އެއް އަހަރު ދުވަހުން

ސްކޫލްތަކުގެ ނަތީޖާ %100 އަށް ޖައްސާނެގޮތް 1

ތަޢާރުފު

މި މަޒުމޫނުގައި އަޅުގަނޑު މިދަންނަވާލަނީ، ސްކޫލްތަކުގެ ކޭމްބްރިޖް/ޖީސީއީ/އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ %100 އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޖައްސާނެ ގޮތެވެ. އާދެ! އެންމެ ފުރަތަމަ، މިކަމުގެ ސަބަބުން ލިބޭނޭ ޝަރަފާއި ޢިއްޒަތަށް ވިސްނަވާށެވެ. ބެލެނިވެރިންނަށް ޤަބޫލު ކުރެވޭނީ ސްކޫލް ހިންގާ ފަރާތަކީ، އާދަޔާ ޚިލާފު ހުނަރުވެރި ފަރާތެއް ކަމަށެވެ. ކައުންސިލަރުންނަށާއި ކަމުވޮށިގެންވާ އެކި ވެރިންނަށް ޤަބޫލުކުރެވޭނީ، މިފަހަރު ސްކޫލަށް ލިބިފައިވާ ޕްރިންސިޕަލަކީ، ދުވަހަކުވެސް ސްކޫލް އަށް ލިބިފައި ނުވާ ފަދަ ލާމަސީލް މޮޅު ޕްރިންސިޕަލެއް ކަމަށެވެ. ޢާއްމު ރައްޔިތުންނާއި އެކިއެކި ޖަމްޢިއްޔާތަކުން ސްކޫލްގެ މުދައްރިސުންނަށް އޮހެމުންދާނީ، ތަޢުރީފާއި، ޝާން ގެ ބަސްތަކެވެ. ޕްރިންސިޕަލް އާއި ހިންގުންތެރިންގެ ކަރަށް އުކެމުންދާނީ، ޖާހާއި މުބާރިކްބާދީގެ ވަސްމީރު ކުލަރީތި ގުލްދަސްތާތަކެވެ. ޓްވިޓަރ އާއި ފޭސްބުކް އާއި އެހެނިހެން ސޯޝަލް މީޑިއާ ގުގުމާލާނީ ސްކޫލްތައް ހޯދަމުންދާ ކާމިޔާބީގެ މީމްތަކުންނެވެ. ސިޔާސީވެރިން، އެކިއެކި ޕޯޑިއަމްކައިރީގައި ތަޢުލީމީ ދާއިރާއަށް އަންނަމުންދާ އިންޤިލާބީ ކުރިއެރުން ފަށްފަށުން އިޙްތިފާލުކުރާނެއެވެ.

އަޅުގަނޑަށް ޔަޤީން އެވެ. މިއީ މިއަހަރުވެސް ކުރެވިދާނޭ ކަމެކެވެ. މި މަޒުމޫނު ނިމެންދެން ކިޔުއްވައިފި ނަމަ، ތިޔަބޭފުޅުން މިކަމާ އިންކާރެއް ނުކުރައްވާނެކަން އަޅުގަނޑަށް ޔަޤީން އެވެ. ސްކޫލް ނަތީޖާތައް އެއް އަހަރު ދުވަހުގެ ތެރޭގައި ރޮކެޓެއްހެން މައްޗަށް ގެންދެވޭނޭ ގޮތް ދަސް ކުރެއްވުމަށް، އަޅުގަނޑާއެކު މާޒީއަށް ދަތުރެއް ކުރައްވަމާތޯ އެވެ؟

ދިވެހި ސްކޫލް އިމްތިޙާނުތަކުގެ ފެށުން

އާދެ! ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ހަނގުރާމަ ފެށުނު އިރު، ރާއްޖޭގެ ހިންގުމުގެ އިސްވެރިއަކަށް ހުންނެވީ ޙަސަން ފަރީދެވެ. ދިވެހި ތާޜީޚް އޭނާ ފާހަގަ ކުރަނީ، އެ ދުވަސްވަރު މާލޭގައި ހިނގަމުން ދިޔަ ސަރުކާރުގެ ހަމައެކަނި މަދަރުސާގެ ކިޔެވުން ވަރަށް ބޮޑަށް ހަނިކޮށްލެއްވި ވެރިއެއްގެ ގޮތުގައެވެ. ރާއްޖެތެރޭގައި ހުރި މަދު މަދަރުސާތަކަށް އައީ އެ ފަހުން ނާންނަފަދަ ޚަރީފު މޫސުމެކެވެ. ހަނގުރާމައިގެ ތަދުމަޑުކަމުން، ޙަސަން ފަރީދަށް ސަރުކާރު ނުހިންގެވިގެން އޭނާ ”ޗުއްޓީ“ އެއް ނެންގެވުމުން ވެރިކަމާ ދެން ޙަވާލުވެވަޑައިގަތީ މުޙައްމަދު އަމީންއެވެ.  ނަމަވެސް، މުޙައްމަދު އަމީން އަށް ދައުލަތް ހިންގެވުމުގެ ފުރުޞަތު ލިބިވަޑައިގަތީ ޙަސަން ފަރީދު 27  މާރޗް 1944 ގައި ޖަރުމަނުގެ ސަބްމެރިން އެއްގެ ޙަމަލާއަކުން އަވަހާރަވުމުންނެވެ. މިވާހަކަތައް ތަފްޞީލުކޮށް މި ވެބްޕޭޖްގައި ބަޔާން ވެގެން ވެއެވެ.   މުޙައްމަދު އަމީން އަށް ވެރިކަން ލިބިވަޑައިގަތުމާ އެކު، އިތުރު ޖޯޝާއި ފޯރިއާއެކު، ކިޔަވައިދިނުމުގެ ކަންތައްތައް ފެއްޓެވިއެވެ. އެ ދުވަސްވަރު، ސަރުކާރުން ހިންގަވާ ހަތަރު އެދުރުގެ، ހަތަރު އަވަށުގައި ހުރެއެވެ. މި އަވަށު އެދުރުގެތައް 5   މޭ 1947 ގައި އޮތް ބައްދަލުވުމެއްގައި އަވަށު މަދަރުސާއަށް  ބަދަލު ކުރައްވަން ނިންމަވައި، ކުރިއަށް ހިނގި ދެ ހަފުތާއެއްގެ ތެރޭގައި މިކަން ހަމަޖެހުނެވެ. ދެން މާގިނަ ދުވަސްތަކެއް ނުވެ، މި ހަތަރު އަވަށު މަދަރުސާވީ، ސަރުކާރުން ހިންގަވަމުން ގެންދަވާ މަދްރަސަތުއްސަނިިއްޔާގެ އަންހެން ގޮތްޕާއި ފިރިހެން ގޮތްޕަށް ދަރިވަރުން ފޮނުވާ ހަތަރު މަދަރުސާއަށެވެ. މިހެން މިކަންތައްތައް ހަމަ ޖެއްސުމަށްފަހު، ވުޒާރަތުލްމަޢާރިފު (މިހާރު ނަމަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން) ގެ ފަރާތުން ހުރިހާ މަދަރުސާތަކަށް އިމްތިޙާނު ދޭ ގޮތަށް ހަމަޖެއްސެވިއެވެ. މިއީ ދިވެހި ތާރީޚުން އެނގޭ ގޮތުގައި، ރާއްޖޭގައި މަރުކަޒީ ގޮތެއްގައި ސްކޫލް އިމްތިޙާނު އެންމެ ފުރަތަމަ ދޭން ފެށި ދުވަސްވަރެވެ.

ނޮވެލްޓީއިން ޗާޕުކޮށްގެން ވިއްކާ ”ދިވެހިރާއްޖޭގެ އެކި އެކި ކަންކަން ހިނގިގޮތް“ މިފޮތްބަޔަކީ، ސަރުކާރުން އެ ދުވަސްވަރު ބެލެހެއްޓެވި ރަސްމީ ޔައުމިއްޔާ އެވެ. މިފޮތްބައިގެ 18 ރަޖަބު 1368 (16 މެއި 1949) ގެ ތާރީޚްގައި ލިޔެފައި އޮންނަ ލިޔުން ތިރީގައި ނަކަލުކޮށްލަމެވެ.

މި ޖަލްސާއާ ގުޅިގެންސަރުކާރުގެ މަަދަރުސާތަކުން ވަނަވަނަ އަށް އަންނަ މަދަރުސާތަކާއި ދަރިވަރުން ފާހަގަކޮށް އެ ފަރާތްތަކަށް މުޙައްމަދު އަމީން ރަށުގައި ހުންނެވިނަމަ، އޭނާ ބައިވެރިވެވަޑައިގެން ސަނަދާއި އިނާމު ދެއްވަމުން ގެންގޮސްފައިވާ ކަމަށް އިހު ބަޔާން ކުރެވުނު ޔައުމިއްޔާ ފޮތްބައި ހެކިދެއެވެ. އަދި އެ ދުވަސްވަރު މަހަކު އެއްފަހަރު ނެރުނު ނޫހެއް ކަމަށްވާ ”ސަރުކާރުގެ ޚަބަރު“ ގައި މިވާހަކަަތައް އިތުރު ތަފްޞީލާއެކު ބަޔާން ކޮށްފައި ހުރެއެވެ. މި ލިޔުންތަކުގައި، ވަނަވަނައަށް އަންނަ ދަރިވަރުންގެ ނަންތަކާއި ބައެއް ފަހަރު މާކުސް ވެސް ބަޔާން ކޮށްފައި ހުރެއެވެ.  މިގޮތުން ކުރިން ބަޔާން ކުރެވުނު ޔައުމިއްޔާގެ 811 ވަނަ އައިޓަމަކަށް ވަނީ މިފަދަ ޖަލްސާއެއްގެ ވާހަކައެވެ.

މިހެން މިކަން ހިނގަމުން ދަނިކޮށް، އަމީން ބޭސްފަރުވާއަކަށްް ކޮޅުބަށް ވަޑައިގެން އިންޑިޔާގައި ހުންނަވަނިކޮށް، ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އާއި އޭނާގެ އާއިލާގެ ބަޔަކު ގެނައި ބަޣާވަތެއްގައި، އަމީންގެ ވެރިކަން ނިމުމަކަށް ގެނެސް،  21 އޯގަސްޓް 1953 ގައި، ރަސްކަންއިއާދަ ކުރިއެވެ. ދެން މާގިނަ ދުވަހެއް ނުވެ،   ބަޣާވަތުގެ ވެރިޔާ އިބްރާހީމް މުޙައްމަދު ދީދީ ބޭހަކަށް 28 ޖޫން 1954 ގައި ސިލޯނަށް ފުރުމުން، ސިލޯނުގައި ހިނގާދިޔަ ކަމަަކާ ގުޅިގެން އޭނާ އަށް އަނބުރާ ނާދެވޭ ގޮތް ހަމަޖައްސައި، ވަޒީރުލްއަޢުޡަމް އަކަށް ހުންނެވި، އެއްގަމުގޭ ފާމުލަދޭރި ކިލެގެފާނު އިސްތިޢުފާ ދެއްވާގޮތަށް ބަޔަކު ރާވައި، އިސްތިޢުފާ ދެއްވި ދުވަހު އިބްރާހީމް ނާޞިރު ވެރިކަމަށް ވަޑައިގަތެވެ. އެއީ 11 ޑިސެމްބަރު 1957 ގައެވެ. ނާޞިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު، މަދަރުސާތަކުގެ މެދުގައި ދެމުން ގެންދިޔަ އިމްތިޙާނުތައް ހުއްޓުނެވެ. އަދި މާގިނަ އަހަރެއް ނުވެ، ހަތަރު އަވަށު މަދަރުސާތައް އުވާލެވުނެވެ. ނާޞިރުގެ ވެރިކަން 20 އަހަރާއި 11 މަހަށް ދެމިއޮތުމަށް ފަހު، ރާއްޖޭގެ ވެރިއަކަށް ދެންވީ މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ދުވަސް އައި އިރު، 1968 ވަނަ އަހަރު، ދިވެހި ރަސްކަންވަނީ ދެވަނަ ފަހަރަށް ޖުމްހޫރިއްޔާ އަކަށް ބަދަލުވެފައެވެ.

މަދަރުސާތަކުގެ މެދުގައި ދިވެހި އިމްތިޙާނުތަކެއް ދެން ދޭން ފެށުނީ 1980 އަހަރުން ފެށިގެންނެވެ. ޖޫނިއަރ ސްކޫލް ސެޓިފިކެޓް (ޖޭއެސްސީ) އިމްތިޙާނުގެ ނަމުގައެވެ.

މިއީ ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ހިންގާ އިމްތިޙާނެކެވެ. ބޭރު ޤައުމުތަކުގައި މިފަދަ އިމްތިޙާނަށް ކިޔާ ޢާއްމު ނަމަކީ، ”އިލެވްން ޕްލަސް“ އިމްތިޙާނެވެ.  މިއީ 1944 ގައި އިނގިރޭސި ވިލާތުގައި ފެށި އިމްތިޙާނެކެވެ. ބޭނުމަކީ،  ސެކަންޑަރީ ސްކޫލްތަކުގައި ކިޔެވުމަށް ފެންވަރު ރަނގަޅު، ޤާބިލް ދަރިވަރުން ފާހަގަ ކުރުމެވެ. މި އިމްތިޙާނު މިހާރުވެސް އިނގިރޭސި ވިލާތުގައި ހިންގައެވެ. ސިންގަޕޫރުގައި ޕްރައިމަރީ ނިންމާ ހުރިހާ ދަރިވަރުން 11 ޕްލަސް އިމްތިޙާނެއް މިހާރުވެސް ހަދަން ޖެހެއެވެ. ސިންގަޕޫރަކީ ތަޢުލީމީގޮތުން، އެންމެ މޮޅު ބާރަވަރަކަށް ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޖޭއެސްސީ އިމްތިޙާނު ރާއްޖެތެރެއަށް ފުޅާކުރީ 1985 ގައެވެ. މި އިމްތިޙާނަކީ، ނާޞިރު ދައުރުގައި ފެށުނު ޔޫއެންގެ ތަޢުލީމީ ޕްރޮޖެކްޓްގެ ދަށުން ހިނގަމުންދިޔަ އިމްތިޙާނެކެވެ. މި ޕްރޮޖެކްޓްއަށް ކިޔާ ޢާއްމު ނަމަކީ ތަޢުލީމީ މަޝްރޫޢު އެވެ.  ކޮމިޔުނިޓީ ސްކޫލްތަކާއި، މުދައްރިސުން ތަމްރީނު ކުރުމާއި، ދިވެހިރާއްޖޭގެ އަޑަށް ޓްރާންސްމިޓަރު ހޯދުން ފަދަ ކަންތައްތައް ހިނގާދިޔައީ މި މަޝްރޫޢުގެ ދަށުންނެވެ. މަޝްރޫޢު ނިމުމުން ލިޔެފައިވާ ރިޕޯޓް މިއޮތީއެވެ.

ޖޭ.އެސް.ސީ އިމްތިޙާނުގެ އެކި ޙަރަކާތްތަކުގައި އަޅުގަނޑު ބައިވެރިވެފައި ވާނެއެވެ. މި ބައިވެރިވުން ފާހަގަ ކުރެވޭނީ ގްރޭޑް  6 އަދި 7 ގެ ސައިންސާއި ހިސާބު ފޮތް ލިޔުމާއި، ކަރިކިޔުލަމް ލިޔުމާއި ބައެއް އިމްތިޙާނު ކަރުދާސް އެކުލަވާލުމާއި އަނެއް ބައި ކަރުދާސް މޮޑަރޭޓް ކުރުމުގައެވެ. އަދި 1987 ވަނަ އަަހަރު ބޭއްވި ޖޭ.އެސް.ސީ އިމްތިޙާނުގެ ކޯޑިނޭޓަރަކީ އަޅުގަނޑެވެ. އިމްތިޙާނުގެ މައިގަނޑު އޮފީސް ހުރީ ކުރީގެ ޖަމާލުއްދީނު ސްކޫލް ގައެވެ. މިވާހަކަ މި ދަންނަވާލީ އަޅުގަނޑު ބުނާ އެއްޗެއް މިބުނަނީ އިމްތިޙާނު ތަކުގެ ޓެކްނިކަލް މަޢުލޫމާތާއި ޢަމަލީ ތަޖުރިބާގެ މައްޗަށް ބުރަވެކަން ކިޔުންތެރިންނަށް ދަންނަވާލުމަށެވެ.

މަދު ފަހަރަކު، ބައެއް އިމްތިޙާނު ކަރުދާސް ލީކް ވެފައިވާ ކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން، އަޅުގަނޑު އިމްތިޙާނު ކޯޑިނޭޓް ކުރިފަހަރު، ކަރުދާސްތައް ޗާޕުކުރަން ހުރި މީހާ، ދެ އިިމްތިޙާނެއްގެ ކަރުދާސް ވަގަށް ނެގިކަން ތަޙްޤީޤުގައި ފާހަގަ ކުރެވުނެވެ. މިކަންކަން ހިނގިއިރު، ކޯޑިނޭޓް ކުރާ އޮފީހަށް ވަދެނުކުމެވާ މީހުން ފާސްކުރުމަށް ސިފައިންގެ މީހެއް ހުންނަކަން ފާހަކަކޮށްލަމެވެ. އިމްތިޙާނު ލީކްވުމާ ގުޅިގެން ލީކްވި އިމްތިޙާނު އަލުން ބޭއްވިކަން 6 އޮކްޓޯބަރު 1988 ގައި ނުކުތް ނޫހުން ކިޔުއްވާށެވެ!

ޖޭއެސްސީ އިމްތިޙާނު އުވާލީ 26 އޯގަސްޓް 1989 ގައެވެ. ތިރީގައިވާ ނޫހުގެ ޞަފުޙާއިން އެކަން ހިނގިގޮތް ކިޔުއްވާށެވެ. ޚަބަރުގައި ޖޭސްއެސްސީ އިމްތިޙާނު މަޖުބޫރު ނޫން، ބޭނުންވާ މީހަކު ހަދަން ޖެހޭ އިޚްތިޔާރީ އެއްޗެއްގެ ގޮތުގައި ހަމަ ޖެއްސިޔަސް، އެ ފަދަ އިމްތިޙާނެއް އެއަށް ފަހަކު ނުބާއްވައެވެ.

ޖޭއެސްސީ އިމްތިޙާނު ދޭން ފެށުމާއެކު، އިޖްތިމާޢީ މައްސަލަތަކެއް ކުރިމަތި ވިއެވެ. އެއްކަމަކީ، އިމްތިޙާނުން ފާސްވާ ދަރިވަރުން ގިނަވާ ނިސްބަތުން މާލީދަތިތަކާ ހުރެ ސާނަވީ ފުޅާކުރެވެން ނެތުމެވެ. ފޭލިވާ ކުދިންނަށް ފުޅާ ތަމްރީނުގެ ދޮރެއް ހުޅުވިފައި ނެތުމެވެ. ފޭލިވާ ގިނަކުދިން ވަންނަން ޖެހެނީ ޕްރައިވެޓް ސްކޫލްތަކަށެވެ. ނޫނީ ޅަ އުމުރެއްގައި މަސައްކަތުގެ ދާއިރާއަށެވެ. ދެވަނަ މައްސަލައަކަށް ދިމާވީ، ސިޔާސީގޮތުން ބާރުގަދަ ބައެއް މީހުންގެ ދަރިން ސެކަންޑަރީ ސްކޫލްތަކަށް ވަދެވޭ ފެންވަރަށް ފާސް ނުވުމެވެ. މިހެންކަމުން، މި އިމްތިޙާނާ ދޭތެރޭ އެކި ފަރާތްތަކުން ދެކޮޅު ހަދަމުން ގެންދިޔައެވެ. އަދި އިމްތިޙާނު ލީކުވުމުގެ ސަބަބުން، އިމްތިޙާނާ ދޭތެރޭ ރައްޔިތުން އޮތް އިތުބާރު ގެއްލިގެން ދިޔައެވެ. މިކަންވީ، އިމްތިޙާނު އުވާލުމަށް ހަނގުރާމަކުރަމުން ދިޔަ ފަރާތްތަކަށް ލިބުނު ބޮޑު އުންޑައަކަށެވެ.

ޖޭއެސްސީ އިމްތިޙާނު އުވާލަންޖެހުނު ޖެހުމަކީ، ކޮމިޔުނިޓީ ސްކޫލް ކޮންސެޕްޓް ނުވަތަ ފިކުރު ރާއްޖޭގެ ތަޢުލީމީ އުދަރެހުން އޮއްސިގެން ދިއުމެވެ. އަދި، ތަޢުލީމު ދިނުމުގައި ދިވެހި ބަހަށް ދެވިފައިވާ މަޤާމު ގެއްލިގެން ދިއުމެވެ. ޖޭއެސްސީގެ ބަދަލުގައި، ގްރޭޑް 8  އުފެއްދުމަށް ހުއްދަ ދިނުމަށް ތަޢުލީމީ ވުޒާރާއިން އިމްތިޙާނެއް ތައާރަފު ކުރެވުނެވެ. ޖޭއެސްސީ އާ ޚިލާފަށް އަލަށް ތައާރަފު ކުރި އިމްތިޙާނު ދިނީ ހަމައެކަނި އިނގިރޭސި ބަހުންނެވެ. މި އިމްތިހާނާއި ގްރޭޑް 8 އުފެއްދުން ފަހުން ވެގެންދިޔައީ ސިޔާސީ ކަމަކަށެވެ. މާ ގިނަ އަހަރު ތަކެއް ނުވެ، ދިވެހިރާއްޖޭގެ ތަޢުލީމީ މަރުކަޒުން ދިވެހި މީޑިއަމުން އުފައްދަމުން ގެންދިޔަ ޕްރައިމަރީ އަދި މިޑްލް ސްކޫލް ކަރިކިޔުލަމް ފޮތްތައް ދިވެހިބަހުން އުފެއްދުން ހުއްޓާލައިފިއެވެ.  މިހާ ހިސާބުން ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމަކީ އިނގިރޭސިބަހުން ނޫނީ ނުހޯދޭނޭ އެއްޗަކަށް ވީއެވެ.

ރާއްޖެތެރޭގައި ގްރޭޑް 8  ގައި ކިޔަވާ ހުރިހާ ކުދިންހެން ކިޔަވަމުން ގެންދިޔައީ ބިޒްނަސްގެ މާއްދާތަކެވެ. އާދެ! ކޮމާސް ސްޓްރީމެވެ. އެއީ ޚަރަދަށް ބަލައެވެ.  ”ވަށާ ޖެހޭ“ ތަޢުލީމަކީ މަޖުބޫރު ހަތަރު މާއްދާ އާއި ބިޒްނަސް ތިން މާއްދާކަމަށް ވެ ނިމުނީއެވެ. އަޅުގަނޑު ހަނދާން ހުންނަ އެއްކަމަކީ، ސެކަންޑަރީ ކަރިކިޔުލަމް އާ ބެހޭ ބައްދަލުވުމެއްގައި އީޕީއެސް ވެރިއަކަށް ހުރި ޕްރިންސިޕަލް ވިދާޅުވި އެއްޗެކެވެ. ”މި ދާގޮތަށް ކަރިކިޔުލަމް ކުރިއަށް ގެންދަންޏާ ދިވެހީން ޔަހޫދީންނަށް ވުރެ ނުލަފާވާނެ އެވެ.“ ދިވެހި މުޖުތަމަޢު، މިހާރު ކަނޑަމުން މިދަނީ އެ މޫސުމުގައި އިންދި އޮށުގެ ގޮވާމެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސާނަވީ ފެންވަރުގައި ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު އިމްތިޙާނު ކުރަން ފެށީ 1987 އިން ފެށިގެންނެވެ. މިކަން ފެށުނީ މައުމޫން ދައުރު ފެށުމާއެކު އެވެ. ނާޞިރުގެ ވެރިކަން ނިމެންދެން، ދިވެހި ބަހާއި ދީނީ ތަޢުލީމު ސާނަވީ ފެންވަރަކު ނުކިޔަވާ ދެއެވެ. ދަރިވަރުން މި މާއްދާތައް ގްރޭޑް 7 ނިމުމުން ކިޔެވުން ހުއްޓާލައެވެ. ސެކަންޑަރީ ކިލާސްތަކުގައި ކިޔަވާދެނީ މުޅިން ވެސް ލަންޑަން ޖީސީއީ އޯ ލެވެލް މާއްދާތަކެވެ. 1978 ވަނަ އަހަރު ވެސް، ދަރިވަރުން ޖީސީއީ އޯ ލެވެލް ގެ 9 މާއްދާ ކިޔަވައެވެ. ސައިންސް ސްޓްރީމެއް އާރޓްސް ސްޓްރީމެއް ބިޒްނަސް ސްޓްރީމެއް ނޯވެއެވެ. ތަފާތު ގޮފިތައް ހަދައިގެން މަދު މާއްދާތަކެއް  ކުރިން ކިޔެވި ކިޔެވުން އުވުނީ ބެޑްލީ ކިޔާ އިނގިރޭސި ކޮންސަލްޓަންޓަކު  1971 ވަނަ އަހަރު ރާއްޖޭގެ ތަޢުލީމީ ނިޒާމާ ބެހޭ ގޮތުން ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ. އޭނާ ފާހަގަ ކުރީ އޯ ލެވެލްގެ ހައެއްކަ  މާއްދާ ކިޔަވާލައިގެން، ދަރިވަރުންނަށް ”ވަށާ ޖެހޭ“ ފުރިހަމަ ތަޢުލީމީ ބިންގަލެއް އަޅާ ނުދެވޭނެ ކަމެވެ. މިކަމާ ގުޅިގެން ނާޞިރުގެ ވެރިކަމުގައި ދަރިވަރުންނަށް ހުރިހާ ސްޓްރީމެއްގެ ހުރިހާ މާއްދާއެއް ކިޔަވާދޭ ގޮތަށް ހަމަޖެއްސީއެވެ. މިއޮތީ ބެޑްލީ ގެ ރިޕޯޓެވެ. އެކަން ތަންފީޒުކުރިކަން އަންގާ ނޫހުގައި ޖަހާފައިވާ ޚަބަރު ތިރީގައި އެވަނީ އެވެ. ފާހަގަ ކުރެއްވޭނޭ ފަދައިން، 9 މާއްދާ ދަރިވަރުން ހަދަން ޖެހެއެވެ. އަދި ބޭނުން ކުއްޖަކަށް ކުރެހުމާ ބެހޭ މާއްދާ ވެސް ކިޔެވޭގޮތް އޮވެއެވެ.

މަދަރުސާކުދިން ބޭރު އިމްތިޙާނުތަކުގައި ބައިވެރިވުން

ބޭރުގެ އިމްތިޙާނުތަކުގައި ރާއްޖޭގެ ދަރިވަރުން އެންމެ ފުރަތަމަ ބައިވެރިވީ 1964 ވަނަ އަހަރުގެ ސްޕްރިން (ރަބީޢު) މޫސުމުގައެވެ.  މިކަން ފެށުނީ ނާޞިރު ދައުރުގައި، 1961 އަހަރު، ސިލޯނުގެ ސެންޓް ޕީޓަރސް ކޮލެޖްގެ ސައިންސް މުދައްރިސެއް މަޖީދިއްޔާގެ ނާޒިރަކަށް ގެނެސް ގެންނެވެ. މިކަން މެދުވެރިކުރުވި ސަބަބުތައް ތަފްޞީލުކޮށް އެހެން މަޒުމޫނެއްގައި ލިޔެފައިވާތީ، މި މަޒުމޫނު ކުރުކުރުމަށްޓަކައި އެބައި ނުހިމަނާނަމެވެ. އެންމެ ފުރަތަމަ ބައިވެރިވީ ޖުމުލަ ފަސް ކުދިން ލަންޑަންގެ އެލް.ސީ.ސީ.އައި ގެ އިންޓަރމީޑިއޭޓް ފެންވަރުގެ އިމްތިޙާނުތަކުގައެވެ. އާދެ! ކޮމާރސް މާއްދާތަކުގައެވެ. ދެވަނަ ބެޗްގައި ބައިވެރިވީ ހަމަ އެ އަހަރުގެ ޚަރީފު މޫސުމުގައި ފަށާފެންވަރުގެ އިމްތިޙާނުތަކުގައި ތިންކުދިންނެވެ. ލަންޑަން އަށް ބަހާރު މޫސުން ފެށެނީ، މާރޗް މަހުގައެވެ. ޚަރީފު މޫސުން ފެށެނީ ސެޕްޓެމްބަރު މަހުއެވެ. ދެވަނަ ބުރުގައި ބައިވެރިވި ދަރިވަރެއްގެ އެއް ސެޓިފިކެޓް ތިރީގައި އެވަނީއެވެ.

މިހާރާއި ޚިލާފަށް، ކޮންމެ މާއްދާއަކަށް އެ ދުވަސް ވަރު ވަކި ސެޓިފިކެޓެއް ދެއެވެ. ސެޓިފިކެޓްގެ ފުޅާމިނަކީ ގާތްގަޑަކަށް 8 އިންޗިއެވެ. މި ކުޑަ ސެޓިފިކެޓްގައި ފަސް ފަރާތަކުން ސޮއިކޮށްފައިވާތީ ތިބާއަށް ފެންނާނެއެވެ. އެ ދުވަސްވަރު ސެޓިފިކެޓްތަކަށް ދެނީ ވަރަށް ބޮޑު ސަމާލުކަމެކެވެ.

ރާއްޖޭގައި ދެން ބޭއްވުނީ ރޯޔަލް ސޮސައެޓީ އޮފް އާރޓްސް ގެ އިމްތިޙާނުތަކެވެ. މި އިމްތިޙާނު ފެށުނީ 14 ޖޫން 1965 ގައި މަޖީދިއްޔާގައެވެ. މި އިމްތިޙާނުގައި ބައިވެރިވީ މަޖީދިއްޔާގެ ހަ ކުއްޖެކެވެ. އެއީ އިންގްލިޝް، އެރިތުމެޓިކް، މެތެމެޓިކްސް 1، މެތެމެޓިކްސް 2، ހިޔުމަން ބަޔޮލޮޖީ، ހައިޖީން، އާރޓް އަދި ސިވިކް ގައެވެ. މި ވާހަކަ، ދިވެހިރާއްޖޭގެ ރަސްމީ ޔައުމިއްޔާގެ 5815 ވަނަ ޚަބަރުގެ ގޮތުގައި، ޔައުމިއްޔާ ފޮތްބައިގެ 36 ވަނަ ފޮތުގެ 3516 ވަނަ ޞަފުޙާގައި ވެއެވެ.

ތިންވަނައަށް ރާއްޖޭގައި ބޭއްވުނު އިމްތިޙާނަކީ ލަންޑަން ޔުނިވަރސިޓީގެ ޖީސީއީ އޯޑިނަރީ ލެވެލް އިމްތިޙާނެވެ. މި އިމްތިޙާނު ބޭއްވުނީ 4 ޖަނަވަރީ 1967 ގައެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ މި ފުރަތަމަ ޖީސީއީ އިމްތިޙާނުގައި ބައިވެރިވީ ހަތަރު އަންހެން ކުދިންކަމެވެ. އިތުރު ތަފްޞީލު ތިރީގައިވާ ޚަބަރުން ކިޔުއްވާށެވެ.

ނާޞިރު ދައުރުގައި ބިނާކުރަން ފެށި އޭ ލެވެލް އަށް ކިޔަވައިދޭ މަރުކަޒު، ސައިންސް އެޑިޔުކޭޝަން ސެންޓަރ، 1979 ވަނަ އަހަރު ޖުލައި މަހުގައި ހުޅުުވުނެވެ. އޭގެ ކުރިން، 1977 ވަނަ އަހަރުގެ ޖަނަވަރީއިން ފެށިގެން އޭ ލެވެލް އަށް މަޖީދިއްޔާ އާއި އަމީނިއްޔާ ގައި ކިޔަވައިދޭން ފެށިއެވެ. ދުވަސްކޮޅެއް ވަންދެން އަމީނިއްޔާ ކުދިން މަޖީދިއްޔާއަށް ވެސް ކިޔަވަން އައެވެ. ސެންޓަރު ހުޅުވުމާ ގުޅިގެން އެތަނަށް މަޖީދިއްޔާ އާއި އަމީނިއްޔާގެ އޭ ލެވެލް ދަރިވަރުން ބަދަލުކުރިއެވެ. ރާއްޖޭގައި ބޭއްވުނު ފުރަތަމަ އޭ ލެވެލް އިމްތިޙާނު ބޭއްވުނީ 1981 ވަނަ އަހަރުގެ މެއި މަހުއެވެ.

ޖީސީއީ އޯލެވެލް އިމްތިޙާނުތަކަކީ، 1951 ވަނަ އަހަރުން ފެށިގެން، އިނގިރޭސި ވިލާތުގައި، މައްޗަށް ކިޔެވުމަށް އެދޭ މަދު ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަމުން އައި އިމްތިޙާނުތަކެކެވެ. އެންމެ ފުރަތަމަ މި އިމްތިޙާނުތަކުގައި އިނގިރޭސި ވިލާތުންވެސް ބައިވެރިވީ މަދަރުސާގައި ކިޔަވަން އުޅޭ ދަރިވަރުންގެ %30 ކުދިންނެވެ. މިކަން މިގޮތަށް ހިނގަމުން ދަނިކޮށް، 1988 ވަނަ އަހަރު އިނގިރޭސި ވިލާތުގައި މި އިމްތިޙާނުތަކަށް ބަދަލެއް ގެނައެވެ. އެއީ ގިނަ ބަޔަކަށް ފާސްވެވޭ ފަދަ ގޮތަކަށް އިމްތިޙާނުގެ ފެންވަރު ދަށްކޮށްލުމާއެކު ލިބޭ ގްރޭޑްތައް ގިނަކޮށްލުމެވެ. އައު އިމްތިޙާނަށް ކިޔަނީ ޖީސީއެސްއީ އެވެ. އާދެ! ޖެނެރަލް ސެޓިފިކެޓް އޮފް ސެކަންޑަރީ އެޑިޔުކޭޝަން އެވެ. ރާއްޖެ ފަދަ ބޭރު އިމްތިޙާނުތަކަށް ބަރޯސާ ވަމުން އައިޤައުމުތަކަށް މަޖުބޫރުވީ ޖީސީއެސްއީ ގެ ބައެއް އިމްތިޙާނުގައި ކުދިން ބައިވެރިކުރާށެވެ.

ޖީސީއީ އޯލެވެލް އިމްތިޙާނުތައް ހިންގަމުން އައީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ވަކި ގޮތްޕަކުންނެވެ. އެތަނަށް ކިޔާ ނަމަކީ ސްކޫލް އިގްޒަމިނޭޝަންސް ބޯޑު އެވެ. މިިބޯޑު އުފެއްދީ 1908 ވަނަ އަހަރު އެވެ. އެ ފަހުން އެހެން ތަންތަނާއި މި މުއައްސަސާ ގުޅި، 1996 ވަނަ އަހަރު ތަނުގެ ނަން އެޑްއެކްސަލް އަށް ބަދަލު ކުރިއެވެ. ދެން އެންމެ ބޮޑު ބަދަލެއް އައީ 2003 ވަނަ އަހަރު އިމްތިޙާނުތައް ހިންގުމުގެ ވިޔަފާރި، ކުންފުންޏަކަށް ދިނުމުންނެވެ. މިހާރު ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އިމްތިޙާނުތައް ހިންގަނީ ޕިއަރސަން ކިޔާ ވިޔަފާރި ކުންފުންޏަކުންނެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ، ޙިއްޞާދާރުންނަށް ލިބޭ ފައިދާ ބޮޑުކުރުމެވެ. ”ޕިއަރސަން“ އަކީ ފައިދާއަށް އަހަރަކު އެއް ބިލިއަން ޑޮލަރު ލިބޭ ދުނިޔޭގެ އެންމެ ބޮޑު ތަޢުލީމާބެހޭ ވިޔަފާރިތައް ހިންގާ ކުންފުންޏެވެ. ފައިދާއަށް އިމްތިޙާނުތައް ހިންގުމުން ދިމާވި މައްސަލަތައް މިލިންކުން ކިޔުއްވާށެވެ.

ކަންތައްތައް މިހިސާބަށް އައިއިރު، އެޑްއެކްސެލްގެ އިމްތިޙާނުތަކުގައި ބައިވެރިވާ ޤައުމުތަކާއި ދަރިވަރުންގެ ޢަދަދު އައީ މުޅި ދުނިޔޭގައި  ވެސް މަދުވަމުންނެވެ. އެ އިމްތިޙާނުތައް ކުރިން ގަންނަމުން އައި ޤައުމުތައް، އެ ޤައުމުތަކުގެ އަމިއްލަ އިމްތިޙާނުތަކަށް ބަދަލުވީއެވެ. ބައިވެރިވާ މީހުން މަދުވުމާއި އެކު، ދަށު ސާނަވީ އިމްތިޙާނުތަކުގެ ފެންވަރު ވެއްޓިފައި ވެއެވެ. 2001 ވަނަ އަހަރު، އެންމެ ގިނަދަރިވަރުން ބައިވެރިކުރީ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެ އިންނެވެ. އެޑްއެކްސެލް ފަށާ ސާނަވީ އިމްތިޙާނުތަކުގައި މުޅިދުނިޔޭން ބައިވެރިވާ ދަރިވަރުންގެ ޢަދަދުން ތިންބައިކުޅަ އެއްބަޔަށް ވުރެގިނައީ ދިވެހި ކުދީންނެވެ.

ރާއްޖެއިން އެޑްއެކްސަލް އިމްތިޙާނުގައި ބައިވެރިވުން ހުއްޓާލައި، ކޭމްބްރިޖް އިމްތިޙާނުތަކަށް ބަދަލުވީ 2002 ވަނަ އަހަރުއެވެ. އެޑްއެކްސަލް އާ ރާއްޖެއާ ދެމެދު އުފެދުނު ނުތަނަވަސްކަން މި ދިރާސީ ކަރުދާހުން ކިޔުއްވާށެވެ. އެ ކަރުދާސް ލިޔެފައިވާ ދެ ފަރާތާއި، ހުއްޓާލުމާ ގުޅިގެން އެޑްއެކްސަލް އިން މާލެ ފޮނުވި މަންދޫބު އާ އަޅުގަނޑު ބައްދަލުވެފައި ވެއެވެ. މިދާއިރާއިން އުނގެނެން ބޭނުންވާ މީހުންނަށް ހަވާލާދެވުނު ކަރުދާހަކީ ރާއްޖޭގެ އިމްތިޙާނުތަކާ ބެހޭ ގޮތުން ލިޔެފައިވާ އެންމެ މަޢުލޫމާތު ގިނަ އެއް ކަރުދާހެވެ.

އޯލެވެލް އާއި އޭ ލެވެލް އިމްތިޙާނުތަކުގެ އިދާރީ ހިންގުމުގެ އެތައް ތަޖުރިބާތަކެއް އަޅުގަނޑަށް ކުރެވިފައި ވެއެވެ. މީގެ ތެރޭގައި، އިންވިޖިލޭޓަރު ކަމުން ފެށިގެން އިމްތިޙާނުތަކުގެ ސްޕަރރިންޓެންޑެންޓްކަމާއި، އޭލެވެލް ފިޒިކްސް އިމްތިޙާނުގެ ލޯކަލް އެސިސްޓަންޓް އިގްޒަމައިނަރުކަން ހިމެނެއެވެ. އަޅުގަނޑަކީ އިމްތިޙާނުތަކާ ބެހޭބައިގެ ކޮމިޓީތަކާއި އެހެންކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިވެރިވެފައިވާ މީހަކީމެވެ. މި ތަޖުރިބާތަކާއި ރާއްޖޭގެ ތަޢުލީމީ ތާރީޚަށް ވިސްނައި، އަޅުގަނޑަށް ފެންނަގޮތް ދަންނަވާލިޔަ ދެއްވާށެވެ.

އޯ ލެވެލް އިމްތިޙާނުތައް ފެށިފަހުން 2017 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހަށް، އާދެ، މިދިޔަމަހަށް 50 އަހަރު ފުރުނީއެވެ. ވޭތިވެދިޔަ 50 އަހަރުގައި ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލައި، ބުނަން މަޖުބޫރުވަނީ، މަދަރުސާތަކުގެ ސާނަވީ އިމްތިޙާނުތަކަށް އަންނަންވީ ތަރައްޤީއެއް އައިސްފައި ނުވާކަމަށެވެ.  ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިމްތިޙާނުތައް ހިންގާ ގޮތްޕަށް ދޭންޖެހޭ ސަމާލުކަން ކަމާބެހޭ ވުޒާރާއިން ނުދެވެނީއެވެ. ދުވަހީ ބުރަތަކެއްގެ ސަބަބުންނާއި ހަލަބޮލި ސިޔާސީ މާހައުލުގެ ސަބަބުން ދުރަށް ރާވަން ދަތިވަނީ އެވެ. ތަނަށް ފަންނީ ޤާބިލް މީހުން ބިނާކޮށް އެމީހުން އެތަނުގެ ދެމެހެއްޓުމާއި، ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ޙައްލުކުރަންޖެހިފައިވަނީ ފެށުނީއްސުރެއެވެ.  އިމްތިޙާނުތަކަށް ތަޢުލީމީ އިސްޓޭޖުގެ އަލިތައް ފޯކަސްވަނީ ގިނަ ފަހަރު ކަމެއް ގޯސްވުމުންނެވެ. އެހެންނޫނީ އެފަދަ ތަންތަން އޮންނަނީ އިސްޓޭޖުގެ އަނދިރި ކަނެއްގައެވެ. އެމީހެއްގެ ބޭނުމެއް ޖެހުނީމާ ކަމޭ ހިތައިގެން އުޅެފައި ބޭނުން ކެނޑުނީމާ އަޅާ ނުލައި ތިބޭ މީހުންނާމެދު ބުނެއުޅޭ ދިވެހި މަޖާޒެއް ވެސް އޮވެއެވެ. އާދެ! ފެނުކައްކާ ބޮއްޔެވެ.

މުޅި ސެކަންޑަރީ ކަރިކިޔުލަމް ނުވަތަ ސާނަވީ މަންހައްޖު ކޮންޓްރޯލްކުރާ އެއްޗަކީ ނުވަތަ ”ޑްރައިވް“ ކުރާ އެއްޗަކީ ސާނަވީ ނިންމާއިރު ދޭ އިމްތިޙާނުތަކެވެ.  ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވާފައިވާ ކޮންމެ މުދައްރިސަކު ވެސް މިކަމަށް އެއްބަސްވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަޤީން އެވެ. ދިވެހިރާއްޖޭގެ ޤަައުމީ އިމްތިޙާނަކީ ފުރެއްދެ އިމްތިޙާނެއް ކަމަށް ވުމުން ދިވެހީންގެ މާ ބޮޑު ގޮތްކިޔުމެއް، ބާރެއް ނުވަތަ ނުފޫޒެއް މި މިއިމްތިޙާނުތަކަކަށް ނޯވެއެވެ. އިމްތިޙާނުތައް ބާއްވާނެ ދުވަސްވަރަކަށް ހިމަނާނެ ބައިތަކަކަށް ބަހެއް ނުބުނެވެއެވެ. މިހާލަތުގައި ކުރެވޭ ސުވާލަކީ، ދިވެހިރާއްޖޭގެ މަދަރުސާތަކަކީ ދިވެހި މަދަރުސާތަކެއްތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި ދިވެހި ދައުލަތުގެ ހުރިހާ ސާނަވީ މަދަރުސާ ތަކަކީ، އިންޓަރނޭޝަނަލް ސްކޫލް އެވެ. އެއީކީ ނޭޝަނަލް، ޤައުމީ ސްކޫލްތަކޭ ބުނާނީ ކިހިނަކުންތޯ އެވެ؟ މިއޮތީ އިންޓަރނޭޝަނަލް ސްކޫލް މާނަކުރާ ގޮތެވެ.

މަތީގައިވާ ގޮތަށް ވުރެެ ހަނިކޮށް އިންޓަރނޭޝަނަލް ސްކޫލް މާނަކުރާގޮތް މިއޮތީ އެވެ. މިހަނިގޮތަށް މާނަކުރާ ނަމަ، ރާއްޖޭގައި އެއްވެސް އިންޓަރނޭޝަނަލް ސްކޫލެއް ނުހުރެއެވެ. ނޫނީ ހުންނަނީ ހައްތާވެސް އިންޓަރނޭޝަނަލް ސްކޫލްއެވެ.

ސާނަވީ އިމްތިޙާނުތައް ރާއްޖޭގެ ވެއްޓާއި ބީރައްޓެހިކަމުންނާއި ދިވެހި މަސައްކަތްތެރިކަމާއި ތަޢުލީމު ގުޅުވުމަށް، 1981 ވަނަ އަހަރު މުހިއްމު މަސައްކަތެއް ފެށިއެވެ. ފިޝަރީޒް ސައިންސް ގެ ނަމުގައި، އައު މާއްދާއެއް ތައާރަފު ކުރުމެވެ. މި މާއްދާ، މަޖީދިއްޔާ އާއި އަމީނިއްޔާ ގެ ގްރޭޑް 8 އަށް ތައާރަފު ކުރީ 1984 ވަނަ އަހަރުއެވެ. މަޖުބޫރު މާއްދާއެއްގެ ގޮތުގައެވެ. އެއިރު މަޖީދިއްޔާގައި 370 ކުދިން އެ މާއްދާ ކިޔަވަމުން ދިޔައެވެ. ދަރިވަރުންގެ ޝައުޤުވެރިކަން ނެތުމުން، އިޚްތިޔާރީ މާއްދާއަކަށް ފިޝަރީޒް ސައިންސް ބަދަލުކުރުމުން 325 ކުދިން އެ މާއްދާ ދޫކޮށްލިއެވެ. އެންމެ ފުރަތަމަ ދަރިވަރުން އިމްތިޙާނުގައި އިށީނީ 1987 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އެއީ މީގެ 30 އަހަރު ކުރިންނެވެ.  ފިޝަރީޒް ސައިންސް މާއްދާ ފެށިއިރު، އޭގެ މަޤްޞަދުތަކާއި މިހާރު އެ މާއްދާއަށް އައިސްފައިވާ ބަދަލާއި 30 އަހަރުން މާއްދާއިން މަސައްކަތްތެރިކަމަށް ކުރި އަސަރު ނުވަތަ ނުކުރާ އަސަރު އެނގިވަޑައިގަތުމުން ތިޔަ ބޭފުޅުން ހައިރާންފުޅު ވާނެއެވެ. މި މައުޟޫޢުއަށް ވަކި މަޒުމޫނެއް ލިޔަން ޤަޞްދުކުރާތީ، މިހިސާބުން މިވާހަކަ ކުރުކުަރަމެވެ.

އާދެ! ޖީސީއީ އޯ ލެވެލް އިމްތިޙާނުތައް ބާއްވާތާ ފައިބެ ޖަނަވަރީ އަށް 50 އަހަރު ވީ އިރު، ސާނަވީ އިމްތިޙާނުތަކަށް އަންނަންވީ އިންޤިލާބީ ކުރިއެރުންތައް ގެނައުމަށް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. މި ދެންނެވުނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ވާރލްޑް ބޭންކުގެ ދެވަނަ ތަޢުލީމާއި ތަމްރީނާ ބެހޭ މަޝްރޫޢުއިން އިމްތިޙާނުތަކާ ބެހޭ ދިރާސާއެއް ކުރިއެވެ. މި  ދިރާސާގެ ޑްރާފްޓް ރިޕޯޓްގެ ބައެއް އަޅުގަނޑުގެ އަތުގައި އެބައޮތެވެ. އޭގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގެ ދަށު ސާނަވީ އިމްތިޙާނުތައް ރާއްޖޭގެ އެއްޗަކަށް ހަދައި، އޭލެވެލް މިހާރެކޭ ވެސް އެއްގޮތަށް ބޭއްވުމެވެ. ނަމަވެސް، ދިވެހި ސިކުނޑިތަކަށް، ފުރެއްދެ ދެވި ސަވާރުވެފައި އޮންނަލެއް ބޮޑުކަމުން މިފަދަ ރިޕޯޓްތަކަށް މާބޮޑު ސަމާލުކަމެއް ދޭނީ ފަހެ ކާކުތޯއެވެ؟ ތަޢުލީމީ ފަންނުވެރިން ބުނާނީ، ދިވެހިރާއްޖޭގެ ވިސްނުމުން، ސާނަވީ ތަޢުލީމީ މިސްރާބުތައް ކަނޑައަޅައި، ވަކި ގޮތަކަށް އިމްތިޙާނުތައް ދުއްވުމުގެ ބަދަލުގައި، ބޭރުގެ އިމްތިޙާނުތަކުގެ ފަހަތުން އެ ދާގޮތަކަށް އަޅުގަނޑުމެން ދުވަނީ އެވެ.

މި މަޒުމޫނު ލިޔަން އަޅުގަނޑު ފެށީ، ސްކޫލްތަކުގެ ނަތީޖާތައް އެއް އަހަރުދުވަހުގެ ތެރޭގައި %100 އަށް ޖައްސާނެ ގޮތް ލިޔުމުގެ ބޭނުމުގައެވެ. ނަމަވެސް، ދެހާސް ލަފުޒު ލިޔެވުނު އިރު، އަދި މިލިޔެވުނީ ރާއްޖޭގެ ސްކޫލް އިމްތިޙާނުތަކުގެ ފަސްމަންޒަރެވެ. ކިޔުންތެރިންގެ އަރިއަހުން މަޢާފަށް އެދެމުން، މި މަޒުމޫނު މި ނިންމާލަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ސާނަވީ ސްކޫލްތަކުގެ ނަތީޖާ %100 އަށް ޖައްސާނެގޮތް ފަހުން ލިޔާ މަޒުމޫނެއްގައި ގެނެސްދޭނެ ވާހަކަ ދަންނަވަމުންނެވެ. ކަންބޮޑުވެ ވަޑައި ނުގަންނަވާށެވެ. އެ މަޒުމޫނު ކިޔުއްވުމަށް ފަހު ގައި ވެސް، %100 ނަތީޖާ ނެރެވޭނޭ މުއްދަތު ތިޔަ ބޭފުޅުންނަށް އޮންނާނެއެވެ. ހަމަ މިއަހަރު އެވެ.