sellotapeދިވެހިރާއްޖޭގައި މީހުން އުޅެން ފެށުން

ދިވެހިރާއްޖޭގެ ޢުމުރަކީ ކޮބައިތޯއެވެ؟ އެހެން ޢިބާރާތަކުން ބުނާނަަމަ، ދިވެހިރާއްޖެއަށް ކިތައް އަހަރުވެދާނެތޯއެވެ؟ މި ސުވާލުގެ ޖަވާބުވަނީ، ތާރީޚްގެ އަނދިރިކަމުގެ ތެރެއަށް ގެެއްލިފައެވެ. ނަމަވެސް، މީގެ 16 ވަރަކަށް އަހަރު ކުރިން، ރާއްޖޭގެ ޢުމުރަށް އަލިއަޅުވާލާ ވަރަށް މުހިއްމު ދިރާސާތަކެއް ރާއްޖޭގައި ކޮށްފިއެވެ. އެއީ، ބައެއް ރަށްރަށުގެ ބިންގަނޑު، ބާވަތެއްގެ ފޮނުމައަކުން ތޮރުފައިގެން، އެކި ފުންމިނުން ނެގޭ ވެލީގެ ޢުމުރު ބެލީއެވެ. މިކަން ކުރީ މައިގަނޑު ގޮތެއްގައި ބާ އަތޮޅުގެ ބައެއް ރަށްރަށުގައެވެ. ވެލި އުފެދިފައިވާ އަހަރު، (ރޭޑިއޯކާރބަން ޑޭޓިން އިން) ސައިންސުން ބެލެއެވެ. މިކަން ކުރުމުން، ފާހަގަ ކުރެވެނީ، ރާއްޖޭގެ ކުދި ރަށްރަށުގެ ބިންގަނޑު، މިހާރު ކަނޑުގެ ލޮނުގަނޑަށް ވުުރެ މައްޗަށް އުފުލިފައިވަނީ ގާތްގަޑަކަށް 4000 ވަރަކަށް އަހަރު ކުރިން ކަމެވެ. މިއަށް ވުރެ ކުރިން އަދި މިއަށް ވުރެ ފަހުން ބިންގަނޑު އުފެދިފައިވާ ރަށްރަށް ވެއެވެ. މި ދިރާސާތަކުން ފާހަގަ ކުރެވޭ އަނެއްކަމަކީ، މީގެ 8000 އަހަރު ކުރިން، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު މިހާރަށް ވުރެ 14 މީޓަރު ނުވަތަ 45 ފޫޓު ތިރިކަމެވެ. އެހެން ވެއްޖިއްޔާ ބޮޑެތި ރަށްރަށް، އޭރުވެސް ހުންނާނީ ފެނުން މަތީގައި ކަން ކަށަވަރު ވެއެވެ. ތިރީގައިވާ  ކުރެހުމުގައި އެ ވަނީ ބާ އަތޮޅުގެ ފަޅު ރަށެއްކަމުގައިވާ ދަކަންދޫގެ އެކި ފުންމިނުން ވެލި ނަގައިގެން ބެލިއިރު، އެ ވެލީގެ ޢުމުރެވެ. 1950 ވަނަ އަހަރަށް ނިސްބަތް ކޮށެވެ.

bhulhudhoo

މިކަންކަމުން އަޅުގަނޑުމެނަށް ޔަޤީން ވަނީ، 4000 އަހަރު ކީއްކުރަންތޯއެވެ؟ 10000 އަހަރު ކުރިންވެސް ރާއްޖޭގެ ރަށްތައް ވާކަމެވެ. މިރަށްރަށަށް މީހުން އައީ ކިހިނެއްބާވައެވެ؟ އިންޑިއާއިން ސިލޯނަށް ކަނޑުގެ ލޮނުގަނޑު ތިރިވުމުގެ ސަބަބުން ހިނގާފައި އާދެވިދާނެއެވެ. ނަމަވެސް، ހިނގާފައި، ދިވެހިރާއްޖެއަށް އައިކަމަކަށް ލަފައެއް ނުކުރެވެއެވެ. އެއީ ދިވެހިރާއްޖެއަށް ހިނގާފައި އާދެވޭ ވަރަށް ކަނޑުގެ ލޮނުގަނޑު ތިރިވީ އިރެއް އެއްވެސް ޒަމާނެއްގައި އައިކަން އެނގެންނެތީމައެވެ.

އެހެންކަމުން، ރާއްޖެއަށް މީހުން ވަޒަން ވެރިވާން އައީ ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ކަން ޔަޤީނެވެ. ދެން ކުރެވޭ ސުވާލަކީ މި ފަދަ އުޅަނދުތަކެއް ކިހާ ކުރިއަކުން މީހުން ބަނދެއުޅުނު ހެއްޔެވެ؟ މިސުރުގެ ޖީޒާގެ ކައިރީގައި ވަޅުލެވިފައިވާ 143 ފޫޓު ދިގު އުޅަނދެއް ފެނިގެން އެ ބަން ދުވަސްވަރު ބެލިއިރު، އެ އުޅަނދަށް މަދުވެގެން 4500 އަހަރު ވެއްޖެކަން އެނގުނެވެ. އެހެންކަމުން، 4500 އަހަރުގެ ކުރިން ވެސް، އުތުރުކަރައާއި، ސިލޯނާއި އެފްރިކާ ހިސާބުން ރާއްޖެ އާދެވޭނެ އުޅަނދުފަހަރު ގެންގުޅުނުކަން އެނގެއެވެ.

އިންސާނުން ދުނިޔޭގައި އެންމެ ފުރަތަމަ އުޅެން ފެށިއިރު، މީހުން އުޅެމުން ދިޔައީ ސަހަރު ތަކެއްގައެއް ނޫނެވެ.  ސަހަރު ސަހަރުގައި ވަޒަން ވެރިވެ ތަމައްދުން އުފެދުނީ  މާ ފަހުންނެވެ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ސަހަރެއްގެ ގޮތުގައި އުފެދުނީ ފަލަސްތީނުގައިވާ ޖެރިކޯ ކިޔާ ރަށެކެވެ. މިރަށަށް އަރަބި ބަހުން އަރީހާ ކިޔާ އުޅެއެވެ.  ވަކިވަކިން އުޅުނު އާއިލާތައް އެއްތަނަކަށް އައިސް ބިސްތީއެއްގެގޮތުގައި މިި ސަހަރުގައި މީހުން އުޅޭތާ މިހާރު 10،000 އަހަރު ވެއްޖެއެވެ.

އަރީހާގެ އާސާރީ ތަންތަން، ސައިންސްވެރިން ކޮނެ ހަދައެވެ. އެތަންތަނުގެ ތާރީޚް ދެނެގަތުމަށެވެ. އާސާރީ ތަކެތި ހޯދުމަށެވެ. މިގޮތުން ކޮނެ ނަގާ އެކައްޗަކީ މީހުން މަރުވުމުން މޫނުގައި އަޅާ މާސްކެވެ. ”ޑެތު“ ނުވަތަ ”ފިއުނަރަލް“ މާސްކެވެ. މީހުން މަރުވުމުން، ކުރީ ޒަމާން ތަކުގައި، ޤަބުރުގެ މޫނު މަތީގައި މާސްކެއް އަޅައެވެ.  ބައެއް މާސްކު ހުންނަނީ އެމީހާގެ މޫނުގެ ސިފައަށް ހަދާފައެވެ. އަރީހާ އިން ކޮނެ ނަގާފައިވާ ބައެއް މާސްކަކީ މީގެ 4000 އަހަރު ކުރީގެ މާސްކެވެ. ބައެއް މާސްކުތަކުގައި ލޮލަށް ދިވެހި ބޮލި ޖަހާފައި ހުއްޓެވެ. މިއީ ދިވެހިރާއްޖޭއިން ހޯދާފައިވާ ބޮލިކަމަށް ޔަޤީން ކަމާއެކު ބުނެވޭކަށްނެތެވެ. އެއީ ދިވެހި ބޮލި އެހެން ސަރަޙައްދުތަކުގައި ވެސް އާލާވާތީއެވެ. ނަމަވެސް، މި ބޮލި ނިސްބަތްވަނީ ދިވެހިރާއްޖެއަށްކަމަށް ބައެއް މީހުން ހީކުރަތެވެ. އެހެންކަމުން، މީގެ 4000 އަހަރު ކުރިންވެސް، ރާއްޖޭގައި މީހުން އުޅުނުކަމަށްބައެއް މީހުން ލަފާ ކުރެއެވެ.

jerichomaskދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވަމުން ދިޔަ ދުވަސްވަރު، ސިލޯނުގައި ވެސް މީހުން ވަޒަންވެރި ވާނެއެވެ. އެހެންކަމުން، ސިލޯނުގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވި ދުވަސްވަރު އެނގޭނަމަ، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވި ދުވަސްވަރު އަންދާޒާ ކުރެވިދާނެއެވެ. ދިވެހީންގެ ޑީ.އެން.އޭ އާއި ސިލޯނުގެ މީހުންގެ ޑީ.އެން.އޭ ވަރަށް އެއްގޮތެވެ.

ސިލޯނުގެ އެންމެ ގިނަ ދުވަސްވީ އިންސާނެއްގެ ފުރިހަމަ ކަށިގަނޑު 2012 ވަނަ އަހަރު ފެނިގެން އެ ކަށިގަނޑަށް ވީ އަހަރު ބެލިއިރު 37000 އަހަރު ވެއްޖެކަމަށް، ޚަބަރުތަކުގައި ވެއެވެ. އެހެންކަމުން، ސިލޯނުގައި މީހުން އުޅޭތާ 37000 އަހަރު ވެދާނެކަން ޔަޤީންއެވެ. އަދި މީގެ އަހަރުތަކެއްގެ ކުރިން 3750 އަހަރުވެފައިވާ ދެ ގެއެއް ގެ ބައިތަކެއް ފެނިގެން އެވާހަކަ ނޫސްތަކުގައި ޖަހާފައި ވެއެވެ. ނަމަވެސް، ދިވެހީންނަށް އެންމެ މުހިއްމު މަޢުލޫމާތަކަށްވާނީ އަޓަނަގަލޭ އޮޔާ ކޯރުން ފެނިފައިވާ 5500 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އުޅަނދެކެވެ. މި އުޅަނދަކީ 150 މީހުންނަށް ދަތުރުކުރެވޭ އުޅަނދެކެވެ. މިފަދަ އުޅަނދެއްގައި، ސިލޯނުން ދިވެހިރާއްޖެއަށް ހިޖުރަކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަދި ސިލޯނުގައި މިފަދަ އުޅަނދެއް ހުރިނަމަ، އިންޑިޔާގައި މިފަަދަ އުޅަނދު ހުރުން މާގާތެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ވަޒަންވެރިވި ފުރަތަމަ މީހުން، އިންޑިއާއިން ވެސް އައިސްފައި ވެދާނެއެވެ.  މިފަދަ ކަންކަމުން ދޭހަވަނީ ރާއްޖޭގައި މީހުން އުޅޭތާ މަދުވެގެން 4000 އަހަރުވެދާނޭ ކަމެވެ. މިކަން ޔަޤީން ކުރަން ބޭނުންވަނީ ރާއްޖެއިން 4000 އަހަރު ވެފައިވާ އިންސާނުންނާ ގުޅޭ އެއްޗެއް ފެނުމެވެ.

ތޯ ހައިޑަޑާލް ނަމަކަށް ކިޔާ ދިވެހި ތާރިޚާ ބެހޭ ފޮތެއް ލިޔުނު މީހަކު، ރާއްޖޭގައި ރެދިން ކިޔާ ބަޔަކު މީގެ 5000 އަހަރު ކުރިން ވަޒަންވެރިންގެ ގޮތުގައި އުޅުނު ކަމަށް ލިޔެފައި ވެއެވެ. ސިލޯނުގެ މަޝްހޫރު ޤަދީމީ ލިޔުމެއް (މަހަވަމްްސާ) ގައި، އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކު، ސިލޯނަށް ދިއުމަށްޓަކައި މީގެ 2500 އަހަރު ކުރިން ކުރި ދަތުރެއްގައި އޭނާއާ އެކު ފުރި އެއް އުޅަނދު ބެހިގެން ރާއްޖެއައިކަމަށް ލިޔެފައިވެއެވެ. އެ އުޅަނދުގެ މީހުން ރާއްޖޭގައި ވަޒަންވެރިވިކަމަށް ވެސް ވެއެވެ. މިފަދަ މަޢުލޫމާތު ތަކުން، ދިވެހިރާއްޖޭގައި މީހުން އުޅެންފެށިތާ  އެތައް ހާސް އަހަރެއްވެދާނެކަން ޔަޤީން ވެއެވެ.

ދިވެހިރާއްޖެ އޮންނަނީ އެތައް ބައެއް ކަނޑު ދަތުރު ކުރާ ރަސް ”މަގެއް“ ގެ މެދުގައެވެ. އާދެ! އެފްރިކާ އާއި މެދު އިރު މައްޗާއި ފާރިސް ކަރައާއި، ސީނު ކަރައާއި އަސޭކަރައާއި މެލޭސިއާ ފަަދަ ޤައުމުތަކަށް ދާ މަގުގެ މެދުގައެވެ. އަދި އެހެންމެ، ފަހުން މިދެންނެވި ޤައުމުތަކުގެ މީހުން ކުރިން ދެންނެވި ޤައުމުތަކަށް ދަތުރު ކުރާ މަގުގެވެސް މެދުގައެވެ. އެހެން ކަމުން، ދިވެހިރާއްޖޭގެ ފަސްގަނޑަށް އިންސާނީ ދަރިފަސްކޮޅަށް އާދެވި، ވަޒަން ވެރި ވެވޭނޭ އެތައް ގޮތެއް ވެއެވެ. އެންމެ ފަސޭހަ ގޮތަކީ އިންޑިއާ ނުވަތަ ސިލޯނުން އޭރު ހުންނަ ދޯނި ފަހަރުގައި ރާއްޖެ އައުމެވެ. އަނެއް ގޮތަކީ، ދިވެހި ރާއްޖެ އޮންނަ ސަރަޙައްދުން ދަތުރު ކުރާ ނައު ނުވަތަ ބައްތެލި ފަހަރުގެ މީހުން ވަޒަން ވެރި ވުމެވެ. ނައު ފަހަރު ހަލާކުވެގެން އެކި ރަށްރަށުގައި އޭގެ ފަޅުވެރިން ވަޒަންވެރި ވެދާނެއެވެ. ތަފާތު ސަބަބުތަކާހެދި، ބައެއް ފަޅުވެރިން ބާލާފައި ނައު ފަހަރު ދަތުރުހަދައިގެން ގޮސްފާނެއެވެ.

ދިވެހިބަސް ވަކި ބަހެއްގެ ގޮތުގައި އުފަންވުން

ރާއްޖޭގައި އެންމެ ފުރަތަމަ އުޅެން ފެށި މީހުންގެ ތެރެއިން ގިނަ މީހުން ވާހަކަ ދައްކާ އުޅުނީ އެމީހުން އައި ޤައުމުގެ ބަހުން ކަމަށް ބެލެވެއެވެ. އެކިގޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވި މީހުން، އެއް ތަނެއްގައި އުޅެން ފެށުމުން، އެއްބަހަކުން ވާހަކަ ދައްކަން މަޖުބޫރު ވެއެވެ. އެއީ އެކަކު އަނެކަކާ މުޢާމަލާތް ކުރުމަށެވެ. ދެން، އައު މާހައުލުުގެ ބޭނުން ފުދޭ ގޮތަށް ބަސް ތަރައްޤީވެ، ވާހަކަ ދައްކާ ބަހުގެ މަންމަ ބަހާ ވަރަށް ބޮޑަށް ތަފާތު ވެދެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލިހުން 1998 ވަނަ އަހަރު ނެރެފައިވާ ”ދިވެހީންގެ ބަސް“ މިފޮތުގައި، ދެކުނު އިންޑިޔާގެ މީހުން (ޑްރެވިޑިއަނުން) ރާއްޖެއަށް ދަތުރުކޮށް ވަޒަންވެރިވެ އުޅުނުކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި މިބައިމީހުން ރާއްޖެއައި އިރު، ރާއްޖޭގައި އެހެން ބަޔަކު އަހުލުވެރިންގެ ގޮތުގައި އުޅޭ ކަމަށާއި، އެމީހުންގެ ބަހުގެ މައްޗަށް މި ޑްރެވިޑިއަނުންގެ ބަސް ގަދަވީ ކަމަށް އިޝާރާތްކޮށްފައި ވެއެވެ. މިކަމުގެ ދަލީލެއްގެ ގޮތުން، ޑްރެވިޑިއަން ބަސްތަކުގައި ނުހިމެނޭ ކަންތައްތައް ދިވެހިބަހުގައި ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ. އަދި ސިންގަޅަ ބަހަށް ވުރެ ދިވެހިބަސް ދޮށިކަމަށް ސިލޯނުގެ މަޝްހޫރު ބަހުގެ ޢިލްމުވެރިޔަކު ދައްކާފައިވާ ހެކިތައް މިފޮތުގައި ވެއެވެ. ފޮތުގެ ނިންމުމެއް ކަމަށް ފެންނަނީ، ދިވެހި ބަހާއި ސިންގަޅަ ބަހަކީ އެއްބަހަކުން އުފެދުނު ދެ ބަސްކަމާއި، ދިވެހިބަހާއި ސިންގަޅަ ބަސް ތަރައްޤީވަމުން ދިޔައީ ވަކިން ކަމާއި، ދިހަވަނަ ޤަރުނުގެ ފަހުން ސިންގަޅައިންނާއި ދިވެހީންގެ މުޢާމަލާތްތައް ގިނަކަމުން ދިވެހި ބަހުގައި ސިންގަޅަ އަސަރުގަދައީ ކަމަށެވެ. މިފޮތުގައިވާ ޗާޓެއް ތިރީގައި މިހިމަނާލީ އެއިން މި ތާރީޚަށް ގަދަ އައްޔެއް އެެޅޭތީއެވެ. ޗާޓުން އަންގާދެނީ، އެންމެ ފުރަތަމަ ދިވެހީން ވާހަކަ ދެއްކި ބަހަކީ ސެންސްކްރިތުން އައިސްފައިވާ ބަހެއް ކަމެވެ. އަދި މީގެ 2500 އަހަރު ކުރިން، މި ބަސް ދެކަފިވީކަމެވެ. ދެން މިނިވަންކޮށް ތަރައްޤީވަމުން އައިސް، މީގެ އެއްހާހަކަށް އަހަރު ކުރިން، ސިންގަޅައިންނާއި  ދިވެހީންގެ މުޢާމަލާތްތައް އިތުރުވެ، ދެ ޤައުމު ދެމެދުގެ ހިޖުރަކުރުންތައް ކުރިއަށް ދިޔަކަމެވެ. ޗާޓުގައި ދެންވަނީ އެކިއެކި ބަސްބަސް، ދިވެހި ބަހަށް ނުފޫޒުފޯރުވި ދުވަސްވަރެވެ. މި ޗާޓުވަނީ، އަޞްލުގެ މައިގަނޑު ހަމަތަކަށް ބަލައި އަޅުގަނޑު އައު ގޮތަކަށް ކުރަހާފައެވެ.

nchlrlantree
ދިވެހި ބަހުގެ ތާރީޚް ދިރާސާ ކުރާއިރު، މާހައުލުގެ ސަބަބުން ވަރަށް ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހެއެވެ. އެހެން ސަރަހައްދު ތަކުގައި،  ވާހަކަ ދެއްކި ބަހުގެ ހެކިތައް، އެބަހުގެ ކާބަފައިން ދޫކޮށްފައި ދިޔައީ ޒަމާންތަކަށް ދެމިހުންނަ ތަކެތީގައި ލިޔެފައެވެ. ހިލައާއި ތަފާތު މަޢުދަނެވެ. މިތަކެއްޗަކީ އެތައް ހާސް އަހަރެއް ވަންދެން ހަލާކު ނުވެ ހުންނަ ތަކެއްޗެވެ. ރާއްޖޭގެ މާހައުލަކުން ހިލައަކާއި މަޢުދަނެއް ލިބޭކަށް ނުހުރެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ދިވެހިބަހުން ލިޔެފައިވާ ކުރީގެ ލިއުންތަކެއް މިހާރު ފެންނާކަށް ނެތެވެ. މިސުރުގެ އަޙްރާމްތަކުގައި ހުންނަ ބާވަތުގެ ލިއުންތަކެއް ދިވެހިރާއްޖެއަކުން ފެންނާކަށް ނެތެވެ. ޓްރާޖަން ކޮލަމްގައި ކަޑާނަގާފައިވާ ފަދަ ތާރީޚީ ލިއުންތަކެއް އަޅުގަނޑުމެންނަކަށް ރާއްޖެއަކުން ނުފެނެއެވެ. ނަމަވެސް، ނަޞީބު ރަނގަޅު ކަމުން، މަދު ބޯދާ ލިއުންތަކެއް މިއަދާ ހަމައަށް ރައްކާތެރިކަމާއެކު ރާއްޖޭގައި އެބަހުއްޓެވެ. އެއީ، ބޭރުން ގެނެސްފައިވާ ރަތުލޯ ފަތުގައި ލިއެފައިވާ ލޯމާފާނެވެ. ލަކުޑީގައި ކަނޑާނަގާފައިވާ ފަތްކޮޅުތަކެވެ. ރަން ފަތުގައި ނުވަތަ ހިރި ގަލުގައި ލިއެފައިވާ ލިއުންތަކެވެ. މިފަދަ ތަކެތީގައިވާ ދިވެހި ލިޔުންތައް، ސިލޯނުގެ ޢިލްމުވެރިންނަށް މިހާރުވެސް ކިޔަން އެނގޭތީ، އަދި މާނައެނގޭތީ، ދިވެހިބަހާއި ސިންގަޅައާ ވަރަށް ގާތް ގުޅުމެއް އޮންނަކަން ޔަޤީން ވެއެވެ. އަދި، ބަހަށް އައިސްފައިވާ ބަދަލުތަކުން، މި ދެބަސް، ވަރަށް ކުރީ ޒަމާނެއްގައި ވަކިވެ، ކަފިވެ، ތަރައްޤީވަމުން ގޮސްފައިވާ ކަން އެނގެއެވެ.

އިހުގެ ޢާއްމު ލިޔުންތައް

އިރުމަތީ އޭޝިއާ އާއި އުތުރު ކަރައާއި އޮޅުދޫ ކަރައިގެ ލިއުންތެރިން، އެޒަމާނުގައި ފަތްތައް ލިޔެއުޅުނީ ބާވަތެއްގެ ރުކެއްގެ ފަނުގައެވެ. ލަފާ ކުރެވޭ ގޮތުގައި ދިވެހި ބަހުން ބައެއް ލިއުންތަކަށް ”ފަތް“ ކިޔަނީ މިސަބަބާ ހެދިއެވެ. ފަތްތޫރުަ، މާފަތްކަލޭގެފާނު، ފަތްލިޔާކަން، ފަތްކޮޅުބޭލުން ފަދަ ލަފުޒު ތަކުން ދިވެހިރާއްޖޭގައި ވެސް، ލިޔުުަމަށް ކަރުދާހުގެ ގޮތުގައި  ފަތް ބޭނުން ކުރިކަން  ދޭހަވެއެވެ. ނަމަވެސް، ލިޔުުަމަށް އެ ޤައުމުތަކުގެ މީހުން ގެންގުޅުނު ފަތަކީ ރާއްޖޭގައި ހެދޭ ގަހެއްގެ ފަތެއް ނޫނެވެ. ދެކުނު އޭޝިޔާގައި ގެންގުޅުނީ ޕެލްމީރާ ކިޔާ ރުކެއްގެ (އޯލާ) ފަނެވެ. މި ފަނުގެ ފޮޓޯ ތިރީގައި އެވަނީއެވެ. ފަތް ތައްޔާރުުކުރަން، ބޮންތި ފަން ރުކުން ކެނޑުމަށްފަހު، އިލޮށި ވަކިކޮށް، ފެން އެއްޗަކަށް އަޅައި، ކައްކަނީ އެވެ. ބައެއް މީހުން ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ފެނަށް ރީނދޫ އަޅައެވެ. އަދި ބައެއް މީހުން، ޅަ ފަޅޮލާއި އެހެނިހެން ފަތް ފެނަށް އަޅައެވެ. ފަން ކެއްކުމަށްފަހު ފެނުން ނަގާ އަވިން ހިއްކައެވެ. ދެން އޮމާން ލަކުޑި ދަނޑިއެއްގައި އުނގުޅައިގެން ފަން އޮމާންކޮށް އޮފު ކުރެއެވެ. ފަންތައް އެއްވަރަށް ބުރިކޮށް ފަތުގައި ލިއަނީ ދަގަނޑު ކައްޓަކުންނެވެ. ކުލަ ޖައްސަނީ ލިޔެ ނިމުމަށް ފަހު، ދެލިންނާއި އެކި ގަހުގެ ފަތުންނާއި މުުލުން ހަދާފައި ހުންނަ ދެއްޔެއް، ފަން މަތީގައި ހާކައިގެންނެވެ. މި ދެލި ހޭކުމަށްފަހު، ފޮތިގަނޑަކުން ސާފުކޮށްލުމުން ލިޔެފައިވާ ތަންތަން ފިޔަވައި އެހެންތަންތަން ސާފުވެއެވެ. ކަށިން ލިއުމުގެ ކުރިން، އެއްވަރަށް ބުރިކޮށްފައިވާ ފަންތަކުގައި ދޮން ދަގަނޑަކުން ލޯވަޅު އަޅައެވެ. ފަތްފޮތެއް ހަދަނީ މި ލޯވަޅަށް ނަނުބުރިއެއް އަމުނައި ލަކުޑި ބަނޑޭރިގަނޑެއް ލައިގެންނެވެ. އޮޅުދޫ ކަރައިގައި މިގޮތަށް ފަތް ލިޔާތާ ދެހާސް އަހަރު ވެއްޖެއެވެ. މިފަދަ ފަތުގެ ފޮތްތައް އެ ޤައުމުގެ ޤަދީމީ ތަންތަނުގައި މިހާރު ވެސް ހުރެއެވެ. ރާއްޖޭގައި ވެސް މިފަދަ ފަތްތައް ލިއެ އުޅުނު ކަމީ ވަރަށް ޤަބޫލު ކުރެވޭ ކަމެކެވެ. ނަމަވެސް، ކުރިން ދެންނެވިހެން، ރާއްޖޭގެ މާހައުލުގައި މިފަދަ ފަން ފަތަކީ ތަފާތު ފަނި ފަކުސަގެ ކާނާއަކަށް ވެދެއެވެ. ރާއްޖޭގެ ޖައްވު ތެތްކަމުން، އޮޅުދޫކަރައަށް ވުރެވެސް އަވަހަށް ފަން ފަތްތައް ހަލާކުވާނެކަން ކަށަވަރެވެ. ސިލޯނުގެ ދުވަސްވީ ގިނަ ލިޔުންތަކަކީ، ދީނީ ލިޔުންތަކެވެ. ދިވެހިރާއްޖެ އާއި ސިލޯނު، ދެ ދީނަކަށް އުޅެން ފެށުމުން، ކުރީގެ މިފަދަ ލިޔުންތައް ދިވެހިރާއްޖެއިން ނައްތާލެވުނީ ކަމަށް ލަފާކުރެވެއެވެ.

palmleafprep

ދިވެހިރާއްޖޭގެ ކުރީގެ ފޮތްތައް ފަތުގައި ލިޔެފައި ހުންނަކަމަށް ތާރީޚުން ޔަޤީން ކުރެވެއެވެ. މިކަމަށް ހުރި ދަލީލުތަކުގެ ތެރެއިން އެންމެ ސާފު އެއް ދަލީލަކީ ރާއްޖެއާ ބެހޭ ގޮތުން ތާރީޚީ ލިޔުންތަކެއް ލިޔުނު ބިދޭސީންނެވެ. އެމީހުންގެ ދަތުރުނާމާ ތަކުގައި، ދިވެހި ފޮތްތައް ލިޔެފައި ހުންނަނީ މާކަށިކެޔޮ ފަތުގައި ކަމަށް ބުނެފައި ވެއެވެ. ދިވެހި ލިޔުންތެރިއެއް ކަމަށްވާ ހއ.އުތީމު އާދަމް ޢަބްދުއްރަޙްމާނު އަޅުގަނޑަށް ކިޔާދެއްވި ގޮތުގައި، އޭނާގެ ކާފަގެ އެފަދަ ފޮތްތައް އޭނާވެސް ދެކެވަޑައިގެންފައި ވެއެވެ. އޮޅުދޫ ކަރައިގެ މީހުން ފޮތްހަދާ ގޮތް ދިވެހީންނަށް ވަރަށް ރަނގަޅަށް އޭރު އެނގޭނެއެވެ. އެހެންކަމުން އޮޅުދޫ ކަރައިގެ ފޮތްތަކާއި ދިވެހި ފޮތްތަކާ މާބޮޑު ތަފާތެއް ހުންނާނޭ ކަމަށް ލަފައެއް ނުކުރެވެއެވެ. މިފަދަ ފޮތްތައް ހަދާފައި ހުންނަ ގޮތް މި މަޒުމޫނާ އެކުވާ ފޮޓޯއިން ފެނިވަޑައިގަންނަވާނެއެވެ. ފަތްތައް ހުންނަނީ އެއްވަރަށް ބުރިކޮށް، ދެ ލޯވަޅު އަޅާ ނަނަކަށް މަހާފައެވެ. ދެން ދެފަރާތުގައި ލަކުޑި ފިލާކޮޅެއް ބޭރުގަނޑުގެ ގޮތުގައި ހަރުކޮށްފައި ހުރެއެވެ.

އެކި ގަސްގަހުގެ ފަތުގައި ލިޔެފައިވާ ލިޔުންތަކެއް މިހާރަކަށް އައިސް ނުފެނެއެވެ. އެހެންކަމުން، އެފަދަ ލިޔުންތަކުން ދިވެހިބަހާ ބެހޭގޮތުން، މަޢުލޫމާތެއް ލިބޭކަށް ނެތެވެ. އަޅުގަނޑުމެން ބަރޯސާވާން ޖެހޭނީ ޚާއްޞަތަކެތި ލިޔެފައިވާ ލިޔުންތަކަށެވެ. އެކިއެކި ލޯމާފާނުތަކާއި ފަތްކޮޅުތަކަށެވެ.

ދިވެހިބަހުގެ ތަރައްޤީ، ދައުރުތަކަކަށް ބަހާލުން

ދިވެހިބަހާ މެދު ޢިލްމީ ހަމަތަކެއްގެ މަތިން މަޝްވަރާ ކުރުމަށް އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ، ބަހުގެ އުމުރު ޒަމާންތަކަަކަށް ބަހާލުމެވެ. މިއީ އެހެން ބަސްބަސްވެސް، ދިރާސާ ކުރުމަށްޓަކައި، ކުރާ ކަމެކެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ބަސްވަނީ ތިން ދައުރަކަށް ބަހާލާފައެވެ. އެއީ ތިރީގައިވާ ފަދައިންނެވެ.

1. މުސްކުޅި އިނގިރޭސި:  500 އިން  1100 އަށް
2. މެދު އިނިގިރޭސި: 1100 އިން 1500 އަށް
3. މިޒަމާނުގެ އިނގިރޭސި: 1500 އިން މިހާރާ ހަމައަށް

ދައުރެއްގެ ތެރެއިން މާބޮޑު ތަފާތުތަކެއް ފެންނަ ނަމަ، އެ ދައުރެއް އަނެއްކާ ދެ ޒަމާނަކަށް ބަހާލަނީއެވެ. މިސާލެއްގެ ގޮތުން މިޒަމާން ދެބަޔަކަށް އިނގިރޭސި ބަހުގައި ބަހައެވެ: 1500 އިން 1800 އަށް އިސް މިޒަމާނާއި 1800 އިން މިހާރާ ހަމައަށް ފަސް މިޒަމާނެވެ. މިއިން ކޮންމެ ޒަމާނެއްގެ އިނގިރޭސީގައި އެ ޒަމާނަށް ޚާއްޞަ ސިފަތަކެއް ފާހަގަ ކުރެއެވެ.
ބަޔަކު މޮށެ އުޅޭ ބަހެއް ޒަމާންތަކަކަށް ބަހާއިރު، ބަލަނީ ކޮންކަންތައްތަކަކަށް ހެއްޔެވެ؟ މިއީ ފަސޭހަ ސުވާލެކެވެ.  ބަލަން ޖެހޭނީ، ބަހުގެ ބަހާތަކަށެވެ. ބަހެއްގައި އެކުލެވޭ ކަންތައްތަކަށެވެ. އާދެ! ބަހުގެ ޤަވާޢިދެވެ. ބަހުގެ ބަސްކޮށާރެވެ. ބަހުގެ އިމްލާއެވެ. ބަސް ލިޔާ އަކުރުތަކެވެ. ބަހުގެ އަކުރުގެ އަޑުތަކާއި ފިލީގެ (ލީން)  އަޑުތަކެވެ. އަދި ދެން، މިފަދަ ބައިތަކަކަށްނުހިމެނޭ ކަންތައްތަކެވެ.

ޒަމާންތަކެއް ކަނޑައެޅުމުގައި އަދި އިތުރަށް ވިސްނަންޖެހޭ ކަމެއް ވެއެވެ. އެއީ،  ޒަމާންތައް ބައިކުރާ  ގޮތުން،  ކުރިން ދެންނެވި ކަންކަން ދެނެގަންނަން ބޭނުންވާ ލިޔުންތަކެއް ލިބެން ހުންނަން ޖެހޭނެއެވެ. ރާއްޖޭގައި މީހުން އުޅެންފެށީއްސުރެ ރާއްޖެ އިސްލާމް ވަންދެން (1153) ވީ މުއްދަތު އެއީ ދައުރެއްކަމުގައި ކަނޑައަޅައިފިނަމަ، ބަހުގެ އޭރުގެ ބަސްކޮށާރު ނުވަތަ އެހެން ކަންކަން ދެނެގަންނާނޭ އެއްވެސް ލިޔުމެއް އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. ރާއްޖޭގައި އަދި ފެނިފައިވާ އެ ދުވަސްވަރަށް ނިސްބަތްވާ އެކަށީގެންވާ ދިގު ލިޔުމަކީ އެވޭލާއަކުރުން ލިޔެފައިވާ ލޯމާފާނުތަކެވެ. މި މޭރުމުން ވިސްނުމަށްފަހު، އަޅުގަނޑުގެ ނަޒަރުގައި ދިވެހި ބަހުގެ ތަރައްޤީ، އަންނަނިވި  ޒަމާންތަކަށް ބަހާލެވިދާނެއެވެ.

1. އެވޭލާ ދައުރު (މިޒަމާން ފެށެނީ ދިވެހީން ރާއްޖޭގައި ވަޒަންވެރިވީ ފަހުން މީލާދީން 1500 ވަނަ އަހަރަށެވެ.)
2. މެދު ދައުރު (1500 އިން ފެށިގެން 1900 ވަނަ އަހަރަށް)
3. ޒަމާނީ ދައުރު (1900 އިން ފެށިގެން މިހާރާ ހަމައަށް)

މެދު ދައުރު 1500 އިން ފެށި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ތާޜީޚް ތިން ދައުރަކަށް ނުވަތަ ޒަމާނަކަށް ބައިކުރާއިރު، މެދު ޒަމާން ނިމެނީ 1500 އިން ކަމަށް ބަލާތީއެވެ. ނަމަވެސް، މިގޮތަށް ބެހުމުން، ދިވެހިރާއްޖެއާ ބެހޭ ދިގު ތާރީޚީ ބަޔާނެއް ލިޔެފައިވާ ޕިރާޑުގެ ލިޔުންތައް އެވޭލާ ޒަމާނަކަށް ނުވަންނާއެވެ. އެހެންކަމުން، އެވޭލާ ޒަމާނުގެ ދިވެހި ބަސް އަޅުގަނޑުމެނަށް ދެނެގަނެވޭނީ ހައްދުންމަތީ ދެ ލޯމާފާނަކާއި އެތެރެކޮއިލު ލޯމާފާނާއި، ބޮޑުގަލު މިސްކިތް ލޯމާފާނުންނެވެ. މިއީ، އެކަށީގެންވާ ދިރާސާއެއް ކުރުމަށް، ޚާއްޞަކޮށް ލުޣަވީ ތަޙުލީލެއް ކުރަން ވަރަށް މަދު ލިޔުންތަކެކެވެ.

1900 އިން ފަހު ދައުރު ފެށި މައިގަނޑު ސަބަބަކީ، ދިވެހިބަހުން 1767 ހިސާބުގައި ލިޔެފައިވާ ލިޔުންތަކާއި 1800 ގެ އަހަރުތަކުގައި ލިޔެފައިވާ ލިޔުންތަކާ މާ ބޮޑު ތަފާތެއް ނެތްކަމަށް ފާހަގަ ކުރެވޭތީއެވެ. ދިވެހި ބަހަށް އެންމެ ބޮޑު ބަދަލުތަކެއް އައިސްފައިވަނީ 1900 އަހަރުތަކަށް ފަހުއެވެ. ޚާއްޞަކޮށް ރާއްޖޭގައި ފޮތް ޗާޕުކުރަން ފެށުމާ ގުޅިގެންނެވެ.
މިއިން ކޮންމެ ޒަމާނެއްގައި ބޭނުން ކުރަމުން ދިޔަ ދިވެހިބަހުގެ ޚާއްޞަ ސިފަތައް ފާހަގަކުރާނީ އަންނިނިވި ބައިތަކުންނެވެ. މިބައިތަކަކީ، ކޮންމެ ބަހެއް ދިރާސާ ކުރާއިރު ވެސް ވިސްނަންޖެހޭ ކަންތައްތަކެވެ.

(ހ) ގަވާއިދު
(ށ) ބަސްކޮށާރު
(ނ) ބަހުގެ އަޑުތައް (އަކުރުތަކުގެ އަޑުތަކާއި ފިލީގެ އަޑުތައް) [ފޮނޮލޮޖީ]
(ރ) ލިޔާގޮތް
(ބ) މަތީގައިވާ ހަތަރު ބަޔަށް ނުފެތޭ އެހެން ކަންތައްތައް.

t3sss
ލިބެން ހުރި ހުރިހާ ލިޔުންތަކެއް ބަލައިގެން މަތީގައިވާ ދިރާސާ ކުރިއަށް ގެންދާއިރު، ތަފާތުތައް ބޮޑު ތާވަލެއްގައި އަޅުގަނޑުމެނަށް ގިންތި ކުރެވިދާނެއެވެ. މަތީގައިވާ ތާވަލުގައި ފާހަގަކޮށްފައި އެވަނީ މި ދިރާސާގެ މަސައްކަތް ރާވާނޭ ގޮތެވެ. ފަހެ، ކޮންމެ ހުސް ގޮޅިއަކީ ދިގު މަޒުމޫނެވެ. މި މުހިއްމު މަސައްކަތް ފަށައިގަންނަން އަޅުގަނޑު، ދިވެހި ބަހަށް ލޯބިކުރާ ހުރިހާ ދަރިވަރުންނަށް ދަޢުވަތު އަރުވަމެވެ. އިހުގެ ދިވެހި ބަސް އިތުރަށް ދިރާސާ ކުރުމަށް އަޅުގަނޑުމެންނަށް ލިބިފައިވަނީ ވަރަށް މަދު ވަސީލަތްތަކެކެވެ. މި ވަސީލަތްތައް ހަތަރު ބަޔަކަށް ބަހާލެވިދާނެއެވެ. މިއީ ދިވެހި ތާރީޚަށް އެންމެ ބޮޑު ޚިދުމަތް ކުރެއްވި އެޗް.ސީ.ޕީ ބެލް ބަހާލިގޮތެވެ.

1. އެކި ތަކެތީގައި ބިންވަޅު ނަގާ ލިޔެފައިވާ ލިޔުންތައް (މިސާލަކަށް މަހާނަ ގައު)
2. ލޯމާފާނު
3. ފަތްކޮޅުތައް
4. ރާދަވަޅި، ތާރީޚް، ފަދަ ލިޔުންތައް

މި ނޫނަސް އެހެން ބައެއް ލިޔުންތައް، ރާއްޖޭގެ އެކި ތަންތަނުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އިސްދޫ ލޯމާފާނުގެ ތަރުޖަމާގައި އޭރުގެ ދިވެހި ބަހުގެ ހަމަތަކާ ބެހޭ ގޮތުން ތަރުޖަމާކުރި ފަރާތުގެ  މުހިއްމު ބަޔާނެއް ހިމެނެއެވެ. މިއީ މި ދިރާސާ ފަށައިގަންނަން ބޭނުންވާ ފަރާތަކަށް މުހިއްމު އިރުޝާދެކެވެ.

ޒަމާންތަކާ މެދު އިތުުރު ބަޔާނެއް

ލޯމާފާނަކީ ކުރީ ޒަމާނުގައި ރަސްރަސްކަލުން ބައެއް ބާވަތުގެ މުހިއްމު ފަތް ލިޔެފައި ހުންނަ ރަތުލޯ ފަދަ މަޢުދަން  ފޮތި ނުވަތަ ތުނި ޝީޓެވެ. އިސްދޫ އަދި ދަނބިދޫ ލޯމާފާނު މަޝްހޫރުވަނީ އެއީ ރާއްޖޭގެ އެންމެ ކުރީގެ ލިއުން ހުންނަ ގޮތުގެ ތަރީޚީ ހެއްކަކަށް ވާކަމެވެ. މި ދެ ލޯމާފާނު ލިޔެފައިވަނީ 1194 އާއި 1198 ވަނަ އަހަރާ ދެމެދުއެވެ. ދަނިބިދޫ  ލޯމާފާނަކީ ގާތްގަޑަކަށް 3 އިންޗި ފުޅާ 16 ވަަރަކަށް އިންޗި ދިގު، އޯލާ ފަތުގެ ބައްޓަމަށް ހުންނަ 16 ފޮތީގެ ތާންލޯ  މައްޗަށް އެކުލެވޭ ލޯމާފާނެކެވެ. މާތުރަ، މިހާރު އޮތީ 15 ފޮތި ކަމަށް މި ފަތާ ބެހޭ ގޮތުން، އަލްފާޟިލާ  ނަސީމާ މުޙަންމަދު ލިއުއްވާފައިވާ ލިއުއްވުމެއްގައި ވެއެވެ. މި ލޯމާފާނު، ސިލޯނުގެ ޕްރޮފެސަރަކާއި ތިން ދިވެހީން ވެސް ”ތަރުޖަމާ“ ކުރައްވާފައި ވެއެވެ. އެންމެ އެދެވޭ ގޮތަކަށް މި ލޯމާފާނު ތަރުޖަމާ ކުރައްވާފައިވަނީ ޢަލީ ނަޖީބު ކިޔާ މާލޭގެ ބޭފުޅެއްކަމަށް އެކަމަނާ ވިދާޅުވެއެވެ. (ކިޔުންތެރިން ޝައުޤުވެރިވާނެ އެއްކަމަކީ ސިލޯނުން ފެނިފައިވާ  އެންމެ ގިނަދުވަސްވީ ލޯމާފާނަކީ ގާތްގަޑަކަށް ހަމަ މިދުވަސްވަރަށް ނިސްބަތްވާ ލޯމާފާނެކެވެ. ނަމަވެސް ލިޔުން ކުޑަކޮށް ތަފާތެވެ. ފޮޓޯތައް ބައްލަވާ ލައްވާށެވެ.)

މި ލޯމާފާނުގެ ”ތަރުޖަމާ“ އިން  އަޅުގަނޑުމެންނަަށް ދިވެހިބަހުގެ ތާރީޚް އާ މެދު ވަރަށް މުހިއްމު ދެތިން ނިންމުމެއް ނިންމިދާނެއެވެ. އަޅުގަނޑު ”ތަރުޖަމާ“ މި ލަފުޒު ކޮމާކޯޅިއެއްގައި ލިޔުނީ އެ ލޯމާފާނު 1197 ވަނަ އަހަރު ސާދާ ދިވެހި ބަހުން ލިއެފައި އޮތަސް، އަޅުގަނޑުމެންނަށް، މިހާރުގެ ދިވެހީންނަށް އޭގައި ބުނާ އެއްޗެއް އެއްވެސް ގޮތަކަށް ދޭހަ ނުވާތީއެވެ. މިއަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ. އެހެނީ މީގެ 800 އަހަރު ކުރިން އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔުމެއް މިހާރުގެ އާންމު އިނގިރޭސީންނަށް އެއްގޮތަކަށް  ވެސް ދޭހައެއް ނުވާނެއެވެ. މީގެ ދަލީލެއްގެ ގޮތުން އިނގިރޭސި ބަހުން އެންމެ ކުރިން ލިޔެފައިވާ ލިއުން، އާދެ! ބެއިވުލްްފް ބައްލަވާ ލައްވާށެވެ. މި ލިއުމުން އަޅުގަނޑު ބެލި ޞަފުޙާތަކުން މިހާރުގެ އިނގިރޭސީގެ ދެތިން ހަތަރު ލަފުޒު ނޫނީ ނުފެނެއެވެ.

sheetfromdhabidhoo

ފޮޓޯގައިވާ  ދަނބިދޫ ލޯމާފާނުގެލިޔުން ތާނައިން ޝާއިޢުކޮށްފައި ވެއެވެ. ކުރެހުމުގައި ދައްކާފައިވާ ފަސްފޮޅުވަތް ތާނައިން ލިޔުމުން އޮންނަ ގޮތް ތިރީގައި އެވަނީއެވެ.

1. އަށައަބަ އަކޮށް ހުށުވަައިދީ ފޫރުއްބެ ކާފުރު ރަހުން ދަބުދުވު  ވޭރަށަދިން ތައްމުދަލު
2. ދުރޮއިކޮށް ބަންޑާރައަށަ ބަލައިގެނެ ބަންޑާރައިން ސުއްދަކޮށް މަސްދިދަށަ ދިން
3. އެކިގޮވުދުވު ފަގުއްކަމު ދަބުދުވާއި އެކުފަރުއޮތް ކަންޑޮރާއި ދަބުދުވާ
4. އި އެއްފަރުއޮތް ގެމެެނެޅިއާއި ކެޅެވަންދުވު މަޑުލެއޮތް މަތިދުވާއި މިއާއި
5. މެ އެއްފަރުއޮތް މެދުފުށްޓާއި މިއަތެޅެމެއޮތް ރަތްގަލުވުއްޓާއިންމަ ތެޅެމެ

މަތީގައިވާ ފަސްފޮޅުވަތުން ތިބާއަށް ދޭހަވަނީ ކޮން އެއްޗެއްތޯއެވެ؟  މަދު ލަފުޒެއް ދެތަސް، އަޅުގަނޑަށް ހަމަ އެކައްޗެއް ވެސް ނޭނގެއެވެ. ޢަލީ ނަޖީބު ލިއުއްވާފައިވާ ގޮތާ އަޅާބަލާއިރު، ސިލޯނު ދެ ޕްރޮފެސަރަކާއި ތިން ދިވެހީން ކޮށްފައިވާ ތަރުޖަމާ، ދިވެހި ކަންފަތްތަކަށް އަދި ވަކިން ބީރައްޓެއްސެވެ. އަޅުގަނޑު ކުރިން ދެންނެވިހެން 800 އަހަރު ތެރޭގައި ބަހަށް އަންނަނީ ވަރަށް ބޮޑު ބަދަލުތަކެކެވެ.

ދިވެހިބަހުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރާ ދެމެދު ހުރި ތަފާތުތަކުގެ ތެރޭގައި މިހާރުގެ އަޑުތަކާ ތަފާތު އަޑުތަކެއް ބޭނުން ކުރުން ހިމެނެއެވެ. އިހުގެ ސިންގަޅަ ބަހުގައި އަދި މިހާރުގެ ސިންގަޅަބަހުގައި ހިމެނޭ އެއް ލީން އަޑެއް މިހާރުގެ ދިވެހިބަހަކު ނުހިމެނެއެވެ. އަދި، ފާފުގެ އަޑުގެ ބަދަލުގައި ޕަވިޔަނީގެ އަޑު ބޭނުން ކުރުން ހިމެނެއެވެ. ޢަރަބި ބަހުގައި ޕަވިޔަނި ބޭނުން ނުކުރާތީ، މި އަޑު ފާފަށްބަދަލުވީ، ރާއްޖެ އިސްލާމްވުމުން ކަމަށް ބެލް ގެ މޮނޮގްރާފްގައި ލިއެފައި ވެއެވެ. އެވޭލާ އަކުރުން ލިޔެފައިވާ ފަތްކޮޅު، ސިލޯނުގެ ބަޔަކު ދޭހަކުރިކުރުން އަންގާދެނީ އޭގައި ލިޔެފައިވާ ލިޔުމާއި ލަފުޒުތަކުގެ މާނަ، އެ ދުވަސްވަރު ސިލޯނުގައި ވާހަކަ ދައްކާ އުޅުނު ބަހާ ގާތްކަމެވެ. ޢަލީ ނަޖީބް ވެސް ދަނބިދޫ ފަތްކޮޅު ތަރުޖަމާ ކުރުމުގައި އިހުގެ ސިންގަޅަ ބަސްފޮތްތައް ބެއްލެވި ކަމަށް ވެއެވެ. މިކަމުން އެވޭލާ ދިވެއްސާ ބޯދާ ސިންގަޅައާ ގުޅުމެއް ހުރިކަން ސާބިތުވިއަސް، އެއް ބަސް އައީ އަނެއް ބަހުން ކަމަށް، ދިވެހި އުފެދުނީ އިހުގެ ސިންގަޅައިން ކަމަށް، ދޭހައެއް ނުވެއެވެ. އަދި ކިއެއްތަ، މި ދެބަސް އުފެދުނީ އެއް މަންމަ ބަހަކުން ކަމަށް ހެކި ދެއެވެ. މިކަމަށް ބެލްގެ މޮނޮގްރާފްގައި ވެސް އިޝާރާތް ކޮށްފައި ވެއެވެ. ނަމަވެސް، މި އޮޅުމަކީ ނުވަތަ އޮޅުވާލުމަކީ ވަރަށް އާންމު ޚިޔާލެކެވެ. ޚާއްޞަކޮށްް ސިންގަޅަ ދަންނަ ދިވެހި ތާރީޚީ ޢިލްމުވެރިންްގެ މެދުގައެވެ. މިކަމާ ބެހޭ ގޮތުން އަޅުގަނޑު ކުރީ މަޒުމޫނެއްގައި އަލި އަޅުވާލާފައި ވާނެއެވެ. އަދި އެއަށްވުރެ ފުރިހަމަކޮށް، އަލްފާޟިލާ ނަސީމާ މުޙަންމަދު އެކުލަވައިލެއްވި މަޒުމޫނެއްގައި މިކަން މަޝްވަރާ ކޮށްފައި ވެއެވެ.

ޒަމާނީ ދައުރުގެ އެންމެ އާދަޔާ ޚިލާފު ކަންތައްތަކުގެ ތެރޭގައި، ދިވެހިބަހުގެ ބައެއް ހަމަތައް، ކުރިއަރާފައިވާ ބައިނަލްއަޤްވާމީ ބަސްތަކާ އެއްގޮތްވަމުން ދިއުން ހިމެނެއެވެ. އަދި، ޗާޕުކުރުން ޢާއްމުވުމާ ގުޅިގެން ބަދަލުތައް އައުން އަވަސްވުމާއި، އެއްގޮތްކަން ފެތުރުން ހިމެނެއެވެ. ފަހެ، އެއްވެސް އެއްޗެއް ގުރޫޕް ކުރުމަކީ ނުވަތަ ބައިބަޔަށް އެޅުމީ އެކަމުގައި އިސްތިސްނާތަކާއި މައްސަލަތައް އުޅޭނޭ ކަމެކެވެ. އެހެންކަމުން، މި ކަން ހަނދާނުގައި ބެހެއްޓުން ހުއްޓެވެ. މިސާލަކަށް 1751 ވަނަ އަހަރު ކުޑަހުވަދޫ ހުކުރު މިސްކިތަށް އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީން (3) ދެއްވި ބަކަރިހަމުގައި ލިއެފައިވާ ފަތްކޮޅު ލިޔެފައިވަނީ ދިވެސް އަކުރުންނެވެ. މެދު ދިވެހީގެ ސިފައެއް ފަދައިން މި ފަތްކޮޅުގެ ބޮޑު ބައި މިހާރުގެ މީހުންނަށް އޮޅުން ފިލާނެއެވެ. މިސާލަކަށް އެ ފަތްކޮޅުގައި ދިވެސް އަކުރުން ލިޔެފައި ވެއެވެ. ”ކުޑަހުވަދޫ އަޅުތަކުން [ރައްޔިތުން] ނުރުހުމުން [ގެ ހުއްދަ ނެތި] މިކުޑަހުވަދޫވާ މި ނަންގެނި ތިބި ރަށްރަށަކުން ދަނޑިއެއް މުޑިއެއް ކަނޑައި މި ކުޑަހުވަދޫ ފަރުން ފަރެއް ހިލައި އެމެއް ހިފައި މިގޮތު ކަމެއް މިކުޑަހުވަދޫ މީހުން ނުވި [ފިޔަަވައި] އަނެކަކު  މިގޮތު ކަމެއް ނުކުރަނި ކޮށު.“ ސާދާ ކޮށްލަން އަޅުގަނޑު ހަތަރެސްކަން ޤައުސްގައި އެހެރީ މިޒަމާނުގެ ބައެއް ލަފުޒު ހިމަނާފައެވެ. ނަމަވެސް، މާނަ ކުރިން އޮތް ގޮތުންވެސް ވަރަށް ސާފު އެހެން ނޫންތޯއެވެ؟ މިޒަމާނުގެ ދިވެއްސަށް މި ޢިބާރާތް ނުފެތޭތޯއެވެ؟

އަޅުގަނޑުގެ ހިތަށް އަރާ ސުވާލެއް އޮވެއެވެ. އެވޭލާ އަކުރު ދިވެސް އަކުރަށް ބަދަލުވާން ދިމާވީ ކޮން ސަބަބުތަކާ ހެދި ހެއްޔެވެ؟ ސީދާ މިކަމާ ބެހޭ ލިޔުމެއް ފެންނަންދެން މި ބަދަލަށް އެކި މީހުން ތަފާތު ޚިޔާލު ހުށަހަޅާނެކަން ކަށަވަރެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، އެވޭލާ އަކުރަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގައި އޮތް ބުދު ދީނުގެ “ޢިލްމުވެރިން” ބޭނުން ކުރި އަކުރެކެވެ. މި މީހުންގެ ބާރު، އިސްލާމް ދީން އައުމުން ނެތި ހިނގައްޖެއެވެ. އަދި ޢާންމުންނަށް ބޭނުން ކުރާ ބާވަތުގެ އަކުރުތަކެއް އުފައްދަން ޖެހިއްޖެއެވެ. އެހެންކަމުން އެވޭލާ އަކުރު ސާދާ ކުރުމުން ދިވެސް އަކުރު އުފެދުނީއެވެ. މިހެން މިދެންނެވީ ވަރަށް ގިނަ ޤައުމުގައި އެ ޤައުމުގެ ދީނުގެ ޢިލްމުވެރިން ބޭނުން ކުރާ ބަސް، އެހެން ޢާންމު ރައްޔިތު މީހުން ބޭނުން ކުރާ ބަހާ އަދި އަކުރާ ތަފާތު ވާތީއެވެ.

ދިވެހިބަހުގެ ތާރީޚް އާ ބެހޭ ގޮތުން ޞަރީޙަ ލިިޔުމެއް ލިޔުމަކީ، އަޅުގަނޑުގެ މަޤްޞަދެއް ނޫނެވެ. ނަމަވެސް، ކިތަންމެ ފެން ގޮތެއްގައި ނަމަވެސް، ދިވެހިބަހުގެ އެކި ދައުރުތަކާ ބެހޭ ލުޣަަވީ ތަޙުލީލެއް ކުރާނެ ގޮތް ހުށަހަޅާލެވިއްޖެ ކަމަށް ހީކުރަމެވެ.