ދިވެހިބަހުގެ އެކެޑެމީއިން ދިވެހި އައު ލަފުޒުތަކެއް 27 ފެބްރުއަރީ 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރިއެވެ. މީގެ ކުރިން އަލަށް ހަދާ ލަފުޒުތައް ޝާއިޢުކުރަނީ ތަޞްވީރެއްގެ ގޮތުގައި ސޯޝަލް މީޑިއާގައެވެ. ”ބަސްތޫރަ“ ކިޔާ ސިލްސިލާ ތަޞްވީރުތަކެއްގެ ގޮތުގައެވެ. ތަޞްވީރު ގެ ގޮތުގައި ޝާއިޢުކުރުމުން، އިންޓަރނެޓުން އެ ބަސްތައް ހޯދަން ފަސޭހައެއް ނުވާނެއެވެ. އެހެންވެ، އަޅުގަނޑު އެ ލަފުޒުތައް އަލުން ލިޔެ ބަސްތޫރައިގެ ހުރިހާ ލަފުޒުތައް މި ވެބްސައިޓުގައި ފައުޅުކުރީމެވެ. އަޅުގަނޑުގެ މައިގަނޑު މަޤްޞަދަކަށް ވެފައި އޮތީ އެއްތަނަކުން ހޯދޭގޮތަށް، ގޫގުލް ފަދަ ވަސީލަތަކުން އައު ލަފުޒުތައް ފެންނަ ގޮތް ހެދުމެވެ. ކުރިން ޝާއިޢުކުރި ވެބްޞަފުޙާ ތިރީގައިވާ ތަޞްވީރަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

މިއަހަރު ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 2023 ގައި އާއި 2024 ގައި އެކެޑެމީއިން ހެދި އައު ލަފުޒުތަކެވެ. 2023 ވަނަ އަހަރު ނިންމި ލަފުޒުތަކާމެ އަޅުގަނޑަށް ފެންނަ ގޮތް ބަޔާންކޮށް، މަޒުމޫނެއް ލިޔުނީމެވެ. އެ މަޒުމޫނު ތިރީގައިވާ ކުރެހުމަށް އޮބައިލުއްވުމުން ފެނިވަޑައިގަންނަ ވާނެއެވެ.

މި ފަހަރު އަޅުގަނޑު މި ގެނެސްދެނީ 2024 ވަނަ އަހަރު އެކެޑެމީ އިން ނިންމި ލަފުޒުތަކާއި އެއާ ބެހޭ އަޅުގަނޑުގެ ބައެއް ޚިޔާލެވެ. އަޅުގަނޑުގެ ނަޒަރުގައި ބައެއް ލަފުޒުތަކާއި އޭގެ މާނަ ނުބައެވެ.  މި މަޒުމޫނު ވިދާޅުވެއްޖެ ނަމަ، ކިޔުންތެރީންނަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެ އެވެ.

ގެޒެޓުގައި ޝާއިޢުކޮށްފައިވާ ލަފުޒުތަކުގެ ރަސްމީ ލިޔުން މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ. އަޅުގަނޑަށް މި ލިޔުމުން ފާހަގަކުރެވޭ ދެތިން ކަމެއް، ކުރިއަށް ދިއުމުގެ ކުރިން ދަންނަވާލާ ނަމެވެ.

ފުރަތަމަ ކަމަކީ، މިފަދަ ލިޔުން ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރީން އެހެން ދެތިން މީހަކު ބެލުމުގެ މުހިއްމު ކަމެވެ. ގެޒެޓަކީ ވަރަށް ރަސްމީ މުހިއްމު ފަތްތޫރައެކެވެ. ފަރުމާނެކެވެ. އޭގައި ޝާއިޢުކުރާ އެއްޗެހީގައި ކުށް ޖެހުމަކީ ގިނަ މީހުން ބަލައިގަންނާނޭ ކަމެއް ނޫނެވެ.

ދެވަނައަށް ފާހަގަ ކުރެވޭ ކަމަކީ، ލަފުޒު ތާވަލު ހަމައަކުން ތަރުތީބު ކޮށްފައި ނުވާކަމެވެ. ލަފުޒުތަކުގެ ތާވަލެއް ހަދާނަމަ، އެންމެ ރަނގަޅުގޮތަކީ ހަށަނަރައިގެ ހަމައިން އެ ތަރުތީބުކުރުމެވެ. މި ތާވަލުން މިފަދަ ކަމެއް ފާހަގައެއް ނުވެއެވެ. ތާވަލުގައި ދަމާފައިވާ ހުރަސް ރޮނގުން ވަކިކޮށްފައިވަނީ ކޮން ބައިބައިކަމެއް ވެސް ނޭނގެއެވެ.

ތިންވަނަ ކަމަކީ ތާވަލުގައި ލަފުޒުތައް އޮޅުމެއްގެ ސަބަބުން ތަކުރާރުވެފައިވާ ކަމެވެ. މިހެން ވެފައިވަނީ އެންމެ ލަފުޒަކަށް ނޫނެވެ. މި ކަމުގެ ސަބަބުން 2024 ގައި ފާސްކުރި ލަފުޒުތަކުން ބައެއް ތާވަލުން އުނިވެފައިވުން އެކަށީގެން ވެއެވެ. ފަހަރެއްގައި މިއީ އަޅުގަނޑަށް ދޭހަވުމުގެ މައްސަލައަަކަށް ވެދާނެއެވެ. ނަމަވެސް، ލިސްޓުގެ 10 ގައި dementia އަށް ޑިމެންޝިއާ ކިޔާފައި، ހަމަ މި ލިސްޓުގެ 16 ގައި dementia އަށް އަކުސަ ކިޔާފައިވުމުން އެތައް ބަޔަކަށް އޮޅުންތަކެއް އަރާނެއެވެ. އެއް އިނގިރޭސި ލަފުޒަކަށް ދެ ދިވެހި ލަފުޒު ހެދިނަމަ ރަނގަޅުވީހީ އެއް ގޮޅީގައި ދެ ލަފުޒު ހިމެނި ނަމަހެން އަޅުގަނޑަށް ހީވެއެވެ.

މި ކަންކަން މި ފާހަގަކޮށްލީ މިފަދަ މުހިއްމު ލިޔުންތައް ލިޔުއްވާއިރު  ތޯރާލުމުގެ މުހިއްމުކަން ދެންނެވުމަށާއި އިޞްލާޙަށް އޮތް ފުރުޞަތު ފާހަގަކުރުމުގެ ގޮތުންނެވެ.


1  އިމަޖެންސީ   emergency

ކުއްލި ހާލަތު، ނުވަތަ ކުއްލިއަކަށް އަވަސް ފިޔަވަޅުތަކެއް އަޅާންޖެހޭ ސީރިއަސް ހާލަތު. އާންމު ގޮތެއްގައި މިފަދަ ހާލަތު ކުރިމަތިވަނީ ނުރައްކާތެރި ހާދިސާއަކާ ގުޅިގެންނެވެ.

ނޯޓު: މިއި ދިވެހި ލަފުޒެއް ހެދިދާނެ މަފްހޫމެއް. މި ލަފުޒު އައިސްފައިވަނީ emerge އިން. މީގެ މާނައަކީ އުދަވުން. ތުރަވުން. އިނގިރޭސި ލަފުޒުގެ ބޯދާ މާނައަކީ ތުރަވީ ޙާލަތެއް. ޢާއްމު ކަމުން އިނގިރޭސި ލަފުޒު ބޭނުން ކުރުމުގައި މާބޮޑު މައްސަލައެއް ފާހަގައެއް ނުވޭ.


2 ނާގިދު critic

ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ރަނގަޅު ނުރަނގަޅު ސިފަތަކާ މެދު ޚިޔާލު ފާޅުކުރާ ނުވަތަ ފާޑުކިޔާ މީހާ. 2. ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ނުރަނގަޅު ސިފަތައް ފާޅުކުރާ.

ނޯޓު: 1 ކީއްވެތޯ ނެތީ؟ މި ލަފުޒަށް ލިޔަން ހުރި ވާހަކަ ގިނަކަމުން ލިސްޓްގެ އެންމެ ފަހަތުގައި އެވާހަކަތައް ހިމެނީމެވެ.


3 ނާގިދު ފިކުރު critical thinking

އަމިއްލަ ވިސްނުމާއި ޖަޒުބާތުން އެއްކިބާވެ، ވަކި މައުޟޫޢަކާ މެދު ތަރުތީބު މަގުން ފުންކޮށް ވިސްނުމުގެ ދިރާސީ އިޖުރާތު.

ނޯޓު: މި ލަފުޒަށް ލިޔަން ހުރި ވާހަކަ ގިނަކަމުން ލިސްޓްގެ އެންމެ ފަހަތުގައި އެވާހަކަތައް ހިމެނީމެވެ.


4 ނަގަދަކުރުން criticism

ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ރަނގަޅު ނުރަނގަޅު ސިފަތަކާ މެދު ޚިޔާލު ފާޅުކުރުން ނުވަތަ ފާޑުކިޔުން.

ނޯޓު: މި ލަފުޒަށް ލިޔަން ހުރި ވާހަކަ ގިނަކަމުން ލިސްޓްގެ އެންމެ ފަހަތުގައި އެވާހަކަތައް ހިމެނީމެވެ.


5 ތަންގީދުކުރުން critique (v.)

އަދަބީ ނުވަތަ ޢިލްމީ ނުވަތަ ފަންނީ ގޮތުން ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއްގެ ސިފަތަކާ މެދު ޚިޔާލުފާޅުކުރުން ނުވަތަ ފާޑުކިޔުން.

ނޯޓު: މި ލަފުޒަށް ލިޔަން ހުރި ވާހަކަ ގިނަކަމުން ލިސްޓްގެ އެންމެ ފަހަތުގައި އެވާހަކަތައް ހިމެނީމެވެ.


6 އިންޑޯ-އީރާނީ indo-irani

އިންޑިޔާ އާއި އީރާނު ސަރަހައްދުގެ ބަސްބަހުގެ މައި އާއިލާއަށް ނިސްބަތްވާ

ނޯޓު: މި މާނަ އެކަނި އޮވެގެން ހަމައެއް ނުޖެހޭނެ. އެހެނީ މި ލަފުޒު  ބަހަށް ނިސްބަތް ނުކޮށް ބޭނުން ކޮށްފާނެ. މިސާލަކަށް، ”އިންޑޯ-އީރާނީ ގެދޮރު އެޅުމުގައި، ގޭގެެ އެތެރޭގައި ޖައްވަށް ހުޅުވިފައިއޮންނަ މެދުއައްޗެއް އޮވެއެވެ.“


7 ކަތާ folklore

ދޫދޫ މަތިން އަންނަ އިހުގެ ވާހަކަތައް

ނޯޓު: މި މާނަ ނުބައި. މަތީ ތަޢުލީމުގައި މިއަށް ކިޔަނީ ނާޑުކަތަ ނޫނީ ގެމިކަތަ. މިއީ އިނގިރޭސިބަހުގެ ވެސް އިޖްމާލީ މާނަ. ”ކަތަ“ އަކީ މި ސަރަޙައްދުގެ ހުރިހާ ބަހެއްގައި ވެސް ވާހަކަ. ރަނގަޅު މާނައެއް ކަމަށް ދެކެނީ:
”ފޯކްލޯ— އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރާ، ނާޑެއްގެ ނުވަތަ މުޖުތަމަޢު އެއްގެ ޤަބޫލުކުރުންތަކާއި ކަތަތަކާއި ނެށުންތަކާއި ބުނުންތަކާއި އާދަތައް. މީގެ ތެރޭގައި، އެ މުޖުތަމަޢުއަކުން ފާހަގަކުރާ އިޙްތިފާލްތަކާއި ލަވަތަކާއި ރާގުތަކާއި ޅެންތަކާއި ކާތަކެތި ކައްކާ ގޮތާއި، ގެދޮރާއި ފުޅަށް އަޅާ ގޮތާއި މިފަދަ ކަންކަން ހިމެނެއެވެ.“


8 ތައުސީލުކުރުން cover

1. އާބާދީއަކަށް ނުވަތަ ސަރަހައްދަކަށް ޚިދުމަތެއް ފޯރުކޮށްދިނުން.
2. ދޭ ޚިދުމަތެއްގައި ޝާމިލުވާ ކަންކަން ނުވަތަ އޭގެ މިންވަރެއް ހިމެނުން.

ނޯޓު: އައު ލަފުޒު ވައިގައި ހިފާނީ ބަދަލު ލަފުޒަށް ވުރެ ފަސޭހަވެފައި ކުރުނަމައެވެ. މިހާލަތުގައި ރަނގަޅު ގޮތަކީ ކަވަރު ދިވެހި ލަފުޒަކަށް ހެދުމެވެ. ކަވަރު އަކީ ދިވެހި އަޑުތަކަށް ފެތޭ، ވަރަށް ގިނަ މާނަ ހިމެނޭ ލަފުޒެކެވ.ެ ވީމާ: ކަވަރ. (ކަން) 1. އެއްޗެއްގެ މަތީގައި އެހެން އެއްޗެއް އަޅައިގެން ފޮރުވުން ނުވަތަ ރައްކާތެރިކުރުން. ނިވާކުރުން. ނުއަކެޑުން. އުރައަކަށް ލުން. ފަރުދާކުރުން، ޙިޖާބުކުރުން. މޫޑުވުން. 2. އެއްޗެއް ނުވަތަ ކަމެއް ފެތުރިގެން ދިއުން. 3. ތަނެއްގައި ފެތުރިގެން ވުން ނުވަތަ ސަތަހަ ހިފުން. 4. ކަނޑައްތު ކުރުން. 5. އަންނަ ދިމާ ރައްކާތެރިކުރުން. ބަޑިއެއްގެ ވަޒަނުގެ ރާސްތާގައި ވުން. ބަޑިއެއް އަމާޒުކުރުން. 6. ގަރަންޓީއެއް ނުވަތަ އިންޝުއަރަންސް އެއް ދީގެން ރައްކާތެރިކުރުން. 7. ކަމަކަށް ފުދޭވަރަށް ފައިސާ ހުރުން. 8. ލިޔުމެއްގައި ނުވަތަ އުފެއްދުމެއްގައި ވަކި މައުޟޫޢުއެއް ހިމެނުން 9. މަޢުލޫމާތު ހޯދުން ނުވަތަ ނޫހަކަށް ރިޕޯޓް ލިޔުން.


9 ސަމާލުކުރުން flag

ފަހުން ބެލުމަށް ނުވަތަ މުރާޖަޢާ ކުރުމަށް ފާހަގަކުރުން.

ނޯޓު: ލަފުޒެއް ނުހަދާނަމަ، ކޮބާ މައްސަލައަކީ؟ މިހާރުވެސް ފާހަގަކުރުން އޮވޭ. ފާހަގަލުން އެއީ ވަރަށް ޢާއްމު ލަފުޒެއް. ސަމާލުކުރުމަށް ވުރެ ގިނަ މީހުންނަށް ފާހަގަކުރުން/ފާހަގަލުން ފަސޭހަވާނެ. އިނގިރޭސިބަހުން flag ”ފަހުން ވަކި ގޮތަކަށް އަމަލުކުރުމަށް އެއްޗެއް ފާހަގަކުރުމަށް“ flag ކުރުން ބޭނުންކުރަނީ މަޖާޒީ މާނައެއްގައި. މި މައްސަލައިގެ އެއް ހައްލަކީ، tag ތަޢާރުފުކުރުން. މިހާލަތުގައި ޓެގް ގެ މާނަ އާއި ފްލޭގް ގެ މާނަ އެއްގޮތް. މި ލިސްޓުގެ 60 ވަނަ ލަފުޒަކަށް ޓެބު އެބައޮތް. ވީމާ ޓެގު އެއީ ލަފުޒެއް ގޮތަށް ހެދިދާނެ. ކުރުވުމުން ލިޔެކިޔަން ފަސޭހަވާނެ.


10 ޑިމެންޝިއާ dementia

އަކުސަ. މިއީ އާންމު ދިރިއުޅުމުގައި ދަތިވާ މިންވަރަށް ވިސްނުމާއި ހަނދާންކުރުމާއި ކަންކަން ނިންމުމުގެ ބާރު ބަލިކަށިވުމުގެ ހާލަތެވެ. މި ހާލަތު މެދުވެރިވަނީ މީހާގެ އިހުސާސްތަކަށާާއި އަމަލުތަކަށް ނޭދެވޭ އަސަރު ކުރާ މިންވަރަށް ސިކުނޑިއަށް ހީނަރުކަން އައިސްގެންނެވެ.


11 އެކު ޑިމެންޝިއާ mixed dementia

އެކު އަކުސަ. ނުވަތަ އެކި ވައްތަރުގެ ޑިމެންޝިއާގެ އަލާމަތް އެކަކުގެ ކިބައިން ފެންނަ ޑިމެންޝިއާ.

ނޯޓު: ”އެކު“ އިން ބޮޑަށް ސިފަކުރެވެނީ އެކެއް، ރަނގަޅުވީހީ މެކު ޑިމެންޝިއާ. މެކުން ގެ މާނައަކީ އެހެން އެއްޗިއްސާ އެކުވުން. މި މާނަ ހިމެނޭ އަނެއް ލަފުޒަކީ ދެއޮޅު. މިސާލީ ދެއޮޅުޑިމެންޝިއާ.


12 ފުރަ ޑިމެންޝިއާ young onset dementia

ފުރައަކުސަ، ނުވަތަ އުމުރުން 65 އަހަރު ނުވަނީސް ޖެހޭ ޑިމެންޝިއާ. އާންމުކޮށް ޑިމެންޝިއާ ޖެހެނީ 65 އަހަރަށް ވުރެ ދޮށީ އުމުރުގައެވެ.

ނޯޓު: ފުރަ އިން ޒުވާން ދުވަސްވަރަކަށް ނިސްބަތެއް ނުވޭ. ފުރަ އިން ބޮޑަށް މާނަކުރެވެނީ ބޮޑު، އުއްތަމަ. މިފަދަ މަހުފޫމެއް. ބަސްފޮތުގައި، ފުރަގެ އެއްމާނައަކީ އެކަހެރި ކަމަށްވެސް ލިޔެފައިވޭ.


13 ލާވާ lava

އަލިފާން ފަރުބަދައިން ނުކުންނަ ދިޔާ ހިލަ.

ނޯޓު: ރަނގަޅު


14 ސަބާދު obsidian

އަލިފާން ފަރުބަދައިގެ ލާވާއިން (ދިޔާ ހިލައިން) އުފެދޭ ގަދަ ކަޅުކުލައިގެ ބިއްލޫރި ހިލައެއް. މިއީ ޖަވާހިރެއްގެ ގޮތުގައި މިހާރު ބޭނުންކުރާ، އަދި ބޯދާ ޒަމާނުގައި ހަތިޔާރުގެ ތިލަ ހަދަން ވެސް ބޭނުންކުރި އެއްޗެކެވެ.

ނޯޓު: ޢަރަބި ލަފުޒަކީ ސަބަޖު. ސަބާދު ކިޔުމުން ވަރަށް ޒަބާދު އާ އެއްގޮތްވޭ. އެއީ މިއާ އެއްވެސް ގުޅުމެއްވާ އެއްޗެއް ނޫން.


15 ލާޖުވަރުދު lapis lazuli

އުޑު ނޫކުލައިގެ ނުވިދާ ޖަވާހިރެއް. މިއީ ވަރަށް ގަދީމީ ޒަމާނުއްސުރެ ވެސްނޫ އުފެއްދުމަށާއި ހާރު، އަނގޮޓި ފަދަ ތަކެތީގައި  އެސްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ޖަވާހިރެކެވެ.

ނޯޓު: މައްސަލައެއް ނެތް. ރަތްކޮށް އެވާ ލަފުޒުތައް މާނައިގައި ހިމެނުނު ނަމަ މާނަ ފުރިހަމަވާނެއެވެ. لاجورد އަކީ ފާރިސީ ލަފުޒެކެވެ.


16 10 ތަކުރާރުވެފައި


17 11 ތަކުރާރުވެފައި

18 12 ތަކުރާރުވެފައި

19 ކަނޑުވެށި marine environment

ކަނޑާއި ކަނޑާ ގުޅިފައިވާ މާހައުލު.

ނޯޓު: ހީވަނީ ކަނޑުވެށި މާ ރަނގަޅު ވާނެހެން. އެއް ސަބަބަކީ ތިމާވެށި އެންވަޔަރަމަންޓް އަށް ބޭނުންކުރާ ކަން. ދެވަނަ ސަބަބަކީ ލަފުޒު ކުރުވާ ކަން.


20       މާދަ    infinite

ދިވެހިބަހުގެ މައިނގަޑު ބައިތަކުގެ ތެރެއިން ކަމުގެ އަސާސީ ލަފުޒު ނުވަތަ މޫލަ

ނޯޓު: މިތާގައި މިސާލެއް ދިން ނަމަ ދޭހަ ރަނގަޅުވާނެ. ލިޔެވިދާނެ އެއްގޮތަކީ، [ދިވެހި ބަހުގެ މައިގަނޑު ބައިތަކުގެ ތެރެއިން ”ކަން“ އެއްވެސް ޒަމާނަކަށް އަދި ހާލަތަކަށް ނުފުރޮޅުވާ އޮންނަ އިރު އެ ލަފުޒު އޮންނަ އަސާސީ، ސާދާ ގޮތް. މިސާލަަކަށް ލިޔުން. ލިޔެފި، ލިޔާނެ، ލިޔޭ! އަކީ މި ލަފުޒު ޒަމާނާއި ހާލަތަށް ބަދަލުކޮށްފައިވާ ފުރޮޅުންތަކެވެ.


21        ތަންގީދު critique (n.)

އަދަބީ ނުވަތަ ޢިލްމީ ނުވަތަ ފަންނީ ގޮތުން ކަމެއްގެ ނުވަތަ މީހެއްގެ ނުވަތަ އެއްޗެއްގެ ސިފަތައް ދިރާސާކޮށް ހާމަކުރާ ޚިޔާލު.

ނޯޓު: މިއީ 5 ގައިވާ ލަފުޒާ ވަރަށް އެއްގޮތް ލަފުޒެއް. އެއަށް ލިޔެފައިވާ ޚިޔާލު ބެއްލެވުން އެދެން. {މި މާނަ ރަނގަޅު ކުރާނަަމަ، ރަތް ކުލަައިން މާނައިގައި އެވާ ގެ ހިމެނުން ރަނގަޅުވާނެ.} މި ލަފުޒާ ބެހޭ ގޮތުން ލިޔެފައިވާ ނޯޓު ދިގުކަމުން ވަނީ އެންމެ ފަހަތުގައި.


22       ސުހޫރު  suhoor

ރޯދައަށް ހުރުމަށް ޓަކައި ފަތިސްވުމުގެ ކުރީން ކާ ކެއުން، ނުވަތަ ހާރު.

ނޯޓު: މިއީ ޢަރަބި ލަފުޒެއް. ލަފާކުރެވެނީ ސޯޝަލް މީޑިއާގެ ސަބަބުން ޢާއްމުވާތީ ހިމެނީކަމަށް. ނަމަވެސް މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަކަށް ނުފެނޭ. އެފަދަ އެތައް ލަފުޒެއް މީޑިއާއިން އިވޭނެ.


23       އުމޫރު   elderly

އުމުރުދިގު މީހާ.

ނޯޓު: މާނަ ނުބައި. އިނގިރޭސި ބަހުން މި ލަފުޒަކީ ނަން އިތުރެއް. މާނައަކީ މުސްކުޅި. މާނަ ލިޔެފައިވަނީ އެއީ ނަމެއްކަމަށް ހީކޮށް. ޢަރަބި ނަމާއި އިނގިރޭސި ނަމުން މާނަކުރަނީ ދެ ކަމެއް.


24       ހަވާސާ ބަލިމީހުން  invisible second patients

އަޖޫޒުން ނުވަތަ ދާއިމީ ބައްޔެއްގައި އުޅޭ މީހުން، ބެލުމުގެ ބުރަ އުފުލަމުން ދާތީ އަމިއްލަ ސިއްހަތާއި ނަފުސަށް އަޅާނުލެވިގެން ސިއްހީ ނުވަތަ ނަފުސާނީ މައްސލަތަކަށް ހުށަހެޅިފައިވާ ނުވަތަ ހާސާވެފައިވާ ފަރާތްތައް.

ނޯޓު: އެންމެ ރަނގަޅު.


25       ވާގިވެރި ގުރޫޕް    support group

ބައްޔެއް ނުވަތަ ނުކުޅެދުމެއް ނުވަތަ ދިރިއުޅުމުގެ ދަތި ހާލަތެއް ތަހައްމަލުކުރާ ބަޔަކު އެކަކު އަނެކާއަށް ވާގިވެރިވެ ހިތްވަރާއި މަޝްވަރާދޭ ގުރޫޕް.

ނޯޓު: ވާގިވެރި ވެސް އެންމެ ރަނގަޅު. މިހާރަކަށް އައިސް ސަޕޯޓުގެ އަޞްލު މާނައާ ގުޅޭ ދިވެހި ލަފުޒު، ކައްތިރި ވެސް ބޭނުންކުރޭ. ކައްތިރީގެ ދެ މާނައެއް ވޭ. ސަޕޯޓު ފަދައިން ތިރިން ވިއްދާ އެއްޗަކުން ބާރު ދިނުން. އަނެއް މާނައަކީ ”ހަނގުރާމަ މަތީ“. މިއީ އިހުގައި ގިނަ ދިވެހި ރަސްކަލުން އައިސްފައިވާ ދަރިފަސްކޮޅުގެ ފަންތިއަށް ކިޔާ ނަން.


26       އެހީދާރު  caregiver

ބައްޔެއް ނުވަތަ ހާނީއްކައެއް ނުވަތަ ނުކުޅެދުމެއްގެ ސަބަބުން އަމިއްލައަށް ކަންކަން ކުރުން ދަތިވެފައިވާ މީހަކު ބެލެހެއްޓުމުގައި އުޅޭ އެހީތެރިޔާ.

ނޯޓު: އިނގިރޭސި ބަހުން (caregiver) މާނައިގައި ކުޑަކުދީން ބަލަހައްޓާ މީހުންވެސް ހިމެނޭ. އެހެންވެ، އެ މާނަ ވެސް ހިމެނުން ރަނގަޅު. ”ކުޑަކުއްޖަކު، ބަލި މީހަކު، މުސްކުޅިއަކު ނުކުޅެދުންތެރިކަން ހުރި މީހަކު ފަދަ އެހެންމީހުންގެ އަޅައިލުންތެރިކަމާ ނުލާ ނޫޅެވޭ  މީހަކު އާދަކޮށް ބަލަހައްޓާ މީހާ.“

އެހީދާރުގެ ލަފުޒީ މާނައަކީ އެހީތެރިވާ މީހާ. މިއާ އެއް މާނައެއް ހިމެނޭ ބަސްފޮތުގައި ވާ އަނެއް ލަފުޒަކީ މަދަދުގާރު. މި ދެލަފުުޒުގެ ވެސް މައްސަލައަކީ އެހީ އާއި އަޅައިލުންތެރިކަން ތަފާތުކަން. މައްސަލައިގެ ހައްލަކީ caregiver އަކީ ބެލެހެއްޓުންތެރިޔާ ކަމަށް ހަމަޖެއްސުން. ދެން އޮތް ގޮތަކީ، ކެއަރ (care) އަށް ދިވެހި އެހެން ލަފުޒެއް ހެދުން. މިހާރު މި މާނައިގައި ހިމެނޭ ދިވެހި ދެ ލަފުޒަކީ އަޅައިލުމާއި ފަރުވާ. ފަރުވާ އަކީ ފާރިސީ ބަހުން ޕަރުވާ ފުރޮޅައިގެން އުފައްދާފައިވާ ލަފުޒެއް.  އެއް ހުށަހެޅުމަކީ ޕަރުވާދާރު ކިޔުން.


27       ފާހަގަލަފުޒު  keyword

މުހިންމު މަފުހޫމު ނުވަތަ މައުޟޫޢު ނުވަތަ މައިގަނޑު ދޭހަ އަންގައިދޭ ފަދަ ލަފުޒު.

ނޯޓު: މާނަ، އަންނަނިވި ގޮތަށް ފުޅާކުރަން ހުށަހަޅަން:

1. ސުމޭކު ޑޭޓާބޭސްތަކުގައި، ރެކޯޑުތައް ގިންތިކޮށް، އިންތިޒާމުކޮށް، ހޯދުމަށް ބޭނުންކުރާ، އެ ރެކޯޑުގެ ހިމެތި ސިފަކޮށްދޭ މައިގަނޑު ލަފުޒު(ތައް). 2. އެހެން ލަފުޒެއް، ޖުމުލައެއް، ލިޔުމެއް ދެނެގަތުމަށް ބޭނުންވާ ތަޅުދަނޑި ލަފުޒު. 3. ރަމްޒުން ލިޔެފައިވާ ލިޔުމެއް ދެނެގަތުމަށް ބޭނުންވާ، ރަމްޒުގެ ތަޅުދަނޑި ލަފުޒު(ތައް).


28       މާރެސް  vision

1. ބުރުހަމަކޮށް ދުރު ފެންނަ މުޅި އުދަރެސް. 2. ކުރިމަގުގައި ވާސިލުވާން ކަނޑައަޅާ މަންޒިލު ނުވަތަ ހާލަތު ސިފަކުރާ ބަޔާން ނުވަތަ ތަޞައްވުރު.

ނޯޓު: ރެސް ކިޔަނީ ރޮނގަށް. އުދަރެސް (horizon) އެ ކިޔަނީ ކަނޑާއި އުޑު ގުޅޭ ރޮނގަށް. ރެސް ގެ އެހެން މާނައެއް ވެސް އޮވޭ. އެއީ ބޮޑު ބައިގަނޑެއް. crowd އެއް. މާރެސްގެ މާނަ ކަމަށް ގިނަ ދިވެހި ދަންނަ މީހުން ހީކުރާނީ އެއީ މާ ގިނަ މީހުންތަކެއް ކަމަށް. ނޫނީ ފަލަ ރޮނގެއް ކަމަށް. މި ސަބަބާ ހެދި މި ލަފުޒު ކަމަކު ނުދޭ. އެތައް ބަޔަކު މިހާރު ތަޞައްޥުރު vision ގެ މާނައިގައި ބޭނުންކުރޭ. އެހެންވީމާ، އަލުން ލަފުޒެއް ހަދާނަމަ، ރައްޔިތުންނަށް އޮޅޭނީ. ކޮންމެހެން ލަފުޒެއް ހަދަން ޖެހޭ ނަމަ، ފެންނަނީ މަހާރެސް ކިޔަން.


29       ބަރާއަތު  disclaimer

ވަކި މަސްއޫލިއްޔަތެއް ނުވަތަ އިލްޒާމެއް ނުއުފުލާކަން އަންގައިދޭ ބަޔާން.

ނޯޓު: އިނގިރޭސި ބަހުގެ މާނައާ ޢަރަބި ލަފުފޒުގެ މާނަ އެއްގޮތްހެން ހިއެއް ނުވޭ.


30       އަދާތު   tool

1. އާލާތް. 2. މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް.

ނޯޓު: އައު ލަފުޒު އަދާތު ތަޢާރުފުކުރުމުގެ ކުރިން ބަސްފޮތުގައި ”އާލަތް: މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި“  ބަސް ފޮތުގައި ހިމެނޭ. ބަސްފޮތުގައި ކަނޑައެޅިގެން އެއީ އެއް އެތިކަމަށް ލިޔެފައިވޭ. މިއީ  tool, instrument, device. އާލާތްތައް އެއީ އޭގެ ޖަމްޢުގޮތް. (މަޖާޒީ މާނަައިގައި) އާލާތްތަކަކީ ޢާއްމު ބަހުރުވައިގައި ގޮތެއް ފޮތެއް ނެތް މީހުން. އިނގިރޭސިބަހުންނަމަ  ruffians, yobs.  އާލަތަކީ ޙަޤީޤަތުގައި ޢަރަބި/ފާރިސީ ބަހެއް. މިއޮތީ އެއް ބަސްފޮތުގައި މާނަ އޮތް ގޮތް:

މި ލަފުޒު މިހާރު ދިވެހި ބަސްފޮތުގައި ހިމެނޭ. އެހެންކަމުން، މަތީގައިވާ ދެވަނަ ލަފުޒު، އަދާތު، ތަޢާރުފުކުރުމުގެ ބޭނުމެއް ނެތް. އާލާތު އެއީ ޢަރަބި ބަހުން ގިނަ ނަމެއް ވިޔަސް ދިވެހިބަހުން ކިޔާ އުޅެނީ އާލަތްތައް. ކުރުކަމުން، ޓޫލް އެއީ ދިވެހި ބަހެއްގެ ގޮތުގައި ހަމަޖައްސަން ވެސް ރަނގަޅު ލަފުޒެއް.


31        ބަހުގިންތި parts of speech

ދިވެހި ބަހުގެ ލަފުޒުތައް ބެހޭ މައިގަނޑު ބައިތައް. އެއީ ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެ ނަން، މަސްދަރު، އިތުރު، އަކުރު މިއެވެ.

ނޯޓު: ރަނގަޅެއް ނޫން. ބަހު ގިންތިން ދޭހަވަނީ ބަސް ގިންތި ކުރެވޭ ގުރޫޕް. އެއީ ޔޫރަޕުގެ އިންޑޯ-އިރާނީ ތޯ ނުވަތަ އޮސްޓްރޯނީސިއަން ތޯ ޑްރެވިޑިއަން ތޯ މިފަދަ ބަހުގެ ގުރޫޕްތައް. މިކަމުގެ ހައްލަކީ ފުރަތަމަ ޑިސްކޯސްއަށް (މީހުންގެ މެދުގައި ދެކެވޭ ވާހަކައަށް، ޞުޙްބަތު އަށް، މުޙާޡަރާ އަށް) ލަފުޒެއް ހެދުން. parts of speech ވާނީ އޭގެ ބައިތަކަށް. އަޅުގަނޑު ހުށަހަޅަނީ ސުހުބަތު. ސުހުބަތަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ އެތައް ބައެއްގެ މެދުގައި ދެކެވޭ ވާހަކަ.


32       ޚިދުމާތު  multiple services

ތަފާތު ބާވަތް ބާވަތުގެ ޚިދުމަތް

ނޯޓު: ޚިދުމަތްތައް ކިޔުމުން މައްސަލައަކީ ކޮބައިތޯއެވެ؟ އެ އޮތީ ދިވެހިބަހުން ގިނަ ނަމަކަށް ބަދަލުވެފައި.


33       ތަންޒީމު planning and management

ރާވައި އިންތިޒާމުކޮށް ހިންގުމުގެ ނިޒާމު.

ނޯޓު: މާނަ ނުބައި. މި ލަފުޒުން އިޝާރާތް ކުރަނީ އެ ނިޒާމަކަށް ނޫން. އެ ކަމަށް. އެ ޢަމަަލަށް.


34       ތަންޒީމުކުރުން    plan and manage

ރާވައި އިންތިޒާމުކޮށް ހިންގުން.

ނޯޓު: ކޮބައިތޯ މިހާރު މި ބޭނުންކުރަމުންދާ އިންތިޒާމުކުރުމާއި تنظيم އާ ހުރި ތަފާތަކީ؟ އިންތިޒާމުކުރުމަކީ ވަރަށް ގިނަ ބަޔަކު މިހާރުވެސް ދަންނަ ލަފުޒެއް.


35       ޅެން ފަރުވާ      poetry therapy

ބަލިމީހާގެ އިހުސާސްތަކާއި އުދާސްތަކާ ގުޅޭ ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ބައެއް ޙަޟާރަތްތަކުގައި ނަފުސާނީ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެކެވެ.

ނޯޓު: މިއީ ލަފުޒަކަށް ވުރެ ބޮޑަށް ޢިބާރާތެއް. ޢިބާރާތުގެ ލަފުޒުތަކުން މާނަ ދޭހަވޭ.


36       ވަސީތު  catalyst

ދެން އުންސުރެއް ނުވަތަ ދެ ކީމިއެއް ގުޅިގެން އެކުވުން އަވަސްކޮށްދޭ މާއްދާއެއް. 2. ކަމެއް ފެށުން އަވަސްކޮށްދޭ މީހެއް ނުވަތަ އަމަލެއް.

ނޯޓު: މާނައިގައި މުހިއްމު އެއްކަން މަދު. އެއީ  ކެޓެލިސްޓަކީ އޭގެ ހާޒިރުގައި ކަން ހިނގިއަސް އެއަށް ބަދަލެއް އަންނަ އެއްޗެއް ނޫން. އަޅުގަނޑު މާނަ ލިޔެފައިވަނީ އަންނަނިވިގޮތަށް.

ބޭނުންކޮށްފައިވާ ވަސީޠު (ޢަރަބި ލަފުޒަކީ) މެދުވެރިވާ އެއްޗެއްގެ މާނައިގައި ބޭނުންކުރާ ލަފުޒެއް. މ. ވާސިޠާ واسِطَة. މި ލަފުޒުގައި ކަން އަވަސްވުމުގެ މަފްހޫމެއް ނެތް ނަމަވެސް އެ ސިފައަކީ ކެޓެލިސްޓްގެ އަސާސީ ސިފަ. އަލުން ލަފުޒު ހަދަން ފެނޭ.


37       ގެރިމިޔަރު bull shark

ކަނޑުގެ އައްސޭރިފަށުގައި އުޅޭ ނުރައްކާތެރި ބިޔަ މިޔަރެއް. މިއީ ބުރިކަށިމަތީގެ ކުލަ އަނދިރިވެފައި ބަނޑުދަށް ފުށުގެ ކުލަ އަލިވުމުގެ ސަބަބުން މާހައުލުގެ ތެރޭގައި ގެއްލިގެން (ނުވަތަ ވަންހަނާ ވެގެން) އުޅެވޭ ބޯމަތި ފުޅާ، ތުންގަނޑު އޫ މިޔަރެކެވެ. އާންމު ގޮތެއްގައި މި ބާވަތުގެ އަންހެން މިޔަރު ބޮޑުވަނީ 11 ފޫޓަށެވެ. ފިރިހެން މިޔަރު ބޮޑުވަނީ 7 ފޫޓަށެވެ. މިއީ ހަށިގަނޑުގައި ލޮނު ހިފެހެއްޓުމުގެ ބާރު ހުންނާތީ ކޯރުކޯރަށް ވެސް ވަދެއުޅޭ މިޔަރެކެވެ.

ނޯޓު: ބަސްފޮތެއްގައި ހިމަނާ ވަރަށް ވުރެ ތަންކޮޅެއް ތަފްޞީލް ގިނަ.


38       ޝެފު    chef

ކެއްކުމުގެ ތަމްރީނާއި ފާސް ހޯދައިގެން ރެސްޓޯރަންޓާއި ރިޒޯޓު ފަދަ ތަންތަނުގެ ބަދިގޭގައި ކާނާ ތައްޔާރު ކުރުމުގައި އިސްކޮށް މަސައްކަތްކުރާ މީހާ.

ނޯޓު: މިތަނުގައި ”ފާސް ހޯދައިން“ އޮންނާކަށް ނުޖެހެއެވެ. އެއީ ޝެފްއަކަށް ވުމުގެ ޝަރުޠެއް ނޫނެވެ. ތަމްރީނުލިބިފައި ވުމުން ނިމުނީއެވެ.


39       ފަތުރުވެހި guesthouse

އާބާދުވެފައިވާ ރަށްރަށުގައި ފަތުރުވެރިން (ފަތުރުވެރީން) ނުވަތަ މެހުމާނުން ތިބުމަށް ހަދާފައި ހުންނަ ގޭގެ ނުވަތަ ކުދި ހޮޓާ. އާންމު ގޮތެއްގައި މި ތަންތަނުގެ ރިސޯޓުތަކަށް ވުރެ ކޮޓަރިތަކާއި ޚިދުމަތުގެ އަގު ހެޔޮވާނެއެވެ.

ނޯޓު: 1. މިހާރުވެސް ބަސްފޮތުގައި އަންނަނިވި ލަފުޒާއި މާނަ ވެއެވެ: ”މެހުމާންސަރާ: މެހުމާނުން ތިބުމަށް ތައްޔާރުކޮށްފައިވާ ތަންތަން.“ 2. ވެހި އެހެން ގޮތްގޮތަށް ވެސް ބޭނުން ކުރާތީ (މ. ހިޔާވާ ތަނެއް- ދަތުރުވެހި) ވެހީގެ ބަދަލުގައި ”ވާސަ“ ބޭނުންކުރެވިދާނެއެވެ. ވާސަ ގެ މާނައަކީ ގެއެވެ.


40       ކުމެވި   small and medium enterprises

ކުދި އަދި މެދު ފަންތީގެ ވިޔަފާރި.

ނޯޓު: މި ލަފުޒާ މެދު މައްސަލައެއް ނެތް. ކުމެވި އެކަނި ބޭނުންކޮށްގެން ޢާއްމުންނަށް އޭގެ މާނަ އޮޅުން ފިލާނެބާ؟ މިސާލީ ކުމެވި ތަރައްޤީ ކުރަން ބޭންކުތަކުން ލުއި ލޯނު ދޭން ހަމަޖެހިއްޖެ އެވެ. އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނީ 30 މުވައްޒަަފުން ހަމަނުވާ ކުމެވީ ގައެވެ.


41        ހީރަސްކުރުން     attach

ސިޓީއެއް ނުވަތަ އީމެއިލަކާ އެކު ކަމާ ބެހޭ ލިޔުމެއް ނުވަތަ ފައިލެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ހިމެނުން.

ނޯޓު: މިކަމާ ބެހޭ ގޮތުން ޚިޔާލެއް ހުށަހެޅުމުގެ ކުރިން، އިނގިރޭސި ލަފުޒުގެ މާނަ ލިޔެލާނަމެވެ.


މަތީގައިވާ އެޓޭޗްގެ މާނަތަކަށް ވިސްނައިލުމުން، ހީރަސްކުރުމަކީ ”އެޓޭޗް“ އަށް އެންމެ ރަނގަޅު ލަފުޒު ނޫންކަމަށް ފާހަގަ ކުރެއްވޭނެއެވެ. މިލަފުޒުގެ މައިގަނޑު މާނައަކީ އެއްޗަކާ ގުޅުވުމެވެ. ހަރުކުރުމެވެ. ބަނުމެވެ. އެމުނުމެވެ. އެއްސުމެވެ. މެއްކުމެވެ. ދިވެހިބަހުގައި މި ޚިޔާލަށް މިހާ ގިނަ ލަފުޒު ހުރުމާ އެކު، ހީރަސްކުރުން ފަދަ ލަފުޒެއް އަލުން ހެދުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ނުފެނެއެވެ. ހީރަސްކުރުމަކީ ހީރަސްޖަހައި އެއްޗެއް އެހެން އެއްޗެއްގައި ހަރުކުރުމެވެ. މި ޒަމާނުގައި ގައިގެ ތަންތަން ކެނޑުމުން ފެހުމަށާއި ސޯފާ ފަދަ ގޮނޑީގައި ފޮތި ޖެހުަމަށާއި މިފަދަ އެތައް ބޭނުމަކަށް ހީރަސްކުރަން ޖެހެއެވެ. އެހެންކަމުން އެ މާނައިގައި އެ ލަފުޒު ބޭއްވުން އެދެވިގެން ވެއެވެ. މީގެ ކުރިން ސިޓީލިޔާއިރު އެއްޗެއް ސިޓީއާ އެކުގައި ފޮނުވަނީ ނަމަ، ލިޔަނީ ”މި ސިޓީއާއެކު މިވެނި އެއްޗެއް ފޮނުވީމެވެ.“ އެހެން ލަފުޒެއް ބޭނުންކުރާ ނަމަ،  ކުރިން ބުނެވުނު 6 ލަފުޒުގެ ތެެރެއިން ލަފުޒެއް ޚިޔާރުކުރެވިދާނެ އެވެ. ސިންގަޅަ ބަހުގައި އެއްޗެއް އެޓޭޗް ކުރުމަށް ކިޔަނީ ”ބަނުން“  މި ލަފުޒުގެ އަޑުތަކާ އެއްގޮތް ސިންގަޅަ ލަފުޒެވެ.

ބަނދެފައިވާ، އިތުރުކުރި އެއްޗަށް ކިޔަނީ attachment އެވެ. މިއަށް އެކެޑެމީއިން ނިންމާފައިވާ ލަފުޒަކީ 51 ގައި އެވާ ހީރައްސަ އެވެ. މި ލަފުޒު އިވުމުން އޭގެ މާނަކަމަށް ގިނަ މީހުންގެ ހިތަށް އަރާނީ މުޅީން އެހެން ޚިޔާލުތަކެކެވެ. އަޅުގަނޑު ހުށަހަޅާ ނަމަކީ، ބަނދެފައިވާ (ގުޅުވައިފާ) އިތުރު ބަޔަށް ބަންނި ފަދަ ލަފުޒެއް ހެދުމެވެ.


42       މެންޑަރިން       mandarin

ނާރިނގު އާއިލާގެ ހުތް ފޮނި ކުޑަ މޭވާއެއް. މީގައި އޮންނާނީ [އޮންނަނީ] ވަރަށް ފަސޭހައިން ނޮޅައިލެވޭ މީރުވަސް ދުވާ ތޮށްޓެކެވެ. އިބާރާތް އެހެންގޮތަކަށް ކުރިނަމަ ރީތިވީސް. މިސާލަކަށް ފަސޭހައިން ނޮޅައިލެވޭ މީރުވަސްދުވާ ތޮށިގަނޑެއް އޮންނަ، ނާރިނގު އާއިލާގެ ހުތް ފޮނި ކުޑަ މޭވާއެއް.  2. ޗައިނާގެ ރަސްމީ ބަސް.

ނޯޓު؛ ރަނގަޅު


43       ކަތުރުކަށިގަނޑު   jawbone

ދަތްދޮޅި އެކުލެވޭ ކަށިގަނޑު

ނޯޓު؛ ރަނގަޅު


44       އިސްކަލް skull

ބޮޅުގެ ނާށިގަނޑާއި އެއާ ގުޅިފައިވާ ކަށިތައް.

ނޯޓު؛ ރަނގަޅު


45       މިސްރާ  single line of poetry

ޅެމުގެ ބައިތެއްގެ ފޮޅުވަތެއް.

ނޯޓު؛ ރަނގަޅު


46       ލޮބީކުރުން       lobby (v.)

ސިޔާސީ ނުވަތަ އިދާރީ ނުވަތަ ގާނޫނީ ދާއިރާގައި ކަމެއް ވަކި ގޮތަކަށް ނިންމުމަށް ބާރުއަޅައި ނުފޫޒުފޯރުމަށް ޓަކައި ވާހަކަ ދެއްކުން.

ނޯޓު: ބަސްތޫރަ 2023 ގެ 48 ވަނަ ނަންބަރު ލަފުޒު: މަގަތު މޭޒު (front desk) ގެ މާނަ ލިޔެފައިވަނީ އަންނަނިވި ގޮތަށް. ”އޮފީސް މަދަރުސާއާއި ހަސްފަތާލު ފަދަ ތަންތަނުގެ ލޮބީގައި އެތަނެއްގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމަށް ހުންނަ މޭޒު“ އެހެންކަމުން، ލޮބީ އެތަނުގައި ބޭނުންކޮށްފައިވަނީ އެހެން މާނައެއްގައި. ރަނގަޅުވީހީ، ފްރޮންޓް ޑެސްކްގެ މާނަ ލިޔުނު އިރު ލޮބީ މިި ލަފުޒު ބޭނުން ނުކުރިނަމަ. މިހާރު މިވާގޮތަކީ ލޮބީގެ ތަފާތު ދެމާނައެއް ދިވެހި ބަސްފޮތުގައި ހިމެނެނީ. [ލޮބީކުރުން މި ލަފުޒު އައިސްފައިވަނީ އިހުގައި މަޖިލިސްގެ މެންބަރުންނާ ލޮބީއިން ބައްދަލުކޮށް މާލަމަށް ވަނުމުގެ ކުރީން އެމީހުންނަށް ނުފޫޒުފޯރުވާތީ].


47       ކުޑަކަމުދާ ހޮޅި    urethra

އިންސާނުންނާއި ހައިވާނުންގެ އެތެރެހަށީގައި މަސާނާއަށް ޖަމާވާ މޫތު (ކުޑަކަމުދާ އެއްޗެހި ނުވަތަ ފަހަރުވަ) ހަށިގަނޑުން ބޭރުކޮށްދޭ ހޮޅި. ފިރިހެން ޖިންސުގައި މަނި ބޭރުވަނީ ވެސް މި ހޮޅިންނެވެ.

ނޯޓު؛ ރަނގަޅު


48       މޫތު    urine

ފަހަރުވާ

ނޯޓު: ގެޒެޓުކޮށްފައިވާ ލިޔުމުގެ ބައެއް ތަންތާނގައި ފަހަރުވަ ބޭނުންކޮށްފައި ވެއެވެ. އެއްގޮތް ބޭނުންކުރެއްވި ނަމަ ރަނގަޅުވީހެވެ. ދެ ގޮތަށް ވެސް ބަސްފޮތުގައި ވެއެވެ. ބައްލަވާ 47 ގެ މާނަ!


49       މޫތުގުރުދާ ނިޒާމު  urorenal system

އިންސާނުންނާއި ހައިވާނުންގެ އެތެރެހަށީގައި ލޭގެ ތެރެއިން ހަށިގަނޑަށް ބޭނުން ނުވާ ބައި ވަކިކޮށް، ކުޑަކަމުދާ އެއްޗެހީގެ ގޮތުގައި ހަށިގަނޑުން އެބައި ބޭރުކޮށްދޭ ނިޒާމު. މި ނިޒާމުގައި ހިމެނޭ މައި ގުނަވަންތަކަކީ ދެ ގުރުދާއާއި ދެ މޫތު ހޮޅިއާއި މަސާނާއާއި ކުޑަކަމުދާ ހޮޅިއެވެ.

ނޯޓު؛ ރަނގަޅު


50       ހަޖަމީ ނިޒާމު     digestive system

އިންސާނުންނާއި ޖަނަވާރުންގެ އެތެރެހަށީގައި، ކާބޯތަކެތި ހަޖަމުކުރުމުގެ ދައުރު އަދާކުރާ ގުނަވަންތައް އެކުލެވޭ ނިޒާމު.

ނޯޓު؛ ރަނގަޅު


51        ހީރައްސަ attachment

ހީރަސްކުރެވިފައި އެތި.

ނޯޓު: ބަލާ 41 ގައިވާ ހީރަސްކުރުން.

{އަލަށް ހަދާ ލަފުޒުތައް ގެޒެޓު ކުރެއްވި އިރު ހށނ ގެ ހަމައިން ތަރުތީބުކުރެއްވިނަމަ… ހާދަ ރަނގަޅުވާނެއެވެ.]


52       އަށްދިސަ eight cardinal directions

ދުނިޔޭގެ މިސްރާބުތަކުގެ އަސާސީ ހަތަރު ދިސައާއި ސާނަވީ ހަތަރު ދިސަ. މިއީ އިރު، އުތުރު، ހުޅަނގު، ދެކުނު މި ހަތަރު ދިސަ އާއި އިރުއުތުރު، ހުޅަނގުއުތުރު، ހުޅަނގުދެކުނު، އިރު ދެކުނު މި ހަތަރު ދިސައެވެ.

ނޯޓު: މިދިމަ ދިމާއަށް ކިޔާ އެއް ނަމުގެ ލަފުޒުތައް ކޮލި ޙަސަން މަނިކުގެ ”ވަނަވަރު“ ޢަދަދު 5 ގައި ވެއެވެ. އޭގައި ދިހަ ފަރާތަށް ކިޔަނީ ”ދަހަދޭހަ“ ކަމަށް ވެސް ވެއެވެ. ލަފުޒުތައް ހަދާއިރު ކުރިން ދިވެހި ބަހުގައި ހުރި ލަފުޒުތައް މުޠާލިއާކުރުން ރަނގަޅުވާނެއެވެ. އަށް ދިމާއަށް ކިޔާ ނަން ވެސް އޮތުން އެކަށީގެން ވެއެވެ.


53       ސިޔާސާތު       policies (pl.)

ގައުމެއްގެ ނުވަތަ ޖަމާޢަތެއްގެ ނުވަތަ މުއައްސަސާއަކުން ކަންތައްތައް ރާވައި ހިންގާން ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާތުތަކާއި ހަމަތައް.

ނޯޓު: މި މާނަ ނުބައި. ސިޔާސަތުތަކާއި ގަވާއިދުތަކާއި ކަންކަންކުރާނެ އިޖުރާތުތަކަކީ ތަފާތު ކަންކަން. ސިޔާސާތުގައި އިޖްރާތުތަކެއް ނުހިމެނޭނެ. މިއީ މެނިޖްމަންޓް ޢިލްމުގައި ތަރުތީބެއް އޮންނަ ކަންކަން. ކުރުކޮށް ބުނާނަމަ، ސިޔާސާތުތަކަކީ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ވަކި ގޮތަކަށް މިސްރާބު ކުރުމަށް އެކުލަވައިލެވޭ އޮނިގަނޑެއް. އޭގައި ތަންފީޒީ ކަންކަމެއް ނުހިމެނޭނެ.


54       ވަނަވެރިން winners

ވަކި ކަމެއްގައި އެންމެ މޮޅު ނަތީޖާ ހާސިލުކޮށްގެން އެ ކަމުގައި އެންމެ މަތީ ދަރަޖައަށް ވާސިލުވެފައިވާ މީހުން ނުވަތަ ފަރާތްތައް.

ނޯޓު: އަރުތަވެރީން މި މަފްހޫމަށް ކިޔާތާ ވަރަށް ގިނަ އަހަރުތަކެއް  ވެއްޖެއެވެ. ވަނަވެރީން ގޯހެއް ނޫނެވެ. ރަނގަޅުވާނީ ރ ގައި އީބީފިލި ޖަހާނަމައެވެ.  އެއީ ގިނަކަން (ޖަމްޢުކަން – ޕްލޫރަލްކަން) ހާމަކުރުމަށެވެ.


55       ހުޅެވި

1. ކަމޭދުން ނުވަތަ ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވިފައިވާ. 2. ވަށައިގެން ބަންދުނުވެ، ކޮންމެވެސް މިންވަރަކަށް ނުވަތަ އެއްފަރާތަކަށް ހުޅުވިފައިވާ.

ނޯޓު: 1. ކަމޭދުން އެއީ އާދަކޮށް ފިހާރައަކުން ތަކެތި ގަންނަ މީހަކަށް ވަރަށް ކަމުނުދާ ލަފުޒެކެވެ. އަދި ހުޅެވި ގެ މާނަތައް އިތުރުކުރަން އެ މާނަ ހިމެނުމަކީ މި ލަފުޒުގެ މާނަ އޮޅުންއަރާގޮތް ވާނޭ ކަމެކެވެ.


56       އެއްއުއިވުން      align

ކައުނީ ދެ ޖިސްމެއް ނުވަތަ ޖިސްމުތަކެއް ދައުރުކުރުމުގައި އެއް ރޮނގަކަށް ސީދާވުން.

ނޯޓު: ލަފުޒުގެ ހުރިހާ މާނަތައް ގެނެސް ބަސް މުއްސަނދިކުރުމަށްޓަކައި، ރަނގަޅުވާނީ މާނަ ހަމައެކަނި ފަލަކީ ޖިސްމުތަކަށް ހަނި ނުކުރާނަމެވެ. ހުށަހަޅަނީ:
އެއްއުއި: . އެއް ސަފަކަށް (ރޮނގަކަށް) ދެ އެތި ނުވަތަ އެއަށް ވުރެ ގިނަ ތަކެތި އައިސްފައިވާ، ނުވަތަ ގެނެސްފައިވާ ޙާލަތެއް. ޚިޔާލުތައް އެއްގޮތްވާ ޙާލަތެއް.
އެއްއުއިކުރުން: އެއް ސަފަކަށް (ރޮނގަކަށް) ދެ އެތި ނުވަތަ އެއަށް ވުރެ ގިނަ ތަކެތި ގެނައުން. ތަފާތު ޚިޔާލުތައް ފުށުއެރުމެއް ނެތި ގުޅުވުން.
އެއްއުއިވުން: އެއް ސަފަކަށް (ރޮނގަކަށް) ދެ އެތި ނުވަތަ އެއަށް ވުރެ ގިނަ ތަކެތި ގެނައުން. ތަފާތު ޚިޔާލުތައް ފުށުއެރުމެއް ނެތި ގުޅިގެން ދިއުން.


57       އަނަންތު infinity

ހައްދެން ނެތް މިންވަރު

ނޯޓު: އައު ދިވެހި ލަފުޒު އުފައްދާ އިރު، ޤައުމީ މަޞްލަޙަތަށް ބަލައި، ހިންދީ ލަފުޒު ބޭނުންކުރުން މަދުކުރުން އެދެވިގެން ވެއެވެ. अनंत (އާނަންތު) ގެ ބަދަލުގައި އެތައް ލަފުޒެއް ބޭނުން ކުރެވިދާނެއެވެ. މިގޮތުން، ”ބޭނިހާޔަތު“ ކިޔައިފިނަމަ، އެންމެންނަށް އެއީ ކޮން އެއްޗެއްކަން އިތުރު ދަސްކުރުމެއް ނެތި އެނގޭނެއެވެ.

އަޅުގަނޑު ހުށަހަޅަނީ ”އަފިނި“ އެވެ. މިއީ ފަރަންސޭސި ބަހުން އިންފިނިޓީ އެވެ. މި ގޮތަށް ލަފުޒު ހެދުމުގެ މަންފާއަކީ، ޓ ގެ އަޑު ފިޔަވައި އިނގިރޭސިއާ އެއް އަޑުތަކެއް ބޭނުންކޮށްފައިވާ ކަމެވެ. އިނގިރޭސި ލަފުޒަށް ވުރެ ކުރުކަމެވެ. ދިވެހި އަޑުތަކާ ގުޅޭ ކަމެވެ.

އަފިނި — (infinity) މާނަ: އަދަދުގެ ގޮތުން، ޖާގައިގެ ގޮތުން، ވަގުތުގެ ގޮތުން ޙައްދެއް ނިހާޔަތެއް ނެތްހާ ބޮޑު.


58       ފޯނުވޯނު

އަތްމަތީ ގެންގުޅޭ މުވާސަލާތީ އިލެކްޓްރޯނިކް ތަކެތި.

ނޯޓު: އެންމެ ރަނގަޅު ކަމަށް ފެނޭ [ބޭނުން ކުރަން ޖެހޭ ހާލަތްތައް ވަރަށް މަދުވާނެ]


59       ސިމު    sim

ފޯނު ވިއުގައަކަށް ވަންނަން ބޭނުންކުރާ ފޯނު ނަންބަރާއި ފޯނު ނަންބަރުގެ ވެރި ފަރާތް އަންގައިދޭ މައުލޫމާތާއި ކަމާ ގުޅޭ މުހިންމު ޑޭޓާ ރައްކާކުރާ ކާޑު ނުވަތަ ސުމޭކު އަދާތު. މިއި ވަކި ފޯނު ނަންބަރަށް ޚާއްސަކޮށް ފޯނުވޯނަށް ލައްވާން ގެންގުޅޭ އަދާތެކެވެ.

ނޯޓު: ބަދަލުކުރަން ފެންނަ ސަބަބަކީ ފަހުގެ ފޯނުތަކަށް ސިމް ލައްވަން ނުޖެހޭކަން. ހުށަހަޅާގޮތަކީ: ”ޑޭޓާ ވިއުގައެއް މެދުވެރިކޮށް މަޢުލޫމާތު ބަދަލުކުރުމަށް، ފޯނުވޯނަށް ގިނައިން ލައްވާ ސުމޭކު ޗިޕެއް. މި ޗިޕުގައި ވެރިފަރާތުގެ މަޢުލޫމާތާއި އެހެން އެތައް މަޢުލޫމާތެއް ރައްކާކުރެވޭ މޭދާއެއް ވެއެވެ. ސިމް ބޭނުންކުރާ އެހެން އެއްޗެހި ތަކުގެ ތެރޭގައި އިންޓަރނެޓާ ގުޅާ ކާރުތަކާއި، ކެމެރާތަކާއި ސްމާޓުގަޑި ހިމެނެއެވެ.“


60       ޓެބު    tab

ތަފާތު ސަފުހާ ނުވަތަ ފައިލު ހުޅުވޭ ގޮތަށް ކޮންޕިއުޓަރާއި ފޯނު ފަދަ ތަކެތީގެ އިސްކިރީނުގައި ހަވާސާއިން ބޭރުގައި ހުންނަ ފާހަގަކޮޅު.

ނޯޓު: މާނަ ލިޔެފައިވާލެއް ނުބައި. މިއީ ލަފުޒުގެ އެހެން މާނަތައް ވެސް ހިމަނަން ރަނގަޅު ފުރުސަތެއް. އަޞްލުގައި އިސްކިރީންތަކުން ފެންނަ ޓެބުތަކަކީ އިހުގައި ފޮތުގައި ނުވަތަ ފައިލުގައި ހުންނަ ކުޑަ ކަރުދާސްކޮޅަކުން ހަދާފައި ހުންނަ ޓެބުން އިލްހާމު ނަގައިގެން ކޮށްފައިވާ ކަމެއް. ހުށަހަޅާ ގޮތަކީ:

”ދަޅެއް، ފޮތެއް، ނުވަތަ އެހެން ކަންވާރެއް ހުޅުވުމަށް ފަސޭހައަކަށް އޭގައި ހަރުކުރެވިފައިވާ ކުޑަ ކަރުދާސް/ފޮތި/މައުދަން އެތިކޮޅެއް. ވަކި ސަފުހާއެއް ހޯދުމަށް ފަސޭހައަކަށް ފޮތެއްގައި ނުވަތަ ފައިލެއްގައި  ނުވަތަ ސުމޭކު އިސްކިރީނަކުން ފެންނަ އެފަދަ އެތިކޮޅެއް ނުވަތަ އޭގެ ނިޝާނެއް.“


61        ވޭޕު    vape

ދުންފަތް ނުވަތަ ބަނގު މާއްދާއެއް ހޫނުކޮށްގެން އަރާ އާވި އިސްތިއުމާލުކުރަން ބޭނުންކުރާ އަތްމަތީ އާލަތެއް. މިއީ ބެޓެރީ ހަކަތައިން މަސައްކަތްކުރާ އެއްޗެއްކެވެ. އާންމު ގޮތެއްގައި މި ހަދާފައި ހުންނަނީ ގަލަން ނުވަތަ ލައިޓަރު ފަދަ ސައިޒަކަށެވެ.

ނޯޓު: މާނަ ލިޔެފައިވަނީ ނަމުގެ ގޮތުގައި. މިއާ އެކުއެކީގައި މީގެ ”ކަން“ ލަފުޒު އުފެއްދުން ރަނގަޅުވާނެ. ވޭޕުކުރުން ނުވަތަ ވޭޕުބުޔުން. އެންމެ ގިނައިން ވޭޕް ބޭނުންކުރާނީ ކަމުގެ ގޮތުގައި.


62       މަރުބަރު  deadweight

1. ބޭކާރު ބަރު. 2. ބޭކާރު ގޮތެއްގައި ބައިތިއްބާ މީހުން ނުވަތަ ބަހައްޓާ ތަކެތި. 3. އަދާކުރެވޭނެ ގޮތެއް ކަނޑަނާޅައި ނަގާ ދަރަނި. 4. ލިބެން ހުރި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރުމުން ލިބޭ ގެއްލުން.

ނޯޓު: މީގައި ލިޔެފައިވާ ބައެއް މާނަތަކަކީ އިނގިރޭސި ލަފުޒު ދެ ލަފުޒުގެ ގޮތުގައި ވަކިން އޮންނަ އިރުގެ މާނަ. އެންެމެ މުހިއްމު އެންމެ ގިނައިން ބޭނުންކުރާ އެއް މާނަ ނެތ.ް dead weight ގެ އެއް މާނައަކީ، އެއްޗެއްގެ އޮނިގަނޑާއި ހަރުކޮށްފައިވާ ތަކެތީގެ ބަރުދަން. މިސާލަކަށް ކޮޓަރިއެއްގެ ތަޅުމާއި ފާރުތަކާއި ތަނބުތަކާއި ބެރިތަކުގެ ބަރުދަން. live weight/load ކިޔަނީ މީހުން އެތަނުގައި އުޅޭއިރު އެމީހުންނާއި ގެންގުޅޭ ތަކެތިގެ ބަރުދަން. ރަނގަޅުވީހީ މި ލަފުޒު ހެދިއިރު ގުޅޭ، live weight، މި ލަފުޒުވެސް ހެދިނަމަ، އަދި މި މާނަ ލިޔުނުނަމަ.


63       ވައުޒު   preaching

ވަޢުޡު (ދީނީ ނަސޭހަތް)

ނޯޓު: އެންމެ ރަނގަޅު ކަމަށް ފެނޭ


64       އުދުވާނު  aggression

އަދާވަތްތެރިކަމާ އެކު ހިންގާ އަނިޔާވެރި އަމަލު.

ނޯޓު: އެންމެ ރަނގަޅު ކަމަށް ފެނޭ


65       ކެންގަރޫ kangaroo

އަންހެން އެތީގެ ދަށްބަނޑު މަތީގައި ހުންނަ ޖީބެއްގައި ޅަދަރި ގެންގުޅޭ މަންމަލި ބާވަތުގެ ބޮޑު ޖަނަވާރެއް. މިއީ ހަމައެކަނި އޮސްޓްރޭލިއާ ބަރޫދުގައި އުޅޭ މަޝްހޫރު ޖަނަވާރެކެވެ.

ނޯޓު: އެންމެ ރަނގަޅު ކަމަށް ފެނޭ


66       ޒާވިޔާ   angle

ސީދާ ދެ ރޮނގެއް ބައްދަލުވާ ނުކުތާގައި ދެ ރޮނގު ދޭތެރޭ އުފެދޭ ޖާގަ. މި ޖާގަ އާންމުކޮށް މިންކުރަނީ ދަރަޖައިންނެވެ.

ނޯޓު: ޢަރަބި ލަފުޒު. ހުށަހަޅާ އިޞްލާޙްއަކީ: ”ބައްދަލުވާ ސީދާ ދެ ރޮނގު ޖެހޭ ތަނުގައި އުފެދޭ ކަން. މިކަން ޢާއްމުކޮށް މިންކުރަނީ ދަރަޖައިންނެވެ.“ މިގޮތަށް ބަދަލުކުރަން ފެންނަ ސަބަބު: 1. ސީދާ ދެ ރޮނގު ބައްދަލުނުވާ ފަހަރެއް އަންނާތީ. 2. ޖާގައަށް ވުރެ ކަން މާ ދޭހަ ރަނގަޅުކަމަށް ފެންނާތީ.


67       ދިގުއަކަ  rectangle

ކޮންމެ ޒާވިޔާއެއްގައި ނުވަތަ ކޮންމެ އެތެރޭ ކަނެއްގައި 90 ދަރަޖަ ހުންނަ، ހަތަރުބިތުގެ ދިގު ބައްޓަން.

ނޯޓު: 90 ދަރަޖައަށް ދިވެހިބަހުން ރުބު ކިޔައެވެ. ހިސާބުގެ ހަމަތަކުން ބަޔާންކުރާ ނަމަ، އަކައަކީ ވެސް ރެކްޓޭންގްލް އެކެވެ. އެހެންކަމުން ލިޔަން ހުށަހަޅާގޮތަކީ، ”އެތެރޭ ކަންތަކުގައި 90 ދަރަޖަ ހުންނަ، ޚާއްޞަކޮށް ކޮންމެ ކަނެއްގެ ދެ ބިތް ދެވަރު، ހަތަރު ބިތުގެ ބައްޓަމެއް.“


68       ދިގޯޑި   ellipse

ފުރިހަމަ ވަށްބުރަކަށް ވުރެ ފަތާކޮށް ހުންނަ ބައްޓަން.

ނޯޓު: މި މާނަ ނުބައި. އެންމެ ކުރުކޮށް ލިޔެވޭނެ ގޮތަކީ އެއްވަރު ހަތަރު ބަޔަށް ފަޅިކޮށްލެވޭ ވަށްބުރަކަށް ވުރެ ފަތާ ބައްޓަން. މާނަ މިއަށް ވުރެ ބަރާބަރަށް ލިޔުމަށް ކޯނު (ފިހިގަނޑު ބުމަރު މާދިރިއަށް ހުންނަ ގަނޑު ތަކެތި) އެއީ ކޮން އެއްޗެއްކަން ބަޔާންކުރަން ޖެހޭނެއެވެ. އެލިޕްސް އަކީ ކޯނެއް، ފުލަށް ނާރާގޮތަށް ރަހައަށް ވުރެ ކަތިކޮށް ބުރިކޮށްލުމުން ކޯނުގެ ބުރިވަރު މަތީ ހުންނަ ބައްޓަމެވެ. އެހެން ދެ ލަފުޒެއް ސިފަކޮށް ދިނުމަށް ކޯނު މުހިއްމުވާނެއެވެ. އެއީ parabola  އާއި hyperbola އެވެ.

ellipse އަށް ފަތާބުރު ކިޔަނިކޮށް ފަހުމްވުން ފަސޭހަވާނެއެވެ. ފާރިސީ ބަހުން މިއަށް ކިޔަނީ ބޭޒީ.


69       މަރުޖާ   authoritative source

ސައްހަ ސަނަދަކުން ކަށަވަރުވާ މަސްދަރު.

ނޯޓު: އެންމެ ރަނގަޅު ކަމަށް ފެނޭ


70       ރަދީފުކުރުން

އައު ލަފުޒެއް މާނައާއެކު ރަސްމީކޮށް ފާސްކޮށް ރަދީފުގައި ހިމެނުން.

ނޯޓު: ރަދީފުއާ ބެހޭ މައްސަލަ  2023 ގެ ބަސްތޫރައާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނުގައި ހިމަނާފައި ވާނެ. މައިގަނޑު މައްސަލައަކީ ލޯން ލަފުޒެއް މުޅިން އެހެން މާނައެއްގައި ބޭނުންކުރާކަން. ރަދީފަކީ ބަސްފޮތުގެ ވަކި ބާބުތަކަށް ނުވަތަ ވަކި އަކުރުން ފެށޭ ބަޔަށް ކިޔާފައިވާ ނަމެއް. މިއީ ޢަރަބިބަހުން ވެސް އޭގެ މާނަ. ކަން މިހެން އޮތް ކަމުގައި ވިޔަސް، މިގޮތަށް ބޭނުން ކުރެވިދާނެ. އެހެނީ ބްލެކް އެއީ ހުދުކަމަށް ކަނޑައެޅިދާނެ ނަމަވެސް މައްސަލަތަކެއް ކުރިމަތިވާނެ.


71        ޝޮކުދިނުން      defibrillation

ހިތް ހުއްޓިގެން ޚާއްސަ އާލަތަކުން ކަރަންޓު ސިގުނަލެއް ދީގެން ހިތް އަލުން ހިންގުމަށް ޓަކައި ދޭ ފަރުވާ.

ނޯޓު: މާނަ ނުބައި. ދެ މައްސަލައެއް އުޅޭ. ފުރަތަމަ ކަމަކީ މިހާރު ބަސްފޮތުގައި މިހެން އޮންނަކަން: ޝޮކުދިނުން: ކަރުންޓުން ޝޮކުދީގެންދޭ ފަރުވާ ދިނުން. މިއީ ސިކުނޑި ހަމަނުޖެހޭ މީހުންނަށް ދޭ ފަރުވާއެކެވެ. އާދެ! ބަސްފޮތުގައި ޝޮކުދިނުން އެއޮތީ އިލެކްޓްރޯތެރަޕީއަށް (ސިކުނޑީގެ ފަރުވާއަކަށް) މިހާރު ކަނޑައަޅާފައި. ޑިފިބްރިލޭޝަން އަކީ ހިތް ހުއްޓިގެން ދޭ ފަރުވާއެއް ނޫން. ވާގޮތަކީ ހިތް މާ އަވަސްއަވަހަށް ތުރުތުރުއަޅަނީ. އެހެންވެ މިއިން ކުރާ ކަމަކީ، ހިތް ހުއްޓާލަނީ. އޭރުން ދެން ހިތް ވިންދުޖަހަން ފަށާއިރު ޖަހަން ފަށާނީ ޢާއްމުކޮށް ޖަހާ ރޭޓުގައި. ވީމާ، ލަފުޒުވެސް މާނަ ވެސް އަލުން ހަދަން ޖެހޭ.


72       ސަލާދުފަތް      lettuce

ބޮނޑިކޮށް ހެދޭ، ކަނާދު ގިނަ، ރޮލާ ކައިއުޅޭ، ފަތެއް. މިއީ ސަޓަނި ހަދާއިރު އާންމުކޮށް ބޭނުންކުރާ ފަތެކެވެ.

ނޯޓު: މި ލަފުޒު އެންމެ ފުރަތަމަ ފެނިފައިވާ މާފަތްކަލޭގެފާނުގެ ޢަރަބި-ދިވެހި ފޮތުން. އެ ފޮތުގައި މި ގޮތަށް މި ލަފުޒު ގެނެސްފައިވަނީ އިނގިރޭސި ބަހުން ސަޓަނި އަށް ކިޔާ ސަލާޑުން  ކަމަށް ލަފާކުރެވެއެވެ. ޢަރަބި ބަހުގައި ޑ ގެ އަޑު ނެތަތީވެ ދ ބޭނުންކުރީއެވެ. މިލަފުޒުގެ މައްސަލައަކީ އެތައް އާއިލާއެއްގެ ފަތް ސަލާދުފަތުގެ ގޮތުގައި ބެލެވޭކަމެވެ: މިސާލަކަށް މައްސާގު، ކުއްޅަފިލާ…  ލެޓިސް އަށް (މި ލަފުޒު ކިޔަނީ ލެޓިއުސް މިހެންނެއް ނޫން) ކިޔަން ރަނގަޅުވާނީ ކިރުކޮޕީއެވެ. އެހެނީ ލެޓިސް އަށް ލެޓިސް ކިޔާ ސަބަބަކީ އެފަތް ފެލައިލުމުން ހުދުކުލައިގެ ކިރެއް ނުކުންނާތީއެވެ. މިއީ މި ސަރަޙައްދުގެ އެހެން ބަހަކުން ވެސް މިފަތަށް ކިޔާ ނަމެވެ. ލަފުޒުގެ މާނައިގައި ”ސަޓަނި ހަދާއިރު އާންމުކޮށް“ މިހެން އޮތް ކަމުގައި ވިއަސް، ދިވެހި ސަޓަނީގައި މިއީ ޢާއްމު ފަތެއް ނޫނެވެ. މިފަތް ރާއްޖެއަށް ތައާރަފުވީ ފާއިތުވީ 40 ވަރަކަށް އަހަރުގެ ތެރޭގައެވެ.


ކްރިޓިކް އާއި ކްރިޓިކަލް ތިންކިން


ރާއްޖޭގެ މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރާ ދެ ކަލިމައަކީ ކްރިޓިކް އާއި ކްރިޓިކަލް ތިންކިން އެވެ. މިކަމުން ބަސްތޫރަ އެކުލަވައިލި ފަރާތްތައް ވެސް ބަރީޢަވެފައެއް ނުވެއެވެ. މި މަޒުމޫނުގެ ފަހު ކޮޅުގައި މި ބައި މި ލިޔަނީ މިކަމާ ބެހޭ ކަންކަން ސާފުކޮށް ދޭހަ ފަސޭހަކޮށް ބަޔާންކުރުމަށެވެ.

ދެން ފަހެ، އިނގިރޭސި ބަހުގައި، crisis (ކްރައިސިސް) ކިޔާ ބޭނުން ތެރި ލަފުޒެއް އޮވެއެވެ. މި ލަފުޒުގެ ދެ މާނައެއް ވެއެވެ. އެއް މާނައަކީ ގޮތްތަކެއް ކަނޑައަޅަންޖެހޭ މުހިއްމު ވަގުތެކެވެ. ނުވަތަ ޙާލަތެކެވެ. އަނެއް މާނައަކީ ގަދަ ނުރައްކަލާއި ދަތި ކުރިމަތިވެފައިވާ ވަގުތެކެވެ. ނުވަތަ ޙާލަތެވެ. ދިވެހި ބަހުން މިފަދަ ހާލަތަކަށް ކިޔާނީ ކީކޭތޯއެވެ؟ ބައެއް މީހުން މިފަދަ ހާލަތަކަށް ”ނާޒުކު ފައްތަރު“ މިހެން ވެސް ކިޔައެވެ. ޢަރަބި ބަހުން މިހާލަތަށް ކިޔަނީ އަޒުމާ އެވެ. ފާރިސީބަހުން ބުޙްރާން އެވެ.

ކްރައިސިސްގެ ނަންއިތުރަކީ، critical އެވެ. ފާރިސީބަހުން ނަމަ، ބުޙްރާނީ އެވެ. މި ލަފުޒު ބޭނުންކޮށްގެން މިސާލީ ޖުމުލައެއް ހެދިދާނެއެވެ: ދިވެހިރާއްޖެ މި ދުވަސްވަރު ވަނީ ބުޙްރާނީ މާލީ މައްސަލަތަކެއްގެ ތެރޭގައެވެ.

ދެން އެހެން ލަފުޒުކެވެ. critic އެވެ. މި ލަފުޒުގެ މާނައަކީ މަސައްކަތަކުން ނުވަތަ އެއްޗަކުން ކުށް ދައްކާ މީހާއެވެ. އާދެ! އެއްޗެއްގައިވާ އައިބު ދައްކާ މީހާއެވެ. ނޫންނަމަ އައިބުކިޔާ މީހާއެވެ. މި ލަފުޒުގެ ނަންއިތުރަކީ ކޮބައިތޯއެވެ؟ އާދެ! އެއީ critical އެވެ. ކުރިން ދެންނެވި crisis އާއި މި ދެންނެވި critic ގެ ނަންއިތުރަކީ އެއް ލަފުޒެކެވެ. ނަމަވެސް މުލު ލަފުޒުގެ މާނަ ތަފާތުވާ ފަދައިން ނަންއިތުރެ މާނަ ވަރަށް ތަފާތެވެ. މާނަ އެނގޭނީ ލަފުޒު ބޭނުންކޮށްފައިވާ ވެށީންނެވެ.

މިސާލެއްގެ ގޮތުން critical care nurse އަކީ އައިސީޔޫ ގައިވާ ފަދަ ނުރައްކާތެރި ހާލަތެއްގައިވާ ބަލިމީހުންނަށް ފަރުވާދޭ ނަރުހެވެ. critical essay އަކީ ކޮންމެވެސް އެއްޗަކާ މެދު ފާޑުކިޔަން ލިޔެފައިވާ މަޒުމޫނެކެވެ.

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ critical thinking އަކީ ކުށް ދެއްކުމާ، ފާޑު ކިޔުމާ ބެހޭ ވިސްނުމެއް ހެނެވެ. އެއީ ކުށް ހީއެކެވެ. އަޞްލުމާނަ ގުޅެނީ ބުޙްރާނީ، ޚުޠޫރަތްތެރި ވިސްނުމާ އެވެ. އެ ވިސްނުމެއްގެ ނަތީޖާގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފާނެ ވިސްނުމަކަށެވެ. މިހެން މި އޮޅުން އަރަނީ، ކުރިން ދެންނެވި ފަދައިން، crisis އާއި critic ގެ ނަންއިތުރަކީ އެއް ލަފުޒަކަށްވާތީއެވެ.

ދެން އެންމެ ފުރަތަމަ، 3 ގައިވާ ލަފުޒާ މެދު ވިސްނަމާ ތޯއެވެ؟

3          ނާގިދު ފިކުރު     critical thinking

އަމިއްލަ ވިސްނުމާއި ޖަޒުބާތުން އެއްކިބާވެ، ވަކި މައުޟޫޢަކާ މެދު ތަރުތީބު މަގުން ފުންކޮށް ވިސްނުމުގެ ދިރާސީ އިޖުރާތު.

ނޯޓު: އަޅުގަނޑުގެ ނަޒަރުގައި މަތީގައިވާ މާނަ ނުބައެވެ. އަޅުގަނޑު ހުށަހަޅާގޮތަކީ، ”އަމިއްލަ ޚިޔާލުތަކާއި ތަޢައްޞުބު އެއްކައިރިކޮށް، ކަމަކާ ދޭތެރޭ ފުންކޮށް ވިސްނާ ވިސްނުން.“ މިއެވެ. މި ލަފުޒުގެ މާނަ ނުބައިވާ ކަމަކީ ކުށްދެއްކުމާ މި ބާވަތުގެ ވިސްނުމާ އެއްވެސް ގުޅުމެއް ނެތީމައެވެ. ޢަރަބި ބަހުން ناقِد ކިޔަނީ ކުށްދައްކާ މީހާ އަށެވެ. މިއީ ނަންއިތުރެއް ނޫނެވެ. މިއީ މި ކަލިމަ ނުބައިވާ އިތުރު ސަބަބެކެވެ.

ދެން އަޅުގަނޑު ހުށަހަޅާނީ އަންނަނިވި ލަފުޒުތަކާ މެދު ބައެއް ޚިޔާލެވެ.

critic  2 ނާގިދު.

criticism 4 ނަގަދަކުރުން.

5 critique (ކަން) ތަންގީދުކުރުން.

21 critique (ނަން) ތަންގީދު.

ގެޒެޓުގެ އިޢުލާނުގައި ނުވާ، މަތީގައި ނެތް، ނަމަވެސް ގުޅުން ހުރި ލަފުޒަކީ  criticize އެވެ.

މާނަ ކުރުކޮށް އޮޅުންފިލުވަން ބޭނުންވާ މީހުންނަށް ދޭހަވާގޮތަށް އެ ލަފުޒުތަކުގެ މާނަ ތިރީގައި އެވަނީއެވެ.

critic (ނަން) އައިބުދައްކާ މީހާ.

critical (ނަންއިތުރު) އައިބު، އުނި ކަންކަމާ ބެހޭ، އެކަމަށް ނިސްބަތްވާ.

criticism (ނަން) އައިބު ދައްކާ ދެއްކުން.

criticize (ކަން) އައިބު ދެއްކުން.

critique (ނަން) އައިބުނާމާ. ފުނަރުވެރި އުފެއްދުމަކާ މެދު ކިޔާފައިވާ ފާޑު.

critique (ކަން) ފުނަރުވެރި އުފެއްދުމަކާ މެދު ފާޑުކިޔުން.

އެކެޑެމީން ނެރެފައިވާ ބަސްލިސްޓްގައި އައިބުދެއްކުމާ ބެހޭ ހުރިހާ ލަފުޒަކީ ޢަރަބި ލަފުޒެވެ. މި ލަފުޒުތަކުގައިވާ މަފްހޫމަކީ އެއާ މެދު ދިވެހިބަހެއް އެއް އިރެއްގައި އޮތް މަފްހޫމެއް ކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް، ދިވެހީންގެ ތެރޭގައި ފޮތްތެރިކަން ނެތުމުން އެ ލަފުޒުތައް ދިވެހީންގެ ތެރެއިން ނެތި ދިޔައީއެވެ. މި މަފްހޫމާ ބެހޭގޮތުން ހޯދާ ބެލުމުން، ހުވަދޫ އަތޮޅުގެ އެންމެން ދަންނަ މިކަމާ ގުޅޭ ލަފުޒެއް އަދިވެސް އޮންނަކަމަށް ވެއެވެ. އެއީ ”ވަޑިކުޓެކިޔުން“ އެވެ. މިލަފުޒުގެ ދެރަކަމަކީ، ތަންކޮޅެއް ލަފުޒު ދިގުކަމެވެ. އަޅުގަނޑުގެ ނަޒަރުގައި މި މަފްހޫމަށް ލަފުޒެއް ދިވެހިބަހުގައި އޮންނަން ވާނެއެވެ. އަދި އެލަފުޒު ވާންޖެހޭނީ އެކި ގޮތްގޮތަށް ފުރޮޅުވުމަށް ފަސޭހައަކަށް ކުރު ލަފުޒަކަށެވެ. އަދި ނިޒާމީ ”ކަން“ ލަފުޒަކަށެވެ. މާނައަކީ ކަން އުފައްދަން ”ކުރުން“ ފަހަތަށް ގެންނަން ނުޖެހޭ ކަމަކަށެވެ. މިސާލަކަށް ”ނަގަދަކުރުން“ އޮތުމުން ނަގަދަ އެއީ ދިވެހި ނިޒާމީ ކަން ލަފުޒެއް ނޫންކަން އެނގެއެވެ.

އެކި ބަސްބަހުގައި، critic އަށް ކިޔާ ލަފުޒުތަކާއި އެ އުފެދުނުގޮތަށް ނަޒަރުކޮށް، ވިލިކައި، އަޅުގަނޑަށް އެންމެ ރަނގަޅުކަމަށް ފެނުނު  ލަފުޒެއް ދަންނަވާލާނަމެވެ. އެ ލަފުޒުގެ އަސްލަކީ ދިވެހިބަހާ އެންމެ ތިމާގެ ބަސްކަމަށް ބުނާ ސިންގަޅައިގެ މި މަފްހޫމަށް ކިޔާ විවේචනය އެވެ. ނަމަވެސް މި ލަފުޒު ދިގުކަމުން ފުރަތަމަ ދެ އަޑު އެކަނި ބޭނުންކުރަމާތޯ އެވެ؟ މިގޮތަށް ނިންމައިފިނަމަ މިކަމާ ގުޅޭ ލަފުޒުތައް ތިރީގައި އެވަނީއެވެ.

ވިވޭރު critic (ނަން) އައިބުދައްކާ މީހާ.
ވިވޭރި critical (ނަންއިތުރު) އައިބު، އުނިކަންކަމާ ބެހޭ. އެކަންކަމަށް ނިސްބަތްވާ.
ވިވޭރުން criticism (ނަން) އައިބު ދައްކާ ދެއްކުން.
ވިވޭރުން criticize (ކަން) އައިބު ދެއްކުން.
ފާޑުކިޔުން، ވިވޭރިފުން critique (ކަން). ފުނަރުވެރި އުފެއްދުމަކާ މެދު ފާޑުކިޔުން. {ފުނަރުގެ ފުރަތަމަ އަކުރު ހިމަނާފައި}
ފާޑުނާމާ. ވިވޭރިފަތް critique އައިބުނާމާ. ފުނަރުވެރި އުފެއްދުމަކާ މެދު ކިޔާފައިވާ ފާޑު. {ފުނަރުގެ ފުރަތަމަ އަކުރު ހިމަނާފައި}

މި ލަފުޒުތަކާ މެދު އަޅުގަނޑު ވެސް މުޅިއަކުން ހިތްހަމައެއް ނުޖެހެއެވެ. އެހެންކަމުން، މިކަމާ ވިސްނަވާ އެހެން ބޭފުޅުންނަށް އެހީއެއްގެ ގޮތުން މި ލަފުޒުތަކުގެ މާނަ ތިރީގައި ލިޔެލަމެވެ.

critic

ކްރިޓިކް. ނ. 1. އެއްޗަކުން އުނި ކަންކަން ދައްކާ މީހާ. ފާޑުކިޔާ މީހާ. 2. ފަންނީ ބައެއް މަސައްކަތާ މެދު (މ. ފޮތް، ފިލްމު) ގޮތްކިޔުމަށް އެއަށް އިންސާފުކޮށް ނޫހަށާއި އެހެން ބޭނުންތަކަށް ފެންނަ ގޮތް ބަޔާންކުރާ މީހާ. ފާޑުކިޔާ މީހާ.

critical

ކްރިޓިކަލް. ނއ. 1. އުނި، އައިބު ކަންކަން ބަލާ. 2. އައިބުތައް/ކުށްތައް ބަޔާންކުރާ. 3. [މިއާއި 4 ގެ މާނަ ނެރެފައިވަނީ crisis (މުޞީބާތް/ބުޙްރާން) ގެ ނަންއިތުރެއްގެ ގޮތުގައި]  (ޙާލަތަކާއި ނުވަތަ ބައްޔަކާ މެދު) ވަރަށް ސީރިއަސް، މަރުވެދާނެ ފަދަ ނުރައްކާތެރި.  މ. He is in hospital, where his condition is said to be critical. (މީހަކާ މެދު) ވަރަށް ބޮޑަށް އަނިޔާލިބިފައި، މަރުވެދާނެކަމުގެ ބިރު އޮތް. Of the 40 people injured, four were critical last night އަނިޔާވި 40 މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ މަރުވެދާނެފަދަ ނުރައްކާތެރި ކަމެއްގައި. 4. ދެން ވާނެ ގޮތަކަށް ވަރަށް މުހިއްމު. މ. The president’s support is critical to this project. މި މަޝްރޫޢުއަށް ރައީސްގެ އެހީތެރިކަން ވަރަށް މުހިއްމު އެވެ. —ކއ. critically. critical thinking އަމިއްލަ ޚިޔާލުތަކާއި ތަޢައްޞުބު އެއްކައިރިކޮށް، ކަމަކާ ދޭތެރޭ ފުންކޮށް ވިސްނުން.  critical path analysis ބޮޑު ކަމެއް ކުރާއިރު، އެންމެ ރަނގަޅަށް އެކަން ނިންމުމަށް އެކަމުގައި ހިމެނޭ އެކި ކަންކަން ކުރާނޭ ތަރުތީބު ދެނެގަތުމާ ބެހޭ ސައިންސް.

criticism

ކްރިޓިސިޒަމް. ނ. 1. ކުށް ދައްކާ ދެއްކުން. 2. ދެއްކި ކުށެއްގެ ބަޔާން. 3. ކްރިޓިކް އެއްގެ މަސައްކަތް. ފޮތަކާ ނުވަތަ ފަންނީ މަސައްކަތަކާ ބެހޭ ގޮތުން އޭނާގެ ނިންމުން.

criticize

ކްރިޓިސައިޒް. ކ. (ހިތްހަމަ ނުޖެހޭނޭ ގޮތަކަށް) ކުށް ދެއްކުން. ފާޑުކިޔުން. ފެންނަ ގޮތެއް ހުށަހެޅުމަށް ފަރުވާތެރިކަމާއެކު ކަމެއް ބެލުން. އިންތިޤާދުކުރުން.

critique

ކްރިޓީކް. ނ. މ. ސިޔާސީ މައްސަލައެއް ފަދަ ކަމަކާ ނުވަތަ (މ. ފިލްމެއް ނުވަތަ ނަޒަރިއްޔާއެއް ފަދަ) އެއްޗަކާ ބެހޭ ގޮތުން އެކަމެއް ތަޙްޤީޤު ކުރުމަށް ފަހު ލިޔާ ބަޔާން. ގިނަ ފަހަރު މި ބަޔާނަކީ ނުރަނގަޅު ބަޔާނެކެވެ. –ކ. ފޮތެއް ފިލްމެއް ފަދަ އެއްޗެއްގެ ފެންވަރާ ބެހޭގޮތުން، ޚިޔާލެއް ނުވަތަ ފެންނަ ގޮތެއް ހުށަހެޅުން.

ނިންމައިލުން

މަޒުމޫނު ނިންމައިލާފައި، މުޅި މަޒުމޫނު އަޅުގަނޑު އެއްފަހަރު ކިޔައިލައިފީމެވެ. އެންމެ ފާހަގަކުރެވުނު ކަމަކީ، ދާއިރާގެ ފުންނާބު އުސް މާހިރުން ހެއްދެވި ލަފުޒުތަކާ އަޅުގަނޑަށް ފެންނަ ގޮތުގެ ފަރަގު ބޮޑުކަމެވެ. ވާނީވެސް އެހެންނެވެ. އަޅުގަނޑަކީ ދިވެހި ބަހުގެ އަދީބެއް، އަދީރެއް ނޫނެވެ. ދިވެހި ބަހަށް ވުރެ އަޅުގަނޑު ފަރިތައީ އިނގިރޭސި ބަހަށެވެ. ނަމަވެސް، އަޅުގަނޑު ފާހަގަކޮށްފައިވާ 72 ކަމުން ކޮންމެވެސް އެއް ކަމަކަށް ކިޔުންތެރީން ތާއީދުކުރައްވާނޭ ކަން ޔަޤީނެވެ.

ލަފުޒު ހަދާއިރު، ޚާއްޞަކޮށް ”ކަން“ ލަފުޒު ހަދާއިރު، އެ ލަފުޒު އެކި ޒަމާނަށް ފުރޮޅޭނެގޮތާއި، ލަފުޒުގެ މިޒާޖު އެކި ޙާލަތްތަކާ ގުޅިގެން ބަދަލުވާގޮތަށް ވިސްނަންޖެހޭނެ އެވެ. މިއާއެކު، އިނގިރޭސި ލަފުޒެއްގެ ބަދަލުގައި އަލަށް ތައާރަފުކުރާ ލަފުޒު، ދިވެހި އަޑުތަކާ ބޮޑަށް ގުޅުމާއެކު ކުރުވެސް ވާން ޖެހޭނެއެވެ. ލަފުޒުތައް ވައިގައިހިފުން އޮންނަނީ މި ބަޔާންކުރެވުން ސިފަތަކާއި އެހެން ބައެއް ކަންކަމުގެ މައްޗަށް ބިނާވެގެންނެވެ.

ހުރިހާ ސުރުޚީތައް ހިމެނޭ ޞަފުޙާ
ދިވެހި ބަހާ ބެހޭ މަޒުމޫނުތައް