ދިވެހިބަހުގެ އެކެޑެމީއިން ދިވެހި އައު ލަފުޒުތަކެއް 27 ފެބްރުއަރީ 2025 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރިއެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި ބައެއް މީހުން އައު ލަފުޒުތަކަށް ވަރަށް ހަޖޫކިޔާ ހެއްޖެވެ.

މީގެ ކުރިން އަލަށް ހަދާ ލަފުޒުތައް ޝާއިޢުކުރަނީ ތަޞްވީރެއްގެ ގޮތުގައި ސޯޝަލް މީޑިއާގައެވެ. ”ބަސްތޫރަ“ ކިޔާ ސިލްސިލާ ތަޞްވީރުތަކެއްގެ ގޮތުގައެވެ. ތަޞްވީރު ގެ ގޮތުގައި ޝާއިޢުކުރުމުން، އިންޓަރނެޓުން އެ ބަސްތައް ހޯދަން ފަސޭހައެއް ނުވާނެއެވެ. އެހެންވެ، އަޅުގަނޑު އެ ލަފުޒުތައް އަލުން ލިޔެ ބަސްތޫރައިގެ ހުރިހާ ލަފުޒުތައް މި ވެބްސައިޓުގައި ފައުޅުކުރީމެވެ. އަޅުގަނޑުގެ މައިގަނޑު މަޤްޞަދަކަށް ވެފައި އޮތީ އެއްތަނަކުން ހޯދޭގޮތަށް، ގޫގުލް ފަދަ ވަސީލަތަކުން އައު ލަފުޒުތައް ފެންނަ ގޮތް ހެދުމެވެ. ކުރިން ޝާއިޢުކުރި ވެބްޞަފުޙާ ތިރީގައިވާ ތަޞްވީރަށް އޮބައިލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

މިއަހަރު ގެޒެޓުގައި ޝާއިޢުކޮށްފައިވަނީ 2023 ގައި އާއި 2024 ގައި އެކެޑެމީއިން ހެދި އައު ލަފުޒުތަކެވެ. މިލަފުޒުތައް ވެސް، ވަކިވަކިން ގޫގުލްއަކުން ނުހޯދޭނެއެވެ. އެހެންކަމުން، އަޅުގަނޑު ގަޞްދުކުރީ 2023 ގައި ނިންމި ލަފުޒުތައް އަލުން ލިޔެ، އެހެން މީހުންނަށް ފަސޭހައިން އެ ބެލޭނެ ގޮތް ހެދުމެވެ. އެއަހަރު ނިންމާފައިވަނީ ޖުމުލަ 88 ލަފުޒެވެ.

ކުރިން ޝާއިޢުކުރި ލަފުޒުތަކާ މެދު އަޅުގަނޑުގެ ޢާއްމު ޚިޔާލުތަކެއް ހަވާލާ ދެވުނު މަޒުމޫނުގައި ހިމަނާފައި ވާނެއެވެ. 2023 ގެ ލަފުޒުތަކާއި މާނަތަކަށް ވިލިކައި، އެކިއެކި ލަފުޒުތަކާ މެދު އަޅުގަނޑަށް ފެންނަ ޚިޔާލު، ދިވެހިބަހާ ދޭތެރޭ ޝައުޤު ހުންނަ ބޭފުޅުންނަށް ހުށަހެޅުމަކީ އެދެވޭ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

އާދަމްގެފާނަށް ފުރާނަ އަޅުއްވައި އެންމެ ފުރަތަމަ ދަސްފުޅުކޮށް އެރުވުނީ ހުރިހާ ތަކެއްޗަށް ކިޔާ ނަންކަމަށް ކީރިތި ޤުރްއާންގައި ވެއެވެ.  އިންސާނާ ވިސްނަނީ ލަފުޒުންކަން ސައިންސްވެރީން ބަޔާންކޮށްފައި ވެއެވެ. ގިނަ ލަފުޒުތައް އެނގުނު ވަރަކަށް ބުއްދި ފާގަތިވާކަން ޢިލްމުވެރީން ހާމަކޮށްފައި ވެއެވެ. އަދި ކިއެއްތަ! ވިސްނުމުގެ ފެންވަރު ބަލާ އައި.ކިޔޫ. ޓެސްޓްތަކުގައި ގިނައިން ހުންނަނީ އެކި ލަފުޒުތަކާ ބެހޭ ސުވާލުކަން އޭގެ ޓެސްޓު ހެއްދެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

އަޅުގަނޑަކީ ދިވެހި ބަހުގެ މީހެއް ނޫންކަމުގައި ވިއަސް، ދިވެހިބަހާއި ޤައުމިއްޔަތާ އޮންނަ ގުޅުމުގެ ސަބަބުން، ބަހުގެ ކަންކަމަށް ވަރަށް ފުން ޝައުޤުވެރިކަމެއް ހުރެއެވެ. އިނގިރޭސި ދިވެހި ބަސްފޮތެއް ހެދުމުގައި އަޅުގަނޑު އުޅޭތާ މިހާރު އެތައް އަހަރެއް ވެދާނެއެވެ. އެކި ބަސްބަހާއި އޭގެ މާނަ، އަޅުގަނޑުގެ އަތުން އޭ-4 ގެ 1000 އަށް ވުރެ ގިނަ ޞަފުޙާގައި ލިޔެވިއްޖެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން 2000 ވަނަ އަހަރު ނެރުނު ބަސްފޮތުގެ ސީޑީ، ޕްރޮގްރާމް ކުރީ އާދަމް ޚާލިދާއި އަޅުގަނޑެވެ. ރ. ނަޝީދުގެ ދައުރުގައި، އެ މަރުކަޒު އުވާލެއްވުމަށް ތަޢުލީމާބެހޭ ވަޒީރަކަށް ހުންނެވި މުޞްޠަފާ ލުޠުވީ އެންގެވުމުން، އެތަނުގެ މުވައްޒަފުންނާއި ޙަރަކާތްތައް ޙިމާޔާތްކުރަން އަޅުގަނޑު ކުރި މަސައްކަތް އެނގިވަޑައިގަންނަވާނޭ ބޭފުޅުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވި އެވެ. އެއް ފޮތެއްގެ ގޮތުގައި ދިވެހިބަސް ފޮތް އެންމެ ފުރަތަމަ ނެރުނީވެސް އެތަން ބެލެހެއްޓުމުގެ މަސައްކަތާ އަޅުގަނޑާ ހަވާލުވެފައި ވަނިކޮށެވެ. އެކެޑެމީގެ ބިލް އެކުލަވައިލައްވައި  ޚިޔާލަކަށް ޢަބްދުލްޢަޒީޒު ފޮނުއްވުމުން، އަޅުގަނޑާއި ޑރ ލަޠީފް އެރުއްވި ކޮމަންޓްތަކުގެ އީމެއިލް އަދި ފަހުން ފައުޅުކުރާނަމެވެ. މިކަންކަމުގެ ތަޖުރިބާތަކުގެ ތެރެއިން ލަފުޒުތަކާ ބެހޭ ބައެއް ކަންކަން އަޅުގަނޑަށް ރޭކާލާފައި ވެއެވެ. ދިވެހި ބަހަށް އަޅުގަނޑު ހުންނަ ޝައުޤަކީ ދިވެއްސަކަށް ވީތީ ހުންނަ ޝައުޤުވެރިކަމެކެވެ.

”ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ…. އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެ ނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިވެހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމު ވެސް ނުދަންނަވާނަމެވެ.“

މައުމޫން ޢަބްދުލްޤައްޔޫމް

ފަތްތޫރަ ޢަދަދު 1

މިހާސަރަށް ފަހު، ތިޔަ ބޭފުޅުން ވަޒަންކުރެއްވުމަށް ތިރީގައިވާ ތާވަލުގައި އެވަނީ 2023 ގެ ބަސްތޫރައިގައި ހިމެނޭ ލަފުޒުތަކާ މެދު އަޅުގަނޑުގެ ބައެއް ޚިޔާލެވެ. އަޅުގަނޑުގެ ޚިޔާލުތައް ހިމަނާފައި އެވަނީ މުށިކުލައިން (ނޯޓު) މިހެން ލިޔުމަށް ފަހުއެވެ.  2024 އަށް ނިސްބަތްވާ އައު ލަފުޒުތައް ފަހުން ގެނެސްދޭނަމެވެ. [ފޯނުން ކިޔުއްވާއިރު، ތާވަލުގެ ހުރިހާ ކޮލަމެއް ފެނިވަޑައިނުގަންނަވާ ނަމަ، ފޯނު އަނބުރާލައްވަނިކޮށް (ލޭންޑްސްކޭޕް މޯޑަށް ބަދަލުކުރައްވަނިކޮށް) މުޅި ތާވަލު އެއްކޮށް ފެނިވަޑައިގަންނަވާނެއެވެ.]

ލަފުޒު އިނގިރޭސި ލަފުޒު މާނަ
1
ވަގުތުރޮނގު
timeline ކަންތައްތަކެއް ހިނގާފައިވާ ނުވަތަ ހިނގާނޭ ވަގުތުގެ ތަރުތީބު އަންގައިދޭ ރޮނގު

ނޯޓު: ”ކަންތައްތަކެއް ހިނގާފައިވާ ނުވަތަ ހިނގާނޭ ވަގުތު ހިމެނޭ ތަރުތީބު“ [އިނގިރޭސި ބަހުން line ލަފުޒުގައި ހިމެނުނަސް މާނައިގައި ރޮނގުގެ ވާހަކަ މޮޅު ބަސްފޮތްތަކަކު ނުހިމެނޭ!]

2
އިނގިލީނިޝާން
fingerprint އިންސާނުންގެ އިނގިލިތަކުގެ ކުރީގައި ހުންނަ ކުރެހުމުގެ ބައްޓަން ނުވަތަ އޭގެ ނިޝާން. ކޮންމެ މީހެއްގެ ވެސް މި ނިޝާން ތަފާތުވާނެއެވެ. މިއީ ދޭދޭ ފަރުދުންގެ ތަފާތު ދެނެގަތުމަށް ބޭނުންކުރެވޭ ނިޝާނެކެވެ.

ނޯޓު: މާނަ ނުބައި. އިނގިރޭސި ބަހުން ފިންގަރ ބޭނުންކުރަނީ އަތުގެ އިނގިލިތަކަށް އެކަނި. ލިޔެފައިވާ ގޮތުން ހީވަނީ ފައިގެ އިނގިލިތަކުގެ ނިޝާންތައް ވެސް ހިމެނިދާނެހެން. ހުރިހާ އިނގިއްޔެއްގައި ހުންނަނީ އެއް ނިޝާން އެއް ކަމަށް ލިޔުމުން ހީވޭ. އަދި މިއިން އެކި މީހުންގެ ތަފާތު ދެނެގަނެވޭހެން ހީވޭ. ހުށަހަޅަނީ: ”ވަކި މީހެއް ދެނެގަތުމަށް ބޭނުންކުރާ އަތުގެ އިނގިލިތަކުގެ ކުރީގައި ހުންނަ ގުދުރޮނގުތަކުގެ ތައް.“ ތައް ދިވެހިބަހުން ކިޔަނީ ސަޠަޙައެއްގައި އެއްޗެއް އޮބުމުން އެއިން ޖެހޭ ނިޝާނަށް.

3
ތަރުބަވީ
nurturing ތަރުބިއްޔަތަށް ނިސްބަތްވާ.
4
މިންތީ
gender-related މިންތި (ނުވަތަ އިޖްތިމާޢީ ވެށީގައި އިންސާނުންގެ ޖިންސްގެ ގިންތި) އަށް ނިސްބަތްވާ.

ނޯޓު: މާނަ ލިޔާއިރު، ޖިންސް ގެނެސްފިނަމަ، އޮޅުމެއް އަރާނެ. ހުށަހަޅަނީ: މުޖުތަމަޢުއެއްގައި އަންހެނުންނާއި ފިރިހެނުންނަށް އެ މުޖުތަމަޢުއިން ދޭ ނުވަތަ އަށަގަނުވާ މަޤާމާއި  ސިފަތަކާއި އުޅުންތަކާއި ވައްޓަފާޅި އަށް ނިސްބަތްވާ.

5
ދޮރުކަޅި
peep hole ގެއެއްގެ ނުވަތަ ކޮޓަރިއެއްގެ ދޮރުން ބޭރުބެލުމަށް ޓަކައި ދޮރުގައި ހަރުކޮށްފައި ހުންނަ ކުޑަ ލެންސެއް. މި ލެންސުން ފެންނާނީ އެތެރެއިން ބޭރު އެކަންޏެވެ.

ނޯޓު: ދޮރެއްގައި ނޫނަސް، ޕީޕްހޯލް އެއް ހުރެދާނެ. އެހެންކަމުން ރަނގަޅު ގޮތަކީ، ”އޭގެ ތެރެއިން ބެލުމަށް އެއްޗެއްގައި އަޅާފައި ހުންނަ ވިދެއް، ޚާއްޞަކޮށް…“ ދެން މިހާރު އޮތް ބައި އިތުރުކުރަން. ނަމަވެސް ދޮރުފަތާއި ދޮރަކީ ތަފާތު ދެ އެއްޗެއް. ޕީޕްހޯލް ހުންނަނީ ގިނައިން ދޮރުފަތުގައި. ބައެއް ޕީޕްހޯލްގައި ލެންސެއް ނުހުންނާނެ. [ހުށަހަޅަނީ ކަޅީ ގެ ބަދަލު ވިދު ނުވަތަ ކޮއި – މި ދެ ލަފުޒުން ވެސް ހިމަ ލޯވަޅެއްކަން ދޭހަވޭ.]

6
ހިނގާރި
walkway ވަކި ވަކި ޢިމާރާތްތަކެއް ހުންނަ ހާމަ ސަރަޙައްދެއް ނުވަތަ ޕާކެއް ފަދަ ތަނެއްގެ ތެރޭގައި ހިނގުމަށް ޚާއްޞަކޮށް ހަދާފައި އޮންނަ ހަނި މަގު.

ނޯޓު: ދިވެހި އެތައް އެއްޗެއް ލިޔާއިރު، ޕާތު، ރެއިލް، ޓްރެކް، ރޫޓު، އޯބިޓް، ވޭ، އެލީ މިފަދަ އިނގިރޭސި ލަފުޒަށް ދިވެހި ލަފުޒު ބޭނުންވޭ. މި ލަފުޒުތަކަކީ އެއްޗެއް އަނެއް ތަނަކަށް ދާން އޮންނަ  މަގު. އެހެންކަމުން ”ހިނގާ“ ނުހިމެނޭ ހަނި މަގަށް ކިޔާނެ ލަފުޒެއް ބޭނުންވޭ. މައްސަލައަކީ މި ލަފުޒު ހަމައެކަނި ހިނގުމަށް ބޭނުން ކުރެވޭ ކަން. ބޮޑަށް ރަނގަޅުވާނެކަމަށް ފެންނަނީ ދުވާރު ގައި ހިމެނޭ ”ރު“ ބޭނުންކޮށް ހިނގާރު ކިޔުން.

7
އިޢުތިމާދީ
accredited އެއްޗެއްގެ ޞައްޙަކަން ނުވަތަ މީހަކު ކަމަކަށް ޤާބިލްކަން ބަޔާންކޮށްދޭ.
8
ވިލުންތެރި
resilient 1. ދިމާވާ ދަތި ޙާލަކުން އަރައިގަނެ ކުރިން ހުރި ޙާލަތަށް ރުޖޫޢަވުމުގެ ޤާބިލްކަން ހުރި. 2. ދެމުމެއް، ފިތުމެއް ނުވަތަ ލެނބުމެއްގެ ފަހުން އެއްޗެއް އިހު ހުރި ބައްޓަމަށް ނުވަތަ ހާލަތަށް ރުޖޫޢަވުމުގެ ޤާބިލްކަން.

ނޯޓު: 1. ނަން އިތުރަކަށް ވާނީ ”ޤާބިލްކަން ހުރި“ ލިޔުމުން 2. ރަނގަޅީ ވިލުންވެރި ތޯ؟ ފައިސާވެރި، ޙިކްމަތްތެރި މި ދެލަފުޒު ނިމޭގޮތަށް ވިސްނަވާ! 3. މި މާނައިގެ ކުރުލަފުޒެއް ޢަރަބި ބަހުގައިވޭ އެއީ مرن. މުރަނަ ދިވެހިބަހުން ބޭނުންކުރަނީ އިދި މާނައިގައި. އެހެންކަމުން ފިލުންތެރި މާނަ ނުކުންނާނެ މުރަނަ ނަފީކުރަނިކޮށް. ޢަރަބި އަދި އިނގިރޭސި ބަހުގައި ގިނަނަން އުފައްދަން ބޭނުންކުރާ އުސޫލު، މިސާލަކަށް man/men، ކިތާބު، ކުތުބު (އިންޓާނަލް ޕްލޫރަލް) ބޭނުންކޮށްގެން މުރަނައިގެ އިދި ލަފުޒަކީ ނުވަތަ ރެސިލިއަންޓްގެ މާނައަކީ މިރުނަ ކަމަށް ހެދިދާނެ.

9
ފަލަށި
radius އިންސާނާގެ އަތްދަނޑީގެ ދެ ކަށިގަނޑުގެ ތެރެއިން ބޮޑުވާ އިނގިއްޔާ ވީ ފަރާތުގައި ހުންނަ ކަށިގަނޑު.

ނޯޓު: މި ލަފުޒު އުފައްދާފައިވަނީ [ފަލަ] ކަ[ށި] އިން ކަމަށް ލަފާކުރެވޭ. މި ގޮތަށް ނަންކިޔާނަމަ، ހަށިގަނޑުގައިވާ 206 ކަށިގަނޑަށް ކިޔާނެ ނަން އުފައްދަން ދަތިވާނެ. ދެބާވަތުގެ ކައްޓެއް މުޅި ހަށިގަނޑުގައި ހުންނާނީ. އެހެންވެ ކުރިއަށް އަތްދަޑީގެ ވާހަކަ ގެންނަން ޖެހޭ. އުޅަބޮއްޓާއި ކުޑަހުޅާ ދެމެދަށް ދިވެހިބަހުން ކިޔަނީ ތުޅުލު (ޙަސަން އަޙްމަދު މަނިކު، ވަނަވަރު، 4). އެއް ހައްލަކީ މައިގަނޑު ކަށިތަކަށް ކިޔާނަން އެކަނި އުފެއްދުން. އެހެންކަށިތަކަށް މިހާރުވެސް ބޭނުންކުރާ ލެޓިން ބަހުގެ ނަންތައް ކިޔުން. އެހެނީ މި ފަދަ ބަސްބަސް ގިނައިން ބޭނުންކުރާނީ ބޭސްވެރިކަމުގައި ކަމަށް ވާތީ. އަދި އެހެން ޤައުމުތަކުގައި ވެސް މިކަން މިގޮތަށް ކުރާނޭ ކަމަށް ލަފާކުރާތީ.

10
ހިމަށި
ulna އިންސާނާގެ އަތްދަނޑީގެ ދެ ކަށިގަނޑުގެ ތެރެއިން ކުޑަވާ އިނގިއްޔާ ވީ ފަރާތުގައި ހުންނަ ކަށިގަނޑު.
11
ނާރިއްޔާތު
neurology 1. ނާރީ ނިޒާމާއި އެ ނިޒާމުގެ ބަލިތައް ދިރާސާ ކުރުމުގެ ޢިލްމު. 2. އިންސާނުންނާއި ދިރޭ އެއްޗެހީގެ ނާރުތަކާ ގުޅުން ހުރި.

ނޯޓު: ދިވެހިބަހުން ލޭ ދަތުރުކުރާ ހޮޅިއަށް ވެސް ކިޔަނީ ނާރު. ހަމަ މިއާއެކު އެކި ސިގްނަލްތައް ހަށިގަނޑުގެ އެތައް މިތަނަށް ފޮނުވާ ވައުތަކަށް ކިޔަނީވެސް ނާރު. ވީމާ، މިފަދަ ޢިލްމީ ސައިންޓިފިކް ގޮފިތަކަށް އިނގިރޭސި ނަން ބޭނުންކުރުން ރަނގަޅުވާނެ. އެހެން ބަސްތަކުގައި ވެސް އެންޑޮކްރިނޮލޮޖީއަށް ވަކި ލަފުޒެއް ހަދާނެހެން ހިޔެއް ނުވޭ. ލަފާކުރެވޭ ގޮތުން އަޑުގެ ހަމަތަކަށް އެ ފަދަ ލަފުޒު ބަދަލުކޮށްލާނީ.

12
ޒައުޖު
spouse ކާވެނީގެ ގޮތުން ގުޅިފައިވާ މީހާ.
13
އެޕް
app މޯބައިލް ފޯނާއި ކޮންޕިއުޓަރު ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކިއެކި މަސައްކަތް ފަސޭހަކަމާއެކު ކުރަން ހަދައިފައި ހުންނަ ޕުރޮގުރާމު

ނޯޓު: މާނަ ނުބައި. އެޕް އަކީ application ގެ ކުރުގޮތް. އެޕްލިކޭޝަން އަށް ޕްރޮގްރާމް މިހާރު ނުކިޔާ ސަބަބަކީ އެޕްލިކޭޝަންއެއްގައި އެތައް ޕްރޮގްރާމެއް ހިމެނޭތީ. މާނަ ލިޔެފައިވާއިރު އެހެން ކުށްތައް ވެސް ހިމެނޭ.

14
ގިޔަމު
values ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢު އެއްގައި ބަލައިގެންފައިވާ އަޚުލާޤީ މިޔާރުތައް ނުވަތަ ޢާއްމު މިންގަނޑުތައް.

ނޯޓު: މިއީ ސީދާ ޢަރަބި ލަފުޒު. ރަނގަޅުގޮތަކީ މަކަ ބޭނުންކުރުން. އެއީ ދިވެހި ލަފުޒެއް. މާނައަކީ އެކައްޗެއް. ކުރުވެފައި ދިވެހި އަޑުތަކަށް ފެތޭނެ.

15
ޢަމީދު
rector ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ހިންގުމުގެ އިސް ވެރިޔާ
16
ކަށިވެލި
1. ރާޅުކޮށް ހުންނަ ހުދުކުލައިގެ ފުއްބޮޑު ވެލި. 2. ފޮތިވެލި.

[ނޯޓު: ހުދުކުލައިގައި ވެލި ނުވާ ނަމަ އެ ކަށިވެއްޔަކަށް ނުވާނެތޯ؟]

17
އުސްލޫބު
style އަދަބިއްޔާތާއި ފަންނާއި މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ޢަމަލުތަކުގައި ހުންނަ ޚާއްޞަ ގޮތްތައް ނުވަތަ ފާޑުވެރިކަން ނުވަތަ ތަރީޤާ.

ނޯޓު: ސްޓައިލްއަށް ދިވެހި ލަފުޒު ފޭޑި ޢާއްމުކޮށް ބައެއް ލިޔުންތަކުގައި ބޭނުންކުރޭ. އެއްގޮތަކީ އޭޑި އަދި ފޭޑި މި ދެ ލަފުޒުގެ މާނަ ބޮޑަށް ތަފާތުކޮށް ސްޓައިލަށް އެއް ލަފުޒު ބޭނުންކުރުން.

18
ޖަމާނަން
collective noun ގިނަ ބަޔަކަށް ނުވަތަ ގިނަ އެއްޗެތިތަކަކަށް އެކުގައި ނިސްބަތްކޮށް ކިޔާ ނަން.
19
ލެބު
lab ލެބޯޓަރީގެ ހަލިގޮތް ނުވަތަ ކުރު ގޮތް.

ނޯޓު: އިނގިރޭސި ބަހުންކިޔަނީ ލެބޯރަޓަރީ.

20
ތައްގަނޑު ލަފުޒު
ލަފުޒެއްގެ އަޑު ތައްގަނޑަށް ބިނާކޮށް ހެދޭ ލަފުޒު.

ނޯޓު: މާނަ ބޮޑަށް ސާފުވާނީ މިސާލެއް ލިޔުނު ނަމަ.

21
ގެލިލަފުޒު
ލަފުޒުތަކެއް ދުލަށް ފަސޭހަވާގޮތަށް އެއްކޮށްލައިގެން ހެދޭ ލަފުޒު.

ނޯޓު: މާނަ ބޮޑަށް ސާފުވާނީ މިސާލެއް ލިޔުނު ނަމަ.

22
އިދި
އިދިކޮޅު ދޭހަކޮށްދޭ އެކަ.

ނޯޓު: އެކަ މިއީ ކޮން އެއްޗެއް؟

މިއީ antonym އަށް ކިޔާ ލަފުޒެއް ނަމަ، ރަނގަޅުވާނީ މިފަދަގޮތަކަށް ޢިބާރާތް ކުރުން: ”ލަފުޒަކުން ދޭހަވާ މާނައާ އިދިކޮޅު މާނަ ހިމެނޭ ލަފުޒު. މިސާލަކަށް ކަޅު – ހުދު. ދިގު – ކުރު.“ ހިސާބު ފޮތްތަކުގައި އިދި ބޭނުންކުރޭ ނެގެޓިވްއަށް، މިސާލަކަށް 5+ ގެ އިދި ޢަދަދަކީ 5- އެވެ. މިއީ މާނަކަމުގައި ވަނީނަމަ، މި ލަފުޒު ކިހިނެއްތޯ އެވެ؟ އިދި + ވަކަނަ (ސިންގަޅަބަހުން වචනය ލަފުޒު – ދިވެހި އަޑުން) = އިދިކަނަ. އެހެން ނަންތައް ހެދުމުގައި ވެސް، ލަފުޒު ކިޔުމުގެ ބަދަލުގައި ކަނަ ބޭނުންކުރެވިދާނެ. މިސާލީ singular – އެކަނަ ނަން.

23
ހިރިލަފުޒު
ލަފުޒަކާއި އެ ލަފުޒު ގުޅިގެން އުފެދޭ ޖަމާނަން.

ނޯޓު: މިހާރުވެސް ހިރި ބޭނުންކުރޭ even އަށް. ދޭކުން ގެއްލި ހުސްވާ ޢަދަދު. މިއިން މާނަކުރަނީ ދަރިވަރު – ދަރިވަރުން ކަމުގައިވާނަމަ، ހިރިލަފުޒަށް ވުރެ މާރަނގަޅު ލަފުޒެއް ހެދިދާނެ. މިހާރު ޢާއްމުކޮށް ބޭނުންކުރާ އުސޫލެއް ބަދަލުކޮށްލާ ހަމައަކީ މަޤްބޫލް ހަމައަކަށް ނުވާނެ.

24
އަޑުލަފުޒު
onomatopoeia އެއްޗަކުން ނުވަތަ ކަމަކުން އިވޭ އަޑާ ގުޅުވައިގެން ހެދޭ ލަފުޒު.

ނޯޓު: މިސާލެއް ގެނައި ނަމަ، ރަނގަޅުވީސް. މ. ޗީސްލާފައި ކައްސާލައިފި. ބަންލާފައި ވެއްޓިއްޖެ.

25
އިސްފަސްލަފުޒު
މަފުހޫމެއް ދޭހަކޮށްދޭ ދެ ލަފުޒެއް އިސްފަސްކޮށްގެން ހެދޭ ލަފުޒު.

ނޯޓު: މި ބާވަތުގެ ލަފުޒެއްގެ މިސާލެއް ބުނެދޭން ކަމާބެހޭ މީހެއްގެ ގާތުގައި އެދުމުން އޭނާ ބުނީ  އޭނާ ދެކޭގޮތުގައި ”އުނު އަންނަ“ އިން ”އަންނައުނު“ އުފައްދާފައިވަނީ އެގޮތަށް ކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަމަށެވެ.

26
ހަލިލަފުޒު
އާންމު އިސްތިޢުމާލުގައި ދުލަށް ފަސޭހަ ގޮތަކަށް ކުރުކޮށްގެން ބޭނުންކުރާ ލަފުޒު.

ނޯޓު: ހަލި ގެ މާނައަކީ އަވަސް. ނަމަވެސް މިމާނައިގައި ބާރުދެނީ ކުރުކޮށްލުމަށް. ލަފާކުރެވޭ ގޮތުން މާނަކުރަނީ ކެލްކިޔުލޭޓަރަށް މީހުން ކެލް، ޓެލިވިޜަން އަށް ޓީވީ ކިޔާ އުސޫލަށް. އެހެންކަމުގައިވާ ނަމަ، ކުރުކޮށްލުމަށް ބޭނުންކުރާ ބަސް ހިމެނުން މާ މުހިއްމު.

27
އަޑު މަޚުރަޖު
ލަފުޒެއްގެ އަކުރުތައް ކިޔާ އަޑާއި ރާގު.

ނޯޓު: މިއަށް އިނގިރޭސި ލަފުޒެއް ނޯވޭބާ!

28
ލޯނުލަފުޒު
ބޭރު ބަހަކުން ގެންނަ ލަފުޒު.

ނޯޓު: ލޯނު ލަފުޒަކީ އެއް މާނައެއްގައި، ކިޔާގޮތް މާބޮޑަށް ބަދަލުނުކޮށް ބޭރު ބަހަކުން ގެންނަ ލަފުޒު. މިސާލަކަށް، ލޯނު. ނަމަވެސް ރަދީފުއަކީ ލޯނު ލަފުޒެއް ނޫން. ޢަރަބި ބަހުން ޑިކްޝަނަރީއަށް ކިޔަނީ ރަދީފެއް ނޫން. ޢަރަބި ބަހުން ރަދީފު ކިޔާ އެކައްޗަކީ  އަހެއްގެ ފަހަތުގައި (އެ ދުއްވާ މީހާ އާ ޖެހިގެން) އިންނަ މީހާއަށް. މި ލަފުޒު ބަސްފޮތުގެ އެކި އަކުރުތަކަށް ކިޔަމުން އައީ މަޖާޒީގޮތުން، ޖެހިގެން އޮންނަ އަކުރަށް ނިސްބަތްކޮށް. ނަމަވެސް މިހާރު ބަސްފޮތަށް ރަދީފު އެބަ ކިޔާ!

29
މުލާޑު
ލަފުޒެއްގެ ފެށޭ އަކުރާއި ފިލި.

ނޯޓު: މިލަފުޒު އުފައްދާފައިވަނީ މުލަ އަޑުން ކަމަށް ލަފާ ކުރެވޭ. މުލަޑު ވެސް ރަނގަޅު ވީސް!

30
މުލާޑުލަފުޒު
acronym ލަފުޒުތަކެއްގެ މުލަ އަޑު ނުވަތަ ފެށޭބައި ބޭނުންކޮށްގެން ހަދާ ލަފުޒު.

ނޯޓު: މިސާލީ ދިވެހި ރާއްޖޭގެ ގުޅުން = ދިރާގު. ފެން، ނަރުދަމާ، ކަރަންޓު = ފެނަކަ. މިއީ ޚާއްޞަ ނަން ކަމުގައި ވިއަސް އުސޫލު އެއްގޮތް.

31
އަޑުތައްގަނޑު
ލަފުޒުތަކުގެ އަޑުއަޑުގެ އެއްގޮތް ބައްޓަން.

ނޯޓު: މި ބުނާ އެއްޗެއްގެ ދޭހަ އުނދަގޫ. އެއް މައްސަލައަކީ ލަފުޒުތަކުގެ މާނަ ލިޔާއިރު، އިނގިރޭސި ބަހުން ”ޕެޓަން“ ކިޔާ އެއްޗަށް ބައްޓަން ކިޔާކަން. ބައްޓަން ގެ މާނައަކީ ބަސްފޮތުގައިވާ ގޮތުން ބޭރުގެ ބުރު. ޕެޓަން އަކީ ޢާއްމު އިސްތިލާޙުގައި ނަމޫނާ. ނުވަތަ ތަކުރާރުވާ ސިފައެއް ނުވަތަ ކުރެހުމެއް. ކުޑަރިކިލު އިބްރާހީމް އަބޫބަކުރު މި މަފްހޫމަށް އޭނާގެ ބައްޕާ އޭނާއަށް އުނގަންނައިދެއްވީ ”މާދިރި“ ކަމަށް ވިދާޅުވި.

32
އުޅިލަފުޒު
ތާލު ހަމަވާ ގޮތަށް ހުންނަ ޖަމާ ނަންނަން. މީގެ ތެރޭގައި އެއް އަކުރަކުން ފެށޭ ތިން ލަފުޒުގެ އުޅިލަފުޒާއި އެއް އަކުރުތަކަކުން ނިމޭ ދެ ލަފުޒުގެ އުޅި ލަފުޒު ހުރެއެވެ.

ނޯޓު: މަތީގައި ބުނަން އެ އުޅެނީ ހިސާބުކިތާބު، ޚަބަރުދަބަރު ފަދަ ލަފުޒުކަމަށް ލަފާކުރެވެއެވެ. އުޅި އެއީ ރޮއްޖެއްގައި ހިމެނޭ ލީލިއެއް ނުވަތަ ވަކި އުޔެކެވެ. އޭގައި ހިމެނޭ ބައެކެވެ. ރަނގަޅުވާނެކަމަށް ފެންނަނީ ގިތާ ލަފުޒު ކިޔުންކަމަށް ލަފާކުރެވެއެވެ. ގިތާކުރުމަކީ ރޮއްޖެއް އެޅުމަށްޓަކައި ދެ އުޅި ނުވަތަ ތިން އުޅި އެއްކުރުމެވެ.

33
ސިޔާގު
context ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ނޯޓު: މާނަ ލިޔެފައިވާގޮތް ނުބައިކަމަށް ލަފާކުރެވޭ. ތިރީގައި އެވަނީ ލަފުޒުގެ މާނަ އަޅުގަނޑު ތަރުޖަމާކޮށްފައިވާ ގޮތެވެ:

”context

ކޮންޓެކްސްޓް. 1. ލަފުޒެއްގެ ނުވަތަ ޢިބާރާތެއްގެ މާނަ ކަނޑައެޅޭ، އެ ލަފުޒުގެ ފަހަތުން ނުވަތަ ކުރިން އަންނަ ލަފުޒު. ލަފުޒުގެ ގާތުގައިވާ ލަފުޒުތައް. ލަފުޒުގެ ވެށި. 2. ކަމެއް މެދުވެރިވާ ޙާލަތްތައް ނުވަތަ އެކަމުގެ ވެށި. މ. ހަނގުރާމައިގެ ކޮންޓެކްސްޓްގައި އަމިއްލަ މީހުންގެ މުދައު ސަރުކާރަށް ނަގައެވެ. out of context ޢިބާރާތަކާ ނުވަތަ ލަފުޒަކާ ގުޅިފައިވާ އެހެން ލަފުޒުތައް ނުހިމެނޭތީ ނުބައި މާނައެއް ދޭހަވާ.“

މިއާ ގުޅޭ ލަފުޒަކަށް ނިންމާފައިވަނީ ޢަރަބި ބަހުގެ ލޯނު ލަފުޒެއް. ރަނގަޅުވާނީ ދިވެހި ލަފުޒެއް ހެދުންކަމަށް ފެނޭ. ވެށީގެ ކުރިއަށް މިއާ ގުޅޭ އެއް އަކުރު ގެނެވިދާނެ. މިސާލަކަށް ބަވެށި. [ބަހުގެ ވެށި ކުރުކޮށްލާފައި]. މިއަށް ވުރެ ރަނގަޅު އެހެން ޚިޔާލުތަކެއް ކަމުގެ މާހިރުން ހުށަހަޅާފާނެ.

34
މުރާގިބު
observer 1. އަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލާ ނުވަތަ މޮނިޓަރ ކުރާ މީހާ ނުވަތަ ފަރާތް. 2. ވޯޓުލުމުގެ ހައިސިއްޔަތެއް ނެތި ކަމެއް ނުވަތަ ހަރަކާތެއްގައި ބައިވެރިވާ ފަރާތް.

ނޯޓު: މިއީ ޢަރަބި ލަފުޒު. އެހެންކަމުން، ލޯންވާޑް އެއް. ބޭނުންތެރި ލަފުޒަކަށް ވާތީ ދިވެހި އަޑާ ގުޅޭ ލަފުޒެއް ހެދުން މުހިއްމު. އިނގިރޭސި ލަފުޒު އައިސްފައިވާ ގޮތަށް ރިއާޔަތްކޮށް ހުށަހަޅަނީ މާނައަކީ ފާރަވެރިކަމާއެކު ބެލުން ކަމަށްވާތީ މިއިން ދިވެހި އަޑުތަކަށް ފެތޭ ލަފުޒެއް ހެދުމަށް.

35
ފަންނުވެހި
art gallery ސަގާފީ ގޮތުން ނުވަތަ ފަންނީ ރޮނގުރޮނގުން ހުނަރުވެރި މަސައްކަތްތައް ތަޢާރަފަކާ އެކު އާންމުކޮށް ދައްކަން ބަހައްޓައިފައި ހުންނަ އިމާރާތް ނުވަތަ ތަން.

ނޯޓު: ކުރީ ބަސްތޫރައެއްގައި ހޯލް އާއި ގެލަރީ އަކީ މާލަން ކަމަށް އިޢުލާނު ކުރެވިފައި ވެއްޖެ. ހ. ޝަފީޤުގޭ މަރްޙޫމް ޝަފީޤު ސާސްތުރަ ފޮތުގައި އާޓް ޒާތުގެ ހުނަރުވެރިކަމަށް ކިޔާފައިވަނީ ފުނަރު (މިއީ ދިވެހި ލަފުޒެއް). އެހެންކަމުން ރަނގަޅު ލަފުޒަކަށް ވާނީ ފުނަރުމާލަން.

36
ހަޔަވީ ސިންދަފާތު
biodiversity ދުނިޔޭގެ އެކި އެކި ވާސަތަކުގައި ވެހިވެފައިވާ ތަފާތު ޖަނަވާރާއި ދޫނިސުވާފޫޓްޕާއި ގަސްގަހާގެހި.
37
ރަހަފަތް
recipe ކާބޯތަކެތި ހަދާ ގޮތާއި ބޭނުންކުރާ ތަކެއްޗާއި މިންތައް އަންގައިދޭ އިރުޝާދު.

ނޯޓު: މި ލަފުޒު ކަމާ ވަރަށް ނުގުޅޭކަމަށް ފެނޭ. އެއް މައްސަލައަކީ ރަހަލެއްވުމަށް ތަފާތު ދިހަވަރަކަށް ފަތް ބޭނުންކުރާތީ އާއި މީގައި ޑޮކިޔުމަންޓްގެ މާނައިގައި ފަތް ލިޔެފައިވާތީ. އެއް ގޮތަކީ ފަރަންސޭސި ލަފުޒު ރެސިޕީ އޭގެ ގޮތުގައި ލޯންވާޑެއްގެ ގޮތުގައި ބޭއްވުން. އެހެން ކިތަންމެ ބަހެއްގައި ވެސް ރެސިޕީއައް ލަފުޒެއް ނުހަދާ. އަނެއްކަމަކީ މިހާރު ރެސިޕީ އެހެން މާނައިގައި ބޭނުންކުރާ ކަން. މިސާލަކަށް އަނބުއަތަރުގެ ރެސިޕީއަކީ ކޮބާ؟

38
ފާށާ
whistleblowing ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރާކުރުން ނުވަތަ ފާޅުކުރާ ކުރުން.

ނޯޓު: ފާށާ އަކީ ދިވެހިބަހުގެ ފޮނޯޓެކްޓިކްސް އަށް ނުފެތޭ، ދިވެހި ބަހުގެ އަޑުތަކާ ނުގުޅޭ ލަފުޒެއް. ވިސްލްބްލޯއިން އަކީ ކަށިގަނޑު ފުމުން. މިއީ އެހެންމީހުންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް. ރާއްޖޭގައި މިކަން ކުރާގޮތަކީ ސަންގުފުމުން. އެހެންކަމުން ލަފުޒު ހަދަންވީ ”ސަންގުފުމުން“ މި ލަފުޒު ބަދަލުކޮށްގެން ނުވަތަ މި މަފްހޫމުން.

39
ފާށާރު
whistleblower ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރާ ނުވަތަ ފާޅުކުރާ މީހާ.
40
ފާށާކުރުން
whistleblow ތަނެއްގައި ހިނގާ ގާނޫނާ ނުވަތަ ގަވައިދާ ޚިލާފު ކަމެއް ރިޕޯޓުކުރުން ނުވަތަ ފާޅުކުރުން.
41
ފުރޫޒު
assumption ދަލީލެއް ނެތް ހާލަތުގައި، ލިބިފައިވާ މައުލޫމާތު ނުވަތަ ތަޖުރިބާތަކަށް ނުވަތަ ލިސާންތަކަށް ބިނާކޮށް، ކަމެއް ހިނގައިފައިވާ ނުވަތަ ހިނގާނެކަމަށް ލަފާކުރާ ނުވަތަ ބުރަވާ ގޮތް.

ނޯޓު: ތިރި ބަލާ!

42
ފުރޫޒުކުރުން
assume ދަލީލެއް ނެތް ހާލަތުގައި ލިބިފައިވާ މައުލޫމާތު ނުވަތަ ތަޖުރިބާތަކަށް ނުވަތަ ލިސާންތަކަށް ބިނާކޮށް ހާދިސާއެއް ހިނގި ނުވަތަ ހިނގާނެ ކަމާއި ގޮތް ލަފާކުރުން.

ނޯޓު: މި ލަފުޒުގެ ދެ މާނައެއް އޮވޭ.

އެސޫމް. އެސިއޫމް. ކ. 1. ހެކި ނުވަތަ ސަބަބުނެތި ތެދުކަމަށް ބަލައިގަތުން. ކަމެއް ވުމުގެ ކުރިން ހެއްކެއް ނެތި އެކަމެއް ވެދާނެ ކަމަށް ނިންމުން. މ. we assume we shall win މޮޅުވާނެކަމަށް އަހުރެމެން ހީކުރަން. 2. ޒިންމާއެއް ނެގުން. މ. he assumed a greater responsibility އޭނާ ކުރިއަށް ވުރެ ބޮޑު ޒިންމާއެއް ނަގައިފި. 3. ކަމެއްގެ ސިފަ ގެނައުން (މ. he assumed a serious expression ސީރިއަސްކަމުގެ ވައްތަރު މޫނު މައްޗަށް ގެނެސްފި).

ފުރޫޒުކުރުން އޮތުމުން އެނގެނީ އެއީ މައް ދިވެހި ލަފުޒެއް ނޫންކަން. މިފަދަ ޢާއްމުކޮށް ބޭނުންކުރަން ޖެހޭ ލަފުޒު ރަނގަޅު ވާނީ ”ވިސްނުން“ ފަދައިން ”ކުރުން“ ބޭނުންކުރަން ނުޖެހޭ ގޮތަށް ހެދުން.

ހީކުރުމަކީ އެސޫމްއާ ވަރަށް އެއްގޮތް މަފްހޫމެއް. އައު ލަފުޒެއް ހަދަން ޖެހޭނަމަ، އެއްގޮތަކީ ކޮންމެވެސް އަކުރެއްގައި، ހީ ފަދައިން އީބީފިލި ޖަހައި މި މާނަ އެއަށް ދިނުން.

43
ތަރީގާތު
methodology ވަކި ދާއިރާއެއްގައި ދިރާސާކުރުމަށް ނުވަތަ އުނގަންނައިދިނުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ބޭނުންކުރާ ގޮތްތަކުގެ ނުވަތަ ތަރީގާތަކުގެ ނިޒާމު.

ނޯޓު: މަތީފެންވަރުގެ ދިރާސީ ޢިލްމުގެ އިސްތިލާޙުގައި މެތޮޑޮލޮޖީ އާއި މެތަޑް އަކީ ދެ އެއްޗެއް. އެކައްޗަކީ މެތަޑްތަކުގެ ޢިލްމު. މެތަޑަކީ ކަމެއް ކުރާ ގޮތް. ދިރާސާއާ ނުގުޅުވާ ވެސް މެތޮޑޮލޮޖީ ބޭނުންކޮށްފާނެ. ހުށަހަޅާގޮތަކީ: ”ވަކި ދާއިރާއެއް ނުވަތަ ޙަރަކާތެއް ދިރާސާކުރުމަށް ނުވަތަ ކަމެއް ކުރުމަށް ބޭނުންކުރާ އުސޫލުތަކާއި ގޮތްތަކާއި އެކަމުގެ ޢިލްމު.“

44
ވިސަ
pollutant ފެން ފަދަ ތަބީޢީ އުންސުރެއްގެ ސާފުކަން ނަގައިލާ ނުވަތަ ތަޣައްޔަރުކުރާ މާއްދާ.

ނޯޓު: މިއީ ބޯދާ ދިވެހި ބަހުން ވިހަ.

45
ވިސަޑު
pollution އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ނުވަތަ ތަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު.

ނޯޓު: ހަމަ މި އުސޫލުން ”ވިހަޑި“ މާ ދިވެހި އަޑުތަކާ ގުޅޭނެ ކަމަށް ފެނޭ. އެއީ ވިހަ އާއި ހަޑި އެކުލެވިފައިވާތީ. ވިސްނަވާ ”ކޮކަޑި“ މި ލަފުޒުގެ އަޑުތަކަށް.

46
ވިސަޑުވުން
pollute އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލުން ނުވަތަ ތަޣައްޔަރުވުން.
47
ވިސަޑުކުރުން
pollute އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ނަގައިލުން ނުވަތަ ތަޣައްޔަރުކުރުން.
48
މަގަތު މޭޒު
front desk އޮފީސް މަދަރުސާއާއި ހަސްފަތާލު ފަދަ ތަންތަނުގެ ލޮބީގައި އެތަނެއްގެ ހިދުމަތާ ބެހޭ މައުލޫމާތު ދިނުމަށް ހުންނަ މޭޒު.
49
ދުންފަރުދާ
smokescreen 1. ހަނގުރާމަ މަތީ އުޅަނދުފަހަރާއި ލަސްކަރު، ދުޝްމަނުންގެ ނަޒަރުން ވަންހަނާކުރުމަށް ޓަކައި، އުފައްދާ މަސްނޫއީ ދުމުގެ ވިލާގަނޑެއް. 2. ވަކި ކަމަކުން ނުވަތަ ވާހަކައަކުން ނުވަތަ ތުހުމަތަކުން މީހުންގެ ނަޒަރު އެއްފަރާތް ކުރުމަށްޓަކައި ވާހަކައެއް ހަދައިގެން މީހުންގެ ވިސްނުން އެހެން ފަރާތަކަށް ފިރުކައިލުމަށް ކުރާ މަސައްކަތް.
50
ބިންވެރިޔާ
ދިރިއުޅޭނެ ގޯއްޗެއް ލިބިފައިވާ މީހާ.
51
ބިންވެރިކަން
ދިރިއުޅޭނެ ގޯއްޗެއް ލިބިފައިވުން.
52
ބިންވެރިކުރުން
ދިރިއުޅޭނެ ގޯއްޗެއް ލިބިދިނުން.
53
ގެދޮރުވެރިޔާ
ދިރިއުޅޭނެ ހިޔާވައްސެއް ލިބިފައިވާ މީހާ.
54
ގެދޮރުވެރިކަން
ދިރިއުޅޭނެ ހިޔާވައްސެއް ލިބިފައިވުން.
55
ގެދޮރުވެރިކުރުން
ދިރިއުޅޭނެ ހިޔާވައްސެއް ލިބިދިނުން.
56
އިސްތިޢުމާރީ
imperialist ޤައުމެއްގެ މިނިވަންކަމަށް އުނިކަމެއް އަންނަ ނުފޫޒެއް ހުރި، ނުވަތަ އިސްތިޢުމާރަށް ނިސްބަތްވާ.

ނޯޓު: މާނަ ނުބައި. ރަނގަޅު ގޮތަކީ ”އެހެން ޤައުމުތަކުގެ ވަސީލަތްތަކުން މަންފާހޯދުމަށް، ބާރުގަދަ ޤައުމަކުން އެހެން ޤައުމުތަކަށް އަރައި ގަނެ، އަޅުވެތިކޮށް ނުވަތަ އެ ޤައުމުތަކުގެ ސިޔާސީ އަދި އިޤްތިޞާދީ ޙަރަކާތްތައް ކޮންޓްރޯލްކުރާ ސިޔާސަތާއި ޢަމަލުތަކަށް ނިސްބަތްވާ.“

57
ތިލަށި
metacarpals and metatarsals އަތްތިލައާއި ފައިތިލައިގެ ކުޑަހުޅާއި އަނގޫކަށިތަކާ ދެމެދުގައި ހުންނަ ކަށިތައް.

ނޯޓު: މިއަށް ދިވެހި ލަފުޒެއް ވޭ. މި ލަފުޒަކީ ”ކައި“. މި ނޫނަސް ހަށިގަނޑުގެ އެކި ތަންތަނަށް ކިޔާ ދިވެހި ނަންތައް، ޙަސަން އަޙްމަދު މަނިކުގެ ”ވަނަވަރު“ ގެ 3 ވަނަ ޢަދަދުގެ 7 ވަނަ ޞަފުޙާގައި ވޭ.

58
އަތްތިލަށި
metacarpals އަތްތިލައިގެ ކުޑަހުޅާއި އަނގޫކަށިތަކާ ދެމެދުގައި ހުންނަ ކަށިތައް.
59
ފައިތިލަށި
metatarsals ފައިތިލައިގެ ކުޑަހުޅާއި އަނގޫކަށިތަކާ ދެމެދުގައި ހުންނަ ކަށިތައް.
60
އަނގޫކަށި
phalange އަތްފައިގެ އިނގިލިތަކުގެ ކަށިކޮޅުތައް.
61
ސާކިޔުލަރު
circular އެއް އިދާރާއަކުން ގިނަ އިދާރާތަކަކަށް ނުވަތަ ވަކި ގިންތިއެއްގެ ހުރިހައި މުއައްސަސާއަކަށް ކަމެއް އެންގުމަށް ޓަކައި ފޮނުވާ ލިޔުން.

ނޯޓު: މި މަފްހޫމަކީ، ފަތްތޫރައާ ވަރަށް އެއްގޮތް ޚިޔާލެއް. އެ ލަފުޒު ވެސް ބޭނުންކުރެވިދާނެ. އަނެއް ގޮތަކީ، ފަތުގެ ބަދަލުގައި އެހެން މޮނީމެއް ބޭނުންކުރުން. މިސާލީ: މަކުތަބު (އޮފީސް) + ފަތްތޫރަ. މަކުތޫރަ. [މޮނީމް އަކީ ލަފުޒެއްގައި މާނައެއް ހިމެނޭ އެންމެ މަދު އަކުރާއި ފިލި. މިސާލަކަށް ރަތަފައި ގައި ދެ މޮނީމް ހިމެނޭ. ރަތަ = ރަތް، ފައި = ފައި.

62
ސަމާހަތް
tolerance ތިމާ ގަބޫލުކުރާ ގޮތްތަކާއި ސުލޫކާ ތަފާތު ޢަމަލުތައް އަނެކުންގެ ކިބައިން ފެނުނު ނަމަވެސް އެ ކަންކަމަށް ދޫދިނުމާ އެކު ނަފުރަތު ފާޅުނުކުރުމުގެ ސިފަ ނުވަތަ އުސޫލު.

ނޯޓު: ޢަރަބި ލަފުޒު.

63
ސަމާހަތްތެރި
tolerant ތިމާ ގަބޫލުކުރާ ގޮތްތަކާއި ސުލޫކާ ތަފާޓު ޢަމަލުތައް އަނެކުންގެ ކިބައިން ފެނުނު ނަމަވެސް އެ ކަންކަމަށް ދޫދިނުމާ އެކު ނަފުރަތު ފާޅުނުކުރުމުގެ ސިފަ ހުރި.
64
ސަމާހަތްތެރިކަން
tolerance ތިމާ ގަބޫލުކުރާ ގޮތްތަކާއި ސުލޫކާ ތަފާތު ޢަމަލުތައް އަނެކުންގެ ކިބައިން ފެނުނު ނަމަވެސް އެ ކަންކަމަށް ދޫދިނުމާ އެކު ނަފުރަތު ފާޅުނުކުރުމުގެ ސިފަ ހުރިކަން.
65
ތަންފޮތި
linen އެނދާއި މޭޒު ފަދަ ތަންތާ އަޅާ ފޮއްޗާއި ބާލީސް އުރައާއި ތުންފުހި ތުވާލި ފަދަ ފޮތި.

ނޯޓު: މިއީ އިނގިރޭސި ލަފުޒުގެ އެއް މާނަ. އަނެއް މާނައަށް ދިވެހިބަހުން ކިޔަނީ ކީއްތާނި. އެއީ ގަހެއްގެ އޮފިން ނަގާ އުޔެއް. އެއުއިން ފޭރާންކުރާ ފޮތި. މި އުޔަކީ ތަންތާ އަޅާފޮތި ފަދަ އެއްޗެތި ވިޔަން ބޭނުން ކުރާ އުއި. ކަފަ އުޔަށް ވުރެ އަގުބޮޑު އެއްޗެއް.

66
ހުއްދަވެރިން
authorized personnel ރަސްމީ ހުއްދަ ލިބިފައިވާ މީހުން.

ނޯޓު: ގިނަ ނަމަ ބޭނުންކުރަން ވާނީ ”ހުއްދަވެރީން“… ރ ގައި އީބީފިލި. މި ލަފުޒުން ބޮޑަށް ދޭހަވަނީ ހުއްދަ ދޭ ފަރާތްތައް.

67
ކާނާވެނި
food court ތަފާތު ބާވަތްބާވަތުގެ ކާނާ ވިއްކާ ތަންތަން ހުންނަ އެކުވެނި.
68
އަނަފާ
exploitation ނާޖާއިޒު ނަފާ ނުވަތަ މަންފާ ނަގާ ނެގުން.

ނޯޓު: އަނަފާއިން ދޭހަވަނީ ނަފާގެ އިދިކޮޅު… ގެއްލުން. އެކްސްޕްލޮއިޓޭޝަން އަކީ ނާޖާއިޒު އެއްޗަކަށް އަބަދަކު ނުވެދާނެ. އެހެންކަމުން، މި މާނަ ރަނގަޅުހެން ހިޔެއް ނުވޭ. މިއޮތީ އަޅުގަނޑު ލިޔަމުންދާ ބަސްފޮތުގައި މާނަލިޔުނުގޮތް:

exploit

އިކްސްޕްލޮއިޓް. އެކްސްޕްލޮއިޓް. ކ. 1. ޤުދްރަތީ ވަސީލަތްތައް ފައިދާއެއް ހޯދުމަށް ތަފާސްކޮށް، އެއްކޮށް، (މ. ދަގަނޑު ހުރި ހިލަ ބިމުން ނަގައި) ވިއްކުމަށް ނުވަތަ އެހެންވެސް ބޭނުމަކަށް ތަރައްޤީކުރުން. 2. އެއްޗެއްގެ ނުވަތަ މީހެއްގެ ފުރިހަމަ ބޭނުން ތިމާގެ އަމިއްލަ ފައިދާއަށް އަދި އެއެއްޗެއްގެ ނުވަތަ އެމީހެއްގެ ގެއްލުމަށް ކުރުން. ނ. exploitation.

ކުރުގޮތަކަށް އެކްސްޕްލޮއިޓޭޝަންގެ  މާނަ ލިޔެވޭނޭ އެއްގޮތަކީ: ”އެއްޗެއް ނުވަތަ މީހެއް ޢަދުލްވެރި ނޫން ގޮތަކަށް، އަމިއްލަ އުފަކާރައަށް ބޭނުންކުރުމުގެ ޢަމަލު.“

69
އަނަފާކުރުން
exploit ނާޖާއިޒު ނަފާ ނުވަތަ މަންފާ ނެގުން.
70
ފުރަދާރު
candidate 1. އިންތިޚާބަކަށް ކުރިމަތިލާ މީހާ. 2. ކެންޑިޑޭޓު.

ނޯޓު: ފުރަ އިން މާނަކުރަނީ އިސް، ފުރަތަމަ، އައްވަލު، މުލަ. ނަމަވެސް ކެންޑިޑޭޓްގެ މަފްހޫމުގައި އެ ޚިޔާލެއް ނުހިމެނޭ. ފަހު މޮނީމް ”ދާރު“ ރަނގަޅު. ނަމަވެސް ”ފުރަ“އިގެ ބަދަލުގައި ބޭނުންކުރަންވީ އެހެން މޮނީމެއް. ކަމަކަށް އުއްމީދުކޮށް ކުރިމަތިލާ މިފަދަ މީހުންނަށް އުރުދޫ ބަހުން ކިޔަނީ އުއްމީދުވާރު. އެ އުސޫލުން ހުށަހަޅަނީ އުއްމީދާރު.

71
ބަސްތޫރަ
ދިވެހިބަހުގެ އެކެދަމީއިން ޝާއިޢުކުރާ ދިވެހި ލަފުޒުތަކުގެ ރަސްމީ ތޫރައަށް ކިޔާ ޚާއްޞަ ނަން.

ނޯޓު: މި ލަފުޒަކީ ކުރީގެ ބަސްތޫރައެއްގައި ހިމެނޭ ލަފުޒެއް.

72
ދެނަވެށި
information society އިޤްތިޞާދީ ނުވަތަ ސިޔާސީ ނުވަތަ ސަގާފީ ހަރަކާތެއްގެ ގޮތުގައި މައުލޫމާތު އުފެއްދުމާއި ބޭނުންކުރުމާއި ފެތުރުމުގެ މަސައްކަތް ކުރާ މާހައުލު.

ނޯޓު: މާނަ ނުބައި. ހުށަހަޅަނީ ”ޓެކްނޮލޮޖީ ބޭނުންކޮށްގެން، މަޢުލޫމާތު އުފައްދައި، ފަތުރައި، ބޭނުންކޮށް، ބަދަލުކޮށް ހެދުމަކީ މުހިއްމު އިޤްތިޞާދީ، ސިޔާސީ، ސަގާފީ ޙަރަކާތަކަށް ވެފައިވާ މުޖުތަމައު.“ މިހާރު ހެދި ލަފުޒުން ދޭހަވާ މާނަ ވެސް މާހަނި. ”ދެނަވެށި“ އިން އިޝާރާތްކުރަނީ، މާ ހަނި ދާއިރާއަކަށް. ދެނަ ވެސް ކަމަކު ނުދޭ! ދެނަ އިން އިޝާރާތްކުރަނީ އޮޅުންފިލުވުމަށް. މަޢުލޫމާތަކަށް ނޫން. ކިތަންމެ ޢާއްމު ވިއަސް ”މަޢުލޫމާތު“ގެ ބަދަލުގައި ދެ ސިލަބްލް ހިމެނޭ ލަފުޒެއް ހަދަންޖެހޭ.

73
މޮޕު
mop އުއި ފަދަ އެއްޗަކުން ހަދައި ދަނޑިއެއް ލާފައި އޮންނަ ފެން ފުއސެއް. މިއީ ތަޅުން ފަދަ ތަންތަނުގައި ފެންފޮތިލާން ބޭނުންކުރާ އެއްޗެކެވެ.
74
މޮޕުލުން
mop ތަޅުން ފަދަ ތަންތަނުގައި މޮޕުން ފެންފޮތިލުން.
75
ފަރަލި
parallel 1. ދެމެދުގައި އެއް ދުރުމިނެއް އަބަދުވެސް ހުންނަ. 2. އިދި ދެ ބިތް އެއްވަރު، ހަތަރު ބިތް ހުންނަ ބައްޓަން.

ނޯޓު: 1985 އިން ފެށިގެން ހިސާބުގައި ބޭނުންކުރަމުން އަންނަނީ މި މަފްހޫމަށް ފާޓުހަމަ. އޭގެ ކުރިން 1960 ގެ ފޮތްތަކުގައި ހުންނަނީ މި މަފްހޫމަށް ”އެއްތެދު.“ މިސާލަކަށް ”ދިވެހިރާއްޖައި އެކިއެކި ކަންކަން ހިނގިގޮތް“ މިފޮތުގެ ޞަފުޙާ 2564 ބައްލަވާ!

76
ކަނދުބޯޓު
seaplane ފެނަށް ޖައްސާ މަތިންދާ ބޯޓު.

ނޯޓު: މާނަ ނުބައި. ރާއްޖޭގައި ޢާއްމުކޮށް ދުއްވާ ސީޕްލޭންއަށް ސީޕްލޭން ކިޔަނީ ދުލަށް ފަސޭހަވެގެން މަޖާޒީ މާނައިގައި. އިނގިރޭސި  ބަހުން އަޞްލު ކިޔަނީ floatplane. seaplane ކިޔަނީ އޭގެ ހަލް ކަނޑުގައި ޖައްސާ ބޯޓަށް. މީގެ ބޯޓު ރާއްޖެއަށް 1940 ގެ އަހަރުތަކުގައި އައި. ކަނދު ބޯޓު ހުންނަ ގޮތަށް ހަދާފައި ހުންނަ އޮޑިއަށް ކިޔަނީ ބަރާއޮޑި. މިއީ ދަނޑިއެއްގައި ކަނދު ހަރުކޮށްފައި އޮޑީގެ އެއް ފަރާތުން ނެރެފައި ހުންނަ، ޕެސިފިކް ގެ ޤައުމުތަކުގައި ދުއްވާ ކަހަލަ ދޯނި. ރާއްޖޭގައި ވެސް އިހުގައި ދުއްވި. ރަނގަޅު ގޮތަކީ ބަރާބޯޓު ކިޔުން. ނަމަވެސް، ބޯޓު ކަނޑުގައި ދުއްވާ އެއްޗިއްސަށް ކިޔާތީ، އެންމެ ފުރަތަމަ މަތިންދާބޯޓަށް ކުރު ނަމެއް ކިޔަން އެބަޖެހޭ.  މިސާލަކަށް ވައި އާއި ދޯނި، ބޮއްކުރާ، އޮޑި، ގުރާބު، … މިފަދަ ކަނޑުގައި ދުއްވާ އެއްޗެއްގެ ނަން އެއްކޮށްލައި ކުރުކޮށްގެން ނަމެއް ހެދުން. aeroplane ގެ ލަފުޒީ މާނައަކީ ވައިވަރަ. އެހެނީ މަތިންދާބޯޓެއްގެ އަސާސީ ސިފައަކީ ފިޔަހުރުން.

ޢަރަބިބަހުން ދޫންޏަށް ކިޔާނަމުން މަތިންދާބޯޓަށް ނަންކީ ފަދައިން ދޫނި އާއި އެހެން މޮނީމް އެއް އެއްކޮށްގެން ނަންހެދިދާނެ. ނޫނީ ދޫނީގެ ފިލި ބަދަލުކޮށްގެން ނަން ހެދި ދާނެ. މިސާލީ ދޫނި، ދޯނި….> ދޮނި.

77
ރިއާޔަތްކުރުން
consider ކަމެއް ނިންމާ އިރު އެކަމަކާ ގުޅުން ހުރި އެހެން ކަމަކަށް ބެލުން.

ނޯޓު: ކޮންސިޑަރ ގެ ފުރަތަމަ މާނައަކީ ބޮޑަށް ވިސްނުން. އަޅުގަނޑު ކޮންސިޑަރގެ މާނަ ލިޔެފައިވަނީ އަންނަނިވި ގޮތަށް: ”ކޮންސިޑަރ. ކ. 1. ވަކި ގޮތެއް ނިންމުމަށް ކަމަކާ ބޮޑަށް ވިސްނުން. އެއްޗެއްގެ ފައިދާ އާއި ގެއްލުންތަކާ މެދު ވިސްނުން. 2. އެހެން މީހުންގެ އިޙްސާސްތަކަށާއި ކަންކަމަށް ބެލުން. 3. ވެދާނެކަމެއް ކަމަށް، ތެދެއްކަމަށް ވިސްނުން. all things considered ހުރިހާ ގޮތަކަށް/ކަމަކަށް ވިސްނުންފަހު (ކަމެއް ކުރަން ފެށުމުގެ ގޮތުން).“

ރިއާޔަތް ކުރުމަކީ، ކޮންސިޑަރ އަށް ފަހުން ހިމެނި މަޖާޒީ މާނައެއް. އެހެންކަމުން، މިތަނުގައި އިނގިރޭސި ލަފުޒު ނުހިމެނުން ރަނގަޅުވާނެ.

78
އީސާރު
selflessness ތިމާގެ ނަފުސަށްވުރެ އަނެކާއަށް އިސްކަންދިނުމުގެ ސިފަ.

ނޯޓު: ރަނގަޅު މާނައަކަށްވާނީ، ”ތިމާގެ ބޭނުންތަކާއި އެދުންތަކަށް ވުރެ އެހެން މީހުންގެ ބޭނުންތަކާއި އެދުންތަކަށް އިސްކަންދޭ އަޅާލުމުގެ ސިފަ.“

ބެލެވޭ ގޮތުގައި، މިތާ މިވަނީ ޢަރަބި ލަފުޒު إِيثار ދިވެހީންނަށް ކިޔަން ފަސޭހަގޮތަށް ބަދަލުކޮށްފައި. ފާރިސީ ބަހުން ފިދާކާރީ އަކީ އީޘާރު. ފިދާކާރު އަކީ ނަންއިތުރު. ބޭފިދާކާރު އަކީ އޭގެ ނަފީ. މީގެން އިޝާރާތްކުރަނީ އަނެކާއަށްޓަކައި ފިދާވާ ވަރަށް ވިސްނުން.

ޢަރަބި ލަފުޒުގެ މައްސަލައަކީ މީގެ އިދި ލަފުޒު ފަސޭހައިން ނުހެދޭކަން. ވީމާ ”ހަރުދަނާ“ ފަދަ ތައްގަނޑަކަށް އެހެން ލަފުޒެއް ހަދަން ހުށަހަޅަން.

79
ސަމަކާރީ
efficient ކުޑަ ހޭދަޔަކުން ރަނގަޅު ނަތީޖާ ނެރެދޭ.

ނޯޓު: މި ލަފުޒަކީ އެތައް ގޮތަކަށް ފުރޮޅަށް ޖެހޭ ލަފުޒެއް. ލަފުޒުގެމާނައަކީ ފެން، ހަކަތަ، ވަގުތު، ފައިސާ، ތެޔޮ ފަދަ ވަސީލަތެއް ވީހާވެސް މަދުން ބޭނުންކޮށްގެން ބޭނުންވާ ނަތީޖާ ނުވަތަ އަސަރު ނެރެވޭ. މި ލަފުޒު އުފައްދާފައިވަނީ ކުރި ކަމަކާ ގުޅިގެން ނުކުންނަ އަސަރުން. މިއާ ގުޅޭ އެހެން ލަފުޒުތަކުގެ ތެރޭގައި އަންނަނިވި ލަފުޒުތައް ހިމެނޭ.

Effect  Effects  Effective  Effectively  Effectiveness  Effected  Effecting  Effector  Effectual  Effectually  Effectors  Effectuate  Effectuated  Effectuation  Effectivity  Effectives  Effectuating  Effectuates  Effecter  Aftereffects  Ineffective  Ineffectual  Ineffectiveness  Ineffectively  Ineffectually  Ineffectuality  Ineffectualness  noneffective

ވީމާ، ކަމެއްގެ އަސަރަށް އެންމެ ދެ އަޑުގެ ލަފުޒެއް ހެދުން މުހިއްމު. އޭރުން އެހެން ލަފުޒުތައް ހަދަން ފަސޭހަވާނެ.

80
ކަނާދު
nutrient ދިރުން ހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތް ކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު.
81
ތައުސީލު
coverage 1. ޚިދުމަތެއް ލިބެދެވޭ އާބާދީ ނުވަތަ ސަރަޙައްދު. 2. ޚިދުމަތެއްގައި ހިމެނޭ ކަންކަން ނުވަތަ އޭގެ މިންވަރު.

ނޯޓު: މުޅިން ދިވެހީންނަށް ފަރިތަ ނޫން تَوصِيل ތަޢާރުފުކުރުމުގެ ބަދަލުގައި މިކަމާ ގުޅޭ ފާރިސީ ލަފުޒު ރަނގަޅުވާނެކަމަށް ފެނޭ. އެހެނީ ކަވަރިޖްގެ މާނައަކީ ސްކޯޕް ނުވަތަ ރޭންޖް. މި މަފްހޫމަކީ ދާއިރާ. ފާރިސީ ބަހުން މިއަށް ކިޔަނީ ދާމިނާ. ވަކި ހައްދެއް ކަނޑައެޅިފައިވާ ދާއިރާ އަށް ކިޔަނީ މަޙްދޫދާ.

82
އިރުދު
solstice އަހަރުތެރޭގައި އިރު ޚައްޠު އިސްތަވާ ނުވަތަ ދެބައި ހަމައާ އެންމެ އުތުރަށް ދާ ދުވަހާއި އެންމެ ދެކުނަށް ދާ ދުވަސް. އާންމު ގޮތެއްގައި އުތުރު އިރުދު އަންނަނީ 21 ޖޫންގައެވެ. އަދި ދެކުނު އިރުދު އަންނަނީ 21 ޑިސެމްބަރު ގައެވެ.

ނޯޓު: މިލަފުޒު އުފައްދާފައިވަނީ އިރު އާއި ދުވަސް އެއްކޮށްގެން ކަމަށް ލަފާކުރެވޭ. ފަލަކީ ގޮތުން މިއީ ވަކި ހިނދެއް. ވަގުތެއް. އެހެންކަމުން އިރު + ހިނދު މިގޮތަށް ވެސް މި ލަފުޒު އުފެއްދީ ކަމަށް ބެލިދާނެ. އިނގިރޭސި ލަފުޒު އައިސް ފައިވަނީ އިރު ހުއްޓި ހުރުމަށް ނިސްބަތްކުރާ ލަފުޒުތަކުން. އެއީ ދުނިޔޭގައި ތިބޭ މީހުންނަށް މިކަން ފެންނާނޭ ގޮތް. އިރުދު solar day ފަދަ ކަމަކަށް ބާއްވާފައި، މި މާނަ ނުކުންނަ އެހެން ލަފުޒެއް ހެދުން ރަނގަޅު ވެދާނެ ކަމަށް ފެނޭ. އިރު+ހުއްޓި = އިރުޓި؟

83
އަދާގު
payment މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ އަގުގެ ގޮތުން އަދާކުރާ ފައިސާ.

ނޯޓު: މިއީ، [އަދާ]ކުރާ [އަގު] އިން ހަދާފައިވާ ލަފުޒެއް ކަމަށް ބެލެވޭ. އުރުދޫ ބަހުގެ ލަފުޒަކީ ވަރަށް ގާތްކުރާ ލަފުޒެއް: ادائیگی. އަޑު އިވޭ އިރު ހިތްގައިމު ނޫން ގޮތެއް އައު ލަފުޒުގައި ހުރޭ. އެންމެ ފުރަތަމަ ހަދަންވީ އަގު ދެއްކުމަށް ކުރު ލަފުޒެއް، pay. ދެން އެއަށް ފަހު  payment އަށް ލަފުޒެއް ހަދާނީ.

84
ނަސްލުހޭދު
genocide އިންސާނީ ނަސްލެއް ނައްތާލުމަށްޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ނޯޓު: މިލަފުޒު ކަމަކު ނުދޭ. މިގޮތަށް ނިމޭ އިނގިރޭސި 30 ވަރަކަށް ލަފުޒު ހިމެނޭ. މިސާލީ ޕެސްޓިސައިޑް. ރެޖިސައިޑް، މެޓްރިސައިޑް، ޖާމިސައިޑް.  އުފައްދާ ލަފުޒުވާންވާނީ އެހެން ލަފުޒުތައް ހެދުމަށް މަގުދައްކާ އެއްޗަކަށް. އިނގިރޭސި ލަފުޒު ގެ ފަހަތުގައިވާ -cide ގެ އަސްލުމާނައަކީ ޤާތިލް. ގިނަ ލަފުޒުތަކެއްގެ ފަހަތަށް ގުޅުވަން ރަނގަޅުވާނީ، ކުރު އަކުރުތަކެއް. އެހެންކަމުން ވިހަ ރަނގަޅުވެދާނެ. ކުރިން ވިހައަށް ކިޔަނީ ވިސަ. އެހެންކަމުން ނަސްލުވިސަ. ދެން އެއްޗެއް މަރާ ކޮންމެ ވިހައަކަށް ނުވަތަ ފަރާތަކަށް ފަހަތަށްލާ މޮނީމް ނުވަތަ މާނަ ހިމެނޭ އަޑުތަކުގެ ގޮތުގައި ވިސަ ބޭނުންކުރެވިދާނެ.

85
ހަވާލަތު
mandate ކަނޑައެޅިފައިވާ ބާރުތަކަކާ އެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ.

ނޯޓު: މި ޚިޔާލަށް އިޚްތިޞާސްވެސް ކިޔާތާ ވަރަށް ގިނަ ދުވަސްވެއްޖެ.

86
ކީމި
chemical މާއްދީ ޒައްރުތަކުގެ އެތުރުމަށް ބަދަލުގެނުވާ ގުޅުމަކުން އުފެދޭ އަސާސީ މާއްދާއެއް.

ނޯޓު: ޖެހިޖެހިގެން ދެންވާ ތިން އިނގިރޭސި ލަފުޒަކީ ދިވެހި އަޑުތަކަށް ފެތޭ ލަފުޒު. އެހެނީ ފުވައްމުލަކު އަދި އައްޑޫ ބަހުރުވައިގައި ލ ގައި ސުކުން ކުރުމަކީ ޢާއްމު ކަމެއް.  އެހެންކަމުން ކީމި ފަދަ ޢަރަބި ލަފުޒު ބޭނުންކުރުމަކީ ކޮންމެހެން ބޭނުންކަމެއް ނޫން. ކީމިގެ އެއް މައްސަލައަކީ ކީމިޔާ އަކީ މުޅިން އެހެން މާނައެއް ހިމެނޭ ދިވެހި ލަފުޒަކަށް ވާކަން.

87
ކީމީ
chemical ކީމިޔާ ޢިލްމަށް ނިސްބަތްވާ.
88
ކީމީފަރުވާ
chemotherapy ކީމީ މާއްދާތަކެއް ބޭނުންކޮށްގެން ކެންސަރު ފަދަ ބަލިބައްޔަށް ދޭ ފަރުވާ.
ހުރިހާ ސުރުޚީތައް ހިމެނޭ ޞަފުޙާ
ދިވެހި ބަހާ ބެހޭ މަޒުމޫނުތައް