ބާބު 2
ޞަލާޙުއްދީނު ދައުރު (1900–1934)

މި ބާބުގައި އަޅުގަނޑުމެން ބަޔާންކުރާނީ ޙުސައިން ޞަލާޙުއްދީނުގެ ދައުރުކަމަށް މިފޮތުގައި ކަނޑައަޅާ މުއްދަތުގައި، މީލާދީ ގޮތުން 1900 އިން ފެށިގެން 1934 ވަނަ އަހަރު ނިޔަލަށް، ރާއްޖޭގައި ތަޢުލީމީ ކަންތައްތައް ހިނގަމުން ދިޔަ ގޮތެވެ. މިގޮތުން އެންމެ ފުރަތަމަ ޚުލާޞާ ކޮށްލާނީ މި ދައުރުގެ ސިޔާސީ މަސްރަޙްއެވެ. އެއަށްފަހު، އެމީހެއްގެ ނަމުން މި ދައުރަށް ނަން ދެވިފައިވާ ޢިލްމުވެރިޔާ، ޙުސައިން ޞަލާޙުއްދީނުގެ ތަޢުލީމީ ޙަޔާތެވެ. ތަޢުލީމީ ކަންކަން ބަޔާންކުރާނީ މި ދެބައި ޚުލާޞާ ކޮށްލުމަށް ފަހުއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް 1900 އިން 1934 އަށް

އައްސުލްޠާން އިބްރާހީމް ނޫރައްދީނު 29 ނޮވެމްބަރ 1892 ގައި އަވަހާރަވުމާ ގުޅިގެން ރަސްކަމަށް އިސްވާނޭ ފަރާތަކާ ބެހޭ ގޮތުން މާލޭގައި ސިޔާސީ އޮޅުވާލުންތަކަކާއި މަކަރުތަކެއް ހިނގިކަމަށް ބެލް (1940) ގައި ފާހަގަކޮށްފައި ވެއެވެ. ބެލް އެކަން ހިނގާދިޔަކަމަށް ފާހަގަކޮށްފައިވާ ގޮތް ތިރީގައި އެވަނީއެވެ.

އިބްރާހީމް ނޫރައްދީނު ފަސް ބޭކަނބަލުންނާ ކައިވެނި ކުރައްވައި އެއިން ތިން ބޭކަނބަލުންގެ ފަރާތްޕުޅުން ފަސް އަންހެން ބޭފުޅުންނާއި ހަތަރު ފިރިހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. ރަދުން އަވަހާރަވިއިރު، އެންމެ ދޮށީ ދަރިކަލުންގެ ޢުމުރުފުޅަކީ 13 ނުވަތަ 14 އަހަރެވެ. އެއީ (ރަންނަބަޑޭރި ކިލެގެފާނު މުޙައްމަދު ދީދީއަށް ބޮޑުބޭބޭ ވިދާޅުވާ) ކަކާގޭ ދޮންގޮމައާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެން ދޮށީ މަނިއްޕުޅު (ފަހުން ޝަމްސުއްދީނު ރަދުން III) އެވެ. ދެވަނައަށް ހުރި ފިރިހެން ބޭފުޅަކީ ބޮޑުގަލުގޭ ދީދީ އާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެން މަނިއްޕުޅު އެވެ. އޭރު ޢުމުރުފުޅަކީ 8 އަހަރެވެ. އިބްރާހީމް ނޫރައްދީނު އަވަހާރަވުމުން، ރަސްކަން ހިންގާ މަޖިލިހުން ރަސްކަމަށް އިސްކުރެއްވީ ޢުމުރުން 8 އަހަރުގެ މަނިއްޕުޅެވެ. އެއީ މުޙައްމަދު ޢިމާދުއްދީނު V ގެ ނަމުގައެވެ. ދޮށީ ދަރިކަލުންނެއް ނޫނެވެ. މިކަން ސިލޯނު ސަރުކާރަށް އެންގުމުން، ދޮށީ ދަރިކަލުން ރަސްކަމަށް އިސްވެވަޑައިނުގެންވުނީތީ، ރަސްކަމަށް އިސްކުރާ ފަރާތްތައް ކަޑައެޅުމުގެ އުޞޫލު އޮންނަގޮތް އެންގުމަށް ސިލޯނު ސަރުކާރުން އެންގިއެވެ. މި އެންގުމަށް އެކަށީގެންވާ ޖަވާބެއް ނުލިބެއެވެ. ނަމަވެސް، ތިން ރަސްކަލުންގެ ރަންނަބަޑޭރި ކިލެގެފާނަކަށް ހުންނެވި މުޙައްމަދު ދީދީ، ދޮށީ މަނިއްޕުޅަށް ރަސްކަން ލިބިވަޑައިނުގެން މައްސަލަ ސިލޯނު ސަރުކާރަށް ވަރުގަދަ ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުއްވިއެވެ. ކުރިން ދެންނެވި ފަދައިން، ދޮށީ މަނިއްޕުޅަކީ، މުޙައްމަދު ދީދީއަށް ބޮޑުބޭބެ ވިދާޅުވާ ކަކާގޭ ދޮންގޮމާގެ ބޭފުޅެކެވެ. ދެން، މާލޭގައި ހަމަ ނުޖެހުމެއް ހިނގައި، ޢިމާދުއްދީނު V ގެ ރަސްކަމަށް ފަސް މަސް ނުވަނީސް، އަވަހާރަވެވަޑައިގެން ރަދުންގެ ދޮށީ ދަރިކަލުން، ދޮށީ މަނިއްޕުޅު ރަސްކަމަށް އިސްކުރައްވައިފި އެވެ. އެއީ 1893 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ދޮށީ މަނިއްޕުޅު ރަސްކަމަށް އިސްވެވަޑައިގަތީ މުޙައްމަދު ޝަމްސުއްދީނު III ގެ ނަމުގައެވެ. ޝަމްސުއްދީނު ރަދުން ރަސްކަމަށް އިސްވެ ވަޑައިގެންނެވިއިރު ޢުމުރުފުޅުން 15 އަހަރު ނުވެއެވެ. އެހެންކަމުން، އާދަކާދައިގެ މަތިން، ޢުމުރު ފުރިހަމަ ވަންދެން ރީޖެންޓް އެއްގެ ގޮތުގައި ނުވަތަ ރަދުންގެ ނާއިބެއްގެ ގޮތުގައި ރަސްކަން ހިންގުމަށް ޢުމުރުން 30 އަހަރުވީ ޙަސަން ނޫރައްދީނާ ރަސްކަން ވަގުތީ ގޮތުން ހިންގުމަށް ޢައްޔަނުކުރެވުނެވެ. މި ޙަސަން ނޫރައްދީނަކީ މުޢީނުއްދީނު ރަދުންގެ ލޯފަން އަދި އާދަކާދައިގެ މަތިން ރަސްކަމަށް އިސްނުކުރުވޭނޭ ޕްރިންސް ޙަސަން ޢިއްޒުންދީނު ގެ ދުނިޔޭގައި އޭރު ހުންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. ޝަމްސުއްދީނު ރަދުންގެ ދެބެންގެ ދެދަރިބޭފުޅެއް މެއެވެ. މިވާހަކަތައް ލިޔެފައިވާ، ސިލޯނު ސަރުކާރަށް ފޮނުވި ދިވެހި ސަރުކާރުގެ ރަސްމީލިޔުންތަކަށް ބެލް ޙަވާލާދީފައި ވެއެވެ.

މި ފުރުޞަތު ލިބުމުން، ޙަސަން ނޫރައްދީނު ހެއްދެވި ގޮތަކީ، އިބްރާހީމް ދީދީ އާއި އެހެން އިސްވެރިންގެ ތާއީދާ އެކު ރަސްކަމަށް އިސްވެވަޑައިގަތީއެވެ. އިސްވެވަޑައިގަތީ މުޙައްމަދު ޢިމާދުއްދީނު VI ގެ ނަމުގައެވެ. އިސްވެރިން މިކަމަށް ތާއީދުކުރެއްވިކަމަށް ވަނީ، ޝަމްސުއްދީނުގެ މައްޗަށް މުޙައްމަދު ދީދީ އޮންނަ ނުފޫޒުގެ ސަބަބުން ކަމަށް ވެއެވެ. ޙަސަން ނޫރައްދީނު ސިލޯނު ސަރުކާރަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޝަމްސުއްދީނު ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު ވީ ތިން މަސްދުވަހުގެ ތެރޭގައި، ރަސްކަން ހިންގާ ގޮތާ ރައްޔިތުން ހިތްހަމަ ނުޖެހިގެން ޤައުމު ހަލާކުގެ ތެރެއަށް ގޮސްފާނެތީ، މުޙައްމަދު ޢިމާދުއްދީނު ގެ ނަމުގައި އެ މަނިކުފާނު ރަސްކަމަށް ރައްޔިތުން އިސްކުރެއްވި ކަމަށެވެ. މި މައްސަލަ ބަލަން ސިލޯނު ސަރުކާރުން (ގަވަރނަރ) ރާއްޖެއަށް ވަފުދެއް ފޮނުއްވިއެވެ. ނަމަވެސް، މިވަފުދަށް މުޙައްމަދު ޢިމާދުއްދީނު VI އޮޅުވާލައްވައިގެން ރަސްކަން ބަދަލުވިގޮތް ރަނގަޅުކަމަށް ވަފުދުން ނިންމައި، ރަދުންގެ ދިދައަށް އެ ވަފުދުން ސެލިއުޓް ކުރައްވައި، ރަދުންނަށް ގަވަރުނަރުގެ ތާއީދުގެ ސިޓީފުޅެއް އެރުވިއެވެ.

މުޙައްމަދު ޢިމާދުއްދީނު VI ގެ ރަސްކަން، ބެލް (1940) ސިފަ ކޮށްފައިވަނީ، އިދާރީގޮތުން ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔަ، އަދި ތިމާގެ މީހުންނަށާއި ރައްޓެހިންނަށް ވަޒީފާތަކާއި ޢިނާޔަތްތައް ދެވުނު، އަދި ހިފެހެއްޓުމެއްނެތި އަމިއްލަ އެދުންތައް ޙާޞިލްކުރަން ރަދުން މަސައްކަތް ކުރެއްވި ރަސްކަމެއްގެ ގޮތުގައެވެ.

ރަސްކަމުން ވަކިކުރެވުނު ޝަމްސުއްދީނު ރަދުންގެ ގިނަ ސިޓީތަކެއް ސިލޯނުގެ ގަވަރުނަރަށާއި އިނގިރޭސި ސަރުކާރަށް މި ދުވަސްވަރު ލިބެމުން ދިޔައެވެ. ނަމަވެސް ގަވަރުނަރުގެ ޖަވާބަކީ ރަސްކަން ބަދަލުވި ގޮތަކީ ބަލައި ނިންމާފައިވާ ކަމަކަށް ވާތީ، އެމައްސަލައިގެ ތެރެއަށް ދެން ނުވަދެވޭނެ ކަމަށެވެ.

ޢިމާދުއްދީނު ރަސްކަމަށް އިސްވެވަޑައިގަތީއްސުރެ 1899 ވަނަ އަހަރާއި ހަމައަށް ކަކާގެ މުޙައްމަދު ދީދީ އުޅުއްވީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް މިއަހަރު، ޢިމާދުއްދީނު ރަދުން އޭނާ ރާއްޖެއަށް ވަޑައިގަތުމަށް ދެންނެވިއެވެ. ދެން މާގިނަ ދުވަހެއް ނުވެ، ވެރިކަމުގެ އުނދޯލީގެ ހެލުން، އަނެއްކޮޅަށްދާން ފަށައިފިއެވެ. ހަމަ މިއަހަރު ރާއްޖޭގެ ވަފުދެއް ސިލޯނުގެ ސަރުކާރާ ބައްދަލުކުރަން ދިޔައެވެ. މި ވަފުދުގައި ހިމެނެނީ ކަކާގޭ މުޙައްމަދު ދީދީ (ރަންނަބަޑޭރި ކިލެގެފާނު) އާއި (ރަންނަބަޑޭރި ކިލެގެފާނުކަމުގެ މަޤާމުން އަދި ވަކިނުކޮށް ހުންނެވި) އިބްރާހީމް ދީދީ އާއި މަލިންގޭ ޙަސަން ދީދީ ވެލާނާ މަނިކުފާނާއި އެއްގަމުގޭ ޢަލީދީދީ ބޮޑު ބަޑޭރި މަނިކުފާނެވެ. މައްސަލައެއްކަމުގައި ވަނީ، ބޯރާ ވިޔަފާރިވެރިންގެ ތެރެއިން ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏަށް ސަރުކާރު ދަރާފައިވާ ދެލައްކަ ރުފިޔާ ދެއްކުމަށް އެއްވެސް ގޮތަކަށް ދިވެހި ސަރުކާރުން މަސައްކަތް ނުކުރުމެވެ. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ތަކެތީގެ ވިޔަފާރީގެ ބޮޑު ޙިއްޞާއެއް އޮންނަނީ މިކުންފުންޏަށެވެ. އެހެންކަމުން، ސަރުކާރާ ގާތް ގުޅުމެއް އޮވެއެވެ. މިކުންފުނި ވެފައި އޮންނަނީ ސިލޯނުގައި ހުންނަ ދިވެހި ވިޔަފާރީގެ އެޖެންޓް ކަމަށެވެ. މިކަމާ ގުޅިގެން އެހެން ބޯރާ ވިޔަފާރިވެރިންނަށް ނޯންނަ ޢިނާޔަތްތައް މި ކުންފުންޏަށް ލިބިފައިވެއެވެ. އަދި ބައެއް ފަހަރު، ސަރުކާރުގެ ޚަރަދުތަކާއި ރަދުންގެ ޚަރަދުތައް މިކުންފުނިން ބަލަހައްޓައެވެ. މިކަމާ އެހެން ބޯރާ ވިޔަފާރިވެރިން ނަފުރަތުވެ އެ ޢިނާޔަތްތައް އެ ކުންފުނިން އެ އަހަރު ވަކިކޮށްފިއެވެ. ދެވަނަ މުހިއްމު ޝަކުވާ އަކީ ޢިނާޔަތްތައް ގިނަ މަޤާމެއްކަމުގައިވާ ކާތިބުއްސިއްރު ކަމުގެ މަޤާމު، ފާރިސީ އެއްކަމުގައިވާ ދާދާބާއީ ކިޔާ އިންޑިޔާގެ ރައްޔިތަކަށް ދިނުމެވެ. ރަންނަބަޑޭރި މަޤާމުގައި ހުންނެވި އިބްރާހީމް ދީދީ އިނގިރޭސީންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އޭނާ ރަންނަބަޑޭރިކަމުން ވަކިނުކުރުމަށް އިނގިރޭސިން ރަދުންނަށް އެންގިއެވެ. ނަމަވެސް، މިކަމަށް ނުބަލައި މުޙައްމަދު ދީދީ ރަންނަބަޑޭރިކަމަށް ހަމަޖައްސައިފިއެވެ. މިބަދަލާ ގުޅިގެން އިބްރާހީމް ދީދީ ސިލޯނަށް ވަޑައިގެން ވަޒަންވެރިވެވަޑައިގެތެވެ.

1900 ވަނަ އަހަރު ޑިސެމްބަރު މަހު ޢިމާދުއްދީނު ޙައްޖަށް ވަޑައިގެންނެވިއެވެ. އެނބުރިވަޑައިގަތީ 1901 ވަނަ އަހަރު ޖޫންމަހުއެވެ. ދެން ދޮޅު އަހަރު ކޮށްފައި، 1902 ވަނަ އަހަރު ނޮވެމްބަރު މަހު އަނެއްކާ ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ. މިފަހަރު ވަޑައިގަތީ، ޝަރީފާ ހާނިމް ނަމަކަށް ކިޔާ، މިސުރުގެ ޤަދަރުވެރި މީހެއްގެ ދަރިކަބަލަކާ ކާވެނި ކުރެއްވުމަށެވެ. ޢިމާދުއްދީނު ޤަޞްދުކުރައްވާފައިއޮތީ، ޝަރިފާ ހާނިމް، ދިވެހި ދައުލަތުގެ ޚަރަދުގައި ކޮޅުބުގައި ވަޒަންވެރި ކުރުވާށެވެ. އެހާއިރު ޢިމާދުއްދީނު ރަދުން މާލޭގެ ތިން ބޭކަބަލަކާ ކާވެނި ކުރައްވާފައި ވެއެވެ. ޢިމާދުއްދީނުގެ މި ދަތުރުފުޅުގެ ދަތުރުނާމާ، ”ސުވޭހުގެ ކައިވެނިފުޅު“ގެ ނަމުގައި ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވެއެވެ. ”ސުވޭހުގެ ކައިވެނިފުޅު“ ކިޔާމީހުންނަށް ފާހަގަ ކުރެވޭނީ ރަދުން، ދައުލަތުގެ ފައިސާ އާ މެދު ފަރުވާ ނުބަހައްޓަވާ މިންވަރާއި، އަމިއްލަ އެދުންފުޅު ބޮޑު މިންވަރާއި، ލަދުފުޅު ނުގަންނަ މިންވަރާއި ދެއްކުންތެރިކަން ހުންނަވާ މިންވަރެވެ.

ޢިމާދުއްދީނު ރަދުން މިސުރަށް ފުރާވަޑައިގެންތާ ދެތިން މަސްދުވަހުގެ ތެރޭގައި، ދިވެހި ވަޒީރުން ސިލޯނު ސަރުކާރަށް އެންގެވީ، އިބްރާހީމް ނޫރައްދީނު ރަދުންގެ އެންމެ ދޮށީ ދަރިކަލުން، މުޙައްމަދު ޝަމްސުއްދީނު، ރަސްކަމުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރަށް ޢުމުރުފުޅު ދޮށިވުމާ ގުޅިގެން، ރާއްޖޭގެ އާދަކާދައިގެ މަތިން، 1903 ގެ މާރޗް މަހުގެ 12 ވަނަ ދުވަހު ރަސްކަމަށް އިސްވެވަޑައިގެންކަމާއި ސިލޯނު ސަރުކާރުން އެކަން ޤަބޫލު ކުރުމަށެވެ. މިކަމާ ސިލޯނު ސަރުކާރުން އިންކާރުކުރުމާ ގުޅިގެން ދެފަރާތުން ސިޓީބިޓީ ބަދަލުކުރުމަށްފަހު، އިނގިރޭސީންގެ ވަފުދެއް ރާއްޖެއައެވެ. އެއީ 1903 ވަނަ އަހަރު މޭމަހުއެވެ. މި ވަފުދުގެ ނިންމުމަކީ، ކަންތައްތައް ހިނގާފައިވަނީ ދިވެހި އާދަކާދަ އާ އެއްގޮތަށް ކަމަށެވެ. މި ވަފުދު މާލެއިން ފުރި ދުވަހާ ޖެހިގެން އައި ދުވަހު، ކުރީގެ ރަދުން މުޙައްމަދު ޢިމާދުއްދީނު، ކައިވެނި ކުރެއްވުމަށްފަހު، ސިލޯނުން މާލޭގެ ބަނދަރަށް ވަޑައިގަތެވެ. ނަމަވެސް ރަސްކަން ގެއްލުނުކަން އެނގިވަޑައިގަތުމާއި ކަންކަންހިނގާފައިވާ ގޮތް އެގިވަޑައިގަތުމުން، މާލެ ފައިބައިވަޑައިނުގެން ސިލޯނަށް އެނބުރި ވަޑައިގަތީއެވެ. އެމަނިކުފާނު ސިލޯނުގައި ހުންނަވައިގެން ގަވަރުނަރަށް އެދެވޭ ޖަވާބެއް ނުލިބޭ އެތައް ސިޓީފުޅެއް ފޮނުއްވިއެވެ. ފަހުން އެމަނިކުފާނު މިސްރަށް ވަޑައިގަތެވެ.

އެކިފަރާތްތަކުން ޢިމާދުއްދީނު ރަދުން ނަަންގަވާފައިވާ ފައިސާ އަނބުރާ ނެގިފަރާތްތަކަށް ލިބޭނޭ ގޮތަކާއި މި ރަދުންގެ ޕެންޝަން އާ ބެހޭ ކަންކަން ނިމެންދެން ސިލޯނު ސަރުކާރަކުން ޝަމްސުއްދީނުގެ ރަސްކަން ބަލައެއް ނުގަނެއެވެ. ޝަމްސުއްދީނު ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ރަސްމިއްޔާތު އޮތީ، މިކަންކަން ހަމަޖެހުމުން 1905 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ރަދުންނެއް ރަސްކަމަށް އިސްވިކަމަށް ބެލެވެނީ ހާމަ މައިދާނަކު ބާއްވާ މި ރަސްމިއްޔާތުގައި، އާދަކާދައިގެ މަތިން ރާއްޖޭގެ އުތުރުގެ ރައްޔިތުންގެ ފަރާތުން ކެލާ ކަތީބު އާއި ދެކުނުގެ ރައްޔިތުންގެ ފަރާތުން އިސްދޫ ކަތީބު ރަދުން ”ބަލައިގަތުމުންނެވެ.“ މިއީ ރަސްކަމުގެ ކަނޑި ރަދުންނާ ޙަވާލުކުރެވޭ ރަސްމިއްޔާތެވެ. ޝަމްސުއްދީނު ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، އަތިރީގެ އިބްރާހީމް ދީދީ ބޮޑު ދޮށިމޭނާ ކިލެގެފާނު ގާލީގައި ހުންނަވަނިކޮށް، މާލެ ގެންނަވައި ބޮޑު ދޮށިމޭނާކަން ދެއްވިއެވެ. އެ މަޤާމުގައި ހުންނަވަނިކޮށް އޭނާ ނިޔާވީ 31 މާރޗް 1925 ގައެވެ. އޭނާގެ ދޮށީ ދަރިކަލުން އަޙްމަދު ދީދީ ކުޑަ ދޮށިމޭނާ ކިލެގެފާނު ހުންނެވީ ރަދުންގެ ކާތިބުއްސިއްރު ކަމުގައާއި ކަސްޓަމްސް އާއި ޕޯސްޓް އޮފީހުގެ ވެރިޔާ ކަމުގައެވެ. ދެން ޖެހިގެން ހުންނެވި ދަރިކަލުން ޢަބްދުލްމަޖީދު ހުންނެވީ ޚަޒާނާއާއި ދައުލަތުގެ އާމްދަނީ ގެ ޙަވާލުދާރަކަށެވެ. ތިންވަނަ ދަރިފުޅު ޢަބްދުލްޙަމީދު ދީދީ ސިލޯނުގެ ސެންޓް ޖޯސެފް ކޮލެޖުން ކިޔަވާވިދާޅުވެގެން 1899 ގައި މާލެވަޑައިގެން އެންމެ ފުރަތަމަ އަދާ ކުރެއްވީ ކަސްޓަމްގެ ވެރިޔާ ކަމެވެ. 1906 ވަނަ އަހަރުން ފެށިގެން ހުންނެވީ ސިލޯނުގައި ހުންނަވާ ދިވެހި ރެޕްރެޒެންޓޭޓިވް (ސަފީރު) ގެ ގޮތުގައެވެ.

ޝަމްސުއްދީނު ވެރިކަމާ އިދިކޮޅު ފަރާތްތަކަކީ މަލިންގެއާއި އެއްގަމުގޭ އާއިލާއެވެ. އެއްގަމުގޭ އަޙްމަދު ދީދީ، ވަކިކުރެވުނު އިމާދުއްދީނު ރަދުންގެ އެންމެ އަރިސް ބޭފުޅާވަނީ ރާއްޖެތެރެއަށް އަރުވާލެވިފައެވެ. ކަކާގޭ މުޙައްމަދު ދީދީ ރަންނަބަޑޭރި ކިލެގެފާނު، ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައި، އިތުރު މައްސަލަތަކެއް ނުޖައްސަވައި ދުވަސްކޮޅަކު މަޑުން ހުންނެވިއެވެ. ނަމަވެސް، މަލިންގެ އާއި އެއްގަމުގޭ އާއިލާގެ ބައެއް މީހުން ޝަމްސުއްދީނު ރަދުންނަށް ޙަރާމްކޯރުވި މައްސަލައެއްގައި ހައްދުންމައްޗަށް އަރުވާލާފައި ހުންނަވަނިކޮށް ފިލައިގެން ސިލޯނަށް ވަޑައިގަތެވެ. ދެން މިވެރިން، މަދަރާސީގެ ޕިޗޯރީންގެ ބައިގަނޑެއް ކުއްޔަށް ހިފައިގެން ރާއްޖެއަށް ޙަމާދޭން އަންނަން އުޅޭކަން 1906 ވަނަ އަހަރު އެނގިގެން، އެކަން މަދަރާސީގައި އޮތް އިނގިރޭސި ވެރިކަމުން ހުއްޓުވިއެވެ. ނަމަވެސް މީގެ ބައެއް މީހުން 1907 ވަނަ އަހަރު ޅައިމަގަށާއި، ވައިކަރަދޫއާއި ނޮޅިވަރަންފަރަށް އަރައި ހަމަލާދީފައި ފިލިއެވެ. ސުވޭހުގައި ވަޒަންވެރިވެގެން ހުންނެވި އަޒުލު ކުރެވުނު ޢިމާދުއްދީނު ރަދުން، 1908 ވަނަ އަހަރު ދެ ފަރަންސޭސީންނާ އެކު ރާއްޖޭގެ ރަސްކަން އަތުލައްވަން އަންނަކަން ކާލިކޯޓުގެ ފުލުހުންނަށް އެނގިގެން އެކަން ހުއްޓުވިއެވެ. އޭރު އޭނާ ހުންނެވީ އޮޅުވާލުމަށް ޔޫރަޕު މީހުން އަޅާ ހެދުން އަޅުއްވައިގެންނެވެ. ފޮށީގައި އަގުބޮޑު ޖަވާހިރާއި ގަހަނާ ހުއްޓެވެ. މިކަން ސިލޯނު ސަރުކާރަށް އެންގުމުން، ޢިމާދުއްދީނަށް އެންގީ އަނބުރާ ސުވޭހަށް ވަޑައިނުގަންނަވާނަމަ، ދިވެހި ދައުލަތުން ދެއްވާ ޕެންސަން ކަނޑާލާނޭ ކަމެވެ. ދެން ތަފާތު ބަހަނާ ދައްކަވައި ދަތުރު ލަސްކުރައްވައި އެންމެފަހުން އޭނާ އެނބުރި ބުމްބާ މަގުން ސުވޭހަށް ވަޑައިގެންފިއެވެ. މިކަންކަމުން، މަލިންގެ އާއި އެއްގަމުގޭ އާއިލާގެ މީހުންނާއި ކުރީގެ ރަދުން ރާއްޖެވަޑައިގަތުމަށް ކުރެއްވި މަސައްކަތާ ގުޅުމެއް ހުރިކަން އެނގެއެވެ. ޢިމާދުއްދީނު ރަދުން އަވަހާރަވެވަޑައިގެންނެވީ 1932 ވަނަ އަހަރު މިޞްރުގައެވެ. {ނޯޓު: މި ރަދުންގެ ދަރިކަލުން، ޢަބްދުﷲ ޢިމާދުއްދީނު، 1924 ވަނަ އަހަރު މިސުރުން ސިލޯނަށް އައިސް ރާއްޖެއައުމުގެ ހުއްދަ ރަދުންގެ އަރިހުން ހޯދައިގެން މާލެއައިސް ޝަމްސުއްދީނު ރަދުންގެ ގެ ވެރިކަން ފިރުކާލުމަށް 1925 ވަނަ އަހަރު އުޅުއްވިއެވެ. މިކަން ފަޅާއަރައިގެން އޭނާއާ ބަޣާވަތް ކުރަން އުޅުނު އެހެން މީހުން އަރުވާލައި، ޢަބްދުﷲ ޢިމާދުއްދީނު ސިލޯނަށް ފޮނުވާލީ ދައުލަތުން އޭނާއަށް ދެމުން އައި އެހީ ނުދޭގޮތަށެވެ.} މިވާހަކަތައް މިއަށްވުރެ ތަފްޞީލުކޮށް ބެލް (1940) ގައި ހިމެނެއެވެ.

ކުރިން ބަޔާންކުރެވުނު ފޭރުމުގެ ހާދިސާއަށް ފަހުވެސް، މަލިންގޭ ޙަސަން ދީދީގެ ދެ ދަރިންގެ ޢުދުވާނީ މަސައްކަތް ދިޔައީ ކުރިއަށެވެ. އެ ދެދަރިންކަމުގައިވާ ވެލާނާގެ މުޙައްމަދު ދީދީ އާއި އިބްރާހީމް ދީދީ އިންޑިޔާގެ 34 މީހުންނާއި (އޭރު ޕާކިސްތާނާއި އިންޑިޔާއަކީ އެއް ޤައުމެކެވެ) ދިވެހި 4 މީހަކާ ބަގަލާއެއްގައި މާލެ އަތުލުމަށް 1909 ވަނަ އަހަރު އައެވެ. މި މީހުން ޑިސެމްބަރު 18 ވަނަ ދުވަހު އެންމެ ފުރަތަމަ ހިންނަވަރަށް އަރައި، އެރަށުން ގަހަނާއާއި އެހެން މުދައު ފޭރުނެވެ. ދެން އެއަށްފަހު ކަގިއަށް އަރައި އެރަށް ފޭރުނެއެވެ. މި ރަށުގައި ބަގަލާ ބާއްވާ އެ ރަށުން ކުދި ދޯނީގައި މާލެއަށް ރޭގަނޑު ހަމަލާ ދިނުމަށް ބަނޑޮހަށް ފޭބިއެވެ. ނަމަވެސް މިކަން ސަރުކާރަށް އެނގިގެން ބަޑިއާއެކު “ސިފައިން” ބަނޑޮހަށް ފޮނުވިއެވެ. މާބޮޑު ހަނގުރާމައެއް ނުހިގަނީސް މުޙައްމަދު ދީދީ އާއި އިބްރާހީމް ދީދީ އާއި ޢަބްދުﷲ ދީދީ ފިޔަވައި އެހެންމީހުން ލަސްތަކެއް ނުވެ އަމާންދީފިއެވެ. މިކަމާ ގުޅިގެން ދިވެހީން އަރުވާލައި، ބިދޭސީން އެމީހުންގެ ރަށަށް ސަރުކާރުން ފޮނުވިއެވެ. މިއީ ބެލް (1940) ގައި، އެ ދުވަސްވަރު ސިޔާސީ ކަންތައްތައް ހިނގާ ދިޔަގޮތް ބަޔާން ކުރިގޮތުގެ ކުރު ޚުލާޞާއެކެވެ.

ޝަމްސުއްދީނު ރަދުންގެ ރަސްކަން ނިމެންދިމާވި ގޮތަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތުގެ ވަރަށް މުހިންމު ހާދިސާތަކެކެވެ. ދެން މި ބަޔާންކުރަނީ އެކަންތައްތަކުގެ ކުރުބަޔާނެކެވެ. އާމިނަތު ފާއިޒާ (1997) ބަޔާން ކުރާގޮތުގައި، ޝަމްސުއްދީނު ރަދުންނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައިގަތުމުގެ އަހަރެއްހާ ދުވަހުގެ ކުރިން ދަރިކަލަކު ލިބިވަޑައިގެންވިއެވެ. އެއީ ޙަސަން ޢިއްޒުއްދީނެވެ. މި ދަރިކަލުން 1913 ވަނަ އަހަރު ސިލޯނަށް ކިޔަވާވިދާޅުވާން ފޮނުއްވިއެވެ. ހަތް އަހަރު ކިޔަވާ ވިދާޅުވާން އުޅުއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަތީ 1920 ވަނަ އަހަރުއެވެ. އޭރު ވަލީ އަޙުދު ޙަސަން ޢިއްޒުއްދީނަށްޓަކައި، ސިލޯނުން ފަންނީ މީހުން ގެންނަވައިގެން ރަދުން މުލިއާގެ ހައްދަވާފައިވެއެވެ. ރަދުންގެ ކާތިބުއްސިއްރަކަށް ހުންނެވި އަތިރީގޭ އަޙްމަދު ދީދީ ކުޑަ ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީން ސިލޯނަށް ކިޔަވާވިދާޅުވާން ފުރާވަޑައިގަތީ ޙަސަން ޢިއްޒުއްދީނު މާލެވަޑައިގެންނެވި ބޯޓުންނެވެ. އޭރު މުޙައްމަދު އަމީން އުމުރުފުޅުން އޮތީ 10 އަހަރުފުޅަށެވެ. މުޙައްމަދު އަމީން އާއެކު، ޙަސަން ފަރީދާއި ކަނޑިގޭ ދޮންމަނިކު ކިޔަވަން ސިލޯނަށް ވަޑައިގަތެވެ. މި މުޙައްމަދު އަމީން އަކީ ރާއްޖޭގެ ފުރަތަމަ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.

އިބްރާހީމް ބޮޑު ދޮށިމޭނާ ކިލެގެފާނުގެ ތިން ފިރިހެން ބޭފުޅުން ތިއްބަވާ ވާހަކަ ކުރިން ވަނީ ދެންނެވިފައެވެ. އެއީ އެންމެދޮށީ ދަރިކަލުން އަޙްމަދު ދީދީ އާއި، ޢަބްދުލްމަޖީދު ދީދީ (ބޮޑު ބަޑޭރި) އާއި ޢަބްދުލް ޙަމީދު އަފަންދީ (ފަހުން ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު) އެވެ. ޢަބްދުލްމަޖީދު ދީދީގެ ތިން ދަރިކަލުން ތިއްބެވިއެވެ. އެއީ މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި އިބްރާހީމް ފަރީދެވެ. މުޙައްމަދު ފަރީދު ސިލޯނުގެ ރޯޔަލް ކޮލެޖް އިން ކިޔަވާވިދާޅުވެގެން މާލެވަޑައިގަތީ 1920 ވަނަ އަހަރުއެވެ. 1925 ވަނަ އަހަރު އިބްރާހީމް ބޮޑުދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުން، ރަންނަބަޑޭރިކަން ލިބިވަޑައިގަތީ އޭނާގެ ދަރިކަލުން ޢަބްދުލްމަޖީދަށެވެ. މުޙައްމަދު އަމީން 1920 ވަނަ އަހަރުން ފެށިގެން ސެންޓް ޖޯސެފް ކޮލެޖްގައި 6 އަހަރު ކިޔަވާ ވިދާޅުވާން އުޅުއްވިއެވެ. އެފަހު ތިން އަހަރު ސެންޓް ޖޯންސް ކޮލެޖްގައި އުޅުއްވިއެވެ. ދެން އިންޑިޔާގެ އަލިގަރު ޔުނިވަރސިޓީގައި އެއް އަހަރާއި މަސްތަކެއް ވަންދެން އުޅުއްވާފައި، މާލެވަޑައިގަތެވެ. އެއީ 1929 ވަނަ އަހަރުއެވެ. އަމީން އާ އެއްކޮށް ކިޔަވަން ވަޑައިގެންނެވި ޙަސަން ފަރީދު، މާލެވަޑައިގަތީ މުޙައްމަދު އަމީނަށްފަހު އެވެ. އޭނާ ލަންޑަން އާއި ޕެރިހުގައި ދުވަސްކޮޅަކު އުޅުއްވައި ޕެރިހުގެ މާވަޑިއެއްގެ ދަރިކަބަލަކާ ކައިވެނިކުރައްވައިގެން ރާއްޖެ ވަޑައިގަންނަވަނިކޮށް ކަނޑުގަދަވެގެން އެ އަންހެންމީހާއަށް ކެތް ނުކުރެވިގެން ސިލޯނަށް އެނބުރިވަޑައިގެން ކޮޅުބުގައި އޭނާ ބަހައްޓާވާ މާލެވަޑައިގަތެވެ (މުޙައްމަދު އިސްމާޢީލް ދީދީ، 1966).

1930 ގެ އަހަރުތައް ފެށުނުއިރު، ޢަބްދުލްމަޖީދު ދީދީ އަކީ ރަންނަބަޑޭރި ކިލެގެފާނެވެ. ރަދުން ފިޔަވައި، ރާއްޖޭގެ ސިޔާސީގޮތުން އޭރު ހުރި އެންމެ އިސް ފަރާތެވެ. ބޭރުގެ ތަޢުލީމު ލިބިވަޑައިގެންފައިވާ އެހެން ހައެއްކަ ބޭފުޅުން އޭރު ތިއްބެވިއެވެ. މި ބޭފުޅުންގެ ވިސްނުމަކަށްވީ، ރާއްޖޭގައި ޤާނޫނު އަސާސީއެއް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. މިފަދަ ކަމެއްގެ މަޤްޞަދަކަށް ވެފައި އޮންނާނީ ކަންކަން ލިޔުމަކުން އޮތުމާއި ރަދުންގެ އިމްތިޔާޒުތަކާއި އިޚްތިޔާރުތަކާއި ބާރުތައް ވަކި ދާއިރާއެއްގައި ހިފެހެއްޓުމެވެ. މި ދުވަސްވަރަކީ، ސިލޯނުގައި ޤާނޫނު އަސާސީއެއް ލިޔެވެމުން ދިޔަ ދުވަސްވަރެވެ. މިކަން ސިލޯނުގައި ފެށިފައިވަނީ 1927 ވަނަ އަހަރުއެވެ. ސިލޯނާއި ރާއްޖެއާއި އޮންނަ ގުޅުމުގެ ސަބަބުންނާއި، އަދި އިންޑިޔާގައި މިދުވަސްވަރު ހިނގަމުންދިޔަ އިނގިރޭސީންގެ އަތްދަށުން މިނިވަން ވުމުގެ ރޫޙްގެ ސަބަބުން، މިފަދަ ޤާނޫނު އަސާސީއެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަން އޭރު ތިއްބެވި ސިޔާސީ ވެރިންނަށް ފާހަގަ ކުރެވޭނެއެވެ. ކޮންމެއަކަސް އާމިނަތު ފާއިޒާ (1997، ޞ 9) ބަޔާންކުރަނީ ”ޤާނޫނު އަސާސީއެއް އުފެއްދެވުމުގެ ޚިޔާލުފުޅު އެންމެ ފުރަތަމަ އުފެދުނީ ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުންގެ ހިތްޕުޅުގައެވެ. އެއީ ޙަސަން ފަރީދު، މުޙައްމަދު އަމީނު، އިބްރާހީމް ޢަލީ ދީދީ (އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)، މޫސާ މުޙައްމަދު ދީދީ މިހަތަރު ބޭފުޅުންނެވެ“. 19 މާރޗް 1931 ވަނަ އަހަރު ރަދުންގެ އަމުރުފުޅަކަށް ޤާނޫނު އަސާސީއެއް އެކުލަވާލާނޭ ކޮމިޓީއެއް އުފެއްދެވިއެވެ. ޤާނޫނު އަސާސީ ޑްރާފްކުރުމުގައި އެހީވާން ދިވެހި ސަރުކާރުގެ އެދުމަކަށް ބޯޑިލަންކިޔާ އިނގިރޭސިއަކު (ސިލޯނުގައި އޭރު ހުރި ގަވަރނަރ ޖެނެރަލްގެ ނާއިބު) 1932 ވަނަ އަހަރު އޮކްޓޯބަރ 5 ގައި މާލެއައެވެ. ޤާނޫނު އަސާސީ އިޢުލާންކުރީ، ޝަޢުބާން 23، 1351ހ. (22 ޑިސެމްބަރ 1932މ.) ބުރާސްފަތި ދުވަހު އެވެ. ޤާނޫނު އަސާސީ އިޢުލާނު ކުރެވުނު ދަރުބާރުގައި، ވަޒީރުލްއަޢުޡަމް ކަމަށް ހަމަޖެއްސެވީ ޢަބްދުލްމަޖީދުގެ ދޮށީ ދަރިކަލުން މުޙައްމަދު ފަރީދެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ދާޚިލިއްޔާ އާއި ތަޢުލީމާ ބެހޭ ވަޒީރަކަށް ހަމަ ޖެއްސެވީ އަޙްމަދު ކާމިލް ދީދީއެވެ. ދައުލަތް ހިންގަން ތިބޭ ވެރިންނަށް ކުރިން ކިޔަމުން އައި ކޮލީ ނަންތަކުގެ ބަދަލުގައި ވަޒީރުން ޢައްޔަނު ކުރެވުނީ ފުރަތަމަ މި ރަސްމިއްޔާތުގައެވެ. ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލިހަކާއި ޤާނޫނު ހަދާ މަޖިލިހެއް އޮވެއެވެ. ޤާނޫނު ހަދާ މަޖިލިހުގައި ހިމެނެނީ ވަޒީރުންނެވެ. މިޤާނޫނު އަސާސީ އާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގެން، ޢަބްދުލްމަޖީދު ދީދީ ވަނީ، ތަޞްދީޤު ކުރެއްވުމުގެ ދަރުބާރު ބޭއްވުމުގެ ކުރިން ރަންނަބަޑޭރިކަމުން އިސްތިޢުފާ ދެއްވާފައެވެ. އަދި އެންމެ ހަނގު ދަރިކަލުންނަށް ކިޔަވާދެއްވުމަށް މިޞްރަށް ދުވަސްކޮޅެއްގެ ފަހުން ވަޑައިގަތެވެ. މި ޤާނޫނު އަސާސީއަކީ، ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދު އާ ނޭކަށޭނެ، ބޯޑިލޯންގެ ހުށަހެޅުންތަކާ ޚިލާފަށް، އިނގިރޭސިވިލާތާއި މިޞްރުގެ ޤާނޫނު އަސާސީއަށް ބުރަވެ ހަދާފައިވާ ޤާނޫނު އަސާސީއެއް ކަމަށް މުޙައްމަދު އަމީން (1951) ބަޔާންކުރެއެވެ. އިނގިރޭސި ވިލާތަކީ ވަކި ޤާނޫނު އަސާސީއެއް އޮންނަ ޤައުމަކަށް ނުވާތީ، މުޙައްމަދު އަމީން އެ މާނަކުރައްވަނީ އެކި ޤާނޫނޫތަކަށް ކަމަށް ލަފާކުރެވެއެވެ. ވިޔަފާރިއާ ބެހޭ ވަޒީރާއި މާލިއްޔާ އާ ބެހޭ ވަޒީރު، އެ ތަރުތީބުން މުޙައްމަދު އަމީން އާއި ޙަސަން ފަރީދު، ދުވަސްކޮޅެއްގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިހުން އިސްތިޢުފާ ދެއްވައިފިއެވެ. މި މަޖިލިހުން ހަދަމުންދާ ޤާނޫނުތައް ގިނަކަމާއި ރައްޔިތުންނަށް ކުރާ އޭގެ އަސަރުތައް ބޮޑުކަމުން، ރައްޔިތުންނާއި ވިޔަފާރިވެރިންވަނީ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ވިއެވެ. މިކަންކަމާ ހެދި، މާލޭގައި ވިޔަފާރިކުރަން ތިބި ބޯރާ ވިޔަފާރިވެރިންގެ ހަޅުތާލެއްވެސް މިދުވަސްވަރު ހިގާދިޔައެވެ. މިކަންކަމުގެ ނަތީޖާއަކަށްވީ 9 ނޮވެމްބަރ 1933 ދުވަހު ރައްޔިތުން ގުޅަކުޅޭ ފަސްގަނޑަށް އެއްވެ، މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި މުޙައްމަދު އަމީން ފިޔަވައި ދެން ތިއްބެވި ބޭފުޅުން އެމީހުންގެ މަޤާމުން ވަކިކުރައްވައި، ރަށްރަށަށް އަރުވާ ނުލައްވަނީސް ރައްޔިތުން ގެއަށް ނުދާނެކަން ރަދުންނަށް އެންގުމެވެ. ދެން ރަދުންނަށް ”މަޖުބޫރުވީ“، އެބޭފުޅުން ޖެހިގެން އޮތްދުވަހު އަރުވާލާނެކަމަށް އަންގަވައި، ވަގުތީގޮތުން، ފަޅުގައި އޮތް މޮޓަރުބޯޓަށް އެރުވުމެވެ. މުޙައްމަދު އަމީން އާއި ޙަސަން ފަރީދުގެ އެންގެވުމަކަށް ބޯޓު އެރޭ ފުރައިގެން ދިޔައީ ސްރީ ލަންކާއަށެވެ. މި ހަމަ ނުޖެހުން ތާރީޚްގައި މަޝްހޫރުވެފައިވަނީ ”ޤާނޫނު އަސާސީ އިރާލުމާއި“، ”މޮޓަރު ބޯޓުގެ ގަޑުބަޑު“ގެ ނަމުންނެވެ. (މުޙައްމަދު އަމީން، ”ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް“ ގައި މިދުވަސް ކަމަށް ބަޔާންކޮށްފައިވަނީ 20 ރަޖަބު 1352 ކަމަށެވެ. މުޙައްމަދު އިސްމާޢީލް ދީދީ މި ދުވަސްކަމަށް ބުނެ ފައިވަނީ 22 ރަޖަބުވީ ބުރާސްފަތި ދުވަސްކަމަށެވެ. ބުރާސްފަތި ދުވަސް ދިމާވަނީ 9 ނޮވެމްބަރާއެވެ. މުޙައްމަދު އިސްމާޢީލް ދީދީ (1966) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނު އަސާސީ އިރާލުމާއި މޮޓަރުބޯޓުގެ ގަޑުބަޑު ހިންގެވީ ޝަމްސުއްދީނު ރަދުންނާއި އޭނާއަށް މިކަމުގައި އެހީތެރިވި ބައެކެވެ. އިތުރު ތަފްޞީލު އެފޮތުގައި ވެއެވެ.

މޮޓަރުބޯޓުގައި ސްރީ ލަންކާއަށް ”އަރުވާލެވުނު“ ބޭފުޅުން ސްރީ ލަންކާއަށް ވަޑައިގަތުމަށްފަހު ދުވަސްކޮޅެއްގެ ފަހުން މާލޭ ބަދަރަށް އެނބުރިވަޑައިގެން ނުފޭބި ސިލޯނަށް ވަޑައިގަތެވެ. އެނބުރި ވަޑައިގެން މާލޭގައި އުޅުއްވޭގޮތް މެދުވެރިވީ އެއް އަހަރަށް ފަހުއެވެ. ދެކޮޅުވެރިނުވުމަށް ލިޔުމެއްގައި ސޮއިކުރެއްވުމުންނެވެ. މިދުވަސްވަރު ރައްޔިތުން، މާލޭގެ އެކި އަވަށްތަކުން 17 މީހުން ހޮވައިގެން، 68 މީހުންގެ ”ރައްޔިތުންގެ މަޖިލިހެއް“ ހިންގިއެވެ. ރަދުންނަށް ކަންތައްތައް ކުރަން ހަމަޖެހިފައިވަނީ މި 68 މީހުން އަންގާ ގޮތެއްގެ މަތިން ކަމަށް ވެއެވެ. މިގޮތުން، 24 ޑިސެމްބަރ 1933 ދުވަހުގެރޭ ހަވަރު އެއްވެ، ކުރިން އޮތް ވަޒީރުންގެ މަޖިލިހުގެ ބަދަލުގައި އައު މަޖިލިހެއް އެކުލަވާލިއެވެ. މި ފަހަރު މުޙައްމަދު ފަރީދާ ޙަވާލުކުރެވިފައިވަނީ ވަޒީރުލް އައުޡަމްކަމާއި އަސްކަރިއްޔާއެވެ. ޙަސަން ފަރީދަށް، ދާޚިލިއްޔާ އާއި، ޚާރިޖިއްޔާއާއި މާލިއްޔާއެވެ. މުޙައްމަދު އަމީން ހޮވިފައިވަނީ ވިޔަފާރިއާއި، ތަޢުލީމާއި ޞިއްޙަތާ ބެހޭ ވުޒާރާއަށެވެ. ދެން، ރައްޔިތުންގެ މި 68 މެންބަރުން ރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ޢަބްދުލްމަޖީދު މިޞްރުން އެނބުރިވަޑައިގެން ދެއްވުމަށް ދަންނަވާ ސިޓީއެއް ފޮނުވިއެވެ. މިސިޓީއާ ގުޅިގެން އެމަނިކުފާނު މާލެވަޑައިގެންނެވީ 4 މޭ 1934 ގައެވެ.

ޢަބްދުލްމަޖީދު މާލެވަޑައިގެންނެވުމަށް ފަހު، ޤާނޫނު އަސާސީ އާއި އަޙްކާމާޢާއްމާ އިޞްލާޙު ކުރައްވައި ރަދުން 1353 ވަނަ އަހަރުގެ ޞަފަރުމަހުގެ 29 ވަނަ ދުވަހު ތަޞްދީޤު ކުރެއްވިއެވެ. ޤާނޫނު އަސާސީ އަށް ފަހު ތަޞްދީޤު ކުރައްވަން ދެން އޮތީ ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ އަޙްކާމް ޢާއްމާ އެވެ. މި ލިޔުންތަކުގައި ރަދުން ތަޞްދީޤުކުރެއްވުން އޮތީ 3 ރަބީޢުލްއާޚިރު 1353ހ. (ޖުލައި 15، 1934) ގައެވެ. އެދުވަހު، އަޙްކާމްޢާއްމާ ތަޞްދީޤުކުރުމުގެ ރަސްމިއްޔާތުގައި ”އަދި ވިސްނާ ލެއްވުމަށްޓަކައި“ ރަދުން މަޑުކޮށްލެއްވުމަށް ގަސްތުކުރައްވައި އެކަން އެންގެވި އެވެ. އޭރު ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވެފައި އޮތެވެ. އަދި، ސޮއި ނުކުރައްވައިފިނަމަ ވާނޭގޮތުގެ މައްޗަށް ހާޒިރީން އިންޒާރު އެރުވިއެވެ. އޭގައި ރަދުން ސޮއިކުރެއްވީ، ހިތްޕުޅާނުވެ، ހުންނަވައި މަޖްބޫރީ ޙާލަތުގަ އެވެ.

އަޙްކަމާޢާއްމާ ތަޞްދީޤު ކުރެއްވިތާ ދެމަސް ފަހެވެ. ވުޒާރަތުއްދާޚިއްޔާއަށާއި ވުޒާރަތުލް އަސްކަރިއްޔާއަށް ލިބުނީ، ރަދުންންނާއި ވަލީ ޢަހްދު ޙަސަން ޢިއްޒުއްދީނާއި ބައެއް އެހެން އިސް ވެރިން، ޤާނޫނު އަސާސީ އުވާލުމަށް ރޭވުންތަކެއް ރާވާވަމުންދިޔަ ޚަބަރެވެ. މި މައްސަލާގައި، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް 2 އޮކްޓޯބަރު 1934 ވަނަ ދުވަހުގެ ރޭ ބޭއްވި، އެ ޖަލްސާގެ އިއްތިފާޤުން ފާސްވީ ރަދުން ޤާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށެވެ. ދެން ރަދުން ރަސްކަމުން ވަކިކުރެވުނެވެ. ޝަމްސުއްދީނާއި ދަރިކަލުން ޙަސަން ޢިއްޒުއްދީނު ގެ މައްޗަށް ޝަރީޢަތް ކުރެވި ނިޔާކަޑައެޅުނީ ޢުމުރުފުޅަށް އަރުވާލުމަށެވެ. ސަރުކާރު ހިންގުމަށް ދެން ހުވާކުރެއްވީ ވަޒީރުންގެ މަޖިލިހުގެ މެންބަރުންނެވެ.

ޝަމްސުއްދީނާއި ދަރިކަލުން ޙަސަން ޢިއްޒުއްދީނު އަރުވާލެވުނީ ފުވަށްމުލަކަށެވެ. އަރުވާލެވުނުތަނާ ހަތަރު އަހަރެއްހާ ދުވަސް ވީތަނާ ދަރިކަލުން އަވަހާރަ ވެއްޖެއެވެ. ދެން މިކަމުގެ ހިތާމައިގެ އާލާސްކަންފުޅު ރަދުންނަށް ޖެހިގެން މާލެއަތޮޅު ވިލިގިއްޔަށް އެ މަނިކުފާނު ބަދަލުކުރެވުނެވެ. އެ މަނިކުފާނު ނިޔާވީ 14 ޖޫން 1947 ގައި މާލޭގައެވެ. މި ރަދުންނާއި އެ ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒުއްދީނުގެ ދިރިއުޅުއްވުމުގެ ކަންތައްތައް ހުރިގޮތް މުޙައްމަދު އިސްމާޢީލް ދީދީ (1966) ގައި ބަޔާންކޮށްފައި ވެއެވެ. ޝަމްސުއްދީނުގެ ދިގު ރަސްކަން ނިމެންދީމާވީ އޭނާއާއި އޭނާގެ ދަރިކަލުންގެ އުޅުއްވުން ރަނގަޅު ނޫންކަމުންކަން އެ ލިޔުއްވުމުން ޔަޤީން ކުރެވޭނެއެވެ.

މި ދައުރުގެ ސިޔާސީ ތާރީޚް ޚުލާޞާ ކޮށްލުމުގެ ގޮތުން ދަންނަވަމެވެ. ވިހިވަނަ ޤަރުނު ފެށުނުއިރު، ރަސްކަމުގައި އިންނެވީ ޢިމާދުއްދީނު ރަދުންނެވެ. އޭނާއަކީ ރާއްޖޭގެ ރަސްކަން ވާރުތަ ވާ އުޞޫލުން ރަސްކަން ލިބިގެންވާނޭ މީހެއް ނޫނެވެ. މިޞްރުގެ ބޭކަނބަލަކާ ކައިވެނި ކުރައްވަން ވަޑައިގެންތަނާ އޭނާ ރަސްކަމުން ޢަޒްލް ކުރެވި ޝަމްސުއްދީނު ރަސްކަމަށް އިސްކުރެވުނެވެ. ޝަމްސުއްދީނު ރަދުން ރަސްކަން ކުރެއްވީ 31 އަހަރާއި 7 މަސް ވަންދެންނެވެ. ދެން އޭނާ ޢަޒްލުކުރެވި ވަޒީރުންގެ ކޮމިޓީއިން ރަސްކަން ހިންގުމަށް ނިންމުނެވެ. އެއީ 1934 ވަނަ އަހަރުއެވެ.

ވިހިވަނަ ޤަރުނުގެ ތަޢުލީމީ ދައުރުތަކުން ފުރަތަމަ ދައުރެއް ކަމަށް އަޅުގަނޑުމެން ކަނޑައަޅާފައިވަނީ 1900 ވަނަ އަހަރުން ފެށިގެން 1934 ވަނަ އަހަރަށެވެ. މި ދައުރަށް ނަންދީފައިވަނީ ޞަލާޙުއްދީނުގެ ދައުރުގެ ނަމުންނެވެ. އަޅުގަނޑުމެން ދެން ޚުލާޞާ ކޮށްލާނީ، މިނަން ނިސްބަތްވާ ޙުސައިން ޞަލާޙުއްދީނުގެ ކުރު ތަޢާރުފަކަށެވެ.

ޞަލާޙުއްދީނުގެ ތަޢުލީމީ ޙަޔާތް

ޞަލާޙުއްދީނުގެ ތަޢުލީމީ ޙަޔާތް އަޅުގަނޑުމެންނަށް އެނގެނީ އޭނާ އަމިއްލަފުޅަށް ލިއުއްވި ތިން ލިޔުއްވުމަކުންނެވެ. ޞަލާޙުއްދީނު (2015) ގައި ބަޔާންކުރާ ގޮތުގައި، ”އަޅުގަނޑު ކުޑައިރު ޤުރްއާން ކިއަވާން އުޅުނުއިރު އަޅުގަނޑުގެ އެދުރު އައްސައްޔިދު މުޙައްމަދު ބިން އައްސައްޔިދުލްޚަޠީބު އިބްރާހީމް ބާޢަލަވީ ކުޑަސީދިބޭ“ (ޞ 247) އަކީ ޤުރްއާން ޢިލްމުގެ މުދައްރިސެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ޞަލާޙުއްދީނަކީ އެދުރުގެޔަކަށް ވަޑައިގެން ނުވަތަ އެދުރަކު ގެންނަވައިގެން ކުޑައިރު ކިޔަވާވިދާޅުވި ބޭފުޅެއްކަން އެނގެއެވެ. އަސާސީ ތަޢުލީމަށް ފަހު، ދެން ތަޢުލީމު ޙާޞިލްކުރެއްވިގޮތް އެނގެނީ އެހެން ދެ ފޮތަކުންނެވެ. އެއް ފޮތަކީ ”ދިވެހީންގެ ވާހަކަ“ މިފޮތެވެ (ޞަލާޙުއްދީނު، 2003). މިފޮތުގައި އޭނާގެ ޒުވާން ދުވަސްވަރު، ރާއްޖޭގައި ޢިލްމަށް ކުރިއަރާތިއްބެވީ ހަތަރު ބޭފުޅަކު ކަމާއި އެ ބޭފުޅުން ޢިލްމު ހޯއްދެވިގޮތް ބަޔާންކުރައްވާފައި ވެއެވެ. ތިން ވަނަ ފޮތަކީ އައްޑޫގެ ފަސް އޮޑިއެއް މާލެއަންނަން 1921 ވަނަ އަހަރު އޮކްޓޯބަރު މަހު ކުރި ދަތުރެއްގައި، ބެހިގެން އެފްރިކާއަށް ދިޔަ ވާހަކައެއް ބަޔާންކުރުމުގެ ކުރިން ލިޔެފައިވާ ދިގު މުޤައްދިމާއެކެވެ. ޞަލާޙުއްދީނު މި މުޤައްދިމާ ލިޔުއްވާފައިވަނީ 1924 ވަނަ އަހަރުއެވެ. އެ ލިޔުމުގައި އޭނާ ބަޔާންކުރައްވާ ގޮތުގައި އޭނާގެ ޢުމުރުން 13 އަހަރުވެ 14 އަހަރަށް އޮއްވައި، އައްޑޫ މީދޫއަށް ކިޔަވަން ވަޑައިގަތެވެ. އެއީ 1893 ވަނަ އަހުރުއެވެ. އެހެންކަމުން، ޞަލާޙުއްދީނު އުފަންވެވަޑައިގަތީ، 1881 ވަނަ އަހަރުކަމަށް މި ލިޔުމުން އެނގެއެވެ. އޭނާގެ އުފަންދުވެހެއްކަމަށް ލަފާކުރެވެނީ 14 އޭޕްރިލް 1881 އެވެ. މިކަން އެނގެނީ 1358ހ ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުގެ 15 ވަނަ ދުވަހު އޭނާއަށް 60 އަހަރުވިކަމަށް އޭނާ ވިދާޅުވާތީއެވެ (ޞަލާޙުއްދީނު، 2015، ޞ. 197). ޙުސައިން ޞަލާޙުއްދީނަކީ ބޮޑުގަލުގޭ މޫސާދީދީގެ ފުތް ދަރަވަންދޫގޭ ޙުސައިން ދީދީއެވެ. އަމީން (1954) ގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލުމާ ބެހޭގޮތުން އޭރުގެ ރަދުން ލިޔުއްވި ފަތްކޮޅުގައި އޭނާގެ ނަން ގެނެސްފައިވަނީ ”ބޮޑުގަލު މާކޮށާރު ބަޑޭރި އަލްމަރްޙޫމް މޫސާ ދީދީގެ ފުތް އަލްޙާއްޖު އަލްގާޟީ ޙުސައިން ޞަލާޙުއްދީނު އުއްތަމަ ފަޑިޔާރު މަނިކުފާނު“ މިގޮތަށެވެ. އޭނާގެ މަތިކޮޅު މިއަށް ވުރެ ތަފްޞީލުކޮށް އެހެން ފޮތްފޮތުގައި ވެއެވެ (ދިވެހި ޑައިޖެސްޓް 9، 1 ޖޫން 2014، ޞ. 13).

ޞަލާޙުއްދީނު މީދޫއަށް 1893 ވަނަ އަހަރު ވަޑައިގަތީ، އައިސާބީގެދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީހް އިބްރާހީމް ތަކުރުފާނު މާލެވަޑައިގެން ފަހަރަކު އެނާއާއެކު އޭނާގެ އަރިހުން ކިޔެވުމަށެވެ. މި އިބްރާހީމް ތަކުރުފާނު މަޝްހޫރުވެފައިވަނީ އައިސާބީގެދަރު ދޮންބެއްޔާގެ ނަމުންނެވެ. ޞަލާޙުއްދީނު ބަޔާންކުރައްވާގޮތުގައި މީނާއަކީ ޤުރްއާން ހިތުދަސް، ފިޤުހުނަޙޫ ރަނގަޅަށް އޮޅުންފިލައިގެން ހުންނެވި ބެއިކަލެކެވެ. އަދި ޔޫނާނީ ބޭހާއި، ތިލޭރު އަތްކަމާއި، ކަނބުރުވެރިކަމާއި، ފޭރާންކުޅައުމާއި ދެބާވަތުގެ ވަޑާން ދަންނަ، އާދަވެގެން މަހަށް ވަޑައިގަންނަވާ ބޭފުޅެކެވެ. މި ދޮންބެއްޔާގެ ދިރިއުޅުއްވުމުގެ ވައްޓަފާޅި ހުންނަގޮތް، ހަވާލާ ދެވުނު މުޤައްދިމާގައި ޞަލާޙުއްދީނު ބަޔާންކުރައްވާފައި ވެއެވެ. އަދި އިތުރު ތަފްޞީލު ޞަލާޙުއްދީނު (2003) ގައި ވެއެވެ.

ޞަލާޙުއްދީނު ބަޔާންކުރައްވާގޮތުގައި، މި ކިޔަވައިދިނުމުގެ ބާވަތަކީ:

ކުދި ފިޤުހުފޮތަކުން ފިޅާވަޅެއް ދެއްވުމާއި ކޮންމެ ރެޔަކުމެ ކޮންމެވެސް ވާހަކަފޮތަކުން ދެތިން ހަތަރު ގަނޑު ހައިތަން ކިޔަވައިދެއްވުމާއި ލަފުޒުފޮތްފޮތުން ލަފުޒު ބަލާނޭ މަގު ދަސްކޮށްދެއްވުމާއި މީހުން ކިޔަވާން ކުރާ މަސައްކަތުގެ ވާހަކަޔާއި، މަސައްކަތްކުރރީމާވާ މޮޅުގެ ވާހަކަ އާއި ގިނަގިނައިން ދައްކަވައި ހިތްވަރުދެއްވުމާއި މިއެވެ. މަންޖައްދަ ވަޖައްދަ މި ބަސް ކިޔަވައިދެއްވަނީ ވަރަށް ގިނައިންނެވެ. މިބަހުގެ މަޢުނައަކީ، ގަދައަޅައިގެންފި މީހަކަށް ލިބޭނެއެވެ. މިއެވެ. ޒުވާން ފުރާގައި، ވިޔަޔާނުވާ މަގުގައި އުޅެވިފައި ފަހުން ލަފާވެ، ރަނގަޅުވާ މީހުންގެ ވާހަކަތައް ދައްކަވައި ދެއްވަނީ ވަރަށް ގިނައިންނެވެ. މިގޮތްމަތީ އުޅެ ލަފުޒުތަކެއް ދަސްވީފަހުން ނަހޫ ޢިލްމުގެ آجرومية އެވެ ކިޔޭ ކުރުފޮތެއް ވަރަށް ރަނގަޅަށް އޮޅުންފިލަވައި ދެއްވައި ކިޔަވައިދެއްވިއެވެ. (ޞަލާޙުއްދީނު، 2008، ޞ.23)

ޙުސައިން ޞަލާޙުއްދީނަށް މިގޮތަށް އެއް އަހަރާއި ހަތަރުމަސްވާދެން ކިޔަވާދީފައި، ދޮންބެއްޔާ ޞަލާޙުއްދީނު ފޮނުވީ މާލެއަށެވެ. ފޮނުވަމުން އެކުގައި ކިޔެވި އެހެން ކުއްޖަކާއި އޭނާއަށް ބުނިކަމަށްވަނީ ”ދެން ތިޔައިގެ ދެކުދިން ނާއިބުތުއްތޫގެ އަރިހަށް ދިއުމުން ކިޔެވިދާނެޔޭ. ކިޔަވައި ނުދެއްވާޔެއް ފަރަކުވެސް ނުޖެހޭނެމެޔޭ“ މިހެންނެވެ (ސަލާޙުއްދީނު، 2008، ޞ. 24). {ޞަލާޙުއްދީނު ލިޔުއްވާފައިވާ ”ދިވެހީންގެ ވާހަކަ“ މިފޮތުގެ 88 ވަނަ ޞަފުޙާގައި ”މި ނަންގަތް ދޮންބެއްޔާގެ އަރިހުގައި ދެއަހަރުވާންދެން ހުރެފައި މާލެއައި އިރު ހުރީ އެންމެ ރަނގަޅަށް ޢަރަބި ފޮތްފޮތުގައި ހުންނަ އެއްޗެތި ދޭހަވާވަރު ވެފައެވެ“ މިހެން ލިޔުއްވާފައިވާތީ، ޞަލާޙުއްދީނު ގެ މިދެލިޔުއްވުމުގައި އައްޑޫގައި ހޭދަކުރެއްވި މުއްދަތުގައި ތަފާތުތަކެއް ހުރިކަމަށް ފެނެއެވެ (ޞަލާޙުއްދީނު، 2003).} މި ނާއިބުތުއްތޫއަކީ މުލަކު މުޙައްމަދު ޖަމާލުއްދީނެވެ. ދެން ޞަލާޙުއްދީނު މާލެވަޑައިގަތުމަށް ފަހު ނާއިބުތުއްތޫ މާލޭގައި ވަޒަންވެރިވެގެން ނުހުންނަވާތީ ކިޔެވޭނެމަގެއް ނުފެނި ”މާލޭގެ ކުޅިވަރުތަކާއި މަޝްޣޫލުވެގެން“ ހުއްޓައި، ދެއަހަރެއްގެ ފަހުން ނާއިބު ތުއްތޫ މާލޭގައި ވަޒަންވެރިވެ ހުންނަވަން ފެއްޓުވުމުން، އޭނާގެ އަރިހުން ކިޔަވަން ފައްޓަވައިފިއެވެ. ނާއިބުތުއްތޫ މާލޭގައި ޤާއިމްވެ ނުހުންނަވާތީ، މިކިޔެވުން މެދުކެނޑި، އަލުން ފެށި މިފަދަގޮތަކަށް މިކަންތައްތައް ހިނގިއެވެ. މާލޭގައި ނުހުންނެވެނީ އަރުވާލެވޭތީއެވެ. ނާއިބުތުއްތޫގެ ކައިރިން އެހެން ބައެއް ޒުވާނުންވެސް މިދުވަސްވަރު ޞަލާޙުއްދީނާއެކު ކިޔަވަމުން ގެންދިޔައެވެ. ޢިމާދުއްދީނު ރަދުން، 1900 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޙައްޖަށް ވަޑައިގަންނަވަމުން ޞަލާޙުއްދީނާ ބަންޑާރަނާއިބުކަން ޙަވާލު ކުރެއްވިއެވެ. އޭރު ޞަލާޙުއްދީނުގެ ޢުމުރުފުޅުން 20 އަހަރު ފުރިގެން 21 އަހަރަށް އަޅައިގަތީއެވެ.

ޢިމާދުއްދީން ރަދުން ޙައްޖުން އެނބުރި ވަޑައިގަތްއިރު، އަރިހުގައި 1892 ވަނަ އަހަރު ހިސާބުގައި ރާއްޖޭގެ ފަޑިޔާރު ކަމުގައި ހުންނެވި މިޞްރުގެ ބޭފުޅެއްކަމުގައިވާ ޢަލީ ޙުސާމުއްދީން މާލެވަޑައިގަތެވެ. ސަލާޙުއްދީނު ވިދާޅުވާގޮތުގައި މީނާއަކީ ޢަރަބި ޢިލްމަށް ވަރަށް ކުޅަދާނަ ޝާއިރެކެވެ. ނާއިބުތުއްތޫ ވިދާޅުވެގެން މީނާގެ އަރިހުން ޞަލާޙުއްދީނު ޢަރަބި ބަހުގެ މަތީފެންވަރުގެ ދެފޮތެއް ކިޔަވާވިދާޅުވިއެވެ.

ޞަލާހުއްދީނު، ސްރީލަންކާގައި ދެފަހަރެއްގެ މަތިން ކޮންމެ ފަހަރަކު އެއް އަހަރު މަޑުކުރެއްވިއެވެ. ފުރަތަމަ ފަހަރު މަޑުކުރައްވަން ދިމާވިގޮތް ދަންނައެވެ. 1902 ވަނަ އަހަރު ނޮވެމްބަރު މަހު، ސުވޭހުގެ ބޭކަނބަލެއްކަމުގައިވާ ޝަރީފާ ހާނިމް އާ ކައިވެނިފުޅު ކުރައްވަން ޢިމާދުއްދީނު ރަދުން މިސްރަށް ވަޑައިގެންފައި، 75 ހާސް ރުފިޔާއަށް އެދިވަޑައިގެން ސިޓީފުޅެއް ރަދުން ނުއުޅުއްވާ ދުވަސްވަރު ރަސްކަން ހިންގަން ހުންނެވި މާންދޫ ދޮށީ މަނިއްޕުޅަށް ފޮނުއްވިއެވެ. އަދި ރާއްޖެއިން މިފައިސާ ލިބެން ނެތްނަމަ، ކޮޅުބުގެ ވިޔަފާރިވެރިންގެ އަތުން ނަންގަވާފައި ފޮނުއްވުމަށް އަންގަވާފައި ވެއެވެ. ދެން ބޮޑުން އެއްކުރައްވައި އެ ފައިސާ ކޮޅުބުން ހޯދުމަށް ވަފުދެއް ފޮނުއްވިއެވެ. މިވަފުދުގައި ޙުސައިން ޞަލާޙުއްދީނު ވަޑައިގަތެވެ. އެ ބޭފުޅުން ކޮޅުބަށް ވަޑައިގެން ހޯދުނީ ޖުމުލަ 20 ހާސް ރުފިޔާއެވެ. މިހާތަނަށް ކަން ހިނގިއިރު، މާލޭގައި ހަމަނުޖެހުން ހިނގަމުން ދެއެވެ. ފަނަރަ ގެއެއް ރޯކޮށްލާފައި ވެސް ވިއެވެ. ރަދުން ސުވޭހަށް ފުރާވަޑައިގެންތާ ތިން މަސްދުވަހުގެ ތެރޭގައި ރަސްކަން ބަދަލުވެއްޖެވެ. މި ބަދަލުވުމާ ގުޅިގެން ޞަލާޙުއްދީނު ކޮޅުބުގައި އަހަރެއް ހަމަވާން ދެ ދެދުވަސްވަންދެން މަޑުކުރެއްވިއެވެ (ޞަލާޙުއްދިނު، 2015). ޢުމުރުން 22 އަހަރުފުޅުގައި ސްރީލަންކާގައި މަޑުކުރެއްވި ދުވަސްވަރު، ޞަލާޙުއްދީނު ކުރެއްވީ ކޮންކަމެއްތޯއެވެ؟

20151207_144419ޞަލާޙުއްދީނު ސްރީ ލަންކާގައި ހުންނެވި ދުވަސްވަރު، ނާއިބުތުއްތޫ (ޖަމާލުއްދީނު) އަށް ކިޔަވާ ދެއްވި ބޭރުވެލީގައި ހުންނެވި ޢިލްމުވެރިއެއްކަމަށްވާ ޝެއިޚް މުޞްޠަފާ ވަނީ ނިޔާވެފައެވެ. {ޝެއިޚް މުޞްތަފާއަކީ، ބޭރުވެލީ (ބެރުވަލާ) ގެ މަޝްހޫރު ޢިލްމުވެރިޔާއެވެ. އަޅުގަނޑުމެން އަޑުއަހާ ސިޔަރަތު ލިޔުއްވި ޒައިދީ ދަހުލާނުގެ ދަރިވަރެކެވެ. އެތައް ފޮތެއް ލިއުއްވި މުޞައްނިފެކެވެ. ޝެއިޚް މުޞްޠަފާއަކީ، ޤާދިރީ ޠަރީޤާގެ ސޫފީއެއްމެއެވެ. އޭނާ ދުނިޔޭގެ އުޅުއްވީ 1838 އިން 1888 އަށެވެ. ވަޅުފުޅުލެވިފައިވަނީ ޖަންނަތުލް މުޢައްލާގައި ޚަދީޖާގެފާނުންގެ މަހާނަފުޅާ ގާތުގައި މައްކާގައެވެ. އޭނާއަކީ އަޖަމީން (ޢަރަބި ނޫން މީހުން) ގެ ތެރެއިން، މި ޤަބުރުސްތާނުގައި ވަޅުފުޅުލެވުނު ފުރަތަމަ މީހާއެވެ.} ނަމަވެސް، އޭނާގެ ތަކިއްޔާތަކާއި ސޫފީންގެ އަސަރުތައް ބޭރުވެލީގައި ގަދަޔަށް އެ ދުވަސްވަރު ހިނގިއެވެ. ޞަލާޙުއްދީނު ހުންނެވީ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެޖެންޓުގެ ގޭގައި ކަމަށް ”ޙާޖީ ޢިމާދުއްދީނުގެ ސުވޭހު ކައިވެނިފުޅު“ގައި އޭނާ ވިދާޅުވެއެވެ (ޞަލާޙުއްދީނު، 2013). ޞަލާޙުއްދީނަށް ކާފަވިދާޅުވާ ބޭފުޅަކު މި ފޮތުގެ އެއް މުޞައްނިފެއްގެ ކައިރީގައި ޞަލާޙުއްދީނު ސްރީ ލަންކާގައި ހުންނެވި ދުވަސްވަރު، ސޫފީ ޠަރީޤާއަކާ ގުޅިވަޑައިގެން ކަމަށް ވިދާޅުވިއެވެ. ޞަލާޙުއްދީނު ލިޔުއްވާފައިވާ ”ދިންނަވާނޭ މަގު“ މިފޮތުގައި، އޭނާއަކީ ސޫފީ ފަލްސަފާއަށް ތާއީދުކުރައްވާ ބޭފުޅަކުކަން، އެފޮތް ވިދާޅުވާ ބޭފުޅުންނަށް އޮޅިވަޑައެއް ނުގަންނަވާނެއެވެ. މިހުންނެވި ހުންނެވުމުގައި، އިތުރަށް ކިޔަވާވިދާޅުވިކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ސަބަބަކީ އެ މަނިކުފާނު ތަޢުލީމަށް ހުންނަ ލޯބީގެ ސަބަބުންނާއި ހިތްޕުޅު ޢިލްމަށް ފާގަތިކަން، ލިޔުއްވުން ތަކުން ސާބިތުވާތިއެވެ. މި ދުވަސްވަރު އޭނާއަށް ސިލޯނާއި އެތަނުގެ ތަޢުލީމީ ނިޒާމު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެއްވޭނެއެވެ.
ޞަލާޙުއްދީނު ސްރީ ލަންކާއިން އެނބުރި ވަޑައިގެން އޭނާގެ އަމިއްލަ ގޯތިކަމުގައިވާ ބަގީޗާގޭގައި މަދަރުސާ ހިންގެވިއިރު، ދަރިވަރުން އެއްވެގެން އިލްމީ ސޮސައެޓީއެއް ނުވަތަ ލަހުޖާއެއް ހެދުމަށް އެދި، އެ ސޮސައެޓީގެ މަޤްޞަދުތަކާއި އެކު ލިޔެފައިވާ ޚުޠުބާއެއް ޞަލާޙުއްދީނު (2015) ގައި ހިމެނެއެވެ. މި މަދަރުސާ، މަދްރަސަތުއްސަނިއްޔާ {ސަނިއްޔާގެ މާނައަކީ މަތިވެރިވެގެންވާ ނުވަތަ ނޫރާނީ އެވެ} އަށް ބަދަލުވުމުން، ލެކްޗަރު ދިނުން ހަފުތާއަކު ދެފަހަރު އޮވެއެވެ. އަދި ޢާންމުކޮށް މައުލޫދުކިޔުން އޮވެއެވެ. މިއިން ބައެއް މައުލޫދުގެ ސައި ހަމަޖައްސަވައި ދެއްވަނީ ޞަލާޙުއްދީނެވެ. 1929 ވަނަ އަހަރު ޞަލާޙުއްދީނު އޭނާގެ ބައްޕަގެ އަރިހުގައި ޙައްޖަށް ވަޑައިގެން މަގުގައި މިޞްރުގައި މަޑުކޮށްލެއްވިއެވެ. ޤާހިރާއަށް ވަޑައިގަތުމުން އޭނާއާ ބައްދަލުކުރި ޙުސެންގެފާނުގެ މިސްކިތުގެ އިމާމުގެ ވާހަކައާއި ޖާމިޢުލް އަޒުހަރުގެ ރައީސްގެ ފަރާތުން ދަންނަބޭކަލަކު މަޖިލިސްކޮށް ވިދާޅުވި ޚުޠުބާއަކާއި ޞަލާޙުއްދީނު ޖަވާބުގައި ވިދާޅުވި ޚުޠުބާ ޞަލާޙުއްދީނު (2015) ގައި ހިމެނެއެވެ. ޞަލާޙުއްދީނު ބައްޕާ ނިޔާވީ މިދަތުރުގައި ޤާހިރާގައެވެ. ވަޅުލުމުގެ ރަސްމިއްޔާތުގެ އެކި ފަރާތްތަކުން ޚުތުބާ އާއިޅެން ކިއެވެ. އަދި ލޯފަން ޝޭޚެއް މި ކަމުގައި ކީ ޅެމެއްވެސް އެ ފޮތުގައި ވެއެވެ. މާލެވަޑައިގަތުމުން އޭނާއަށް މަރުޙަބާ ކިޔުމަށް ފުރުއްވިއިރު ބޭއްވި ފަދަ ރަސްމިއްޔާތެއް މަދްރަސަތުއް ސަނިއްޔާގައި އޮތެވެ. މަދްރަސަތުއް ސަނިއްޔާގެ ދަރިވަރުންނަށް އޭނާގެ އެންމެ ފަހު ތަޤުރީރު ދެއްވީ އޭނާގެ ޢުމުރުން 60 އަހަރު ފުރުނު ދުވަހުއެވެ. މިއީ ވަރަށް އަގުހުރި ނަޞީޙަތްތަކެއް ހިމެނޭ ތަޤްރީރެކެވެ. އެ ތަޤްރީރު ނިންމާލުމަށްފަހު، ”އަޅުގަނޑުގެ އަތުގައި އޮތް، އަޅުގަނޑު އެންމެ ލޯބިވާ ހަތަރު ފޮތް މިމާތް މަދުރަސާގެ މައްޗަށް ވަޤުފްކޮށްފީމެވެ.“ މިހެން ވިދާޅުވެ، ނާއިބުތުއްތޫ ނުވަތަ ޖަމާލުއްދީނު އަތްޕުޅުން ލިއުއްވާ ޞަލާޙުއްދީނަށް ދެއްވި ފޮތަކާއި އޭނާ ޤުރްއާން ކިޔެވިއިރު އޭނާގެ އެދުރު އައްސައްޔިތު މުޙައްމަދު އޭނާއަށް އޮޅުއްފިލުއްވައި ދެއްވި ފޮތަކާއި ދިވެހިރާއްޖޭގެ އިހުގެ ޢިލްމުވެރިންގެ ޢަރަބިބަހުން ހެއްދެވި ޅެންތަކުން އެއްކުރައްވައި ހައްދަވާފައިވާ ފޮތަކާއި އަދި އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ އެހެން ފޮތެއް މަދަރުސާއަށް ހަދިޔާއަށް ދެއްވިއެވެ. މިކަންކަމުން، ޞަލާޙުއްދީނުގެ ވިސްނުންފުޅުގެ ފުޅާކަމާއި ހައިބަތު ހާމަވެއެވެ. ޙުސައިން ޞަލާޙުއްދީނު ނިޔާވީ 16 ޛުލްޤައިދާ 1367 ހ. ގައެވެ. އެއީ 20 ސެޕްޓެންބަރު 1948 އެވެ. މީލާދީ ގޮތުން ޢުމުރުފުޅަކީ 67 އަހަރެވެ. ވަޅުފުޅުލެވިފައިވަނީ ކޮޅުނބުގެ ކުއްޕިޔަވައްތޭ ޤަބުރުސްތާނުގައެވެ. (”ސަރުކާރުގެ ޚަބަރު“ ގެ ޚާއްޞަ ނަންބަރު ،1 ޛުލްޙިއްޖާ 1367ހ).

ޞަލާޙުއްދީނުގެ ތަޢުލީމީ ދައުރު ޚުލާޞާކުރުމުގެ ގޮތުން ބުނެވޭނީ އޭނާ އެންމެ ފުރަތަމަ ކިޔަވާވިދާޅުވީ މާލޭގެ އެހެންވެސް ކުދިން ކިޔަވާފަދައިން އެދުރަކު ގެޔަށް ގެނެސްގެން ނުވަތަ އެދުރުގެއަކަށް ގޮސްގެން ކަމެވެ. އެއަށްފަހު، 13 އަހަރަށް އަޅައިގަތުމުން އޭނާއަށް ކިޔަވާދެއްވީ އެއް އަހަރާއި ހަތަރު މަސްވަންދެން (ނޫނީ ދެއަހަރު) މީދޫގައި ދޮންބެއްޔާއެވެ. ދެން އެއަށްފަހު ދެތިން އަހަރެއް ވަންދެން ޖަމާލުއްދީނު (ނާއިބުތުއްތޫ) އެވެ. މިއަށްފަހު، ރާއްޖެއަށް އައި މިޞްރުގެ ދަންނަބޭކަލެކެވެ. އަދި، އެއަށްފަހު، ސްރީ ލަންކާގައި ޢިލްމު އުނގެނުނުކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެއެވެ. މިޒަމާނުގައި މީހުން ކިޔަވާ މުއްދަތުގެ ދިގުކަމާއި ފެންވަރު ހުންނަވަރާ އަޅާބަލާއިރު، ޞަލާޙުއްދީނަކީ އާދަޔާ ޚިލާފަށް ހިތްޕުޅުއަލި ބޭފުޅެއްކަމަށް ލަފާ ކުރެވެއެވެ. އެއީ ކިޔެވި މުއްދަތު މަދުކަމާއެކު އޭނާގެ ލިޔުއްވުންތައް ފުރިހަމަކަމުންނެވެ.

ޞަލާޙުއްދީނަކީ، އަޅުގަނޑުމެންގެ ނަޒަރުގައި ވިހި ވަނަ ޤަރުނުގައި ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ޢިލްމުވެރިޔާއެވެ. އަދި އެންމެ ބޮޑު ތަޢުލީމީ ޚިދުމަތްތެރިޔާއެވެ. މަދުވެގެން 50 ފޮތް އޭނާ ލިޔުއްވާފައި ވެއެވެ. އޭނާގެ އެންމެ މުހިންމު އެން ޚިދުމަތަކީ މަޖީދިއްޔާ ސްކޫލް އުފެއްދެވުމެވެ. މިތަން ފެށިގެން އައީ އޭނާގެ ގޭގައި ކުދިންނަށް ހިލޭ ކިޔަވައިދިނުމަށް އުފެއްދެވި ކިލާހަކުންނެވެ. މި މަދަރުސާއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަދަރުސާތައް ޤާއިމްކުރުމުގެ ފެށުމެވެ. އަދި ދައުލަތުން ފާޅުކަން ބޮޑު ގޮތެއްގައި، ތަޢުލީމުދިނުމާ ޙަވާލުވުމުގެ ފެށުމެވެ. ދެން އަޅުގަނޑުމެން ބަޔާންކުރާނީ މި ކަންތައްތަކުގެ އިތުރު ތަފްޞީލެވެ.

ޞަލާޙުއްދީނުގެ ދައުރުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ކަންތައްތައް އޮތްގޮތް

ޞަލާޙުއްދީންގެ ދައުރު (1900 އިން 1934 އަށް) ގެ ކުރިން ތަޢުލީމީ ކަންކަން އޮތްގޮތް ކުރީ ބާބުގައި ބަޔާން ކުރެވިފައި ވެއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އެދުރުގެތަކާއި ކިޔަވާގެތައް ހުއްޓެވެ. އެތަންތަނުގައި މައިގަނޑުގޮތެއްގައި ކިޔަވައިދެނީ ނަމާދުކުރަންށާއި ޤުރްއާން އެވެ. ތާނަވެސް ކޮންމެވެސް މިންވަރަކަށް ކިޔަވާދެއެވެ. ނެވިކަން ކިޔަވާދޭ ކިލާސްތައް އޭރުވެސް ހުއްޓެވެ. މަތީ ފެންވަރުގެ ދީނީ ތަޢުލީމާއި ޢަރަބިބަސް ފަދަ މާއްދާތައް ކިޔަވަނީ ފިޤުހު ޢިލްމުވެރިންގެ ކައިރިންނެވެ. އެހެންބާވަތުގެ ޢިލްމާއި ހުނަރު ދަސްކުރަނީ އެކަމުގެ ފަންނުވެރިންގެ އަތްދަށުގައި މަސައްކަތްކޮށްގެންނެވެ. ދަސްވާރުންގެ ގޮތުގައެވެ. ފުދުންތެރިން އަމިއްލަގޮތުން ނުވަތަ އެހެންވެސް ގޮތްގޮތަށް ރާއްޖެއިން ބޭރުން ކިޔަވައެވެ. މިގޮތުން، މައްކާއާއި ޔަމަނަށާއި އިންޑިޔާއާއި ސްރީ ލަންކާއަށް ވަރަށް މަދުން މީހުން ކިޔަވަން ދެއެވެ. ރާއްޖެ އަންނަ ޢިލްމުވެރިން ރާއްޖޭގައި މަޑުކުރާ ދުވަސްވަރު އެމީހުންގެ ކައިރިން ކިޔެވިބަޔަކުވެސް އުޅުނެވެ. ސަރުކާރުގެ ފަރާތުން ތަޢުލީމުދިނުމުގައި ބައިވެރިވަނީ ހަމައެކަނި މާލޭގައެވެ. އެއީ މާލޭގެ ހަތަރު އަވަށުން ކޮންމެ އަވަށެއްގައި ކިޔަވައިދޭ އެދުރަކަށް ގޯއްޗާއި ބަނޑުހަނޑޫ ދީގެންނެވެ. ސަރުކާރުގެ މިހަތަރު އެދުރުގެ ނޫނީ ހައްތާވެސް ހުރީ އަމިއްލަ މީހުންގެ ތަންތަނެވެ. ދިވެހިރާއްޖެ، ވިހިވަނަ ޤަރުނަށް އަލިވިލުނު އިރު ރާއްޖޭގެ ތަޢުލީމު ޙާލަތަކީ މިއީއެވެ.

tb21

tb22

ޞަލާޙުއްދީނު ދައުރުގައި، 1900 އިން 1934 އަށް ތަޢުލީމީ ޙާލަތު އޮތްގޮތް އަޅުގަނޑުމެންނަށް އެނގެނީ ތިން ފޮތަކުންނެވެ. އެންމެ ފުރަތަމަ ފޮތަކީ ޞަލާޙުއްދީނު ލިޔުއްވާފައިވާ އޭނާގެ ގޭގައި އަމިއްލަފުޅަށް ކުދިންތަކަކަށް ކިޔަވައިދިން ގޮތުގެ ވާހަކަ ބަޔާންކުރައްވާފައިވާ ފޮތެވެ (”ރާއްޖޭގެ ނިޒާމީ ތަޢުލީމޫގެ ފުރަތަމަ ހަތާވީސް އަހަރު“). ދެވަނަ ފޮތަކީ ސިލޯނުގައި ހުރި އިނގިރޭސިއަކު ރާއްޖެއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެވެ (ބެލް، 1940). ތިންވަނަ ފޮތަކީ އަޙްމަދު ޝަފީޤު (1992) ލިޔެފައިވާ ”މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް“ އެވެ. ދެން ވަރަށް ފަނޑު ގޮތެއްގައި، ދެފޮޅުވަތް ދޭތެރެ ކިޔައިގެން އެ ދުވަސްވަރުގެ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ޞަލާޙުއްދީނު ލިޔުއްވާފައިވާ އެފްރިކާއަށް ދަތުރުވެރިންތަކެއް ބެހިގެން ދިޔަ ވާހަކައިގެ ކުރިއަށް އޮތް މުޤައްދިމާއިން އޮޅުން ފިލައެވެ. މި މުޤައްދިމާއިން އެނގެނީ އެ ދުވަސްވަރު އުނގެނުން އޮންނަނީ އެކި އެދުރުންނަށް ދަރިވަރުވެގެން ކަމެވެ.

އެންމެ ފުރަތަމަ އަޅުގަނޑުމެން ޚުލާޞާކޮށްލާނީ ޞަލާޙުއްދީނު އޭނާގެ ގެކޮޅުގައި ކިޔަވާދެއްވި ކިޔަވާ ދިނުމަށެވެ. ޞަލާޙުއްދީނަކީ ޢިމާދުއްދީނު ރަދުންގެ ބަންޑާރަ ނާއިބުގެ ހައިސިއްޔަތުން، 1903 ވަނަ އަހަރު، ޢިމާދުއްދީނު ރަދުން ސުވޭހުގެ މީހަކާ ކައިވެނިފުޅު ކުރައްވަން ވެގެން ސުވޭހުގައި ހުންނަވާފައި ފައިސާ ފޮނުއްވަން ވިދާޅުވެގެން، މިކަމާ ގުޅިގެން ސިލޯނަށް ވަޑައިގެން ބޭފުޅެކެވެ. މިދަތުރުގައި އޭނާ އެއް ހިޖްރީ އަހަރަށް ދެ ދުވަސް ހަމަނުވާ މުއްދަތެއްގައި (352 ދުވަހު) ސިލޯނުގައި ހުންނެވިއެވެ. އެ ހުންނެވި ދުވަސްވަރު، ސިލޯނުގެ މަތިވެރި މަދަރުސާތަކާއި އެތަންތާނގެ ކިޔަވާދޭގޮތް އޭނާއަށް ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާނެއެވެ. ސިލޯނުގައި ހުންނެވި ދުވަސްވަރުގެ ވާހަކަ ކުރުކޮށް އޭނާ ”ހާޖީ ޢިމާދުއްދީނުގެ ސުވޭޙު ކައިވެނިފުޅު“ މިފޮތުގައި ބަޔާން ވެގެންވެއެވެ (ޙުސައިން ޞަލާޙުއްދީނު، 2013). އަދި، ބޭރުގައި ތަޢުލީމު ޙާޞިލް ކުރެއްވި ބައެއް ބޭބޭފުޅުންގެ އަރިހުން ކިޔަވާވިދާޅުވުމާ ގުޅިގެން އިސްލާމީ ދުނިޔޭގައި މަކްތަބުތަކާއި މަދަރުސާތައް ހިންގާގޮތާއި އެކަމުގެ މުހިއްމުކަން އޭނާގެ ޒުވާން ސިކުނޑިފުޅަށް ވަރަށް ބޮޑަށް ނެގިގެންދާނެ އެވެ. މިއާއެކު ދޮންބެއްޔާ އާއި ނާއިބުތުއްތޫގެ އަރިއަހުން ކިޔެވިކިޔެވުމުން، އެހެން މީހުންނަށް އުނގަންނައިދިނުމަކީ އޭނާގެ ފަރުދީ ވާޖިބެއްކަމަށް އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ. ކޮންމެއަކަސް މިކަންކަމުން އިލްހާމުލިބިވަޑައިގެން އޭނާގެ އަމިއްލަގޭގައި ކިޔަވައިދޭން ފެއްޓެވިއެވެ. ”ކިޔަވައިދިނުމަކީ އަޅުގަނޑުވެސް ކުރާހިތްވާކަމެއް ކަމުގައިވާ ކަމަށްޓަކައި“ އޭނާ ކިޔަވައިދޭން ފެއްޓެވީކަމަށް ލަފާކުރެވެއެވެ (ޞަލާޙުއްދީނު، 2015، ޞ.8).

ޞަލާޙުއްދީނު ކިޔަވާދެއްވަން ފެއްޓިކަމަށް އޭނާ ލިޔުއްވާފައިވަނީ 1330 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީ ގޮތުން މިއީ 22 ޑިސެމްބަރު 1910 ވީ ހުކުރުދުވަސް ކަމަށް ލަފާކުރެވެއެވެ. ޞަލާޙުއްދީނުގެ ކިލާހުގައި އެންމެ ގިނަ ކުދިން އުޅުނުއިރު 40 ކުދިން ކިޔަވަން އައެވެ. މިކުދިންގެ ތެރޭގައި މާލޭގެ ގާތްގަޑަކަށް ހުރިހާ ބޮޑުންގެ ފިރިހެން ދަރިން ހިމެނެއެވެ. ހުކުރު ދުވަހާއި އަންގާރަ ދުވަހަކީ ބަންދު ދެދުވަހެވެ. އެހެން ދުވަސް ދުވަހު ކިޔަވައިދިނުން ޢާންމުކޮށް ފެށިފައިވަނީ އިރުއަރާތާ ބައިގަޑިއިރު ފަހުންނެވެ. ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި، ޢަރަބި އާއި ޤުރްއާން އާއި ދިވެހިބަސް މަތީ ފެންވަރަކަށް ކިޔަވައިދިނުން އޮވެއެވެ. ޞަލާޙުއްދީން (2015) ގައި ހިސާބު ކިޔަވައިދިން ކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ. މި ކުދިން އެކުދިން ކިޔަވާ ފޮތްތަކަށް ބަލައި ގިންތި ކުރެވިފައި ވެއެވެ. އެންމެ މަތީ ފެންވަރުގެ ކުދިންނަކީ ސަރުދާރުންނެވެ. އެހެން ބައެއް ކުދިންގެ ފިލާވަޅުތައް ކިޔައިދޭން ޖެހެނީ ސަރުދާރުންނަށެވެ. ފިލާވަޅުތައް ދެން ނަގައިދެއްވަނީ ޞަލާޙުއްދީނެވެ. 1921 ވަނަ އަހަރު ޞަލާޙުއްދީނު (2008) ބަޔާންކުރާ ގޮތުގައި އަޙްމަދު ކާމިލް ދީދީ އާއި ޙުސެން ޙިލްމީ ދީދީ ކަރައިން ކިޔަވައިގެން ވަޑައިގެން އުޅުއްވާކަމާއި ކޮންމެ ބޭފުޅަކުވެސް ޞަލާޙުއްދީނުގެ ދަރިވަރުން ސުވާލެއްކޮށްފިނަމަ، ޖަވާބު ދެއްވާނެކަމާއި އިނގިރޭސި ނުވަތަ އުރުދޫ އެބޭފުޅުންގެ އަރިހުން ދަސްކުރުމަށް އުޅުމަށް ދަރިވަރުންނަށް ނަޞީޙަތްތެރި ވެފައި ވެއެވެ. އަދި މި ދެ ބޭފުޅުންނަކީ ޙުސެން ޞަލާޙުއްދީނުގެ ކިލާހުން ކުރިން ކިޔެވި ދެ ބޭފުޅުންކަން ފާހަގަކޮށްފައި ވެއެވެ. ޞަލާޙުއްދީނު ކިލާހުގެ ކިޔެވުން ކުރިއަށް ދިޔައިރު:

ދައުލަތުގެ ފަރާތަކުން މި ކުދީންގެ ކިޔެވުމަކަށް ވަކި އެހީތެރިކަމެއް ނުހުރެއެވެ. އާޔެކޭ ކިޔަވާ ކުދިން ދެކުނުގޭގައި ކިއަވާން ފެށިތަނާ އަލްޙާއްޖު އިބްރާހީމް ދޮށިމޭނާކިލެގެފާނު އެކުދީން ކިޔަވަން ތިބޭނޭ ގޮޑިއެއް ފޮނުއްވިއެވެ. އަލްޙާއްޖު އަޙްމަދު ދޮށިމޭނާ ކިލެގެފާނު މަންހާޖުގެ ދިހަ ނުސްޚާ ފޮނުއްވިއެވެ. ޢަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނު އިންޑިޔާގައި ހުންނަވާފައި ވަޑައިގެން އެއްދުވަހަކު ހެދުނު ކުދީން ކިއަވާން ދެކުނުގޭ ފެންޑާގައި ތިއްބައި ވަޑައިގެން އެކުދީންނަށް ތާރީފުކުރައްވައި ހިތްވަރު ދެއްވައި ހެއްދެވިއެވެ. (ޞަލާޙުއްދީނު، 2015، ޞ.91)

ދެން ވާންފެށި ގޮތަކީ، ސަރުކާރުގެ ފަރާތުން ބަރުޒަންޖީ މައުލޫދު ކިއާންވާ ތަންތަނަށް ކިޔަވާކުދީންނަށް ކިއޭން ފެށީއެވެ. ކުދިންގެ މައުލޫދު ފޮތްތަކުގައާއި އަދިވެސް އެކުދީންގެ އެހެން ފޮތްފޮތުގައި އަލްމަދްރަސަތުއްޞަލާޙިއްޔާ މިނަން އެޅެން ފެށިއެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް ކެލާ އައްޝައިޚް އިބްރާހީމް ރުޝްދީ ޖާމިޢުލްއަޒްހަރުގައި 12 އަހަރު ވާންދެން ކިޔަވަން އުޅުއްވާފައި މާލެވަޑައިގެން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ގެއެއްގައި ހުންނަވަނިކޮށް، މިކަލޭގެފާނުންގެ ކިބައިންވެސް އިލްމު އުނގެނޭތޯ ސަރުކާރުގައި ދެންނެވުމުން، ޢަބްދުލްމަޖީދު މިކަން ޤަބޫލުފުޅު ކުރައްވައި ފަޑިޔާރުގޭގެ ދެކުނު ފެންޑާއީ މަދަރުސާއެއް ކަމުގައި ހައްދަވައި، ވަރަށްބޮޑު އިޙްތިފާލެއްގައި މަދަރުސާގެ ކަންތައް ފެއްޓެވީ 1345 ވަނަ އަހަރު ޝައްވާލުމަހު ސަތާރަވީ ބުދަ ދުވަހު ހެދުނު ހަތެއް ޖެހިއިރުއެވެ. މި އިޙްތިފާލަށް ހާޒިރުވި 51 ކަމުވޮށިގެންވާ މީހުންގެ ލިސްޓެއް ޙުސެއިން ޞަލާޙުއްދީނު (2015) ގައި ހިމެނެއެވެ. މީލާދީ ތާރީޚް ދިމާވަނީ 20 އޭޕްރިލް 1927 އާއެވެ. {މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހަކީ 19 އޭޕްރިލްކަމަށް ފާހަގަކުރަމުން ދިޔައީ އޮޅުމަކުންނެވެ.} ދެތިން ފަހަރު މަދަރުސާގެ ނަން ބަދަލުވުމަށްފަހު މިހާރު މި ސްކޫލަށް ކިޔަނީ މަޖީދިއްޔާ ސްކޫލްއެވެ. ސަރުކާރުން މަދަރުސާ ހިންގަން ފެށިތާ އެއް މަސް ދުވަހުގެ ތެރޭގައި މަދަރުސާގެ ނަން އަލްމަދްރަސުލް ސަނިއްޔަތު ލިލްޙުކޫމަތުއް މަޙަލްދީބިއްޔާގެ ނަމަށް ބަދަލުވިއެވެ. އަދި މަދަރުސާގެ ދެލިކަރުދާހުގެ ޚަރަދަށް އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތު ހިންގި މަދަރުސާއަށް ދެއްވި ގެމެންދޫ ފަޅުގައި އޮންނަ ދެބައިދޫ ދެއްވިއެވެ (ޞަލާޙުއްދީނު، 2015، ޞ. 151).

މަޖީދިއްޔާގެ ވަރަށް ކުރީގެ ދަރިވަރެއް ކަމުގައިވާ ޢަޙްމަދު ޝަފީޤު (1992) މި ސްކޫލް ފެށުނުގޮތް ކަމަށް ބަޔާންކޮށްފައިވަނީ އޭރުގެ ވަޒީރުލްއަޢުޡަމް ޢަބްދުލްމަޖީދު އާއި ރަދުންގެ ކާތިބުއްސިއްރު އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި ޞަލާޙުއްދީނު މަޝްވަރާކުރައްވާ ސަރުކާރުން ހިންގާ މަދްރަސާއެއް ކޮންމެހެންވެސް ފަށަންވެއްޖެކަމަށް ރަދުންނަށް ދަންނަވައިގެންނެވެ.  ”މަތިގެ“ އަށް ބޮޑުން އެއްކުރައްވައި އަންނަނިވިގޮތަށް މިކަން ނިންމިގޮތަށް ޔައުމިއްޔާ ކުރެއްވި ކަމަށް އަޙްމަދު ޝަފީޤު (1992) ގައި ވެއެވެ.

މިޞްރުގެ ޖާމިޢުލްއަޒްހަރުން ތޭރަ އަހަރު ]ޞަލާޙުއްދީނު (2015) ގައިވަނީ 12 އަހަރު ކަމަށް] ޢަރަބި ކިޔަވައިގެން ދުރުވި ކެލާ ޝައިޚް އިބްރާހީމުލްއަޒްހަރީ މާލެ ދުރުވީމާ މި ދިވެހިރާއްޖޭގައި ރަނގަޅު ޢިލްމުވެރިޔަކު ކިބައިން ޢިލްމު ކުދިންނަށް އުނގަންނައިދިނުމަށް ނުވާ ކަމުން މި ޝައިޚް އިބްރާހީމް ލައްވާ ކުދިންނަށް ޢަރަބި ޢިލްމު އުނގަންނައި ދެއްވުމަށް އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު އިސްކަންދަރު ރަދުން ބޮޑުންނާ މަޖްލިސް ކުރައްވައި ގަސްދުކުރައްވައި ރަދުންގެ ސައްބީސްވަނަ އަހަރު ޝައްވާލު މަހުގެ 17 ވީ ބުދަ ދުވަހު ކިޔަވައި ދެއްވުމަށް ފެއްޓެވިކަމު ހަނދާން (އަޙްމަދު ޝަފީޤު، 1992، ޞ 12).

މަތީގައިވާ ބަޔާނުން އެނގޭގޮތުގައި ސަރުކާރުން މިސްކޫލް ގެ ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ނިންމެވިއިރު ދައުލަތުގެ އިސްފަރާތްތަކާ މަޝްވަރާކުރައްވާފައި ވެއެވެ. ސަރުކާރުން ހިންގާގޮތަށް މަދަރުސާ ނެގިއިރު ޞަލާޙުއްދީނު އަމިއްލަފުޅަށް ކިޔަވައިދެއްވާތާ 15 އަހަރު ވެއްޖެއެވެ. ނާޒިރަކަށް ހަމަޖެއްސެވީ ޞަލާޙުއްދީނެވެ. އިބްރާހީމް ރުޝްދީ އަކީ މުދައްރިސެވެ. އަދި މީގެ އިތުރަށް ހަތަރު އެހީތެރިން ހަމަޖެއްސެވިއެވެ. މަދަރުސާ ފެށުނުއިރު ތިބީ 64 ކުދިންކަމަށް ޞަލާޙުއްދީނު ބަޔާންކުރައްވައެވެ. ނަމަވެސް މަދްރަސާ ހުޅުއްވެވިއިރު ޠާލިބުން ކަމުގައި މުޅިއެކު ތިބީ، 69 ކުދިން ކަމަށް އާމިނަތު ފާއިޒާ އެކުލަވާލެއްވި ފޮތެއްގައި ވެއެވެ (އާމިނަތު ފާއިޒާ. (1997). އަމީނުގެ ހަނދާން – 1. ވޮލިއުމް 1 ނަންބަރު 2، 2 ފެބްރުއަރީ 1997. ޞ. 144). 69 އެއީ ރަނގަޅު ޢަދަދު ކަމަށް ބާރުލިބޭ ރަސްމީ ޔައުމިއްޔާއެއް ޝަފީޤު (1992) ވެއެވެ.

oldmajeediyyapremises

މަދްރަސަތުއްޞަލާޙިއްޔާ ފެށުނު ދުވަހު ޞަލާޙުއްދީނު ދެއްވި ޚުޠުބާގައި ދިވެހިރާއްޖޭގެ ތަޢުލީމު ފެތުރިގެން އައިސްފައިވާ ގޮތް ވަރަށް ކުރުކޮށް ނަމަވެސް މުއްސަނދިގޮތަކަށް ބަޔާންކުރައްވާފައި ވެއެވެ. މުޙައްމަދު ޖަމީލު ލިއުއްވި ”ޢުލޫމުގެ ޤުލްޝަން 1“ އަށް މަޢުލޫމާތު ނަންގަވާފައިވަނީ މިޚުޠުބާއިންކަމަށް ލަފާކުރެވެއެވެ. އެ ތަޤްރީރުގައި 1927 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ޢިލްމު އުނގެނެން ތިބި ދިވެހި ކުދިން ނަމާއެކު ފާހަގަކުރައްވާފައި ވެއެވެ. މިގޮތުން ޖާމިޢުލްއަޒްހަރުގައިވާ 6 ދަރިވަރަކާއި ހައިދަރުއާބާދުގައި ހުރި އެއް ކުއްޖަކާއި ލަކަނޫގައި ހުރި އެއް ކުއްޖަކާއި އިލާހްއާބާދުގައި ހުރި އެއް ކުއްޖަކާއި ސިލޯނުގައި ހުރި މުޙައްމަދު އަމީން ފާހަގަ ކުރައްވާފައިވެއެވެ. މި ޚުޠުބާއިން އެނގޭ ގޮތުގައި، ޖާމިޢުލް އަޒުހަރުން އެންމެފުރަތަމަ ކިޔަވާ ވިދާޅުވެގެން މާލެވަޑައިގަތީ ކެލާ އިބްރާހީމް ރުޝްދީ އެވެ. ޚުޠުބާއިން ފާހަގަކުރެވޭ އަނެއްކަމަކީ ޞަލާޙުއްދީނުގެ ކިލާހުގެ ބައެއް ކުދިން ޖާމިޢުލްއަޒްހަރަށް ސަރުކާރުގެ ޚަރަދުގައި ފޮނުވުމާއި އެތަނުގައި ތިބި ކުދިންނަށް ކޮންމެވެސް ޚަރަދެއް ސަރުކާރުން ކުރައްވާކަމެވެ. ޞަލާޙުއްދީނު (2015، ޞ.116) ބަޔާން ކުރާގޮތުގައި:
ސަރުކާރުގެ ފަރާތުން ކިޔައްވާން ވާހައި މައުލޫދަކަސް ވެސް {ޞަލާޙުއްދީނު ކިލާހުގެ} އެކުދީނަށް އަންގަވަތެވެ. ކިޔަވާން އުޅޭ ކުދީންނަށް ކަންކަންލިބުމާއި، ބޭނުންފުޅު ހިއްޕެވުމެއްވެސް ހުރެއެވެ. އަދި މިހާރަކަށް އައިސް، މިއެތެރެއިން ޖާމިޢުލްއަޒްހަރުގައި ތިބި މީހުނަށް ޚަރަދު ވެސް ދެއްވަތެވެ. އެއިތެރެއިން ހުތް ޢަބްދުﷲ ދީދީޔާއި ތަންހަޅި މުޙައްމަދާއި ދެމީހުން ފޮނުއްވީވެސް ސަރުކާރުގެ ޚަރަދުގައެވެ.

މިހާ ހިސާބަށް ލިބިފައިވާ މަޢުލޫމާތުން، 1900 ވަނަ އަހަރުން ފެށިގެން ދިވެހީން، އާބާދީގެ ނިސްބަތުން ގިނައިން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަކަން ފާހަގަވެއެވެ. މީގެ ތެރޭގައި ސަރުކާރުން އެހީތެރިވެގެންދާ މީހުންވެސް ހިމެނެއެވެ. 1927 ވަނަ އަހަރު، މަދަރުސާ ފެށުނުއިރު ވެސް، މާލޭގައި ޝަމްސުއްދީނު ރަދުންގެ ދަރިކަލުން ޙަސަން ޢިއްޒުއްދީނާއި، ޙުސައިން ޙިލްމީ އާއި އަޙްމަދު ކާމިލް ދީދީ ބޭރުން ކިޔަވާ ވިދާޅުވެގެން ވަޑައިގެން މާލޭގައި އުޅުއްވާނެއެވެ. މި ދެންނެވި ބޭފުޅުން ނިންމާފައިވާނެކަމަށް ލަފާކުރެވެނީ ޔުނިވަރސިޓީއަށް ވަންނަން ހުންނަންޖެހޭ ފެންވަރުގެ ތަޢުލީމެވެ. ބެޗްލަރ ޑިގްރީ ފެންވަރެއް ނޫނެވެ. ކޮންމެއަކަސް ރާއްޖެއިން ބޭރަށް ސަރުކާރުގެ ޚަރަދުގައި ދިވެހިން ކިޔަވަން ފޮނުވަން ފެށިތާ، 2015 އަށް މަދުވެގެން 88 އަހަރު ވެއްޖެކަމަށް މި ޚުޠުބާއިން އެނގެއެވެ.

މަދަރުސާގެ ކިޔަވާދިނުމާއި މުޤައްރަރާ ބެހޭގޮތުން ފެށުނު އިރު އުޅުނު ދަރިވަރެއްގެ ބަޔާނެއް އަޙްމަދު ޝަފީޤު ހިމަނާފައި ވެއެވެ (1992، ޞ. 29).

އޭރުގެ ޝައިޚް އިބްރާހީމް ކިޔަވައިދިނުމާއި ޙަވާލުވެވަޑައިގެންފައި މަދްރަސާގެ ދަރިވަރުން ދެ ކްލާހަކަށް ބައިކޮށްލެއްވީއެވެ. އަލްފަޞްލުލް އައްވަލާއި އަލްފަޞްލުއްޘާނީ އަށެވެ. މިތަނުން މަތީ ކްލާހަކީ ޢައްވަލު ކްލާހެވެ. މަތީ ކްލާހުގައި ކިޔަވައިދެނީ މަތުނުލްއާޖުރުމިއްޔާ އެވެ. ކިޔަވަނީ އިޢްރާބާ އެކުއެވެ. ދެން ކިޔަވަނީ ޢަރަބި ބަސް އުނގަންނައިދނުމަށް ޝައިޚް އެކުލެއްވެވި އަލްއުސްލޫބުލް މުފީދު އެވެ ކިޔާ ފޮތެވެ. އަލްފަޞްލުއްޘާނީގައި މިދެންނެވި ފޮތާއި ދެން ފިޤުހު ފޮތަކަށް އައްދުއްރުއްސަމީނު އެވެ ކިޔާ ޢަރަބި ފޮތެވެ. މިދުވަސްވަރު އެހެން މާއްދާއެއް ނުކިޔަވައެވެ. ފަޑިޔާރުގޭ އުތުރު ފެންޑާގައި ދެވަނަ ފަޞްލުގެ ކުދިން، ދެކުނު ފެންޑާގައި އެއްވަނަ ފަޞްލުގެ ކުދިން ކޔަވަން ތިބެއެވެ.

މަތީގައިވާ ބަޔާނުން އިޝާރާތް ކުރާ ފަދައިން، ހިސާބެއް އިނގިރޭސިއެއް އުރުދޫ އެއް މި މަދަރުސާ ފެށުނުއިރު ކިޔަވައެއް ނުދެއެވެ. މިތަކެތި ކިޔަވައިދޭން ފެށީ މަދަރުސާ ފެށުނު ތަނާ ފަސް އަހަރު ފަހުންނެވެ. މަދަރުސާ ފެށުނު ދުވަހު، މަދަރުސާގެ ގަވާއިދެއް އެކަށައަޅައި ދަރިވަރުންނަށް ފެންނާނެހެން ބެހެއްޓުނެވެ. އެ ގަވާއިދަށް އެ ދުވަސްވަރު ކިޔާފައިވަނީ ޤާނޫނެވެ. މި ޤާނޫނު އަޙްމަދު ޝަފީޤު (1992) އާއި ޙުސައިން ޞަލާޙުއްދީނު (2015) ގެ ފޮތްތަކުގައި ހިމަނާފައި ވެއެވެ. ގަވާއިދުގައި މަދްރަސާއަށް ސަލާން ބުނާނޭ ގޮތާއި އުޅުން ބަހައްޓަންވީގޮތާއި ބަންދުދުވަސްތައް ފާހަގަކޮށްފައިވެއެވެ. ކިޔަވައިދެނީ ހިޖްރީ އަހަރަކު ގާތްގަޑަކަށް 225 ދުވަހުއެވެ. މަދަރުސާގައި ކިޔަވާދޭ ގަޑިތައް އަޙްމަދު ޝަފީޤު (1992) އިން އެނގެއެވެ. އެއީ ހެނދުނު 7:00 އިން 9:00 އަށް، ދެން 9:30 އިން 11:00 އަށެވެ. ކައިވެނިކޮށްގެން އުޅޭ މީހުން ދަރިވަރުންނަކަށް ވުމަށް މި ޤާނޫނު މަނައެއް ނުކުރެއެވެ. ދަރިފުޅާއި ބައްޕަ އެއް ކިލާހެއްގައި އުޅުނުކަން ޝަފީޤު ފާހަގަކޮށްފައި ވެއެވެ. މިއީ ބޮޑެތި ކުދިންގެ މަދަރުސާއަކަށް ވާތީ، މަދަރުސާއަށް ވަދެވެނީ 7 އަހަރު ވުމުންނެވެ.

މަދަރުސާ ފެށުނުތަނާ އަހަރެއްގެ ފަހުން 5 ޖޫން 1928 އަންގާރަ ދުވަހުގެ ރޭ (ބުދަ ވިލޭރޭ) މަދަރުސާ ކުޑަވެގެން އައު ޢިމާރާތަކަށް ބަދަލުވިކަން، ޝަމްސުއްސީނު ރަސްކަމުގެ އެކިކަންކަން ހިނގިގޮތުގެ ޔައުމިއްޔާގައި ލިޔެވިފައި ވެއެވެ. ޝަފީޤު (1992، ޞ. 33) މި ލިޔުން ނަކަލުކޮށްފައިވަނީ އަންނިވި ގޮތަށެވެ.

ފަނޑިޔާރު ގޭގައި ކިޔެވުމަށް ދަތިވުމާއެކު ރަނގަޅުނުވެ ފަނޑިޔާރުގެ ހުރި ގޮވަތީގައި ގޭގެ ހުޅަނގުން އުތުރު ކަންމަތީ ބައިތުލްމާލުން ދިގުމިން 24 ރިޔަނުގައި ފުޅާމިން 12 ރިޔަނުގައި [27’ × 54’] މަދްރަސާއެއް ރާނުއްވައި މަތީ ޓިނުޖައްސަވައި ނިންމަވާފައި 1346ހ ވަނަ އހަރު ޛުލްޙިއްޖާ މަހު 17 ވީ ބުދަވިލޭރޭ މައުލޫދު ކިޔަވާފައި އެދުވަހު ކިޔަވައި ދެއްވުމަށް، އެ މަދްރަސާގައި ފެއްޓިކަމުގެ ހަނދާން.

އަޙްމަދު ޝަފީޤު (1992) ބަޔާން ކުރާ ގޮތުގައި މި ޢިމާރާތުގައި ކިޔަވާދެނީ ފޮތި ދަމައިގެން ތިން ކިލާހަށް ތަން ބައިކޮށްގެންނެވެ. އެހެންކަމުން އެތަނުން ކިލާހެއްގެ ބޮޑުމިނުގައި ހުންނާނީ 18 ފޫޓު 27 ފޫޓެވެ. ސަރުކާރުގެ މި ސައިޒުގެ އެއްވެސް ޢިމާރާތެއް ނުހުންނާތީ، ރަސްމީ ބޮޑެތި ޖަލްސާތަކާއި ޚާއްޞަ މަޖިލިސްތަކާއި މައުރަޒު ފަދަ ކަންތައްތައް ބާއްވަނީ އެ މަދަރުސާ ޢިމާރާތް ހޯލަކަށް ބަދަލުކޮށްލައިގެންކަމަށް ޝަފީޤް (1992) ބަޔާން ކުރެއެވެ. މި ޢިމާރާތުގެ ފޮޓޯތައް އަޅުގަނޑުމެންނާ ހަމައަށް އައިސްފައި ވެއެވެ. އެއީ ވަށައިގެން ބޮޑެތި ޖާލި ކުޑަދޮރުތަކެއް ބަހައްޓާފައި، ތިންބައިކުރުމުން ކޮންމެ ބަޔަކަށް ވަކިން ވަދެވޭގޮތަށް ބޮޑުދޮރު ލާފައި ހުންނަތަނެއްކަމަށް އަޙްމަދު ޝަފީޤު ސިފަކުރައްވާފައި ވެއެވެ. މި ޢިމާރާތަށް ވަންނަ ދޮރޯށި ހުންނަނީ ޙުސައިން ޞަލާޙުއްދީނު ގެ ގޯތިކޮޅު ކަމަށްވާ ބަގީޗާގެއަށް ކުރިމަތިވާ ގޮތަށެވެ. އެ ދޮރޯށި މިފޮތުގެ އެއް މުޞައްނިފު ދުށް ހަނދާން ހުރެއެވެ. މި ފަޑިޔާރުގެ އިން ގޯތިދީ ބަހާލީ، މަދަރުސާގެ އައު ޢިމާރާތް ނިމުމާއި ގަޅޮލު ބޯޅަދަނޑު ބޮޑުކުރަންވެގެން ނާޞިރު ދައުރުގައެވެ.

ރާއްޖޭގެ ނިޒާމީ ތަޢުލީމަށް ދެން އެންމެ ބޮޑު ބަދަލެއް އައީ ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީ ފާސްވުމާ ގުޅިގެންނެވެ. ޤާނޫނު އަސާސީ ފާސްވީ 22 ޑިސެމްބަރު 1932 ގައެވެ. މިކަމާ ގުޅިގެން ވަޒީރުއްދާޚިލިއްޔާ އާއި ވަޒީރުލްމަޢާރިފުކަމަށް ޢައްޔަނު ކުރެވުނީ އަޙްމަދު ކާމިލް ދީދީ އެވެ. އަދި ވަޒީރުލްޙައްޤާނިޔާ ކަމަށް މަދަރުސާގެ ނާޒިރު ޢައްޔަނު ކުރެވުމާ ގުޅިގެން ޙުސައިން ޞަލާޙުއްދީނުގެ ބަދަލުގައި އެހެން ބޭފުޅަކު ޢައްޔަނު ކުރެވުނެވެ. އަދި މިއާއެކު މަދަރުސާގައި ކިޔަވައިދޭ މާއްދާތައް އިތުރު ކުރެވުނެވެ. މިގޮތުން ކިޔަވައިދޭ މާއްދާތަކަކީ ޢަރަބި، އިނގިރޭސި، އުރުދޫ، ހިސާބު، ދިވެހި ތާރީޚް، އަދި ދިވެހި ބަސް އެވެ. މިކަން އެނގެނީ އެއަހަރުގެ ދައުލަތުގެ އަހަރީ ރިޕޯޓުންނެވެ. އޭގައި ލިޔެފައިވާކަމަށް އަޙްމަދު ޝަފީޤު (1992، ޞ.43) ބަޔާން ކުރަނީ އަންނަނިވި ގޮތަށެވެ:

އާދެ! ޤާނޫނު އަސާސީ ފާސްވެގެން 14 ޞަފަރު 1352ހ. [8 ޖޫން 1933] މިދުވަހުން ފެށިގެން މަދަސަތުއްސަނިއްޔާގައި ކިޔަވައިދޭން ފެށުނެވެ. ކިޔަވަން ފެށީ ޢަރަބި، އިނގިރޭސި، އުރުދޫ، ހިސާބު ދިވެހި ތާރީޚް، ދިވެހި ބަސް، މި މާއްދާތަކެވެ. ކިޔަވަން ފެށުނީ ޓައިމްޓޭބަލް ހެދިގެން މުދައްރިސުންނާއި އެމީހުންގެ ދަށަށް މަސާޢިދުންނާއި ކާތިބުން ލައްވައި އަދި ތަން ތާހިރުކުރުމަށް ޕިޔޯނުންވެސް އިތުރުވެގެންނެވެ. މިއަހަރުގެ ރަޖަބު މަހުގެ ތެރޭ ބެލި ހިސާބުގައި މަދަރުސާގައި ތިބީ އަންހެން ފިރިހެން 129 ދަރިވަރުންނެވެ.

މަތީގައިވާ ބަޔާނުން އަންހެން ކުދިން މަދަރުސާގައި ތިބިކަމަށް ހެކިދެއެވެ. އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުނު ގޮތް ޝަފީޤު (1992) ބަޔާން ކޮށްފައި ވެއެވެ. ޤާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ވަނީ އަންނަނިވި ޢިބާރާތެވެ: ”ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރްއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމީ މި ޤާނޫނު އަސާސީން ލާޒިމްކުރާ ކަމެކެވެ.“ މިގޮތަށް ޤާނޫނު އަސާސީގައި އޮތުމާއެކު، ވަޒީރުންގެ މަޖިލިހަށް މުޙައްމަދު އަމީން (ވަޒީރުއްތިޖާރާ) ތިން ފަހަރެއްގެ މަތިން ހުށަހެޅުއްވީ ޤާނޫނުގައި އެހެން އޮތް ކަމުގައި ވަނީނަމަ، ދިވެހި އަންހެން ދަރިންނަށް ވެސް ތަޢުލީމު ލިބިގަނެވޭނޭ ގޮތް ސަރުކާރުން ހަމަޖައްސާފައި އޮންނަން ވާނޭ ކަމަށެވެ. މިކަން ވަރަށް ހަނި އަޣްލަބިއްޔަތަކުން ފާސްވެގެން ރަދުންގެ ހުއްދައާއެކު އަންހެންކުދިންނަށް ރޭގަނޑު ކިޔަވައިދޭން ފެށުނެވެ. މިގޮތަށް މިކަން ހިނގަމުން ގޮސް، 9 ނޮވެމްބަރު 1933 ދުވަހު ޤާނޫނު އަސާސީ “އިރާލައި” މޮޓަރުބޯޓުގެ ގަޑުބަޑު ފެށުނެވެ. މިގަޑުބަޑުގެ ވާހަކަ ކުރިން ބަޔާން ކުރެވި ހިނގައްޖެއެވެ. މިގަޑުބަޑާއެކު، އަޙްމަދު ކާމިލް ދީދީ ގެ މަޢާރިފުގެ ވެރިކަން ނިމުނުކަމަށް ބެލިދާނެއެވެ. އަޙްމަދު ކާމިލް ދީދީ މަޢާރިފުގެ ވަޒީރުކަން ކުރެއްވީ 22 ނޮވެމްބަރ 1932 އިން 9 ނޮވެމްބަރު 1933 އަށެވެ. އޭނާގެ ވަޒީރުކަމުގައި ކުރެވިފައިވާ މުހިއްމު ކަމެއް އެއްވެސް ފޮތަކުން ފެނިފައެއް ނުވެއެވެ. މާތުރަ، މަދްރަސަތުއްސަނިއްޔާގެ ޤާނޫނެއްގައި ސޮއިކުރައްވާފައިވަނީ އޭނާއެވެ.

1933 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، އެދުވަހާ ހަމައަށް ތިއްބެވި 6 ވަޒީރުންގެ ވަޒީރުކަން ނިމި އައު ވަޒީރުން ހަމަޖެހިގެން ދިޔައެވެ. ދެން ޢައްޔަނުކުރެއްވުނީ 5 ވަޒީރުންނެވެ. އަންނަން ހުރި ވާހަކަތަކަށްޓަކައިއެތަނުން މީގެ ތެރެއިން ތިން ވަޒީރުންނާއި އެމީހުންނާ ޙަވާލު ކުރެވުނު ވުޒާރާތައް ތިރީގައި އެވަނީއެވެ (މުޙައްމަދު އަމީން، 1951، ޞ. 127).
މުޙައްމަދު ފަރީދު: ވަޒީރުލްއަޢުޡަމްކަމާއި ވަޒީރުލްއަސްކަރިއްޔާ ކަން
ޙަސަން ފަރީދު: ވަޒީރުލްދާޚިލިއްޔާ ކަމާއި ވަޒީރުލްމާލިއްޔާ ކަމާއި ވަޒީރުލްޚާރިޖިއްޔާކަން
މުޙައްމަދު އަމީން: ވަޒީރުލްތިޖާރާ ކަމާއި ވަޒީރުލްމަޢާރިފުކަމާއި ވަޒީރުލްޞިއްޙާ ކަން

ކިޔުންތެރިންނަށް މަތީގައިވާ 3 ވަޒީރުންގެ ތެރެއިން ފުރަތަމަ ދެ ވަޒީރުންނަކީ ޢަބްދުލްމަޖީދަށް ބައްޕަ ވިދާޅުވާ ބޭފުޅުންކަމާއި މުޙައްމަދު އަމީނަކީ ޢަބްދުލްމަޖީދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްކަން ހަނދުމަފުޅު ހުންނާނެއެވެ. ދެން މާ ގިނަ ދުވަހެއް ނުވެ، އޭރު ރަސްކަމުގައި އިންނެވި ރަދުން، ޝަމްސުއްދީނު ޢަޒަލްކުރެވިއްޖެއެވެ. މިކަން ހިނގީ 2 އޮކްޓޯބަރު 1934 ގައެވެ. މި ތާރީޚަކީ މިބާބުގައި ދެކެވޭ ވާހަކަ ނިންމާލާ އަހަރުކަމަށްވާތީ، ކަންތައްތައް ދެންވަމުން ދިޔަގޮތް ދެން އޮތް ބާބުގެ މުނާޤަޝާ ގައި ހިމަނާނަމެވެ.
ދެން އަޅުގަނޑުމެން މިފާހަގަކޮށްލަނީ 1352 ވަނަ އަހަރުގެ ދައުލަތުގެ އަހަރު ރިޕޯޓްގައި ފާހަގަކޮށްފައިވާ ދެނުކުތާއެކެވެ (އަޙްމަދު ޝަފީޤު، 1932، ޞ. 43).

މިއަހަރުގެ ތެރޭގައި ނައިފަރު މަދްރަސަތުލް އިފްތިތާޙުގައި 27 ޞަފަރު 1352 [21 ޖޫން 1933] އިން ފެށިގެން ފަޟީލަތުއްޝައިޚް ޢަބްދުﷲ ފަހުމީ ގެ ވެރިކަމުގައި ޢަރަބި، ފިޤްހުޢިލްމު، ޢަޚްލާޤް ޢިލްމު، ހިސާބު ޢިލްމު، ގަވާއިދުގެ މަތީން ކިޔަވައިދޭން އަންގައި އެ ދުވަހުން ފެށައިގެން ހިނގަމުން އެބަދެއެވެ.

ހަމަ މިއަހަރުގެ ތެރޭގައި ހުވަދޫ އަތޮޅު ހަވަރު ތިނަދޫގައި، ދެކުނުގޭ ދޮންމަނިކުގެ ޙަވާލުގައި ކިޔަވައިދޭން ފެށުނެވެ. ސީރަތު ޢިލްމު، ފިޤްހު ޢިލްމު، ހިސާބު ޢިލްމު، ޢަޤާއިދުގެ އިލްމު، އަޚްލާޤް ޢިލްމު، މިތަކެތި މަދަރުސާއެއް އުފައްދައިގެން ކިޔަވައިދޭން ފެއްޓުނެވެ. މީނާއަށް މިކަމުގެ އުޖޫރައަކަށް ސަރުކާރުން މަޑަވެލީ ގޮއި ދެއްވިއެވެ.

މަތީގައިވާ ރެކޯޑުން އަޅުގަނޑުމެންނަށް ރާއްޖެތެރޭގެ ދެ ތަނެއްގައި ރަނގަޅު ފެންވަރެއްގައި މަދަރުސާ ހިންގުނު ކަން ޔަޤީން ކުރެވެއެވެ. އަދި މިތަނުން އެއްތަނަކަށް ސަރުކާރުގެ އެހީތެރިކަން ލިބިފައިވާ ކަން އެނގެއެވެ. އަނެއް ތަނަށް ނުލިބޭކަމެއް ނޭނގެއެވެ.

މަތީގައި ބަޔާން ކުރެވިގެން އެދިޔައީ، ޙުސައިން ޞަލާޙުއްދީނުގެ ފޮތްތަކުންނާއި އަޙްމަދު ޝަފީޤުގެ ފޮތަކުން އަޅުގަނޑުމެންނަށް އޮޅުންފިލާ ކަންތައްތަކެވެ. އެ ވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މިހާރުގެ މަޖީދިއްޔާ ސްކޫލްއަށެވެ. ސަލާޙުއްދީނު ދައުރުކަމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ދުވަސްވަރު، އާދެ، 1900 އިން ފެށިގެން 1934 އާ ހަމައަށް މުޅި ދިވެހިރާއްޖޭގެ ތަޢުލީމުގެ ޙާލަތު އެ ފޮތްތަކުން އޮޅުންފިލަނީ ފަނޑުކޮށެވެ. މި ދައުރުގެ ތަޢުލީމީ ޙާލަތަށް އެންމެ ބޮޑު އައްޔެއް އެޅެނީ ރާއްޖެއިން ބޭރުން އައި މީހަކު ލިޔެފައިވާ ފޮތަކުންނެވެ. އެމީހަކީ، ކުރިން ނަން ގެނެވިފައިވާ އެޗް.ސީ.ޕީ.ބެލް އެވެ. އޭނާ މުޅިއެކު ތިން ފަހަރު މާލެއައެވެ. އެއީ 1879 ގައި އާއި 1920 ގައި އާއި 1922 ގައެވެ. މި ދަތުރުތަކުގައި އެކު ޖުމުލަ އަށްވަރަކަށް މަހު ރާއްޖޭގައި އޭނާ މަޑުކުރެއްވިއެވެ. މިދަތުރުތަކާ ގުޅިގެން އޭނާ ރާއްޖޭގެ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ ފޮތަކީ މިހާތަނަށް ރާއްޖެއާ ބެހޭ ގޮތުން ލިޔެފައިވާ އެންމެ ތަފްޞީލު ގިނަ ފޮތެވެ. ފޮތުގައި އޭނާ ބަޔާންކުރައްވާފައިވާ ކޮންމެ އެއްޗަކަށްހެން، މަޢުލޫމާތުގެ އަޞްލަށް ޙަވާލާދީފައިވެއެވެ. އެންމެ ފަހު ދަތުރަށް ފަހު އޭނާ މާލެއިން ފުރީ 22 ސެޕްޓެމްބަރ 1922 ގައެވެ. ބެލް ނިޔާވީ 1937 ވަނަ އަހަރު ސިލޯނުގެ ކެންޑީގައެވެ. ފޮތް ފުރަތަމަ ފަހަރަށް ޗާޕުކޮށްފައިވަނީ 1940 ގައެވެ. އޭގެ ފަހުން ދެފަހަރަކު އެފޮތް އަލުން ޗާޕުކޮށްފައި ވެއެވެ. އެއީ މާލޭގައެވެ. މިފޮތުގައި މި ޙަވާލާ ދެވެނީ އޭނާގެ ފުރަތަމަ ޗާޕަށެވެ. ބެލް (1940) ގައި ތަޢުލީމާ ބެހޭ ގޮތުން ލިޔެފައިވާ ބައި ވަނީ ފޮތުގެ 64 ވަނަ ޞަފުޙާގައެވެ. ތިރީގައި އެވަނީ އެ ބަޔާނުގެ ތަރުޖަމާއެކެވެ.

(4) ތަޢުލީމު

ގާތްގަޑަކަށް ޢުމުރުން 6 އަހަރުން މަތީގެ، އަންހެން އަދި ފިރިހެން ދިވެހި ކުޑަކުދީންނަށް، ދިވެހި ސަރުކާރުގެ ފަރާތުން ޝަރަފުވެރި ފެންވަރަށް ވުރެ މަތީ ފެންވަރަކަށް ދީނީ އިރުޝާދު ލިބޭނޭ ގޮތް ހަމަޖައްސައިދީފައިވާ އެތައް ޒަމާނެއް ވެއްޖެއެވެ.

އަތޮޅުތަކުގެ ތެރޭގައި ކިޔަވާދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވަނީ ކަތީބުންނާއި މުދިމުންނަށެވެ. މާލޭގައި، ޝާހީ ބޭފުޅުންގެ ދަރިންނަށާއި މުއްސަނދި ފެންވަރުގެ މީހުންގެ ދަރިންނަށް ކިޔަވައިދެނީ ގަނޑުވަރުގައި ނުވަތަ އެމީހުންގެ ގޭގޭގައެވެ. ޓިއުޝަން (ކިޔަވައި) ދެވޭ މުދައްރިސުން އަމިއްލައަށް ހަމަޖެއްސޭނޭ ތަނަވަސް ކަން ނެތް ފަރާތްތަކަށް ސަރުކާރުން ސްކޫލް މާސްޓަރުން (ދިވެހިބަހުން އެދުރުން) މާލޭގެ ހަތަރު ވޯރޑް (ދިވެހިބަހުން އަވަށު) އަށް ހަމަޖައްސައި ދީފައިވެއެވެ. މީގެ އިތުރަށް ސަރުކާރުން، ގުރްއާންގެ ކޮޕީތައް، އެކި ފޮތް ވަކިވަކީން، ފަޤީރު ކަމުން ޤުރްއާން ފޮތް ނުގަނެވޭނެ ކުދިންނަށް ހިލޭ ދެއެވެ.

ސްކޫލަށް ހާޒިރުވާންޖެހޭ ގަޑިތައް: ދެ ޖިންސްގެ ކުޑަކުދިން ހެނދުނު 6:30 އިން 9:30 އަށް. އަދި މެންދުރު ފަހު 12:30 އިން 2:30 އަށް. މިއަށް ވުރެ ކުރިއަރާފައިވާ (އެބަހީ ޢުމުރުން ދޮށީ ނުވަތަ ކިޔެވުމުގައި ކުރިއަރާފައިވާ) ކުދިން ބޭނުންނަމަ ރޭގަނޑު 6:30 އިން 8:00 އަށް އިތުރަށް ކިޔަވަން ދެވިދާނެއެވެ.

ކުދިންގެ ދުވަހީ ހާޒިރީ، ކޮންމެ މަހަކު އެދުރުމީހުން ބޮޑުބަޑޭރިގެއަށް ހުށަހަޅަން ޖެހެއެވެ. { 1922 ވަނަ އަހަރު ދަރިވަރުންގެ ޢަދަދުތައް އެދުރުމީހުން ހުށަހަޅާފައިވަނީ އަންނަނިވި ގޮތަށެވެ. ހެންވޭރު އަވަށު: 114، މައްޗަންގޮޅި އަވަށު: 95، މާފަންނު އަވަށު: 58. ގަޅޮލު އަވަށުގެ ސަރުކާރުގެ އެދުރުމީހާގެ މަޤާމު އޮތީ ހުހަށެވެ.}

ޤުރްއާން ކިޔަން ދަސްކުރުމުގެ އިތުރަށް ދުވާލުގެ ނަމާދުތަކާއި ޞަލަވާތް ކިޔަވާގޮތް ދަރިވަރުން ހިތުން ދަސްކުރަން ޖެހެއެވެ. ކުޑަކުދިން ތާނަ (ދިވެހީންގެ އަކުރު) އަދި ޢަރަބި ލިޔަން ދަސްކުރަނީ ލަކުޑި ބޯޑު (ދިވެހިބަހުން ފިލާ) ގައި އުވަ އުގުޅާ ހިއްކައިގެންނެވެ. މި ބޯޑުގައި އަކުރުތައް ލިޔަނީ އޮނު ގަލަމަކުން (ދިވެހިބަހުން ގަލަން) އަކުންނެވެ. ދެލި (ދިވެހިބަހުން ދަވާދު) ތައްޔާރު ކުރަނީ ނާށި އަންދައި ދެލި ހިމުންކޮށްގެންނެވެ.

ކިޔެވިކަމުގެ ސަނަދު ލިބުމުގެ ކުރިން ހުރިހާ ކުދިންވެސް މުޅި ޤުރްއާން ކިޔަން އެނގެން ޖެހެއެވެ. ކުދިން ރަނގަޅު ފެންވަރަށް އައުމުން، މިކަން ބޮޑު ބަޑޭރިގެއަށް އަންގައެވެ. ނަމަވެސް ދީނީ ދަރުސްތައް އިތުރަށް އުނގެނުމަށް އެކުދިންނަށް އަދިވެސް ހާޒިރުވެވިދާނެއެވެ. ހިސާބު ސްކޫލަކު ނުކިޔަވާދެއެވެ. އެކަމަކު މުދައްރިސުންނާއި ބެލެނިވެރިންގެ ފަރާތުން ގޭގައި ހިސާބު ދަސްކުރެވިދާނެއެވެ.
ދީނީ އިރުޝާދުދޭ ޤުރްއާން ސްކޫލްތަކުގެ އިތުރަށް ނެވިކަން ކިޔަވާދޭ ސްކޫލްތަކާއި ޢަރަބި ބަސް ދަސްކޮށްދޭ ސްކޫލް ތަކާއި ފުންކޮށް ފިޤުހު ދަސްކޮށްދޭ މަދަރުސާތައް ހުރެއެވެ. {1921 ވަނަ އަހަރުގެ ބޯ ހިމެނުމުގެ ރިޕޯޓްގައިވާ ގޮތުން ޤުރްއާން ކިޔަވައިދޭ 839 ސްކޫލާއި، ނެވިކަން ކިޔަވައިދޭ 18 ސްކޫލް އާއި ޢަރަބި އާއި ފުންކޮށް އިސްލާމީ ފިޤުހު ކިޔަވައިދޭ 4 ސްކޫލް ރާއްޖޭގައި ހުރެއެވެ. 1922 ވަނަ އަހަރު އިސްލާމީ ފިޤުހު ކިޔަވައިދޭ އެއްތަން ހުރީ ބަންޑާރަ ނާއިބު އަދި ވަޤުތީ ގޮތުން ގާޒީކަމާ ޙަވާލުވެހުންނެވި އެމް. ޙުސެން [ޞަލާޙުއްދީނު] ދީދީ ގެ ގެކޮޅުގައެވެ.}
މަތީ ފެންވަރުގެ ސްކޫލްތަކުން ނިންމައިގެން، ދަރިވަރުންނަށް ޢާލިމުންގެ (އުލަމާއު) ފެންވަރަށް އެރިދާނެއެވެ އަދި އެމީހުންނަށް އެމީހުންގެ ގެތަކުގައި ކިޔަވައިދިނުމަށް ޝަރުޠު ހަމަކުރެވިދާނެއެވެ.
ތަޢުލީމީ ގޮތުން ކުރިއަރާފައިވާ ދަރިވަރުންނަށް އެފަދަ ތަނަކާ ގުޅޭ ނަމަކަށްވާ “މަދްރަސާ” (ކޮލެޖް) ބޭރުގައި ޖަހާފައިވާ ކާފީ (ރަނގަޅު ފެންވަރެއްގެ) ޢިމާރާތެއް، ހެންވޭރުގެ މައި މަގެއްކަމުގައިވާ ކެބުއަޅާ މަގު ގައި ދުވަސްކޮޅެއްގެ ކުރިން ބިނާކޮށްފިއެވެ. {މިތަން 1922 ވަނަ އަހަރު އަދި ބޭނުމެއް ނުކުރެއެވެ. މަޝްހޫރު އަލް އަޒްހަރު އިން ކިޔަވައިގެން އައި އުނގެނިފައިވާ ދިވެއްސެއް [އިބްރާހީމް ރުޝްދީ] އެތަނުގެ ވެރިޔަކަށް މިހާރު ހަމަޖައްސައިފިކަމަށް ޤަބޫލު ކުރެވެއެވެ. [ހެންވޭރު ކެނބު (ފަލަ ވައު) އަޅާ މަގަކީ ސޯސަން މަގެވެ. މިތަންކޮޅަކީ ފޮތް ޗާޕުކުރި ދުވަސްވަރުގެ (1940 ގެ) ޙާލަތުކަމަށް ލަފާކުރެވެއެވެ.]}

ބެލް (1940) ގެ ބަޔާނުން އަޅުގަނޑުމެންނަށް ވަރަށް ގިނަ މަޢުލޫމާތެއް ލިބިއްޖެއެވެ. އެއިން އެނގޭކަމަކީ އެދުރުގެ ނުވަތަ އޭނާ ބަޔާން ކުރައްވާ ގޮތުން ސްކޫލް ގިނަ ޢަދަދަކަށް ރާއްޖޭގައި ހުރިކަމެވެ. 1921 ވަނަ އަހަރު ރާއްޖޭގައި މީހުން އުޅޭކަމަށް ވަނީ ބެލް ބަޔާންކޮށްފައިވަނީ 221 ރަށުގައެވެ. އެހެންކަމުން އެވަރެޖްކޮށް ރަށެއްގައި 3.7 އެދުރުގެ އޭރު ހުއްޓެވެ. މި އެދުރުގެތަކަށް އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވަން ދެއެވެ. ރާއްޖޭގައި 1921 ވަނަ އަހަރު 18 ނެވިކަން ދަސްކޮށްދޭ ސްކޫލްތައް ހުރިކަމަށް އޭނާ ބަޔާން ކުރެއެވެ. މިއީ ދިވެހިރާއްޖެ ފަދަ ކުޑަ އާބާދީއެއް (1921 ވަނަ އަހަރު 70413) އޮތް ޤައުމަކަށް ވަރަށް ގިނަ ނެވިކަން ދަސްކޮށްދޭ ސްކޫލްއެވެ. ނަމަވެސް ރާއްޖެ ފަދަ، ސަރަޙައްދުގެ ބޮޑުބައި، %99، ކަނޑުގެ ގޮތުގައި އޮންނަ ޤައުމަކަށް މިޢަދަދަކީ ޤަބޫލު ކުރެވޭ ޢަދަދެކެވެ. އަޅުގަނޑުމެން ހަނދާން ހުންނައިރު 1970 ގެ ކުރީ އަހަރުތަކުގައި ވެސް، މާލޭގައި ހައެއްކަ ނެވިކަން ދަސްކޮށްދޭ ”ސްކޫލް“ ހުއްޓެވެ. މިހާތަނަށް ކިޔުންތެރިންނަށް ފާހަގަ ކުރެވިފައިވާނީ މަތީ ފެންވަރަށް ޢަރަބި އާއި ފިޤުހު ކިޔަވައިދޭ ހަމައެކަނި ތަނަކީ ޞަލާޙުއްދީނުގެ ގެކޮޅުގައި އޭނާ ހިންގަވާ ކިލާސް ކަމަށެވެ. ނަމަވެސް މި ބަޔާނުން އެފަދަ ހަތަރު ތަން 1921 ގައި ހުރިކަމަށް ހެކިދެއެވެ. އެއީ ކޮންކޮން ރަށްރަށެއްގައި ހުރި ތަންތަނެއް ކަމެއް އޭނާ ބަޔާން ކުރައްވާފައެއް ނުވެއެވެ.
1927 ވަނަ އަހަރު މިފެށުނު މަދަރުސާއަކީ ކޮންގޮތަކުން އައު ތަނެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ އެއީ ނިޒާމީ ގޮތެއްގައި ސަރުކާރުން ޚަރަދު ކުރާ ގޮތަށް ޤާއިމްކުރި ޒަމާނީ ފެންވަރުގެ މަދަރުސާއެވެ. އަދި މި ފެންވަރަށް އަންހެން ކުދިންނަށް ކިޔަވައިދެވޭ މަދަރުސާއެވެ.

މިއަށްފަހު ދެން އަޅުގަނޑުމެން ނަޒަރު ހިންގާލާނީ ”ކްރިޓިކަލް ތިއަރީ“ އާއި ”ޕޯސްޓް ސްޓްރަކްލަރަޒިމް“ ގެ ހަމަތަކުން ޞަލާޙުއްދީނު ދައުރު (1900 އިން 1934) ގެ ތަޢުލީމީ ސިޔާސަތުތަކަށާއި އެ ސިޔާސަތުތައް އުފަންކުރުވި ނުފޫޒުތަކާއި ސިޔާސަތުގެ ޢިބާރާތްތަކާއި ސިޔާސަތުގެ އަސަރުތަކަށެވެ. މިއިން ކޮންމެ ކަމަކަށް ތިން ދަރަޖައެއްގައި ބަލާލެވިދާނެއެވެ. އެއީ ބައިނަލްއަޤްވާމީ ފެންވަރާއި ޤައުމީ ފެންވަރާއި އެކި މީހުންގެ ޒާތީ ފެންވަރުގައެވެ.

ފާޑުވެރި ނަޒަރަކުން ތަޢުލީމީ ސިޔާސަތުތަކަށް ބަލައިލުން

ޞަލާޙުއްދީނުގެ ދައުރުގައި އަޅުގަނޑުމެންނަށް މިފާހަގަ ކުރެވުނީ މައިގަނޑު ކޮންކޮން ތަޢުލީމީ ކަންތައްތަކެއް ހިގިކަމަށްތޯއެވެ؟ އާދެ! އެކަންތައްތައް ކުރިން ބަޔާން ކުރެވި ހިނގައްޖެއެވެ. ނަމަވެސް، އަލުން އެކަންތައްތައް، މައިގަނޑު ފަސް ކަމެއްގެ ގޮތުގައި ތިރީގައި ލިސްޓުކޮށްލާނަމެވެ.
1. އަމިއްލަ މީހަކު ހިންގި މަދަރުސާއެއް ސަރުކާރުގެ ތަނެއްގެގޮތުގައި ހިންގަން ފެށުން.
2. ތަޢުލީމީ މަންހަޖު ފުޅާކުރުން.
3. އަލަށް ތަޢާރުފުކުރެވުނު ޤާނޫނު އަސާސީގައި ތަޢުލީމު ދިނުން ލާޒިމްކަމަށް ހިމެނުން.
4. އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުން.
5. އެހެން ރަށްރަށަށް ތަޢުލީމު ފެތުރުން

އާދެ! އަޅުގަނޑުމެންގެ ސަމާލުކަން ފޯކަސް ކުރާ ޞަލާޙުއްދީނު ދައުރުގައި ހިނގާ ދިޔަ މުހިއްމު އަދި މައިގަނޑު ތަޢުލީމީ ކަންތައްތަކަކީ މަތީގައިވާ ފަސްކަންކަން ކިޔުންތެރިންނަށް ފާހަގަ ކުރެވޭނެއެވެ. އަޅުގަނޑުމެން ދެން ބަލާލާނީ، މި ތަޢުލީމީ ކަންތައްތައް ނުވަތަ ސިޔާސަތުތައް ތަންފީޒުކުރަން ދިމާވި ނުފޫޒުތަކަށާއި އޭގެ އަސަރުތަކަށެވެ. ނުފޫޒުތަކާއި އަސަރުތައް ބައިނަލްއަޤްވާމީ ފެންވަރާއި ޤައުމީ ފެންވަރާއި އަދި ރަށު ފެންވަރުގައި ނުވަތަ ފަރުދީ ފެންވަރުގައި ފާހަގަކުރެވިދާނެއެވެ. މި ކަންކަން ދެނެގަންނަން އަޅުގަނޑުމެން ބޭނުން ކުރާނީ ޢިލްމީ ނަޒަރިއްޔާއެކެވެ. ނުވަތަ ތިއަރީއެކެވެ.

ފަހެ، ނޫކުލައިގެ ލެންސް އެއް ލާފައިވާ އައިނެއް އެޅުމުން ދުނިޔޭގެ ގިނަ ތަކެތި ފެންނާނީ ނޫކުލައިގައެވެ. ރަތް ކުލައިގެ ލެންސްއެއް ލީ އައިނެއް އެޅުމުން ގިނަ ތަކެތި ރަތްކަމަށް ފެންނާނެއެވެ. ބައެއް ބާވަތުގެ އައިނުން، އެހެންނާ ނުފެންނަތަކެތި ފެނެއެވެ. މިސާލެއްގެ ގޮތުން ޕޮލަރޮއިޑް ލެންސް އެއް ލާފައިވާ އައިނެއް އެޅުމުން، މޫދުގެ އަޑީގައި އުޅޭ މަސް މާ ސާފުކޮށް ފެނެއެވެ. އިންސާނާއަށް ތަކެތި ފެންނަ ގޮތް ބިނާވަނީ އޭނާ އެ އެއްޗެއް ބަލަން އަޅާ ”އައިނެއްގެ“ ބާވަތުންނެވެ. ޢިލްމީ ތަޙުޤީޤުތަކުގައި، ދުނިޔޭގެ އެކި ކަންކަން ތަޙުޤީޤުކުރާ މީހާ ފިކުރުގައި ”އަޅާ އައިނު“ ގެ ސަބަބުން އޭނާއަށް ވިސްނޭ ނުވަތަ ”ފެންނަ“ ތަކެތި ތަފާތު ވެދެއެވެ. ބައެއް ތަކެތި ހާމަ ނުވަތަ ކަޝްފުވެ ބައެއް ތަކެތި ނުފެނި ނުވަތަ ޣައިބު ވެއެވެ.
ތަޢުލީމީ ސިޔާސަތުތަކަށް ބަލައިލާން އަޅުގަނޑުމެން ބޭނުންކުރާނީ ޚާއްޞަ ބާވަތެއްގެ ”އައިނެ“ކެވެ. އެއީ، އިޖްތިމާޢީ ކަންތައްތައް ދިރާސާ ކުރާ މީހުން ބޭނުންކުރާ ދެ ތިއަރީއެވެ. ނުވަތަ ނަޒަރިއްޔާއެވެ. އެއް ތިއަރީ އަށް ކިޔާ ނަމަކީ ”ކްރިޓިކަލް ތިއަރީ“ އެވެ. ކްރިޓިކަލް ތިއަރީ އަކީ 1920ގެ އަހަރުތަކުގައި ޖަރުމަނުގެ އިޖްތިމާޢީ ޢިލްމުވެރިން، ކަންތައްތަކުގެ ޙަޤީޤަތް ދެނެގަތުމަށް ހުށަހެޅި ނަޒަރިއްޔާއެކެވެ. މި ނަޒަރިއްޔާގެ މައިގަނޑު ސިފައަކީ ކަންކަން ދެނެގަތުމަށް ނުވަތަ ތަޙުޤީޤުކުރަން އެކަމެއް ހުރިހާ ތަފްސީލު ތަކާއެކު ވަޒަންކުރުމެވެ. އިނގިރޭސި ބަހުން ނަމަ ކްރިޓީކް ކުރުމަކީ މިއެވެ. ޢުރުދޫބަހުން މިގޮތަށް ޚިޔާލެއް ވަޒަން ކުރުމަކީ ”ތަންޤީދުކުރުން“ ކަމަށް ކިޔައެވެ. ކްރިޓީކް ކުރުމަކީ ކަމެއްގެ ކުށްތައް ދެއްކުމެއް ނޫނެވެ. އެއްޗެއް، އެއްވެސް ފަރާތަކަށް ނުޖެހި، އަމިއްލަ ތަޢައްޞުބެއް ނެތި، އެ އެއްޗެއްގެ ބަހާތަކަށް ނުވަތަ ހިމެނޭ ބައިތަކަށް ބަލައި، އިންސާފުވެރިކޮން ވަޒަން ކުރުމެވެ. މިހާރަކަށް އައިސް ކްރިޓިކަލް ތިއަރީ ގެ މައިގަނޑު ބޭނުމަކަށް ވެފައި ވަނީ އިޖްތިމާޢީ އެކިއެކި ކަންކަން ދެނެގަތުމުގައި ސިޔާސީ އަދި އިޤްތިޞާދީ އެޖެންޑާތައް ނުވަތަ ނުފޫޒުތައް ދެނެގަތުމެވެ (ވިޑޮވިޗް، 2013). އަދި މި ނަޒަރިއްޔާގައި ޢާންމު ހަތަރު ސިފައެއް ވާކަމަށް މުއަރ (2007) ފާހަގަ ކުރެއެވެ. ފުރަތަމަ ކަމަކީ، ކަމަކާ މެދު ބަޔާންކޮށްފައިވާ މަޢުލޫމާތާމެދު ޝައްކުގެ ނަޒަރަކުން ބެލުމެވެ. ދެވަނަ ކަމަކީ މަޢުލޫމާތަކީ އަދި ޢިލްމަކީ ބައެއްގެ ތެރޭގައި އެއްބަސްވެވޭ އެއްބަސް ވުމެއްކަމަށް ބެލުމެވެ. ތިންވަނަ ކަމަކީ ޢިލްމާއި މަޢުލޫމާތަކީ، އެ ލިޔުނު ފަރާތުގެ ތަޢައްސުބުއިން ކިލަނބު ވެފައިވާ އެއްޗެއްގެ ގޮތުގައި ދުށުމެވެ. ހަތަރު ވަނަ ކަމަކީ ޢިލްމުގެ ގުޅުންތަކަކީ އެ ޢިލްމު ގެންގުޅޭ ބައެއްގެ ތެރޭގައި އޮންނަ ވާދަވެރިކަމާއި ބާރުގެ ސަބަބުން ވަކި ސިފައެއް ޖެހިފައިވާ އެއްޗެއް ކަމުގައި ދުށުމެވެ.

ޞަލާޙުއްދީނު ދައުރުގެ އަދި އެހެން ދައުރުތަކުގެ ތަޢުލީމީ ސިޔާސަތުތައް ދެނެގަތުމަށް އަޅުގަނޑުމެން ބޭނުން ކުރާ އަނެއް ތިއަރީ އަކީ ޕޯސްޓް-ސްޓްރަކްޗަރަލިޒަމް އެވެ. އާދެ! ވަރަށް އުނދަގޫ ލަފުޒެއް އެހެން ނޫންތޯއެވެ؟

ޕޯސްޓް-ސްޓްރަކްޗަރަލިޒަމް އަކީ ވިހިވަނަ ޤަރުނުގެ ފަހުކޮޅުގައި ޢާއްމުވި ޚިޔާލާތެކެވެ. މި ޚިޔާލާތުގައި ބުނަނީ ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭނީ، ކަންކަމުގެ ބޮޑެތި ހަމަތަކަށް ބެލުމުގެ ބަދަލުގައި، އެކަންތައްތަކަށް އަސަރުކުރުވި ކުދި، ދޭސީ، އަދި ފުރިހަމަ ނުވާކަންކަމަށް ބަލައިގެންނެވެ. ކްރިޓިކަލް ތިއަރީގައި ބޮޑެތި ކަންކަމަށް އިސްކަންދޭއިރު، ޕޯސްޓް-ސްޓްރަކްޗަރަލިޒަމްގައި ބަލަނީ ކުދި ނުފޫޒުތަކަށެވެ. މި ޚިޔާލާތުގައި، މީހާގެ ފިކުރުން ބޭރުގައި ޙަޤީޤަތެއް ވާކަމަކަށް ޤަބޫލެއް ނުކުރެއެވެ. ކަންކަން ވަޒަންކުރާއިރު، މިސާލެއްގެ ގޮތުން ތަޢުލީމީ ސިޔާސަތުތަކަށް ވިސްނާއިރު، ސިޔާސަތުގެ ބަޔާނުގެ އިތުރަށް އެ ބަޔާން އުފެއްދި މާހައުލާއި އެކަމުގައި އުޅުނު މީހުންނާއި އެމީހުންގެ ޙާލަތު އެ ސިޔާސަތަށް އަސަރުކުރާނެ ކަމަށް ބަލައެވެ. ކްރިޓިކަލް ތިއަރީގައި ބާރުވެރި އެއްފަރާތެއް ވާކަމަށް ބަލާއިރު، ޕޯސްޓް-ސްޓްރަކްޗަރަލިޒަމްގައި ބާރުވެރި އެތައް ފަރާތެއް ވާކަމަށާއި މި ބާރުތައް އޮއިވަރެއްހެން އެކި މީހުންގެ މެދުގައި ދައުރުވާކަމަށް ބަލައެވެ. ކްރިޓިކަލް ތިއަރީ އާއި ޕޯސްޓް-ސްޓްރަކްޗަރަލިޒަމް އަކީ ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތައް ދިރާސާކުރާ އިރު ގެންގުޅެވިދާނެ ދެ ނަޒަރިއްޔާއެވެ. އެކި ޤައުމުތަކުގައި ތަޢުލީމީ ސިޔާސަތުތައް ވަޒަން ކުރަން މިހާރުވެސް ބޭނުން ކުރާ ނަޒަރިއްޔާތަކެއް މެއެވެ.

މި ނަޒަރިއްޔާތައް ބޭނުންކޮށްގެން 1900 އިން ފެށިގެން 1934 އަށް ހިނގާދިޔަ ތަޢުލީމީ ކަންތައްތައް ދިރާސާ ކުރާއިރު، އަޅުގަނޑުމެންނަށް ފާހަގަކުރެވޭނީ، ތަޢުލީމީ ކޮންމެ ކަމަކަށް ބައިނަލްއަޤްވާމީ ފެންވަރާއި ޤައުމީ ފެންވަރާއި ވަކި މީހުންގެ ފެންވަރުގައި ނުފޫޒުތަކެއް ނުވަތަ އަސަރުތަކެއް ކުރާކަމަށެވެ. އަދި ތަޢުލީމީ ކޮންމެ ސިޔާސަތެއްގައި އެ އެކުލަވާލުމަށް ނޫފުޒުތަކެއް ހުންނަ ފަދައިން، އޭގެ ޢިބާރާތްތަކުގައި އާއި އެ ސިޔާސަތުތައް ތަންފީޒުކުރުމުން އެދެވޭ އަދި ނޭދެވޭ ނަތީޖާތަކެއް ނުކުންނަ ކަމަށެވެ.

ސިޔާސަތުތައް އެކުލަވާލުމަށް ހުރި ނުފޫޒުތައް

ޞަލާޙުއްދީނު ދައުރުގައި ހިނގި އެންމެ މުހިއްމު ކަމަކީ އޭނާގެ ގޯތީގެ މަދްރަސާއެއް ޤާއިމްކޮށް ކިޔަވައިދެމުން ގެންދަނިކޮށް، އެ މަދަރުސާ ދައުލަތުން ހިންގާ ގޮތަށް ހަމަޖެހިގެން ދިއުމެވެ.

(1) އަމިއްލަ މީހެއްގެ މަދަރުސާއެއް ދައުލަތުން ހިންގާ ގޮތަށް ހަމަޖެއްސުން.

މި ހިނގާދިޔަ ކަން ދެ ބަޔަކަށް ބަހާލެވިދާނެއެވެ. އެންމެ ފުރަތަމަ މަދަރުސާއެއް ޞަލާޙުއްދީނު ޤާއިމްކުރެއްވުމެވެ. ދެން އެތަން ސަރުކާރުން ހިންގާގޮތަށް ހަމަޖެހިގެން ދިއުމެވެ. އެންމެ ފުރަތަމަ ކަންތަކުގެ މައްޗަށް ނަޒަރު ހިންގާލާއިރު ތިން ފެންވަރެއްގެ ނުފޫޒަށް މިކަން ކުރުމަށް ބާރުފޯރުވައެވެ. އެންމެ ފުރަތަމަ ފެންވަރަކީ ޒާތީ ނުފޫޒުތަކެވެ. ޞަލާޙުއްދީނަކީ، ކިޔަވައިދެއްވާ ހިތްޕުޅުވާ ބޭފުޅެއްކަމަށް ޚުދު އޭނާވެސް ބަޔާންކޮށްފައިވާ ކަން ކުރިން އިސްވެ ހިނގާއްޖެއެވެ. އޭނާ ދެތިން ތަނަކުން ކިޔަވާވިދާޅުވިއިރު، ކިޔަވައިދިނުމަކީ އޭނާގެ މައްޗަށް ދީނީ ވާޖިބެއްކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. މި ފަރުދީ ސަބަބުތަކުގެ އިތުރަށް، ޤައުމީ ފެންވަރަށް ނަޒަރު ހިންގާލާއިރު، ޢިލްމު އުނގެނިގެން ތިބި މީހުންގެ އެއް ސިފައަކީ ކިޔަވައިދިނުންކަން އޭނާއަށް ފާހަގަ ކުރެއްވޭނެއެވެ. އެދުވަސްވަރު ޞަލާޙުއްދީނު ހުންނެވީ ބަންޑާރަނާއިބުގެ މަޤާމެއްގައެވެ. މިފަދަ މަޤާމެއްގައި ހުންނަ ބޭފުޅަކު، އެނގިހުރެ މަދަރުސާއެއް ނުހިންގެވުމަކީ އެއްވެސް ގޮތަކަށް އެކަށީގެންވާ ކަމަކަށް ނުވާނެއެވެ. ރަދުންނާއި ޢާންމުން ޞަލާޙުއްދީނާ ދޭތެރޭ ދެކޭ ގޮތް، މިފަދަ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ މިންވަރުގެ މައްޗަށް ބަރޯސާ ވެގެން ވެއެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މިކަމަށް ބަލާއިރު، 1903 ގައި އަހަރެއް ވާންދެން، ޞަލާޙުއްދީނު ސްރީ ލަންކާގައި ހުންނެވި ދުވަސްވަރު ވަރަށް ބޮޑު ތަޖުރިބާތަކެއް ކުރެއްވިފައި ވާނެއެވެ. އެއީ ސްރީ ލަންކާގެ ތަޢުލީމީ ނިޒާމެވެ. މުސްލިމުން ޒާހިރާ ކޮލެޖް ޤާއިމްކުރީ 1892 ވަނަ އަހަރުއެވެ. އަދި ނަޞާރާ ދީން ފަތުރަން ހިންގާ މަދަރުސާތަކާއި ސިލޯނުގެ ސަރުކާރުން ހިންގާ ރޯޔަލް ކޮލެޖް 1836 ވަނަ އަހަރުން ފެށިގެން ހިނގަމުންދާކަން އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ. މިފަދަ ތަނެއް ރާއްޖޭގައި ޤާއިމްކުރުމުގެ މުހިއްމު ކަންވެސް އެނގިވަޑައިގަންނަވާނެ އެވެ.

އާދެ! ދެން މި ޤާއިމް ކުރެވުނު މަދަރުސާ، ސަރުކާރުން ހިންގާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހުރި ނުފޫޒުތަކަށް ބަލާލަމާތޯއެވެ؟ މި ނުފޫޒުތައް ވެސް، ފަރުދީ ފެންވަރުންނާއި ޤައުމީ ފެންވަރުންނާއި ބައިނަލްއަޤްވާމީފެންވަރުން ވިސްނިދާނެއެވެ. މިގޮތުން ބައިނަލްއަޤްވާމީ ނުފޫޒުތައް ޤައުމު ހިންގުމުގައި އިސްކޮށްއުޅުއްވި ބޭފުޅުންނަށް ކުރަމުންދާނޭ ކަން ޔަޤީންއެވެ. ރަންނަބަޑޭރިކިލެގެފާނަކީ ސްރީ ލަންކާއަށް ދޭތެރެދޭތެރެއިން ވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ކޮއްކޮ ހުންނެވީ ސަފީރުގެ ގޮތުގައި އެ ޤައުމުގައެވެ. އެހެންކަމުން، ބޭރު ޤައުމުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައި ނުވާ ރަދުންނަށް ވުރެ، މިބޭފުޅުންގެ ވިސްނުންފުޅު ފުޅާވާނޭ ކަމަށް ޔަޤީންކުރެވެއެވެ. ސްރީ ލަންކާގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ކިޔަވައިދިނުމަށް ދޭ ސަމާލުކަމާއި އެކަމުން ޤައުމު ބިނާކުރުމަށް ކުރާ ހެޔޮ އަސަރުތައް ވިސްނިވަޑައިގަންވާނޭ ކަން ޔަޤީނެވެ. ޤައުމީ ފެންވަރުގެ ނުފޫޒުތަކަށް ވިސްނާއިރު، ޞަލާޙުއްދީނު ގެކޮޅުގައި މާލޭގެ ބޮޑުންގެ ހުރިހާ ފިރިހެން ދަރިންނަށް ކިޔަވައިދޭން ފެށުމުން އެކަމުގެ ދުރު މުސްތަޤްބަލްގެ ސިޔާސީ އަސަރުތައް ރަދުންނަށާއި ބޮޑުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެންމެ ދަރިވަރުން ގިނަ ދުވަސްވަރު، 40 ކުދިން ކިޔަވަން އައި ކަމަށް ވެއެވެ. އާދެ! މިކަމުގެ މައިގަނޑު އަސަރަކަށް ވާނީ، ރަދުންނާއި ރަންނަބަޑޭރި ކިލެގެފާނާއި އެހެން އިސްބޭފުޅުންނަށް ވުރެ، ޞަލާޙުއްދީނަށް މީހުން ކުރާ ޤަދަރު މަތިވެ، ކުރިން ދެންނެވި ފަރާތްތަކާ ދޭތެރޭ ދެކޭގޮތް ނިކަމެތިވުމެވެ. އެހެންކަމުން، މިބޭފުޅުންގެ ޠަބީޢީ އިޖާބައަކަށް ވާނީ މަދަރުސާ ގެ ބައިވެރިއަކަށް ވުމެވެ. އެއީ، އެ މަދަރުސާ ހިންގަން ފަރުނީޗަރު ދީގެން ނުވަތަ އެހެންވެސް ގޮތްގޮތުން އެހީތެރިވެގެންނެވެ. މިއަށް ފަހު އެންމެ ބުއްދިވެރިގޮތަކަށްވާނީ އެންމެ ރަނގަޅަށް ހިނގާ މަދަރުސާ ސަރުކާރުން ހިންގާ ގޮތަށް ނެގުމެވެ. އެންމެ ރަނގަޅަށް ހިނގާ މަދަރުސާއޭ މިދެންނެވީ 1920 ވަނަ އަހަރު، އެހެން ތިން ތަނެއް ހުރިކަމަށް ބެލް (1940) ގައި ވިދާޅުވާތީއެވެ. އެއީ ކޮންތަންތަނެއްކަން އެނގޭކަށް ނެތެވެ. ނަމަވެސް، ބަންޑާރަނާއިބާއި ސަރުކާރާ އޮންނަ ގުޅުމުގެ ސަބަބުން، މަދަރުސާއެއް ސަރުކާރަށް ނަގާނަމަ، އެންމެ ރަނގަޅުވާނީ އެންމެ ރަނގަޅަށް ހިނގާ މަދަރުސާ ނެގުމެވެ. ފަރުދީ ފެންވަރުގެ އަސަރުތަކަށް ބަލާއިރު، ސަރުކާރުގެ އިސްވެރިންގެ ދަރިން ޞަލާޙުއްދީނު އަރިހަށް ކިޔަވަންދާކަން އެނގެއެވެ. އެހެންކަމުން، އެކުދިންގެ މުސްތަޤްބަލްއަށްޓަކައި، ސަރުކާރުގެ ވެރިންގެ މަޞްލަޙަތެއް ޞަލާޙުއްދީނު މަދަރުސާ ސަރުކާރުން ހިންގުމުގައި އޮންނާނެކަން ކަށަވަރެވެ.

2. ތަޢުލީމީ މަންހަޖު ފުޅާކުރުން.

މަދްރަސަތުއްސަނިއްޔާ (ސަނިއްޔާ) ގެ ނަމަށް މަދްރަސަތުއްޞަލާޙިއްޔާ (ޞަލާޙުއްދީނު ގޭގައި ހިނގަމުން އައި މަދަރުސާ) ބަދަލުކުރުމަށް ފަހު، ކިޔަވައިދޭ މާއްދާތައް އިތުރު ކުރެވުނެވެ. މިކަމަށް ހުރި ނުފޫޒުތައް ވެސް ތިން ފެންވަރެއްގައި ފާހަގަ ކުރެވޭނެއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި ނަމަ، މާލޭގައި އޭރު ކިޔަވައިގެން ތިއްބެވި މަދަރުސާގެ ކަންކަމާ ބެހިގެން އުޅުއްވި ބޭފުޅުން، އެ ބޭފުޅުންގެ ބޭރުގެ ތަޢުލީމުން ފާހަގަ ކުރެވުނު ރަނގަޅުކަމަށް ފެނުނު މާއްދާތައް މަންހަޖުގައި ހިމެނީއެވެ. އަދި ޤައުމީ ފެންވަރުގެ މަދަރުސާއެއްގައި، އެހެން ޤައުމުތަކުގެ މަދަރުސާތަކުގެ މަންހަޖާ އެއްގޮތްކަމެއް ހުންނަން ޖެހޭނެކަމަށް ވެސް އެ ބޭފުޅުންނަށް ޤަބޫލުކުރެއްވޭނެ އެވެ. ބޭރު މަދަރުސާތަކުން ކިޔަވައިފައި ތިބި މީހުން އެމީހުންގެ ކުދިންނަށް ޒާތީ ސަބަބުތަކަށްޓަކައި އެމީހުން ކިޔެވި މާއްދާތައް، ރާއްޖޭގެ ސްކޫލްގައި ހިމެނުމަށް ނުފޫޒުފޯރުވާނެއެވެ. މީގެ އިތުރަށް، ޞަލާޙުއްދީނު އަމިއްލަފުޅަށް، ގިނަ މާއްދާތަކެއް ނުކިޔަވާދެވޭނެއެވެ. އެކަން ކުރެވޭނީ އިތުރު މުދައްރިސުން ލިބުމުންނެވެ. މިފުރުޞަތު ތަނަވަސްވުމުން، އިތުރު މާއްދާތައް ހިމެނީއެވެ. އެހެންކަމުން ޝަފީޤު (1993) ގައި ބަޔާންކޮށްފައިވާ ގޮތަށް، މަދަރުސާ ސަރުކާރުން ހިންގަން ފެށިތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިން ކިޔަވަމުން ގެންދިޔަ މާއްދާތަކުގެ ތެރެއަށް ހިސާބާއި އުރުދޫއާއި އަޚްލާޤާއި ދިވެހިތާރީޚާއި އަދި ފަހުން އިނގިރޭސި ބަސް މަންހަޖުގައި ހިމެނީއެވެ.

3. އަލަށް ތަޢާރުފުކުރެވުނު ޤާނޫނު އަސާސީގައި ތަޢުލީމު ދިނުން ލާޒިމްކަމަށް ހިމެނުން.

ސިޔާސަތެއްގެ ގޮތުން ޞަލާޙުއްދީނު ދައުރުގައި އެކުލަވަލާލެވުނު އެންމެ މުހިއްމު ލިޔުމަކީ ޤާނޫނު އަސާސީއެވެ. މި ޤާނޫނުގައި ތަޢުލީމާ ގުޅޭ ފަސް ނުކުތާއެއް ވެއެވެ. ތިރީގައިވާ ނުކުތާތައް ނަކަލުކޮށްފައިވަނީ 22 ޑިސެމްބަރ 1932 ގައި ސަރުކާރުގެ ފަރާތުން ޝާއިޢުކުރި ޤާނޫނު އަސާސީގައިވާ ގޮތަށެވެ.
13 ވަނަ މާއްދާގައި ވަނީ ”ޤާނޫނު ގައި ކަޑައެޅި ބަޔާންވެގެން ވާގޮތްތަކާއި ޚިލާފުނުވަހައި ހިދަކު ފޮތް ގެނަވުމާއި ނޫސް ގެނަވުމާއި މިފަދަ ތަކެތި ލިއެ ޗާޕުކޮށް ފައުޅުކުޅައުމާއި މިކަންކަމަށް މިނިވަންކަން ލިބިގެން ވެއެވެ.“
14 ވަނަ މާއްދާގައި ވަނީ ”ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރްއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުޅައުމީ މި ޤާނޫނޫ އަސާސީން ލާޒިމްކުރާ ކަމެކެވެ.“
15 ވަނަ މާއްދާގައި ވަނީ ”ޤާނޫނަށާއި އަދަބުތަކަށް ޚިލާފު ނުވާ ގޮތުގެ މަތީން ކިޔެވުމާއި ކިޔަވައިދިނުމީ މިނިވަންކަން ލިބިގެންވާ ކަމެކެވެ.“
19 ވަނަ މާއްދާގައި ވަނީ ”ޙައްޖުވުމަށާއި ޢިލްމު އުގެނުމަށާއި ބޭސްފަރުވާ ކުޅައުމަށާއި ވިޔަފާރިކުޅައުމަށާއި މިކަންކަމަށް ރާއްޖެއިން ބޭރަށް ދިޔައުން މަނަޢަ ކުރެވޭނީ ހަމައެކަނި ސިޔާސީ ކުށްވެރީނާއި އަދި ފައިސާގެ ގޮތުން އެކަމަކަށް ކުޅަދާނަ ވެގެންނުވާ މީހުންކަން ދައުލަތަށް ބަޔާންވެ އެގޭ މީހުންނަށެވެ.“

ދެން ފާހަގަކޮށްލެވެނީ 90 ވަނަ މާއްދާއެވެ. އެ މާއްދާގައި ވަނީ ދައުލަތު ހިންގުމުގެ މަޙަކްމާ (ޑިޕާރޓްމަންޓް) ތަކެވެ. މިގޮތުން ފާހަގަކޮށްފައިވާ 12 މަޙަކްމާގެ ލިސްޓްގައި 7 ވަނައަށް ވަނީ ވަޒީރުލް މަޢާރިފުގެ މަޙަކްމާ އެވެ. މަޢާރިފު އަކީ ދެނެގަތުން ނުވަތަ ތަޢުލީމެވެ.

އާދެ! ވަރަށް ވެސް ފުރިހަމަ ތަޢުލީމާ ބެހޭ މާއްދާތައް ހިމެނޭ ޤާނޫނު އަސާސީއެކެވެ. މިފަދަ ޤާނޫނު އަސާސީއެއް އެކުލަވާލުމަށް މެދުވެރި ނުފޫޒުތަކަކީ އެ ޤާނޫނުތައް އެކުލަވާލެއްވުމުގައި އުޅުއްވި ބޭފުޅުންނަށް ކުރެވިފައިވާ ތަޖުރިބާތަކެވެ. އެހެނީ މިހާތަނަށް އައި އިރު ސްރީ ލަންކާގައި ޤާނޫނު އަސާސީއެއް ދެތިން ފަހަރު އެކުލަވާލެވިފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލުމުގެ ދުވަސްކޮޅެއްގެ ކުރިން، 1931 ވަނަ އަހަރު، ޑޮނޮމޯ ކޮންސްޓިޓިއުޝަންގެ ނަމުގައި މަޝްހޫރުވެފައިވާ ޤާނޫނު އަސާސީ ސްރީ ލަންކާގައި ހިންގަން ފަށާފައި ވެއެވެ. މިއީ، ކެނެޑާ، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާ ފަދަ ހުދު މީހުން އުޅޭ ޤައުމުތައް ފިޔަވައި، އުމުރުން 21 ވީ އެންމެންނަށް ވޯޓު ދިނުން ހުއްދަ ކުރި، އިނގިރޭސީންގެ އިސްތިޢުމާރު ކޮށްފައިވާ ޤައުމަކުން ހޯދި އެންމެ މިނިވަން ޤާނޫނު އަސާސީއެވެ. ދިވެހި ޤާނޫނު އަސާސީ އެކުލަވާލަން އުޅުނު ފަރާތްތަކަށް ޑޮނޮމޯ ޤާނޫނު އަސާސީ އެނގޭނެއެވެ. އަދި އެ ފަރާތްތަކުން އެހެން ޤާނޫނު އަސާސީތަކާއި ތަޢުލީމީ ޤާނޫނުތައް އެކުލަވާލާފައިވާނޭ ކަން ކަށަވަރެވެ. މިގޮތުން، ސްރީ ލަންކާގައި ހުންނެވި ދިވެހި ސަފީރު ފޮނުއްވި އިނގިރޭސިބަހުން ލިޔެފައިވާ ޤާނޫނުތަކެއް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވިކަމާއި ދިވެހި އާދަކާދަތައް ލިޔުމަށް ކޮމިޓީއެއް އެކުލަވާލި ކަމަށް ޤާނޫނު އަސާސީ އެކުލަވާލެއްވުމުގައި އުޅުއްވި މުޙައްމަދު އަމީން “ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ ޙަޔާތު” މިފޮތުގެ 9 ވަނަ ޞަފުޙާގައި ބަޔާންކޮށްފައި ވެއެވެ. ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގައި ޢަރަބި ތަޢުލީމު ލިބިވަޑައިގެންފައިވާ އަދި މިޞްރުން ކިޔަވާވިދާޅުވި ބޭފުޅުން ހިމެނިވަޑައިގަންނަވާތީ، މިޞްރުގެ ޤާނޫނު އަސާސީވެސް ކޮމިޓީއިން ދިރާސާ ކުރެއްވިކަމަށް ވެއެވެ. މިއާއެކު، އިނގިރޭސި ކޮންސަލްޓަންޓްއެއް ޤާނޫނު އަސާސީ އެކުލަވާލުމާ ބެހޭގޮތުން އިރުޝާދު ދިނުމަށް، 1931 ވަނަ އަހަރުގެ މާރޗްގައި މާލެއައެވެ. އެހެންކަމުން، ބޭރުގެ އަސަރުތަކުންނާއި ދިވެހި އާދަކާދައިގެ އަސަރުތަކުން، ފާސްވި ތަޢުލީމާ ބެހޭ މާއްދާތައް އެ އޮތްގޮތަށް އޮތުމަށް ނުފޫޒު ހިންގިކަންކަށަވަރެވެ. ޤާނޫނު އަސާސީ އެކުލަވާލުމުގައި އުޅުއްވި ބޭފުޅުންނަކީ، ދުނިޔޭގެ ތަޖުރިބާ މަދު، ޢުމުރުން ވަރަށް ހަނގު ބޭފުޅުންނެވެ. އެ ބޭފުޅުންގެ މިނިވަން ޚިޔާލުތަކުގައި، ކަންކަން އޮންނަންވީ އެންމެ ފުރިހަމަ ގޮތް ޤާނޫނު އަސާސީގައި ހިމެނުއްވީ ޢަމަލީ ގޮތުން އެކަންކަމަށް ފުންކޮށް ނުވިސްނަވައެވެ. އެހެންކަމުން، ކަންކަން ހިމަނާފައިވަނީ ”ދިވެހިރާއްޖެއަށް ލިބިފައިވާ ތަހުޒީބާއި ތަމައްދަން އާއި އެއްގޮތަކަށްވެސް ނޭޅޭފަދަ މަތިވެރި އުޞޫލެއްގެ މަތިން“ ކަމަށް މުޙައްމަދު އަމީން (1951، ޞ. 15) ބަޔާން ކުރެއެވެ.

މި ޤާނޫނުތަކުގެ މޮޅުކަން ފާހަގަ ކުރެވޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެއް އިނގިރޭސި ވިލާތުގައި އުފެއްދުމަށް ކަނޑައެޅީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލެވުނުތާ 12 އަހަރު ފަހުން 1944 ގައި ކަމެވެ. ތައުލީމާ ބެހޭ ވަޒީރެއް އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް ހަމަޖެހުނީ 1947 ވަނަ އަހަރުއެވެ. އެންމެންނަށް ތަޢުލީމު ދިނުން މަޖުބޫރުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ. އާދެ! ބައެއް ކަންތައްތަކުގައި ދިވެހިރާއްޖެވަނީ ވަރަށް ކުރީގައެވެ!

(4) އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުން.

ރާއްޖޭގެ އެދުރުގެތަކުގައި ފިރިހެން ކުދިންނަށާއި އަންހެން ކުދިންނަށް ފެށުނީއްސުރެ ވެސް ކިޔަވައިދެމުން ގެންދެއެވެ. ޖިންސް އާއި ބެހޭ އެއްވެސް ވާހަކައެއް ޤާނޫނު އަސާސީގެ ތަޢުލީމާ ބެހޭ އެއްވެސް މާއްދާއެއްގައި ހިމެނިފައެއް ނުވެއެވެ. މިކަން މިހެން މެދުވެރިވާން ދެ ކަމެއް ފާހަގަ ކުރެވެއެވެ. އެއްކަމަކީ، ޑްރާފްޓިންގ ކޮމިޓީއިން ދިރާސާކުރި އިނގިރޭސި ވިލާތުގެ ޤާނޫނުތަކުގައި މިފަދަ ތަފާތުކުރުމެއް ނުވުމެވެ. އެހެންކަމުން، މިކަމުގައި ބައިނަލްއަޤްވާމީ ނުފޫޒު ހިމެނެއެވެ. ދެވަނަ ނުފޫޒަކީ، މުޙައްމަދު އަމީނެވެ. މުޙައްމަދު އަމީނަކީ 6 އަހަރު ވަންދެން ސިލޯނުގެ ފިރިހެން ކުދިންގެ މަދަރުސާއަކަށް ވަޑައިގަތުމަށްފަހު، 3 އަހަރު ވަންދެން އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް އެކުއެކީގައި ކިޔަވައިދޭ ސެންޓް ޖޯންސް ކޮލެޖުގައި ކިޔަވައި ވިދާޅުވި ބޭފުޅެކެވެ. އެ ކޮލެޖަކީ މުޙައްމަދު އަމީން (2003) ގައި ބަޔާން ކުރާ ގޮތުން ސްރީ ލަންކާގައި އެންމެ ފުރަތަމަ ދެ ޖިންސަށް އެކުއެކީގައި ކިޔަވައިދިން ކޮލެޖެވެ. މި ކަމާ ބެހޭގޮތުން އަމީން ބަޔާންކުރައްވަނީ ”އެ ކޮލެޖްގައި ޖިންސުއްލަޠީފުންގެ ޠާލިބާއިންނާއި މިލިގެން އުޅެވުމުގެ ސަބަބުން، އަޅުގަނޑަށް، މިންނެތް ފައިދާ ޙާޞިލްވީ ކަން، އަޅުގަނޑު ޤަބޫލުކުރަނީ، ދަރަނިވެރި ހިތަކާއި އެކުގައެވެ“ (ޞ.99 ). މީގެ އިތުރަށް އޭނާ ވިދާޅުވެއެވެ. ”އަޅުގަނޑުގެ މިޒާޖުއަށް (ކިތަންމެ ކުޑަ ނަމަވެސް) އޮމާންކަމެއް އަންނާން ފެއްޓީ، ޖިންސުއްލަޠީފުންގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އިތުރު ޤަދަރެއް، އުފައްދައިދޭން ފެއްޓީ، ސެންޓް ޖޯންސް ކޮލެޖްކަން ކަށަވަރެވެ“ (ޞ.100). ޤާނޫނު އަސާސީ އެކުލަވާލުމުގެ އުޅުއްވި ބޭފުޅުންގެ ތެރޭގައި، ދެ ޖިންސަށް އެކުއެކީގައި ކިޔަވައިދިން މަދަރުސާއަކަށް ދަރިވަރުވި އެހެން ބޭފުޅަކު ނުވެއެވެ.

އާމިނަތު ފާއިޒާ (1997) ގައި ބަޔާން ކުރައްވާ ގޮތުގައި، އެހާރު ޤާއިމްކުރެވިފައިވާ މަދްރަސަތުއްސަނިއްޔާ ގައި އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުނީ މުޙައްމަދު އަމީންގެ ނުފޫޒުންނެވެ. ފާއިޒާއަކީ މުޙައްމަދު އަމީން އާ ވަރަށް ބޮޑު ”ގާތްކަމެއް“ އޮންނަ ބޭފުޅެއް ކަމުން، މިކަމާ ބެހޭ އޭނާގެ ލިޔުއްވުންތަކުގައި ތަޢައްޞުބެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަންހެންކުދިންނަށް ކިޔަވައިދިނުން ފެށުނު ކަމަށް ލަފާ ކުރެވެނީ 4 އޭޕްރިލް 1934 ވީ ބުދަ ދުވަހުއެވެ. މި ދުވަހު، މޮޓޮރުބޯޓު ގަޑުބަޑުގައި ސްރީ ލަންކާގައި ތިއްބެވި ބޭފުޅުން އެތަނުގެ ސަރުކާރަށް ސިޓީ ފޮނުއްވާތީ، ގަވަރުނަރު މާލެ ވަޑައިގަތެވެ. މުޙައްމަދު އަމީން (1951) ގައި ފާހަގަ ކުރައްވާގޮތުން އެދުވަހު ގަވަރނަރ މަދަރުސާއަށް ވަޑައިގެންނެވިއެވެ.

އެންމެ ފަހުން ވަޑައިގެންނެވީ މަދްރަސާ އަށެވެ. އެއިރު ޠާލިބުންނާއި ޠާލިބާއިން، އިންތިޡާރު ކޮށްކޮށް ތިބޫއެވެ. ޠާލިބާއިން ތިބީ، ދަމާފައިހުރި ފަރުދާއެއްގެ އަނެއް ފަރާތުގައެވެ. ވަޒީރުލް މަޢާރިފުގެ ގޮތުންނާއި ނާޡިރުގެ ޤާއިމްމަޤާމުގެ ގޮތުން، ގަވަރނަރަށް މަރްޙަބާ ދެންނެވުމުގެ އުހައުވެރިކަން ޙާޞިލްވީ އަޅުގަނޑަށެވެ. އަޅުގަނޑުގެ ވާހަކަ ދެއްކުމަށްފަހު، ކުދީންނަށްވަރަށް އެކަށީގެންވާ ނަސޭހަތްތަކެއް ގަވަރނަރ ދެއްވިއެވެ (ޞ. 139).

އިތުރު މަޢުލޫމާތު އެނގެނީ އާމިނަތު ފާއިޒާ (1997) އިންނެވެ. މަތީގައިވާ ލިޔުންކޮޅަށް ޙަވާލާ ދެއްވާ އެނާ 133 ވަނަ ޞަފުޙާގައި ވިދާޅުވެއެވެ.

ޠާލިބާނުން ކޮޅެއް ތިބިކަން އަޅުގަނޑުމެންނަށް އެނގިއްޖެ ދޮގެއްތޯއެވެ؟ އެ ޠާލިބާއިން ކޮޅަކީ ކޮބައިތޯއެވެ؟ ހަމަ ނުވަރޭ ފެނުންވެސް ނުކެނޑޭ {ވިހާތާ ނުވަ ދުވަސްނުވާ} ޠާލިބާއިން ކޮޅެކެވެ.

އަމީން ދީދީއަށް މަޢާރިފުގެ ވަޒީރުކަން ލިބިވަޑައިގަތްތާ މިވީ 3 މަހާ 12 ދުވަހެވެ. އެ މަނިކުފާނު އެ ގޮނޑިކޮޅުގައި އިށީދެ ވަޑައިގަތީއްސުރެ، ކެނޑިނުއެޅީ މަސައްކަތް ކުރެއްވީ ހުސްއެކަނި ފިރިހެން ކުދިންނަށް ތަޢުލީމު ދީގެން ފަރުނުޖެހޭނެ ކަމުގެ މައްޗަށެވެ. ޤާނޫނު އަސާސީގެ 14 ވަނަ މާއްދާ ދިވެހި ކޮންމެ ދަރިޔަކަށް އުނގަންނައިދިނުން ލާޒިމުކުރާ އިރު އަންހެނުން އިސްތިސްނާ ކުރެވޭނީ ކިހިނަކުންތޯއެވެ؟ ނަތީޖާއަކަށްވީ “ނުރޯދަރިއަކަށް ކިރެއް ނުލިބޭނެޔޭ” ބުނާހެން އެ މަނިކުފާނަށް އެ މަތިވެރި ފުރުޞަތު ލިބިވަޑައިގަތުމެވެ… މި ޠާލިބާނުންގެ ތެރޭގައި ފަސް އަހަރުގެ ކުދީންނާއި ހައަހަރުގެ ކުދީންނާއި ބޮޑެތި އަންހެނުން ހިމެނެއެވެ. މީހުންނާ އިނދެގެން އުޅޭ މީހުންވެސް ވެއެވެ. … އެވަރުންވެސް މަދްރަސާއަށް ވަނީ މުޅި ޖުމްލަ 25 ކުދީންނެވެ.

މަތީގައިވާ ބަޔާނުން އިޝާރާތް ކުރާ އެއްކަމަކީ، ގަވަރނަރ މާލެ އައުމާ ދިމާކޮށް މަދްރަސަތުއްސަނިއްޔާ އަށް އަންހެންކުދިން ވެއްދިކަމެވެ. ނަމަވެސް، މިކަން ޔަޤީން ކުރެވޭކަށްނެތެވެ. ކޮންމެއަކަސް، އަންހެންކުދިންނަށް ތަޢުލީމު ދިނުމަށް އެންމެ ބޮޑު ނުފޫޒަކީ މުޙައްމަދު އަމީންކަން ދޭހަވެއެވެ.

5. އެހެން ރަށްރަށަށް ތަޢުލީމު ފެތުރުން

ޤާނޫނު އަސާސީގައި އެންމެންނަށް ކިޔަވައިދިނުމަށް އޮތުމުން، އެހެން ރަށްރަށުގައި ވެސް ކިޔަވައިދިނުމަށް ލާޒިމްވެއެވެ. ލިޔުންތަކުން އެނގެނީ މިގޮތުން ސްކޫލް ފެންވަރުގެ ތަޢުލީމު އުނގަންނައިދޭން ފެށީ، ކުރިން ބަޔާން ކުރެވުނު ފަދައިން، ނައިފަރާއި ތިނަދޫގައި ކަމެވެ. އައްޑޫ އަކީ އާބާދީ ބޮޑު ތަނެއް ކަމުގައި ވިޔަސް، މިތަނުގެ ވާހަކަ ނަންގެންފައެއް ނެތެވެ. އެއީ އެތަނުގައި ކުރީންސުރެ ހިނގާ ”މަދަރުސާތައް“ ހުންނާތީ ކަމަށް ވެދާނެއެވެ. ރަށްރަށަށް މަދްރަސީ ތަޢުލީމު ފެތުރުމުގައި އެންމެ ބޮޑު ނުފޫޒަކީ ފާސްވި ޤާނޫނު އަސާސީ ކަމާ މެދު ޝައްކެތް ނެތެވެ. ތަޢުލީމު ފޯރުކޮށްދިނުމުގައި ރާއްޖެތެރެ ތަފާތު ނުކުރުމަކީ އެކި ފަރާތްތަކާ ދެމެދު ތަފާތު ނުކުރުމަށް (އިކްވިޓީ ހިފެހެއްޓުމަށް) ކުރެވޭނޭ މުހިއްމު ކަމެކެވެ.

ސިޔާސަތުތަކުގެ ލިޔުންތައް ތަޙުލީލުކުރުން

ޢިލްމީ ތަޙުޤީޤެއްގައި، ކޮންމެ ލިޔުމެއް ވެސް އޭގެ ލަފުޒުތަކާއި ޢިބާރާތްތަކަށް ބިނާކޮށް އެކި ބަހާތަކަށް ރޫޅާލައި އެކި ފަރާތްތަކުން އޭގެ މައްޗަށް ކޮށްފައިވާ ނުފޫޒާއި އެކި އެކި މީހުންނާ ކަންކަމާ ހުންނަ ގުޅުންތައް ދެނެގަނެވިދާނެއެވެ. މިގޮތަށް ލިޔުމެއް ތަޙުލީލުކުރުމަށް ކިޔަނީ ”ކްރިޓިކަލް ޑިސްކޯސް އެނެލީސިސް“ (تحليل الخطاب النقدي) އެވެ. އިޖްތިމާޢީ ކަންކަމަކީ ބަހުން ބައްޓަން ކުރެވޭ ކަންކަމެވެ. އަދި އިޖްތިމާޢީ ކަންކަމުން ބަސް ބައްޓަން ކުރެވެއެވެ. ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ މައިގަނޑު ލިޔުންތަކަށް ކުރިން ވަނީ ހަވަލާދެވިފައެވެ. އެއީ ރަދުންގެ އަމުރާއި ޤާނޫނު އަސާސީއެވެ. އަދި ޞަލާޙުއްދީނާއި އަޙްމަދު ޝަފީޤު ލިޔުއްވާފައިވާ ލިޔުއްވުމެވެ. މިސާލެއްގެ ގޮތުން ޤާނޫނު އަސާސީގައި، ތަޢުލީމު ގެ ވާހަކަ ނަންގެނެފައިވާ ޢަދަދުންނާއި، މަޙަކްމާތައް ކަނޑައެޅިއިރު، ތަޢުލީމީ މަޙަކްމާ ލިޔެފައިވަނީ ކިތައް ވަނައަށްތޯ ބަލައި ބައެއް މަޢުލޫމާތު ދެނެގަނެވިދާނެއެވެ. ނަމަވެސް، މިފަދަ އެނެލީސިސް އެއް މިފޮތުގައި ހިމަނައިފިނަމަ، ފޮތް މާދިގުވެދާނެތީ މި ހިސާބަށް އެ ބައިކުރުކުރީމެވެ.

ސިޔާސަތުތަކުގެ އަސަރުތަކާއި ނަތީޖާތައް

ދެން އަޅުގަނޑުމެން ބަލައިލާނީ ކުރިން ދެންނެވުނު ފަސް ސިޔާސަތުގެ އަސަރުތަކަށާއި ނަތީޖާތަކަށެވެ. މިގޮތުން، މައިގަނޑު ފަސް ނަތީޖާއެއް ފާހަގަކޮށްލާނަމެވެ. މިފަސް ކަންތައް ތިރީގައި އެވަނީއެވެ.
1. ދައުލަތުގެ ޒިންމާއަކަށް ތަޢުލީމު ދިނުންވުން.
2. ތަޢުލީމު ދިނުން ލާޒިމްވުން.
3. އެންމެންނަށް ހަމަހަމަކޮށް ތައުލީމު ފޯރުކޮށްދިނުން.
4. ސާފުތާހިރުކަމާއި ޞިއްޙަތު ރަނގަޅުވުމާއި ފަޤީރުކަން ކުޑަވުން.
5. ޤައުމާއި ޒާތީ ތަރައްޤީއަށް މަގުފަހިވުން.

އެންމެ ފުރަތަމަ އަސަރެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްލާނީ ޤާނޫނު އަސާސީގައި “ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރްއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުޅައުމީ މި ޤާނޫނޫ އަސާސީން ލާޒިމްކުރާ ކަމެކެވެ.” މިހެން އޮތުމުން، މިޤާނޫނު ތައް ހިންގުމުގެ ފަރާތަށް، އާދެ! ސަރުކާރަށް، ހުރިހާ އެންމެންނަށް ޤާނޫނުގައިވާ މިންވަރަށް ކިޔަވައިދިނުން މަޖުބޫރު ވެއްޖެކަމެވެ. މީގެ ކުރީގައި ވެސް، މި ފެންވަރަށް ނުރަސްމީ ގޮތެއްގައި ތަޢުލީމުދެވެއެވެ. ނަމަވެސް މިކަން ކުރަނީ ސަރުކާރުގެ ފަރާތަކުންނޫނެވެ. ސަރުކާރުގެ ފަރާތުން ހިންގާ ހުރީ މާލޭގެ ހަތަރު އަވަށުގައި ހަތަރު އެދުރުގެއެވެ. ނަމަވެސް، ޤާނޫނު އަސާސީގެ ސަބަބުން، މި މަސްއޫލިއްޔަތު ސަރުކާރުގެ ބޮލުގައި އެޅިއްޖެއެވެ. ސަރުކާރަށް މަޖުބޫރުވާނީ މިކަން ކުރެވޭނޭ ގޮތްތަކެއް ހަމަޖެއްސުމެވެ.

ޤާނޫނު އަސާސީ ހިންގުމުގެ ކުރިން، މީސްމީހުން ކުދިންނަށް ކިޔަވައިދެނީ ކޮންމެހެން ސަރުކާރުން އަންގައިގެންނެއް ނޫނެވެ. އެކަން ކުރަނީ، ބެލެނިވެރިންގެ ނަޒަރުގައި، ދީނީ އަދި ދުނިޔަވީ ފަރުޟަކަށް ވާތީއެވެ. ނަމަވެސް، މިފަދަ ލިއުމެއްގެ ސަބަބުން، ތަޢުލީމަށް ދެވޭ އިސްކަން ބޮޑުވާނެކަން ކަށަވަރެވެ. މައިންބަފައިން ދަރިންގެ ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވާނެކަން ޔަޤީންއެވެ. ޚާއްޞަކޮށް މިފަދަ ޤާނޫނަކީ ކޮބައިކަން އެނގޭ ބަޔަކަށެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކުގެ ސަބަބުން، ތިންވަނައަށް ނުކުތް ނަތީޖާއަކީ، މީހުންގެ ތެރޭގައި ހަމަހަމަކޮށް ތަޢުލީމު ދޭންޖެހޭނެކަން ޤަބޫލުކުރެވުމެވެ. އާދެ! ޚާއްޞަކޮށް އަންހެން ކުދިންނަށް، ފިރިހެން ކުދިންނާ ތަފާތު ނުކޮށް ތަޢުލީމު ދޭން ޖެހުމެވެ. މިއީ ކަންތައްތައް ވަމުން ދިޔަ ގޮތާ އަޅާ ބަލާއިރު، އިންޤިލާބީ ބަދަލެކެވެ. ނަމަވެސް މިކަން އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުވަނީ ޤާނޫނު އަސާސީގައި މިކަން ބަޔާންކުރިތާ 90 ވަރަކަށް އަހަރު ފަހުންނެވެ.

ސަރުކާރުން ތަޢުލީމު ދޭން ފެށުމާ ގުޅިގެން ސާފުތާހިރު ކަމާއި ޞިއްޙަތަށް ވަރަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. މިއީ ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާއެއް ގޮތުންނެވެ. ތެދެކެވެ. 1934 ވަނަ އަހަރު އައިއިރު، ސަރުކާރުގެ މަދަރުސާއިން ކިޔަވާ ދަރިވަރުންގެ ޢަދަދު، ރާއްޖޭގެ އާބާދީ އާ އަޅާ ބަލާއިރު ވަރަށް ކުޑަވާނެއެވެ. 8 ޖޫން 1933 ގައި އަންހެން ފިރިހެން އެއްކޮށްލައިގެން ތިބީ 129 ކުދިންކަން ބަޔާން ވެ ހިނގައްޖެއެވެ. ނަމަވެސް މި މަދަރުސާއަށް ކިޔަވަން އައި ފަރާތްތަކަށް މި އަސަރުތައް ކުރާނެއެވެ. އަދި މިދަރިވަރުންގެ ފަޤީރުކަން ކުޑަވާނެއެވެ. އެއީ ފައިސާ ލިބޭނޭ ގޮތްތައް (މައުލޫދު ކިޔުން، ޞަލަޥާތް ފާޠިޙާ ކިޔުން، އެހެންމީހުންނަށް ކިޔަވައިދިނުން) ފަދަ ކަންކަމުންނާއި ވަޒީފާތައް (މުދިންކަން ނުވަތަ ސަރުކާރުގެ އެހެން ވަޒީފާތައް) ލިބުމުންނެވެ.

ސަރުކާރުން 1934 ވަނަ އަހަރު ހިންގި ތަޢުލީމީ ސިޔާސަތުތަކުގެ ސަބަބުން،ދެން ނުކުތް ނަތީޖާއަކީ ޤައުމުގެ ތަރައްޤީއަށް އަދި އަމިއްލަ ތަރައްޤީއަށް ހެޔޮ ތަހުޒީބީ އަސަރުތަކެއް ކުރުމެވެ. މަދަރުސާ ނިންމި ދަރިވަރުންވީ، އެހެން މަދަރުސާތަކުގެ މުދައްރިސުންނަށް ނުވަތަ ސަރުކާރުގެ މުހިއްމު ވަޒީފާތައް އަދާކުރާ ފަރާތްތަކަށެވެ. ބައެއް މީހުން، ޢިލްމުވެރިންނާއި އަދީބުންނާއި މުއައްޚިރުންނަށް ވިއެވެ. އަދި މި ތަޢުލީމުގެ ސަބަބުން، އެމީހުންގެ ޒާތީ ދިރިއުޅުމަށް ތަހުޒީބީ އަސަރުތަކެއް ކުރިއެވެ. އެއީ ކަންކަން ކުރުމަށް މަގު ހޯދާނޭ ގޮތް ދަސްވުމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު މަތިވުމާއި ދިރިއުޅުން ހަރުދަނާ ވުމުންނާއި ބޭރަށް ކިޔަވަން ދާނޭ ފުރުޞަތު މަތިވުމުންނެވެ.

ޞަލާޙުއްދީނު ދައުރަކީ ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމު ދިނުން (މިހާތަނަށް މެދުކެނޑުމެއްނެތި) ފެށުނު ދައުރެވެ. މި ދައުރުގެ އެންމެ މުހިއްމު ރޯލެއް ކުޅުނު ފަރާތަކީ ޞަލާޙުއްދީނެވެ. އެއީ އޭނާ ގޭގައި ހިންގަވަމުން ދިޔަ މަދަރުސާއެއް ސަރުކާރުން ހިންގާ ގޮތަށް ހަމަޖެއްސުމާ ގުޅިގެންނެވެ. ދެން މި މަދަރުސާގެ ދައުރު ފުޅާވެ، ފުރަތަމަ ޤާނޫނު އަސާސީގައި ތަޢުލީމާ ބެހޭ ފަސް ނުކުތާއެއް ހިމެނިއްޖެއެވެ. މިކަންކަމުން، ތަޢުލީމުގެ ރޯލު، ސަރުކާރާއި ރައްޔިތުންގެ ކުރިމަތީގައި މަތިވެގެން ދިޔައެވެ.

ދެން އަޅުގަނޑުމެން ބަލާލާނީ އަމީންގެ ދައުރަށެވެ. މުޙައްމަދު އަމީންގެ ދައުރަށެވެ. ޞަލާޙުއްދީނު ދައުރު ނިމުނު އިރު، މުޙައްމަދު އަމީން ހުންނެނީ ތަޢުލީމާ ބެހޭ ވަޒީރަކަށެވެ. އޭނާއަކީ މަދަރުސާގެ ނާޒިރުގެ ނާއިބު މެއެވެ. މުޙައްމަދު އަމީންގެ ދައުރަކީ ޞަލާޙުއްދީނު އިންދެވި ތަޢުލީމުގެ އޮށް، ފަޅައި، މައުއަޅާ އޭގެ އަސަރުތަކުން ރާއްޖޭގެ ތަޢުލީމީ ޖައްވުގައި ހުވަދު ލެއްވި ދައުރެވެ. އަދި، ލިބެން ހުރި ވަސީލަތްތަކާ އަޅާ ބަލާއިރު، މިހާތަނަށް އަދި ރާއްޖެ ދެކެފައި ނުވާފަދަ ރޯޝަންކަމެއް ތަޢުލީމަށް ގެނެސްދިން ދައުރެކެވެ.

ޙަވާލާދެވޭ ލިއުންތައް

ބެލް.އެޗް.ސީ.ޕީ. (1940). ދަ މޯލްޑިވް އައިލެންޑްސް. ކޮލޮމްބޯ: ސިލޯން ގަވަރންމަންޓް ޕްރިންޓަރޒް.

މުޙައްމަދު އަމީން. (1951). ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް (ދެވަނަ ޗާޕު). ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް.

މުޙައްމަދު އަމީން. (2003). އަޅުގަނޑުގެ ހަނދާންތައް (ފުރަތަމަ ޗާޕު، 1952 ސިތާރާ ހިންދު ޕްރެސް) ދެވަނަ ޗާޕު. މާލެ: ނޮވެލޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް

މުޙައްމަދު އިސްމާޢީލް ދީދީ. (1966) މޮޓަރުބޯޓުގެ ގަޑުބަޑު. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރސް.

މުޙައްމަދު ލަޠީފު. (1991). ޕްލޭނިންގ އެޑިޔުކޭޝަން އިން ސްމޯލް ޑިސްޕާރސްޑް އައިލަންޑް ސްޓޭޓްސް ވިތު ޕަރޓިކިޔުލަރ ރެފަރެންސް ޓު ދަ މޯލްޑިވްސް. ޕީ.އެޗް.ޑީ އަށް ހުށަހެޅި ޝާއިޢު ނުކުރާ ތީސިސް. ވޭލްސް: ޔުނިވަރސިޓީ އޮފް ވޭލްސް.
ޙުސައިން ޞަލާޙުއްދީނު. (2003). ދިވެހީންގެ ވާހަކަ. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.

ޙުސައިން ޞަލާޙުއްދީނު. (2008). ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް. މާލެ. ނޮވެލްޓީ ޕްރިންޓަރޒް އެންޑް ޕަބްލިޝާރޒް

ޙުސައިން ޞަލާޙުއްދީނު. (2013). ހާޖީ ޢިމާދުއްދީނުގެ ސުވޭހު ކައިވެނިފުޅު. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް


Moore, R. (2007). Going critical: The problem of problematizing knowledge in education studies. Critical Studies in Education, 48(1), 25–41.

Vidovich, L. (2013). Policy research in higher education: Theories and methods for globalizing times. In J. Huisman & M. Tight (Eds.), Theory and method in higher education research (pp. 21–39). Bingley: Emerald Group Publishing Limited.