ރަށްފުށުގެ ތަނަވަސް ކަމަށް

މަސް ވަޅޯކޮށް ހިއްކުން

In Search of God

މީގެ ދިހަ ވަރަކަށް އަހަރު ކުރިން، ”ދަރުމަ“ ކިޔާ މަޖައްލާ އެއްގައި، މަހުގެ ދިލަ ޖެއްސުމާ ބެހޭ މަޒުމޫނެއް ޝާއިޢުކުރީމެވެ. އެ މަޒުމޫނުގައި ދިލަ ޖެއްސުމުން މަހަށް ވާގޮތާއި ދެތިން ކިލޯއިން ފެށިގެން 1000 ވަރަކަށް ކިލޯ (އެއް ޓަނު) މަހުގައި ދިލަ ޖައްސާނޭ އެއްޗެތި ހަދާނޭގޮތް ލިޔުނީމެވެ. މި މަޒުމޫނު ޝާއިޢުކުރުމާ ގުޅިގެން އޭގެ ތަކެތި ހަދަން ވެގެން ބައެއް މީހުން އަޅުގަނޑާ ގުޅިއެވެ. އަދި، އަޅުގަނޑަށް އެނގިގެން އެކަކު ދެތިން ޓަނު މަހުގައި އެއްފަހަރާ ދިލަ ޖައްސާ އެއްޗެއް ހެދިއެވެ.

އަޅުގަނޑު ދަންނަވަން މިއުޅެނީ ތަންކޮޅެއް ކުޑަ، ގާތްގަޑަކަށް ފަސްވަަރަކަށް ކިލޯއިން ފެށިގެން ސަތޭކަ ވަރަކަށް ކިލޯ މަހުގައި ދިލަޖައްސާނޭ އެއްޗެއް ހަދާނޭ ގޮތެވެ. މަހުުގައި ދިލަ ޖައްސައިގެން ހަރުމަސް ތައްޔާރު ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ. މަހަކީ ހުރިހާ އިރަކުވެސް އެއަށް މީހުން ބޭނުންވެގެންވާ އެއްޗެކެވެ. މަސްވަޅޯކަޮށް ހިއްކުމުން ގިނަ ދުވަހު އެ ގެންގުޅެވެއެވެ. އެއިގެ އަގު ބޮޑުވެއެވެ. ހަރުމަސް ކިލޯއެއްގެ އަގު މާލޭ ބާޒާރުގައި ހުންނަނީ 130 ރުފިޔާ މިންވަރު ގައެވެ.  ޖަޕާނުގައި ދާލިހެން ލިޔެފައިވާ މަސް ވިއްކަނީ ކިލޯއެއް 30 ޑޮަލަރު ވަރަށެވެ.

އަޅުގަނޑު މި ދަންނަވާ ގޮތަކީ، ޖަޕާނުގައި ހިކިމަސް ތައްޔާރު ކުރާގޮތާއި، އަދި އެފްރިކާގެ ގައުމެއްގައި އީޖާދު ކުރި އައު ގޮތެކެވެ. މި ގޮތަށް މަހުގައި ދިލަ ޖައްސާއިރު، ވަރަށް މަދު ދަރުން އެކަން ކުރެވެއެވެ. އަދި މިއާއެކު، ހެދުމުގައި ދުމުގެ ވަހެއް ނުހިފާނެއެވެ. ވާރޭ ވެހުނަސް، މަސް ވަޅޯކޮަށް ހިއްކައި ހެދޭނެއެވެ. މިއީ ރާއްޖޭގައި މަސްކައްކާ މީހުންނަށް ތަޖުރިބާކުރަން ރަނގަޅު އެއްޗެކެވެ.

ރިހާ މަހެއް ދިރި އުޅެނީ ލޮނުގަނޑަށް ހުގިރިފައިވާ އޮކްސިޖަން ކިޔާ ގޭހަކުން ”ނޭވާ“ ލައިގެންނެވެ. ލޮނަށް ގިރިފައި ހުންނަ އޮކްސިޖަން، މަހުގެ ތެރެއަށް ވަންނަނީ އެއިގެ ކަރުތާފަތްގަނޑުންނެވެ. ކަންފަތްގަނޑު ހަލުވައިގެން ކަރުތާފަތްގަނޑުން މަހުގެ ތެރެއަށް އަބަދު ލޮނު ފޮނުވެއެވެ. ކަޅުބިލަ މަހުގެ އާދަޔާ ޚިލާފު އެއް ކަމަކީ، ކަންފަތްގަނޑު، ގޯލްޑްފިޝްހެން އަބަދު ނުހަލުވާ ކަމެވެ. އެހެންކަމުން، ކަރުތާފަތްގަނޑުން ސާފު ލޮނު ވެއްދުމަށް ކަޅުބިލަމަހަށް ޖެހެނީ އަބަދު ދުވާށެވެ. އިންތާ އިނދެގެން ނޭވާއެއް ނުލެވޭނެއެވެ. މި ސަބަބަށްޓަކައި، ކަޅުބިލަމަހަކީ އަބަދު ދަތުރުކުރާ އެއްޗެކެވެ. ރާއްޖޭގެ ކައިރީގައި އުޅޭއިރު މަސްނުބޭނި ނަމަ، ދަތުުރުކުރަމުން ދަނިކޮށް ކޮންމެވެސް އެހެން ބަޔަކު އެ ބާނާނެ އެވެ. އެޔަކީ، ވަކިތަނެއްގައި، ވެންހެން، އަހުލުވެރިވެގެން އުޅޭ އެއްޗެއް ނޫނެވެ.

ކަޅުބިލަ މަހަކީ އަބަދު ދުވެ އުޅޭ އެއްޗެއް ކަމުން، އޭގައި ސަރުބީ ނުވަތަ ތެލަށް ވުރެ މަސް ވަރަށް ގިނަވާނެއެވެ. ގަރުދިޔަ ކައްކާ އިރު، ފެނުގެ މައްޗަށް ފިއްލެޔޮ ގޮތުގައި އަރަނީ މަހުގައިވާ ސަރުބީ ނުވަތަ ތެލެވެ. ތެލަކީ ފެނަށް ވުރެ ލުއި އެއްޗެކެވެ. މަސްކައްކާ މީހުންނަށް ފާހަގަ ކުރެވޭނޭ ކަމަކީ، މަސް މީރުވަނީ އަދި ގިނަ ދުވަހު ކުނިނުވެ ހުންނަނީ ފިއްލެޔޮ މަދު މަހުންކަމާއި ހުރިހާ ފިއްލެޔޮ އަރާ ނިމެންދެން ކެއްކުމުން ކަމެވެ.

ދިވެހީންގެ ތެރެއިން އެންމެ މޮޅަށް މަސްކައްކާ ބަޔަކީ ކުރީ ޒަމާނުގައި ހުވަދޫ އަަތޮޅު މީހުންނެވެ. މިކަން އެނގެނީ މީގެ 50 ވަރަކަށް އަހަރު ކުރީގެ ނޫސްތަކުގައި، ހުވަދޫ އަތޮޅުން މާލެއަށް ވިއްކަން ގެންނަ މަހުގެ އަގު، އެހެން އަތޮޅުތަކުން ގެންނަ މަހުގެ އަގަށް ވުރެ ބޮޑުކަމަށް ލިޔެފައި ހުންނާތީއެވެ. ބުނެވޭ ގޮތުގައި، އެމީހުން މަސްކައްކަނީ މޫދު ލޮނުގައެވެ. މަސް ހިއްކުމަށް ފަހު، އެތައް ދުވަހަކު ދިލަޖައްސައި، އަވީލައި، އަދި ފަހުން މަގުމަތީގައި ކޮންމެ ދުވަހަކު ވަޅުލައެވެ. ހަވީރުވުމުން ނަގައި ހެނދުނު އަނެއްކާ ވަޅުލައެވެ. މިވާހަކަ، މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލް ދީދީ ލިޔުއްވި އައްޑޫ ދަތުރާ ބެހޭ ފޮތުގައި ވެއެވެ.

މަސް ކެއްކުމަށް އެންމެ މުހިއްމީ މަހުގެ ތާޒާކަމާއި ބާވަތެވެ. މަސްކައްކާގޮތް އަޅުގަނޑަށް ކިޔައިދިނީ އަޅުގަނޑުގެ އަވަށްޓެރި މޮޅު ކެއްކުންތެރިއެކެވެ. އޭނާ ބަޔާން ކުރިގޮތުގައި، ވަޅޯމަހާއި ހިކިމަސް ހެދުމަށް އެންމެ ރަނގަޅީ ދިގުކޮށް ހުންނަ މަހެވެ. ކުރު ފަަލަކޮށް ހުންނަ މަސް، ކެއްކުމުން ކުރުގެޅޭ ގޮތެއް ވާނެއެވެ. ކަނޑުކުކުޅު ފަދަ ރިހަ ކެއްކުމަށްވެސް އެންމެ ރަނގަޅީ މި ބާވަތުގެ މަހެވެ. އޭނާ މިވާހަކަ ބަޔާން ކުުރުމުގެ ކުރިން، ކަޅުބިލަ މަހުގެ ނުވަތަ އިނގިރޭސި ބަހުން ކިޔާ ސްކިޕްޖެކް ޓޫނާ ގެ ދެ ވައްތަރެއް ހުންނަ ކަމެއް އަޅުގަނޑު ނުދެނަހުރީމެވެ.

މަސްކެއްކުމަށްޓަކައި، ތާޒާކޮށް ހުއްޓައި މަސްގަނޑުތަކުން ލޭގެ އަސަރު މުޅިން ފިލަންދެން ދޮންނަން  ޖެހޭނެއެވެ. މަހުގައި  ލޭ ހުރިނަމަ، ނުވަތަ ހަން ހުރިނަމަ، ގަރުދިޔަ އާއި މަހުގެ ރަހަ ނުބައިވާނެއެވެ.

ގަރުދިޔަ ކައްކާއިރު އާދައިގެ މަހަކަށް އަޅަނީ ދެ އަޑުބާ ފެނެވެ. މިއީ ގާތްގަޑަކަށް ދެ ލީޓަރާއި ލީޓަރެއްގެ ހަތަރުބައިކުޅަ އެއްބައި ފެނެވެ. ހިކިމަސް ތައްޔާރު ކުރަން މަސްކައްކާ އިރު، މި ނިސްބަތް ތަފާތު ވާނެއެވެ. ލޮނު އަޅާނީ މި ފެންގަނޑަށް ސައިސަމުސަލެއްގެ ލޮނެވެ. މުޙައްމަދު އަމީން ލިޔުއްވި ކެއްކުމާ ބެހޭ ފޮތުގައި، ފެންގަނޑަށް މަސް އަޅަން ވާނީ، ކެކެން ގާތްވީމާ ކަމަށް ލިޔުއްވައިފައި ވެއެވެ. އަދި ކެކެމުންދާ އިރު، ފިއްލެޔޮތައް އުނދުޅިއަކުން ނަގަމުން ގެންދާނީ ކަމަށް ލިޔުއްވައިފައި ވެއެވެ. ފިއްލެޔޮ ހުސްވާނީ، ފެންގަނޑު ¼ މަދުވުމުންނެވެ. ދެން ކުރިން ހުރި ވަރަށް ފެން އަޅައި، މި އައު ފެން ރޯފިލުވުމުން މަސްކައްކާ ނިމުނީ އެވެ

މުޙައްމަދު އަމީން ލިޔުއްވި ގޮތާއި، އަޅުގަނޑަށް މިކަން ކިޔައިދިން ކެއްކުންތެރިޔާ ކިޔައިދިން ގޮތް ތަފާތެވެ. ޖަޕާނުގައި މަސްކައްކާ ގޮތާއި އޭނާ ކިޔައިދިން ގޮތް އެއްގޮތް ކަމުން، އަޅުގަނޑު ބޮޑަށް ތާއީދު ކުރަނީ މި ދަންނަވާ ފަހު ގޮތަށެވެ. ފެންގަނޑު ހޫނު ވަމުން އައިސް ކެކެން ފެށުމުން، ގިނި މަޑުކޮށް، ކެއްކުން ކުޑަވުމުން، ފެންގަނޑަށް މަސްއަޅާނީ އެވެ. މަސް އެޅުމަށް ފަހު، ފެންގަނޑު އެއްވެސް ގޮތަކަށް ބޮކިޖަހައި ކެކުނަ ދީގެން ނުވާނެއެވެ. ކެކެން ފަށައިފިނަމަ، ގަރުދިޔަ ގަނޑުގައި ހުދުކުލައެއް ޖަހައި، މަހުގެ ރަހަ ނުބައިވާނެއެވެ. ފިއްލެޔޮ ނަގަމުން، ބޮކި ނާރާ ހޫނުގައި ބައިގަޑިއިރު މަސްކައްކަން ވާނެއެވެ. މިހާ ހިސާބުން ގަަރުދިޔަ ކައްކާ ނިމުނީ އެވެ. ގަރުދިޔަ ގަނޑުގައި ފިޔަނެއް ފަދަ މައްޗެއް ޖަހަންވާނީ މުޅީން ހިހޫވުމުންމެވެ. ހިހޫވުމަށް ފަހު، އުނދުޅިއެއް ފަދަ އެއްޗެއް ބާނައިފިނަމަ، އަލުން ކައްކަން ޖެހޭނެއެވެ. ނޫނީ ގަރުދިޔަ ގަނޑުގެ ރަހަ ތަފާތުވާނެއެވެ. މިގޮތަށް ހޫނުކުރަމުން މަހެއް ހާ ދުވަހު ގަރުދިޔަ ގެންގުޅެވޭނެއެވެ. ބައެއް މީހުންނަށް މީރުވާނީ ގިނަ ދުވަސްވީ ރަތް ގަރުދިޔައެވެ.

ޖަޕާނު މީހުން މަސްކައްކަނީ 85 ސެލްސިއަސް އާއި 95 ސެލްސިއަސް އާ ދެމެދު، އެއް ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތެއް ވަންދެންނެވެ. ފެން ކެކެނީ 100 ސެލްސިއަސްގައި ކަމުން، މިއީ ބޮކި ޖަހާ ކެކޭ ހޫނަށް ވުރެ މަޑު  ނަމަވެސް ގަދަ ހޫނެކެވެ.

ޖަޕާނު މީހުން މަސްކައްކާ ނިމުމުން، މަސްތައް އަޅަނީ، ފިނި ފެންގަނޑަކަށެވެ. ދެން މަހުގެ ކަށިއަރިގަނޑުން ހުރިހާ ކައްޓެއް ގިނިފަތި ފާޑުގެ ދައްޗަކުން ވަކިވަކިން ނަގައެވެ. އެމީހުން ބުނާގޮތުގައި، މަސްހިކެމުން އަންނައިރު، މަސްތައް ކުޑަވާ ވަރަށް، ކަށި ކުޑަނުވާތީ، ކަށިތައް ނުނަގައިފި ނަމަ، ކަށިއަރިގަނޑު ގުދު ވާނެއެވެ. ކަށިތައް ނަގަނިކޮށް، މުލާރިގަނޑުހެން، ކަށިއަރިގަނޑު ވެސް ހުންނާނީ ތެދަށެވެ. ތިރީގައި އެވަނީ ކަށިތައް ނަގަނިކޮށް ނަގައިފައިވާ ފޮޓޯއެކެވެ.

ކަށިތައް ނެގުމަށް ފަހު، ވަރަށް އަވަހަށް މަހުގައި ދުން ނުވަތަ ދިލަ ޖައްސައެވެ. މަސް ހޫނު ފެންގަނޑުން ނަގާއިރަށް މަހުގެ ރަހަ ބަދަލުކުރާ ބެކްޓީރިއާ އުފެދެން ފަށާނެއެވެ. އެހެންކަމުން ދުުން ޖެއްސުން އަވަސް ކުރުމަކީ ރަހަ ރަނގަޅުވާނޭ ކަމެކެވެ. ދިލަޖެއްސުމަކީ ހޫނު ކުރުމެއް ނޫނެވެ. އެއީ އޮކްސިޖަން ރަނގަޅަށް ނުލިބޭ ވަރަށް ދަރު އެންދުމުން އުފެދޭ ދުމުގައި މަސް ބެހެއްޓުމެވެ. މަސް މީރުވަނީ އަދި ގިނަ ދުވަހު ހަލާކު ނުވެ ހުންނަނީ މި ދުމުގައި ހުންނަ ތެލެއްގެ ސަބަބުންނެވެ. މި ދެންނެވި އަސަރު މަހުގައި ޖެއްސުމަށް ދުން ހޫނުވުމަކީ މުހިއްމު ކަމެއް ނޫނެވެ. އެކި ދަރުން އުފެދޭ ދުން ތަފާތެވެ. އެހެންވެ، ތަފާތު ދަރުން ދިލަ ޖެއްސުމުން މަހުގެ ރަހަ ތަފާތުވެއެވެ. ބޭރު ޤައުމުތަކުގައި، އެންމެ މީރު ކަމަށް ބުނަނީ ޗެރީ ކިޔާ ޖޭމުގަސް ފާޑުގެ ގަހެއްގެ ދަރެވެ. މި ނުލިބޭ ނަމަ، އޯކް ނުވަތަ ބިލޫތު ގަހު ދަރެވެ. ރާއްޖޭގައި ބޭނުން ކުރާ ދަރުތަކުން އެންމެ ރަހަ މީރުވަނީ ކޮންބާވަތެއްގެ ދަރަކުން ދިލަ ޖެއްސީމާތޯ އެވެ؟

އެންމެ ފުރަތަމަ ގާތްގަޑަކަށް ދެ ގަޑިއިރު ދިލަ ޖައްސައެވެ. ދިލަ ޖައްސަމުންދާ އިރު، ހުރިހާ ފަރާތެއް އެއްވަރަކަށް ރަތްވަންދެން މަސްގަނޑުތައް ފުށުންޖަހައި އަނބުރައި ހަދައެވެ. ދެން މިއަށް ފަހު، ރާއްޖެ އާއި ޖަޕާނުގައި މަސް ހިއްކާގޮތް ތަފާތެވެ. އެންމެ ފުރަތަމަ ދަންނަވާނީ ޖަޕާނުގައި މަސްހިއްކާ ގޮތެވެ. ޖަޕާނުގައި ހަދާ ގޮތަކީ، މަސްތައް ދަގަނޑު ނަރުދަލުން ހަަދައިފައިވާ ދެ ފޫޓު ތިންފޫޓު ހުންނަ ވަރުގެ ފޮށިފޮށްޓަށް އަޅަނީ އެވެ. އެއަަށް ފަހު، ހައެއްކަ ދުމަށި މަތިމައްޗަށްލީ  ބަދިގެއެއްގައި ބަހައްޓައިގެން އެއް މަސް ދުވަސް ވަންދެން މަހުގައި ދުން ޖައްސައެވެ. އެންމެ ތެތް މަސް ބަހައްޓަނީ އަލިފާންގަނޑާ އެންމެ ކައިރި ދުމަށިމަތީގަ އެވެ. އެންމެ ހިކި މަސް އެެންމެ މަތީގައެވެ. މިގޮތަށް ދުމަށީގައި ބަހައްޓައިގެން ދިލަ ޖައްސަނީ ދުވާލަކު ހަތަރު ގަޑިއިރު އެވެ. ދެން މަސްތައް ދުމަށިމަތިން ބޭރަށް ނެރެއެވެ. ބޭރަށް ނެރުމުން އާދަޔާ ޚިލާފު ކަމެއް ވެއެވެ.

ދުމަށިމަތީގައި މަސްތައް ބަހައްޓައި ދިލަޖެއްސުމުން، ހިކެނީ ނުވަތަ ދިލަޖެހެނީ މަސްގަނޑުގެ ބޭރު ފަރާތުގައެވެ. އަޑި ނުވަތަ އެތެރެ އޮންނަނީ ކުޑަކޮށް ތެތްކޮށެވެ. ބޭރަށް ނެރުމުން، އެތެރޭގައި ހުންނަ ތެތްކަން ނުވަތަ ފިނިކަން، ބޭރަށް ނުކުމެ ބޭރު ތެތްވެއެވެ. ދެން އެވީ އަނެއް ދުވަހު ދުމަށްޓަށްލައި ދިލަ ޖައްސަންށެވެ. އެއިރުން ބޭރު ހިކެއެެވެ. އަލުން ބޭރަށް ނެރުމުން އެތެރޭގައި ދެން ހުރި ތެތްކަން ބޭރަށް ނިކުމެއެވެ.  ދެން އަނެއްކާ ދުމަށްޓަން ލަނީ އެވެ. މިގޮތުގެ މަތިން މަހެއް ވަންދެން މަސް ހިއްކާއިރު، މަހުގެ އެެތެރޭގައި ހުންނަ ތެތްކަން ވަރަށް މަދުވެ، ބޭރާ އެއްވަރަށް އެތެރެ އޮންނަނީ ހިކިކޮށެވެ. މަހުގެ ތެތްކަން ބަލަނީ އެ ލެނބޭވަރުންނެވެ. ތިން ހަފުތާ ވަންދެން ދިލަ ޖެއްސުމުން، މަސްގަނޑު އެއްވެސް ވަރަކަށް ނުލެބޭނެއެވެ. ދެން ތެތްކަން ބަލަނީ އެއް ގަނޑު އަނެއްގަނޑާ ޖަހައި، ނުކުންނަ އަޑުންނެވެ. ހަތަރު ހަފުތާ ނުވަތަ އެއް މަސްވާއިރު މަސްގަނޑުގެ އެތެރެއާއި ބޭރު އޮންނާނީ އެއްވަރަށް ހިކިފައެވެ. މަސްގަނޑުގައި ފެން ހުންނާނީ ބަރުދަނުގެ ފަސްބައިކޮށްފައި އެއްބައިހާ ކުޑަކޮށެވެ. ގައުގަނޑެއްހާ ހަރުވާނެއެވެ. އެއްގަނޑު އަނެއްގަނޑާ ޖެހުމުން ބިއްދައިގެން ދާނެއެވެ. އެތެރެ ހުންނާނީ ބިއްލޫރި ފަދަ ގޮތަކަށް އޮފުކޮށެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.

ރާއްޖޭގައި މަސް ފުރަތަމަ ފަހަރަށް ވަޅޯކުރުމަށް ފަހު، މައިގަނޑު ގޮތެއްގައި ހިއްކަނީ އަވީގައި ބަހައްޓައިގެންނެވެ. މިއީ ދަރު ޚަރަދު ކުޑަވާނޭ ގޮތެެކެވެ. ސައިންސްގެ ލޮލަކުން ބަލާއިރު މިގޮތްވެސް ރަނގަޅެެވެ. އެއީ ހަވީރުވެ ފިނިވުމުން، މަހުގެ އެތެރޭގައިވާ ފެން ބޭރަށް ނުކުންނާނެއެވެ. ދެން އަނެއް ދުވަހު އަތްވަށް ލަނިކޮށް ބޭރުހިކި މިގޮތަށް މަސްހިކޭނެއެވެ. ނަމަވެސް، ތަަކުރާރުކޮށް ދުން ޖެހުމުން ރަހައަށް  އަންނަ މީރުކަމެއް ނާންނާނެ އެވެ.

ހުވަދޫ ހިކިމަސް ހިއްކާއިރު، މަގުމަތީގައި ވަޅުލަނީ ކީއްވެގެންކަމެއް އަޅުގަނޑަށް އޮޅުމެއް ނުފިލިއެވެ. އެއީ ކާޅުގެ އުނދަގުލުން އެ ރައްކާތެރިކުރުމަށްތޯ، ނުވަތަ ބިމުގައި ހުންނަ މާއްދާއަކުން މަހަށް ބަދަލެއް ގެންނަން ކުރާކަމެއް ކަމެއް ނޭނގެއެވެ. މިކަމާ ބެހޭ ގޮތުން އަޅުގަނޑު ވާހަކަ ދެއްކި ދުވަސްވީ ނަޑެއްލާ މީހަކު ބުނީ އޭނާ ކުޑައިރު މިސްކިތަށް ދާއިރު ހިނގާނެހާތަން ބާއްވާފައި، މަގުގެ ދެފަރާތުގައި އޮންނަނީ މުޅިން މަސްވަޅުލާފައި ކަމަށެވެ. ދެން ހަވީރުވުމުން ނަގައި އަނެއްކާ އަނެއްދުވަހު ވަޅުލާ ކަމަށެވެ. މަސް ފައްލަވަ ކުރާއިރު، ހުވަދޫ އަަތޮޅުގައި މަސްބަހައްޓަނީ ފަށަލަ ފަށަލައަށް، ދެފަށަލަ ދެމެދަށް ހިމުންް ހިރަފުސް ވެއްޔާއި ފުއްލޮނު ހިމުންކޮށް އަޅައިފައެވެ. އެކަމުގެ ސަބަބުން ބޮކަން އާއި ފޮރި އުފެދުން ދުރުކޮށްދެއެވެ. މަސްވިއްކަން ގެންދަންވީމާ، ފަޅުގައި ހުންނަ ބޮއްކުރާ އެއްގަމަަށް އަރުވައި، ލޮނުއަޅައި ހިކިމަސްތައް އަޅައި ތިން ދުވަސްވަންދެން ބަހައްޓައެވެ. އެއިރުން މަސްތައް ބަރުވެ ބޭރު ސާފު ވެއެވެ. މާލޭގައި ފައްލަވަކުރާއިރު، ފައްލަވަ ތެރެއަށް މަސް ހުންނަނީ ފުނިޖަހާފަ އެވެ. ދޭތެރެދޭތެރެއިން ލޮނު ޖަހައެވެ.

ޖަޕާނު މީހުން ކަޅުބިލަމަހަށް  ކިޔާ ނަމަކީ ކަޓްސުއޯ އެވެ. ހިއްކުމުން މަހަށް ކިޔަނީ ކަޓްސުއޯބުޝި އެވެ. އަޖުމަބެލުމުގެ ގޮތުން ރާއްޖޭގައި ވެސް މިބާވަތުގެ މަސް އުފައްދައި ޖަޕާނަށް އެކްސްޕޯޓް ކުރިއެވެ. ޖަޕާނުގެ ކެއުންތަކުގެ، ޚާއްޞަކޮށް ސުރުވާތަކާއި ސޫޕުތަކުގެ، އެންމެ މުހިއްމު މާއްދާއަކީ ހިކިމަހެވެ. ރާއްޖޭގައި ގެންގުޅޭ ހިކިމަހާއި ކަޓްސުއޯބުޝި އާ ތަފާތުވާ މައިގަނޑު އެއް ސަަބަބަކީ، މަހެއް ވަންދެން ތަކުރާރުކޮށް މަހުގައި ދިލަޖައްސާކަމެވެ.

ޖަޕާނުގައި އެންމެ އަގުބޮޑުކޮށް ވިކޭ މަހަކީ ހޮންގަރެ ކަޓްސުއޮބުޝި އެވެ. މިއީ ގަސްދުގައި ފޫ ޖައްސާފައިވާ ހިކި މަހެކެވެ. ހަދާގޮތަކީ، މަސް ދުމަށިމަތީގައި ހިއްކުމަށް ފަހު، ބާވަތެއްގެ ފުލެއް ޖައްސުވަން އެ ފޫ އެޅި ފެން ޖަހަނީއެވެ.  ދެތިން ދުވަސްވުމުން، މަސްގަނޑު ގައި އެއްކޮށް ފޫ ޖަހައެވެ. އަދި މަހުގެ ރަހަ ވަރަށް ރަނގަޅުވެއެވެ. ދެން ހަމަސް ދުވަސް ވަންދެން އަވީލަނިކޮށް ހޮންގަރެ ކަޓްސުއޮބުޝި ހެދުނީއެވެ. ތިރީގައި އެވަނީ 220 ގްރާމްގެ މަސްގަނޑެއްގެ އަގެވެ. އީބޭގައި ވެސް އަދި އެމޭޒަނުގައި ވެސް މަސްގަނޑެއްގެ އަގު އުޅެނީ 25 ޑޮލަރަށް ވުރެ މަތީގައެވެ. އެއީ 400 ވަރަކަށް ރުފިޔާއެވެ. ދިވެހީން ިމި އަގުހުރި މަސައްކަތް ފަށަނިކޮށް، ވަރަށް ފައިދާ ބޮޑުވާނެއެވެ. އެމޭޒަން އާއި އީބޭގައި ތަކެތި ވިއްކަނީ ވަކިވަކި މީހުންނެވެ.

މަހުގައި ފޫ ޖެހުމުން އުފެދޭ ރަހައެއް މަސްގަނޑުގެ ތެރެއަށް ވަދެއެވެ. މިހެންވުމުން މަސް މީރުވެއެވެ. ޖަޕާނު މީހުންނަށް މީރުވެއެވެ. މަސް ބޭނުން ކުރަނީ ފޫ ކަހާފައެވެ. މަސް ހިއްކުމުން އެތައް ދުވަހެއް ވަންދެން މަސްގެންގުޅެވެއެވެ. މަހުގެ ތެތްކަން %15 އަށް ކުޑަ ކުރެވިއްޖެނަމަ، އަހަރެއްހާ ދުވަހު ގެންގުޅެވެއެވެ. އަދި މަސްރަހަ ވަރަށް ގަދަވެއެވެ.

ޖަޕާނު މީހުން ހިކިމަސް ބޭނުން ކުރަނީ ރަހަ ލެއްވުމަށެވެ. މައިގަނޑު ކެއުމެއްގެ ގޮތުގައެއް ނޫނެވެ.  ދިވެހީން މަސް ބޭނުން ކުރަނީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ޕްރޮޓީން ކިޔާ މާއްދާއެއް ލިބިގަތުމުގެ ބޭނުމުގައެވެ. މިއީ ހަށިގަނޑު އުފެދި ބޮޑުވުމަށް ބޭނުންވާ، މަހުގައި ގިނައިން އެކުލެވޭ މާއްދާއެކެވެ. ރަހަ ލެއްވުމަށް ޖަޕާނު މީހުން ހިކިމަސް ބޭނުން ކުރާތީ، އެމީހުން އެ ބޭނުން ކުރާގޮތް ތަފާތެވެ.

ހުރިހާ ކެއުމެއްގައިހެން ކަޓްސުއޯބުޝި ބޭނުން ކުރަނީ، ބާވަތެއްގެ ރޮންދާއަކުން ފަށަލަފަށަލައަށް ދާލިނަގައިގެންނެވެ. މިފަށަލަތައް ވަރަށް ތުނިވާނެއެވެ. ޖަޕާނުގެ ކޮންމެ ގެއަކު، ހިކިމަސް ރޮންދާއެއް އޮވެއެވެ. އެއީ ހިކިމަސް ދާލިތައް ގިނައިރު ބެެހެއްޓުމުން އެއިގެ ރަހަތަފާތުވާތީ ބޭނުންވުމުން ލިޔެގެން ނުވަތަ މަށައިގެން ދާލިނަގަންށެވެ. ތުކި، މިޒަމާނުގައި އޮކްސިޖަން ނުލައި، ބަންދުކޮށްފައި ހުންނަ ހިކިމަސް ދާއްޔާއި ހިިކިމަސް ކުނޑިއާއި ސޯސް ހުރެއެވެ. ތިރީގައި އެވަނީ ހިކިމަސް، ދާއްޔަށް ލިޔާ ރޮންދާއެއްގެ ފޮޓޯއެކެވެ. މި ރޮންދާއަށް ޖަޕާނު މީހުން ކިޔަނީ ކެޒުރިކި އެވެ.

ޖަޕާނު މީހުން ކަޓްސުއޯބުޝި ބޭނުން ކުރަނީ، ކުރިން ދެންނެވިހެން، ރަހަ ލެއްވުމަށެވެ. އެކި ތަކެތީގައި ރަހަ ލެއްވުމަށް އެމީހުން ހަދާގޮތަކީ، ހޫނު ފެން ކެކެން ފެށީމާ އުނދުން ނިއްވާލައި، ހިކިމަސް ދާލި އަޅައި ހުރިހާ ދާއްޔެއް އަޑިއަށް ދިއުމުން ފޮތިކޮޅަކުން ފުރާނައި، މި ދިޔަ ނުވަތަ ސުރުވާ އެކި ކަންކަމަށް ބޭނުން ކުރަނީ އެވެ. މި ދިޔަ އަކީ ދިވެހީން ބަލިވުމުން ބަތްޕެއް ބޯގޮތަށް ޖަޕާނުމީހުން ބޯ އެއްޗެކެވެ. ނޫޑްލްސް އާއި ރިހަތަކުގައި ބޭނުން ކުރާ އެއްޗެކެވެ. ދިވެހީން މަސްއަޅައި ހަދާ ކޮންމެ އެއްޗަކަށް އެމީހުން މި ބޭނުން ކުރެއެވެ. މީގެ އިތުރަށް ކާތަކެތި ޒީނަތްތެރިކުރަން މައްޗަށް ހިކިމަސް ދާލި އަޅައެވެ. މި ދެންނެވި ސުރުވާ ހަދާ ގޮތުގައި ވެސް، އަދި ގަރުދިޔަ ކައްކާ ގޮތުގައި ވެސް، މަސް އެޅުމަށް ފަހު، ފެންގަނޑު ބޮކި އަރާ ވަރަށް ނުކައްކާކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ބައެއް މީހުން މިހާރަކަށް އައިސް ކައްކާ މަސް ރަނގަޅަށް ރޯ ނުފިލަނީސް ބާލައެވެ. މިއީ މަސްކައްކާ ގޮތެއްނޫނެވެ. އަވަށްޓެރި ކެއްކުންތެރިޔާ ފާހަގަ ކުރިގޮތުގައި، ގަންނަ ބައެއް މަސްގަނޑު ބުރިކޮށްލުމުން، މެދުތެރެ ހުންނަނީ ފުށްގޮތަށެވެ. މިއީ މަސް ރަނގަޅަށް ރޯނުފިލާކަމުގެ ހެއްކެކެވެ. ރަނގަޅަށް ރޯފިލައިފައިވާ ވަޅޯމަސް، ފިޔައެއް ނޮޅޭ ގޮތަށް ޅިޔަޅިޔައަށް ނޮޅައި ލެވޭނެއެވެ. މިއާއި އެކު އޭނާ ފާހަގަކުރީ، މަހުގައި ދުމުން ދިލަ ޖެއްސުމުގެ ބަދަލުގައި، މިހާރު ހުންނަނީ ބޭރު އަންދާލާފައި ކަމަށެވެ. މިހެން ހެދުމުން މަހުގައި ހުންނަ ހިތްގައިމު މަސްރަހައެއް ނުހުންނާނެއެވެ. ރަނގަޅަށް ތައްޔާރުކޮށްފައި ހުންނަ ހިކި މަހަކީ، ވަރަށް މީރު އެއްޗެކެވެ. އޭގައިލާ ރަހަ، ދަޅުމަހަކުން ނުވަތަ ނުބައިކޮށް ތައްޔާރުކޮށްފައިވާ މަހަކުން ނުނުކުންނާނެއެވެ. ނުބައިކޮށް ތައްޔާރުކޮށްފައި ހުުންނަ ހިކިމަސް، ހިމުންކޮށް ނުވަތަ ލިޔެ ވައި ހުންނަ ކޮތަޅުގައި ބަންދުކުރުމަކުން މަހުގައިލާ ރަހައެއް ނުހުންނާނެއެވެ.

ރާއްޖޭގެ ތަނަވަސްކަން ބޮޑުވަމުން ދިޔަވަރަކަށް، ހާންތިކުޑަކުރަން ކެއުމުގެ ބަދަލުގައި، ރަހައަށް ކައިބޮއެ އުޅޭ މީހުން ގިނަވާނެއެވެ. އެހެންކަމުން، ރަނގަޅަށް ތައްޔާރުކޮށްފައިވާ ހިކިމަހަށް ރަށްތަކާއި ރިސޯޓްތަކުގައި އަދި ރާއްޖެއިން ބޭރުގައި ރަނގަޅު އަގެއް ލިބޭނެއެވެ. ވީމާ، ރަނގަޅަށް މަސްވަޅޯ ކުރާނެގޮތް ދަސްކުރަމާތޯ އެވެ.

މަސްވެރިކަމާ ބެހޭ ގޮތުން ދެން ލިޔާ މަޒުމޫނެއްގައި، މަސްވަޅޯކޮށް ހިއްކަން ދުމަށިލީ އަގުހެޔޮ އުނދުނެއް ހަދާނެގޮތް ލިޔާނަމެވެ. އެއީ ބައިނަލް އަޤްވާމީ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއިން އެކި ޤައުމުތަކުގައި ތަޢާރުފުކުރަމުން އަންނަ، 2008 ވަނަ އަހަރުގެ އުފެއްދުމެކެވެ.