ބަހާއި ބަހުރުވަ

އިންސާނުން އެކި ތަންތަނަށް ހިޖުރަކުރުން

އިިންސާނުން  ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފެތުރުނު ގޮތް، ސައިންސްގެ ހޯދުންތަކުން ވަރަށް އިތުބާރާއެކު ހޯދާފައި ވެއެވެ. މިކަން ކުރުމަށް ބޭނުންކުރީ ރީބައަށް ޖާގަނެތް ގޮތެކެވެ.  ޑީ.އެން.އޭ އެވެ. އާދެ!  ކޮންމެ ދިރޭ އެއްޗެއްގެ ކޮންމެ ގުަަނަވަނެއް އުފެދިފައިވާނީ  ކުދިކުދި އެތިކޮޅުތަކަކުންނެވެ. ބާރުގަދަ ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ގަހެއްގެ ތޮށިގަނޑުގެ ކުދިކުދި އެތިކޮޅުތަކަށް ފުރަތަމަ ބެލި މީހާއަށް ފާހަގަކުރެވުނީ  މި ދިރުން އެކުލެވޭ އެތިކޮޅުތައް ހުންނަނީ ކުޑަކުޑަ ކޮޓަރިތަކެއް ފަދަ ސިފައަކަށް ކަމަށެވެ. ޚާއްޞަކޮށް ކުށްވެރިން ބައިތިިއްބާ ޖަލުގެ ކޮޓަރިތަކެއް ހެންނެވެ. އެހެންވެ އޭނާ އެ ޒައްުރުތަކަށް ކީ ނަމަކީ ”ސެލް“އެވެ. އަޅުގަނޑުމެންގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އުފެދެނީ ސެލް އިންނެވެ. މިއިން  ގިނަ ސެލްތައް ވަކިވަކިން ލޮލަށް ފެންނަވަރަށް ވުރެ ކުޑައެވެ. ނަމަވެސް، ހަމަ ކޮންމެ ސެލް [ކޮޓަރި] އެއްގައި، އިންސާނާގެ ސޫރައާއި އެކި ސެލްތަކުގެ ބާވަތާއި ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. މި މަޢުލޫމާތު ހިމެނެނީ ސެލްގައިވާ  އެނބުރިފައިވާ ހަރުގަނޑެއް ގޮތަށް ހުންނަ ޑީ.އެން.އޭ ކިޔާ މޮލިކީލި އެއްގައެވެ. މީހުން ތަފާތު ވަނީ އެމީހުންގެ ޑީ.އެން.އޭ ތަފާތުވުމުންނެވެ.  މިހެން ދެންނެވިއަސް، އިންސާނުންގެ %99.9 ޑީ.އެން.އޭ އެއްގޮތް ވާނެއެވެ. ތަފާތުވާނީ %0.1 އެވެ.  ދެ މީހެއްގެ ޑީ.އެން.އޭ މުޅިން އެއްގޮތްވުމަކީ ގާތްގަޑަކަށް މުސްތަޚީލު ކަމެކެވެ. ތިބާ، ދުނިޔޭގައިވާ 7 ބިލިއަން އެހެން މީހުންނާ ތަފާތުވަނީ ތިބާގެ %0.1 ޑީ.އެން.އޭ އެހެން މީހުންނާ ތަފާތުވުމުންނެވެ. ޑީން.އެން.އޭ އަކީ ކޮންމެ މީހަކަށް ޚާއްޞަ އެއްޗެއް ކަމުން، ކުށްކުރާ މީހުން، އެމީހުންގެ ހަށިގަނޑުގެ އެންމެ ސެލްއަކުން ވެސް ހޯދެއެވެ. ލެއިންނާއި ހަށިގަނޑުގެ އެހެން ދިޔަ ދިޔަ ތަކުންނެވެ. މިތަފާތުތައް ދެނެގަތުމާއި އޭގެ އިތުބާރު އޮންނަ މިންވަރީ ޝަރީޢަތުގައި އެކި މީހުން ދެނެގަނެ އަދަބުދިނުން ފަދަ ކަންކަމަށް ޑީ.އެން.އޭ ބޭނުން ކުރެވޭ ކަމެވެ.

ނާދިރު ހާލަތްތަކާ ގުޅިގެން، ޑީ.އެން.އޭ އަށް ތަފާތު ބަދަލުތައް އާދެއެވެ. ވަރަށް މަދުންނެވެ. މި ބަދަލުތަކަށް ކިޔަނީ ”މާކަރ“ ނުވަތަ ”ފާހަގަ“ އެވެ. މީހެއްގެ ފަރާތުން ދަރިންނަށްޑީ.އެން.އޭ ވާރުތަވަމުންދާއިރު، އެ ޑީ.އެން.އޭ ވާރުތަވަނީ ކުރިން ދެންނެވި ފާހަގަތަކާ އެކުއެވެ. ޑީ.އެން.އޭ ގައި ހިމެނޭ ތަފާތު ނާދިރު 750،000 ފާހަގަ ސައިންސް ވެރިން ހޯދާފައި ވެއެވެ. މި ފާހަގަތައް ބޭނުންކޮށްގެން، ކޮންމެ މީހަކަށް ވެސް، އެމީހެއްގެ މަންމަ އައީ  ކޮން ނަސްލަކުންތޯ ބެލިދާނެއެވެ. އަދި ހަމަ މިގޮތަށް ބައްޕަގެ ނަސްލުވެސް ބެލިދާނެއެވެ. އެއީ ކޮންމެ މީހެއްގެ މަންމަ ފަރާތުން ވާރުތަވާ ފާހަގަ އާއި ބައްޕަގެ ފަރާތުން ވާރުތަވާ ފާހަގަ ހުރެއެވެ. ފާހަގައެއް ޑީ.އެން.އޭ ގައި ވާރުތަވާ ގޮތަށް އުފެދެނީ އެތައް ހާސް އަހަރަކުންނެވެ. ޑީ.އެން.އޭގައި ވަކި ފާހަގައެއް ހުރި އެންމެން އައިސްފައިވާނީ އެއް ބައްޕައެއް ނުވަތަ މަންމައެއްގެ ފަރާތުންނެވެ. އެއީ މީހަކު، ފޮތެއް އަތުންލިޔެ ނަކަލުކޮށްދޭށޭ ބުނުމުން، ފޮތްލިއުމުގައި ކުށެއް ޖެހިއްޖެނަމަ، އެ ކުށް ފަހުން ނަކަލުކުރި ހުރިހާ ކޮޕީއެއްގައި ހުންނާނޭ ފަދައިންނެވެ. އެ ކުށްޖެހިފައިވާ ކޮޕީތައް ހޯދިއްޖެނަމަ، އެންމެ ފުރަތަމަ ކުށްޖެހުނު ކޮޕީ ލިއުނުތަނެއް ހޯދިދާނެއެވެ.

ޑީ.އެން.އޭގެ އެންމެ ގިނަ ތަފާތު ފާހަގަތައް ހުންނަނީ އެފްރިކާގެ މީހުންގެއެވެ. އެއީ އެ ބައްރުގައި މީހުން އުޅޭތާ ގިނަ ދުވަސްވީމާ ގިނަ ފާހަގަތައް ތަބީޢީ ގޮތުން އުފެދެން ފުރުޞަތު ލިބޭނެތީއެވެ. ދުނިޔޭގެ އެކި މީހުންގެ ފާހަގަތައް ޓެސްޓުކުރުމުން، މީހުން އެކިދިމަދިމާއަށް ހިޖުރަކުރި ދުވަސްވަރާއި އަހަރު އެނގެއެވެ. ތިރީގައިވާ ’ސައިންޓިފިކް އެމެރިކަން‘ގެ ކުރެހުމުން ދައްކަނީ މީހުން އެކި ހިސާބުތަކަށް ދިޔަ ދުވަސްވަރާއި ދަތުރުކުރި މަގެވެ.

Courtesy of National Geographic

މަތީގައިވާ ޗާޓުން ފާހަގަ ކުރެވޭ ގޮތުގައި، އެފްރިކާއިން މީހުން އެހެން ޤަައުމުތަކަށް އެންމެ ފުރަތަމަ ހިޖުރަކުރީ މީގެ 60،000 އަހަރު ކުުރިންނެވެ. އެފަހަރު އެމީހުން ދަތުރުކުރީ މިހާރުގެ އެރެބިޔާއިން އިންޑިޔާއިންއޮސްޓްރޭލިއާ އަށެވެ. އެންމެ ފަހުން ދުނިޔޭގެ ބަޔަކު ބޮޑު ހިޖުރައެއް ކުރީ މީގެ 10،000 އަހަރު ކުރިންނެވެ. އެ ފަހަރު ކުރި ހިޖުރަ ގަދަ ނޫކައިން މަތީގައިވާ ޗާޓުގައި ފާހަގަކޮށްފައި އެވަނީއެވެ.

މީހުން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަން ހިޖުރަކުރަނީ ކީއްވެގެން ހެއްޔެވެ؟ ހިޖުރަކުރާ އެއް ސަބަބަކީ މޫސުން ބަދަލުވުމެވެ. މީގެ 70،000 އަހަރު ކުރިން، އެފްރިކާ އަކީ ފެހި ބަގީޗާއެއް ފަދަ ތަނެކެވެ. ދެން ޒަމާންތަކެއްގެ ތެރޭގައި، ފެންމަދުވެ ގަސްތައް ހައްދަންދަތިވެ ބަނޑަށް ޖެހޭ ގޮތް މެދުވެރިވިއެވެ. ފުރަތަމަ، ބޮޑު ހިޖުރަ ކުރީ މިކަމާ ގުޅިގެންކަމަށް މޫސުމާ ބެހޭ ކަންކަމުން ހެކި ލިބެއެވެ. ހިޖުރަ ކުރާ އެހެން ސަބަބުތައް ވެސް ހުރެއެވެ. މީހުންތައް ގިނަވުމުން، ތަފާތު މައްސަލަތައް މީހުންގެ މެދުގައި ޖެހެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ. މީސްތައް ޤަބީލާތަކަށާއި ވަންހަ ތަކަށް ބެހިގެން ދެއެވެ. އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަ އުފެދޭގޮތް ވެއެވެ. ކާތަކެތި ނުވަތަ އެހެންވެސް ތަކެތި ތަދު ދުވަސްވަރު އާދެއެވެ. މޫސުމަށް އަންނަ ބަދަލުތަކުން ދަނޑުވެރިކަން ކުރަން ދަތިވެއެވެ. މިފަދަ އެތައް ސަބަބުތަކާ ހެދި، މީސްތަކުންގެ ތެރެއިން ބައެއް އެބަޔަކު އުޅޭތަން ދޫކޮށް އެހެން ތަނަކަށް ދަތުރު ކޮށް އެބައެއްގެ ބޭނުންތައް ފުދޭ ތަނަކު ވަޒަން ވެރި ވެއެވެ. ބުނެވޭ ގޮތުގައި މީހުން އެންމެ ފުރަތަމަ ވަޒަންވެރިވެ ދިރިއުޅެން ފެށީ ކޯރުތަކުގެ އައްސޭރި ފަށުގައެވެ. އެެހެނީ ފެނަކީ ބަޔަަކު ދިރިއުޅެން އެންމެ މުހިންމު އެއްޗެވެ. ބުޔުމަށާއި ކެއްކުމަށެވެ. ގޮވާން ކުރުމުށާއި ގެރިބަކަރި ގެންގުޅުމަށެވެ.

ތިބާގެ ނަސްލަކީ ކޮބާ؟

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް، ޑީ.އެން.އޭގައިވާ ފާހަގަތައް ބޭނުންކޮށްގެން އެމީހެއްގެ ނަސްލު ބަލާލެވިދާނެއެވެ. މިކަން ކުރަން ބޭނުންވަނީ ޑީ.އެން.އޭ ނަގައި ލެބޯރަޓަރީއަކަށްޓެސްޓުކުރަން ފޮނުވާނެ ސާމާނެވެ. ހިޖުރަކުރުމާ ބެހޭ ދިރާސާ ކުރާ ބަޔަކު،  ކަފަ ބުރަކުން ކަހާލައިގެން ކޮލުންނަގާ ސެލްތައް ލެބޯރަޓަރީއަކަށް ފޮނުވަން ބޭނުންވާ ސާމާނު ވިއްކައެވެ. ވިއްކުމުގެ އަގުގެ ތެރޭގައި ޓެސްޓްގެ ނަތީޖާއާއި ތިބާގެ ފާހަގަތަކާއި ގުޅުން ހުރި އެހެން ފަރާތްތައް އެނގޭފަދަ މަޢުލޫމާތު ދިނުން ހިމެނެއެވެ.

އިސްވެދިޔަ ބަޔާނުން އަޅުގަނޑުމެންނަށް އެނގެނީ އިންސާނުން އެކި ދުވަސްވަރު ބޮޑެތި ޖަމާޢަތްތަކުގައި އެއް ހިސާބުން އަނެއް ހިސާބަށް ހިޖުރަ ކުރިކަމެވެ. މި ހިޖުރަކުރަން ދިމާވަނީ ސަލާމަތްތެރިކަމަށްޓަކައެވެ. ކާތަކެތި ލިބުން ދަތިވުމާ ގުޅިގެންނާއި ހަނގުރާމަތަކުން ނުވަތަ ބަލިމަޑުކަމުން ރައްކާތެރިކަން ހޯދުމަށްކަމެވެ. ރާއްޖޭގެ އެކި ރަށްރަށް އާބާދުވެ ފަޅުވެފައިވަނީ ވެސް މިފަދަ ގޮތަކަށެވެ. ދުނިޔޭގައި މީހުން ފެތުރުމަށް މެދުވެރިވި ބޮޑެތި ހިޖުރަކުރުންތަކުގެ ރާސްތާ ޔަޤީންވަނީ ޑީ.އެން.އޭ ގައިވާ ފާހަގަތަކުންނެވެ. ޑީ.އެން.އޭގައި އެންމެ ގިނަ ފާހަގަތައް ހުންނަނީ އެފްރިކާގެ ވަކި ހިސާބެއްގައި އުޅޭ މީހުންގެއެވެ.

ބަހާއި އިންސާނީ ޖަމާޢަތްތައް

ދިވެހިބަހުން ވާހަކަ ދައްކާއިރު ބޭނުން ކުރަނީ ތަފާތު ކިތައް އަޑުތޯއެވެ؟  މި ދެންނެވީ ތިކިޖެހި ތާނައިން ލިޔާ ބޭރުބަސް ބަހުގެ އަޑުތައް ނުހިމަނައެވެ. ”އަޑު“ މި ލަފުޒުން މި މާނަކުރަނީ، ލަފުޒެއްގެ މާނަ ތަފާތު ކުރާ ތަފާތު ކުރު އަޑަށެވެ. މިސާލެއްގެ ގޮތުން ”ފާރު“ އާއި ”ކާރު“ މި ލަފުޒުގެ މާނަ ތަފާތުވަނީ އެންމެ އަޑެއްގެ ސަބަބުންނެވެ. އެއީ /ފ/ އާއި /ކ/ ގެ އަޑެވެ. މި ގޮތަށް ދެ ލަފުޒެއްގެ މާނަ ތަފާތު ކުރާ އެންމެ ކުރު އަޑަށް އިނގިރޭސިބަހުން ކިޔަނީ ”ފޮނީމް“ އެވެ. ލަފުޒެއްގެ މާނަ ތަފާތުކުރާ އަޑަށް މި މަޒުމޫނުގައި އަޅުގަނޑު ކިޔާނީވެސް ފޮނީމު އެވެ. އާދެ! ދިވެހި ބަހުގައި ކިތައް ފޮނީމު ވޭތޯއެވެ؟ މަށް ދިވެހިބަހުން ވާހަކަ ދައްކާއިރު ތަފާތު ކިތައް އަޑު ބޭނުން ކުރައްވަންތޯއެވެ؟ ތިރީގައި އެވަނީ ދެ ފަރާތަކުން މިސުވާލަށް ދީފައިވާ ޖަވާބެވެ. [ކުލައިންވާ އަކުރުތަކުގައި ކޮށްޓާލަނިކޮށް އަޞްލު ފަތް ހުޅުވޭނެއެވެ.]

ޔުމްނާ ޢަބްދުލްޤައްޔޫމް             37

ވިކިޕީޑިއާ                       39

އާދެ!  ޢަދަދުގައި ކުޑަ ތަފާތެއް އެބަ އުޅޭ އެހެން ނޫންތޯއެވެ؟ ދެ ފަރާތުންވެސް ”ފިލީ“ގެ ޢަދަދު އެއްގޮތެވެ. އެއީ ދިހައެކެވެ. ތަފާތުވަނީ ”އަކުރު“ އަޑުތަކުގެ އަދަދުގައެވެ. މި މައްސަލައަށްއެހެން މަޒުމޫނެއްގައި އަޅުގަނޑު އަލި އަޅުވާލާނަމެވެ. ނަމަވެސް، މިހާރު މިކުރާ މަޝްވަރާއަށް އެވަރެޖު ޢަދަދު، އާދެ، 38 ފޮނީމް ދިވެހިބަހުގައި ވާކަމަށް ވިސްނަމާތޯއެވެ؟ އެކި ބަސްބަހުގައި ފޮނީމްގެ ޢަދަދު ތަފާތެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ބަހުގައި 44 ފޮނީމް ހިމެނެއެވެ. ޢަރަބި ބަހުގައި ހިމެނެނީ 34 ފޮނީމެވެ. ތިރީގައި އެވަނީ ބައެއް ބަސްބަހާއި އެބަސްބަހުގައި ހިމެނޭ ތަފާތު އަޑުތައް ނުވަތަ ފޮނީމްގެ ޢަދަދެވެ. ފާހަގަކުރެއްވޭނެ ފަދައިން ބައެއް ބަހުގެ ޢިލްމުވެރިން އިނގިރޭސި ފޮނީމްގެ ޢަދަދު 46 ގެ ގޮތުގައި ވެސް ބަލައެވެ.

ixulistތާވަލުން އަޅުގަނޑު މެނަށް ފާހަގަ ކުރެވެނީ ކޮން ކަންތައްތަކެއްތޯ އެވެ؟ ބައެއް ބަސްބަހުގައި، ވަރަށް ފޮނީމް ގިނަކަމެވެ. ޚާއްޞަކޮށް އެފްރިކާގެ ބަސްތަކުގައެވެ. ދެކުނު އެފްރިކާގެ ބައެއް ހިސާބުތަކުގެ ބަސްްތަކުގައި، އިންސާނުންނަށް ލެވޭ ހާ ބާވަތެއްގެ އަޑު ހުންނަ ބަސްބަސް ހުރެއެވެ.  އެފްރިކާއާ ދުރަށް ދިޔަވަރަކަށް ފޮނީމްގެ ޢަދަދު މަދުވެއެވެ.  ބަހުގެ ބައެއް ޢިލްމުވެރިން ބުަނަނީ އިންސާނުންނަށް ތަފާތު ކޮށް ނެރެވެނީ ޖުމްލަ 144 ވަރަކަށް އަޑު ނުވަތަ ފޮނީމް ކަމަށެވެ. މަތީގައިވާ ތާވަލުގައިވާ މަޢުލޫމާތަށް ބިނާކޮށް ބައެއް މީހުން ބުނަނީ ހުރިހާ ބަހެއްގެ މަންމަ ބަސް ވީ ދެކުނު އެފްރިކާ ގެ ސަރަޙައްދުގައި ކަމަށަވެ. އެކި ހިސާބުތަކަށް މީހުން ހިޖުރަ ކުރުމުން، ވާހަކަ ދެއްކުމުގައި ބޭނުންކުރާ އަޑުތައް މަޑުމަޑުން ގެއްލެމުން ގޮސްފައިވާ ކަމަށެވެ. މި ނަޒަރިއްޔާތު ވަރަށް ތަފްޞީލުކޮށް މަޝްވަރާ ކޮށްފައިވާ އެއް ކަރުދާސް މިއޮތީ އެވެ. އިތުރު ކަރުދާހެއް މިއޮތީ އެވެ. އިދިކޮޅަށް ލިޔެފައިވާ ކަރުދާހެއް މިއޮތީއެވެ.

phoneme-map

މަތީގައި ބަޔާން ކުރެވުނު ނަޒަރިއްޔާތުން، ހުރިހާ ބަހެއްގެ އަޞްލަކީ އެއް ބަހެއް ކަމަށް ހެކި ދެއެވެ. މީހުންތައް ހިޖުރަ ކުރުމުން، ފޮނީމްގެ ޢަދަދުތައް މަދުވެއެވެ. ހިޖުރަކުރާ ސަރަޙައްދު ދުރުވި ވަރަކަށް ފޮނީމްގެ ޢަދަދު މަދުވެއެވެ. ހުރިހާ ބަހެއްގެ އަޞްލަކީ އެއްބަހެއް ކަމަށް ޤުރްއާންގައި ވެސް ހެކިތައް ވެއެވެ. މާތްﷲ އާދަމް ޢަލައިހިއްޞަލާމް އުފައްދަވައި އެންމެ ފުރަތަމަ އުނގަންނައިދެއްވީ ތަކެއްޗަށް ކިޔާ ނަންކަމަށް ކީރިތި ޤުރްއާންގައި ވެއެވެ (ދެވަނަ ސޫރަތުގެ 31 ވަނަ އާޔަތުގައެވެ). ދެން ފަހެ، އާދަމް ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވި އިރު އެކިއެކި ތަކެއްޗަށް ކިޔާ ނަންތައް އެކަލޭގެފާނު ދެނެވަޑައިގަންނަވާނެއެވެ. ޙައްވާގެފާނާއި އާދަމްގެފާނު އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅު ދައްކަވާ ހެއްދެވީ  ބަސް ބޭނުންފުޅު ކުރައްވައިގެންކަން ސާބިތުވެއެވެ. ގިނަ ދުވަސްވީ ވަރަކަށް އިންސާނީ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ.  މި އެންމެން އެންމެ ފުރަތަމަ  ވާހަކަ ދައްކާ ހަދާނީ އެއްބަހަކުންނެވެ.

ހިޖުރަކޮށް ދުރު ހިސާބުތަކުގައި ވަޒަން ވެރިވުމުން އާ މާހައުލުގައި ފެންނަ ތަކެއްޗަށާއި ކުރާކަންތައްތަކަށާއި އުޅޭ ގޮތްގޮތަށް އައު ލަފުޒުތައް އުފައްދަން ޖެހެއެވެ. މިގޮތަށް ލަފުޒު އުފައްދާއިރު، ބޭނުންކުރަނީ އެމީހުން އޭރަކު ދަންނަ އަޑުތަކެވެ. ނުވަތަ ފޮނީމް ތަކެވެ. މިސާލަކަށް މައުބަގީޗާތައް ހެދޭ ވާދީއެއްގައި ވަޒަންވެރިވާ ބަޔަކު، އެ ވާދީގައިވާ ކޮންމެ މަލަކަށް އަދި ކުލައަކަށް ލަފުޒެއް ހަދާފާނެތެވެ. ނަމަވެސް މުޅިން ވެލި އޮންނަ ޞަހަރާއެއްގައި އުޅޭ ބަޔަކު ކޮންމެ ކުލައަކަށް ލަފުޒެއް ހަދާކަން ނުޖެއެވެ. އެމީހުންނަށް ނުފެންނަ ކުލަތަކާ ބެހޭ ގޮތުން ބަސްމޮށި އުޅޭކަށް ނުޖެހެއެވެ. ޚިޔާލަށް ނުގެނެވޭ އެއްޗަކީ ނެތް އެއްޗެއް ކަމަށް ބެލެވެއެވެ.

އައު ބަހާއި ބަހުރުވަ އުފެދޭ ގޮތް

formation-of-dialects-photoއެއް ހިސާބު ގަނޑެއްގައި ނޫޅެވިގެން ބަޔަކު އެހެން ހިސާބަކަށް ދަތުރު ކޮށް، އެ ހިސާބުގަނޑުގައި ވަޒަން ވެރި ވާނަމަ، ކުރިން އުޅުނު ވެށީގެ ލަފުޒުތައް މަޑުމަޑުން ބަހުން ގެއްލެން ފަށާނެއެވެ.  މި ދެބައިމީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަ ދައްކާނީ އެއް ބަހަކުންނެވެ. އެއްބަޔަކު، އަނެއްބަޔަކާ ދައްކާ ވާހަކަ އޮޅުން ފިލާނެއެވެ. ނަމަވެސް، މާހައުލާއި ފިކުރު ބަދަލުވުމުން، އެއް ބަޔަކު ބޭނުން ކުރި ލަފުޒުތައް އަނެއް ބަޔަކު ބޭނުން ކުރަން ނުޖެހި ބައެއް ލަފުޒުތައް އެއް ޖަމާޢަތުގެ ހަނދާނުން ފުހެވިގެން ހިނގައިދާނެއެވެ. އައު މާހައުލެއްގައި އުޅެން ޖެހުމުން ފެންނަ އައު ކަންތައްތަކަށާއި ތަކެއްޗަށް އިޝާރާތް ކުރުމަށް ކުރިން އެހެން މާނައެއްގައި ބޭނުން ކުރި ލަފުޒުތަކެއް ބޭނުން ކުރަން ފަށާފާނެއެވެ. އެއް ޖަމާޢަތް އަނެއް ޖަމާޢަތާ ނުގުޅި އުޅޭތާ ދެތިން ސަތޭކަ އަހަރުވުމުން، ރާގާއި ބަހުގެ ހަމަތަކާއި މާނަތަކަށްބަދަލު އާދެެއެވެ.  މިގޮތަށް ބަދަލު އައުމުން ބަހުރުވައެއް އުފެދުނީއެވެ. އެއް ޖަމާޢަތެއްގެ މީހުން އަނެއް ޖަމާޢަތަކާ ވަކިން އޮންނަތާ  ހައެއްކަ ސަތޭކަ  އަހަރުވުމުން، އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ދޭހަ ނުވާ މިންވަރަށް ބަހަށް ބަދަލު އައުދެއެވެ. މިގޮތަށް އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ނޭނގުމުން ވާހަކަ ދައްކަނީ ދެބަހުން ކަމަށް ބެލެވެއެވެ. ލިޔެއުޅޭ ބަހެއް ނޫންނަމަ، ބަދަލު އައުން ވަކިން އަވަސް ވެއެވެ.

އިނގިރޭސި ބަހާއި ޖަރުމަނު ބަސް ފަދަ ބަސްބަސް އުފެދިފައިވަނީ އެއް ޖަމާޢަތަކުންކަން އެނގެއެވެ. ބަސްތައް އުފެދިގެން އަންނަ ގޮތް ދައްކާ ދިނުމަށް ބަހުގެ ޢިލްމުވެރިން ބޭނުން ކުރަނީ ކުރެހުމެކެވެ. މިފަދަ ކުރެހުން އެންމެ ވައްތަރު ވާނީ އެކޮޅުކޮޅުން ކުރަހާފައިވާ ގަހަކާއެވެ. މައި މުލަކީ ބަސްބަސްތަކުގެ ފެށުމެވެ. ފަހުގެ ބަސްތައް ދައްކާދެނީ ގަހުގެ ގޮފި ތަކުންނެވެ. ޔޫރަޕުގެ މީހުން ދައްކާ ހުރިހާ ބަހަކާއި އިންޑިއާއި މެދުއިރުމަތީގެ ހުރިހާ ބަހެއްގެ ފެށުމަކީ މާ ކުރީ ޒަމާނެއްގައި އުޅުނު ޖަމާޢަތެއްގެ މީހުން ވާހަކަ ދެއްކި ބަހެކެވެ. އެބަހަކުން އެއް ބަހެއް ނުވަތަ އެތައް ބަހެއް އުފެދިގެން އަންނަ ކުރީގެ މަންމަ ބަހަށް ކިޔަނީ ޕްރޮޓޯލޭންގްވިޖް އެވެ. ޔޫރަޕާއި އޭޝިއާގައި މިވާހަކަ ދައްކާ ބަސްތައް އުފެދިގެން އައި ”ގޮފި“ ނުވަތަ ޕްރޮޓޯ ބަހަށް ކިޔަނީ ޕްރޮޓޯ-އިންޑޯ-ޔޫރަޕިއަން އެވެ. ޕްރޮޓޯދިވެއްސަކީ ދިވެހިބަސް އެއިން އުފެދިގެން އައި މޫ ބަހެވެ. އާދެ! ޕްރޮޓޯގެ މާނައަކީ ކުރީގެ އެވެ. ނުވަތަ އަޞްލު އެވެ. މިދެންނެވި ޕްރޮޓޯ-އިންޑޯ-ޔޫރަޕިއަން ބަސްތަކުގެ އެއްގޮތްޕަކީ އިންޑިއާ އާއި އީރާން ސަރަހައްދުތަކުގައި ވާހަކަ ދައްކާ ހުރިހާ ބަހެއް އުފެދިގެން އައި މައިގަނޑު ގޮތްޕެވެ. މިގޮތްޕަށް ބަހުގެ ޢިލްމުވެރިން ކިޔަމުން އަންނަނީ އިންޑޯ-އީރާނިއަން ގޮތްޕެކެވެ. މިއީކުރިން މީހުން ޤަބޫލުކުރި ގޮތެވެ. ޑީ.އެން.އޭ އިން ސާބިތުވާ ހިޖުރަކުރުންތަކުގެ ކުރިން ޤަބޫލު ކުރި ގޮތެވެ. އެންމެ ފަހުގެ ގޮތްތައް އަދި ފޮތްތަކުގައި ނުހިމަނައެވެ.

އިންޑިއާ އާއި ޔޫރަޕުގައި ވާހަކަ ދައްކާ ބަސްތަކުގައި އެއްގޮތް ކަމެއް ހުރެދާނެ ހެއްޔެވެ؟ ޑީ.އެން.އޭ ގެ ދިރާސާތަކުގެ ކުރިން، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އިންސާނުން އެންމެ ފުރަތަމަ ވަޒަންވެރިވީ މެދުއިރުމަތީގެ ކޯރުތަކުގެ އައްސޭރި ފަށުގައެވެ. ދެން އެއް ބާގަ އުތުރަށް ޔޫރަޕަށް ދަތުރުކޮށް ވަޒަން ވެރިވީއެވެ. ބައެއް ބާގަ ދެކުނަށް ދަތުރުކޮށް އިންޑިޔާ ހިސާބުތަކުގައި ވަޒަން ވެރިވީއެވެ. މިކަމުގެ ހެކިތައް ބަސްބަހުން ފެނެއެވެ. މިސާލަކަށް ތިރީގައި އެވަނީ ސިންގަޅައިގެ ވިޔަ ބައެއް ލަފުޒަކާއި ޔޫރަޕުގެ ބައެއް ބަސްބަހުން ހަމަ އެ ލަފުޒެވެ.

onetwothreeinlanguages

ބަހުގެ ގުޅުންތަކުގެ ވާހަކަ ދެއްކުމުގެ ގޮތުން، މި ނެގުނީ މާ ރަނގަޅު މިސާލެއް ނޫނެވެ. އެއީ ދެބަހެއް ގުޅުން ބަލަން، އެންމެ ރަނގަޅުވާނީ ލަފުޒުތަކަށް ވުރެ، އަޑުތަކާއި، ބަހުގެ ގަވާއިދުތަކާއި، ޢަދަދުތަކާއި މައިންބަފައިންނަށް ކިޔާ ނަންތައް ފަދަ، އެހެން ބަހަކުން ވައްދާފައިވާނޭ ކަމަށް ލަފާ ނުކުރެވޭ ލަފުޒުތަކަށް ބަލާނަމައެވެ. މިހެންުނޫނީ ޖަޕާނު ބަހުން ޅަ ވަރުގެ ފިރިހެން ކުދިންނަށް ”ބޯއީ“ އޭ ކިޔާތީ ޖަޕާނު ބަހަކީ އިނގިރޭސި ބަހުން އައިސްފައިވާ ބަހެއް ކަމަށް ދަޢުވާ ކޮށްފާނެއެވެ.   މި މަޒުމޫނުގެ ފަހަތުގައިވާ ކުރެހުމުގައި އެވަނީ ދިވެހިބަހަކީ  އިންޑޯ-އީރާނިއަން ގޮފިން އައިސްފައިވާ ކަމަށް ބުނެ ކުރަހާފައިވާ ކުރެހުމެކެވެ.  މިފަދަ ކުރެހުންތައް ދިރާސާ ކުރާއިރު ވިސްނަންޖެހޭ މުހިއްމު ކަމެއް ވެއެވެ. އެއީ ލިޔުންތެރިކަން ނެތް ބައެއް ވާހަކަ ދެއްކި ގޮތެއް ފަހުން އަންނަ ބަޔަކަށް އެނގޭނޭ ގޮތަށް ރެކޯޑު ކުރެވިފައި ނުހުންނާނެ ކަމެވެ. ލިޔުންތެރިކަން އެބައެއްގެ މެދުގައި އޮތް ބައެއްގެ މެދުގައިވެސް، ފަސޭހައިން ހަލާކުވެދާ ފަދަ ކަރުދާސް، ފޮތި ފަދަ ތަކެތީގައި ލިޔެކިޔާ އުޅުނުނަމަ، ދެތިން ހާސް އަހަރުވުމުން އެ ތަކެތި ނެދި ދެއެވެ. އެންމެ ގިނަ ދުވަސް ވެފައިވާ ލިޔެކިޔުން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ހިލަ ފަދަ ތަކެތީގައި ކަނޑާނަގާފައި ވާ ލިޔެ ކިޔުމެވެ. އެެހެން ކަމުން އަޅުގަނޑުމެން މިއުޅޭ އެކާވީސް ޤަރުނުގައި، ދިރާސާތައް ކުރާއިރު ކުރީގައި އަޅުގަނޑުމެން ނުދަންނަ ބަސްބަހުން އެހެން ބަސްބަސް އުފެދި ނެތި ގޮސްފައި ވެދާނެކަން ޤަބޫލު ކުރަން ޖެހެއެވެ. އަދި، މިފަދަ ޢިލްމު ތަކަކީ ޣަޒާލީ އިމާމް ވިދާޅުވާ ފަަދަ ”ޢިލްމުލްޔަޤީން“ ގެ ތެރޭގައި ހިމެނޭ ޢިލްމެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ އެއްޗެއް އޭނާއަށް ލިބިފައިވާ އަސާސްތަކަށް ބަލާ ބުނަނީއެވެ. ”ގަދަވާ ތެދަކީ“ ބުނާ މީހާގެ ހައިބަތު، އެފަދަ އެހެން މީހުންގެ ކުރިމަތީގައި ހުރި މިންވަރެކެވެ.

dhivehitreeދެން ފަހެ، ދިވެހި ބަސް އުފެދިފައިވަނީ ނުވަތަ ދިވެހި ބަހުގެ ޕްރޮޓޯ ލޭންގްވިޖް އަކީ އަރިމަތީގައިވާ ކުރެހުން ޤަބޫލުކުރާނަމަ،  ޕްރެކްރިޓް ކިޔާ ބަހެކެވެ. މި ބަސް އުފެދިފައިވަނީ ސެންސްކްރިޓް ބަސް ވެސް އުފެދުނު ގޮފިންނެވެ. އާދެ! ވެޑިކް ސެންސްކްރިޓްއިންނެވެ. ވެޑިކް ސެންސްކްރިޓް ބަހަކީ މީގެ ތިންހާސް އަހަރު ކުރިން އުތުރު ކަރައިގައި ވާހަކަ ދައްކާ އުޅުނު ބަހެކެވެ. އެހެންކަމުން ދިވެހިބަހުގެ އަޞްލަކީ ސެންސްކްރިޓް ބަހެއްވެސް ނޫނެވެ. ޕްރެކްރިޓް ބަސް ދަންނައެވެ. އެއީ ވެޑިކް ސެންސްކްރިޓް އާ ޚިލާފަށް ޢާންމުން ވާހަކަ ދައްކާ އުޅުނު ބަހެކެވެ. ބައެއް ޤައުމުތަކުގައި ޢިލްމީ ފޮތް ލިޔާ ބަހާއި ޢާންމުން ވާހަކަ ދައްކާ އުޅޭ ބަސް ތަފާތެވެ. މިސާލަކަށް ދިވެހިރާއްޖޭގައިވެސް މީގެ 100 އަހަރުގެ ކުރިން މުހިންމު ޢިލްމީ ފޮތްފޮތް، ދިވެހިބަހުން ލިޔުމުގެ ބަދަލުގައި ޢަރަބި ބަހުން ލިޔެ އުޅުނެވެ. މިފަދަ ކަންތައްތަކުގެ ވާހަކަ ބައެއް މީހުން، އަވީގައި އުޅޭ އިރު، އެމީހުންގެ ހިޔަނި އެމީހުންނާ ވަކިނުވާ ފަދައިން، ބައެއް މީހުންގެ ތަޢައްޞުބު އެމީހާ ކިޔެވިތަނަކާ، ޅައިރުގެ ތަޖުރިބާ ތަކުން ވަތްކެއް ނުކުރެވެއެވެ. މިހެން މި ދެންނެވީ ރާއްޖޭގެ ބައެއް ”ޢިލްމުވެރިން“ ދިވެހި ބަހުގެ އަޞްލަކީ ސާފުސީދާ ސިންގަޅަ ބަހޭ ލިޔެފައި ވެސް އެބަހުއްޓެވެ. އަޅުގަނޑު ނިންމާގޮތަކީ، މިކަން ކަނޑައަޅަން ބޭނުންވާ މަޢުލޫމާތު އަޅުގަނޑުުމެންނަށް އަދި ހޯދިފައެއް ނެތޭ ބުނުމެވެ. މި ލިޔުންތެރިޔާ ވިދާޅުވާ ފަދައިންނެވެ.

ދިވެހިރާއްޖެއަކީ ސްރީލަންކާ އާ ހަތަރުސަތޭކަ އެއްހާ މޭލު ދުރުގައިވާ ތަނަކަށްވާތީ، ދިވެހިބަސް އުފެދިގެން ފުރިހަމަވަމުން އައީ ސިންގަޅަ ބަހާ ވަކިންނެވެ. އެ ޒަމާނަކީ މިހާރުހެން، ދެ ޤައުމު ދެމެދުގައި އެތައް ބުރެއް ޖެހޭ ފަދަ ހަލުވި މަތިންދާ ބޯޓު ހުންނަ ދުވަސްވަރެއް ނޫނެވެ. އަދި މި ދެ ޤައުމު ދެމެދުގައި މިހާރާ އެއްވަރަށް މީހުން ދަތުރު ކޮށެއް ނޫޅެއެވެ. އެހެންކަމުން، އެކަހެރިކޮށް އޮންނަ މުޖުތަމަޢުއެއްގައި ބަސް ކުރިއަރަމުން އައީއެވެ. ސިންގަޅަ ބަހާއި ދިވެހި ބަހަކީ ވަކި ވަކީން ތަރައްޤީ ވަމުން އައި ދެބަހެވެ. ދިވެހިބަހާއި ސިންގަޅައިގައި ހުންނަ ލަފުޒުތަކުގެ އަޑުތައް  އެއްގޮތްކަމުން ދިވެހި ބަހަކީ ސިންގަޅަ ބަހުން އައިސްފައިވާ ބަހެއްކަމަށް މީހުން ވާހަކަ ދައްކަތެވެ. ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މިއީ އެއް މަންމައެއްގެ ދެކުދިން ވައްތަރުވާ ފަދައިން ވާ ގާތްކަމެކެވެ. ޕްރޮޓޯސިންގަޅަ އާއި ޕްރޮޓޯދިވެއްސަކީ އެއް ބަހަކަށްވާތީ ވާ ވައްތަރު ވުމެކެވެ. ސްރީލަންކާގެ ބައެއް މީހުންނާ ބައްދަލުވެގެން ދިވެހިބަހާއި ސިންގަޅަ ބަހުގެ ގާތްކަމުގެ ވާހަކަ ދެކެވޭހިނދު މި ވެރިން ބައެއް ފަހަރު ދިވެހިބަހަކީ ސިންގަޅަ ބަހުން އައި ބަަހެއް ކަމަށް ބުނެ ޒުވާބު ނެރެތެވެ. މިހެން ބުނަންފެށީމާ ބޮލަށްވާ އުނދަގުލަކުން އަޅުގަނޑު ސަމާސާ ރާގަކަށް މިދެބަސް ވައްތަރުވާ ސަބަބަކީ،  ސިންގަޅަ ބަސް އައީ ދިވެހި ބަހުން ކަމުން ބުނަމެވެ. އަދި ސިންގަޅައިންނަކީ ދިވެހި ދަރިކޮޅުގެ ބައެއް އޮޅުދޫކަރައަށް އައިސް ވަޒަންވެރިވެގެން އުފެދުނު ބައެއްކަމަށްބުނެ  ދަޢުވާއެއް އުފުލަމެވެ. ދެން، އެމީހުން އަނގަ މަޑު ކުރަތެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުޅުނު އެންމެ މޮޅު ޕްރޮޕެގެންޑާ ވެރިޔާ ބުނެފައި ވެއެވެ: ”ބޮޑު ދޮގެއްވެސް ގިނަ ފަހަރު ތަކުރާރުކުރުމުން، ތެދެއްކަމަށްމީހުން ޤަބޫލު ކުރަތެވެ.“

ޕްރެކްރިޓް ބަހަކީ ވަކިން ޚާއްޞަކޮށް ކަޝްޓްރިއާ ކިޔާ ކާސްޓުގެ މީހުން ވާހަކަ ދައްކާ އުޅުނު ބަހެކެވެ. އުތުރުކަރައިގެ މުޖުތަމަޢުއަކީ ކުރިންވެސް އަދި މިހާރުވެސް ހަތަރު ފަސް ބަޔަކަށް ނުވަތަ ބާގައަކަށް ބަހާފައިވާ މުޖުތަމަޢުއެކެވެ.  އެންމެ މަތީ ފަންތީގެ މީހުންނަކީ ބުރަހަމާނީންނެވެ. މި މީހުންނަކީ މައިގަނޑު ގޮތެއްގައި ދީނީ ޢިލްމު ވެރިންނެވެ. އޭގެ ދަށުގައި ތިބޭ މީހުންނަކީ ކަޝްޓްރިޔާ އެވެ. މިއީ ހަނގުރާމަވެރިންނާއި ހިންގުންތެރިންނެވެ. ރަސްކަލުންނާއި އަމީރުންނެވެ. މިބައިމީހުންގެ ދަށުގައި ތިބެނީ ވައިސްޔާ ކާސްޓުގެ މީހުންނެވެ. އެއީ ވިޔަފާރިވެރިންނާއި ހުނަރުވެރިން މަސައްކަތް ތެރިންނާއި އިދާރީ މީހުންނެވެ. މިބައިމީހުންގެ ދަށުގައިވަނީ ސުދްރާ ކިޔާ ހުނަރެއްނެތް މަސައްކަތް ތެރިިންނެވެ. އެންމެ ދަށުގައި ތިބެނީ ޕަރިއާ ނުވަތަ ހަރިޖަނުން ކިޔާ މީހުން އަތްނުލާ މީހުންނެވެ. މި ދަށުދަރަޖައިގެ މީހުންގެ ވާހަކަ ގިނަ ކިޔުންތެރިން ޚަބަރުތަކުން އަޑުއަހާނެއެވެ. އުތުރުކަރައިގެ ޤާނޫނު އަސާސީއިން މި ކާސްޓު ނިޒާމު މަނާކޮށްފައި ވިޔަސް، އަދިވެސް އެކަން އެކި މިންވަރަށް އެކި ހިސާބުތަކުގައި އޮވެއެވެ. ކަޝްޓްރިޔާ މީހުންނަކީ ޕްރެކްރިޓް ބަހުން ވާހަކަ ދައްކާ އެބަސް ފަތުރަން އުޅުނު ބައެކެވެ. ދިވެހިބަހުން ކަޝްޓްރިއާއަށް ކިޔަނީ ކައްތިރި އެވެ. ދިވެހި ބައެއް ރަސް ރަސް ކަލުންގެ ކޮލީ ނަންފުޅުގެ ކުރީގައި އޮންނަ ”ކައްތިރި“ އިން އެ މާނަކުރަނީ މިދެންނެވި ކާސްޓަށެވެ. ދިވެހީންގެ ތެރޭގައި އެ ނަސަބުގެ މީހުންނަށް ކައްތިރި އޭ ކިޔަނީއެވެ. މިއީ މިހާރުވެސް ބައެއް ޤައުމުތަކުގައި ވަރަށް ގިނަ ދަރިފަސްކޮޅެކެވެ. ބާލީގެ އާބާދީގެ %40 އަކީ ކައްތިރިން ކަމަށް ބުނެއެވެ. ދިވެހީންގެ މެދުގައި މި ބައިމީހުންގެ ނިސްބަތެއް މިޒަމާނުގައި ނުވެސް އެނގޭނެއެވެ.  އިސްތިޢުމާރީންގެ އަތްދަށަށް ސްރީލަންކާ ދަންދެން އެތަނުގައިވެސް ވެރިކަންކުރީ ކައްތިރި (ކަރާވާ) ރަސްކަލުންނެވެ. މީގެ ނުވަ ސަތޭކަ އަހަރުގެ ކުރިން އިސްލާމް ދީނުގެ އަލިކަމުން ދިވެހި އުދަރެސް އަލިވެ ދިވެހީން ހަމަހަމަވެ، ފެންވަރު ވަޒަން ކުރާ އެއްޗަކީ އާޚިރަތުގައި ތަޤްވާ ވެރިކަމަށް އެކަނި ވެ ނިމިއްޖެއެވެ. ނަމަވެސް ކުރީގެ ލަގަބުތަކާއި ނަންތައްް ފަހަކާ ޖެހެންދެން ދެމިއޮތެވެ.

ދިވެހިރާއްޖެއަކީ ވަރަށް ގިނަ މީހުން ކުރީ ޒަމާންތަކުގައި ވެސް ޒިޔާރަތްކޮށް އުޅުނު ޤައުމެކެވެ. އިންޑިޔާ ކަނޑުގައި ރާއްޖެ އޮންނަ ހިސާބަކުން ނައު ފަހަރު ވިޔަފާރި އާއި އެހެން ބޭނުންތަކުގައި ރާއްޖޭގެ ރަށްރަށަށް ލަފަން ޖެހެއެވެ. އިހުގެ ފޮތްތަކުގައި ބައެއް އިރުއިރު މާލޭގެ ބަނދަރުގައި 50 ވަރަކަށް ނައު ފަހަރު އޮންނަ ވާހަކަ ލިޔެފައިވަނީ އެހެން ވެގެންނެވެ. ދިވެހީން، އެހެން ބަހުން ވާހަކަ ދައްކާ މީހުންނާ މުޢާމަލާތް ކޮށް އުޅުމުން ދިވެހި ބަހަށް އޭގެ އަސަރު ކުރެއެވެ. ބޭރުމީހުން ވާހަކަ ދައްކާ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް ވަދެއެވެ. މި މުޢާމަލާތްތައް އެންމެ ގިނައިން ކުރާ ޤައުމުތަކުގެ ބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރޭގައި ގިނަވާގޮތް ވެއެވެ. މިއީ ހުރިހާ ބަހެއްވެސް ކުރިއަރާ އެއް ސަބަބެވެ. 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ 141 މީހެއްގެ ޑީ.އެން.އޭ އިން އެމީހުންގެ ނަސްލު ބަލާފައިވެއެވެ. އެ ދިރާސާގެ ރިޕޯޓް މިއޮތީއެވެ. މިހާރު ބޭނުންވަނީ ގިނަ ބައެއްގެ (ބޮޑު ސާމްޕްލް އެއްގެ) ޑީ.އެން.އޭ އިން ނަސްލު ބަލާލުމަށެވެ. އޭރުން، ދިވެހީންނަކީ ސިންގަޅައިން ނޫންކަން ބައެއް މީހުންނަށް އިތުރަށްޔަޤީން ވާނެއެވެ.

ދިވެހި ބަހުގެ ތަފާތު ބަހުރުވަތައް ރާއްޖޭގެ އެކި ހިސާބުގައި އުފެދެން ދިމާވަނީ އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތްކޮށް، މުޢާމަލާތްކޮށް ހެދުން މަދުވީމައެވެ. ވަކި ބާވަތެއްގެ ބަހުރުވައެއް އުފެދި އާލާވަނީ އެހެން މީހުންނާ ދުރުގައި އޮންނަ އަތޮޅުތަކުގައެވެ. ބަހެއް ބަދަލުވެ އެންމެ ގިނަ ދުވަސް ވަންދެން އޮންނަނީ އެހެން މީހުންނާ ކުރެވޭ މުޢާމަލާތްތައް މަދު ނުވަތަ ނެތް ހިސާބު ތަކުގައެވެ. މިޒަމާނުގައި އިންޓަރނެޓާއި ރޭޑިއޯ އާއި ޓެލެވިޜަންގެ ސަބަބުން މިހާރު ޖެހިފައިވާ މައްސަލައަކީ ބަހުރުވަތައް އުވުމުގެ މައްސަލައެވެ. އެހެން ދިމާވަނީ މިދެންނެވި މީޑިއާގެ ވަޞީލަތްތަކުގެ ސަބަބުން އެއް ބަހުރުވައެއް އެއް ބަހެއް އަޑުއިވޭލެއް ގިނަ ކަމުންނެވެ. ގެއްލިގެންދަނީ ބަހުރުވަ އެކަންޏެއް ނޫނެވެ. ވާހަކަ ދައްކާ ބަސްތައް އުވި މަދުވަމުންދާ ކަމީ މިހާރު ބޮޑު މައްސަލައަކަށް ވެފައިވާ ކަމެކެވެ.

ބަހަކީ ދިރުން ވާ އެއްޗެއް ފަދައިން އޭގެ ސިފަތައް އަހަރުތައް ފާއިތުވަމުން ދިޔަހެން ބަދަލު ވެއެވެ. ލަފުޒުތަކުގެ މާނަ ބަދަލު ވެއެވެ. އައު ލަފުޒުތައް ހިމެނި ބައެއް ލަފުޒުތައް އުވި ދެއެވެ. މިސާލެއްގެ ގޮތުން ދަނބިދޫ ލޯމާފާނު، މިޒަމާނުގެ އާދައިގެ ދިވެއްސަކު ކިޔައިފިނަމަ، އޭގައި ބުނާ އެއްޗެއް އެއްވެސް ގޮތަކަށް ދޭހައެއް ނުވާނެއެވެ. އިނގިރޭސި ބަހުން އެންމެ ޒަމާންވީ އަދަބީ ލިޔުން ކަމަށް ބުނާ، މީގެ 600 އަހަރު ކުރިން ލިއެފައިވާ ޗޯސަރގެ ވާހަކަތައް މިހާރުގެ އާދައިގެ އިނގިރޭސިއަކަށް ދޭހައެއް ނުވާނެއެވެ. މިފަދަ ތަޖުރިބާ ތަކުން އޮޅުން ފިލަނީ ބަހަކީ ބަދަލު ވަމުންދާ އެއްޗެއް ކަމެވެ. ގަހެއް ފަދައިން ކުރީގެ ފަތްތައް ދޮންވެ ވެރެއެވެ. އައުފަތްތައް ފޮޅި ހަރުވެއެވެ.

ބަހެއްގެ ލަފުޒުތައް

ފަހެ،  ބަހެއްގައި ހިމެނޭ ލަފުޒުގެ ޢަދަދު ބިނާ ވެފައިވަނީ އެބައެއްގެ ބޭނުން ތަކާއެވެ.  އިންސާނާ ދިރިއުޅޭ މާހައުލުގެ ސަބަބުން ލަފުޒުގެ ޢަަދަދު އުނި އިތުރުވެއެވެ. މާހައުލުގެ ތަފާތުތައް ބޮޑުނަމަ، ލަފުޒުގެ އަދަދު އިތުރުވެއެވެ. އެމެރިކާގެ އެންމެ އުތުރު ސަރަޙައްދުގައި އުޅޭ އެސްކިމޯ  ޤަބީލާގެ މީހުން ސްނޯއަށް ކިޔާ އެތައް ތަފާތު ލަފުޒެއް އޮންނަ ކަމަށް ބުނެ އުޅެއެވެ. ތަފާތު ސްނޯއަށް ތަފާތު ލަފުޒެވެ. ތަފާތު 50 ވައްތަރުގެ ސްނޯއަށް އެސްކިމޯ މީހުން ކިޔާނަންތައް ވެއެވެ. ނަމަވެސް، ދިވެހި ބަހުގައި ސްނޯއަށް ނިސްބަތްވާ އެންމެ ލަފުޒެއް ވެސް ނުވެއެވެ.

              ރުކެއްގެ ވަރަށް ގިނަ ބައިތަކަށް ކިޔާ ވަކި ދިވެހި ލަފުޒު ހުރެއެވެ.  ކާއްޓާއި ނާއްޓާ ދެމެދު ވާ ދުއްޔަށް ކިޔާނެ ނަމެއްވެސް ދިވެހި ބަހުގައި އޮވެއެވެ. ނަމަވެސް، އެސްކިމޯ މީހުން  ރުކަށް ކިޔާނެ އެންމެ ލަފުޒެއް ވެސް ނޯވެއެވެ.  މިހެން ދިމާވާ ސަަބަބަކީ އެސްކިމޯ  މީހުންގެ މާހައުލުގައި ދިވެހި ރުއް ނުހިމެނޭ ކަމެވެ. އެމީހުންނަކީ ދުނިޔޭގެ އުތުރުގައި އޮންނަ ގަނޑުފެން ތަކުގެ ކައިރީގައި ދިރިއުޅޭ ބައެކެވެ. އެހިސާބުގަޑަކީ ފިނިކަމުން ގަސް ހައްދަންް ދަތި ހިސާބެކެވެ.  ދިވެހިން އުޅޭ ހިސާބަށް ސްނޯ ނުފައިބާތީ ސްނޯއަށް ކިޔާ ނަމެއް ދިވެހި ބަހުގައި ނެތީއެވެ.  ލަފުޒުތައް އިންސާނުން އުފައްދަނީ އެމީހުންގެ ބޭނުންތަކާ ގުޅިގެންނެވެ. އެ ބޭނުންތައް ބިނާވެގެންވަނީ އެބައެއްގެ މާހައުލުގެ މައްޗަށެވެ. ކުރާ ކަންތައްތަކުގެ މައްޗަށެވެ.

             ބަހެއްގައި ލަފުޒު ގިނަވަނީ  އެބަހެއް ވާހަކަ ދައްކާ ވެށި ފުޅާވެފައި ތަފާތު ވީ މިންވަރަކަށެވެ. އެ ބަހެއްގެ އަހުލުވެރިން ގިނަ މިންވަރަކަށާއި ގެންގުޅޭ ތަކެއްޗާއި ޚިޔާލުަތައް ގިނަވި މިންވަރަކަށެވެ. މިކަންކަން ގުޅިފައިވަނީ ތަހުޒީބާއި ވެއްޓަށެވެ.  ވެށި ތަފާތުވެ ފުޅާ ވަނީ ގިނަ ފަހަރު، ރަށްރަށް ފަތަޙަ ކުރުމުގެ ސަބަބުންނެވެ. ރޫމިންނަކީ ވަރަށް ބޮޑު ސަރަޙައްދެއްގައި އުޅުނު ބައެކެވެ. އެހެންކަމުން އެމީހުންގެ ބަހުގައި ލަފުޒުތައް ވަރަށް ގިނައެވެ. ފަހަކަށް އައިސް އެންމެ ބޮޑު އިސްތިޢުމާރީ ބާރަކީ އިނގިރޭސި ވިލާތެވެ. އެމީހުންގެ ބާރުދަށަށް އެތައް ސަތޭކަ ވަކިވަކި ޤަބީލާތައް  ގެނެއެވެ. މިއިން ކޮންމެ ޤައުމަކުން އިނގިރޭސިބަހުގެ ތެރެއަށް  އެކިއެކި ލަފުޒު ވައްދަމުން ދިޔައެވެ. މިހާރު އެންމެ ބާރުގަދަ ބަޔަކީ އެމެރިކާއެވެ. ކަންދިމާވާގޮތުން އެމެރިކާގައި ވާހަކަ ދައްކަނީވެސް އިނގިރޭސި ބަހުންނެވެ. އެހެންކަމުން، އިނގިރޭސި ބަހުގައި މިހާރު މިލިއަނެއްހާ ވަކި ލަފުޒު ވެއެވެ. ނަމަވެސް  1604 ގައި ޝާއިޢުކުރި ފުރަތަމަ އިނގިރޭސި ބަސްފޮތުގައި ވަނީ 2543 ލަފުޒެވެ.  1755 ގައި ޝާއިޢުކުރި ހުރިހާ ލަފުޒެއް ހިމެނޭ ކަމަށް ބުނާ އިނގިރޭސި ބަސްފޮތުގައި ވަނީ 43000 ލަފުޒެވެ. އިނގިރޭސި ބަހުގެ އަޞްލަކީ ޖަރުމަނު ބަހެވެ. އިނގިރޭސި ބަހުގެ އާދަޔާ ޚިލާފު އެއް ކަމަކީ، ލަފުޒަކާ ގުޅޭ ތަފާތު މާނައެއް ގެންނަން ލަފުޒުތަކުގެ ކުރިއަށް ނުވަތަ ފަހަތަށް ލާނެ އެއް ފިލި ނުވަތަ ދެފިލީގެ ގިނަ އަޑުތަކެއް ހިމެނޭ ކަމެވެ. މިސާލެއްގެ ގޮތުން، ކަމެއް ކަމުގައިވާ ”ހިނގުމުން“،  ”ހިނގާ މީހާ“ މި މާނަ ގެންނަށް ވަރަށް ފަސޭހަ ގޮތެއް އޮވެއެވެ.  ބަހެއް މުއްސަނދިކުރަން މަސައްކަތް ކުރާއިރު ލަފުޒެއްގެ ކުރިއަށް ނުވަތަ ފަހަތަށް ލާނެ އެކިއެކި ފިލިތައް އުފެއްދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ފަހެ، އަޑުތައް ހަމަ އުޞޫލެއް ނެތި އެއްކޮށްލުމުން އައު ލަފުޒެއް ނުއުފެއްދެއެވެ. ކޮންމެ ބަހެއްގައި ވެސް އެ ބަހެއްގެ އަޑުތައް އެއްކުރާ ގޮތްގޮތުގައި އަދި ބޭނުން ކުރާ ގޮތުގައި އުޞޫލުތަކެއް ހިމެނެއެވެ. މި އުޞޫލުތަކުގައި ނުވަތަ ހަމަތަކުގައި ހިމެނެނީ ބަހާ ބެހޭ ޚާއްޞަ ސިފަތަކެވެ. ފޮނެޓިކްސް އާއި ފޮނޮލޮޖީއެވެ. މޯފޮލޮޖީ އާއި ސިންޓެކްސްއެވެ. އަދި ޕްރެގްމެޓިކްސް އާއި ލެކްސިކަން އެވެ. ފަހެ މިއިން ކޮންމެ އުޞޫލެއްގެ މައްޗަށް ލިޔެފައިވާ ބޮޑެތި ފޮތްފޮތް ހުރެއެވެ. އަޑުތައް ލަފުޒެއް އުފެއްދުމަށް އެކުލަވާލާއިރު ބަހުގެ ހަަމަތަކަށް ވިސްނަން ޖެހެއެވެ. މިސާލަކަށް ދިވެހިބަހުން އައު ލަފުޒެއް ހަދާއިރު ސުކުން ކުރަންޖެހެނީ (ރަސްމީ ދިވެހީގައި) ހަމައެކަނި އ، ސ، ނ، ތ، ށ (އާސީނުތަށި) ގައެވެ. ދިވެއްސަކަށް ”ގާލް“ މިހެން ބުނުމުން، އެއީ ދިވެހިބަހެއް ނޫންކަން ހަމަ އަޑުއިވޭ އިރަށް އެނގެއެވެ. ދެ ސަބަބަކާ ހެދި އެވެ. ފުރަތަަމަ ސަބަބަކީ ރަސްމީ ދިވެހި ބަހުގައި ލާމުގައި ސުކުން ނުކުރާ ކަމެވެ. ދެވަނަ ސަބަބަކީ ގާފުގައި އާބާފިލި ޖަހާފައި ދެން އޮންނަންޖެހޭ އަކުރަކީ ވެސް ވަކި ހަމައަކުން އަންނަ އަކުރަކަށް ވާން ޖެހޭ ކަމެވެ. އާދެ! އަކުރެއްގައި އެއް ފިއްޔެއް ޖެހުމުން، ދެން އޮންނަން ޖެހޭ އަކުރަކީ ނުވަތަ އަޑާ ދޭތެރޭ ވެސް ވަކި ހަމައެއް އޮވެއެވެ. މިހަމަތައް ކޮންމެ ބަހަކަަށް ޚާއްޞަ ވެގެން ވެއެވެ. މިހަމަތަކަށް ނުބަލައި ބަހެއް ހަދައިފިނަމަ، ބަހުގެ ޢިލްމުވެރިއަަކަށް އެއީ އަޞްލު އެބަހެއްގެ ލަފުޒެއް ނޫންކަން އެނގޭނެއެވެ.

ބަހާއި ފިކުރު

ބަހާއި ފިކުރު ވަނީ ލާމެހިފައެވެ. މީހުން ވިސްނަނީ ލަފުޒު ބޭނުން ކޮށްގެންނެވެ. މިކަމަށް ހެކިދޭ ކިތަންމެ ކަމެއް ތިޔަބޭފުޅުންނަށް ތަޖުރިބާ ކުރެވިފައި ވާނެއެވެ. ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ހުރިހާ ދިރުމެއްގެ ތެރެއިން އެންމެ ވިސްނުންގަދަ ދިރުމަކީ އިންސާނާއެވެ. އިންސާނާއަކީ އަހަރުމެންނަށް ފެންނަ ތަކެތީގެ ތެރެއިން އެންމެ ބަސްމޮށުންތެރިކަން ބޮޑު ދިރުމެވެ. މި ސަބަބުތަކާހެދި ފިކުރާ ވިސްނުމާ ގުޅިފައިވާ ކަމަށް ބުނެއެވެ. ބައެއް ފޮތްފޮތުގައި ތަފާތު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިންސާނާގެ ފިކުރު އޭނާއަށް އެނގޭ ލަފުޒުތައް ގިނަ ނަމަ، ބޮޑުކަމަށް ލިޔެފައި ހުރެއެވެ. ބުއްދީގެ މިންވަރު ދެނެގަތުމަށް ހަދާފައި ހުންނަ އައި.ކިޔޫ ޓެސްޓް ގައިވެސް ލަފުޒުތަކުގެ މާނަތަކާބެހޭ ސުވާލުތައް ހުންނަނީ މިކަަމާ މެދު ފިކުރު ކުރާ މީހާއަށް ޝައްކުވާ ވަރަށް ވުރެ ގިނަކޮންނެވެ. މިފަދަ އެހެން ކަންތައްތަކުގެ ތެރޭގައި ދުނިޔެއަށް އުފަންވާއިރު ހުންނަ ސިކުނޑީގެ ބަރުދަނާއި ބޮޑުވެ ފުރިހަމަވުމުން ހުންނަ ސިކުނޑީގެ ބަރުދަނާ ދެމެދު ހުންނަ ފަރަޤު ބަލާއިރު، އިންސާނުންގެ ސިކުނޑިއަކީ ވިހެއުމަށްފަހު އެންމެ ބުރަދަން ބޮޑުވާ ސިކުނޑި އެވެ. އަޅުގަނޑު މިދަންނަވަނީ ކުކުޅެއް ނުވަތަ ކިނބުލެއް ނުވަތަ ފުއްލާއެއް ފަދަ އެއްޗެއް ވިހާއިރު ހުންނަ ސިކުނޑީގެ ބަރުދަނާ އެބޮޑުވުމުން ހުންނަ ސިކުނޑީގެ ބަރުދަނާ، ހަށިގަނޑު ބޮޑުވިވަރުގެ ނިސްބަތުން މާބޮޑު ތަފާތެއް ނުހުންނަ ވާހަކައެވެ. އިންސާނާގެ ސިކުނޑި ވިހެއުމަށްފަހު ބޮޑުވާ މިންވަރުން، އެ އިންސާނާ ވިހެއުމަށްފަހު ލިބިގަންނަ ކަންތައްތަކުން ސިކުނޑި އަދި ބުއްދިބޮޑުވާކަމަށް ބައެއް ޢިލްމުވެރިން ބުނެއެވެ.  ވިހެއުމަށް ފަހު އިންސާނާ ލިބިގަންނަ އެންމެ ބޮޑު ހުނަރަކީ ބަސްމޮށުން ތެރިކަމެވެ.

sapirwhorfލަފުޒުތަކާއި މާހައުލާ އޮންނަ ގުޅުން ބޮޑުކަމުން، ވަކި ލަފުޒެއް ވަކި ބަހަކުން ބުނުމުން ކުރެވޭ ފިކުރު ނުވަތަ ސިކުނޑިއަށް އަންނަ ”ޚިޔާލު“ އެހެން ބަހަކުން އެ ލަފުޒު ބުނުމަކުން ނުނެރެވޭނެ އެވެ. މިސާލަކަށް ދިވެއްސަކު ”ގޮނޑުދޮށޭ“ ބުނުމުން ހިތަށް އަންނަ ޚިޔާލު ސިންގަޅަޔަކު ”ގޮނޑުދޮށް“ މި ލަފުޒު ސިންގަޅަ ބަހުން ބުނުމުން އަންނަ ޚިޔާލާ ތަފާތު ވާނެއެވެ. އެހެންކަމުން، އެއް ބަހަކުން ބުނާ އެއްޗެއް އަނެއް ބަހަކުން ސީދާކޮށް ތަރުޖަމާއެއް ނުކުރެވޭނެއެވެ. އެއީ ތަންކޮޅެއް ފުންކޮށް ވިސްނާނަމަ، އެއް ބަހެއްގެ ލަފުޒަކުން އިޝާރާތް ކުރާ މާނަ، އެހެން ބަހެއްގެ ގުޅޭ ލަފުޒަކުން އެ މާނައަށް އިޝާރާތް ނުކުރާނެތީއެވެ. ލަފުޒުގެ މާނަތައް އެއްގޮތްވާނީ މާހައުލު އެއްގޮތް ވެގެންނެވެ. މާހައުލުގެ ޚިޔާލުތަކާއި ފިކުރު އެއްގޮތް ވެގެންނެވެ. މި ނަޒަރިއްޔާއަށް ސާޕިރު-ވޯރފް ހައިޕޮތެސިސް އޭ ކިޔައެވެ. ސާޕިރު އާއި އޭނާގެ ދަރިވަރު ވޯރފް އަކީ ބަހުގެ ދެ ޢިލްމުވެރިންނެވެ. ހައިޕޮތެސިސް ކިޔަނީ ކަމަކާ މެދު ކުރެވޭ ފިކުރަށެވެ. ތިއަރީއަށެވެ.

ބަސްބަހުގެ މޮޅު ދެރަކަން

ފަހެ ބަހެއްގެ އާދަޔާ ޚިލާފު އެއްކަަމަކީ، އެ ބަހަކުން ބުނެވޭނޭ ހުރިހާ އެއްްްޗެއް އެއީ ލިޔެ ނުވަތަ ބުނެ ކޮޅުން ނުލާ އެއްޗަކަށް ވާކަމެވެ. ނިމުމެއް، ނިހާޔަތެއް، ޢަދަދުކުރުމެއް ނުވާ ކޮންމެ އެއްޗަކަށް ކިޔަނީ އިނގިރޭސި ބަހުން އިންފިިނިޓް އެވެ. އާދެ! ކޮންމެ ބަހަކުން ވެސް، ދިވެހި ބަހުންވެސް، އަދި އިނގިރޭސި ބަހުންވެސް އަދި ފްރެންޗް ބަހުންވެސް އިންފިނިޓް ނުވަތަ ލާނިހާއީ ޢިބާރާތް ބުނެވޭނެއެވެ. ނުވަތަ ލިޔެވޭނެއެވެ. މިއީ ބަހުގެ މުއްސަނދި ކަމާ ގުޅޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި ބަހުގެ ޢިލްމުވެރިން މިހާރު ބުނާގޮތުގައި މޮޅު ނުވަތަ ދެރަ ބަހެއް ދުނިޔެއަކު ނުވެއެވެ. ތަރައްޤީ ވެފައިވާ ބަހެއް ނުވަތަ ތަރައްޤީ ނުވާ ބަހެއް ނުވެއެވެ. ތަރައްޤީ ވުމާއި ނުވުމަކީ ނުވަތަ މޮޅު ދެރަވުމަކީ ބަހެއްގެ ސިފައެއް ނޫނެވެ. ޓެކްނޯލޮޖީގެ ގޮތުން ދަށް ބައެއް ދުނިޔޭގައި އުޅެފާނެއެވެ. ނަމަވެސް ބަހުގެ ގޮތުން މޮޅު ނުވަތަ ދެރަބައެއް ނޫޅެއެވެ.  މީގެ ޤަރުނެއްގެ ކުރިން ޕްރިމިޓިވް ނުވަތަ بَسيط ބަސް ބަސް ހުންނަ ކަމަށް ބުނެ ވާހަކަ ދެއްކިމީހުން، ބަހެއްގެ ތެރެއަށް ވަނުމުން އެ ބަހުން ބުނެވޭ، ނުވަތަ ފާޅުކުރެވޭ ޚިޔާލުގެ މޮޅުކަން އެނގި އެމީހުންވެސް ފަހުން ހައިރާން ވިއެވެ. މިސާލެއްގެ ގޮތުން، އެއް ލަފުޒަކުން އެންމެ ދަތި ފިކުރަކަށް އޮންނަ ލަފުޒަކީ އެންމެ ގިނަ މީހުން ވާހަކަ ދައްކާ ބަސް ކަމުގައިވާ ޗައިނާ ބަހުގެ ލަފުޒެއް ނޫނެވެ. އާދެ! ދުނިޔޭގެ ރެކޯޑް ފޮތުގައިވާ ގޮތުން އެއީ ދެކުނު އެމެރިކާގެ އަހުލުވެރި ކުޑަ ޤަބީލާއެއްގެ ބަހެއްގެ ލަފުޒެކެވެ. މި ލަފުޒުން ދޭހަކޮށްދެނީ މަގެއްގެ ދެކޮޅުން އަންނަ ދެމީހުން ބައްދަލުވެ އެކަކު އަނެކަކު ކާރީގައި ބުނަން ބޭނުންވާ ވާހަަކަ ނުބުނެ އައި ކޮޅަށް އަނބުރާ ދިއުމަށެވެ. މިފަދަ އެތައް މިސާލެއް ހިތައް ގެނައުމުން ބަހެއްގެ މޮޅުދެރަކަމުގެ ވާހަކަ ދެއްކުމަކީ މަންފާއެއް ކުރާނޭ ކަމެއްނޫންކަން އޮޅުން ފިލައެވެ.

[މި މަޒުމޫނު އެންމެ ފުރަތަމަ ޝާއިޢުކުރީ ”ފަންވަތް“ ކިޔާ ވެބްސައިޓެއްގައެވެ. މި އިސްދާރު  ޝާއިޢު މިކުރީ ވަރަށް ބޮޑަށް  މުރާޖަޢާ  ކުރުމަށް ފަހު އެވެ. 11 އޭޕްރިލް 2016]