ކޮންމެ މީހަކަސް ވެސް އޮޅުން ފިލާގޮތަށް

ދިޔަވަރު ކުޑަވެ ބޮޑުވާ ގޮތް – 1

މި މަޒުމޫނުގައި އަޅުގަނޑު މި ގެނެސްދެނީ ކަނޑުގެ ލޮނުގަނޑު އުސްވެ ތިރިވާވުން ނުވަތަ ދިޔަވަރު ގެ ސިއްރެވެ.  ދިޔަވަރު ހިކި ފޫދޭ ސަބަބެވެ. މިއީ ގިނަ ބަޔަކަށް ވަރަށް ގިނަ އައު މަޢުލޫމާތު ތަކެއް ހިމެނޭ މަޒުމޫނެކެވެ. ކިޔުއްވައިފި ނަމަ، މަޢުލޫމާތު ވަރަށް މުއްސަނދިވާނެއެވެ. އަޅުގަނޑުގެ މަޒުމޫނުތަކުގެ ޢާއްމު ދިގުމިނަކީ ދެ ހާސް ލަފުޒެވެ. ނަމަވެސް، ދިޔަވަރުގެ ސައިންސް އޮޅުންފިލާވަރަށް ކިޔާދިނުމަށް ގިނަ ކަންތައްތަކެއް ބަޔާންކުރަން ޖެހޭތީ، ދިޔަވަރުގެ ސައިންސް ގެނެސްދޭނީ ދެ ފަހަރަކުންނެވެ.

މި މަޒުމޫނު ލިޔުމަށް އަޅުގަނޑު ޤަޞްދުކޮށްފައިވާތާ ހައެއްކަ އަހަރު ވެއްޖެއެވެ. ނަމަވެސް، ކޮންމެ މީހަކަށް އޮޅުން ފިލާގޮތަށް، މި މަޢުލޫމާތު ކިޔައިދޭނޭ ގޮތަކާ މެދު ވިސްނުމަށް ވަގުތު ނުވުމާއި އެކު އެތައް އަހަރެއް ފާއިތުވެ ދިޔައީ އެވެ.

ރާއްޖޭގެ ގިނަ މީހުން ދިރިއުޅެނީ މޫދާ އެންމެ ދުއިސައްތަވަރަކަށް ފޫޓު ގާތުގައިކަމުން، ގިނަ ދިވެހީންނަށް ދިޔަވަރު ހިކުމާއި ފޫދުމާ (ބޮޑުވުމާ) ހަނދާ ގުޅިފައިވާ ކަން ތަޖުރިބާގެ ގޮތުން ދެނެގަނެވިފައި ވާނެއެވެ. ބައެއް މީހުންނަށް ފާހަގަ ކުރެވޭނީ، މެދުއުޑުގައި ހަނދު ހުންނަ އިރު ދިޔަވަރު ބޮޑުކަމެވެ. ނަމަވެސް އެންމެ ބޮޑު ވަނީ ހަނދު މެދުޖެހޭއިރަށް ވުރެ ގާތްގަޑަކަށް ގަޑިއެއްގެ އިރު ފަހުންނެވެ. މިއީ ކީއްވެގެން ހެއްޔެވެ؟

ދިޔަވަރާ މެދު ފާހަގަ ކުރެވޭނޭ އަނެއްކަމަކީ، ހަނދުމަހެއްގެ ތެރޭގައި ދިޔަވަރަށް އަންނަ ބަދަލެވެ. ހުޅެވި ހަނދު ހުންނަ ދުވަސްވަރު، އާދެ! ހަނދުމަހެއް ނިމޭދުވަސް ވަރާއި ފެށޭ ދުވަސްވަރު އަދި  ހަނދު ”ބޮޑުވާ“ ހަނދުވަރު ގަދަ ދުވަސްވަރު، ދިޔަވަރު ހިކޭއިރު މާބޮޑަށް ހިކޭނެއެވެ. ބޮޑުވާއިރު މާ ބޮޑަށް ބޮޑުވާނެއެވެ. މި ދުވަސްވަރާ ޚިލާފަށް މަހެއްގެ ދެވަނަ ހަފުތާ ފެށޭ ދުވަސްވަރާއި ތިންވަން ހަފުތާ ފެށޭ ދުވަސްވަރު، ހިކި ދިޔަ އާއި ބޮޑު ދިޔައާ އެހާ ބޮޑު ފަރަގެއް ނުހުންނާނެއެވެ. މި ދުވަސްވަރު، ދިޔަވަރު ހިކޭނީ ކުޑަކޮށެވެ. ބޮޑުވާނީ ވެސް ކުޑަކޮށެވެ. އެއީ ކީއްވެގެން ބާވައެވެ؟

ދުނިޔޭގެ ބައެއް ހިސާބުތަކަށް، ހިކި ދިޔައާއި ބޮޑު ދިޔައާ ދެމެެދު ސާޅީސް ފޫޓު ހުރެއެވެ. އަނެއް ބައި ހިސާބުގައި ދިޔަވަރަށް ބަދަލެއް ނާދެއެވެ. ހިކިދިޔައެއް ބޮޑު ދިޔައެއް ނާދެއެވެ.

ދިޔަވަރު ރަނގަޅަށް އޮޅުންފިލާ މީހަކަށް، އަދި ކުރިއަށް ލަފާކޮށް ދިޔަވަރު ހުންނާނޭ މިންވަރު ބުނެދޭން އެނގޭ މީހަކު ފަލަކީ ޢިލްމަށް ވަރަށް މޮޅުވާނެއެވެ. އެންމެންނަށް ތަޖުރިބާ ކުރެވޭ ކަމަކަށް ވިއަސް، ދިޔަވަރުގެ ސައިންސަކީ އޮޅުން ފިލަން ފަސޭހަ ޢިލްމެއް ނޫނެވެ. ނަމަވެސް ތަޢާރަފެއް ހުށަހެޅިދާނެއެވެ.  ގިނަ ފޮތްތަކުގައި ދިޔަވަރު ހިކިވެ، ބޮޑުވާ ގޮތް ލިޔެފައި އޮންނަނީ އަކީ ވެސް ރަނގަޅަކަށް ނޫނެވެ.

ދިޔަވަރު ދެނެގަތުމަށްޓަކައި، އަޅުގަނޑުމެން ޖެހެނީ ދުނިޔެ މި ހިމެނޭ އިރުގެ ނިޒާމް އަލުން ހަނދާންކޮށްލާށެވެ.

އުޑުމަތި ސާފު ރެޔަކު، އަނދިރި ތަނެއްގައި ހުރި ޖޯއްޔެއްގައި އޮށޯވެގެން އޮވެފައި، މަތި ބަލާލައިފި ނަމަ، ތިބާއަށް އުޑުން ފެންނާނީ، ފިޔަޖަހަމުންދާ އަލި ގުޅަތަކެކެވެ.  ގިނަ ދުވަސްތަކެއް ވަންދެން ބަލައިފިނަމަ، ބައެއް އަލިގުޅަތަކުގެ ދެމެދުވާ ދުރުމިން ބަދަލުުނުވެ، އެއް ދުރުމިނެއްގައި ވާތީ ފެންނާނެއެވެ. މި އަލިގުޅަތައް ހުންނަނީ ހަމަ ހުރިތަނުގައެވެ.  ނަމަވެސް، މަދު ބައެއް އަލިގުޅަ، ފަހަތުގައިވާ ތަރިތަކުގެ ކުރިމަތިން ދަތުރު ކުރާތީ ފެންނާނެއެވެ. މަތިންދާ ބޯޓެއް ނުވަތަ ސެޓެލައިޓެއް ނޫންނަމަ، މި އަލިގުޅަތަކަށް ދިވެހިބަހުން ކިޔަނީ ގުރަހައްޔެވެ. އިނގިރޭސިބަހުން ޕްލެނެޓެވެ. ދުނިޔެއަކީ ވެސް ޕްލެނެޓެކެވެ. ދުނިޔެއާއި އަދި އެހެން ގުރަހަލިތައް ދަތުރުކުރަނީ އިރު ވަށައިގެންނެވެ. އިރަކީ އަމިއްލަ އައްޔެއް އުފައްދާ ތަރިއެކެވެ. ގުރަހަލިތަކުގައި ހުންނަ އަލިކަމަކީ، އިރުން އެޅިފައިވާ ދަޅައެވެ. އިރުގެ ނިޒާމުގައި، 8 ގުރަހައްޔެއް ވެއެވެ. އެއީ މާރކަރީ (ނުވަތަ ޢުޠާރިދު) އާއި މާސް (ނުވަތަ މިއްރީޚު) އާއި ވީނަސް (ނުވަތަ ޒަހުރާ) އާއި ޖުޕިޓަރު (ނުވަތަ މުޝްތަރީ) އާއި ސެޓަން (ނުވަތަ ޒަހިލް) އާއި ޔުރެއިނަސް އާއި ނެޕްޗޫން އާއި ދުނިޔެ އެވެ. މީގެ އިތުރަށް އިރުގެ ނިޒާމުގައި،  އިތުރު އެހެން ފަލަކީ ތަކެތި ވެއެވެ. ކުރިން ގުރަހައްޔެއް ކަމަށް ކިޔަމުން އައި، ޕްލޫޓޯ، 2006 ވަނަ އަހަރު އެއީ ޕްލެނެޓެއް ނޫންކަމަށް ނިންމާފައި ވެއެވެ. އެއީ ޕްލޫޓޯ އާ ގާތުގައި ކުދިކުދި އެހެން ބޮޑެތި ގުޅަތަކެއް އެނބުރެމުންދާލެއް ގިނަކަމުންނެވެ. މިހާރު އިރުގެ ނިޒާމުގައިވަނީ 8 ގުރަހައްޔެވެ.

މުސްކުޅި ދިވެހިބަހުގައި، އިރު ވަށައިގެން އެނބުރޭ ނުވަތަ ދައުރާނާ ވަމުންދާ މި ގުރަހަލިތަކަށް ޚާއްޞަ ނަންތައް ވެއެވެ. މިގޮތުން ވީނަސް އަށް ކިޔަނީ ހުކުރު އެވެ. ކުރިން ސިކުރު އެވެ. މާސް އަށް ކިޔަނީ އަންގާރަ އެވެ. މާކަރީ އަށް ކިޔަނީ ބުދަ އެވެ. ޖުޕިޓަރަށް ބުރާސްފަތި އެވެ. އަދި ސެޓަން އަށް ހޮނިހިރު އެވެ. އާއެކެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. ހަފުތާގެ ބައެއް ދުވަސްތަކަށް ނަންދީފައިވަނީ ގުރަހަލީގެ ނަމުންނެވެ. ޔޫރެއިނަސް އާއި ނެޕްޗޫން އަށް ދިވެހި ނަމެއް ނެތީ އެ ދެ ގުރަހަލި ފެނުނީ ވަރަށް ފަހުން ކަމަށްވާތީ އެވެ. ކިޔުންތެރިން ޝައުޤުވެރިވާނޭ އަނެއް ކަމަކީ، ހަފުތާއަކު  ހަތް ދުވަސް އޮންނަންޖެހޭ ފަލަކީ އެއްވެސް ސަބަބެއް ނެތްކަމެވެ. ހަނދުމަހެއް 7 ދުވަހަށް ބަހާލީ މީގެ 4000 އަހަރު  ކުރިން ފެތުރުނު ބާބިލް ނުވަތަ ބެބިލޯނިއާ ޙަޟާރަތުންނެވެ. މިވެރިން ހަނދުމަހެއް ހަތަރު ބަޔަށް ބަހައި، ބޮޑަށް ފެންނަ ފަސް ގުރަހަލީގެ ނަމުން ދުވަސްތަކަށް ނަންދިނީއެވެ. މި ހަމައާ ޚިލާފުވަނީ ދެ ދުވަހެކެވެ. އެއީ އިރަށް ނިސްބަތްކޮށް ކިޔާ އާދީއްތަ ދުވަހާއި ހަނދަށް ނިސްބަތްކޮށްކިޔާ ހޯމަ ދުަވަހެވެ. ސަންޑެއި އާއި މަންޑެއި އެވެ. ސަންޑެއި އަކީ ސަން ނުވަތަ އިރުގެ ދުވަހެވެ. މަންޑެއި އަކީ މޫން ނުވަތަ ހަނދުގެ ދުވަހެވެ. ދިވެހިބަހުން ވެސް އާދީއްތަ އިން މާނަކުރަނީ އިރުގެ ދުވަހަށެވެ. ހޯމައިން މާނަ ކުރަނީ ހަނދުގެ ދުވަހަށެވެ. ދިވެހިބަހަށް  އާދިއްތަ އައިސްފައިވަނީ ސޭންސްކްރިޓް ކިޔާ މާކުރީގައި މަޝްހޫރުވި ބަހަކުންނެވެ. ސޭންސްކްރިޓް ބަހުން އިރަށް އާދިއްތަ ކިޔައެވެ އެބަހުން ހަނދަށް ކިޔާ އެއް ލަފުޒަކީ ސޯމަ އެވެ. ދިވެހިބަހަށް ބޭރުގެ ބައެއް ލަފުޒު ބަދަލުވާއިރު ސ ބަދަލުވަނީ ހ އަށެވެ.

ހުރިހާ ގުރަހައްޔެއް އެނބުރެނީ ނުވަތަ ދައުރާނާ ވަނީ އިރުގެ ވަށައިގެންނެވެ. ގުރަހައްޔެއް އިރު ވަށައިގެން ދަތުރުކުރަމުންދާ ނުވަތަ ދައުރާނާވާ މަގަށް ކިޔަނީ މަދާރު ނުވަތަ އޯބިޓެވެ. ތިރީގައި އެވާ ފޮޓޯގައި އިރުގެ ނިޒާމު އެވަނީ ގުރަހަލިތަކާއި ދުރުމިންތައް އެއް ފޮޓޯއަށް އަރާވަރަށް ބަދަލުގެނެސްގެން ކުރަހާފައެވެ.

Solar System Dhivehi Iruge Nizaam

ކަޅުފޮއެ މޫސުމެއްގައި، ރޭގަނޑު އުޑަށް ބަލައިލުމުން، އަޅުގަނޑުމެންނަށް ފެންނާނީ ކަޅު ބޮޑު ފޭއްޔެއް ފަދަ އެއްޗެއްގައި، ތަންތަން ކޮޅުގައި ތަރިތައް ވާތަނެވެ. ތަރިތައް ފިޔަޖަހާ ކަމަށް ފެންނަނީ ޖައްވުގައި ހިނގާ ވައިގެ އޮއިވަރުތަކުގެ  ސަބަބުން، ތަރިން އަންނަ އަލި ގުދުވާތީއެވެ. އުޑުގެ ބައެއް ތަންތަނުގައި ތަރިތައް ނެތްކަމަށް ފެންނަނީ އިންސާނާގެ ލޮލުގެ ބާރު ދެރަކަމުންނެވެ. ރޮކެޓެއް ފަދަ އެއްޗެއްގައި ޖައްވުން ބޭރަށް ނުކުމެ، އެއްވެސް ތަރިއެއް ލޮލަށް ނުފެންނަ ދިމާލެއް ދުރުމިއަކުން ބަލައިލުމުން، ފެންނަނީ ތަރިތަކުން އުޑު ފުނިޖެހިފައިވާ ތަނެވެ. ތިރީގައި އެވަނީ ޖައްވުން ބޭރުގައި ނަގާފައިވާ ފޮޓޯއެކެވެ. ތަރިތައް ގިނަކަމުން ހީވަނީ ވެލިފުއްތަކެއް ހެނެވެ. އެއްވެސް ތަރިއެއްގައި ފިއަޖެހުމެއް ނުހުރެއެވެ.

ގިނަ ގުރަހަލިތައް ވަށައިގެން ދައުރާނާވާ ހަނދުތައް ވެއެވެ. ހަނދެއް ނެތް ގުރަހައްޔަކީ އިރާ އެންމެ ގާތުގައިވާ މާކަރީ އާއި ވީނަސް އެވެ. އެންމެ މަޝްހޫރު ހަނދަކީ އަޅުގަނޑުމެންނަށް މި ފެންނަ މި ދުނިޔޭގެ ހަނދެވެ. ގުރަހައްޔެއް ވަށައިގެން ދައުރާނާވާ ހަނދަށް އިނގިރޭސިބަހުން ކިޔަނީ ސެޓެލައިޓެވެ. މި ބަހުގެ އަޞްލު މާނައަކީ މީހެއްގެ ފަހަތުން އަބަދު އުޅޭ ވަކިނުވާ މީހާ އެވެ. ހަނދަކީ ސެޓެލައިޓެކެވެ.

ބަރުދަނެއް ހުންނަ ކޮންމެ އެއްޗެއް އެހެން އެއްޗަކަށް ދަމާ ބާރު

ބަރުދަނެއް ހުންނަ ކޮންމެ އެއްޗެއް އެހެން އެއްޗަކާ ދަމާ ބާރެއް ޠަބީޢީ ގޮތުން ހުރެއެވެ. މިއީ ދަގަތްފާނަށް ދަގަނޑު ދަމާފަދަ ބާރެކެވެ. އެ ބާރުގެ ސިއްރެއް އަދިއެއް މީހުންނަކަށް ނޭނގެއެވެ. އެނގެނީ އެއްޗެއް ބަރުވި ވަރަކަށް އެއަށް ދަމާ ބާރު ގަދަވާކަމެވެ. އަދި އެއްޗެއް އެހެން އެއްޗަކާ ގާތްވި ވަރަކަށް ދަމާ ބާރު ގަދަވާކަމެވެ. ލެޓިން ބަހުން ބަރު އެއްޗެތި ސިފަކުރަން ބޭނުންކުރާ ލަފުޒަކީ ގްރެވިސް އެވެ. މިސާލެއްގެ ގޮތުން، ގްރެވިސް މީހަކީ ބަރު މީހެކެވެ. މި ލަފުޒުން އައު ލަފުޒެއް އުފައްދައި، ދަމާ ބާރަށް ކިޔަނީ ގްރެވިޓީ އެވެ.   ދިވެހީން ”ޖާޒުބިއްޔަތު“ ދަމާ ބާރަށް ކިޔައެވެ.

ޢާއްމުކޮށް ދުނިޔޭގައި ދިރިއުޅޭއިރު މި ބާރު އަހުރެމެންނަށް އިޙްސާސް ކުރެވެނީ އެއްޗެއް ނުހިފަހައްޓައިފި ނަމަ، އެ ބިން މައްޗަށް ވެއްޓޭތީއެވެ. އެއްޗެއް ބިންމައްޗަށް ވެއްޓެނީ ބިން އެއަށް ދަމާތީކަމެއް އިޙްސާސެއް ނުކުރެވެއެވެ. ބިންމަތީގައިވާ ދެ އެއްޗެއް އެކަތި އަނެއް އެއްޗާ ކައިރިއަށް ނުދަނީ އެހެން ހިފެހެއްޓުން ތަކުގެ ސަބަބުންނެވެ. ގިނަ ފަހަރު، ތަކެތި ކުޑަކަމުން ގްރެވިޓީ ދަށް ކަމުންނެވެ. ދުނިޔެއާ ދުރަށް ދިއުމުން ގްރެވިޓީ ދަށް ވެއެވެ. ޖައްވަށް ރޮކެޓްގައި ދާ މީހުން، އެމީހުން ދިރި އުޅޭ ކަމަރާގައި ތަކެތި ނުހިފަހައްޓަައިފިނަމަ، އެއްވެސް ތަނަކު ނުޖެހި އޮވެއެވެ.

ގްރެވިޓީ ގެ ބާރު ދެނެގަތުމަށް ގޭގައި ކުޑަ ތަޙުލީލެއް ކޮށްލެވިދާނެއެވެ. ފަތިގަނޑެއްގެ މެދުގައި ރޮއްޖެއް ޖަހައި ދެކޮޅުގައި ދެ ހިލަކޮޅު އައްސާށެވެ. ދެން މި ފަތިގަނޑު ދެކޮޅު ރަހައަށް އޮންނަ ގޮތަށް އެލުވާށެވެ. މިއަށް ފަހު، ބޮޑު ދެ ހިލަގަނޑު ފަތިގަނޑުގެ ދެކޮޅާ ގާތްކުރުމުން ފަތިގަނޑު އެނބުރޭތީ ތިބާއަށް ފެންނާނެއެވެ. ތިރީގައިވާ ހަރަކާތްކުރާ ކުރެހުމުން މިކަން ސާފުވެއެވެ. މިއޮތީ މިއަށް ވުރެ ސާފު ވީޑިއޯ އެކެވެ.

ހަނދު ދުނިޔެއާ ދުރަށް ނުދާގޮތަށް ހިފެހެއްޓިފައިވަނީ ގްރެވިޓީގެ ސަބަބުންނެވެ. ދުނިޔެ އިރާ ދުރަށް ނުދާގޮތަށް ހިފެހެއްޓިފައިވަނީ ގްރެވިޓީއިންނެވެ. މިތަކެތި އެކަތި އަނެއް އެއްޗާ ގާތް ނުވެ ވަކި މިންވަރެއްގައި ހިފެހެއްޓިފައިވަނީ އެތަކެތީގެ ދައުރާނާވުމުންނެވެ. އެއްޗެއް އެނބުރޭނަމަ، އެ އެއްޗެއްގެ ކިބައިގައި ދުރަށް ވިއްސައިގެން ދިއުމަށް ހުންނަ ބާރެއް ހުރެއެވެ. ގްރެވިޓީ އާއި މި ބާރު އެއްވަރު ވުމުން އެއްޗެއް އޭގެ މަދާރުގައި ނުވަތަ އޯބިޓްގައި ހިފެހެއްޓެއެވެ.

ދުނިޔެ އާއި އެހެން ގުރަހަލިތައް އެނބުރެމުން ގޮސް އިރާއި ދުރަށް ނުދެވެނީ އެކަތި އަނެއް އެއްޗަށް ދަމާ ބާރެއް ހުންނާތީ އެވެ. ފަހެ ކޮންމެ ދެ އެއްޗެއްގެ ދެމެދުގައި ވެސް، އެކަތި އަނެއް އެއްޗާ ދިމާއަށް ދަމާ ބާރެއް  ހުރެއެވެ. ފޯނު މީހާ އާ ދިމާއަށް ދަމައެވެ. އަދި މީހާ ފޯނާ ދިމާއަށް ދަމައެވެ. ފޯނާއި މީހާ ބިމާއި (މި ދުނިޔެ އާ) ދިމާއަށް ދަމައެވެ. ފޯނު ދޫކޮށްލައިފި ނަމަ، (ހިފަހައްޓާނެ ބާރެއް ނެތްނަމަ) ތިރިއަށް އެ ވެއްޓެނީ ބިމާ ދިމާއަށް ދަމާތީ އެވެ. އެހެންނޫންނަމަ، ދޫކޮށްލާތާ އޮންނަންވީ ނޫން ހެއްޔެވެ؟ ދެ އެއްޗެއް އެކަތި އަނެއް އެއްޗާ ދިމާއަށް ދަމާ ބާރަށް ކިޔަނީ ގުރެވިޓީ އެވެ. މި ބާރުގެ ސިއްރެއް އަދި އެއްވެސް ބަޔަކަށް ހޯދިފައެއް ނުވެއެވެ. މިއީ ދެ ޖިންސްގެ ދެ މީހަކު އެކަކު އަނެކަކާއި ދިމާއަށް ދަމާ ޖާޒުބީ ބާރު ފަދަ ބާރެކެވެ. އިންސާނާގެ ޠަބީޢަތުގައި މި ބާރު ލައްވާފައި ވެއެވެ. ހުރިހާ ދިރުން ހުރި އެއްޗިއްސާއި ދިރުން ނެތް އެއްޗެތީގެ ދެމެދުގައި ވެސް މިފަދަ ބާރެއް (ގުރެވިޓީ) ލައްވާފައި ވެއެވެ. މި ބާރު ދެއެތި ބަރުވި ވަރަކަށް ގަދަ ވެއެވެ. ކައިރިވި ވަރަކަށް ގަދަވެއެވެ. މިހާތަނުން ކިޔުންތެރިންގެ ހިތުގައި ސުވާލެއް އުފެދޭނެއެވެ. އެއީ ގުރަހަލިތައް އިރާއިދިމާއަށް އަދި އެކަތި އަނެއް އެއްޗާ ދިމާއަށް ދަމާނަމަ، އެ އެތަކެތި އިރާއި ދިމާއަށް ގޮސް އިރާއި އެކު ނުވަނީ ކީއްވެގެން  ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، ގުރަހަލިތައް އޭގެ އޯބިޓްތަކުގައި ދައުރާނާ ވާތީއެވެ. މިގޮތަށް ނޭނބުރޭނަމަ، އިރާއި ދިމާއަށް ދާނެއެވެ. އެނބުރޭ ކޮންމެ އެއްޗެއްގައި، އެއް ފަރާތުން ދުރަށް ވިއްސައިގެންދާން ހުންނަ ބާރެއް އުފެދެއެވެ. މި ބާރު އެނބުރުން ގަދަވި ވަރަކަށް ގަދަވެއެވެ. މިކަން ހާމަކުރަން ހަދާ އެއްގޮތަކީ، ބާލިދީއަކަށް ފެން އަޅައި ބާރަށް އެނބުރުމެވެ. ސީދާ ބޯމަތިން އެނބުރިއަސް ބާލިދީގައިވާ ފެނެއް ތިރިއަކަށް ފައިބައެއް ނުގަނެއެވެ. ފެން ހުންނަނީ ބާލިދީ ފުލުގައި ”ތަތްލާފައެވެ.“ އެހެން އެވަނީ، އެނބުރުމުގެ ސަބަބުން ބާލިދީ އާއި ފެން ބޭރަށް ވިއްސައިގެން ދާން އުޅޭ ބާރެއް ހުންނާތީ އެވެ. އަހުރެންނަށް މިކަން ފާހަގަވާ އަނެއްކަމަކީ، ބައެއް މީހުން ރޮށި ބޮޑުކުރަން ބައެއް ފަހަރު އަތްމަތީ އަނބުރާ އެބުރުމުވެ. ރޮށި ދަމަމުން ބޮޑުކުރުމުގެ ބަދަލުގައި އަތްމަތީ ވަށައިގެން އެނބުރުމުން އެ ބޮޑުވަނީ ފުށްތައް ބޭރަށް ވިއްސައިގެންދާން އުޅޭތީ އެވެ. ގުރަހަލިތައް ދުރަށް ވިއްސައިގެން ނުދާ ސަބަބަކީ، އިރާއި ގުރަހަލިތައް ގާތްވާން ހުންނަ ބާރު، ގުރަހަލިތައް އިރު ވަށައިގެން އެނބުރޭތީ ވިއްސައިގެން ދުރަށް ދާން ހުންނަ ބާރާ އެއްވަރު ވީމައެވެ. އެއީ ނަނެއްގައި ޖަހައިގެން ބޯޅައެއް އެނބުރުން ފަދަ ގޮތަކަށް ވާ ކަމެކެވެ. އަނބުރަނިކޮށް ނަނު ކެނޑިއްޖެ ނަމަ، ބޯޅަ ވިއްސައިގެން ދުރަށް ދާނެއެވެ. އެނބުރުން ހުއްޓާލައިފިނަމަ، ބޯޅަ ތިރިއަށް ވެއްޓޭނެއެވެ.

އިރާއި ދުނިޔެއާއި ހަނދު

އުޑުގައިވާ ގިނަ ތަކެތި އެނބުރެއެވެ. ދެބާވަތެއްގެ އެނބުރުން ވެއެވެ. އެއް ބާވަތަކީ، އެއްޗެއް އޭގެ ތަނޑީގައި އެނބުރޭ އެނބުރުމެވެ. އެއީ މީހަކު ހުރި ތަނުގައި ހުރެ އެނބުރޭގޮތަށް އެނބުރުމެވެ. އަނެއް އެނބުރުމަކީ އެއްޗެއް އެހެން އެއްޗެއްގެ ވަށައިގެން އެނބުރޭ އެނބުރުމެވެ. މިއީ ގެފުޅު ވަށައިގެން މީހުން ޠަވާފު ކުރާ ފަދައިން އެނބުރޭ އެނބުރުމެވެ. މި އެނބުރުމަށް ކިޔަނީ ދައުރާނާ ވުމެވެ. އިރާއި ދުނިޔެއާއި ހަނދު ވެސް އޭގެ ތަނޑީގައި އެނބުރެއެވެ. އަދި އެހެން ތަކެތި ވަށައިގެން ވެސް މި އެއްޗެތި އެނބުރެއެވެ.

ހަނދު އެނބުރެނީ ނުވަތަ ދައުރާނާ ވަނީ ދުނިޔެ ވަށައިގެންނެވެ. ގުރަހައްޔެއް ވަށައިގެން އެނބުރޭ އުޑުގައިވާ ތަކެއްޗަށް ކިޔަނީ ސެޓެލައިޓެވެ.  ހަނދަކީ ދުނިޔޭގެ ސެޓެލައިޓެކެވެ. ދުނިޔެ އިރު ވަށައިގެން ދައުރާނާ ވެއެވެ.

ދުނިޔެ ވަށައިގެން ހަނދު ބުރު އަޅަނީ، ދުނިޔޭގައި ހުރެ ބަލާނަމަ، ގާތްގަޑަކަށް 29.5 ދުވަހުންނެވެ. މިއީ ހަނދުމަހެއްގެ އެވަރެޖް މުއްދަތެވެ. އިރު ވަށައިގެން ދުނިޔެ ބުރެއްޖަހަނީ، ދުނިޔޭގައި ހުރެގެން ބަލާއިރު، 365.25 ދުވަހުންނެވެ. މިއީ މީލާދީ އަހަރެއްގެ ދިގުމިނެވެ. މިކަންކަން މިހެން ހިނގާއިރު، މި ތިން އެތިވެސް އެ އެއްޗެއްގެ ތަނޑީގެ ވަށައިގެން އެނބުރެއެވެ. ދުނިޔެ އޭގެ އަމިއްލަ ތަނޑީގެ ވަށައިގެން އެނބުރެނީ 24 ގަޑިއިރުންނެވެ. ދުނިޔޭގައި ހުރި މީހަކު ހަނދަށް ބަލާއިރު، ހަނދު އެނބުރޭކަމަކަށް ނުފެނެއެވެ. އަބަދުވެސް ހަނދުން ފެންނަނީ އެއް މަންޒަރެކެވެ. މިކަން މިހެންވާ ސަަބަބަކީ، ހަނދުގެ ދުނިޔެއާ ދިމާއަށް ހުންނަ ފަރާތް އަބަދުވެސް ދުނިޔެއަށް ކުރިމަތިވާގޮތަށް ހަނދު އޭގެ ތަނޑީގެ ވަށައިގެން އެނބުރޭތީއެވެ. ހަނދު އޭގެ ތަނޑީގެ ވަށައިގެން އެނބުރެނީ، ހަނދު ދުނިޔެވަށައިގެން ދައުރާނާވާ މުއްދަތުންނެވެ. އެއީ ދުނިޔޭގެ ހުރެގެން ބަލާއިރު 29.5 ދުވަހެވެ. ތިރީގައިވާ ކުރެހުމަކީ އިރުކޮޅެއް ވުމުން އިރާއި ދުނިޔެއާއި ހަނދުގެ ހަރަކާތްތަކާ އެއްގޮތަށް ހަރަކާތްކުރާ ކުރެހުމެކެވެ.

ތިރީގައިވާ ހަރަކާތްކުރާ ފޮޓޯއިން ފާހަގަ ކުރެވޭނީ ހަނދުގެ އެއް ފަރާތް ދުނިޔޭގައި ހުރި މީހަކަށް އަބަދު ފެންނާނީ ހަނދު އެނބުރިގެން ކަމެވެ. އެނބުރެން ޖެހޭނީ ދުނިޔެ ވަށައިގެން ހަނދު ދައުރާނާވާ އިރު، އަބަދުވެސް ދުނިޔެއަށް އެއް ފަރާތް ފެންނަ ގޮތަށެވެ. ދައުރާނާ ވާން ނަގާ މުއްދަތާއި ހަނދު އޭގެ ތަނޑީގައި އެނބުރެން ނަގާ މުއްދަތު އެއްވަރުވާން ޖެހޭނެއެވެ.

ފުރަތަމަ ބައި ނިންމާލުން

މި މަޒުމޫނުގެ ބޭނުމަކީ ދިޔަވަރު ކުޑަވެ ބޮޑުވާގޮތް އޮޅުން ފިލުވާދިނުމެވެ. މިކަން ދެނެގަތުމަށް ޖައްވުގައިވާ ބައެއް ތަކެތި ޙަރަކާތް ކުރާ ގޮތް އެނގެން ޖެހެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ބޮޑުވެ ކުޑަވާ އެއް ސަބަބަކީ ޖައްވުގައިވާ ތަކެތީގެ އަސަރުތަކާއި ދުނިޔޭގެ އެނބުރުމެވެ.

އިރާއި އިރު ވަށައިގެން އެނބުރޭ ހުރިހާ ގުރަހައްޔެއް އެ ތަކެތީގެ ތަނޑީގެ ވަށައިގެން އެނބުރެއެވެ. މިއާއެކު ހުރިހާ ގުރަހައްޔެއް އިރު ވަށައިގެން ދައުރާނާ ވެއެވެ. ބައެއް ގުރަހަލި ވަށައިގެން އެނބުރޭ ތަކެތި ވެއެވެ. މި ތަކެއްޗަށް ކިޔަނީ ސެޓެލައިޓެވެ. ހަނދަކީ ދުނިޔެ ވަށައިގެން ދައުރާނާވާ ސެޓެލައިޓެކެވެ.

އުޑުގައިވާ ތަކެތި ވަކި މަދާރެއްގައި ނުވަތަ އޯބިޓެއްގައި ހިފެހެއްޓިފައިވަނީ ދެ ބާރެއްގެ ސަބަބުންނެވެ. އެއް ބާރަކީ ގްރެވިޓީ އެވެ. މިއީ އެކަތި އަނެއް އެއްޗަށް ދަމާ ބާރެވެ. މި ބާރުން ހަނދު ދުނިޔެއާ ގާތްވެ އެކައްޗަކަށް ނުވަނީ ހަނދުގެ ދައުރާނާވުމުންނެވެ. އެއްޗެއް ދައުރާނާވާނަމަ، އެ އެއްޗެއް ދުރަށް ވިއްސައިގެންދާ ބާރެއް ހުރެއެވެ. ދޮންނަ މެޝިނަކުން އަންނައުނު ހިއްކަނީ މި ބާރުންނެވެ. މެޝިނަށް ތަކެތި ލައި އަނބުރާލުމުން ހުރިހާ ފެންތިކިތައް ދުރަށް ވިއްސައިގެންދާ ބާރަކުން އަންނައުނާއި ފެން ވަކިވަނީއެވެ.

ދެން ލިޔާ މަޒުމޫނެއްގައި ދިޔަވަރާ ބެހޭ އިތުރު މަޢުލޫމާތު ގެނެސްދޭނަމެވެ.

Click here for the Main Menu of Articles of Enduring Value!

ދެމިހުންނަނިވި ފައިދާ ހިމެނޭ މަޒުމޫނުތައް ބައްލަވަން މިތަނަށް ފިތާލައްވާ!