14 އޭޕްރިލް 2025 ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރީ ދިވެހި އަދަބީ ޖައްވަށް ހިތާމައިގެ ކަޅު ވިލާތަކެއް އުދަރެހަށް އުދަކުރަމުންނެވެ. އަދަބީގޮތުން ދިވެހި ބަހަށް—އެހެންކަމުން ދިވެހި ޤައުމިއްޔަތަށް—އެތައް ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދުގެ ދުނިޔެވީ ދިރިއުޅުމުގެ ހުޅުކޮޅު ނިވިއްޖެކަން—ނިޔާވެއްޖެކަން—އިޢުލާނުކުރަމުންނެވެ. އާދެ! މިއީ ދިރުން ހުރި ކޮންމެ އެއްޗެއްގެ ނިހާއީ ނިމުމެވެ. މިއީ ދުނިޔޭގެ ސުންނަތެވެ.

މަޑުލު މުޙައްމަދު ވަޙީދުގެ ޙަޔާތްޕުޅާ ބެހޭ ގޮތުން، އޭނާގެ ޚިދުމަތްތަކާ ބެހޭ ގޮތުން، މިފޮތުގައި އޭނާގެ އެތައް އެކުވެރީންނާއި މިތުރުން ތަފާތު މަޒުމޫނުތައް ލިޔުއްވާފައި ވެއެވެ. މި މަޒުމޫނުގައި އަޅުގަނޑު ފާހަގަކޮށްލާނީ، އޭނާގެ ޙަޔާތްޕުޅުން ދިރިތިބީންނަށް ލިބެންޖެހޭ ޢިބްރަތްތަކާއި އަޅުގަނޑާ އޮންނަ ޒާތީ ގުޅުމެެވެ.

އަޅުގަނޑު ވަރަށް ކުރީންސުރެ، މަޑުލު ވަޙީދު ދަންނަމެވެ. ސަބަބަކީ އޭނާ ދިރިއުޅުއްވާ ގޯއްޗަކީ، މާފަންނު ބޯޅަދަނޑުން، ރައީސް ނާޞިރު ދައުރުގައި އޭނާއަށް ދެއްވި ގޯއްޗަކަށް ވާކަމެވެ. މާފަންނު ބޯޅަދަނޑަކީ އަޅުގަނޑުމެން ގެޔާ ވަރަށް ކައިރީގައި އޮންނަ ތަނެކެވެ. އޭނާއަކީ، ދައުލަތުގެ ޚިދުމަތްތަކުގެ ހަރުފަތްތަކުން ވަރަށް ހަލުވިކޮށް އުހަށް އަރުއްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އަޅުގަނޑަށް ހީވާގޮތުން، ދިވެހި ސަރުކާރުން ދެވަނައަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ދެއްވީ ވެސް މަޑުލު ވަޙީދެވެ. އެއީ މައުމޫން ދައުރުގައެވެ.  އަދަބީ ގޮތުން އޭނާއަށް ލިބިވަޑައި ނުގަންނަވާ ދައުލަތުގެ ޝަރަފުވެރި އިނާމެއް އޮންނާނޭހެން އަޅުގަނޑަކަށް ހިއެއް ނުވެއެވެ.

އޭނާގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައި، އޭނާއަކީ އަޅުގަނޑުމެންނާ އެކު ހޮނިހިރު ދުވަހުގެ ހަވީރު ސަޔަށް ވަޑައިގަންނަވާ ބައިވެރިއެކެވެ. އަޅުގަނޑުމެންނޭ މިދެންނެނީ، އެ ޖަމާޢަތުގައި ހިމެނޭނީ އަޅުގަނޑުމެން ދެމީހުންގެ އިތުރަށް، ކުއްޅަވައްގޭ ޖާދުﷲ ޖަމީލާއި، ވަޑިގޭ އިސްމާޢީލް ޢަބްދުﷲ އެވެ. މަޝްހޫރު ޝާޢިރު، އުތީމު އާދަމް ޢަބްދުއްރަޙްމާނު (އާދަމްބެ) މާލޭގައި އުޅުއްވާ ދުވަސްވަރެއް ނަމަ، އޭނާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި މަޒުމޫނުގެ ސުރުޚީއަކަށް އަޅުގަނޑު ޚިޔާރުކޮށްފައި އެވަނީ ވަޙީދު ނިޔާވުމާ ގުޅިގެން އާދަމްބެ ހެއްދެވި ޅެމެއްގެ މުލަ މިސްރާ އެވެ. މި ބައްދަލުވުންތަކަށް ގިނަ ފަހަރު ވަޙީދު ވަޑައިގަންނަވާނީ އަޅުގަނޑުގެ ސައިކަލުގައެވެ. ގަޑިޖެހެން ފަސް މިނެއްޓު ކުރިން ބައްދަލުކުރަން އެއްބަސްވެފައިވާ ތަނަށް އަޅުގަނޑު ދާއިރު އޭނާ ހުންނަވާނެ އެވެ. ވަޙީދަކީ ”ކުރީގެ ރެލީ“ އެކެވެ. ގަނޑިޖެހުމާއި އޮފީހަށް ސަލާންބުނުމަކީ އޭނާގެ ބަނިޔާދަން ތަރުބިއްޔަތުގައި ހިމެނޭ ކަން ކަމެއް ނޫނެވެ.

މަޑުލު ވަޙީދާ އެކު، އެތައް ސައިމޭޒެއްގައި އަޅުގަނޑަށް އިނދެވިފައިވާނެއެވެ. އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ގިނައިން ވާހަކަ ދައްކަވާނީ ވަޑި އިސްމާޢީލެވެ. އޭނާއަކީ ސައި ޞުޙްބަތުތަކަށް ދިރުން ގެންނަވަން ވަަރަށް މޮޅު ބޭފުޅެކެވެ. އަޅުގަނޑުމެން ގިނައިރު ތިބޭނީ އަޑު އަހާށެވެ. މިކަމާ ބެހޭ ގޮތުން ވަޑި އިސްމާޢީލް ވިދާޅުވަނީ، ވަޙީދަކީ ކުރިން އެހާ މަޑުން އިންނަވާ ބޭފުޅެއް ނޫންކަމަށެވެ. އޭނާއަކީ އެކި މީހުންނާ ސަމާސާކޮށް މަޖާކޮށް އުޅުއްވި ސަކަ ބޭފުޅެއް ކަމަށެވެ. ފަހުން، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްވުމާ އެކު، ހަޔާތުގެ ހައިޖާނުތަކުގެ އަސަރުން ވަޙީދު ބަސްފުޅު މަދުވެ ހަމަހިމޭންވެ ވަޑައިގަތީ ކަމަށެވެ. ވަޑި އިސްމާޢީލަށް މަޑުލު ވަޙީދު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެ އެވެ. އެ ދެބޭފުޅުން އެކަކު އަނެކަކު ދެނެވަޑައިގަންނަވާތާ ފަންސާހަކަށް އަހަރުވެދާނެއެވެ. އެހެންކަމާއެކު، ވަޑި އިސްމާޢީލްގެ ޠަބީޢަތުގައި ހުންނަ އިޢުތިމާދު ލިބިގަންނަ ސިފައެއްގެ ސަބަބުން، ވަޙީދުގެ ޒާތީ އެތައް ކަމެއް އިސްމާޢީލަށް އެނގިވަޑައިގަންނަ ވައެވެ. އެކި ކަންކަމުގައި، ވަޙީދަށް އިސްމާޢީލް އެހީތެރިވެ ދެއްވަތެވެ. އެ ދުވަސްވަރު، ރަށުގައި އޮންނަ ފޮތް މައުރުޒުތަކާއި އާލާސްކަންފުޅާ އުޅުއްވާ އަދީބުންނަށް ޒިޔާރަތް ކުރެއްވުމަށް އަޅުގަނޑުމެން އެކުގައި ގޮސް އުޅެތެވެ. މި ހުރިހާ ޒިޔާރަތްތަކެއްގައި ވެސް މަޑުލު ވަޙީދުގެ ބަސްފުޅު މަދުވާނެއެވެ. ފުން ފެންގަނޑުގައި ރާޅު އަޅަނީ ކުޑަކޮށެވެ.

މަޑުލު ވަޙީދުގެ އަޖަލު ގާތްވަމުން އަންނަކަން، އޭނާއަށް އެނގިވަޑައި ގަންނަވައެވެ. އެހެންކަމުން، އޭނާ ވަޑައިގަތީ އެކަމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. އޭނާ ލިޔުއްވާފައި ހުރި ފޮތްތައް އަމިއްލަފުޅަށް ޗާޕުޱކުރައްވައި ބައްސަވައި ހެއްދެވިއެވެ. އަދި އެއް ފޮތް އިނގިރޭސިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވިއެވެ. މި ދުނިޔެވީ ޙަޔާތުގައި ކޮންމެ އިންސާނަކަށް ވެސް އެކި ދުވަސްވަރު އެމީހަކު ބޭނުން ނުވާ އެތައް ކަމެއް ކުރެވެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވަޙީދަކީ މިގޮތަށް ކުރެއްވިފައިވާ ކުށްތައް ނިއުޅުއްވައި، އެކި ފަރާތްތަކުގެ ހިތްހަލާލު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މިއީ މަޑުލު ވަޙީދާއެކު އަޅުގަނޑުމެން ނެގި އެންމެ ފަހުގެ ފޮޓޯއެވެ. ފޮޓޯގައި އަޅުގަނޑު ފިޔަވައި އެހެން ބޭފުޅުންނީ އަދަބީ، ފުނަރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ބޭފުޅުންނެވެ.

ކޮންމެ ދުވަހަކު ވެސް ވަޙީދު ގުޅުއްވާ ބޭފުޅުންތަކެއްގެ ލިސްޓެއް ގެންގުޅުއްވައެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގައި އޭނާ އާ ކޮންމެ ދުވަހަކުހެން ގުޅުއްވާ ބޭފުޅުންތަކެއް ވެސް އުޅުއްވައެވެ. މިކަން އަޅުގަނޑަށް އެނގެނީ އެއިން ބައެއް ބޭފުޅުން އެ ވާހަކަ ވިދާޅުވެފައި ވާތީއެވެ. ވަޙީދަކީ އިޖްތިމާޢީ ގުޅުންތައް ދެމެހެއްޓެވުމުގައި ލާމަސީލު ބޭފުޅެކެވެ. ބައްދަލުނުވާތާ ގިނަ ދުވަސްވާން ފެށުމުން ވަޙީދު އަޅުގަނޑުމެންނާ ގުޅުއްވާ ސައި އިންތިޒާމުކުރައްވަން ވިދާޅުވާނެއެވެ. މިގޮތަށް، އަޅުގަނޑުމެންގެ އިތުރަށް، އެހެން ޚަލްޤާތަކުގައި ވެސް އޭނާ ބައިވެރިވެވަޑައި ގަންނަވައެވެ. މި ދުވަސްވަރު ދޭތެރެ ދޭތެރެއިން އޭނާ ހޮސްޕިޓަލްގައި ބާއްވަވައި ހައްދަވަތެވެ. ރަނގަޅުފުޅުވެ ވަޑައިގަތުމުން އަނެއްކާ ޚަލްޤާތައް ފެށެއެވެ. ވަޙީދު އާ އެކު އިޖްތިމާޢީ ބައްދަލުވުމެއްގައި އެންމެ ފަހުން ބައިވެރިވެވަޑައިގަތް މީހުންގެ ތެރޭގައި އަޅުގަނޑުމެން ހިމެނޭނެއެވެ.

އެންމެ ފަހު އާލާސްކަންފުޅުގައި، ގިނަ ދުވަސްވެ ވަޑައިގަތުމުން، އަޅުގަނޑު ގުޅުމުން ޙާލުގެ ވާހަކަފުޅު ދެއްކެވިއެވެ. އާލާސްކަންފުޅުން އަރައިވަޑައި ނުގަންނަވާނޭކަން އޭނާއަށްވެސް އެނގިވަޑައިގަންނަވާކަން އަޅުގަނޑަށް އެނގުނެވެ. ވާހަކަފުޅުގެ ޖަޒުބާތުން އަޅުގަނޑަށް ކުރާ އަސަރަކުން އޭނާގެ ހާލުކޮޅު އަޅުގަނޑު ފަހުން ބެލީ ޖާދުﷲ ޖަމީލު އާއި އޭދަފުށީ ޢަބްދުﷲ އަޙްމަދު މެދުވެރިކޮށެވެ.

މަޑުލު މުޙައްމަދު ވަޙީދު ނިޔާވީ (ފުރައުއްތަވީ) 14 އޭޕްރިލް 2025 ގައެވެ. މޫނުދެއްކުމާއި ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒު ގައެވެ. ގާތްގަޑަކަށް 200 ވަރަކަށް ބޭފުޅުން އޭނާގެ ސަންދޯއްޕުޅު ވަޅުފުޅު ލެއްވިތަނަށް، މައްޗަންގޮޅީ އާސަހަރާއަށް، އެ ހަވީރު ވަޑައިގަތެވެ. ދެން އަޅުގަނޑު ޚުލާޞާކުރަނީ އޭނާގެ ޙަޔާތްޕުޅުން އަޅުގަނޑަށް ނެގުނު ބައެއް ފިލާވަޅެވެ.

  1. ޖުމުލަތައް ކުރުކޮށް ލިޔުމަކީ ދޭހަވުން ފަސޭހަވާ ކަމެކެވެ. ލިޔެވޭ ކުށްތަކަށް ސަމާލުކަން ލިބި އަވަހަށް ރަނގަޅު ކޮށްލެވެއެވެ. މި ފޭޑިއަށް ލިޔުއްވަން މަޑުލު ވަޙީދަށް ދަސްފުޅުވީ ނޫސްވެރިކަމުގެ ތެރެއިން ކަމަށް ލަފާކުރެވެއެވެ. ނޫހަށް ލިޔާއިރު، ހިތުގައި އޮންނަންވާނީ ލިޔުން ކިޔާނީ އެންމެ ދޭސީ، ބަސީޠު މީހާ ކަމަށެވެ.
  2. ލިޔުންތެރިކަމަކީ އެކަމުގެ އަސަރު އެތައް ޒަމާނަށް ދެމިގެންދާ ކަމެކެވެ. ކުރާ އެހެން ކަންކަމަށް ވުރެ އެކަމުގެ ޢުމުރު ދިގެވެ. އެއީ ބާވަތެއްގެ ޞަދަޤާތުއްޖާރިޔާއެކެވެ. މިހެންކަމުން، ވިސްނަން ޖެހޭ އެއްކަމަކީ ގަލަން އޮތް ކަމުގައި ވިއަސް، ދެމިހުންނަނިވި ޙަޤީޤަތް ނޫނީ ނުލިޔުމަށެވެ. ނުބައިމަގަށް މަގުދައްކާ ވާހަކަތައް ލިޔުން ހެޔޮވެގެން ނުވެއެވެ. އެކަންކަމީ ދެމިހުންނަ ފާފައެއް ކަމަށް ވެދާނެކަމަށް ބިރުންނެވެ.
  3. ލިޔުންތެރިކަމަކީ ތަރުތީބަކަށް ކުރަންޖެހޭ ކަމެކެވެ. ޖުމުލަތަކާއި ޕެރެގުރާފުތަކުގެ ތަރުތީބު ކުރިން ތަދުބީރުކުރަން ޖެހެއެވެ. މިކަމުން ގައިގައި ހިފާ އާދައަކުން މީހާގެ ޢާއްމު ދިރިއުޅުންވެސް ވަކި ގޮތަކަށް ތަރުތީބުކުރަން މަޖުބޫރު ކުރުވައެވެ.
  4. ލިޔުންތެރިކަމުގެ އަގު ވަޒަންކުރެވޭނީ އެކަމުގައި އުޅޭ މީހުންނަށެވެ. އެހެންކަމުން، ލިޔުންތެރީންނަކީ ބާވަތެއްގެ ނާދީއަކަށް ނިސްބަތްވާ ގާތް ބައެކެވެ. ކަމަކީ އޭގެ ޖާދޫގައި ޖެހިއްޖެނަމަ، އަމިއްލަ ފައިސާގައި ވެސް ފޮތް ޗާޕުކޮށް ބަހާވަރުގެ ދެއްވެކެވެ. އެފަދަ މީހުން ދެކޭ ގޮތުގައި އެމީހުންނަށް ދަސްވި އެއްޗަކީ އެހެން މީހުންނަށް އުނގަންނައިނުދީ ދޫކުރާ ވަރުގެ އެއްޗެއް ނޫނެވެ.
  5. ޢުމުރުން ދުވަސްވުމުން ގިނަ މީހުން، ތެދުމަގަށް ހިތް ޖެހި، މުޖުތަމަޢު އިޞްލާޙްކުރުމުގެ ޖަޒުބާތެއް އުފެދެއެވެ. ލިޔުންތެރީން އެންމެ ފަހުން ދޫކޮށްފައިދާ ފޮތްތަކަކީ ދިރިއުޅުމެއްގެ ޖައުހަރެވެ. މި ޙަޤީޤަތް ޒުވާން އުމުރުގައި ވިސްނިއްޖ ެނަމަ، އެމީހާއަށް ހުރި ހެޔޮކަމެއްގެ ބޮޑުކަމާއެވެ.
  6. އެއްވެސް މީހަކީ ކުށުން ބަރީޢަވެގެންވާ މަޢުޞޫމް މީހެއް ނޫނެވެ. ކުށެއް ކުރެވިއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ، އިޞްލާޙްވެ އެފަދަ ކަމެއް ނުކުރުމަށް ޢަޒުމް ކަޑައަޅައި، ކުރާ ހެޔޮކަންތައް ގިނަކުރުމެވެ.
  7. އެއްވެސް މީހެއްގެ ދިރިއުޅުމަކީ ފިނިފެންމަލުގެ ބަގީޗާއެއް ނޫނެވެ. ގުލިސްތާނެއް ނޫނެވެ. އެއް ދާއިރާއެއް ވަރަށް ރަނގަޅު ނަމަ، އެހެން ދާއިރާއެއް އޮންނަނީ ދުޢާއާއި ކެތްތެރިކަމަށް އެދިއެދި އެވެ. ދުނިޔެވީ ދިރިއުޅުމުގެ ތިލަފަތް މީޒާންވަނީ މިފަދަ ގޮތަކަށެވެ.

ވަޙީދު ނިޔާވިތާ ދެތިން ހަތަރު ހަފުތާކޮށްފައި ސަހަރާއަށް ޒިޔާރަތްކޮށްލީމެވެ. އެތަނުން އޭނާގެ މަހާނަފުޅު ފާހަަގަކުރެެވުނީ ވަޅުފުޅުލި ދުވަހު ނަގާފައި ހުރި ފޮޓޯތައް ބަލައިގެންނެވެ. އެއީ 11 ވަނަ ބަރީގެ 28 ވަނަ މަހާނައެވެ. ފަހުން މަހާނައިގައި ކުޑަ ބިސްތާނެއް ހަދާފައި ހުއްޓެެވެ. ދިހަ އަހަރު ފަހުން އެ މަހާނަފުޅު އެތަނަކު ނުހުންނާނެއެވެ. އޭނާގެ ގިނަ ރައްޓެހީން ނިޔާވެ ހުސްވެދާނެއެވެ. މި ދެންނެވީ ލައްކަ ވާހަކައެވެ. މިއީ އެންމެންގެ ވެސް ވާހަކައެވެ. ވަރަށް ބޮޑަށް ޚުލާޞާކޮށްފައެވެ.

މަޝްހޫރު އިނގޭސި އަދީބެއްގެ ޅެމެއްގައި ވެއެވެ:

All the world’s a stage,
And all the men and women merely players;
They have their exits and their entrances,
And one man in his time plays many parts,

މުޅި ދުނިޔެ އަކީ އިސްޓޭޖެކެވެ. ހުރިހާ ފިރިހެނުންނާއި އަންހެނުންނަކީ ހަމަ އެކަނި ތަމުސީލު ކުޅޭ މީހުންނެވެ. ކޮންމެ މީހަކަށް ވެސް އިސްޓޭޖަށް އަރަންޖެހޭ އަދި އިސްޓޭޖުން ފައިބަން ޖެހޭ އިރެއް ވެއެވެ. އަދި ކޮންމެ މީހަކު ވެސް އޭނާގެ ވަގުތުގައި އެތައް ބައެއް ކުޅެއެވެ.

اللَّهُـمَّ اغْفِـرْ لَهُ وَارْحَمْـهُ ، وَعَافِهِ وَاعْفُ عَنْـهُ ، وَأَكْـرِمْ نُزُلَـهُ وَوَسِّـعْ مُدْخَـلَهُ ، وَاغْسِلْـهُ بِالْمَـاءِ وَالثَّلْجِ وَالْبَرَدِ ، وَنَقِّـهِ مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ ، وَأَبْـدِلْهُ دَارًا خَـيْرًا مِنْ دَارِهِ ، وَأَهْلًا خَـيْرًا مِنْ أَهْلِـهِ ، وَزَوْجًا خَـيْرًا مِنْ زَوْجِهِ ، وَأَدْخِـلْهُ الْجَـنَّةَ ، وَأَعِـذْهُ مِنْ عَذَابِ الْقَـبْرِ وَعَذَابِ النَّـارِ

މަޑުލު ވަޙީދު ނިޔާވުމުން . . .

އުތީމު އާދަމްބެ
.

ލޮލުގައި ހިނގާ ފުރާ މިވަނީ ހޫނު ކަރުނަޔޭ

     ގަލަމުން ލިޔާ ދެލިން ފެވެނީ ސާފު ރަތްލެޔޭ

ތިޔަ އަލި އަމާންވި މޫނުފުޅުން ޞުލްޙަ ހީނލަޔޭ

     ތިޔަ ސާފު ދޫފުޅުން ތެދުވެރި ކުލުނު ހޭލަޔޭ

          ތިޔަރީތި ޚުލްޤުފުޅުން އެތަކެއް ދަރުސްތައް ވިޔޭ

އިސްޓޭޖުތައް ބަހާ އަދަބުގެ އިސްޖަހައިފިޔޭ

     މިސްރާބު ގެއްލުމުން ކުރުވާހަކަ ފިލައިފިޔޭ

          ގިސްލާ ރޮމުން އެ ޞަޙާފަތު އަބަދަށް ނިދައިފިޔޭ

ޚިދުމަތުގެވެސް  އެއީ އަބަދަށް ހެޔޮ މިސާލެކޭ

     ތެދުވެރިކަމާ ވަފާ ގުޅެނީ ކޮންމެ ހާލެކޭ

         އެދެމުން އަޖުރު ފުރާނަފުޅަށް ލޯބި ހުސްވިޔޭ

14 އޭޕްރިލް 2025