ފާއިޒާ

faizasplash

ފާއިޒާ ފުރައުއްތަވާން ގާތްވެ، މަރުގެ އާލާސްކަންފުޅުގައި،  މަރުމަތިވެވަޑައިގެންފައި ވަނިކޮށް، އަޅުގަނޑަށް އޭނާއަށް ޒިޔާރަތް ކުރެވުނެވެ. އޭނާއަށް އަޅުގަނޑު ދިޔަކަމެއް އެނގިވަޑައެއް ނުގަންނަވާނެއެވެ.  އޭނާގެ ނިކަމެތި، ގުރުޑުވެފައިވާ ހަށިކޮޅުފެނި، އަޖަލު ގާތްވެއްޖެކަން ހިތަށް އެރި ވަގުތު، އަޅުގަނޑަށް ބަލަން ދަތިވެ، ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

އެއީކީ އޭނާގެ ފުރާވަރުގެ ފޮޓޯތައް ފެނިފައި އޭރުގެ ނަލަނަލަ ހަށިކޮޅާއި އަބަދުމެ ހުންނަވާ ރީތިކަން ހިތަށް އަރާފައި، އޭނާއަކީ ތިބާ އާއި އަޅުގަނޑުވެސް ކުރަންޖެހޭ ދަތުރެއްގައި ތަންކޮޅެއް އަވަހަށް ފުރާވަޑައިގަންނަވާ ބޭފުޅަކަށްވީތީކީ ނޫނެވެ. އަދި އޭނާ އަޅުގަނޑާ ބަހައްޓަވާ ގާތްކަމުގެ ސަބަބަކުން ވެސް ނޫނެވެ. އަދި އޭނާގެ އެއް ފިރިކަލަކު ކަމުގައިވި އަންވަރު ޙިލްމީ، އަޅުގަނޑުގެ ބައްޕައާ ބެހެއްޓެވި ގާތްކަމުގެ ސަބަބަކުން ވެސް ނޫނެވެ. އަންވަރު ޙިލްމީ، އަޅުގަނޑުގެ ކައިރީގައި ވިދާޅުވިގޮތުގައި، އޭނާ ވަރަށް ބޮޑު އާލާސްކަންފުޅެއްގައި، ޑޭޒީމާގޭގައި އޮންނެވި ދުވަސްވަރަކު، އާދަކޮށް އެގެއަށް އަންވަރަށް ގޮވާލައްވަން ވަޑައިގެންނެވި ހަމައެކަނި މީހަކީ އަޅުގަނޑުގެ ބައްޕައެވެ. އަންވަރު އެހެން ވިދާޅުވީ ބައްޕާ ނިޔާވެ، ވިއްސަކަށް އަހަރު ވި ފަހުން ބައްޕާގެ އުޅުއްވުން އަޅުގަނޑަށް އަންވަރު ސިފަކޮށްދެއްވަމުންނެވެ. ޚުދު ފާއިޒާ ވިދާޅުވިގޮތުގައި ވެސް، އަޅުގަނޑުގެ ބައްޕާ އާ އެކު ފާއިޒާ ތަންތަނަށް ގިނައިން ވަޑައިގެން ހައްދަވަތެވެ. އަޅުގަނޑަކީ ބައްޕާ މާތްކޮށް ހިތްތަވާ މީހުންނަށް އިޙްތިރާމް ކުރަން ބޭނުންވާ މީހެކެވެ. ނަމަވެސް އެއަކީ ފާއިޒާއަށް އަޅުގަނޑު އިޙްތިރާމް ކުރާ އަޞްލު ސަބަބެއް ނޫނެވެ.

faiza-at1-26ފާއިޒާ ނިޔާވުމުން، އަޅުގަނޑަށް ކުރި އަސަރު ބިނާވެފައިވަނީ އޭނާއަށް އެންމެ އަޅުއްވާލެއްވި  އެއް ދަރިފުޅު، އަޅުގަނޑާ ދެބެންގެ ދެދަރި މީހަކާ ކާވެނިފުޅު ކުރައްވައިގެން އުޅުއްވާތީކީ ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ސަބަބަކީ ފާއިޒާ އާ ބައްދަލުވެ ދެކެފަރިތަވުމުގެ ކުރިން، އަޅުގަނޑާ ރައްޓެހި އާއިލީ ބޭފުޅެއް ”އާންޓީ ޑޭޒީ“ ގެ ތަފާތު ވާހަކަތައް، އެތައް ފަހަރަކު އަޅުގަނޑުގެ ކައިރީގައި ދައްކަވާފައި ވާތީކީ ނޫނެވެ. އަދި އެކި ދިވެހި ލަފުޒުގެ މާނަ އާއި ބޭނުންކުރާ ގޮތް އޮޅުން ފިލުވުމަށް އަޅުގަނޑު ފާއިޒާ އާ ގުޅި ކޮންމެ ފަހަރަކު، އަޅުގަނޑު ފޯނު ބާއްވަންދެން އޭނާ އަޅުގަނޑަށް ކިޔަވާދެއްވާ ހިތްޕުޅުން ހުންނަވާތީކީ ނޫނެވެ. އަދި ރައްޓެހިވި ފަހުން އޭނާ ޗާޕުކުރެއްވި ކޮންމެ ފޮތެއްގެ ކޮޕީއެއް، ސޮއިކުރައްވައި އަޅުގަނޑަށް ހަދިޔާ ކުރައްވާފައި ވާތީކީ ނޫނެވެ. އަދި އެއީ ފާއިޒާ އާންމު ފަރާތަކާއެކު އެންމެ ފަހުން ނެންގެވި ފޮޓޯފުޅު ނަންގަވާފައިވަނީ އަޅުގަނޑާއެކު، ޔުނިވަރސިޓީގެ އޮޑިޓޯރިއަމް އެއްގައި ކަމުގައި ވީތީކީ ނޫނެވެ. ތެދެކެވެ. މިއިން ކޮންމެ ކަމަކީވެސް، އެކަމުގައި ބައިވެރިވި ފަރާތް ނެތިދިއުމުން— އެ ގުޅުންތައް ކެނޑުމުން— އަނެކާއަށް އަސަރުތަކެއް ކުރާނޭ ކަންކަމެވެ.

dscf0250wފާއިޒާއަށް އަޅުގަނޑު ކުރާ ޤަދަރު ބިނާވެފައިވަނީ. . . . . .  އޭނާއަކީ، ކީތިރި ރަސޫލާ އަންގަވާފައިވާ ފަދައިން ޢިލްމު އުނގެނުމަކީ ކޮންމެ އަންހެނަކާއި ފިރިހެނަކަށް ވާޖިބަކަށް ވީ ހިނދު،  އަދި ރާއްޖޭގައި އެ ވާޖިބަށް އެ ދުވަސްވަރު އެތަށް ބަޔަކު އުރެދެމުން، އުރެދުވަމުން ދިޔައިރު، އަންހެނުންގެ ތަރައްޤީއަށްޓަކައި، ފުޅާ މަގެއް ކޮށްޓެވުމަށްފުރޯ ހިއްޕެވި ފަރާތަކަށް އޭނާ ވީތީއެވެ. އަދި ޢަދަދު ނުކުރެވޭ އެތައް އަންހެނުންނެއް އެ މަގުން ހިނގުމަށް ފަސޭހަވާނޭ ގޮތުން، ދަންމަރެއްކަމުގައި އޭނާ ވީތީއެވެ. އޭނާގެ ޚާއްޞަ ރޮނގުކަމުގައި، ދިވެހިޅެންވެރިކަމުގެ  ރޮނގުގައި، އެހެން މީހުންނަށް އެންމެ ފަހާ ޖެހޭންދެންވެސް މިސާލެއް ކަމުގައި ވީތީއެވެ. މިއަދު ޢިލްމު އުނގެނިފައިވާ ކޮންމެ ދިވެހި ޖިންސުއްލަޠީފެއް، މުސާރަ ލިބޭ މަސައްކަތެއް ކުރާ ކޮންމެ އަންހެނެއް، އޭނާގެ ދުވަސްވަރު އެނގޭނަމަ، އޭނާއަށް ޝުކުރުވެރިވާން ވާނެކަން ކަށަވަރެވެ. އަޅުގަނޑު އޭނާއަށް ކުރާ އިޙްތިރާމް ބިނާވެފައިވަނީ، އޭނާއަކީ ދިވެހިބަހުގެ އަދީބެއް ކަމުގައި ވީތީއެވެ. ދިވެހިބަހަކީ ދިވެހިރާއްޖެ ވަކި ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ މުހިއްމު ބަހާއެވެ. ދިވެހީންގެ ވަޙްދަތުގެ ސިއްރެވެ. ދިވެހީންގެ އެއްބައެއްވަންތަކަން އަމުނާދޭ ޗޭނެވެ. އަދީބެއްގެ އިތުރުން އޭނާއަކީ ޝާއިރެކެވެ. އަޅުގަނޑުމެންނަށް ބުނަން ނޭނގޭ ޝުޢޫރުތައް ލަފުޒުތަކުން ސިފަކޮށްދޭ ޅެންވެރިޔާ އެވެ. މީހުންގެ ހުރިހާ ޝުޢޫރުތަކެއް، އުފާތަކާއި އާހްތައް، ހިތާމަތަކާއި ހިތްހަމަޖެހުންތައް، ޤައުމީ ލޯތްބާއި. . . . . . އާދެ! އިންސާނީ ހުރިހާ އިޙްސާސްތަކަށް އޭނާ ޅެން ހައްދަވާފައި ވެއެވެ. ކޮންމެ ޤައުމެއް ގައިވެސް އެ ޤައުމެއްގެ ޤައުމީ ފިކުރާއި އިޖްތިމާޢީ ޒަމީރަކީ އަދީބުންނާއި ޝާއިރުންނެވެ. ތަމުސީލު ލިޔާ މިހުންނާއި އެފަދަ ޢިލްމުތަކުގެ ވެރިންނެވެ. ޤައުމެއްގެ ޒުވާނުންނަށް އައު ޙަރަކާތްތަކަށް މަގުދައްކަނީ، ޤައުމީ ޖޯޝު ނެރެނީ މިދެންނެވި ފަރާތްތައް އެ ޤައުމެއްގެ ތާރީޚުން ނެރޭ އަޑުތަކުންނެވެ. މިނިވަން ކަމުގެ ރޫޙް އަށަގަންނުވަނީ، ޙާލަތެއް ބަދަލުކުރަނީ މިފަދަ މީހުން، އާދެ، ލިޓަރާޓީ ޤައުމުގެ އިޖްތިމާޢީ ފޭރާމުގައި ޖައްސާ ކުލަތަކުންނެވެ. އަޅުގަނޑު ދެރަވަނީ މިދެންނެވި ޙުއްރިއްޔަތުގެ އަޑުތައް އިއްވި ޝެހެނާއީގެ އަޑު ކެނޑުމުންނެވެ. އެ ހިތްގައިމު އަޑުތައް ދެން ނީވޭނެތީއެވެ. ފާއިޒާ ނިޔާވުމުން ޤައުމީ ފޭރާމުގައި ބާގަނޑެއް ހެދުނީއެވެ. ދިވެހި އަދަބިއްޔާތު ދުށް ރަންޒަމާނާއި، ފަޚުރުވެރި ދިވެހި މާޒީއާ އަޅުގަނޑުމެން ގުޅާދޭ ވާގަނޑުން ހަރުފަށެއް ކެނޑިގެން ދިޔައީއެވެ.

ތަޤްދީރު މިވަގުތު އަޅުގަނޑު ބަހައްޓާފައި މިހުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރެއްގެ މަޤާމުގައެވެ. މި ޔުނިވަރސިޓީގެ މައިގަނޑު  އެއް މަޤްޞަދަކީ، ދިވެހި އާދަކާދަތައް އިސްކޮށް، ފެތުރުމެވެ. ޔުނިވަރސިޓީއަށް ކޮލެޖް ބަދަލުވުމަށް ފަހު ބާއްވާ ފުރަތަމަ ދަސްވެނިވުމުގައި އަންތަރީހުގެ އައިޓަމެއް ހިމެނުމުގެ ގޮތުން، އަޅުގަނޑާއެކު މަސައްކަތް ކުރި ކޮލެޖްގެ ވައިސް ރެކްޓަރުންނާއި ކައުންސިލްގެ ރައީސާ، ޑރ. ރަޝީދާ މުޙައްމަދު ދީދީ، ޤަޞްދުކުރެއްވީ ފުރަތަމަ ދަސްވެނިވުމުގައި، ޔުނިވަރސިޓީއަކުންދޭ އެންމެމަތީ ޑިގްރީ، އާދެ، އޮނަރަރީ ޑޮކްޓަރޭޓްއެއް ކޮންމެވެސް ފަރާތަކަށް ދިނުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވުނު އިރު މިކަމަށް ލާއިޤުކަމަށް އެންމެންނަށް އިއްތިފާޤުވެވުނީ ދެ ފަރާތެކެވެ.  ހުއްޓުމެއް ނެތި ދުނިޔެ އެނބުރޭ އެނބުރުމުން،  އުދަރެހުން އޮއްސުމަށް އެންމެ ގާތްވެފައިވާ އަދަބިއްޔާތުގެ ތަރިއެއް ކަމަށް ފެނުނީ ޑޭޒީމާގޭ އާމިނަތު ފާއިޒާ އެވެ. ތަދުބީރު މިގޮތަށް ކުރެވުނަސް، ތަޤްދީރު އަޅުގަނޑުމެންނަށް ކުރިމަތިކުރީ އެހެން މަންޒަރެކެވެ. މިކަން ކުރުމަށް ބޭނުންވާ ސިޔާސަތު އެކުލަވާލައި ކައުންސިލްގެ ދެތިން ޖަލްސާއެއްގައި މަޝްވަރާ ކުރެވުނު ތަނާ، ޑރ. ރަޝީދާ މުޙައްމަދު ދީދީ ކައުންސިލުން ވަކިވެވަޑައިގަންނަވަން ޖެހި އެ މަޤާމަށް ޑރ. މުޞްޠަފާ ލުޠުފީ ޢައްޔަނު ކުރެވިއްޖެވެ.  މި ބަދަލާ ގުޅިގެން، މަޝްވަރާ ކުރެވެމުން ދިޔަ އެޖެންޑާ އައިޓަމްގެ މައްޗަށް އުކާލެވުނީ ތިން މުށް ފަހެވެ.

aminathfaiza1-3200x399ޝައްކެއް ނެތެވެ. ފާއިޒާއަކަށް ޑޮކްޓަރ އޮފް ލެޓާރޒްއެއް ބޭނުމެއް ނުވާނެއެވެ. އޭނާއަކީ، އެއަށްވުރެ މަތީ ފެންވަރުގެ ބޭފުޅެކެވެ. ނަމަވެސް ޤައުމީ ޔުނިވަރސިޓީއަށް އޭނާ ބޭނުމެވެ. މި ޔުނިވަރސިޓީ ކުރިއަށް ދުވާނީ އެފަދަ ޤައުމީ ބޭފުޅުންގެ ފަރާތުން ޔުނިވަރސިޓީގެ ރިޔަލުގައި އަޅާ ވައިންނެވެ. މިއަށްވުރެ އަޅުގަނޑު ދެރަވަނީ، އެހެން ކަމަކާ ހެދިއެވެ. އަޅުގަނޑުގެ ބޭބެއާއި ފާއިޒާގެ އެއް ބޭފުޅަކު، އަޅުގަނޑުގެ ކައިރީގައި، މަންމައާ ބައްދަލުކޮށް، އެ ތާރީޚީ ޢިލްމީ ކަންވާރުން މަދު ނަމަވެސް ފޮދުވަރެއް ބުޔުމަށް ތަކުރާރުކޮށް ވިދާޅުވުމުން ވެސް، އެކަމާ ނޫޅެވި އުޅެނިކޮށް ފާއިޒާ އަވަހާރަވުމުންނެވެ. އެންމެން އެންމެ ބޮޑަށް ބޭނުންވާ އެއްޗަކީ ވަގުތެވެ. އެންމެން، އެންމެ ފަރުވާލެއް ނެތި އިސްރާފުކުރާ އެއްޗަކީ ވެސް ވަގުތެވެ.

ފާއިޒާ އަޅުގަނޑުމެންނާ ވަކިވެގެން ދިޔަޔަސް، އޭނާގެ ޚިދުމަތްތެރި ހަނދާންތައް މި ދިވެހި ފަސްގަނޑުން ނުފިލާނެއެވެ. މާތް ﷲ އާމިނަތު ފާއިޒާއަށް ސުވަރުގޭގެ ރަޙްމަތް ލައްވާށިއެވެ. ކިލާވެފައިވާ ހުދު ފޭރާމެއް ދޮވުމުން ސާފުވާ ފަދައިން، އޭނާގެ ފާފަތަކުން އޭނާ ޠާހިރު ކުރައްވާށިއެވެ!  އެކަލާނގެ ފުއްސެވުމާއި ރުއްސެވުމުގެ ތަނަވަސް ރަޙްމަތުގައި އޭނާގެ ފުރާނަ ލަހައްޓަވާށި އެވެ. އާމީން!

mahaana(މި މަޒުމޫނު އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ މާރޗް 2011 ގައި ނުކުން ”ފަތްތޫރަ“ އިގައެވެ. އެ ޢަދަދުގައި ފާއިޒާ ގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ރާއްޖޭގެ މޮޅު އަދީބުން އެކުަލަވާލައްވާފައިވާ ޅެމާއި މަޒުމޫނުތައް ހިމެނެއެވެ.  ފާއިޒާގެ ތަޢުބީންގެ ޖަލްސާގައި ނެރުނު ކަރުދާހެއް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.)