ދުވަސްވަރަކީ 1970 ގެ ފަހު އަހަރުތަކެވެ. އެއީ ފޮތްބޮނޑި ހިފައިގެން މަޖީދިއްޔާ އަށް ކިޔަވަން ދިޔަ އިރެވެ. މަގުމަތީން ހިނގައިފައި ދާއިރު، އެއް ގެއެއްގެ ނަންފިލާގަނޑުގައި ނަން ލިޔެފައިވާ ގޮތުން، އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އުފެދެއެވެ. އެ ނަންފިލާގަނޑުގައި ލިޔެފައި އޮންނަނީ ”މާފައްނުގެ“ އެވެ. މިއީ ކުށެއް ބާވައެވެ. ލިޔަންވާނީ ”މާފަންނުގެ“ ބާވައެވެ. އެގެއާ މާ ދުރު ނޫން ހިސާބެއްގައި އެ ގޭގެ ވެރިފަރާތަށް ނިސްބަތްވާ އެހެން ގެއެެއް ހުރެއެވެ. އެ ގޭގެ ނަންފިލާގަނޑުގައި ލިޔެފައި އޮންނަނީ ”މާފައްނު އާގެ“ އެވެ. އާދެ! މި ދެ ނަންފިލާގަނޑުގައި މާފައްނު ލިޔާއިރު އަލިފުސުކުން ލިޔެފައިވަނީ ކުށަކުން ބާވައެވެ. ނޫނީ، ގިނަ މީހުން މާފައްނު ލިޔާގޮތް ރަނގަޅު ނޫނީ ބާވައެވެ؟

މާފައްނު އާގޭގެ ކުރިމަތީގައި އެ އާއިލާއަށް ނިސްބަތްވާ އެހެން ގެއެއް ހުރެއެވެ. އެއީ ”އަތިރީ މާފައްނުގެ“ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޙަސަން ފަރީދު ޝަހީދުވުމުން، އޭނާގެ މާތް ބައްޕާ، ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު، އަތިރީ މާފައްނުގެ ސަރުކާރަށް ހަދިޔާ ކުރެއްވީއެވެ. ދެން ނާޞިރުގެ ދައުރުގައި، އެ ގޭގެ ނަން ތީމުގެއަށް ބަދަލުކުރެއްވިއެވެ. މިހާރު އެތަނުގައި ހުންނަނީ ސުޕްރީމްކޯޓެވެ. ”އަތިރީ މާފައްނުގެ“ އަށް ނިސްބަތްވާ ނަންފިލާގަނޑު އަޅުގަނޑަށް ފެނުުނު ހަނދާނެއް ނުވެއެވެ. ދުނިޔޭގެ ދައުރުވުން، މާފަންނު އާގޭގެ ބޮޑުބައެއް މިހާރު ވަނީ ދައުލަތުގެ ތަނަކަށް ބަދަލުކޮށްފައެވެ. އެގެ ތަޅާލުމަށް ފަހު، އެތަނުގައި އޮންނަނީ ކާރު ޕާކެއް ހަދާފައެވެ.

އަޅުގަނޑަށް ވިސްނުނީ މާލޭގެ ބޮޑުންގެ ދެ ގޭގެ ނަންފިލާގަނޑުގައި މާފައްނު ލިޔާއިރު އަލިފު ސުކުން ކޮށްފައިވަނީ އިއްތިފާޤަކުން ކަމަށް ވުމަކީ ދުރުކަމެއް ކަމެވެ. ކަމުގެ ޙަޤީޤަތުގެ ތެރެއަށް އަޅުގަނޑަށް ވަދެވުނީ މަދަރުސާ ނިމި އެތައް އަހަރެއްވީ ފަހުންނެވެ.

މާފަންނު ލިޔާއިރު ލިޔަންވާނީ މާފަންނު ތޯއެވެ؟ ނުވަތަ މާފައްނު ތޯއެވެ؟ މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ މި ސުވާލުގެ ޖަވާބެވެ. އާދެ! މާފައްނު މާލޭގެ އަވަށަކަށް ކިޔާ ސަބަބެވެ. މި ސަބަބު އެނގިވަޑައިގަންނަވަނިކޮށް ބޭނުންކުރަންވާނީ އަލިފުސުކުންތޯ ނުވަތަ ނޫނު ސުކުންތޯ ޔަޤީން ކުރެއްވޭނެއެވެ. އަދި މިހާރު ލިޔާގޮތަށް ނޫނު ސުކުނަށް މާފަންނު ބަދަލުވި ގޮތް އެނގިވަޑައިގަންނަ ވާނެއެވެ.

މާލޭގައި މިހާރު އޮންނަނީ ހަތަރު އަވަށެވެ. މި ހަތަަރު އަވަށަށް ކިޔާ ނަންތައް އުފެދުނު ގޮތެއް ވާނެތާއެވެ؟ ހެންވޭރަށް ހެންވޭރު ކިޔުނީ ކީއްވެގެންތޯއެވެ؟ ގަޅޮލަށް ގަޅޮލު ކިޔުނީ ކީއްްވެގެން ތޯއެވެ؟ އަދި، މާފައްނަށް މާފައްނު ކިޔުނީ ކީއްވެގެން ތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރެފައިވާ ފަތްތޫރައެއްގައި ވެއެވެ. މަޒުމޫނު ކުރުކުރުމަށްޓަކައި، އަދި ތިޔަބޭފުޅުންގެ ފޫހިފުޅުކަން ކުޑަކުރުމަށް، އަޅުގަނޑުގެ ވާހަކަ އަމާޒުކުރާނީ ހަމައެކަނި މާލޭގެ އެންމެ ބޮޑު އަވަށްކަމަށްވާ މާފައްނުއަށް މާފައްނު ކިޔާ ސަބަބުގެ މައްޗަށެވެ.

މާފައްނުގެ އަޞްލު މާނަ

މާފައްނު އެކުލެވިގެންވަނީ ދެ ލަފުޒުގެ މައްޗަށެވެ. ފުރަތަމަ ލަފުޒަކީ މާ އެވެ. މިއީ ވަރަށް އާއްމުކޮށް ބޭނުންކުރާ ލަފުޒަކަށް ވާތީ، ގިނަ ކިޔުންެތެރީންނަށް މި ލަފުޒުގެ މާނަ އެނގިވަޑައިގަންނަވާނެއެވެ. އާދެ! މާ އަކީ ސައިޒުން ނުވަތަ ކޮންމެވެސް އެހެން ސިފައަކުން ބޮޑުވެގެން، މަތިވެރިވެގެން ވުމެވެ. މިސާލަކަށް މާރީތި، މާފުރިހަމަ، މާގަދަ، މާއަގުބޮޑު، މިފަދަ އެތައް ލަފުޒެއް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ލަފުޒުގެ ދެވަނަ ބައިގައިވާ ފައްނު ގެ މާނަ ގިނަ ބޭފުޅުންނަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް އެއީ ދިވެހި ބަސްފޮތުގައި ހިމެނޭ މައް ދިވެހި ލަފުޒެކެވެ. އަދި، މިހާރުވެސް، ރާއްޖޭގެ ދެކުނުގެ މީހުން ޢާއްމުކޮށް ބޭނުންކުރާ ލަފުޒެކެވެ. ފައްނު ކިޔަނީ، ރަށްތަކުގެ ވަށައިގެން ހެދިފައިވާ ހޭޅިތަކުން ގޮނޑުދޮށަށް ފޭބޭގޮތަށް ގަސް ނެތި ހުންނަ ހާމަ ތަންތަނެވެ. މިފަދަ ތަންތަން ދިމާވާނީ އެއްގަމަށް މަގެއް ފެށޭ ތަނަކާއެވެ. މިހާރުވެސް ހުޅުދޫ މީދޫގައި، މި ދެންނެވި ގޮތަށް ހޭޅިނެތި މަގު ފެށޭ ނުވަތަ ނިމޭ ތަންތަނަަަށް އެކި މީހުންގެ ނަމުން ނަން ކިޔާފައި ހުންނަ ފައްނުތައް ހުރެއެވެ. މާލޭގެ ހުޅަނގު ފަރާތު އަވަށަށް މާފައްނަކީ ވަރަށް އެކަށީގެންވާ ނަމެކެވެ. އަޅުގަނޑު ހަނދާން ހުންނަ އިރު ވެސް، މާލޭގެ ހުޅަނގު ފަރާތަކީ، ހޭޅި މަދު، ބޮޑެތި (މާ) ފައްނުތައް ވަރަށް ގިނަ ސަރަޙައްދެކެވެ. އަޅުގަނޑު މި ދެންނެވި ހުށަހެޅުމުގެ ދަލީލަކީ ތާރީޚީ ކިތަންމެ ލިޔުމެއްގައި، މާފައްނު އަލިފުސުކުނާ އެކު ލިޔެފައިވާކަމެވެ. އަދި، ފުވައްމުލަކާއި ދެކުނުގެ ކިތަންމެ ބައެއް، ޢާއްމު މުޢާމަލާތްތަކުގައި، މިދެންނެވި މާނައިގައި ފައްނު ބޭނުންކުރާކަމެވެ. މިހާރުވެސް މާފައްނުގޭގެ ނަންފިލާގަނޑު ލިޔެފައިވަނީ އ ސުކުން ޖަހައެވެ.

ސުކުން ކުރުމުގައި އޮޅުން އެރީ ކީއްވެ؟

އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، މާފައްނު ލިޔުމުގައި ނޫނު ސުކުން ޖެހެންދިމާވީ ދެ ސަބަބަކާ ހެދިއެވެ. ފުރަތަމަ ސަބަބަކީ ފައްނު އާ ވަރަށް ވައްތަރުކޮށް ކިޔާ ފާރިސީ/ޢަރަބި/އުރުދޫ ލަފުޒެއް އޮންނަ ކަމެވެ. އެއީ ފަންނު އެވެ. މި ލަފުޒުގެ މާނައަކީ، މި ތިން ބަހުގައި އެކައްޗެކެވެ. ފަންނު ކިޔަނީ، ޢިލްމާއި ހުނަރަށެވެ. ޢިލްމަކީ ގިނަ ބަޔަކު ތެދުކަމަށް ބަލައިގަންނަ، ޙަޤީޤަތްތަކެއްގެ މައްޗަށް ތަރުތީބުކޮށްފައިވާ މަޢުލޫމާތެވެ. ހުނަރުކަމަށް އަޅުގަނޑު މިތަނުގައި މާނަކުރަނީ، ވަކި ބާވަތެއްގެ ކަންކަން ކުރުމަށް މީހެއްގެ ކިބައިގައި ހުންނަ ޠަބީޢީ ޤާބިލްކަމަށެވެ. މި މާނައިގެ ތެރޭގައި، އެހެން މީހުންނަށް އަސަރުކުރުވާ، އެހެން މީހުން ހިތްގައިމުކަމަށް ދެކޭ ކަންކަން ވެސް ހިމަނަމެވެ. 1960 ގެ އަހަރުތައް ފެށުނު އިރު، ރާއްޖެއަށް އަންނަމުންދާ ތަރައްޤީގެ ސަބަބުން، ފަންނު މި ލަފުޒު ގިނައިން ބޭނުން ކުރަން ޖެހުނެވެ. ނަތީޖާއަކަށްވީ، މާލޭގައި ފައްނު، ފަންނަށް ބަދަލުވުމެވެ. ފާރިސީ/ޢަރަބި/އުރުދޫ ބަސް ދަންނަ މީހުން ގިނަވުމުން މި ބަދަލު އައުން އަވަސް ވެގެން ދިޔައެވެ. ފައްނު ގެ މާނަ ނޭނގޭ މީހުންނަށް ރަނގަޅު ގޮތަކީ ފަންނު ކަމަށް ޤަބޫލުކުރެވެމުން ދިޔައެވެ.
ދެވަނަ ސަބަބެއްކަމަށް އަޅުގަނޑު ދެކެނީ، 1960 ގެ އަހަރުތަކުގެ ފަހުން ރާއްޖޭގައި އިނގިރޭސި ބަހަށް ދެވުނު އަހުމިއްޔަތެވެ. އިނގިރޭސި އަކުރުތަކުން ލިޔާއިރު، ފައްނު ވެސް އަދި ފަންނު ވެސް ލިޔެވެން އުޅޭނީ އެއްގޮތަކަށެވެ.
މާފަންނު = Maafannu
މާފައްނު = Maafannu
މިހެން މިދިމާވަނީ އިނގިރޭސި ބަހުގައި އަލިފުސުކުނުގެ އަޑު ނޯންނާތީ އެވެ. ވީމާ، އެ އަޑު ލިޔާނޭ ގޮތެއްވެސް ނޯވެއެވެ.

ބަހަވީ ޢިލްމުގައި ފަންނު އާއި ފައްނު ކިޔާއިރު ތަފާތެއް ހުރޭ ހެއްޔެވެ؟

ލިންގްވިސްޓިކްސް ނުވަތަ ބަހަވީ ޢިލްމު ގެ ނަޒަރުން ބަލާއިރު މި ދެ ލަފުޒު ކިޔާއިރު ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. ދެކުނު ގެމީން މި ދެ ލަފުޒު ކިޔާ ކިޔުމުގައި ހުންނަ ތަފާތު، މި ބަހަވީ ޢިލްމުގެ މީހުންނަށް ފާހަގަކުރެވޭނެއެވެ.
ފަންނު ކިޔާނީ، ޢަރަބި ހަމަތަކާ އެއްގޮތަށް ނޫނު ގެ އަޑު ވަރަށް ފާހަގަ ކުރެވޭ ގޮތަށެވެ. މިގޮތަށް ކިޔުމަށް ލިންގްވިސްޓިކްސް ގައި ވަކި ލަފުޒެއް އޮވެއެވެ. މިކަން ލިންގްވިސްޓިކްސްއަށް ފަރިތަނޫން މީހުންނަށް ސުކުން ވަކިކޮށް ލިޔުމުން ފާހަގަކުރެއްވޭނެއެވެ.
ފަން — ނު.
ފައް — ނު.

ފަން އާއި ފައް ކިޔާ ގޮތް ސިފަކުރުމަށް ބަހަވީ ޢިލްމުގައި ތަފާތު ދެ ލަފުޒު އޮވެއެވެ.

ނިންމުން

އަޅުގަނޑަށް ހީވާގޮތުން، މާފައްނު ލިޔަން ރަނގަޅު ގޮތަކީ މާފައްނު އެވެ. މާފަންނު އަކީ ކުށް ގޮތެކެވެ. މިކަމާ ބެހޭ ގޮތުން ދިވެހި ބަހުގެ ދަރިވަރެއް ކަމުގައިވާ އަލްއަޚް އިޔާޒު ނަސީމް އާ އަޅުގަނޑު މަޝްވަރާ ކުރީމެވެ. އަޅުގަނޑުގެ ނަޒަރިއްޔާއަށް އޭނާ ތާއީދުކުރައްވައި ދެތިން ހުއްޖަތެއް ދެއްވިއެވެ. ދިވެހި ބަސް ބޭނުންކުރާ އަދީބުންގެ ޚިޔާލު، ލިންގްވިސްޓިކްސްއަށް ފާގަތި ނޫންނަމަ، ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ފަހެ، ހުރިހާ ކަމެއް އެންމެ ބޮޑަށް ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ!

އަލިފު ސުކުން، ށަވިޔަނި ސުކުން، ނުވަތަ ތާ ސުކުނުގެ ފަހަތަށް ”އހނމ“ މިއިން އަތުވެއްޖެ ނަމަ، އް، ށް، ތް ކިޔޭނީ /ން/ ގެ އަޑުންނެވެ. ކިޔުމުގައި /ން/ ގެ އަޑު އަޔަސް ލިޔާނީ އެ ލަފުޒެއްގަައި އަޞްލު އޮތް ސުކުނެކެވެ.

ހިތްހެޔޮ ✓

ހިންހެޔޮ ×

ހިތާއި ހިމަކީ ހަށިގަނޑުގެ ދެ ތަނެކެވެ. ކިޔުމުގައި އެއް ގޮތަކަށް އަޑު އަޔަސް، ލިޔުމުގައި ”ހިތް“ މި ލަފުޒު ”ހިން“ އަށް ބަދަލު ކުރީމާ ހިތުގެ މާނަ ގެއްލުނީއެވެ.

އެއް ހާސް ✓

އެން ހާސް ×

”އެއް“އަކީ ޢަދަދެކެވެ. ”އެން“ އެއީ މަަސްވެރިކަމުގެ ލަފުޒެކެވެ. ކިޔުމުގައި އެއް ގޮތަކަށް އަޑު އަޔަސް، ލިޔުމުގައި ”އެއް“ މި ލަފުޒު ”އެން“ އަށް ބަދަލު ކުރީމާ އެކެއްގެ މާނަ ގެއްލި ހާސް ވެގެން އުޅޭ އެމުގެ ވާހަކައަކަށް ބަދަލު ވީއެވެ. ވީމާ، ލަފުޒު ލިޔުމުގައި އަޞްލު ހިފެހެއްޓުން މުހިއްމެވެ.