މުޙައްމަދު އަސަދުގެ

ކޮޕީކުރުމާ މެދު . . .

އިސްލާމީ އުއްމަތް ވެއްޓިފައިވާ ފުން ވަޅުގަނޑުން، ހުޅަނގުގެ ހަމަތައް ކޮޕީކޮށްގެން، އެރޭނެ ހެއްޔެވެ؟ މި މުހިއްމު ސުވާލު ބަހުސްކޮށްފައިވާ، ނުވަތަ މުނާޤަޝާކޮށްފައިވާ އެންމެ މަޝްހޫރު އެކަކީ މުޙައްމަދު އަސަދު ކިޔާ ޢިލްމުވެރިއެކެވެ. މިއީ އޭނާގެ މަޝްހޫރު އެއް ފޮތް ކަމުގައިވާ ”އިސްލާމް ދީން — ހަތަރު އަނގޮޅިއެއްގައި“ މިފޮތުގެ ފަސް ވަނަ ބާބުގެ ތަރުޖަމާއެކެވެ. އެ ބާބުގެ ނަމަކީ ”އޮން އިމިޓޭޝަން“ އެވެ. އިމިޓޭޝަން ގެ މާނައަކީ އެއްޗެއްގެ ބޭރުފުށު ސިފައާއި އެއްގޮތަށް ސިފަ ބަދަލުކޮށް، އުޅޭ އުޅުން ކޮޕީ ކުރުމެވެ. މިކަމަށް ދިވެހި ލަފުޒެއް އޮންނާނެކަން ކަށަވަރެވެ. ނަމަވެސް އެފަދަ ލަފުޒެއް ނޭނގޭތީ މި ބޭނުން ކުރަނީ ”ކޮޕީ ކުރުމާ މެދު . . .“  އެވެ. ޢަރަބި ބަހުން އުޅުމާއި ސިފަ ކޮޕީކުރުމަށް ކިޔަނީ ތަޤްލީދު ކުރުމެވެ. ނަމަވެސް ގިނަ ދިވެހީންނަށް މި ލަފުޒުވެސް ވާނި ”އިމިޓޭޝަން“ ފަދަ ލަފުޒަކަށެވެ.  ކުރިން ބަޔާންކުރި ފޮތަކީ އިސްލާމީ ފަލްސަފާގެ ފޮތެކެވެ.  ފަލްސަފާ ފޮތްތަކަކީ، ނޫސް މަޖައްލާ ފަދަ އާދައިގެ ޢިބާރާތުން ލިޔެފައި ހުންނަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، މި މަޒުމޫނަށް ރަނގަޅަށް އިންސާފު ކުރެއްވޭނީ ދެތިން ފަހަރު ކިޔުއްވައިގެންނެވެ.

މުޙައްމަދު އަސަދަކީ ޔަހޫދީ ދީނުގެ ދަންނަބޭކަލުންގެ ދަރިފަސްކޮޅަކުން އުފަންވި އޮސްޓްރިއާގެ މީހެކެވެ. މީނާއަށްޖަރުމަނު ބަހާއި ހިބްރޫ ބަހާއި ޢަރަބި ބަހާއި އުރުދޫ ބަސް ފަދަ ބަސްބަސް އެނގެއެވެ. ޢުމުރުން 26 އަހަރުގައި އިސްލާމްވުމަށް ފަހު، އޭނާވީ އިސްލާމީ ފަލްސަފާ ވެރިއަކަށެވެ.  އޭނާ ކޮށްފައިވާ ކީރިތި ޤުރްއާންގެ ތަރުޖަމާ އާއި ތަފްސީރަކީ އިނގިރޭސި ބަހަށް ކުރެވިފައިވާ ތަރުޖަމާ ތަކުން އެންމެ ރަނގަޅު އެއް ތަރުޖަމާކަމަށް ބުނެވެއެވެ. މިއޮތީ އޭނާއާ ބެހޭ އިތުރު މަޢުލޫމާތެވެ.

އިސްލާމީ ޙަޟާރަތު ނުވަތަ ސިވިލިޒޭޝަން ދެމިއޮތުމަށް، އަދި ވަކިން ޚާއްޞަކޮށް އިސްލާމީ ޙަޟާރަތަށް އައު ދިރުމެއް ގެނައުމަށް އޮތް އެންމެ ނުރައްކާތެރި ހުރަހަކީ ހުޅަނގުގެ އުޅުމާއި ގުޅުންތައް މުސްލިމުން ކޮޕީކުރުމެވެ. އަމިއްލަ ފަރުދުންނާއި މުޖުތަމަޢުންނެވެ. މިކަމަށް ބައްޔެކޭ ނޫނީ ދެންނެވޭކަށް ނެތެވެ. މި ޘަޤާފީ ބަލި ފެށިފައިވަނީ މީގެ އެތައް ދޮޅަސް އަހަރުގެ ކުރިންނެވެ. ހުޅަނގުގެ މާއްދީ ބާރާއި ކުރިއެރުން ދެކި، މުސްލިމް މުޖުތަމަޢު ވެއްޓިފައިވާ ބިކަ ހާލު ހިތަށް އަރާ ނާއުއްމީދުވި މުސްލިމުންގެ ކިބައިންނެވެ. މި މީހުންނަށް ހީކުރެވުނީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަރައްޤީއާ އެއް ހަމަައަކަށް އިސްލާމީ ދުނިޔެއަށް އާދެވޭނީ، ހުޅަނގުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ އުޞޫލުތައް، އިސްލާމީ އުއްމަތުން  ދަރިކޮށްގެން ނުވަތަ ތަބައްނަކޮށްގެން ކަމަށެވެ. މިކަމުން އެނގެނީ މުސްލިމުންނަށް ދީނީ ކަންތައްތައް ނޭނގޭ މިންވަރެވެ. މި ޚިޔާލު، އިސްލާމީ މުޖުތަމަޢުގައި އުފެއްދި އެންމެ ބޮޑު ބަޔަކީ ހަނިކޮށް ވިސްނާ ދީނީ ޢިލްމުވެރިންނޭ މިކިޔާ މީހުންނެވެ.

އިސްލާމީ އުއްމަތް، އެތައް ޒަމާންތަކެއް ވަންދެންް ދިރުމެއްނެތި، ފާންވެފައި އޮތެވެ. އުއްމަތް މިހެން އޮއްވައި، އިސްލާމުންގެ ތެރެއިން ގިނަ ބަޔަކު އެކަމުގެެ ސަބަބެއް ކަމުގައި ދެކެން ފެށީ އިސްލާމްދީނުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ނިޒާމަކީ ތަރައްޤީ އާ ނުގުޅޭ އެއްޗެއް ކަމަށެވެ. ވީމާ ތަރައްޤީއަށްޓަކައި، މިކަންކަން ވީ، ޔޫރަޕުގެ އުޞޫލްތަކާ އެއްގޮތަށް ބަދަލުކޮށްލާށެވެ. މި ”ތަހުޒީބު“ މީހުން، އަޚްލާޤީ ގޮތުންނާއި ސަގާފީ ގޮތުން މުސްލިމުން ފާސިދުވެފައިވާ މިންވަރަށް، ދީނެއްގެ ގޮތުން އިސްލާމްދީން ޒިންމާވާން ޖެހެނީ ކިހާވަރަކަށްތޯ ސުވާލުކުުރާކަަށް ނުހަދައެވެ. އިސްލާމް ދީނުގެ ޙަޤީޤީ ޢަޤީދާ އާއި ފިކުރު، ތަޙުލީލު ކުރާކަށް މަޑެއް ނުކުރެއެވެ.  މިކަންކަން ކުރުމުގެ ބަދަލުގައި، އެމީހުންގެ ޒަމާނުގައި އުޅުނު ފިޤުހުވެރިންދޭ ތަޢުލީމުތައް، ގިނަ ފަހަރު، އެއީ ތަރައްޤީ އާއި މާއްދީ ކުރިއެރުމުގެ މަގުގައިވާ ހުރަހެއް ކަމުގައި ފާހަގަ ކުރިއެވެ. އެމީހުން ބުންޏަސް އެއީ ތެދެކެވެ.


ހުޅަނގަށް މަންޖޯޅި ޖެހޭ މީހުން އަހުރެމެން ލައްވާ ޤަބޫލުކުރުވަން ބޭނުންވަނީ، އެގޮތަށް އުޅުމާއި މިގޮތަށް އުޅުމާ ތަފާތެއް ނެތް ކަމަށެވެ.


އިސްލާމްދީނުގެ އަޞްލުތައް ކަމަށްބަލާ ކީރިތި ޤުރްއާނާއި ސުންނަތަަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އެމީހުން ދުށީ، އިސްލާމީ ޤާނޫނު ނުވަތަ ޝަރީޢަތަކީ މި ދުވަސްވަރު ހަރުވެ، ހިލައަށް ވެފައިވާ ފިޤުހު އާ އެކައްޗެއް ކަމަށެވެ. އަދި ފިޤުހުން އެމީހުންނަށް އެތައް އުނި ކަންތައްތަކެއް ފާހަގަ ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން، ޝަރީޢަތަށް ޢަމަލީގޮތުން އެއްވެސް ސަމާލުކަމެއް ނުދީ، ތާރީޚާއި ޢަމަލީ ބޭނުމެއް ނެތް ނަޒަރީ ފޮތު ޢިލްމުގެ ދާއިރާގެ ތެރޭގައި ޝަރީޢަތް ހިމަނައި ދޫކޮށްލީއެވެ. އަދި އެއާއެކު، އިސްލާމީ ދުނިޔެ ތާށިވެފައިވާ ފިލުނދުވުމާއި އަޚްލާޤީ ފަސާދައިގެ ޗަކަބިމުން ނުކުމެވޭނޭ ހަމައެކަނި ގޮތަކީ ޔޫރަޕުގެ މަދަނިއްޔަތަށް ތަޤުލީދު ކުރުން ކަމަށް އެބައިމީހުން ދުށްޓެވެ.

މިއޮއިވަރާ ދެކޮޅަށް، ވިސްނުންތެރިކަމާ އެކު ލިޔެފައިވާ އިސްލާމީ ފޮތްތައް ފެންމަތިވީ، އެ އޮއިވަރު މާ ގަދަވެފައި ވަނިކޮށެވެ.  މިގޮތުން އަމީރު ސަޢީދު ހާލިމް ޕާޝާގެ ”އިސްލާމް ލާ އަޝްމާޤް“ އަކީ އާދަޔާ ޚިލާފު މޮޅު ފޮތެކެވެ. އިސްލާމީ ޝަރީޢަތަކީ، ޒަމާނީ ކުރިއެރުމަށް އޮތް ހުރަހެއް ނޫންކަމަށް މިފޮތް ސާބިތުކަމާ އެކު ހެކި ދެއްކިއެވެ. ނަމަވެސް މިފަދަ ރަނގަޅު ފޮތްތައް ނުކުތީ،  ހުޅަނގުގެ ކޮންމެ ކަމަކަށް، އެއްވެސް ފިކުރެއް ނެތި ހެސް ގަންނަ ހުޅަނގުގެ ގޮތްތައް ކަނުކަމާއެކު ކޮޕީކުރަން ފެށި ފެށުން ބޮޑު ސުނާމީއެއް ހެން އިސްލާމީ އުއްމަތަށް ޖެހިފަހުންނެވެ.  މިފަދަ ރަނގަޅު ފޮތްތަކުން ކުރަމުން ދިޔަ އެދެވޭ އަސަރު، އެއާއިވިދިގެން އޮހެމުން ދިޔަ ގެލެރީ ތަބްރީރު ފޮތްތަކުން ފިލުވައިލި އެވެ. ފަހުގެ ފޮތްތަކުން ތަމްސީލުކުރަން އުޅެނީ ހުޅަނގުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޚިޔާލުތަކާ އެއްގޮތަށް ޝަރީޢަތް ބަދަލުކުރެވިދާނެ ކަމެވެ. އެހެންކަމުން، އެމީހުންގެ ނަޒަރުގައި، ހުޅަނގުގެ ޙަޟާރަތު މުސްލިމުން ކޮޕީކުރުމަކީ ކުރެވިދާނޭ ކަމެއް ކަމަށް ނިންމިއެވެ. އިސްލާމީ އުޞޫލުތައް މަޑުމަޑުން ދޫކޮށްލުމަށް މިކަމުން މަގު ފަހިކުރުވިއެވެ. މީގެ ތެރޭގައި އެންމެ އަސާސީ އިޖްތިމާޢީ އުޞޫލުތައް ވެސް ހިމެނެއެވެ. މިކަން އަބަދުވެސް ކުރަމުންދަނީ ”ތަރައްޤީ“ ގެ ނަމުގައެވެ. މުސްލިމް ދުނިޔޭގެ އެންމެ ”ކުރިއަރާފައިވާ“ ޤައުމުތަކުގެ ޙާލަތަކީ މިހާރުވެސް މިއީ އެވެ.

”އިސްލާމީ މުފައްކިރުން“ ފިކުރު ކޮށްކޮށްފައި ބުނާ ގޮތާ ޚިލާފަށް، ކާފަރުންގެ ގޮތްތައް މުސްލިމުން ކޮޕީ ކުރުމަކީ ރޫޙާނީ ގޮތުން އެއްވެސް އަސަރެއް ކުރާނޭ ކަމެއް ނޫނޭ ބުނާ ބަހާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ބޭނުން ކަމެއް ނޫނެވެ. ހުޅަނގަށް މަންޖޯޅި ޖެހޭ މީހުން އަހުރެމެން ލައްވާ ޤަބޫލުކުރުވަން ބޭނުންވަނީ، އެގޮތަށް އުޅުމާއި މިގޮތަށް އުޅުމާ ތަފާތެއް ނެތް ކަމަށެވެ. އަހުރެމެން ހުޅަނގުގެ ގޮތަށް ހެދުން އެޅުމާއި އަހުރެމެންގެ މައިންބަފައިން އެޅިިގޮތަށް ހެދުން އެޅުމާއި، އުޅުމުގައި ސަގާފީ އިހުގެ ގޮތް ގެންގުޅުމާ ނުގެންގުޅުމަކީ މަސްއަލައެއް ނޫން ކަމަށެވެ. އިސްލާމް ދީނުގައި ހަނިކޮށް ވިސްނުމަކީ އޮންނަ ކަމެއް ނޫނެވެ.  ފުރަތަމަ ބާބުގައި ބުނި ފަދައިން، އިސްލާމް ދީނުގައި މަނާ ނޫން ކޮންމެ ކަމެއް ހުއްދަ އެވެ. ހުއްދަ ކަންތައްތައް ޢަދަދު ނުކުރެވޭހާ ގިނައެވެ. ނަމަވެސް އިސްލާމް ދީނާ ސީދާ ޚިލާފުކަމެއް ކުރުމަކީ، ނުވަތަ ހުޅަނގުގެ އިޖްތިމާޢީ އަސާސްތައް ކޮޕީކުރުމަކީ މުޅިން އެހެން މައްސަލައެކެވެ. މިކަންކަމުގެ ތެރޭގައި ދެ ޖިންސްގެ މީހުން ގައިގޯޅިވެ ބީހި އުޅުމާއި، އިޤްތިޞާދުގެ ނާރެހަށް ރިބާ ނެގުން ހިމެނެއެވެ. މީގެ ކުރީގެ ބާބުތަކުގައި އަހުރެން ބުނެދެވޭތޯ އުޅުނު ފަދައިން، ހުޅަނގުގެ ޙަޟާރަތަކީ، ދީނީ ކަންކަމަށް އިންސާނާ ބީރައްޓެހި ކުރުވާ އެއްޗެކެވެ.   ޙަޟާރަތެއްގެ ރޫޙާނީ ގޮތްތަކުން އަސަރެއް ނުކޮށް، އެ ޙަޟާރަތެއްގެ ބޭރުފުށުގެ ސިފަތައް ކޮޕީކުރެވޭނޭ ކަމަށް ބުނާނީ ވަރަށް ކޮށި ގަބު ބައެއް ކަން ކަށަވަރެވެ.  ޙަޟާރަތަކީ ހުސް ހަށިގަނޑެއް ނޫނެވެ. އެއީ ހަކަތަ ހުންނަ ދިރުން ހުންނަ އެއްޗެކެވެ. އޭގެ ހަށިގަނޑުގެ ތެރެއަށް ވަދެވުމުން އެތެރޭގެ އޮއިތަކާއި ދައުރުވުންަތަކުން، އިންސާނާގެ މުޅި ވިސްނުން މަޑުމަޑުން ނަމަވެސް ހަމަ ޔަޤީނުން ބަދަލުކޮށްލަ އެވެ. ކީރިިތި ރަސޫލާ މި ޙަޤީޤަތް ވިސްނިވަޑައިގެން ހަދީސް [حديث|ޙަދީޘް] ކުރައްވާފައި ވެއެވެ.

ގިނަ ބަޔަކު ދަންނަ، މަޝްހޫރު މި ހަދީސަކީ ހަމަ އެކަނި އަޚްލާޤީ ހަމައެއް ނޫނެވެ. މިއީ ކާފިރު ޙަޟާރަތްތަކުގެ ބޭރުފުށުގެ ގޮތްތައް ކޮޕީކުރުމުން، މުސްލިމުން އެއިގެ ތެރެެއަށް ގެނބިގެން ދާނޭ ކަން ޔަޤީންކޮށްދޭ ނިންމުމެކެވެ.

މި ދުުރުމިން ބަލާއިރު، އިޖްތިމާޢީ ދިރިއުޅުމުގައި މުހިއްމު ކަންކަމާއި މުހިއްމު ނޫން ސާދާ އާދައިގެ ކަންކަމުގައި އަސާސީ ތަފާތުތަކެއް ވާކަން ހޯދަން ފަސޭހައެއް ނޫނެވެ. މުހިއްމު ނޫން ކަމެއް ނެތެވެ. މިސާލަކަށް، ހެދުން އަޅާގޮތަކީ، ބޭރުފުށުގެ ކަމެއް ކަމާއި، އެކަމުން ފިކުރާއި ރޫޙަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ހީކުރުމަށް ވުރެ މޮޔަކަމެއް ނެތެވެ. ހެދުން އަޅާގޮތަކީ، ޢާއްމުގޮތެއްގައި، ޒަމާންތަކަކަށް ދެމިގެންދާ ތަހުޒީބެއްގެ ސަބަބުން އުފެދޭ އުފެދުމެކެވެ. ހެދުމުގެ ފެޝަނުން ހާމަކުރަނީ، އެ ޙަޟާރަތެއް، ރީތިކަމަށް ދެކޭ ކަންކަމެވެ. އަދި އެ ޙަޟާރަތެއްގެ މީހުން ވަކި ކަންތައްތަކަކަށް ދޭ އިސްކަމެވެ. އެ ޙަޟާރަތެއްގެ ޝަޚްޞިއްޔަތާއި އެދޭ ގޮތްތައް ބަދަލުވަމުންދާ ފަދައިން، ފެޝަންތައް ބަދަލުކުރަމުން ދެއެވެ. މިސާލަކަށް، މިއަދުގެ ޔޫރަޕުގެ ފެޝަންތަކުން ހާމަކޮށްދެނީ، ޔޫރަޕުގެ އަޚުލާޤާއި ފިކުރެވެ. ޔޫރަޕުގެ ހެދުމެއް އެޅުމުން، މުސްލިމަކު، އޭނާއަށް ނޭނގި، އޭނާއަށް މީރު ”ރަހަތައް“، ޔޫރަޕުގެ ރަހަތަކަށް ލަންބައެވެ. އޭނާގެ ޛައުޤާއި ފިކުރާއި ސުލޫކު ޔޫރަޕުގެ ހެދުމަށް ”ހެޔޮވަރުވާ ގޮތަށް“ އަނަރޫފަ ކޮށްލައެވެ. އަދި އޭނާ ނިސްބަތްވާ ޤައުމުގެ ސަގާފަތް ބާކީކޮށްލައެވެ. އަމިއްލަ ސަގާފަތުގެ ޛައުޤާއި ، ރީތިކަމަށް ދެކޭ ކަންކަމާއި، ރުހޭ ކަންކަމާއި ނުރުހޭ ކަންކަމުން ހިތް ދޫކޮށްލައެވެ. އަދި ބިދޭސީ ފުރެއްދެ ޙަޟާރަތަކުން، އޭނާއަށް ފެނުނު ފިކުރާއި ވިސްނުމުގެ އަޅުވެތިކަމުގެ ހެދުން ޤަބޫލުކުރެއެވެ.


އިސްލާމީ އުއްމަތަށް އައު ދިރުމެއް ގެނައުމަށްޓަކައި، މުސްލިމުން އެމީހުންގެ އުޞޫލުތަކަށް މަޢާފު އެދުމުގެ ރޫހުން މުޅިން އެއްކިބާވާން ޖެހޭނެއެވެ.


ޔޫރަޕުގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އަޚްލާޤާއި ހެދުން ކޮޕީ ކުރާ މުސްލިމަކު އެ ބޭޒާރު ކުރަނީ ޔޫރަޕުގެ ޙަޟާރަތަށް އޭނާ ހިތް އެދޭ އެދުމެވެ. ކިތަންމެ ބަލާޣަތްތެރި ކަމާއެކު މިކަމާ އިދިކޮޅަށް އޭނާ ވަކާލާތު ކުރިއަސް ޙަޤީޤަތަކީ މިއީ އެވެ. ބީރައްޓެހި ޙަޟާރަތެއްގެ ފިކުރާއި ޛުއުޤު، އޭގެ ރޫޙަށް މަގުނުފުރެދި، ކޮޕީ ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަދި، މި ބީދައިން، ދީނީ ހަމަތަކަށް ފުރަގަސްދޭ ޙަޟާރަތެއްގެ ރޫޙަށް ރުހިގެން ހުރެ، ރަނގަޅު މުސްލިމަކަށް ވުމަކީ ވެވޭނޭ ކަމެއް ނޫނެވެ.

ބިދޭސީ ޙަޟާރަތެއް ކޮޕީކުރާ ހިތްވަނީ، އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރުނެތް ކަމުގެ ނަފްސާނީ ބަލީގެ ސަބަބުންނެވެ. ހުޅަނގުގެ ޙަޟާރަތް ކޮޕީ ކުރާ މުސްލިމުންގެ ބައްޔަކީ މިއީ އެވެ. އެހެން އެއްވެސް ކަމެއް ނޫނެވެ. އެމީހުން، ހުޅަނގުގެ ބާރާއި ޓެކްނިިކަލް ހުނަރުތައް އަދި އޮމާން ބޭރު ފަށަލަ، އިސްލާމީ ދުނިޔޭގެ މިހާރުގެ ހިތާމަވެރި ޙާލަތާ އަޅާ ކިޔައެވެ. މިއަޅާ ކިޔުމުގެ ސަބަބުން، އެމީހުންނަށް ޤަބޫލުކުރެވެން ފަށަނީ، އޮތް ހަމައެކަނި ގޮތަކީ ހުޅަނގުގެ ގޮތް ކަމެވެ. އަހުރެމެންގެ ނުކުޅެދުން ތެރިކަމަށް އިސްލާމް ދީން ކުށްވެރިކުރުމަކީ މިހާރުގެ ފެޝަނެވެ. މިކަމާ އެންމެ ބޮޑަށް އެޅޭހާ ވެސް ފިޔަވަޅަކީ، އެ ބުނާ ކަންކަމާ މެދު ވިސްނާ ”މުފައްކިރުން“  އެމީހުންނާއި އެހެން މީހުންނަށް ހުޅަނގުގެ ޙަޟާރަތާއި އިސްލާމް ދީނާ އެއްވެސް ތަޢާރުޟުވުމެއް ނުވަތަ  ނުގުޅުމެއް ނުވާކަމަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރުމެވެ.

އިސްލާމީ އުއްމަތަށް އައު ދިރުމެއް ގެނައުމަށްޓަކައި، މުސްލިމުން އެމީހުންގެ އުޞޫލުތަކަށް މަޢާފު އެދުމުގެ ރޫހުން މުޅިން އެއްކިބާވާން ޖެހޭނެއެވެ. މިކަން ނުކޮށް އެއްވެސް އިސްލާހެއް، ކުރިއެރުމެއް ނުލިބޭނެއެވެ. މުސްލިމަކު އުޅެންވާނީ، އިސްނެގިފައިވާ މީހެއްގެ ގޮތުގައެވެ. އޭނާ ޤަބޫލުކުރަން ވާނީ، އޭނާއަކީ އެހެން މީހުންނާ މުޅިން ތަފާތު، ޚާއްޞަ މީހެއްގެ ގޮތުގައެވެ. އަދި މުސްލިމަކަށްވީތީ ފަޚުރުވެރިވާން ވާނެއެވެ. މި ތަފާތަކީ ޚާއްޞަ ޝަރަފެއްކަން ދަނެ، އެކަން ދަމަހައްޓަން މަސައްކަތް ކުރަން ވާނެއެވެ. އަދި އެހެން ދީންތަކާއި އުޞޫލުތަކުގެ ގޮތްތަކަށް އެނބުރުނަ ނުދީ، ދުނިޔެއަަށް އޭނާއަކީ މުސްލިމެއްކަން ހާމަކުރަން ވާނެއެވެ. މީގެ މާނައަކީ ބޭރުން އަންނަ އަޑުތަކަށް މުސްލިމުން ދަފަރާވެގެން އުޅުމެއް ނޫނެވެ. މީހަކަށް، އެހެން ޙަޟާރަތަކުން އައު ރަނގަޅު، ލާބަހުރި ނުފޫޒުތައް އޭނާގެ ސަގާފަތް ހަލާކުނުކޮށްލާ ބަލައިގަނެވިދާނެ އެވެ. މީގެ މިސާލަކީ ޔޫރަޕުގެ މީހުން ގެނައި ރެނަސޯންސް ނުވަތަ އައު ”ހޭލުންތެރިކަން“ ފަދަ ޙަރަކާތްތަކެވެ. އެ ޙަރަކާތުގައި ޔޫރަޕުމީހުން،  ޢިލްމީ ކަންތައްތަކާއި ގޮތްތައް ކުރިއެރުވުމަށް ޢަރަބި ނުފޫޒުތައް ބަލައިގަން ފަސޭހަކަން އެހެރީ ފެންނާށެވެ. އެކަމަކު، އެބައި މީހުންނެއް ޢަރަބީންގެ ބޭރުފުށުގެ  ގޮތްތަކެއް، ނުވަތަ ޢަރަބި ސަގާފަތުގެ ރޫޙެއް ކޮޕީއެއް ނުކުރެއެވެ. އެމީހުންގެ އަމިއްލަ  ފިކުރީ އަދި ރީތި ހުތުރުގެ މިނިވަންކަން، ޢަރަބި ސަގާފަތަށްޓަކައި ޤުރްބާނެއް ނުކުރެއެވެ. ޢަރަބި ނުފޫޒުތައް އެމީހުން ބޭނުންކުރީ، އަމިއްލަ ފަސްގަނޑަށް ކާދެއްގެ ގޮތުގައެވެ. ޢަރަބީން، ޔޫނާނީންގެ ނުފޫޒުތައް އެމީހުންގެ ދުވަސްވަރު ބޭނުންކުރި ފަދައިންނެވެ. މި ދެފަހަރު ވެސް ނަތީޖާއަކަށްވީ، އާރޯކަމާއި އައު ދިރުމެއް އަމިއްލަ ސަގާފަތަށް އައުމެވެ. އަމިއްލަ ވަންތަކަމަށް އޮތް އިތުބާރާއި ފަޚުރު ބޮޑުވެގެން ދިއުމެވެ. މި ފަޚުރު ގެއްލިއްޖެނަމަ — ޤައުމެއްގެ މާޒީ އާއ އޮންނަ މި ގުޅުން ކެނޑިއްޖެނަމަ — އެއްވެސް ޙަޟާރަތަކަށް ދިރުމެއް، އަދި ކީއްތޯ، ދެމިއޮތުމެއް ނެތެވެ.

ދެން އިސްލާމީ ދުނިޔެ  އާއި ދޭތެރޭ ވިސްނާ ލަމާތޯއެވެ؟ ޔޫރަޕުގެ ގޮތްތައް މުސްލިމުން ކޮޕީ ކުރުން ފުޅާވަމުން ދާއިރު، އަދި ހުޅަނގުގެ ޚިޔާލުތަކާއި ލަނޑުދަނޑިތައް އަމިއްލަ އަމާޒުކަމަށް ހަދަމުންދާއިރު، މުސްލިމުންނަށް އޮތީ އެމީހުންގެ މާޒީ އާއި އޮތް ގުޅުން ކެނޑި ކަނޑުމަތި އެޅުމުގެ ބިރު އެކަންޏެއް ނޫނެވެ. އެމީހުންގެ ސަގާފީ އަދި ރޫޙީ ފަށަން ވަކިވެގެން ދިއުމުގެ ބިރުވެސް އެބައޮތެވެ. ސަގާފަތުގެ މިސާލަކީ، އޭގެ މޫތައް ބިމުގެ ފުނަށް ގޮސްފައިވާ ގަދަކަމާއި އެކު، ތެދަށް ހުންނަ ގަހެއްގެ މިސާލެވެ. ނަމަވެސް ފަރުބަދައަކުން، ފައިބާ ސައިކަލެއް ފަދައިން، ހުޅަނގުގެ ގޮތްތައް ގަހުގެ މޫތައް ހާމަކުރަމުން ދެއެވެ. އަދި ގަސް މަޑުމަޑުން، ކާނާ ނުލިބުމުގެ ސަބަބުން މަރުވަމުން ދެއެވެ. އޭގެ ފަތްތައް ވެރެން ފަށައެވެ. ގޮފިތައް ހިކެއެވެ. އެންމެ ފަހުން ގަސްކަނދު ވެސް ވެއްޓުމުގެ ބިރުވެރިކަމާ ގާތް ވެއެވެ.

އިސްލާމީ ޤައުމުތަކުގައި، މިހާރު އިސްލާމް ދީން ވަނީ، ދިރުމެއް ނެތް ސަގާފީ އާދަކާދައަކަށް ހަދާފަ އެވެ. އޭގެ ސުލޫކުގެ އަސާސްތައް ނައްތާލާފައެވެ. އިޖްތިމާޢީ އަދި ފިކުރީ މި މަސްތުން ހޭ އެރުމަށް  ހުޅަނގުގެ ޙަޟާރަތު ކޮޕީ ކުރުމަކީ، ރަނގަޅު ފަރުވާއަކަށް ނުވާނެއެވެ. މިހެން މިކަން އޮތްއިރު، އެހާ ބޮޑަށް ބޭނުން ވެފައިވާ އައު ދިރުމެއް އިސްލާމްދީނަށް ގެނައުމަށް، ފިކުރީ އަދި ރޫޙީ އައު ހޭލުންތެރިކަމެއް ހޯދުމަށް އެނބުރެންވީ ކޮން ފަރާތަކަށް ހެއްޔެވެ؟

މީގެ ޖަވާބު، ސުވާލުހާ ފަސޭހައެވެ. އެއީ، ޖަވާބު، ސުވާލުގައި ހިމެނޭތީ އެވެ. ކުރީ ބާބުތަކުގައި ބުނި ފަދައިން، އިސްލާމް ދީނަކީ ހަމައެކަނި ”ހިތުގެ ޢަޤީދާއެއް“ ނޫނެވެ. އެއީ ވަރަށް ބޮޑަށް ސާފުކޮށް ރޭވިފައިވާ ފަރުދީ އަދި އިޖްތިމާޢީ ދިރިއުޅުމެކެވެ. ތަފާތު އަޚްލާޤީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބިދޭސީ ޙަޟާރަތެއްގެ ތެރެއަށް މި ދީން ގިރިގެން ހިނގައްޖެނަމަ، އިސްލާމް ދީނުގެ ބާރު ގެއްލިގެން ހިނގައިދާނެއެވެ. އެހެންކަމުން، އެއަށް އައު ދިރުމެއް ގެނެވޭނީ، އޭގެ އަޞްލުތަކަށް ރުޖޫޢަ ވެގެންނެވެ. އަދި އަޅުގަނޑުމެންގެ ޒާތީ އަދި އިޖްތިމާޢީ ދިރިއުޅުން، އޭގެ ހުރިހާ ދާއިރާއެއްގައި ބައްޓަން ކުރާ ބަހާއަކަށް އިސްލާމް ދީން ހަދައިގެންނެވެ.

އަހުރެމެން ދުނިޔޭގައި މިއުޅޭ ދުވަސްވަރަކީ އައު ޚިޔާލުތަކާއި ކުރިއަށާއި ފަހަތަށް ދަމާ ތަފާތު ބޭރުގެ އޮއިވަރުތަކާއި އެނބުރޭ ރާޅުބާނިތައް ގިނަ ދުވަސްވަރެކެވެ. މިފަދަ ޙާލަތެއްގައި އިސްލާމްދީނަށް ހުސް ހަށިގަނޑެއްގެ ގޮތުގައެއް ނޯވެވޭނެއެވެ. ގަރުނުތަކަށް ދެމުނު ސިހުރުވެރި ދިގު ނިދިން އެ ވާނީ ހޭލައްވާށެވެ. އެވާނީ ދިރުން ހުރެގެން ތެދުވާށެވެ. ނޫނީ މަރުވާށެވެ. އިސްލާމް ދީނަށް މިހާރު ކުރިމަތި ވެފައިވާ މަސްއަލައަކީ ދަތުރުވެރިއެއް ހަތަރު އަނގޮޅިއަކަށް އާދެވުމުން ދިމާވެފައިވާ މަސްއަލައެވެ. އޭނާއަށް ހުރިތާ ކޮއްޅަށް ހުރެވިދާނެއެވެ. އެހެން ހަދައިފި ނަމަ، ހައިހޫނުކަމުން މަރުވުމުގެ ބިރުވެރިކަން ބޮޑެވެ. ނޫނީ އޭނާއަށް ”ހުޅަނގުގެ ޙަޟާރަތާ ދިމާއަށް“ ޖަހާފައިވާ ގޯޅިން ކުރިއަށް ދެވިދާނެއެވެ. އެހެން ހަދައިފިނަމަ، އޭނާއަށް ޖެހޭނީ، އޭނާގެ މާޒީ އާ އޮތް ގުޅުމަށް އަބަދަށްޓަކައި އަލްވަދާޢު ކިޔާށެވެ. އޭނާއަށް ”އިސްލާމް ދީނުގެ އަސްލަށްދާ“ މިހެން ޖަހާފައިވާ މަގުން ހިނގަން ފެށި ދާނެއެވެ. އިސްލާމްދީނުގެ އަޖާއިބު ކުރުވަނިވި ތަރައްޤީ އާއި ތަހުޛީބު، މުސްތަޤްބަލުގައި ގެނެވިދާނެ ކަމަށާއި މުސްލިމުންގެ މާޒީ ޤަބޫލު ކުރާ ބަޔަކަށް އޮތް ހަމަ އެކަނި މަގަކީ މިއީ އެވެ.

މި ތަރުޖަމާ ފުރަތަމަ ޝާއިޢުކޮށްފައިވަނީ ”ދަރުމަ“ މަޖައްލާގެ 2002 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢަދަދުގައެވެ. ޝާއިޢުކުރި ކޮޕީއެއް މިއޮތީއެވެ. ކުރިން ދެންނެވި ފަދައިން، ފަލްސަފާ ފޮތްތަކަކީ ދޭހަ ފަސޭހަ ފޮތްތަކެއް ނޫނެވެ. އެހެންކަމާ އެކު، ކުރިން ޝާއިޢު ކުރި ފަހުން މިވީ 15 ވަރަކަށް އަހަރު އަޅުގަނޑަށް ދަސްވި ކަންތައްތަކަށް ބަލައި، މި ތަރުޖަމާ ދޭހަކުރަން ފަސޭހަކުރެވޭތޯ މުރާޖަޢާ ކޮށްފައި ވާނެއެވެ. ނަމަވެސް،  އިނގިރޭސި ބަސް ދަންނަމީހަކަށް ވެސް އިނގިރޭސިން ލިޔެފައި ހުންނަ ފަލްސަފާ ފޮތްތައް ދޭހަކުރަން ފަސޭހައެއް ނުވާނެއެވެ.  މުޙައްމަދު އަސަދުގެ ފޮތް އިނގިރޭސި ބަހުން ކިޔުއްވަން މި ޖުމުލައަށް ފިއްތަވާ ލައްވާށެވެ.  އަޅުގަނޑު ތަރުޖަމާކޮށްފައިވާ ބާބު ނަގާފައިވަނީ ފޮތުގެ ފުރަަތަމަ އިސްދާރުން ކަމުން، މި ފޮތާ ކުޑަކޮށް ތަފާތެވެ. ހަމަ އެފޮތް އުރުދޫ ބަހުން ކިޔުއްވަން މި ޖުމުލައަށް ފިއްތަވާ ލައްވާށެވެ.