ބާބު 1
ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމުގެ ޤަދީމީ ތާރީޚް

1900 ވަނަ އަހަރުގެ ފަހުން ތަޢުލީމީ ކަންތައްތައް ހިނގަމުން ދިޔަގޮތް، އޭގެ ކުރިން އެކަންތައްތައް ހިނގަމުން ދިޔަގޮތް ނޭނގި އޮޅުމެއް ނުފިލާނެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ ރާއްޖޭގައި ކިޔަވައިދިނުމުގެ ކަންތައްތައް 20 ވަނަ ޤަރުނު ފެށުމުގެ ކުރިން އޮތީ ކިހިނަކުންތޯ އެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް، އެންމެ ރަނގަޅު އެއްގޮތެއްކަމަށް ފެންނަނީ، މުޅި ދުނިޔޭގެވެސް ތަޢުލީމީ ކަންތައްތައް އެންމެ ކުރީ ދުވަސްވަރުން ފެށިގެން ހިނގަމުން އައި ގޮތްތަކަށް ބަލާލުމެވެ. މަދްރަސީ ތަޢުލީމު، އެހެން ޤައުމުތަކުގައި ފެތުރި ކުރިއަރާފައިވާ ގޮތާ، ރާއްޖޭގައި މިކަން ހިނގާފައިވާ ގޮތާ ވަރަށް ބޮޑު ގުޅުމެއް އޮތްކަމަށް ހެކިތައް ދައްކައެވެ. އެހެންކަމުން، އެންމެ ފުރަތަމަ މި ބާބުގައި ޚުލާޞާ ކޮށްލާނީ، ޤަދީމީ ޔޫނާނުގައި ނުވަތަ ގްރީސްގައި ތަޢުލީމުގެ ކަންތައްތައް އޮތް ގޮތެވެ. ރާއްޖޭގައި ތަޢުލީމީ ކަންތައްތައް އިހުގައި ރޭވިފައި އޮތްގޮތް ބަޔާންކުރުމުގެ ކުރިން، އިނގިރޭސި ވިލާތާއި ސްރީ ލަންކާގައި ތަޢުލީމު ދެވެމުން އައި ގޮތް ކުރުކޮށް ބަޔާން ކުރެވޭނެއެވެ. އިސްލާމީ ޤައުމުތައް ނޫން ގިނަ ޤައުމުތަކުގައި ތަޢުލީމު ފެތުރިގެން ދިޔަ ގޮތަކީ އިނގިރޭސިވިލާތާއި ސްރީ ލަންކާގައި ތައުލީމު ޢާންމުވިގޮތާ ވަރަށް އެއްގޮތް ގޮތެކެވެ. އެހެންކަމުން މި ދެ ޤައުމުގެ ތަޢުލީމަކީ ހުރިހާ ޤައުމުތަކެއްގައި ވެސް ތަޢުލީމު ދެވެމުން އައިގޮތް ދެނެގަތުމަށް ބޭނުންވާ ފަސްމަންޒަރެކެވެ.

ޤަދީމީ މަދަރުސާތަކާ މެދު ވިސްނުން ހިންގާލުމުން ދެތިން ނުކުތާއެއް ފާހަގަ ކުރެވޭނެއެވެ. މަދަރުސާތަކަށް ކިޔަވަން ދެވޭނީ، ކެއުން ބުޔުމުގެ ބޭނުންތައް ފުދި ހުސް ވަގުތު އޮންނަ މީހުންނަށެވެ. މަސްބާނަން ގޮސްގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަން ޖެހޭ މީހުންނަށް ނުވަތަ ދަނޑުގޮވާންކޮށްގެން ނުވަތަ އެހެންވެސް މަސައްކަތެއްކޮށްގެން ހުރިހާ ވަގުތެއް ހޭދަކުރަންޖެހޭ މީހުންނަކަށް ކިޔަވަންދާނޭ ވަގުތެއް ނުވާނެއެވެ. ވަގުތު ވިއަސް އެފަދަ ވަގުތު ދެވޭނީ، އެމީހުންގެ އާދަކާދައިގެ މަތިން މަސައްކަތް ކުރަންނުޖެހޭ ނުވަތަ ނުކުރެވޭ ދުވަސް ދުވަހު އެވެ. އާދެ! އިހު ޒަމާނުގައި، ތަނަވަސް ކަމުގެ އަހުލުވެރިންނަށް ނޫނީ، ކިޔަވަން މަދަރުސާއަކަށް ނުދެވޭނެއެވެ. ”ސްކޫލް“ އަދި ”ސްކޮލަރ“ އިނގިރޭސި ބަހަށް އައިސްފައިވަނީ ޔޫނާނީ ބަހުން ”ސްކޮލޭޒޯ“ މި ލަފުޒުންނެވެ. މި ލަފުޒުގެ މާނައަކީ، ހުސް ވަގުތު އޮތުމެވެ. ނުވަތަ ކުރާނެ ކަމެއް ނެތުމެވެ.

ކުދި ކުދި ސަހަރުތަކާއި ޤަބީލާތަކުގައި ފަންނީ އެއް މަސައްކަތެއް ކުރާ ގިނަ ބަޔަކު ނުތިބޭނެއެވެ. އެއަށްވުރެ ޤަބީލާތަކާއި ޤައުމުތަކުގައި މީހުން މަދުވާނެއެވެ. އެހެންކަމުން މާ ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ވަކި އަތު މަސައްކަތެއް ކުރުމަށް، މިސާލަކަށް ތިލޭރުކަން ފަދަ މަސައްކަތެއް ކުރުމަކަށް، ފުރުޞަތެއް ނޯންނާނެއެވެ. ޚާއްޞަ މަސައްކަތްތައް ދަސްކޮށްދިނުމަށް މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމުގެ ބޭނުން މިފަދަ ކުދި ޤައުމުތަކުގައި ކުޑަވާނެއެވެ. ގިނަ ފަހަރު މަސައްކަތްތެރިކަން ދަސްކޮށްދެނީ މައިންބަފައިން އެމީހުންގެ ދަރިންނަށެވެ. ނުވަތަ އެހެންވެސް ވަރަށް ގާތް މީހުންނަށެވެ. ފެހުމާއި ތިލޭރުކަން ފަދަ މަސައްކަތްތައް ދަސްކުރަނީ މި ހަމައިންނެވެ. މަސައްކަތްތެރިކަމަކީ ޤަދީމީ ޒަމާނުގައި އާއިލާތަކުގެ މަދުގައި ”ވާރުތަވަމުން“ އަންނަ ކަމެކެވެ. އިނގިރޭސި ވިލާތުގެ ބައެއް މީހުންނަށް މިހާރު ކިޔާ ”ގޯލްޑްސްމިތު“، ”ކޫޕަރ“ ފަދަ ނަންނަން އެމީހުންނަށް ދެވިގެން އައިސްފައި އެވަނީ އެމީހުންގެ އާއިލީ މަސައްކަތާ ގުޅިގެންނެވެ.

ފާއިތުވީ ޒަމާންތަކުގައި، ޤައުމަކަށް މީހުން އަރައިގަނެ، އެ ޤައުމެއް ލޫޓުވާލުމަކީ ޢާންމުކަމެކެވެ. އެހެންކަމުން، ޤައުމު ދިފާޢުކުރުމަށްޓަކައި، ހަނގުރާމަވެރިން ތަމްރީނު ކުރަން ޖެހެއެވެ. މިކަމަށްޓަކައި ބޮޑެތި ހުރިހާ ޤައުމެއްގައި ހަނގުރާމައަށް ތަމްރީނުދޭ މަރުކަޒުތައް ހުރެއެވެ. މިފަދަ ތަންތަނުގައި ފަހުލަވާނުން ތައްޔާރުކުރުމަށް ހިތްވަރު ގަދަކުރުމާއި ބުންވަރު ގަދަކުރުމާއި ހަނގުރާމައިގެ ހުނަރުތަކަށް އުނގަންނައިދިނުމަށް ”މަދަރުސާ“ތައް ހުރެއެވެ. މިއީ އެންމެ ފުރަތަމަ ވަކި ތަމްރީނަކަށް ޚާއްޞަކުރެވުނު މަދަރުސާތަކެވެ. ރާއްޖޭގައިވެސް، ކަލާފާނު ރަސްކަމުގައި މިފަދަ ތަމްރީނުދޭ މަރުކަޒު ހުރިކަމަށް ޕިރާޑުގެ ފޮތުގައި ވެއެވެ.

ދުނިޔެވީ ސަބަބުތަކުގެ އިތުރަށް، އުޚުރަވީ ސަބަބުތަކަށްޓަކައި، ކިޔަވަން ޖެހިދެއެވެ. އެއީ ގިނަ ދީންތަކުގައި ކިޔެވުމަށް ބާރުއަޅާތީއެވެ. ފަހުން އެ މަސައްކަތަށް ހެޔޮ ޖަޒާ ލިބޭނޭކަމަށް އެމީހުންގެ ޢަޤީދާގައި ހިމެނޭތީއެވެ. ދީނީ ސަބަބުތަކުގެ ތެރޭގައި، އެހެންމީހުން ދީނަށް ވެއްދުން ހިމެނެއެވެ. އަދި، ދީނީ އެކިކަންކަމަށް މީހުން ތައްޔާރުކުރުން ހިމެނެއެވެ. ހުޅަނގުގެ އެންމެ ގިނަ ދުވަސްވަންދެން މެދުކެނޑުމެއްނެތި ހިނގަމުން އަންނަ މަދަރުސާ އުފެދުނީ މިފަދަ ސަބަބަކުންނެވެ. އަދި، އޭޝިޔާގެ ޢިލްމީ މަދަރުސާތައް ފެށުނީ ވެސް ދީނީ ސަބަބުތަކަށްޓަކައެވެ. މިސާލެއްގެ ގޮތުން، އިންޑިޔާގެ ނަލަންދާ ކިޔާ ބުޑިޒަމް ނުވަތަ ބުދު ދީނުގެ މަރުކަޒަކީ އެ ދީނުގެ ޢިލްމު ފަތުރަން އުފެދުނު ތަނެކެވެ. ދެން ފަހުން އެހެން މާއްދާތައް ކިޔަވައިދޭން ފެށުނެވެ. މިތަނަށް ބުދު ދީނުގެ އުނގެނުންތައް އުނގެނެން އެކި ޤައުމުތަކުން މީހުން އަންނަ ކަމަށް ވެއެވެ. ނަލަންދާ އަކީ އުތުރުކަރައިގެ ބިހާރުގައި، ނޭޕާލް ކައިރިން ފެނިފައިވާ މިހާރު ވިރާނާވެ ގޮސްފައިވާ ބުދު ދީނުގެ ތަޢުލީމީ މަރުކަޒެކެވެ. ތާރީޚްގައި ގިނަ މަދަރުސާތައް އުފެދެން ދިމާވަނީ މަދަރުސާތަކުގެ ބޭނުން ޖެހިގެންނެވެ.

މަދްރަސީ ތަޢުލީމު އުފެދެން ދިމާވާ ސަބަބުތަކަށް ބަލާލުމަށްފަހު، ދެން އަޅުގަނޑުމެން ޚުލާޞާ ކޮށްލާނީ ގްރީކް ޙަޟާރަތުގައި ތަޢުލީމު ދެވުނު ގޮތެވެ. އެއަށްފަހު، އިނގިރޭސި ވިލާތާއި، ސްރީ ލަންކާ އާއި ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚް ކުރުކޮށް ބަޔާން ކުރާނަމެވެ.

ޤަދީމީ ޔޫނާނީ ތަޢުލީމު

ދުނިޔޭގައި މީހުން އުޅޭތާ މިހާރު މަދުވެގެން 200000 އަހަރު ވެފައި ވެއެވެ. މި ދިގު ޒަމާނުގައި، ޔޫނާނީ ނުވަތަ ގްރީކް ޙަޟާރަތަކީ (ސިވިލިޒޭޝަނަކީ) ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަރައިގެންދިޔަ ޙަޟާރަތެވެ. ބުނެވޭގޮތުގައި މީލާދީ ސަނަތް ފެށުމުގެ 600 އަހަރު ކުރިން ފެށުނު މި ޙަޟާރަތް، މީލާދީން 600 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ. އެއީ 1200 އަހަރު ގެ ދިގު މުއްދަތެކެވެ. ޔޫނާނީންނަކީ ވަރަށް ގިނަ ފަންނުތަކުގައި ކުރިއަރާފައިވާ ބައެކެވެ. ގިނަ އީޖާދުތަކެއް ކޮށް، އަގުހުރި ފޮތްތަކެއް ލިޔުނު ބައެކެވެ. އެބައިމީހުންގެ ފަލްސަފާއާއި ހިސާބާއި ސައިންސްގެ އަސަރުތައް މިހާރުވެސް އެކި ދާއިރާތަކުގައި ގަދަޔަށް ހިނގައެވެ. މިބައިމީހުންގެ މެދުގައި، ކިޔަވައިދިނުމުގެ ކަންތައްތައް އޮތީ ކިހިނަކުންތޯ ބަލާލުމަކީ، ތަޢުލީމީ ތާރީޚްގެ ތެރެއަށް ވަންނަން ފަސޭހަވާނޭ ކަމަކެވެ. ޔޫނާނީ ތަޢުލީމާ ބެހޭ ގޮތުން މިޒަމާނުގެ ޔޫނާނީ ދެ ޕްރޮފެސަރުން ކަމުގައިވާ ބިޓްރޮސް އާއި ކަރައިއަނިސް (2009) ބުނަނީ ޔޫނާނީ ދެ ސަހަރު ކަމުގައިވާ އެތެންސް އާއި ސްޕާރޓާ ގައިވެސް، ޢުމުރުން 7 އަހަރު ވަންދެން ކުދިންނަށް ކިޔަވާދެނީ ގޭގައި ކަމަށެވެ. މައިންބަފައިންގެ ނުވަތަ އެހެން ވެސް ފަރާތެއްގެ އެހީގައެވެ. އެތެންސްގެ ކުޑަކުދިންގެ ތެރެއިން ތަނަވަސްކަން ލިބިފައިވާ ބެލެވެރިންގެ ދަރިން، ޢުމުރުން 7 އަހަރު ވުމުން ކިޔަވަން ފޮނުވަނީ އެދުރުންގެ އަމިއްލަ ޓިއުޝަން ދޭ ތަންތަނަށެވެ. އެއީ އެކުދިންގެ ޢުމުރުން 14 އަހަރު ވަންދެންނެވެ. ދަރިވަރުން ކިޔަވާ ތަކެތީގެ ތެރޭގައި، ލިޔަން ކިޔަން ދަސްކުރުމާއި ހިސާބާއި ޖޯމެޓްރީ އާއި މިޔުޒިކާއި ޖިމްނާސްޓިކް ހިމެނެއެވެ. އެއަށް ފަހު، މުއްސަދި ފަރާތްތަކުން އެމީހުންގެ ދަރިން މައްޗަށް ކިޔެވުމަށް ޚާއްޞަ އެދުރުންގެ ކައިރިއަށް ފޮނުވައެވެ. މިއަށް ފަހު، އޮންނަނީ ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް، އަސްކަރީ ތަމްރީނު ހޯދުމެވެ. ސްޕާރޓާގައި ޢުމުރުން 8 އަހަރު ވުމުން ކުޑަކުދިން ފޮނުވަނީ އެކުދިންނަށް ޚާއްޞަ ކޭމްޕަކަށެވެ. ”އަގޯގޭ“ އަށެވެ. މި ތަނުގައި އެކުދިން ވަކިން އުޅެ ހަނގުމާރައިގެ އުކުޅުތައް ދަސްކުރެއެވެ. ކުޑަކުދިން ހަނގުރާމަ ވެރިންނަށް ވުމަށް ތަމްރީނު ކުރުމުގެ އިތުރަށް، އެކުދިންނަށް އުނގަންނައިދޭ ތަކެއްޗަކީ ލިޔަންކިޔުމާއި ނެށުމާއި މިޔުޒިކެވެ. އަންހެނުންނަށް ސްޕާރޓާ ގައި ކިޔަވައިދިނަސް އެހެން ސަހަރުތަކުގައި އުމުރުން 7 އަހަރުވުމަށްފަހު ނުކިޔަވާދެ އެވެ. ސެކަންޑަރީ ފެންވަރުގައި، ފަލަކީ ޢިލްމާއި މޫސުމާއި، ޖޯމެޓްރީފަދަ ސައިންސް އާ ބެހޭ މާއްދާތައް ކިޔަވައިދެއެވެ. ޔޫނާނީ ދަރިވަރުން ލިޔަން ގެންގުޅުނީ އުށް އަޅާފައި ހުންނަ ފިލައެކެވެ. ފާންތިލަ ސިފައަށް އޮންނަ ކައްޓަކުން އޭގައި ލިޔެވެއެވެ. ލިޔުންތައް ފޮހެލަން ފަތާކޮށް އޮންނަ ކޮޅު ލިޔުންގަޑުމަތީ ހާކަނީއެވެ. މިހާރެކޭ އެއްފަދައިން، ޔޫނާނީ ޙަޟާރަތުގައި ވެސް، ބަލިކަށިވުމަކީ، އެހެން ޤައުމުތަކުން މީހުން އަރައިގަނެ ސަހަރު ލޫޓުވާނޭ ކަމެކެވެ. އެހެންކަމުން، ކޮންމެ ޤައުމަކުންވެސް އެންމެ އިސްކަމެއް ދެނީ ހަނގުރާމައިގެ ތަމްރީނުތަކަށެވެ. ޞިއްޙަތު ސަލާމަތުން ހުރި ހުރިހާ ފިރިހެނުންނަށް ޤައުމު ދިފާޢު ކުރުމުގެ ތަމްރީނުދެވެއެވެ. މިކަން ކުރާ އެއްތަނަކީ ”ޖިމްނާސިއަމް“ އެވެ. ޖިމްނާސިއަމް އަކީ ހަށިގަނޑުގެ ތަމްރީނަށް ހިފުމާއި ހަނގުރާމައިގެ ތަމްރީނާއި ކަސްރަތުތައް ދަސްކުރާ ”ސަރުކާރުގެ“ މަރުކަޒެކެވެ. ޢުމުރުން 7 އަހަރުވުމަށް ފަހު، ގިނަ ދަރިވަރުން ޔޫނާނީ ޙަޟާރަތުގައި ފޮނުވަނީ ޖިމްނާސިއަމްއަށެވެ. ފަހުން މި ތަންތަނުގެ ކޮރިޑޯތަކުގައި، ނެށުމާއި ޢިލްމީ ބައެއް ހަރަކާތްތައް ހިންގަން ފެށުނެވެ. މި ޖިމްނާސިއަމްގެ އަސަރުތައް މިހާރުވެސް ހިނގައެވެ. އިނގިރޭސި ވިލާތުގައި، ޖިމްނާސިއަމް އިން މާނަކުރަނީ ހަށިގަނޑުގެ ތަރުބިއްޔަތު ދޭ މަރުކަޒަށް ވިޔަސް، ޖަރުމަނާއި އެހެން މެދު ޔޫރަޕުގެ ޤައުމުތަކުގައި ޖިމްނާސިއަމް ކިޔަނީ ސްކޫލްތަކަށެވެ. ޚާއްޞަކޮށް، ސާނަވީ ފެންވަރުގެ ނުވަތަ އެއަށް ވުރެ މައްޗަށް ކިޔަވައިދޭ ތަންތަނަށެވެ. ސެކަންޑަރީ ފެންވަރުގެ ސްކޫލްތައް ޔޫނާނީ ޙަޟާރަތުގައި އުފެދުނީ އެ ޙަޟާރަތުގެ ފަހުކޮޅުގައެވެ. އުފެދުމަށްފަހުވެސް، އެއީ އެންމެން ވަންނަ މަދަރުސާތަކެއް ނޫނެވެ. އެތަންތަނަށް ވަދެވެނީ ދިރިއުޅުމަށް މަސައްކަތް ކުރަންނުޖެހޭ، ތަނަވަސްކަމުގެ އަހުލުވެރިންގެ ދަރިންނަށެވެ. ގްރީކް ނުވަތަ ޔޫނާނީ ޙަޟާރަތް، ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވުމުގެ 60 ވަރަކަށް އަހަރު ވަންދެން ހިގިއެވެ. ދެން އެންމެ ބޮޑަށް ފެތުރުނު ޙަޟާރަތަކީ އިސްލާމީ ޙަޟާރަތެވެ.

ޔޫނާނީ ޙަޟާރަތުގައި އެންމެ މަޝްހޫރު އެއް ތަޢުލީމީ ތަނަކީ، ޕްލެޓޯ ކިޔާ ފަލްސަފާވެރިއެއްގެ އެކެޑެމީއެވެ. އެއީ، މީލާދީ ސަނަތްތައް ފެށުމުގެ 387 އަހަރު ކުރިން ޕްލެޓޯ، އެތެންސް ގައި އުފެއްދި އެކެޑެމީއެވެ. މިތަން، މީލާދީ ސަނަތްތައް ފެށުމުގެ 86 އަހަރު ކުރިން އުވި ގޮސްފައި ވާކަމަށް ކްރެއިގް (1998) ގައި ވެއެވެ. ނަމަވެސް މިތަނަކީ، ޢާންމުންނަށް ހުޅުވާލެވިފައިވާ މުދައްރިސުންނާއި ދަރިވަރުން ވަކިން ފާހަގަވާ ތަނެއް ނޫނެއެވެ. ގްރީސް ނޫން އެހެން ޤައުމުތަކުގައި ވެސް، މިފަދަ ޒަމާންވީ ”މަދަރުސާތައް“ އުފެދި އުވިގޮސްފައި ވެއެވެ. މިގޮތުން، އިންޑިޔާ އާއި، ފާރިސްކަރައާއި ޗައިނާގައި މަދަރުސާތައް ޤާއިމްވެ، އުވި ގޮސްފައި ވެއެވެ. މިތަންތަނުގައި ޤަދީމީ މަދަރުސާތައް ހުރިކަމުގެ ހެކިތައް މިއަދު ވެސް ފެންނަން އެބަހުއްޓެވެ.

ދުނިޔޭގައި ކިޔެވުން ފެށިގެން އައި ގޮތް، ބުއްދީގެ ހަމަތަކުން ދެނެގަނެވޭނެއެވެ. އެއީ އިންސާނާ، އެއްވެސް ކަމެއް އޭނާއަށް ބޭނުމެއް ނުފުދޭނަމަ ނުކުރާނެތީއެވެ. މަދަރުސާތައް ޤައުމުތަކުގައި ޤާއިމްކުރަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ޖަވާބަކީ ދުނިޔޭގެ ބޭނުމާއި އާޚިރަތުގެ ބޭނުންތައް ފުއްދުމަށެވެ. ދުނިޔޭގެ ބޭނުންތަކުގައި ހިމެނޭނީ، ޤައުމު ދިފާޢުކުރުމާއި މަދަރުސާއަށް ގޮސްގެން ކިޔަވާ ކިޔެވުމަކުން ދުނިޔޭގެ އުޅުން ތަނަވަސް ވުމެވެ. ސްޕާރޓާގެ ޖިމްނާސިއަމްތަކުގެ ބޭނުމަކީ ހަނގުރާމަ ވެރިން އުފެއްދުމެވެ. ޕްލެޓޯ ގެ އެކެޑެމީގެ އެއް ބޭނުމަކަށް ވެފައި އޮތް ކަމަށް ވަނީ، ސިޔާސީ މީހުން އުފެއްދުމެވެ. އެހެންވެ، މިފަދަ ޤަދީމީ އެކެޑެމީތަކުގައި ވަރަށް ފަހާ ޖަހާންދެން ރެޓޮރިކް ނުވަތަ ބަލާޣަތްތެރިކޮށް ވާހަކަދައްކަން ދަސްކޮށްދިނުމަކީ ކިޔަވާދޭ މާއްދާއެކެވެ. މީގެ އިތުރަށް، މިފަދަ މަދަރުސާތަކުގެ ކަރިކިޔުލަމްތަކުގައި އަޅުގަނޑުމެން މިދެންނެވި ބަލާޣަތުގެ އިތުރުން އެހެން އެތައް މާއްދާތަކެއް ކިޔަވާދެވެއެވެ. ފަލްސާފާއާއި ބަހުގެ ގަވާއިދެވެ. ތާރީޚާއި ހިސާބެވެ. ފަލަކީ ޢިލްމާއި ސައިންސެވެ.

އިނގިރޭސި ވިލާތުގެ ޤަދީމީ ތަޢުލީމު

ހުޅަނގުގެ އެންމެ ގިނަ ދުވަސްވީ، އަދި މެދުކެނޑުމެއް ނެތި ހިނގަމުން އަންނަ މަދަރުސާ އަކީ އިނގިރޭސި ވިލާތުގެ މަދަރުސާއެކެވެ. މި މަދަރުސާއަށް މިހާރު ކިޔަނީ ކިންގްސް ސްކޫލެވެ (ވުޑްރަފް އާއި ކޭޕް، 1908). މިތަނުގެ ތާރީޚް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ކިންގްސް ސްކޫލްއަކީ، މީލާދީ ސަނަތުން 597 ވަނަ އަހަރު ރޯމްގައި ނަޞާރާ ދީނުގެ އިސް ފާދިރީ (އަލްބާބާ ގްރިގޮރީ) އިނގިރޭސި ވިލާތުގެ އެއިރު ވަކި ރަސްކަމެއް ހިނގާ ކެންޓް ގައި ނަޞާރާ ދީން ފެތުރުމަށް ފޮނުވި ބަޔަކު އުފެއްދި މޮނާސްޓްރީ ނުވަތަ ދައިރެކެވެ. ދައިރުތަކަކީ ދީނަށް ހުސްވެގެން އުޅޭ ރާހިބުން ނުވަތަ މޮންކް ނުވަތަ ސާދޫ އޭ ކިޔާ މީހުން ދިރިއުޅެ ”އަޅުކަންކޮށް“ ކިޔަވަން އުޅޭ ގެއެކެވެ. މި ރޯމުން އައި ޖަމާޢަތުގައި އިސްކޮށް ހުރި މީހާއަށް ކިޔާނަމަކީ އޮގަސްޓީން އެވެ. މިބައިމީހުން، ކެންޓަރބަރީގައި ވަޒަންވެރިވެ އެންމެ ފުރަތަމަ ކުރި ކަމަކީ ދައިރެއް ޤާއިމްކުރުމެވެ. އެ ދުވަސްވަރު، އިނގިރޭސިންނަކީ ޖަނަވާރުތަކާއި އިރު ހަނދާއި ބާވަތްތަކުގެ ދެވިތަކަށް އަޅުކަންކޮށް އުޅުނު ބަޔެކެވެ. މިދައިރުގެ އެއް ބޭނުމަކަށް ވެފައި އޭރު އޮތީ ނަޞާރާދީނުގެ ވެރިން ތަމްރީނުކުރުމެވެ. އިނގިރޭސިން ނަޞާރާދީނަށް ވައްދައިގެން 1000 އަހަރުވާން ގާތްވެފައިވަނިކޮށް، ނަޞާރާދީން މައިގަނޑު ދެބަޔަކަށް ނުވަތަ މަޒުހަބަކަށް ބައި ވެއްޖެއެވެ. މިކަމެއް ހިގަންފެށީ 16 ވަނަ ޤަރުނު ފެށުނު ތަނާހެނެވެ. ރޯމުގައި ހުންނަ ޕޯޕު އަކީ ރޯމަން ކެތޮލިކް މަޒުހަބުގެ މީހުންގެ އިސްވެރިޔަކަށްވެ، އިނގިރޭސިންނަކީ އެންގްލިކަން މަޒުހަބުގެ ބަޔަކަށް ވެއްޖެއެވެ. މީގެ ކުރީގައި، އިނގިރޭސި ވިލާތުގެ ދީނީ ކަންތައްތަކުގެ އިސްވެރިޔަކީ ރޯމުގައި ހުންނަ ޕޯޕެވެ. މި ބަދަލު އައުމަށްފަހު، އިނގޭސިވިލާތުގެ ދީނީ އެންމެ އިސްވެރިޔަކީ އިނގިރޭސިވިލާތުގެ ރަސްގެފާނެވެ. މި ބަދަލުތަކާއެކު އިނގިރޭސި ވިލާތުގެ ހުރިހާ ދައިރުތަކެއް އުވާލާ އެތަންތަނުގެ މިލްކިއްޔާތުން ބައެއް ސަރުކާރަށް ހިފައި، ބައެއް ދައިރުތަކާއި ބިންތައް ސަރުކާރުގެ ތަންތަނަށް ވެއްޖެއެވެ. އެންމެ ފުރަތަމަ ޤާއިމް ކުރެވުނު ކެންޓްގެ ދައިރު އުވާލުމުން، ތަނުގެ ނަން ”ދަ ކިންގްސް ސްކޫލް“ (ރަސްގެފާނުގެ މަދަރުސާ) އަށް ބަދަލުކޮށް، ނަޞާރާ ދީނުގެ އިނގިރޭސި މަޒުހަބަށް މީހުން ތަމްރީނުކުރަން ފަށައިފިއެވެ. މިއަދާ ހަމައަށްވެސް މިއީ އިނގިރޭސި ވިލާތުގައި ހިނގަމުން އަންނަ މަދަރުސާ އެކެވެ. ނަމަވެސް، މިހާރު މުޤައްރަރުތައް ބަދަލުވެ، މަންހަޖުގައި ދީނީ މާއްދާތައް ހިމެނެނީ ވަރަށް މަދުންނެވެ. މިވާހަކަ މިހާ ތަފްޞީލުކޮށް މިދެންނެވީ މަދަރުސާތަކާއި ދީނާ އޮންނަ ގުޅުން ހާމަކުރުމުގެ ގޮތުންނެވެ. އިނގިރޭސި ވިލާތުގެ ކުރީގެ ހުރިހާ މަދަރުސާތަކެއްގެ ފެށުމަކީ ފައްޅިތަކަށާއި ނަޞާރާދީން ފެތުރުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމެވެ. މީގެ އިތުރަށް ސްކޫލް ހިންގާ އަނެއްބައި މީހުންނަކީ ޗެންޓްރީ އެވެ. މިއީ މުއްސަދި މީހުން މަރުވުމަށްފަހު، ދެމިހުންނަނިވި ސަވާބު ހޯދުމަށްޓަކައި، އެމީހުންނަށް ދުޢާ ކުރުމަށް އުފައްދާ ކުޑަކުޑަ ފައްޅިއަކަށް ކިޔާނަމެކެވެ. މިތަންތަން ޤާއިމްކުރުމަށާއި، އެތަނުގައި އަބަދުހެން މުއްސަދިމީހާ މަރުވުމަށްފަހު ދުޢާ ކުރަން ތިބޭނޭ ދެތިން ފާދިރީގެން މުސާރަ ވެސް، ބައެއް މުއްސަދިން މަރުވުމުގެ ކުރިން އެމީހުންގެ ވަޞިއްޔަތު ނާމާގައި ލިޔެ އެކަމަށް ބިމާއި އެހެންވެސް ތަކެތި ”ވަޤުފު“ ކުރެއެވެ. މިއީ އިސްލާމްދީނުގައި ދެމިހުންނަނިވި ސަވާބުލިބޭ ގޮތަށް މީހުން މިސްކިތް ބިނާކުރާފަދައިން ކުރާ ކަމެކެވެ. މީގެ އިތުރަށް، ފަހަކަށް އައިސް ސްކޫލްތައް އިނގިރޭސި ވިލާތުގައި ހިންގަން ފެށީ، ވަކި ފައްޅިއަކަށް ނިސްބަތްނުވާ ޗެރިޓީ ނުވަތަ ޞަދަޤާތް ކުރާ ތަންތަނުންނެވެ. މިފަދަ ޚައިރިއްޔާ ތަކުން ހިންގާ ސްކޫލްތަކަށް ކޮންމެ މަޒުހަބެއްގެ ކުދިންނަށްވެސް ޖާގަދޭތީ އެ ސްކޫލްތަކަށް ”ޕަބްލިކް“ ސްކޫލް އޭ ކިޔަން ފެށުނެވެ (ވޯކަޕް، 2013). މިތަންތަނުން ކޮންމެވެސް ވަރަކަށް ދަރިވަރުންގެ އަތުން ފީ އެއް ނަގައެވެ. އެހެންކަމުން، އެ ސްކޫލްތަކަށްވެސް ވަދެވެނީ މުއްސަދިމީހުންގެ ދަރިންނަށެވެ. 1870 ވަނަ އަހަރުގެ ކުރިން އިނގިރޭސި ވިލާތުގެ ހުރިހާ ސްކޫލްއަކީ ދީނީ މަރުކަޒުތަކުންނާއި ކުރިން ބަޔާންކުރެވުނު ޚައިރިއްޔާ މުއައްސަސާތަކުން ހިންގި ސްކޫލްތަކެވެ. މި ދުވަސްވަރަކީ އިނގިރޭސި ވިލާތުގައި އަދި މުޅި ޔޫރަޕުގައި ވެސް، އީޖާދީ އިންޤިލާބެއް އައި ދުވަސްވަރެކެވެ. މިކަމާ ގުޅިގެން ތަފާތު އުފެއްދުންތައް އީޖާދުކުރެވި ޞިނާޢަތްތައް އުފެދުނެވެ. ތަކެތި އުފެއްދުމަށް ކާރުޚާނާތައް ޤާއިމްކުރެވުނެވެ. މި ކާރުޚާނާތަކުގައި ވަރަށް ޅަ ޢުމުރުގެ ކުޑަކުދިން ރޭގަނޑާއެކު މަސައްކަތް ކުރަމުން ދިޔައެވެ. މިކަމާގުޅިގެން 1833 ވަނަ އަހަރު އިނގިރޭސި ޕާލަމަންޓުން ފެކްޓްރީ ޤާނޫނެއް ފާސް ކުރެވުނެވެ. މި ޤާނޫނުގެ ދަށުން ޢުމުރުން 9 އަހަރުގެ ކުޑަކުދިން ފެކްޓަރީ ތަކުގެ ވަޒީފާގައި ގެންގުޅުން މަނާކޮށް، 13 އަހަރު ނުވާ ކުދިން 9 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރުން މަނާކޮށް 2 ގަޑިއިރު އެކުދިންނަށް ކިޔަވައިދިނުމަށް މަޖުބޫރު ކުރެވުނެވެ. މި ޤާނޫނު ފާސްވުމާއެކު، މަޑުމަޑުން ސަރުކާރުން އެކި ގޮތްގޮތަށް ސްކޫލްތަކަށް އެހީވާން ފެށުނެވެ. މިގޮތުން، ބައެއް ސްކޫލްތަކުގެ މުދައްރިސުންނަށް މުސާރައެއް ދިނުމާއި ސްކޫލް ޤާއިމްކުރުމަށް ބިން ގަނެވޭނޭ ގޮތް ހަމަޖެއްސުމާއި ތަކެތިދިނުން ހިމެނުނެވެ. މިދުވަސްވަރު، ދަރިވަރުން ޢާންމުކޮށް ސްކޫލަށް ދަނީ އެންމެ ދެއަހަރުއެވެ. މިގޮތަށް ކަންތައްތައް ހިނގަމުން ކުރިއަރަމުން ގޮސް، އެންމެ ބޮޑު ބަދަލެއް އައީ 1870 ވަނަ އަހަރުގެ ތަޢުލީމާ ބެހޭ ޤާނޫނުންނެވެ (ގިލާރޑް، 2013). މި ޤާނޫނުގެ ދަށުން ޢުމުރުން 5 އަހަރާއި 13 އަހަރާ ދެމެދުގެ ހުރިހާ ކުޑަކުދިން ބެލެނިވެރިން ފީ ދައްކާގޮތަށް ސްކޫލަށް ފޮނުވާގޮތަށް މަޖުބޫރު ކުރެވުނެވެ. ފޯރުންތެރިކަން ނެތް ބެލެނިވެރިންނަށް ސަރުކާރުން ފީ ދައްކައިދޭނެކަމަށް މި ޤާނޫނުގައި ވެއެވެ. ނަމަވެސް، މި ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރެވެން ފެށުނީ އޭގެ 20 އަހަރު ފަހުންނެވެ. (އިބްތިދާއީ މަދަރުސާތަކުގެ ދަރިވަރުންގެ އަތުން ފީނެގުން ހުއްޓާލީ 1918 ވަނަ އަހަރުއެވެ.) 1900 ގެ އަހަރުތައް ފެށުނު އިރު އިނގިރޭސި ވިލާތުގައި އިބްތިދާޢީ މަދަރުސާގެ ނިޒާމެއް ޤާއިމްކުރެވިފައި ވެއެވެ. ނަމަވެސް އެއީ ހަމައެކަނި، ލިޔަން ކިޔަން ދަތުމާއި ހިސާބާއި މަސައްކަތްތެރިކަމުގެ މައްޗަށް އެކުލަވާލާފައިވާ މުޤައްރަރެއް ކިޔެވުމަށެވެ. މި އެލެމެންޓަރީ ނުވަތަ އިބްތިދާޢީ ފެންވަރުގެ ސްކޫލް ނިމުމުން ސާނަވީ ފެންވަރަށް ވަދެވޭނޭ މާގިނަ ގޮތްތަކެއް ނުވެއެވެ. 1894 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ކުރެވުނު ދިރާސާއަކުން ސެކަންޑަރީ ސްކޫލްއަށް ވަދެވުނު ކަމަށްވީ ހަމައެކަނި އެ ޢުމުރުފުރާގެ ދަރިވަރުންގެ ތެރެއިން 4 އިންސައްތަ ދަރިވަރުންނެވެ (ގިލާރޑް، 2013). މިއަށް ވުރެ މިދަރިވަރުންގެ ނިސްބަތް ގިނަ ނުވަނީ އެ ފެންވަރުގެ މަދަރުސާތައް މަދުކަމުންނާއި ސަރުކާރުން ބޭނުން ނުވާތީއެވެ. މި ދުވަސްވަރު ނެރުނު މަޝްހޫރު ރިޕޯޓެއްގައި (ބްރައިސް ކޮމިޝަން ރިޕޯޓް، 1895 ގައި) ބަޔާންކޮށްފައިވަނީ ސާނަވީ ފެންވަރަށް ކިޔަވައިދޭންވާނީ ކޮންމެ 1000 ކުދިންގެ ތެރެއިން އެންމެ ކުއްޖަކަށް ކަމަށެވެ. އަންހެންކުދިންނަށް ކިޔަވައިދިނުމަށް 19 ވަނަ ޤަރުނުގައި ސަމާލުކަމެއް ދީފައެއް ނުވެއެވެ. އޮކްސްފޯޑް އާއި ކޭމްބްރިޖް ޔުނިވަރސިޓީއަށް ވަންނަ އިމްތިޙާނުތަކުގައި އަންހެންކުދިން ފުރަތަމަ ފަހަރަށް ބައިވެރިކުރީ 1876 ވަނަ އަހަރުއެވެ.

އިނގިރޭސިވިލާތުގައި، ފުރަތަމަ ފަހަރަށް ތަޢުލީމާ ބެހޭ ވުޒާރާއަކާއި ވަޒީރެއް ހުންނަ ގޮތަށް ހަމަޖެހިގެން ދިޔައީ 1947 ވަނަ އަހަރު ފާސްކުރެވުނު ތަޢުލީމާ ބެހޭ ޤާނޫނުންނެވެ. މި ޤާނޫނުން ތަޢުލީމީ ދައުރުތައް ތިން ބަޔަކަށް ބެހުނެވެ. އެ ދައުރު ނުވަތަ ފިޔަވަހި ތަކަކީ އެލެމެންޓަރީ، ސެކަންޑަރީ އަދި ފާރދަރ އެޑިޔުކޭޝަން (އިބްތިދާއީ، ސާނަވީ އަދި އިތުރު ތަޢުލީމު) އެވެ. އަދި ޢުމުރުން ފަސް އަހަރާއި ފަނަރަ އަހަރާ ދެމެދުގެ ހުރިހާ ދަރިވަރުން ސްކޫލަށް ދިއުން (ފީ ދެއްކުމެއް ނެތި) މަޖުބޫރުވެގެން ދިޔައީ މި ޤާނޫނުންނެވެ. މި ޤާނޫނަށް އަލިވިލުނު އިރު، މާޒީގެ ދުވަސްތަކުގައި މަންހަޖުވެސް ވަނީ ފުޅާވެ މިހާރުގެ މަންހަޖު އާ ގާތްގަޑަކަށް އެއްގޮތް ވެފައެވެ.

އިނގިރޭސި ވިލާތަށް ވުރެ ކުރިން، ޓެކްނިކަލް ތަޢުލީމު ފެށުނީ ޔޫރަޕުގެ އެހެން ޤައުމުތަކުގައެވެ. ފްރާންސާއި ޖާރމަނީ ފަދަ ޤައުމުތަކުގައެވެ. 1881 ވަނަ އަހަރު މިކަމާ ބެހޭ ކޮމިޝަންއެއްގެ ރިޕޯޓުގައި، ޓެކްނިކަލް ނުވަތަ މަސައްކަތު ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުމަށާއި މި ބާވަތުގެ ތަޢުލީމު ދިނުމަށް ފެކްޓަރީތަކުން ނުވަތަ ޚައިރާތްތަކުން ހިންގާ ތަންތަނުން ނުފުދޭނެކަން ފާހަގަކޮށްފައި ވެއެވެ. ވިހިވަނަ ޤަރުނު ފެށުނުތަނާހެން، ދުވާލު ހިންގާ މަސައްކަތް ”ޑޭ ޓްރޭޑް ސްކޫލް“ ތަކެއް ޤާއިމް ކުރެވުނެވެ. އަދި 1913 ވަނަ އަހަރު ޖޫނިއަރ ޓެކްނިކަލް ސްކޫލްތަކެއް ފެށުނެވެ. އަށާރަވަނަ ޤަރުނު ނިމުނު އިރު، އިނގިރޭސި ވިލާތުގައި ހުރީ މުޅިއެކު 5 ޔުނިވަރސިޓީއެވެ. ނަވާރަ ވަނަ ޤަރުނުގެ ތެރޭގައި 35 އަށް ވުރެ ގިނަ ޔުނިވަރސިޓީ/ކޮލެޖް އުފެދުނެވެ. އަދި، ނަޞާރާދީނުގެ ތަކެތި ނުކިޔަވާ ބެޗްލަރ ޑިގްރީއަށް ކިޔެވޭ ގޮތަށް ހަމަޖެހި މިޒަމާނުގެ ދީނާ ނުބެހޭ ސައިންސާއި ފަލްސަފާގެ މާއްދާތައް ކިޔަވައިދޭ ގޮތަށް ހަމަޖެހުނީ 1862 ވަނަ އަހަރާއި 1871 ވަނަ އަހަރު ފާސްވި ދެ ޤާނޫނަކުންނެވެ.

އިނގިރޭސި ވިލާތުގެ ޢާންމު ތަޢުލީމު ތަރައްޤީވަމުން އައިގޮތް، މަތީގައި ބަޔާންކުރެވުނު ތަފްޞީލާއެކު ހިމެނުމުގެ ބޭނުމަކީ، އެ ނިޒާމަކީ ވަރަށް ނުފޫޒު ގަދަ ނިޒާމަކަށް ވާތީއެވެ. އިނގިރޭސިވިލާތުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއް ފަތަޙަކުރިއެވެ. މީގެތެރޭގައި އެމެރިކާއާއި ކެނެޑާ އާއި އޮސްޓްރޭލިޔާ އާއި އިންޑިޔާ އާއި ސްރީ ލަންކާ ފަދަ އެތައް ޤައުމެއް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، މި ޤައުމުތަކުގައި ޤާއިމްވެގެން ދިޔަ ތަޢުލީމީ ނިޒާމުތަކަކީ އިނގިރޭސިވިލާތުގެ ނިޒާމެވެ. ކުދިކުދިތަފާތު ތަކާއެކު އެވެ. އެހެންކަމުން، އަޅުވެތި ކުރެވުނު ޤައުމުތަކުގެ ތަޢުލީމީ ނިޒާމުތައް ދެނެގަތުމަށް އިނގިރޭސި ވިލާތުގައި ތަޢުލީމީ ތާރީޚަކީ ތަޅުދަނޑިއެކެވެ. ދެން ބަޔާންކުރާނީ ސްރީލަންކާގެ ތަޢުލީމީ ތާރީޚުގެ ޚުލާޞާއެކެވެ. އެއީ ރާއްޖޭގެ ތަޢުލީމީ ތާރީޚާ ސްރީލަންކާގެ ތަޢުލީމީ ތާރީޚާ ގުޅުންތަކެއް ވާތީއެވެ.

ސްރީ ލަންކާގައި ތަޢުލީމު ދެވެން ފެށުނު ގޮތް

ދިވެހިރާއްޖެއާ ގާތުގައިވާ އޮޅުދޫކަރަ ނުވަތަ ސްރީ ލަންކާގެ އެންމެ ފުރަތަމަ މަދަރުސާތަކަށް ނަޒަރު ހިންގާލަމާތޯއެވެ؟ ޤަދީމީ ޒަމާނުގައި ސްރީ ލަންކާގައި ސަރުކާރުން ކިޔަވައިދޭ އެއްވެސް މަދަރުސާއެއް ހުރިކަމުގެ ހެއްކެއް އަޅުގަނޑުމެނަށް ފެނިފައެއް ނުވެއެވެ (ޑިސިލްވާ، 1981). ކިޔަވައިދިނުން އެ ޤައުމަށް ވެސް ތަޢާރުފުވެގެން އައިސްފައިވަނީ ދީނުގެ ތެރެއިންނެވެ. އެ ޤައުމަށް ބުޑިޒަމް ތައާރަފުވެގެން ދިޔަ ކަމަށްވަނީ މީލާދީ އަހަރުތައް ފެށުމުގެ 250 އަހަރު ކުރިންނެވެ. ސްރީ ލަންކާގެ ގިނަ މީހުންނަކީ ބުދު ދީނުގެ މީހުން ކަމުން، އިނގިރޭސި ވިލާތުފަދައިން މި ޤައުމުގައިވެސް، ދީނީ އެކި ކަންކަމަށް މީހުން ތަމްރީނުކުރުން އޮންނާނެކަން، މިކަމާ ފިކުރު ހިންގިކޮންމެ މީހަކަށް ވިސްނޭނެއެވެ. އެއީ، އިނގިރޭސިވިލާތުގައި ވެސް ފައްޅިތަކަށް މީހުން ތަމްރީނުކުރާ ތަންތަން ފައްޅިއާ ގުޅިފައި ހުންނާތީއެވެ. ސްރީ ލަންކާގައި މިތަމްރީނުދޭ މަރުކަޒުތަކަށް ކިޔަނީ ޕިރިވެނާއެވެ. {މި ލަފުޒު، ގިނަ ޢަދަދުތަކަށް އިޝާރާތް ކުރަން ބޭނުންކުރަނީ ޕިރިވެން އެވެ. ބަހަށް ލޯބިކުރައްވާ ބޭފުޅުންނަށް ސިންގަޅަ ބައެއް ލަފުޒުތަކުގައިހުންނަ ޕަވިޔަނީގެ އަޑު ފާފުގެ އަޑަށް ދިވެހި ބަހުގައި ބަދަލުވެފައިވާކަން އެނގިވަޑައިގަންނަވާނެއެވެ. މިސާލެއްގެ ގޮތުން، ސިންގަޅައިން ބްރިޖްއަށް ކިޔާ ”ޕާލަން“ ދިވެހިބަހުން ފާލަން އަށްވަނީ ބަދަލުވެފައެވެ. މިހެންކަމުން، ފިރިވެނާ އަދި ފިރިވެން މި ލަފުޒުތަކުން ހިތްޕުޅަށް ބައެއް ޚިޔާލުފުޅުތައް އަންނާއެވެ.} ސްރީ ލަންކާގައި ބުދުދީން ތަޢާރުފުވުމާ ގުޅިގެން ޕިރިވެނާތައް ހުންނާނެކަން ކަށަވަރެވެ.

ޕިރިވެނާ އަކީ ޕާލީ ބަހުން ”ޕަރިވެނަ“ ނުވަތަ ބުދު ދީނުގެ މޮންކުން އުޅޭ ގެޔަށް ކިޔާ ނަމެކެވެ. ނަމަވެސް މިހާރު ޕިރިވެނޭ މަޝްހޫރުވެފައިވަނީ ބުދު ދީނުގެ ތަޢުލީމުދޭ ތަންތަނުގެ ގޮތުގައެވެ. ބުދު ދީނުގެ ތަޢުލީމީ ރާހިބުން އުފެއްދުމަށާއި، ބުދުދީން ފެތުރުމަށް ޕިރިވެނާ އަކީ އެންމެ މުހިއްމު ރޯލު ކުޅޭ ތަނެވެ. ސްރީ ލަންކާގެ ހުރިހާ ބުދު ދީނުގެ ރަސްކަލުންނެއް އެކި ސަރަޙައްދުތަކުގައި ޕިރިވެނާތައް ޤާއިމްކުރިއެވެ. މިތަންތަނުން ބުދުދީން ދަސްކުރުމަށް ތައިލެންޑާއި ބަރުމާ އާއި ކެމްބޯޑިއާގެ ދަރިވަރުން ސްރީލަންކާއަށް އައިކަން ސާބިތުވެއެވެ. (ޕިރިވެނާތަކާއި ބުދުދީނުގެ ފައްޅިތައް އެޅުމަށް ސްރީ ލަންކާ އަށް ފަހުން ވެރިވި އިސްތިޢުމާރީ ބާރުތައް ވަރުގަދަޔަށް ދެކޮޅު ހެދިއެވެ. ނަމަވެސް 1980 ގެ އަހަރުތަކުގައި ސަރުކާރުގެ ޤާނޫނެއްގެ ދަށުން ޕިރިވެނާ ތަޢުލީމު، ސްރީ ލަންކާގައި މިހާރުވަނީ ރަސްމީކޮށް ޢާންމު ކުރެވިފައެވެ.) ކުރިން ބަޔާން ކުރެވުނުހެން ޕިރިވެނާތަކުން ދެމުން ގެންދިޔައީ ބުދުދީނާ ބެހޭ ތަޢުލީމެވެ. އެކި ފަންނުތައް ދަސްކުރަނީ މައިންބަފައިން ނުވަތަ އެހެންވެސް މަސައްކަތް ދަންނަ މާހިރެއްގެ ފަރާތުންނެވެ. ތަޢުލީމު ދިނުމުގައި ސަރުކާރުގެ އެއްވެސް ރޯލެއް ނޯވެއެވެ.

ސްރީ ލަންކާއަކީ އިސްތިޢުމާރީ ތިން ބާރަކުން ފަތަޙަ ކުރި ޤައުމެކެވެ. އެންމެ ފުރަތަމަ ޕޯޗުގީޒުންނެވެ. ދެން ހޮލަންޑްގެ (ޑަޗް) މީހުންނެވެ. ދެން އިނގިރޭސިންނެވެ. ސްރީލަންކާއަކީ 1600 ގެ އަހަރުތައް ފެށުނު އިރު އެއް ”ޤައުމެއް“ ނޫނެވެ. ސްރީ ލަންކާގައި އެތައް ރަސްކަލުންނެއް ތިއްބެވިއެވެ. އެކި ސަރަޙައްދު ތަކުގައެވެ. މި ރަސްރަސްކަލުންގެ ތެރޭގައި އޮންނަ ދެކޮޅުވެރިކަމުގެ ތެރެއިން، އެއްބަޔަކާ ގުޅި، ޕޯޗުގީޒުން ސްރީ ލަންކާއަށް ވިޔަފާރިކުރަން ފައިބާ، އެންމެ ފަހުން އެ ޤައުމުގެ އެކި ރަސްރަސްކަލުންގެ ސަރަޙައްދުތައް މަޑުމަޑުން ހިފަމުން ގެންދިޔައީ 1617 ވަނަ އަހަރުން ފެށިގެންނެވެ. ޕޯޗުގީޒުންނާއެކު އެމީހުން ނަޞާރާ ދީން ކަމުގައިވާ ”ރޯމަން ކެތޮލިކް“ މަޒުހަބުގެ ފާދިރީން އައެވެ. އަދި މިބައިމީހުން އެކި ހިސާބުތަކުގައި ފައްޅިތައް އަޅައި ފައްޅިއާ ގުޅިގެން ދީން ކިޔަވައިދޭ ސްކޫލްތައް ޤާއިމްކުރިއެވެ. ދީން ބަދަލުކުރުވުމަށް ތަޢުލީމާ އެކަން ގުޅުވުމަކީ، ނަޞާރާ އާދައެކެވެ. ޕޯޗުގީޒުން ސްރީ ލަންކާގެ އައްސޭރި ސަރަޙައްދުތައް ފަތަޙަ ކުރަމުން ގޮސް، ކެންޑީ ރަސްކަން ފިޔަވައި އެހެން ހުރިހާ ރަސްކަމެއް އެމީހުންގެ އަތްދަށަށް ގެންދިޔައެވެ. ޕޯޗުގީޒުންނާއި ކެންޑީ ރަސްކަމާ ދޭތެރެދޭތެރެއިން ހަނގުރާމަކުރެއެވެ. މި ދެކޮޅުވެރިކަމުގެ ތެރެއިން، ޕޯޗުގީޒުން ސްރީ ލަންކާއިން ފޮނުވާލުމަށް، ހޮލަންޑްގެ ވިޔަފާރި ކުންފުންޏަކާ ކެންޑީ ރަސްކަމާ މުޢާހަދާއެއްގައި ސޮއިކުރެވުނީ 1638 ވަނަ އަހަރުއެވެ. މި ކުންފުންޏަކީ ”ޑަޗް އީސްޓް އިންޑިޔާ ކޮމްޕެނީ“ އެވެ. އެ ކުންފުންޏަކީ ޤައުމުތަކަށް އަރައި ހިފައި، މީހުން މެރުމަށް ހޮލަންޑްގެ ސަރުކާރުން ”ހުއްދަ“ ދީފައިވާ ކުންފުންޏެކެވެ. ޑަޗް މީހުންނަށް، ސްރީ ލަންކާއިން މުޅިން ޕޯޗުގީޒުން ފޮނުވާލެވުނީ 1658 ވަނަ އަހަރުއެވެ. ކެންޑީ ސަރުކާރުން މުޢާހަދާގައިވާ ގޮތަށް ހަނގުރާމައިގެ ޚަރަދުނުދޭކަމަށް ބުނެ ޑަޗް މީހުން ސްރީ ލަންކާއިން ފޮނުވާލެވުނު ޕޯޗުގީޒުމީހުން އުޅުނު ބިންތަކާއި ބާރުފޯރުވި ސަރަޙައްދު އަމިއްލަކޮށްލީއެވެ. ޑަޗް މީހުންނަކީ ނަޞާރާ ދީނުގެ ރޯމަން ކެތޮލިކް މަޒުހަބާ ވަރަށް އިދިކޮޅު މަޒުހަބެއް ކަމުގައިވާ ”ކެލްވިނިޒަމް“ އަށް ނިސްބަތްވާ ބައެކެވެ. ޕޯޗުގީޒުމީހުން ޤާއިމްކުރި ފައްޅިތައް ޑަޗް މީހުންގެ މަޒުހަބުތަކަށް ބަދަލުކޮށް އެ ފައްޅިތަކާ ގުޅިގެން މަދަރުސާތައް ޤާއިމްކުރިއެވެ. އަދި އިތުރު މިފަދަ ތަންތަން ބިނާކުރިއެވެ. ސްކޫލްއެއްގައި ކިޔަވައިދޭން ހުންނަ ހަމައެކަނި މުދައްރިސަށް މުސާރަދެނީ ޑަޗް މީހުންނެވެ. ނަމަވެސް، މީނާގެ މައިގަޑު އެހެން މަސައްކަތްތައް ހިމެނެއެވެ. ވިހާ މަރުވާ މީހުންނާއި ކައިވެނީގެ ހިސާބުތައް ބެލެހެއްޓުމެވެ. ސްކޫލްތަކުގައި ކިޔަވައިދެނީ ދީނާއި ލިޔަންކިޔަން ދަތުމާއި ހިސާބެވެ. ދީން ކިޔަވައިދިނުމަށް ބޭނުންވާ މުދައްރިސުން އުފެއްދުމަށް ދެ ”ސެމިނަރީއެއް“ ޑަޗް މީހުން ޤާއިމްކުރިއެވެ. މިތަނުގައި ދީނީ ކަންތައްތަކުގެ އިތުރަށް ލެޓިން އާއި ޑަޗް ބަސް ކިޔަވާދިނެވެ. އަށާވަނަ ޤަރުނުގެ ފަހު އަހަރުތަކުގައި، މަދު ބައެއް މީހުން ހޮލަންޑް އަށް އިތުރަށް ކިޔަވަން ފޮނުވިއެވެ.

ޑިސިލްވާ (1981) ބަޔާންކުރާ ގޮތުގައި، އިނގިރޭސިންގެ ދަށަށް ސްރީ ލަންކާ ދާން ދިމާވިގޮތަކީ ޔޫރަޕުގައި ހިނގި ހަނގުރާމެއެއްގެ ސަބަބުންނެވެ. މަޝްހޫރު ފަރަންސޭސި އިންޤިލާބުގައި، ޑަޗް ސަރުކާރުން ތާއީދުކުރީ އިންޤިލާބާ ދެކޮޅަށްކަމުން، އިންޤިލާބު ކާމިޔާބުވުމުން، ޑަޗް ސަރުކާރާ ދެކޮޅަށް ފަރަންސޭސީންގެ ބައެއް، ހޮލަންޑް އަށް އަރައި އެތަން ހިފީއެވެ. އެތަނުގައި ހުރި، ރަސްގެފާނު، އިނގިރޭސިވިލާތަށް ފިލަން ދިއުމުން، އިނގިރޭސި ސަރުކާރުގެ ނުފޫޒުން ހޮލަންޑް އަށް ނިސްބަތްވާ ކޮލޮނީތައް ނުވަތަ ސަރަޙައްދުތައް، ފަރަންސޭސީންގެ ނުރައްކަލުން ސަލާމަތްކުރުމަށް ”ފަހުން އަނބުރާދޭގޮތަށް ދިނުމަށް“ ހޮލަންޑް ރަސްގެފާނު ރަސްމީ ސިޓީއެއް ކޮލޮނީތަކުގެ ގަވަރުނަރުންނަށް ލިޔުނެވެ. މިފަދަ ސިޓީއެއް، ސްރީ ލަންކާގައި ހުރި ޑަޗް ގަވަރުނަރަށް ލިބުމުން އިނގިރޭސިން ރަށަށް ފައިބާން ހުއްދަދިނެވެ. ނަމަވެސް، އިނގިރޭސިން މާ ”އަތްގަދަ“ ކުރަން ފެށުމުން އެމީހުން ފައްސާލަން ވެގެން ޑަޗް ގަވަރުނަރު މަސައްކަތް ފެށިއިރު ޑަޗް މީހުން ބަރޯސާވާ ސްރީ ލަންކާގައި ތިބި ސްވިސް ލަޝްކަރަށް ވަނީ އިނގިރޭސީން ރިޝްވަތުދީ އިނގިރޭސީންގެ އަތްދަށަށް ގެނެސްފައެވެ. 1796 ވަނަ އަހަރު، މާބޮޑު ހަނގުރާމަކުރުމެއް ނެތި، ޑަޗް މީހުން އިނގިރޭސިންގެ އަތްދަށު ވެއްޖެއެވެ. އަދި 1802 ވަނަ އަހަރު ޑަޗް މީހުންނާ ކުރެވުނު އެއްބަސްވުމެއްގެ ދަށުން، ޑަޗް ހުރިހާ ސަރަޙައްދެއް ވެސް އިނގިރޭސީންގެ ތަންތަނަށް ވެއްޖެއެވެ. މިނިވަންކޮށް އޮތް ކެންޑީ ރަސްކަން ވެސް 1815 ވަނަ އަހަރު، އިނގިރޭސިން ފަތަޙަކޮށް ވެރިޔަކަށް ހުރި ކެންޑީ ރަސްގެފާނު އިންޑިޔާއަށް އެރުވާލެވުނެވެ. މިކަންތައްތައް ހިނގިއިރު، އިނގިރޭސީން، ޑަޗް ކޮލޮނީތައް ބޭނުންވެގެން ސައްލާކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.

އިނގިރޭސިން ވެސް، ޑަޗް މީހުން ޤާއިމްކޮށްފައިވާ މަދަރުސާތައް ކުރިއަށް ގެންދިޔައެވެ. އަދި، އިނގިރޭސިން ވެސް، މަދަރުސާތައް ޤާއިމްކުރަމުން ދިޔައީ ދީން ފެތުރުމުގެ ބޭނުމުގައެވެ. ޑަޗް މީހުންނެކޭ އެއްގޮތަށް، ސްރީ ލަންކާގެ ސަރުކާރުގެ ވަޒީފާތައް ލިބެނީ ހަމައެކަނި ނަޞާރާވާ މީހުންނަށް އެކަންޏެވެ. ސްރީ ލަންކާގައި ހުންނަ އެންމެ ގިނަ ދުވަސްވީ އަދިވެސް ކުރިއަށްދާ މަދަރުސާއަކީ، ރިޗްމަންޑް ކޮލެޖް ނަމަކަށް ކިޔާ ގާލީގައި ހުންނަ މަދަރުސާއެކެވެ. މި މަދަރުސާ އުފެދެން ދިމާވި ގޮތް، ސާފުކޮށް ތާރީޚުން އެނގެން އޮވެއެވެ (ރިޗްމަންޑް ކޮލެޖް، 2013). އެކަން ފެށިގެން އައި ގޮތަކީ، އިނގިރޭސި ވިލާތުގެ ނަޞާރާދީނުގެ މަޒުހަބެއްގެ ހަތް މީހުން ދީން ފެތުރުމަށް 1813 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އިނގިރޭސި ވިލާތުން ފުރައިގެން އައިސް، ސްރީ ލަންކާގައި ވަޒަންވެރިވީއެވެ. މި މަދަރުސާ ޤާއިމްކުރި ނަޞާރާ މިޝަނަރީންނަކީ ނުވަތަ ދީން ފަތުރާ މީހުންނަކީ، ނަޞާރާދީނުގެ އެހެން މަޒުހަބުތަކަށް ވުރެ ދީން ފެތުރުމަށް އަރާ ތިބި ބައެކެވެ. މި މަޒުހަބަށް ކިޔަނީ ވެސްލިޔަން މަޒުހަބެވެ. މިބައިމީހުން ނަވާރަ ވަނަ ޤަރުނުގައި ސްރީ ލަންކާގެ އެކި ސަހަރުތަކުގައި 18 ވަރަކަށް މަދަރުސާ ޤާއިމްކުރި އެވެ. އެންމެ ފުރަތަމަ ދިމާވެދާނެ މައްސަލަތަކަށް ވިސްނާ، ކެންޑީގައި މިފަދަ ސްކޫލެއް ޤާއިމެއް ނުކުރެއެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ނަޞާރާދީނުގެ ޖަމާޢަތްތަކުން، އިނގިރޭސި ސަރުކާރަށް ނުފޫޒު ފޯރުވައިގެން، ދީން ފެތުރުމަށް އެކިއެކި ނަޞާރާ ޖަމާޢަތްތަކުން ފެށިއެވެ. 1823 ވަނަ އަހަރު ނަޞާރާދީނަށް ނިސްބަތްވާ 5 މަދަރުސާ ކެންޑީގައި އެމީހުން ޤާއިމްކުރިއެވެ. މި ދުވަސްވަރު، ނަޞާރާ މުއައްސަސާތަކުން ހިންގާ ސްކޫލްތަކުގެ އިތުރަށް އެހެން ސްކޫލްތައް ސްރީ ލަންކާގެ އިނގިރޭސި ސަރުކާރުންނާއި މުއްސަދިން ހިންގިއެވެ. ނަމަވެސް، މިސްކޫލްތައް ހިންގުމަށް ސިޔާސަތެއް އުޞޫލެއް ނޯވެއެވެ. އެހެންކަމާއެކު، 1831 ވަނަ އަހަރު، ސްރީ ލަންކާއަށް ފޮނުވި އިނގިރޭސި ވަފުދަކުން (ކޯލްބްރޫކް ކޮމިޝަނުން) ސްކޫލް ކޮމިޝަން އެއް އުފައްދަން ހުށަހެޅި، ސްކޫލްތައް ސްޕަވައިޒުކޮށް ބެލެހެއްޓުމަށް ނިންމުނެވެ. އެއީ ނަޞާރާ މުއައްސަސާތަކުގެ ސްކޫލްތަކަށް ވުރެ ސަރުކާރުގެ ސްކޫލްތައް ހަރުދަނާކުރުމަށެވެ. ނަމަވެސް ސަރުކާރުން ހިންގަނީ މަދު ސްކޫލެކެވެ. 1883 ވަނަ އަހަރު، ސްރީލަންކާގެ ކުޑަކުދިންގެ ތެރެއިން 2/3 ފިރިހެން ކުދިންނާއި 5/6 އަންހެން ކުދިން އެއްވެސް ގޮތަކަށް ސްކޫލަކަށް ނުދެއެވެ. 1900 ވަނަ އަހަރު ސްރީ ލަންކާގެ ލިޔަންކިޔަން އެނގުމުގެނިސްބަތަކީ %22 އެވެ. 1930 ވަނަ އަހަރު ސަރުކާރުގެ 1490 ސްކޫލް ހުރި އިރު، ނަޞާރާ މުއައްސަސާތަކުން 2122 ސްކޫލް ހިންގިއެވެ. ސްރީ ލަންކާގައި ސަރުކާރުން ފެށި ފުރަތަމަ ސެކަންޑަރީ ސްކޫލަކީ 1836 ވަނަ އަހަރު ޤާއިމްކުރި ރޯޔަލް ކޮލެޖެވެ. ސްރީ ލަންކާގައި ސެކަންޑަރީ ފެންވަރަށް ކިޔަވައިދެމުން ގެންދިޔައީ އިނގިރޭސި ބަހުންނެވެ. ސާނަވީ މަދުރަސާތައް ވެސް އެހާ މަދެވެ. 1944 ވަނަ އަހަރު މުޅި ސްރީ ލަންކާގައި ހުރީ ސަރުކާރުން ހިންގާ 54 ސާނަވީ ސްކޫލެވެ. 1870 ވަނަ އަހަރު މެޑިކަލް ކޮލެޖް އަކާއި 1874 ވަނަ އަހަރު ލޯ ކޮލެޖެއް ޤާއިމްކުރެވުނެވެ. 1912 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ލަންޑަން އާ ގުޅިގެން ރޯޔަލް ކޮލެޖްގައި ޔުނިވަރސިޓީ ތަޢުލީމުދޭން ފެށުނެވެ. ނަމަވެސް، އަހުލުވެރިންގެ ގިނަ ބަޔަކު އެކަމަށް އެދުނު ކަމުގައި ވިޔަސް ސްރީ ލަންކާގައި ޔުނިވަރސިޓީއެއް ޤާއިމްކުރުމަކަށް އިނގިރޭސިން އެއްބަހެއް ނުވިއެވެ. ޔުނިވަރސިޓީ ޤާއިމްކުރެވުނީ 1942 ވަނަ އަހަރުއެވެ. މީގެ ކުރިން ސްރީ ލަންކާގެ މީހުން ޔުނިވަރސިޓީ ތަޢުލީމު ހޯދަނީ އިންޑިޔާ ނުވަތަ އިނގިރޭސިވިލާތަށް ގޮސްގެންނެވެ. 1945 ވަނަ އަހަރު، ސްރީ ލަންކާގައި ސްކޫލުން ފެށިގެން ޔުނިވަރސިޓީއާ ހަމައަށް ހިލޭ ކިޔަވައިދޭ ގޮތަށް ސަރުކާރުން ނިންމިއެވެ. އިނގިރޭސި ވިލާތަށް ވުރެ ވެސް ކުރިން ހިލޭ ތަޢުލީމުދޭން ފެށުނީއެވެ.

ސްރީ ލަންކާގެ ވާހަކަތައް މިހާ ތަފްޞީލުކޮށް ބަޔާންކުރީ، ސިލޯނުގައި ހިނގަމުންދިޔަ ބައެއް ކަންކަން ރާއްޖޭގައި ތަކުރާރުވާނެތީ އެވެ.

ދިވެހިރާއްޖޭގައި ތަޢުލީމު ދެވެން ފެށުނު ގޮތް

ތަޢުލީމު ދިނުން ތިން ޤައުމެއްގައި އޮތްގޮތް ޚުލާޞާކޮށްލުމަށްފަހު، ދެން ދިވެހިރާއްޖޭގެ ޤަދީމީ ތަޢުލީމުގެ ތާރީޚަށް ބަލާލަމާތޯއެވެ؟ އާދެ، މީލާދީގޮތުން 1153 ވަނަ އަހަރުގެ ކުރީގައި ރާއްޖޭގެ ރައްޔިތުންނަކީ އަވަށްޓެރި ސްރީ ލަންކާގެ އަހުލުވެރިން ފަދައިން ބުޑިސްޓުންނެވެ. ބޫޒީންނެވެ. ބުދު ދީނުގެ މީހުންނެވެ. އަދި ކިއެއްތޯއެވެ؟ އެ ޒަމާނުގައި ދިވެސް އަކުރުން ލިޔެފައިވާ ލިޔުންތައް، ސްރީ ލަންކާގެ މިހާރުގެ ޢިލްމުވެރިންނަށް ފަސޭހަކަމާއެކު ކިޔަން އެނގެއެވެ. އެހެންކަމުން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ސަގާފީ ގާތްގުޅުމާ މެދު، ރީބައަށް ޖާގައެއް ނެތެވެ. އެހެންކަމުން، ރާއްޖޭގައި އެ ޒަމާނުގައި ޕިރިވެނާތައް ހުންނާނެކަމާ މެދު އެއްވެސް ބޭފުޅަކު އިންކާރެއް ނުކުރައްވާނެއެވެ. ޕިރިވެނާއަކީ ކުރިން ބަޔާންކުރެވުނު ފަދައިން، ބުދުދީނުގެ ރާހިބުންނަށް ކިޔަވައިދިނުމަށްޓަކައި ޤާއިމްކޮށްފައި ހުންނަ ތަންތަނެވެ. ރާހިބަކަށް ވެވޭނީ ޕިރިވެނާއަކުން ވަކި މިންވަރަކަށް ކިޔެވުމުންނެވެ.އެޗް.ސީ.ޕީ ބެލްގެ ފޮތުގައި، ރާއްޖޭގެ އެކިރަށްރަށުގައި ވީރާނާ ވެފައިވާ ބައެއް ޕިރިވެނާތަކުގެ ކުރެހުންތައް ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން، 1153 ވަނަ އަހަރުގެ ކުރިން، އާދެ! މީލާދީން 12 ވަނަ ޤަރުނުގެ ކުރީގައި ރާއްޖޭގައި އޭރު އުޅުނު ދީންވެރި މީހުން، ބޫޒީންގެ ތަޢުލީމު ލިބިގަންނަން ޕިރިވެނާ ތަކަށް ދިޔަކަން ޔަޤީންއެވެ. މި ދުވަސްވަރު، ޕިރިވެނާތަކުގެ ތަޢުލީމުގެ މުޤައްރަރު ވަރަށް ހަނިވާނެއެވެ. އަދި މިހާރުހެން ކަރަންޓް އަލި އޭރު ނުހުންނާނެތީ، ކިޔަވައިދޭ ވަގުތުތައް މަދުވާނެކަންވެސް ޔަޤީންއެވެ. މިހާރަށް ވުރެ ކިޔަވަންޖެހޭ ތަކެތި ވެސް އޭރު މަދުވާނެއެވެ. ވަރަށް މަދުވާނެއެވެ. މައިގަނޑު ގޮތެއްގައި، މި ކިޔެވުމުގެ ބޭނުމަކަށް ވެފައި އޮންނާނި ދެކަމެކެވެ. އެއް ކަމަކީ ބުދު ދީނަށް މީހުން އުޅެން ބޭނުންވާ އަސާސީ ތަޢުލީމު ކިޔަވައިދިނުމެވެ. އަދި ކިޔަވާ ދަރިވަރުންގެ ތެރެއިން، މޮޅު ކުދިންތައް، ބުދު ދީނުގެ އެދުރުންނަށް ހެދުމެވެ. ސްރީ ލަންކާ އާއި ރާއްޖެއާ އޮންނަނީ މައިގަނޑު އެއްދީނެއް ކަމުން، ރާއްޖެ އިސްލާމްވުމުގެ ކުރީގައި އުޅުނު އެދުރުންނަކީ، ސްރީ ލަންކާ އާއި އަދި އިންޑިޔާގައި ހުންނަ ބޫޒީންގެ ބޮޑެތި ދަރުސްގާހުތަކުން ކިޔަވައިފާވާ އެދުރުންނަށް ވުމަކީ ދާދި ގާތްކަމެކެވެ. އަދި، އެދުވަސްވަރު، ރާއްޖޭގައި ވެސް، މި ބޫޒީންގެ ތަޢުލީމުގެ ޚާއްޞަ މަރުކަޒުތައް ހުންނާނެކަން ކަށަވަރެވެ. އަޅުގަނޑުމެން މި ދައްކަނީ މީގެ 860 އަހަރު ކުރީގެ ޙާލަތުގެ ވާހަކައެވެ. އޭރު ރާއްޖޭގައި އުޅޭ މީސްކޮޅު ވަރަށް މަދުވާނެތީ، މީހުން ދިރިއުޅެފައިވާނީ ވަރަށް މަދު ރަށެއްގައެވެ. އެކަން އެނގެނީ 1911 ވަނަ އަހަރުގެ ބޯހިމެނުގައި ދިވެހިރާއްޖޭގައި އުޅޭކަމަށް ބަޔާންކޮށްފައިވަނީ 72 ހާސްމީހުންނެވެ. އާބާދީ ދެ ގުނައަށް އިތުރުވެފައިވަނީ އޭގެ 60 އަހަރު ފަހުންނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އާބާދީ، މީލާދީން 1100 ވަނަ އަހަރު ދިހަހާހަށްވުރެ ބޮޑުވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. އާބާދީ ގިނަވާ ނިސްބަތަށް ބަލާނަމަ، މި ޢަދަދު ވެސް ޑަބަލް ބޮޑެވެ. މި ޖުމުލަ އާބާދީ އެކި ރަށްތަކަށް ބަހާލުމުން ރަށެއްގެ އާބާދީގެ ކުޑަކަން އަޅުގަނޑުމެނަށް ތަޞައްވަރު ކުރެވޭނެއެވެ.

އެޗް.ސީ.ޕީ ބެލް ދިވެހިރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ލިޔުނު ފޮތުގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުން ދާގަބާތަކާއި ޕިރިވެނާތައް ފެނިފައިވާ ކަމަކަށް ލިޔެފައެއް ނުވެއެވެ. ނަމަވެސް، ކުރީގެ އާސާރީ ތަންތަނުން ޕިރިވެނާތައް ފެނިފައި ވެއެވެ. ފޮޓޯ 1 ގައި އެވަނީ ހައްދުންމަތީ ގަމުގެ ހުރި ޕިރިވެނާއެއްގެ ކުރެހުމެކެވެ (ޕްލޭޓް 16).

pirivenaaތަސްވީރު 1: ހައްދުންމަތީގައި ހުރި ޕރިވެނާއެއްގެ ކުރެހުން (ބެލްގެ 16 ވަނަ ޕްލޭޓް)

ބެލްގެ ފޮތުގައި ދަނޑިފަނުން ހަދާފައި ހުރި މިސްކިތެއްގެ ފޮޓޯއެއް ވެއެވެ. އެއީ އެ ދުވަސްވަރު ރާއްޖޭގެ އެތައް މިސްކިތެއް ހުރި ގޮތެވެ. އެހެން ކަމުން، ބުދުދީނުގެ މީހުން ރާއްޖޭގައި އުޅުނުއިރު، އެމީހުންގެ އަޅުކަމާ ބެހޭ ހުރިހާ ތަނެއް ހަދާފައި ހުންނާނީ ގަލަކުން ނޫންކަމަށް ލަފާ ކުރެވެއެވެ. އެހެން ކަމުން އެދުވަސްވަރު ހުރިޕިރިވެނާތަކުގެ އަސަރުތަކެއް މިހާރަކު ފެންނާކަށް ނުހުންނާނެއެވެ. އެތަންތަން ވާނީ ވީރާނާ ވެފައެވެ.

މުޙައްމަދު އަމީން ލިޔުއްވި ”ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަން ކޮޅު“ މިފޮތުގައި، ދިވެހިރާއްޖެ އިސްލާވި ކަމަށް ބަޔާންކޮށްފައިވަނީ 1153މ ވަނަ އަހަރުއެވެ. އެއީ އަބޫލްބަރަކާތުލް ބަރުބަރީގެ އަތްޕުޅުގެ މައްޗަށެވެ. ރާއްޖެ އިސްލާމްވުމަށް ފަހު، ދެންވީ ކިހިނެއް ބާވައެވެ؟ މިސުވާލުގެ ޖަވާބު ވެސް، މިކަމާ ފިކުރު ހިންގާލުމުން ފަސޭހައިން ލިބޭނެއެވެ. ހަމަކަށަވަރުން، ކުއްލިގޮތަކަށް، އިސްލާމް ދީނުގެ ޢިލްމު އުނގަންނައިދޭނޭ އެދުރުންނެއް އެވަގުތަކު ނުލިބޭނެއެވެ. އެހެންކަމުން، އިސްލާމްދީން، ރާއްޖޭގެ ރަސްމީ ދީނަށް ވުމަށްފަހު، ލަފާކުރެވޭ ގޮތުގައި، އިސްލާމް ދީނުގެ ހަމަތައް އޮޅުންފިލުވައިދި ނުމަށް ވަކި މަރުކަޒެއް އުފައްދައި، މީހުންނަށް ކަންކަން އޮޅުންފިލުވައި ދިނުމަށްފަހު އެކި ރަށްރަށަށް ފޮނުވާނީ އެވެ. ނޫނީ މީހުން ތަމްރީނު ކުރުމަށް އެކި ރަށްރަށުން އެކަށީގެންވާ މީހުން ވަކި ތަނަކަށް ޖަމާކުރާނީއެވެ. މިކަމުގައި އިސްވެ އުޅުއްވާފައިވާނީ އަބޫލްބަރަކާތުލް ބަރުބަރީއެވެ. މުޙައްމަދު ޖަމީލު (1985،ޞ 22) ފާހަގަ ކޮށްފައިވާ ގޮތުގައި އަބޫލްބަރަކާތުލް ބަރުބަރީ ”މި ދުނިޔެ ދޫކުރައްވައި، ކަލާނގެ ޙަޟްރަތަށް ދަތުރުކުރައްވައިފުމަށް ދާންދެން، ދިވެހީންނަށް އިސްލާމްދީން ގެ ތަޢުލީމު ދެއްވާން ދަރުމަވަންތަ މަހާރަދުންގެ އަރިހުގައި ހުންނެވިއެވެ.“ އެއަށް ފަހު، ދެން ވަޑައިގެން ތަޢުލީމު ފެތުރުއްވެވި ޢިލްމުވެރިޔަކީ ބޭރުން ވަޑައިގެން ނޫރައްދީނު ޒައިދާނީ ކަމަށް މުޙައްމަދު ޖަމީލު ފާހަގަ ކޮށްފައި ވެއެވެ. އެއީ ޢުމަރުވީރު ރަސްކަމުގައި (1305–1335މ) އެވެ. ޢިބްނު ބަޠޫޠާ ރާއްޖެ އައިއިރު (1343މ) ފަޑިޔާރުކަމުގައި ހުންނެވީ ޔަމަނު ކަރައިގެ ފަޤީހުއެއް ކަމުގައިވާ ޢީސަލް ޔަމާނީ އެވެ. ދެން ފާހަގަކޮށްލެވޭ ޢިލްމުވެރިޔަކީ ފަޑިޔާރުކަމާއި ރަސްކަން ކުރެއްވި ދަންނަ މުޙައްމަދު ރަސްގެފާނެވެ. އެ މަނިކުފާނު ފަޑިޔާރުކަން ކުރެއްވީ 1397މ އިން 1409މ އަށެވެ. ދެން، ރަދުނަކު ކަފަބަދެ ރޯކޮށްލި ފަޤީޙް ޙަސަން ޝީރާޒީއެވެ. އެއީ 1467މ ގައެވެ. ދެން އެއަށް ފަހު، މަދީނާގެ ޢިލްމުވެރިއެއް ކަމަށްވާ ސުލެއިމާނު އެވެ. މުޙައްމަދު ޖަމީލު (1985) ފާހަގަކޮށްފައިވާ ގޮތުގައި، ސުލައިމާނު ތަޢުލީމު ފަތުރުއްވަމުން ގެންދެވާ އޭނާ ނިޔާވުމަށްފަހު، އޭނާގެ ތަޢުލީމުގެ އަސަރުތައް ފިލަމުން ގޮސް މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެ ގޮސްފިއެވެ. އެއީ 1558މ ގައެވެ. ފޯޗުގީޒުންގެ ދުވަސްވަރު ރާއްޖޭގެ ތަޢުލީމުގެ ފެންވަރު ވަނީ ވަރަށް ދަށުގައެވެ. މިވާހަކަތައް، ޙުސައިން ޞަލާޙުއްދީނު ލިޔުއްވި ބޮޑުތަކުރުފާނުގެ ވާހަކައިގައި ބަޔާން ކޮށްފައި ވެއެވެ.

1153މ އިން ފެށިގެން 1900މ އަހަރާ ދެމެދު ރާއްޖެއާ ބެހޭ ގޮތުން ބޭރުގެ ތިން ފަރާތަކުން ލިޔެފައިވާ ލިޔުން އަޅުގަނޑުމެންނާ ހިސާބަށް އައިސްފައި ވެއެވެ. އެއް ފަރާތަކީ ޢަރަބި ސައްޔާޙެއް ކަމުގައިވާ އިބްނު ބަޠޫތާއެވެ. ދެން ރާއްޖޭއަށް އުރުނު ނަވެއްގެ ފަޅުވެރިއެއްކަމަށްވާ ޕިރާޑެވެ. ދެން މާފަހުން ރާއްޖޭގެ ޗާޓުކުރެހުމުގެ ކަންތައްތަކާއިގެން އައި ކެޕްޓަން މޯރސްބީގެ ދެ ސާވެޔާރުންނެވެ. އާދެ! ދިވެހިރާއްޖެއާ ބެހޭ ގޮތުން އިނގިރޭސިންނަށް އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާތީ، މޯރސްބީގެ ދެ ސާވޭޔަރުން ކަމުގައިވާ ލެފްޓިނަންޓް ޔަން އާއި ލެފްޓިނަންޓް ކްރިސްޓަފަރ ޖޫން 1834 ގައި މާލެ ބޭލުމުން އެމީހުން ލިޔެފައިވާ ބަޔާނެކެވެ (މާރކަމް، 1871). މި ތިން ފަރާތުން ރާއްޖޭގެ ތަޢުލީމާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކަށް ބަލާލަމާތޯއެވެ؟

މިތިން މީހުންގެ ތެރެއިން، އެންމެ ފުރަތަމަ ރާއްޖެއައީ މަޣްރިބު ކަރައިގެ މަޝްހޫރު ސައްޔާޙު އިބްނު ބަޠޫޠާއެވެ. 1949 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ”ތަންޤީޙް ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު“ މިފޮތުގައި މުޙައްމަދު އަމީނު، ރާއްޖެއާ ބެހޭ ގޮތުން އިބްނު ބަޠޫޠާގެ ލިޔުއްވުންތައް ތަރުޖަމާ ކުރައްވާފައި ވެއެވެ. މިފޮތް 2002 ވަނަ އަހަރު ޝާއިޢު ކޮށްފައިވަނީ މާލޭގައި، ނޮވެލްޓީ ޕްރެސް އިންނެވެ. އިބުނު ބަޠޫޠާ މާލެއައީ ހިޖުރީ ގޮތުން 744 ވަނަ އަހަރުއެވެ. އެއީ ރެހެންދި ޚަދީޖާގެ ފުރަތަމަ ރަސްކަމުގެ ދެވަނަ އަހަރެވެ. އެއީ މީލާދީގޮތުން 1343މ ވަނަ އަހަރުއެވެ.

އިބްނު ބަޠޫޠާ ދިވެހިރާއްޖޭގެ ތަޢުލީމާބެހޭ ގޮތުން އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ. ލިޔެކިޔުމާ ބެހޭ ގޮތުން އޭނާ 81 ވަނަ ޞަފުޙާގައި (މުޙައްމަދު އަމީން، 2001) އަންނަނިވި ގޮތަށް ބުނެއެވެ. ”އެމީހުން އަމުރުތައް ލިޔެއުޅެނީ ރުކުފަނުގައެވެ. އެ ލިޔަނީ، ގުދުކޮށްފައި އޮންނަ ދަގަޑު ކޮޅަކުންނެވެ. ޤުރްއާން ފޮތާއި، ޢިލްމުފޮތް ނޫން އެހެން އެއްޗެއް ކަރުދާހެއްގައި ނުލިޔެއެވެ.“ އޭނާ އައުމުގެ ތަންކޮޅެއް ކުރިން އޭރު ހުރި ފަޑިޔާރު މަރުވުމާ ގުޅިގެން އިބްނު ބަޠޫޠާއަށް ފަޑިޔާރުކަން ދިންވާހަކަ އާއި ދީނުގެ ބައެއް ޙުކުމްތައް އޭރު ރާއްޖޭގައި ކޮށްފައިވަނީ ފިޤުހުއާ އެއްގޮތަކަށް ނޫންކަމަށް ބަޔާން ކޮށްފައި ވެއެވެ. މިކަންކަމުން ރާއްޖޭގައި އެއިރު ޢިލްމުވެރިކަން ކުޑަކަމަށް ލަފާކުރެވެއެވެ. އިބްނު ބަޠޫޠާ ރާއްޖެއަށް ދެފަހަރަކަށް ޒިޔާރަތް ކުރިއެވެ. ފުރަތަމަ ފަހަރު ފުރި ތާރީޚް ކަމަށް އޭނާގެ ލިޔުމުގައި ބަޔާންކޮށްފައިވާ ހިޖުރީ ތާރީޚާ ދިމާވަނީ 24 އޯގަސްޓް 1344މ އާއެވެ. އޭނާގެ ބަޔާނުގައިވާ ހާދިސާތައް ހިނގުމަށް 8 މަސް ދުވަހަށް ވުރެ ގިނަދުވަސްވާނެތީ އޭނާ ރާއްޖެއައިކަމަށް ބޮޑަށް ލަފާކުރެވެނީ 1343މ ގައެވެ. އޭނާ ދެވަނަ ފަހަރަށް ފުރިއިރު، 2 އަހަރުގެ ކުއްޖަކު ހުއްޓެތީވެ، އޭނާ ދެވަނަ ފަހަރަށް ރާއްޖެ އައީ 1346މ. ވަނަ އަހަރުކަމަށް ލަފާކުރެއެވެ. އެ ފަހަރު ރާއްޖޭގައި އޭނާ މަޑެއް ނުކުރެއެވެ.

ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން އެންމެ ދިގު ބަޔާންތަކެއް ދެން ލިޔެފައިވާކަމަށް ފެންނަނީ ފަރަންސޭސިއެއް ކަމަށް ވާ ޕިރޭޑެވެ. ލާވަލް ކިޔާ ސަހަރަކަށް ނިސްބަތްވާ ޕިރާޑެވެ. ފަރަންސޭސި ވިލާތުން ފުރައިގެން އަސޭކަރަޔަށް ދިޔަ ދަތުރުގައި، ޕިރާޑް ދަތުރުކުރަމުން ދިޔަ ”ކޯރބިން“ ގޮއިދޫ ފަރަށް އުރުނީ 3 ޖުލައި 1602މ ގައެވެ. އޭނާ 1607 ފެބްރުއަރީ އާ ހަމައަށް ރާއްޖޭގައި އުޅުނެވެ. އެނބުރި ރަށަށް ދިއުމަށްފަހު، އޭނާގެ ދަތުރުނާމާ، ފަރަންސޭސިބަހުން ލިޔެ ޗާޕުކުރިއެވެ. އަދި އެފޮތް އިނގިރޭސި ބަހުން، ތަރުޖަމާ ކުރެވުނެވެ. އެ ފޮތުގައި ދިވެހިރާއްޖެއާ ބެހޭގޮތުން ހިމެނޭ ބައި މީރުބަހުރު މުޙައްމަދު އިސްމާޢީލް ދީދީ ދިވެހިބަހަށް ތަރުޖަމާ ކުރެއްވިއެވެ. ފޮތުގެ 211 ވަނަ ޞަފުޙާގައި ޕިރާޑު ބުނެއެވެ (މުޙައްމަދު އިސްމާޢީލް ދީދީ، 1995).

ނުވައަހަރުވުމާއެކު އެކުދިންނަށް ކިޔަވައިދީ އެރަށުގައި ކޮށް އުޅޭ ކަސްރަތުތައް ދަސްކޮށްދޭން ފަށައެވެ. އެތާގައި ކިޔަވައިދިނުމަކީ ލިޔާން ކިޔާން ދަސްކޮށްދިނުމާ އަދި ޤުރުއާން ކިޔަވައިދިނުމެވެ. ދެން އެކުދީން ދިރިއުޅޭން ދަސްކޮށްދިނުމެވެ.

އެބައިމީހުން ތިންވައްތަރެއްގެ އަކުރު ބޭނުން ކުރެއެވެ. އެއް ވައްތަރަކީ ޢަރަބި އަކުރު ހިސާބަކަށް ބަދަލުކޮށްގެން ނުގުތާ ޖަހައިގެން އެމީހުން ބަހުން ކިޔޭނޭ ގޮތަށް ހެދުމެވެ. އަނެއް ވައްތަރަކީ ހަމައެކަނި ދިވެހިބަހަށް ހެދިފައިވާ އަކުރެކެވެ. ތިންވަނަ ވައްތަރަކީ، ޢާއްމުކޮށް ސިލޯނުގަޔާ އަދި އިންޑިޔާގެ ބައެއް ތަންތާގައި ގެންގުޅޭ އަކުރެކެވެ. އެބައިމީހުން ފިލާވަޅު ލިޔެދެނީ ލަކުޑީން ހަދާފައިވާ ތުނި ކުޑަ ފިލައެއް ގައެވެ. އެ ހުންނާނީ ވައްތަރެއްގެ މައްޓެއް އުގުޅާ ހުދުކޮށްފައެވެ. ކުޑަކުދީން ފިލާވަޅު ދަސްކުރުމަށް ފަހު، އެ ދޮވެލައިގެން އަކުރުތަކާ ހުދުކުލަ ފިލުވާލަނީ އެވެ. އެއަށްފަހު، އަލުން އެ ފިލާ ހުދުކުރަނީ އެވެ. އަނެއް ފަހަރު، އޭގައި ލިޔުމަށް ދާދެން ކުލަ ނުފިލާ ހުންނާނެއެވެ.

ބޮޑެތި ލިޔުންތައް އެބައިމީހުން ލިޔަނީ މާކަށިކެޔޮ މިނަންކިޔާ ގަހެއްގެ ފަތުގައެވެ. އެ ފަތުގެ ދިގުމިނަކީ ގާތްގަޑަކަށް ހަތް ފޫޓެވެ. ފުޅައުމިނަކީ އެއްފޫޓެވެ. މި ބުނި ފަތުން އެބައިމީހުން ފޮތްތައް ހަދާފައި ހުރެއެވެ. އެއިން ފޮތެއް ފީނުވެ މީހެއްގެ އުމުރަށް ވުރެ މާގިނަ ދުވަސްވާދެން ހުރެއެވެ. އެބައިމީހުންގެ ޅަކުދީންނަށް އަކުރު ދަސްކޮށްދޭން ފަށަނީ ހަނިދިގު ފިލައެއްގައި ލިޔެގެންނެވެ. އެއީ ވަރަށް އޮމާންކޮށް ތާހިރުކޮށް ހަދާފައިވާ އެއްޗެކެވެ. ދެން އޭގައި ފަތުރަނީ ރީތި ހިމުން ދޮންވެއްޔެވެ. ދެން އިލޮށިކޮޅަކުން އޭގައި އަކުރު ލިޔެގެން އެ ކުދީންނަށް ދަސްކޮށްދެނީއެވެ. އަދި އެޔާ އެއްގޮތަށް އަކުރު ލިޔާންވެސް ބުނެދެނީއެވެ. މި ވޮށުފިލާގައި ލިޔާ އަކުރަކީ ދާދި ފަސޭހައިން ފޮހެލެވޭ އެއްޗެކެވެ. އެ ކުދީންނަށް ލިޔެކިޔާން ދަސްކޮށްދޭން އެއް ގޮތަކަށް ވެސް ކަރުދާހުގެ ބޭނުމެއް ނުކުރެއެވެ.

ދިވެހީންގެ ކިޔަވާ ކުދީން އެދުރުބޭކަލުންނަށް ކަމޭހިތާ އަދަބުވަނީ އެކުދީންގެ ބަފައިން ފަދައިންނެވެ. މިހެންވެގެން އެކުދީންނަށް ކިޔަވައިދޭ އެދުރުބޭކަލުންނަކާ ނުއިނދެވޭނެއެވެ. އެއީ ކާވެނި ހެޔޮވާ މީހަކަސް ވަރިހަމައެވެ.

އެބައިމީހުންގެ ތެރޭ އަދި ވަކީން ބޮޑަށް ކިޔަވާފައިވާ ދަންނަބޭކަލުން އުޅެއެވެ. މީތެރޭ ޤުރުއާން ހިތުދަސް މީހުންނާ އަދި އެބައިމީހުންގެ ދީނީ ޤާނޫނުތަކާ އާދަކާދަތައް ދަސްކޮށްފައިވާމީހުން ހިމެނެނީ ކަތީބުން، މުދިމުން އަދި ނާއިބުންގެ ތެރޭގައެވެ. މިއީ އެންމެން ކަމޭހިތާ ބުޒުރަގުންނެވެ. ކަތީބުކަމާ ނާއިބުކަމަކީ ވާދަކުރާ ދެ މަޤާމެކެވެ. އެގޮތަކީ ކަތީބަކަށް ނައިބުކަމުގެ މަޤާމުވެސް ލިބިދާނެއެވެ. ހަމަ މިފަދައިން ނައިބަކަށް ކަތީބުކަންވެސް ލިބިދާނެއެވެ.

މުޙައްމަދު އިސްމާޢީލް ދީދީ، 1995، ޞ. 211

{ގަބުޅިތާނަ އަކުރުތައް އުފައްދާފައިވަނީ ޕޯޗުގީޒުންގެ ފަރާތުން ރާއްޖެ ސަލާމަތް ކުރުމާ ގުޅިގެން އެ ދުވަސްވަރުކަމަށް ޔަންގ އާއި ކްރިސްޓަފަރ ގެ ބަޔާނުގައި ވެއެވެ.} ތަޢުލީމާ ބެހޭ ގޮތުން ދެން އޭނާ ލިޔެފައިވާ ބަޔާން ވަނީ 212 ވަނަ ޞަފުޙާގައެވެ. އެ ޞަފުޙާގައި އޭނާ ހިސާބު ޢިލްމާ ބެހޭ ގޮތުން ބުނަނީ: ”ހިސާބު ޢިލްމަކީ އެތާގައި ވަރަށް ކުރިއަށް ގެންގޮސްފައިވާ ކަމެކެވެ. ޚާއްޞަކޮށް ޢިލްމު ނުޖޫމު ދަންނަމީހުން ވަރަށް ގިނައެވެ. ދުނިޔެ އުޅުމުގެ ކޮންމެ ކަމަކާއި މެދުވެސް އެބައިމީހުންނާ މަޝްވަރާކޮށް އިރުވަރު ހޯދާން ޖެހެއެވެ.“

ސްކޫލްތަކާ ބެހޭ ގޮތުން އޭނާ ލިޔެފައިވަނީ 214 ވަނަ ޞަފުޙާގައެވެ.

އެ ރަށްތަކުގެ މީހުންނަކީ ހަތިޔާރުން ބޭނުން ކުރާން ދަންނަ ބަޔަކަށްވުމާއިއެކު އެއިން ޢަމަލުވެސް ކުރާ ބައެކެވެ. ކަނޑި އައްޑަނައިގެ ބޭނުން ކުރާން ދަނެއެވެ. އަދި ދުނިދަޑީގައި ހެވިކަންވެސް ދަނެއެވެ. ކައިތު ވައްބަޑި ޖަހާން ދަންނަ އެކަމަށް ފަރިތަ ބައެކެވެ. އެތާގައި ހެވިކަން ދަސްކޮށްދޭ އިސްކޯލުތައް ހުރެއެވެ. އެތަންތާގެ ވެރިންނަކީ ވަރަށް ޢިއްޒަތްހުރި ކަމޭ ހިތެވޭ ބައެކެވެ. އެހެންކަމުން އެއިސްކޯލުތަކުގެ ވެރިކަން ލިބެނީ އެންމެ މަތީ ދަރަޖައިގެ އަމީރުންނަށެވެ.
މުޙައްމަދު އިސްމާޢީލް ދީދީ، 1995، ޞ. 214

މަތީގައިވާ ބަޔާންތަކުން، ރާއްޖޭގެ ތަޢުލީމާ މެދު އަޅުގަނޑުމެނަށް ދޭހަވަނީ ކޮންކަންތައްތަކެއްތޯއެވެ؟ ދެނެގަނެވޭނޭ ބައެއް ކަންކަމަކީ އެއިރުވެސް، އެދުރުބޭކަލުން ތިބޭ ކަމެވެ. އަދި ކުޑަކުދިންނަށް ކިޔަވާދިނުން އޮންނަކަމެވެ. ކިޔަވާދިނުމުގެ މުޤައްރަރުތަކުގައި ހިމެނެނީ ލިޔަންކިޔަން އެނގުމާއި ޤުރްއާން ކަމެވެ. އޭރުވެސް، ތާނަ އަކުރު ބޭނުން ކުރާ ކަމެވެ. ކަރުދާސް ރާއްޖެއަށް ޢާންމު އެއްޗެއްގެ ގޮތުގައި ތަޢާރުފުވެފައި ނުވާކަމެވެ. ފޮތްތައް ލިޔަނީ ސްރީ ލަންކާގައި އެދުވަސްވަރު ލިޔުނު ”އޯލާ“ ފަތުގައި ހެން މާކަށިކެޔޮ ފަތުން ފޮތް ހަދައިގެން ކަމެވެ. ހިސާބާއި ފަލަކީ ޢިލްމުވެރި މީހުން ދަރުބާރުގައި ތިއްބަވާ ކަމެވެ. ސަރުކާރުން ހިންގާ އާންމު ސްކޫލްތައް ހުންނަކަން ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހެވިކަން ދަސްކޮށްދޭ ސަރުކާރުން ހިންގާ ސްކޫލް ހުންނަ ކަމެވެ. ޕިރާޑްގެ ފޮތުގައިވާ ފަހުގެ ބަޔާންތަކުން، ހެވިކަން ދަސްކޮށްދޭ ހުންނަނީ އެންމެ ސްކޫލެކެވެ. އެބާވަތުގެ ދެވަނަ ސްކޫލެއް ޤާއިމްކުރެވުނީ ކަލާފާނު ރަސްކަމުގައި އޭނާގެ ތިމާގެ ބޭފުޅަކު ބޭރުން ކިޔަވައިގެން އައީމާކަމަށް ޕިރާޑުގެ ބަޔާނުގެ ފަހުކޮޅުގައި ވެއެވެ. އަދި މިތަންތަނުގެ ދެ ވެރިންނަކީ، ރަދުން އެކި މުހިއްމު ކަންކަމުގައި މަޝްވަރާ ކުރައްވާ ހަ މުސްކުޅީންގެ ތެރޭގައި (ހަ ވަރުގައި) ހިމެނޭ މީހުންކަމަށް ބަޔާންކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ޤަދީމީ ތަޢުލީމާ ބެހޭގޮތުން ދެން މުހިއްމު ބަޔާނެއް ލިޔުއްވާފައިވާ އެކަކީ މުޙައްމަދު ޖަމީލެވެ (1985). އޭނާގެ ”އުލޫމުގެ ޤުލްޝަން 1 (އެއްވަނަބައި)“ ގައި، ދިވެހިރާއްޖެ އިސްލާމްވި ފަހުން ތަޢުލީމު ދެވެމުން އައިގޮތް ބަޔާން ކޮށްފައި ވެއެވެ. މިފޮތް ލިޔުއްވާފައިވަނީ 1974 ވަނަ އަހަރުއެވެ. ޗާޕުކޮށްފައިވަނީ 1985 ވަނަ އަހަރު ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުންނެވެ. މީގެ ދެވަނަ ބައެއް ޝާއިޢުވިކަމަށް އެނގިފައެއް ނެތެވެ. މިފޮތުގެ 9 ވަނަ ޞަފުޙާގައި ޖަމީލުވިދާޅުވަނީ:

ރާއްޖޭގެ ތަޢުލީމަކީ، އެކި މީސްމީހުންގެ އަމިއްލަ އަތްމަތީން ހިގަމުން އައި ކަމެކެވެ. ވެރިކަމުގެ ފަރާތުން، އެކަމާއި މެދަކު އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނޯވެއެވެ. އެމީހަކު ދާން ބޭނުން ފަރާތަކަށް ގޮސް، ކިޔަވާނެ އެއްޗެއް ކިޔަވައިގެން އައުދެއެވެ. އެމީހަކު ބޭނުން ގޮތަކަށް ބޭނުން ތަނެއްގައި، ބޭނުން ބަޔަކަށް، ބޭނުން އެއްޗެއް ކިއަވައި ދެމުން ގެންދެއެވެ. … ކިޔަވައިދިނުމާއި ކިޔެވުން އޮންނަނީ އަމިއްލަ ކަމެއްގެ ގޮތުގައެވެ.
މިހެން މިކަންތައް ހިނގަމުން ދަނިކޮށް، ރާއްޖޭގެ ވެރިކަމުގެ ފަރާތުން، ދިވެހި ދަރީންނަށް، ”ފަރުޟު ޢިލްމު“ އުނގަންނައި ދެއްވުމަށްޓަކައި، އެދުރުގެއެއް ނުވަތަ މަދްރަސާއެއް އުފެއްދެވީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު އެވެ. (އިސްކަންދަރު ރަސްގެފާނެވެ). އެހެނީ އިސްކަންދަރު ރަސްގެފާނުންގެ ރަސްކަމުގެ ދުވަސްވަރުގައި، އެ ރަސްގެފާނު މާލޭ ހުކުރު މިސްކިތް އަލުން ބިނާކުރެއްވިއެވެ. … އިސްކަންދަރު ރަސްގެފާނު އެ މިސްކިތް ބިނާކުރެއްވީ ހިރިގަލުންނެވެ. އެކަން ނިމުނީ ހިޖުރައިން 1068ހ ވަނަ އަހަރުއެވެ. އެއަށްފަހު، 1068ހ ވަނަ އަހަރު ރަދުން ޙައްޖަށް ވަޑައިގަތެވެ. ޙައްޖުން އެބުރި މާލެ ވަޑައިގަތުމަށް ފަހު ހުކުރު މިސްކިތު ދެކުނު ދޮރޯށި ބިނާކުރެއްވިއެވެ. ދެ ފަރާތުގައި ބޮޑު ދެ އަށި ލައްވާފައެވެ. އަދި ދޮރޯށީގެ ތެރޭގައި، ކުދީންނަށް ޤްރުއާން އާއި ފަރުޟު ޢިލްމު އުގަންނައިދޭނޭ ފިޤުހުވެރިޔަކު ލައްވައި، އެކަމުގެ މައްޗަށް ތަކެތި ދެއްވައި ހަމަޖައްސަވައިފިއެވެ. މިއީ ދައުލަތުގެ ފަރާތުން މާލޭގައި ހިނގަމުން ދިޔަ ފުރަތަމަ މަދްރަސާއޭ ބުނެވިދާނެއެވެ. އޭގެ މާކުރީއްސުރެ، ގދ. ވާދޫގައި، ވާދޫ ދަންނަކަލޭގެފާނުންގެ މަދްރަސާ ހިގަމުން ދިޔަ ކަމީ ވަންހަނާ ވެގެން ވާނޭ ކަމެއް ނޫނެވެ…. ކޮންމެއަކަސް، އިސްކަންދަރު ރަސްގެފާނުންގެ މަދްރަސާ ހގިހައިތައް ދުވަހު ހިގައި، ހުއްޓި ދިޔަ ފަހުންވެސް، އަމިއްލަ ކިޔެވުންތަކާއި ކިޔަވައިދިނުން ތަކެއް ނުހުއްޓެއެވެ.
މުޙައްމަދު ޖަމީލު، 1985، ޞ. 9

މުޙައްމަދު ޖަމީލު ބަޔާން ކުރެއްވި ގޮތުގައި، ރާއްޖޭގައި ސަރުކާރުން ހިންގި ފުރަތަމަ މަދްރަސާ ފެށިފައިވާނީ ހިޖުރައިން 1069 ވަނަ އަހަރުއެވެ. އެއީ، ރަދުންނަށް ޙައްޖަށްފަހު މާލެވަޑައިގެންނެވޭނީ ކަނޑުދަތުރުކޮށް އަވަސް ވެގެން މަހެއް ހާ ދުވަސް ފަހުން ކަމުގައިވާތީއެވެ. އަދި ހުކުރު މިސްކިތު ދެކުނުފަރާތު ދޮރޯށި ބިނާކުރަން ވެސް މުއްދަތެއް ދާނެތީއެވެ. އެހެންކަމުން، އިސްކަންދަރު ރަސްގެފާނުގެ ”ސްކޫލް“ ފެށުނު ތާރީޚެއް ކަމަށް ބެލެވެނީ ހިޖުރައިން 1069 ވަނަ އަހަރު އެވެ. އެއީ މީލާދީ ގޮތުން، 1659 އަހަރު އެވެ. ޕިރާޑު ރާއްޖެއިން ފުރިތާ 52 އަހަރު ފަހުންނެވެ. މުޙައްމަދު ޖަމީލުގެ ބަޔާނުން އަޅުގަނޑުމެނަށް ދެން އެނގޭ އެއްޗަކީ، އިސްކަންދަރު ރަސްގެފާނުންގެ ”ސްކޫލް“ އުވި ދިޔަކަމެވެ. އެތަން އުވިގެން ދިޔަ އިރެއް ޖަމީލު ފާހަގަ ކުރައްވާފައެއް ނުވެއެވެ. ޔަޤީނުންވެސް ހިޖުރައިން 1400 ވަނަ އަހަރު ފެށުނު އިރަކު އެތަނެއް ނެތެވެ. ހުރިނަމަ އޭނާ އެވާހަކަ އެފޮތުގައި ބަޔާން ކުރީހެވެ.

ރާއްޖޭގެ ކަންތައްތައް އިނގިރޭސިންނަށް ނޭނގޭތީ، ދިވެހިރާއްޖޭގެ ޗާޓު ކުރެހުމަށް އައި ކެޕްޓަން މޯރސްބީގެ ދެ ސާރވޭޔަރަކު، 1834 ވަނަ އަހަރު އިތުރަށް ކަންތައްތައް އޮޅުން ފިލުވުމަށް މާލެއަށް ބޭލި ވާހަކަ ކުރިން ބަޔާން ކުރެވިއްޖެއެވެ. މުޙައްމަދު އިސްމާޢީލް ދީދީ (1981) ކްރިސްޓަފަރ އާއި ޔަންގ ލިޔެފައިވާ ބަޔާން ތަރުޖަމާ ކޮށްފައިވެއެވެ. ނަމަވެސް އެ ތަރުޖަމާ އަޞްލާ ތަފާތު ކަމަށް ފެންނާތީ ތިރީގައި އެވަނީ އަޅުގަނޑުމެންގެ ތަރުޖަމާއެވެ. އެ ދެމީހުން ތަޢުލީމާ ބެހޭ ގޮތުން ލިޔެފައިވަނީ އަންނިނިވި ގޮތަށެވެ (ޔަންގ އާއި ކްރިސްޓަފަރ، 1834).

ދެ ޖިންސްގެ ކުޑަ ކުދިން، ދަށު ދަރަޖައިގެ އެދުރުބޭކަލުންގެ ދަށުން، ޤުރްއާން ކިޔަވަން ޖެހެއެވެ. އަދި މިފިލާވަޅުތައް ވަރަށް އަވަހަށް ފަށައެވެ. އެއީ ޢުމުރުން ތިން އަހަރުއެވެ. ކިޔަވަން އެނގުން އެއީ އެނގެންޖެހޭ ހުރިހާ ކަމެއްކަމަށް ބަލަތެވެ. އިތުރަށް ކިޔަވައިދިނުމުގެ ވިސްނުމެއް ނެތެވެ. ޤުރްއާން ކިޔަވާ ނިމުމުން، ދީނީ ކަންތައްތައް ކުރަން ދަސްކޮށް ދިނުމުގެ އިތުރަށް، އެ ކުދިންނަށް އިތުރު އުނގަންނައިދިނުމެއް ނުވެއެވެ. ޢަރަބި ކިޔެވުމަށް ނުރުހުންތެރިކަން ދައްކާނަމަ، އެއްތެލުން ތެޅުމާއި ޖެހުމުގެ އިތުރަށް، ވަޙްޝީ (އަނިޔާވެރި) އަދަބެއް، އެ ކުދިންގެ މައްޗަށް ބޭނުންކުރުމަށް ބެލެނިވެރިން، އެދުރުންނަށް ހުއްދަ ދީފައި ވެއެވެ. އެއީ ދެލޮލަށް ލުބޯހުތް ފިތުމެވެ. އެމީހުންގެ ޠަބީޢަތާ މިއަނިޔާވެރި އަދަބާ ނުގުޅޭތީ، އެކަން ހުއްދަ ކުރެވެނީ، ދީނީ ނަޒަރަކުން އެ ބާވަތުގެ ތަޢުލީމަށް ދެވިފައިވާ މަތިވެރިކަމުގެ ފުން އިޙްސާސްތަކުން ކަމަށް ބެލެވެއެވެ. ލިޔުމުގެ ތަޢުލީމާ ބެހޭގޮތުން ދަންނައެވެ. ކުދިން އަމިއްލައަށް އެ އުނގެނެން ވަނީ ދޫކޮށްލެއްވިފައެވެ. ކުދިބަޔަކު ބޭނުން ވެއްޖެނަމަ، އެބަޔެއްގެ ބޭނުން އެންމެ ފުދޭ ގޮތެއްގެމަތިންނެވެ. އެހެންކަމުން، އަކުރުގެ އަޑުތަކާއި ލަފުޒުތައް ލިޔާގޮތް ދެނެގަތުމަށް ބޮޑު އުނދަގޫތަކެއް އެ ކުދިން ތަޖުރިބާ ކުރަތެވެ. ގިނަ ފިރިހެން ކުދިން މިޔުޒިކަށް ހުންނަ ލޯތްބެއްގެ ސަބަބުން، ހުރިހާ ލަވައެއް ލިޔެފައި ހުންނަނީ ފާރިސީ ނުވަތަ ހިންދުސްތާނު ބަހުން ކަމަށްވާތީ، އަކުރުތަކުގެ މަޢުލޫމާތުތައް އަވަހަށް ދެނެގަނެއެވެ. އެއީ އެމީހުންގެ އަމިއްލަ ބަހުން ހުންނަނީ ވަރަށް މަދު ލަވައެވެ.
ޔަންގ އާއި ކްރިސްޓޮފަރ، 1834، ޞ. 54–86

ޔަންގ އާއި ކްރިސްޓަފަރ ގެ ބަޔާނާއި އޭގެ ދުއިސައްތަ ހަތާވީސް އަހަރު ކުރިން ލިޔެފައިވާ ޕިރާޑުގެ ލިޔުމާ މެދު ވިސްނާލަމާތޯއެވެ. ތަކުރާރުކޮށް ޔަންގ އާއި ކްރިސްޓަފަރ ދިވެހީން ބޭރުމީހުންނަށް ޝައްކުގެ ނަޒަރުން ބަލާކަން ފާހަގަ ކޮށްފައިވެއެވެ. އަދި ޔަންގ އާއި ކްރިސްޓަފަރ މާލޭގައި މަޑުކުރީ ޕިރާޑަށް ވުރެ މަދު ދުވަސްކޮޅަކުއެވެ. ތިން މަސްދުވަހުއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކަށް މާގިނަ ދަތުރުތަކެއް ކުރިކަން އެނގޭކަށް ނެތެވެ. ނަމަވެސް، މި ދެލިޔުމުން ވެސް، ކިޔަވާދިނުން އޮންނަކަން ފާހަގަކޮށްފައި ވެއެވެ. ސަރުކާރުން ފައިސާދީގެން ހިންގާ ސްކޫލްތަކެއް ހުރިކަން ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، 1834 އަހަރު އިސްކަންދަރު ރަސްގެފާނުގެ ހުކުރުމިސްކިތު ދޮރޯށީގައި ޤާއިމްކުރެއްވި މަދަރުސާ ނެތުނީ ހެއްޔެވެ؟ އަދި ހެވިކަން ދަސްކޮށްދޭން މާލޭގައި ހުރި ދެ މަދަރުސާކަމަށް ޕިރާޑު ބަޔާންކުރި މަދަރުސާއަށްވީ ކިހިނެއް ހެއްޔެވެ؟ މި ދެލިޔުންތެރިން އެކަންކަން ފާހަގަ ނުކުރީ ކީއްވެ ހެއްޔެވެ؟ ފާހަގަ ނުކުރީ އެތަންތަން ނެތީމައި ހެއްޔެވެ؟

އޭރުގެ އެދުރުގެތަކުގައި ކިޔަވައިދޭ ގޮތް، މުޙައްމަދު ޖަމީލު ބަޔާންކޮށްފައި ވެއެވެ. އޭނާ އިހުބުނެވުނު ”ޢުލޫމުގެ ޤުލްޝަން 1 (އެއްވަނަ ބައި)“ ފޮތުގެ 13 ވަނަ ޞަފުޙާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޖާ ވަކި ޢުމުރަކަށް ދިއުމާއެކު، ބެލެނިވެރިޔާއީ ތިމާގެ ދަރީންނަށް ތަޢުލީމު ދެވޭފަދަ މީހަކު ކަމުގައި ނުވަނީނަމަ، ކޮންމެވެސް އެދުރުގެޔަކަށް ގެންގޮސް ކޮންމެވެސް އެދުރަކާ ޙަވާލުކުރެއެވެ. އެދުރުގެތަކުގައި ކިޔަވައިދޭ ގޮތާ ބެހޭ ގޮތުން ޖަމީލު ވިދާޅުވެފައިވަނީ ފުރަތަމަ ފިލައެއްގައި ޢަރަބި އަލިފުބާ ޖަހައިދޭ ވާހަކައެވެ. ތާނަ އަކުރުން ލިޔާންކިޔާން ދަސްކޮށްދެނީ ފަހުންނެވެ. ފިލާ ލިޔެދޭއިރު، ދަރިވަރު ހުންނާނީ އެދުރުބެ ކުރިމަތީގައި ހަށަން ބަދެގެންނެވެ. އަކުރުތައް، އަދި ފަހުން ލަފުޒުތައް ލިޔެދޭއިރު، ދަރިވަރުން އެދުރު މީހާގެ އަޑުދަށުން ކިޔައި، މިގޮތަށް ދެތިން ފަހަރު ތަކުރާރުކުރުމުން، ދަރިވަރަށް ކިޔަން އެނގެއެވެ. ފިލާވަޅު ދަސްވުމުން، ދެން ފިލާ ދޮވެ، އެހެން ކަލިމަތަކެއް ދަސް ކުރަން ފަށަންވީއެވެ. އަކުރު ދަސްކުރުމުގައި އަދި އިތުރު އެއްޗެއް ބޭނުން ކުރެއެވެ.

އަކުރު ދަސްކުރުމުގައި، ފިލިފިލާގެ ބޭނުން ކުރެވެއެވެ. އެއީ ފިލިފޮތުގައި ހުންނަ ފިލިތައް ލިޔެފައި ހުންނަ ބޮޑު ފިލައެކެވެ. އެ ފިލާ އެތައް ކުދިންނަށް ފެންނަ ގޮތަށް ބަހައްޓައިގެން ކިއައި ދެމުން ގެންދެއެވެ. އަދި ވޮށު ފިލާ އެޅުން އޮވެއެވެ. އެއީ ލަކުޑިން ހަދާފައިވާ ތަބަކަށް ނުވަތަ ލޯ ދޮލަގަކަށް ހިމުން ދޮންވެލިއަޅައި، އިލޮށިގަނޑަކުން އޭގައި ލިޔަމުން އަކުރުތަކާއި ފިލިތަކަށް ފަރިތަކުރުވަމުން ގެންދިއުމެވެ. މިހާރުގެ ސްކޫލްތަކުގައި ގެންގުޅޭ ކަހަލަ ބޯރޑް ގެންގުޅުމަކީ އޭރު އޮންނަކަމެއް ނޫނެވެ. އެކަހަލަ ބޯރޑެއް ފުރަތަމަ ބެހެއްޓުނީ މަދްރަސަތުއް ސަނިއްޔާ ފުރަތަމަ ފެށުނު ދުވަހުއެވެ. އޭގެ ކުރީގައި ބޯރޑަކީ ވޮށުފިލައެވެ. ހިސާބު ދަސްކޮށްދިނުމުގައި ވިޔަ ފިލާގަޑެވެ (މުޙައްމަދު، ޖަމީލު، 1985،ޞ. 14).
މުޙައްމަދު ޖަމީލު، 1985، ޞ. 13

މުހައްމަދު ޖަމީލު (1985) ބަޔާންކުރާގޮތުގައި، އެ ދަރިވަރުންނަށް ކަލިމަތައް ރަނގަޅަށް ކިޔަން އެނގުމުން، ޤުރްއާން ކިޔަވައި ދެމުން ގެންދެއެވެ. އަދި، ނަމާދު ރޯދަ ކަންތައްތައް ދަސްކޮށްދެއެވެ. ނަމާދުކުރަން ދަސްވުމުން، އެދުރުމީހާ، މިސްކިތައް ދަރިވަރުން ގޮވައިގެން ގެންދެއެވެ. ޚަތިމްކޮށް ނިމުމުން ދަސްކިއުން އޮވެއެވެ. މި ރަސްމިއްޔާތު އޮންނަ ގޮތް، މަލިމް މޫސާ މާފަތްކަލޭގެފާނު ”ދީނީ ރޫޙް 13“ މިފޮތުގައި ބަޔާންކޮށްފައި ވެއެވެ.

އިސްލާމް ދީނުގައި މީހުންނަށް ކިޔަވައިދިނުމަށް ބާރުއަޅާފައި ވެއެވެ. އަދި، އިސްލާމް ދީނުގައި ޤުރްއާން ކޮންމެ ފަރުދަކަށް ކިޔަން އެނގެން ޖެހެއެވެ. އަދި މިނޫނަސް އިސްލާމް ދީން ލާޒިމްކުރާ ދަސްކުރުންތަކެއް ހުރެއެވެ. މި ދީނީ ބޭނުންތަކަށް ކިޔަވައިދޭ ތަންތަން، އިސްލާމީ ޤައުމުތަކުގައި ދެބަޔަކަށް ބެހެއެވެ. އެއީ މަކްތަބު އާއި މަދްރަސާ އެވެ. ޢަރަބި ބަހުގައި މަކްތަބް ނުވަތަ ފާރިސީ ބަހުން މަކްތަބްޚާނާ އަކީ ޕްރައިމަރީ ސްކޫލެވެ (އެސިމަވް އާއި ބޮސްވާރތު، 1999). މި ތަންތަން ގިނަ ފަހަރު ހުންނަނީ މިސްކިތްތަކާ ގުޅިގެންނެވެ. ކިޔަވައިދޭ ތަކެތީގެ ތެރޭގައި، ލިޔަން ކިޔަން ދަސްކޮށްދިނުމުގެ އިތުރަށް ބަހުގެ ޤަވާޢިދާއި އިސްލާމީ ތަރުބިޔާ އާއި ޤުރްއާން އާއި ބައެއް ފަންނުތައް ކިޔަވައިދޭ ކަމަށް މަކްތަބާބެހޭ ފޮތްތަކުގައި ލިޔެފައި ހުރެއެވެ. ވިހި ވަނަ ޤަރުނު ފެށެންދެން، އިސްލާމީ ޤައުމުތަކުގައި ޤައުމުގެ ހުރިހާ މީހުންނަށް ދެވޭ ތަޢުލީމުގެ ގޮތުގައި އޮތީ މަކްތަބުން ދޭ ތަޢުލީމެވެ. އަފްޣާނިސްތާނުގައި މަކްތަބަކީ ސްކޫލެއް ކަމަށް ބަލައެވެ. މިސުރުގައި މަކްތަބު ތަޢުލީމަކީ ޝޭޚެއްގެ ކުރިމަތީގައި އިށީދެގެން ތިބެގެން ދަރިވަރުން އުނގެނޭ އިސްލާމް ދީނާއި ޤުރްއާންގެ ތަޢުލީމު ކަމަށް ވެއެވެ. ރާއްޖެ އިސްލާމްވި 12 ވަނަ ޤަރުނުގައި އިސްލާމީ ބޮޑެތި ޤައުމުތަކުގައި، މަކްތަބުތައް ހުންނަކަމަށް ބެލެވެއެވެ. އެއީ އިބްނު ސީނާގެ ފޮތެއްގައި، ދަރިވަރުންނަށް އުންގަންނައިދިނުމާ ބެހޭ ގޮތުން އޭނާ ލިޔެފައިވާ ބާބެއްގައި މަކްތަބުތަކުގެ ވާހަކަ ތަކުރާރުކޮށް ގެނެސްފައި ވާތީއެވެ. އަދި އެފޮތުގައި ހުރިހާ ދަރިވަރުން ޢުމުރުން 6 އަހަރު ފުރުމުން މަކްތަބުތަކަށް ފޮނުވުމަށާއި 14 އަހަރު ވަންދެން މަކްތަބުން ކިޔަވަން ޖެހޭ ވާހަކައާއި މުޤައްރަރުގެ ބައިތައް ބަޔާން ކޮށްފައިވާތީއެވެ. އިބްނު ސީނާ ދުނިޔޭގައި އުޅުއްވީ މީލާދީ ގޮތުން 980 އަހަރުން ފެށިގެން 1037 ވަނަ އަހަރަށެވެ.

މަކްތަބު ތަޢުލީމު ފުރިހަމަ ކަމުން، ރާއްޖެ އިސްލާމް ވި ދުވަސްވަރު މުސްލިމް ބޮޑެތި ޤައުމުތަކުގެ ލިޔަންކިޔަން ދަތުން އުޅެނީ އެންމެ ޤަދީމީ ޒަމާނުގައި ޔޫނާނުގައި އޮތް މަތީ މިންވަރަށެވެ. އިސްލާމީ ޙަޟާރަތާއި ޔޫނާނީ ޙަޟާރަތުގައި އޮތް މިންވަރަށް ޤަދީމީ އެއްވެސް ޙަޟާރަތެއްގައި ޢާންމު ތަޢުލީމު ކުރިއަރާފައެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ކޫލްސަން (2008، ޞ.117) ގައި ބުނެއެވެ.

ލިޔަން ކިޔަން އެނގުމުގެ ހުނަރު، އެހެން އެއްވެސް ސަގާފަތެއްގެ ވަގުތުގައި ލިބިދީފައިވާ މިންވަރަށް ވުރެ މާބޮޑަށް ފުޅާކޮށް ލިބިގަނެފައިވަނީ މެދު ޒަމާނުގެ އިސްލާމީ އެމްޕަޔަރ އާއި މީލާދީގޮތުން ހަތަރު ވަނަ އަހަރުގެ ކުރިން އެތެންސް (ޔޫނާނީންގެ މައިރަށު) ގައެވެ. {މެދު ޒަމާންކަމަށް ބަލަނީ 5 ވަނަ ޤަރުނުން ފެށިގެން 15 ވަނަ ޤަރުނާ ދެމެދަށެވެ.}
ކޫލްސަން، 2008، ޞ. 117

އިސްލާމީ ޙަޟާރަތުގައި، ޢިލްމު އުނގެނޭ މަކްތަބުއަށް ވުރެ ފެންވަރު މައްޗަށް ހުންނަނީ މަދްރަސާއެވެ. މިއީ ބައެއް ފަހަރު، މިސްކިތްތަކާ ގުޅިފައިވާ ތަންތަނެވެ. އިސްލާމުން ގިނައިން އުޅޭ ހުރިހާ ޤައުމެއްގައި ވެސް މަދްރަސާތައް ހުރެއެވެ. މިތަންތަނުގައި އިސްލާމީ ތަޢުލީމު މަތީ ފެންވަރަށް އުނގެނުމުގެ ފުރުޞަތުތައް އޮވެއެވެ. މިއީ ބައެއް ފަރާތްތަކުން ބުނާގޮތުގައި ސެކަންޑަރީ ސްކޫލްއާއި ކޮލެޖް ފެންވަރުގެ ތަންތަނެވެ (އިނެލްސިކް، 1973). އުޝްމާނީ ޚިލާފަތުގައި، މެޑިސިން ކިޔަވައިދޭ މަދްރަސާތައް ހުންނަކަމަށް ވެއެވެ. އަދި، ކިޔަވައިދޭ މުދައްރިސުން ތަމްރީނު ކުރުމާއި މިނޫންވެސް ތަފާތު ވަޒީފާތަކަށް މީހުން ތަމްރީނު ކުރުން ހިމެނެއެވެ. ކިޔަވައިދޭ މާއްދާތަކުގައި، އިސްލާމީ މާއްދާތަކުގެ އިތުރަށް ހިސާބާއި ފަލަކީ ޢިލްމާއި ތާރީޚާއި ޖޯގްރަފީ ފަދަ ދުނިޔެވީ މާއްދާތައް ހިމެނެއެވެ. ކުރިން ބަޔާން ކުރެވުނުފަދައިން މަދްރަސާތައް މިސްކިތްތަކާ ގުޅިގެން ހުރެއެވެ. މިގޮތަށް ނެތްނަމަ، މަދްރަސާގެ ތެރޭގައި މިސްކިތެއް ހުރެއެވެ. މިހާ ހިސާބުން މުހިއްމު ދެ ސުވާލެއް ކުރެވިދާނެއެވެ. އިސްކަންދަރު ރަސްގެފާނުން، ޙައްޖުން ވަޑައިގެން ހުކުރު މިސްކިތުގައި ދޮރޯއްޓެއް ހައްދަވައި، އެތަނުގައި ސަރުކާރުން ކިޔަވައިދޭނޭ ގޮތް ހަމަޖެއްސެވީ، އެ ރަސްގެފާނު ޙައްޖަށް ކުރެއްވި ދަތުރުފުޅުގައި، މިފަދަ މަދްރަސާތަކެއް ތަޖުރިބާ ކުރެއްވިގެން ހެއްޔެވެ؟ ދެވަނަ ސުވާލަކީ ރާއްޖޭގައި ހިންގާ އެދުރުގެތައް، މަކްތަބުގެ ގޮތުގައި ގިންތި ކުރެވިދާނެ ހެއްޔެވެ؟ ފުރަތަމަ ސުވާލުގެ ޖަވާބެއް މިހާރު ޔަޤީން ކަމާ އެކު ނުދެވޭނެއެވެ. ދެވަނަ ސުވާލާބެހޭގޮތުން މަކްތަބާ ބެހޭ ފޮތެއް ލިޔުއްވި ހާސިމް (2010، ޞ.39) މަކްތަބުގެ މާނައާ ބެހޭ ގޮތުން ބުނަނީ އަންނިވި ގޮތަށެވެ.

ޕްރައިވެޓް އެދުރުން އެންމެ ފުރަތަމަ ކިޔަވައިދިނީ ކުދިންގެ ކުދި ޖަމާޢަތްތަކަށް އެމީހުންގެ ގޭގައެވެ. އެކަމަކު، ތަޢުލީމަށް އެދޭ ވަރުންނާއި އެދުރުން ކާންބޯން އާމްދަނީއެއް ހޯދުމަށް ބޭނުންވާތީ، މި އުޞޫލު ހިޖްރީ ފުރަތަމަ ޤަރުނުގައި ވަކި ގޮތަކަށް ހަމަޖެހިއްޖެއެވެ. އެދުރުން ކިޔަވައިދެނީ ޚާއްޞަ ތަނެއްގައެވެ. އެއީ ގެއެއްގައިވާ ކޮޓަރިއެއް، މިސްކިތުގެ ކަނެއް ނުވަތަ އިމަކުން ފާހަގަކޮށްފައިވާ ތަންތަނެވެ. މިތަންތަނަށް ފަހުން ”މަކްތަބު“ ނުވަތަ ”ކުއްތާބު“ އޭ ކިޔުނެވެ. މަކްތަބްގެ އެއް ސިފައަކީ، ފީގެ މިންވަރު ކަޑައަޅަނީ ބެލެނިވެރިންނާއި އެދުރުމީހާ އެއްބަސްވެގެން، ވަކި ހަމައަކުން ނޫނެވެ.
ހާސިމް، 2010، ޞ. 39

ހާސިމް (2010) ”މަކްތަބު“ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެދުރުގެތަކަކީ ނުވަތަ ކިޔަވާގެ ތަކަކީ މަކްތަބު ކަމުގައި ބެލެވޭނެކަމަށް ފެނެއެވެ. މުހައްމަދު ޖަމީލު (1985) އާއި ބިދޭސީ ފަރާތްތަކުން އެދުރުގެ ތަކުގެ ވާހަކަ ބަޔާން ކޮށްފައިވާ އިރު، އުނިވެފައިވާ ކަމަށް ފެންނަނީ ”އެދުރުދައިތަގެ“ ނުކުތާއެވެ. މިހާރުވެސް، އަދި ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި ކުރިންވެސް، އަންހެނުން ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވަރަށް ބޮޑުރޯލެއް ރާއްޖޭގައި ކުޅެފައި ވެއެވެ. މިފޮތުގެ އެއް މުޞައްނިފަކީ ވެސް އެދުރުދައިތަގެއަކަށް ދިޔަ މީހަކީމެވެ. ފީގެ ކަންތައްތައް އޮންނަނީ ހާޝިމް (2010) ފާހަގަކޮށްފައިވާ ގޮތަށެވެ.

ޕޯޗުގީޒުން 1558 ވަނަ އަހަރު ރާއްޖެ ހިފައި 17 އަހަރު ވެރިކަން ކުރިތަނާ، އުތީމު ރަދުން، މުޙައްމަދު ބޮޑު ތަކުރުފާނު، އެބައިމީހުންގެ ފަރާތުން ރާއްޖެ މިނިވަން ކުރައްވައި ރަސްކަމަށް އިސްވެވަޑައިގަތީ 1573 ވަނަ އަހަރުއެވެ. ޕޯޗުގީޒުންގެ ދުވަސްވަރު، އެއްވެސް ކަހަލަ ތަޢުލީމެއް އެބައިމީހުންގެ ފަރާތުން ދިވެހިންނަށް ލިބުނުކަން އެނގޭފަދަ ލިޔުމެއް ފެނިފައިނުވާކަމަށް މުޙައްމަދު ޖަމީލު (1985) ބަޔާން ކުރެއެވެ. އެއިރު ރާއްޖޭގައި ޢިލްމުވެރިކަންވަނީ ވަރަށް ކުޑަވެފައެވެ. މިހެން މިކަން ވެފައިވަނިކޮށް ޔަމަނުކަރައާއި ޙިޖާޒުކަރައިގައި 30 އަހަރު ވާންދެން ޢިލްމު އުނގެނުމުގައި އުޅެފައި، އެކިބާވަތް ބާވަތުގެ ޢިލްމު ޙާޞިލުކޮށްގެން މުޙައްމަދު ޖަމާލުއްދީނު (ވާދޫ ދަންނަކަލޭގެފާނު) މާލެ އައެވެ (ޙުސައިން ޞަލާޙުއްދީނު، 2008، ޞ. 35). ދެން ރަދުން އޭނާ ދީނީ ޢިލްމު ކިޔަވައިދިނުމަށް މާލޭގައި ހުންނަށް އެދުމުން ”ފުށި ރަށެއްގައި އެކަހެށީން“ (މުޙައްމަދު ޖަމީލު، 1985، ޞ. 28) ހުންނަވަން ބޭނުންވެގެން، އޭރުގެ ފަޑިޔާރަށް ދީނީ ތަޢުލީމު ވަކި މިންވަރަށް ކިޔަވާދިނުމަށްފަހު، ގދ.ވާދުގައި ވަޒަންވެރިވެ، އެރަށުގައި ކިޔަވައިދޭން ފެށިއެވެ. ދެން ރާއްޖޭގެ އެކި ތަންތަނުން ޢިލްމު އުނގެނޭން މީހުން ވާދޫ އަށް އަންނަން ފެށިއެވެ. ވާދޫ ދަންނަކަލޭގެފާނުގެ ދަރިވަރުންގެ ގޮތުގައި މަޝްހޫރުވެފައިވަނީ ގިނައިން މާލެއިން ދެކުނުގެ މީހުންނެވެ. އެންމެ މަޝްހޫރީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނާއި، އައްޑޫ ބޮޑުފަނޑިޔާރު (މުޙައްމަދު ޝަމްސުއްދީނު) ތަކުރުފާނާއި މުލަކު ދޫޑިގަމު އެދުރުކަލޭގެފާނައި މިތިން ބޭކަލުންނެވެ. އަދި މުޙައްމަދު ޖަމީލު (1985) ބަޔާންކުރާ ގޮތުގައި، އެ ދުވަސްވަރު، މާލޭގެ ފަޑިޔާރުކަމަށް ނުވަތަ އެފަދަ މަޤާމަކަށް މީހަކު އިސްކުރާނޭ މީހަކު ބޭނުންވެއްޖެ ނަމަ، ރަދުން ފަތްކޮޅު ފޮނުއްވައިގެން ގެންނަވަނީ ދެކުނުގެ މީހުންނެވެ. 1900 ވަނަ އަހަރާ ހަމައަށް ވެސް ރާއްޖޭގައި އޮތް އިސްލާމީ ތަޢުލީމުގެ އަސަރަކީ ވާދޫ ދަންނަކަލޭފާނުގެ ޢިލްމުގެ އަސަރުކަމަށް މުޙައްމަދު ޖަމީލު ބަޔާން ކުރެއެވެ. އެކަކުގެ ފަރާތުން އަނެކަކުގެ ފަރާތުން ޢިލްމުވެރިކަން ފެތުރެމުން އައިސްފައިވަނީ އެވެ.

މިހާ ހިސާބުން ދެން މުހިއްމު ސުވާލެއް ކުރަން ޖެހެއެވެ. އެއީ، ވާދޫ ދަންނަކަލޭގެފާނުގެ ކުރިއަކުން އަދި އޭގެ ފަހުންވީ 300 ވަރަކަށް އަހަރުތެރޭގައި، އެއްވެސް އެހެން ދިވެއްސެއް ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކޮށް ރާއްޖޭގައި ކިޔަވާދީފައި ނުވޭހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ބުނަންޖެހިފައިވަނީ މިއީ ވުން ވަރަށް ގާތް  ކަމެއް ކަމަށެވެ. ތަފާސް ހިސާބުގެ އުޞޫލުންނެވެ. ނަމަވެސް އެފަދަ އެއްވެސް ބައެއްގެ ލިއުމެއް މިހާ ހިސާބަކަށް ފެނިފައެއް ނުވެއެވެ. އެއް ޖީލުން އަނެއް ޖީލަށް މަޢުލޫމާތު ވާރުތަކުރެވޭ އެންމެ މުހިއްމު ގޮތަކީ ލިޔުމެވެ.

ވާދޫ ދަންނަކަލޭގެ ފާނަށްފަހު، 11 މީހުން، މުޙައްމަދު ޖަމީލު (1985)، މުހިއްމު އެދުރުންގެގޮތުގައި ފާހަގަކޮށްފައި ވެއެވެ. އެއީ ތިރީގައިވާ ފަދައިންނެވެ.


ތާވަލު 1:  ވާދޫ ދަންނަކަލޭގެފާނަށް ފަހު ރާއްޖޭގައި އުފެދުނު މަޝްހޫރު 11 ޢިލްމުވެރިން

  1. ޙަސަން ތާޖުއްދީނު (ލ.ގަން) 1662-1727

    ދަރިވަރުވީ ވާދޫ ދަންނަކަލޭގެފާނުންގެ އަރިއަހުން ކިޔެވި، އައްޑޫ ބޮޑުތަކުރުފާނުންގެ އަޙްމަދު ޝިހާބުއްދީނުގެ ކައިރިން ކިޔެވި ޤާޟީ މަޙްމޫދަށް. ސައްޔިތު ރަސްގެފާނުގެ ދަރިވަރެއްމެ. އަދި މައްކާގެ ޢިލްމުވެރިންނަށް ދަރިވަރުވި.

    ޚިދުމަތްތައް: ދީނީ ފޮތް ލިއުއްވުން. ޢަރަބި ޅެން ހެއްދެވުން. ދެނަމާދު ދޭތެރޭ ހުކުރު މިސްކިތު ކިޔަވައިދިނުން. މައުލޫދު ލިއުއްވުން. ދިވެހި ތާރީޚް ލިއުއްވުން. ތާރީޚްގެ އަޞްލު، އިންޑިޔާއިން އައި ހޮޅީން 1725 ގައި ގަނޑުވަރު ރޯކޮށްލިއިރު އަދާފައި. ދިވެހިބަހުގެ ތަރުޖަމާއެއް މިހާރު އެބައޮތް. ތާރީޚްގެ އެންމެފަހު ކޮޕީ، ސިލޯނު ސަރުކާރަށް ހަދިޔާ ކުރެވިފައި. {އިބްރާހީމް ޝިހާބު. (1981). ދިވެހިތާރީޚް. މާލެ: ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ.}

  2. މުޙައްމަދުޝަމްސުއްދީނު (ސީރިޔާގެ މީހެއް) ނިޔައުވީ: 10 ޖުލައި 1692

    ކިޔެވީ ޖާމިޢުލް އަޒްހަރުން. ފަހުން ރަސްކަން ކުރެއްވި.

    ޚިދުމަތްތައް: ކިޔަވައިދިނުން. ވަޢުޟުބުނުން. ޙަސަން ތާޖުއްދީނުގެ މުދައްރިސެއް. އަދި ފަހުން ރަސްކަން ކުރެއްވި މުޙައްމަދުގެ މުދައްރިސެއް. ފޮތެއް ލިޔުއްވިކަން އެނގިފައެއް ނުވޭ.

  3. އަޙަމަދު ބުނު މުޙައްމަދު (ހާޖީ އެދުރުކަލޭގެފާނު) މާލެ. ނިޔައުވީ 1767

    ޚިދްމަތްތައް: ކިޔަވައިދެއްވި ފަރާތްތައް އެނގޭކަށް ނެތް. ލިޔުއްވި ފޮތެއް މިހާރުވެސް ގެންގުޅޭ. ނަމަކީ تحفةالولاة فى الأذكار والدعوات އެވެ. މީގެ އިތުރަށް ޅެން ހައްދަވާފައި ވެއެވެ. މި ޅެންތައް ބުރުދާ ފޮތްތަކުގައި ވެއެވެ.

  4. ޢަބްދުލްޙަކީމު ބުނު މުޙައްމަދު. މާލެ. ނިޔައުވީ 1713 ގައި.

    ޢިލްމު އުނގެނުނީ ޔަމަނުން.

    ޚިދުމަތްތައް: ގިނަ ބަޔަކަށް ކިޔަވާ ދެއްވި. އެންމެ މަޝްހޫރު ދަރިވަރަކީ ”ބޮޑު ތަރުތީބު“ ހެއްދެވި ޢަލީ އެދުރުތަކުރުފާނު.

  5. ޢަލީ ބުނު މުޙައްމަދު (ޢަލީ އެދުރުތަކުރުފާނު). މާލެ. ނިޔައުވީ 1730.

    ޚިދުމަތްތައް: ރާއްޖެތެރޭ ރަށްރަށަށް ގޮސް،ކިޔަވާ ދެއްވި. އެންމެ މަޝްހޫރު ފޮތަކީ މީގެ ކުރިން އެ ފެންވަރުގެ ފޮތެއް ދިވެހިބަހުން ލިޔެފައިނުވާ ”އަލި އެދުރު ބޮޑު ތަރުތީބު“ {زهرالكمالات فى أحكامالعبادات}

  6. މުޙައްމަދު މުޙިއްބުއްދީނު (ޝޭއިޚުލްއިސްލާމް) . ލ.ގަމު ނިޔައުވީ 1785.

    ދަރިވަރުވީ: ޙަސަން ތާޖުއްދީނަށާއި ޙުސައިން ޢަފީފުއްދީނަށް.

    ޚިދުމަތްތައް: ޙަސަން ތާޖުއްދީނުގެ ތާރީޚް ނިންމި ތަނުން ކުރިއަށް ލިޔެފައިވޭ. ޝޭޚުލްއިސްލާމް ލަޤަބު ރާއްޖޭގައި އެންމެ ފުރަތަމަ ދެވުނުފަރާތް. އެހެން ޚިދުމަތްތަކެއް މުޙައްމަދު ޖަމީލު ފާހަގަކޮށްފައެއް ނުވެއެވެ.

  7. އިބްރާހީމް ސިރާޖުއްދީނު. ނިޔައުވީ 1836 ގައި.

    ދަރިވަރުވީ ޝެއިޚުލް އިސްލާމް މުޙައްމަދު މުޙިއްބުއްދީނު އަށް.

    ޚިދުމަތްތައް: މުޙައްމަދު މުޙިއްބުއްދީނު (ޝޭއިޚުލްއިސްލާމް) ދިވެހިތާރީޚް ނިންމިތަނުން ކުރިއަށް ލިޔެފައިވޭ. އެހެން ޚިދުމަތްތަކެއް މުޙައްމަދު ޖަމީލު ފާހަގަކޮށްފައެއް ނުވެއެވެ.

  8. އިބްރާހީމް މަޖުދުއްދީނު. ސ.މީދޫ. ނިޔައުވީ 1870.

    އިބްރާހީމް މަޖުދުއްދީނު ކިޔެވީ އޭނާގެ ބައްޕާ، މީދޫ އެދުރުތަކުރުފާނުންގެ ފަރާތުންނާއި،ކުރިން ބަޔާން ކުރެވުނު ސިރާޖުއްދީނު (ޝެއިޚުލްއިސްލާމް) ގެ ދަރިކަލުން މުޙައްމަދު މުޙިއްބުއްދީނެވެ. އޭނާގެ މަޝްހޫރު ދަރިވަރުންގެ ތެރޭގައި އިސްމާޢީލް ބަހާއުއްދީނު ފަޑިޔާރުތަކުރުފާނާއި، ދޮންބެއްޔާއާއި ނާއިބު ތުއްތޫ ހިމެނެއެވެ.

  9. އިބްރާހީމް ބަހާއުއްދީނު. ސ.މީދޫ. ނިޔައުވީ 1864- 1932

    މީނާ ކިޔެވީ ޢަރަބިކަރައިންނެވެ. އެންމެ ފުރަތަމަ ޗާޕުކުރާ މެޝިނެއް ރާއްޖެ ގެނައީ ބަހާއުއްދީނެވެ. އެ މެޝިނު ވަގުފު ކުރުމުން، އަލްމަޠްބައަތުލް އަމީރިއްޔާ ގެ ނަމުގައި ޗާޕު ކުރެވެމުން ދިޔައެވެ. އޭނާ ޗާޕުކުރި ”ރިސާލަތު“ މިފޮތް މިހާރު ފެންނާން އެބައޮތެވެ. އަދި ފުރަތަމަ ފަހަރު ބޮޑު ތަރުތީބު ޗާޕުކުރިއިރު، އޭގެ ކުރިއަށް އޭނާ ތަރުޖަމާ ކުރި ފޮތެއް ހިމަނާފައި ވެއެވެ.

  10. އިބްރާހީމް ތަކުރުފާނު (އައިސާބީގެ ދަރު ދޮންބެއްޔާ) ނިޔައުވީ 1916.

    ދޮންބެއްޔާއަށް ކިޔަވާ ދިނީ ކުރިން ބަޔާން ކުރެވުނު މަޖުދުއްދީން އެވެ. ދޮން ބެއްޔާ އެންމެ މަޝްހޫރު ވަނީ ރާއްޖޭގައި އުފެދުނު ޢިލްމުވެރިން ކުރެ، ޙުސައިން ޞަލާޙުއްދީނަށް ކިޔަވާދިނުމުންނާއި އޭނާ ލިޔުނު ބޭސްފޮތެއްގެ ސަބަބުންނެވެ. ޙުސައިން ޞަލާޙުއްދީނުގެ އިތުރަށް މާލޭގެ އެހެން އެތައް ބަޔަކަށް އޭނާ ކިޔަވާދީފައި ވެއެވެ. އޭނާގެ ކިޔަވާދިނުމާއި ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތާ ބެހޭ ގޮތުން އޭނާގެ ދަރިވަރު ޙުސައިން ޞަލާޙުއްދީނު ގެ ބަޔާނެއް ކުރިން ބަޔާން ކުރެވުނުފޮތުގައި ހިމެނިފައި ވެއެވެ (ޙުސައިން ޞަލާޙުއްދީނު، 2008، ޞ.35).

  11. މުހައްމަދު ޖަމާލުއްދީނު (ނާއިބުތުއްތު) ނިޔައުވީ 1905

    އެންމެ ފުރަތަމަ މުދައްރިސަކީ މުޙައްމަދު މުޙިއްބުއްދީނު ފަޑިޔާރު މަނިކުފާނެވެ. ވަކިން ޚާއްޞަކޮށް، ރައިވަރުގެ އެދުރުބެއިކަލަކީ މި ފަޑިޔާރު މަނިކުފާނެވެ. ދެން ކިޔަވާދިނީ އިބްރާހީމް މަޖުދުއްދީނެވެ. ދެން ސްރީލަންކާގެ ބޭރުވެލީ (ބެރަވެލާ) ގައި ހުރި ޢިލްމުވެރިއެއްކަމަށްވާ ޝެއިޚް މުޞްޠަފާއެވެ. އޭނާގެ ކައިރީގައި 8 އަހަރު ވަންދެން ކިޔަވަން ހުއްޓެވެ. ދެން މަޝްހޫރު ”ސީރަތުއްނަބަވިއްޔާ“ ލިޔުއްވި ޒައިދީ ދަހްލާން އެވެ. އެއީ މައްކާގައެވެ. ޢަރަބި ޅެންވެރިކަން ދަސްކޮށްދިނީ ޔަމަނުގެ މީހަކު ކަމުގައިވާ އައްސައްޔިދު ޢުމަރު ޔައުމައެނިއެވެ.

    ނާއިބުތުއްތު އުތުރުގެ ރަށްތަކުގައި ކިޔަވާ ދިނެވެ. މީގެ ތެރެއިން ނައިފަރުގައި ކިޔަވާދިން ކިޔަވާދިނުން ފާހަގަ ކުރެވެއެވެ. އޭނާގެ މަޝްހޫރު ދަރިވަރުންގެ ތެރޭގައި ޙުސައިން ޞަލާޙުއްދީނާއި މަލިމްމޫސާ މާފަތް ކިލެގެފާނާއި ބޮޑުފެންވަޅުގޭ މޫސާ ދީދީ ހިމެނެއެވެ. ބޭސްވެރިކަމާއި (ދިވެހިބަހާއި ޢަރަބި ބަހުގެ) ޅެންވެރިކަމަށް އޭނާއަކީ ކުޅަދާނަ މީހަކުކަމަށް ޙުސައިން ޞަލާޙުއްދީނު ބަޔާން ކުރެއެވެ. ނާއިބު ތުއްތުގެ ފޮތްތަކުގެ ތެރޭގައި، ”ތަރުތީބުއްޞަލާތު“، ފާތިޙާ ފޮތް، ”ތަޤްވީމުއްލިސާނު“، ދިޔޯގެ ރައިވަރަށް ކޮށްފައިވާ ޝަރަޙަ، ”ސިއްކަ މޮހޮރީ“، ”ސުއްކަތުރާ ހަބަރު“، ލަކުޑިފޮތް، ރާޒުވާފޮތް ހިމެނެއެވެ. މުޙައްމަދު ޖަމީލު (1985) ގައި ބަޔާންކޮށްފައިވާ ގޮތުގައި، ލިޔުންކިޔުން މަދުކަމާއި ޗާޕުކުރެވޭނޭ މަގު ތަނަވެސްވެފައި ނެތުމުން، ގެއްލިގެން ދިޔަ ފޮތްތައް ގިނައެވެ.


މުޙައްމަދު ޖަމީލު (1985) ގައި ”ޢުލޫމުގެ ޤުލްޝަން 1“ ގައި އެގާރަ ޢިލްމުވެރިންގެ ވާހަކަތަކުގެ ކުރު ޚުލާޞާއެއް މަތީގައި ބަޔާންކޮށް ނިމުނީއެވެ. މި ޢިލްމުވެރިންނަށް ކިޔެވުނު ގޮތަށް ބަލާއިރު، ދިވެހީންނަށް ދަރިވަރުވުމާއި ރާއްޖެއިން ބޭރަށް ގޮސް، ޢިލްމު އުނގެނިފައި ވެއެވެ. މި 11 ޢިލްމުވެރިންނަށް ފަހު، ދެން ރާއްޖެ ދުށް އެންމެ ބޮޑު ޢިލްމުވެރިޔަކީ ޙުސައިން ޞަލާޙުއްދީނެވެ. މީނާގެ އުނގަންނައިދިނުމާއި ފޮތްތެރިކަމާއި ޢިލްމީ އަސަރު އެހެން ހުރިހާ މީހުންނަށް ވުރެ ފުޅާވެފައި މަތިވެރިއެވެ. ”ޢުލޫމުގެ ޤުލްޝަން 1“ ނިންމާލަމުން، ދެވަނަ ބައިގައި ދިވެހިރާއްޖޭގައި ތަޢުލީމީ ގޮތުން ފެށެނީ އައު ދައުރެއް ކަމާއި ދެވަނަ ބައި ފެށޭނީ ޙުސައިން ޞަލާޙުއްދީނުން ކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. ނަމަވެސް، އެ ފޮތުގެ ދެވަނަ ބައެއް ނުކުމަފައެއް ނުވެއެވެ. ޙުސައިން ޞަލާހުއްދީނު އުނގެނުނު ގޮތް އޭނާ އަމިއްލައަށް ޞަލާޙުއްދީނު (2008) ގައި ބަޔާން ކޮށްފައި ވެއެވެ. އޭނާގެ އެދުރުންގެ ތެރޭގައި ދޮންބެއްޔާ އާއި ނާއިބު ތުއްތު އާއި ސްރީ ލަންކާގެ ބޭރުވެލީގައި ހުރި ޢިލްމުވެރިއެއްކަމަށްވާ ޝެއިޚް މުޞްޠަފާ ހިމެނެއެވެ. ދާދިއަވަހަށް ޙުސައިން ޞަލާޙުއްދީނުގެ ވާހަކަ ތަފްޞީލުކުރެވޭނެއެވެ.

މަތީގައި ބަޔާން ކޮށްފައިވާ އެދުރުންގެ ޙަރަކާތްތައް ހިނގާދިޔަ ތާރީޚްތަކުގެ ތެރެއަށް އިތުރު ނުކުތާއެއް ހިމަނާލަން އެބަޖެހެއެވެ. އެއީ ދައުލަތުގެ ފަރާތުން ތަޢުލީމުދޭން މާލޭގައި އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތު ދޮރޯށީގައި ޤާއިމްކުރެއްވި ”ސްކޫލް“ އަށް ފަހު، ދެން ފެށިގެން ދިޔަ ސްކޫލްއެވެ. މިވާހަކަ ބަޔާންކޮށްފައިވާ ގޮތް ތިރީގައި އެވަނީއެވެ.

ހިޖުރައިން މިހިނގާ ސާދަވަނަ ޤަރުނުގެ ވަރަށް ކުރީކޮޅުގައި، ހަތަރު އަވަށުގެ ބަންޑާރަ އެދުރުގެތައް އުފެދިއްޖެއެވެ. ކޮންމެ އަވަށަކަށް ދައުލަތުގެ ފަރާތުން އެދުރަކު ލައްވައި މުސާރައެއްގެ ގޮތުގައި ބަޑުހަޑޫ ދެއްވިއެވެ. އަދި އެދުރު މީހާ ހުންނާނޭ ގެއަކާއި ގޯއްޗެއް ދެއްވިއެވެ. ކިޔަވައިދޭ މަދްރަސާއަކީ، އެދުރުމީހާ ހުންނަ ގެއެވެ. ކިޔަވައިދޭ މައިގަނޑު މާއްދާތަކަކީ ޤުރްއާން، ދީނިއްޔާތު އެވެ. ދެން ޢަރަބި ތާނަ ލިޔާން ކިޔާން ދަސްކުރުމެވެ. އޭގެ ތެރޭގައި ޞަލަވާތް ފާތިޙާ ފަށާ ހުއްޓާ ގޮތް ދަސްކުރުންވެސް އޮވެއެވެ.

އަމިއްލަ ގޮތެއްގައި ވިޔަފިލާގަނޑު ޖަހައި، ޙިސާބު ޢިލްމު އާއި ނިޔަމިކަން ދަސްކޮށް ފިލާ އަޅާ އުޅޭ ބައަކުވެސް އުޅެއެވެ. މިރޮގުން ވަރަށް ކުޅަދާނަ ވެގެން ދިޔަ މާހިރުން މާލެއާއި ރާއްޖެތެރޭގައި އުފެދުނެވެ. (މުޙައްމަދު ޖަމީލު، 1985، 10)

މަތީގައިވާ ބަޔާނުން މާލޭގެ އަވަށުތަކުގައި ސަރުކާރު އެދުރުގެތަކެއް ޤާއިމްކުރެވިއްޖެކަން އެނގެއެވެ. އެއީ ސަރުކާރުން ޚަރަދުކުރާ ގޮތަށެވެ. މީގެ ކުރީގައި މުޅިންހެން ހުރީ އަމިއްލަ މީހުންގެ އެދުރުގެތަކެވެ. އެދުރުބެމެންނަށް ނުވަތަ އެދުރުދައިތަ މެންނަށް އުޖޫރަ ދެނީ ފައިސާއިން ނުވަތަ ތަކެތިންނެވެ. ދަރިވަރުގެ ބެލެވެނިވެރިއަކީ މަސްވެރިއެއްނަމަ، މަސްބާނާ ދުވަހަކު މަހެކެވެ. ސަރުކާރުގެ އެދުރުގެތައް މާލޭގެ އަވަށުގައި ޤާއިމްކުރެވުނަސް، އެހެން ރަށްރަށުގައި ޤާއިމްކުރެވިފައެއް ނެތެވެ. ސާދަވަނަ ޤަރުނުގެ ކުރީކޮޅުގައި ޤާއިމްކުރެވުނު މި އެދުރުގެތައް ފެށުނު އަހަރު ސީދާ ބުނާކަށް ނޭނގެއެވެ. ހިޖްރީގޮތުން 14 ވަނަ ޤަރުނު ފެށުނީ 1882 ގައި ކަމަށްވާތީ، މި އެދުރުގެތައް 1900 ގެ އަހަރުތައް ފެށުނުއިރު ހުރިކަން ޔަޤީން ކުރެވެއެވެ. ނިޔަމިކަން ދަސްކޮށްދޭ ޚާއްޞަ ކިލާސްތައް ބޭނުންވަނީ އެ ޒަމާނުގައި ރާއްޖެއިން ބޭރަށް، އަމިއްލަ އުޅަނދުފަހަރުގައި ދިވެހީން ގިނައިން ދަތުރުކުރާތީއެވެ. މި ކިލާސްތައް ވިހިވަނަ ޤަރުނުގެ މެދަށް ވުރެ ފަހަށް ވެސް ކުރިއަށް ދިޔައެވެ. ނަކަތްތެރިކަމަކީ ވަރަށް ގިނަ ހިސާބުތަކެއްގެ މައްޗަށް ބިނާވާ ކަމެކެވެ. މިކަމުގެ ތަޢުލީމު ލިބިފައިވާ ފަރާތްތައް ޕިރާޑުގެ ދުވަސްވަރު ރާއްޖޭގައި އުޅުނު ކަމަށް އޭނާ ބަޔާން ކުރެއެވެ. އޭރުގެ ދިވެހީންނަކީ ވަރަށް ގިނަ ކަންތައްތައްކުގައި، ސިންގަޅައިންނާއި ހިންދީން ފަދައިން، ގުރަހަލި ހުންނަ ބުރުޖުތައް ބަލައި ކަންކަންކޮށް އުޅޭ ބައެކެވެ.

މުޙައްމަދު ޖަމީލު (1985) ބަޔާން ކުރާގޮތުގައި،ރާއްޖެގައި ޢިލްމުވެރިކަން އޮތީ ދެކުނުގައެވެ. އަދި، ރާއްޖޭގެ ނެވިކަމާއި ނަކަތްތެރިކަން އޮތީ އުތުރުގައެވެ. މިކަންކަން މިގޮތަށް އޮތީ، އިންޑިޔާ އާއި އުތުރުގެ މީހުންނާ އޮންނަ ގުޅުން ބޮޑުކަމުންކަމަށް ބަޔާން ކުރެއެވެ. ނަކަތްތެރިކަން ރާއްޖެއައިސްފައި ވަނީ މިހާރުގެ އިންޑިޔާއިން ކަމަށް އޭނާ ލަފާކުރަނީ، ނަކަތްތެރިކަމުގައި ބޭނުން ކުރާ ލަފުޒުތައް ދެ ޤައުމުގައި އެއްގޮތްކަމުން ކަމަށް ބަޔާން ކުރެއެވެ. މި ނުކުތާއާ މެދު ފާހަގަކޮށްލަން ބޭނުންވަނީ، ދެކުނުގައި ބޭނުން ކުރާ ބަސް، ކުރީގެ ދިވެހިބަހާ މާ ގާތްކަމާއި ސިންގަޅައާ ވައްތަރުކަން ބޮޑުކަމެވެ. ސިންގަޅަ ނަކަތްތެރިކަމުގައި ބޭނުން ކުރާ ލަފުޒުތައް ދިވެހި ލަފުޒުތަކާ އެއްގޮތްކަން ބޮޑުކަމުން، ނަކަތްތެރިކަމުގެ ޢިލްމަކީ ރާއްޖެ އިސްލާމްވުމުގެ ކުރިންވެސް ރާއްޖޭގައި ދެމެމުން އަންނަ ޢިލްމެއް ކަމަށް ލަފާ ކުރެވޭ ކަމެވެ. ބުދުދީނުގެ މީހުންނަކީ ނަކަތްތެރިކަމަށް ވަރަށް ބޮޑަށް ތަބާވާ ބައެކެވެ. ނެވިކަން އިންޑިޔާއިން އައިކަމަށް މުޙައްމަދު ޖަމީލު ވިދާޅުވިކަމުގައި ވިޔަސް، ޢަރަބީންގެ ފަރާތުން އެކަން އައުން މާ ވައްތަރުކަން ބޮޑެވެ. އެއީ ޢަރަބިކަރައާ ރާއްޖެއާ އޮންނަ ދަތުރުތައް ގިނަވާތީ އާއި ހިންދީންނަކީ އުޞޫލެއްގެ ގޮތުން ކަނޑުދަތުރުކޮށް ނޫޅޭ ބައެއްކަމަށް ޑިސިލްވާ (1981) ބަޔާންކޮށްފައިވާތީއެވެ. އަދި ހިންދީންނާ ޚިލާފަށް ޢަރަބީންނަކީ ކަނޑުދަތުރުކޮށް އުޅޭ ބަޔަކަށް ވާތީއެވެ. މިގޮތުން، ޢަރަބީން އެމެރިކާއަށާއި ކެރިބިއަން ގެ ޤައުމުތަކަށް ޔޫރަޕުގެ ހުދުމީހުން ދިޔުމުގެ ކުރިން ގޮސްފައިވާ ކަމަށް ދަލީލުދޭ ލިޔުންތަކާއި ކުރެހުންތައް ފަހަކަށް އައިސް ފެނިފައި ވެއެވެ. މިކަމުން ޢަރަބީން ނެވިކަމުގައި ކުރިއަރާފައިވާ މިންވަރު ފާހަގަ ކުރެވެއެވެ. މީގެ އިތުރަށް އައްޑޫ އަތޮޅު މީދޫ ކަޅިހާރު އޮޑި1921 ގައި ބެހިގެން ސޮމާލިޔާއަށް ކުރެވުނު ދަތުރުގެ ދަތުރުނާމާގައި، މިޞްރާބުތައް މުޅިން ކިޔާދީފައިވަނީ ޢަރަބި ލަފުޒުތައް ބޭނުންކޮށްގެންނެވެ. މިފޮތުގެ ޙަވާލާ ކުރިން ދެވިފައި ވެއެވެ. މިއަށް ވުރެ ވަރުގަދަ ހެއްކަކީ، ދިވެހި މާލިމީއެއް ކަލްކަތާގައި ބަދަރުގައި އުޅެނިކޮށް، އޭނާގެ އަތުން ޖޭމްސް ޕްރިންސެޕް ކިޔާ އިނގިރޭސިއަކު ހޯދާ، 1836 ވަނަ އަހަރު އޭސިއަޓިކް ސޮސައެޓީގެ ޖާރނަލްގައި ޝާއިޢުކޮށްފައިވާ ސަމުގާގެ މިސްރާބުތަކެވެ(ޕްރިންސެޕް، 1836). އެ މަޒުމޫނުގައި ދިވެހިން ބޭނުންކުރާ ގަބުޅިތާނަ އަކުރުތައްވެސް ހިމަނާފައި ވެއެވެ. ތަޞްވީރު 2 އާއި 3 ގައި އެވަނީ މަޒުމޫނުގައިވާ ކުރެހުމެވެ.

compassތަސްވީރު 2: ޕްރިންސެޕްގެ މަޒުމޫނުގައިވާ ސަމުގާ އާއި ނިޔަމިކަމުގެ ކުރެހުން

akuruthah_britތަސްވީރު 3: ޕްރިންސެޕްގެ މަޒުމޫނުގައިވާ ތާނައަކުރުތައް ހިމެނޭ ޞަފުހާ

ފޮތުގެ ކުރީގައި ފާހަގަ ކޮށްލިފަދައިން، ތަޢުލީމީ ކަންތައްތައް ހިނގަމުން ތަމްސީލުވަމުން ދަނީ، ސިޔާސީ ފަސްމަންޒަރެއްގެ ކުރިމަތީގައެވެ. އެހެންކަމުން، މި ބާބު ނިންމާލުމުގެ ކުރިން، މި ބަޔާންކުރަނީ 1900 ވަނަ އަހަރު ނިމެމުން ދަނިކޮށް ރާއްޖެ ތަޖުރިބާ ކުރި ހާދިސާތަކެއްގެ ވާހަކައެވެ. މިހާދިސާ ތަކަކީ، ވިހިވަނަ ޤަރުނުގެ ތަޢުލީމަށް ވަރަށް ގިނަ އަސަރުތަކެއް ކުރި ހާދިސާ ތަކެކެވެ. މިގޮތުން އެންމެ ފުރަތަމަ ފާހަގަކޮށްލާނީ 1752 އަހަރު މަލާބާރުން އައިސް މާލެ ހިފިވާހަކައިންނެވެ. އިންޑިޔާއަކީ މީގެ 200 ވަރަކަށް އަހަރު ކުރިން އެކި ސަރަޙައްދުތަކުގައި ވަކިވަކި ރަސްކަލުން ވެރިކަން ކުރަމުން އައި ބައްރެކެވެ. މަލާބާރުގެ އައްސޭރީގައިވާ ކަންނަންނޫރުގައި ކުޑަވަރެއްގެ ރަސްކަމެއް އޮވެއެވެ. އެއީ ހިންދީގެ އާބާދީއެއް އޮންނަ ޤައުމަކަށް ވިޔަސް ވެރިޔަކަށް ހުންނަނީ އިސްލާމެކެވެ. ރާއްޖޭގެ ރަސްކަލުންނަށް އައްސުލްޠާނު ކިޔާ ފަދައިން ކަންނަންނޫރު ގެ ރަދުންނަށް ކިޔާ ލަޤަބު ނަމަކީ ޢަލީ ރާޖާއެވެ. ދެން މިނަމުގެ ފަހަތަށް ރަސްގެފާނުގެ އަޞްލު ނަމެވެ. ދިވެހީން މަލާބާރު އައްސޭރިފަށުން އަންނަ މީހުންނަށް ކިޔަނީ ހޮޅީންނެވެ. މި ހޮޅީންނަކީ ދިވެހިރާއްޖެއަށް ދަހިވެތިވެ، އެކި ރަށްރަށަށް އަރައި ލޫޓުވައި، ދޭތެރެ ދޭތެރެއިން ޤައުމު ހިފަން ނައުފަހަރު ފޮނުވާ ބައެކެވެ.

1752 ވަނަ އަހަރު، ހޮޅީންގެ ނައުތަކެއް މާލެއަރައި، އެތެރެކޯލާއި، ތިން ގަނޑުވަރާއި 63 ގޯއްޗާއި، ތިން މިސްކިތް އަންދާލައި، އޭރު ރަދުންނަށް ހުންނެވި މުކައްރަމް މުޙައްމަދު ޢިމާދުއްދީން III ނަވެއްގައި ލަކަދީބަށް ގެންދިޔައެވެ (ބެލް، 1940). އަދި ހޮޅީންގެ ފައުޖެއް މާލޭގައި ވެރިކަން ކުރަން ފެށިއެވެ. މިކަން މެދުވެރިވި ސަބަބަކީ، ކުރިން ބަޔާން ކުރެވުނު ޢިލްމުވެރިޔާ ޙަސަން ތާޖުއްދީނުގެ ދެދަރިއަކު ޢަލީރާޖާއަށް ދެފަހަރެއްގެ މަތިން ސިއްރު ސިޓީ ފޮނުވާ ރާއްޖެހިފަން ރޭވުމެވެ. ހޮޅީން މި ދެބެންނަށް ކުރި އިތުބާރު ގެއްލުމުން އެ ދެބެން ފަހުން ކަނޑުފެއްތިއެވެ. ހޮޅީން ވެރިކަން ކުރާތާ ހަތަރު މަސް ވީތަނާ ކ.ހުރާއަށް ނިސްބަތްވާ ޙަސަން (މަނިކުފާނު) ޢިއްޒުއްދީނު ހޮޅީންނަށް ޙަމަލާދެއްވާ ރާއްޖެ މިނިވަންކޮށްފިއެވެ. މީގެ ފަހުން ވެސް ހައެއްކަ ފަހަރު ޢަލީރާޖާ، ރާއްޖެ ހިފަން ނައުތައް ފޮނުވިއެވެ. އަދި ދޮނަކުޅީގައި ކިއްލާއެއް ހެދިއެވެ. މި ކިއްލާ ފަނާ ކޮށްލައި، ޙަސަން ޢިއްޒުއްދީނު މާލެ ވަޑައިގަތުމުން ޣާޒީގެ ލަގަބު އެމަނިކުފާނަށް އެރުވުނެވެ. އެމަނިކުފާނު ރަސްކަމާ ޙަވާލުވެވަޑައިގަތީ ކުރިން ހުންނެވި ރަދުން، ޢަލީ ރާޖާ މަލިކަށް އަރުވާލައްވާފައި ހުންނަވަނިކޮށް 1577 ވަނަ އަހަރު ފުރައުއްތަ ވުމުންނެވެ. އެދުވަސްވަރު ޢަލީ ރާޖާ އުޅެނީ މަލިކު އަތުލައިގަނެގެންނެވެ. ރަސްކަމަށް އިސްވެވަޑައިގަތީ، ރައްޔިތުން އެދިވަޑައިގަތުމުންނެވެ. މި ރަދުން މަޝްހޫރުވެފައިވަނީ ”ދޮން ބަންޑާރަ“އިގެ ނަމުންނެވެ. ދޮން ބަންޑާރައިން ނިޔާވުމުން، ރަސްކަމަށް އިސްކުރުމަށް އޭނާ ވަސިއްޔަތް ކުރެއްވީ މަލިކުގައި ފުރައުއްތަވި، މުޙައްމަދު ޢިމާދުއްދީނު III ގެ ބޭފުޅެކެވެ. ނަމަވެސް އެ ދަރިކޮޅުގެ އެއް ރަދުންނަށްފަހު، ދޮންބަންޑާރައިންގެ ބޭފުޅުންނަށް ރަސްކަން ލިބިވަޑައިގަތެވެ. މި ވާހަކަތައް ވަރަށް ތަފްޞީލުކޮށް މުޙައްމަދު އަމީން (1949) އާއި ބެލް (1940) ގައި ވެއެވެ.     ޣާޒީ ޙަސަން ޢިއްޒުއްދީނަށް ފަހު ވެރިކަން ކުރެއްވި ރަސްކަލުންނަކީ ހުރާ ދަރިކޮޅުގެ ރަސްކަލުންނެވެ. އެއީ އަންނިވި ފަރާތްތަކެވެ.

މުޙައްމަދު ޣިޔާޘުއްދީނު
1766
1774

މުޙައްމަދު ޝަމްސުއްދީނު  II

1773

1774

މުޙައްމަދު މުޢިއްޒުއްދީނު

1774

1799

ޙަސަން ނޫރައްދީނު

1799

1799

މުޙައްމަދު މުޢީނުއްދީނު I

1799

1835

މުޙައްމަދު ޢިމާދުއްދީނު IV

1835

1882

އިބްރާހީމް ނޫރައްދީނު

1882

1886

މުޙައްމަދު މުޢީނުއްދީނު II

1886

1888

އިބްރާހީމް ނޫރައްދީނު

1888

1888

މުޙައްމަދު ޢިމާދުއްދީނު V

1892

1893

މުޙައްމަދު ޝަމްޝުއްދީން III

1893

1893

މުޙައްމަދު ޢިމާދުއްދީނު VI

1893

1903

މުޙައްމަދު ޝަމްޝުއްދީން III

1903

1934

މަތީގައި ބަޔާން ކުރެވުނު ރަދުންގެ ތެރެއިން، އެންމެ މުހިއްމު ކަންތައްތައް ހިނގީ މުޙައްމަދު ޢިމާދުއްދީނު ރަސްކަމުގައެވެ. އެއީ ވޯރާ (ބޯރާ) ވިޔަފާރިވެރިން 1860 ގެ އަހަރުތަކުގައި މާލެއަށް ފޭބުމެވެ. މިއީ ދިވެހިރާއްޖެއަށް ފަހުން ދިމާވި ހުރިހާ މުޞީބާތްތަކެއްގެ އަޞްލެވެ. ބެލް (1940) ގައި ބުނަނީ މިކަމަކީ، ކުރިން ލަފާނުކުރެވި ދިމާވި ބޮޑެތި ފައިސާގެ މައްސަލަތަކާއި ސިޔާސީ މައްސަލަތަކުގެ ފެށުމާއި އުފެދުން ކަމުގައެވެ. އަދި ފަހުން ރަސްކަން ކުރެއްވި އިބްރާހީމް ނޫރައްދީނާއި މުޙައްމަދު މުޢީނުއްދީނު II ރަސްކަމުގައި އާއި 20 ވަނަ ޤަރުނުގެ ތެރެއަށް ދެމިގެން ދިޔަ، ދައުލަތުގެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމާއި އެކި ފަރާތްތަކަށް އަނިޔާ ދިނުމަށް އެމީހުންގެ ފުރަގަހުގައި ކަންކަންކުޅައުމާއި އެކި ފަރާތްތަކަށް ގެއްލުންދެނިވި ގޮތަށް ރޭވުންތައް ރޭވުމުގެ ސިއްރުކަމުގައެވެ. މިބާވަތުގެ މައްސަލަތައް ލަސްނޫން ގޮތެއްގައި ދޭތެރެދޭތެރެއިން މެދުވެރިވެގެން ދިޔައެވެ. އެހެންކަމުން މި މައްސަލައަށް ކުރުގޮތަކަށް ބަލާލަން ޖެހެއެވެ.

ދިވެހިރާއްޖެއިން ބޭރަށް ވިއްކާ އެއްޗިއްސަކީ، ބޭރުގެ ބާޒާރުތަކުގައި ވަރަށް އަގުހުރި އެއްޗިއްސެވެ. މިތަކެތި ގަތުމަށް ބޭރު ނައުފަހަރު އަންނަ ވާހަކަ ޕިރާޑު ލިޔެފައި ވެއެވެ. ޔަންގ އާއި ކްރިސްޓަފަރ (1834) ގައި ބަޔާން ކޮށްފައިވާ ގޮތުގައި، އެކްސްޕޯޓް ވިޔަފާރިކުރަނީ ދެބައެކެވެ. އެއްބަޔަކީ ދިވެހިންނެވެ. މިބައިމީހުން 100 އާއި 200 ވަރަކަށް ޓަނުގެ (ދިގުމިނުގައި 60 — 90 ފޫޓު ހުންނަވަރުގެ) އޮޑިފަހަރުގައި ގާލީއަށާއި، ކަލްކަތާއަށާއި މަލާބާރަށް ދަތުރު ކުރެއެވެ. އަނެއް ބައިމީހުނަކީ ބިދޭސީންނެވެ. މިބައިމީހުންގެ ނަވުތަކުގައި އައިސް، ތަކެތި ގަނެގެން ސުމާޓްރާ އަށާއި ބަންގާޅަށާއި އަދި އެހެނިހެން ހިސާބުތަކަށް ވިއްކައެވެ. ބޭރުން ތަކެތި ގަންނަން އަންނަ މީހުން ގެންނަތަކެތި ވިއްކަނީ މާލެއަށެވެ. އެމީހުންގެ ނައުތަކުން ތަކެތި ބާލައި ބަހައްޓާނެ ތަނެއް (ގުދަނެއް) ސަރުކާރުން ކުއްޔަށް ހިފަނީއެވެ. މިހެން މިކަން ހިނގަމުން ދަނިކޮށް، 1860 ގެ އަހަރުތަކުގައި ބޯރާ ވިޔަފާރިވެރިން މާލެއަށް ފައިބައި ގުދަން ހަދަން ސަރުކާރުން ހުއްދަދީފިއެވެ. ބޯރާ އިންނަކީ ގުޖުރާތުގައި ދިރިއުޅުނު ހަނަފީ މަޒުހަބާއި އިސްމާއީލީ މަޒުހަބަށް ނިސްބަތްވާ، ބޮޑަށް ވިޔަފާރީގައި ޙަރަކާތްތެރިވާ ބައެކެވެ. ކުރީގައި އޮންނަ ގޮތާ ޚިލާފަށް ބޭރު ބަޔަކު މާލޭގައި ގުދަންތަކާ އެކު ފިހާރަތައް ހިންގުމަށް ހުއްދަލިބުނީ ކޮންގޮތަކުންކަން، ބެލި އެއްވެސް ލިޔުމަކުން ސާފެއް ނުވެއެވެ. ނަމަވެސް މިއީ ނުސީދާ ނަހަމަގޮތަކުން ހޯދި ހުއްދައެއްކަމަށް އިޝާރާތް ކުރާ ލަފުޒުތަކެއް ބެލް (1940) ގައި ވެއެވެ ”This radical change in policy, insidiously introduced…“ (ސ. 46). 1887 ވަނަ އަހަރު ބޯރާއިންގެ 7 ކުންފުނި މާލޭގައި ހުއްޓެވެ.

ބޯރާ ވިޔަފާރިވެރިން ރާއްޖެ ފޭބުމުން، ބޭރުން އަންނަ ނަވުތަކަށް އެއްޗިހި ތަފާތު އަގުގައި ވިއްކުމުގެ ބަދަލުގައި، ދިވެހިން އެތަކެތި ވިއްކަންޖެހެނީ ވޯރާ ވިޔަފާރިވެރިންނަށެވެ. އެމީހުން ބުނާ އަގަކަށެވެ. ނަތީޖާއެއްގެ ގޮތުން، ބޭރުން ތަކެތި ވިއްކަން އަންނަ ނައުތައް އައުން މަދުވެއްޖެއެވެ. ދިވެހިން ގަންނަންޖެހޭ ތަކެތި ގަންނަން ޖެހެނީ އެމީހުންގެ އަތުންނެވެ. އެމީހުން ވިއްކާ އަގަކަށެވެ. އިމްޕޯޓް އެކްސްޕޯޓް ގެ ވިޔަފާރީގެ ބޮޑުބައެއް ބޯރާ ވިޔަފާރިވެރިންގެ އަތްމައްޗަށް ގޮސް، އެމީހުން އެ ވިޔަފާރިން މޮނޮޕޮލީއެއް ޤާއިމްކޮށްފިއެވެ. މިކަންކަމާ ގުޅިގެން ސަރުކާރަށް ލިބޭ އާމްދަނީ ކުޑަވެ، ސަރުކާރު، އެމީހުންނަށް ދަރާ ގޮތް މެދުވެރި ވެއްޖެއެވެ. ދަރަންޏަށް ތަކެތި ނަގަންޖެހުމާއި، ސިޔާސީކަންތައްތަކުގައި އަޑިން ބައިވެރިވުމާއި ވިޔަފާރީގެ ނާޖާއިޒު ހުއްދަތައް ހޯދުމަށް ރިޝަތު ދިނުމުގައި ބޯރާ ވިޔަފާރިވެރިން ބައިވެރިވާކަމަށް ބެލް (1940) ގައި ވެއެވެ. މިކަންކަމާއި އެކު ސަރުކާރުގެ ޚަރަދުތައް ހުރިގޮތުގެ ވާހަކަ ޙުސައިން ޞަލާޙުއްދީނު ލިޔެފައިވާ ”ސުވޭހުގެ ކައިވެނިފުޅު“ ގައި ބަޔާންވެގެން ވެއެވެ.

އަތިރީގޭ އިބްރާހީމް ދީދީ (ސްރީ ލަންކާ އިންނާއި ކަލްކަތާއިން ކިޔަވައިގެން) ސްރީ ލަންކާގައި ހުންނަވަނިކޮށް، 1883 ވަނަ އަހަރު އިބްރާހީމް ނޫރައްދީނު ރަދުން އޭނާ ގެންނަވައި، ދޮށިމޭނާކަން ދެއްވައިފިއެވެ. އެއީ ރަންނަބަޑޭރި ކިލެގެފާނު ކަމުގައި ހުންނެވި މުޙައްމަދު ދީދީ އެ މަޤާމަށް އިސްކުރުމުގެ ބަދަލުގައެވެ. މިއީ އިބްރާހީމް ދީދީ އާއި މުޙައްމަދު ދީދީ ގެ (އަތިރީގެ އާއި ކަކާގޭގެ) ދެކޮޅުވެރިކަމުގެ ފެށުމެވެ. މުޙައްމަދު ދީދީއަށް ބޮޑުބޭބެ ކިޔާ ބޭފުޅަކާ ރަދުން ކައިވެނިކުރައްވައިގެން ފިރިހެން ބޭފުޅެއް (މުޙައްމަދު ޝަމްސުއްދީނު III) ލިބިވަޑައިގެންފައި ވެއެވެ. ކުރިން ބަޔާން ކުރެވުނު ރަސްކަލުންގެ ލިސްޓުގައި ނަންތައް އެހާ އަވަހަށް ބަދަލުވަމުން ގޮސްފައި އެވަނީ ބޯރާ ވިޔަފާރިވެރިންގެ ހަރަކާތްތަކާއި މިދެ އާއިލާގެ ކޯޅުމުގެ ތެރެއިންނެވެ (ބެލް، 1940).

މިގަޑުބަޑުތަކުގެ އެންމެ ނޭދެވޭ ނަތީޖާއެއް ނުކުތީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުމުންނެވެ. މިކަން ހިނގިގޮތް، ޢަބްދުލްޙަކީމް ޙުސައިން މަނިކު (1981) ގައި ބަޔާންކޮށްފައި ވެއެވެ. އަދި، ”ދިވެހި ތާރީޚަށް އައު އަލިކަމެއް“ މިފޮތުގައި މި ހާދިސާތަކުގެ ކިތާބީ ހެކިތައް ވެއެވެ (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1990). ޢަބްދުލްޙަކީމް ޙުސައިން މަނިކު ބަޔާން ކުރާގޮތުގައި ހެންވޭރުގޭ ހަކުރާ މަނިކުފާނާއި އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ދެ ޢަދާވާތްތެރިންނެވެ. މިކަން ފެށުނީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ކައިރިން ގަދަކަމުން ވަރިވެގެން ގޮސް އޭނާގެ އަންހެނުން ހެންވޭރުގޭ ހަކުރާ މަނިކުފާނާ ކައިވެނިކުރުމާ ގުޅިގެންނެވެ. (އޭރު، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަށް މި ބަނޑުން މަޝްހޫރު ޢަބްދުލްމަޖީދު އާއި ޢަބްދުލްޙަމީދު ދީދީ ލިބިފައި ވެއެވެ.) އޭރު ރަސްކަމުގައި ހުންނެވި އިބްރާހީމް ނޫރައްދީނު އަރިހުގައި ނަގާ ވިދާޅުވަނީ ހެންވޭރުގޭ ހަކުރާ މަނިކުފާނެވެ. އެއީ ރަދުން ކައިވެނިކުރައްވައިގެން އުޅުއްވަނީ ހެންވޭރުގޭ ބޭފުޅަކާ ކަމަށްވާތީއެވެ. ނަމަވެސް، އިބްރާހީމް ދޮށިމޭނާ ކިލެގޭފާނަކީ މުއްސަންޏެކެވެ. ރަށުގައި ނުފޫޒުގަދަ ބޭފުޅެކެވެ.

މިހާ ހިސާބުން ކަކާގޭ މުޙައްމަދު ރަންނަބަޑޭރި ކިލެގެފާނުންގެ ވެސް ހެންވޭރުގޭ ހަކުރާމަނިކުފާނުގެ މައްސަލަގަނޑުގެ ތެރެއަށް ވަދެވިއްޖެއެވެ. މާލޭގެ ދެ ސިޔާސީ ގުރޫޕެއް ހެދިއްޖެއެވެ. އެއް ބައިގައި އުޅެނީ ވެރިކަންކުރާ ހެންވޭރުގޭ އަދި ކަކާގޭ ގުރޫޕެވެ. އަނެއްބައިގައި އުޅެނީ އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކެވެ. މިކަމުގައި ހަވަރު ހައްލައިގެން، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު، އޭރު ހުންނެވި ނޫރައްދީނު ރަދުން، އޭނާގެ ގެޔަށް ފޮނުއްވާ، މުޙައްމަދު މުޢީނުއްދީނު ރަސްކަމަށް އިސްކޮށްފިއެވެ. ބޮޑުވަޒީރަކަށް ހުންނެވީ އަނެއްކާވެސް އަތިރީގޭ އިބްރާހީމް ދީދީއެވެ. ދުވަސްކޮޅެއް ނުވެ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި ރަދުންނާ އަނެއްކާ ޖެހިއްޖެއެވެ. މިފަހަރު، އިބްރާހީމް ދީދީގެ ގުރޫޕުން ނިންމީ، މުޅި ރަށުގައި ހުޅުޖަހާ، ބޯރާ ވިޔަފާރިވެރިންނަށް އަނިޔާކުރާށެވެ. މި ހުޅުޖެހުމަށް ކިޔަނީ ބޮޑުހުޅެވެ. އެއީ 3 ފެބްރުއަރީ 1887 ގައެވެ. މިކަންކުރި ފަރާތްތައް ފާހަގަ ކުރެވުނު އިރު، އެކަމުގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހިމެނެއެވެ. ދޭން އޭނާއަށާއި އެހެން ބާޣީ ފަރާތްތަކަށް އަދަބުދީ އަރުވާލީއެވެ. މި ޝަރީޢަތް ކުރީ ކުރިން ބަޔާންކުރެވުނު މަޝްހޫރު މުޙައްމަދު ޖަލާލުއްދީނު (ނާއިބުތުއްތު) އެވެ.

މި ކަން ހިނގިއިރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އެންމެ ދޮށީ ދަރިފުޅު އަޙްމަދު ދީދީ ހުރީ ގާލީގައި ކިޔަވާށެވެ. ދެން ކަންތައްތައް ހިނގާދިޔަ ގޮތް ޢަބްދުލް ޙަކީމް ޙުސައިން މަނިކު ރިވާ ކުރާ ގޮތް ތިރީގައި އެވަނީއެވެ.

އަޙްމަދު ދީދީއަށް ބައްޕަ ސަލާމަތް ކުރެއްވުމަށް ޢަމަލުކުރަން ޖެހިވަޑައިގަތީ، ޤައުމު އިގިރޭސީންނަށް ”ކޮލޮނީ“ އަކަށް ހެއްދެވުމަށެވެ. މިހެންކަމުން ވޯރާ ވިޔަފާރިވެރިން ކުރެ އަލްފާޟިލް އީ.ޖީ.އާދަމް ޢަލީ އާއި، މުޙައްމަދު ޢަލީ ކަރީމްޖީ އާއި އަދި ކަލްކަތާގައި ހުރި އެބޭފުޅުންގެ ރަޙުމަތްތެރި ޢަބްދުލްޢަލީ ކިޔާ، ނަންހުރި ވަރަށް މުއްސަދި އަދި އިގިރޭސީންގެ އެކުވެރި ވޯރާ ވިޔަފާރިވެރި ތިން ބޭކަލެއްގެ އެހީންނެވެ. އަދި ދިވެހީންގެ އެޖެންޓް އަލްފާޟިލް ޢަބްދުލް ކަރީމް މުދުލިއާރުގެ އެހީވެސް ހޯއްދަވައިގެންނެވެ. މި އެންމެ ކަލުން އެއްބަސްވެގެން މަސްއަލަ ހުށަހެޅުއްވީ ސްރީ ލަންކާގެ ގަވަރނަރ ސަރ އާތަރ ހެމިލްޓަން ގޯޑްން ޖީ.ސީ.އެމް.ޖީ ގެ އަރިއަހަށެވެ. ދެއްވި ބަޔާނަކީ، ރާއްޖޭގެ އަމަން ގެއްލި ވޯރާ ވިޔަފާރިވެރިން ގައިގައި ވަޅިއަޅައި އެމީހުންގެ މުދާ ތަކުގައި އަލިފާން ޖަހައި، ރަށުގެ ގެތައް އަންދާ މިގޮތުން އަމަން އާއްމު މާ މަތީ ދަރަޖައަކަށް ގެއްލިއްޖެއެވެ. ވުމާއެކު، މަނިކުފާނުގެ ޢިއްޒަތްތެރި ރާނީގެ ރައްޔިތުންކަމުގައިވާ ވޯރާ މާޗަންޓުންގެ ޖާނާއި މާލު ސަލާމަތްކޮށް ދެއްވުމަށް މާލެއަށް ވަކީލުން ފޮނުއްވައި މައްސަލަ ހިގިގޮތް ބައްލަވައި ދެއްވުން އެދެމެވެ…

ކޮންމެއަކަސް އިގިރޭސީންގެ ފަރާތުން މައްސަލަ ބެލުމަށް އަދި އެމީހުން ޒަމާނުއްސުރެ އިގިރޭސީންގެ ”ކޮލޮނީ“ އަކަށް ހަދާ ހިތުން އަތިރީގޭ ބޭފުޅުންނާ ގުޅައިގެން މަސައްކަތް ކުރި ދިވެހިރާއްޖެ އަތްދަށުލުމަށް 22 ފެބްރުއަރީ 1887މ މިތާރީޚްގައި … މާލެ އަތުވެއްޖެއެވެ. ގަވަރުނަރުގެ ޚާއްޞަ ވަކީލަކީ ރެއަރ އެޑްމިރަލް ފްރެޑްރިކް ޑަބްލިޔޫ އެމް ރިޗަރޑް އެވެ. އިތުރަށް މަނަވަރުން ވަޑައިގަތީ އަތިރީގޭ އަންނަބީލް އަޙުމަދު ދީދީ އާއި އަލްފާޟިލް ޢަބްދުލް ކަރީމް މުދުލިޔާރު އާއި އެވެ. މިޑެލިގޭޝަން މަތިގެއަށް ވަޑައިގެން ކީރިތި މަހާރަދުން … އާއި… ދައުލަތުގެ އެހެނިހެން ބޮޑުންގެ އަރިހުން އެދި ވަޑައިގަތީ ދިވެހި ދައުލަތާއި އިނގިރޭސީންގެ ސަރުކާރާ ދެމެދުގައި ”ޙިމާޔަތު“ ލިބޭ އެގްރިމެންޓެއް ލިއުމަށެވެ. މި އެގްރިމަންޓުން ދިވެހީންނަށް އިގިރޭސީންގެ ކޮލޮނައިޒަރުންނަށް ވާންޖެހޭ ގޮތަށެވެ. ދިވެހިރާއްޖެއަކީ އިގިރޭސި ކޮލޮނީއަކަށް ވާ ގޮތަށެވެ. މިކަމާއި މުޅި ދިވެހިރާއްޖެ ދިމާ އިދިކޮޅު ވެއްޖެއެވެ. އެއްވެސް ޙާލެއްގައި މާތްﷲ ނޫން ފަރާތެއްގެ ޙިމާޔަތެއް ނުވަތަ އަޅުވެތިކަމެއް ގަބޫލު ކުރުމަކަށް ކީރިތި މަހާރަދުންނާއި ބޮޑު ވަޒީރާއި ފަޑިޔާރު ކަމާއި ޙަވާލުވެ ހުންނެވި ނައިބު ތުއްތޫ އާއި ހަވަރާއި ރައްޔިތުން ގަބޫލުކަމަކަށް ނުވިއެވެ. ހައެއްކަ ދުވަހަށް ފަހު، މަނަވަރު އެބުރި ސްރީ ލަންކާއަށް ހިގައްޖެއެވެ. އެތަނަށް ގޮސް ތިބެ، ދިވެހިރާއްޖެ މުޅިން އިގިރޭސީންގެ އަޅުވެތި ކަމުގެ ދަށަށްގޮސް އެންމެ ފުރިހަމަ މާނާގައި ކޮލޮނީ އަކަށް ނުވަތަ އިސްތިޢުމާރީ ޙިމާޔަތް ލިބޭ ޤައުމަކަށް ވާ ގޮތަށް އަލްފާޟިލް ޢަބްދުއްރަޙްމާނު ޢާލިމް ޞާޙިބު ލައްވައި ޢަރަބި ބަހުން ސިޓީ އެގްރީމެންޓެއް ލިއުއްވަފިއެވެ. މި ލިއުން އޮންނަނީ ދިވެހިރާއްޖޭގެ ރަދުން މަތިން ބައިން ރާއްޖެ ހަމަ ނުޖެހިގެން އިގިރޭސީންގެ ޙިމާޔަތުގެ ބޭނުން ކުރައްވައި، އެބައިމީހުންގެ ދަށުގައި އަހަރު އަހަރަށް ޖިޒީ ދެއްވައިގެން އޮތުމަށް އެދި އާދޭސް ކުރައްވާފައިވާ ވަރަށް ނިކަމެތި އަދި ޙަޤީރު ކަމުގެ ޢިބާރާތްތަކަކުންނެވެ. މި ނުބައި އެތި ހަދައިގެން މިފަހަރު ބޮޑު ދެމަނަވަރުގައި ޑެލިގޭޝަނަށް ޢަބްދުއްރަޙްމާނު ޢާލިމް ޞާޙިބު އިތުރުކޮށްގެން އަތުވެއްޖެއެވެ. … މިފަހަރު އެގްރީމެންޓް ލިޔުމަކަށް ބޭނުމެއް ނެތެވެ. ކުރީފަހަރު ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ލިއެ ނުދެއްވި ލިޔުން މިއޮތީ ލިއެގެން ގެނެސްފައެވެ. ދެން އޮތީ ސޮއިކޮށް ލެއްވުމެވެ. ރަދުންގެ އަރިހަށް ހުށަހެޅުމުން ސޮއި ކުރެއްވުމަށް ކުރީ ފަހަރެކޭ އެއްގޮތަށް އިންކާރު ކުރައްވައިފިއެވެ. ފަހަތްޕުޅުގައި ބޮޑު ވަޒީރާއި ޝަރީޢަތުގެ ވެރިޔާ އާއި ދައުލަތުގެ ބޮޑުންނާއި ހަވަރާއި ރައްޔިތުންވެސް ތިބީ މިގޮތަށެވެ. ޑެލިގޭޝަން މަނަވަރަށް އެބުރި ވަޑައިގަންނަވައިފިއެވެ. ދެން ފެނުނީ ދެ މަނަވަރުގެ ބަޑިތައް މާލެއާއި ދިމާއަށް އަބުރާލާފައި މާ ބާރަށް އައިސް ތޮށި ކައިރިއަށް މަޑުކޮށްލި ތަނެވެ. މަނަވަރު ބައްތެލީގައި ޑެލިގޭޝަން ފައިބާގެން މާލެ ވަޑައިގެން އެ ދަންނަވަނީ މީގައި ސޮއި ނުކުރެއްވިނަމަ،ރަށް ފުޑުފުޑު ކޮށްލައިފާނެއެވެ. ދެން ރަދުންނާއި އެންމެހައި ބޮޑުން އެއްބަސްވީ މަރުން މިންޖުވުމަށް ސޮއިކުރައްވާށެވެ. ނައިބު ތުއްތު ބުނުއްވީ ކާފަރުންގެ އަތުން ޝަހީދުވިޔަސް ތީގައި ސޮއިކުރާނެކަމެއް ނެތެވެ. އަދި ސޮއިކުރާތާގައި ނީންނާނަމޭ ވިދާޅުވެ، މަތިގެއިން ފައިބައިގެން ދުރުވެއްޖެއެވެ. ރަދުން މަޖުބޫރުން އެގްރީމަންޓް ސިޓީގައި ސޮއި ކުރައްވައިފިއެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 22-25،1981).

ސޮއިކުރުމަށް ފަހު އިގިރޭސީންގެ ދެވަކީލުން ރަދުންނަށް މަޖުބޫރު ކުރުވީ ހަމަ އެހާރު މުޙައްމަދު މުޢީނުއްދީނާއި ވަޒީރުލް އަޢުޡަމް އިސްތިޢުފާ ދެއްވައި، އެ މަޤާމަށް އިބްރާހީމް ނޫރައްދީނު އިސްކޮށް، ބޮޑުވަޒީރުކަން ދިނުމަށް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބަލައި އޮޑި ފޮނުވުމަށެވެ. ޢަބްދުލްޙަކީމް ޙުސައިން މަނިކު (1981) ގައި މިހާވަރަށް ރާއްޖޭގެ އެތެރެފުށާއި ފުރަތަމަ ފަހަރުވެސް އިގިރޭސިން ބެހުނުކަމަށް ޚިޔާލުފާޅުކޮށްފައި ވެއެވެ. ނައިބު ތުއްތު ފެހެންދޫއަށް އަރުވާލެވުނީ މިކަމާ ގުޅިގެން ރަސްކަމަށް އިސްވިފަރާތުންނެވެ. މިވާހަކަތަކެއް ބެލް (1940) ގައި ނުހިމެނެއެވެ. އޭނާއަކީ އިނގިރޭސި ސަރުކާރުގެ މުސާރަވެރިއެކެވެ. ސިޓީ އެގްރީމަންޓްގައި މަޖުބޫރުން ސޮއިކުރެއްވި ތާރީޚަކީ 16 ޑިސެމްބަރ 1887 އެވެ. މިކަމުން ދިވެހިރާއްޖެ މިންޖުވީ 26 ޖުލައި 1965 ގައެވެ.

1900 އަހަރުގެ ކުރިން ރާއްޖޭގައި ތަޢުލީމު ދެވެމުން އައިގޮތުގެ ޚުލާޞާ

މަތީގައިވާ ޙަވާލާދެވުނު ލިޔުންތަކަށް ބަލައި، ދިވެހިރާއްޖޭގައި 1900 އަހަރުގެ ކުރިން ތަޢުލީމު ދެވެމުން އައިގޮތް ތިރީގައިވާ ގޮތަށް ޚުލާޞާ ކޮށްލެވިދާނެއެވެ.

  • ދީނީ ތަޢުލީމު ދިނުމުގެ ނުރަސްމީ ނިޒާމެއް ރާއްޖޭގައި ހިނގަމުން އަންނަނީ މީހުން ރާއްޖޭގައި ވަޒަންވެރިވީ ދުވަސްވަރުން ފެށިގެންނެވެ. މި ނިޒާމަކީ ސަރުކާރުން އެހީއެއް ލިބިގެން ކުރިއަށްދާ ނިޒާމެއް ނޫނެވެ. ނަމަވެސް ފަރުދީ ބޭނުންތަކަށް، އެމީހުންގެ އަތުން ޚަރަދުކޮށްގެން ހިންގާ ނިޒާމެކެވެ. މި ނިޒާމު ރާއްޖޭގެ އެންމެ ކުރީ ދުވަސްވަރުން ފެށިގެން އޮވެއެވެ. 1153 ވަނަ އަހަރުން ފެށިގެން މީހުން އުޅޭ ކޮންމެ ރަށެއްގައިހެން އެދުރުގެތައް ހުރެއެވެ. އެދުރުގެތަކުގައި ދިވެހި ލިޔަންކިޔަން ދަސްކޮށްދެވެއެވެ. އެދުރުގެތަކަކީ، އިސްލާމީ ޙަޟާރަތުގައި މަކްތަބު ފަދަ ތަންތަނެވެ.
  • ސަރުކާރުން ޚަރަދުކޮށްގެން އެންމެ ފުރަތަމަ ޤާއިމްކުރި މަދްރަސާއަކީ އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތުގެ ދޮރޯށީގެ ދެފަރާތުގައި ބޮޑު އަށްޓެއް ހައްދަވައިގެން ހިންގެވި މަދްރަސާއެވެ. މިކަން ފެށިފައިވަނީ 1659 ވަނަ އަހަރުއެވެ. ދުވަސްތަކެއް ވަންދެން މިތަން ހިނގުމަށްފަހު ހުއްޓިއްޖެއެވެ. ހުއްޓުނު އަހަރެއް ޔަޤީން އެއް ނުވެއެވެ. 1900 އަހަރުގެ ކުރިން ސަރުކާރުން ދެން ހިންގި އެދުރުގެތަކަކީ މާލޭގެ ހަތަރު އަވަށުގައި ހިންގި އެދުރުގެއެވެ. މިކަން ފެށިގެން އައީ 1880 ގެ އަހަރުތަކުގައެވެ. ފެށުނު ތާރީޚްތަކެއް ޔަޤީންކަމާއެކު ނޭނގެއެވެ. މި އެދުރުގެތައް މެދުނުކެނޑި ކުރިއަރަމުން ގޮސްފައި ވެއެވެ.
  • ރާއްޖޭގެ މީހުން އެންމެ ކުރީންސުރެ ބޭރު ޤައުމުތަކަށް ތަޢުލީމު އުނގެނެން ދެއެވެ. އަދި، ބޭރުން ކިޔަވައިގެން އަންނަ ބައެއް މީހުން އެމީހުންގެ ގޭގައި ނުވަތަ އެހެންތަނެއްގައި ކިޔަވައި ދެއެވެ. މިކަން މެދުކެނޑުމެއްނެތި ހިނގަމުންދާތާ 1000 އަހަރު ވެދާނެއެވެ. މިއީ އޮކްސްފޯރޑް ޓިއުޓޯރިއަލް ނިޒާމް ފަދަ ގޮތަކަށް ކިޔަވައިދޭ ކިޔަވައިދިނުމެކެވެ. ދަރިވަރުންގެ ކުޑަ ގްރޫޕެއް، އެދުރެއްގެ ގެއަށް ނުވަތަ އެހެންވެސް ތަނަކަށް އެއްވެ ކިޔަވަނީއެވެ. މި ކިޔަވާދިނުމުގައި ބައިވެރިވަނީ ވަރަށް މަދު ޢަދަދެއްގެ ކުދިންނެވެ. އެކި ކުދިން އުމުރުގެ ގޮތުންނާއި ދަސްކުރާ ތަކެތީގެ ގޮތުން ތަފާތެވެ. ކިޔަވައިދިނުމުގައި އިސްކަމެއްދެނީ ފިޤުޙު ކިޔަވަން ކަމުގައި ވިޔަސް، ބޭރުގެ ބަސްތަކާއި ޅެންހެދުމާއި މިފަދަ އެހެން އާރޓްސްގެ މާއްދާތައް ހިމެނެއެވެ. މިނިޒާމަށް، އިސްލާމީ ޙަޟާރަތުގައި މަދްރަސާ މާނަކުރާ ގޮތަށް މާނަކުރެވިދާނެއެވެ.
  • ސަރުކާރުން ހެވިކަން ދަސްކޮށްދޭ ޓްރޭނިން ސެންޓަރެއް ހުންނަނީ ލަސްވެގެން 1600 ވަނަ އަހަރުން ފެށިގެންނެވެ. މި ނޫންބާވަތެއްގެ ސަރުކާރުގެ ޚާއްޞަ ޓްރޭނިންގ އެއް ރާއްޖެއަކު ނުދެއެވެ. އެކި ފަންނުތައް ދަސްކުރަނީ އެޕްރެންޓިޝިޕް ނިޒާމުންނެވެ.
  • ނެވިކަމަކީ ރާއްޖޭގައި ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ކަމެކެވެ. އެއީ ރާއްޖޭގެ ޖޯގްރަފީގެ ސަބަބުންނެވެ. މި ތަމްރީނު އުނގަންނައިދޭ ޓިއުޓަރުން ރާއްޖޭގެ މީހުން ސްރީ ލަންކާ އަށް ދަތުރުކުރަން ފެށިއިރުން ސުރެ ވެސް އުޅެއެވެ. ދިވެހީން ސެކްޓަންޓް (ފިލާ) ބޭނުންކުރަން ފެށީ 1800 ގެ ފަހު އަހަރުތަކުގައި ކަމަށް ވެއެވެ. އެއީ ކަލްކަތާއަށް 1830 ގެ އަހަރުތަކުގައި ދަތުރުކުރާ މީހުންވެސް ބޭނުން ކުރީ ކްރޮސް ސްޓާފާއި ކަމާލެވެ.
  • 1900 އަހަރުގެ ކުރިން ރާއްޖޭގައި ކިޔަވާދިނުމުގައި ބޭނުންކުރީ ވޮށުފިލައާއި ފިލާގަނޑެވެ. ކުރީ ޒަމާނުގައި ބޭނުންކުރަނީ ކަށިކެޔޮ ފަތެވެ. ދެކުނު އެޝިޔާގައި ޕެލްމީރާ ރުކުގެ ފަން ބޭނުން ކުރި ފަދައިންނެވެ. ކީރިތި ޤުރްއާން އާއި ޢިލްމީ ފޮތް ލިޔުމަށް ބޭރުން ގެންނަ ކަރުދާސް ބޭނުން ކުރެއެވެ. ރާއްޖޭގައި އެއްވެސް އިރެއްގައި ކަރުދާސް އުފެއްދިކަމެއް އެނގޭކަށް ނެތެވެ.

ދިވެހިރާއްޖެއަކީ ބޭރު މީހުން އައުން ގިނަ ޤައުމެކެވެ. އަދި ދިވެހީންވެސް އެހެން ޤައުމުތަކަށް ދަތުރު ކުރާ ބައެކެވެ. މި ދަތުރުތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީ، އެހެން މިފަދަ (ދުރުދުރުގައިވާ ޖަޒީރާތަކުގެ) ޤައުމުތަކާ އަޅާ ބަލާއިރު ވަނީ ކުރީގައެވެ. ކުޑަކުދިންގެ ތަޢުލީމީ ޙާލަތަކީ، އެހެން ޤައުމުތަކާ އެއް ފެންވަރެއްގެ ޙާލަތެކެވެ. އިސްލާމީ ޙަޟާރަތުގައި އުފެދުނު މަތިވެރި މަދްރަސާ ތަކާއި ޖާމިޢާތަކެއް ރާއްޖޭގައި އުފެދިފައެއް ނުވެއެވެ. އެފަދަ ތަންތަނަށް ބޭނުންޖެހޭ އާބާދީއެއް ރާއްޖެއަކު އެ ދުވަސްވަރަކު ނެތެވެ.

މި ފުރަތަމަ ބާބަކީ، ފޮތުގެ ސުރުޚީގައިވާ ”ދިވެހިރާއްޖޭގެ ތަޢުލީމުގެ ސިޔާސަތުތައް 1900—2015“ ބަޔާން ކުރުމުގެ ކުރިން މައުޟޫޢު ރަނގަޅަށް ދެނެގަތުމަށް ބޭނުންވާ ފަސްމަންޒަރެކެވެ. ފޮތުގެ ތަޢާރުފުގައި ބަޔާން ކުރެވުނު ފަދައިން، 115 އަހަރުގެ މި މުއްދަތު އަޅުގަނޑުމެން ބަހާލާފައިވަނީ ފަސް ދައުރަކަށެވެ. އެންމެ ފުރަތަމަ ދައުރަކީ 1900 އިން 1934 އާ ހަމައަށް ”ޞަލާޙުއްދީނުގެ ދައުރު“ ކަމަށް ނަންދީފައިވާ ދައުރެވެ. ދެވަނަ ބާބުގައި އަޅުގަނޑުމެން ބަލާލާނީ މި ދައުރުގެ ތަޢުލީމީ ކަންތައްތައް ހިނގާ ދިޔަ ގޮތުގެ މައްޗަށެވެ.

ދެވަނަ ބާބު ކިޔުއްވަން އޮބާލައްވާ!

ޙަވާލާ ދެވުނު ލިޔުންތައް


ޙުސައިން ޞަލާޙުއްދީނު. (2008). ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރޒް.

ޢަބްދުލްޙަކީމް ޙުސައިން މަނިކު. (1981). ބޮޑު ހުޅުގެ ތާރީޚް. މާލެ: ޢަބްދުލް ޙަކީމް ޙުސައިން މަނިކު.

މުޙައްމަދު އިސްމާޢީލް ދީދީ. (1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު

މުޙައްމަދު އަމީން. (2002). ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަން ކޮޅު. މާލެ: ނޮވެލްޓީ ޕްރެސް.

މުޙައްމަދު އިސްމާއީލް ދީދީ. (1981). ކްރިސްޓޮފަރ ނަޡަރުގައި ދިވެހިން. މާލެ: ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ

މުޙައްމަދު ޖަމީލު (1985). ޢުލޫމުގެ ޤުލްޝަން 1 (އެއްވަނަ ބައި. މާލެ: ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

“Academy”, E. Craig (Ed.), Routledge Encyclopedia of Philosophy, Routledge 1998, accessed 14th September 2008 from http://www.rep.routledge.com/article/A001.

Coulson, A.J. (2008). Delivering Education (PDF), Hoover Institution, p. 117, Retrieved on 11th September 2008

Bell, H.C.P. (1940). The Maldive Islands. Monograph on the history, archeology and epigraphy. Colombo: Ceylon Government Press.

Bitros, G.C., & Karayiannis, A.D. (2009). Character, knowledge and skills in ancient Greek education: Lessons for today’s policy makers. MPRA Paper No. 18012. Downloaded on 24th September from https://mpra.ub.uni-muenchen.de/18012/1/MPRA_paper_18012.pdf

De Silva, K.M. (1981). A History of Sri Lanka. Berkeley: C. Hurst & Company

Gillard, D. (2011). Education in England: a brief history. www.educationengland.org.uk/history

Hassim, E. (2010). Elementary education and motivation in Islam: Perspectives of medieval Muslim scholars, 750–1400 CE p. 39. New York: Cambria Press

İnalcık, H. (1973). “Learning, the Medrese, and the Ulema.” In The Ottoman Empire: The Classical Age 1300–1600. New York: Praeger. 165–178.

Markham, C.R. (1871).A Memoir on the Indian Surveys. London:W.H.Allen & Co. p. 16.

Princep, J. (1836). Notes on the nautical instruments of the Arabs. Journal of the Asiatic Society, 60, December, 784–794.

Richmond College – the oldest school established by the Methodist Mission in Sri Lanka, The Island, January 13, 2012. Downloaded on 28th July 2015 from http://www.island.lk/index.php?page_cat=article-details&page=article-details&code_title=43103

Walkup, V. (2013). Exploring Education Studies. Hoboken : Taylor and Francis.

Woodruff, C.E., & Cape, H.J.(1908). Schola regia Cantuariensis: A history of Canterbury school. London: Mitchell Hughes & Clarke. Downloaded on 25th July 2015 from http://warburg.sas.ac.uk/pdf/nlc675b2256430.pdf

Young, I.A., & Christopher, W. (1834). Memoir on the Inhabitants of the Maldiva Islands. In Transactions of the Bombay Geographical Society from 1836 to 1838. Bombay: American Mission Press published in 1844. 54–86