ރަށްފުށުގެ ތަނަވަސް ކަމަށް އައު މަގެއް

ފެނުގައި ގިތެޔޮ މިރުސް ހެއްދުން — 2

ގިތެޔޮ މިރުސް ފެނުގައި ހެއްދުމާ ބެހޭ ގޮތުން ކުރިން ލިޔެފައިވާ މަޒުމޫނު ނިންމާލާފައި ވާނީ، ރާއްޖޭގައި ޢާއްމުކޮށް ލެޓިސް (ނުވަތަ ދިވެހީން ކިޔާ ގޮތަށް ނަމަ ލެޓިއުސް ނުވަތަ ކިރުކޮޕީފަތް) ހައްދާގޮތް ބަޔާންކޮށްފަ އެވެ. މަޒުމޫނު ދިގުވެގެންދާތީ، މިރުސް ފެނުގައި ހައްދާގޮތް ވާނީ ނުދެންނެވިއެވެ. މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ ގިތެޔޮ މިރުހާއި އެހެން އެކި ބާވަތުގެ ތަރުކާރީ  ފެނުގައި އެންމެ ފަސޭހައިން އެންމެ އަގުހެޔޮކޮށް ހެއްދޭނޭގޮތެވެ.  މި ލިންކުން ކުރީ މަޒުމޫނު ފެނިވަޑައިގަންނަވާނެ އެވެ. މި މަޒުމޫނުގެ ހުރިހާ ފޮޓޯ/ކުރެހުމަކަށް ކްލިކްކޮށްލައްވަނިކޮށް ބޮޑުވާނެއެވެ.

މަޒުމޫނުގެ މައިގަނޑު މައުޟޫޢުއަށް ދިއުމުގެ ކުރިން، އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކަށް ގިތެޔޮމިރުހަށް ކިޔާ އިނގިރޭސި ނަން ދަންވާލާނަމެވެ. ދިވެހީން ބޭނުންކުރާ އާދައިގެ ގިތެޔޮ މިރުހަށް އިނގިރޭސި ބަހުން ކިޔަނީ ޓްރިނިޑާޑް ސްކޯރޕިއަން އެވެ. ޓްރިނިޑާޑް އަކީ ދުނިޔޭގެ ހުޅަނގު ފަރާތުގައި، ވެނެޒިއުލާ ކައިރީގައި އޮންނަ ޖަޒީރާ ރަށެކެވެ. މާގިނައިން ގިތެޔޮ މިރުސް ހައްދާ ރަށެކެވެ. ސްކޯރޕިއަން ކިޔަނީ ނަގުލަންދާށްޓަށެވެ. މިހެން ނަންދީފައިވަނީ، ނަގުލަންދާށީގެ ކަށި ފަދަ ތުނޑެއް ނުވަތަ ފުލެއް މިރުހުގައި އިންނާތީ އާއި ކުޅިކަމުން ކަމަށް ލަފާ ކުރެވެއެވެ. ފަގުޑި ގިތެޔޮ މިރުސް ނުވަތަ ފަނާގާ މިރުސް ކިޔާ ބާވަތުގެ ގިތެޔޮ މިރުހަށް އިނގިރޭސި ބަހުން ކިޔަނީ ސްކޮޗް ބޮނަޓް އެވެ. މާނައަކީ ސްކޮޓްލަންޑްގެ މީހުން ބޮލުގައި އަޅާ ތޮއްޕެވެ. ނަން އެނގުމުން މަޢުލޫމާތު ހޯދަން ފަސޭހަވާނެއެވެ.

މައުޟޫޢުގެ މައިގަނޑަށް ދިޔުމުގެ ކުރިން، އަދި އިތުރު އެއް ވާހަކައެއް ދަންނަވާލާނަމެވެ. އެއީ ގިތެޔޮ މިރުހުން ކުރާ އިތުރު ބޭނުންތަކެވެ. ޓްރިނިޑާޑްގައި މި މިރުސް ހައްދާ އެއްބޭނުމަކީ، ދޯނިފަހަރުގައިލާ އެންޓިފޯލިން ހެދުމަށެވެ.  ނުވަތަ ދޯނިފަހަރުގައި ގާފޮރި ޖެހިޔަ ނުދިނުމަށް އުގުޅާ ތެލެއް ހެދުމަށެވެ. މިބޭނުން ދިވެހިންނަށް ދަސްވެފައެއް ނުވެއެވެ. ފުލުހުންގެންގުޅޭ މުޒާހަރާ ރޫޅާ ސްޕްރޭ ހަދަނީ ވެސް މިރުހުންނެވެ. އަދި މިރުސް އެޅި ތެޔޮ، ހުޅުހުޅުގައި ރިއްސަންޏާ އުނގުޅަން ބޭނުން ކުރެއެވެ.  ގިތެޔޮ މިރުހުގެ އަނެއް ބޭނުމަކީ، ކެވުނަކަސް ވިހައަކަށް ނުވާ، ތިމާވެއްޓާ ރައްޓެހި، ގަސްތަކުގައި އަޅާ ބައްޔަށް ބޭސްހެދުމެވެ (ޕެސްޓިސައިޑް ހެދުމެވެ.).  ގަހަށް ޖެހޭ ބަލިތަކަށް ބޭސް ހަދަނީ، ހެޔޮވަރު ސައިޒެއްގެ ފިޔައަކާއި، ލޮނުމެދު ބޮޑިއަކާއި ދެ ގިތެޔޮ މިރުސް މިކްސަރަކުން މުގުރުމަށްފަހު، އެއް ލީޓަރު ފެނަށް އަޅައި، ދެން އެއަށް އެއް މޭޒުމަތީ ސަމުސަލުގެ ތަށިދޮންނަ ދިޔަ އަޅައިގެންނެވެ. މި ބޭސް ވަގުތުން ބޭނުން ނުކުރާ ނަމަ، ބޭނުން ކުރަންވާނީ އައިސް އަލަމާރީގައި ބަހައްޓައިގެން އެއް ހަފުތާގެ ތެރޭގައެވެ. ބޭސް ގަހަށް ސްޕްރޭ ކުރެވިދާނެއެވެ. މިއޮތީ އިތުރު މަޢުލޫމާތު ހިމެނޭ މިބޭހުގެ ޕޭޓަންޓް އެވެ.

ގިތެޔޮ މިރުހުން ކުރާ ކަންތައްތަކާއި، އެއަށް ޖެހޭ ބަލިތަކުގެ ވާހަކަ ފަހުގެ މަޒުމޫނެއްގައި ދަންނަވާނަމެވެ.

ފުން ފެނުގައި ގިތެޔޮ މިރުސް ހައްދާގޮތް ބަޔާން ކުރަން ފަށައިގެން މި ދެވުނީ ކޮންތަނަކަށްތޯ އެވެ؟ އަޞްލު ވާހަކައަށް ރުޖޫޢަ ވަމާތޯއެވެ؟ ގިތެޔޮ މިރުސް ހައްދާގޮތް އަޅުގަނޑަށް ކިޔާދިނީ އައްޑޫ އަތޮޅު ހިތަދޫގައި ގިތެޔޮ މިރުސް މިގޮތަށް ހެއްދެވި ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޖަމީލެވެ. ހިތަދޫގައި އޭނާ މަޝްހޫރުވެގެންވަނީ ”ޖަމީލް ސާ“ ގެ ނަމުންނެވެ. އޭނާއަކީ ޒަމާންތަކެއް ވަންދެން އަދި މިހާރުވެސް ސައިންސްގެ މާއްދާއެއް ކަމަށްވާ ފިޒިކްސް މަދަރުސާ ދަރިވަރުންނަށް ކިޔަވައި ދެއްވަމުން ގެންދަވާ މުދައްރިސެކެވެ. ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވަން ޝައުޤު ހުންނަ ބޭފުޅެކެވެ. ތިރީގައި މިގެނެސްދެނީ، މިރުސް ގަސް ހައްދަން އޭނާ ކަންތައްތައް ކުރެއްވި ގޮތެވެ.

ސުވާލު: ގިތެޔޮ މިރުސް ފެނުގައި ހައްދަން ޝައުޤުވެރިވީ ކިހިނެއްތޯ އެވެ؟

ޖަމީލު: މިރުސް ހެއްދި ދުވަސްވަރު ރާއްޖޭގައި ފެނުގައި ގަސް ހެއްދުމުގެ ފޯރި ވަރަށް ގަދައެވެ. އަޅުގަނޑު ޝަރަފުއްދީނު ސްކޫލްގައި ޑެޕިއުޓީ ޕްރިންސިޕަލަށް އުޅުނު އިރު ރާއްޖޭގެ ބޮޑެތި ހުރިހާ ސްކޫލްތަކެއްގައި އެކަން ކުރެއެވެ. ސައިންސް ކްލަބުގެ ކަމެއްގެ ގޮތުގައި އަޅުގަނޑުވެސް ލެޓިސް އާއިކަންބާ [ކަންބާ އަކީ ކިޔުކަމްބަރ އިނގިރޭސިބަހުން ކިޔާ، ދިގު ބަށި ވައްތަރަށްހުންނަ ތަރުކާރީ އެކެވެ] ހެއްދީމެވެ.  ގިތެޔޮ މިރުސް ހައްދާ ގޮތްތައް އަޅުގަނޑު ދަސްކުރީ އިންޓަރނެޓުންނެވެ. ދެން ރާއްޖޭގައި ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން އެކަން ތަޖުރިބާކުރީއެވެ. ވަރަށް ކުޑަ މަސައްކަތަކުން ވަރަށް ބޮޑެތި ގަސްތައް ހެދެއެވެ. އަޅުގަނޑު އެތައް ގަހެއް ހައްދާ އެގަސްތަކުން މިރުސް ކަނޑާ، ކައި ހެދީމެވެ. ފޮޓޯތައް ވެސް ނެގީމެވެ. ނަމަވެސް، ފޮޓޯތައް ކޮމްޕިއުޓަރުގެ ހާޑުޑިސްކު ހަލާކުވުމުން ގެއްލުނީއެވެ.

ސުވާލު: ޖަމީލު ހެއްދެވިގޮތް ކިޔާދެއްވައިފާނަންތޯ އެވެ؟

ޖަމީލު: އަޅުގަނޑު ހެދިގޮތަކީ، ޕާރޓީތަކުގައި ބޭނުން ކުރަން ގެންގުޅޭ ޕްލާސްޓިކް ފެންބޯތަށިތަކެއް ހޯދައި، އޭގެ ތިރީގައި ވަޅިއަކުން ލޯވަޅުތަކެއް އެޅީއެވެ. ދެން، ތަށީގެ މަތީގައި، ތޫނު ކަށްޓެއް ހޫނުކޮށްގެން ބޮޑު ލޯވަލުތަކެއް އެޅީއެވެ. މިއަށްފަހު، ހެދިގޮތަކީ، ރީނދޫކުލައިގެ ކައްކާތެޔޮ ހުސްކުރި ހަމެއް އަރިއަށް ބާއްވައި، ހަމުގައި މީގެ ދެތަށި ލެވޭ ވަރުގެ ލޯވަޅުތަކެއް އެޅީއެވެ. އެ ލޯވަޅުތަކުގެ ބޮޑުމިނަކީ ތަށިތައް ވަންނަވަރަށް ނަމަވެސް ތަށީގެ ތުންފަތުން ހަމުތެރެއަށް ނުގޮސް ހިފެހެއްޓޭވަރެވެ. ހަމުގެ ތެރެއަށް ވާރޭ ފެން އަޅަނީ ތަށީގެ ފުލުން ބައި އިންޗި ހުންނަވަރު ވަންދެންނެވެ. ފެން ހުންނަ ހިސާބަށް ވުރެ ދެ އިންޗި މަތީގައި ވައި ވައްދަން ހަމުގައި ހިމަ ލޯވަޅުތައް އަޅަމެވެ. ދެން ތަށިތަކަށް ބޮބިކުނޑި އެޅުމަށް ފަހު، މިރުސް އޮށް އިންދީއެވެ. ފެނުގެ ތެރެއަށް އެލްބާރޓް ސޮލިއުޝަން ކިޔާ ކުނޑިއެއް އަޅަން ޖެހެއެވެ. މީގެ ދެ ސައިސަމުސަލެވެ.  ނަމަވެސް ދޭތެރެ ދޭތެރެއިން ފެން އަޅަން ޖެހޭނެއެވެ. ފެން އަޅާނީ ތަށްޓާއި ފެނާ ދޭތެރޭ ހަަތަރު ފަސް އިންޗި ދޫކޮށްފައެވެ. ޕަންޕެއް ކަރައްޓެން ބޭނުމެއް ނުވާނެއެވެ. ޕްލާސްޓިކް މަތި ޖެހޭ ކޮންމެ އެއްޗެއް ވެސް މިކަމަށް ބޭނުން ކުރެވޭނެއެވެ. މީގެ ތެރޭގައި ކުލަހުސްކުރާ ފާޓާ  އާއި ބާލިދީ ވެސް  ހިމެނެއެވެ.

ސުވާލު: ގަސް ހެއްދުމުގެ ނަތީޖާ ކިހިނެއްތޯ އެވެ؟

ޖަމީލު: ވަރަށް ކާމިޔާބެވެ. މިރުސްގަސްތައް އުސްކޮށް ހެދެން ފެށުމުން، ބޭރުގައި ދަނޑިޖަހައިގެންހިފަހައްޓަން ޖެހެއެވެ. މި ނިޒާމުން އަޅުގަނޑު ޓޮމާޓޯ ވެސް ހެއްދީމެވެ. މިއީ މަސައްކަތް ލުއި، އަވަހަށް ގަސްތައް ހެދޭ ގޮތެކެވެ. ފުޅިއެއް، ދަޅެއް ފަދަ ކޮންމެ އެއްޗެއްގައި ވެސް މިރުސް ހެއްދޭނެއެވެ. މި ހައްދާއިރު އެތެރެ ފެންނަ އެއްޗެއް ނަމަ، ކަރުދާސް ނުވަތަ ޕްލާސްޓިކް އޮޅައިގެން ނަމަވެސް އެތެރެއަށް އަލި ވަނަ ނުދިނުން މުހިއްމުވާނެއެވެ. އެހެންނޫނީ އެތެރޭގައި ފެހި ޖަހައި ކާނާ އެއިން ކާނެއެވެ. ހަމުގެ ތެރޭގައި އެލްބާރޓް ސޮލިއުޝަން ހުންނަން ޖެހޭނީ ވަކި ވަރަކަށެވެ. އެ ގިނަވެގެން ނުވަތަ މަދުވެގެން ނުވާނެއެެވެ. އެ ހުންނަން ޖެހޭ ވަރު ބަލަނީ، ބާވަތެއްގެ މީޓަރަކުންނެވެ. މި މީޓަރަށް ކިޔަނީ ”އީސީ“ މީޓަރެވެ. މީގެ އެއްޗެއް 100 ރުފިޔާ އަށް ކޮންމެ ރަށަކަށް ވެސް ޕޯސްޓުން ފޮނުވާދޭނެއެވެ. އަޅުގަނޑުގެ މީޓަރު ގަތީ ”އީބޭ“ އިންނެވެ. މިއޮތީ ”އަލީއެކްސްޕްރެސް“ އިން މީގެ މީޓަރު އިސްތިހާރު ކޮށްފައެވެ

ފުޅިއެއް، ދަޅެއް ފަދަ ކޮންމެ އެއްޗެއްގައި ވެސް މިރުސް ހެއްދޭނެއެވެ. މި ހައްދާއިރު އެތެރެ ފެންނަ އެއްޗެއް ނަމަ، ކަރުދާސް ނުވަތަ ޕްލާސްޓިކް އޮޅައިގެން ނަމަވެސް އެތެރެއަށް އަލި ވަނަ ނުދިނުން މުހިއްމުވާނެއެވެ. އެހެންނޫނީ އެތެރޭގައި ފެހި ޖަހައި ކާނާ އެއިން ކާނެއެވެ.

މަތީގައި އެ ދަންނަވާލެވުނީ މިރުސް ހެއްދިގޮތް ޖަމީލު ކިޔާ ދެއްވި ގޮތެވެ. އެ ގޮތް އަޑުއަހާފައި އަޅުގަނޑު އެކަމަށް ވަރަށް ޝައުޤުވެރި ވިއެވެ. އެއީ އެގޮތުގެ ފަސޭހަކަމުންނެވެ. ފެންވެސް އަޅަން މިޖެހެނީ ފޮއެ ދުވަހުން އެއް ފަހަރު އެވެ. އެހެންނޫނީ އިތުރު އަޅާލުމެއް ބޭނުމެއް ނުވެއެވެ. ޢާއްމުގޮތެއްގައި، މިފަދަ ފުން ފެނުގައި ގިނަ މީހުން ހައްދާ އުޅެނީ، ކަންބާ އާއި ލެޓިސް ފަދަ އާދައިގެ ތަރުކާރީއެވެ. ފުން ފެނުގައި މިފަދަ ތަރުކާރީ ހެއްދުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން ވީޑިއޯ އެއް ވެސް ނެރެފައި ވެއެވެ. ތިރީގައި އެވަނީ އެ ވީޑިއޯ އެވެ.

މަތީގައިވާ ވީޑިއޯ އިން ފެންނަ ނިޒާމުގައި ގިތެޔޮ މިރުސް ހައްދާފައި ހުއްޓާ އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. އެހެންކަމާއި އެކު، ޖަމީލު ބަޔާން ކުރެއްވި ގޮތް ފަސޭހަކަމާއި، ދިވެހިރާއްޖެ އާ ގުޅޭ ކަމުންނާއި، އޭނާގެ ތަޖުރިބާތަކުގެ ފޮޓޯ ލިބެން ނެތުމުން އަޅުގަނޑު ގަޞްދުކުރީ އެގޮތް ތަޖުރިބާ ކޮށްލުމަށެވެ. ތަށްޓަކަށް ބޭނުން ކުރީ ފިހާރަތަކުގައި ފަންސުރު އަޅަން ހުންނަ ތަށްޓެކެވެ. ފުލުގައި ލޯވަޅު ތޮރުފީ ހޫނު ކައްޓަކުންނެވެ. މޫތައް ހަރުލައްވަން ބޭނުން ކުރީ ބޮނތްބެވެ. ތިރީގައިވާ ހަތް ފޮޓޯއިން އަޅުގަނޑު ކަންތައްތައް ކުރިގޮތް އެނގިވަޑައި ގަންނަވާނެއެވެ. ފޮޓޯތައް އަމިއްލަ އަށް ބަދަލު ނުވާނަމަ،  އިނިގިލިން ނުވަތަ މައުސް އިން ސްކްރީނު ”ކަހަނިކޮށް“ ބަދަލު ކުރެވޭނެއެވެ. މިމަޒުމޫނުގެ ފުރަތަމަ ބައި ކިޔުންތެރިންނަށް ތަންކޮޅެއް ކުރިން ގެނެސްދީފައި، މި ފަހުބައި ލަސްވީ ގަސްތައް ހެދެން މުއްދަތު ނަގާތީ އެވެ.

Loading...

ޖަމީލު ވިދާޅުވިގޮތަށް މިރުސް ގަސް ހެއްދުމުގެ ތަޖުރިބާއިން އަޅުގަނޑަށް ޔަގީންވީ، މިއީ ކުރެވޭނޭ ކަމެއްކަމާއި ވަރަށް ޚަރަދުކުޑަ ރާއްޖެއާ ނުހަނު ގުޅޭ ގޮތެއް ކަމެވެ. ފާހަގަ ކޮށްލަންޖެހޭ ކަންތައްތަކަކީ، ކޮންމެ ބާވަތެއްގެ ކަންވާރެއް ވެސް މިކަމަށް ބޭނުން ކުރެވޭނޭ ކަމާއި، ރީނދޫ ހަމެއް ނަމަ،  އިންދޭނީ އެއް ގަސް ކަމެވެ. އަދި، ބޮނބި ކުނޑީގެ ބަދަލުގައި، ކަށިވެއްޔާއި، އިސްޕަންޖާއި މިފަދަ އެތައް އެއްޗެއް ބޭނުން ކުރެވޭނޭ ކަމެވެ.

މިގޮތަށް ގަސް ހެއްދުން ފަސޭހަކަމުން، މިކަމާ ބެހޭ މަޢުލޫމާތު އެތައް ގޮތަކުން އަޅުގަނޑު ހޯދައިފީމެވެ. މިގޮތަށް ގަސް އެންމެ ފުރަތަމަ ހެއްދިކަމަށްވަނީ، އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާއެއް ކަމުގައިވާ ހަވާއީ ގެ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ކްރެޓްކީ (Kratky) އެވެ. ފެނާއި ނުލައި ގަސްހެއްދުމުގެ މިބާވަތަށް އޭނާގެ ނަމަށް ނިސްބަތްކޮށް ”ކްރެޓްކީ ގޮތޭ“ ކިޔައެވެ. މިއީ ވަކިން ޚާއްޞަކޮށް ގިތެޔޮ މިރުސް ހެއްދުމަށް ފަސޭހަ ގޮތެއް ކަމަށް ވެއެވެ. ތިރީގައިވާ ފޮޓޯތަކުން ހެކި ލިބިވަޑައިގަންނަވާނެ އެވެ. އާދެ! ބާލިދީ ބާލިދީގައި ވެސް، ފުޅި ފުޅީގައި ވެސް ގިތެޔޮ މިރުސް ހައްދަން ވީއެވެ.

ފޮޓޯތަކުގައިވާ ލިޔުންތައް ކިޔުއްވުމުން، ކްރެޓްކީ ގޮތަށް މިރުސް ހައްދަވާނޭ ގޮތް އެނގިވަޑައިގަންނަވާނެ އެވެ. ހަނދުމަފުޅު ބަހައްޓަވަންވީ ފެނާއި ގަހާ ދޭތެރޭ ހުސް ޖާގައެއް ދޫކުރައްވަން ޖެހޭ ކަމެވެ. ފެންގަނޑަށް ފިނިކުރުމަށް، އަދި ފެނަށް އަލިވަނަ ނުދިނުމަށް ގަސް ހައްދާ އެތީގެ ތެރެއަށް އަލި ވަންނަނަމަ، ބޭރުގައި ދަވާދުލާންޖެހޭ ނެ ކަމެވެ. ނުވަތަ ކަރުދާސް ނުވަތަ ޕްލާސްޓިކް ފަދަ އެއްޗެއް ބޭރުން ލާން ޖެހޭކަމެވެ. މި ވީޑިއޯ އިން މީހަކު ކްރެޓްކީ ގޮތަށް ގިތެޔޮ މިރުސް ހައްދާތަން ފެނިވަޑައިގަންނަވާނެއެވެ.

ކްރެޓްކީ ގެ ގޮތަށް ހެއްދެނީ ހަމައެކަނި މިރުހެއް ނޫނެވެ. ވިލާތު ބައްޓާއި ކައްޓަލަ އާއި އަލުވި ފަދަ ބާވަތްތައް ވެސް ހެއްދެއެވެ. ތިރީގައިވާ ވީޑިއޯއިން  ކްރެޓްކީ އޭނާގެ ތަޖުރިބާތައް ކިޔާދެއްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. މި ވީޑިއޯ އެއްކޮށް ބައްލަވައިފިނަމަ، ތިބާ ޙައިރާންފުޅުވާނެކަން އަޅުގަނޑަށް ޔަޤީން އެވެ. ކްރެޓްކީގެ ގޮތް ފަސޭހަ ކަމުންނާއި ހެއްދޭ ބާވަތްތައް ގިނަކަމުންނެވެ. އިނގިރޭސި ބަސް އެނގިވަޑައިނުގަތަސް، ފޮޓޯތަކުން ވާނުވާ އެނގިވަޑައިގަންނަވާނެއެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް، ރާއްޖޭގައި ތަރުކާރީ ހެއްދިދާނެއެވެ. ނަމަވެސް، މިކަން ކާމިޔާބު ކަމާއެކު ކުރުމަށް އެހެން ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެއެވެ. އެއް ކަމެއް ފާހަގަ ކޮށްލާނަމެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު، އަޅުގަނޑުގެ ކައިރީގައި ބުންޏެވެ: ”ވިއްސާރަ ދުވަސް ވަރު، ގިތެޔޮ މިރުސް ކިލޯއެއް 300 ރުފިޔާއަށް އަރައިގެން ދެއެވެ. މިރުސް ތިޔާގި ދުވަސްވަރު، ގިތެޔޮ މިރުސް ކިލޯއެއް 30 ރުފިޔާއަށް ވެސް ލިބިދާނެއެވެ.“  އަގު މިހާ ބޮޑަށް ބަދަލުވުމަކީ ދަނޑުވެރިންނަށް ނަފާހުރި ގޮތެއް ނޫނެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، ދަނޑުވެރިންނަށް މިރުސް ހައްދައިގެން ލިބޭ އާމްދަނީ ރަނގަޅުވާނީ، ގިތެޔޮ މިރުހުން އެހެން ތަކެތި އުފައްދައިގެންނެވެ. ދޯނި ފަހަރުގައިލާ ”އެންޓިފޯލިން“ އެވެ. ގަސްތަކަށް ޖެހޭ ބައްޔަށް ޖަހާނޭ ބޭހެވެ. ގައިގެ ތަންތަނުގައި ރިއްސަންފެށީމާ އުނގުޅާނޭ ތެލެވެ. އަދި، ތަފާތު ބާވަތްތަކުގެ ޗިލީ ސޯސް އާއި ޗިލީ ޕޭސްޓް އެވެ. މިއިން ބައެއް ތަކެތި އެކަށީގެންވާ ގޮތަށް އުފައްދައި މާރުކޭޓަށް ނެރެފިނަމަ، މިރުސް ދަނޑުވެރިކަމަށް އައު ރޯޝަން ކަމެއް އަންނާނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި، ދަނޑުވެރިކަން ކުރާ އެކަކީ ޤަމީރާ އާދަމް އެވެ. އެއީ، ރާއްޖޭގެ ހުރަހަށާއި ދިގަށް އޭނާގެ ނަން މަޝްހޫރުވެގެންވާ އެހުރެކެވެ. (އެހުރުންނަކީ ދަނޑުކޮށުމުގެ ހުރިހާކަމެއް ބެލެހެއްޓުމުގައި އިސްވެހުންނަ އެދުރުމީހާއަށް ދިވެހިބަހުން ިކިޔާ ނަމެވެ.) އަތްދަށަށް އެތައް މުވައްޒަފުންނެއް ލައްވައިގެން އުޅުއްވާ ބޭކަބަލެކެވެ. ދިވެހި ދަނޑުވެރިންނަށް ރީތި މިސާލެކެވެ. އޭނާގެ ނަން އަޑު އިވޭތާ ދެތިން އަހަރެއްގެ ފަހުން، ދާދިފަހުން، މާލޭގެ ”ދަރުބާރުގޭ“ ގައި އޮތް މައުރަޒަކުން މި ކަމަނާ އާ ބައްދަލުވުމުގެ ނަޞީބު ލިބިއްޖެ އެވެ. އޭނާ ވިދާޅުވިގޮތުގައި، ގިތެޔޮ މިރުހަށް ވުރެ، ފައިދާ ބޮޑީ ފަޅޮލުގައެވެ. ފައިދާ ލިބުން ލަސްވިއަސް ފަޅޮލުގެ ފައިދާ މާ ބޮޑެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. ޕްރޮފެސަރ ކްރެޓްކީގެ ގޮތް ޤަމީރާ ތަޖުރިބާ ކުރައްވައިފި ނަމަ،  އޭނާ އެހެން ވިދާޅުވީސް ބާވައެވެ؟ 🙂

ކޮންމެއަކަސް، ޤަމީރާ އާދަމް ހުންނެވި އިސްޓޯލުން އަޅުގަނޑަށް ދެތިން ލުއިކަރުދާހެއް  ލިބުނެވެ. މީގެ ތެރެއިން އެއް ކަރުދާހުގެ ސުރުޚީ އަކީ ”މިރުސްގަހަށް ޢާއްމުކޮށްޖެހޭ ބަލިތަކާއި، ބަލިތައް ދެނެގަންނާނެ ގޮތް“ އެވެ. އެހެން ބައެއް މަޝްހޫރު ދަނޑުވެރިންގެ ތަޖުރިބާ އާއެކު، އެ ކަރުދާހުގައިވާ މައުޟޫޢުއަށް ފަހުގެ މަޒުމޫނެއްގައި އިންސާފުކުރާނެ ވާހަކަ ދަންނަވާލަމުން، މި މަޒުމޫނު މިހާތަނުން ނިންމާލަމެވެ.