ދިރިއުޅުން ހޭދަކުރާނޭ ގޮތުގެ ހަމަތައް – 4

ފިނިފެންމަލުގެ ބަގީޗާ — އަށްވަނަ ބާބުގެ ހަތަރުވަނަ ބައި

މީގެ 760 އަހަރު ކުރިން ލިޔެފައިވާ ފާރިސްކަރައިގެ ސަޢުދީ (ابومحمد مصلح‌الدین بن عبدالله شیرازی‎) ގެ ”ގުލިސްތާނު“ (ފިނިފެންމަލުގެ ބަގީޗާ) ގެ ބޮޑުބައި މިހާރު ވަނީ ތަރުޖަމާ ކުރެވިފައެވެ. ބާކީ އޮތީ ފޮތުގެ 8 ވަނަ ބާބެވެ. އެއީ އެންމެ ފަހު ބާބެވެ. ނަމަކީ ދިރިއުޅުން ވޭތިކުރާނޭ ގޮތުގެ ގަވާއިދެވެ. މި ބާބުގައި ހިމަނާފައިވަނީ، ޅެންބަހުން ދިރިއުޅުމުގެ ހަމަތަކެކެވެ. ނުވަތަ ގަވާއިދުތަކެކެވެ. ތިރީގައި މި ތަަރުޖަމާ ކުރަނީ މިގޮތުން، އެ ބާބުގައިވާ ވާހަކަތަކުގެ ތެރެއިން 40 ވަނަ ވާހަކައިން 50 ވަނަ ވާހަކައާ ހަމައަށެވެ.

މިފޮތުގެ ކުރީގެ ބައިތައް މި ލިންކުން ފެނެއެވެ.

—40—

ތަންފީޒުކުރުމުގެ ބާރެއް ނެތް ފަރުމާއަކީ މަކަރާއި ފަސާދައެވެ. ފަރުމާއެއް ނެތި ބާރު ބޭނުންކުރުމަކީ މޮޔަކަމާއި ޖާހިލުކަމެވެ.

މީހުންނާއި ތަކެތި ތޫނުކޮށް ވަޒަންކުރަން އެނގުމަކީ (ތަމީޒުއަކީ) ބޭނުން ކަމެކެވެ.  ތަރުތީބާއި ޢަޤުލް އަށް ފަހު ދައުލަތެވެ. އަދޮނޅު މީހެއްގެ އަތުގައި ދައުލަތާއި (ބާރާއި) މުއްސަނދިކަން ޖެހުމުން، އޭނާގެ ނަފުސު ޒަޚަމްކުރާނޭ ހަތިޔާރަށް އެ ވެއެވެ.

 {ޢަޤުލްއަކީ ކަންކަން ރަނގަޅަށް ފިކުރުކޮށް ވިސްނަން އެނގުމުގެ ޤާބިލްކަމެވެ. މަތީ ފެންވަރުގެ ބުއްދިއެވެ. އަނދޮޅު ގެ މާނައަކީ މޮޔައެވެ. މީހުންނާއި ތަކެއްޗާއި ކަންކަން ތޫނުކޮށް  (ފުންކޮށް) ވަޒަންކުރުމުގެ ގާބިލުކަމަށް ކިޔަނީ ތަމީޒު އެވެ. އިނގިރޭސި ބަހުން discernment ޑިސްސާރންމަންޓް އެވެ. މިސާލީ، ”މީހެއްގެ ރަޙްމަތްތެރިން  އެނގެނިކޮށް މީހާ އެނގެއެވެ. އެހެން ކަމުން، އެކު އުޅޭނޭ މީހުން ކަނޑައަޅަންވާނީ ތަމީޒާއެކު އެވެ.“}

—41 —

ކައިފައި ތަކެތި ބަހާ އުޅޭ ދީލަތި މީހެއް، ރޯދަހިފައި ތަކެތި ބައްކުރާ އަޅުވެރިއަކަށް ވުރެ ރަނގަޅެވެ.

—42 —

މީހުންގެ ރުހުން ހޯދަން ބޭނުންތަކުން ދުރުވެގެން ހުންނަ މީހާ،

ހަލާލު ކަންތައްތަކުން ނަހަލާލު ކަންތައްތަކަށް ހުށަހެޅިއްޖެއެވެ.

ކަލާނގެ ޙައްޤުގައި ނޫން ބޭނުމެއްގައި  ކަނުގައި އިންނަ އަޅުވެރިޔާ އަކީ

އެހީތެރިއެއް ނެތް މީހެކެވެ. އަނދިރީގައި މޫނުބަލާ ލޯގަނޑަކުން ފެންނާނީ ކޮން އެއްޗެއް ހެއްޔެވެ؟

ކުދި [ތަކެތި ނުވަތަ ކަންތައްތައް] އެކުވުމުން ބޮޑު ވެއެވެ. ހިމަ ތިކިތައް ބޯ ކެރިއަށް ވެއެވެ. މި ބުނީ ބާރެއް ނެތް މީހާ އެއްކުރާނީ އޮށްގަލެވެ. ނަމަވެސް، ރަނގަޅު ފުރުޞަތު ލިބުމުން އޭނާގެ ހަތުރުގެ ބޮޑާކަން ނައްތާލާނެއެވެ.

ފެން ތިއްކަކަށް ފަހު ތިއްކެއް އޮހި އެކުވުމުން ކޯރެއް އުފެދެއެވެ.
ކޯރުތައް އެކުވުމުން ކަނޑެއް އުފެދެއެވެ.
ކުދި ކަންތައްތައް ބޮޑެތި ކަންތައްތަކަށް އެކުވުމުން ވެއެވެ.

ކޮށާރަކީ ވަކި ފުއްތަކަކުން އެކުލެވިފައިވާ ފުންޏެކެވެ.

—43—

އާދައިގެ މީހެއް މޮޔަކަމެއް ކުރާތަން ދެކޭ ޢިލްމުވެރިޔަކު ހަމަހިމޭނުން ހުރެފިނަމަ، ދެމީހުންނަށް ދެރަ ލިބެއެވެ. ޢިލްމުވެރިޔާގެ ޤަދަރު ކުޑަވުމާއި ދެރަ މީހާގެ ނޭނގޭކަން ޔަޤީންވުމެވެ.

ޢިލްމު ނުދަންނަ މީހުންނަށް ނިޔަނެތިކަމާއި އޯގާތެރިކަމާއެކު ބަސްބުނުމުން

އޭނާގެ ބޮޑާކަމާއި ގޮތްދޫނުކުރުން މަތިވެއެވެ.

—44 —

ކޮންމެ މީހަކު ފާފައެއް ކުރިއަސް އެކަން ވާނީ ކުށްވެރިކުރެވޭ ކަމަކަށެވެ. ނަމަވެސް، ޢިލްމުވެރިއަކު އެފަދަ ކަމެއް ކުރުމުން އެކަން ބޮޑަށް ކުށްވެރިކުރެވޭނެއެވެ. އެހެނީ، ޢިލްމަކީ ޝައިޠާނާއަށް ހަމަލާދެވޭ ހަތިޔާރެކެވެ. ހަތިޔާރެއް އޮތް މީހަކު ބަލިކޮށް ޤައިދުކުރެވުމުން އެކަމުގެ ލަދުވެތިކަން ސަފުން ބޮޑެވެ.

ފާފަތަކުން ދުރުނުވާ ޢިލްމުވެރިއަކަށް ވުރެ
ތަންދޮރު ނޭނގޭ، ފަގީރުކަން ބޮޑު އަނދޮޅު މާރަނގަޅެވެ.
އެއީ ފަހުން ބުނި މީހާ އަށް މަގުގެއްލެނީ އޭނާގެ ލޯފަންކަމުންނެވެ.

ނަމަވެސް ކުރިން ބުނި މީހާ ވަޅަކަށް ވެއްޓެނީ ދެލޯ ތަންމިނަށް ހުޅުވައިގެން ހުރެއެވެ.

—45 —

ދިރިހުއްޓައި އޭނާގެ ރޮށި އެހެން މީހުން ނުކާނަމަ، މަރުވުމުން އެހެން މީހުން އޭނާގެ ހަނދާނެއް ނުހުންނާނެއެވެ. ހުވަފަތް އަންހެނަކަށް އަންގޫރު (މޭބިސްކަދުރު) ގެ އުފާ އެނގޭނެއެވެ. ނަމަވެސް، މޭވާތަކުގެ ސާހިބުގެ ލައްޒަތެއް ނޭނގޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަދުލުވެރި ޔޫސުފުގެފާނު ބަނޑުފުޅުބޮޑުވަންދެން މިސުރުގައި ފަރިއްކުޅުއްވާ ނުހައްދަވަތެވެ. އެއީ، ބަނޑުފައިވެފައިވާ މީހުންގެ މަތިން ހަނދުމަފުޅު ނެތިދާނެކަމުގެ ބިރަށެވެ.

ފާގަތިކަމާއި އަރާމުގައި ދިރިއުޅުން ވޭތިކުރާ މީހަކަށް
ބަނޑަށް ޖެހިފައިވާ މީހެއްގެ ޙާލަތު އެނގޭނީ ކިހިނަކުން ހެއްޔެވެ؟
ފަޤީރުކަމުގެ ޙާލަތަށް ވެއްޓުނު މީހަކަށް

ފަޤީރުންގެ ޙާލަތަށް ހޭލުންތެރިވާނެއެވެ.

ބާރަށް ދުވާ އަހެއްގައި ތިބާ ދަތުރުކުރާއިރު،
ކަށި ދަރުތަކެއް އަރުވާފައިވާ ނިކަމެތި ހިމާރު ވަނީ ފެނާއި ކިސަޑުގައި ކަން ހަނދާންކުރާށެވެ.
ފަޤީރު އަވަށްޓެރިއެއްގެ ގެއިން އަލިފާންކޮޅެއް ގެންނަން ނާހާށެވެ.

އެއީ އެގޭ ކުޑަދޮރުން ބޭރުވާނީ އޭނާގެ ހިތުގައިވާ ދުމެވެ.

އިރުޝާދު 19
އޭނާގެ ފާރުތަކުގައި ބާމު ނޫގުޅާދޭނެ ނަމަ ނުވަތަ ދިރިއުޅުމުގެ ޚަރަދެއް ނުކުރާނެ ނަމަ،

ތަދު އަހަރެއްގައި، ނިކަމެތި ޙާލަތެއްގައިވާ ދަރުވޭސީއެއްގެ ކައިރީގައި އޭނާގެ ހާލުގެ ވާހަކައިން ނާހާށެވެ.

ބުރަކައްޓަށް ބުރަ އަރުވާފައިވާ ހިމާރެއް ކިސަޑުގެ ތެރެއަށް ވެއްޓިފައިވަނިކޮށް ތިބާއަށް ފެނިއްޖެނަމަ
ތިބާގެ ހިތުގައި ރަޙުމް އުފައްދައި އޭގެ ބޮލަށް ފައިން ނާރާށެވެ.
އެކަމަކު ތިބާ އޭގެ ކައިރިއަށް ގޮސް ވެއްޓުނީ ކީއްވެގެންތޯ ސުވާލުކުރާ ނަމަ،

ތިބާގެ ޅިނދަށް ބާރުލާފައި ފިރިހެނެއްހެން އޭގެ ނަގުލުގައި ހިފާށެވެ.

—46 —

ދެކަމެއް ބުއްދިއާ ދެކޮޅެވެ. މިންވަރު ކުރައްވާފައިވާ ވަރަށް ވުރެ އިތުރަށް އުފައުލިބިގަތުމާއި އަޖަލުގެ ވަގުތު ޖެހުމުގެ ކުރިން މަރުވުމެވެ.
އަނގައިން ނުކުންނަ ޝުކުރުންނާއި ޝަކުވާއިން،
އެއްހާސް އާހުންނާއި ގިސްލުމުން،  ތަޤްދީރުބަދަލެއް ނުވާނެއެވެ.

ވައިގެ ޚަޒާނާއަށް ޢައްޔަނުކުރެވިފައިވާ މަލާއިކަތު،

ހުވަފަތް އަންހެނެއްގެ ބައްތި ނިވިދާނެތީ ކަންބޮޑެއް ނުވެއެވެ.

އިރުޝާދު 20
އޭ، ކާތަކެއްޗަށް އެދޭ މީހާއެވެ. ކެއުމަށް އިށީންނާށެވެ. އޭ، މަރު ގޮވާ މީހާއެވެ. ސަލާމަތްވާނެކަމަށް ހީކޮށް ދުވެފައި ނުދާށެވެ.
ރިޒުގު ހޯދަން މަސައްކަތް ކުރިއަސް އަދި ނުކުރިއަސް
މަތިވެރި ކީރިތި ކަލާނގެ އެ ތިބާއަށް ފޮނުއްވާނެއެވެ.

މިނިކާވަގެއްގެ ނުވަތަ ސިންގާއެއްގެ އަނގަތެރެއަށް ދުވެފައި ގޮސް ވަނަސް

އަޖަލުހަމަވާ ދުވަސް ނޫންނަމަ، އެއެއް ތިބާ ކައެއް ނުލާނެއެވެ.

—47 —

ނުބަހައްޓާ އެއްޗަކަށް އަތެއް ނުފޯރާނެއެވެ. ބެހެއްޓި އެއްޗެއް، ކޮންމެ ތާކު ހުއްޓަސް އެއަށް އަތްފޯރާނެއެވެ.

އިސްކަންދަރު (އެލެކްޒެންޑަރ) އަނދިރިކަމުގެ ތެރެއަށް (މަރުވެގެން ނިވިގެން/ނިޔާވެގެން) ދިޔަ ވާހަކަ އަޑެއް ނާހަން ހެއްޔެވެ؟
އޭނާ  ކިތަންމެ ހިތްމަތެއް  ކުރިއަސް އާބުޙަޔާތުގެ ރަހައެއް ނުބެލުނެވެ.

(އާބުޙަޔާތަކީ ޚިޔާލީ ފެނެކެވެ. މި ފެން ބޮއެފިނަމަ، ޒުވާންކަން މަތީ އަބަދު ދެމިހުންނަ، މަރުނުވާ ފެނެކެވެ.)

—48—

މުއްސަނދިކަން ލިބިފައި ވުމާއެކު އިސްރާފު ކުރާ މީހާއީ ގިރިޓީކޮށްފައިވާ ކިސަނޑު ގަޑެކެވެ. އަޅުވެރި ދަރުވޭސީއަކީ ކިލާވެފައިވާ ސްވީޓްހާޓެކެވެ. ފަހުން މި ބުނެވުނު މީހާއީ މޫސާ ޢަލައިހިއްސާލަމުގެ ފޮތިއެޅި ލިބާސްކޮޅެވެ. ކުރިން މިބުނި މީހާއީ ފިރުއައުނުގެ ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ތުބުޅިއެވެ. އެކަމަކު ރަނގަޅު މީހުން، ހިތާމައިގެ ވަގުތުގައި މޫނުމަތި އަލިކޮށް ބަހައްޓައެވެ. މުއްސަނދީން ތަނަވަސްކަމުގެ ވަގުތުގައި ވެސް ބޯއެލުވައެވެ.

ހިތާމައިންހިތް ހަލާކުވެފައިވާ މީހުންނަށް އޯގާތެރިނޫން
މުއްސަނދިކަމާއި ޤަދަރުގެ އަހުލުވެރިންނަށް ބުނާށެވެ.
ޖެހިގެން އޮތް ދުނިޔޭގެ ގަނޑުވަރުތަކުން،

މުއްސަނދިކަމާއި ޤަދަރެއް ތިބާމެންނަކަށް ނުވެއެވެ.

—49—

ހަސަދަވެރިޔާ އަކީ، ﷲ ގެ ދީލަތިވަންތަކަމަށް ދަހި މީހެކެވެ. އަދި މަޢުޞޫމުންނަށް (ކުށެއްނެތް މީހުންނަށް) ހަތުރުން ފަދައިން ނުރުހުންވާ މީހެކެވެ.

އަނދޮޅު، ކުޑަ ބުއްދިއެއް ހުރި މީހަކު،
ޤަދަރުވެރިއަކަށް އިހާނަތްތެރި ބަސްތައް ކިޔަނިކޮށް ދުށީމެވެ.
އޭނާއަށް ޖަވާބު ދިނެވެ: ”އޭ އެކުވެރިޔާއެވެ. ތިބާ ބަދުނަޞީބުވެރި ނަމަ،

ނަޞީބުވެރި މީހުންގެ ކުށަކީ ކޮބައި ހެއްޔެވެ؟“

ހަސަދަވެރިއަކަށް ނުބައިގޮތް އެދުމަށް ކެތްތެރިވާށެވެ.
އެއީ އެ ބަދުނަޞީބުވެރިޔަކީ އޭނާއަށް ހުރި ނުބައި ކަމެކެވެ.
އޭނާގެ އަމިއްލަ ކަނދުރާގައި އޭނާއަށް އެހާ ބޮޑު ހަތުރެއްވާ އިރު،

އޭނާއަށް ހަސަދަވެރިކަން ދެއްކުމުގެތިބާ ބޭނުމަކީ ކޮބައި ހެއްޔެވެ؟

—50—

ނިޔަތެއްނެތި، ދަރުވޭސީއަކަށް ވާން އުޅޭ ދަރިވަރެއް، ފައިސާނެތް ލޯބިވެރިއެއް ފަދައެވެ. މަޢުލޫމާތު ނެތް ދަތުރުވެރިޔާ، ފިޔަނެތް ދޫންޏެއް ފަދައެވެ. ޢަމަލުނުކުރާ ޝޭޚެއް މޭވާ ނާޅާ ގަހެއް ފަދައެވެ. ޢިލްމު ނުވާ ސޫފީއަކު، ދޮރެއްނުވާ ގެއެއް ފަދައެވެ. ޤުރްއާން ބާވައިލެއްވުނީ މޫރިތި ޚުލްޤެއް ލިބިގަތުމަށެވެ. މާނަ ދޭހަނުވާ ގޮތަށް ސޫރަތްތައް އަމުނާކަށް ނޫނެވެ. ލިޔަންކިޔަން ނުދަންނަ އަޅުވެރިއެއް، ހިނގާފައި ދަތުރުކުރާ މީހެއް ފަދައެވެ. އަދި ފަރުވާކުޑަ ޢިލްމުވެރިޔާ އަކީ ނިދާފައި ހުރެ ދަތުރުކުރާ އަސްވާރެކެވެ. ދުޢާއަށް އަތްނަގާ ފާފަވެރިޔާ، އެ އަތް ފަޚުރުވެރިކަމާ އެކު ބޮލުގައި ބާއްވާ އަޅުވެރިއަކަށް ވުރެ ހެޔޮވެގެން ވެއެވެ.

ރަނގަޅު ޚުލްޤެއް ހުރެ މީހުންނާ ގުޅޭ ސިފައިންގެ މީހެއް،

މީހުންނަށް އަނިޔާކުރާ ފިޤުހު ޢިލްމުވެރިއަކަށް (ފާޤިހުއަކަށް) ވުރެ މޮޅުވެގެން ވެއެވެ.

ކިޔަވައިގެން ހުރެމެ، ކިޔެވުމަށް ޢަމަލުނުކުރާ މީހާގެ މިސާލީ ކޮބައިތޯ އެހެމުން ޖަވާބުގައި ބުނެވުނެވެ: ”މާމުއި ނުއުފައްދާ މާމުއިކުޅަދުރެކެވެ.“

އޯގާތެރިކަމެއް ނެތް، ރަޙުމް ކުޑަ ކުޅަދުރަށް ބުނާށެވެ.

”ސަފުން މާމުއި ނުއުފައްދާއިރު، ނުލަފާކަމުން ކަށި ނުޖަހާ ވޭތޯ ބަލާށެވެ.“