jogngtracksplash

މާލޭގެ ހުޅަނގު ފަރާތުގައިވާ ރަސްފަންނުގެ މަގަތުން ހަދަމުންދިޔަ ”ދުވާ މަގު“ ނުވަތަ ”ޖޮގިން ޓްރެކް“ އަކީ ފަރުމާގެ ގޮތުން އެކަން ކުރަންނުވާ ގޮތުގެ ރީތި މިސާލެކެވެ. މާލޭގައި ކަމުނުދާގޮތަށް ކޮށްފައި ހުންނަ ކަންތައްތައް، ރާއްޖެތެރޭގެ ރަށްތަކުން ކޮޕީ ކުރެއެވެ. މިގޮތުން އަޅުގަނޑު އަޑުއަހާ ވާހަކަތަކުގެ ތެރޭގައި، މާލޭގެ މަލަމަތި ފެންނައިރު، އަނބުގަސް ނުފެންނާތީ، ރާއްޖެތެރޭގެ ރަށެއްގެ އަނބުގަސްތައް ކަނޑާލިވާހަކަ އާއި، ކުޅުދުއްފުށީގެ މައިމަގުގައި ތާރުއެޅިއިރު، މާލޭގައި ޕޭވްމަންޓް ފުޅާކޮށް ނުހުންނާތީ ހަނިކުރި ވާހަކަ އަޑުއިވިފައި ވެއެވެ. ޚުދު އަޅުގަނޑު ވެސް، ތަހުޒީބު ޤައުމުތަކުގައި ހަދާ ގޮތަށް، ކުޅުދުއްފުށީ އަމީނީ މަގުގައި ހަދަންފަށާފައިއޮތް ޕޭވްމަންޓް ދުށީމެވެ. ފަހުން ފެނުނީ މާލޭގައި ހަދާފައިވާ ގޮތަށް ޕޭވްމަންޓް ބަދަލުކޮށްފައި އޮއްވައެވެ. މިކަހަލަ ހައެއްކަ ކަންތައްތައް އަޅުގަނޑަށް އަޑުއިވި އަދި ފެނިފައި ވެއެވެ. މާލޭގެ ”ދިހަ ކުޅަނދު“ މަދު މީހުން އެކި ބާވަތުގެ ނާތަހުޒީބު ކަންތައްތައް ކުރީމާ، ރާއްޖެތެރޭގެ ”ފަސް ކުޅަނދު“ މަދު މީހުން އެކަން އެގޮތަށް ކުރާކަށް ނުޖެހެއެވެ. ނަމަވެސް . . . . . .  އާދެ! އިހަކަށް ދުވަހަކު ކޮންމެވެސް ރަށެއްގައި އާރޓިފިޝަލް ބީޗެއް ހަދަން އުޅޭ ވާހަކަ ވެސް އަޑުއިވުނެވެ.

މި މަޒުމޫނުގައި މިދަންނަވާލަނީ ޖޮގިންގ ޓްރެކް އެއް ހަދާއިރު ވިސްނަންޖެހޭ ކަންތައްތަކާއި މާލޭގައި އެކަން  ކުރަން ޖެހި ސަކަރާތުގެ ޢިބްރަތްތަކެވެ.  އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ޖޮގިން ޓްރެކް ހެދުމަށް މާލޭގައި ކުރެވުނު ޚަރަދުގެ ބޮޑުބަޔަކީ އިސްރާފުވި ފައިސާއެވެ. ސަބަބުތައް އަޅުގަނޑު ދަންނަވާލިޔަ ދެއްވާށެވެ.  ތާއީދު ކުރެއްވުމުގެ ކުރިން ނުވަތަ އިންކާރުކުރެއްވުމުގެ ކުރިން މި މަޒުމޫނު އެއްކޮށް ކިޔުއްވާށެވެ. ޕާރުސަލެއް ނުކަނޑާ އޭގައިވަނީ ކޮން ހަދިޔާއެއްކަން  އެނގޭނީ ކިހިނަކުން ތޯއެވެ؟ މި މަޒުމޫނު އަމާޒުކުރެވިފައިވަނީ ބިނާވެށި ފަރުމާކުރުމާ ބެހޭ ޢިލްމަށް  ޝައުޤުވެރިކަން ހުންނަ ފަރާތްތަކާއި ރާއްޖެތެރޭގެ ކައުންސިލް ތަކުގެ މެންބަރުންނާއި އާރބަން ޕްލޭނިންގެ ދަރިވަރުންނަށެވެ. މާލޭގެ ދުވާ ޓްރެކް ހެދިގޮތް ބޭނުންކޮށްގެން އަޅުގަނޑު ހުށަހަޅާނީ، ތިޔަ ބޭފުޅުންނަށް ބޭނުންތެރި މަޢުލޫމާތު ތަކެކެވެ.

divider12

ޖޮގިން ޓްރެކް ހަދާގޮތް

ހުކުރު ދުވަހެއްގެ ފިނި ފަތިހެއްގައި، ވައި ޖައްސާލަން ވެގެން ހުޅަނގު ފަރާތު އަތިރިމައްޗަށް ނުކުތް އިރު، އަޅުގަނޑުގެ ސަމާލުކަން ގޮސް ހުއްޓުނީ ރަސްފަންނުގެ މަގަތު ފަރާތުގެ ގައުތައް ނަގާފައިވާ ތަަނަށެވެ. އޭރު، ޖޮގިން ޓްރެކެއް ހަދާ ވާހަކައެއްގެ އަޑު ވަނީ އިވިފައެވެ. އެންމެ ފުރަތަމަ އަޅައިގަތީ އެ ތަން ހަދާ ތަނެވެ. ތިރީގައިވާ ކުރެހުމުގައި އެވަނީ އެކަން ކުރަން ރާވާފައިވާ ގޮތެވެ.

TRACK

އެންމެ ފުރަތަމަ ޕޭވްމަންޓް އާ ދޭތެރޭ އެއްޗެއް ދަންނަވާލިޔަ ދެއްވާށެވެ. ޕޭވްމަންޓް ގެ މައިގަނޑު ބޭނުމަކީ މަގުމަތީގައި ހިނގާމީހުންނަށް ރައްކާތެރި ހިނގާނެ ޖާގައެއް ހަމަޖެއްސުމެވެ. މިބޭނުން މާލޭގެ ޕޭވްމަންޓުތަކުން ޙާޞިލްވާ މިންވަރު ވަޒަންކޮށްލަން އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. މާލޭގެ މަގުތަކުގައި ކުރާ އެންމެ ނާތަހުޒީބު ކަންތައްތަކުގެ ތެރޭގައި، ޕޭވްމަންޓް އިން ގޮޅިއެއް ކަނޑާ ގަސް އިންދުން ހިމެނެއެވެ. މިގޮތަށް ކަނޑާފައި ހުރި ގިނަ ތަންތަނުގައި ގަހެއް ޖަހާފައެއް ވެސް ނުހުރެއެވެ. އެތަންތަންވެފައިވަނީ، ޕޭވްމަންޓްގައި ހިނގާ މީހުން ވެއްޓޭގޮތަށް ހުންނަ އަނދަވަޅުތަކަކަށެވެ. ޕޭވްމަންޓް އަށް ވުރެ، ބައެއް ފަހަރު އަށެއްކަ އިންޗި ފުންކޮށެވެ. ނަތީޖާއެއްގެ ގޮތުން ހިނގާފައިދާއިރު މިތަންތަނަށް ވެއްޓި ފުންނާބު އެނބުރި ފަޔަށް ތަދުވެ މިފަދަ ކަންތައްތައް ދިމާވެފައިވާ މީހުންނާ އަޅުގަނޑާ ބައްދަލުވެފައި ވެއެވެ. ތަހުޒީބު މުޖުތަމަޢުތަކުގައި، އެންމެ އިސްކަމެއް ދޭނީ ހިނގާމީހުންނަށާއި އެމީހުންގެ ރައްކާތެރިކަމަށެވެ. ތިންފޫޓު ކައިރީގައި ގޮނޑުދޮށްއޮއްވާ، ޕޭވްމަންޓު ދެބައިކުޅައެއްބަޔަށް ހަނިކޮށްގެން ހަދާފައިވާ  ވަޅުތަކެއްގައި ޖަހާފައިވާ ރުއްތައް ޕޭވްމަންޓުން ނައްޓާ ގޮނޑުދޮށުގައި ޖެހިނަމަ، ހާދަ ރަނގަޅުވާނޭ އަޅުގަނޑު ހިތައް އެރިއެވެ.  ވެލިގަނޑު ހިފެހެއްޓުމަށް ބާރަކަށް ވާނެއެވެ. އެހެންކަމެއް ނުވިއްޔާ، ޤުދުރަތީގޮތް ބޮޑުވެފައި ހިނގާމީހުން ވެއްޓޭނޭ އަނދަވަޅުތައް މަދުވާނެއެވެ.

އާދެ! ދެން އަޅުގަނޑުގެ ހިތަށް އެރީ މިއީ މާލޭގެ ހުޅަނގު ފަރާތެވެ. ރާއްޖޭގެ ރަށްތައް ހެދިފައިވާ ގޮތުން، ހުޅަނގު ފަރާތަކީ ތިރި ފަރާތެކެވެ.  ބައެއް މޫސުމުގައި އުނދައަރާ ހިސާބެކެވެ. އެހެންކަމުން، އެއްވެސް ސަބަބަކާ ހުރެ ގޮނޑުދޮށުން އެއްގަމުގައިވާ މަގުގައި ފެން ހެދިއްޖެނަމަ، ދެންވާނީ ކިހިނެއް ހެއްޔެވެ؟ ފެންތައް ބިންމައްޗަށް ފާއްދަން މަތީގައި ދަގަނޑު ޖާލި ޖަހާފައިވާ ވަޅުތަކެއް ހުއްޓަސް މިވަޅުތަކަށް މިފަދަަ ހާލަތެއްގައި އެކުވާ ފެން ހިނދޭނެ ހެއްޔެވެ؟ މޫދު ވަރަށް ގާތުގައިވާއިރު، މޫދަށް އެ ފެންތައް ފޭބުމަށް ހުރަސް އަޅާ ތިން ހުރަހެއް ވެއެވެ. ޕޭވްމަންޓް އާއި ގޮނޑުދޮށާ ދެމެދުގައިވާ އެއް ފޫޓު ފުޅާ ފާރުބުރިއެކެވެ. ގޮނޑު ދޮށަށް ފެންފައިބައިގެންދާ ގޮތަކަށް މިފާރުބުރި ކަނޑާފައެއް ނުވަތަ އާނގަތަކެއް ހަދާފައެއް ނުވެއެވެ. ދެން ޕޭވްމަންޓާއި ދުވާ ޓްރެކެވެ.  މިއީ ވެސް ފެން ފޭބުމަށް އޮތް ބޮޑު ހުރަހެކެވެ. ރަނގަޅު ގޮތަކަށް ވާނީ، އެއްވެސް ސަބަބަކާ ހުރެ، މަގުގައި ފެން ބޮޑުވެއްޖެނަމަ، މޫދަށް އެފެންތައް ދާނޭ ފުޅާ އާނގަ ތަކެއް ނުވަތަ ކެނޑުންތަކެއް ނުވަތަ އަޑި ތަންތަން މި ހުރަސްތަކުގައި ހުރުމެވެ. އާރކިޓެކްޗަރ ގައި ކެނޑުންތައް ލާފައި ހުންނަ ފާރަށް ކިޔަނީ ކްރެނެލޭޓަޑް ވޯލް (crenelated wall) އެެވެ. މިފަދަ ފާރެއްގެ  ކުރެހުމެއް ތިރީގަައި އެވަނީއެވެ.

CRENALATIONފެންބޮޑު ވެއްޖެނަމަ، މިހާރު ހުރި ކާނުތަކަށް އޮތްބެއް ނޯންނާނެއެވެ. ޕޭވްމަންޓާއި މަގާ ދޭތެރެ ވަނީ އުސް ޓްރެކެކެވެ. ދިގު ފާރެއް ފަދަ ހުރަހެކެވެ. މޫދަށް ފެންތައް ފައިބައިގެން ދާނޭ ފަސޭހަ ގޮތެއް ނެތެވެ. މަގަށް އެކުވާ ފެން، ހިންދާވަޅުތަކަށް ދާގޮތަށް ހަމަޖައްސާފައިވަނީ ހަ އިންޗީގެ ހޮޅިތަކެއް، ޓްރެކްގެ ދަށުން، ފެން ހިންދާ ވަޅުގަނޑަށް ލައިގެންނެވެ. މި ހޮޅީގެ ދިގު ހުރަސްމިނުގައި ހައިންޗި ހުއްޓަސް، ފެންވަންނަން ހުރި ޖާގައިގައި ހޮޅީގެ ފަލަމިނުގެ ދެބައިކުޅަ އެއްބައި ވެސް ނުހުންނާނެއެވެ.  އެއްޗެއް ދަތުރުކުރާ ހޮޅިއެއްގެ ޙަޤީޤީ  ފަލަމިނަކީ އޭގެ އެންމެ ހިމަ ތަނުގެ ފަލަމިނެވެ. މީގެ އިތުރަށް މި ހޮޅިވާނީ ސާފުކޮށް ބެލެހެއްޓުމަށް ދަތި ހޮޅިއަކަށެވެ. އާދެ! ތަންތަން ފަރުމާކުރާއިރު، ވިސްނަންޖެހޭ އެންމެ މުހިއްމު އުޞޫލަކީ އެ އެއްޗެއް ފޭލިވުމުން ރައްކާތެރިކަން ލިބޭ ގޮތެވެ. އިނގިރޭސި ބަހުން މިހަމައަށް ކިޔަނީ ”ފެއިލް-ސޭފް އެންޖިނިއަރިންގ“ އެވެ. އަޅުގަނޑު މި މަޒުމޫނު ލިޔާހިތްވީ ޖޮގިން ޓްރެކް ހަދަމުންދާ ގޮތް ފެނިފައެވެ. އެހެންވީމާ އެކަމަށް ރުޖޫޢަ ވަމާތޯ އެވެ؟

divider12

ޖޮގިން ޓްރެކްގެ ފުޅާމިން

މާލޭގެ ހުޅަނގު ފަރާތުގައި ޖޮގިން ޓްރެކެއް ހެދުމަކީ ރަސްފަންނު ހަދާނިމުމަށްފަހު ކުރެވުނު ”އާފްޓަރތޯޓު“ އެއްކަން ޔަޤީންއެވެ.  އާފްޓަރތޯޓަކީ ކުރަމުންދާ ކަމެއް ނިމުމަށް ފަހު، ފަހުން އަންނަ ޚިޔާލެކެވެ. ކޮންމެއަކަސް، އަޅުގަނޑަށް ފެނުނީ އަލަށް ހަދާފައިވާ މަގުގެ ޕޭވްމަންޓް އާއި ޖެހިގެން، މަގުގައި އަތުރާފައިވާ ގާތައް ނަގަމުން ދިޔަތަނެވެ. އަދި ޕޭވްމަންޓް އިން ދެ ފޫޓު ދޫކުރުމަށްފަހު، ކާރބްސްޓޯން އެއް ނުވަތަ ޕޭވްމަންޓް އަރިމަތީގައި ޖަހާ ގައު ޖަހާ، އަދި އެއާ ހަތަރު ފޫޓު ދުރުކޮށްފައި މަގާވި ފަރާތުގައި ކާބްސްޓޯން ޖަހަމުންދާތަނެވެ. މިތަން ފެނިފައި، ޕްލޭން ކުރުމުގައި ވަރަށް ބޮޑު ގޯހެއް އުޅޭކަމަށް އަޅުގަނޑަށް ވިސްނިއްޖެއެވެ.

އާދެ! ހަތަރު ފޫޓު ފުޅާމިނުގެ ޖޮގިންގ ޓްރެކެއް އެއްވެސް ބަޔަކު ހަދާނެ ބާވައެވެ؟  ޖޮގިން ޓްރެކަކީ އެއްވެސް އިރެއްގައި، މީހުން ފައްޗަކަށް ދުވާ ތަނެއް ނޫނެވެ. ޖޮގިން ޓްރެކްގައި މީހުން ދުވާނީ، އުޞޫލެއްގެ ގޮތުން ދެ މީހުން ބަރިއަކަށް ތިބެގެންނެވެ. މިގޮތަށް ދުވަން އެންމެ ކުޑަވެގެން ފުޅާމިނުގައި ފަސްފޫޓު ހުންނަން ޖެހޭނެއެވެ. އަނެއް މައްސަލައަކީ އެއްކޮޅަށް ބަޔަކު ދުވެފައި ދާއިރު،  އަނެއް ކޮޅުން ދުވަމުން އަންނަ މީހުން މި މީހުން ފަހަނައަޅައި ދިއުމަށް ޖާގަ ބޭނުންވާނެއެވެ.  އެހެންކަމުން، ހަތަރު ފޫޓު ފުޅާމިނުގައި މި ހަދަން އުޅޭ ޖޮގިން ޓްރެކަކީ، އަނެއްކާ މާލޭގެ މަގުތަކުގައި ހަދާފައި ހުންނަ ޕޭވްމަންޓް ފަދައިން،  އޭގެ ޙަޤީޤީ ބޭނުމެއް ނުކުރެވޭ ތަނެއް ހެއްޔެވެ؟

ދެން އަޅުގަނޑު ގެޔަށް އައިސް ޖޮގިން ޓްރެކް އެއްގައި ހުންނަން ޖެހޭ ފުޅާމިން ވަރަށް ބޮޑަށް ބަލައިފީމެވެ. އަޅުގަނޑަށް އާކިޓެކްޗަރ އެނގޭ މިންވަރުން ޔަޤީންވާ ކަމަކީ، އައުޓްޑޯރ ނުވަތަ ހިޔާވައްސެއްގެ ބޭރުގައި ހިނގާބިނގާ ވާ ގޮތާއި، ހިޔާވައްސެއްގެ އެތެރޭގައި މީހުން ޙަރަކާތް ކުރާގޮތް ތަފާތުކަމެވެ. މިކަން ފާހަގަ ނުވާ ފަރުމާވެރިން ކަންކުރާގޮތުން ދިމާވާ މައްސަލަތައް ފޮތްފޮތުގައި ލިޔެފައި ހުރެއެވެ. މިގޮތުން އަޅުގަނޑު އެންމެ ހަނދާން ހުންނަ އެއްކަމަކީ ހަރުފަތްތަކުގެ ފުންމިނެވެ. އެތެރޭ ސިޑިތަކުގައި ހަރުފަތްތައް ބަހައްޓަން އެންމެ ރަނގަޅު ފުންމިނަކީ ގާތްގަޑަކަށް އެއް ފޫޓު ކަމުގައި ވިޔަސް، ބޭރުގައި ހަދާ ހަރުފަތްތައް މިއަށް ވުރެ ފުންވާން ޖެހެއެވެ. ބޯދާ ޒަމާނުގެ ރޫމީންގެ ޢިމާރާތްތަކުގައި، ބޭރުގައި ހުންނަ ހަރުފަތްތަކުގައި 16 އިންޗިއާއި 24 އިންޗީގެ ފުންމިިން ހުރެއެވެ.

ހަތަރުފޫޓަކީ، އިންޑޯ ނުވަތަ ހިޔާވައްސެއްގެ އެތެރޭގައި ދެކޮޅަށް މީހުން ހިނގާ ކޮރިޑޯއެއްގައި ހުންނަންޖެހޭ އެންމެ ކުޑަ ފުޅާމިނެވެ. އެއްކޮޅަށް ހިނގާ ކޮރިޑޯއެއްގައި މަދުވެގެން ތިންފޫޓު ހުންނަންޖެހޭނެއެވެ. ނަމަވެސް، ބޭރުގައި މީހުން ހިނގާބިނގާވަނީ މުޅިން އެހެން ގޮތަކަށެވެ.  ބޭރުގައި ދުވަނީނަމަ، އަތްފައި ޙަރަކާތް ކުރާގޮތުން، މި މިމިންތަކެއް ބޭނުމެއް ނުކުރެވޭނެއެވެ. އޮލިޕިކް ސްޓޭޑިއަމްތަކުގައި ހުންނަ ރޭސް ޖަހާ ޓްރެކް، ގިނަ ބޭފުޅުންނަށް ފެނިވަޑައިގެންފައި ވާނެއެވެ. އެކަކު ދުވަން އޮންނަ ޓްރެކްގެ ފުޅާމިނުގައި ވެސް އެއް މީޓަރު ނުވަތަ 39 އިންޗި ހުރެއެވެ.

ޖޮގިން ޓްރެކްގައި ހުންނަން ޖެހޭ ފުޅާމިން، އާރބަން ޕްލޭނިންގ ގެ ލިޔުންތަކުން ބެލިއިރު ލިޔުންތަކުގައި ވަނީ ޖޮގިން ޓްރެކްގައި ހުންނަން ޖެހޭ އެންމެ ކުޑަ ފުޅާމިނަކީ ހަތެއް ބައި ފޫޓު ކަމެވެ. އާދެ! 90 އިންޗި ކަމެވެ. އަދި ފޮތްތަކުގައި، މީހުން ދުވާނީ ދެމީހުން ބަރިއަކަށް ގާތްގާތުގައި ކަމާއި އަނެއްކަޮޅުން އަންނަ މީހުން ހުރަސްކޮށް ދާން ޖާގަ އޮންނަން ޖެހޭނެ ކަން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، ޖޮގިން ޓްރެކަކީ ތިން ބަޔަކަށް ބަހާލެވިފައިވާ މަގެކެވެ.  ދެބައި އެއްކޮޅަށް ދުވާ މީހުންނަށެވެ. އަނެއްބައި، އަނެއްކޮޅުން އަންނަ މީހުން ފަހަނައަޅައި ދިއުމަށެވެ. ތިރީގައި އެވަނީ ފުޅާ ޢިމާރާތެއްގެ އެތެރޭގައިވާ ޖޮގިން ޓްރެކެކެވެ. ޢިމާރާތެއްގެ އެތެރޭގައި، ޖާގަ ކިހާ މަދުވާނެ ހެއްޔެވެ؟ ނަމަވެސް މިތަނުގައި ވެސް، ޖޮގިން ޓްރެކް ގެފުޅާމިން ރަސްފަންނު ކައިރީގައިވާ ޖޮގިން ޓްރެކްގެ ފުޅާމިނަށް ވުރެ ފުޅަލެވެ.

Onefootball-HQ-by-TKEZ-Architects_dezeen_1_1000

3038625-poster-p-1-could-a-running-track-in-your-office-hallway-make-you-more-active

ތިރީގައި އެވަނީ ކްރޫސް ބޯޓެއްގައިވާ (ފަސިންޖަރުން ދަތުރުކުރާ ބޮޑު އުޅަނދެއްގައިވާ)  ޖޮގިންޓްރެކެކެވެ. ބޯޓެއްގައި ޖާގަ އެހާ  ކުޑައިރުވެސް، ދުވަން ދޫކޮށްފައިވާ ޖާގައިގެ ފުޅާމިނަށް ވިސްނަވާށެވެ!

jogging-track-1

ތިރީގައި އެވަނީ ސިންގަޕޫރުގައިވާ ޖޮގިން ޓްރެކް އެކެވެ. މި ޖޮގިން ޓްރެކްގެ ފުޅާމިނުގައި، ބަރިއަކަށް ދުވަމުންދާ ދެމީހުންގެ ފުޅާމިނަށް ވިސްނާ ކިތައް ފޫޓު ހުންނާނެ ތޯއެވެ؟

aa10e8e0fcb61d2e12f0361af79a7b34 (2)

img17

.

ޖޮގިން ޓްްރެކް ގައި ކޮންކްރީޓް އެޅުން

ހަފުތާއެއްހާ ދުވަސްކޮށްފައި، ރަސްފަންނު ކާރިއަށް ދިޔައިރު، ދެން އަޅުގަނޑަށް ފާހަގަ ކުރެވުނީ، ޖޮގިން ޓްރެކްގައި ކޮންކްރީޓް އަޅަމުންދާ ތަނެވެ. ޖޮގިން ޓްރެކްގައި ކޮންކްރީޓް އަޅަނީ،  10 މިލިމީޓަރުގެ ދަގަނޑުން ކުދި ގޮޅިޖަހައެވެ.   އަޅުގަނޑު މިންބެލިތަނުގައި ކޮންކްރީޓްގެ ބޯމިނުގައި ހަތް އިންޗި ހުއްޓެވެ. އަޅުގަނޑަށް ހީވަނީ، ފަރުމާކޮށްފައިވާނީ ހައިންޗި އަށް ކަމަށެވެ.  މިތަން ފެނިފައި އަޅުގަނޑު އަނެއްކާ ހައިރާން ވެއްޖެއެވެ. އެއީ އެ ހަދާލެއް ވަރުގަދަ ކަމުންނެވެ.

thickness2

ފަހެ، އާދައިގެ ކޮންކްރީޓްގައި ކޮންމެ އަކަމީޓަރެއްގެ ޖާގައިގައި  2,500,000 ކިލޯގްރާމްގެ ބަރު ހިފާނެއެވެ.  މީހެއްގެ ބަރުދަނީ 75 ކިލޯ ކަމަށް ބަލައިފިނަމަ، އެ ޖޮގިންޓްރެކްގެ އަކަމީޓަރެއްގެ މައްޗަށް، މަތިމައްޗަށް 33،000 މީހުން އެރި ނަމަވެސް ހަލާކެއް ނުވާނެއެވެ. ދުވާއިރު، ފުޓްފޯލް ނުވަތަ، ފައި ޖެހޭލެއް ބާރުކަމަށް ބަލައި، އަދި ކޮންކްރީޓް ހެދުމުގައި ފެން ގިނަވެގެން ނުވަތަ އެހެން ވެސް ސަބަބަކާ ހުރެ، ކޮންކްރީޓްގެ ބާރު ޑަބަލް ދަށްވިކަމަށް ބެލިޔަސް، މިކޮންކްރީޓް ގަނޑު، ކަމަށް އެކަށީގެންވާ ވަރަށް ވުރެ މާބޮޑުތަން ބޮލެވެ. އިސްރާފު ބޮޑެވެ. މަތިންދާ ބޯޓު ބާއްވާ އޭޕްރަންގައި ވެސް ހުންނަނީ 5 އިންޗިއާއި 12 އިންޗީގެ ބޯމިނެވެ.   މިއީ ޖޮގިން ޓްރެކެކެވެ. ޖެޓް މަތިންދާ ބޯޓު ދުއްވާ ޓްރެކެއް ނޫނެވެ. ޖެހިގެން ގާތުގައިވާ މަގަކީ، ހެވީ ވެހިކަލް ނުވަތަ ބަރު އުޅަނދު ދުއްވަން ހަދާފައިވާ ތަނެކެވެ. ނަމަވެސް، މިތަނުގައިވެސް ވަނީ ބިންގަނޑުގެ މަތީގައި ހަތަރު އިންޗީގެ ބޯ ގައު ފަތުރާފައެވެ.

trackreinforcement5

ކޮންކްރީޓް އަޅާފައިވަނީ ދެފަރާތުގައި ކާރބް ސްޓޯން ނުވަތަ ޕޭވްމަންޓް ގެ އަރިމަތީގައި ޖަހާފައެވެ. މި ގައުތައް ބަހައްޓަނީ ބިންގަލެއްގެ މަތީގައެވެ.

ޓްރެކް ފުޅާކުރުމަށް އަލުން އަރިމަތީގައުތައް ދުރަށް ޖެއްސުން

ދެ ހަފުތާއެއް ހާ ދުވަސް ފަހުން ދިޔައިރު، ޓްރެކްގެ ކައިރިން މަގުގެ ގައުތައް  ނަގައިފިއެވެ.   އަދި އަރިމަތީ ގައުތައް ދުރަށް ޖައްސަން ފަށައިފިއެވެ. ފަރުމާކުރި ފަރާތްތަކަށް ޓްރެކް ހަނިކަން ވިސްނުނީތާއެވެ؟  މިކަން ވިސްނުނު އިރު،  ޓްރެކްގެ ބޮޑު ބައެއްގައި ކޮންކްރީޓް އަޅައި، އަރިމަތީގައުތަކާއި މަގުމަތީ ގައުތައް އަތުރާ ނިމިފައި ވެއެވެ.

refurbish12

correctingerrors

އަޅުގަނޑު ހީކުރީ ޓްރެކް ފުޅާކުރާނީ ބައިނަލްއަޤްވާމީ އެންމަ ހަނިމިނަށް ކަމަށެވެ. ނަމަވެސް އެހެންނެއް ނޫނެވެ. ފުޅާ ކުރީ އެއް ފޫޓަށެވެ. އެހެންކަމުން ޓްރެކްގެ ފުޅާމިނަކަށް ދެން ވާނީ ފަސް ފޫޓުތާއެވެ. ފުޅާކޮށް ިވިސްނޭނީ ކަންކަމާ ދޭތެރޭ ދުރަށް ފިކުރުކުރާ މީހުންނަށެވެ. ކޮންމެއަކަސް، ނިމުނު އިރު ޓްރެކްގެ ފުޅާމިނަކީ ފަސް ފޫޓެވެ. ޖޮގިން ޓްރެކްއަކަށް އެކަށީގެން ނުވާ ހަނިމިނެކެވެ. މާލޭ މަގުތަކުގެ ޕޭވްމަންޓްތައް ފަދައިން، އެތަނުގެ ޙަޤީޤީ ބޭނުމެއް ނުކުރެވޭނޭ ތަނެކެވެ. ކަން މިހެން އޮތް އިރު، ޓްރެކް ފުޅާކުރާނޭ ޖާގަ އެބައޮތެވެ. އާދެ، ކުރިން ހަދާފައިވާ ޕޭވްމަންޓް އާއި ޓްރެކް އާ ދޭތެރޭ ވާ 18 އިންޗިއެވެ. ބައެއް ހިސާބުގައި މިޖާގައިގައި ދެ ފޫޓު ހުރެއެވެ. މިއީ މިހާރު އޮތްގޮތުން ގެއްލިފައިވާ ޖާގައެކެވެ. ސާފުކުރަން ދަތި، ކުނިފަދަތަކެތި އެއްވާނޭ ޖާގައެކެވެ.

ޚަރަދަށް ވިސްނަވާށެވެ. އެއްފަހަރު، ގައުތައް އަތުރާ ނިންމާފައިވާ ދިގު ތަނަކުން އަނެއްކާ ގައުތަކާއި އަރިމަތީގައު ނަގައި ދުރަށް ޖައްސާ، އެއް ފޫޓުގެ ފުޅާމިނަށް ކޮންކްރީޓް އަލުން އެޅީއެވެ. ދެން އަނެއްކާ އަރިމަތީ ކާރބްސްޓޯން ގައުތަކާއި މަގުގެ ގައުތައް އެތުރީއެވެ.  ދުރަށް ވިސްނައިފިނަމަ، ކުރަން ނުޖެހޭ ބޮޑު ޚަރަދެއް ކުރެވުނީއެވެ.

ކޮންކްރީޓް ހޫނުވުމުން ދިގުވާނޭ ޖޮއިންޓް ނެތުން

ގިނަ ތަކެއްޗަކީ ހޫނުވުމުން ދިގުވާ ތަކެއްޗެވެ. ފިނިވުމުން ކުރުވާ ތަކެއްޗެވެ. ކޮންކްރީޓްވެސް ހޫނުވުމުން ދިގުވެއެވެ. އެހެންވެ، ކޮންކްރީޓުން ހަދާ ތަންތަން ހުންނަނީ މި ދިގުވެ ކުރުވުމަށް ޖާގަލާފައެވެ. އެހެން ނަހަދައިފިނަމަ، ކޮންކްރީޓުން ބައެއް ފަޅައިގެން ދިޔުމާއި ރެނދުއަޅާ ހަލާކުވުން ވަރަށް ގާތެވެ. ޢިމާރާތެއްނަމަ، ދިގުވެކުރުވާނޭ ގުޅުން ނުވަތަ ޖޮއިންޓް ލަނީ ކޮންމެ 45 މީޓަރަކުންނެވެ. ނުވަތަ ޕްލޭން އަށް ކުއްލި ކައްޗެއް އަންނަ ތަންތަނުގައެވެ. މިސާލެއްގެ ގޮތުން  (L) އެލް އަކުރެއްގެ ސިފަޔަށް ޢިމާރާތެއް ކުރަންޏާ އެ އެލް އަކުރުގެ ދެފައި ޢިމާރާތް ކުރަންޖެހޭނީ ގުޅުމެއް ނެތިއެވެ. ނޫންނަމަ، ކޮންކްރީޓް ކުރުވެ ދިގުވުމުން އަރާ ބާރުން ނުވަތަ ސްޓްރެސް އިން ދެ ކަފިގުޅޭތަނުގައި ރެނދުއަޅައި މުށިޖަހާފައި ހުރިނަމަ، އެ ތަކެތި ދޫވެ މިފަދަ ކަންތައްތައް ވާނެއެވެ. 45 މީޓަރަކީ އިންޑިޔާގެ ގަވާއިދުގައި ބުނާ މިންވަރެވެ. ބައެއް ޤައުމުތަކުގައި ޖޮއިންޓް ނުލާ 60 މީޓަރު ދިގުކޮށް ޢިމާރާތް ކުރަން ހުއްދަ ކުރެއެވެ. ކޮންކްރީޓް ފާރެއް ނަމަ، ކޮންމެ 8 މީޓަރަކުން ޖޮއިންޓް ލާންޖެހެއެވެ.  އަޅުގަނޑު ހައިރާންވީ ކަމަކީ  500 ފޫޓުހާ ދިގުކޮށް ޓްރްކްގައި ކޮންކްރީޓް އެޅިއިރުވެސް،  ކޮންކްރީޓްގައި ޖޮއިންޓެއް ނެތް ކަމެވެ. ޕޭވްމަންޓް ފަދަ ތަންތަނުގައި ޖޮއިންޓް ލާން އޮންނަ މިނަކީ މަދުގެވެން ބޯމިނުގެ 24 ގުނައިންނެވެ. އާދެ! ހައިންޗި ބޯކޮށް ކޮންކްރީޓް އަޅާނަމަ، ކޮންމެ 12 ފޫޓަކުން ޖޮއިންޓެއް ލާންޖެހޭނެއެވެ. މިކަން ޢާއްމުކޮށް ކުރާ ގޮތަކީ ހަތަރުބައިކުޅަ ތިންބައި އިންޗި ހުންނަ ވަރުގެ ފުޅިމަދުފިލާ ކޮޅެއް މުޅި ފުޅާމިނަށް ދަށުން މައްޗަށް ލުމެވެ. ދެން ކޮންކްރީޓް އަޅާނިމުމުން ޖޮއިންޓް މައްޗަށް ތުނިކޮށް ސިމެންތި ނުވަތަ އެހެން ވެސް އެއްޗެއް އެޅުމެވެ. މިގޮތަށް ކަންތައް ކުރުމުން، ކޮންކްރީޓްގައި ރެނދުލާނީ މިތަނުންނެވެ. ޖޮއިންޓުލުމުގެ މުހިއްމުކަމާއި ލާނެގޮތް މި ރިޕޯޓްގައި ވެއެވެ.

ޖޮގިން ޓްރެކްގެ އުމުރު ހުސްވުމާއި ނެގުން

ކޮންމެ އެއްޗަކީ ވެސް އެއަށް ޢުމުރެއްވާ އެއްޗެކެވެ. ކޮންކްރީޓުން ހަދާ އެންމެ ޢުމުރު ދިގު އެއްޗަކީ ބްރިޖެވެ. ނަމަވެސް ބްރިޖްތައް ވެސް 100 އަހަރު ނުވަނީސް ހަލާކުވަނީ މަދެއްކޮށް ނޫނެވެ. ކޮންކްރީޓް ޢިމާރާތެއްގެ ޢުމުރެއްކަމަށް ބަލަނީ 50 އަހަރެވެ. ޖޮގިން ޓްރެކެއްގެ ޢުުމުރު މިއަށް ވުރެ ވެސް ކުޑަވާނެއެވެ. ކޮންކްރީޓުން ތަކެތި ފަރުމާކުރާއިރު ވިސްނާކަމަކީ، އޭގެ ޢުމުރު ހަމަވެ ނުވަތަ ބޭނުމެއް ނެތުމުން، ހަލާކުކޮށްލަން ނުވަތަ ޕޭވްމަންޓް ފަދަ ތަނެއްނަމަ ނަގަށް ފަސޭހަވާނޭ ގޮތެވެ. މިގޮތުން ބަލާއިރު، މަދުވެގެން 6 އިންޗި ބޯ، ދަގަނޑުލައިގެން ހަދާފައިވާ ޖޮގިންގ ޓްރެކް ހަލާކުކޮށް ނަގަން ހާދަ އުނދަގޫވާނެއެވެ. ހަލާކުކޮށްލަން ޖެހޭނީ ޖެކް ހެމަރ އަކުން ތަޅައި ކުޑިކުރާށެވެ. ކޮންކްރީޓް ކޮންމެހެން އަޅަން ބޭނުންނަމަ، ރަނގަޅު ގޮތަކަށް ވީހީ، ދިހަވަރަކަށް ފޫޓުން ޖޮއިންޓް ލާފައި، ސޭލައަކުން ހިފޭފަދަ ހަތަރުވަރަކަށް ބުޅި އަޅުވާނޭ ޖާގަ ލާފައި ހެދުމެވެ. މި ބުޅިތައް ހިފާނެ ތަންތަން ބޭނުންކުރަމުން ދާއިރު ސިމެންތި އަޅާ އޮމާންކޮށްފައި ބެހެއްޓި ދާނެއެވެ. އޭރުން އެ ސްލެބްތަކުގެ އެހެން ބޭނުމެއް ވެސް ކުރެވިދާނެއެވެ. މިހާރު މި ހެދިގޮތުން، މި ބޯ ދިގުއެއް ސްލެބް ގެ އެހެން ބޭނުމެއް ވެސް ނުކުރެވޭނެއެވެ. ފަހެ، އެއްޗެއް ނުވަތަ ތަނެއް ފަރުމާކުރާއިރު، އޭގެ ބޭނުން ނެތުމުން ނަގާނެ ނުވަތަ ރޫޅާލާނެ ގޮތާއި، އެ ނަގާ ތަކެތީން ކުރެވޭނޭ ބޭނުމާ ދޭތެރޭ، ފަރުމާކުރާއިރު ވިސްނުމަކީ މުހިއްމު ކަމެކެވެ. ހަކަތަ ބޭނުން ކުރުން މަދުވާގޮތާއި، ޢިމާރާތް ކުރަން ބޭނުންކުރާ ތަކެތީން ތިމާވެއްޓަށް ކުރާނެ އަސަރާ ދޭތެރޭ ވިސްނާ ބިނާ ކުރާ ޢިމާރާތްތަކަށް ފެހި ޢިމާރާތްތަކޭ ކިޔައެވެ. މިކަން ދުނިޔޭގައި މިހާރު ކުރަމުން އަންނަތާ ތިރީހަކަށް އަހަރު ވެދާނެއެވެ.

K1127

ޓްރެކް އަޅަން އެންމެ ރަނގަޅުގޮތަކީ ކޮބައި؟

ކޮންމެ މީހަކަށް، ކޮންމެ ކަމަކާ ދޭތެރޭ ވެސް ފާޑު ކިއިދާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި، ބިނާކުރުވަނިވި ފާޑުކިޔުމަކަށްވާނީ، އެއްޗަކަށް ނުވަތަ ކަމަކަށް ކުރިއަށް ވުރެ އިފެކްޓިވް ނުވަތަ އަގުހެޔޮ، ބޭނުން ބޮޑަށް ފުދޭ ރަނގަޅު ގޮތެއް ހުށައެޅޭނަމައެވެ.  ދެން ބަޔާން ކުރާނީ މިހާރު އޮތް ގޮތް އިސްލާޙު ކުރަން  ދެން ހެދޭނެ ގޮތާއި ޓްރެކް އެންމެ ފުރަތަމަ އަޅަންވީގޮތެވެ.

އަޅުގަނޑަށް ހީވާގޮތުގައި ޓްރެކް ރަނގަޅަށް ބޭނުން ކުރެވޭނެގޮތް ހެދުމަށްޓަކައި، އެންމެ މުހިއްމީ އޭގެ ފުޅާމިން ބޮޑުކުރުމެވެ. މިއާއެކު މިހާރު ދެމެދުގައިވާ އަޑިތަން ނައްތާލުމެވެ. މިތަނަކީ ކުނި އެއްވާ، އެތަނުގެ އެދެވޭ ބޭނުމެއް ނެތް ތަނެކެވެ.

20160718_062958

މި ދެކަން އެއްފަހަރާ ޙާޞިލުކުރެވޭނެ ގޮތަކީ، ޓްރެކްގެ ބައެއްގެ ގޮތުގައި މި އަޑިތަން ނުވަތަ ކަންޒު  ހަމަޖެއްސުމެވެ. އެއް ކަންވާރުގައި ދެބުޅިޖެހުނީއެވެ. މިކަން ކުރުމަށްޓަކައި، ދެމެދަށް ވެލި އަޅައި، މަތީގައި ދެތިން އިންޗީގެ ތަޅުމެއް އަޅަނިކޮށް ރަނގަޅުވާނެއެވެ. ފެންހިއްދާވަޅުގަނޑުމަތީގައި ޖަހާފައިވާ ދާގަނޑު، ޓްރެކްއާ އެއްހަމައަށް އުފުއްލާނީއެވެ. މިއީ ހެދިފައިވާ ގޯސް ރަނގަޅުކުރުމަށް ކުރެވޭނެ އެންމެ ޚަރަދު ކުޑަ ގޮތެވެ.

newtrack2

ޖޮގިން ޓްރެކްްއެއް، ރާއްޖޭގެ އެއްވެސް ރަށެއްގައި ހަދާނަމަ، އެކަން ކުރަން އަޅުގަނޑަށް ފެންނަ ގޮތް ދަންނަވާލިޔަ ދެއްވާށެވެ. އެންމެ ފުރަތަމަ ކަމަކީ، ޕޭވްމަންޓް މަތީގައި ހިނގާ މީހުންނަށް ދަތިވާގޮތަށް ޖަހާފައިވާ ރުއްތައް، ގޮޑުދޮށާއި މަގު ވަކިކުރާ ފާރުން ބޭރުގައި، ގޮނޑުދޮށް ފަރާތުގައި ޖެހުމެވެ. މިކަމުގެ ސަބަބުން، ކުރިން ދެންނެވިހެން، ޤުދުރަތީގޮތް ބޮޑުވުމާއި، ޕޭވްމަންޓްގައި މީހުން ވެއްޓޭނޭ އަނދަވަޅުގަނޑު ނެތުމާއި، ވެލިގަނޑު ހިފެހެއްޓުން ހިމެނެއެވެ. ދެވަނައަށް މަގުމައްޗަށް އެޅޭ ފެން، ގޮނޑުދޮށަށް ފައިބައިގެން ދާގޮތަށް،  ފާރުގައި އާނގަތަކެއް ނުވަތަ ކެނޑުންތަކެއް ހުންނަންވީއެވެ. މިއީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނުވަތަ އުދަ އެރުމުގެ ސަބަބުން، މަގުގައި އެއްވެސް ގޮތަކަށް ފެން ނެހެދޭނޭ ގޮތެކެވެ. އަދި، ކާނުގެ މަތީގައި ގްރިލް(ދައު) ޖެހުމާއި ހޮޅިތަކެއްލުމާއި  ފެންހިންދާނޭ ވަޅުތަކެއް ހެދުމުގެ ޚަރަދު ނެތިދާނޭ ކަމެކެވެ. މިހާރު ހަދާފައި ހުރިގޮތުން، ބައެއް ކަހަލަ ހާލަތްތަކުގައި މަގުގައި ފެންބޮޑުވާނެއެވެ. ތިންވަނައަށް ކުރަންވީ ކަމަކީ، މަގާއި ޖޮގިން ޓްރެކް ވަކިކުރުމަށް، ހަ އިންޗީގެ ފާރު ބުރިއެއް ރާނަންވީއެވެ. މިފާރުބުރި ހުންނަންވާނީ މަގުގައި ހެދޭފެން، ގޮނޑުދޮށަށް ފައިބައިގެން ދާނޭހެން ތިންފޫޓު ތިންފޫޓުން ހައެއްކަ އިންޗީގެ ފުޅާ ކެނޑުންތަކެއް ލާފައެވެ. ޖޮގިން ޓްރެކް އާއި ހިނގާ ޕޭވްމަންޓް ވަކިކުރާނީ މިބައިގެ ދަމާލާ ދަވާދު ރޮަނގަކުންނެވެ. މިއީ އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ ގޮތެކެވެ. ތިރީގައި މިވަނީ މިގޮތުގެ ކުރެހުމެކެވެ.

newtrack

ޖޮގިން ޓްރެކްގައި ކޮންމެހެން ކޮންކްރީޓް އަޅާނޭ ކަމެއް ނެތެވެ. އެންމެ ރަނގަޅުވާނީ ގަލުގެ ބާވަތުންނާއި ކުލައިން ތަފާތުކުރިއްޔާއެވެ. މަގުމަތީގައި ހުންނަ ގައު ކަމު ނުދަނީވިއްޔާ، ދެ ފޫޓު ދެފޫޓުގެ ގައު އަތުރާ، ދޮޅު އިންޗި ދެ ގައު ދޭތެރޭގައި ބަހައްޓަނިކޮށް، ދެމެދުގައި ވިނަފަޅައި، ލޮލަށް ހިތްފަސޭހަވެފައި ފެން ހަރުނުލާނެއެވެ. ތިރީގައިވާ ފަދަ ގޮތަކަށެވެ. ތަފާތަކީ ދެގައު ދެމެދުގައި ދޫކޮށްފައިވާ ޖާގަ، ފޮޓޯގައި ބޮޑު ކަމެވެ.

Laying-Concrete-Pavers-in-Grass

ކޮންކްރީޓް ނަމަ، ޓްރެކްގެ ބޭނުމެއް ނެތިގެން ނަގާއިރު، ހުންނަ ހިލަކުނޑިން ކުރާނޭ ބޭނުމެއް ނޯންނާނެއެވެ. މާލޭގެ ޖޮގިން ޓްރެކްގައި ހުންނަނީ، ސްޓޭޑިއަމް ޓްރެކްތަކުގައި ހުންނަ ފަދަ، ދެތިން ސޫތު ބޯމިން ހުންނަ ޕްލާސްޓިކް ކުނަލެއް ތެރަސްލާ ތަތްކޮށްފައެވެ.  މިއީވެސް ބޭނުން ކަމެއް ނޫނެވެ. މިފަދަ އެއްޗެއް ޖެހުމުގެ މައިގަނޑު ބޭނުމަކަށްވާނީ، ދުވާއިރު ފައި ބިމުގައި ޖެހޭ ޖެހުމުން ލިބޭ  ޝޮކް ކުޑަކުރުމެވެ. ނަމަވެސް، ހަމަ މިކަން، ދުވަން އަރާ ބޫޓުން ވެސް ވާނެއެވެ. މިޒަމާނުގައި ހުސްފައިގައި ދުވަނީ ކޮންބައެއްތޯއެވެ؟ މި ޕްލާސްޓިކް ނަގަން ޖެހޭ  ދުވަހު އުފެދޭނޭ ކުންޏާއި، ލާންޖެހުނު ތެރަހާއި ކުލައާއި ޚަރަދާއި މަސައްކަތުގެ އަގާއި މިކަންކަމަށާއި ތިމާވެއްޓަށް ލިބޭނޭ ގެއްލުމާ މެދު ވިސްނަމާތޯއެވެ؟ އަދި ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވެލިއެޅި ތަތްވެ ހަރުވުމުން، ދެން ޝޮކް މަތަކުރެވޭނޭ މިންވަރާ ދޭތެރޭ ވިސްނަމާތޯއެވެ؟ އަދި، ވާރޭ ވެހި ކުނަލުގައި ފެން ހަރުލުމުން، ދުވާއިރު ފިޔަވަޅުޖެހުނީމާ ވާނެގޮތާ ދޭތެރޭ ވިސްނަމާތޯއެވެ؟

20160724_165153

ތިރީގައި އެވަނީ ބައެއް ޖޮގިން ޓްރެކްގެ ފޮޓޯއެވެ. އެއްވެސް އައުޓްޑޯރ ޓްރެކެއްގައި މިފަދަ އެއްޗެއް ޖަހާފައި ހުއްޓަތީ ފެނިވަޑައިގަންނަވާތޯއެވެ؟

tracksamples

އަޅުގަނޑު ހިތުން މިދަންނަވާލެވުނީ، މާލޭގައި ޖޮގިން ޓްރެކެއް އެޅިއިރު ކަންތައްތައް ކުރި އުނިގޮތްތަކަށް އިޝާރާތްކޮށް،  ބިނާވެށި ފަރުމާކުރުމުގެ މުހިއްމު މަޢުލޫމާތު ތަކެކެވެ. ތަނެއް ފަރުމާކުރާއިރު، އަގުހެޔޮކުރުމާއި ބޭނުން ފުދޭ ގޮތަށް އެކަން ކުރުމާއި ބޭނުންވާ ވަރަށް ވުރެ ވަރުގަދަކޮށް ނުވަތަ ބަލިކޮށް ތަން ނުހެދުމުގެ މުހިއްމު ކަމެވެ. ބޭނުން ކުރާތަކެއްޗާއި މިންވަރާއި ތަނުގެ ޢުމުރު ހަމަވުމުން، ހަލާކުކޮށްލަންށާއި އުފެދޭ ކުންޏާ ދޭތެރޭ ވިސްނުން ބެހެއްޓުމުގެ ބޭނުން ތެރިކަމެވެ. އަދި މިއާއެކު، ކުރިމަތި ވެދާނެ ނާދިރު ޙާލަތްތަކަށް ވިސްނާ ކަންކުރުމުގެ މުހިއްމު ކަމެވެ.

ކިތަންމެ ނޭދެވޭ ގޮތަކަށް ކަން ކޮށްފައިވިޔަސް، ޖޮގިން ޓްރެކެއް އޮތުމަކީ ކުރިއެރުމެކެވެ. ތަރައްޤީއެވެ. އަޅުގަނޑު ދެކޭ ހިތްވާ ގޮތަކީ މާލެވަށައިގެން ޖޮގިން ޓްރެކެއް އޮންނާނޭ ދުވަހެވެ. މާލޭގައި ޖޮގިން ޓްރެކެއް އަޅާނަމަ، އެކަމަށް އެންމެ އެކަށީގެންވީހީ މާލޭގެ ދެކުނުފަރާތު ތޮށީ ކައިރިއެވެ.  އެތޮށިލާ ނިމުމުން، އެތަނުގައި ދުވާނޭ ޓްރެކެއް އަޅާނޭ ކަމަށް އަޅުގަނޑު ހީކުރީމެވެ. އެއީ މަގުގެ ދިގުމިނާއި މަގުގެ ފުޅާކަމާއި އެއްފަރާތްކަމުންނެވެ. އެ ފުޅާމަގުގެ ޖާގަތައް ވަނީ ހުތުރު ގޮތަކަށް އިސްރާފުކޮށްފައެވެ. ނަމަވެސް، އެއީ އެހެން ވާހަކައެކެވެ.

divider12

އިންސާނާ ހެލިފެލިވެ އުޅުމަކީ ޞިއްްޙަތު ސަލާމަތުން ބެހެއްޓުމަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވަމުންދާއިރު އެވެ. އެހެންނޫނީ، ތަފާތުބަލިތައް ޖެހުމާއި ފަލަވުމާއި ހަކުރުބަލިން ނުވަތަ ލޭމައްޗަށް ގޮސްގެން މަރުވުން ވަނީވަރަށް ގާތުގައެވެ.  މިސަބަބަށްޓަކައި، ކޮންމެ ރަށެއްގައި ވެސް، މީހުން ދުވާނޭ ބިންގަނޑު ހަރު ވެލި ޓްރެކެއް ނަމަވެސް އޮތުމަކީ ބޭނުންތެރި ކަމެކެވެ. ޖޮގިން ޓްރެކެއްގައި މަދުވެގެން އެއް  ކިލޯމީޓަރު ހުރުމާއި ދޭތެރެ ދޭތެރެއިން ދުރުމިން ޓްރެކްގައި ދަވާދުން ލިޔެފައި ހުރުމަކީ ވެސް ބޭނުން ތެރިކަމެކެވެ. އެހެންކަމުން، މާލޭގައި މިފަދަ ތަނެއް އެޅުމަކީ މާލޭގެ ފްލެޓްތަކުގައި ބަންދުވެ، ހަރަކާތްތެރިކަން ނެތި އުޅޭ މީހުންނަށް ލިބުނު ފަސޭހައެކެވެ. މިހާރު އޮތް ޓްރެކް ފެނިފައި ދުވަން ނުވަތަ ހިނގަންދާހިތްވެދާނެ ބަޔަކުވެސް އުޅެދާނެއެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަ ކުރެވެނީ މާލޭގެ އާބާދީގެ ނިސްބަތުން ވަރަށް މަދު ބަޔަކު ނޫނީ އެތަން ބޭނުން ނުކުރާކަމެވެ. ރަށްރަށުގައި ޓްރެކް އަޅާނަމަ، ތަފާތު އިޖްތިމާޢީ ޙަރަކާތްތަކާއި މުބާރާތްތައް ރާވައިގެން ޢުމުރުން ދުވަސްވީ މީހުން، ޚާއްޞަކޮށް 50 ވަރަކަށް އަހަރަށް ވުރެ ދޮށީ މީހުން ލައްވާ، ކަސްރަތަކަށްވާފަދަ ކަންކަން ކުރުވުމަކީ ރަށްފުށް ތަރައްޤީވާނެ ކަމެކެވެ. ބޭސްފަރުވާ އަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އާސަންދައިގެ ބަޖެޓް  ކުޑަވެ، އާމްދަނީއާއި ރައްޔިތުންގެ އުފެއްދުންތެރިކަން އިތުރުވެ އުފާވެރިކަން ފަހިވާނޭ ކަމެކެވެ. މިއީ ކޮންމެ ރަށެއްގެ ޕަބްލިކް ހެލްތު ނުވަތަ ޢާއްމު ޞިއްޙަތާ ބެހޭ އިދާރާގެ ޒިންމާއެކެވެ. ނަމަވެސް، މިކަމާ އެއްވެސް ބަޔަކު ކަންބޮޑުވެގެން އުޅޭތީކީ ނުފެނެއެވެ. ހީވަނީ މިކަމާ މެދު ހޭލުންތެރިކަން އުފައްދަން ތިބި ފިރިހެނުން ވެސް މާ ފަލަވެ، ޙަރަކާތްތެރިކަން ކުޑަވެ، ކަމެއް ކުރަން ލަދުގަންނަނީ ހެންނެވެ. ދަރު އުނދުނު ދުމުން ކަޅުވެފައިވާ ތެއްޔެއް،  ސައިކުރާއާ ދިމާއަށް ”ހާދަ ކަޅޭ“ ގޮވަން އުނދަގޫވާނެ ތާއެވެ. އެވާނީ ގުދޯގުދޯ ގޮވުން ކަހަލަ ކަމަކަށެވެ.

މިހާރުވެސް، ދެކުނު އޭޝިޔާގައި، ނިސްބަތުން ފަލަ މީހުން އެންމެ ގިނައިން އުޅެނީ ދިވެހިރާއްޖޭގައި ކަމަށް ދިރާސާތަކުން ދައްކައެވެ.  ޚާއްޞަކޮށް މާލޭގެ މަގުމަތިން ފެންނަ ގިނަ އަންހެނުންނަކީ،  ފަލަ މީހުންނެވެ. މުޅި ރާއްޖެއަށް ބަލާއިރު، ޢުމުރުން 35 އަހަރަށް ވުރެ ދޮށީ އަންހެނުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަންހެނުން ފަލަކަމަށް މި ދިރާސާގައި ބުނެއެވެ. އިސްކޮޅުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އުނަގަނޑުގެ ވަށަމިން ބޮޑު ނަމަ، މީހާއަކީ ފަލަ މީހެކެވެ.