ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް  (ބާބު 8، ހަވަނަ ބައި)

މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلح‌الدین بن عبدالله شیرازی‎) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 61 ވަނަ ވާހަކައިން 70 ވަނަ ވާހަކައާ ހަމައަށެވެ.

މިފޮތުގެ ކުރީގެ ބައިތައް މި ލިންކުން ފެނެއެވެ.

– 61 –

ހެއްދެވި ތަކެތީގެ ތެރެއިން އެންމެ މަތިވެރި އެއްޗަކީ އިންސާނާއެވެ. އަދި އެންމެ ދަށް އެއްޗަކީ ކުއްތާއެވެ.
ނަމަވެސް، ބުއްދިވެރިން ބުނެއެވެ: ”ޝުކުރުވެރި ކުއްތާ، ނާޝުކުރުވެރި އިންސާނަކަށް ވުރެ މަތިވެރިއެވެ.“

ސަތޭކަ ފަހަރު އެއާ ދިމާއަށް ކަލޭ ގައު އުކިޔަސް،
އެއް ފަހަރަކު ދިން ކުޑަ ކާއެތިކޮޅު ކުއްތާ ހަނދާނެއް ނުނެތެއެވެ.
ކެނާއަކަށް މުޅި ޢުމުރުގައި ގަދަރު ދިން ކަމަށް ވިއަސް،
އަގެއް ނެތް އެއްޗަކާ ހެދި، ކުއްލިއަކަށް އެކަލޭގެ ތިބާއާ ތަޅައިފޮޅާފާނެއެވެ.

– 62 –

ނަފްސާނީ އެދުންތަކަށް ޖާގަ ދޭ މީހާއަށް މަތިވެރި ކަންކަމެއް ނުކުރެވޭނެއެވެ. މަތިވެރި މަޤާމަކަށް، ހުނަރުތަކެއް ނެތް މީހެއް ކުފޫ ހަމަވެގެން ނުވެއެވެ.

ގިނަ ވަގުތު ނިދައި، ގިނައިން ކައިއުޅޭ
ދަހިވެތި ފިރިހެން ގެރިއަކަށް ސަހަރޯވެރި ނުވާށެވެ.
ގެރިއެއް ފަދައިން މަސްޖައްސުވަން ބޭނުން ނަމަ،
ހިމާރު ފަދަ މީހުންގެ އަނިޔާވެރިކަމަށް ތިބާގެ ހަށިގަނޑު ވީއްލާށެވެ.

-63-

އިންޖީލުގައި ލިޔެވިގެން ވެއެވެ: އޭ އާދަމުގެ ދަރިއާ އެވެ. ތިބާއަށް މުއްސަނދިކަން ދީފިނަމަ، ދުނިޔޭގެ އެދުންތަކާ ހެދި، ކަލާނގެ ހަނދުމަކުރުމުން ތިބާ ދުރުވެއެވެ. ތިބާއީ ފަގީރެއް ނަމަ، ހިތާމަވެރި ހިތަކާ އެކު އިށީދެ، ޚަލްވަތުގެ ފޮނިކަމުން ތިބާ އުހައުލިބިގަނެއެވެ. ﷲ އަށް ޚިދުމަތްކުރުމަށް ތިބާ އަވަސްވެގަންނާނީ ކޮން އިރަކުން ހެއްޔެވެ؟

މުއްސަނދިކަމުން ބައެއް ފަހަރު ތިބާ ބޮޑާވެ،  ފަރުވާތެރިވެގެންވުމުން ދުރުވެއެވެ.
ވަރުބަލިކަމާއި ފަގީރުކަމުން ބައެއް ފަހަރު ތިބާ ހިތްދަތިކަމުގައި ވެއެވެ.
އުފަލާއި ހިތާމައިގައި، ތިބާގެ ޙާލަތަކީ އެއީ ކަމުގައި ވާނަމަ،
އަމިއްލަ ނަފުސުން ﷲ އަށް ތިބާ އެނބުރިގަންނާނީ ކޮން އިރަކު ކަމެއް އަހުރެންނަކަށް ނޭނގެއެވެ.

– 64 –

ﷲ ގެ އިރާދަފުޅުން، އެކަކު ޝާހީ ތަޚުތުން ތިރިއަށް ވެއްޓެއެވެ. އަނެކަކު، މަހެއްގެ ބަނޑުގައި ރައްކާތެރިކަން ހޯދައެވެ.

ﷲ އަށް ޒިކުރުކުރުމުގައި،
ހޭދަކުރާ ވަގުތުތަކުގައި އިންސާނާ އުފާވެރިއެވެ.

– 65 –

ކޯފާގެ ކަނޑިކޮޅު ކަލާނގެ ނެންގެވުމުން، ރަސޫލުންނާއި ނަބިއްޔުން ކަރުފުޅުތައް ކުރުކުރައްވައެވެ. އެކަމަކު، ރަޙުމުގެ ބެއްލެވުން ކަޝްފުކުރެއްވުމުން، ނުބައިނުލަފާ މީހުން އެކަލާނގެ ޞާލިޙުންނަށް ބަދަލުކުރައްވައެވެ.

ފުރާނަ އަޅުއްވާ ދުވަހު އެކަލާނގެ ކޯފާއާއެކު ވޮޑިގެންވާ ނަމަ،
ރަސޫލުންނަށް ވެސް އޮތީ ދިންނެވުމުގެ ކޮން ފުރުޞަތެއް ހެއްޔެވެ؟
ދަންނަވާށެވެ: ”ރަޙްމަތުގެ ދީދާރުފުޅުން، ފަރުދާފުޅު ކަޝްފުކުރައްވާށެވެ.
ފާފަވެރިން މާފުކުރެއްވުމުގެ އުއްމީދުގައި ވެއެވެ.“

– 66 –

މި ދުނިޔޭގެ ޖަޒާ އާއި ސަޒާގެ ނަތީޖާއެއްގެ ގޮތުން، އުޅުމުގެ ރީތި މަގު ނުއެޅި މީހާ، ދެން އޮތް ދުނިޔޭގެ ދާއިމީ އަދަބަށް ހުށަހެޅިގެން ދެއެވެ. ވަހީ ކުރައްވާފައި ވޭ ނޫން ހެއްޔެވެ؟ މި ދުނިޔޭގައި، ގާތުން އަޒާބުގެ ރަހަ ލިބުން މެދުވެރިކުރައްވައި، އެއަށް ވުރެ ބޮޑު އަޒާބު ފަހުން ލިބިގަތުން މެދުވެރިކުރައްވާނެއެވެ.

މަތީ މީހުންގެ ޚިޠާބަކީ ނަޞޭހަތް ދިނުމަށް ފަހު، ކަސްތޮޅު އެޅުވުމެވެ.
އެމީހުންގެ ނަޞޭހަތް އަޑު ނާހާނަމަ، އެމީހުން ތިބާ ކަސްތޮޅު އަޅާނެއެވެ.

– 67 –

ކުރިން އައި މީހުންނަށް ދިމާވި ކަންތައްތަކުންނާއި މިސާލުތަކުން،

ނަސީބުވެރި މީހުން ނަޞޭހަތް ލިބިގަނެއެވެ.

އަތްބުރިކޮށްފާނެތީ ވަގުން އަތްކުރުކުރާ ގޮތަށް،

ފަހަތުން އަންނަ މީހުން، އެ ކަންކަން ހަރުބަހަށް ހަދައެވެ.

ގޮވާން ހުރި ކޮށީގައިދޫންޏެއް ގައިދުގައިވާ ތަން ފެނުމުން،
ހާމަކޮށް ފެންނަން ހުރި ގޮވާން ކެއުމަކަށް އެހެން ދޫންޏެއް ނުދެއެވެ.
ތިބާގެ ނަޞޭޙަތް އެމީހުން އަޑު ނުއެހިޔަސް،
އެހެން މީހުންގެ މުސީބާތްތަކުން އިބުރަތް ލިބިގަންނާށެވެ.

– 68 –

އިވުމުގެ ގުނަވަން ކޮށި މީހަކަށް އިވޭނީ ކިހިނަކުން ހެއްޔެވެ؟
އުފާވެރިކަމުގެ ދަންމަޅި އެމީހެއްގެ ކަރަށް އުކިފައިވާ މީހާ،
ކުރިއަށް ދިއުމަށް ހުރަސް އެޅޭނީ ކިހިނަކުން ހެއްޔެވެ؟
ކަލާނގެ މިތުރުންނަށް ރޭގަނޑުގެ މާ އަދިރިކަން،
ދުވާލުގެ އަލި ފަދައިން، އުޖާލާ ބަބުޅައެވެ.
މިކަން މެދުވެރިވަނީ މުލައްދަނޑީގެ ބާރަކުންނޫނެވެ.
ދީލަތިވަންތަ ﷲ މިކަން މެދުވެރިކޮށް ނުދެއްވާނަމަ…
ތިބާ ގެ ޝަކުވާ ދަންނަވާނީ ކޮން ފަރާތަކަށް ހެއްޔެވެ. ތިނޫން ފަނޑިޔާރެއް ނުވެއެވެ.
ތިބާގެ އަތްޕުޅަށް ވުރެ، މަތިވެރި އަތްޕުޅެއް ނުވެއެވެ.

ތިބާ ހިދާޔަތު ދެއްކި ފަރާތެއް، އެހެން މީހަކަށް ނުފުރެއްދޭނެއެވެ.

ތިބާ ގެއްލެނިވި ކުރެއްވި ފަރާތެއް އެހެން މީހަކަށް ސީދާމަގަކަށް މަގެއް  ނުދެއްކޭނެއެވެ.

– 69 –

ވިލާތަކުން ބިމަށް ވާރޭ އޮހުމުން، ބިމުން އެއަށް ބަދަލުގައި ދެވެނީ ހިރަފުހެވެ. ކޮންމެ ކަންވާރަކުން ނީރޭނީ އޭގައި ހުރި އެއްޗެކެވެ.

އަހުރެންގެ މިޒާޖު ތިބާއަށް ކަމު ނުދާނަމަ،

ތިބާގެ ރަނގަޅު މިޒާޖު އެކަމާ ހެދި ތިބާ އާ ވަކިވިޔަ ނުދޭށެވެ.

– 70 –

ރަނގަޅު ނިމުމެއްގައި ނިމޭ ސަލާންޖަހާ މީހެއް،
ނުބައި ނިމުމެއްގައި ނިމޭ ރަސްކަލަކަށް ވުރެ ރަނގަޅެވެ.
އުފަލެއްގެ ކުރިން ބަރުދާސްތުކުރަން ޖެހޭ ހިތާމަ،
އުފަލެއްގެ ފަހުން ބަރުދާސްތުކުރަން ޖެހޭ ހިތާމައަށް ވުރެ ރަނގަޅެވެ.