ދިވެހި ބަސް

މުޅިން އައު ތާނަ ފޮންޓެއް

ދިވެހިބަހުން އަކަ ކިޔަނީ ހަތަރެސްކަން ގޮޅިއަށެވެ. އާދެ! ގޮޅީގެ ކޮންމެ ފަރާތެއްގެ ދިގުމިން އެއްވަރު، ކަންތައް ވަޑިފަތިކޮށް ހުންނަ ބައްޓަމަށެވެ. މި ފަހަރު މި ޢާއްމުކުރާ ފޮންޓު އެހެން ފޮންޓުތަކާ ތަފާތުވާ ސަބަބަކީ، ގިނ އަކުރުތައް އަކައެއްގެ ތެރޭގައި ކުރަހާފައިވާ ކަމެވެ. ނުވަތަ އަކައާ ވައްތަރު ގޮޅިއެއްގައި ކުރަހާފައިވާ ކަމެވެ. އެހެންކަމުން، އަޅުގަނޑު މި ފޮންޓް އަށް ކީ ނަމަކީ ”އަކަ“ އެވެ.

މި ފޮންޓު ފަރުމާކޮށްފައިވަނީ ދެ ބޭނުމެއްގައެވެ. ފުރަތަމަ ބޭނުމަކީ ބޮޑީޓެކްސްޓް ލިޔާނެ މިފަދަ ފޮންޓެއް ތަޢާރުފުކުރުމެވެ. ބޮޑީޓެކްސްޓް އަކީ ލިޔުންގަނޑެއްގެ މައިގަނޑެވެ. މައި ސުރުޚީ އާއި ކުދި ސުރުޚީތައް ފިޔަވައި ދެން ލިޔެފައި ހުންނަ ލިޔުމެވެ. އެހެން މިފަދަ ފޮންޓުތައް ފަރުމާކޮށްފައިވަނީ ސުރުޚީ ލިޔުމަށެވެ.

މިފަދަ އައު ފޮންޓުތަކުން މައިގަނޑު ލިޔުމެއް ލިޔެފިނަމަ، ފުރަތަމަ ކޮޅުގައި ކިޔަން ދަތިވާނެއެވެ. ނަމަވެސް، އަކުރުތަކަށް ފަރިތަވުމުން ދަތިކަމެއްނެތި ކިޔޭނެއެވެ. ލިޔުންތަކުގެ މައިގަނޑު ލިޔަނީ 18 ވަރަކަށް ޕޮއިންޓްގައެވެ. ޚާއްޞަކޮށް، ސްކްރީނުން ފެންނަ ލިޔުންތަކުގައެވެ. ދެ ފޮޅުވަތް ދޭތެރޭގައި ބަހައްޓަނީ 30 ވަރަކަށް ޕޮއިންޓެވެ. ލިޔުންތައް ކިޔަން ފަސޭހަވާނީ މިވަރުންނެވެ. ކަރުދާހުން ކިޔަން ލިޔާނަމަ، 12 ވަރަކަށް ފޮއިންޓް ސައިޒު ރަނގަޅުވާނެއެވެ.

ތާނައާ ބެހޭ ގޮތުން އަޅުގަނޑު ލިޔަމުން ދާ މަޒުމޫނުތަކުގައި، މިހާރަށް ވުރެ ތާނަ ލިޔުން ފަސޭހަކުރެވޭނޭ ދެތިން ގޮތެއް ހުށަހަޅާފައިވާނެއެވެ. އެ ލިޔުމަށް ތިރީގައިވާ ލިންކުން ދެވޭނެއެވެ.

އެމްވީ އަކަ ތަޢާރުފުކުރުމުގެ ދެވަނަ ބޭނުމަކީ އެ މަޒުމޫނުގައި ފާހަގަކޮށްފައިވާ ގޮތްތައް ހިމަނާފައިވާ ފޮންޓެއް ތައްޔާރުކުރުމެވެ. އެކަން އަޅުގަނޑު ކުރަން ޤަޞްދުކުރަނީ މި ބައްޓަންތަކަށް ފަރުމާކޮށްފައިވާ ފޮންޓެއްގައެވެ. ނަމަވެސް، އެ ކަންކަން ހިމަނާ ފޮންޓު ތަޢާރުފުކުރުމުގެ ކުރިން ކިޔައިދޭންޖެހޭ މުހިއްމު މަޢުލޫމާތެއް ވެއެވެ. އެ މަޢުލޫމާތު ހިމެނޭ މަޒުމޫނެއް ފަހުން ގެނެސްދޭނަމެވެ.

ތިރީގައި ދެން މިގެނެސްދެނީ މި ފަހަރު މި ތަޢާރުފުކުރި ފޮންޓުން ލިޔެފައިވާ ލިޔުންކޮޅެކެވެ. އިނގިރޭސި ދެތިން ބަސް ހިމަނާފައިވަނީ މި އަކުރުތައް އިނގިރޭސި އަކުރުތަކާ އެކުމުތުވާ ގޮތް (ހާމަނައިޒްވާ ގޮތް، އެމުނި އެކުލެވޭގޮތް) ހާމަކުރުމުގެ ބޭނުމުގައެވެ.