ދިވެހި ބަސް

”އާއި“،  ”އާ“، ”އަދި“ ބޭނުންކުރާ ގޮތް

•  ރަށުން ފުރީ އޭނާ އާ އެކު އެވެ.

•  ރަށުން ފުރީ އޭނާ އާއި އެކު އެވެ.

މަތީގައިވާ ދެ ޖުމުލައިން ރަނގަޅީ ކޮން ޖުމުލައެއް ތޯއެވެ؟ ދެ ގޮތް ވެސް ރަނގަޅުތޯ އެވެ؟

މި މަޒުމޫނުގައި އަޅުގަނޑު ދަންނަވާލާނީ، ”އަދި“ އާއި ”އާއި“ އާއި ”އާ“ ބޭނުންކުރާ ގޮތުގެ ހަމަތަކުގެ ތެރެއިން އަޅުގަނޑަށް އިވިފައިވާ ހަމައެކެވެ. ނިންމުން ނިންމާނީ ތިޔަ ބޭފުޅުންނެވެ.

ދުވަސްވަރަކީ 2000 ގެ ފުރަތަމަ ދަސް އަހަރުތަކެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ ހަމައެކަނި ކޮލެޖް ހިންގަނީ ކައުންސިލް ކިޔާ މަޖިލިހަކުންނެވެ. ކައުންސިލްގެ ރައީސް އަކީ އަލްމަރްޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީ އެވެ. އޭނާއަކީ އެ ދުވަސްވަރު ”ސަރުކާރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި“ ޢިއްޒަތްތެރިއެއްގެ ލަޤަބު ދެއްވާފައިވާ ފަރާތެކެވެ. ކިޔަވައިވިދާޅުވީ ”މަޖީދިއްޔާ“ އިންނާއި ސްރީ ލަންކާގެ މަދަރުސާއަކުންނެވެ.

އެ ދުވަސްވަރު އަަޅުގަނޑު އުޅުނީ  ކޮލެޖްގެ ރެކްޓަރުގެ ވަޒީފާގައެވެ. އަޅުގަނޑަށް ކުރަންޖެހޭ އެއްކަމަކީ، ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާ ޗެކުކުރުމަށް ފަހު، އޭގެ ކުށް ކެނޑުމަށް ޢަބްދުއްސައްތާރު މޫސާ ދީދީއަށް ފޮނުއްވުމެވެ. އޭނާ ބެއްލެވުމުން، އެހެން މެންބަރުންނަށް އެ ފޮނުވައެވެ.

ޔައުމިއްޔާތައް ބައްލަވާފައި ލިޔުންވާފައިވާ ކޮމަންޓްތަކުން  ވަކި ”ކުށެއް“ ޢަބްދުއްސައްތާރު ރަނގަޅު ކުރައްވާކަން އަޅުގަނޑަށް ފާހަގަވަމުން ދިޔައެވެ. އާދެ! އެއީ ”އާ“ އާއި ”އާއި“ މި ދެ ލަފުޒު ބޭނުންކުރާ ހަމައެވެ. އެންެމެ ފަހުން ޢަބްދުއްސައްތާރު އެ ބެއިފުޅާ ދެކެވަޑައިގަންނަވާ ހަމަ ވިދާޅުވެދެއްވިއެވެ. އެ ބެއިފުޅާ ވިދާޅުވީ ”އާއި“ ބޭނުން ކުރާ ކޮންމެ ތަނެއްގައި، އެ ލަފުޒުގެ ބަދަލުގައި ”އަދި“ ބޭނުން ކުރެވޭނޭ ކަމަށެވެ. މިއީ އަޅުގަނޑަށް އޭގެ ކުރިން އެނގިފައިވާ ހަމައެއް ނޫނެވެ. ޢަބްދުއްސައްތާރު ދިވެހި ބަސް ވިދާޅުވެފައިވާނީ އޭނާ މަޖީދިއްޔާގައި ކިޔަވައިވިދާޅުވި ދުވަސްވަރުއެވެ. އެ ދުވަސްވަރަކީ، ބަހުގެ ހަމަތަކަށް މިހާރަށް ވުރެ ސަމާލުކަން ބަޔަކު ދިން ދުވަސްވަރެކެވެ. އަދި، ގިނަ ޢަދަދެއްގެ ދިވެހި އަދީބުންނާއި އަދީރުން އުފެދިގެން ދިޔަ ދުވަސްވަރެކެވެ.

ޢަބްދުއްސައްތާރު ވިދާޅުވެދެއްވި ބަހުގެ ހަމަ އާ މެދު ވިސްނާލުމުން އޭނާގެ ވިދާޅުވުމުގައި ބުރަދަނެއް ހުރިކަން އަޅުގަނޑަށް އެނގުނެވެ. ”އާ“ އާއި ”އާއި“ ބޭނުންކުރާ ގޮތް ތަފާތުވުމަކީ ދިވެހިބަހަށް ލިބޭ މުއްސަނދިކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނެވެ. އޭނާއަށް މި ”ހަމަ“ އޮޅުންފިލުވައި ދެއްވި އެދުރު ދިވެހިބަހަށް މާ ބޮޑަށް މޮޅުވާނޭކަން އަޅުގަނޑަށް ވިސްނެއެވެ. ނަމަވެސް، އެ ހަމައަކީ މަޝްހޫރު ބައެއް ދިވެހި އަދީބުން ބޭނުން ކުރައްވާ ހަމައެއް ނޫނެވެ. މިސާލެއްގެ ގޮތުން، ތިރީގައިވާ ޖުމުލައަކީ މުޙައްމަދު އަމީން، ”ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް“ މި ފޮތުގެ ދީބާޖާގައި ލިޔުއްވާފައިވާ ޖުމުލައެކެވެ.

އެހެންކަމުން މިވާހަކަތައް ބަޔާން ކުރެވޭތޯ، ހިއްމަތް ކުޅައުމީ، އަޅުގަނޑުގެ ޤަލަމް އާއި މުޅީން އެކަށީގެން ނުވާ ކަމެއް ނޫނެވެ.

ޢަބްދުއްސައްތާރު މޫސާ ދީދީ ގެ ހަމައަށް އަޅުގަނޑުމެން އިޝްތިރާކު ދައްކާނަމަ، އެ ހަމަ އަޅުގަނޑުމެން ބަލައިގަންނަ ނަމަ، އެ ޖުމުލަ އޮންނަން ޖެހޭނީ ”އަޅުގަނޑުގެ ޤަލަމް އާއި މުޅީން އެކަށީގެން ނުވާ ކަމެއް ނޫނެވެ“ މި ޢިބާރާތުގެ ބަދަލުގައި ”އަޅުގަނޑުގެ ޤަލަމް އާ މުޅީން އެކަށީގެން ނުވާ ކަމެއް ނޫނެވެ“ މިހެންނެވެ. ނަމަވެސް، ބަހުގެ ގަވާއިދަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ”އާ“ އާއި ”އާއި“ ބޭނުންކުރާ ގޮތް ތަފާތު ކުރުމަކީ، ކުރިން ދެންނެވި ފަދައިން، ބަހަށް ލިބޭ މުއްސަނދިކަމެކެވެ. މިކަމުގެ އެންމެ ބޮޑު ފައިދާ ކުރާނީ މުސްތަޤްބަލްގައެވެ. އެއީ ކޮމްޕިއުޓަރުން ޖުމުލަތައް ބަހުގެ ހަމަތަކަށް ފެތޭތޯ ބެލުމަށެވެ. ދިވެހި ބަސް ލިޔާ އިރު އަޅުގަނޑުގެ ހިތުގައި ކޮންމެވެސް ދުވަހަކުން، އިމްލާ ކުށްތަކާއި ބަހުގެ ގަވާއިދުގެ ކުށްތައް ކޮމްޕިއުޓަރުން ބަލާނޭ ގޮތް ހަދާނަމޭ ހިތަށް އަރަ އެވެ. އެހެން މީހަކު މިކަން ކުރިއަސް އެކަންކުރާނޭ ގޮތް އަޅުގަނޑަށް ވިސްނެއެވެ. އެހެންވެ، ޖުމުލަތައް އަޅުގަނޑު ލިޔަނީ މިކަމަށް ފަހިވާގޮތަށެވެ. ދިވެހި ލަފުޒުތައް ޖުމުލައެއްގައި ވަކިކޮށް ލިޔާއިރު ވެސް، މިކަންކަމަށް ފިކުރު ކުރަމެވެ. އެހެންވެ، ބައެއް މީހުން ލަފުޒު ވަކިކޮށް ލިޔަން ބުނާ ގޮތާ އަޅުގަނޑުގެ ޚިޔާލު ތަފާތު ވެދެއެވެ. އެމީހުންނަށް ކޮމްޕިއުޓަރުން އިމްލާ ކުށްތަކާއި ބަހުގެ ގަވާއިދުގެ ކުށްތައް ބަލަން ހަދަންޖެހޭ ގޮތް ވިސްނޭނެ ނަމަ، ބައެއް ނިންމުންތައް ނިންމާނީ ތަފާތުކޮށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ކޮމްޕިއުޓަރުން ބަހުގެ ގަވާއިދު (ގްރެމަރ) ޗެކުކުރާގޮތަށް ކުރު ތައާރަފެއް ފަހުން ލިޔާނަމެވެ.

ޖުމުލަތަކުގައި އަދި ބޭނުން ކުރުން

ފަހަކަށް އައިސް ވަރަށް ގިނަ ލިޔުންތަކުން އަޅުގަނޑަށް ފެންނަނީ އިނގިރޭސި ބަހުގައި ”އަދި“ ބޭނުންކުރާ ހަމަ، ދިވެހި ލިޔާއިރު މީހުން ބޭނުން ކުރަމުންދާ ކަމެވެ. އިނގިރޭސި ބަހާއި ދިވެހި ބަހަކީ ވަރަށް ތަފާތު ދެބަހެވެ. އިނގިރޭސި ބަހުގެ ގަވާއިދު ދިވެހި ބަހަށް ނަގުލުކުރުމަކީ ދިވެހިބަހަށް ކުރާ ފުރައްސާރައެއް ކަމުގައި ނޫނީ ނުވާނެއެވެ. ނަމަވެސް، ގަވާއިދުގެ ތަފާތުތައް ނޭނގޭ ނަމަ، މިއީ ވަރަށް ފަސޭހައިން ކުރެވިދާނޭ ކަމެކެވެ.

އިނގިރޭސި ބަހުން ތަކެތީގެ ލިސްޓެއް ލިޔާއިރު ލިޔާގޮތަކީ ހުރިހާ ނަންތައް ކޮމާ ޖަހައި ދުރުކޮށް ލިޔެ، އެންމެ ފަހު އައިޓަމް ލިޔުމުގެ ކުރިން ކޮމާ ނުޖަހައި އޭގެ ބަދަލުގައި and (އަދި) ލިޔުމެވެ. އަންނަނި މިސާލުގައިވާ ގޮތަށެވެ.

Bring me a pencil, eraser and notebook

އިނގިރޭސި ޖުމުލައިގައި pencil (ފަންސުރު) ގެ ފަހަތުގައި ކޮމާއެއް ޖަހާފައި ވެއެވެ. eraser ގެ ފަހަތުގައި ކޮމާއެއް ޖަހާފައެއް ނުވެއެވެ. އެއީ ލިސްޓުގެ އެންމެ ފަހުން އޮތް އައިޓަމަކީ notebook ކަމަށް ވާތީއެވެ. މި ގަވާއިދަކީ އިނގިރޭސިބަހުގެ ގަވާއިދެއް ކަމުގައި ވިއަސް، ގިނަ މީހުން ފަހަކަށް އައިސް ދިވެހިބަހުން ލިޔަނީ އިނގިރޭސިބަހާ އެއްގޮތަކަށެވެ.

Bring me a pencil, eraser and notebook

ފަންސުރަކާއި، ފުހޭރަބަރާއި އަދި ނޯޓުފޮތް އަހުރެންނަށް ގެނެސްދޭށެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އިނގިރޭސި ބަހުގެ ހަމަ ދިވެހި ބަހަށް ނަގުލުކުރުމަކީ، ދިވެހިބަހުގެ ގަވާއިދާ ޚިލާފުވުމެކެވެ. ދިވެހި ބަހުގައި، ލިސްޓެއް ލިޔާއިރު، ލިޔަން ޖެހޭނީ ދެ އައިޓަމް ދެމެދުގައި ”އާއި“ ލިޔެއެވެ. ތިރީގައިވާ ދެ ޖުމުލައިން ރަނގަޅު ޖުމުލައަކީ މަތީގައިވާ 1 ވަނަ ޖުމުލައެވެ:

  1. ފަންސުރަކާއި ފުހޭ ރަބަރާއި ނޯޓުފޮތް އަހުރެންނަށް ގެނެސްދޭށެވެ.

  2. ފަންސުރަކާ، ފުހޭރަބަރާ އަދި ނޯޓުފޮތް އަހުރެންނަށް ގެނެސްދޭށެވެ.

މިއީ އަޅުގަނޑުގެ މުދައްރިސުން ފާހަގަކޮށް ބަޔާންކޮށްދީފައިވާ ގޮތެވެ. ޖުމުލައެއްގައި ހިމެނޭ ލިސްޓެއްގައި އައިޓަމްތައް ވަރަށް ގިނަ ނަމަވެސް، ދެ އައިޓަމް ދެމެދުގައި ”އާއި“ ލިޔެ ގުޅުވަން ޖެހޭނެކަމަށް މުދައްރިސުން ބުނެފައި ވެއެވެ. ތިރީގައިވަނީ މިސާލެކެވެ.

އަޅުގަޑުގެ ފަރާތަށް ލިބުނު 7 ވޯޓު އެކުލެވިގެންވީ، އައްޝައިޚް އިބްރާހީމް ރުޝްދީ އާއި، އައްނަބީލް މޫސާ މުޙައްމަދު ދީދީ އާއި، އަލްފާޟިލް ބުރުނީގެ އިބްރާހީމް ދީދީ އާއި، އަލްފާޟިލް ހިލިހިލާގޭ މޫސާ ދީދީ އާއި އައްސައްޔިދު ޢަބްދުﷲ ޙަލީމް އާއި އަލްފާޟިލް މުލީގޭ ޢަބްދުﷲ ދީދީ އާއި، އަޅުގަނޑާއި، މިމީސް މީހުންގެ ވޯޓުގެ މައްޗަށެވެ.

(ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް، ޞަފުޙާ 66)

ފާހަގަ ކުރެއްވޭނޭ ފަދައިން، ލިސްޓުގައި ހިމެނޭ ނަންތައް ވަކި ކުރެއްވުމަށް މުޙައްމަދު އަމީން ”އަދި“ އެއްވެސް ގޮތަކަށް ބޭނުން ކުރައްވާފައެއް ނުވެއެވެ. މިހާރަކަށް އައިސް ދިވެހިބަހުން ޖުމުލައެއްގައި ލިސްޓެއް ހިމަނާއިރު، ފަހު އައިޓަމުގެ ކުރިއަށް ”އަދި“ ލިޔުމަކީ އިނގިރޭސި ބަހުގެ ހަމައެކެވެ. އެއީ ދިވެހިބަހުގެ ”އަދި“ ބޭނުންކުރާ ގޮތެއް ނޫނެވެ.

ޖުމުލައެއްގެ އައިޓަމްތަކެއް ހިމަނާއިރު، ބައެއް ހާލަތްތަކުގައި ”އާއި“ ލިޔަން ނުޖެހޭ ހާލަތްތައް ހުރެއެވެ. ޖުމުލަ ނިމޭތަނުގައި ޖުމުލައިގެ ލިސްޓަށް ނިސްބަތްކުރާ ”ނަން-ކަލިމައެއް“ ހިމަނާނަމަ އައިޓަމްތަކުގެ ދެމެދު  ”އާއި“ ލިޔާކަށް ކޮންމެހެން ބޭނުމެއް ނުވާނެއެވެ. އެކަމުގެ އެއް މިސާލީ އަންނަނިވި ޖުމުލައެވެ.

އެ ހަތް މެމްބަރުންނަކީ، ވަޒީރުލްއަޢުޡަމް، މުޙައްމަދު ފަރީދު ދީދީ، ވަޒީރުލްމާލިއްޔާ، އަލްއަމީރު ޙަސަން ފަރީދު ދީދީ، ވަޒީރުއްދާޚިލިއްޔާ އަލްފާޟިލް އަޙްމަދު ކާމިލް ދީދީ، ވަޒީރުލްޙައްޤާނިއްޔާ، އައްޝައިޚް ޙުސައިން ޞަލާޙުއްދީން، ކަޅުހުރާގޭ ދޮށީ ސީދީ، ނޫމަރާ ގަޑުވަރު ތުއްތު މަނިއްޕުޅު، ކަޅުހުރާގޭ ތުއްތު ސީދީ، މި ހަތް މެންބަރުންނެވެ.

(ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙަޔާތް، ޞަފުޙާ 67)

މަތީގައިވާ ބަޔާނުން ލިސްޓެއް ލިޔާއިރު އައިޓަމްތައް ވަކިކުރަން އެއްވެސް ޙާލަތެއްގައި ”އަދި“ ބޭނުން ނުކުރާކަން ފާހަގަ ކުރެވޭނެއެވެ. އެ ލަފުޒުގެ ބަދަލުގައި ބޭނުން ކުރާނީ ”އާއި“ އެވެ.

ދިވެހިބަހާ ބެހޭ އެހެން މަޒުމޫނުތައް މި ޖުމުލައަށް އޮބާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.