ހުރިހާ ރަނގަޅު ފިރިހެނުން ކޮބައިހެއްޔެވެ؟

ކޮބާ! ތިބާގެ ބޭނުމަކީ ރަނގަޅު މީހަކު ހޯދައި، އޭނާ އާ އިނދެގެން އުފާވެރި ދިރިއުޅުމެއް ފެއްޓުން ދޯއެވެ؟ ތިކަމާ ކުރިމަތިލަމާ ހިނގާށެވެ. މިކަމަށް ފެށުމުގެ ކުރިން އެންމެ މުހިއްމު އެއްކަމަކީ ތިމާގެ ނަފުސު ވިޔަ ކޮށްލުމެވެ. ތިބާގެ ދިރިއުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ހެއްޔެވެ؟ އަމިއްލަ ނަފުސާ ދޭތެރޭ ހިތްހަމަ ޖެހޭ ހެއްޔެވެ؟ ވަޒީފާ އާ ދޭތެރޭ ހިތްހަމަޖެހި ދުނިޔެއަށް އިޞްލާޙެއް ގެނައުމަށް ތިމާއަށް ކަމެއް ކުރެވޭ ހެއްޔެވެ؟ ތިމާގެ ނަފުސުގެ ޤަދަރާ އާ ދޭތެރޭ ދެކެނީ ކިހިނެއް ހެއްޔެވެ؟ ތިމާއަށް ތިމާ އަގުކުރެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ރަނގަޅު ފިރިހެނަކު ހޯދަން ތިބެލެނީ ރަނގަޅު ތަންތަން ހެއްޔެވެ؟

     މިގޮތަށް ނަފުސުގެ “ސްޓޮކް ނަގާއިރު” ހަރުދަނާ ގުޅުމެއް ޤާއިމްކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ތިމާގެ ކިބައިގައިވޭތޯ ފިކުރުކޮށްލާށެވެ. އެންމެ ހިތްއެދޭ ހިތުގެ ރަސްގެފާނު ނުވަތަ ރަސްފިރިހެނާ ފައިދާވަންދެން، ތިބާއަށް ކުރެވޭނޭ އެންމެ ރަނގަޅު ކަމަކީ ރަނި އަންހެނަކަށް ވުމަށް މަސައްކަތް ކުރުމެވެ. ތިމާގެ ހުނަރުވެރިކަން އިތުރުކުރުމަށް އައު ކަންތައްތަކެއް ދަސްކުރާށެވެ. މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލްކަން އިތުރުކުރާށެވެ. ފަލަނުވެ، ހިކިނުވެ، ލޮޑުނުވެ ފުރިހަމަ ދުޅަހިކަމެއް ހޯދޭތޯ މުރާލި ދިރިއުޅުމެއް އުޅޭށެވެ. ކިތަންމެ ފިރިހެނުންނެއް، އިންނާނޭ މީހަކު ޚިޔާރުކުރާއިރު، ރަނގަޅަށް ކައްކަން އެނގުމާއި މެހެމާންދާރީ އަދާކުރަން އެނގުމާއި ގެވެހިކަމަށް ބަލައެވެ. މިފަދަ ދާއިރާތަކުން ފާސްވުމަކީ މުޅި ޢުމުރަށް އެކަމުގެ ހެޔޮ މަންފާ ކުރާނޭ ކަމެކެވެ. އެކައުންޓިންގ އާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ ރޮނގުން ޑިޕްލޮމާއެއް އޮތުމަކީ، ކައިވެންޏަކަށް ފަހު، މާ ބޭނުންތެރި ކަމަކަށް ނުވެއެވެ. މިފަދަ ސަނަދުތަކުން އާމްދަނީއެއް އަދި ބައެއް ފަހަރު، ފިރިއެއް ލިބުމަށް މަގުފަހިވިއަސް، ވަޒީފާއެއް އަދާ ނުކުރާނަމަ، އޭގެ ބޭނުންތެރިކަން ގެއްލެއެވެ. ވަޒީފާއެއްގައި އުޅުނަސް ނޫޅުނަސް މަންފާ ކުރާ ތަޢުލީމަކީ އެންމެ ބޭނުންތެރި ތަޢުލީމެވެ.

two teddy-bears sitting with their arms around each other isolated in white

     އެހެންކަމުން، ރަސްފިރިއަކަށް ކުރާ އިންތިޒާރުގައި–ފުރާވަރުގެ ވާރޭ ވެހޭ މޫސުމުގައި–ވެވުނު ވަރަކަށް ހުނަރުތަކުން ފެން ނަގާ ނަފުސުގެ ޖާޑި ފުރާށެވެ. މިހާރު ތިއުޅޭ މަސައްކަތުގެ މާހައުލާ ހިތާނުވާނަމަ، ހިތް އެދޭ ދާއިރާއެއް ޚިޔާލު ކުރާށެވެ. ތިމާގެ އަމިއްލަ މަޤްޞަދުތައް ކަރުދާސް ގަނޑެއްގައި ލިޔާށެވެ. ރަސްފިރިއަކަށް ކުރެވޭ އުއްމީދުތަކުގެ އިތުރަށް އޭނާ ހޯދުމަށް ތިބާއަށް ކުރެވޭނޭ ކަންތައްތައްވެސް ލިޔާށެވެ. މި މަޤްޞަދުތައް ކޮންމެ ދުވަހަކު މުޠާލިއާ ކުރާށެވެ. ތިބާއަކީ ހައިރާން ކުރުވަނިވި ޖިއްސުއްލަޠީފެއްކަން، އެންމެ ފުރިހަމަ ރަސްފިރި ޙައްޤުވާ ހަރުދަނާ އަންހެނެއްކަން އަމިއްލަ ނަފުސަށް ކޮންމެ ދުވަހަކު ހަނދާން ކޮށްދޭށެވެ. ތިބާ އިންނަން ބޭނުންވާ ފިރިހެނާގެ ސިފަތައް ކަނޑައަޅާށެވެ. ހަރުދަނާ ފިރިހެނެއް ހޯދުމަށް އުއްމީދުތައް މަތިކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

     ދެން އޭނާއަށް ތިބާ ނުފެނިގެން ފިކުރުބޮޑުވެ، ހާސްވުމުގެ ބަދަލުގައި، އަމިއްލަ ދިރިއުޅުމާއިގެން އަވަދިނެތި އުޅޭށެވެ. އުފާވާ ކަންތައްތައް ކުރުމުގައިޤާއިމްވާށެވެ. އުފާވާ ކަމެއް ކުރާނޭ ފުރުޞަތެއް ނުލިބިއްޖެނަމަ، ކުރާ ކަންތައްތަކުން އުފާ ހޯދާށެވެ. އަހަރެއް ކައިރީގައި ކިތަންމެ ބަޔަކު ބުނެފައި ވެއެވެ. ރަސްފިރި ފައިދާވަނީ އޭނާ ފެނުމުން ސަމާލުކަމެއް ދެވޭ ވަރަށް ވުރެ ތިމާ އަވަދިނެތިކޮށް އުޅެނިކޮށެވެ. އޭނާ ހޯދުމަށް މަސައްކަތް ނުކުރާ އިރުއެވެ. އަހަރެން ކިތަންމެ ފަހަރަކު ރައްޓެހިން ކުރެ އަޑުއެހި ވާހަކައަކީ އަންހެންކުއްޖާ ރަސްފިރިއެއް ކަމަށް ހީކޮށް އިންމީހާ، ދުވަސްކޮޅެއްގެ ތެރޭގައި ބިރުވެރި އިފުރީތަކަށް ބަދަލުވި ހިތްދަތި ވާހަކައެވެ. މިހެން ގިނަފަހަރު ދިމާވަނީ، މީހަކާ އިންނަން އަންހެން ކުއްޖާ މާބޮޑަށް ބޭނުންވެ، ފިރިހެންމީހާގެ އުޅުންރަނގަޅަށް ނުބަލައި، ފިކުރެއް ވިސްނުމެއް ނެތި މާ ގާތްވުމަށް ފުރުސަތު ދިނުމުގެ ސަބަބުންނެވެ. ގާތްވުމަށް ދޮރު ހުޅުވާލައިފިނަމަ، ކަންތައްތައް ފިރާލާނޭ، މުޅިން ބަދަލުކޮށްލާނޭ ފުރުސަތު ގެއްލުނީއެވެ. މިފަދަ ކިތަންމެ ފިރިހެނުންނަކީ، އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އާލަތެއްގެ ގޮތުގައި، އަންހެނުން ބޭނުންކުރާ، ގޮތެއް ފޮތެއް ނެތް ބައެކެވެ.

އަވަހަށް މީހަކާ އިނުމުގެ ބޭނުމުގައި، ފިރިހެން މީހާގެ ޚަބަރު އަންހެން މީހާ ނުބަލާ މިންވަރީ، އެތައް ބަޔަކަށް، ފިރިމީހާ މީހަކާ އިނދެފައިވާކަން ނުވަތަ ދަރިންނާއި އަނބިން ތިބިކަން ނުވަތަ ޑުރަގުދެވި ޖެހިފައިހުރި މީހެއްކަން، ކައިވެންޏަށް ފަހު އެނގުމެވެ. މިފަދަ މަކަރުވެރި ހިޔަޅުން، ކައިވެންޏަށް ފަހު ވަފާތެރިވާނޭ މިންވަރު ޚިޔާލަށް ގެންނާށެވެ!

e94213bc20c4ab135c0c8c9d1a672ebe

     ވަރަށް ގިނަ އަންހެނުންނަކީ، ޗާލާކީ ފިރިހެނުންނަށް، ޚާއްޞަކޮށް ބުރުސޫރަ ރީތި ފިރިހެނުންނަށް ހެއްލޭ ބައެކެވެ. ވާހަކަ ދައްކާ ގޮތުން، ނުވަތަ އަޅާލާކަމަށް ދަށްކަން ފިނިފެންމަލާއި ހަދިޔާއާއި އެސްއެމްއެސް ފޮނުވުމުން އެއީ ރަސްފިރިކަމަށް ހީވެގެން ޑުރަގުދެވި ޖެހިފައިވާ މީހަކާ ރައްޓެހިވެވިއްޖެނަމަ، ތިމާގެ ދިރިއުޅުން ބަރުބާދުވީއެވެ. މި މީހުންނަކީ، މިހާރު ރާއްޖެތެރެއާއި މާލޭގައި ވަރަށް ގިނަ ބައެކެވެ. މިމީހުން ފާހަގަ ކުރެވޭނޭ އެއްގޮތަކީ، ހަށިގަނޑުގެ މަސްތައް ވިރެގެން ގޮސްފައި ހުރުމެވެ. މަގުމަތިން ހިނގާފާދާއިރު، ހީވާނީ ހުސް ޖީންސެއް ހިނގާފާދާ ހެންނެވެ. ނަމަނަމަ، މީގެ މީހަކާރައްޓެހި ނުވާށެވެ.

     މިފަދަ ފާސިޤުންނާ ރައްޓެހި ވެވިއްޖެނަމަ، އެމީހެއްގެ އެންމެ ފުރަތަމަ މަޤްޞަދަކަށް ވެފައި އޮންނާނީ ތިބާ ވެސް ފާސިޤުކޮށް، ޑުރަގު ދެއްވާއި ކިހުނު ޖެއްސުމެވެ. ދެން އެއަށްފަހު، އެ “ޕާޓޭ” ގެ އަޅަކަށް ތިބާ ވެދެއެވެ. އެތައް އަހަރަކުން އެއްކޮށްފައި ހުރި ފައިސާކޮޅު ހުސްކޮށްލައެވެ. މައިންބަފައިން ދީފައި ހުރި ގަހަނާ ކޮޅު ވިއްކާލުމަށްފަހު، ތިމާގެ މީހުންގެ ތަކެއްޗާއި ތިބާ ވިއްކަން ފަށައެވެ. ޢިއްޒަތުއްނަފްސާއި ޢިއްފަތްތެރިކަން ނީލަން ކިޔައެވެ. ނަމަވެސް، މަންޖޯޅި ޖެހިފައިހުރި ވަރުން، ތިމާގެ ހަމަ ބުއްދި ނެތުމާއެކީ “ޕާޓޭ” އަދި ރަނގަޅުވާނޭ ކަމަށް ހީކުރަތެވެ. ހުޅަނގު ފަރާތުން އިރުއަރާނޭ ހެން ބައެއް މީހުންނަށް ހީވާގޮތަށެވެ.

     ދާދި އިހަކަށް ދުވަހު، އަހުރެން އޮސްޓްރޭލިޔާއިން މާލެއައި މަތިންދާބޯޓުގައި، ޖެހިގެން ހުރިގޮޑީގައި އިން މީހަކާ ވާހަކަ ދައްކަން ފެށީމެވެ. އޭނާއަކީ އޮސްޓްރޭލިޔާގައި އޮތް ޑުރަގާ ބެހޭ ކޮންފަރަންސަކަށް ދިއުމަށްފަހު، އެނބުރި އެމެރިކާއަށްދާ ޑުރަގާބެހޭ މާހިރެކެވެ. އޭނާ ކިޔާދިން ގޮތުގައި، އޭނާއަކީ އެތައް ޢިލްމީ ތަޙުޤީޤުތަކެއްގެ މައްޗަށް ބުރަވެ، ޑުރަގުދެވި ޖެހިފައިވާ މީހުން ރަނގަޅު ކުރުމަށް މަސައްކަތް ކުރާ މީހެކެވެ. މިކަމުގައި އޭނާ 15 އަހަރު މަސައްކަތްކޮށްފައި ވެއެވެ. މީނާ ކިޔާދިން ގޮތުގައި، މީނާގެ ތަޖުރިބާއަކީ ޑުރަގުދެވި ގަދަޔަށް ޖެހިއްޖެނަމަ، އިންސާނާ ދުވަހަކުވެސް އެކަމުން ރަނގަޅު ނުވާ ކަމެވެ. މާތުރަ، މަދުބައެއް 40 އަހަރަށް ވުރެ ދޮށިވުމުން އެކަމުން “އެއްކިބާވާ” ކަމަށް ވެއެވެ. އެ ޢުމުރަށް ދިއުމުން އެމީހުންގެ ތެރެއިން ބައެއް މީހުން ޑުރަގު އިސްތިޢުމާލުކުރަނީ ވަރަށް ސިއްރިޔާތުގައެވެ. މި ރާއްޖޭގައި، ޑުރަގުދެވި ޖެހިފައިވާ ޒުވާނުންނަށް މަހަކު އެތައް ހާސް ރުފިޔާގެ ޚަރަދެއް ކޮށްގެން “ބޭސްކުރުމަށް” މިކުރެވޭ މަސައްކަތް ކިހާ ކާމިޔާބުވާނެތޯއެވެ؟ މިފަދަ ބަޔަކަށް އެހާ ބޮޑު ޚަރަދެއް ކުރުމުގެ އިޖްތިމާޢީ އިންސާފަކީ ކޮބައިތޯއެވެ؟ ދުނިޔޭގައި މިކަން މަތަކޮށްފައިވާ ޤައުމުތަކުން މިކަން ކޮށްފައިވަނީ ތަޅައިގެންނާއި މަރައިގެންނެވެ. ތައިލެންޑް މިސާލަކަށް ނަގާށެވެ. އަހަރުމެންގެ ރާއްޖެއިން މިކަން ފޮހެލެވޭނީ، ރާގޮނޑިއަށް ރާގޮނޑީއޭ ބުނަންކެރޭ، ވަގުންނަށް ވަގުންނޭ ގޮވަންކެރޭ ޙަޤީޤީ ފިރިހެނުން ފައިދާ ވެގެންނެވެ. ދާދިފަހުން، ފާހަގަކުރެވުނު، ޑުރަގާބެހޭ ދުވަހު އ.ދ ގެ ޖަމާއަތުން ގޮވާލީ ޑުރަގުޖެހިފައިވާ މީހުންނާ މެދު “އޯގާތެރި”ކޮށް ކަންތައްތައް ކުރުމަށެވެ. މިފަދަ ގޮވާލުންތަކުން، މި ރާއްޖޭގައި މިކަން ފެތުރިގެން ދިޔަ ސަބަބު ފިކުރުކުރާ މީހުންނަށް ވަންހަނާ ވެގެން ނުވާނެއެވެ. އެ ދުވަސް ފާހަގަކުރަން ބޭއްވި އެއްކަމަކީ މިޔުޒިކް ޝޯއެކެވެ. މިފަދަ މިޔުޒިކާއި ޑުރަގާ ހުރި ގުޅުން މިކަން ކުރަން އުޅުނު ބަޔަކަށް ނޭނގެނީބާވައޭ އަހުރެންގެ އިތަށް އަރައެވެ. “ކިންގ އޮފް ދަ ރޮކް” –ރޮކް މިޔުޒިކްގެ ރަސްގެފާނު– ކަމަށް ބުނާ އެލްވިސް ޕްރެސްލީ މަރުވިގޮތް ހަނދާން ނުވަނީ ބާވައޭ އަހުރެންގެ ހިތަށް އަރައެވެ. އެލްވިސް ޕްރެސްލީ ކިއކްކުރަންތޯއެވެ؟ ރޮކް މިޔުޒިކާއި ހެވީ މެޓަލް މިޔުޒިކް ކުޅޭ ދުނިޔޭގެ މަޝްހޫރު މީހުންގެ ތެރެއިން ޑުރަގުދެވި ޖެހިފައި ނެތް މީހަކު ފެންނާނީ ކާޅު އައިނަކުން ހުދު ކާޅެއް ފެންނަފަދައިންނެވެ.

love_birds2

     މައުޟޫޢުއަށް އެނބުރި ރުޖޫޢަވަމާތޯއެވެ! އަހުރެމެން މިއުޅެނީ ތިބާއަށް ރަސްފިރިއެއް ހޯދަން ވެގެންނެވެ. އާދައިގެ ފިރިއެއް ނުވަތަ ސާދާ ފިރިހެނެއް ހޯދަން ވެގެންނެއް ނޫނެވެ. ރަސްފިރި ވާނީ ތިބާގެ ފުރިހަމަ ލޯތްބަށެވެ. ހިތުގެ ވިންދަށެވެ. މިފަދަ މީހަކީ އަވަހަށް ހޯދޭނޭ މީހެއް ނޫނެވެ. އެހެންކަމުން، މިކަމާ ކުރިމަތިލާންވާނީ ކެތްތެރިކަމާއެކުއެވެ. އެތައް ދުވަހެއް ވެދާނެކަމަށް ލަފާކޮށްގެންނެވެ. އަހުރެން ދަންނަ އަންހެނަކު، މީހަކާ އިންނަންވެގެން، އޭނާގެ ހުވަފެންތަކުގެ ރަސްގެފާނު ޚިޔާލަށް ގެންނަން ފެށިއެވެ. އޭނާ ބޭނުންވީ ފިނިފެންމާ ގެނެސްދޭފަދަ، އިޝްޤީ މީހެކެވެ. އެނާ ފޮތެއް ގަނެ، ފިނިފެންމަލުގެ ފޮޓޯ ކަފާ އެއަށްބަލަން ފެށިއެވެ. އޭނާ ބޭނުންވަނީ ކައިވެންޏާ ގުޅިގެން ބޮޑު އަލިމަހެއް ޖެހި އަނގޮޓިއެއް އޭނާއަށް ދޭނޭ މީހެކެވެ. ދެން އޭނާ ބޭނުންވަނީ ބޮޑު ގެއެއް ހުރި ފައިސާވެރިއެކެވެ. އެހެންވެ މިފަދަ ގެތަކުގެ ފޮޓޯ އެ ނޯޓުފޮތުގައި ތަތްކުރިއެވެ. މީނާ އިންނަން ޤަޞްދުކޮށްފައިވަނީ އެންމެ މީހަކާއެވެ. އެހެންވެ، އެމީހާގެ ކިބައިގައި އޭނާ އެދޭ ފިރިހެނެއްގެ ހުރިހާ ސިފަތަކެއް ނުހިމަނަންވީ ކީއްވެގެންތޯއެވެ؟ މިގޮތަށް އޭނާ ބޭނުންވާ ހުރިހާ ސިފަތަކެއްގެ ތަސްވީރު އެ ފޮތުގައި ތަތްކޮށް އެފޮތް ކޮންމެ ދުވަހަކު ބަލަންފެށިއެވެ. ކަންދިމާވިގޮތުން، އޭނާއަށް އެފަދަ މީހަކާ ބައްދަލުވެ، ކައިވެނިކުރިއެވެ. މި ރަސްފިރި އޭނާއަށް ފިނިފެންމާ ގެނެސްދެއެވެ. އޭނާއަށް އަގުބޮޑު އަނގޮޓިއެއް ގަނެދިނެވެ. އަދި މުއްސަނދި ފަރުނީޗަރުލީ ބޮޑު ގެއެއް ލިބުނެވެ. ހިތް އެދޭ ފަދަ މީހަކަށް އެދި ﷲ އަށް ނުދަންނަވަންވީ ކީއްވެގެންތޯއެވެ؟

     ހުރިހާ ރަނގަޅު ފިރިހެނުން ފިލާވަނީ ކޮންތަނަކު ހެއްޔެވެ؟ އަހުރެންގެ ޚިޔާލަށް އަންނަނީ މިސްކިތަށްދާ މީހުން ފާހަގަ ކުރުމެވެ. ގިނަ މީހުން ޢުމުރުން ދުވަސްވުމުން އަޅުވެރި ވެއެވެ. އެހެންވާއިރު، ފިރިމީހާ އަކީ ދީންވެރިއަކަށް ނުވެއްޖެނަމަ،ވަރަށް ފުން ހިތާމައެއް ކުރަން ޖެހިދާނެއެވެ. އޭނާ އަކީ “ޤައުމީ” ފިރިއަކަށް ވެދާނެއެވެ. (ޤައުމީ ފިރިންނަކީ ޤައުމުގެ ކޮންމެ އަންހެނެއްގެ ވެސް “ފިރިމީހާ”އެވެ). ކައިވެންޏާ މެދު ފުންކޮށް ވިސްނާނަމަ، ފިރިހެއް ހޯދުމަށް ބަލާއިރު، ބަލަންވީ ތަޤުވާވެރިކަމަށެވެ. މިކަމުގެ ބޭރުފުށުގެ ސިފަތަކަށެވެ. ނަމާދު ކުރުމަށެވެ. ޙަދޘްގައިވާ ހެން، ދުވާލަކު ފަސްފަހަރު ފެންގަނޑަކުން ފެންވަރާ މީހެއްގެ ގައިގާ ހުންނާނީ ކޮން މިލައެއްތޯއެވެ؟ ރަނގަޅު މީހުންނަކީ މިފަދަ މީހުންނެވެ.

     މީހުން މަދުއިރު، އެކަކަށް އަނެކަކު އެނގޭއިރު އިންނާނޭ މީހަކު ހޯދުމަކީ މިހާރަށް ވުރެ ފަސޭހަކަމެކެވެ. މިހާރު ދިމާވެގެން އުޅޭ އެއް މައްސަލައަކީ ގިނަ ޢަދަދެއްގެ ފިރިހެނުން، އަންހެނުންނަށްވުރެ ގިނައިން ޑުރަގުދެވި ޖެހިފައި ވުމެވެ. އެހެންކަމުން، މަސްތުނުވާ ފުރާވަރުގެ ޒުވާނުންގެ ތެރޭގައި ހިމެނޭ ފިރިހެނުންނަށްވުރެ އަންހެނުން ގިނައެވެ. ގިނަ ރަނގަޅު ފިރިހެނުން މިހާރު ތިބީ މީހުންނާ އިނދެގެންނެވެ. އެހެންކަމުން، ތިބާ ކުރަންޖެހޭ މަސައްކަތް އިހުނަށްވުރެ މިހާރު ބޮޑުވެއްޖެއެވެ.

     ރަސްފިރިއަކަށް ވާނޭ މީހާއާ ބައްދަލުވާނީ ކޮން އިރަކު ކަމެއް، ތިބާއަކަށް ނޭނގޭނެއެވެ. އެހެންކަމުން، ހުރިހާ ވަގުތެއްގައިވެސް، ހެދުން އެޅުމުގެ ސާފުކަމަށް ސަމާލުކަންދީ، ތާހިރުފާހިރުވެ ހުރުން މުހިންމެވެ. ސާފުތާހިރު ކަމަކީ އިސްލާމްދީނުގައިވެސް ވަރަށް އިސްކަންދީފައިވާ، އެންމެން އެކަމަށް ލޯބިކުރާ ކަމެކެވެ.

     ބޭރު ޤައުމުތަކުގައި ފިރިހެނުންނާ އަންހެނުން ކައިވެނީގެ ގޮތުން ތަޢާރުފުވުމަށް، ނޫހާއި އިންޓަރނެޓް ބޭނުން ކުރެއެވެ. ރާއްޖޭގައިވެސް، އިންޓަރނެޓް ބޭނުންކޮށްގެން އެކަކު އަނެކަކަށް ތަޢާރުފުވެ މުޢާމަލާތްކޮށް އުޅެއެވެ. މިކަމަށްޓަކައި ސޯޝަލް މީޑިއާ ބޭނުން ކުރެއެވެ. ތިބާ ވިސްނަންވީ، މިފަދަ މުޢާމަލާތްތަކުގައި، ވަރަށް ބޮޑު އޮޅުވާލުމެއް ވެދާނެކަމެވެ. އަހުރެން ދަންނަމީހަކު، އަންހެން ކުއްޖަކާ “ޗެޓް” ނުވަތަ ވާހަކަ ދައްކަމުން ދިޔައެވެ. ދެމީހުންވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ ހުސްހަށިބައި މީހުންކަމަށް ވެގެންނެވެ. މިވާހަކައިގެ އެންމެ ހައިރާން ކުރުވާ ކަމަކީ އަންހެން މީހާއަށް ފިރިހެން މީހާ ނޭގުނަސް، ފިރިހެން މީހާއަށް އަންހެންމީހާ އެނގޭކަމެވެ. އާދެ! އޭނާއަކީ މިނިސްޓްރީ އޮފް ހެލްތުގެ އޭނާއާ ޖެހިގެން ހުރި މޭޒުގައި އިންނަ އެސިސްޓަންޓް ޑިރެކްޓަރެވެ. ދާދި ފަހުން، ހުސްހަށިބައިނޫން އަންހެނުންނާ ފިރިހެނުން ގުޅުވާދޭ އެމެރިކާގެ “އޭޝްލީމެޑިސަން” ކިޔާ އިންޓަރނެޓް އެޖެންސީއެއްގެ ނަންތައް ހާމަވެގެން ދިޔައިރު، ފާހަގަ ކުރެވުނު ކަމަކީ އެ އެޖެންސީގައި ރަޖިސްޓްރީވެފައިވާ 37 މިލިއަން މީހުންގެ ތެރެއިން އަންހެނުންނަކީ އެންމެ 12000 ކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، ކޮންމެ 10،000 ފިރިހެނުންނަށް ވަނީ 3 އަންހެނެކެވެ. އަންހެނުންކަމަށް ބުނާ 5.5 މިލިއަން މީހުންނަކީ ފޭކު މީހުންކަމެވެ. ފޭކު އަންހެނުންނަކީ، އެޖެންސީއިން ފިރިހެނުންގެއަތުން ފައިސާ ހޯދުމަށް އަންހެނުންގެ ފޮޓޯތަކެއް ހިމަނައިގެން ހަދާފައިވާ “އެން” ތަކެއް ކަމެވެ. މިވާހަކައިގެ މަޠުލަބަކީ އިންޓަރނެޓް އަކީ މޫނުމަތި އަޅައިގެން ފިރިހެނުން ތަމްސީލުކުޅޭ އިސްޓޭޖެކެވެ.

     މަތީގައި ބުނެވުނު ވާހަކައިން ސޯޝަލް މީޑިއާ ދޭތެރޭ ތިބާއަށް ނުރަނގަޅު ޚިޔާލެއް ދެވިއްޖެހެން ހީވެއެވެ. ދާދި އިހަކަށް ދުވަހު އަހުރެން އަލަށް ކައިވެނިކުރި 10 މީހަކު ކައިރީގައި، އެމީހުން އެކަކު އަނެކަކާ ބައްދަލުވީ ކިހިނަކުންތޯ ސުވާލުކުރީމެވެ. މި 10 ކައިވެނީގެ ތެރެއިން 6 ކައިވެނީގައި އެކަކު އަނެކަކަށް ތައާރަފު ވެފައިވަނީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާއިންނެވެ. އަހުރެންގެ ނުކުތާއަކީ މި ބާވަތުގެ ގުޅުންތަކާ ދޭތެރޭ ފާރަވެރިވުމެވެ. ނުފެނި، ތަޢާރުފު ނުވެ، މީހަކާ ބައްދަލުކުރާނަމަ، ވަރަށް ވިސްނަން ޖެހެއެވެ. ބައްދަލުކުރާނަމަ، ބައްދަލުކުރަންވާނީ ހާމަތަނެއްގައި ދުވާލުގެ އަލީގައެވެ. ފިރިހެނުންގެ ތެރޭގައި ޝިކާރަވެރިން އުޅެއެވެ. ޖޫސްތަށްޓެއްފަދަ އެއްޗެއްގެ ބައެއް ބޮއެފައި ފާޚާނާއަކަށް ދާނަމަ، އެނބުރި އައިސް ބާކީބައި ނުބޯށެވެ. މި ދަނޑިވަޅުގައި، އަންހެން ކުއްޖާގެ ވިސްނުން ކޮށިކުރާ ކެމިކަލެއް ޖޫސްތަށްޓަށް ނުވަތަ ސައިތަށްޓަކައި އަޅާފާނެއެވެ. މި ގޮތަށް މިކަންކަން ކުރި ހާދިސާއެއް ރައްޓެއްސަކު އަހުރެންނަށް ކިޔާދިނެވެ. ހަމަ މިރާއްޖޭގައެވެ. ހަމަ މި މާލޭގައެވެ. ލާފައި ހުންނަ ގަމީހަކުން، ރަސްފިރިންނެއް ހިޔަޅުންނެއް ވަތްކެއް ނުވާނެއެވެ.

     ރަސްފިރިން ހޯދުމަށް ކުރާ މަސައްކަތުގައި، އާއިލާގެ ފުރިހަމަ ބޭނުން ކުރަންވާނެއެވެ. މިފަދަ މީހަކު ހޯދަން އުޅޭކަން ތިމާގެ މީހުންނަށާއި ރައްޓެހިންނަށް އެންގުމަކީ، މިކަމަށް އެމީހުންގެ އެހީތެރިކަން ލިބޭނޭ ކަމެކެވެ. ހުސްހަށިބައި ރަނި އަންހެނެއް ހޯދަން އުޅޭ ފިރިހެނުން އެމީހުންނަށް ފަހަރެއްގައި އެނގިދާނެއެވެ. އެކަކަށް އަނެކަކު ތައާރަފުކުރުމުގައި މިމީހުންގެ އެއްބާރުލުން ލިބިދާނެއެވެ. ނުބުނާނަމަ، މީހަކު ހޯދަން އުޅޭކަން އެމީހުންނަށް ނޭނގި ރަނގަޅު މީހަކު އެނގުނަސް އަޅާނުލާފާނެއެވެ.

     ފިރިހެނުންނަށް ތަޢާރުފު ވެވިދާނޭ ބައެއް މަންޒިލްތަކުގެ ތެރޭގައި ލައިބްރަރީތަކާއި ކިލާސްތަކާއި ފޮތް ފިހާރަތަކާއި ކުޅިވަރު މުބާރާތްތަކާއި ދަތުރުތައް ހިމެނެއެވެ. ވިސްނާލުމުން ތިމާ ހޯދަން އުޅޭ ޒާތުގެ މީހުން އުޅޭ ތަންތަން ތިބާއަށް އެނގޭނެއެވެ.

     ރަނގަޅު މީހުން ބައެއް ފަހަރު ރޭސް ނިންމަނީ އެންމެ ފަހުންނެވެ. އެހެންވެ، ބޭރުފުށުގެ ސިފަތަކަށްދޭ ސަމާލުކަމާ މެދު ވިސްނާލާށެވެ. އަހުރެން ރައްޓެހި އާމިނަތު ކިޔާދިނެވެ.

“އަހުރެން އެންމެ ފުރަތަމަ ހީކުރީ އަހުރެން ރައްޓެހިވާނީ އިސްތިހާރުތަކުން ފެންނަ ޝާހްރުކް ޚާން ސިފައިގެ ރީތި މީހުންނާ ކަމަށެވެ. އެކަމަކު ކިޔަވަން އުޅުނު ދުވަސްވަރު، ރައްޓެއްސެއް މެދުވެރިވެ އަހުރެންނާ މުޙައްމަދާ ބައްދަލުވިއެވެ. މުޙައްމަދަކީ އަހުރެންނަށް ވުރެ އިސްކޮޅުން ކުރު، ބޯ ތަލަވަމުންދާ މީހެކެވެ. އޭނާގެ ނޭފަތްވެސް އާދަޔާ ޚިލާފަށް ބޮޑެވެ. ލޯ ވެސް ހުންނަނީ ވަޅުވަދެފައެވެ. އެކަމަކު، އެކަކަށް އަނެކަކު ދަސްވެ، ގިނަ ދުވަސްވުމުން، އޭނާގެ ބޮޑު ނޭފަތަށް ވުރެ، އަހުރެމެން ދެމީހުންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި އަޅާލުންތެރިކަން މާ މުހިންމު ވިއެވެ. ބޮޑަށް ފަރިތަވިވަރަކަށާއި އޭނާގެ ޚުލްޤުގެ ހެޔޮކަން އެނގުނުވަރަކަށް ތަލައިން އަޅާ ދަޅަ ފަނޑުވަމުން ދާހެން ހީވިއެވެ. އަހުރެންނަށް ވިސްނުނީ، ރަސް ފިރިއެއްގައި ހުރުމަށް އެދި އަހުރެން ބަލަމުން ދިޔަ ސިފަތަކުގެ ފެންވަރު މަތިކަމުން، އަހުރެންނާ ބައްދަލުވި ވަރަށް ރަނގަޅު މީހުންނަށް ސަމާލުކަން ދޭނޭ ފުރުސަތު ގެއްލުވާލެވުނު ކަމެވެ. ޝާހްރުކް ފަދަ ރީތި މީހަކާ ބައްދަލުވިއަސް، އޭނާ އަހުރެން ބޭނުންވާނޭކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަދި، ލޯގަނޑެއްގެ ކުރިމަތީގައި ހުރެ 8061918634_a16dbe9c79ޚުދު އަހުރެންގެ މޫނަށާއި ހަށިގަނޑަށް ބަލާލުމުން އެ ސޫރަ އެހެން މީހުން ދެކޭނީ އަހުރެންނަށް ފެންނަ ގޮތަށްތޯވެސް ހިތަށް އަރައެވެ. “

ހުޅުވިފައިވާ ބުއްދިއެއް ވާނަމަ، މީހުންނާ އިނދެ ވަރިވެފައިވާ، ނުވަތަ ކުދިން ތިބި، ނުވަތަ އަނބި މަރުވެފައިވާ ފިރިހެނުންވެސް ރަސް ފިރިންނަށް ނުވާންވީ ސަބަބެއް ނެތެވެ. ކިތަންމެ އަންހެނުންނެއް އެމީހުންގެ އަލަތު ކައިވެންޏަށް ވުރެ، ފަހުން ކުރެވުނު ކައިވެނި އުފާވެރިކަމަށް ބުނެއެވެ. ބައެއް ފިރިހެނުން ވަރިވަނީ އެމީހުންގެ ކައިވެންޏާ ދޭތެރޭ ހިތްހަމަ ނުޖެހި އަލުން ކައިވެންޏެއް ކުރަން ބޭނުން ވެގެންނެވެ. މިހާރުގެ ކައިވެންޏަށް ވުރެ ވަރިވެގެން ހުރުންވެސް ރަނގަޅު ވެގެންނެވެ. އަނބިންގެ ތެރޭގައި ވެސް ހެޔޮލަފާ ނޫން މަޞްލަޙަތުނެތް އަންހެނުން ތިބެއެވެ.

     މީގެ ހައެއްކަ އަހަރު ކުރިން، އެމެރިކާގައި ވަރަށް ގިނައިން ވިކުނު ފޮތެއް ނެރެވުނެވެ. އެ ފޮތުގެ ނަމަކީ “ރޫލްސް” އެވެ. ނުވަތަ ކަމެއް ކުރުމުގެ ޤަވާޢިދެވެ. މިފޮތަކީ، އިންނަން ބޭނުންވާ އަންހެނުންނާ ފިރިހެނުން އެކަކު އަނެކަކު ހޯދުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގެ ނަޒަރިއްޔާއަކީ، ފިރިއަކު ހޯދުމަށްޓަކައި އުނދަގުލުން ހޯދޭ މީހަކަށް ތިމާ ވުމެވެ. މިގޮތަށް ކަންތައްތައް ކުރުމުން، ތިމާގެ ހިތް އެދޭމީހާގެ ކުރިމަތީގައި ތިމާގެ އަގު ބޮޑުވެއެވެ. އަދި ދަތިކަމަކަށްވާތީ، ހޯދުމަށް ބުރަ މަސައްކަތެއް ކޮށް، އަގު ބޮޑު އެއްޗަކާ ދޭތެރޭ ހިތާހިތުން ތިމާއާ ދޭތެރޭ ހިތާނެއެވެ. އެ ފޮތުގެ ކޮޕީއެއް އަހުރެން ވެސް ގަތީމެވެ. އެހެން މީހުންނާ ތަފާތުކޮށް ކަންކުރާ ހިތްވާ މީހަކަށް ވާތީ، އަހުރެން ޤަޞްދުކުރީ ފޮތުގެ ޚިޔާލާބެހޭ ގޮތުން ކުޑަ ދިރާސާއެއް ކުރާށެވެ. އަހުރެން މަސައްކަތް ކުރަމުން ދިޔައީ، ވަރަށް ގިނަ ފިރިހެނުން އުޅޭ އޮފީހެއްގައެވެ. ފޮތުގައިވާ އުޞޫލުތަކާ ބެހޭ ގޮތުން، އޮފީހުގައި މަސައްކަތްކުރާ ވަރަށް ގިނަ ޢަދަދެއްގެ ފިރިހެނުންނާ އަހުރެން ސުވާލުކުރީމެވެ. އަހުރެންގެ ދިރާސާގެ ނަތީޖާ ހައިރާން ކުރުވިއެވެ. ސުވާލުކުރި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ބުނީ، އުނދަގުލުން މީހެއްގެ އެކުވެރިކަން ހޯދުމަކީ އެމީހުން ޝައުޤުވެރިވާ ކަމެއް ކަމަށާއި، ފަހައި ދުވުމަކީ އެދެވޭ ގޮތެއް ކަމަށެވެ. އަނެއް ތިއްބައިކުޅަ އެއްބައި މީހުން ބޭނުންވީ، އަންހެނުން އެމީހުންގެ ޙަޤީޤީ، ތަބިޢީ އުޅުމައިގެން އުޅޭށެވެ. ބާކީ ތިންބައިކުޅަ އެއްބައި މީހުން ބުނީ އެމީހުންގެ އަނބިން ފޮތުގައިވާ ގޮތަށް ކަން ކުރިނަމަ، އެމީހުން ތިބޭނީ ކައިވެނި ނުކޮށް ކަމަށެވެ. އެ ފިރިހެނުން ބޭނުންވަނީ އަންހެން މީހާވެސް އެމީހުންނާ ދޭތެރޭ ކޮންމެވެސް ޝައުޤުވެރިކަމެއް ދެއްކުމަށެވެ. މިފިރިހެނުންނަކީ ލަދުވެތި ބައެކެވެ. މި ވާހަކަ މި ބުނެލީ ހަމަ އެކަނި އެކަމާ ފިކުރުކޮށްލުމަށް އެދިއެވެ. މާ ފަސޭހައިން ލިބޭ މީހެއްނަމަ، ތިބާގެ އަގު ދަށް ވެދާނެއެވެ. މާ އުނދަގޫނަމަ، ޝައުޤުވެރިކަން ނެތްކަމަށް ބަލައި، ފިރިހެން މީހާ ދުރަށް ގޮސްފާނެއެވެ. އަންހެނުން ފަދައިން ފިރިހެނުންވެސް، މިފަދަ ކަންތައްތަކުގައި ކުޅިވަރު ކުޅޭކަށް ބޭނުމެއް ނުވެއެވެ. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ކަމެއްވެސް މެދުމިނުގައި ހިފެހެއްޓުމެވެ.

     ދޯނިފަހަރު ބާލަނީ ދިޔަވަރު ބޮޑުވާ ވަގުތުއެވެ. ގޮވާންކުރަން ބިންބި ދަނޑަށް އުކަނީ ވިއްސާރައާ ދިމާކޮށެވެ. މީހަކާ އިންނަންވެސް ފަސޭހަ އެދެވޭ ވަގުތެއް، އުމުރުފުރައެއް ވެއެވެ. ފަސްދޮޅަސް އަހަރު ވަންދެން މީހަކާ އިންނަން ހުރެފިނަމަ، އެކަށީގެންވާ މީހަކު ނުލިބުން ގާތެވެ. ޢުމުރުން ދުވަސްވި ވަރަކަށް ހުސް ފިރިހެނުން މީހުންނާ އިނދެ، ހުސްހަށިބައި މީހުން މަދުވަމުން ދާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް އުޅެވޭ ވަރު ވުމުން، މީހަކާ އިނުމެވެ. މީހަކާ އިނުމުގެ މުހިންމު އެއް ބޭނުމަކީ ދަރިން ހޯދުމެވެ. އެހެންކަމުން، ވިހަން އެންމެ ރަނގަޅު ޢުމުރަކީ ކޮބައިތޯ ބެލުމުން މި ވަގުތު ކަޑައަޅަން ފަސޭހަ ވާނެއެވެ. ވަރަށް ގިނަ ފޮތްފޮތުގައި، ވިހެއުމަށް އެންމެ ރަނގަޅު ޢުމުރެއް ކަމަށް ބުނެފައި ހުންނަނީ ވިހީގެ ފުރަތަމަ ފަސް އަހަރެވެ. ހިސާބެއް ކޮށްލުމަށް 23 އަހަރުކަމަށް ބަލަމާ ހިނގާށެވެ. ތޭވީސް އަހަރުގައި ވިހެއުމަށްޓަކައި، 22 އަހަރުގައި ބަލިވެ އިންނަން ޖެހޭނެއެވެ. ނަމަވެސް ބަލިވެ އިނުމުގެ ކުރިން ކައިވެނީގައި ދެ އަހަރުވަރު ހޭދަކުރުމަކީ، އިނދެވުނީ ރަސް ފިރިއަކާތޯ ނުވަތަ ކެނާއަކާތޯ ޔަޤީންކޮށްލުމަށް ރަނގަޅު ދުވަސް ކޮޅެކެވެ. އެހެނީ ކައިވެންޏަށް ފަހު މީހުން ބަދަލުވެއެވެ. އަދި ނޭދެވޭ މީހަކަށް ދަރިން ލިބުމަކީ، އެދެވޭ ކަމެއް ނޫނެވެ. ބަދު ނަޞީބުން ނުލަފާ މީހަކާ އިނދެވިއްޖެނަމަ، އަންހެންމީހާ ޤައިދުވެއެވެ. ކުދިން ތިއްބައި ވަރިވުމުން އެހެން ފިރިއަކު ހޯދުމަށް ދަތިވެއެވެ. ވީމާ ޢުމުރުން 20 އަހަރުގައި ކައިވެނި ކުރުމަކީ އެދެވޭ ކަމެއްކަމަށް މި ހިސާބުތަކުން ދައްކައެވެ. މީހަކާ އިންނަން ބޭނުންވުމުން، ހިތްގައިމު ފިރިހެނަކު ހަމަ ބުނާ ހިނދަކުން ފައިދާއެއް ނުވެއެވެ. ރަސް ފިރިންނެއް، ރަސް އައިނަކުން ގޮދާ ނަގާގޮތަކަށް ކޮންމެ ހަވީރަކު ނުގަނެއެވެ. އެމީހަކު ޖެހެނީ ވަރަށް މަސައްކަތުން ނޫލަނޑާ ބާނާ ގޮތަށް އެތައް ފަރެއްގައި ދުއްވައިގެން ހޯދާށެވެ.

     އެހެންކަމުން، ކޮންމެ އަންހެން ކުއްޖަކުވެސް، ލަސްވެގެން ޢުމުރުން 18 ފުރުމުން އިންނާނޭ މީހަކާ ދޭތެރޭ ވިސްނަން ޖެހެއެވެ. އަހަރުމެން މި ދިރިއުޅުމުގައި ކުރާ އެންމެ އުނދަގޫ ކަމަކީ، އެމީހަކު ދެކެ އަހުރެމެންވެސް ލޯބިވާ، އަހުރުމެން ދެކެ ލޯބިވާ މީހަކު ހޯދުމެވެ. މާމައު ފަރިވެ ފޮޅެނީ ވަކި މޫސުމަކުއެވެ. ފިރިހެނުންގެވެސް އަދި އަންހެނުންގެވެސް ޠަބީޢީ ޅަދޮނޅު ސިފަތައް ތާ އަބަދަކަށް ދެމިއެއް ނުހުރެއެވެ. ރަސް ފިރިއަކު ހޯދުމަށް މަސައްކަތްކުރަންވީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައެވެ. ހަށިގަނޑުވެސް ހެދި އެންމެ ފުރިހަމަވާ ދުވަސްވަރުއެވެ.

     ބައެއް މީހުން ތަފާތު ސަބަބުތަކާ ހުރެ، އަވަހަށް ކައިވެނި ނުކުރެވޭ ގޮތް މެދުވެރިވެއެވެ. މިހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، އެކަމާ އުޅެންވީ ދުވަސްވަރު، ރަށުން ބޭރުގައި ނުވަތަ ކުފޫ ހަމަވާ ފިރިހެނުން ނެތް ތަނެއްގައި އުޅެން ޖެހުން ހިމެނެއެވެ. ޢުމުރުން ދޮށިވުމުން، އެންމެ އެކަށީގެންވާ ޢުމުރުގެ ހުސްހަށިބައި ފިރިހެނުންނާ ބައްދަލުވުމުގެ ފުރުޞަތު ކުޑަވެއެވެ. އެއީ މި ޢުމުރުގެ ގިނަ މީހުން އޭރު އުޅޭނީ މީހުންނާ އިނދެގެން ކަމަށް ވާތީއެވެ. ވީމާ، ދުވަސްވީ ހުސްހަށިބައި އަންހެންކުއްޖާގެ އަލަތު ފިރިއަކަށް މީހަކާ ނުއިނދެ ހުރި މީހަކު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. މިފަދަ މީހަކު ހުރި ނަމަވެސް، އެމީހަކާ ރައްޓެހިވުމަށް ވާދަކުރާ މީހުންގެ ތެރޭގައި، އެ އުމުރުގެ ވަރިވެފައިތިބި އަންހެނުންވެސް ހިމެނޭނެއެވެ.

shutterstock_113722531_583_crop_featured

     ހަނގުރާމައެއްގެ ސަބަބުން ފިރިހެނުން މަދުވުމުން ނުވަތަ އެހެންވެސް ސަބަބުތަކާ ހެދި ދެއަނންބަށް ފިރިހެނަކާ އިނުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެކެވެ. ގިނަ އަންހެނުންނަށް މިއީ ކެތްކުރެވޭ ވަރަށް ވުރެ އެމީހުންގެ ނަފުސުގެ ޤަދަރު ގެއްލޭ ކަމެއްކަމަށް ވެއެވެ. ނަމަވެސް، މިއަށް ވުރެ ދަށް، ފާފަވެރި ހުތުރު ކަމަކީ މީހެއްގެ ފިރިއެއްގެ “ވަގު” އަނންބަކަށް ވުމެވެ.

     ކޮބާ! އަހުރެން ހީކުރަނީ މި މަޒުމޫނަކީ، ތިބާއަށް ރަސްފިރިއަކާ މެދު ވިސްނުމަށް އެހީތެރިވެދިން ލިއުމަކަށް ވީކަމަށެވެ. އުމުރުން 50 އަހަރު ވެފައިވާ މީހަކާ ނުއިނދެހުރި އަންހެނެއް އަހުރެންނެއް ނުދަންނަމެވެ. އެހެންކަމުން، މިވަގުތު ތިބާގެ “ޝާހްރުކް ޚާން” އާ ރައްޓެހިނުވެވުނަސް ދެރަ ނުވާށެވެ. ޔަޤީނުންވެސް، މާ ގިނަ ދުވަސްތަކެއް ނުވެ ތިބާ މީހަކާ އިންނާނެއެވެ. އެންމެ މުހިންމު ކަމަކީ، ތިމާގެ އަމިއްލަ ނަފުސަށް އިތުބާރު ކުރުމެވެ. ލިބިފައިވާ ނިޢުމަތްތަކާއި ރަނގަޅު ސިފަތައް ހަނދާން ކުރާށެވެ. އަދި ތިމާޢާ ދޭތެރޭ ހިތްހަމަ ޖައްސާށެވެ. މި އިންތިޒާރުގެ ވަގުތު، ތިމާގެ ކިބައިގައި ހިތް ނޭދޭ ކަމެއް ވާނަމަ، ލިބިފައިވާ ރަނގަޅު ޚުލްޤުންނާއި ހުނަރުތަކުން އެކަންތައްތައް ފޮރުވާށެވެ. ނުވަތަ ރަނގަޅުކުރާށެވެ. ތިބާއަކީ އޭނާއަށް ފެނުނު އެންމެ ރަނގަޅު މީހާކަމަށް ނުދެކޭ މީހަކާ އެކު އަދި ތިބާ “ދަށްކުރާ” މީހަކާ އެކީ ހަޔާތުގެ ވަގުތުތައް ބޭކާރު ނުކުރާށެވެ. ހަނދާން ކުރާށެވެ. ތިބާ ބޭނުންވަނީ، ތިބާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ނެރެދޭނޭ ފިރިއެކެވެ. ތިބާއާ ދޭތެރޭ އޭނާ ހިތްހަމަ ޖެހޭނަމަ، އެނާ ދެކޭނީ ތިބާއަކީ އޭނާގެ ޙަޔާތުގެ އެންމެ މުހިންމު ބައި ކަމަށެވެ. އެގޮތަށް ނުދެކޭނަމަ، އެމީހަކީ ތިބާއާ ކުފޫ ހަމަވާ ވަރަށް ވުރެ ދަށު ދަރަޖައިގެ މީހެކެވެ.

     އަހުރެން އުއްމީދުކުރަނީ، ތިބާއަށް ތިބާގެ ރަސްފިރި ހޯދޭނޭ ކަމަށެވެ. އަދި ޅައިރުންސުރެ ދެކެމުންދާ ހުވަފެނީ އުފާވެރި ކައިވެނި، ޙަޤީޤަތުގައިވެސް ކޮށް، ޙަޔާތުގެ ބާކީބައި ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުގައި ހޭދަކުރާނޭ ކަމަށެވެ.

     (ފުރަތަމަ ޝާއިޢުކުރީ “ދަރުމަ”، އޯގަސްޓް، 2006)