2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަކީ، މާލޭގެ އިރުމަތީ ފަރާތުގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފު ބޮޑަށް އުދަ އެރި ދުވަހެކެވެ. އުދައަކީ ބޮޑެތި ރާޅެވެ. އުދައަކީ ބައެއް ދުވަސްވަރު، ދިޔަވަރު ބޮޑުވުމާއެކު އެއްގަމަށް ޖަހާ ރާޅު ސިފަކުރަން ބޭނުންކުރާ ލަފުޒެކެވެ. އުދައާ ވައްތަރު އަނެއް ލަފުޒަކީ ”ބާނި“ އެވެ. ބާން ޏަކީ، މާކަނޑުގައި ނުބިންދާ އަންނަ ރާޅެވެ.  އެދުވަހު ކަންހިނގާ ދިޔަގޮތުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ޢާއްމުން އެކި ފަރާތްތަކަށް ފޮނުވަމުން ދިޔައެވެ.  ތިރީގައި އެވަނީ، އެފަދަ ވީޑިއޯ އެކެވެ. މާލެއާއި ހުޅުލެ ގުޅާލާ ފާލަން ހެދިފަހުން، މިހާ ބޮޑަށް އުދަ އަރާފައެއް ނުވެއެވެ. އަދި އެއްވެސް ފަހަރެއްގައި، ޤުދްރަތީ ކަމަކާ ގުޅިގެން ފާލަމުން ސައިކަލުގައި، މިނޫނީ ދަތުރުކުރުން މަނާކޮށްފައެއް ނުވެއެވެ.

ވޭތިވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، މިހާ ބޮޑަށް އުދަ އެރި ދުވަހެއް އައިސްފައި ނުވާކަމަށް މުސްކުޅީން ބުންޏެވެ. މިއީ މޫސުމީ ކަމަކުން ވީ ކަމެއް ބާވައެވެ؟ އަދިވެސް މިހެން ދިމާވެދާނެ ހެއްޔެވެ؟ މިކަމުން ރައްކާތެރިވާން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ މި މަޒުމޫނުގައި އަޅުގަނޑު ހުށަހަޅާނީ، އުދައާ ބެހޭ ބައެއް ސައިންސްގެ މަޢުލޫމާތެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކެވެ.

އެކި ކަންކަމާ ގުޅިގެން ލޮނުގަނޑު އުސްވުން

ކަނޑުގެ ލޮނުގަނޑު އެކި ކަންކަމާ ގުޅިގެން އުސްވެ ތިރި ވެއެވެ. މިކަން މެދުވެރިވާ އެތައް ސަބަބެއް ވެއެވެ. އެންމެ މުހިއްމު އެއް ސަބަބަކީ، އިރާއި ގުރަހަލިތަކުން ބިމުގައިވާ ލޮނުގަނޑަށް ކުރާ އަސަރެކެވެ. މި އަސަރަށް ކިޔަނީ ގްރެވިޓީ އެވެ. މިކަމުގެ އަސަރުގެ ބޮޑުކުޑަމިން ވަރަށް ބޮޑަށް ބިނާވެފައި އޮންނަނީ ކަނޑާ ގާތުގައިވާ ބިންތައް (ބައްރުތައް) ހުންނަ ބައްޓަމުގެ މައްޗަށެވެ. ބައްރުތައް ހުންނަ ގޮތުން އެއްވެސް ގޮތަކަށް ދިޔަވަރު ބަދަލުނުވާ ހިސާބުތައް ހުރެއެވެ. ތިރީގައި އެވަނީ ދުނިޔޭގެ އެކި ހިސާބުގައި، ދިޔަވަރު ބަދަލުވާ މިންވަރު ފާހަގަކޮށްފައިވާ ޗާޓެކެވެ. ގަދަ ނޫކުލައިގައި އެވަނީ އެއްވެސް ގޮތަކަށް ދިޔަވަރު ބަދަލު ނުވާ ހިސާބުތަކެވެ. ގަދަ މުށިކުލައިގައި އެވަނީ އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާ ސަރަޙައްދުތަކެވެ. ފާހަގަ ކުރެއްވޭނެ ކަމަކީ، ދިޔަވަރު އެންމެ ބޮޑުވާ ސަރަޙައްދުތައް ހުންނަނީ (މުށިކުލައިގެ ތަންތަން ގިނައީ) ދުނިޔޭގެ އުތުރުގައި ކަމެވެ. ނަމަވެސް އެފަދަ ތަންތަން ދުނިޔޭގެ މެދުން ދަމާ ޚިޔާލީ ރޮނގު (އީކްއޭޓަރ – ޚައްޠުއިސްތަވާ) އާ ގާތުގައި ވެސް ވެއެވެ. މިސާލަކަށް އެފްރިކާ އާއި މަދަގަސްކަރަ އާ ދެމެދުގައި އޮންނަ ކަނޑަށް ބައްލަވާށެވެ. ހިކި ދިޔަވަރާއި ބޮޑު ދިޔަވަރުގެ ތަފާތު އެ ތަނުގައި ވަރަށް ބޮޑު ވާނެއެވެ. ގަދަ މުށިކުލަ ހުރި ހިސާބުތަކަށް ނަޒަރު ހިންގާލުމާއެކު ފިކުރު ކުރުމުން މިތަންތަން ހުންނަނީ ބައްރުތަކާ ގާތުގައިކަން ފާހަގަ ކުރެއްވޭނެއެވެ. އަދި މިތަންތަން ހުންނަނީ ބައްރުތަކުގެ ތެރެއަށް ކަނޑު ވަންނަ ގޮތަށް ހުންނަ ހިސާބުތަކުގައި ކަން ފާހަގަ ކުރެއްވޭނެއެވެ. ދުނިޔޭގެ އެންމެ ބޮޑަށް ދިޔަވަރު ބަދަލުވާ ތަންތަނުގައި 40 ފޫޓަށް ދިޔަވަރު އުފުލެއެވެ. މިއީ ދިޔަވަރު ހިކިއިރާ އަޅާބަލައެވެ. ދިޔަވަރަށް އަންނަ ބަދަލުން، މިފަދަ ބައެއް ތަންތަނުން ކަރަންޓުވެސް އުފައްދައެވެ.

ޗާޓުން ފާހަގަ ކުރެއްވޭނޭ އަނެއް ކަމަކީ، ދިޔަވަރު އެއްވެސް ގޮތަކަށް ބަދަލު ނުވާ (ފޫދޭ އިރާއި ހިކޭއިރު ދިޔަވަރުގެ އުސްމިނަށް ބަދަލު ނާންނަ) ތަންތަން ހުންނަނީ ޢާއްމުކޮށް އެއްގަމާ ދުރުގައި ކަމެވެ. ރާއްޖޭގެ އުތުރު ހުޅަނގުގައި (ހ) ޖަހައި ފާހަކޮށްފައި އެވަނީ އެފަދަ ތަނެކެވެ. މިތަނުގެ ދިޔަވަރު ހުންނާނީ އެއްވަރަކަށެވެ. މިފަދަ އެހެން ތަންތަން، ގަދަ ނޫކުލައިން ތިޔަބޭފުޅުންނަށް ފާހަގަ ކުރެއްވޭނެއެވެ. ދިޔަވަރަށް އަސަރުކުރާ (އިރާއި ހަނދު ފިޔަވައި) އެންމެ ބޮޑު ކަމަކީ އެތަނެއް އޮންނަ ހިސާބެވެ.

އިރާއި ހަނދު އުޑުގައި ދަތުރުކުރަނީ ބަރާބަރު ވަށް މަދާރެއްގައެއް (އޯބިޓެއްގައެއް) ނޫނެވެ. މި މަދާރަކީ ކޮންމެވެސް މިންވަރަކަށް ކުކުޅުބިސް ބުރަށް އޮންނަ އެއްޗެއްކަމުން، އަހަރުގެ ވަކި ދުވަސްވަރަކު، އިރާއި ހަނދު އެކު އެކީގައި ގާތްވެއެވެ. މިހެންވުމުން ދިޔަވަރަށް ކުރާ އަސަރު ސަފުން ބޮޑުވެއެވެ. އިރާއި ހަނދުގެ އިތުރަށް، އެހެން ގުރަހަލި (ޕްލެނެޓް) ތަކުން ވެސް ދިޔަވަރަށް އަސަރު ކުރެއެވެ. ނާދިރު ހާލަތްތަކުގައި، މި ގުރަހަލިތައް ދަތުރުކުރަމުން ގޮސް، ދުނިޔެއާ ގާތުގައި ވުމުން، ދިޔަވަރަށް ކުރާ އަސަރު ޢަމްދުން ބޮޑުވެއެވެ. މިފަދަ ދުވަސްވަރު އުދައެރުން ގާތްވާނެއެވެ. މިހެން މެދުވެރިވާނީ ކޮންމެ އަހަރަކު ނޫނެވެ. ދެމެދުގައި އެތައް އަހަރެއް ވުމަށް ފަހު ވެސް މިހެން ދިމާވެއެވެ. މިފަދަ ފުރަމާދަ (މަދުމަދުންވާ) ކަންކަން 100 އަހަރުން އެއް ފަހަރު ވެސް ވެދާނެއެވެ.

ހޫނުވުމާއި ލޮނުގަނޑު އުސްވުން

ފެން އެއްޗެއް ހޫނުކުރުމުން އެ ފެން ފުފި ގިނަވެއެވެ. ފެން ނޫން އެހެން ތަކެއްޗަށް ވެސް މިހެން ދިމާވެއެވެ. ހުންބަލާ ކަށިގަނޑަކީ ވެސް،  ހުން އައިސްފައިވާ މީހެއްގެ ގައިގައި ޖެއްސުމުން އޭގައިވާ ދިރޭ ރަހަ ހޫނުވެ ފުފޭތީ ހޫނުމިން ހުރިވަރު ބެލޭ އެއްޗެކެވެ. ދުނިޔެ ހޫނުވުމުން، ކަނޑުވެސް ހޫނުވާނެއެވެ. އެހެންކަމުން، ކަނޑުގެ ލޮނުގަނޑު ފުފި، އިހުނަށް ވުރެ ދިޔަވަރު މަތިވާނެއެވެ. މޫސުމަށް އަންނަ ބަދަލުން ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ އަކީ މިއީއެވެ. [ހުރިހާ އެއްޗަކީ ހޫނުވުމުން ފުފޭ އެއްޗިއްސެއް ނޫނެވެ. ރަބަރަކީ ހޫނުކުރުމުން ކުޑަވާ އެއްޗެކެވެ.]

މިހެން މިކަން އޮތް އިރު، 2023 ވަނަ އަހަރުގެ އޮގަސްޓް މަހަކީ، ކަނޑުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް ހޫނުވި ދުވަސްވަރެއް ކަމަށް ޚަބަރުތަކުން ބުނެއެވެ. ބީބީސީއިން މި ޚަބަރު ޝާއިޢުކޮށްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު އެވެ. ނަމަވެސް، އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދުވަހަކުވެސް އެނގިގެން ހޫނުމިން މައްޗަށް ނުދާހާ މިންވަރަށް ކަނޑުގެ ހޫނުކަން ގަދަވެފައިވާ ކަން ފާހަގަކޮށްފައި ވެއެވެ. ނަތީޖާއަކަށް ވާނީ ކަނޑުގެ ދިޔަވަރު އުސްވުމެވެ. އެހެންނާ ނުވާހާ ބޮޑަށް ދިޔަވަރު ފޫދުމެވެ.  ބީބީސީގެ ޚަބަރު ތިރީގައި އެވަނީއެވެ.

ދެން ތިޔަ ކުރައްވާ ސުވާލަކީ، މާލެއަށް އުދަ އެވަރަށް އެރީ، ކަނޑުގެ ހޫނުމިން މައްޗަށް ގޮސްގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެއްވެސް ފަރާތަކަށް ޔަޤީން ކަމާއެކު ނުދެވޭނެއެވެ. ބުނެވޭނީ، އުދަ އެރީ ކަނޑުގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ހަފުތާގައި ކަމެވެ. ފަހެ ކަމެއް މެދުވެރި ކުރުވި ސަބަބު ނުވަތަ ކައުސަ އާ ވަކި ނަތީޖާއަކާ ގުޅުވުމަކީ ފިކުރީ ގޮތުން ވަރަށް ދަތިކަމެކެވެ. ނަމަވެސް، ދުވަސްތައް މިއޮތީ ދިމާވެފައެވެ. ބޮޑަށް ލަފާ ކުރެވެނީ، އިރާއި ގުރަހަލިތަކުގެ ސަބަބުން ދިޔަވަރު އުސްވާ ދުވަސްވަރާއި ކަނޑުގެ ލޮނުގަނޑު އެންމެ ބޮޑަށް ހޫނުވި ހަފުތާއާއި އަދި އިތުރު ސަބަބުތައް ދިމާވެގެން ވީ ކަމެއް ކަމަށެވެ.

މިފަދައިން އަދި އުދަ އަރާފާނެ ހެއްޔެވެ؟

އާދެ! މިއީ ޝައްކެތް ނެތް ކަމެކެވެ. އެއް ފަހަރު ކަމެއް ވެއްޖެނަމަ، އެކަން ތަކުރާރުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް، ސުނާމީ އަންނަ ފަދައިން މިފަދަ ކަންކަން މެދުވެރިވާނީ ވަރަށް ދޭތެރެ ދުރުކޮށެވެ. ފުރަމާދަ ކޮށެވެ.

މާލޭގެ އިރުމަތީ ފަރާތަށް އުދައެރުމުގެ ތާރީޚް

މާލޭގެ އިރުމަތީ ފަރާތަށް އިހުގައި އުދައެރުމަކީ ވަރަށް ޢާއްމު ކަމެކެވެ. މިކަން އެންމެ ގިނައިން ހިނގާފައިވަނީ، އިރުމަތީ ފަރާތް މިހާރުހާ ބޮޑަށް ނުހިއްކާ އޮތް ދުވަސްވަރު އެވެ. އެ ދުވަސްވަރު ކޮންމެ އަހަރަކުހެން އުދައަރައެވެ. 1960 ގެ އަހަރުތަކުން ފެށިގެން 1980 ގެ އަހަރުތަކާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އިރުމަތީގައި އޮންނަނީ ތޮށިގަނޑެކެވެ. މިތޮށިގަނޑާއި ކަނޑާ ދެމެދު 300 ވަރަކަށް ފޫޓުގެ ފުޅާ ފަޅެއް އޮވެއެވެ. ކަނޑުން އަންނަ ރާޅުތައް، އުދަ އަރާ މޫސުމުގައި އައިސް މި ތޮށިގަނޑަށް ޖަހައި، މަގަށް ބަންޑުންވެގެން ދެއެވެ. މި ކަން ނިމުމަކަށް އައީ ކަނޑާ ހަމައަށް ހިއްކުމުންނެވެ. މިކަން ކުރީ 1990 ގެ އަހަރުތަކުގައެވެ. ތިރީގައި އެވަނީ އެ ދުވަސްވަރުގެ ދެ ފޮޓޯއެވެ. މި ފޮޓޯތައް އަޅުގަނޑަށް ލިބުނީ މުސްޠަފާގެ ފަރާތުންނެވެ. ކާކުގެ ފޮޓޯތަކެއް ކަމެއް ނޭނގެއެވެ.

މާލޭގެ އިރުދެކުނު ކޮޅުގައިވާ ރާޅުއަރާ ހިސާބަކީ، ޖަޕާނު މީހުން ތޮށިލީ އިރު ހިއްކި ބައެއް ނޫނެވެ. ރާޅު ބޮޑުވާ ދުވަސްވަރު އެތަނަށް އުދަ ކުރީންވެސް އަރައެވެ. މިކަމުގެ ހައްލެއްގެ ގޮތުން، މަތީގައިވާ ފޮޓޯއިން އެ ފެންނަ ތޮށިގަނޑު އެ ދިމާއިން އުސްކުރިއެވެ. އެއީ ކުރިން ހުރި ތޮށިގަނޑު ވަށައިގެން ކޮންކްރީޓް އަޅައެވެ. ނަމަވެސް މިވަރުން ވެސް އުދައަރަމުން ދެއެވެ. މިހެން ދިމާވާން މެދުވެރި އެއް ސަބަބަކީ މޫދަށް އެރޭ ފެންގަނޑާ ދިމާއިން ހިއްކާފައިވާ ހިސާބު އޮންނަ ގޮތުން ރާޅުތައް ޖަހާގޮތް ބަދަލުވީމައެވެ.

ފަހެ، ރާޅެއް ދަތުރުކޮށްފައި އެއްގަމާ ދިމާއަށް އަންނައިރު، އޭގައިވާ ފެނެއް އެއްގަމާ ކައިރިއަކަށް ނާދެއެވެ. އެއްގަމާ ކައިރިއަށް އަންނަނީ އޭގެ ބައްޓަމާއި އެ ބައްޓަން އުފެއްދި ހަކަތަ އެވެ. ރާޅަކީ ހަކަތަ އެއްތަނުން އަނެއް ތަނަށް ނަޤުލްކުރާ އެއްޗެކެވެ. ފެން ޒައްރުތައް މަތިވެފައި ތިރިވާނީއެވެ. ރާޅު ސިފަކުރުމަށް ބޭނުންކުރާ ދެތިން މިން ތިރީގައި އެވަނީއެވެ.

ބައެއް ބޭފުޅުންނަށް ފާހަގަ ކުރެއްވިފައިވާނޭ ފަދައިން، ރާޅެއް އައިސް ތޮށިގަނޑަށް ޖެހުމަށް އެނބުރިދާ ރިވެލި ރާޅެއް އުފެދެއެވެ. މި ރާޅު އަލުން ތޮށިގަނޑާ ދިމާއާ އަންނަ ރާޅާ ދިމާވާގޮތުން، ޖަހަން އަންނަ ރާޅުގެ ހުޅި ތިރިވެދެއެވެ. އައި ބައެއް ފަހަރު ދިމާވާގޮތުން ރާޅުގެ ހުޅި އުސްވެދެއެވެ. މިކަން ހަމަހިމޭން ފެންގަނޑަކަށް ދެ ގައު ބުރި އެއްލުމުން ނުވަތަ ދެ ބޯޅައެއް ލައި އަތުން ތެޅުވުމުން ފާހަގަ ވެއެވެ. ފެންނަނީ ބައެއް ރާޅުތަކުގެ ހުޅިތައް ކެންސަލްވެ މުޅިން ހަމަކޮށް ހުންނަ ތަނެވެ. އަނެއް ބައި ތަންތަނުގައި ރާޅުގެ ދެ ހުޅި އެއްވެ އުސްވެއެވެ. 

މަތީގައިވާ ފޮޓޯގައި ފާހަގަކޮށްފައި އެވަނީ އެންމެ ބޮޑަށް މިފަހަރު، އަދި ފަހަކަށް އައިސް އެންމެ ގިނައިން އުދަ އަރާ ތަނެވެ. މިއީ ބާވަތެއްގެ ކަނެކެވެ. މިތަނަށް މިހާބޮޑު އަސަރެއް ކުރަނީ، ވަރުނުލާ ރާޅުގަނޑުންނާއި ދެކުނު ފަރާތުގައިވާ ތޮށީގައި ޖެހިފައި ރިވެލިވާ ރާޅު އެއްވާ ގޮތުންނެވެ. ރާޅުތަކުގެ ހުޅި އެއްވާ ގޮތުންނެވެ. މި މައްސަލައިގެ ހައްލު އަޅުގަނޑު ފަހުން ދަންނަވާނަމެވެ.

ފާލަމުގެ ހުޅުލޭ ކޮޅަށް އުދަ އެރުމާ ބެހޭ ގޮތުން ދަންނަވަމެވެ. ފާލަމުގެ ހުޅުލޭ ކޮޅަށް ކުރީން ވެސް އުދައަރައެވެ. މިކަން ފާހަގަ ކުރެވުނު ތަނާހެން އަޅުގަނޑު ފޮޓޯ ނަގައި ހެދީމެވެ. މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުން ފާލަންހެދި ޗައިނާގެ މީހުން ކުރިކަމަކީ ފާލަމުގެ ހުޅުމާލޭ ކޮޅުގެ ދުވާރުގެ އިރުމަތީ ފަރާތުގައި އުސް ފާރެއް ކޮންކްރީޓް ކުރީއެވެ. މިވާހަކަ އަޅުގަނޑާއި ރައްޓެހިން ލިޔެފައިވާ މިފޮތުގައި ވާނެއެވެ. ފޮތުގެ ކަމާ ބެހޭ ޞަފުޙާ ތިރީގައި އެވަނީއެވެ. 

ހުޅުލެއާއި ހުޅުމާލޭ ދެމެދު ގުޅާލާ މަގުގެ ހުޅުލޭ ކޮޅަށް ކުރިން ވެސް އުދައަރައެވެ. އެންމެ ކުރީ ދުވަސްވަރު ހުޅުލޭ ރަންވޭއަށް ބޭނުންވާ އެއް ބައްތި ހުންނަނީ ފަޅުގައެވެ. ފަހުން ވަނީ، ބައްތި ހުންނަ ހިސާބު ހިމެނޭގޮތަށް ވަރަށް ބޮޑު ބައެއް ހިއްކާފައެވެ. މިކަމުގެ ސަބަބުން މި މައްސަލަވަނީ ވަރަށް ބޮޑަށް ހައްލުވެފައެވެ. ތިރީގައި އެވަނީ 2018 ވަނަ އަހަރު އެތަން ހުރިގޮތާއި މިހާރު، 2023 ގައި، އެތަން ހުރި ގޮތެވެ. 

އުދައެރުމުގެ މައްސަލައިގެ ހައްލު

އުދައެރުމުގެ މައްސަލައިގެ ހައްލު ދެންނެވުމުގެ ކުރިން، އެއް ވާހަކައެއް ދަންނަވާލަން ޖެހެއެވެ. ސުނާމީގައި ރާޅު އެރުމުގެ ސަބަބުން ގެއްލުންވި ހުރިހާ ރަށަކީ ފަޅު ބޮޑު ރަށްރަށެވެ. ކޮޅުފުށި މިއީ މިސާލެކެވެ. ސުނާމީއަށް ފަހު ދެތިން ދުވަހެއްގެ ތެރޭގައި އަޅުގަނޑު އެ ރަށަށް ދިޔައީމެވެ. ރަށު މީހުން ބުނިގޮތުގައި ރާޅުގެ ހުޅީގައި 12 ވަރަކަށް ފޫޓު ހުއްޓެވެ. އެތައް އިރެއް ވަންދެން ލޮނުގަނޑުގެ އުސްމިނުގައި ފަސްވަރަކަށް ފޫޓު ހުއްޓެވެ. ނަމަވެސް މަސް ކަނޑުގައި ތިބި މީހުންނަށް ރާޅެއް އައިކަން ވެސް ނޭނގުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ކުރިން ދެންނެވިހެން، ރާޅަކީ ހަކަތަ އެއްތަނުން އަނެއް ތަނަށް ގެންދާ އެއްޗެކެވެ. އެއްގަމާ ގާތަށް އަންނަނީ އޭގެ ބައްޓަމެވެ. އެއީ ތަނެއްގައި އައްސައިފައިވާ ވަލެއްގެ އަނެއް ކޮޅުގައި ހިފާ ތަޅުވާލުމުން އުފެދޭ ރާޅުފަދަ އެއްޗެކެވެ.  މައްޗަށް ގޮސް ތިރިވާނީ ވަލުގެ ތަންތަންކޮޅެވެ. ނަމަވެސް އެއާއެކު ހަކަތަ (ބާރު) ދަތުރުކުރެއެވެ.

ކަނޑުގައިވާ ބާނިތަކުގައި ހަކަތަ ވެއެވެ. ކަނޑުގައިވާ ލޮނު ތިކިތައް، ރާޅާއެކު މައްޗަށް ގޮސް ތިރިއަށް ފައިބައެވެ. ކަނޑަކީ ފުން ތަނެއްކަމުން، މި ތިރިއަށްދާ ތިކިތައް ދާނެ ޖާގަ އޮވެއެވެ. ނަމަވެސް ރާޅު އެއްގަމާ ކައިރިއަށް އައުމުން ރާޅުގެ ބަނޑު މާ އަޑިއަށް ދާނަމަ، ބިމުގައި ޖެހެއެވެ. ނަތީޖާއަކަށް ވަނީ ހަކަތަ އެއްވަރަކަށް ހިފެހެއްޓުމަށްޓަކައި ހުޅި އުސްވެގެން ދިއުމެވެ. ހަކަތަ އެއްވަރަށް ހިފެހެއްޓުމަށް، ރާޅު އުސްވުމެވެ. އަދި ބިމުގައި ޖެހުމުގެ ސަބަބުން ކުރިއަށް ވުރެ އެއް ހުޅިން އަނެއް ހުޅިއަށް ހުންނަ ދިގުމިން ކުރުވެ ރާޅުތައް ކުރުގެޅުވުމެވެ. ރާޅުގެ ހުޅި ހަނިވެ ބިންދައިގެން ދިއުމެވެ. ގޮނޑުދޮށާ ކައިރިއަށް ރާޅު އަންނަ އިރު، އޭގެ ހުޅި އުސްވަނީ އެހެން ވެގެންނެވެ. މި ޝަރަޙަ ވަނީ ދެތުން ފަސޭހައަށް ސާދާކޮށްފައެވެ. ތިރީގައި އެވަނީ މިކަން ކިޔަވައިދޭ ހޫލައެކެވެ.

ކަނޑުގައިވާ ދޯންޏަކަށް ސުނާމީއެއް އަންނަކަން ފާހަގަ ނުކުރެވެނީ ސުނާމީ ރާޅު ދިގުކަމުންނެވެ. ދިގުމިނަކީ ގާތްގަޑަކަށް 200 ކިލޯމީޓަރެވެ. މިއާއެކު ރާޅުގެ ހުޅީގެ އުސްމިން ކަނޑުގައި ހުންނާނީ ދެތިން ފޫޓަށެވެ. އެހެންކަމުން ރާޅެއް އަންނަ ކަމެއް އިޙްސާސެއް ނުވާނެއެވެ. ނަމަވެސް ސުނާމީ ރާޅު ދަތުރުކުރާނީ ގަޑިއަކު 700 ކިލޯމީޓަރަށް ވުރެ ބާރަށެވެ. ސުނާމީ ރާޅެއް، ހިކި ހިސާބަކަށް އެރުމުން އޭގެ ހުޅި އުސްވެއެވެ. އެންމެ ގެންލުން ބޮޑުވަނީ އޭގައިވާ ހަކަތައިގެ ސަބަބުންނެވެ. އަންނަ ބާރުކަމުންނާއި ހުޅީގެ ދިގުމިން ދިގުކަމުންނެވެ. އެއްގަމުގައި ހުންނަ މީހަކަށް ފެންނާނީ އެތައް އިރެއް ވަންދެން ކަނޑު އުފުލުނުކަމަށެވެ. ރަށް އަޑިއަށް ދިޔަ ކަމަށެވެ.

މިހާ ހިސާބުން ގިނަ ބޭފުޅުންނަށް އުދައެރުމުން ރައްކައުތެރިވުމަށް ހަދަންވީގޮތް އެނގިވަޑައިގަންނަވާނެއެވެ. ހުޅުމާލޭ މަގުކައިރިނަމަ، ހަދަންވީ ގޮތަކީ ކަނޑާ ކައިރިއަށް އިތުރަށް ހިއްކުމެވެ. އެއީ އަންނަ ރާޅުގެ ހުޅި އުސްވުމަށް ތިލަ ޖާގައެއް ނުދިނުމަށެވެ. މިހެން ހަދައިފިނަމަ، ރާޅު އެރިޔަސް އަރާނީ މަގާ މާ ދުރަށެވެ.

ހުޅުލޭ ފާލަންމުގެ ކޮޅާއި މާލޭގެ ވަރުނުލާ ރާޅުގަނޑު ކައިރި އުދައެރުމުން ސަލާމަތް ކުރަން ޖެހޭނީ، ހުޅުލޭ ފާލަން ކޮޅުގައި ހުރި ބާވަތުގެ ގައު، އަދި އިތުރު 150 ވަރަކަށް ފޫޓަށް ބަހައްޓާށެވެ. މި ގަލަކީ، ކޮންކްރީޓުން ހަދާފައިވާ، ރާޅުގެ ހަކަތަ އެއަށް ދަމައިގަންނަ ބާވަތެއްގެ ގަލެކެވެ. މާލޭ ތޮށިތަކުން ގިނައިން ފެންނަ ޓެޓްރާޕޮޑް އާ ތަފާތު ގަލެކެވެ. މިބާވަތުގެ ގަލުން ތިން ކަމެއް ކުރެއެވެ. އެއްކަމަކީ އޭގެ ތިރީގައިވާ ކުދި ގައުތައް ހިމާޔަތް ކުރުމެވެ. އަނެއްކަމަކީ، ރާޅުގެ ހަކަތަ ގެއްލުވައިލައިގެން ގާތަކުގެ މައްޗަށް ރާޅު އެރުން ކުޑަކުރުމެވެ. ތިންވަނަ ކަމަކީ، ރާޅު ގައުތަކުގެ މަތިން ހުރަސްކުރިޔަ ނުދިނުމާއި ރިވެލި ވިޔަ ނުދިނުމެވެ.

އުދައެރުމުން މާލެކޮޅު ސަލާމަތް ކުރުމަށް ވެސް ރާޅު ބޮޑުވިޔަ ނުދޭން ފަޅުގެ އެންމެ ހިކި ހިސާބުގައި ގައު ޖަހަން ޖެހެއެވެ. މިގައު ޖެހުމަށް ފަހު، ތޮށިގަނޑު ހަދަންވާނީ ރާޅު ރިވެލިވާގޮތަށެވެ. އެ އިރަކުން މަގަކަށް އުދައެއް ނާރާނެއެވެ. އެއްވެސް ގޮތަކަށް ނާރާނޭ ހެއްޔެވެ؟ ނޫނެކެވެ. މިފަދަ ސަލާމަތީ ކަންކަމުން ކުރެވޭނެ ކަމަކީ ވާނެ ގެއްލުން ކުޑަކުރުމެވެ. އިންތިފާޤުން މާލެ ދޮވެލާވަރުގެ ރާޅެއް ވެސް އަތުވެދާނެއެވެ. ނަމަވެސް މިހެންވާނީ ވަރަށް މަދު ފަހަރަކު އެވެ.

މި މަޒުމޫނުގައި  މި ދަންނަވާލެވުނީ، އުދައެރުމުން ސަލާމަތްވުމަށް މުހިއްމު ސައިންސްގެ ބައެއް މަޢުލޫމާތެވެ. މިހާ ހިސާބަށް ކިޔުއްވި ބޭފުޅުންގެ ވިސްނުން ކުރިއަށް ވުރެ ފުޅާވެއްޖެކަމަށް ހީކުރަމެވެ.

ސައިންސްއާ ބެހޭ އެހެން މަޒުމޫނުތައް ބެއްލެވުމަށް އޮބާލައްވާ