނު ނުކިޔުއްވާ ކިޔުންތެރިން އެ މަޒުމޫނު ކިޔުއްވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެ މަޒުމޫނު، މި ޖުމުލައަށް ކްލިކްކޮށްލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

މަސް ކެއްކުން

ވަޅޯމަހާއި ހިކިމަހުގެ މީރުކަން ވަރަށް ބޮޑަށް ބިނާވަނީ މަހުގެ ތާޒާކަމުގެ މައްޗަށެވެ. އަދި މަސް ކައްކާ ގޮތުގެ މައްޗަށެވެ. އެހެންކަމުން، ވަޅޯކުރުމާއި ހިއްކުމުގެ ކުރިން މަސް ތާޒާކޮށް ހުއްޓައި ކެއްކުމުގެ މުހިއްމުކަމަށް ސަމާލުކަން ދޭން ޖެހެއެވެ. އިހުގެ މަސްވެރިން، މަސްބާނައިގެން ލަފާ ވަގުތާ ދިމާކޮށް، މަސް ކެއްކުމަށް ގޭގައި ތިބޭ މީހުން ތިބެނީ ތައްޔާރު ވެގެންނެވެ. ދަރާއި ބޭނުންވާ ތެލި ލޯގަނޑު ފަދަ ތަކެތި ތައްޔާރުކޮށްގެންނެވެ.

މަސް ފަދަ ބޮޑެތި ދިރޭ ތަކެތީގައި ޖަރާސީމު ފަދަ ކުދި ތަކެތި އުޅެއެވެ. މިއީ ލޮލަށް ނުފެންނަ ހާ ކުދި ފަނިފަކުސަ ފަދަ ތަކެއްޗެވެ. މަސް މަރުވުމުން، މި ޖަރާސީމުތައް ވަރަށް އަވަހަށް ގިނަ ވެއެވެ. އެއީ މަރުވެފައިވާ މަހަކީ ޖަރާސީމަށް ވަރަށް ރަނގަޅު ކާނާއަކަށް ވާތީ އެވެ. މަސް ދިރިހުންނަ އިރު، މި ޖަރާސީމުތައް ގިނަވުން ކޮންޓްރޯލް ކުރެއެވެ. ޖަރާސީމުތައް ގިނަވަނީ އިންސާނުން ގިނަވާގޮތަކަށް ނޫނެވެ. ޖަރާސީމަކީ އަންހެން ފިރިހެން ހިމެނޭ އެއްޗެއް ނޫނެވެ. ކިތަންމެ ޖަރާސީމެއް ގިނަ ވަނީ އެއް އެތި ދެބައިވެގެންނެވެ. ޖަރާސީމެއް ބޮޑުވާ ބިއްލޫރިން ބަލަން ހުއްޓައި، އުފަންވެ، ބޮޑުވެ، ދެބައި ވެއެވެ. މިސާލެއް ވިސްނަވާށެވެ. މަހެއްގައި 1  ޖަރާސީމު އުޅޭނަމަ، އަދި ޖަރާސީމު ފަނަރަ މިނެއްޓުން ބޮޑުވާނަމަ، ފުރަތަމަ ފަނަ މިނެއްޓުގެ ތެރޭގައި 2 އެއްޗަަށް ވާނެއެވެ. 30 މިނެއްޓުގެ ތެރޭގައި 4 އެއްޗަށް ވާނެއެވެ. 1 ގަޑިއިރުގެ ތެރޭގައި 16 އެއްޗަށް ވާނެއެވެ. އާދެ! އެއްގަޑި އިރުގެ ތެރޭގައި 16 ގުނަވީއެވެ. ޙަޤީޤަތަކީ މަހެއްގެ ތެރޭގައި އެތައް ކުރޯޑު ޖަރާސީމެއް ވެއެވެ. އެހެންކަމުން، މަސް މަރުވުމަށް ފަހު 1 ގަޑި އިރުގެ ތެރޭގައި އެތައް ކުރޯޑު ޖަރާސީމެއް އިތުރަށް އުފެދެއެވެ. ޖަރާސީމު ގިނަވެ، މަރުވުމުގެ ކުރިން، އެއިން ވަރަށް ވަރުގަދަ އެތައް ޒަހަރެއް އުފައްދައެވެ. މި ޒަހަރުގެ ސަބަބުންނާއި ޖަރާސީމު ގިނަވުމުގެ ސަބަބުން މަހުގެ ރަހަ ތަފާތު ވެއެވެ.

ޖަރާސީމު ގިނަވުން ކޮންޓްރޯލް ކުރެވެނީ މައިގަނޑު ދެ ގޮތަކަށެވެ. އެއް ގޮތަކީ، ފިނިވުމެވެ. އަނެއް ގޮތަކީ އެ މަރުވާ ވަރަށް ހޫނު ވުމެވެ. ފިނިވުމުން، ޖަރާސީމުތައް ދެބައިވެ ގިނަވާން ދަތިވެއެވެ. މި ސަބަބަށް ޓަކައި، މަސް ފިނި ކުރުމުން އޭގެ ތާޒާކަން ގިނަ އިރު ހުރެއެވެ. މަސް ކެއްކުމުން ޖަރާސީމުތައް މަރުވާތީ، ކުނިވުން ކޮންޓްރޯލް ކުރެވެއެވެ. ނަމަވެސް، މަހުން އުފެއްދި ޒަހަރުތައް ކެއްކިއަސް އޭގައި ހުރެއެވެ. އެހެންކަމުން، ކުނި މަހެއް ކެއްކުމުން، އޭގެ ޖަރާސީމުތައް މަރުވިކަމުގައި ވިއަސް ވިހަ ވާނެއެވެ.

މަސް ކުނިވާ ދެވަނަ ގޮތަކީ މަހުގެ ތެރޭގައި ހުންނަ ދިޔަތަކުން މަސްގަނޑަށް ބަދަލު ގެންނާތީ އެވެ. އިންސާނާގެ އަނގައިގައި ކުޅު ހުންނަ ފަދައިން، ތަފާތު ކެމިކަލް ދިޔަތައް މަހުގައި ހިމެނެ އެވެ. މަސް މަރުވުމުން މި ކެމިކަލްތައް ވަޔާ އެކުވެ އަދި މަހާ އެކުވެ އައު އެތައް މާއްދާއެއް އުފައްދައި ރަހަ ތަފާތު ކޮށްލަ އެވެ. ލުބޯހުތް ބިންމައްޗަށް ޖެހުމުން ވެލިގަނޑުން ފޮނުއަރައި، ހުތާއި ވެލީގެ ޠަބީޢަތް ބަދަލުކޮށްލާ ފަދައިންނެވެ. މިގޮތަށް ދެ އެއްްޗެއް އެކުވެ އެ ދޭތީގެ ޠަބީޢަތް ބަދަލުވުމަށް އިނގިރޭސިބަހުން ކިޔަނީ ރިއެކްޓް ވުމެވެ. ބައެއް ތަކެތި ހޫނު ކުރުމުން ވެސް ރިއެކްޓް ވެއެވެ. މިސާލެއްގެ ގޮތުން، ރޮށި ފިހުމުން ފުއްގަނޑުގެ ޠަބީޢަތް ބަދަލުވެ އިތުރު ކެމިކަލް މާއްދާތައް އުފެދެއެވެ.

މަހެއްގައި ހުންނަ ޖަރާސީމުތައް މަރާލުމަށް ބޭނުންވަނީ ކިހާ މިންވަރެއްގެ ހޫނެއް ތޯއެވެ؟ މި މިންވަރު ބައެއް ޤައުމުތަކުގެ ސަރުކާރުން ކަނޑައަޅައި އިޢުލާނު ކޮށްފައި ވެއެވެ. ފިނިހޫނުމިން ވަޒަން ކުރާ ޖިންސަށް ކިޔަނީ ސެލްސިއަސް އެވެ. އައިސް ހުންނަނީ 0 ސެލްސިއަސްގައެވެ. ރާއްޖޭގެ ދުވާލު ގަނޑީގެ ފިނިހޫނު މިން ހުންނަނީ ގާތްގަޑަކަށް 30 ސެލްސިއަސް ގައެވެ. ފެން ބޮކިޖަހާ ކެކެނީ 100 ސެލްސިއަސްގައެވެ. އެމެރިކާގެ ސަރުކާރުން އެކި ބާވަތުގެ މަސް މަދުވެގެން ކައްކަން ޖެހޭ މިންވަރު ބަޔާންކޮށްފައިވާ ލިޔުމެއް މި ޖުމުލައަށް ފިއްތަވާ ލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، މަސް ރޯފިލުވުމަށް ކައްކަން ޖެހެނީ މަހުގެ އެތެރޭގެ ފިނިހޫނު މިން 63 ސެލްސިއަސް ހުންނަ ވަރަށެވެ. އެއްގަމު މަސްވެސް 74 ސެލްސިއަސްއަށް ތިން މިނެއްޓު ވަންދެން ކެއްކުމުން ޖަރާސީމުތައް މަރުވެއެވެ. މަހުގެ އެތެރޭގެ ފިނި ހޫނު މިން ބަލަން މަހަށް ޖަހާ ކައްޓެއްލާފައި ހުންނަ ފިނިހޫނުމިން ބަލާ މީޓަރު ހުރެއެވެ. ތިރީގައި އެވަނީ އެފަދަ މީޓަރެއްގެ ފޮޓޯ އެކެވެ.

ކުރުކޮށް ދަންނަވާ ނަމަ، މަސް ކުނިވާ ގޮތަކީ، މަހުގެ ރަހަ ބަދަލުވާ ގޮތަކީ، މަހުގައި ހުންނަ ޖަރާސީމު ނުވަތަ ބެކްޓީރިއާ ތައް ގިނަވެ އެއިން އުފައްދާ ވިހަ މާއްދާތަކުންނާއި މަހުގައި ހުންނަ ދިޔަތައް ވަޔާއި މަހުގެ އެކި ބައިތަކާ ރިއެކްޓްވެ އުފެދޭ މާއްދާތަކުގެ ސަބަބުންނެވެ. މަސް ނުބައިވުމަށް ފަހު، ރަނގަޅު ކުރެވޭ އެއްވެސް ގޮތެއް ނޯވެއެވެ. އެއީ ކުރިން އުފެދިފައިވާ ކެމިކަލް މާއްދާތައް ނައްތާލެވޭނޭ ގޮތެއް ނޯންނާތީއެވެ.

މަތީގައިވާ މަޢުލޫމާތަށް ވިސްނުމަށް ފަހު، ދިވެހީން މަސް ކައްކާ ގޮތަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށް ފެނެއެވެ. މުޙައްމަދު އަމީން ލިޔުއްވާފައިވާ ”ކަރުނައާ ނުލައި ކެއްކުން“ މި ފޮތުގައިވާ  ގޮތުން، ދިވެހީން ގަރުދިޔަ ކައްކާ ގޮތަކީ، ފެންގަނޑު ކެކެން ފެށުމުން މަސްތައް އަޅައި، ފިއްލެޔޮ ނަގަމުން ގެންދަނީ އެވެ. ފެންގަނޑަށް އަރަމުންދާ ފިއްލެޔޮ ހުސްވުމުން އަލުން ފެން އަޅައި އެފެން ރޯފިލަންދެން ކެކުމުން ގަރުދިޔަ ކައްކާ ނިމުނީއެވެ.

ފެލިވަރު ކާރުޚާނާގައި މަސް ކައްކަނީ އަދި މުޅިން ތަފާތު ގޮތަކަށެވެ. އެމީހުން ހަދާ ގޮތަކީ، މަސްތައް ދަގަނޑު ހަރެއްގައި އަތުރައި، ބަންދުކުރެވޭ ތާނގީއަކަށްް ލަނީ އެވެ. މި ތާނގި ތެރެއަށް ދެން ފޮނުވަނީ ހޫނުކޮށް ހުންނަ އާތްވެވެ. މިގޮތުގައި މަސްތަކުގެ މައިކަށި، އަޅުގަނޑު ހަނދާންވާ ގޮތުން 140 ސެލްސިއަސް އަށް އެރުމުން، އިރުކޮޅަކު ބެހެއްޓުމުން މަސް ރޯފިލުވާ ނިމުނީއެވެ. މިގޮތުގައި މަސްތަކަކު ފެނެއް ނުޖެހެއެވެ. ޖެހެނީ އާތްވެެވެ. އާވި އުފައްދަނީ ޑީސަލް އަންދައިގެން ފެން ހޫނުކޮށްގެންނެވެ.

އެންމެ އަގުބޮޑުކޮށް ވިކޭ މަސް އުފައްދަނީ ޖަޕާނުގައެވެ. ޖަޕާނުގައި މަސް ކައްކަނީ ފެންގަނޑުގެ ފިނިހޫނުމިން 85  އާއި 95 ސެލްސިއަސްގެ ދެމެދުގައި ބަހައްޓައިގެން ގަޑިއެއް ދެ ގަޑިއެއް ވަންދެންނެވެ. ދިވެހީން ކައްކާ ގޮތުގައި ފެންގަނޑު ބޮކި ޖަހާ ކެކޭ މިންވަރަށް ހޫނުކަން ގަދަކުރެއެވެ.

އަޅުގަނޑަށް ވިސްނޭގޮތުގައި، ޖަޕާނުގައި ކަންކުރާ ގޮތުން ޚަރަދު ކުޑަވެފައި މަސްގަނޑު މީރުވާނެއެވެ. ފެން ކެކޭ މިންވަރަށް، 100 ސެލްސިއަސް އަށް  ތެއްޔެއްގެ ފެން ހޫނުކުރުމުން، ދެން އެއަށް ވުރެ މައްްޗަށް ފެނުގެ ހޫނު ދާނީ، ތެލީގައިވާ ހުރިިހާ ފެނެއް އާތްވަށް ވުމަށް ފަހު އެވެ.   ފެން އާތްވަށް ވަނީ ވަރަށް ބޮޑަށް ހޫނުކޮށްގެންނެވެ. އެހެންކަމުން، ގަރުދިޔަ ގަނޑު 90 ސެލްސިއަސްގައި ގަޑިއެއްގެ އިރު ހޫނުކުރުމަކީ، އިރުކޮޅެއް ވަންދެން ބޮކިޖަހާ ކެކޭވަރަށް ހޫނުކުރުމަށް ވުރެ ދަރު ޚަރަދު ކުޑަވާނޭ ކަމެކެވެ. މީގެ އިތުރަށް، ޖަޕާނު މީހުންނަކީ ހިކި މަސް ތައްޔާރު ކުރުމުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ބަޔަކަށް ވާތީ، އެމީހުންގެ ތަޖުރިބާ މަސް ކެއްކުމުގައި ބޭނުން ކުރުން ރަނގަޅު ވާނެއެވެ. 90 ސެލްސިއަސްގައި ގަރުދިޔަ ބެހެއްޓުމަށް ފިނިހޫނުމިންބަލާ  މީޓަރެއް ބޭނުން ވާނެއެވެ.

މަސް ގަޑިއެއް ދެގަޑިއެއް ވަންދެން ކެއްކުމަށް ފަހު، މަސްތައް ފިނި ފެނަށް އަޅައި ކަށިތައް ހަނޑަހަކުން ނަގައި ވަގުތުން ދުން ޖައްސައެވެ. އެއީ ޖަރާސީމު ގިނަވެ ރަހަ ބަދަލުވެދާނެތީ އެވެ. މަހުގައި ދިލަ ޖައްސަމުން ދާއިރު އޭގައި ހުންނަ އިނޮސޮނިކް އެސިޑު ގިނަ އިރު ނުކައްކާ ވާ ނަމަ، ހަލާކު ވާނެއެވެ. އިނޮސޮނިކް އެސިޑަކީ މަހުގެ މަސްރަހަ ގަދަކުރާ، މަހުގައި ހުންނަ ޠަބީޢީ ކެމިކަލެކެވެ. ގިނަ އިރު މަސްކެއްކުމުން މަހުގައި ހިމެނޭ ޕްރޮޓީން އެއްވެ (ކޯއެގިޔުލޭޓްވެ) މި އިނޮސޮނިކް އެސިޑް ދިލަޖައްސާ އިރު ހަލާކުވުން ހުއްޓުވައެވެ. ވީމާ، މަޑު ގިނީގައި ގިނަ އިރު މަސް ނުކައްކާ ނަމަ، މަހުގެ ރަހަ މީރެއް ނުވާނެެއެވެ.

ޖަޕާނުގައި ކަޅުބިލަމަހުގައި ދިލަ ޖައްސާ އުނދުން

ދިވެހީން މަހުގައި ދިލަ ޖައްސާގޮތަށް، އެ މަސައްކަތް ކުރާ އަނެއް ބަޔަކީ ޖަޕާނު މީހުންނެވެ. މި މީހުން މަސްވަޅޯކޮށް އެކަން ކުރާތާ އެއް ހާސް އަހަރު ވެއްޖެއެވެ. ރާއްޖޭގެ މީހުންހާ ގިނަ ދުވަސް ނުވިއަސް، އެމީހުންގެ ތިމާވެށީގައި ތަފާތު ތަކެތި ގިނަކަމުން، ރާއްޖޭގެ މީހުންނަށް ވުރެ އެމީހުންވަނީ މިމަސައްކަތުގައި ކުރީގައެވެ. އެހެންކަމުން، މި މީހުންގެ ތަޖުރިބާއިންމަންފާތަކެއް ދިވެހީންނަށް ލިބިގަނެވޭނެއެވެ.

1980 ގެ އަހަރު ތަކުގައި، އެފްރިކާގެ ޤައުމެއް ކަމުގައިވާ ސެނެގޯލްގެ އަވަށެއްގައި އައު ވައްތަރެއްގެ މަހުގައި ދިލަ ޖައްސާ އުނދުނެއް ހަދައި، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއިން އެކި ޤައުމުތަކަށް އެ ތައާރަފު ކުރިއެވެ. މި އުފެއްދި އަވަށުގެ ނަމުން ނަންދީ އެ އުނދުނަށް ކިޔަނީ ޗޮރުކޯރު އުނދުނެވެ. ޗޮރުކޯރު އުނދުނަކީ ދުމަށިތަކަކާ އެކު ހުންނަ އުނދުނެވެ. އެންމެ ފުރަތަމަ މި ފެނުމުން އަޅުގަނޑު ހީކުރީ އެއީ އައު އުފެއްދުމެއް ކަމަށެވެ. ނަމަވެސް، ޖަޕާނު މީހުން މި ބާވަތުގެ އުނދުން ބޭނުންކުރާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާކަން އަޅުގަނޑަށް ފަހުން އެނގުނެވެ.

ތިރީގައި އެވަނީ ޖަޕާނު މީހުން މަސްވަޅޯ ކުރާ އުނދުނެއްގެ ފޮޓޯ އެކެވެ.

ފޮޓޯއިން ފާހަގަ ކުރެވޭ ގޮތުގައި، އުނދުން ހަދާފައި ހުންނަނީ ދެ ފޫޓު އުސްމިނުގައެވެ. ފޮޓޯގެ ކައިރީގައިވާ މީހާގެ އިސްކޮޅުން އެކަން ފާހަގަ ކުރެވެއެވެ. ފުޅާމިނުގައި ހުންނަނީ ދެ ފޫޓު ބައި ނުވަތަ 30 އިންޗި ވަރެވެ. އުނދުންތައް ހަދާފައި ހުންނަނީ ދެތިން ހަތަރު އުނދުން ޖެހިޖެހިގެންނެވެ. ފެންނަން ނެތަސް އުނދުނުގެ ތިރީގައި ދަރުއެންދުމަށް ބައުގަނޑެއް ނުވަތަ އާނގައެއް ހުންނާނެއެވެ. އުނދުން މަތީގައި ބަހައްޓާފައި ހުންނަ ދުމަށިތަކަކީ ލަކުޑި ފިލާތަކަކުން ހަދައިފައިވާ ތަބަކެއް ފަދަ ގިޔުގަނޑެކެވެ. އޭގެ ތިރީގައި ދަގަނޑު ދައު ޖަހާފައި ވެއެވެ. މަސްތައް ބަހައްޓަނީ ތަބައްތަކުގެ ތެރޭގައެވެ. މި ނަރު ތަބައްތަކުގެ ބޯމިނުގައި ހުންނާނީ ހަތަރު ވަރަކަށް އިންޗިއެވެ. މިއީ ނަގަގައި ގެންގުޅެވޭ ދުމަށިތަކެއްގެ ގޮތުގައި ސިފަކުރެވިދާނެ އެވެ. އެއް ދުމަށި އަނެއް ދުމަށި މަތީ ބެހެއްޓުމުން ދުން ބޭރަށް ނުނިކުންނަހާ އޮމާންކޮށް ގިޔުގަނޑުގެެ ފިލާތައް ހަދައިފައިވާ ކަން ފާހަގަ ކުރެވެއެވެ. އުނދުނެއްގެ މަތީގައި ގިނަވެގެން 7 ދުމަށި ބަހައްޓާކަން ފޮޓޯއިން ފާހަގަ ކުރެވެއެވެ. ގަޑިއަކު އެއް ފަހަރު ނަމަވެސް، މި ދުމަށިތަކުގެ ތަރުތީބު ބަދަލުކުރެއެވެ. އެންމެ ތިރީގައިވާ ދުމަށި އެންމެ މައްޗަށް ގެންގޮސް މިގޮތަށް، ހުރިހާ ދުމައްޓެއްގައިވާ މަހުގައި އެއްވަރަކަށް ދިލަ ޖެހޭ ގޮތަށް ބަދަލު ކުރެއެވެ.

ޗޮރުކޯރު އުނދުނާއި ދުމަށި

1980 ގެ އަހަރުތަކުން ފެށިގެން ދުނިޔޭ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ (އެފް.އޭ.އޯ) ޖަމްޢިއްޔާ އިން، ސެނެގޯލްގެ ޗޮރުކޯރު އަވަށުގައި ތަޖުރިބާކުރި މަހުގައި ދިލަ ޖައްސާ އުނދުނެއް އިސްތިހާރު ކުރަމުން ދެއެވެ. މިއީ އާދައިގެ ދުމަށިލީ އުނދުނަށް ވުރެ ޚަރަދުގެ ގޮތުންނާއި ދިލަ ޖެއްސޭ މަހުގެ ޢަދަދުން ރަނގަޅު އުނދުނެކެވެ. އެ އުނދުނުގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ.

Fish smoking Chorkor oven

ފޮޓޯއިން ފާހަގަ ކުރެއްވޭނޭ ފަދައިން، މި އުނދުން، ޖަޕާނު އުނދުނަށް ވުރެ ތަންކޮޅެއް އުހެވެ. އުނދުން ހަދައިފައިވަނީ މަށިންނެވެ. ދެ ބަޔަށް ދެ ވަތަށެވެ. އުނދުނުގެ މަތީގައި 8 ދުމަށި ބާއްވާފައި ވެއެވެ. މި ދުމަށިތައް ތިލައެވެ. ދުމަށިތަކުގެ ވަޑާން ދެރަކަމުން، ދެ ދުމަށި ދޭތެރެއިން ދުން ނިކުންނާނެއެވެ. ދުމައްޓެއް އެކަކަށް އުފުލާލަން ދަތިވާ ވަރަށް ބޮޑެވެ. ލިޔުންތަކުގައި، އުނދުން މަތީގައި 15 ވަރަކަށް ދުމަށި ބެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ތިރީގައި އެވަނީ މިފަދަ އުނދުން ހަދާގޮތުގެ ކުރެހުމެވެ. އިތުރު ތަފްޞީލްތައް މި ލިންކްގައި ވެއެވެ.

މަތީގައިވާ ކުރެހުންތަކާއި ފޮޓޯތަކަށް ފިކުރުގެ ލޮލަކުން ބައްލަވައިލައްވަނިކޮށް އުނދުނާއި ދުމަށިތައް ހަދާނޭ ގޮތް އެނގިވަޑައިގަންނަވާނެއެވެ. އެންމެ ތަޞްވީރަކީ 1000 ބަހުގެ އަގުހުރި އެއްޗެކޭ ބުނާ ފަދައިން، ލަފުޒުން ހަދާނޭ ގޮތް ބަޔާންކުރުމުގެ ބޭނުމެއް ނެތެެވެ. އެއަށް ވުރެ ސާފުކޮށް، ކުރެހުމުން ހަދާނޭ ގޮތް އޮޅުން ފިލައެވެ.

ޖަޕާނު ދުމަށިތަކާއި ޗޮރުކޯރު ދުމަށިތަކުގެ ތެރެއިން ރާއްޖެއާ ބޮޑަށް ގުޅެނީ ކޮން ބާވަތެއް ތޯއެވެ؟ އަޅުގަނޑަށް ވިސްނޭގޮތުގައި، ބޮޑަށް ގުޅެނީ ޖަޕާނުގެ ގޮތެވެ. އެއީ ކުރިން ބަޔާން ކުރެވުނު ސަބަބުތަކަށް ޓަކައެވެ. ޗޮރުކޯރުގެ ދުމަށިތައް ތިލަކަމުން، ބޮޑެތި މަސްގަނޑުތަކެއް ދުމަށިމަތީ އަތުރައިފި ނަމަ، މަތީ ދުމަށީގައި ޖެހޭނެެއެވެ. ޗޮރުކޯރުގެ ދުމަށިތައް ހަދައިފައިވަނީ ތަންކޮޅެއް ކުދި މަހުގައި ދިލަ ޖެއްސުމަށެވެ. މީގެ އިތުރަށް އެފްރިކާގެ މީހުން މަހުގައި ދިލަ ޖައްސަނީ ދިވެހީން އެކަން ކުރާގޮތަކަށް ނޫނެވެ. އެމީހުން މަސް ފިހަނީއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ދުމަށިމައްޗަށް ލުމުގެ ކުރިން މަހެއް ނުކައްކައެވެ. ދުމަށިމަތީ ބަހައްޓަނީ ރޯމަހެވެ.

ދިވެހި އާއިލާތަކުން މަހުގައި ދިލަ ޖައްސާއިރު، އެކަން ކުރަން އެކަކަށް ޖެހިދާނެއެވެ. ނަމަވެސް ޗޮރުކޯރު ދުމަށިތައް ބޮޑެތިކަމުން، އެކަކަށް އެ އުފުލައެއް ނުލެވޭނެއެވެ. މި ސަބަބާއެކު ވެސް، ޖަޕާނު ދުމަށިތައް މާ ރަނގަޅުކަމަށް އަޅުގަނޑަށް ފެނެއެވެ. ކުރިން ދެންނެވިހެން، ވަޑާން ހިމުންކަމުން، ޗޮރުކޯރުގެ ދުމަށިތަކުގެ ދޭތެރެއިން ދުން ނުކުންނަ ފަދައިން، ޖަޕާނު ދުމަށިތަކުގެ ދޭތެރެއިން ދުމެއް ނުނިކުންނާނެއެވެ.

ދިލަޖެއްސުމާއި ފިހުން އަދި ގްރިލްކުރުމާއި ބާބެކިޔު ކުރުން

ދިލަޖެއްސުމާއި ފިހުމަކީ ތަފާތު ދެކަމެކެވެ. އިނގިރޭސި ބަހުންނަމަ، ގްރިލް ކުރުމާއި ބާބެކިޔު ކުރުމަކީ ތަފާތު ދެކަމެވެ. ދިވެހި ބަސް ފޮތުގައި އޮންނަ ގޮތުން ދިލަޖެއްސުމަކީ ”ދުމަށިމަތީ ހުންނަ މަހަށް އަލިފާނުގެ ދުންބުރައި ރަތްވުން“ އެވެ. ފިހުމަކީ އަލިފާނުގެ ސީދާ ހޫނު ބޭނުންކޮށްގެން މަހުގެ ރޯފިލުވުމެވެ. ކަނޑުމަސް، ކައްކާފައި ދުމަށިމަތީ ބަހައްޓާތީ، ކައްކާ ނިމުމުން މަސް ހުންނާނީ ރޯފިލާފައެވެ. ދިލަ ޖެއްސުމުން ވާގޮތަކީ ދުމުގެ ސަބަބުން މަހުގެ ރަހައަށް އިތުރު މީރުކަމެއް އަންނަނީއެވެ. މިއާއެކު އެ ގިނަދުވަހު ގެންގުޅެވެއެވެ. ދިލަ ޖައްސަން ދެތިން ގަޑިއިރު ދާނެއެވެ. މަސް ފިހުމަކީ ސީދާ ހޫނުން، ރޯކަން ފިލުވުމެވެ. މިއީ އެހާ ގިނަ ވަގުތެއް ދާ ކަމެއް ނޫނެވެ. ރަށްރަށުގެ ގޮނޑުދޮށުތަކާއި ގޯތިތެރޭގައި، ދިވެހީން މަސް ފިހައި އުޅެއެވެ.  މިއީ މަޖަލެއް ގޮތަށް ވެސް ކުރާކަމެކެވެ.

މިހާ ހިސާބުން މިކަމާ ގުޅޭ އިނގިރޭސި ދެ ލަފުޒުގެ މާނަ ވެސް ބަޔާންކޮށްލާ ހިތް ވެއެވެ. އަޅުގަނޑު މި އިޝާރާތް ކުރާ ދެ ލަފުޒަކީ ގްރިލް ކުރުމާއި ބާބެކިޔު ކުރުމެވެ. މި ދެ ލަފުޒު ގިނަ ދިވެހީން ބޭނުން ކުރަނީ ނުބައިކޮށެވެ. ގްރިލް ކުރުމަކީ ސީދާ ހޫނުން މަސް ފިހުމެވެ. މަސް ނޫނަސް ތަރުކާރީވެސް ގްރިލް ކުރެވިދާނެެއެވެ. ގޭސް ނުވަތަ ދަރު ބޭނުންކޮށްގެން ގްރިލް ކުރެއެވެ. ގްރިލް ކުރާއިރު، ހުޅުގަނޑުގައި ގްރިލް ކުރާ އެއްޗެއް ބައެއް ފަހަރު ޖެހިދާނެއެވެ. ގްރިލް ކުރުމުގެ މުހިއްމު ސިފައަކީ ގަދަ ހޫނެއްގައި އަވަހަށް ރޯފިލުވުމެވެ. ކާތަކެތި ގްރިލް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ތިރީގައި އެވަނީ އެވެ. ހުޅުގަނޑު ކާތަކެތީގައި ހުރަހެއް ނެތި ޖެހޭކަން ވިސްނަވާށެވެ.

ބާބެކިޔު ކުރުމަކީ މަޑު ހޫނެއްގައި އެތައް އިރަކުން އެއްޗެއްގެ ރޯ ފިލުވުމެވެ. ބާބެކިޔު ކުރާ ތަކެތީގައި ގިނަ ފަހަރު ހުންނާނީ މަތިޖެހޭ ގޮތަށެވެ. އެއީ ބާބެކިޔު ކުރާތަކެއްޗަށް ހޫނު ހުރިހާ ފަރާތަކުން ލިބެންޖެހޭތީއެވެ. ރޯހުޅެއް ކާތަކެތީގައި ހުރަހެއް ނެތި ނުޖެހޭނެއެވެ. ބާބެކިޔު ކުރުމަކީ ޔޫރަޕަށް ފަހުން ތައާރަފުވީ ކަމެކެވެ. ޔޫރަޕުގެ މީހުން ކެރީބިއަން ސަރަޙައްދުގެ ޤައުމުތަކަށް ދިޔަ އިރު، އެމީހުންނަށް ފާހަގަ ކުރެވުނީ އަހުލުވެރިން ދިގު މުޑިއެއްގައި ހުރަހަށް ދަނޑިއެއް އައްސައި މަސް އެލުވައިގެން މަޑުގިނީގައި ތަކެތި ފިހާކަމެވެ. ބައެއް ތަކެތި ރޯ ފިލުވަނީ ހައެއްކަ އަށެއްކަ ގަޑިއިރުންނެވެ. މިގޮތަށް ފިހުމުން ތަކެތީގައި ދުން ރަހައާއެކު މީރު ކަމެއް ހުރެއެވެ. މަސްގަނޑުތައް ހަފަން ފަސޭހައެވެ. މަސްގަނޑު އޮންނަނީ މުޅިން ދޫވެފައެވެ. ކުޅުދުއްފުއްޓަށް ޚާއްޞަ މަސްބޮޑިއަކީ ބާބެކިޔު ކުރާ އެއްޗެކެވެ.

ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ ބާބެކިޔޫ ކުރާ މި ޒަމާނުގެ އެއްޗެކެވެ. ހޫނާއި ދުން އުފައްދަނީ ތަންކޮޅެއް ދުރުގައި ދަރު އަންދައިގެންނެވެ. ބާބެކިޔުކުރާ ތަކެތި ބަހައްޓާ ތަނުގައި މަތި ޖެހޭ ގޮތަށް ވެއެވެ. ބާބެކިޔު ކުރެވޭ ގިނަ ތަކެތީގައި ގްރިލްވެސް ކުރެވޭނެއެވެ. ތަފާތަކީ ކާތަކެތި ފިހާ ހޫނު ކަމެވެ.

ޗޮރުކޯރު އުނދުނާއި ކެންސަރު

ކެންސަރަކީ ހަށިގަނޑު އުފެދިފައިވާ ސެލްތައް އެއްވެސް ހިފެހެއްޓުމެއް ނެތި ގިނަވަމުން ދިއުމެވެ. އެންމެ ފަހުން ގުނަވަންތައް ހަލާކުވެ މީހާ މަރުވެއެވެ. ހުޅު ޖައްސައިގެން ތަކެތި ގްރިލްކުރުމަކީ ޚާއްޞަކޮށް އެއްގަމު މަހާއި ސޯސިޖް ރޯފިލުވުމަކީ އެކަމުގެ ތެރޭގައި ކެންސަރު އުފައްދާ މާއްދާތަކެއް އުފެދޭ ކަމެކެވެ. މިހެން މިވަނީ ހޫނު ގަދަކަމުންނެވެ.

ޗޮރުކޯރު އުނދުނުގެ މައްޗަށް މަސްތައް އަޅަނީ ރޯނުފިލުވާކަމުން، އުނދުން އަންދަނީ ވަރަށް ގިނި ގަދަވާގޮތަށެވެ.  އެހެންކަމުން، މިކަމުގެ ތެރޭގައި ކެންސަރު ޖައްސާ މާއްދާތައް އުފެދޭކަން މިހާރު ސާބިތު ވެފައި ވެއެވެ. މިކަމާ ގުޅިގެން ޗޮރުކޯރުގެ އުނދުނުގެ ބަދަލުގައި، އެހެންބާވަތެއްގެ އުނދުނެއް ތައާރަފުކޮށްފައި ވެއެވެ. މި އުނދުނަށް ނަންކިޔަނީ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާގެ ނަމުންނާއި ތަޖުރިބާކުރި ފުރަތަމަ އަވަށުގެ ނަމުންނެވެ. ކުރުގޮތަކީ އެފްޓީޓީ އުނދުނެވެ. މި އުނދުނުން މަހުގައި ދިލަ ޖެއްސުމުން ކެންސަރު އުފައްދާ މާއްދާތަކެއް ނުއުފެދެއެވެ. ސަބަބަކީ މަހުގައި ދިލަ ޖެހެނީ ތަންކޮޅެއް ގިނިމަޑު ހޫނަކުން ކަމަށް ވާތީ އެވެ.

އެފްޓީޓީ އުނދުން

އެފްޓީޓީ އުނދުނުގައި މަސް ރޯފިލުވުމާއި ދުން ޖެއްސުމަށް ވަކިން ދެބައެއް ހުރެއެވެ. އާދެ! މިއީ ދެ ވަތަކަށް ހުންނަ އުނދުނެކެވެ. ގާތްގަޑަކަށް 6 ފޫޓު ދިގު 3 ފޫޓު ފުޅާ އުނދުނުގެ އުސްމިނުގައި ތިން ފޫޓުވަރެވެ. މެދުން ފާރެއް ރާނައި ދެބަޔަށް ބަައިކޮށްފައި ހުރެއެވެ. ވާތް ފަރާތުގައި ހުންނަނީ މަސް ރޯފިލުވާ ބައެެވެ. ކަނާތް ފަރާތުގައި ހުންނަނީ މަހުގައި ދުން ޖައްސާ ބައެވެ.

މަސް ރޯފިލުވާ ބައިގެ ތިރީގައި ހުންނަނީ އަލިފާން ރޯކުރާ ތިލަ ދަގަނޑު ވަތްގަނޑެކެވެ. މި ވަތްގަނޑުގެ ތެރެއަށް ވައި ވެއްދުމަށް އަތުން އަނބުރާ ގިރުބާއެއް (ބްލޯވަރެއް ނުވަތަ ފަންކާއެއް) ވެއެވެ. ވަތްގަނޑު ތެރެއަށް ދަރު އެޅުމުން ބަރުވާނެތީ، އުނދުން ތެރެއަށް ވައްދާ ނެރެން ފަސޭހައަކަށް ވަތްގަނޑު ތިރީގައި ދަގަނޑު ފުރޮޅުލާފައި ހުރެއެވެ. އުނދުނުގެ މަތީގައި ހުންނަނީ ޖަސްތުން ހަދައިފައިވާ ތިލަ ތަބަކެކެވެ. މި ތަބަކުގެ ބޭނުމަކީ މަސްތައް ރޯފިލަމުންދާއިރު އެއިން ފައިބާ ތެޔޮ ދަރުތަކުގެ ތެރެއަށް ފޭބިއަ ނުދިނުމެވެ. މަހުގެ ތެޔޮ ދަރުތަކަށް ފޭބުމުން އެއިން ކެންސަރު އުފައްދާ މާއްދާއެއް އުފެދޭތީ އެވެ. ތެޔޮތައް ޖަސްތު ތަބަކަށް ފޭބުމުން ފުޅިއަކަށް އެޅޭގޮތަށް ހަދައިފައި ވެއެވެ. މި ތެލުން އެހެން ބޭނުންތައް ކުރެއެވެ. މަސްތައް ރޯފިލުވަން ބަހައްޓަނީ މި ތަބަކުގެ މަތީގައިވާ ނަރު ދައުގަނޑެއްގަ އެވެ. މަސްތަކުގެ މަތީގައި އަޅާ ޖަސްތު މަތިގަނޑެއް ވެއެވެ.

އުނދުނުގެ ކަނާތް ފަރާތު ވަތަކީ މަހުގައި ދުންޖައްސާ ބައެވެ. މި ބައިގައި ޗޮރުކޯރު ދުމަށިފަދައިން ދިހަވަރަކަށް ދުމަށި މަތިމަތީ ބެހެއްޓެއެވެ. ދުން އުފައްދަނީ ޖަސްތުން ހަދައިފައިވާ ޓައްޕަކުންނެވެ. ޓައްޕުގެ ތެރެއަށް ހޯލި އަޅައި އަންދަނީއެވެ. މި ޓައްޕުގައި ވައި ވެއްދުމަށް ލޯވަޅެއް ވެއެވެ. ޓައްޕުން އުފައްދާ ދުން، އުނދުނުގެ ކަނާތް ފަރާތަށް ގެންދަނީ ޖަސްތު ހޮޅިއަކުންނެވެ. ހޮޅީގެ މެދުގައި، ދުންތައް ދާއިރު އެ ފިނިކުރުމަށް ފޯކޮށްފައި ހުއި އަޅާތަނެއް ވެއެވެ. މަތީގައިވާ ފޮޓޯގައިވާ ހޮޅީގެ މެދުގައި އެވަނީ މިތަނެވެ. މިއީ ދުންތައް ފިނިކުރާ ފުރޭންޏެއް ފަދަ އެއްޗެކެވެ. ދުން ފިނިކުރުމުން އެއިން ކެންސަރު އުފައްދާ މާއްދާތައް ނެތި ދެއެވެ. މި ބާވަތުގެ އުނދުން ހަދާގޮތް، މި ޖުމުލައަށް ފިއްތަވާ ލެއްވުމުން ފެނިވަޑައިގަންނަވާ ވީޑިއޯގައި ވަރަށް ތަފްޞީލުކޮށް ކިޔައިދީފައި ވެއެވެ.

އެފްޓީޓީ އުނދުނުގެ ވާހަކަ އަޅުގަނޑު މި ބަޔާންކުރީ މަޢުލޫމާތަށް ޓަކައެވެ. އެއަކީ ރާއްޖެއާ ގުޅޭ އެއްޗެއް ނޫނެވެ. އެހެނީ ރާއްޖޭގެ މީހުން މަސް ފެނުގައި ނުކައްކައި ދިލައެއް ނުޖައްސައެވެ. މަސް ރޯފިލުވާފައި ނޫނީ މަހެއް ނުހިއްކައެވެ. އެހެންކަމުން، މިބާވަތުގެ އުނދުނަކީ ރާއްޖެއަށް ބޭނުން އެއްޗެއް ނޫނެވެ. ރާއްޖޭގެ މީހުން މަސް ހިއްކާ ގޮތަށް އެކަން ކުރަނީ ޖަޕާނު މީހުންނެވެ. ޖަޕާނު މީހުން ބޭނުން ކުރާ އުނދުނާއި ދުމަށިތައް ރާއްޖެއާ މާބޮޑަށް ގުޅެއެވެ. ޖަޕާނަކީ ކެންސަރު އެންމެ މަދު އެއް ޤައުމެވެ. މިއާއެކު ހިކިމަސް އެންމެ ގިނައިން ބޭނުން ކުރާ ޤައުމު ވެސް މެއެވެ.

ވަޅޯ މަހާއި ހިކިމަސް ތައްޔާރުކުރުމަށް އެންމެ ރަނގަޅީ ކޮންބާވަތެއްގެ އުނދުނެއް؟

މަތީގައިވާ ބަޔާންތައް ކިޔުއްވައިފީމެވެ. ވިދާޅުވާށެވެ. ތިބާއަށް އެންމެ ރަނގަޅީ ކޮން ބާވަތެއްގެ އުނދުނެއް ތޯއެވެ؟ އަޅުގަނޑަށް  އެންމެ ރަނގަޅު ކަމަަށް ފެންނަނީ ޖަޕާނުގައި ބޭނުން ކުރާ އުނދުނެވެ. އެއީ ދެބަޔަކަށް ރާނާފައިވާ، ބައެއްގައި ދެ ފޫޓު ދެ ފޫޓުބައި ހުންނަ އުނދުނެވެ. މި އުނދުނުގެ މަތީގައި ބަހައްޓާ ހަތަރު އިންޗި ފުންމިނުގައި ހުންނަ ނަރުދައު ޖެހި ދުމަށި ތަކަކީ ގޮދާ މަސް ގަނޑުތައް އެޅިޔަސް މަތީ ދުމަށީ ގައި ނުޖެހޭހާ ފުންމިނެއްގެ ދުމަށިތަކެކެވެ. މިއާއެކު އެކަކަށް އުފުލައި ހެދެއެވެ. ދުމަށީގެ އޮނިގަނޑު ހަދައިފައި ހުންނަ ހިމުންކަމުން އަރިމަތިން ދުން ބޭރުވާ ގޮތެއް ނުވާނެއެވެ. ބޭރުގައި ބަހައްޓާނަމަ، މަތީގައި ޓިނުގަނޑެއް ޖަހަނިކޮށް ވާރޭ ވެހޭ އިރު ވެސް މަސްވަޅޯކޮށް ހިއްކިދާނެއެވެ.

މަސް ރަނގަޅަށް ވަޅޯކުރުމަށް ފަހު، އަވިން ވެސް ހިއްކި ދާނެއެވެ. ޖަޕާނު މީހުން ހިއްކުމަށް ބަދިގެއެއް ބޭނުން ކުރެއެވެ. މި ބަދިގެއަކީ ބުރިބުރިއަށް، ބުރިއެއްގެ އުސްމިނުގައި ހަތަރުވަރަކަށް ފޫޓު ހުންނަ ގޮތަށް ހަދައިފައިވާ ބަދިގެއެކެވެ. އެންމެ ތިރީ ބުރީގައި ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ވަންދެން ދަރު އަންދައެވެ. ތިރީގައި ބަހައްޓަނީ އެންމެ ތެތް މަހެވެ. ހިކެމުންދާ ވަރަކަށް މަތީ ބުރިތަކަށް މަސްތައް ބަދަލުކުރެއެވެ. ހަތަރު ހަފުތާ ވަންދެން ދިލަ ޖެއްސުމުން މަސްގަނޑުތައް ގައުބުރިއެއްހާ ވަރަށް ހިކެއެވެ. މިކަން ވާގޮތަކީ، މަހުގެ ބޭރު ހިކުމުން، މަހުގެ އެތެރޭގައިވާ ތެތްކަން ބޭރަށް ނުކުންނަނީ އެވެ. ދެން ހޫނުވެގެން ބޭރު ހިކުމުން، އެތެރޭގައި ހުރި ތެތްކަން އަނެއްކާ ބޭރަށް ނުކުންނަނީ އެވެ. ދެން މިގޮތަށް މަސްގަނޑުގެ އެތެރެ، ބޭރާ އެއްވަރަށް ހިކެއެވެ. މިއީ އެންމެ އަގު ބޮޑުކޮށް، އާދެ، މަސްގަނޑެއް ބޭރަށް،  200 ވަރަކަށް ރުފިޔާއަށް ވިކޭ ހިކިމަސް ތައްޔާރު ކުރާގޮތެވެ.

ތިރީގައިވާ ވީޑިއޯ އަކީ ހިކި މަސް ޖަޕާނުގައި ތައްޔާރު ކުރާގޮތް ފެންނަ ވީޑިއޯ އެކެވެ. އިނގިރޭސި ބަސް ނުދަތަސް ވާނުވާ ވަރަށް ސާފުކޮށް އެނގެއެވެ.

ނިންމާލުން

ކަނޑުމަހަކީ ރާއްޖޭގެ ކަނޑުތަކުން އެކަށީގެންވާ މިންވަރަށް ބޭނޭ އެއްޗެކެވެ. ގިނަ ދުވަހު މަސް ބެހެއްޓޭ އެއްގޮތަކީ ހިކި މަސް އުފެއްދުމެވެ. މިއީ އެންެމެ އަގުބޮޑުކޮށް ވިކޭ މަސް ތައްޔާރު ކުރެވޭ ގޮތެވެ. ޖަޕާނު ކެއުމުގައި އެންމެ މުހިއްމު އެއްޗަކީ ހިކިމަހުގެ ރަހައެވެ. ޖަޕާނު ކެއުން މުޅި ދުނިޔެއަށް ފެތުރިފައި ވާތީ ހިކި މަހަށް ރަނގަޅު ބާޒާރެއް އޮންނާނެއެވެ. މިއީ ދިވެހި ޒުވާނުން ކުރިމަތިލާން ވަރަށް ރަނގަޅު ވިޔަފާރިއެކެވެ. ޚާއްޞަކޮށް ފަތުރުވެރިން ގިނައިން އަންނަ މި ޤައުމުގައެވެ.

ރާއްޖޭގެ ކޮންމެ މީހަކަށް، ބޭނުން ނަމަ، އެމެރިކާގެ އެމޭޒަން އޮންލައިން ކުންފުނި މެދުވެރިކޮށް މަސްގަނޑެއް ގަނެވޭނެއެވެ. އަގަކީ މަސް ގަނޑެއް ގާތްގަޑަކަށް 30 ޑޮލަރެވެ. އެމޭޒަނުން ޕޯސްޓުން މަސްގަނޑު ފޮނުވައިދޭނެއެވެ. މިއީ ދުނިޔޭގެ މުވާޞަލާތް ކުރިއަރައިފައިވާތީ ކުރެވޭ ކަމެކެވެ. ރާއްޖޭގެ މީހުން ނަގާލާ ފުރުޞަތަކީ، ދިވެހީންނަށް ވެސް، މަސްގަނޑެއް ބޭރަށް ވިއްކޭނޭއިރު، ނުވިއްކާ ތިބޭ ތިބުމެވެ. ބޭރަށް މަސް ވިއްކާނަމަ، އޭގެ ފެންވަރު ރަނގަޅުވާން ވާނެއެވެ. މިއަކީ މާ ބޮޑު ރައުސްމާލެއް ބޭނުންވާ ކަމެއް ނޫނެވެ.

އަޅުގަނޑަށް ވިސްނޭގޮތުން، ރިސޯޓުތަކުގައި ތަންމަތި އަޅަންށާއި ކާމޭޒުމަތީގައި ތަށިއަތުރަން އުޅުމުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީ އެއް، ހިކި މަސް ވިއްކައިގެން ޒުވާނުންނަށް ހޯދޭނެއެވެ. ފަތުރުވެރިކަމަކީ ދިމާވާކަމަކުން ފަސޭހައިން ހީނަރުވެދާނޭ ވިޔަފާރިއެކެވެ. މިފަދަ ޙާލަތްތަކުގައި ވެސް، ހިކިމަހަށް މީހުން އެދޭ އެދުން ކުޑައެއް ނުވާނެއެވެ. ކާބޯ ތަކެތީގެ ރައްކާތެރިކަމަށްޓަކައި، މަސްވެރިކަމަކީ ދިވެހީން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. ޚާއްޞަކޮށް މިދުވަސް ވަރުއެވެ. މިއީ، ބޮޑު ހަނގުރާމައަކަށް ދުނިޔެ ތައްޔާރުވާ ފަދަގޮތަކަށް ދޭދޭ ޤައުމުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދުވަސްވަރެކެވެ. ރޭޑިޔޯ ހުޅުވާލުމުން، އިވެނީ އެކި ޤައުމު ތަކުގެ ލަޝްކަރުތަކުން ކަނޑިތައް ތޫނުކުރާ އަޑެވެ.