gazinside

ކުށުން ރައްކާތެރިވުން (މަގުފުރެދުމުން، އޮޅުމުން ރައްކާތެރިކަމަށް އައުން)
އަދި ބާރާއި މަތިވެރިކަމުގެ ކަލާންގެއާ ކުއްތައްވުން

ފެށުން
بسم الله الرحمن الرحيم

ކޮންމެ މެސެޖެއް އަދި ކޮންމެ ވާހަކައެއް ފެށޭ އިރު، ޙަމްދު ކުރެވޭ الله ގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ. އަދި މަގުފުރެދުމުން ތެދުމަގު ދައްކައިދެއްވާ، އޮޅުމުންނާއި ކުށުން މީސްތަކުން ރައްކާތެރިކުރެއްވި ނަބިއްޔާ، އަދި މާތް الله ކަނޑައެޅުއްވި ރަސޫލާ، މުޙައްމަދުގެ ފާނަށާއި އެކަލާގެފާނުންގެ އާލުންނާއި އަޞްޙާބުންނަށް ރަޙްމަތް ލައްވާށިއެވެ.

މިއަށްފަހު ދަންނައެވެ.

ދީނުގައި، އަހަރެންގެ އަޚާއެވެ. ޢިލްމުގެ ސިއްރުތަކާއި ބޭނުމާއި ދީނީ ނިޒާމުތަކުގެ އާސޯޚުކުރުވަނިވި ފުންކަން ހާމަކޮށްދިނުމަށް، ތިބާ އަހުރެންގެ ކައިރީގައި އެދެފިއެވެ.. އަދި މަޒުހަބުތަކުގެ އަރާރުުމުގެ އޮޅުންބޮޅުމުން، ޙައްޤާއި ތެދު ވަކިކޮށް ދެނެގަތުމަށް އަހުރެން ކުރި މަސައްކަތުގައި ދިމާވި ދަތިތައް ބަޔާންކޮށްދިނުމަށް، ތިބާ އަހުރެންގެ ކައިރީގައި އާދޭސްކޮށްފިއެވެ. ތަޤްލީދު ނުވަތަ މީހަކު ބުނާތީ އެއްޗެއް ޤަބޫލުކުރުމުގެ ހާމަ މައިދާނުން، ޙައްޤު ތެދު، ސީދާކޮށް ފެންނަ ކުންނަށް އެރުމަށް އަހުރެން ކުރި މަސައްކަތް ކިޔައިދިނުމަށް ތިބާ އަހުރެންގެ ކައިރީގައި ބުނެފިއެވެ. ތިބާ އެދެނީ އަހުރެންގެ ކައިިރިން ހަތަރު ކަމަކަށެވެ. ފުރަތަމަ، ދީނީ ޢިލްމު ނުވަތަ ކަލާމުން އަހުރެންނަށް ކުރި މަންފާ ކިޔާދިނުމަށެވެ. ތަޢުލީމު ނުވަތަ ”ދަންނަ މީހާ ދޭ އިރުޝާދު“ އެއީ ޙައްޤު ތެދުކަމަަށް ޤަބޫލުކުރާ މީހުންގެ ގޮތްތަކުން އަހުރެން އިންކާރުުކުރާ ކަންތައްތައް ބުނެދިނުމަށެވެ. ފަހެ، އެމީހުން ވިސްނާ ގޮތުން، އިމާމެއް ނުވަތަ ދީނީ ޢިލްމުވެރިއެއް ބުނާ ވާހަކަތައް، ވިސްނުމެއް ނެތި ޤަބޫލުކުރުމުން (ތަޤްލީދުއިން)، ޙައްޤު ތެދު ދެނެގަތުުމަށް ހުރަހަކަށް ވެއެވެ. ތިންވަނައަށް ތިބާ އެދެނީ، ފިލޯސަފީ ނުވަތަ ފަލްސަފާގެ ގޮތްތަކުން އަހުރެން ޤަބޫލުނުކުރާ ކަންތައްތައް ބަޔާންކޮށްދިނުމަށެވެ. އެންމެފަހު، ހަތަރު ވަނަކަމަކަށް ތިބާ އެދެނީ، ސޫފީ ދިރިއުޅުމުން އަހުރެން ތާއީދުކުރާ ކަންތައްތައް ކިޔާދިނުމަށެވެ. އިންސާނުން ޤަބޫލުކުރާ ކަންތައްތައް ދެނެގަތުމަށް ކުރި ގިނަ ތަހުލީލުތަކުން އަހުރެންނަށް ސާފުކޮށް ހާމަވި ބޭނުންތެރި ތެދު، ތިބާއަށް މިފޮތުން އެނގޭނެއެވެ. އަދި ބަޣްދާދުގައި އެތައް ދަރިވަރުންތަކެއް ލިިބިފައިވަނިކޮށް، ކިޔަވައިދިނުން ދޫކުރި ސަބަބާއި، ދިގު ޒަމާނަކަށް ފަހު، ނިޝާޕޫރަށް އަހުރެން އެނބުރިއައި ސަބަބު ތިބާއަށް އެނގޭނެއެވެ. އަހުރެން ތިބާއަށް ޖަވާބުދިނުމާއިގެންކުރިއަށް މިދާ ސަބަބަކީ، ތިބާ އަހުރެންގެ ކައިރިން ތިޔަ އެދޭ އެދުމަކީ އިޚްލާޞްތެރި އެދުމަކަށް ވާތީއެވެ. މިކަމުގައި އަހުރެން މާތް ﷲ ގެ ވާތްގަށް އެދެމެވެ. އަދި އަހުރެން އެކަލާންގެއަށް އިތުބާރު ކުރަމެވެ. އެކަލާނގެ އޯގާތެރިކަމަށް އެދެމެވެ. އަދި ނުރައްކާތަކުން ދިފާޢުކޮށްދިނުމަށް އަހުރެން އެކަލާންގެ ކިބައިން އެދެމެވެ.

ދަންނާށެވެ. ފަހެ އެންމެ މަތިވެރި މާތް ﷲ، ތިބާ ރަނގަޅު ގޮތުގައި ފުރިހަމަ ކުރައްވައި ޙައްޤު ލިބިގަތުމަށް ތިބާ ގެ ހިތް މަޑުކުރައްވާށިއެވެ! {“ޙައްޤު” ބައެއް ފަހަރު ބޭނުންކުރަނީ ސީދާ، އޮޅުމެއް ނުވާ ތެދު ނުވަތަ ޙަޤީޤަތަށް އިޝާރާތް ކުރުމަށެވެ. މިއީ ދިވެހިން ޢާއްމުކޮށް “ޙައްޤު” ބޭނުންކުރާ މާނައެއް ނޫނެވެ.} އިންސާނުން ތަފާތު ދީންތަކަށާއި ޢަޤީދާތަކަށް އުޅޭކަން ތިބާއަށް އެނގޭނެއެވެ. އަދި ތަފާތު ދީންތަކުގައި ދީނީ ލީޑަރުން ވެސް ވާ ކަމާއި، އިސްލާމުންގެ މުޖުތަމަޢު ވެސް އެކި މަޒުހަބުތަކަށް ބެހިގެންވާކަން ތިބާއަށް އެނގޭނެއެވެ. މިހުރިހާ ކަންތައްތަކެއް ފުން ކަނޑެއް ފަދައެވެ. މި ކަނޑުގައި ގިނަމީހުންް ވަނީ ޣަރަޤެވެ. ސަލާމަތުގެ އައްސޭރިއަށް ފޯރަނީ މަދުބައެކެވެ. ”ކޮންމެ ގިންތިއެއްގެ މީހުންނަށް ވެސް ހީކުރެވެނީ ދިންނަވަނީ ހަމައެކަނި އެ ގިންތިއެއްގެ މީހުން ކަމަށެވެ. އަދި އެ ގިންތިއެއްގެ މީހުން އެމީހުންނަށް ލިބިފައިވާ ގޮތަކާ މެދު އުފައުކޮށް އުޅެތެވެ“ (ޤުރްއާން 23:53؛ 30:32). މިއީ ތެދު އަދި އިތުބާރުކުރެވޭ ރަސޫލުންގެ އަމީރު، މުޙައްމަދު (ޞ.ޢ.ޥ) މިފަދައިން ކުރިން ހަދީސް ކުރެއްވި ފަދައިންނެވެ. ”އަހުރެންގެ އުއްމަތް 73 ބަޔަށް ބެހިގެން ދާނެއެވެ. ދިންނަވާނީ އެ ބައިތަކުގެ ތެރެއިން އެއް ބަޔެވެ.“ ފަހެ، އެކަލޭގެފާނު އެންގެވިފަދައިން ކަންތައްތައްވެ ހިނގައްޖެއެވެ.

އަހުރެން ފުރާވަރަށް އެރުމުން – މިބުނީ ޢުމުރުން ވިހި އަހަރުވުމުގެ ކުރީންސުރެ މިއަދާ ހަމައަށް (މިހާރު އަހުރެންނަށް 50 އަހަރަށް ވުރެ މަތި ވެއްޖެއެވެ) – އަހުރެން މި ފުން ކަނޑުގެ (އިންސާނުން އުޅޭ ދީންތަކާއި އެބައިމީހުންގެ ޤަބޫލުކުރުންތަކުގެ) އެންމެ އަޑި ހޯދާ ބެލުމަށް ފީނާ ފީނުން ހުއްޓައެއް ނުލަމެވެ. އަދި ޖެހިލުންވާ ފިޑިއަކާ ޚިލާފަށް، ކެރުމާއި އެކީ ސާފުނުވާ ސުވާލުތަކުގެ ތެރެއަށް ވަންނަމެވެ. އަދި ޝައުޤާއެކީ ދަތިތަކާ ކުރިމަތިލައި، އުދަނގޫ، ނުސާފު މައްސަލަތަކުގެ ތެރެއަށް ކެރުމާ އެކީ ފުންމައިގަންނަމެވެ. އަދި ކޮންމެ ބައެއްގެ ކޮންމެ މަޒުހަބެއްގެ ޤަބޫލުކުރުންތަކާމެދު ފިކުރު ހިންގަމެވެ. އަދި ކޮންމެ ދީނެއްގެ ފޮރުވިފައިވާ ކަންތައްތައް، އެ ދީނެއްގެ މީހުން އަޅުކަން ކުރާ އުޞޫލުތަކާއި ގޮތްތަކުންނާއި އީމާންވާ ކަންތައްތަކުން ދެނެގަތުމަށް މަސައްކަތް ކުރަމެވެ.

އަހުރެން މިގޮތަށް ކަން ކުރަނީ، ޙައްޤު ކުރިއަރުވާ ފަރާތްތަކާއި ދޮގު ކުރިއަރުވާފަރާތްތައް ވަކިކޮށް ދެނެގަތުމަށެވެ. އަދި، އިޙްލާޞްރިކަމާއެކު ސުންނަތަށް ތަބަޢަވާ ފަރާތްތައް، ބިދުޢާ ފަތުރާ ފަރާތްތަކާ (މުބްތަދީންނާ) ވަކިކުރުމަށެވެ. އަހުރެން ބާޠިނީއަކާ ބައްދަލުވެއްޖެނަމަ އޭނާ ޤަބޫލުކޮށް އީމާންވާ ކަންތައްތައް ދެނެނުގަނެ ދުލެއް ނުކުރަމެވެ. [ބާތިނީންނަކީ ޤުރްއާންް އާއީ ދީނީ އެހެން ލިޔުންތަކާއި ގޮތްތަކުގައި، ފޮރުވިފައިވާ އެހެން މާނައެއްވާކަމަށް ޤަބޫލުކުރާ މީހުންނެވެ. އެމީހުން ދެކޭ ގޮތުގައި ޙައްޤު ދެނެގަނެވޭނީ އަމިއްލައަށް ފިކުރުކޮށްގެން ފުންކޮށް ވިސްނައިގެންނެވެ.] އަދި ޒާހިރީއަކާ ބައްދަލުވެއްޖަނަމަ، އޭނާ އީމާންވާ ކަންތައްތަކުގެ ރުކުންތައް ނުވަތަ މުހިންމު ބައިތައް ދެނެގަންނަމެވެ. [ޒާހިރީންނަކީ ޤުރްއާންގެ މާނައަކީ އޭގައިވާ ލަފުޒީ ބޭރުފުށުގެ މާނަ ކަމަށް ޤަބޫލުކުރާމީހުންނެވެ. މިބައިމީހުންނަކީ ޤުރްއާން އަށާއި ސުންނަތަށް ތަބަޢަވާ މީހުންނެވެ. ނަމަވެސް، އެމީހުން، ޤިޔާސް ނުވަތަ ދީނުގައި ކަމަކަށްވާ ޙުކުމެއް، އެފަދަ އެހެން ކަމަކަށް ނަޤުލު ކުރެވޭނެކަމަށް ޤަބޫލެއް ނުކުރާނެއެވެ.] އަދި އަހުރެން ފިލޯސަފަރުންގެ ޙަޤީޤީ ފިކުރު ދެނެގަންނަން ބޭނުން ވެއެވެ. [ފިލޯސަފަރުން ނުވަތަ ފަލްސަފާ ވެރިންނަކީ، ކަންކަމާމެދު ފުންކޮށް ވިސްނާ، އެކަންކަމާ ބެހޭ ތިއަރީތައް ނުވަތަ ނަޒަރިއްޔާތައް ނެރޭ މީހުންނެވެ]. އަދި އަހުރެން މުތަކައްލިމުންގެ [ދީނުގެ ހަމަތަކުގެ ޢިލްމުވެރިންގެ (ތިރި ބައްލަވާ¹)] ބަހުސްތަކާއި މުނާޒަރާތަކުގެ ބޭނުން ދެނެގަންނަން ބޭނުން ވެއެވެ. އަދި ސޫފީންގެ ސިއްރުތައް އޮޅުންފިލުވަން ބޭނުންވެއެވެ. [ސޫފީންނަކީ މާތްކަލާނގެ ދެނެގަތުމާއި އެ ކަލާނގެއާ ކުއްތައްވެގަތުމަކީ މަޤްޞަދުކަމަށް ބަލައި، ހިތަށް ފަރުވާދީ އުޅޭ ބައެކެވެ. . ޞަލަފީންނަކީ ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު އައި ދެތިން ޤަރުނުގައި އުޅުނު މުސްލިމުންގެ ގޮތްތަކަކީ ރަނގަޅުގޮތްތައްކަމަށް ޤަބޫލުކުރާ މުސްލިމުންނެވެ.] އަހުރެން އެ މީހުންގެ އުޅުންތައް ބަލައި އެދަތި އުޅުމުން ލިބިގަންނަ މަންފާ އަށް ބަލަމެވެ. ހަމަ މިގޮތަށް، ސަގާފީގޮތްތައް ޤަބޫލުނުކުރާ، ދުނިޔެ އުޅުމަކީ މާނައެއް، ބޭނުމެއް ނެތް ކަމެއްކަމަށް ޤަބޫލުކޮށް، ދުނިޔެއާއިގެން އުޅޭ، ކަލަކުވޮޑިގެންވާ ކަމަށް ގަބޫލުނުކުރާ ޒިންދީގުން ގެންގުޅޭ ފޮނި ޚިޔާލާތުގެ ސަބަބުތައް އަހުރެން ހޯދާ ބަލަމެވެ.

އެންމެ ޒުވާން ދުވަސްވަރުން ފެށިގެން، ކަންކަމުގެ މަތިވެރި ޙަޤީޤަތް ދެނެގަތުމަށް ފެންބޮަވައިގެންފައި ވުމަކީ، އަހުރެން އަމިއްލައަށް ނުވަތަ ޤަޞްދުގައި ކުރިކަމެއް ނޫނެވެ. އެއީ ޤުދްރަތީގޮތުން މާތްކަލާނގެ އަހުރެންގެ ކިބައިގައި ލައްވާފައިވާ ކަމެކެވެ. އަހުރެން ފުރާވަރާ ގާތްވުމުން ސަގާފީގޮތުން ޅައިރު، އަހުރެން ބަދެފައިވާ ބަދެވުންތައް ދޫވާންފަށައިފިއެވެ. އަދި އާދަކާދަތަކުން އަހުރެންގެ ކިބައިގައި ހަރުލި އާދަތައް ވަކިވާން ފަށައިފިއެވެ. އަހުރެންނަށް ފާހަގަކުރެވުނީ ނަޞާރާ ކުޑަކުދިން ނަޞާރާއިންގެ ގޮތުގައި ބޮޑުވާކަމެވެ. އަދި ޒުވާން ޔަހޫދިން ޔަހޫދިއްޔަތުގައި ބޮޑުވާކަމެވެ. އަދި ޒުވާން މުސްލިމުން، އިސްލާމްދީނަށް ތަބަޢަވެގެން ބޮޑުވާކަމެވެ. އަހުރެންނަށް މުޙައްމަދުގެފާނު (މާތް ﷲ އެކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ) ގެ މި ޙަދީޘް އަޑުއިވިފައި ވެއެވެ. ”ކޮންމެ އިންސާނަކުވެސް އުފަންވަނީ ފިޠުރަތުގެ ގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަަދަނީ އޭނާގެ މައިންބަފައިންނެވެ.“

އަހުރެންގެ ހަށިގަނޑުގައިވާ ބާރެއް އިންސާނާގެ ތަބީޢަތުގެ އަޞްލުދެނެގަތުމަށްޓަކައި ތަޙްޤީޤުކުރުމަށް ގަދައެޅިއެވެ. އަދި އެހެންމީހުން ބުނީމާ ކަންކުރާގޮތާއި މައިންބަފައިންނާ މުދައްރިސުން ބުނީމާ ކަންކުރުމުގައި ގެންގުޅޭ ޤަބޫލުކުރުންތަކާ މެދު ސުވާލު އުފެއްދުމަށް، އެ ބާރު އަހުރެންނަށް ނުފޫޒު ފޯރުވަމުންދިޔައެވެ. އެދުުރުން ހިތުން ކިޔައިދޭ، އެއްވެސް ސުވާލުކުރުމެއް ނެތި، މީހުން ޤަބޫލުކުރާތަކެތީގެ ތަފާތުތައް ދެނެގަންނަން އަހުރެން މަސައްކަތް ކުރީމެވެ. މިފަދަ ތަކެއްޗާ މެދު ފުންކޮށް ވިސްނުމުން އެތަކެތީގެ ތެދާއި ދޮގާމެދު މައްސަލަ އުފެދެއެވެ.

އަހުރެންގެ ނަފްސާ ސުވާލުކުރީމެވެ. އަހުރެންގެ މަޤްޞަދަކީ ކަންކަމުގެ އެންމެ ފުން ޙަޤީޤަތްތައް ދެނެގަތުމެވެ. އަހުރެންބޭނުންވަނީ ޢިލްމުގެ އަރަގު ދަމައިގަތުމަށެވެ. ޔަޤީންވާ ޢިލްމަކީ، އޭގެ ތެދުކަން އެއިން ހާމަވާ، ޝައްކުރުމަށް ޖާގަނުދޭ، އަދި ކުށެއްގެ ނުވަތަ އޮޅުވާލުމެއްގެ ފުރުޞަތެއްނެތް، ނުވަތަ އެފަދަ ވަސްވާހަކަށް ތަންނުދޭ ޢިލްމެވެ. މިއީ ޢިލްމުލްޔަޤީން އެވެ. ތެދުކަން ކަށަވަރުވާ ޢިލްމެވެ. އިންސާނާ ވާންވާނީ ކުށްހީތަކުން ރައްކާތެރިވެގެންނެވެ. ޔަޤީންއާ ބަދެވިގެންނެވެ. މިސާލެއްގެ ގޮތުން ހިލަގަނޑެއް ރަންގަނޑަކަށް ބަދަލުކޮށްލުުން ނުވަތަ ދަނޑިބުރިއެއް ހަރުފައަކަށް ބަދަލުކޮށްލުމުން، ޢިލްމުގެ ތެދުކަމާ މެދު ޝައްކުވެގެން ނުވާނެއެވެ. އަދި އެހެން ގޮތްގޮތަށް އެކަން ސިފަކޮށްދިނުމަށްް ޖާގަލިބިގެން ނުވާނެއެވެ. އެއްވެސް މީހަކު އަހުރެންނަށް ދިހަޔަކަށް ވުރެ ތިނެއް ގިނަަކަމަށް ވިސްނައިދޭން އުޅުމުން، އޭނާ އަހުރެންގެ ކުރިމަތީގައި ދަނޑިބުރިއެއް ހަރުފައަކަށް ބަދަލުކޮށްލިއަސް، ދިހައެއް ތިނަކަށް ވުރެ ގިނަކަމާ މެދު އަހުރެންގެ ފިކުރުގައިވާ ޢިލްމަށް ޝައްކު ކުރެވިގެން ނުވާނެއެވެ. މިފަދަ ކަމެއް އަހުރެންގެ ކުރިމަތީގައި ކޮށްފިނަމަ، އެކަމާމެދު އަހުރެން އާސޯޚުވާނެކަން ޔަޤީން އެވެ. ނަމަވެސް ޢަދަދުތަކުގެ ތަރުތީބާ މެދު އޮންނަ ޔަޤީންކަމަށް ޝައްކެއް ނުކުރެވޭނެއެވެ.

މިބުނި ރޮނގުން ފިކުރު ހިންގުމުން އަހުރެންނަށް ވިސްނުނީ، މި ބުނެވުނު ފަދަ ޔަޤީންކަމާ އެކު ނޭނގޭ ހުރިހާ ޢިލްމަކީ ޝައްކު ޢިލްމު ކަމެވެ. އެފަދަ ޢިލްމަކީ އިތުބާރުހުރި އަދި ރައްކާތެރި ޢިލްމެއްނޫނެވެ. އަދި އޭގައި ކުށެއްވެދާނެ އެއްވެސް ޢިލްމަކީ، ޙައްޤުކަން ޔަޤީންނުވާ ޢިލްމެވެ.

————————————

¹ މުތަކައްލިމުންނަކީ ކަލާމް ގެ ޢިލްމުވެރިންނެވެ. ޢަރަބި ބަހުން، މި ތަނުގައި ”ކަލާމް“ އިން މާނަ ކުރަނީ ބައެއްގެ މެދުގައި ދެކެވޭ ވާހަކައަށެވެ. ޑިސްކޯސް ނުވަތަ ދަންވާ އަށެވެ.  އެއީ ބައެއްގެ މެދުގައި ކުރެވޭ ބަހުސެވެ. ނުވަތަ ޒުވާބެވެ. މުތަކައްލިމުން އެމީހުންގެ ޢިލްމަށް ކިޔަނީ ޢިލްމުލް އުޞޫލެވެ. ހަމަތަކުގެ ޢިލްމެވެ. މިބައިމީހުންނަކީ ދީނީ ޢިލްމުގެ ބައެއް އަސާސްތަކާ މެދު ސުވާލު އުފައްދާ މީހުންނެވެ. މިފަދަ ސުވާލުތަކުގެ ތެރޭގައި ސިޔާސީ ގޮތުން ވެރިކަމުގައި ހުންނަ މީހާ ހޮވާގޮތް ހިމެނެއެވެ. އެއީ ރަސޫލާގެ ދަރިފަސްކޮޅުން އަންނަ ކަމެއް ހެއްޔެވެ؟  ނުވަތަ ޤައުމުގެ މުހިއްމު މީހުން ނުވަތަ ގިނަ މީހުން އެއްބަސްވާ ފަރާތްހެއްޔެވެ؟ ދެވަނަ ސުވާލަކީ، ބޮޑު ފާފައެއް ކުރި މީހާއީ މުސްލިމެއް ހެއްޔެވެ؟ ތިންވަނަ މިފަދަ ސުވާލުތަކުގެ ތެރޭގައި އަންަނަނިވި ސުވާލު ހިިމެނެއެވެ:  އިންސާނާއަށް ކަންކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންް ވޭ ހެއްޔެވެ؟ އެއީ ޤަޟާޤަދަރާ ބެހޭ ސުވާލެވެ. ހަތަރުވަނަ މިފަދަ ސުވާލުގެ ތެރޭގައި، މާތް ﷲ ގެ ސިފަފުޅުތައް ހިމެނެއެވެ. މިފަދަ އެތައް ސުވާލެކެވެ. މިފަދަ ސުވާލުތަކަށް މުތަކައްލިމުން ބުއްދީގެ ހަމަތަކުން ބަހުސްކޮށް ހަދަތެވެ.  ހަތަރު ޚަލީފާއިންގެ ދުވަސްވަރު މިފަދަ ސުވާލުތައް ނެރެފައި ނުވާތީ، ބައެއް މީހުން މި ޢިލްމަށް ނަފުރަތު ކުރެއެވެ.