ތަރައްޤީވެފައިވާ ޤައުމުތަކުގައި ވައިރުކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދެއެވެ. އެ ބަދަލުތައް ރާއްޖެއިން އަދި ފެންނަމަކުން ނުދެއެވެ. މިގޮތުން، މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ ޑީބޯޑު ވައިރުކުރުމާ ބެހޭ މަޢުލޫމާތެވެ. އަޅުގަނޑު ފަށާނީ ޑީބޯޑު ނުވަތަ ޑިސްޓްރިބިއުޝަން ބޯޑު ވައިރުކުރާއިރު ބޭނުން ކުރާ ބަސްބާރ ބޭނުންކުރުމާ ބެހޭގޮތުންނެވެ.

ޑީބޯޑަކީ ގެއެއްގައިވާ ހުރިހާ ސާކިޓްތަކަކަށް އިލެކްޓްރިކް ހަކަތަ ބަހައިދޭ ފޮއްޓެވެ. މިފޮއްޓަށް އިހުގައި ކިޔަނީ ފިޔުޒު ބޮކްސް އެވެ. ތިރީގައި އެވަނީ ފިޔުޒު ފޮއްޓެކެވެ. ކުރިން، ބޮޑެތި ޢިމާރާތްތަކުގައި ނޫނީ ފިޔުޒު ފޮއްޓެއް ނުހުރެއެވެ. އެއީ އެ ދުވަސްވަރު އިލެކްޓްރިކް ހަކަތަ ބޭނުންކުރާ މިންވަރު މަދުކަމުންނާއި ގިނަ ފަހަރު މިފަދަ ފޮއްޓެއް ބޭނުންވެސް ނުވާތީއެވެ. ފިޔުޒު ފޮއްޓެއް ހުރެއްޖެނަމަ، އެ ވިރިގެން ކަރަންޓު ދާނީ އެއާ ގުޅޭ ސާކިޓުން އެކަންޏެވެ. މުޅި ޢިމާރާތަކުން ނޫނެވެ.

ސާކިޓަކުން މާ ގިނަ އިލެކްޓްރިކް ކަރަންޓު ނަގާނަމަ، އެ ސާކިޓެއްގެ ފިޔުޒު ހޫނުވެ ވިރޭނެއެވެ. އިނގިރޭސި ބަހުން ފިޔުޒުގެ މާނައަކީ ހޫނުވެގެން ދިޔާވުމެވެ.  ވިރުމެވެ. އިހުގައި ތަފާތު ޕްލާސްޓިކު ނުހުންނާތީ، ފިޔުޒު ހަދާފައި ހުންނަނީ ހޫނުވުމުން ގެއްލުމެއް ނުލިބޭނޭ ތަށިމުށިންނެވެ. ކޮންމެ ފިޔުޒެއްގައި ހިމަ ނަރުކޮޅެއް ވެއެވެ. ކަރަންޓު މަތިވި ވަރަކަށް މި ނަރުކޮޅު ހޫނުވަމުންދާނެ އެވެ. މާބޮޑަށް ކަރަންޓު މަތިވެއްޖެ ނަމަ، ހޫނުވެގެން ނަރުކޮޅު ވިރި، ގުޅުން ކެނޑޭނެއެވެ. ދެން އެ ސާކިޓަށް ކަރަންޓު ދިނުމަށް އަލުން ޖެހޭނީ، ހިމަ ނަރުކޮޅެއް އެ ފިޔުޒަށް ލާށެވެ. އެކި މިންވަރުގެ ކަރަންޓުން ވިރޭ ފިޔުޒު ނަރު، ފިހާރަތަކުގައި ކުރިން ވިއްކަން ހުރެއެވެ.

މި ޒަމާނުގައި ފިޔުޒުގެ ބަދަލުގައި ބޭނުންކުރަނީ ބުރޭކަރެވެ. ފިޔުޒަށް ވުރެ މި މޮޅުވާ ސަބަބަކީ، މަތީ ކަރަންޓެއް ސާކިޓަކުން ނެގުމުން (ފިޔުޒު ނަރު ވިރިއްޖެނަމަ، އަލުން ނަރުލުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި) ބުރޭކަރު އަލުން ޖެއްސުމުން ސާކިޓަށް ކަރަންޓު އަންނަ ކަމެވެ. މި ފަސޭހައިގެ އިތުރަށް މި ޒަމާނުގެ ބުރޭކަރު ހޫނުވުމުން ވެސް ބުރޭކަރު ވެއްޓުމުގެ އިތުރަށް އޭގައިވާ ދަގަތްފާނުގެ ބާރުން ވެސް މަތީ ކަރަންޓެއް ނަގައިފިނަމަ ބުރޭކަރު ވެއްޓެއެވެ. މީގެ އިތުރަށް ކޮންމެ މީހަކަށް ވެސް ބުރޭކަރު ޖެއްސިދާނެއެވެ. ނަމަވެސް ފިޔުޒު ވައިރުކުރުމަކީ ހުނަރު ބޭނުންވާ، ނުރައްކަލެއްވެސް އެކުލެވޭ ކަމެކެވެ.

ބަސްބާރ އާއި ބުރޭކަރު

މަތީގައި އެވަނީ، ކުޑަ ގެއެއްގެ ޑީ ބޯޑެކެވެ. އެންމެ ވާތް ފަރާތުގައި އެވަނީ ސަޕްލައި ނަރު ޑީބޯޑުން މުޅީން ވަކިކޮށްލެވޭ ގޮތަށް ލާފައިވާ ދެ ޕޯލް ސްވިޗެކެވެ. ދެ ނަރު އެއް ފަހަރާ ކެނޑޭ ސްވިޗެކެވެ. މިފަދަ ސްވިޗެއް ކޮންމެ ޑީބޯޑެއްގައި ލުމުން، ކުޑަތަންކޮޅެއް އަގުބޮޑު ވިޔަސް މަރާމާތު ވަރަށް ފަސޭހަވާނެއެވެ. ދެން އެއާ ޖެހިގެން އެވަނީ އީއެލްސީބީ އެކެވެ. ގޭގެ މީޓަރު ހަރުކޮށްފައިވާ ބޯޑުގައި އީއެލްސީބީއެއް ވާނަމަ، އާތުއަށް ލީކުވެގެން މި އީއެލްސީބީ ވެއްޓުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. އެއީ ކީއްވެގެން ތޯއެވެ؟  ކުރެހުން ސާދާ ކުރުމުގެ ގޮތުން އަޅުގަނޑު އާތު ނަރުތައް ގުޅާ ބަސްބާރ ތަޞްވީރުގައި ނުހިމަނަމެވެ. އީއެލްސީބީ އާ ޖެހިގެން އެވަނީ ފަސް ބުރޭކަރެވެ. އީލްސީބީގެ ކަނާތްފަރާތު ތިރީ ގުޅުމުން ހުރިހާ ބުރޭކަރަށް ފޭސް ލައިން އެ ދެނީ ބަސްބާރ އެއް މެދުވެރިކޮށެވެ. މިއީ ރާއްޖޭގައި މިކަން މިހާރު ކޮށް އުޅޭ ގޮތެވެ. މިއީ އެންމެ ރަނގަޅު ގޮތް ތޯއެވެ؟  މިގޮތުގެ މައްސަލަތަކަކީ ކޮބައިތޯއެވެ؟

މި ކުރެހުންތަކުގައި އާތު ހިމަނާފައި ނުވަނީ ކުރެހުން ދެނެގަންނަން ފަސޭހަ ކުރުމަށެވެ. ދަންނައެވެ. ފޮށީގެ ވަކި ފަރާތެއްގައި އާތު ހުރުމާ މެދު އެއްވެސް ގަވާއިދެއް ނޯވެއެވެ. އަދި ބުރޭކަރުތަކާއި ދެ ޕޯލް ސްވިޗް ވާތުން ކަނާއަތަށް، ކަނާއަތުން ވާތަށް ވެސް އެތުރޭނެއެވެ.  ބަސްބާރ ބުރޭކަރުގައި މަތީގައި ނުވަތަ ތިރީގައި ވެސް ހަރުކުރެވިދާނެއެވެ. މިކަމާ ބެހޭ ގަވާއިދެއް ވެސް ނޯވެއެވެ. އަދި ކިއެއްތޯއެވެ؟ އެމެރިކާގެ ގޭގޭގައި ބުރޭކަރުތައް ހުންނަނީ އަރިއަށެވެ.  ބަލަންވީ ކަމަކީ ގިނަ ނަރުތައް ޑީބޯޑަށް ވަދެފައި ހުރީ ތިރިންތޯ ނުވަތަ މަތިންތޯ އެވެ. ތިރިން ކަމުގައި ވަނީނަމަ، ބަސްބާރ މައްޗަށް ލުމަކީ ނަރުތައް ކުރުވާނޭ ކަމެކެވެ.

މަތީގައި އެވާ ޑީބޯޑު ވައިރުކޮށްފައި އެވަނީ ތަފާތު ގޮތަކަށެވެ. ތަފާތު ވަނީ ބުރޭކަރުތަކަށް ފޭސް ލައިން ދީފައިވާ ގޮތުގައެވެ. ހުރިހާ ބުރޭކަރުތަކަށް ފޭސް ލައިން ދީފައި އެވަނީ ދުރުގައިވާ ބަސްބާރ އެއް މެދުވެރިކޮށް ނަރުންނެވެ. ބުރޭކަރުތަކާއި ބަސްބާރ އާ ދެމެދުވާ ނަރުތަކަށް ކިޔަނީ ޖަމްޕަރ ނަރެވެ. މި ބަސްބާރ އަކީ އިސްކުރުޖަހައިގެން ނަރުގުޅޭގޮތަށް ހުރި ބަސްބާރ އެކެވެ.

އަޅުގަނޑުގެ ސުވާލަކީ މަތީގައި މި ދެންނެވި ދެގޮތުން ކުރެ ރަނގަޅީ ކޮން ގޮތެއް ތޯއެވެ؟

އެތައް ތަޖުރިބާއަކަށް ފަހު، އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތަކީ، ބުރޭކަރުތަކަށް ސީދާ ގުޅާ ބަސްބާރ ބޭނުން ނުކުރުމެވެ. މިކަމުގައި އަޅުގަނޑުގެ ނަޒަރުގައި މައިގަނޑު ދެ ގެއްލުމެއް ވެއެވެ.  އެއް މައްސަލައަކީ، ބުރޭކަރެއް ބަދަލުކުރަން ވެއްޖެނަމަ، ހުރިހާ ބުރޭކަރުތަކެއްގެ އިސްކުރުތައް ދޫކޮށް ބަސްބާރ ނަގައި، އަލުން ގުޅަން ޖެހޭ ކަމެވެ. ދެވަނަ މައްސަލައަކީ އެއްވެސް ސަބަބަކާ ހުރެ ބުރޭކަރެއް އިތުރުކުރަން ވެއްޖެނަމަ، ދެން ޖެހޭނީ ކުރީގެ ބަސްބާރ ނަގައި، އަލުން އެއް ދަތް އިތުރު ބަސްބާރ އެއް ގުޅާށެވެ. ބަސްބާރ ހަރުކުރާއިރު، ވަރަށް ފަރުވާތެރި ނުވެއްޖެނަމަ، ހުރިހާ ބުރޭކަރުތައް ކަތިވާން ހިފާނެއެވެ.

މިއާ ޚިލާފަށް، ދުރުގައިވާ އިސްކުރު ބަސްބާރ އަކާއި ޖަމްޕަރ ނަރެއް މެދުވެރިކޮށް ބުރޭކަރުތައް ގުޅާފައިވާ ނަމަ، ބުރޭކަރެއް ބަދަލުކުރަން، ނައްޓާލަންޖެހޭނީ އެ ބުރޭކަރުގެ ފޭސް ލައިން އެކަންޏެވެ. އިތުރު ބުރޭކަރެއް ޑީބޯޑަށް އިތުރުކުރަން ޖެހޭނަމަ، އައު ޖަމްޕަރ ނަރެއް ގުޅަނިކޮށް އެކަން ނިމުނީއެވެ.

ވައިރުކުރުމާ ބެހޭ ގަވާއިދުތައް ފަރުވާތެރިކަމާއެކު ކިޔުމުން މިދެގޮތް ވެސް ހުއްދަކަމަށް އަޅުގަނޑަށް ވިސްނުނެވެ. ޗައިނާގައި އަދި ވިއެޓްނާމުގައި ވެސް ބޮޅުގޮތަށް ލޫޕްލައިގެން ވައިރުކުރުން ހުއްދައެވެ. އެކަމުގައި ވިސްނަން ޖެހޭ ކަމަކީ މިކަން ކުރާ ނަރުގެ ފަލަމިން މުޅި ސާކިޓުންނަގާ ކަރަންޓާ އެކަށީގެން ވާން ވާނެކަމެވެ. މި ވާހަކަ މި ލިންކުގައި ވެއެވެ.

ވައިރުކުރާ ގަވާއިދުތަކުގެ ތެރެއިން، އެ ފެނުނު މީހަކު ހައިރާން ކުރުވާނެ އެއް ގަވާއިދަކީ، ވިއެޓްނާމުގެ ގަވާއިދެވެ. މި ގަވާއިދުގައި ކޮންމެ ސާކިޓެއް ފާރުގައި ނުވަތަ ތަޅުމުގައި ހުންނަން ޖެހެނީ ވަކި ހޮޅިއަކަށް ލާފައެވެ. ޑީބޯޑުތައް ވައިރުކުރާގޮތް މައުރަޒަކަށް ތައްޔާރުކުރާ ފަދައެވެ. ތިރީގައި އެވާ ފޮޓޯގައި ރަތްކުލައިގައި އެވަނީ އިލެކްޓްރިކް ސާކިޓެވެ. ނޫކުލައިގައި އެވަނީ ސްމާޓްހޯމްގެ އިލެކްޓްރިކް ނަރުތައް ލާ ހޮޅިއެވެ.

ކުދި ސާކިޓް ބްރޭކަރ އުވުން.

ރާއްޖޭގައި، ކުދި ސާކިޓް ބްރޭކަރުތައް މިހާރުވެސް ބޭނުން ކުރަމުން ދިޔަޔަސް، އެހެން ބައެއް ޤައުމުތަކުގައި އެ އުވިއްޖެއެވެ. އިނގިރޭސި ވިލާތާއި ޗައިނާ ފަދަ ޤައުމުތަކުގައި އެ ބްރޭކަރުގެ ބަދަލުގައި ބޭނުންކުރަނީ RCBO ކިޔާ ބާވަތެއްގެ ބްރޭކަރެކެވެ. މި ބާވަތަކީ އީއެލްސީބީ އާއެކުވާ ބްރޭކަރެކެވެ. މީގެ މަންފާއަކީ ކޮބައިތޯއެވެ؟

ގިނަ ގޭގޭގައި، ފޭސްނަރު އާތުވެއްޖެނަމަ، ގޭގެ އީއެލްސީބީ ވެއްޓި މުޅިގެއިން ކަރަންޓު ކެނޑޭނެއެވެ. މިކަމަކީ އުނދަގޫ ބޮޑު ކަމެކެވެ. އެކަން މައްސަލައަކަށްވާ އަނެއް ސަބަބަކީ، ގޭގައި މިހާރު ބޭނުންކުރާ އިލެކްޓްރޮނިކް ގިނަ ސާމާނުތަކުން، އާތުއަށް ކަރަންޓު ކޮންމެވެސް ވަރަކަށް ލީކުކުރާ ކަމެވެ. މިހެން ހަދަނީ، އިލެކްޓްރޮނިކް ސާމާނުތަކުން ހަމައެއް ނެތި އުފައްދާ ރާޅުތައް، (ނޮއިސް) ނަރުތަކުން އެކަހެރިކުރުމަށެވެ. މި ސަބަބާހެދި، ގިނަ އިލެކްޓްރޮނިކް ސާމާނު ގުޅައިފިނަމަ، އީއެލްސީބީ ވެއްޓޭ ވަރަށް އާތު ލީކްވެއެވެ. މި މައްސަލަ ހައްލުކުރަން ހެދި ގޮތަކީ މައިގަނޑު ކޮންމެ ސާކިޓެއްގައި، RCBO އެއް ހަރުކުރުމެވެ. އޭރުން އާތު ލީކު ބޮޑުވެއްޖެނަމަ، ކެނޑޭނީ އެ ސާކިޓް އެކަންޏެވެ. މުޅި ގެއިން ކަރަންޓު ކެނޑިގެން ނުދާނެއެވެ.

RCBO، ބުރޭކަރާ ވަރަށް ވައްތަރުވާނެއެވެ. ތަފާތަކީ ދިގުވުމާއި ބައެއް ބާވަތުގައި ނޫކުލައިގެ ނަރެއް މަތީކޮޅުން ނުކުމެފައި ހުރުމެވެ. މި ނޫނަރު ނުހުންނަ RCBO އެއްގައި ނަރު ގުޅާނެ ހަތަރު އިސްކުރުވަޅު ހުންނާނެއެވެ. އެހެންކަމުން ކުރިން ދެންނެވިފަދަ ބަސްބާރ ބޭނުންކުރެވޭކަށް ނޯވެއެވެ. ބައެއް ބޭރުގެ ޑީބޯޑުތަކުގައި ރާއްޖޭގައި ބޭނުންކުރާ ބާވަތުގެ ބުރޭކަރު މިހާރު އެއްވެސް ގޮތަކަށް ނުހުރެއެވެ.

ހުރިހާ ސުރުޚީތައް ހިމެނޭ ޞަފުޙާ